"ޒާރާގެ ވާހަކަތަކެކޭ. އެކޮއި ހައިރާންވެގެން އަންތަރީސްވާވަރުގެ ވާހަކަތައް. މަޖުބޫރުން ހިމްނާމެން އެ މަންޖެ މީހަކާ ތަތްކުރި ވާހަކަ. މިނޫނީ ރަނގަޅު ފުރުސަތެއް ހިއެއްނުވޭ ދެން ލިބޭނެހެނެއް" ޖީޒާ ވާހަކަދެއްކިއެވެ.
ވަގުތުން ފައްވާޒްގެ ފިޔަވިހި ޖީޒާގެ ގެއާ ދިމާލަށް އަނބުރާލައިފިއެވެ. ޒާރާ ގެ ކޮންމެ ވާހަކައަކީ އޭނާ އަށް މުހިއްމު ވާހަކަތަކެކެވެ. އަމުދުން ޒާރާ ގެ މަޖުބޫރީ ހާލަތުގެ ވާހަކައެވެ. އެހާވަރަށް އެނގުނީތީވެސް ފައްވާޒްގެ އުއްމީދު އާވެއްޖެއެވެ.
****
މަގުގެ އެއް އަރިމަތިން ހިނގާފަ ދިޔަ ޒާރާ ކުއްލިއަކަށް ހުއްޓުނީ މީހަކު ބަލަހައްޓައިގެން ހުރިތަން ފެނުމުންނެވެ. ޖީޒާ ބަލަހައްޓައިގެން ހުރީ ނުބައި ގޮތަކަށެވެ. ޖީޒާ އަށް ހިނިތުންވުމެއް ދޭހިތެއްވެސް ޒާރާ ނުވިއެވެ. މަގުމައްޗަށް ނިކުތް ފަހުން އޭނާގެ ހިތުގައިވާ ބިރުވެރިކަން އެތައް ތަނެއް އިތުރުވެފައި ވެއެވެ. ގޭތެރޭގައި ހުރި މީހަކަށް ބަލައިލާފައި ޖީޒާ އެތެރެއަށް ވަނުމުން ޒާރާ އަށް ހަމަޖެހުމެއް ލިބުނެވެ. ޖީޒާ ގެ އެ ބަލައިލުމާއި ނުލަފާ ހީލުމަކީ ނުބައި ފާލެކޭ އެވަގުތުވެސް ޒާރާ ގެ ހިތް ބުނެލިއެވެ. އައްޔަ އާ ކައިވެނިކުރި ފަހުން ތަންކޮޅެއް މައިތިރިކޮށް ހުރެފައި ބޮމެއް ގޮށްވާލަން ތައްޔާރު ވަނީ ހެއްޔެވެ؟ މުޅިންވެސް ކުރެވެނީ ނުބައި ހިޔާލެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. ކުރިއަށް ވުރެ ހިނގުން ބާރުކޮށްލިއެވެ.
ޖަންނަތު އުޅޭ ގެއާ ހަމައަށް ދެވުމާއެކު ޒާރާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. އެގެއިން ނިކުމެގެން އެދަނީ ފިރިހެނެކެވެ. ފުރަގަހުން ފެނުނީމަސް އެއީ ކާކުކަން ޒާރާ އަށް އެނގިއްޖެއެވެ. އެއީ ރަށު މަރުކަޒުގައި މަސައްކަތްކުރާ ހުރި ބޭރު ޑޮކްޓަރެވެ. އެކަމަކު ޖަންނަ ގެއިން އެދަނީ ކީއްކުރަން ހެއްޔެވެ؟ މީހަކު ބަލިވީ ހެއްޔެވެ؟ މިހާވަރަށް ގުޅާއިރު ޖަންނަ ފޯނު ނުނަގަނީ އެހެންވެ ހެއްޔެވެ؟ ޒާރާ އަވަސް އަވަހަށް ދޮރާށިން އެތެރެއަށް ދެމިގަތެވެ.
