ކާޝިފު ދިޔުމުން ފަރުހީން ހީކުރީ ގޭތެރޭގެ ކަންކަން ހަމައަކަށް އެޅުނީމަ އަންނާނެ ކަމަށެވެ. ގޭގެ ކަންތައްތަކުން ސަލާމަތްވެގެން އައިމާ މާފަށް އެދޭނީއެވެ. އެގޮތަށް ކާޝިފު ފޮނުވާލެވުނީތީ ދެރަވި ވަރު ބުނެދޭނެއެވެ.
އަމިއްލަ ހިތަށް ވިސްނައިދެމުން ފަރުހީން ދުވަސް ހޭދަކުރީ ކުދިންނާއި ނަރުގިސްއާއެކު އާދައިގެ ދުވަހެއް ފަދައިންނެވެ. އެކަމަކު އިރުއޮއްސުނު އިރުވެސް ކާޝިފުގެ ހަބަރެއް ނުވިއެވެ. ދެކުދިން ވަރަށް އިރާކޮޅު ނިދާނެތީ އިޝާ ނަމާދު ނިމިގެން ކުދިންނަށް ކާންދީ ނިންމައިގެން ނަރުގިސް އަވަހަށް ދިޔައީ ކުދިން ނިންދަވާށެވެ.
ފަރުހީންވެސް އިޝާ ނަމާދުން ފައިބައިގެން އެއްޗެއް ކެއުމަށް ކާކޮޓަރިއަށް ނުކުތެވެ.
މޭޒުމަތީގައި ކާން ހަދާފައި ހުރީ އޭނާގެ ބަދަލެއް ނާންނަ ދައްތަގެ މީރު ރަހަ ހުންނަ އަތުންނެވެ. ފެހިފަތާއި ތަރުކާރީ ސެލެޑްކޮޅަކާއި ކްރަންޗީ ފިހުނު މަސްކޮޅެއް ތަށްޓަކަށް އަޅައިގެން ކާކޮޓަރީގެ މޭޒުދޮށުގައި ހުރި ގޮނޑި ދަމާލިއެވެ. އުލުން އެތިކޮޅެއް ނަގައި އަނގައަށް ލަމުން އޭނާ އިށީނެވެ. ތާޒާ ޖޫސްޖަގުން ތަށްޓަކަށް އަޅާ ރަހަ ބަލައިލިއެވެ. ތާޒާ އަނބު އެތިއެތިކޮޅުވެސް ހުއްޓެވެ. މިގޭގައި އަބަދުވެސް ކާތަކެތި ހުންނާނީ ފިސާރި ސިއްހަތަށް ރަނގަޅު އަނގައަށް ރަހަމީރުކޮށެވެ. ނަރުގިސްގެ އަތުގެ ރަހަ ހަމަ ރަނގަޅީއެވެ.
ހަމަޖެހިގެން ފަރުހީނަށް ކެވުނީ ދެތިން އެތިކޮޅެވެ. ބޭރު ސިޓިންގރޫމް މޭޒުމަތީގައި ހުރި ފޯން ރިންގު ވާން ފެށީއެވެ. ނަރުގިސްއަށް އަޑުއިވިގެން އައިސްދާނެތީ އަވަހަށް ގޮސް ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
ސަލާމް ގޮވާލުމާއެކު އެކޮޅުން ވާހަކަ ދެއްކި މީހަކު ފަރުހީނަށް ގޮވައި ދިނުމަށް އެދިއްޖެއެވެ. އަދި ފަރުހީން މިއީ ފަރުހީނޭ ބުނުމުން ދެން އެ ބުނި ޖުމުލައަކީ މިހާތަނަށްވެސް އޭނާއަށް އިވުނު އެންމެ ބިރުވެރި ވާހަކައެވެ.
