ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 51

1

"ތިބުނީ ތެދެއް. މިތަނުގަ ހީފިލުވައެއްވެސް ނުދެވޭނެ. އަހަރެންގެ ކަމަނާ ގޮވައިގެން ދާންވީ އަވަހަށް" އައްފާން ބުންޏެވެ.

އައިކޮޅަށް ދާން ދެމަފިރިން ހިނގައިގަތެވެ. އޭރުވެސް ދެމަފިރިންގެ ދެއަތްތިލަ ވަނީ ޖޯޑުކޮށްލެވިފައެވެ. އައްފާން ކޮށްލާ ލާނެއް ސަމާސާތަކުން އިރުކޮޅަކާ ޒާރާ ހީލާތަން ފެނެއެވެ.

****

ފޮށި ލައްޕާލާފައި ފައްވާޒް އެނދުގައި އިށީނެވެ. ފަތިހު ފުރަންޖެހޭތީ އޭނާ ހުރީ ހިތް އަވަސްވެފައެވެ. ޒާރާ ދެކޭހިއްވާވަރުން ނިދޭނެ ކަމެއްވެސް ނޭނގެއެވެ. ފޮށްޓަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި ތެދުވެގެން ގޮސް ޑްރްސިންގޓޭބަލް މަތީގައި ހުރި ފްރޭމް ނެގިއެވެ. އޭގައި އިން ޒާރާގެ ތަސްވީރުގައި އޭނާ އިނގިލިތަކުން ފިރުމާލިއެވެ. މޭގައި ޖައްސާލިއެވެ. ތަސްވީރުގައި ތުންފަތް ޖައްސާލިއެވެ.

"ޒާ... އަހަރެން މިދަނީ. އާ އަޒުމަކާ އާ އުއްމީދަކާއެކު. އަހަރެންގެ ހަޔާތަށް އައި ވިޔާނުދާ ދުވަސްތައް އެއްފަރާތްކޮށް ހަމައެކަނި ޒާ އަށްޓަކައި. ޒާ އަހަރެންގެ ހިތް މާޔޫސްކޮށް ނުލައްޗޭ. ރީތިގޮތުގަ ތި ދިރިއުޅުމުން ޒާ ނިކުންނައްޗޭ. އަހަރެން ވައުދުވަން. ހެހެހެ... ކުރިންވެސް ވައުދުވެވުނު ދޯ. މިފަހަރު އެހެނެއް ނުވާނެ. ހުރިހާ ކަމެއް ބަދަލުވެއްޖެ" ފައްވާޒް ހިތާހިތުން ވާހަކަދައްކަމުން ދިޔައެވެ. ފްރޭމް ހުރި ތަނުގައި ބަހައްޓާފައި އޭނާ އެނދުގައި އިށީނެވެ. ގަޑި ބަލައިލިއެވެ. އެކެއް ޖަހަން މާގިނަ އިރެއް ނެތެވެ. ވަރަށް ލަސްވެއްޖެއެވެ. އޭނާގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ބަނޑުހައި ހޫނުކަމުގެ އިހުސާސް ވެސް ވީ އެވަގުތު އެވެ. ކޮޓަރިން ނިކުމެ އައިސްއަލަމާރި ހުޅުވާލާފައި ނެގީ ފެހި އާފަލެކެވެ. ދެން ކަމުން އަނެއްކާވެސް ވަނީ ކޮޓަރި އަށެވެ. ނުނިދޭނެ ކަން އޭނާ އަށް ޔަގީނެވެ. އެހެންކަމުން ނިދުމުގެ ވިސްނުން އޭނާ ދޫކޮށްލިއެވެ. ލެޕްޓޮޕުން އިނގިރޭސި ސީރީސް އެއް އަޅުވައިގެން އެނދުގައި އޭނާ ހަމަޖެހިލިއެވެ.

****

ޒާރާ ދެ ލޯ ހުޅުވާލީ އައްފާން ހުޅުވާލާށޭ ބުނުމުންނެވެ. އެހިނދު ޒާރާ ގެ ނަޒަރު ހުއްޓުނީ ކުރި މައްޗަށް ދިއްކޮށްގެން ހުރި އައްފާން ގެ އަތަށެވެ. އަތުގައި އޮތީ ރަތް ފަތްޖަހާލާފައިވާ ހެދުމެއް ކަހަލަ އެއްޗެކެވެ. ޒާރާ އޭގައި ހިފާފައި ނިއުޅާލިއެވެ. އެހިނދު ޒާރާގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ލަދުވެތި ކުލަވަރު ތަކެކެވެ. ހީކުރިގޮތާ ހިލާފަށް އެއީ ހެދުމަކަށް ނުވިއެވެ. އެއީ ރަތްކުލައިގެ ލޭސް ނައިޓީއެކެވެ. އެ ލާފައި ހުންނައިރު ހަށިގަނޑުގެ ބޮޑުބައި އޮންނާނީ ކަޝްފު ވެފައެވެ. އިސްއޮބާލައިގެން ހުރި ޒާރާ ގެ ދަތްދޮޅި ދޮށުގައި އިނގިލިން ޖައްސާލުމަށްފަހު އައްފާން މައްޗަށް އުފުލާލިއެވެ. އެނާ އާ ޒާރާ ގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ.

