"މިރަށަށް މީހުން އައިސް ފޭބިޔަސް އަހަންނަށް ވާނެ އެއްވެސް ކަމެއް ނޯންނާނެ. އަހަރެން ފައްވާޒު ކިޔާ މީހަކާ ކުރިން ކައިވެނި ކުރިން. މިހާރަކު ހަނދާނެއް ނެތް" އެހެން އިނދެ ޒާރާ ބުންޏެވެ.
ހިމްނާ އެއްޗެއް ނުބުނެ އިންދާ ޒާރާ ބަލައިލާފައި ހީލައިފިއެވެ.
"ހިނގާ ދަމާ. ވަސިންތަ އަދި އެއްކޮށް ފިޓު ނުވޭ. އަހަރެން ނެތިއްޔާ ވަރަށް ދަތިވާނެ" ޒާރާ ބުންޏެވެ.
****
ކޮޓަރީގައި އެކަނިވުމާއެކު ޒާރާ ހިމޭން ވެއްޖެއެވެ. އުފާވެރި ހިނިތުންވުމަކާއެކު ފިރިމީހާ އާއި ފިރިމީހާގެ އާއިލާ މެންބަރުންނާ ބައްދަލުކޮށް ވަގުތު ހޭދަ ކުރިއިރުވެސް އޭނާގެ ހިތާއި ސިކުނޑި އަށް މަންމަ ދެއްކި ވާހަކަތަކުން އުނދަގޫވަމުން ދިޔައެވެ. ފައްވާޒް ގެ އެވާހަކަތައް ހިތާއި ސިކުނޑިން ނެރެލަން ކިތަންމެ ފަހަރަކު އޭނާ މަސައްކަތް ކޮށްފިއެވެ. ފައްވާޒް ދެކެ އެހާ ރުޅިވެސް އައެވެ. ކޮންމެހެން ނޫރީން އާ ބައްދަލުކުރަންޖެހޭ ހެއްޔެވެ؟ ރަށަށް އައިސް މީހުންނާ ވާހަކަދައްކަން ލަދެއް ހަޔާތެއް ނެތް ހެއްޔެވެ؟ އެނދުން ޒާރާ ފުންމައިގެން ތެދުވިއެވެ. އެނދުގައި ނިދާލާފައި އޮތް ނިއަމް އަށް ބަލައިލުމަށްފަހު ފޯނު ހޯދާލިއެވެ. ޗާޖަރަށް ޖަހާފައި އޮތް ފޯނު ފެނުމުން ހިފައިގެން އައިސް އެރީ އެނދަށެވެ. ޖަންނަތު ގެ ނަންބަރަށް އޭނާ ގުޅާލިއެވެ. ހީކުރީ ވަޒީފާ ގެ ވަގުތުވުމުން ޖަންނަތު ފޯނު ނުނަގާނެ ކަމަށެވެ. އެހެންނަމަވެސް އެއްމެ ރިންގަކާއެކު ޖަންނަތު ފޯނު ނަގައިފިއެވެ.
"މާމަ ގޮވައިގެން ޕްރެޝަރު ޗެކްކޮށްލަން އައިސް މަރުކަޒުގަ މީނީ" ޖަންނަތު ބުންޏެވެ.
ވަގުތުގެ ގޮތުން ޖަންނަތާ ހިޔާލު ބަދަލުނުކުރެވޭނެކަން އެނގުމުން ޒާރާ ފޯނު ކަނޑާލިއެވެ. ބޯ ހަމަޖައްސާލަން ކުރާނެ ކަމެއް އޭނާގެ ވިސްނުމަށް ނައެވެ. މަންމަ ކައިރިއަށް ގެއަށް ދާން ހިތަށް އަރާފައިވެސް އެ ހިޔާލުވެސް ދޫކޮށްލިއެވެ. މަގުމަތިން ފައްވާޒާ ބައްދަލުވެދާނެތީއެވެ. އެންމެފަހުން ޒާރާ އަށް ގޮތެއް ނުނިންމުނެވެ. ހިތާއި ސިކުނޑީގައި އުފެދިފައިވި އުދާސްގަނޑާއެކު އޭނާ އެނދުގައި އޮށޯތެވެ. ނިއްމައްޗަށް އެއް އަތް އެއްލައިގެން އޮވެ ނިދޭތޯ އޭނާ ލޯ މަރާލިއެވެ.