ފެންޑާއިން މީހެއްގެ ހިލަމެއް ނުވުމުން ޒާރާ ހައިރާންވިއެވެ. މެންދުރު ހޫނުގެ ވަގުތުގައި މާމަ އަބަދުވެސް ފަންކާ ޖައްސައިގެން އުނދޯލީގައި އިނދެއެވެ. މިއަދު ނިޝާނެއްވެސް ނެތެވެ. ފުން ނޭވައެއް ދޫކޮށްލާފައި މޫނު މަތީގައި އޮތް ފޮތިކޮޅު ޒާރާ އުފުލާލާފައި ފަހަތަށް އެއްލިއެވެ. ދެން ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. ބަދިގޭ ދޮރަށް އެރިއިރު ފެނުނު މަންޒަރަކުން ޒާރާ ހުއްޓުން އެރިއެވެ. މޭޒު ކައިރީ ހިޔާލަކަށް ގެއްލިފައި އޭނީ ޖަންނަތެވެ. އަތްލައިގެން އިން ތަށީގައި އެއްމެ ބަތްފުކެއްވެސް ނެތެވެ. ކުރިމަތީގައި ކައިފައި ނުދޮވެ ހުރި ތަށިތައް ފެނުމުން އިތުރު މީހަކު ކައިފައި ހުރިކަން އެނގުނެވެ. މޭޒު މަތީގައި އަދިވެސް ކާއެއްޗެހި ހުއްޓެވެ. ޒާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޖަންނަތުގެ ތުންފަތުގައިވާ ހިނިތުންވުން ފެނިފައެވެ. ޖަންނަތުގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމާ އެ ހަމަހިމޭންކަން ޒާރާ ގުޅުވާލި ދާދި ދެންމެއަކު އެ ގެއިން ނިކުތް ޑޮކްޓަރާއެވެ.
****
"ފިނި އެއްޗެއް ބޯލަންވާނެއްނު" ކާގޭ މޭޒު ކައިރިން ގޮނޑިއެއް ގައި ފައްވާޒް ބައިންދާފައި ޖީޒާ އައީ ފިނިކޮށް ހުރި ޖޫސް ތައްޓެއް ހިފައިގެންނެވެ. ޖޫސް ތަށިން ކޯވަރެއް ބޯލާފައި ތަށި ދުރުކޮށްލިއެވެ. އެ ޖޫސް އޭނާ އަށް ކަމަކުނުދިޔައެވެ. ހީލައިގެން ކައިރީގައި އިށިން ޖީޒާ އަށް ފައްވާޒް ބަލައިލިއެވެ. އެހާ ގާތުގައި ޖީޒާ އިނުމުން އޭނާ އަށް އުނދަގޫ ގޮތެއް ވިއެވެ. ނޭނގޭ ކަމަށް ހަދާފައި ގޮނޑި ކުޑަކޮށް ފޭކޮށްލިއެވެ.
"ޒާރާގެ ކޮންވާހަކައެއް؟" ފައްވާޒް އެހިއެވެ. ޖީޒާ އަކީ އޭނާ އާ ގާތްކަމެއް އުފެދިފައިނުވާ މީހަކަށް ވާތީ ވާހަކަދެއްކުނީ މާ ރައްޓެހި ގޮތަކަށް ނޫނެވެ.
ދޮންކަލޯ އަދިވެސް އެ ޒާރާ އާ އިންނަން ބޭނުންތަ؟" ޖީޒާ ބުންޏެވެ. ދެބުމަ ގޮށްޖަހާލައިގެން ފައްވާޒަށް އިނދެވުނީ ޖީޒާ އަށް ބަލަހައްޓައިގެންނެވެ.
"ހެހެހެ... ބޭނުންވާތީއެއްނު މިރަށަށް އައިސް ތިއުޅެނީ. ބުނަން ކަލޯ. ޒާރާ ބޭނުމިއްޔާ އަވަހަށް އެކުއްޖާފުޅު އެއުޅޭ ދިރިއުޅުމުން ނެރޭ. އެ ހިމްނާ އެއި ކޮންކަހަލަ މައެއް ބާއޭ އަހަރެން ހިތަށް އަރަނީ. ޒާރާ އަށް މަޖުބޫރުކުރީ. އެކުއްޖާ ކައިވެންޏެއް ނުކުރަން ރުއި ވަރު އަހަރެން ދުށިން" ޖީޒާ ވާހަކަދައްކަމުން ދިޔައެވެ.
"ޒާރާ.... ކޮންގެއަކު ކާކާ އިނީ؟ ތިއީ އަދި އަހަންނަށް ނޭނގޭ ކަމެއް. އަހަރެންގެ އެކުވެރިޔާ ބުނި ޒާރާ އުޅެނީ އުފަލުންނޭ" ފައްވާޒް ބުންޏެވެ.
