"ނިއަމް ދައްކަބަލަ" އައްފާންގެ ނަޒަރުން ސަލާމަތްވުމަށް ޒާރާ ބުންޏެވެ.
ކައިރީގައި ލޯބިކޮށް ނިދާފައި އޮތް ނިއަމް ދައްކާލީ ސިކުންތުކޮޅަކަށެވެ. އަނެއްކާވެސް އޭނާ ޒާރާ އަށް ބަލަން ފެށިއެވެ.
"ދުވަސް ދިގުވެފަ. މަގޭ ވައިފީ ނެތީމަ. އައި ލަވް...."
"އާ އެނގެޔޭ ނުބުންޏަސް" ޒާރާ ބުންޏެވެ. އައްފާނަށް ހެވުނެވެ.
****
ހެޑްބޯޑުގައި ލެގިގެން އިން ނުހާ ބޯ ދެފަރާތަށް ހޫރާލުމުން ކެއުމުން މަނާވެގަތީކަން ދިމްނާ އަށް އެނގުނެވެ. އޭނާ ދެން ދިއްކޮށްލީ ސައިޑް ކަބަޑު މަތީގައި ހުރި ފެން ތައްޓެވެ. އޭގެއިން ކޯވަރެއް ބޯލާފައި އެތަށި ހުރިތަނުގައި އޭނާ ބެހެއްޓިއެވެ. ދިމްނާ ދާން ހިނގައިގަތްތަނާ ނުހާ ގޮވާލިއެވެ. ދިމްނާ މަޑުޖެހުނެވެ.
"މިއަދު ފޯނު ހުޅުވައިފިން" ނުހާ ބުންޏެވެ.
ދިމްނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ނުހާ ފޯނު ހުޅުވީ އެތައް ދުވަހަކަށް ފަހުގައެވެ.
"ކުޑާ އުއްމީދު ކުރަން ނުހާ ފޯނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެކަމަށް" ދިމްނާ ބުންޏެވެ.
"ކީއްވެ އަހަރެން ކައިރީގަ ނުބުނީ؟" ނުހާ ބުންޏެވެ.
"ކޯޗެއް؟" ދިމްނާ އަލުން އެނދުގައި އިށީނެވެ.
"މިގެއަށް ޖުމާ މެން އައި ވާހަކަ. އަދި އެމީހުން އައީ ނިއަމް މިކޮޅުގަ ހުރި ވާހަކަ ބުނަންވެގެން. ކުޑާ ކީއްވެ އަހަންނަށް ސިއްރުކުރީ؟" ނުހާ ވާހަކަދެއްކިއެވެ.
"އަހަރެން ސިއްރެއް ނުކުރަން. އެއީ ނުހާ އަށް މުހިއްމު ވާހަކައެއް ކަމަށް އަހަންނަށް ގަބޫލުނުކުރެވޭތީ ނުބުނީ. މިހާރު އެނގިއްޖެ ފޯނު ހުޅުވިގޮތަށް އެންމެ ފުރަތަމަވެސް ކަނާއަތާ ވާ އަތާގެ ހާލު ބަލައިފިކަން" ދިމްނާ ހިތްހަމަނުޖެހުނެވެ.
"އެއީ އަހަރެންގެ ރައްޓެހިން. ސްކޫލު ދައުރުން ފެށިގެން. އެމީހުންނާ ގުޅުން އޮތަސް އަހަރެން ނުބައި ގޮތަކަށް ނޫޅޭނަން" ނުހާ ބުންޏެވެ.