"ޒާ... އަހަންނަށް ގޮތެއްވޭ އެބަ" އައްފާން ބުންޏެވެ. މަޑުމަޑުންނެވެ.

"އަހަރެން... އަހަރެން ކީއްކޮށްދޭންވީ" ޒާރާ ބުންޏެވެ. އައްފާނަށް ހެވުނެވެ.

"ކުރަންވީ ކޮންކަމެއް ކަން އަހަރެން ބުނެދޭނަން" އައްފާން ބުންޏެވެ.

ޒާރާ ގޮވައިގެން އައްފާން ދިޔައީ އެނދާ ދިމާލަށެވެ. ޒާރާގެ ފަހަތުން ހުއްޓިފައި ޒާރާ ގެ ގައިގައި އައްފާން ބައްދާލިއެވެ. އެއްފަރާތުން ޒާރާގެ އިސްތަށިގަނޑު ދުރުކޮށްލާފައި ޒާރާގެ ކަނދުރާގައި އޭނާ ބޮސްދިނެވެ. ޒާރާ ފެންނަ ކޮންމެ ހިނދެއްގައި އޭނާ ހިތްއެދެނީ ޒާރާ އާ ވީހާވެސް ގާތުގައި ހުރުމަށެވެ.

"މިރޭ ވެސް މިއީ އެކަހަލަ ރެއެއް. ޔޫ ނޯ ޒާ... މިރޭ އަދި މާ ހާއްސަ. އަހަރެމެންގެ އަމިއްލަ ކޮޓަރީގަ. އެއްވެސް ނުތަނަވަސްކަމެއް ނެތް. ފުރަތަމަ ރޭ ދެ ނޭވައިން ބުނެލާނެ ނިއަމް... މިރޭ ނިއަމް ވެސް ނެތް. މުޅި ރޭ މިއޮތީ ހިތަކަށް ލިބިފަ" އައްފާން ވާހަކަދެއްކީ ޒާރާ ގެ ކަންފަތް ދޮށުގައެވެ.

"ތިހެން ހުންނަންޏާ އަހަރެން ހުރެދާނެ އިރުއަރަންދެންވެސް މިތާ މިހެން ކޮޅަށް ޒާ ގެ ގައިގައި ބައްދާލައިގެން. ދެންވެސް ތިހެން ނުހުރެ ދޭބަލަ ތި ލައިގެން އަންނަން"

