ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 53

4

ހިމްނާ ހިތްހަމަނުޖެހުނެވެ. އަބަދު އަބަދު ފައްވާޒްގެ ވާހަކަ ނޫރީން ދައްކާ އަޑު އަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ނޫރަށް ކިހިނެއްވެފަ ތިއިންނަނީ؟ ކޮންތާކުން ފައްވާޒު ފެނުނީ؟ އޭނަ އެބައުޅޭތަ މިރަށަށް ނާދެވިގެން. އަންނަން ބޭނުމެއް އެބައޮތްތަ؟" ހިމްނާ ވާހަކަދެއްކިއެވެ.

"ހަމަ އަސްލުވެސް މަންމާ. ކުރީ ދުވަހު ހެނދުނު އަޅުގަނޑު ދުށިން. ކުރިމަތީގައި ހުރެ ވާހަކަވެސް ދެއްކި. ދޮންތި ކޮބާހޭވެސް އެހި. މަންމަ ފެނުނީމަ ފިލީ"

ނޫރީން ދެއްކި ވާހަކަތަކަށް ފަހު ހިމްނާ އަށް އިނދެވުނީ ހުއްޓުން އަރާފައެވެ.

****

ކާން އިން އިރުވެސް އައްފާން އިނީ ފާޑަކަށެވެ. މިހާރު ދެތިން ފަހަރަކު އައްފާން ގެ އަތުގައި ކޮށްޓާލާފައިވެސް ޒާރާ އަހައިފިއެވެ. އައްފާންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޒާރާ ގެ ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދޭން ބޭނުންވިޔަސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ ހިތާއި ސިކުނޑި އަށް އުނދަގު ކުރަމުން ދިޔަ ވާހަކަތައް ދުލާ ހަމައަށް ނުގެނެވުނެވެ. ހިތުގައި ވަނީ ނޭނގޭ ބިރުވެރިކަމެއް ހިފާފައެވެ. އަނެއްކޮޅުން ފައްވާޒާ އެކު ކޮފީ އަށް ދާން އެބަޖެހެއެވެ. އޭނާގެ ބޭނުމާއި ވިސްނުން ހުރި ގޮތް ބަލަން ޖެހެއެވެ. ޒާރާ ހިމާޔަތް ކުރަން ޖެހެއެވެ.

"އަހަރެން އަންނަންތަ ކޮފީ އެއް ބޮއެގެން" އައްފާން ބުންޏެވެ.

ޒާރާ އަށް ލިބުނީ ހައިރާން ކަމެކެވެ. ރަނގަޅަށް ކައި އަދި ނުނިމެއެވެ. އައްފާން ކޮފީ އަށް ދާ ވާހަކަ ބުނުމުން ޒާރާ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

"ވަރަށް މުހިއްމު" ޒާރާ ބަލަހައްޓައިގެން އިންގޮތުން އައްފާން ބުންޏެވެ.

"ދޭ. އެކަމު ތަށި ހުސްކޮށްފަ ދާން ޖެހޭނީ" ހީލަމުން ޒާރާ ބުންޏެވެ.

ކައި ނިމި އަތްދޮވެގެން އައިސް އައްފާން ހުއްޓުނީ މޭޒު ކައިރީގައެވެ. ފެންތަށި ބޯލައިގެން ނިކުންނަން އުޅެފައި އޭނާ ފަހަތް ބަލައިލިއެވެ. ޒިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި ޒާރާ ކައިރިއަށް އޭނާ ޖެހިލިއެވެ. ފަހަތުން ޒާރާ ގެ ގައިގައި ބައްދާލާފައި ކޮލުގައި ބޮސްދިނެވެ. އައްފާންގެ އެ އަމަލުން ޒާރާ އަށް ހެވުނެވެ.

"މާ ލަހެއް ނުކުރާނަން" އައްފާން ބުންޏެވެ.

****

ކޮޓަރި އަށް ވަންގޮތަށް ހިމްނާ އަށް އިނދެވުނީ ޖެހި ބުދެއްހެން އެނދުގައި އިށީނދެގެންނެވެ. ނޫރީން ދެއްކި ވާހަކަތަކަށް ފަހު ފައްވާޒް ރަށުތެރޭގައި އުޅޭކަން އޭނާ އަށް ޔަގީންވެއްޖެއެވެ. ފައްވާޒު ޒާރާ އާ ހަމައަށް ނުގޮސް ހުންނާނޭހެން ހިއެއް ނުވެއެވެ. މިހުރިހާ ދުވަހު މަގްސަދެއް ނެތި ފައްވާޒު އައުމުގެ ބޭނުމެއް ނޯންނާނެއެވެ. އެކަމަކު... ފައްވާޒް ހުރިކަން ޒާރާ އަށް އެނގޭ ހިސާބުން ނިކުންނާނީ ކޮންކަހަލަ ނަތީޖާ އެއް ކަމެއްވެސް ނޭނގެއެވެ. ކައިރީގައި އޮތް ފޯނު ހިމްނާ ނެގިއެވެ. ޒާރާ ގެ ނަންބަރަށް އޭނާ ގުޅާލިއެވެ.