"މީހާ ކިތަންމެ ރަނގަޅުވާން ބޭނުންވިޔަސް ވިޔާނުދާ ރައްޓެހިން ދޫކޮށްނުލާހާ ހިނދެއްގައި ރަނގަޅު މަގު ނުފެންނާނެ. ނުހާ އަދިވެސް ވިސްނޭކަށް ނުވޭތަ؟ ރަށްމެދަށް ބަލިވެ އިނުމަކީ ރީތި ކަމެއް ނޫނޭ. އެ ދަރިފުޅު ބައިގެން ދިޔަސް އެ ލައްގަނޑު ނުހާގެ ފަސްބައިގައި ނުޖެހޭ ކަމަކަށް ނުވާނެ. ނުހާގެ ސަބަބުން ލިބުނު ހިތްދަތިކަން ބަރުދާސްތު ނުކުރެވި ބައްޕަ ނިޔާވެގެން ދިޔައީ. ބައްޕަގެ މަރަށް އެތައް މަހެއްވި ފަހުން މިގެއަށް ނުހާ އައީ ދުނިޔޭގައި މަޔަކަށް އަހަން އެންމެ ތަކުލީފު ލިބޭނެ އެންމެ ހިތުގައިޖެހޭނެ ހަބަރު ހިފައިގެން. ބައްޕަ ވަކިވުމާ ނުހާގެ ވިޔާނުދާ އުޅުމުގެ ސަބަބުން މަންމަ އޭނީ ދާއިމީ ގޮތަކަށް ބެސްކާން ޖެހިފަ. ނުހާގެ ސަބަބުން ކޮންމެ ރެއަކު އަހަންނާ ޒާކިފާ ޒުވާބުކުރަންޖެހޭ. ޒާކިފް ބޭނުމެއް ނުވޭ އަހަރެން ނުހާގެ އެއްވެސް ކަމެއް ކުރާކަށް. ކީއްވެ؟ ނުހާ އުޅުން ރީތިވީމަ. އެކަމަކު އަޅާނުލާ އަހަރެން ކިއްކުރާނީ. ތިއީ އަހަރެންގެ އެއްބަނޑު އެއްބަފާ މި ދުނިޔޭގަ ހުރި ހަމައެކަނި މީހަކީ. ފިރިއަކު ބުންޏަސް ރަހިމުގެ ގުޅުން ކަނޑާކަށް ނުވާނެތީވެ އަހަރެން ނުހާ އަށް އަޅާލީ. ކުއްލިއަކަށް މިގޭ ދިރިއުޅޭ އެންމެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އައީ ހަމަ ނުހާގެ ވިޔާނުދާ ކަމުގެ ސަބަބުން. އެކަމަކު އަހަންނަކަށް ހިއެއްނުވޭ މިއިން އެއްވެސް ކަމަކާ ނުހާ ވިސްނާހެނެއް. ވިސްނާނަނަމަ ކުޑަމިނުން މިތަނަށް ނަމާދަށް އަރާލާނެތާ....." ހުރިހާ ވާހަކަތަކަށްފަހު ދިމްނާގެ ދެލޮލުން ރޮނގެއްހެން ކަރުނަ އެއް ފައިބައިގެން ދިޔައެވެ. އެ ކަރުނަތަކުން ނުހާ އަށް އަސަރެއް ކުރި ހެނެއް ހިއެއް ނުވެއެވެ.
"އެހެންނޫނަސް ނިއަމް ގެ ވާހަކަ ނުހާ ދައްކާނެ ކަމެއް ނެތް. މާތްﷲ ގެ ތަނަވަސް ރަހްމަތުން އެކުއްޖާއަށް އަޅާލާނެ މައެއް ލިބިއްޖެ. އެކުއްޖާ ދިރިއުޅެނީ އުފަލުން. ވަރަށް އުފަލުން... އަލްހަމްދުލިއްލާހް"
ކޮޓަރި ދޮރުލައްޕާލާފައި ނިކުތުމާއެކު އެނދުގައި އިން ނުހާ ފުންމައިގެން ތެދުވެއްޖެއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ. އައްފާންގެ ދިރިއުޅުމަށް އަންހެނަކު ގެނައިކަން އެނގުމުން އެކަން ހަޖަމުކުރަން ނުހާ އަށް އުނދަގުވިއެވެ. އެހާ އަވަހަށް އައްފާން އެގޮތަށް އަންހެނަކު ހޯދާފާނެކަމަށް ވިސްނާލަން ނުހާ ބޭނުންނުވީއެވެ. އެހާ ބާރަށް ހިނގާފައި ގޮސް ނުހާ ހުއްޓުނީ ލޯގަނޑު