"ސޮރީ، ހީނާ، މިވަގުތުން ފެށިގެން ފަރުހީންސަލަމާ އަކީ ކާޝިފުގެ އަނތްބެއް ނޫން، ތިހިރީ ވަރިކޮށްފައި، ސާބިތު ކުރަން ކޯޓުން ޗިޓް ފޮނުވާނެ، މީގެ ފަހުން އަހަރެމެން ދުވަހަކުވެސް ބައްދަލުނުވާނެ، އަހަރެމެން ނުދަންނަން، ވެގެންދިޔަ ކަންތައްތަކަކީ ހުވަފެނެއް ކަމަށް ހީކޮށްފަ ހަމަޖައްސާލާ،"
ފޯނުގެ އަތްގަނޑު ހިފަހައްޓައިގެން އެހުރި ގޮތަށް ފަރުހީނަށް ތިރިވެވުނީ އެ ދިމާލުން ބިމަށެވެ. ގާތުގައި ހުރި ސޯފާއަށް ހަށިގަނޑު އަމާޒުކޮށްލާނެހާ ހިތްވަރެއްވެސް ނުކުރެވުނެވެ.
ރޯންވީ ކަމެއް ހޭންވީ ކަމެއް ނޭނގި ގަބުއަރާފައި އެހެން އިންދައި އެތަނަށް ނުކުތީ ނަރުގިސްއެވެ.
ކޮއްކޮއަށް ވެފައި އިން ގޮތް ފެނުމުން ނަރުގިސްއަށް ކޮންމެވެސް ނުބައެއްގެ އިހުސާސް ކުރެވިއްޖެއެވެ. އަވަސް އަވަހަށް ފަރުހީންގެ ގާތަށް ގޮސް އޭނާގެ އަތުން ފޯނުގެ އަތްގަނޑު ހޯދައި ފޯނުމަތީ ބޭއްވިއެވެ. އަދި ފަރުހީންގެ ދެކޮނޑުގައި ހިފައި ނަގާ ސޯފާގައި ބޭންދިއެވެ.
ޝޮކެއް ޖެހިފައި އިން ފަރުހީންގެ ދެކޮނޑުގައި ހިފައި ތަޅުވާލިއެވެ. އެއްވެސް އަސަރެއް ނުކުރުމުން ނަރުގިސްއަށް ފަރުހީންގެ މޫނުގައި މަޑުމަޑުން އަތުން ޖަހާލިއެވެ. އެއާއެކު ފަރުހީން ހީވީ ތެޅިގެންފައި ދުރަށް ޖެހިލި ގޮތުން ބިރުވެރި ސޫރައެއް ފެނުނު ހެނެވެ.
"އޭހ ކޮއްކޯ، ކިހިނެއްވީ. ދަރިފުޅާ، ދައްތަ ގާތު ބުނެބަލަ، ކާކުގެ ކޯލެއް؟" ނަރުގިސް ދެރަވެފައި އަހާލިއެވެ.
"ދައްތާ. އޭނަ، އޭނަ އަހަރެން، ވަރި...." ނަރުގިސްގެ މޭގައި ބޯ ޖައްސާލުމާއެކު ފަރުހީނަށް ރޮއިގަނެވުނީ ބާރަށެވެ. ނަރުގިސްއަށް ހީވީ އޭނާގެ މޭ ދެފަޅިއަކަށް އިރައިގެން ދިޔަހެނެވެ. ހަމަ ކުއްލިއަކަށް މިވީ ކިހިނެއްބާވައެވެ.
"އެކަމަކު.... ހާދަ އަވަހަކަށް ގޮތް ނިންމީ.... ކާޝިފް އެއީ ކޮންކަހަލަ މީހެއް!؟" ނަރުގިސްގެ ހިތް އެހާ ފަސޭހައިން އެ ވާހަކަ ގަބޫލު ކުރާކަށް އެއްބަހެއް ނުވިއެވެ.
"ޔަގީންތަ ކޮއްކޮއަށް އެއީ ހަމަ ކާޝިފްގެ އަޑުކަން؟" ނަރުގިސްއަށް އެ ސުވާލު ނުކޮށް ނުހުރެވުނެވެ.