"އާނ މަންމާ" ޒާރާގެ އަޑު ޖެހުމާއެކު ހިމްނާ އަށް ހަށިގަނޑު ސީދާކޮށްލެވުނެވެ.

"މަންމާ، " ޒާރާގެ އަޑު އިވުނެވެ.

"ކޮންކަމެއްގަ ތިއުޅެނީ؟" ހިމްނާ އެހިއެވެ.

"ކައިގެން އައިސް ކޮޓަރިއަށް ވަނީ މި. އައްޔަ ގޭގަ ނެތް. ވަސިންތަ އާ އެކު މަގުމަތި ޖޯއްޔަށް ނިކުމެލަނީ މި" ޒާރާ ވާހަކަދެއްކިއެވެ.

ހިމްނާ އަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ޒާރާ ގެ އަޑުން އަދި އެއްވެސް ކަމެއް ގޯހެއް ނޫންކަން އޭނާ އަށް އެނގުނެވެ. ނޫރީން ދެއްކި ވާހަކަތައް ޒާރާ ކައިރީގައި ބުނަން ހިތަށް އެރިއެވެ. އެކަމަކު ބޭކާރު ކަމެކެވެ. ހުދު ޒާރާ ވެސް އަޑުއަހާކަށް ބޭނުމެއް ނުވާނެއެވެ.

"ފަތިހު ތި ދިމާލުން ނިކުމެލައްޗޭ މަންމަ އާ އެކު ހިނގާލަން" ހިމްނާ ބުންޏެވެ.

ފޯނު ބާއްވާފައި ހިމްނާ ވަނީ ފާހާނާ އަށެވެ. މުޅިއަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ޒާރާގެ ފިކުރު އޭނާ އަށް ކުރެވެމުން ދިޔައެވެ. ކުރިން ފިކުރު ކުރީ ޒާރާ ގެ ހަޔާތުން ފައްވާޒު ދިޔުމުންނެވެ. ކުއްލިއަކަށް ބޮޑު އަނދަވަޅެއްގެ ތެރެއަށް ޒާރާ ވެއްޓުމުންނެވެ. ޅަ އުމުރުގައި އަލަތު ކައިވެނި ރޫޅި އަލަތު ދަރިފުޅު ވަކިވުމުގެ ފުން ހިތާމައިގައި ފުން މިން ނޭނގޭ ކަނޑަކަށް ޒާރާ ގެނބެމުން ދިޔައީ އެއްވެސް އިންސާނަކަށް ވިސްނާލަންވެސް ނޭނގޭހާ ހަލުވިކަމާ އެކުގައެވެ. ދިރިއުޅުން ސީދާވެ ކޮޅަށް ޖެހުނީ ދާދި މިދާކަށް ދުވަހުއެވެ. ދެވަނަ ފަހަރަށް ވެސް ހަމަ އެހިތާމަތައް ޒާރާ އަށް ދޭން އެ އައީ ހަމަ އެ އިންސާނާ އެވެ. ނުރައްކާތެރި ތޫފާނަކަށް ވުރެ ފައްވާޒު ގެ ކަންތައް ކުޑައެއް ނޫނެވެ. ހިމްނާ ބޭނުންވީ ހިތަށް ވެރިވި ނުތަނަވަސްކަން އެކަލާނގެ އަށް ޖަހައިލެވޭ ސަޖިދައަކުން އެކީ ފިލުވާލާށެވެ.

****

ކެފޭ ތެރެއަށް ވަނީ އައްފާނާއި ފައްވާޒު އެކީގައެވެ. އެންމެ އެތެރޭގައި ހުރި ބޯ ގަސްތައް ކައިރީގައި ހުރި މޭޒު ކައިރީގައި އިށީނދެފައި އައްފާން ފައްވާޒަށް ބަލައިލިއެވެ. ފައްވާޒު މާސްކް އަޅައިގެން އިނުމުންނެވެ.