ކުރިމަތީގއެވެ. އޭނާގެ ސިފައަށް ލޯގަނޑުން ބަލައިލިއެވެ. ކުއްލިއަކަށް ބަނޑޮބޮޑު ވުމުންނާއި ކާންޖެހުނު ބޭސްތަކެއްގެ ސަބަބުން އަދި މީހާ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެ އަބަދު އެނދުގައި އޮތުމުގެ ސަބަބުން ހަށިގަނޑަށް މާބޮޑަށް އަޅާލުމެއް އޭނާއަށް ދެވިފައެއް ނެތެވެ. ހަށިގަނޑުގެ އެކި ދިމާލުން ލޮކިމަސްޖަހާ މީހާގެ ސޫރަ ވަނީ މުޅިންހެން ބަދަލުވެފައެވެ. ކުރީގައި ލައި އުޅުނު އެއްވެސް ހެދުމެއް އޭނާއަށް ނުލެވެއެވެ. އިސްތަށިގަނޑުވެސް ކޮށާލާފައި ހުރުމުން ހުތުރު ގޮތެއް ހުރިކަން އަމިއްލަ އަށް ވެސް ފާހަގަވިއެވެ. އިސާހިތަކު ނުހާ ގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އެ ދިރިއުޅުމުން ނިކުންނަން އެނާ ބޭނުންވިއެވެ. ބޭރަށް ގޮސްގެން ނަމަވެސް ކުރީގެ ހަށިގަނޑު އޭނާ ބޭނުންވިއެވެ. އެކަމަށް އޭނާ ބޭނުންވަނީ އެންމެ ގާތް ދެ އެކުވެރިންގެ އެހީތެރިކަމެވެ.
****
ލޯގަނޑު ކައިރީގައި އިސްތަށިގަނޑު ފުނާ އަޅަން ހުރި ޒާރާ ކުއްލިއަކަށް ސިހުނީ ފުރަގަހުން އޭނާގެ ގައިގައި މީހަކު ހިފައިގަތުމުންނެވެ. ސިހުނު ވަރުން އަނގައިން ހަޅޭކެއްވެސް ބޭރުވިއެވެ. ފަހަތުގައި ހެވިފައި ހުރި ޖަންނަތު ފެނުމާއެކު ޒާރާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. ޖަންނަތުގެ ގައިގައި ބައްދާލިގޮތަށް ދޫކުރަންވެސް ބޭނުންނުވިއެވެ.
"ލޯގަނޑަށް ބަލަހައްޓައިގެން ހުރެ މާވަރަކަށް ތިހެނީ އަނެއްކާ ލޯގަނޑުން އައްޔަ ފެންނަނީތަ؟" ޖަންނަތު ބުންޏެވެ. ޒާރާ ހީލާފައި އަލުން ލޯގަނޑަށް ބަލައިލިއެވެ. އޭނާ ހަނދާންވިއެވެ. ޖަންނަތު ކޮޓަރިއަށް ވަތްކަމެއް ނުވެސް އެނގެއެވެ. ހަގީގަތުގައިވެސް ލޯގަނޑަށް ބަލަހައްޓައިގެން ހުރެވުނީ ހެވިފައި ހެއްޔެވެ؟ ޖަންނަތު ވަތްކަމެއް ނޭނގުނީ އެހެންވެތާއެވެ.
"ޖަންނާ ދިމާނުކުރޭ. ލޯގަނޑުން އައްޔަ ފެންނަވަރެއް އަދި ނުވޭ" ފުނާ ބާއްވާފައި އައިސް ޖަންނަތު ކައިރީ އެނދުގައި އިށީނެވެ. އިރުކޮޅަކުން ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. ޖަންނަތަށް އޭނާ ގެނައި ހަދިޔާ ކޮތަޅު ހިފައިގެން އައިސް ޖަންނަތަށް ދީފައި އަލުން އިށީނެވެ.
"މިއީ ޖަންނަ އަށް ގެނައި ހަދިޔާ އެއް. ތީގަ އޮތް ކުޑަ ކޮތަޅު ދީ މާމައަށް" ޒާރާ ބުންޏެވެ.
"އޯވް... ޝުކުރަން.... އަހަރެން އައިރު މިގޭ ދޮރުމަތިން އެބަދޭ އައްޔަ ސައިކުގަ. ނިއަމް ވެސް އިން" ޖަންނަތު ބުންޏެވެ.
