ހިޔާލުތަކުގެ ތެރެއިން ކުއްލިއަކަށް ޒާރާ އަށް ނިކުމެވުނީ ޑްރެސިންގޓޭބަލް މަތީގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އައްޔަ ގެ ކަމެއް ކަން އެނގުމުންނެވެ.
އެހެންނަމަވެސް ޒާރާ ހީކުރި ގޮތަކަށް ނުވިއެވެ. ފޯނަށް އައީ ޖަންނަތުގެ މެސެޖެކެވެ.
"މިއަދު ސްކޫލަށް އައި މަގުމަތީގަ ފެނުނު ފައްވާޒާ ވައްތަރު މީހަކު" ޖަންނަތު ފޮނުވާލާފައި އޮތެވެ.
"އުޅެދާނެއްނު" ޒާރާ ފޮނުވާލީ ފަރުވާކުޑަ މެސެޖެކެވެ.
"އޯހް... ހާދަ ގަދަވެއްޖޭ" ޖަންނަތު ބުންޏެވެ.
"ގަދަވާން ޖެހެއޭ. އައްޔަގެ މޮޅެތި ޖާދޫގެ އަސަރު ވަރަށް ރަނގަޅަށް އެބަ ކުރޭ"
ބަދަލުގައި ޖަންނަތު ހަމައެކަނި ފޮނުވާލީ ހިނިގަނޑެކެވެ.
*****
މެންދުރުފަހު ދެ ދަރިން ސްކޫލަށް ލާފައި އައިގޮތަށް ދިމްނާ ވަނީ ބަދިގެއަށެވެ. އައިސް އަލަމާރި ކައިރީގައި ފެންބޯން ނުހާ ހުއްޓެވެ. ދިމްނާ ހައިރާންވީ ނުހާ ލައިގެން ހުރި ހެދުން ފެނިފައެވެ. ހަރުވާޅު ހެދުމެކެވެ. އެހެންނަމަވެސް ގަޔަށް ބާރެވެ.
"ކުޑާ ބުނީމެއްނު ކުޑަބެ ހުއްޓަ ކުރު ހެދުން ލައިގެން ނުނިކުންނާށޭ. އެހެންވެ މިހެރީ ދިގު އެއްޗެއް ލައިގެން" ނުހާ ބުންޏެވެ.
"އަހަރެން ބުނި އެތި އަޑުއެހީތީ އުފާވެއްޖެ. އެކަމަކު ނުހާ އަށް ހިއެއްނުވޭތަ ތިހެދުން ބާރުހެނެއް" ދިމްނާ ބުންޏެވެ. ދިމްނާ ގޮސް ހުއްޓުނީ ތަށި ހަރުގަނޑު ކައިރީގައެވެ. އޭނާ އުޅުނީ ކާން ހަދާށެވެ.
"ދެން ނެތޭ. ހުރިހާ ހެދުމެއް ގަޔަށް ބާރު. މި އެކަނި އޮތީ. މިއީ ވެސް އައްފާން ގަނެދިން" ނުހާ ބުންޏެވެ.
ތަށިތަކާ ކާ އެއްޗެހި އަޅައިގެން މޭޒާ ދިމާލަށް ދިމްނާ ދާން ފެށުމުން ނުހާ އެހީވެދޭން ފެށިއެވެ. ފުރަތަމަ ދިމްނާ އަށް ހައިރާންކަމެއް ލިބުނެވެ. އާއްމުކޮށް މެންދުރުގެ އެވަގުތު ނުހާގެ ދެލޮލެއް ނުފެންނާނެއެވެ.
"ހިކެން މަސައްކަތް ކުރަންވީނު. އެއީ މާބޮޑު ކަމެއް ނޫނޭ. ބޮޑެތި ކަސްރަތުތަކެއް ނުކޮށް ހަމައެކަނި ކާއެއްޗިއްސަށް ބެލިޔަސް ކޮންމެސް ވަރެއް ވާނެ" ދިމްނާ ބުންޏެވެ.
ނުހާ ހިތްހަމަނުޖެހުނެވެ. އޭނާ ފަލަކަން ދިމްނާ ހަނދާންކޮށް ދިނުމުންނެވެ. އަމިއްލަ ހަށިގަނޑު ދެކެ ރުޅިވެސް އައެވެ. އެކަމަކު ވެސް އިސާހިތަކު ނަތީޖާ ފެނިދާނެއެވެ. ޖުމާ ގެނެސްދިން ބޭސް ކާން ފެށިތާ އަދި ވީ ދެ ދުވަހެވެ.