"ކޮން އުފަލެއް އެމަންޖެ ވާނީ. ދޮންކަލޯ ދެކެ ހާދަ ލޯތްބެކޭ ވަނީ. އެނގޭތަ އެމަންޖެ ހުރި ދޮންކަލޯ އަންނާނެ ދުވަހެއްގެ އިންތިޒާރުގަ. މިހާރުވެސް އެ މޫނުމަތިން އުފަލެއް ނުފެނޭ. ފެނުނީމަ ހިތްފަޅައިގެންދާވަރުވޭ. ދައްތަ އަށް ހަމަ ޔަގީން އެމަންޖެ އަދިވެސް ލޯބިވަނީ ހަމަ ދޮންކަލޯ ދެކެ" ޖީޒާ ވާހަކަދެއްކިއެވެ.
ފައްވާޒް އިނީ ހައިރާންވެފައެވެ. މި އަންހެންމީހާ މިދައްކަނީ ތެދު ވާހަކަތަކެއް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އައްފާން ދެއްކި ވާހަކަތަކާ ދިމާ ނުވެއެވެ. މިތަނުން ދޮގު ހަދަނީ ކާކު ކަމެއް ތެދަށް ވާހަކަދައްކަނީ ކާކު ކަމެއް ނޭނގެއެވެ. އައްފާނަކީ ސްކޫލު ދައުރުން ފެށިގެން އެއްމެ ގާތް އެކުވެރިޔާގެ ގޮތުގައި ދެކޭ މީހާ އެވެ. މިއީ ދުވަހަކުވެސް މީގެކުރިން އަނގައިން ބުނެފައިނުވާ ނުދަންނަ މީހާ އެވެ. ކޮންމެ ގޮތެއް ވިޔަސް މިތަނުން އިތުބާރު ކުރަންޖެހޭ މީހަކީ އައްފާނެވެ. އެކަމަކު.... މި އަންހެންމީހާ ދޮގުހަދަންޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟ ބަލާބެލުމަށް ދޮގުހަދާފާނެ ވައްތަރެއް ނުޖަހައެވެ.
****
ހިނި އައިސްފައި ހުރި ޒާރާ އިށީނީ ޖަންނަތުގެ ދިމާލަށް ހުރި ގޮނޑީގައެވެ. އޭރުވެސް ޖަންނަތަށް ހަމަހޭވެރިކަމެއް ނުވެއެވެ. ޖަންނަތުގެ އަތްތިލައިގަ ޒާރާ މަޑުމަޑުން ފިރުމާލިއެވެ. އެއާއެކު ޖަންނަތުގެ ހިޔާލުތައް ވިއްސި ވިހާލިވެގެން ދިޔައެވެ. ސިހިފައި ކުރިމަތީގައި އިން ޒާރާ އަށް ބަލައިލިއެވެ. ޖަންނަތަށް ހައިރާންކަމެއް ލިބުނީ ގެއަށް ޒާރާ އައިސް އިން ވަގުތުގެ ގޮތުންނެވެ.
"ޒާރާ... މިގަޑީގަ" ޖަންނަތު ބުންޏެވެ.
"މާތްކަލާނގެ އާ ވަކީލު. އަހަރެން ހީކުރީ ހޭބުއްދި ފިލާފަކަމަށް އިންގޮތުން. ކޮންހާ ފޮލާއެއް ތިކައްކާލީ. ޑޮކްޓަރ ސަލާމް މިގެއަށް އައިސް ދިޔަފަހުންތަ އަނެއްކާ. އަނެއްކާ ޑޮކްޓަރ ސަލާމްގެ ކޮން ދަތުރެއް؟ މިގޭ މީހަކު ބަލިވީކަމަށް އަހަރެން ހީކުރީ. މިހާރު ހީވެއްޖެ ބަލި މީހަކީ ޑޮކްޓަރ ސަލާމް އޭ. ޖަންނަ ކައިރިއަށް ހިތުގެ ފަރުވާ އަކަށް އައިސްފަ ދިޔައީއޭ" ޒާރާ ވާހަކަދެއްކިއެވެ.
ގޭތެރޭގައި އިނދެ ވިސްނުންތަކާ ފިކުރުތަކުން ދުރަށް ޖެހިލުމަށް ޖަންނަތާ ވާހަކަދައްކާލުމަށް އައި ޒާރާ އަށް ހަގީގަތުގައިވެސް ކުރަން އައި ކަންތައް ކާމިޔާބު ވެއްޖެއެވެ. އަމިއްލަ ވާހަކަތައް ދޫކޮށްލާފައި އޭނާ ފެށީ ޖަންނަތާ ދިމާކުރާށެވެ.