"ހަމަތެދެއް. ވަރަށް ގިނައިރު ވެއްޖެތަ؟" ޒާރާ ފުންމައިގެން ތެދުވިއެވެ. އެދިޔަ ބާރު މިނުގައި ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ނަސީބަކުން މަގަށް ހުޅުވޭގޮތަށް ހުރި ކުޑަދޮރު ނުހުޅުވާ އައިސް އިށީނެވެ. ޖަންނަތު އިނީ ޒާރާ އަށް ވީގޮތުން ހިނިއައިސްފައެވެ.
"ނިއަމް... ނިއަމް ނުފެންނަތާ ވަރަށް ގިނައިރުވެއްޖެ" ޒާރާ ބުންޏެވެ. އުޅެވުނު ގޮތުން ޖަންނަތު ދިމާކުރާނެތީ އަވަހަށް އޮޅުވާލަން ޒާރާ ބުންޏެވެ.
"އޯކޭ އޯކޭ އަހަރެން ނުބުނަމެއްނު" ޖަންނަތު ހިފީ ޒާރާގެ އަތުގައެވެ.
ޒާރާ ހިމޭންވިއެވެ. އެނާ އަށް އެވާގޮތެއް ހުދު އޭނާ އަށް ވެސް ނޭނގެއެވެ. އެއީ މާލޭގައި ހުރިއިރު ނުކުރެވޭ އިހުސާސެކެވެ. މިހާރު މިވަނީ ކިހިނެއް ހެއްޔެވެ؟ ދުރުގައި ހުރީމާ ހެއްޔެވެ؟ މީހަކަށް އެއްވެސް ކަމެއް ނާންގަން އުޅުނަސް އެންމެންގެ ކުރިމަތީގައި މިހިރަ ދަނީ ބޭޒާރު ވަމުންނެވެ. ވާނީވެސް އެހެންތާއެވެ. އައްޔަ މަތިން ހާދަ ހަނދާން އެބަވެއެވެ.
"ހިނގާ ބޭރަށް ނިކުމެލަން. އޭރުން ތި ނުފެނިގެން އުޅޭ މީހާ ފެނިދާނެ" ޖަންނަތު ބުންޏެވެ.
ޒާރާ ހީލާފައި ގޮސް ލޯގަނޑު ކައިރީގައި ހުއްޓުނެވެ. މޫނު ބުރުގާ އަޅާ އޭނާ ތައްޔާރުވެލިއެވެ. ކޮޓަރިން ނިކުންނަން އުޅެފައި ޖަންނަތަށް ގޮވާލިއެވެ.
"ތެންކިޔު ޖަންނާ... އަހަރެން ހިޔާލު ބޭނުންވި ކޮންމެ ވަގުތެއްގަ އެންމެ ކައިރީގަ ހުރެދޭތީ. އަހަރެންގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލެއް އަތުވެއްޖެ"
ޖަންނަތު ހިނިތުންވެލިއެވެ. ދިރިއުޅުމުގައި ޒާރާ އުފަލުން ހުރީތީ އިންތިހާ އަށް އޭނާ ހިތްހަމަޖެހުނެވެ. އޭނާ އެދެނީ ތާ އަބަދަށް އެ އުފާވެރިކަމުގައި ޒާރާ ދިރިއުޅޭށެވެ.
****
ނިއަމް ނިންދަވާފައި ވަސީމާ ގޯތިތެރެއަށް ނިކުތް އިރު ބަދިގޭ ކުރިމަތީ ހުރި ޖަނބުރޯލު ގަހު އެލުވާފައި ހުރި ޖޯއްޔެއްގައި އައްފާން އޮތެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ލަސްލަހުން ސްކްރޯލް ކުރަމުން ދިޔައިރު އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އޭނާ ދިޔައީ މާލޭގައި ޒާރާ އާ އެކު ހޭދަކުރި ވަގުތުތަކުގެ ފޮޓޯތައް ބަލަމުންނެވެ. ވަސީމާ އައިސް ހުއްޓުނު އިރުވެސް އައްފާނަށް ނޭނގުނެވެ.