އައްފާންގެ އަތުތެރެއިން މަޑުމަޑުން ޒާރާ ނިކުތެވެ. އޭނާ ހިނގާފައި ދިޔައީ އަލަމާރި ކައިރިއަށެވެ. ކޮޓަރީގެ އަލި އައްފާން ފަނޑުކޮށްލީ ޒާރާ ލަދުވެތިކަން ކުޑަކުރުމަށެވެ. އެނދުގައި އޭނާ އަށް އޮވެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ޒާރާ ހުރި ދިމާލަށް ހިނގައިގަތެވެ. އަލަމާރި ކައިރީގައި ހުރި ޒާރާ އަތުގައި ހިފަހައްޓާލާފައި އޭނާ ބޮސްދިނެވެ. ލަދުވެތި ބަސްތަކުން އިތުރަށް ޒާރާ ލަދުގަންނުވާކަށް އޭނާ އަށް ވަގުތެއް ނެތެވެ. އޭނާގެ ދެއަތް މައްޗަށް ޒާރާ އުފުލާލިއެވެ. ލޯތްބާ އުފަލާ އަރާމުގާ ޒާރާ އާ އެކު ހޭދަކުރެވޭ ކޮންމެ ރެއެއް އޭނާ ބޭނުންވަނީ ދުވަހަކުވެސް ޒާރާ ގެ ހިތުން ނުފިލާނެފަދަ ހަނދާންތަކެއް ރައްކާކުކުރެވޭނެ ރޭތަކަށް ހަދާށެވެ. އޭނާގެ ލޯބި ޒާރާ އަށް އަދި ފެންނަމުން އެދަނީ ކުޑަ މިންވަރެކެވެ. އެނދުގައި އޮށޯވެފައި ޒާރާގެ މޫނަށް ގާތުން އައްފާން ބަލައިލިއެވެ. އެވަގުތު ހިނިތުންވެފައި ޒާރާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އައްފާން ހިތަށް އެރިއެވެ. އެއްވެސް ދެއްކުންތެރި ކަމެއް ނެތް ސާދާކަމެވެ. ޒާރާގެ ހަންގަނޑު ގައްޔާއި ހަށިގަނޑުގައި ނުހާގެ ކިބައިގައިވާ އަލި އަލި ދޮންކަމެއް ނެތް ނަމަވެސް، ޒާރާގެ ހަށިގަނޑަކީ ޠާހިރު ހަށިގަނޑެކެވެ. އެއީ ހަމައެކަނި ފިރިމީހާއަށްޓަކައި ފޮރުވި ޚާއްޞަ ކުރެވިފައިވާ ހަށިގަނޑެކެވެ. ޒާރާގެ ހަށިގަނޑުގެ އެހީގައި، ހިލޭ ފިރިހެނުންގެ ލޯތަކަށް އުފަލެއް ހޯދައިދޭކަށް ޒާރާ ބޭނުމެއް ނުވާނެއެވެ. ޒާރާ ފެންނަ ކޮންމެފަހަރަކު އައްފާންގެ ހިތުގައި ޒާރާއަށް ދެވިފައިވާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޒާރާގެ މާތްކަން އޭނާއަށް ޒާރާ ފެންނަ ކޮންމެ ހިނދެއްގައި އިޙްސާސް ކުރެވެއެވެ. ވީގޮތެއް އައްފާނަށް ނޭނގުނެވެ. ދެންމެއާ ޖެހެންދެން އޭނާގެ ދެލޮލުން ފާޅުވަމުން ދިޔައީ މަސްތީ ކުލަވަރެކެވެ. އޭނާ ހުރީ ޒާރާގެ ލޯތްބަށް ކަރުހިއްކައިގަނެފައެވެ. އެހެންނަމަވެސް ހިތަށް އަރަން ފެށި އެއްޗެހިން މީހާ ޖަޒުބާތީވެވެން އުޅުނެވެ. އައްފާން ދެފަރާތަށް ބޯހޫރާލިއެވެ. މިއީ ޖަޒުބާތީ ވާންވީ ވަގުތެއް ނޫނެވެ. ހިތްއެދޭ އަންހެންކުއްޖާ އެ އޮތީ އޭނާގެ ނޭވާގެ ހޫނުކަން އިހުސާސްވާހާ ގާތުގައެވެ. އޭނާ ގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައެވެ. އައްފާން އިތުރަށް ޒާރާ އާ ގާތްވެލިއެވެ. ޒާރާގެ ހަށިގަނޑު އޭނާގެ ދެއަތުގެ ތެރެއަށް ގެނެސް ބާރަށް ހިފަހައްޓާލިއެވެ. މަޑުމަޑުން އޭނާގެ ދެލޯ މެރުނީ ޒާރާގެ ޖިސްމުން އޭނާގެ ހަށިގަނޑަށް ލިއްބައިދިން އަރާމަކުންނެވެ.

****

އާދުވަހަށް އިރު ފެނުން ތޮޅިލައިފިއެވެ. އެކި މީހުންނަށް ދިރިއުޅުމުގެ އެކި ކުލަވަރު ދައްކުވަމުންނެވެ. އެއްބަޔަކު ކުރަނީ އުއްމީދެވެ. އަނެއް ބައެއްގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހިގެން ދާނެއެވެ. އަނެއް ބައެއްގެ ހިތް މަރާލާ ކަހަލަ ހަބަރުތައް ދުވަހުގެ އެކި ހިސާބުތަކުގައި އަންނާނެއެވެ.

އެހެންންމަވެސް ނުހާ ކުރަނީ އުއްމީދެވެ. ދިމްނާ ދެއްކި ވާހަކަތަކަށްފަހު އޭނާ ހުރީ އައްފާން ހޯދަން ކެތްމަދުވެފައެވެ. އަދިވެސް ވަގުތު ފާއިތުވީ ކަމަކަށް އޭނާ އަށް ނުވިސްނެއެވެ. އޭނާ ބޭނުންވަނީ ހިކޭ ބޭސްކައިގެން ނަމަވެސް ހަށިގަނޑު ހިއްކާލާށެވެ. ވީއެންމެ އަވަހަށް އައްފާންގެ ކުރިމައްޗަށް އަރާށެވެ. ރެސްޓޯރަންޓްގައި އޭނާ އިނީ މާހީ ގެ އިންތިޒާރުގައެވެ. މޭޒު މަތީގައި އޮތް ފޯނު ރިންގުވާން ފެށީ ވެސް އެވަގުތުއެވެ.