"މިރަށު މީހުން މަށަށް ބަލާއިރު ހީވަނީ ބުޅާ މަސްގަނޑަށް ދަހިވެތިގެން ބަލާހެން ވިއްޔާ. އަދި ކިރިޔާ މަށަށް މި އެނގުނީ ޒާރާގެ ކަންތަކުގަ މިރަށު މީހުން މަށަށް އަދަބުދޭން ބޭނުންވެފައި ވާވަރު" ހިނިގަނޑެއް ޖަހައިލަމުން ފައްވާޒު ބުންޏެވެ.

ޒާރާ އާ ގުޅޭގޮތުން ފައްވާޒު އެއްޗެއް ބުނުމުން އައްފާން އިނީ އުނދަގުވެފައެވެ. އޭނާ އަށް އެއްވެސް ކަމެއް މަޖަލެއް ނުވިއެވެ.

"ކޮންކަމެއްގަ އައިސް ތިއުޅެނީ؟" ކޮފީ އަށް އޯޑަރުދީފައި އައްފާން އެހިއެވެ.

"އެނގެއެއްނު. ޒާރާ ކަންތަކުގަ" ފައްވާޒް ބުންޏެވެ. ކުރިމަތީގައި ހުރި ފެންފުޅީ ގައި އައްފާނަށް ބާރަށް ހިފަހައްޓާލެވުނެވެ.

"އަދި މިއުޅެނީ ލޮލަށް ނުފެނިގެން. އަހަންނަށް ޒާރާ އާ ބައްދަލުކޮށްދީބަލަ. އެޓްލީސްޓް މަޢާފަށްއެދެން އަހަރެން ބޭނުން" ފައްވާޒް ބުންޏެވެ. އައްފާނަށް އޭނާގެ ނޭވާ އަވަސް ވަމުންދާކަމެއް ނޭނގެއެވެ. ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ގަނޑު ރުޅިވެރިކަމުގެ ސިފަ ހިޔާރުކުރަން އުޅޭހެންވެސް ހީވާން ފަށައިފިއެވެ. އެހެންނަމަވެސް ރުޅި އިސްނުކުރަން އޭނާ ސިކުނޑި އަށް ބާރުފޯރުވަމުން ދިޔައެވެ. ފިނިފެން ފުޅި އޭނާ އަނގައަށް އޮށްސާލިއެވެ. ހީވީ ފިނި ފެނުން ހަށިގަނޑުގައި އަނދަމުން ދިޔަ އަލިފާންގަނޑު ނިވާލި ހެންނެވެ.

"ކަލޭ ތި ހޯދާ ޒާރާ މިހާރު މިރަށުން ނުފެންނާނެ" އައްފާން ބުންޏެވެ.

"ތިބުނީ؟ ޒާރާ ރަށުގަ ނެތީތަ؟" ފައްވާޒު ބުންޏެވެ.

"ތި ހޯދާ ޒާރާ އެއް ނޫޅޭ" އައްފާން ބުންޏެވެ.

ފައްވާޒު ކަރު އެލުވާލިއެވެ. ކުރެވުނީ ބޭކާރު ދަތުރެއްކަން އެނގުމުން ހިތް މުޅިން މާޔޫސްވިއެވެ. ކޮފީ ތަށި މަތިން ވެސް ފޫހިވިއެވެ.

"މާލޭގަތަ ވީ؟ ކުރީ ގެންގުޅުނު ނަންބަރަށް ނުވެސްގުޅޭ. މިހާރު ގެންގުޅޭ ނަންބަރު އެބައިންތަ؟" ފައްވާޒް ވާހަކަދެއްކިއެވެ.

އަހަރެން ދެންތަ ވަރަށް ރަނގަޅު ނަޞޭޙަތެއް. އަހަންނަށް ޒާ އެނގޭތީ މިބުނަނީ. އެއީ އެއްވެސް މީހަކަށް ހިތް ގޯސްކުރާނެ ކުއްޖެއް ނޫން. އެއީ އެއަށްވުރެ ސާދާ ދީދާ ސާފު ހިތެއްގެ ވެރިއެއް. މީހަކު ދެކެ ލޯބިވިއްޔާ ހިތާ މުޅި ހަށިގަނޑުން ލޯބިވާނެ. މީހަކު ދެކެ ފޫހިވިޔަސް ހަމަ މިދަރައިޖައިގަ ފޫހި ވާނީ. ކަލެ އާ މެދު މިހާރު އޭނާ ވިސްނާހެނެއް ހިއެއްނުވޭ. މިބުނީ ހިތް ގޯސްކޮށްގެނެއް ނޫނޭ އުޅެނީ. އަހަންނަކަށް ޒާ ގެ ނަންބަރެއް ނުދެވޭނެ ޒާ ގެ ހުއްދައެއް ނެތި. އެއީ އަހަންނަށް ހުއްދަ ކަމެއްވެސް ނޫން. މިއަދު އަހަންނަށް އޮތް ހަމައެކަނި ގޮތަކީ ޒާރާ ހިމާޔަތްކުރުން" އައްފާން ވާހަކަދެއްކިއެވެ.