"ވަރަށް އިރުވެއްޖެތަ އޮންނަތާ" އައްފާން ބަލައިލީ ވަސީމާ ވާހަކަދެއްކި އަޑަށެވެ.
"މާގިނައިރެއް ނުވޭ. ނިއަމް ނިދީތަ؟" އައްފާން އެހިއެވެ.
"ނަސީބަކުން ނިދައިފި. ވަރަށް ބޮޑާހޭކި" ވަސީމާ ބުންޏެވެ. "މިރޭ ދައްތަ ކައިރީގަ އެސޮރު ބާއްވާލާ"
އައްފާން އެގޮތާ ރުހުނެވެ. ވަސީމާ ހުންނާނީ ނިއަމް އާ އެކު ވަގުތު ބޭނުންވެފައިކަން އޭނާ އަށް އެނގެއެވެ. އޭނާ ދެކޮޅަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ނިއަމް ގެ އެނދު ޖަހާ ނިމެންދެން ދެމަފިރިންނާއެކު އެއް އެނދުގައި އެކުއްޖާ ނުބޭއްވޭނެއެވެ. އެނދަކީ މާބޮޑު އެނދަކަށް ނުވާތީއެވެ. ޒާރާ އާ ދެމެދު އޮތް ގުޅުން ރަނގަޅުވެފައި އޮތުމުން ޒާރާ އާ ދުރުގައި ނިދުމަކީ އޭނާ އަށް ވާނެ ކަމެއް ނޫނެވެ. އަނެއްކޮޅުން ދެމަފިރިންނާ ހެދި ނިއަމް ގެ ނިދުމަށް އުނދަގޫގޮތެއް ދިމާވުމަކީ ވެސް އޭނާ އެދޭ ގޮތެއް ނޫނެވެ.
"އާދޭ ކާން" ކާ ގޭގައި ހުރި ވަސީމާ ގޮވާލިއެވެ.
އައްފާން ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. މޭޒުމަތީގައި ހުރީ އޭނާ އަށް މީރު ކާއެއްޗިއްސެވެ. އެހެންނަމަވެސް ޒާރާ ބަލާދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ރަނގަޅަށް އޭނާ އަށް ނުކެވުނެވެ. ކަޅު ސައިތަށި ބޮމުން ދިޔައިރު ހުއްޓާނުލާ ވަސީމާ ވާހަކަދައްކަމުން ދިޔައެވެ. ޒާރާގެ ވާހަކައެވެ.
"ޒާ މިހާރު ވަރަށް ގަދަވެއްޖެއޭ. ނުޖެހޭނެ ކާށެކޭ ބުނާކަށް. ހުރިހާ އެއްޗެއްވެސް މިހާރު މީރުވާނެ. މާހައުލު ބަދަލުކޮށްލީމަ ވަރަށް ހެޔޮ ބަދަލު އައި" އައްފާން ބުންޏެވެ.
އެއީ ކޮންމެ މާނައެއްގައި އައްފާން ބުނި އެއްޗެއް ނަމަވެސް ވަސީމާ ހިތްހަމަޖެހުނެވެ. މާޒީ ހަނދާންނައްތާލައި ދިރިއުޅުން ކުރިއަށް ގެންދަން ޒާރާ ނިންމުމަކީ އެ ދިރިއުޅުމަށް ޒާރާ ސީރިޔަސްކަން ދޭހަވާ ކަމެކެވެ.
"އެހެން މިބުނީ ފައްވާޒް ކުރިމައްޗަށް އެރީމަ ހުރި ވަރަށް މަޑުމަޑުން. ފުރަތަމަ ހުރީ ފާޑަކަށް. އެކަމަކު ގެއަށް އައިސް ވަރަށް އަވަހަށް މީހާ ހަމަޔަކަށް އެޅިއްޖެ. ޒާ ރަނގަޅު. ވަރަށް ހިތްވަރުގަދަ. ދިރިއުޅެން މަސައްކަތްކުރޭ. ހިނިތުންވާން ދަސްކޮށްފި" އައްފާން ވާހަކަދެއްކިއެވެ.
