ވާހަކަ

ކަސިޔާރު - 19

4

ކާޝިފަށް ކެތް ކޮށްލައިގެން ނުއޮވެވުނެވެ. އެނދުން ތެދުވެގެން ކޮޓަރީގެ ދެކޮޅަށް ހިނގަމުން ކާޝިފް ރޯކޮށްލި ސިނގިރޭޓް ދިގުކޮށް ދެ ފަހަރަކު ދަމާލިއެވެ. އަތުކުރީގައި އޮތް ގަޑި ބަލައިލިއެވެ. އަދި ވަގުތު އެބައޮތެވެ. ހަށިފުރާ ނޭވާއެއްލުމަށްފަހު ކާޝިފް ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

މުޅި ގޭތެރޭގައި ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ގޭގެ މީހުންގެ ލޯތަކަށް ފިލަމުން ގޮސް ކާޝިފް ބޮޑު ދޮރުން ބޭރަށް މަގަށް ނުކުމެއްޖެއެވެ. މަގުމަތީގައިވެސް ގޭގެ މީހުން އުޅޭނެކަން އެނގޭތީ ދުރުދުރުގައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޖެހިގެން އޮތް ހަނި ގޯޅިއަށް ވަދެ ގެއްލިއްޖެއެވެ.

ބަގީޗާ ހައްދާފައި އޮތް ކުޑަކުޑަ ގޯތިތެރެ ހުރަސްކޮށް ކާޝިފު ގޮސް ވަނީ އެ ގޭގެ ބޮޑު ކޮޓަރިއަށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ހަވީރުގެ ވަގުތުކަމުން ކުދިން ގޮވައިގެން ނަރުގިސް ބޭރަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެލެވުނީ އިހުރިޔާރަކާ ނުލައި ކާޝިފަށް ހިނިތުންވެލެވުނެވެ.

ފަރުހީންގެ ކޮޓަރީގެ ދޮރު ހުރީ ތަޅު ނުލައެވެ. މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލުމާއެކު ކާޝިފު ދޮރުހުޅުވާލިއެވެ. ދޮރަށް ފުރަގަސް ދީގެން އެނދުގައި ބަންޑުން އޮތް ފަރުހީނަކަށް ކާޝިފުގެ ހިމަލެއް ނުވިއެވެ.

"ޖާނާ...." ކާޝިފަށް މާ ގިނައިރަކު ހިމޭނުން ނުހުރެވުނެވެ.

ފަރުހީނަށް ފުންމައިގެން ތެދުވުމާއެކު ދާދި ގާތުގައި ހުރި ކާޝިފުގެ މޭގައި ލައްވެގަނެވުނެވެ. ރޮއި ގަނެވުނީ ކުޑަކުއްޖަކު ފަދައިން ބާރަށެވެ.

"މިހާރު ދެން އަހަރެން ދޫކޮށްލާފައި ނުދާތި، ޕްލީޒް،"

ކާޝިފަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަކަށްވެސް މި ރީތިކަމާއި މި ހިތްހަމަޖެހުމާ ދުރަކަށް ނުދެވޭނެއެވެ. އެކަމަކު ތާ އަބަދަށް އެކުގައި އުޅެވޭކަށްވެސް ނެތެވެ. ގަދަކަން ދައްކަން އޭނާ ގެއާއި އާއިލާ ދޫކޮށް އައިސް ފަރުހީން އަމިއްލަ މިލްކަކަށްވެސް ހެދިއެވެ. އެކަމަކު އޭނާއަށް ދިމާވީ އުނދަގޫ ހާލަތެކެވެ.

އެކަން ހައްލު ކުރަން ހަދާނެ އެއްގޮތްވެސް ނޭނގިގެން އާއިލާގެ މަތިން ކުރި ހުކުމަށް ބޯލަނބައި ކިޔަމަންވިޔަސް ކާޝިފަށް ފަރުހީން މުޅިން ދޫކޮށެއް ނުލެވުނެވެ.

ކާޝިފް ބޭނުންވަނީ އޭނާގެ މި ހާސްކަން، މި މަޖުބޫރުވެފައިވާ ހާލަތު ފަރުހީނަށް ކިޔައިދޭށެވެ.