"ކުޑާ އަހަރެން ނޫޅެމޭ ގޯސްގޮތަކަށް. އަހަރެން ކިހިނެއް އަބަދު ގޭގަ އޮންނާނީ. އަހަރެން ގޭގަ އަބަދު އޮތީމަ އަހަރެންގެ ހަށިގަނޑަށް ވެފައި ހުރި ގޮތް ދޮންތަ އަށް ނުފެނޭތަ؟ މިދަނީ އޭ ގެއަށް"

ހިތްހަމަނުޖެހިފައި ނުހާ ފޯނު ބޭއްވިއެވެ. ގެއިން ނިކުމެވޭކަށް ނެތެވެ. ގެއިން ނުނިކުމެ ކިތައް މަސް ހޭދަކޮށްފިން ހެއްޔެވެ؟ ހަމަ ގެއިން ނިކުމެލާއިރަށް ކުޑާ ހީވަނީ މޮޔަވެގެން ތެޅޭ ހެންނެވެ. ނުބައި ގޮތަކަށް ނޫޅޭނަމޭ މިހާރު އެއްލައްކަ ފަހަރު ބުނެވިއްޖެއެވެ. އިތުބާރުކުރަން އެންމެ ރަނގަޅެއް ނޫން ހެއްޔެވެ؟ އެއްވެސް އިންސާނަކު އަބަދު ގޯސްކޮށް އުޅޭނެ ހެއްޔެވެ؟ ނުހާ ހިތުން ކުޑާ އާ މެދު ޝަކުވާ ކުރަމުން ދިޔައެވެ.

"ބޮޑުކަމެއް...: ނުހާ ބުންޏެވެ.

"ކޮންކަމެއް ބޮޑުކަމަކަށްވީ" ނުހާ ބަލައިލީ ގާތުން އިވުނު މާހީ ގެ އަޑަށެވެ. މާހީ ކައިރީގައި ޖުމާ ވެސް ހުއްޓެވެ. ދެ އެކުވެރިން ކުރިމަތީގައި އިށީނުމުން ނުހާގެ މޫޑު ރަނގަޅު ވެއްޖެއެވެ.

"އަހަރެން ހިތަށް އަރާ އަހަރެންވެސް ތިދެމީހުން ތި ތިބިހާ ސްލިމްކޮށް ހުންނާނެނަމައޭ. އަޅެ ކިހާ ދެރަ" ނުހާ ބުންޏެވެ.

މާހީ އާއި ޖުމާ އެކަކު އަނެކަކަށް ބަލައިލިއެވެ.

"ނުއްނު ވެސް އެހާ ހުތުރެއް ނޫނޭ. ޓްރައި ކޮށްފިއްޔާ އަދިވެސް ޔަގީން ކިތަންމެ ބިޓުންނެއް އަންނާނެ" ޖުމާ ބުންޏެވެ.

"އަހަރެން ނޫޅެން ބިޓުންގެ ވާހަކަދައްކާކަށް. ކޮބާ އަހަރެން ބުނި ބޭސްތައް. ތިގޮލާގެ ބިޓަކީ ފާމަސިސްޓެއްނު. ލިބޭގޮތެއް ނުވޭތަ؟" ނުހާ ބުންޏެވެ.

"ބުނެގެން މިއުޅެނީ. އަލޫފް ބުނި އެއީ ވަރަށް އެފެކްޓިވް ބޭހެކޭ. އެންމެ ހަފްތާއަކުން އަސަރު ފެންނާނޭ. ދިގު މުއްދަތަކަށް ބޭނުންކުރަން ކަމަކު ނުދާނޭ. އެކަމުވެސް މިރެ އަށް ހޯދާނަމޭ ބުނި. ދާނަން އެނގޭ ތިގެއަށް ހިފައިގެން" ޖުމާ ވާހަކަދެއްކިއެވެ.

"ނޫން. ގެއަށް ނާންނާތި. އަހަރެން ކޮންމެސް ގޮތެއް ހަދާނަން" ކުރިމަތީގައި ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ނުހާ ބުންޏެވެ.

"ތި ބޭހުގެ އަސަރު ފެނުނުހާ އަވަހަށް އަހަރެން ދާނީ އައްފާން ހޯދަން. އަހަރެން ބޭނުން އައްފާން ހާސިލްކުރަން. އަހަރެންގެ ހިތް ބުނޭ އަދި އަހަރެން ކައިރިއަށް އައްފާން އަންނާނޭ. އަހަރެން ރަނގަޅުވެގެން ހުރީމަ ޔަގީން ފުރަގަސްނުދޭނެކަން" ހިޔާލީ ގޮތަކަށް ނުހާ ވާހަކަދެއްކިއެވެ.

"ފީކަޅާ ވިސްނުމެއް" ވަގުތުން މާހީ ބުންޏެވެ.