"ނޫޅެން ޑައިޓް ކުރާކަށް. އަހަރެން ކޮޓަރީގަ އެކްސަސައިޒް ކުރަން" ނުހާ ބުންޏެވެ.
ބާކީ ތަށިތައް ނުހާ ނުގެނެސް ގޮނޑީގައި އިށީނެވެ. އިރުކޮޅަކު މަސައްކަތް ކޮށްލާއިރަށް ނުހާ ވަރުބަލި ވެއްޖެއެވެ.
"ކުޑާ.. އަހަރެން ޖޮބަކަށް ދާން އެބަ ވިސްނަން"
"ތި ވިސްނުމަކީ ގޯސް ވިސްނުމެއް ނޫން. އެކަމަކު ރިސޯޓް ، ގެސްޓް ހައުސް ކެފޭ ރެސްޓޯރަންޓް ކޭޝިޔަރުކަން ސެލޫންތައް މިތަންތަނަށް ވަޒީފާ އަށް ދިޔުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެން ހުއްދަ އެއްވެސް ނުދޭނަން" ދިމްނާ ވާހަކަދެއްކިއެވެ.
ނުހާ އަނގަ ހަދާލިއެވެ. އެތަންތަނަކީ ވަޒީފާ އަދާ ކުރުން ހަރާން ތަންތަން ހެއްޔެވެ؟ އެތަންތަނުގައި ވެސް ދިވެހިން އުޅެއެވެ. ގެސްޓްހައުސް ތަކުގެ ރިސެޕްޝަން މޭކްއަޕް ކުރާ ތަންތަނުގައި ވަޒީފާ އަދާކުރުމަކީ އަހަރެން ނުލާހިކު ގަޔާވާ ތަންތަން ކަން ރަނގަޅަށް ކުޑާ އަށް އެނގޭނެއެވެ. މީގެކުރިން ވެސް އެކަހަލަ ތަނަކަށް ވަޒީފާ އަށް ދާން ނުހާ އުޅުނެވެ. އޭރު ހުރަހަކަށް ހުރީ އައްފާނެވެ. މިހާރު ކުޑާ އެވެ. ރަނގަޅު އެއްގޮތެއްވެސް ނެތެވެ.
"ތިބުނާ ތަންތަނަކީ ރަނގަޅު ތަންތަނެއް ނޫންތަ؟ ތި ތަންތަނުގަ ވެސް އުޅެނީ މީހުންގެ ދަރިންނޭ. އަންހެންވެސް ފިރިހެންވެސް. އެންމެންނަކީ ކުޑާ ތި ހީކުރާހާ ނުބައި ބައެއްވެސް ނޫން" ނުހާ ވާހަކަދެއްކިއެވެ.
"ރަނގަޅަށް ތިބުނީ. ހަލާލު މަސައްކަތުން ހޯދާ އެއްވެސް ފައިސާ އަކީ ގޯސް އެއްޗެކޭ މަށެއް ނުބުނަން. އެކަމަކު އެކަހަލަ ތަނަކަށް ނުހާ ދިޔައިއިއްޔާ އެތަނެއް ނުބައި ވާނީ. އަހަރެން ދުވަހަކުވެސް ނުހާ އަށް އިތުބާރެއް ނުކުރާނަން. ނުހާ ގެ ދިރިއުޅުމުން ބަދަލު ނުފެންނަހާ ހިނދެއްގައި އަހަރެން މިހެން ބުނާނަން."
ނުހާ ތެދުވެގެން ދިޔައީ ހިތްހަމަނުޖެހިގެންނެވެ. ދިމްނާ އަށް ރައްދު ދޭން ބޭނުންނުވާތީއެވެ. ނުހާ ދިޔަ ދިމާލަށް ބަލަން ހުރެފައި ދިމްނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ނުހާ ކިތަންމެ ރުޅި އައިސްފައި ދިޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. މީގެކުރިން ނުހާ ކަމަކާ ރުޅި އައުމުން ކިތަންމެ ފަހަރަކު ލޯބިން ނުހާ އަށް ވިސްނައިދީ ހިތް ރުއްސަން އޭނާ މަސައްކަތް ކުރިއެވެ. މިހާރު އެއީ އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫނެވެ.