ކާޝިފު ފަރުހީންގެ ދެއަތުގައި ހިފައި ބާރުކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ. އޭނާއަށް މިރޭ ބޭނުންވަނީ ހަމައެކަނި ފަރުހީންގެ އެހީތެރިކަމެވެ. ފަރުހީން އޭނާއާ އެކުގައި ހުރެއްޖެނަމަ މިރޭ އޭނާ އެ ބެދެން އުޅޭ އާއިލީ މަޅިގަނޑުން ސަލާމަތް ކުރެވިދާނެއެވެ. ކޮންމެ ގޮތެއްވިޔަސް އުލާއާ ކައިވެނިކުރަން ކާޝިފަށް މަޖުބޫރެވެ.

އަދި އެ ކައިވެނިން ސަލާމަތްވާން އޭނާއަށް ދެއްކޭނެ ބަހަނާއެއް ނުވަތަ އުޒުރެއްވެސް ނެތެވެ. މުޅި ގޭތެރޭގައި ހަގީގަތް ނޭނގޭ ކުޑަކުއްޖެއްވެސް ނެތެވެ. އެހެންކަމުން ކާޝިފު ކަންތައް ވެގެން އުޅޭ ގޮތް ފަރުހީނަށް ކިޔައިދީ އޭނާގެ ވިސްނުން ހުރި ގޮތްވެސް ކިޔައިދިނެވެ.

"ދެން ތިބުނަނީ އަހަރެން ވީ ތިހެން ކަންތައް ކުރާށޭތަ؟"

ފަރުހީން، ކާޝިފުގެ އަތުގެ ތެރެއިން އޭނާގެ އަތްދަމައިގަތުމާއެކު ފަހަތަށް ފިޔަވަޅެއް އަޅަމުން އަހާލިއެވެ.

"ޕްލީޒް، ޖާން، މިނޫން ކޮން ގޮތެއް އޮތީ،"

ކާޝިފް އަދިވެސް ފަރުހީނަށް ވިސްނައިދެވޭތޯއެވެ.

"އެހެން ގޮތެއް ނެތޭ، އެ ކީއްވެ އެހެން ގޮތެއް ނެތީ؟ ކާޝިފަށް ގޮތް ހުސްވިއްޔާ އަހަރެން ގޮތް ބުނެދީފާނަމޭ އެކަމަކު ތި ގޮތަކަށް އަހަރެން އެއްބަހެއް ނުވާނަން، އެއްބަސްވާންވީ ވެސް ކީއްވެ؟ ކާޝިފް ހަމަ އެންމެ ރެއަކުން އަހަރެންގެ މުޅި ދިރިއުޅުން އަނބުރާލަން ނިންމައިގެންތަ މި ދިރިއުޅުމުގެ ބަޔަކަށް ވެގަތީ؟"

ފަރުހީން މިފަހަރު ދޫކޮށްލާކަށް ގަސްތެއް ނުކުރި ކަހަލައެވެ. އޭނާއަކީ އުމުރަށްވުރެ ހަރު އެތައް ތަޖުރިބާއެއް ލިބިފައިވާ އަންހެނެކެވެ.

ކާޝިފް ކަހަލަ ޒުވާނަކު ޖަހާލާހާ ބެރަކަށް ނަށަން ވެއްޖެނަމަ އޭނާގެ ނަފްސުވެސް އޭނާއަށް މަލާމާތް ކުރާނެއެވެ. މިހާރުވެސް ނަފުސުގެ ކުރިމަތީގައި އޭނާ އެހެރީ ވަރަށް ބޮޑަށް ކުށްވެރިވެފައެވެ. އިތުރަށް ދެން އެހެން ވާނެ ފުރުސަތެއް ދޭކަށް އޭނަ ބޭނުމެއް ނޫނެވެ.

"ހީނާ... ޖާން، ތިގޮތަށް އަހަރެން ހަމަ ދޫކޮށްލާނީތަ؟"

ކާޝިފަށް ފަރުހީންގެ ހިޔާލަކާ އެއްބަސް ނުވެވުނެވެ.