"އެހެން އެވީ ދަރިފުޅުގެ ތި ހަރުދަނާ ވިސްނުމުގެ ސަބަބުން. ދައްތަ އެދެނީ ތިދެކުދިން އަބަދުވެސް އުފަލުގަ ލެއްވުން" ވަސީމާ ބުންޏެވެ.
****
ސައީދާ ބޭސްގުޅަ ކާލުމުން ދިމްނާ ހުސްތަށި ހިފައިގެން ނިކުންނަން ދިމްނާ އުޅުނެވެ. ސައީދާ އެކުގައި ދާން ތެދުވިއެވެ. ގޭތެރޭގައި ތިބި ދެ އަންހެނުންނާއި ކުޑަ ދެ ދަރިން ގޮވައިގެން ދިމްނާ އުޅެނީ ވަރަށް ބުރަކޮށްކަން ސައީދާ އަށް އެނގެއެވެ. އޭނާ ބޭނުންވީ ދިމްނާ ގެ މަސައްކަތްތަކަށް ލުއިކޮށްދޭށެވެ.
"ޒާކިފް ކެއިތަ؟" ދިމްނާ ބަލައިލުމުން ސައީދާ އެހިއެވެ.
"ކެއި. އެކަމަކު ނުހާ އަށް ކާއެއްޗެހި ހިފައިގެން ދިޔައިރު ގޭގަ ނެތް. މަންމާ، ނުހާ ރަނގަޅުވާނެ ކަމަށް އުއްމީދު ނުކުރާތި. އެދިޔައީ ބޭރަށް. ދުވަސްތަކަކަށްފަހު އެ ފެށީ. އަނެއްކާވެސް ވަރުގަދަ ބޮނޑިއެއް ލިބުނީމަ މައިތިރިވާނެ" ދިމްނާ ވާހަކަދެއްކިއެވެ.
ސައީދާ އިނީ ހިމޭނުންނެވެ. ނުހާގެ ފުށުން އުއްމީދު ކުރުން އޭނާ ހުއްޓާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނާ އަށް އުއްމީދު ދެނީ ދިމްނާ އެވެ.
"މަންމަ ނުބުނަންތަ؟ އެހެންވިޔަސް މަންމަ މިހާރު ނުހާ އާ މެދު ނުވިސްނަން. އެއީ މަންމަ އަށް އެއްވެސް ރަހުމެއް ހުރި ދަރިއެއް ނޫން" ސައީދާ ބުންޏެވެ.
ސައީދާ ތެދުވަން އުޅުމުން ދިމްނާ ހިފެހެއްޓިއެވެ. ރޭގަނޑުގެ ވަގުތުތަކަކީ އެއްގޮތަކަށް ވެސް ސައީދާ ކޮޓަރިން ނެރެން ދިމްނާ ބޭނުންވާ ވަގުތެއް ނޫނެވެ. ކުއްލިއަކަށް ސައީދާ ގެ ލޮލަށް ޖެހުނު ބައްޔެއްގެ ސަބަބުން ރޭގަނޑަށް ލޮލުގެ ފެނުން އަނދިރި އެވެ. މީހެއްގެ އެހީތެރިކަމާނުލާ ސައީދާ ފާހާނާއަށް ވެސް ނުދެއެވެ.
"މަންމަ ކޮންތާކަށް؟" ދިމްނާ އެހިއެވެ.
"އަބަދު މިތާ އިންނަން ބޭނުމެއްނުވޭ. ހިނގާ މަންމަ ގޮވައިގެން ބަދިގެއަށް. ދަރިފުޅު އަދި ނުކަމެއްނު. ކައި ނިމި ބަދިގޭ ކަންކަން ނިންމަންދެން މަންމަ ބަދިގޭގަ ބައިންދަދީ" ސައީދާ ބުންޏެވެ.
ދިމްނާ ހިތްހަމަޖެހުނެވެ. އަބަދުވެސް އެކަނި އިންނަން ބޭނުންވާ މަންމަ ގެ ވިސްނުން މިއަދު ބަދަލުވެއްޖެއެވެ. ކުރިން ހީކުރީ ނުހާގެ ސަބަބުން މަންމަ ގެ ހާލަތު ދާނީ ދުވަހުން ދުވަހަށް ދަށަށް ކަމަށެވެ. އެހެންނަމަވެސް ދެން އެހެނެއް ނުވާނެކަން އޭނާ އަށް ޔަގީން ވެއްޖެއެވެ.