****
ދުވަހުގެ މެންދުރު ފަހުގެ ވަގުތެކެވެ. މަސައްކަތެއް ކުރަން ސޯފާ ގައި އިން ދިމްނާ އަށް އެއްލި ކަޅިއަކުން ފެނުނީ ދޮރާ ދިމާލަށް ދިޔަ ނުހާ އެވެ. ވަގުތުން ނުހާ އަށް ގޮވައި ހުއްޓުވައިފިއެވެ.
"ކޮންތާކަށް؟" ދިމްނާ އެހިއެވެ.
"މިގޭ ދޮރުމަތީގައި މީނދަ ކެފޭ އަށް. ކޮފީއެއް ބޯލަން" ނުހާ ބުންޏެވެ.
"ކާކާ އެކު" ދިމްނާ އެހިއެވެ. ނުހާ އަނގަ ހަދާލިއެވެ. މޫނުމަތިން ނުދެއްކިއެއް ކަމަކު ހިތުން ހިތްހަމަނުޖެހުނެވެ. މިފަހަކަށް އައިސް ދިމްނާ މާ ވަރަކަށް ސުވާލު ކުރެއެވެ.
"އަހަރެންގެ ތިބެނީ ދެ ރައްޓެހިން. އިތުރު ބަޔަކު ނުތިބޭ" ނުހާ ބުންޏެވެ.
ދިމްނާ ރުޅިއައިސް ރަތްވިއެވެ. އަތުގައި އޮތް ހެދުންގަނޑު ސޯފާ އަށް ޖަހާފައި އައިސް ނުހާ ކުރިމަތީގައި ހުއްޓުނެވެ.
"އަހަރެން ކިހާވަރަކަށް ބުނީމަތަ ނުހާ އަށް އަޑުއިވޭނީ؟" ދިމްނާ ބުންޏެވެ.
"ރުޅިމަޑުކޮށްބަލަ ކުޑާ، ކުޑާވެސް މަންމަވެސް ހިތްހަމަނުޖެހޭ އެމީހުން މިގެއަށް ވައްދާކަށް. އެހެންވެ ބޭރުން އެމީހުންނާ ބައްދަލުކުރަނީ. މިދަނީ ދުރުތާކަށްވެސް ނޫން. ދޮރުމައްޗަށް ނިކުންނައިރު އަހަރެން ފެންނާނެ. އަނެއްކޮޅުން ކިތައް ފަހަރު ބުނާނީ ނުބައި ގޮތަކަށް ނޫޅެމޭ. އަހަންނަށް ވެސް އެނގޭ ނުބައި ގޮތަށް އުޅެގެން ވަރަށް ދެރަގޮތްގޮތް އަހަންނަށް ވެއްޖެކަން. އެކަން އެނގިހުރެ ދެން އެހެން ނޫޅޭނެއްނު" ނުހާ ވާހަކަދެއްކިއެވެ. ހިތްހަމަނުޖެހިފައި ހުރި ދިމްނާގެ ކޮނޑުގައި އަތުން ފިރުމާލުމަށްފަހު ނުހާ ގެއިން ނިކުތެވެ.
މާހީ އާއި ޖުމާ ނުހާގެ އިންތިޒާރުގައި ކެފޭ ދޮރުމަތީގައި ތިއްބެވެ. ނުހާ އައިސް ހުއްޓުމާއެކު ތިން އެކުވެރިން އެކުގައި ކެފޭއަށް ވަދެގެން ދިޔައެވެ. މީހުންނާ ދުރުގައި ވަކިން ހުރި މޭޒެއްގައި ތިން އެކުވެރިން އިށީނެވެ.
"އަހަރެން މިއުޅެނީ ފުރަން. އެހެންވެ އެވާހަކަދައްކާލަން ތިމީހުން މިގެނައީ" މާހީ ބުންޏެވެ.
ނުހާ އާއި ޖުމާ އެކަކު އަނެކަކަށް ބަލައިލިއެވެ.
"ކޮންތާކަށް. ހައްޖަށްތަ؟" މަލާމާތުގެ ހިނިގަނޑަކާއެކު ޖުމާ ބުންޏެވެ.