"އެނ؟ ކޯޗެކޭ ތިކިޔަނީ؟" ހީލަމުން ޖަންނަތު ބުންޏެވެ.
"އަދި ވަރަށް ނޭނގޭ ކަމަށް އެބަހެދެއްއެއްނު. ކިޔާދީބަލަ ތިހިސާބަށް ދިޔަ ގޮތް" ޒާރާ ބުންޏެވެ.
"ފަހުން. ކާންވީނުން" ޖަންނަތު ބުންޏެވެ.
"ޖަންނަ ނުބުންޏަސް އަހަރެން ދާނީ މިގެއިން ކައިގެން. މިހާރު އަހަންނަށް ނުކައި ނުހުރެވޭ" ހަރުގަނޑުން ތައްޓެއް ނަގައިގެން އައިސް އަލުން ގޮނޑީގައި އިށީންނަމުން ޒާރާ ބުންޏެވެ.
****
"ތިއީ ތެދަކަށް ވާނަމަ އައްފާން އަހަންނަށް ދޮގު ހަދަންޖެހުނު ސަބަބަކީ ކޮބާ؟ ތިއީ ތެދަކަށް ވާނަމަ ތިހުރިހާ ވާހަކައެއް އައްފާނަށް ނުބުނެވުނީ ކީއްވެ؟" ފައްވާޒް ބުންޏެވެ.
"ކީކޭ އައްފާނޭ... މިރަށު ސްކޫލުގެ ޑެޕިއުޓީ ގެ ވާހަކަތަ؟ މިއުޅޭ ފޮނި ބޮޑު ވަސީމާގެ ދޮންދަރިގެ ވާހަކަ ތިދައްކަނީ؟" އަޑަށް ބާރުލާފައި ޖީޒާ ވާހަކަދެއްކިއެވެ.
ފައްވާޒް ބޯޖަހާލިއެވެ. ޖީޒާ އަނގަ އަށް ހަދާލި ގޮތުން ހީވީ ނުބައި ކާއެއްޗެއް އަނގައަށް ލެވިގެން އުޅުނު ހެންނެވެ.
"އެނގޭތަ ތި އައްފާނަކީ ކާކު ކަން. ކިހިނެއް އޭނަ ދޮންކަލޯ ކައިރީ ތެދަށް ބުނާނީ؟ ލަދުންވެސް ނުކެރޭނެއްނު ބުނާކަށް. އަނެއްކޮޅުން އޭނަ ބޭނުންވާނީ ދޮންކަލޯ މިރަށުން އަވަހަށް ފުރައިގެންދާކަށްނު" ޖީޒާ ވާހަކަދެއްކިއެވެ.
ކުއްލިއަކަށް ޖީޒާ ގެ ވާހަކަތަކާ ފައްވާޒް ޝައުގުވެރިވިއެވެ. ކަމެއް ޔަގީންނުވާނަމަ އެގޮތަށް ޖީޒާ ވެސް ވާހަކަދެއްކުމުގެ ބޭނުމެއް ނެތެވެ.
"ޖީޒާއްތަ އަށް އެނގޭތަ ޒާރާ އަށް ގުޅޭނެ ނަންބަރު. ހިތަށް މިއަރަނީ އަވަހަށް މާލެ ގޮސް ބައްދަލުކޮށްލަން. އައްފާންވެސް ނުދިނޭ. ބުނީ ޒާރާ ގެ ނަންބަރު ދޭކަށް އޭނަ ބޭނުމެއްނުވެޔޯ" ފައްވާޒް ވާހަކަދެއްކިއެވެ.
ޖީޒާ ބާރަށް ހޭން ފެށިއެވެ. އޭނާ އަށް ހުނުން ކޮންޓްރޯލް ވެސް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީގައި މި އިން ސޮރު މީނީ އައްފާނު މޮޔަ ހައްދާފަ ވިއްޔާއެވެ. ދެރައީ މިކަހަލަ ބާރު ހުރި ޒުވާނުންގެ ސިކުނޑީގައި ތެތްކަމެއް ނުހުންނަ ކަމެވެ.