****
މެންދުރު ކައިގެން މަޑެއް ނުވެ ފައްވާޒް ވަނީ ކޮޓަރި އަށެވެ. ޒާރާ ދެކިލާހިތުން ހިތްއަވަސްވެފައި ހުރުމުން މުޅި ރޭގަނޑު އޭނާ އެންމެ ލޮލު ފިޔައެއްވެސް ނުޖަހައެވެ. އެގޮތަށް އޭނާ އަށް ކެއްކޮށްލެވުނީ މެންދުރު ވަންދެކަށެވެ. ނިދި އައިސްފައި ހުރިވަރުން މެންދުރު ނަމާދު ވެސް ރަނގަޅަށް ކޮށްނުލެވުނެވެ.
"އެސޮރަށް ވަރަށް ބަދަލު އައިސްފަ އެހުރީ" ތަށިތައް ނަގަން ހުރި ނަހުލާ ބުންޏެވެ.
ލަސްލަހުން ކަޅު ސައިތަށި ބޯން އިން ޖޫލިޔާ ނަހުލާ އަށް ބަލައިލިއެވެ.
"އާނ. އަހަރެން ހީވެސްނުކުރާހާ ބަދަލު އޭނާ އަށް އައިސްފި. ދެރަތަންކޮޅަކީ ހުރިހާ ކަމެއް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ. އެސޮރު އަދިވެސް ޒާރާ ބޭނުންވޭ. އެކަމަކު އެހެން ކިހިނެއް ވާނީ. ޒާރާ މީހަކާ އިނދެފިއޭ ބުނީމާ ގަބޫލެއްވެސް ނުކުރޭ" އަސަރާއެކު ޖޫލިޔާ ވާހަކަދެއްކިއެވެ.
"އަހަރެން ތެދެއް ބުނަންތަ؟ ޖޫލިޔާ އަކީ އަހަރެންގެ ކުޑަދުވަހުން ފަށައިގެން ވަރަށް ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ދެކޭ މީހެއް. ޖޫލިޔާ އާ މެދު އޮތް ގާތްކަމެއްގެ ސަބަބުން އެސޮރު މިގޭގަ ބަހައްޓައިގެން ކިޔަވައިދިނީ. އަމިއްލަ ދަރިއެއް ފަދައިން ހުރިހާ ކަމެއް ބެލެހެއްޓިން. ހިމްނާ ގެ ޒާރާ ފަދަ އަހްލާގު ރަނގަޅު ކުއްޖަކު ހަޔާތުގެ ބައިވެރިޔަކަށް އެސޮރު ހޯދީތީ އަހަރެން ހާދަ އުފަލެއް ވިއޭ. އެކަމަކު... ތުއްތު ކުއްޖަކު ޒާރާ ބޮލަށް ޖަހާފައި ހިލޭ އަންހެނަކާ ހެދި މޮޔަވެގެން އެސޮރު ދިޔަ ހިސާބުން އެ މަންޖެ ދުނިޔޭގައި ހުއްޓަސް ހަމަ މަރުވެފައިވާ މައްޔިތެއް ފަދަ. ހަޔާތުގަ ދިރިއުޅޭނެ ދުވަސްކޮޅެއް އެމަންޖެގެ ތަގުދީރުގަ އޮތީތީ މަރުނުވެ ހުރީ. އެ މަންޖެ ފެންނަ ކޮންމެ މީހަކު ރޮއެގަންނާނެ. ހާދަ ހިތާމައެއް ކުރިއޭ. އެ މަންޖެ ދިރިއުޅޭ ހިސާބާ، މި ހިސާބު ދުރުވިޔަސް ދޭތެރެއަކުން އަހަންނަށް މަގުމަތިން އެމަންޖެ ފެނޭ. އަހަރެން ގޮވާލިޔަސް ހުންނާނީ ވަރަށް ދެރަވެފަ. އަދި ކިރިޔާ އެ މަންޖެ އަށް އުފަލެއް އެ ލިބުނީ. ވަސީމާ ގެ ދޮންދަރިއާ އިނދެގެން އުޅެނީ އުފަލުން. މަރުވެގެން ދިޔަ ދަރިފުޅުގެ ބަދަލުގަ އެކަލާނގެ އޭނާ އަށް ދަރިއެއްވެސް ދެއްވައިފި. ފައްވާޒު ކިތަންމެ ބޭނުމަސް ދެން ޒާރާ އެއް ނާންނާނެ. އެ ދިރިއުޅުމުގެ ތެރެއަށް ވަނުމަކީ ވެސް އަހަރެން ތަރުހީބު ދޭނެ ކަމެއް ނޫން. ފައްވާޒު އަށް ވިސްނައިދީ. އަހަންނަށް ހެޔޮ މިގޭގައި ޖޫލިޔާ ކުދިން ގޮވައިގެން ކިތަންމެ ދުވަހަކު އިނަސް. އެކަމަކު ފައްވާޒު ކުރަން އެ އުޅޭ ކަންތަކުން އޭނާ ދުރުކުރޭ" ޖޫލިޔާ ކައިރީގައި އިނދެ ނަހުލާ ވާހަކަދެއްކިއެވެ.