"އެއްވެސް މަޖަލެއް ނޫން. ސީރިޔަސްކޮށް. ފަވާ ވެއްޖެ އެރަށަށް ގޮސް. ޔަގީން މިހާރު އެ އަންހެނާގެ އުނގަށް ވަދެކަން އޮންނާނީ. އަހަރެން މިދަނީ އެ އަންހެނާ އަތުން ފަވާ ޖަހައިގަންނަން. ހެޔޮ ކިތަންމެ ދުވަހަކު އެރަށުގައި ހުންނަން ޖެހުނަސް" މާހީ ވާހަކަދެއްކިއެވެ.
"އެއީ އައްފާންގެ ރަށް. ކޮންއިރަކު ފުރަނީ؟" ނުހާ ހިތް އަވަސްވެލިއެވެ.
****
ދުވަހުގެ ހަވީރު ވަގުތެވެ. އާއިލާ ފުރުވާފައި އައިސް ފައްވާޒް މަޑުކޮށްލީ ބަނދަރުމަތީގައި ހުރި ޖޯއްޔެއްގައެވެ. ތަންކޮޅެއް ދުރުގައި އޮތް ދަނޑެއްގައި ފުޓްބޯޅަ ކުޅެން ތިބި ޒުވާން ފުރާގެ ފިރިހެނުން ތަކަކަށް ބަލަން އޭނާ އޮތެވެ. މަންމަ އާއި ކޮއްކޮ ފުރައިގެން ދިޔުމުން މާބޮޑަށް އޭނާ އެކަނިވެރިވެއްޖެއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ފައްވާޒްގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އެންމެ ބޮޑަށް ހިތަށް އަސަރުކުރީ ޒާރާ އާ ދިމާނުވުމުންނެވެ. ޒާރާ ރަށަށް އަންނާނެ ދުވަހެއްވެސް ނޭނގެއެވެ. ގުޅޭނެ ނަންބަރެއްވެސް ނޭނގެއެވެ. މީހެއް ކައިރީގައި އަހާކަށްވެސް އޭނާ އަށް ނުކެރުނެވެ.
"އޭ.. މިތާ ތަ؟" ކުޅެ ނިންމާފައި އެދިމާލުން ދިޔަ އައްފާނަށް ފައްވާޒް ފެނުމުން އަހާލިއެވެ. ބަހެއް ނުކިޔާ ކުރިމަތިން ހުރަސްކުރަން އޭނާ އަށް ނުކެރުނެވެ. ސައިކަލް ބަހައްޓާފައި އައިސް ފައްވާޒް ކައިރީގައި އައްފާން އިށީނެވެ.
"މަންމަމެން ފުރުވާލާފަ މަޑުކޮށްލީ" ފައްވާޒް ބުންޏެވެ. އޭނާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އެކަން އައްފާނަށް ފާހަގަވެސް ވިއެވެ.
"ނަހުލާއްތަ ކައިރީގަތަ ހުންނަނީ؟" އައްފާން އެހިއެވެ.
"އާނ. ޗުއްޓީގަ އަދި ދުވަސްކޮޅެއް އޮތީމަ ހިތަށް އެރީ މަޑުކޮށްލާނީއޭ. ބޯހަމަޖައްސާލާފަ ދާންވެގެން. ކޮންމެގޮތެއް ވިޔަސް އަހަރެން މިރަށަށް އައި ކަންތައް މިހާރު އެނގިއްޖެ ނުވާނެކަން. ދެރަވޭ ވަރަށް އަހަންނަށް މާފަހުން ވިސްނުނީމަ. އެކަމަކު ކިއްކުރާނީ. މިގޮތަށް ވާހަކަދައްކާލަންވެސް މިރަށުން އަހަންނަށް ކެރެނީ ކަލެ އާ އެކަނި" ފައްވާޒް ވާހަކަދެއްކިއެވެ.