ކޮންމެ ގޮތެއް ވިޔަސް އޭނަ އެހެރީ އާއިލާ މީހުންނާ ދެކޮޅަށް ފަރުހީނާ ކައިވެނިކޮށްގެންނެވެ. އަދި އަނބުރާ ގެއަށް ދާން މަޖުބޫރުވެގެން ދިއުމަށްފަހު އަނެއްކާވެސް އެހެރީ އައިސް ހަމަ އެގޭގައި ފަރުހީންގެ ގާތުގައެވެ.

"ކާޝިފް، އެންމެ ފުރަތަމަވެސް އަހަރެން ބުނި ވާހަކަ މިއީ، ވިސްނާލާށޭ އަދިވެސް ވިސްނާލާށޭ، ގޮތްދޫކޮށްލަން ބޭނުންނުވީ ކާޝިފް، އަހަރެންގެ އެއްވެސް މަޖުބޫރެއް ނެތް، އަހަރެން ކާޝިފާ އެކީގައި އުޅުމަށް އަޅާ އެއްވެސް ހުރަހެއް ނެތް،

އެކަމަކު ކާޝިފްގެ ވަށައިގެން ހައްތަހާވެސް މަޖުބޫރު، ހުރަސްތައް ގިރާ ނުކުރެވޭނެ ވަރުގެ ހުރަސްތައް، އަމުދުން މިހާރު ތި ދެއްކި ވާހަކައަކީ އަހަރެންގެ ޒަމީރު އެއްބަސްވާނެ ވާހަކައެއް ނޫން، އަހަންނަކަށް މައުސޫމު އަންހެން ކުއްޖެއްގެ ދިރިއުޅުން ނަރަކައަށް ހަދަން އެއްބަސް ނުވެވޭނެ، އޭނަ މުޅި ދުނިޔެއަށް ފަޟީހަތްވެ ބޭޒާރުވާން ކާޝިފަށް އޯކޭ ވިޔަސް އަހަންނަކަށް އޯކޭ ނޫނޭ،"

ކާޝިފް އެ ބޭނުންވެގެން އުޅޭ ގޮތާ އެއްބަސްވާކަށް ފަރުހީންގެ ހިތާއި ޒަމީރު ދެންވެސް ހެދީ ދެކޮޅެވެ.

"ކާޝިފް ތިއީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވިއެއްނު، އުލާއާ ކައިވެނިކޮށްގެން އޭނާ ގޮވައިގެން ކާޝިފް ހަނީމޫނަށް ދާއިރު އަހަރެންވެސް ވީ ފަހަތުން ދާން، ކޮންކަހަލަ ވިސްނުމެއް ތި ގެންގުޅެނީ، އަހަރެން މިއީ ތިހާ ހިތްހެޔޮ މީހެއްވެސް ނޫން އަދި ތިހާ ހިތް ހަރު މީހެއްވެސް ނޫން، އަހަރެން ބޭނުންވާ އެތި ހޯދުމަށް އަނެކާގެ ކަރުގައި ހިފާހާ އަމިއްލަ އެދުން ބޮޑު މީހަކަށް ވީނަމަ ޅައުމުރުގައި އަހަރެން ހިތްނޭދޭ ކައިވެންޏަކަށް ދެ ދަރިން ނުތިބޭނެ."

"ދެން ކިހިނެއްތަ އަހަރެން ހަދަންވީ، މަށަކަށް ނޭނގޭ ދެންވާންވީ ގޮތެއް،"

"ވާންވީ ގޮތް އަހަރެން މި ބުނީނު، ކާޝިފް ދާންވީ، ގޭގައި ކާޝިފްގެ އިންތިޒާރުގައި ތިބި މީހުނަށް ކާޝިފް ވީތަނެއް ނޭނގެނީސް ގެއަށް ދާންވީ، އުލާއާ ކައިވެނި ކުރަންވީ، އަދި ދަރިފުޅު ވިހާ ގަދަވުމުން އަލުން ސައްހަ ގޮތުގައި ކައިވެނިކޮށްގެން އާއިލާއާއެކު ދިރިއުޅެންވީ،"

ވާހަކަ ދައްކަމުން ދައްކަމުން ފަރުހީން ހިނގައިގަތީ ކޮޓަރިން ބޭރަށެވެ.