ފައްވާޒް އައްފާނަށް ބަލަހައްޓައިގެން އިނީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ. އެހެންނަމަވެސް ފަހުން އޭނާގެ ސިކުނޑި ދެއްކީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް ނޭނގެއެވެ. ފައްވާޒްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެއްވެސް ކަމެއްގައި އައްފާން ކުށްވެރި ކުރެވޭކަށް ނެތެވެ. އޭނާ ފަދައިން ޒާރާ އަކީ ވެސް އައްފާންގެ ރަހްމަތްތެރިއެކެވެ. ޒާރާ އާ އެއްކޮޅަށް އައްފާން ވާހަކަދެއްކުމަކީ މައްސަލައެއް ނޫނެވެ.

"ކަލެ އަށް ކިހިނެއް ހީވަނީ؟ މިބުނީ އަހަންނަށް ޒާ ލިބިދާނެތަ؟ މިރަށު ކާކާ ތަ ޒާ އިނދެގެން އުޅެނީ؟" ފައްވާޒް އެހިއެވެ.

"އަހަންނަށް ފެންނަނީ ކަލެ އާ ޒާރާ ދިމާވި ދުވަހަކުން ޒާރާ އާ ތި ސުވާލުތައް ކުރަން. އަހަރެމެންނަށް ކޮން ހައްގެއް އޮތީ ޒާރާ އާ ގުޅޭގޮތުން އޭނާ އަށް ނޭނގި ވާހަކަދެއްކުން" އައްފާން ބުންޏެވެ.

ކޮފީ ތަށިން ކޯވަރެއް ބޯލާފައި ގޮނޑީގައި ފައްވާޒް ހަމަޖެހިލިއެވެ. ފަޒާ ގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލާފައި އަނެއްކާވެސް ކޮފީތަށީގައި ދެއަތުން ހިފަހައްޓާލިއެވެ.

"އަހަރެން ބޯގޮވައިފި. ނޭނގޭ ޒާރާ އާ ބައްދަލުކުރާނެ ގޮތެއް. މާދަމާ ނޫން އަނެއްދުވަހު ފުރަންޖެހޭ. އަހަރެން ނުލާ މަންމަ ނުދާނެ. އަހަރެންގެ ހިތަށް އުނދަގޫ މިވާ ކަންކަން ނުކޮށް ފުރައިގެން ގޮސްގެން އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ. ކޮންމެ ހާލެއްގަވެސް އަހަރެން ޒާރާ ބޭނުން. އަހަންނަކަށް ކެތެއް ނުވާނެ" ފައްވާޒްގެ އަޑުގައި ރިހުމެއް ވިއެވެ. އެ ރިހުމުން ނުތަނަވަސްވެފައިވާ އައްފާންގެ ހިތަށް މާބޮޑަށް އުނދަގޫ ވަމުން ދިޔައެވެ. މީގެކުރިން ފެނުނު ފައްވާޒާ މިހާރު އޭނާގެ ކުރިމަތިން ފެންނަން އިން ފައްވާޒް ހާސްބައި ތަފާތެވެ. ފައްވާޒްގެ އުޅުމާ ވިސްނުން ވަރަށް ބޮޑަށް އެވަނީ ބަދަލުވެފައެވެ. އެހެނަސް..... މިވަނީ ކިހިނެއް ހެއްޔެވެ؟ މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ ސީދާ ސީދަލަށް ހުރިހާ ވާހަކަތަކެއް ފައްވާޒަށް ކިޔައިނުދެވިގެން މިއުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟ ޒާރާ އަކީ އަހަރެންގެ ހައްގެކެވެ. އަހަރެންގެ މުޅި ދުނިޔެއެވެ. ޒާރާ އާ ނުލާ ދިރިއުޅުން ހިޔާލަށްވެސް ގެންނަން އަހަންނަށް ދައްޗެވެ. ފައްވާޒް ކިތަންމެ ބޭނުންވިޔަސް ޒާރާ ދޫކޮށެއް ނުލުވޭނެއެވެ. ކަޅިޖަހާނުލާ އައްފާން ބަލަހައްޓައިގެން އިނީ ބޯއަޅައިގެން އޮތް ފައްވާޒަށެވެ.