"ނަހުލާ. ކަލެ އަށް ހީވަނީތަ އަހަރެން މިހެރީ އޭނަ އެކަން ކުރަން ރުހުން ދީގެންނޭ. އެހެނެއްނޫން. އަހަރެން ނޭފަތުން ނޭވާ ލެވޭހާ ނުބައި ހިނދެއްގައި ނުބައި ފިޔަވަޅެއް އެޅިޔަ ނުދޭނަން"
ތަށި ހިފައިގެން ޒިންކު ކައިރިއަށް ދިޔައިރުވެސް ޖޫލިޔާ އަށް ވިސްނެމުން ދިޔައީ ނަހުލާ ދެއްކި ވާހަކަތަކާ މެދުގައެވެ. ފައްވާޒުގެ ސަބަބުން އަންހެނަކު ނިކަމެތި ވެގެން ދިޔަ ކަން އޭނާ އަށް އެނގެއެވެ.، އެހެންނަމަވެސް އެކަމުގައި ޒާރާ އުފުލި ވޭނާއި ހިތާމަ އާއި ހިތްދަތިކަން އޭނާ އަށް ރަނގަޅަށް އިހުސާސް އެވީ ނަހުލާ ގެ ދުލުން ކިޔައިދިން ފަހުންނެވެ. އެންމެ ފަހަރަކު ނަމަވެސް ޒާރާ އާ ބައްދަލުކޮށްލަން އޭނާ ހިތް އެދުނެވެ.
****
ހަވީރު ޒާރާ ބޭރަށް ނިކުމެލިއެވެ. ނިއަމް ގޮވައިގެން ނިކުތުމާއެކު އޭނާ ގެ ލޮލުގައި އަޅައިގަތީ ޖޯލީގައި އިން ވަސީމާ އެވެ. ޒާރާ ގެ އަތްމަތީގައި އިން ނިއަމް އަށް ވަސީމާ އަތް ހޫރާލިއެވެ. ރޯގާ ޖެހިފައި ހުރުމުން މުޅި ދުވަހު އެއްކޮށް ވަސީމާ ނިއަމް ނޫރައެވެ.
"އެބަ އަންނަން ހިނގާލާފަ" ޒާރާ ބުންޏެވެ.
"ކޮއްކޮ ވެސް ދަންތަ މިސް އާ އެކު" ޒާރާ ބަލައިލީ ވަސީމާ ކައިރީގައި އިން އަމާނީ ވާހަކަދެއްކި އަޑަށެވެ. ޒާރާ އަށް ހެވުނެވެ. ޒާރާ އަކީ ދޮންބެދައްތަ ކަމުގައި އެތައް ފަހަރަކު ވަސީމާ އެކުދިންނަށް ބުނެދީފިއެވެ. އެހެންނަމަވެސް އަދިވެސް ގިނައިން އެކުދިން ގޮވަނީ މިސް އޭ ކިޔާފައެވެ. އެހެނީ މިހާރު ފަހަރި އެއް ގެ ގޮތުގައި އެކުދިން ކުރިމަތީގައި ޒާރާ ހުއްޓަސް އިއްޔެ ޒާރާ އެއީ އެކުދިންގެ އިސްލާމް ޓީޗަރެވެ.
"އާދޭ މާނީ ވެސް ދާން" ޒާރާ ބުންޏެވެ.
ޖަންނަތާއި ޒާރާ ބައްދަލުވީ ބަނދަރަށް ނިކުންނަ މަގު ކަންމަތިންނެވެ. ވަގުތުން ޒާރާ އަތުގައި އިން ނިއަމް ޖަންނަތު އުރާލައިފިއެވެ. ވާހަކަދައްކަމުން ދެ އެކުވެރިން ދިޔައީ އިށީންދެލާނެ ރަނގަޅު ދިމާލެއް ހޯދަމުންނެވެ.
"މިސޮރު އަބަދު އަތްމަތިން ނުގެންގުޅެ ކުޑަކޮށް ހިންގާލަބަލަ" ޖަންނަތު ބުންޏެވެ.