"ދެރަގޮތެއްނުވާނެ ﷲ އިރާދަކުރެއްވިއްޔާ" އައްފާނަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"މަބުނީ ޒާރާ ކަލެއަށް ގުޅާނެއްނު. ގުޅާފަހަރަކުން ބުނެދެއްޗެ އަހަރެން ވަރަށް ލޯބިވެޔޭ. ބުނާތި އަހަންނަށް ވިސްނިއްޖޭ. އަހަރެން މިރަށުގަ އެބަހުއްޓޭ ނުބުނާތި. އޭރުން ވަރަށް ރުޅި އަންނާނެ. ބުނާތި ޒާ އަށް އަހަރެން އިންތިޒާރުކުރަމޭ"
ފައްވާޒްގެ ވާހަތަކުން ހިނދަކަށް ފަހު ހިނދެއް އައްފާންގެ އެތެރެހަށީގައިވާ ލެ އަށް ބަދަލު އަންނަމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ނޭވާ އަވަސްވަމުން ދިޔައެވެ. އެތަނުން އަވަހަށް ދާން ބޭނުންވިއެވެ. ފައްވާޒާ ދިމާވެ ވާހަކަދައްކާލެވޭ ކޮންމެފަހަރަކު އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދެއެވެ.
"މިދަނީ. ވަރަށް ލަސްވެއްޖެ ދޯ. އިރުއޮށްސެނީ" އައްފާން ބުންޏެވެ.
****
އިޝާނަމާދުން އައިސް އައްފާން ކޮޓަރިއަށް ވަންއިރު ޒާރާ އޮތީ އެނދުގައެވެ. ގާތުގައި ނިއަމް ހޭލާ އޮތެވެ. އައްފާނަށް ހެވުނެވެ. ނިއަމް ނިންދަވަން ޒާރާ އޮށޯތުމުން ނިއަމް އެ އޮތީ ޒާރާ ނިންދަވާފައެވެ. އައްފާން މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ޒާރާ ގެ ކައިރީގައެވެ. ޒާރާ އަށް ސިއްރުން ނިއަމް ނަގަން އުޅުމުގެ ތެރޭގައި ނިއަމް ގެ ފައިތިލަ ޒާރާގެ ނޭފަތުގައި ޖެހުނެވެ. އެހިނދު ޒާރާ ފުންމައިގެން ތެދުވިއެވެ.
"މަގޭ ދަރި.... މަގޭ ދަރި.... ގެނޭ..."
އެނދުގެ ހެޑް ބޯޑު ކައިރީގައި ނިއަމް އުރާލައިގެން ހުރި އައްފާން ހުރީ ހައިރާންވެފައެވެ. ފުންމައިގެން ތެދުވެ ދޮރާ ދިމާލަށް ހަޅޭއްލަވަމުން ދިޔަ ޒާރާ މައިތިރިވީ ނިއަމް ގެ އަޑަށެވެ. ޒާރާ އަށް އެވީ ގޮތެއް ނޭނގިފައި އައްފާން ހުއްޓެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އައްފާން އަތުން ނިއަމް އުރާލައިގެން އަލުން ޒާރާ އެނދަށް އެރުމުންނެވެ. ނިއަމްގެ ގައިގައި ބައްދާލައިގެން ޒާރާ އިނީ ދެލޯ މަރާލައިގެންނެވެ. އައްފާން މަޑުމަޑުން ޒާރާގެ ކައިރީގައި އިށީނެވެ. ޒާރާގެ އަތް މަތީގައި އަތް ބާއްވާލިއެވެ. ލަސްލަހުން ޒާރާ ދެލޯ ހުޅުވާލިއެވެ. އައްފާނާ ޒާރާގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ. އެވަގުތު ޒާރާގެ ދެލޮލަށް ބޮނޑިވެގަތް ދެ ކަރުނަ ގުޅަ އޭނާގެ ކޯތާފަތް ހުރަސްކޮށް ތިރިއަށް ދެމިގެން ދިޔައެވެ.
"ޒާ... ބަލީތަ؟" އައްފާން އެހިއެވެ.
ޒާރާ ބަހެއް ނުކިޔައެވެ. އޭނާ އަށް ރޮވެމުން ދިޔައެވެ. ސަބަބެއް އޭނާ އަށް ވެސް ނޭނގެއެވެ. އޭނާ ބިރުގަންނަނީއެވެ. ފަހު ވަގުތު ވަރަށް ބޮޑަށް އޭނާ ބަލިކޮށްލައިފިއެވެ. ހުރިހާ ވެސް މައްސަލައަކީ ފައްވާޒެވެ. ވާން އުޅެނީ ކީއްކަން ނޭނގި ޒާރާ ހިތުގައި ބޮޑު ބިރުވެރިކަމެއް ހަރުލައިފިއެވެ.