"ކާކު ބުނީ ޒާރާ ވީ މާލޭގަ އޭ. އެ އައްފާނު ދޯ. އެއީ ބުހުތާނު ދޮގު. އަހަރެން ދެންމެ މިގެއަށް ވަތްއިރުވެސް މި މަގު ހުރިގޮތަށް ޒާރާ ދަނިކޮށް ދުށިން. އަހަންނަށް ހީވެސްލާފަ ދިޔައީ. ބުނަން. އަދިވެސް ހުރީ ދެރަވެފަ. ފެންކަޅިވެފަ. އެއްވެސް އުފަލެއް ނެތް. ހަމަ ހައްޤަށް މިބުނީ" ޖީޒާ ވާހަކަދެއްކިއެވެ.
ފައްވާޒަށް ކުޑަކޮށް ގޮނޑީގެ ކުރިއަށް ޖެހިލެވުނެވެ. ދުވެފައި މަގަށް ނިކުންނަން ބޭނުންވިއެވެ. މިވަގުތަށް އެހެން އެއްވެސް ކަމެއް ބޭނުމެއް ނުވެއެވެ. ޒާރާ މިރަށުގައި ހުރިއްޔާ އެއްމެ ނޭވައެއްވެސް ދެން އޭނާ ލާނީ ޒާރާ ހޯދާފައެވެ. އައްފާނާ ކުރިމަތިލާނީ އެއްމެ ފަހުންނެވެ.
"މިވަގުތަށް ދަނީ. ފަހުން އަދި އަންނާނަން" ގޮނޑިން ތެދުވެ ހިނގައިގަންނަމުން ފައްވާޒް ބުންޏެވެ.
"އޭ އިހަށް މަޑުކޮށްބަލަ. އަދި ވަރަށް ވާހަކަ އެބަހުއްޓޭ" ޖީޒާ ގޮވާލިއެވެ.
"ފަހުން އަންނާނަން" ދޮރާށިން ނިކުމެ ނިކުމެ ހުރި ފައްވާޒް ބުންޏެވެ.
ޖީޒާ ގެ ތުންފަތަށް ވެރިވި މަކަރުވެރި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އޭނާ ބޭނުންވަނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ހިމްނާ އަށް ދެރަކުރާށެވެ. ދެވަނަ ފަހަރަށް ޒާރާ އަށް ދެރަގޮތެއް ދިމާވިއްޔާ ހިމްނާ ބިމަށް ތިރިވާނެކަން ހަމަ ޔަގީނެވެ.
"ދޮންކަލޯ އަދި އަންނާނެ. އަހަންނަށް ހަމަ މުޖައްރިބު"
****
ޒާރާ އާ ޖަންނަތު ވާހަކަދައްކަމުން ނިކުތީ އެގެއާ ދިމާލު ދޮރުމައްޗަށް ވާގޮތަށް ހުރި ގަސްތައް ދޮށަށެވެ. އާއްމުކޮށްވެސް އެއީ ގަސްތައް ބޯކަމުން ފިނިވާ ދިމާލެކެވެ. ދެކުދިން ޖައްސާލީ ގަސްތަކުގައި އެލުވާފައި ހުރި ޖޯލިތަކުގައެވެ.
"ސަލާމް ޕްރޮޕޯސްކުރީ އޭ ތަ؟ ސީރިޔަސްލީ. ދެން ޖަންނަ ނުފެންނާނެތާ ދޯ. މެރީކޮށްގެން އިންޑިޔާއަށްތަ ދަނީ؟" ޒާރާ ވާހަކަދެއްކިއެވެ.
"ސާބަހޭ. އަދި މިއުޅެނީ އެކަކު އަނެކަކު ދަސްކުރުމުގަ. އަހަރެން ބުނީ ބޭނުމެއްނުވެއޭ ބޭރުން ބައްދަލުކުރާކަށް. އެހެން ބުނީމަ ކޮންމެދުވަހަކުވެސް ދެތިން ފަހަރަށް އަންނާނެ މިގެއަށް. މާމަ ކައިރީގަވެސް ބުނެފިން. އޭނަ މާމައަށް ވެސް ވަރަށް ހެޔޮ. އަނެކޮޅުން މިހިސާބު މީހުންނަށް ވެސް އެނގިއްޖެ ކަމެއްނެތި ޑޮކްޓަރު ނާންނާނެކަން" ހީލައިގެން އިނދެ ޖަންނަތު ވާހަކަދެއްކިއެވެ.