****

ސައި ތައްޔާރުކޮށް ނިންމާލާފައި ބަދިގޭ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ޒާރާ ބަލައިލިއެވެ. ހަތެއް ޖަހަން ވިއްސަކަށް މިނެޓް ހުއްޓެވެ. ނާޝްތާ މޭޒު މައްޗަށް އަރުވާފައި ބަދިގެ ދޮރުލައްޕާލާފައި ޒާރާ ނިކުތީ ލިނބޮޔާއި މާމުއި އެއްކޮށްފައި ހޫނުކޮށް ފެންތަށި ހިފައިގެންނެވެ. ކޮޓަރި ދޮރުހުޅުވާލިއރު ވަސީމާ އިނީ އެނދުގައެވެ. ސްކޫލު ޔުނީފޯމުގައި ހުރި އަމާނީ ގެ އިސްތަށިކޮޅު ގަތަން އިނދެފައި ޒާރާ އަށް ވަސީމާ ބަލައިލިއެވެ.

"މިއީ ވަސިންތަ އަށް ގެނެސްދިން. މި ފެންފޮދު ބޯލާ. ކަރުތެރެ ހެޔޮވާނެ" ޒާރާ ބުންޏެވެ.

"އާނ... ދައްތަ އުޅުނީ ތި ފެންތަށި ބޯލަން ދާން ބަދިގެއަށް. އެކަމަކު މި މަންޖެ ގަޑިޖެހޭތީ ސްކޫލުދޮށަށް ލާފަ އައިސް ބޯލަން ކަމަށް ހުރީ" ވަސީމާ ބުންޏެވެ.

ނަސީބަކުން އަތްމަތި އަވަސްކޮށްލާފައި އަމާނީގެ އިސްތަށިކޮޅު ހަދާ ނިންމާލިއެވެ. އޭނާ ހެދުން ބަދަލުކޮށްލައިގެން ފާހާނައިން ނިކުތްއިރު ޒާރާ އިނީ އެނދުގައި ހުމާ އޮތް އާއިން ކައިރީގައި އިށީނދެގެންނެވެ.

"ފަތިހުން ފެށިގެން އަދި ހުން ނާދޭ. ވަސިންތަ އަންނާނަން އަމާނީ ލާފަ. އާއިން ބަލާލައްޗޭ" ވަސީމާ ބުންޏެވެ. ޒާރާ ގެނެސްދިން ފެންތަށި ތިން ކޯވަރުން ވަސީމާ ހުސްކޮށްލިއެވެ. އަމާނީގެ ސްކޫލު ދަބަސް ހިފައިގެން އޭނާ ނިކުތް އިރު އަތުގައި ހުސްތަށި ވެސް އޮތެވެ. ވަސީމާ ގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޒާރާގެ ހިތަށް އެރިއެވެ. ނަމޫނާ އަކަށް ބަލަންވީ އެކަހަލަ އަންހެނުންނެވެ. އުމުރުން ދުވަސްވެފައި އިން ފިރިމީހާ ނިޔާވެގެން ދިޔައީ ދަރިން ތުއްތު އުމުރުގައެވެ. އޭގެފަހުން ދަރިން ގޮވައިގެން އޭނާ އުޅުނު ހާލު ވަސީމާ ކިޔައިދިން ވަގުތު ޒާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދިރިއުޅުން ކިރިޔާވެސް އަތުގައިޖެހޭވަރުވީ އައްޔަ ވަޒީފާއަކަށް ވަތް ފަހުންނެވެ. އައްޔަ ވަޒީފާ އަށް ވަންނަންދެން ވެސް އައްޔަގެ ކިޔެވުމުގެ ހަރަކާތްތައް ބެލެހެއްޓީ ވެސް ވަސިންތައެވެ. އެއީ ރަށު އޮފީސް ކުނިކަހައިދީގެންނެވެ. ކުޑަ ދަރިންގެ މާމަ ދުނިޔޭގައި އިނަސް އެ އާއިލާގެ ފަރާތުން މާބޮޑު އެހީތެރިކަމެއް އެއްވެސް އިރެއްގައި ވަސިންތައަށް ނުލިބެއެވެ. ޒާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. އާއިން ގައިމަތީގައި އޮތް ކުއިލްޓް ރީތިކޮށްލާފައި އޭނާ ހިނގައިގަތެވެ. އެހެން އިނދެވޭކަށް ނެތެވެ. އައްޔަ ވަޒީފާ އަށް ފޮނުވަން ޖެހޭނެއެވެ. އަނެއްކޮޅުން ނިއަމް އެވެ. ޒާރާ ބޭރަށް ނިކުތީ ނިއަމް ތިރީގައި ކުޅެން ބައިންދާފައެވެ.