"އަހަރެން ދެންތަ ރަނގަޅު ނަސޭހަތެއް" އިރުކޮޅަކަށް ފަހު އައްފާން ބުންޏެވެ.

ފައްވާޒް ބޯ ހިއްލާލާފަ ބަލައިލީ އައްފާން ވާހަކަދެއްކި އަޑަށެވެ. މިވަގުތު އޭނާ އަށް ރަހްމަތްތެރިޔާގެ ނަޞޭހަތާއި ހިޔާލު ވަރަށް މުހިއްމެވެ.

"ޒާރާ އުޅެނީ އުފަލުން. ވަރަށް އުފަލުން. ކިހިނެއްވާނެ ޒާރާ ގެ ހާލަށް އޭނާ ދޫކޮށްލިއްޔާ. ފަވާ އަށް ފަހަރެއްގަ ތިމަންނަ އަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ހީނުވެދާނެ. އެކަމަކު ޒާރާ ކައިވެންޏެއްގެ ތެރޭގައި ވަނިކޮށް އަލުން އޭނަ ހޯދަން އުޅުމަކީ މީހާގެ އަމިއްލަ އެދުން ބޮޑުކަމޭ މީހުން ބުނާނެ. ހައްތަހާ ބޮޑަށް މީހުންގެ ނަފްރަތާ ރުޅިވެރިކަން ލިބޭނީ. އަހަންނަށް ފެންނަނީ ތި ވިސްނުން ދޫކޮށްލަން. ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފަށަންވީނުން. އަހަންނަނަށް ހީވަނީ މީހުންގެ އިހްތިރާމާ ލޯބި އަދި ގެއްލުނު އިތުބާރު ހޯދޭނީ މިކަހަލަ ގޮތަކަށްހެން. މިއީ އަހަރެންގެ ހިޔާލު" ފައްވާޒް ވާހަކަނުދައްކާ އިނެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އިނަސް އޭނާގެ ސިކުނޑީގައި އައްފާންގެ ވާހަތަކައް ހަރުލާފައި ހުއްޓެވެ. އެ ހިޔާލަށް އޭނާ އައްފާނަށް ޝުކުރުއަދާކުރަން ބޭނުންވިއެވެ. އެހެންނަމަވެސް އެކަމަކީ އޭނާ އަށް އައްފާން އެދޭ ފަދައިން އަމަލުކުރެވޭނެ ކަމެއް ނޫނެވެ.

****

ފާހާނާއިގައި ފެންވަރަން ހުރި ޒާރާ އަށް މީހަކު ކޮޓަރި އަށް ވަތްކަން އެނގުނެވެ. އަވަސްކޮށްލައިގެން ފާހާނައިން ނިކުތް އިރު އެނދުގައި އައްފާން އޮތެވެ. ލައިގެން ހުރި އެއްޗެހި ވެސް ބަދަލުނުކޮށް އެނދުގައި އައްފާން އޮތީ ވިސްނުމެއްގައެވެ. އެއްޗެހި ބަދަލުކޮށްލައިގެން އައިސް ޒާރާ އެނދަށް އެރިއިރުވެސް އައްފާން އޮތީ ހަމަ އެހެންނެވެ. އައްފާނާ ޒާރާ ގާތްވެލިއެވެ. އެހިނދު ޒާރާ ގެ ގައިން ދުވި ލުއިލުއި މީރުވަސް އައްފާންގެ ނޭފަތުގައި ޖެހުނެވެ. ހީވީ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ވަގުތުން ފިލައިގެން ދިޔަހެންނެވެ. އޭނާ ޒާރާ އަށް ބަލައިލިގޮތަށް ބައްދާލާފައި ގެނެސް އޭނާގެ ގައި މަތީގައި ބާއްވާލިއެވެ. އެވަގުތު ޒާރާ ގެ ހުނުމުގެ އަޑު އިވިލިއެވެ.

"އަހަންނަށް އެނގޭ ޒާ ގެ ނިޔަތް މިވަގުތު ގޯސްކަން. އެހެންވެއެއްނު ކުރު އެތިކޮޅެއް ލައިގެން އައިސް ގައިގަ ޖެހޭނުޖެހޭ ހިސާބުގަ އޮށޯތީ" އައްފާން ބުންޏެވެ. އޭނާ އޮތީ ޒާރާ އަށް ގުޑިވެސްނުލެވޭވަރަށް ހިފަހައްޓައިގެންނެވެ.