"އާނ.... އެ އަޑު އަހަންނަކަށް ނުއޮޅޭނެ...." ފަރުހީން ގިސްލުން އޮބަހައްޓަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
"އެކަމަކު ކައިވެންޏަކީ ކުޅިވަރެއްތަ؟ އިއްޔެ އިނދެފަ މިއަދު ވަރިކޮށްފަ!" ނަރުގިސް ނުރުހިފައި ވާހަކަދެއްކިއެވެ.
"ދޮންދައްތާ.... އަހަރެން ބޭނުމީ ނިދާލަން.... އެއްވެސް އެއްޗެއް ވިސްނާނެ ވަރެއް އަހަރެންގެ ގަޔަކު ނެތް....." ފަރުހީން ސޯފާއިން ތެދުވަމުން ބުނެލިއެވެ. އަދި ނަރުގިސް ފަރުހީން ހުއްޓުވާކަށް ގަސްދެއް ނުކުރިއެވެ.
**********
އާޝިޔާނާމަހަލަށް އީދެއް އައިސްގެން އުޅޭ ކަހަލައެވެ. ގޭގައި ޕާޓީއަކަށް ތައްޔާރު ކުރެވެނީއެވެ. ކުއްލިއަކަށް ހަމަޖެހުނު ވަރަށް އަވަސް ޕާޓީއެކެވެ. ދައުވަތު ދެވުނީ އަވަށްޓެރިންނާއި ގާތް ތިމާގެ މީހުންގެ އިތުރުން ހާއްސަ އެކުވެރިންތަކަކަށެވެ. ހެނދުނުގެ ނާސްތާއަށްފަހު ޒަހުރަބާން އަވަސް އަރުވާލާފައި މަސައްކަތު މީހުންނަށް އެކި ކަހަލަ އިރުޝާދު ދިނުމުގައި އުޅެގަތެވެ. ގޭގައި އެތައް ބަޔަކު އެކި ކަންތަކަށް ތިބުމާއެކުވެސް މި ހާއްސަ ރެއަށް ހުރިހާ ކަމެއް ކުރަން ޒަހުރަބާން ބޭނުންވީ އޭނާގެ އަމިއްލަ ބެލެހެއްޓުމުގެ ދަށުންނެވެ. ކަންތައް ކޮންމެ ގޮތަކަށްވެގެން ދިޔަ ކަމުގައި ވިޔަސް ކާޝިފަކީ އަދިވެސް ހަމަ އޭނާގެ މޭގެ އެންމެ ހާއްސަ އެތިކޮޅެވެ.
ގޭގައި އުފަލުން ނުފޮޅޭ އެކަކުވެސް ނެތެވެ. ކޮންމެ މީހަކުވެސް ގެއަށް އައި ނުރައްކާތެރި ބޮޑު ކަމަކުން ސަލާމަތްވި ކަމުގެ ހިތްހަމަޖެހުން ލިބިގަންނަނީއެވެ. ޝިއްޔަތާއި ވަކީލާ ހީނހީނފައި ރެއަށް ތައްޔާރު ކުރުމުގައި އުޅޭއިރު އެކަކު އަނެކަކަށް ވާން އުޅޭ ދަނބި، ޅީދަރިންނާއެކީ އަންނަން އުޅޭ އާ މެހެމާނާއާ މެދު ކޮންމެވެސް ކަހަލަ ހިޔާލެއް ބަދަލުކޮށްފައެވެ. ޝިއްޔަތު ހީކުރި ވަރަށްވުރެ މައްސަލަ ހައްލުވީ އަވަހަށެވެ. އެކަމާ އޭނާއަށް ލިބިފައިވާ އުފާވެރިކަން ބުނެދޭކަށްވެސް ނޭނގެއެވެ. ދަރިފުޅުގެ ފަސްބައިގައި ހުޅު ހިފާފައި، އަނދައިގެން ނުދަނީސް ނިވާލެވުނުކަމުގެ އުފަވެރިކަމަކީ ބަޔާންކޮށްދޭން ފަސޭހަ ކަމަކަށް ނުވާނެތާއެވެ.