****

ރަށުގެ ލޮނު ފަސްގަނޑުގައި ފައިޖެހުމާއެކު ފައްވާޒަށް ހީވީ އޭނާގެ ހިތް އުދުއްސައިގެން ގޮސް ޒާރާގެ ގޭ ދޮރުމައްޗަށް ޖެހިދާނެހެންނެވެ. ލޮލުގައި އޮތް އަވި އައިނު ނަގާފައި ރަށުތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. ބަނދަރު މަތީގައި ހުއްޓަސް ބޮޑުމަގުން ސްކޫލާ ދިމާލަށް ދާ ކުދިންނާ ބެލެނިވެރިން އޭނާ އަށް ފެނުނެވެ. އޭނާ ހަނދާންވިއެވެ. މިގަޑި އަކީ ޒާރާ ސްކޫލަށް ދާ ގަޑިއެވެ. ސްކޫލު ކައިރިއަށް ދާންވީއެވެ. ތަންކޮޅެއް ކުރިއަށް ޖެހިލާފައި އިރުކޮޅަކުން އައިސް ޖެޓީމަތީގައި ހުރި ޖޫލިޔާ ގެ ކައިރީގައި ފައްވާޒް ހުއްޓުނެވެ.

"މަންމަ އާ ކޮއްކޮ ދޭ ނަހުލާއްތަ ފިރިމީހާ އާ އެކު. އަހަރެން އެބަދަން އިރުކޮޅަކުން" ފައްވާޒް ބުންޏެވެ. ހިނގައިގަތް ފައްވާޒްގެ އަތުގައި ޖޫލިޔާ ވަގުތުން ހިފެހެއްޓިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ލޯ މަތިން ފައްވާޒް ގެއްލޭކަށް އޭނާ އަށް ދޫކޮށްނުލެވޭނެއެވެ. އަމުދުން އެރަށަށެވެ. ފައްވާޒަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. އެހެންނަމަވެސް ޖަޒުބާތުގައި ޖެހި އަތުން ފައިން ފައްވާޒް ގޯހެއް ހަދާފާނެތީއެވެ.

"ނުވާނެ ލަހެއް. މިއަންނަނީ" ފައްވާޒް ބުންޏެވެ.

"ކޮންތާކަށް؟ ތިދާ ތަނެއް ނުބުނެވޭނެތަ؟" ޖޫލިޔާ ބުންޏެވެ.

ފައްވާޒަށް ހެވުނެވެ. މަންމަގެ މޫނުމަތިން ކަންބޮޑުވުމާއި ސީރިޔަސްކަން ފެނުމުންނެވެ.

"ޒާރާ ގެ މޫނު ފެނޭތޯ. މިގަޑީގަ ބޮޑު މަގަށް ނިކުތިއްޔާ ފެންނާނެކަން ޔަގީން. ދެން ދޫކޮށްލަބަ މަންމާ" ޖޫލިޔާ އަތް ނައްޓާލާއިރަށް މަގާ ދިމާލަށް ފައްވާޒް ދުއްވައިގަތެވެ. ފައްވާޒްގެ ހަރަކާތްތައް ހުރިގޮތުން މިފަހަރު ވަރަށް ބޮޑަށް ޖޫލިޔާގެ ހިތުގައި ޖެހުނެވެ. އެދެނީ ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށެވެ. އެހެންނަމަވެސް ފައްވާޒް އެ އެދޭ އުފަލަކީ ލިބޭނެ އުފަލެއް ނޫނެވެ. އެ އުފާ ފައްވާޒަށް ލިބުމަށް އެދި އެކަލާނގެ އަށް ދުއާ ދަންނަވާކަށް ވެސް ޖޫލިޔާ ބޭނުމެއް ނުވެއެވެ.

"ދޮންބެ އެހާ ބާރަށް ކޮންތާކަށް އެދިޔައީ؟"

ޖޫލިޔާ ސިހުނީ ކައިރީގައި ހުރި ދަރިފުޅު ވާހަކަދެއްކުމުންނެވެ.

"ދޮންބެ އަންނާނެ ވަރަށް އަވަހަށް. ހިނގާ ހިނގައިގަންނަމާ. އިސްމާއިލްބެ މިހާރު އެހެރަ ދަނީ"