ޖަންނަތަށްޓަކައި ޒާރާ އުފާކުރިއެވެ. ހަޔާތަށް ބައިވެރިއަކު ގެންނަން ޖަންނަތު އެ ވިސްނީ އާއްމުކޮށް ޒުވާން ކުދިން އެކަހަލަ ކަމަކަށް ވިސްނާ ވަރަށް ވުރެ އުމުރު މައްޗަށް ދިޔަ ފަހުންނެވެ. ސަލާމަކީ ގޯސް ކުއްޖެއް ނޫނެވެ. އިންޑިޔާ ރައްޔިތަކަށް ވިޔަސް މުސްލިމެކެވެ. ރީއްޗެވެ. ރަށުގެ ރައްޔިތުންގެ ލޯތްބާ ގަދަރު ލިބިފައިވާ މީހެކެވެ.
"އަހަރެން މިއަދު މިގެއަށް އައީ ޖަންނަގެ ފަރާތުން އަހަންނަށް ހެޔޮ ދުއާ އެއް ހޯދުމަށް. އެކަމަކު ޖަންނަގެ ދިރިއުޅުން ބަދަލުވާން އުޅޭކަން އެނގުމުން އަހަރެން ހާދަ އުފަލެއްވެއްޖޭ. މިހާރުން ފެށިގެން އިންތިޒާރު ކުރެވެން ފެށިއްޖެ" ޒާރާ ބުންޏެވެ.
އުނދޯލީގައި ފޯނަށް ބަލަހައްޓައިގެން އިން ޖަންނަތު ޒާރާގެ މޫނަށް ބަލައިލިއެވެ. ޒާރާގެ މޫނުގެ ކުލަ ވަނީ އޮށްސިފައެވެ. ކަމެއްގެ އުނދަގޫ ޒާރާ އަށް އެބަވެއެވެ. އެހެންނޫނީ އެކަހަލަ އެއްޗެއް ޒާރާ ނުބުނާނެއެވެ. ޖަންނަތު އޮޅުންފިލުވަން ބޭނުންވިއެވެ.
"ޖަންނަ އަށް ހީވީ ހަމަ ރަނގަޅަށް" ޖަންނަތު ސުވާލެއް ކުރުމުގެ ކުރިން ޒާރާ ބުންޏެވެ.
"އަސްލުވެސްތަ؟ އަހަރެން އޭރުވެސް ހިތަށް އެރި އެއީ ހަމަ އޭނަ އޭ. ކިހިނެއް އެނގުނީ؟ ފެނުނީތަ؟" ޖަންނަތު ބުންޏެވެ.
"ނުފެނޭ. ﷲ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުފެންނާނެ. ޖަންނާ. ނޭނގެ މިވާގޮތެއް. އަހަރެން ވަރަށް ބިރުއެބަގަނޭ. އަހަރެންގެ ހިތް އެބަބުނޭ ވަރަށް ބޮޑު ކަމެއް ވާން އެބައުޅެއޭ. އަހަންނަށް ހީވަނީ އައްޔަ ވެސް ނިއަމް ވެސް އަހަންނަށް ގެއްލޭނީހެން. އަހަންނަށް ހާދަ ހީވެޔޭ އަހަންނާ އަހަރެމެންގެ މި ދިރިއުޅުމަށް ވިހަލާނީ ފައްވާޒު އާ ނިއަމް ގެ މަންމަ ހެން. ކަމަކާ އަހަރެންގެ ހިތް ބިރުގަންނަން ފަށައިފިއްޔާ ކޮންމެސް ކަމެއް ވާނެ. އައްޔަވެސް ވަރަށް ފާޑުފާޑުގެ ވާހަކަދައްކާ. ފާއިތުވެގެންދާ ކޮންމެ މިނެޓެއް ދަނީ އަހަރެންގެ ހިތް ނުތަނަވަސްކުރުވަމުން" ޒާރާ އަސަރާއެކު ވާހަކަދައްކަމުން ދިޔައެވެ.
"އަމިއްލަ ނަފްސަށް އިތުބާރުކޮށްބަލަ. އެއްވެސް ކަމެއް ގޯހެއް ނުވާނެ ތިދެމީހުން އެކަކު އަނެކަކަށް އިތުބާރު ކުރަންޏާ" ޖަންނަތު ބުންޏެވެ.