ހައްލުކުރަން އެންމެ ދަތިވި ކަންތައް ޒަހުރަބާން ހަމަޖައްސާލި ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ކާޝިފާ ވަކިން ޒަހުރަބާން ދެއްކި ވާހަކައެއްވެސް ނޭނގެއެވެ. އަލަތު އަނބިމީހާގެ ގެއިން އެނބުރި އައިތާ، ހަމަ އެންމެ ސައުވީސްގަޑިއިރު ތެރޭ ކާޝިފު އެއްބަސްވެއްޖެއެވެ. އުލާ އިން ހާލުގެ ޒިންމާ ނެގިނަމަވެސް އެހާ ފަސޭހައިން ކައިވެންޏަށް އެއްބަސް ވެދާނެ ކަމަކަށް އެކަކުވެސް ހިއެއް ނުކުރެއެވެ.
އަރާމު ނިދާކޮޓަރީގެ ތަނަވަސް ބޮޑު އެނދުގައި އިށީނދެގެން އިން ކާޝިފަށް ގޭތެރޭގައި އެކި މީހުން އެކި ކަންކަމުގައި ދެކޮޅަށް ހެލިފެލިވާ އަޑު އިވެއެވެ. އެއިން އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރިވާން ބޭނުން ނުވާތީ "ރޭގައިވެސް ނުނިދާ ހުރީމަ ބޮލުގައި ރިއްސަނީ، މިރެއަށް ތައްޔާރުވެވޭނީ ވެސް ކުޑަކޮށް ނިދާލައިގެންތާ...." މި ކަހަލަ ބަހަނާއެއް ދައްކާފައި އެ އިނީ ކޮޓަރިއަށް ވަދެ ފިލައިފައެވެ.
އުމުރުން ހަމަ އެންމެ ނަވާރަ އަހަރުގައި މި ދިމާވި ކަންތައްތަކާ މެދު ވިސްނާލުމުން އަމިއްލަ މޮޔަކަމާ މެދު ކާޝިފު ރުޅިވެސް އަތުއްޖެއެވެ. މިހާރު ދެން އޭނާ ބަނދެވެން އެ އުޅޭ މަޅި ހިތަށް އެރުމުން މާ ނޭވާއެއް ލެވުނެވެ. އުލާއާ އެކު ހޭދަކުރެވުނު ވަގުތުތަކާ މެދު ހިތަށް އެރީ ހަމަ އެ ދަނޑިވަޅުގައެވެ. ހަގީގަތަކީ އޭނާގެ އަލަތު ތަޖުރިބާއަކީ އުލާ ކަމަށްވިޔަސް އުލާގެ ކިބައިން އޭނާއަށް ހައިކަމެއް ފިލުވާ ނުލެވޭ ކަމެވެ. އެކަކަށް ނޭނގުނަސް އޭނާއާ އުލާގެ ގުޅުން ފެށުނީ އިއްޔެއަކު އިހަކަށް ދުވަހަކު ނޫނެވެ.
އެއީ މީގެ ދޮޅު އަހަރު ކުރިއެވެ. އުމުރުގެ ގޮތުން ބަލާއިރު، ކާޝިފަށްވުރެ އުލާ ދޮޅު އަހަރެއްހާ ދުވަސް ހަގެވެ. އެ ރެއަކީ އުލާގެ އުފަންދުވަހުގެ ރެއެވެ. އާއިލާގެ ހުރިހާ ޒުވާން ކުދިންކޮޅު އެރެއަށް ރޭވި ހާއްސަ ޕްރޮގްރާމަށް ޒަހުރަބާން ހުއްދަ ދިނީވެސް ކާޝިފަށްޓަކައެވެ. އޯވާނައިޓް ދަތުރު ދިޔައީ ދިއްފުށްޓަށެވެ. އާއިލާގެ ބޮޑެތި މީހުން އިތުބާރު ކުރީ ކާޝިފާއި މަސީހަށެވެ. އަދި އެ ދެމީހުން ވީ އެންމެ ބޮޑު ދެ "އިބިލީހަށެވެ!"