މަގަށް ނިކުމެވުމާއެކު ދެފަރާތަށް ފައްވާޒް ބަލައިލިއެވެ. ބައެއް މީހުންގެ ސަމާލުކަން އޭނާ އަށް ލިބުނެވެ. ބެލެނިވެރިންނާ މީހުން ތަކުގެ ތެރެއިން ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް އޭނާ ބަލަމުން ދިޔައެވެ. ޒާރާ އޭނާ އަށް ނުފެނުނެވެ. ސްކޫލުގެ ގޭޓު ބަންދު ކުރުމުގެ ކުރިން ޒާރާ ގެ މޫނު ފެނިދާނެ ކަމުގެ އުއްމީދުގައި ހުރެ ކުރިއަށް ދަނިކޮށް ކުއްލިއަކަށް އޭނާ އަށް ފެނުނީ އޭނާ އާ ދިމާލަށް އައި ބައިސްކަލެކެވެ. ބައިސްކަލް އައީ ސީދާ އޭނާ އާ ދިމާލަށެވެ. ފާރާ ގާތަށް ޖެހެމުން މަޑުމަޑުން ގެ އެއްގެ ދޮރާށި ތެރެއަށް ފައްވާޒް ވަނެވެ. ނަސީބަކުން ބައިސްކަލު ގައި ދިޔަ ޖަންނަތަށް ފައްވާޒް ނުފެނެއެވެ. ހަގީގަތުގައި ޖަންނަތު ކުރިމައްޗަށް އަރަން ފައްވާޒަށް ނުކެރުނީއެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ ވެސް އެވަގުތުއެވެ. ފޯނުގައި އިން މަންމަގެ ފޮޓޯ ފެނުމުން ފައްވާޒް އެނގުނެވެ. އެހާ އަވަހަށް ލަސްވެގެން ގުޅީއެވެ. އަދި މިއުޅެނީ ލޯމަތިން ގެއްލުނު ފަހުން ފަސްމިނެޓް ވެސް ނުވެގެންނެވެ.

"މިދަނީ މިހާރު. ތި ގެ އާ ދިމާލަށް މިސްރާބު ޖަހައިފިން" ފައްވާޒް ބުންޏެވެ.

ޒާރާ ނުފެނުނު ކަމަށް އަނބުރާލާފައި ބަނދަރާ ދިމާލަށް ދާން އުޅުނު ފައްވާޒްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިއަށް ހިނގާފައި އައި ސްކޫލު ތިން އަންހެންކުދިން ފެނިފައެވެ. އެއްވަރުގެ ހިކި ތިންކުދިންގެ މެދުގައި ހުރީ ނޫރީނެވެ. ނޫރީންގެ ހިނިތުންވެފައިވާ މޫނު ފެނުމުން ފައްވާޒްގެ ހިތަށް ލިބުނީ ހިތްހަމަޖެހުމެވެ. ނޫރީން އާ ވާހަކަދައްކާނުލާ އޭނާ އަށް ނުދެވޭނެއެވެ.

"ޗޯޓޭ... " ނޫރީން ބަލައިލީ އިވުނު އަޑު ގަބޫލުނުކުރެވިފައެވެ. ބަލައިލިއިރު އޭނާ އަށް ހީވީ ހަމަ ރަނގަޅަށެވެ. ކުރިމަތީގައި ހުރީ ދޮންތިބެއެވެ. ނޫރީނަށް ކުރިޔަށް ނުދެވުނެވެ. ފައްވާޒަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"ދޮންތިބެގެ ޗޯޓޭ... ރަނގަޅުތަ؟ ކޮބާ ދޮންތި؟"

"ނޫރް އާދޭ ގޭޓު ލައްޕަނީ" ކުރިއަށް ދިޔަ ރައްޓެހި ކުއްޖަކު ގޮވާލި އަޑު އިވުނެވެ.

ފައްވާޒް ކުރިމަތީގައި ހުއްޓުމުން ނޫރީން ނޭވާ ހާސްވިއެވެ. ވާހަކަދައްކަން އޭނާ ބޭނުންވިއެވެ. ކަންބޮޑުވެފައި ނޫރީން ބަލައިލީ ފަހަތަށެވެ. ފަހަތުން މަންމަ އެބަ އާދެއެވެ. ފައްވާޒަށް ހިމްނާ ފެނުނީ ވަރަށް ގާތަށް އާދެވިފައި ހުއްޓައެވެ. ކުއްލިއަކަށް ފައްވާޒް ދިޔައީ ބިމު އަޑިއަށް ކަމެއް މައްޗަށް ކަމެއް ނޫރީނަށް ނޭނގުނެވެ. ފައްވާޒް ޖެހުނުތާ ލަކުނުވެސް ނެތެވެ.

"ކިހިނެއްވެފަ ތިހުންނަނީ. އަދިވެސް އާދެވުނުލެއް އަވަހީތަ؟" ނޫރީނާ އަރާ ހަމަވި ހިމްނާ ވާހަކަދެއްކިއެވެ.

"ނޫން މިދަނީ" ކުރިއަށް ނޫރް ހިނގައިގަތެވެ. ފަހަތަށް އެނބުރި އޭނާ ބެލިއެވެ. ފައްވާޒް ފެންނަން ނެތެވެ.