"ނިއަމް މިތާ ބައިންދަބަލަ" ޒާރާ އަތުން ނިއަމް އައްފާން ނެގިއެވެ. ކުޅޭ އެއްޗެއް ދީފައި ނިއަމް އެނދުގައި ބޭންދިއެވެ. އެއަށްފަހު އިތުރަށް އޭނާ ޒާރާ އާ ގާތަށް ޖެހިލިއެވެ. ދެއަތުން ޒާރާގެ މޫނުގައި ހިފަހައްޓާލާފައި އުފުލާލިއެވެ. ދެލޮލުގައި ބޮސްދިނެވެ. މޫނުގައި ބޮސްދިނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެ އަތުން ފޮހެދިނެވެ. އައްފާން އެ އޯގާތެރިކަމުން ޒާރާ އަށް އިތުރަށް ރޮވުނެވެ. ޒާރާ އައްފާންގެ ގައިގައި ބައްދާލިއެވެ. އޭނާގެ އޯގާތެރިކަމާއި ދެގޮތެއްނުވާ ލޯތްބާ ފިރުމުން ދީގެން ޒާރާގެ ހިތަށް ލުޔެއްދޭން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.
"އަހަރެން ޒާ އަށް އެހީވާނަން. ވީކަމެއް ބުނެބަލަ. ޒާ ތިގޮތަށް ރޯތަން ބަލަން އަހަންނަކަށް ކެތެއްނުވާނެ" އައްފާން ބުންޏެވެ.
"ހުވަފެނެއް ފެނުނީ" ޒާރާ ބުންޏެވެ.
އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހުވަފެނެއް ފެނުނު ވާހަކަ ޒާރާ ބުނެލި ގޮތުންނެވެ.
"މިގަޑީގަ ކީއްކުރަން ހިތް ނުތަނަވަސްކުރުވާ ހުވަފެން ބަލަނީ. ހާދަ ގަދައަށޭ ޒާ ތި ނިދާލީ" އައްފާން ބުންޏެވެ.
ޒާރާ ބޯޖަހާލިއެވެ. ކައިރީގައި އިން ނިއަމް އަށް އޭނާ ބަލައިލިއެވެ. އެހެން އިނދެ އަނެއްކާވެސް އައްފާންގެ މޭގައި ބޯ ލައްކޮށްލިއެވެ. ނިދުނު ކަމެއް ނުނިދޭ ކަމެއް އޭނާއަށް ޔަގީނެއް ނުވެއެވެ. މީހަކު ނިއަމް ގެންދަން އުޅުނު ހެން އޭނާއަށް ހީވީއެވެ. މާބޮޑަށް ހިތް ބިރުގަތީއެވެ. ހިތަށް ހަމަޖެހުމެއް ހޯދަން ނަމާދު ކުރަން އުޅުމުން އެކަންވެސް ކާމިޔާބެއް ނުވިއެވެ.
"ހިނގާ ކާން ދާން. ވަރަށް ބަނޑުހައި. ބޭރަށް ދަމާ ކާލަން" އައްފާން ބުންޏެވެ. އޭނާ ބޭނުންވީ ޒާރާ ހިތްހަމަޖައްސައިދޭށެވެ.
"ނޫން.. ގެއިން ކާނީ. މަގުމައްޗަކީ އަމާން ތަނެއް ނޫން" ޒާރާ ބުންޏެވެ.
ކުއްލިއަކަށް ޒާރާ އެފަދަ ޖުމްލައެއް ބުނުމުން އައްފާންގެ ހިތުގައި ސުވާލު އުފެދުނެވެ. ފައްވާޒް އުޅޭކަން ޒާރާ އަށް އެނގުނީ ހެއްޔެވެ؟ މީހަކު ޒާރާ ކައިރީގައި ބުނީ ހެއްޔެވެ؟ ނޫނީ މަގުމަތިން ފެނުނީ ހެއްޔެވެ؟ ޒާރާ އަށް އެ އައި ބަދަލުގެ ފަހަތުގައި ވަނީ ފައްވާޒް ހެއްޔެވެ؟
"އާދޭ ކާން ދާން" ޒާރާ ބުންޏެވެ.