ދިއްފުށީގެ ނުހަނު ހިތްފަސޭހަ ގޮނޑުދޮށުގައި ކާޝިފު، އުލާ ގޮވައިގެން ލޯބީގެ އެތައް ލަވަތަކެއް ކިޔެވެ. އެރޭ އުދަރެހުގައި ރަނިކަން ކުރި ހަނދުވެސް ލަދުން ވިލާތަކުގެ ތެރޭ ފިލީ ނިވާކަމެއް ނެތް އެ ސަމާސާ ބަލަން ލަދުން ކަންނޭނގެއެވެ.
ކޮންމެއަކަސް ފަރުދާ ކެހި ހުޅުވާލި "ލޯބީގެ" ބަގީޗާގެ ތެރެއަށް ވަދެ ގެއްލެމުން ދިޔައީ އެ ފުރުސަތު ލިބިފައި އޮތުމުންނެވެ. އާއިލާގެ އެކަކަށްވެސް ނޭނގުނު ކަމަކީ ބަދަލުވަމުން އަންނަ ޒަމާނާއެކު ހަލުވި ދުވެލީގައި ވަމުންދާ ތަހުޒީބުގެ ނުރަނގަޅު އަސަރު އެ އާއިލާގެ ޒުވާންވަމުން އަންނަ ކުދިންނަށް ކޮށްފައިވާކެމެވެ. ކާޝިފަށް ވަކި ކޮޓަރިއެއް ދީފަ ހުރީ އަށާރަވަނަ އުފަންދުވަހުގެ ހާއްސަ ހަދިޔާއަކަށެވެ. އަދި އެ ކޮޓަރީގެ ބޮޑު އެނދުގައި އުލާ ނިދީ ކިތައް ރޭ ކިތައް ފަހަރު ކަމެއް ހުދު ކާޝިފަށްވެސް ނޭނގެއެވެ.
މިއަދު ހުރިހާ ކަމެއް ވަމުން އެދަނީ ކާޝިފު ބޭނުންވާ ގޮތަށް ނޫން ކަމަށްވިޔަސް އޭގައި ކުރެވޭނެ އެއް ކަންވެސް ނެތެވެ. އެނދުގައި ހުރަހަށް އޮށޯވެ ސީލިންއަށް ކަޅި ހުއްޓާލައިގެން އޮތް ކާޝިފުގެ ލޯ މަތިން ހިނިތުންވެފައިވާ އެ ރީތި މޫނު ފާޅުވެއްޖެއެވެ. ސީދާ ތެދު ނަލަނަލަ ނޭފަތުގައި އެހެރަ ވިދާބަބުޅާ ކުޑަކުޑަ ބޮޅު، އެއީ ކާޝިފްގެ ލޯބީގެ ފުރަތަމަ ހަދިޔާއެވެ. ފަރުހީންގެ ނޭފަތުގެ ރީތި ވާހަކަ ބުނެލާ ކޮންމެ ފަހަރަކު ރަކިވެ ހުރެ ހިނިތުންވެލާއިރު ފަރުހީންގެ އުމުރު އެއްވެސް ވަރަކަށް ނުފެންނާނެއެވެ. އަމުދުން އެންމެ ރެއަކު އޭނާއަށް އެ ފަރުހީން މިލްކުކޮށްލެވުމުން، އެނގުނު އެއްޗަކީ ފަރުހީނަކީ ދެކުދިންގެ މަންމައެއް ކަމަކު އެއީ އަދިވެސް ހަމަ ނުފޮޅޭ މަލެއް ކަމެވެ.