"އަހަރެން އައްޔަ އަށް އަމިއްލަ ނަފްސަށް ވުރެ ވެސް ބޮޑަށް އިތުބާރު ކުރަން. ތެދަށް ބުނަންޏާ ފައްވާޒަށް ވުރެވެސް ބޮޑަށް އަހަންނަށް ލޯތްބާ އަޅާލުން އައްޔަގެ ފަރާތުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގަ ލިބިއްޖެ. ފައްވާޒަށް ވުރެ އައްޔަ އަހަންނަށް އެތައް ގޮތަކުން ކަމުދޭ. އަހަރެން ފައްވާޒު ބޭނުމެއްނޫން. ދުވަހަކުވެސް ބޭނުމެއްނޫން.... އެކަމަކު.... އެކަމަކު ފަވާ އަހަރެން ކުރިމައްޗަށް އަރައި އަހަރެން ކަން އެނގި ވާހަކަދައްކަން ފަށައިފިއްޔާ ނޭނގެ ވާނެ ގޮތެއް ބުނަންވެސް. މިއީ ކޮންފަދަ ނުބައި ވިސްނުންތަކެއް....." ޒާރާ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ޖަންނަތުގެ ކުރިމައްޗަށް އައިސް ހިތުގައިވާ އިހުސާސްތައް ބޭރުކޮށްލެވުން ނަފްސަށް ލުއި ވިއެވެ.
"ތި ވިސްނަނީ މާދުރަށް. ފައްވާޒް އައިސް ވާހަކަދައްކަން ފެށީމަ ބުނެބަލަ މައާފްކޮށްފީމޭ. އެކަމަކު ގުޅުމެއް އުފައްދަން ބޭނުމެއްނުވެއޭ. ބުނެބަލަ ތިމަންނަގެ މުސްތަގުބަލަކީ އައްޔަ އާ ނިއަމް އޭ. މައްސަލަ ނިމުނީނު" ޖަންނަތު ބުންޏެވެ.
"އެގުޅަނީ. ވަސިންތަ. ނިއަމް ހޭލީ ކަންނޭނގެ. އައްޔަ ވެސް މިހާރު އަންނަން އުޅޭނެ. މިދަނީ އެނގޭ" އަތުތެރޭގައި އޮތް ފޯނަށް ބަލައިލާފައި ޒާރާ ބުންޏެވެ.
****
ކޮނޑުގައި ދަބަސް އަޅުވައިގެން ހުރި ނުހާ ފެނުމުން ދިމްނާ އަށް ބަލައިލެވުނީ މޭޒު ކައިރީގައި ބޭސް ކާން އިން މަންމަ އަށެވެ. ނުހާ ހުރީ ދެރަވެފައި މަންމަ އަށް ބަލަހައްޓައިގެންނެވެ. ފާއިތުވެގެން މިދިޔަ ދެތިން ދުވަހު މަންމަ އާ ވާހަކަދައްކަން ނުހާ ވަރަށް މަސައްކަތް ކޮށްފިއެވެ. ނުހާ އަށް ކުޑަވެސް ފުރުސަތެއްދޭން މަންމަ ތައްޔާރެއް ނޫނެވެ.
"ކިހިނެއްވީ؟" ނުހާ އަށް ދިމްނާ ބުންޏެވެ. ނުހާ ހުރިގޮތުން ދިމްނާ ދެރަވެސް ވިއެވެ. އެހެންނަމަވެސް އެކަން ދައްކަން ދިމްނާ ބޭނުމެއް ނުވިއެވެ.
"މިދަނީ ފުރަންދާން" ނުހާ ބުންޏެވެ.
ދިމްނާ ބަހެއް ނުކިޔާ ބަލައިލީ މަންމަގެ މޫނަށެވެ.
"އަހަރެން އަންނާނީ އަހަރެންގެ އާއިލާ ފުރިހަމަކޮށްގެން" ނުހާ ބުންޏެވެ.
"ދަރިފުޅާ. ދިމްނާ. ހިނގާބަލަ މަންމަ ގޮވައިގެން ކޮޓަރިއަށް. މިއަދު ތަންކޮޅެއް ބޮޑަށް ލޮލުގައި ރިއްސާ ދުވަހެއް" ސައީދާ ބުންޏެވެ.