****

ފެންވަރައިގެން ނިކުމެ ޒާރާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނަގަމުން އޭނާ ހީލިއެވެ. ހިތަށް ސިފަވެގެން ދިޔައީ ވަޒީފާ އަށް ދިޔައިރު ކަންތައް ކުރި ގޮތުންނެވެ. އިސާހިތަކު އެވަގުތުގެ މަންޒަރުތައް ލޯ މަތީގައި ސިފަވާން ފެށިއެވެ.

"ދެން ހަމަ ދާންވީތަ؟ އައްފާން ހިފެހެއްޓީ އޭނާގެ ކުރިމަތީގައި ޓައީ އަޅުވަދޭން ހުރި ޒާރާ ގެ ދެއަތުގައެވެ.

"އުނހު. ދާނެ ކަމެއްނެތް. ހުރޭ. އޭރުން ވަރަށް ރީއްޗަށް ދިރިއުޅެވޭނެއްނު" ޒާރާ ބުންޏެވެ.

"ސީރިޔަސްކޮށް. ޒާ މަތިން ވަރަށް މިސްވާނެ. ވަގުތު ވަރަށް ދިގުވާނެ" އައްފާން ބުންޏެވެ.

"މިއޮތީ ވޮލެޓް. އަވަހަށް ދޭ" ޒާރާ ބުންޏެވެ.

އައްފާން ދޮރާ ދިމާލަށް ދިޔައެވެ. ފަހަތުން ޒާރާ ވެސް ދިޔައެވެ. ކުއްލިއަކަށް އެނބުރިފައި ޒާރާގެ ގައިގައި އައްފާން ބައްދާލިއެވެ. މޫނުގައި ބޮސްދިނެވެ.

"ހިތަށް އަރާ އެންމެފަހު ވިންދާ ހަމައަށް އައްޔަ ތިހެން އުޅޭނެ ނަމައޭ" ޒާރާ ބުންޏެވެ.

"ބަލަމާ.... ދަނީ އޭ ލަވް.... "

އައްފާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒާރާ ހުއްޓެވެ. ދިރިއުޅުމުގައި ދުވަހަކުވެސް ފިރިއެއްގެ ފުށުން ނުލިބޭހާ ލޯތްބާ އޯގާތެރިކަން އައްފާންގެ ފަރާތުން އޭނާ އަށް ލިބެމުން ދިޔައެވެ. މީހެއްގެ އެސްފީނާ ގައި ހައްޔަރު ވެދާނެކަމުގެ ބިރުވެސް އޭނާގެ ހިތުގައި އޮތެވެ. ނޫނީ ވައިރޯޅި އަކަށްވެސް ނުވަދެވޭނެހާ ވަރަށް ދެ ހިތް ގާތްވެފައި ވަނިކޮށް މާ ދުރުން ގަދަ ކޮޅުގަނޑެއްގެ އިހުސާސް ވަމުން މިދަނީ ކީއްވެ ހެއްޔެވެ؟ ހިތުގައި އޮތް ބިރުވެރި ކަމެއްގެ ސަބަބުން ހެއްޔެވެ؟ ދެ ހިތް ވަކިވެދާނެ ހެއްޔެވެ؟

ހަމައެކަނި އެހެން ހިތަށް އެރުމުންވެސް ޒާރާގެ ގައިން ހީބިހި ނަގައިގަތެވެ. ނެގެޓިވް ވިސްނުންތަކާ ދުރުވެލުމަށް އޭނާ ދެފަރާށް ބޯ ހޫރާލިއެވެ. ދޮރުލައްޕާލި ގޮތަށް އާނެ ލޯ ހޯދާލީ ނިއަމް އެވެ. ޒާރާ ބޮލުގައި އަތް އަޅާލީ މުޅި ކޮޓަރީގައި ނިއަމްގެ ނެޕީ ތައް އުކާފައި ހުއްޓާ ފެނުމުންނެވެ. ޒާރާ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަލަމާރީގެ އެންމެ ތިރީ ޑްރޯވާ ހުޅުވައިގެން ނިއަމް އުޅުނީ ވަރަށް ބިޒީކޮށެވެ. ތަރުތީބުން ޖަހާފައި ހުރި ޑައިޕާސްތައް ފަހަރަކު އެއްޗެއް ނަގައިގެން އަތުޖެހުނު ދިމާލަކަށް ހޫރަމުން ދިޔައެވެ. ޒާރާ ބަލަހައްޓައިގެން ހުރިތަން ފެނުމުން ދެ ދަތްބުރި ފެންނަ ވަރަށް ނިއަމް ހީލިއެވެ.

ހިޔާލުތަކުގެ ތެރެއިން ކުއްލިއަކަށް ޒާރާ އަށް ނިކުމެވުނީ ޑްރެސިންގޓޭބަލް މަތީގައި އޮތް ފޯނަށް މސެޖެއް އައި އަޑު އިވުމުންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އައްޔަ ގެ ކަމެއް ކަން އެނގުމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