އިތުރު ސުވާލެއް އައްފާނަށް ނުކުރެވި އުޅެނިކޮށް ނިއަމް އުރާލައިގެން ޒާރާ ނިކުމެއްޖެއެވެ. ގަބުވެފައި އައްފާން އެނދުގައި އިނެވެ. އޭނާ ސިއްރުކުރަން އުޅުނަސް ޒާރާ އަށް އެވަނީ ފައްވާޒް އައިސް އުޅޭކަން އެނގިފައެވެ. ދެ ހިތުގައި ވެސް މިވަނީ އެއް ބިރެއް އުފެދިފައެވެ. އެ ބިރުވެރިކަމާއެކު އުޅެން އައްފާނަށް ފަސޭހަ ވިޔަސް ޒާރާ އަށް ނުކުޅެދިފައިވާކަން މިރޭ އޭނާ އަށް އެނގިއްޖެއެވެ.
****
މުޅިން އައު ދުވަހެކެވެ. ފަތިސް ނަމާދުން ދުވަސް އައްފާން ފެށީ އާ އުއްމީދުތަކަކާ އެކުގައެވެ. އޭނާ ހުރީ ހުރީ ދުވަހުގެ ހުރިހާ ކަމެއްވެސް ދާނީ އެއްމެ ރަނގަޅަށް ކަމަށް އުއްމީދުކޮށްގެންނެވެ. ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރެފައި އިރުކޮޅަކާ އެނދުގައި އޮތް ޒާރާ އަށް ބަލައިލައެވެ. މިއަދު ޒާރާ ބަލިކޮށް އޮތް ދުވަހެކެވެ. ވަޒީފާ އަށް ދާން ބޭނުންނުވެފައި އެތައް ފަހަރަކު އެވާހަކަ އޭނާ ޒާރާ ކައިރީގައި ދައްކައިފިއެވެ. އައްފާން ގޭގައި ހުންނަން ޒާރާ ހިލާ އެއްބަހެއް ނުވިއެވެ.
ކުއްލިއަކަށް ޒާރާ ދެލޯ ހުޅުވާލީ ގާތުގަ މީހަކު ހުރިހެން ހީވުމުންނެވެ. ހީކުރި ގޮތަށް ދާދި ކައިރީގައި އައްފާން ހުއްޓެވެ. ޒާރާ ކުޑަކޮށް ފަހަތަށް ޖެހިލުމުން އައްފާން އިށީނދެލިއެވެ.
"ވަރަށް ރިއްސާތަ؟" ޒާރާގެ ނިއްކުރިމަތީގައި ފިރުމާލަމުން އައްފާން ބުންޏެވެ.
"ރިއްސާ އެބަ. މިފަހަރު އެހެންފަހަރުތަކާ ތަފާތު. ހިތަށް އަރަނީ ކިހިނެއްބާއޭ މިވަނީ" ޒާރާ ބުންޏެވެ.
"ޑޮކްޓަރަށް ދައްކަންވީނުން" އައްފާން ބުންޏެވެ. ޒާރާ ދެފަރާތަށް ބޯހޫރާލައިފިއެވެ.
"އަހަންނަށް ހީވަނީ ޒާ މާބޮޑަށް ވިސްނަނީހެން. އެވަރަށް ނުވިސްނަބަލަ. އަހަރެމެން މިތިބީ އެކަކު އަނެކަކާ އެކުގައެއްނު" އައްފާން ބުންޏެވެ. ކަޅިޖަހާނުލާ އައްފާންގެ މޫނަށް ބަލަހައްޓައިގެން އޮވެފައި ޒާރާ ބޯޖަހާލިއެވެ. އެހާ އަވަހަށް އައްފާންގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލައްވާލިއެވެ. އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެ އަތަށް ޒާރާ ބާރުކޮށްލުމުންނެވެ.
"ޒާ ތިހެން ބަލިކޮށް އޮށްވަ އަހަރެން ކިހިނެއް އެތާ ހުންނާނީ" އައްފާން ބުންޏެވެ.
"އެހާ ބައްޔެއް ނޫނޭ. ތަނަކަށް އަދި ތަދުވިޔަސް މާގިނައިރު މިހެނެއް ނޯވެވޭނެ. އިރުކޮޅަކުން ތެދުވެގެން ގޮސް ކޮންމެސް މަސައްކަތެއް ކުރަން އުޅޭނީ. އަހަރެން އުޅެނީ ބައްޔަށް ވުރެ ގަދަވެގެން" ހީލަމުން ޒާރާ ބުންޏެވެ.