ނުހާ ދެރަވިއެވެ. އެމީހެއްގެ ފަރާތުން އެއްމެ ބޮޑަށް އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވި މީހާ އޭނާ ދުރުކުރަން އުޅޭވަރު ފެނުމުން ހިތުގައިޖެހުނެވެ. ރުޅިވެސްއައެވެ.
"ނުހާ" ދޮރާ ދިމާލަށް ދިޔަ ނުހާ ހުއްޓުނެވެ.
"ކާކާ އެކު ކިހިނެއް އެރަށަށް ދާން ތިއުޅެނީ؟" ފަހަތުގައި ހުރި ދިމްނާ އެހިއެވެ.
"ކިހިނެއްވީ؟ ކުޑާމެން ނުޖެހޭނެ ކަންބޮޑުވާކަށް. އަހަރެން މިދަނީ ފިރިހެނަކާއެކު އެއްނޫން" ނުހާ ރުންކުރުވެފައި ބުންޏެވެ.
"މަންމަ ތަންކޮޅެއް ބޯހަރީ. ބޮޑާހާކަނީ. އަހަންނަށް ތުއި ދެއްކެނީ. މާދަމާ މަންމަ އަންނާނެ އަހަރެން ރުއްސަން. އެދުވަހުން އަހަރެން ރުއްސޭނީ ވަރަށް މަސައްކަތުން" ނުހާ ބުންޏެވެ. ދެން ބޫޓަށް އަރައިގެން ހިނގައިގަތެވެ.
****
ސިޓިންގރޫމު މޭޒު ކައިރީގައި ފޮތަކާއި ގަލަމެއް ހިފައިގެން އިން ނޫރީން ދޮރާ ދިމާލަށް ބަލައިލީ މީހަކު އެތެރެއަށް ވަތްހެން ހީވެގެންނެވެ. އަނގަ އަށް ގަލަމުގެ ކޮޅު ލައްވައިގެން އިންގޮތަށް އޭނާ އިނީ ހުއްޓުން އަރާފައެވެ. ފިހާރަ އާ ދިމާލަށް އޭނާ އަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ފިހާރައިގައި އިން މަންމަ ނިކުމެދާނެ ކަމަށެވެ.
"ދޮންތިބެ އަށް އެނގޭ ނޫރް ވެސް މިހާރު ދޮންތިބެދެކެ ފޫހިވާކަން. އެކަމަކު މިހާރު ދޮންތިބެ ބަދަލުވެއްޖައިން. ޕްލީޒް ބުނެބަލަ ދޮންތި ވީ ތަނެއް ނޫނީ ވީ ގެއެއް" ކުރިމަތީގައި ހުރި ފައްވާޒް ބުންޏެވެ.
ނޫރިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފައްވާޒު ދެރަވެ ދެލޮލުގައި ކަރުނަ ވީ ތަން ފެނުމުން ނޫރީން ވަރަށް ބޮޑަށް ހިތުގައިވެސް ޖެހިއްޖެއެވެ. އެއީ ފިރިހެނުންގެ ތެރެއިން އެމީހަކަށް އެއްމެ އިހުތިރާމުކުރާ މީހާ އެވެ. ދުވަހަކުވެސް ފައްވާޒު އާ ދިމާލަށް އޭނާ އިހްތިރާމު ކުޑަ ކުރުމުގެ ގޮތުން އެއްޗެއް ނުބުނެއެވެ. ދޮންތި އާ ދޮންތިބެ އާ ދެމީހުން ކޮންމެ ގޮތަކަށް ވަކިވެފައި ތިބި ނަމަވެސް އެއީ އޭނާ އާ ބެހޭކަމެއް ނޫނެވެ. އަދި އެކަމަށް ފާޑު ކިޔާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ.
"މަންމަ ފިހާރައިގަ. ނިކުމެދާނެ" ނޫރީން ބުންޏެވެ.
"އަވަސްކުރޭ. ބުނެބަލަ. ދޮންތި ވީ ކޮންތާކު؟ ޕްލިޒް ޕްލިޒް... ބުނެބަލަ..." ނޫރީންގެ އަތުގައި ފައްވާޒް ހިފަހައްޓާލިއެވެ.
"ވަސިންތަމެން ގޭގަ ވީ" ނޫރީން ބުންޏެވެ.
ފައްވާޒަށް ހެވުނެވެ. ނޫރީންގެ މޫނުގައި ފިރުމާލާފައި އޭނާ ދޮރާ ދިމާލަށް ދުއްވައިގަތެވެ.
(ނުނިމޭ)