"ނުބައި. އެހެނެއްނޫން. އަހަރެންގެ ފިރިމީހާ ވަރަށް ފުން ވިސްނުމެއްގެ ތެރޭގަ އޮތީމަ އެކަމެއް އެނގޭތޯ އެހާ ކައިރީގަ އޮށޯވެލީ" ޒާރާ ބުންޏެވެ.

ޒާރާގެ މޫނު އޮތީ އައްފާންގެ މޫނާ ނުހަނު ގާތުގައެވެ. އޭނާގެ އިސްތަށިގަނޑުން ބައެއް އައްފާންގެ މޭމައްޗަށް ފައިބާފައި އޮތެވެ. ކުއްލިއަކަށް އައްފާންގެ ހިތަށް ފައްވާޒް ދެއްކި ވާހަކަތައް އައިސް ވަނެވެ. ޒާރާ ހޯދަން ފައްވާޒް މަސައްކަތް ކުރާވަރު ހިތަށް އެރުމުން އަނެއްކާވެސް ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ހިތުގައި ދައުރުވެލިއެވެ.

"މިތާ އަހަރެން ގާތުގަ އަތްމަތީގައި ބޯ އަޅާލައިގެން އޮށޯވެލަބަލަ" އައްފާން ބުންޏެވެ. ޒާރާ އެފަދައިން ކަންތައް ކުރިއެވެ.

"ޒާ އަހަރެން ދޫކޮށްފަ ނުދައްޗޭ. އަހަންނަށް ދިރިއުޅުން އޭރުން ދާނީ ހަމަ ސުމަކަށް" އައްފާން ބުންޏެވެ. ޒާރާގެ ދެ ބުމަ ގޮށްޖެހުނެވެ. ކުއްލިއަކަށް ހާލަތާ ނުގުޅޭ ވާހަކައެއް އައްފާން ފެށުމުން އޭނާ ހައިރާންވިއެވެ.

"ކޮންކަމެއް ތި ވިސްނަނީ؟ ކަމެއްވީތަ؟ އަހަންނަށް ޝެއާ ނުކުރެވޭނެތަ؟" ޒާރާ ބުންޏެވެ.

"އަހަރެންގެ ހިތް ނުތަނަވަސްވަނީ. ޖެހިލުމެއް އެބަ އުޅޭ" އައްފާން ބުންޏެވެ.

"ކޮންކަމަކާ. މީހަކު އެއްޗެކޭ ކިއީތަ؟" ޒާރާ ބުންޏެވެ.

"މީހަކު އެއްޗެކޭ ނުކިޔާ. އެކަމަކު ނޭނގެ. އަހަރެން ޒާ އަށް ވަރަށް އިތުބާރުކުރަން. ތިންވަނަ އިންސާނެއް އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެދާނެތީ. އެކަމަކު ކޮޅުމަތި ފެންނަން ފަށައިފި" އައްފާން ބުންޏެވެ.

ޒާރާ ކުޑަކޮށް ބޯހިއްލާލާފައި އައްފާންގެ މޭމަތީގައި ދަތްދޮޅި އަޅުވާލާފައި އައްފާންގެ މޫނަށް ބަލައިލިއެވެ.

"މިގުޅުމަށް އައްޔަ ގެ ގެރެންޓީއެއް ހާދަ ނެތޭ ދޯ. އަހަންނަށް ޔަގީންކަން އެބައޮތް. އަހަރެން އަބަދުވެސް އުޅޭނީ އަދި އުޅެން ބޭނުންވަނީ އައްޔަ އާ އެކު" ޒާރާ ބުންޏެވެ.

އައްފާންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދޫކޮށްފައި ނުދާނެކަމުގެ ޔަގީންކަން ޒާރާ އެބަދެއެވެ. ވީއިރު ޖެހިލުންވެ މޭ ތެޅެންވީ ކީއްވެ ހެއްޔެވެ؟ ޒާރާގެ މޫނުގައި އައްފާން ފިރުމާލިއެވެ. ބީހުންތައް އިތުރުވާން ފެށުމުން ދެން ވާނީ ކިހިނެއްކަން އެނގިއްޖެއެވެ. ހުޝިޔާރުވެ ހެމުން ހެމުން ޒާރާ އެނދުން ތެދުވިއެވެ. ހަރުގައި އޮތް ތުވާލި ހިފައިގެން އައިސް އައްފާނާ ދިމާލަށް އެއްލިއެވެ. ޒާރާ އެބުނީ ކީކޭ ކަން އެނގުމުން އައްފާން އެނދުން ތެދުވިއެވެ. ލައިގެން ހުރި ޓީޝާޓް ބޮލުން ވަކިކޮށްލާފައި ތުވާލި ހިފައިގެން އޭނާ ހިނގައިގަތެވެ.