"މާގިނަ ދުވަހެއް ނުވެ ހިނގާނެހެން ހީވަނީ. މިހާރު ތަނެއްގަ ނުހިފަހައްޓަ ހުރޭ ކޮޅަށް. އެކަމަކު ދެ ކަކުލުގައި ރޫރު އަޅާއިރު ހީވަނީ ސަތޭކަ އަށް ވުރެ ގިނަ އަހަރުވެފައިވާ މީހަކު ހެން" ހެމުން ހެމުން ޒާރާ ބުންޏެވެ.
ދެ އެކުވެރިން ނިއަމް ގޮވައިގެން މަޑުކޮށްލީ ބަނދަރުގައި ހުރި ކުޑަކުދިންގެ ޕާކު ކައިރީގައެވެ. ނިއަމް އުރާލައިގެން ޕާކާ ދިމާލަށް އަމާނީ ދާން ފެށުމުން ޒާރާ ގޮވާލިއެވެ.
"ކޮއްކޮ އަށް ބަލައްޗޭ"
އަމާނީ އެތެރެއަށް ވަނުމުން ދެ އެކުވެރިން އިށީނީ ދެ މީހުންނަށް އިށީނދެވޭ ގޮތަށް ޖެހިޖެހިގެން ހުރި ޖޯއްޔެއްގައެވެ. އެތަނުގައި އިންނައިރު ޕާކު ތެރޭގެ ވިނގަނޑު ގައި ނިއަމް ގޮވައިގެން އިން އާމާނީ ރީތިކޮށް ޒާރާ އަށް ފެނެއެވެ.
"މަދިރި ނަހަފާނެތަ؟ ޒާރާ އެހިއެވެ.
"ހެފިޔަސް މަގޭ ގައިގަ އެއްނު ހަފާނީ. މަންޖެ ތީނީ މުޅި ގައި ފޮރުވައިގެނެއްނު" ޖަންނަތު ބުންޏެވެ.
ޒާރާ ހީލާފައި ނިއަމް އިން ދިމާލަށް ނަޒަރު ސީދާކޮށްލިއެވެ. ނިއަމް ހީލާއިރު އައްޔަ އާ ހާދަ ވައްތަރެވެ. ބޮޑުވާވަރަކަށް ނިއަމް ގެ ސިފަ އެ އަންނަނީ އައްޔަ އާ އެއްގޮތް ވަމުންނެވެ.
"އޭތް... މަ ބުނީ ޒާ ފަހަތުން އައްޔަ ނާދޭތަ؟" މަޖަލަކަށް ޖަންނަތު ބުންޏެވެ.
"ފުޓްބޯޅަ ކުޅެން ދިޔައީ. އެނގޭތަ މަ ކައިރީގަ ބުނީ ތިމަންނަ ކުޅެ ނިމެންދެން ހިނގާށޭ ބެންޗުގަ އިންނަން" ހީލާފައި ޒާރާ ބުންޏެވެ.
ޖަންނަތަށް ހެވުނެވެ.
"ހާދަ ވަރެކޭ ދޯ. ޒާ ހެޕީ ތަ ވަރަށް" ޖަންނަތު އެހިއެވެ.
"ހެޕީ ވާނެއްނު. އަހަރެން ދެރަވެފަ ހުއްޓަ އައްޔަ އެއް ނުދޭ. ހީ އިޒް ވެރީ ޑިފަރެންޓް" ޒާރާ ބުންޏެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟ ސީރިޔަސްކޮށް މިރަށަށް ޒާ ހޯދަން ފައްވާޒް އައިއްޔާ ކިހިނެއް ހަދާނީ؟" ޖަންނަތު ވާހަކަދެއްކިއެވެ.
"ފައްވާޒް މިރަށަށް އައިސްދާނެ. އޭނަ ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފަ ދިޔަ ތަނަކަށް ހަމަ އައިސްދާނެތާ. އަހަރެން ހޯދާކަށް ނާންނާނެ. އެހެންނޫނަސް ފައްވާޒާ މެދު އަހަރެން ނުވިސްނަން. ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. މާޒީ، މާޒީ ގެ ގޮތުގައި ފަހަތަށް ހިނގައްޖެ. މާޒީ އަށް އަހަރެން ހިތުން ކުރިން ދެވުނު މަގާމެއް މިހާރު ނުދެވޭ. އެކަމަކު މާޒީ ވަރަށް ރަނގަޅު ފިލާވަޅެއް އަހަންނަށް ދަސްކޮށްދިން. އެ ފިލާވަޅުން އިބްރަތް ހާސިލްކޮށްގެން މުސްތަގުބަލު އުޖާލާ ކުރަމުން މިދަނީ" ޒާރާ ވާހަކަދެއްކިއެވެ.