އައްފާން ނިކުންނަމުން ޒާރާގެ ގައިގައި ބައްދާލިއެވެ. މޫނުގައި ފިރުމާލިއެވެ. ދޮރާ ހަމައިން ހުއްޓިފައިވެސް އޭނާ ލޯބިވާވަރު ޒާރާ އަށް ހާމަކޮށްދިނެވެ. ޒާރާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފިލައިގެން ދިޔައީ އައްފާން ނިކުމެ ދޮރުލެއްޕުނު ފަހުންނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ސުވާލުތަކަކުން ޒާރާގެ ހިތާ ސިކުނޑި ފުރި ބާރުވެއްޖެއެވެ. ފައްވާޒް މިރަށަށް އައިސް އުޅޭކަން އައްޔަ އަށް އަނެއްކާ އެނގޭ ހެއްޔެވެ؟ ފައްވާޒްގެ މަގްސަދު އައްޔަ އަށް އެނގޭ ހެއްޔެވެ؟ އައްޔަ އަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީ ހެއްޔެވެ؟ ފައްވާޒް މިރަށުގައި ހުރި ވާހަކަ އައްޔަ ކައިރީގައި ނުބުނެ ހުރުމުން މައްސަލައަކަށް ނުވާނެ ހެއްޔެވެ؟ ވިސްނަން ބޭނުން ނުވިޔަސް ހަމައެއް ލަމައެއްނެތި އެތައް ސުވާލުތަކަކުން ޒާރާގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ.
****
ކީއްކުރަން؟ ކޮން މޮޔައެއްވެގެން އެރަށަށް ތިދަނީ؟" އުނދުން ކައިރީގަ ހުރި ދިމްނާ ހިތްހަމަނުޖެހިފައި ބުންޏެވެ. މޭޒު ކައިރީގައި ފެން ތައްޓެއް ހިފައިގެން ސައީދާ ވެސް އިނެވެ. ނުހާ ހުރީ ސައީދާ ގެ ކުޑަ ތަންކޮޅެއް ފަހަތުގައެވެ.
"ކުރެވުނު ކަންތަކަށް މަޢާފަށްއެދެން. ދަރިފުޅު ދެކިލަން. ފަހަރެއްގަ ދަރިފުޅު ގޮވައިގެން އަންނަން" ނުހާ ވާހަކަދެއްކިއެވެ.
ހިނދުކޮޅަކަށް ސައީދާގެ ހިތަށް އުފަލެއް ލިބުނެވެ. އެހެންނަމަވެސް އޭނާގެ އުފާވެރިކަން ފިލައިގެން ދިޔައެވެ. ނުހާ އަކީ އޭނާގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި ދަރިއެއް ނޫނެވެ. ނުހާ ތެދެއް ހަދާފާނެ ކަމަކަށް އޭނާ ދުވަހަކުވެސް ގަބޫލެއް ނުކުރާނެއެވެ.
"މަންމާ..." ނުހާ ގޮވާލިއެވެ.
ހަޅޭއްލަވައި ގަންނަންވީ ކަމެއް ނުވަތަ ހިފައިގެން ހުރި ފެންތަށިން ނުހާގެ ގައިގައި ޖަހަންވީ ކަމެއް ސައީދާ އަށް ނޭނގުނެވެ.
"އަހަންނަށް މަޢާފްކޮށްބަލަ. އަހަރެން ރަނގަޅު ވެއްޖައިން. އެބަޔަކަށް އަހަރެންގެ ފަރާތުން ހިތްދަތިކަން ލިބުނު ހުރިހާ މީހުންގެ ކިބައިން މިދަނީ މަޢާފަށްއެދެމުން" ނުހާ ވާހަކަދެއްކިއެވެ.
ސައީދާ ފުންމައިގެން ތެދުވިއެވެ. އުނދުން ކައިރީގައި ހުރި ދިމްނާ ދުމެއް ޖަހާފައި އައިސް ހުއްޓުނީ ސައީދާ ކައިރީގައެވެ.
"ދިމްނާ، މި އަންހެނާ ކައިރީގައި އަހާބަލަ ކަށްވަޅުގައި އޮތް ބަފައިމީހާގެ ހިތް ރުހުން ހޯދޭނެހޭ"
ސައީދާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ނުހާގެ ސަބަބުން ފިރިމީހާ ތަހައްމަލުކުރި ވޭނުން ފުރިގެންވި ދުވަސްތައް ހަނދާންވުމާއެކު ހިތް ހީވީ އެތިކޮޅުތަކަކަށް ބުރައިގެން ދިޔަހެންނެވެ.