****

ފަތިސް ނަމާދުކޮށްގެން ޖޫލިޔާ ބޭރަށް ނިކުތްއިރު މަގުމަތި ޖޯލީގައި މީހަކު އޮތްތަން ފެނުނެވެ. އޭރު ދުނިޔެ މައްޗަށް ރަނގަޅަށް އިރުނާރައެވެ. ޖޯލީގައި އޮތީ ފައްވާޒް ކަން އެނގުމުން ޖޫލިޔާ އެދިމާލަށް ހިނގައިގަތެވެ. މަންމަ ފެނުމުން ފައްވާޒް ހީލިއެވެ.

"ކިހިނެއްވެފަ ތިއޮތީ" ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ޖޫލިޔާ ބުންޏެވެ.

"ނަމާދުން އައިސް ހަމަ ހިތަށް އެރީ މިތާ އޮވެލަން. މަންމަ ތި ނިކުތީ އަހަރެން ހޯދަން ދޯ" ފައްވާޒް ބުންޏެވެ.

"މުޅިއަކުން އެހެންވެގެނެއްނޫން" ޖޫލިޔާ ބުންޏެވެ.

"މާދަމާ ހަވީރު ފުރަންޖެހޭ. ނަހުލާ ބުނި ލޯންޗު ބަރާބަރު ގަޑިއަށް އަންނާނޭ. މިހާރު ކުރަން އައި ކަންތައް ކުރެވިއްޖެތަ؟ މަންމަ އަށް ނެތް އެންމެ ދުވަހަކުވެސް މިތާ ހުރެވޭކަށް" ޖޫލިޔާ ވާހަކަދެއްކިއެވެ.

"މަންމަގެ ޗުއްޓީ އިތުރު ދުވަހެއް ނެތެއްނު. މަންމަ ދޭ ކޮއްކޮ ގޮވައިގެން" ފައްވާޒް ބުންޏެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ފައްވާޒްގެ މޫނަށް ޖޫލިޔާ ބަލައިލިއެވެ. ފައްވާޒްގެ ވިސްނުމަކީ ކޮބައިކަން ނޭނގި ޖޫލިޔާ ހިތްބިރުގަތެވެ.

"ތިހެން ބުނާއިރު ހަމަ ރަނގަޅަށް އެނގޭނެ ފައްވާޒު މިތާ ބަހައްޓާފައި މަންމަ ނުދާނެކަން" ކަންބޮޑުވުމާއެކު ޖޫލިޔާ ބުންޏެވެ.

"މަންމާ. މިރަށުގަ ޒާރާ އެއް ނެތް. މާލޭގަ ވީ. އެހެންވީމަ އަހަރެން މިރަށު ހުއްޓަސް މަންމަ ތި ބިރުގަންނަ ކަހަލަ ކަމެއް ނުކުރާނެއްނު. މިގޮތަށް ބޭކާރު ދަތުރެއް ކުރަންޖެހުނީމަ ހަގީގަތުގަ އަހަރެން ވަރަށް ދެރަވެއްޖެ. ބައެއްފަހަރު ހިތްބުނޭ އަހަރެންގެ ނަސީބުވެސް އެ ބުނަނީ ޒާރާ ނުލިބޭނެކަން. އެހެންނޫނަސް ޒާރާ އުޅެނީ ވަރަށް އުފަލުންނޭ އައްފާން ބުނި. އެކަމަކުވެސް އެއްމެ ފަހަރަކު ނަމަވެސް ޒާރާ ދެކިލަން މަޢާފަށްއެދެން އަހަރެން ބޭނުން. އެކަމަކު މިހާރު އެ ނަސީބުވެސް ނުލިބުނީ. ޒާރާ އާ ދިމާނުވުމަކީ ހަމަ އަހަރެން ވިސްނުން ބަދަލުކުރަންޖެހޭ ކަމެއް" ފުރަތަމަ ފަހަރަށް ވިސްނުން ރަނގަޅު ވާހަކައެއް ފައްވާޒު ދެއްކީތީ ޖޫލިޔާ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"އެހެންވީމަ ދަރިފުޅު ކިތައް ދުވަހު ހުންނަން ބޭނުންވަނީ؟ މަންމަ ބަލާނަން ހަފްތާއެއްހާ ދުވަހު އިތުރުކޮށްލެވޭތޯ" ޖޫލިޔާ ބުންޏެވެ.