ޒާރާގެ ވާހަކަތަކުން ޖަންނަތަށް ހިނިތުންވެވުނެވެ. ޒާރާގެ ކޮނޑުމަތިން އަތް ގެންގޮސް ކޮނޑުގައި ހިފަހައްޓާލާފައި ފިރުމާލިއެވެ.
"އަހަރެންގެ ވާހަކަ ބާއްވަބަލަ. ޖަންނަ ކޮންއިރަކުން މިކަހަލަ ކަމަކާ އުޅޭނީ. އަހަރެން މިހާރު ބޭނުންވަނީ ޖަންނަ ގެ ހާއްސަ ދުވަސް ދެކެން" ޒާރާ ބުންޏެވެ. އެހިނދު ޖަންނަތުގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ދެލޮލުން ފާޅުވެލީ ތަފާތު ކުލަވަރެކެވެ.
****
ފައްވާޒަށް ހޭލެވުނީ މަޣްރިބް ނަމާދު ފާއިތުވެ ދިޔަ ފަހުންނެވެ. އޭނާ ބޯހިއްލާލާފައި ބަލައިލިއިރު އެނދު ކޮޅުގައި ކޮއްކޮ އިން ތަން ފެނުނެވެ. މުސްހަފް ހިފައިގެން އިނދެ ގުރުއާން ކިޔަވަމުންދާކަން އެނގުމުން ފައްވާޒަށް ހަމަޖެހިލެވުނެވެ.
"މަންމަ ކޮބާ؟" ފައްވާޒް އެހިއެވެ.
"ނަހުލާދައްތަ ކޮޓަރީގަ. ނަމާދުކުރަނީ"
"މަންމަ ހޯދައިފިއްޔާ ބުނާތި ދޮންބެ ދިޔައީ މިސްކިތަށޭ. އިޝާނަމާދު ކޮށްގެން އަންނާނީ"
ފެންވަރައިގެން ނިކުތް ފައްވާޒް ގެ ހަރަކާތްތައް އަވަހެވެ. މަންމަ ކޮޓަރިން ނިކުތުމުގެ ކުރިން އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ގެއިން ނިކުންނާށެވެ. އެހެންނޫނީ ހިފަހައްޓަން އުޅޭނެއެވެ. ނަމާދުކޮށް ނިމެންދެން މިސްކިތު ބޭރު މަޑުކުރަން ވެސް ހިނގައިދާނެއެވެ. ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލާފައި އޭނާ ނިކުންނަމުން އެނދުގައި އިން ކޮއްކޮ ގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
ބޭރަށް ނިކުތް ގޮތަށް ފައްވާޒް މިސްރާބުޖެހީ މިސްކިތާ ދިމާލަށެވެ. އެރަށުގައި އޭނާ އަށް ހިނގަން ނޭނގޭ އެންމެ ދިމާލެއްވެސް ނެތެވެ. ބައެއް މީހުންގެ ލޮލުގައި އޭނާ އަޅައިގަތުމުން ޖީބަށް ލި މާސްކް ނަގާފައި ނޭފަތާ އަނގަ ނިވާކޮށްލިއެވެ. މިސްކިތަށް އަރައި ނަމާދުކޮށްގެން ގުރުއާން ކިޔަވާލަން އޭނާ މަޑުކޮށްލީ ކުޑަ އިރުކޮޅަކުއެވެ. މިސްކިތުން ފައިބައިގެން ހިނގައިގަތީ ގެ ހުރި ދިމާ ނޫން އެހެން ދިމާލަކަށެވެ. އާދައިގެ ހިނގުމެއްގައި ގޮސް އޭނާ މަޑުކޮށްލީ ޒާރާ ގެ ގޭ ދޮރާށި ފެންނަ ހިސާބުގައެވެ. ކިތަންމެ ފަހަރަކު އެ ގޭތެރެއަށް ވަދެދާނަމޭ ހިތަށް އަރައިފިއެވެ. ދެކޮޅަށް ހިނގަން ހުރެފައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ބައި ގަޑައިރު ފާއިތުވެއްޖެއެވެ. ގޭ ދޮރާށިން އެއްވެސް އިންސާނަކު ނުނިކުމެއެވެ. މީހަކު ވަތްތަނެއްވެސް ނުފެނެއެވެ.