"ކޮންތާކަށް ތިދަނީ...؟"

ކާޝިފް ފަރުހީންގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. އެހެންނަމަވެސް އެ ދިއްކޮށްލި އަތުގައި ނުޖެހި ފަރުހީން ފިޔަވަޅުތައް އަވަސްކޮށްލީ ކޮޓަރިން ބޭރު މެދުގޭތެރެ ހުރަސްކޮށް ބޮޑު ދޮރާ ދިމާއަށެވެ.

"މިތަނަށް މިއައީ... ކާޝިފަށް ދާންވީ މަގުދައްކަން..."

ފަރުހީން ދޮރާށި ހުޅުވާލާފައި މަގަށް ނުކުތުމުން ކާޝިފްވެސް ނުކުތެވެ. އަދި ދެން ފަރުހީން ކަންތައް ކޮށްލީ ކާޝިފަށް ވިސްނާވެސް ނުލެވި ހުއްޓައި، ހިތަށްވެސް ނާރާކަހަލަ ކަމެކެވެ.

"ކާޝިފް. ހަޔާތުގެ މަގުގައި މީހުންނަށް ކަސިޔާރު ފިޔަވަޅުތައް އެޅޭ، އަހަންނަށް މި ދިމާވީ އެ ކަހަލަ ކަމެއް. އެހެންވީމަ ހެދުނު ގޯސް ރަނގަޅު ކުރަން އަހަރެން ނިންމައިފިން،

އެންމެ ސައުވީސްގަޑިއިރު ތެރޭ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންނުނެތޭފަދަ ހުރިހާ ހަނދާންތަކަކާއެކު އެންމެ ހިތްދަތިކަން ބޮޑު ހަނދާންތައްވެސް ކާޝިފު ދީފީމު، މަގޭ މޮޔަ ހިތަށް ވިސްނައިދީފާނަން، ކާޝިފަށް ހެދުނު ގޯސް ރަނގަޅުކުރުމަކީ އަމިއްލަ ޒިންމާއެއް....."

ފަރުހީން ވާހަކަ ދައްކަމުން ދިޔައިރު ކާޝިފު ދޮރާށިން ބޭރު މަގުމަތީގައި ފިޔަވަޅު އެޅި ވަގުތު، ފަރުހީން އަނެއްކާވެސް ދޮރާށްޓާ ކައިރިއަށް އޮޅިގަނޑު މައްޗަށް އެރިއެވެ.

ދެން ހަމަ ކުއްލިއަކަށް ގޭގެ ބޮޑު ދޮރު ހުޅުމާލުމާއި ފަރުހީން އެތެރެއަށް ވަދެ ދޮރުލައްޕައި ތަޅުލުމާއި ކާޝިފަށް ސިހިގެން ގޮސް ބަލައިލެވުނު ވަގުތު ދިޔައީ ފަޅި ސިކުންތެއް ތެރޭ އެކުއެކީގައެވެ.

"އޯހް ޝިޓް.. ހީނާ... އޯހްނޯވ.... ހީނާ...."

ކާޝިފު ދޮރުގެ ތަޅުގައި ހިފައި ތަޅުވާލަމުން ބާރަށް ގޮވަން ފެށިއެވެ. އުޑުމަތީގައި ވިލާ ބޯވެ އުދަރެސް ބަނަކޮށްލީވެސް ހަމަ އެ ވަގުތުއެވެ. ބާރަށް ގުގުރައިގަތެވެ. ވިދިވިގެން ވިދުވަރުގެ އަލިކަމާއެކު ދެފަހަރަކަށް ގުގުރައިގަތުމާއެކު ބޯމައްޗަށް ނެގި ކަޅު ވިލާގަނޑުން ބޯކޮށް ވާރޭ ވެހިގަތީ ހަމަ ކުއްލިއަކަށެވެ.