"ބުނޭ އެރަށަށް ގޮސް އަހަރެންގެ އަތުން ބީވެގެން ދިޔަ ދަނބި ދަރިފުޅާ މާމަ ދަރިފުޅު ގެ ހިތް ހަލާލު ހޯދައިގެން އެ ދެބަފައިން ގޮވައިގެން އަންނާށޭ. އޭރުން ފަހަރެއްގަ އަހަރެންގެ ހިތްހަލާލު ލިބޭނޭ" ސައީދާ ހިނގައިގަތެވެ. ނުހާގެ ކުރިމަތިން ސައީދާ ދިޔައިރުވެސް އެންމެފަހަރަކުވެސް ނުހާ އަށް ބަލައިނުލައެވެ. ނުހާ އަށް އެފަދަ ޖަވާބެއް އޭނާ ދިނީ އެއީ ދުވަހަކުވެސް ނުހާ އަށް ކާމިޔާބު ނުވާނެ ކަމެއްކަން އެނގި ހުރެއެވެ. އެހާ ފަސޭހައިން އެނާގެ ރުހުން ނުހާ އަށް ނުލިބޭނެކަން އަންގައި ދިނުމަށެވެ.
****
އަތިރީ މަގުން ކުރިއަށް ހިނގާފައި އައި ފައްވާޒް ހުއްޓުނީ އޭނާ އަށް މީހަކު ގޮވާލުމުންނެވެ. އޭނާ ބަލައިލިއިރު ތަންކޮޅެއް ދުރުގައި ދަންނަ މޫނެއްގެ ވެރި އަންހެނެއް ހުއްޓެވެ. އެއީ ޖީޒާ ކަން ފައްވާޒަށް އެނގުނީ ޖީޒާ އަށް ތަންކޮޅެއް ގާތަށް އާދެވުނު ފަހުންނެވެ.
"ފައްވާޒު ތަ؟. އެހެން ހީވެގެންނޭ ޖީޒާއްތަ މިގޮވާލީ" ޖީޒާ ބުންޏެވެ.
ފައްވާޒް ހުރީ ހައިރާންކަމާއެކު ޖީޒާ އަށް ބަލަހައްޓައިގެންނެވެ. މީގެކުރިންވެސް ޖީޒާ އަކީ އޭނާ އާ އެހާ ގާތްކޮށް ވާހަކަދައްކާފައިވާ މީހެއް ނޫނެވެ.
"ހައިރާންވެއްޖެދޯ. ޖީޒާއްތަ ކުޑަ ވާހަކައެއް ދައްކާލަން ހިނގާބަލަ އެތެރެއަށް" ހިތްހެޔޮކަން ދެއްކުމަށް ފައްވާޒްގެ އަތުގައި ޖީޒާ ހިފަހައްޓާލިއެވެ. އެވަރުންވެސް ޖީޒާ އާ އެކު އެތެރެއަށް ވަންނަން ފައްވާޒް ނޫޅުނެވެ.
"ޒާރާގެ ވާހަކަތަކެކޭ. އެކޮއި ހައިރާންވެގެން އަންތަރީސްވާވަރުގެ ވާހަކަތައް. މަޖުބޫރުން ހިމްނާމެން އެ މަންޖެ މީހަކާ ތަތްކުރި ވާހަކަ. މިނޫނީ ރަނގަޅު ފުރުސަތެއް ހިއެއްނުވޭ ދެން ލިބޭނެހެނެއް" ޖީޒާ ވާހަކަދެއްކިއެވެ.
ވަގުތުން ފައްވާޒްގެ ފިޔަވިހި ޖީޒާގެ ގެއާ ދިމާލަށް އަނބުރާލައިފިއެވެ. ޒާރާ ގެ ކޮންމެ ވާހަކައަކީ އޭނާ އަށް މުހިއްމު ވާހަކަތަކެކެވެ. އަމުދުން ޒާރާ ގެ މަޖުބޫރީ ހާލަތުގެ ވާހަކައެވެ. އެހާވަރަށް އެނގުނީތީވެސް ފައްވާޒްގެ އުއްމީދު އާވެއްޖެއެވެ.
(ނުނިމޭ)