"ރޭގަނޑު މަންމަ އެއް ނުނިކުންނާނެ. ނޫރް އެކްސްޓްރާ ކްލާހަށް ދާން ނިކުންނާނެ. ނޫރް ގޮވައިގެން ދާނީ ޒާރާ" ކުރީގެ ހަނދާންތަކެއް ފައްވާޒް އާކޮށްލިއެވެ. ވަރުބަލި ވުމުން ތަންކޮޅެއް ދުރުގައި ހުރި ޖޯއްޔެއްގައި އިށީނދެގެން އިނެވެ. ޖޫލިޔާ ގުޅަން ފެށީ އޭނާ އެހެން އިންދައެވެ.
"ނަމާދުކޮށްގެން މިދަނީ އޭ މަންމާ. މިސްކިތުގައި އިންދަ ތިގުޅަނީ" ފައްވާޒް ބުންޏެވެ.
ޖޫލިޔާ އެހާ ފަސޭހައިން ފޯނު ބޭއްވުމުން އޭނާ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެކަހަލަ ކުޑަ ދޮގެއް ނަހަދަންޏާ މަންމަ އޭނާ ހިތްއެދޭ އެއްކަމެއްވެސް ކުރިޔަ ނުދޭނެއެވެ. ކުއްލިއަކަށް ފައްވާޒްގެ ލޯ ހުއްޓުނީ އެގޭ ދޮރުމައްޗަށް މަޑުކޮށްލި ސައިކަލެއް ފެނިފައެވެ. ސްކޫލު ޔުނީފޯމުގައި ފޭބީ ނޫރް ކަން ޔަގީނެވެ. އެކަމަކު ނޫރް ގޮވައިގެން އެ އައީ ކާކު ހެއްޔެވެ؟ މޫނު ބުރުގާ އަޅާފައި ހުރި އަންހެނެކެވެ. އެހެރީ ނޫރް އަތުގައި ހިފާލައިގެންނެވެ. އިރުކޮޅަކުން ދޮރާށިން އެތެރެއަށް ވަނީ ނޫރް އެކަންޏެވެ. ސައިކަލުގައި އިން އަންހެނަކު ކުރިއަށް ދުއްވާލައިފިއެވެ. އަނެއްކާވެސް ފައްވާޒް ބަލައިލީ ގަޑިއަށެވެ. ނޫރް ސްކޫލުން އެ އައީ އެހެން ދުވަސްތަކަށް ވުރެ އަވަހަށެވެ. އެކަމަކު ޒާރާ ކޮބާ ހެއްޔެވެ؟ ފިހާރައިން ވެސް މީހަކު ވަދެ ނިކުމެ ހަދާ ތަނެއް ނުފެނެއެވެ.
****
މަގުމަތި ޖޯލީގައި އައްފާން އޮތީ ޒާރާގެ އިންތިޒާރުގައެވެ. ނޫރް ބަލާ ސްކޫލު ދޮށަށް ޒާރާ ދިޔައީ ނޫރް ގެ ޓީޗަރަކާ ބައްދަލުކުރަން ޖެހިގެންނެވެ. އޭނާ އޮތީ ޒާރާ ގެ އިންތިޒާރުގައެވެ. މޭމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ހުއްޓުން އެރިއެވެ. ފައްވާޒްގެ ނަން ފެނުމުން ހައިރާންކަމެއް ވެރިވިއެވެ. ކުރީ ދުވަހު ފައްވާޒް ފޮނުވާފައި އިން މެސެޖް މަތިން އޭނާ ހަނދާންވިއެވެ. ފައްވާޒް މިރަށަށް އައީ ހެއްޔެވެ؟ ކުއްލިއަކަށް އައްފާން ފުންމައިގެން ތެދުވިއެވެ. ފައްވާޒްގެ ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.
"ކޮފީ އަކަށް ދެވޭނެތަ؟" ފައްވާޒް ގެ އަޑު އިވުނެވެ. ރަށުގައި ފައްވާޒް ހުރިކަން އައްފާނަށް ޔަގީންވިއެވެ.
"ކް...ކޮންއިރަކު އައީ؟" އައްފާން އެހިއެވެ.