******

ޖޯލީގައި އޮތް ކާޝިފަށް ފުންމައިގެން ތެދުވެވުނީ ކުއްލިއަކަށް ވެހެން ފެށި ބޯވާރޭގެ ތިކިތައް އޭނާގެ މޫނުގައި ޖެހުމުންނެވެ. ވިދާލި ވިދުވަރާއެކު އަނެއްކާވެސް ބާރަށް ގުގުރައިގަތެވެ. އެ ވަގުތު ކާޝިފަށް ހީވީ އެ ވިދުވަރުގެ އަލީގެ ތެރެއިން އޭނައަށް އެއްފަހަރާ ދެ މޫނެއް ފެނިފައި ގެއްލިއްޖެއެވެ.

އެއް މޫނަކީ އޭނާގެ އަލަތު ލޯބިވެރިޔާ އަދި އަލަތު އަނބިމީހާގެ މޫނެވެ. އަދި އަދަށް ދާންދެންވެސް ކާޝިފަށް އެހާ ރީތި ދެވަނަ މޫނެއް ނެތެވެ. އަދި ދެން އެ ފެނުނު މޫނަކީ އޭނާގެ ކުށުން އޭނާގެ އަތުން ހެދުނު ގޯހަކުން މި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާއުކީ މައުސޫމު މޫނެވެ.

އެކަކީ އޭނާގެ ހިތުގެ ވިންދުކަމުގައި ވާނަމަ އަނެކަކީ އޭނާގެ ހިތުގެ ރިހުމެވެ. އެ ދެ މޫނު އޭނާގެ ހުވަފެންތަކުން ނާންނަތާ އެތައް ދުވަހެއް ފަހުން މިރޭ އޭނާއަށް އުނދަގޫ ކުރުވީ މަގުމަތިން ފެނި ބައްދަލުވި އަންހެން ކުއްޖާ ބުނި ބަސްތަކަކުންނެވެ.

ވާރެއިން ސަލާމަތްވާން ވެގެން ދުވެފައި ގޮސް ގޭގެ ފެންޑާގެ ހިޔަލަށް ވަދެވުމާއެކު ކިނބިހި އެޅެން ފެށިއެވެ. އެކެއް، ދޭއް، ތިނެއް، ފަސް ކިނބިހި އެޅުމުން ހަމްދުސަނާ ކިޔަމުން ކާޝިފު ބޮލުން ފެންފޮޅާލިއެވެ.

އޭނާގެ ހަޔާތުގެ އެ ބާބު ލައްޕާލާފައި މާލެއާ އެތައް ހިސާބު ދުރަށް މި ރަށަށް އައިސް ދިރިއުޅެން ފެށިއިރު ލޯތްބާއި ދިރިއުޅުން މަތިން ހުރީ މުޅިން ފޫހިވެފައެވެ. އެރޭ ފަރުހީން އޭނާ ދުރުކޮށްލީ އަބަދުގެ އަބަދަށެވެ.

ވެހިގަތް ވާރޭގައި ހަދާނެ ގޮތެއް ނެތިފައި ހުރި ކާޝިފް އެނބުރި ގެއަށް ދިއުމުގެ ބަދަލުގައި ބޯ ވާރޭގައި ދެފައި ދަމަމުން އާވާރާއެއް ފަދައިން ހިނގާފައި ދިޔައީ ލޮނުޒިޔާރަތްކޮޅަށެވެ. ފަޅުވެފައި އޮތް ހިސާބުގަނޑުގައި މީހެއްގެ ހިލަމެއް އަމުދުން ނެތް ތޮށިގަނޑު މަތީ ދެއަތް އަޅުވާލައިގެން ހުރެ ބާރުބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑު އިވޭނެ އެއްވެސް މީހަކު ނެތްކަން އެނގޭ ހާލުގައެވެ.

އެރޭގެ ކައިވެނި ޕާޓީ ވެހުނު ބޯ ވާރޭގައި ހެދުނު ފެނުގެ ތެރެއަށް ގެނބުނު ކަހަލައެވެ. ކާޝިފު ވީނުވީ ތަނެއް ނޭނގި ގެއްލުނީއެވެ. ކައިވެނީގެ ގަޑި ޖެހުމުން ވަކީލާއާއި ޝިއްޔަތު ކާޝިފު ކޮބައިތޯ މުޅި ގެއާއި ގޯތިތެރޭގެ ހުރިހާ ތަނެއްވެސް ހޯދައި ބެލި ނަމަވެސް ނެތް މީހަކު ނުފެންނާނެތާއެވެ.

