ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 49

5

ރޯނުގައި ހެދުން ހިއްކަން އަޅުވަން ހުރި ހިމްނާ ސިހުނީ ޖޯލީގައި ފޮތް ހިފައިގެން އޮތް ނޫރީން ގޮވާލުމުންނެވެ. ނޫރީނަށް ބަލައިލާފައިވެސް ހިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. ފޮތް ހިފައިގެން އޮންނާށޭ ބުނުމުން އެހާ އަވަހަށް އެ އިނީ ފޯނު ހިފައިގެންނެވެ. ހުސް ބާލިދީ ހިފައިގެން އައިސް ހިމްނާ އިށީނީ ނޫރީން ކައިރީގައެވެ.

"ކިތައްފަހަރު މަންމަ ބުނެފިން ތި ފޯނު ބާއްވާފަ ފޮތް ކިޔާށޭ. އަދި ޓެސްޓުތައް ނުނިމެއެއްނު" ހިމްނާ ބުންޏެވެ.

"މިފޮތުގަ މިހާރު އަޅުގަނޑަށް ދަސްނުވާ އެންމެ ތަންފުކެއްވެސް ނެތް. މަންމައަށް އެނގޭތަ ދެންމެ ދޮންތިބެ އެ ގުޅީ" ނޫރީން ބުންޏެވެ.

"ފުރަން ދިޔައީތަ؟ ދޮންތި ބުންޏޭ މަންމަ ކައިރީގަ ގެއިން ނިކުންނަނީއޭ" ހިމްނާ ބުންޏެވެ. އެހާ އަވަހަށް އަތުކުރީގައި އޮތް ކަޅު ކަމަރު ލީ ގަޑި ވެސް އޭނާ ބަލައިލިއެވެ.

"މަންމާ، ދޮންތިބެ ގުޅީ. މިހާރުގެ ދޮންތިބެއެއް ނޫން" ނޫރީން ބުންޏެވެ.

ހިމްނާއަށް ހައިރާންކަމާއެކު ނޫރީންގެ މޫނަށް ބަލައިލެވުނެވެ. ފައްވާޒް ގުޅީ ކީއްކުރަން ހެއްޔެވެ؟

"ކީއްކުރަން؟ ކީކޭ ކިއީ؟" ހިމްނާ އެހިއެވެ.

"ދޮންތިބެ މިގޭގަ އުޅުނު އިރު އަބަދުވެސް އަޅުގަނޑަށް ގޮވައެއްނު ނަމެއް. ޗޯޓޭ އޭ ކިޔާފަ ގޮވީ. ދޮންތިބެ ހުރީ ވަރަށް އުފަލުން ހެން ހީވަނީ. އަޅުގަނޑަށް ނުކެރުނު ވާހަކަދައްކަން. އެހެންވެ ފޯނު ކަނޑާލައިފިން. އެފަހުން އަދި ނުގުޅާ" ނޫރީން ބުންޏެވެ.

"އަޅާނުލާ. ދެން ގުޅިޔަސް ފޯނު ނުނަގާތި. އަދި ދޮންތި ކައިރީގަވެސް ތި ވާހަކަތައް ނުބުނާތި. ދެން ދޭ ފެންވަރައިގެން ތައްޔާރުވާން. އޭރުން ގަޑިއަށް ބަނދަރަށް ނިކުމެވޭނީ"

ނޫރީން ހިނގައިގަތުމުން ހިމްނާގެ ދެ ބުމަ ގޮށްޖެހުނެވެ. މޫނު މަތިން ފާޅުވީ ހިތްހަމަނުޖެހުމެވެ. ޒާރާގެ ދިރިއުޅުން އާބާދުވިފަހުން އަނެއްކާ ވިލާގަނޑެއްގެ އަސަރު ކުރަނީކީ ނޫންބާއެވެ. ހަމަ ހިލާ މިފަހަރު އެހެންވާކަށް ނުކެރޭނެއެވެ. ފައްވާޒްގެ ހިތުގައި އިންސާނިއްޔަތުކަމުގެ ކުޑަވެސް މިންވަރެއް ހުރިނަމަ އަލުން ޒާރާގެ ހަޔާތަށް ވަންނާކަށް މަސައްކަތެއް ނުކުރާނެއެވެ.

****

ލޯންޗަށް އެރުމަށްފަހު ނިއަމް އުރީ އައްފާނެވެ. ދަތުރަކީ ދިގު ދަތުރަކަށް ވުމުން ޒާރާގެ ހާލު ރަނގަޅު ނުވާނެކަން އައްފާނަށް އެނގެއެވެ. ފުރުމުގެ ކުރިން ހޮޑު މަނާކުރަން ބޭސްދީފައި އިނުމުން ލޯންޗު ނައްޓާލިތާ ބައި ގަޑިއިރު ނުވަނީސް ޒާރާއަށް ނިދިއްޖެއެވެ. އެއް ފައި މަތީގައި ނިއަމް ބައިންދައިގެން އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އިން ޒާރާގެ އަތުގައި އަނެއް އަތުން ހިފަހައްޓައިގެން އައްފާން އިންއިރު ގިނަ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓެމުން ދިޔައެވެ. ފްލައިޓް ތެރޭގައި ނިއަމް ނިދާފައި ހޭލީ ރަށަށް އަންނަން ލޯންޗަށް އެރި ފަހުންނެވެ.