"މަންމާ، މިފަހަރު ނުހާ އަހަރެން ބުނާ ގޮތަށް ނަހަދައިފިއްޔާ އަހަރެންގެ ފަރާތުން ނުހާ އަށް އެއްވެސް އަޅާލުމެއް ނުދޭނަން. ކުރިން އަޅާލީ އޭނަ ބަލިވީމަ. އެވެސް ޒާކިފް އާ ދެކޮޅަށް. ނުހާ ގަދަވެ ހުރެ އެފާޑަށް އުޅެން ގަސްދުކޮށްފިއްޔާ އަހަރެން މަޑުން ނުހުންނާނަން" ދިމްނާ ވާހަކަދެއްކިއެވެ.
"މަންމަ އަށް ހެޔޮ. ނުހާ އާ މެދު މަންމަ ނުވިސްނަން. މަންމަ ދުނިޔޭގަ ހުންނަން ބޭނުން. ދަރިފުޅާ މާމަ ދަރިންނަށްޓަކައި" ސައީދާ ބުންޏެވެ. މަންމަގެ އަޑުގައި ރިހުމެއް ހުރިކަން ދިމްނާ އަށް ފާހަގަވިއެވެ.
****
ޒާރާ ބަލައި އައިސްފައި މަޑެއްނުވެ ދާން އައްފާނަށް ނުކެރުނެވެ. އޭނާ ޒާރާ ގޮވައިގެން ގެއިން ނިކުތީ ހިމްނާ އާއި ނޫރީނާ އެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ. ގެއިން ނިކުތްގޮތަށް ސައިކަލަށް އަރާފައި އައްފާން ޒާރާ އަށް ބަލައިލިއެވެ.
"ކީއްކުރާނީ. ގެއަށް ދެވުނީމަ ނޫނީ ތި މޫނުކޮޅު ފެނުމުގެ ނަސީބެއް ނުލިބޭނެ" އައްފާން ބުންޏެވެ. ޒާރާ ހިނިއައެވެ. އައްފާން ބުނި ގޮތުންނެވެ.
"ކުޑަކޮށް ދުއްވާލާފަ ދޯ ދާނީ" ޒާރާ ސައިކަލަށް އެރުމުން އައްފާން ބުންޏެވެ.
"ނިއަމް ނިދީތަ؟ އަހަރެން މިސްވެގެން ރުއިތަ؟" އައްފާން ކުރިއަށް ދުއްވާލުމުން ޒާރާ ބުންޏެވެ.
"ނިއަމް އެއް ނުރޮއެ. އެކަމު ނިއަމް ގެ ބައްޕި ވަރަށް ހާލުދެރަ" އައްފާން ބުންޏެވެ.
ޒާރާ ކުޑަކޮށް އައްފާންގެ ބަނޑުގައި ވިކާލިއެވެ. އައްފާން ހީލި އަޑު އިވުނެވެ.
"މިދިމާލު ފަސްގަނޑަށް އަރާލާފައި ކުޑަކޮށް މަޑުކޮށްލަން ހިނގާ" އައްފާން ބުންޏެވެ.
ޒާރާ ބޯޖަހާލިއެވެ. އައްފާންގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައިރު ޒާރާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ހިތްގައިމު ވަރަކަށް ވައިރޯޅި ވަމުން ދިޔައިރު މުޅި ސަރަހައްދަށް ފެތުރިފައިވަނީ ހަނދުގެ ޖާދޫވީ އައްޔެވެ. ދުރުދުރުންވެސް މީހެއްގެ ނިޝާނެއް ނުވެއެވެ. ދުރުން ފެންނަން ހުރި ބައިބޯ ގަސްތައް އެކަތި އަނެއްކައްޗާ އެކުވެ ފެންނަނީ އެކަތިގަނޑެއް ހެންނެވެ.
"ކުރީގަ އައްޔަ ވަރަށް އަންނަންދޯ މިކަހަލަ ތަންތަނަށް" ސަމާސާ އެކުލެވޭ ރާގެއްގައި ޒާރާ އެހިއެވެ.