ކާޝިފަށް ކެތް ކޮށްލައިގެން ނުއޮވެވުނެވެ. އެނދުން ތެދުވެގެން ކޮޓަރީގެ ދެކޮޅަށް ހިނގަމުން ކާޝިފް ރޯކޮށްލި ސިނގިރޭޓް ދިގުކޮށް ދެ ފަހަރަކު ދަމާލިއެވެ. އަތުކުރީގައި އޮތް ގަޑި ބަލައިލިއެވެ. އަދި ވަގުތު އެބައޮތެވެ. ހަށިފުރާ ނޭވާއެއްލުމަށްފަހު ކާޝިފް ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުންނާށެވެ.
މުޅި ގޭތެރޭގައި ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ގޭގެ މީހުންގެ ލޯތަކަށް ފިލަމުން ގޮސް ކާޝިފް ބޮޑު ދޮރުން ބޭރަށް މަގަށް ނުކުމެއްޖެއެވެ. މަގުމަތީގައިވެސް ގޭގެ މީހުން އުޅޭނެކަން އެނގޭތީ ދުރުދުރުގައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޖެހިގެން އޮތް ހަނި ގޯޅިއަށް ވަދެ ގެއްލިއްޖެއެވެ.
ބަގީޗާ ހައްދާފައި އޮތް ކުޑަކުޑަ ގޯތިތެރެ ހުރަސްކޮށް ކާޝިފު ގޮސް ވަނީ އެ ގޭގެ ބޮޑު ކޮޓަރިއަށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ހަވީރުގެ ވަގުތުކަމުން ކުދިން ގޮވައިގެން ނަރުގިސް ބޭރަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެލެވުނީ އިހުތިޔާރަކާ ނުލައި ކާޝިފަށް ހިނިތުންވެލެވުނެވެ.
ފަރުހީންގެ ކޮޓަރީގެ ދޮރު ހުރީ ތަޅު ނުލައެވެ. މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލުމާއެކު ކާޝިފު ދޮރު ހުޅުވާލިއެވެ. ދޮރަށް ފުރަގަސްދީގެން އެނދުގައި ބަންޑުން އޮތް ފަރުހީނަކަށް ކާޝިފުގެ ހިމަލެއް ނުވިއެވެ.
"ޖާނާ...." ކާޝިފަށް މާ ގިނަ އިރަކު ހިމޭނުން ނުހުރެވުނެވެ.
ފަރުހީނަށް ފުންމައިގެން ތެދުވުމާއެކު ދާދި ގާތުގައި ހުރި ކާޝިފުގެ މޭގައި ލައްވެގަނެވުނެވެ. ރޮއިގަނެވުނީ ކުޑަކުއްޖަކު ފަދައިން ބާރަށެވެ.
"މިހާރު ދެން އަހަރެން ދޫކޮށްލާފައި ނުދާތި، ޕްލީޒް،"
ކާޝިފަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަކަށްވެސް މި ރީތިކަމާ މި ހިތްހަމަޖެހުމާ ދުރަކަށް ނުދެވޭނެއެވެ. އެކަމަކު ތާ އަބަދަށް އެކުގައި އުޅެވޭކަށްވެސް ނެތެވެ. ގަދަކަން ދައްކަން އޭނާ ގެއާއި އާއިލާ ދޫކޮށް އައިސް ފަރުހީން އަމިއްލަ މިލްކަކަށްވެސް ހެދިއެވެ. އެކަމަކު އޭނާއަށް ދިމާވީ އުނދަގޫ ހާލަތެކެވެ. އެކަން ހައްލުކުރަން ހަދާނެ އެއްގޮތްވެސް ނޭނގިގެން އާއިލާގެ މަތިން ކުރި ހުކުމަށް ބޯލަނބައި ކިޔަމަންވިޔަސް ކާޝިފަށް ފަރުހީން މުޅިން ދޫކޮށެއް ނުލެވުނެވެ.
ކާޝިފް ބޭނުންވަނީ އޭނާގެ މި ހާސްކަން، މި މަޖުބޫރުވެފައިވާ ހާލަތު ފަރުހީނަށް ކިޔައިދޭށެވެ.
(ނުނިމޭ)