ވަކި ހިސާބަކުން އައްފާނަށް ޖީބުގައި އަތް ޖެއްސުނީ ފޯނު ވައިބްރޭޓްވާހެން ހީވުމުންނެވެ. އިރުކޮޅަކަށް ޒާރާގެ އަތުން ދޫކޮށްލާފައި ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ބަލައިލިއެވެ. ފޯނަށް އަރާފައި އިން ފައްވާޒްގެ ނަން ފެނުމުން އައްފާންގެ ނިތަށް ރޫ އެރިއެވެ. ފޯނަށް އޭނާ ޖަވާބުނުދިނީ ހާލަތުގެ ގޮތުންނެވެ. އިރުކަޅުކުން ފޯނަށް އައީ މެސެޖެކެވެ.

"މާދަމާ ފުރަން ތި ރަށަށް ދާން. ތިގޭގަ ހުންނާކަށް ނުކުރޭނެއްނު. އެހެންވެ އެއްކަލަ ނަހުލާއްތަމެން ގޭގަ ހުންނަން މިދަނީ"

ފައްވާޒްގެ މެސެޖް ކިޔާލުމާއެކު އައްފާންގެ ހިތް ނުތަނަވަސްވިއެވެ. ފައްވާޒާ މެދު އޭނާގެ ހިތް ސާފުވެފައި ވިޔަސް ހިތުގައި ނުތަނަވަސްކަމެއް ހިނގާލައިފިއެވެ. ފައްވާޒް އެ އުޅެނީ ވަރުގަދަ ހަނގުރާމައަކަށް އަރަން ހެއްޔެވެ؟ އައްފާންގެ ހިތުގައި ސުވާލު އުފެދުނެވެ.

ގަސްދޮށުގައި މަޑުކޮށްލައިގެން ހުރި ހިމްނާ ހުރީ ހިތް އަވަސްވެފައެވެ. އޭނާގެ ފަހަތުގައި ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ނޫރީން ހުއްޓެވެ. ދެމައިން އެގޮގައި ތިބޭތާ ވިއްސަކަށް މިނެޓް ވެއްޖެއެވެ. ވަގުތަކީ މެންދުރު ފަސްވެފައިވާ ވަގުތެވެ. އިރުކޮޅަކުން އަސުރަށް ގޮވާނެއެވެ. އެހެންނަމަވެސް ޒާރާ ދެކިލާފައި ނޫނީ އޭނާއަށް ހުރިތަނުން ގުޑާވެސް ނުލެވިފައި ހުއްޓެވެ. ކުޑައަށް ތިބި ދެބެން ގޮވައިގެން ވަސީމާއަށް އާދެވުނީވެސް އެ ވަގުތުއެވެ.

"ތިހެރަ އަންނަނީ ލޯންޗު" ނޫރީން އިޝާރާތް ކުރި ދިމާލަށް ވަސީމާ އާއި ހިމްނާ އެކުގައި ބަލައިލިއެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑުގައި ކުރިއަށް އައި ލޯންޗު ފެނުމުން ހިމްނާ ހިތް އަވަސްވެލިއެވެ. އޭނާ ހުރީ ޒާރާ ދެކިލާހިތުން ދެލޯ ބިންމައްޗަށް ފުންމާލާވަރު ވެފައެވެ. ބަލައިބަލާ ހުއްޓައި ލޯންޗު އައިސް ޖެޓީއާ ހަމަކޮށްފިއެވެ. ފައިބަމުން ދިޔަ މީހުންތަކުގެ ތެރެއިން ޖެޓީ މައްޗަށް ފުންމާލި އައްފާން ފެނުމުން އެ ދިމާލަށް ވަސީމާ ކައިރީގައި ހުރި ކުޑަ ދެބެން ހިނގައިގަތެވެ. މޫނު ބުރުގާ އަޅާފައި ހުރި ދެ އަންހެނުން ލޯންޗުން ފޭބިއެވެ. އެތަނުން ޒާރާ ވަކިކުރަން ހިމްނާ =އަށް އެނގުނީ އައްފާން އަތުގައި ހިފައިގެން ފޭބުމުންނެވެ. ނިއަމް ގޮވައިގެން ޒާރާ ރަށުތެރެއަށް ބަލައިލިއެވެ. އެނާގެ ލޮލުގައި ކުރިއަށް އައި ހިމްނާ އާއި ވަސީމާ އަޅައިގަތެވެ. އޭނާއަށް އެ ދިމާލަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ޒާރާ އަތުގައި އިން ނިއަމް ވަސީމާ އުރާލިއެވެ. ޒާރާ ވަގުތުން ހިމްނާގެ ގައިގައި ބައްދައިގަތެވެ. ދޫކޮށްލާހިތްވެސް އޭނާ ނުވިއެވެ. ހިމްނާ ވެސް ޒާރާގެ ގައިން ދޫކޮށްނުލިއެވެ. ދެ ހަފްތާއަށް ފަހު މަންމަގެ މޫނު ފެނުމުން ޒާރާގެ ހިތް އުފަލުން ފުރުނެވެ. މި ހުރިހާ ދުވަހު މަންމަ އާއި ކޮއްކޮ ނުފެންނަ ހިސާބުގައި ހުންނަން ޖެހުމުން ހީވީ ގައިގެ އެއްބައި މަދު ހެންނެވެ. މަންމަގެ މޫނަށް ބަލައިލުމަށްފަހު މަންމަގެ ބޮލުގައި ޒާރާ ބޮސްދިނެވެ. އެ މަންޒަރު ބަލަހައްޓައިގެން ހުރި އައްފާނަށް ހެވުނެވެ. ނޫރީން ގައިގައި ވެސް ޒާރާ ބައްދާލިއެވެ.