"ޒާ ގޮވައިގެން އަންނަން ބޭނުންވި. އެކަމަކު ނައި. އަހަރެން ނަސީބުދެރަކަމުން މިތަނަށް އެހެން ކުދިން ގެނެސްދިނީ. އަހަރެން ލޯބިވާ ކުއްޖާ ގޮވައިގެން އައިސް އެހެން ފިރިހެނަކާ ހަވާލުކުރަނީ. ކިހާ ހިތަށް ތަދުވާނެ" އައްފާން ބުންޏެވެ،
ޒާރާ އަށް ވިސްނުނެވެ. އައްފާން އެދެއްކީ އޭނާ އާ ފައްވާޒް ގެ ވާހަކައެވެ. އެކަމަކު އެއީ މާ ކުރިއެވެ.
"ދެން އެހެނެއްނުވާނެ ދުވަހަކުވެސް" ޒާރާ ބުންޏެވެ.
"ޔަގީންތަ؟" އައްފާން އެހިއެވެ.
ހާމަ އަށް ހުރި ސަރަހައްދުގައި މެދުގައި ހުއްޓި އައްފާން ޒާރާގެ މޫނަށް ބަލައިލިއެވެ. ހަމައެކަނި ފެންނަން ހުރި ޒާރާ ގެ ދެލޮލަށް އޭނާ ބަލައިލިއެވެ. އެ ދެލޮލަށް އައި ބަދަލުން ޒާރާ ހުރީ ހިނިތުންވެގެންކަން އައްފާނަށް އެނގުނެވެ. މޫނުފޮތިކޮޅު ހިއްލާލާފައި ނަމަވެސް ޒާރާ ގެ މޫނު ދެކިލަން އޭނާ ހިތްއެދުނެވެ. އެހެންނަމަވެސް އެއީ ރަނގަޅު ހިޔާލެއް ނޫނެވެ. އިންސާނެއް ނެތަސް އިންސާނުން ވަށައިގެން ޖިންނި ޝައިތާނުން ވެސް އުޅެއެވެ. ނިގާބްގެ ފަހަތުގައިވާ އަނބިމީހާގެ ލޯބި މޫނު އިންސާނުންނަށް ވަންހަނާވެގެންވާ އެއްވެސް މަހުލޫގަކަށް ފެންނަން އޭނާ ނޭދެއެވެ.
"އަހަރެން ދޫކޮށްފަ ޒާ ހިނގައިދާނަންތަ؟" އައްފާން އެހިއެވެ.
"ކާކު ކައިރިއަށް. އަހަރެން ބޭނުންވާނެ އެހެން މީހަކު ހުންނާނެ ހެނެއް ހިއެއްނުވޭ" ޒާރާ ބުންޏެވެ.
"ތިއީ ހީވާގޮތް. މިސާލަކަށް.... މިސާލަކަށް...." އައްފާނަށް އެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނާ އަށް ވިސްނުނީ އެ ޖުމްލަ ނުބުނުމަށެވެ.
"ނުދާނަން. ﷲ އިރާދަކުރެއްވިއްޔާ އަބަދުވެސް ހުންނާނަން" ޒާރާ ބުންޏެވެ.
"ވަރަށް ހީކަރުވާ. ހިނގާ މިތަނުން ދާން" ޒާރާ ބުންޏެވެ.
"ތިބުނީ ތެދެއް. މިތަނުގަ ހީފިލުވައެއްވެސް ނުދެވޭނެ. އަހަރެންގެ ކަމަނާ ގޮވައިގެން ދާންވީ އަވަހަށް" އައްފާން ބުންޏެވެ.
އައިކޮޅަށް ދާން ދެމަފިރިން ހިނގައިގަތެވެ. އޭރުވެސް ދެމަފިރިންގެ ދެއަތްތިލަ ވަނީ ޖޯޑުކޮށްލެވިފައެވެ. އައްފާން ކޮށްލާ ލާނެއް ސަމާސާތަކުން އިރުކޮޅަކާ ޒާރާ ހީލާތަން ފެނެއެވެ.
(ނުނިމޭ)