"އިއްޔެގަ. ޒާރާމެންގޭ ދޮރުމަތީގައި މަޑުކޮށްލައިގެން މީނީ. އެގެއިން މީހެއްގެ ހަބަރެއް ނުވޭ. ނޫރް ގޮވައިގެން އައީ ވެސް އެހެން މީހެއް"
ފައްވާޒްގެ ވާހަކަތަކުން އައްފާން ނޭވާ ހާސްވާން ފެށިއެވެ. ކުއްލިއަކަށް ވާން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ޒާރާ އަނެއްކާ ކޮބާ ހެއްޔެވެ؟ ޒާރާ އަށް ފައްވާޒް ފެނުނު ހެއްޔެވެ؟ ގެއަށް ނައިސް ލަސްވަނީ ފައްވާޒް ފެނިގެން ހެއްޔެވެ؟ އައްފާންގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކުރިމަތިން ސައިކަލެއް ދައްކާލުމުންނެވެ. ދުރުން ފެނުމުންވެސް އެއީ ޒާރާ ކަން އައްފާނަށް އެނގުނެވެ.
"އެހެންތަ... ކިހާ އިރަކު ކޮފިއަށް ދާންވީ؟" އައްފާން ބުންޏެވެ.
އޭރު ސައިކަލް ޕާކު ކޮށްލާފައި ޒާރާ އައިސް އައްފާން ކުރިމަތީގައި ހުއްޓިއްޖެއެވެ. ހިނިތުންވެފައި އެނާ އަށް ބަލަހައްޓައިގެން ހުރި ޒާރާ ފެނުމުން އައްފާނަށް ވާހަކަދެއްކުން ކުރިއަށް ނުގެންދެވުނެވެ. ޒާރާ ގެ މޫނަށް ބަލަހައްޓައިގެން އޭނާ އަށް ހުރެވުނީ ސީރިޔަސް ބެލުމަކުންނެވެ. ފޯނު ކަންފަތާ ވަކިކޮށް ލައިގެން ހުރި ސޯޓްގެ ޖީބަށް ކޮށްޕާލާފައި ގަދަކަމުން ހީލިއެވެ.
"ސޮރީ ލަސްވީ ނޫރް އާ ކުޑަކޮށް ވާހަކަދައްކާލަން މަޑުކޮށްލީމަ" ޒާރާ ބުންޏެވެ.
އައްފާނަށް ބަހެއް ނުކިޔުނެވެ. ޒާރާގެ އަތްތިލައިގެ ތެރެއަށް އަތް ލައްވާލި ގޮތަށް ގޭތެރެއަށް ވަންނަން އޭނާ ހިނގައިގަތެވެ.
****
ކާން އިނދެފައި އިރުކޮޅަކާ ނޫރީން ކުރިމަތީގައި އިން މަންމަ އަށް ބަލައިލައެވެ. ފުރަތަމަ ކަމަކަށް ނެހެދިޔަސް ހިމްނާ އަށް ސުވާލެއްނުކޮށް ނީނދެވުނެވެ.
"ކިހިނެއްވީ؟" ހިމްނާ ބުންޏެވެ.
"ދޮންތި އާ އެކު ކާން ބޭނުމީ" ނޫރީން ބުންޏެވެ.
"ދޮންތި އަކަށް ބޭނުން ކޮންމެ ގަޑިއަކު މިހާރު ނާދެވޭނެ. އެކަން ދަރިފުޅަށްވެސް އެނގެއެއްނު" ހިމްނާ ބުންޏެވެ.
"މަންމާ،، " ނޫރް ގޮވާލިއެވެ.
ހިމްނާ ބަލައިލުމުން ނޫރީން ހިންދިރުވާލިއެވެ.
"ދޮންތިބެ އެބަހުރި މިރަށުގަ" މަޑުމަޑުން ނޫރީން ބުންޏެވެ.
ހިމްނާ ހިތްހަމަނުޖެހުނެވެ. އަބަދު އަބަދު ފައްވާޒްގެ ވާހަކަ ނޫރީން ދައްކާ އަޑު އަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.
"ނޫރަށް ކިހިނެއްވެފަ ތިއިންނަނީ؟ ކޮންތާކުން ފައްވާޒު ފެނުނީ؟ އޭނަ އެބައުޅޭތަ މިރަށަށް ނާދެވިގެން. އަންނަން ބޭނުމެއް އެބައޮތްތަ؟" ހިމްނާ ވާހަކަދެއްކިއެވެ.
"ހަމަ އަސްލުވެސް މަންމާ. ކުރީ ދުވަހު ހެނދުނު އަޅުގަނޑު ދުށިން. ކުރިމަތީގައި ހުރެ ވާހަކަވެސް ދެއްކި. ދޮންތި ކޮބާހޭވެސް އެހި. މަންމަ ފެނުނީމަ ފިލީ"
ނޫރީން ދެއްކި ވާހަކަތަކަށް ފަހު ހިމްނާ އަށް އިނދެވުނީ ހުއްޓުން އަރާފައެވެ.
(ނުނިމޭ)