ޒަހުރަބާނަށް މި ހުތުރު ބަދުނާމު ހަޖަމުކުރާކަށް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް ގޭގައި ނެތް މީހަކު ފެންނާނީ ކިހިނެއް ހެއްޔެވެ.

އެރޭ އުލާގެ ހުން ގަދަވާން ފެށުމުން އަނެއްކާވެސް މެޝިންތައް ތައްޔާރަށް ހުންނަ ހާއްސަ ކޮޓަރީގެ އެނދުގައި ބާއްވައި އޮކްސިޖަން މާސްކް އަޅައި އައިވީ ގުޅާލުމަށްފަހު ޑޮކްޓަރާއި ނަރުސް އެއްފަރާތަކަށް ޖެހުނީ ޒަހުރަބާން އެތަނަށް އައުމުންނެވެ.

އެނދުގެ މަގަތުން އިށީނދެ އުލާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކި އިރު ޒަހުރަބާންގެ ލޮލުން ހަމަ ހަގީގަތުގައި ކަރުނަ ނިރާލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އާއިލާ ބެލެހެއްޓުމުގައި ފެއިލްވެއްޖެ ކަމާއި ހަމަޖެހުމާއި އަމަންކަމާއެކު އޮތް ގޭގެ މާހައުލު ނުތަނަވަސްވެއްޖެކަމުގެ އިހުސާސް ޒަހުރަބާންގެ ހިތް އިތުރަށް ދަތިކޮށްފިއެވެ.

ގެއަށް އައި އިރަކުން ކާޝިފަށް އަދަބު ލިބޭނެކަމަށް ބުނެ އުލާ ހިތްހަމަ ޖެއްސޭތޯ އިސްވެ ޒަހުރަބާން އިނދެގެން ކުރި ހުރިހާ މަސައްކަތެއް ފެނަށްވެ، ގޭތެރެ ތައްޔާރުކޮށްފައި ކުލަ ރީތި މަންޒަރުތަކުގެ ކުލަ ފަނޑުވެ، ގެއަށް ބިރުވެރި ހިމޭންކަމެއް ވެރިވީ އެރޭ މެންދަމުން އަލިވެ އެއްގަޑި ބައިވެ ބޮޑުވިތަނާއެވެ.

ހުމާ ފިހެމުން ދިޔަ އުލާގެ ހަށިގަނޑަށް ގުޅާފައި ހުރި އައިވީ ނައްޓައި އަތުގައި ހުރި ކެނިއުލާ ނައްޓާލިއިރު އާއިލީ ޑޮކްޓަރު، އުލާގެ މާސްކް ނަގައި މެޝިނާ ވަކިކޮށްފިއެވެ. އެ ވަގުތު ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނު ޝިއްޔަތަށް މަންޒަރު ރީއްޗަށް ފެނުނެވެ. ކަކުލުހުޅުން ދޫވުމާއެކު ހުރި ދިމާލުން ބިމަށް ތިރިވެވުނީއެވެ. ޝިއްޔަތުގެ ދެކޮނޑުގައި ހިފައި ހިތްވަރުދިން ވަކީލާއަށްވެސް ފާރުގައި ބުރަކަށި ޖައްސާލިއެވެ.

ޝިއްޔަތުގެ މޭގެ އެތިކޮޅުގެ މޫނު ފޮރުވާލުމަށް ފޮތިގަނޑު ހިއްލާލި ނަރުހުގެ އަތުގައި އެ ހިފީ ދުވެފައި އައި ޝިއްޔަތެވެ. ފަހުވަގުތު ދަރިފުޅުގެ ކުލަ މަރުވެފައިވާ މޫނަށް ބަލައިިލުމާއެކު ޝިއްޔަތުގެ ލަގޮނޑި ފިތިގެން ދިޔައެވެ. އޭނާގެ ފިނިވެފައިވާ ތުންފަތުން އުލާގެ ނިއްކުރީގައި ބޮސްދިނެވެ. ފަހުގެ އިހުތިރާމު ނުހަނު ލޯތްބާއެކު އަދާކުރަމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