"ނޫނޭ މަންމާ. އަހަރެން އެކަނި ދޫކޮށްލަބަލަ. ނުބައި ގޮތަކަށް އަހަރެން ނޫޅޭނަމޭ. ކުޑަކުއްޖެއް ނޫނެއްނު މީ. އަހަރެން ހަމަޖެހިލަން ބޭނުން. އެތަނެއްގަ ޒާރާ އާއެކު ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި އަހަރެން ހޭދަކުރި ތަނަކީ މިއީ. މިތަނުގަ ހުރެގެން އަހަރެންގެ ހިތަށް ލިބޭނީ ހަމަޖެހުން. ދާނަން ޗުއްޓީ ހަމަވާންވާއިރަށް" ޖޫލިޔާގެ އަތުގައި ފައްވާޒް ހިފާލިއެވެ. މަންމަގެ މޫނަށް އޭނާ ބަލައިލީ އާދޭސްކުރާ ފަދަ ނަޒަރަކުންނެވެ.

****

ހިނގައި ނިންމާލާފައި ދޯނިތައް އަޅާފައި އޮތް ދިމާލު އޮތް ރުއް ގުޅިއެއްގެ މަތީގައި ޒާރާ އާއި ހިމްނާ އިށީނދެލިއެވެ. ޒާރާ އަތުގައި އޮތް ފެން ފުޅި ހިމްނާ އަށް ދިއްކޮށްލިއެވެ. ފަތިސް ދަޅައަށް ހިނގަން ނިކުމެ އުޅޭ އެކި އމުރު ފުރާގެ މީހުންތައް މަގުގެ އެކި ދިމާލުން ފެންނަމުން ދިޔައެވެ.

"އެކަނި ހިނގަން ނިކުންނަން މަންމަ މިހާރު ބިރުގަންނަނީތަ؟" ހީލަމުން ޒާރާ އެހިއެވެ.

"ދަރިފުޅު ކައިރީގަ މަންމަ ވާހަކައެއް ދައްކަންވެގެން ނިކުންނާށޭ ބުނީ" ހިމްނާ ބުންޏެވެ. ޒާރާ ބަލަހައްޓައިގެން އިނީ ކޮންވާހަކައެއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ.

"ފައްވާޒް އެބަހުރި މިރަށުގަ. ނޫރީން އާ ބައްދަލުވެސްކޮށްފި. ނޫރީން އެބަބުނޭ އޭނަ ދަރިފުޅު ކޮބާތޯ ދެ ދުވަހު އެހި ވާހަކަ. މަންމަ ފެނުމުން ފިލި ވާހަކަވެސް ނޫރީން ބުނި. މަންމަ ބޭނުން މިކަންކަން ޒާރާ އަށް އެނގިފަ އޮންނަން" ހިމްނާ ވާހަކަދެއްކިއެވެ.

ހިމްނާ ހުރިހާ ވާހަކަތަކެއް ދެއްކިއިރު ކަނޑުން މާދުރުން ދިޔަ އޮޑި އަކަށް ބަލަހައްޓައިގެން ޒާރާ އިނެވެ. ހިމްނާ އަށް ހިވީ އެވާހަކަތަކުން ޒާރާ އަށް އަސަރުކޮށްފައި އިންހެންނެވެ.

"މިރަށަށް މީހުން އައިސް ފޭބިޔަސް އަހަންނަށް ވާނެ އެއްވެސް ކަމެއް ނޯންނާނެ. އަހަރެން ފައްވާޒު ކިޔާ މީހަކާ ކުރިން ކައިވެނި ކުރިން. މިހާރަކު ހަނދާނެއް ނެތް" އެހެން އިންދެ ޒާރާ ބުންޏެވެ.

ހިމްނާ އެއްޗެއް ނުބުނެ އިންދާ ޒާރާ ބަލައިލާފައި ހީލައިފިއެވެ.

"ހިނގާ ދަމާ. ވަސިންތަ އަދި އެއްކޮށް ފިޓު ނުވޭ. އަހަރެން ނެތިއްޔާ ވަރަށް ދަތިވާނެ" ޒާރާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