"ދޮންތިއަށް އެނގޭތަ ކުރިން ދުވަހު ގުޅި"

"ހިނގާ ގޯއްޗާ ދިމާލަށް ދަމާ" ހިމްނާ އަވަސް އަވަހަށް ބުންޏެވެ.

"އެއީ ތެދެއް. ހިނގާ ހިނގައިގަންނަމާ" ޒާރާގެ ބުރަކަށީގައި ފިރުމާލަމުން ވަސީމާ ބުންޏެވެ.

ހިނގައިގަނެފައި ޒާރާގެ އެއް އަތުގައި ހިފަހައްޓައިގެން ހުރި ނޫރީނަށް ހިމްނާ ބަލައިލިއެވެ. މަންމަ ހުރީ ހިތްހަމަނުޖެހިފައޭ ނޫރީނަށް ހީވިއެވެ. ނޫރީން އިސްޖަހާލިއެވެ. ދޮންތި ފެނުމުން ވީ އުފަލުން އޭނާ ހިނދުކޮޅަކަށް ހަނދާން ނެތުނީއެވެ.

****

އައްފާން ބޭނުންވީ ޒާރާ ބޭނުން އިރެއް ވަންދެން މަންމަ ކައިރީގައި މަޑުކުރާށެވެ. އެއީ ހުދު ޒާރާ ވެސް ބޭނުންވި ގޮތެވެ. އެގޮތަށް އައްފާންގެ ކައިރިން އެދެން އޭނާއަށް ނުކެރިފައި ހުއްޓައި އައްފާން އަމިއްލައަށް އެގޮތަށް ބުނުމުން ހިނިތުންވެވުނެވެ.

"މަންމަ އާ ނޫރް ކައިރީގަ ޒާ މަޑުކޮށްލާ އެނގޭ. އިޝާ އިން ފައިބައިގެން އަންނާނަން ބަލާ" އައްފާން ބުންޏެވެ.

"އެކަމަކު ނިއަމް" ޒާރާ ބުންޏެވެ.

"ދައްތަ މިހުރީނު. ދަރިފުޅު މަޑުކޮށްލާ" ވަސީމާ ބުންޏެވެ.

ޒާރާ ބޯޖަހާލިއެވެ. ވަސީމާގެ ކައިރީގައި ހުއްޓިފައި ނިއަމް އުރާލިއެވެ. ނިއަމް މޫނުކޮޅު ހަދައިގެން އިން ގޮތުން ހީވީ އެތަނުގައި ދެކެވުނު ވާހަކަތައް އިވިފައި ހިތްހަމަނުޖެހިފައި އިން ހެންނެވެ. ނިއަމްގެ މޫނުން ޒާރާ ބޮޑު ދޮނެއް ނެގިއެވެ. އެއީ އޭނާއަށް ދެން ނިއަމް ފެންނާނީ ގިނައިރުތަކެއް ފަހުންކަން އެނގުމުން އެ ހުރިހާ އިރަކަށް ވާވަރަށް ނެގި ދޮނެކެވެ.

"ދަނީ އެނގޭ. ރަނގަޅަށް ކައިގެން ހުންނައްޗޭ" އައްފާން ޒާރާގެ މޫނުގައި އެއް އަތުން ހިފަހައްޓައިލަމުން ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ. ޒާރާއާ އައްފާންގެ ގުޅުން ބަދަލުވެފައިވި ތަން ތަޖުރިބާ ހުރި ހިމްނާ އާއި ވަސީމާ ދެނެގަތެވެ. ދެ އަންހެނުންގެ ހިތަށް ވެސް ލިބުނީ ހިތްހަމަޖެހުމެވެ. ހިތާހިތުން ދެ ދަރިންނަށްޓަކައި އެމީހުން ދުއާ ކޮށްލިއެވެ.

****

ޒާރާ ފެންވަރައިގެން ނިކުތް އިރު ގޭގައި ބޭރު ދެމަފިރިންނާ ދިމާވިއެވެ. ޒާރާ އަކީ ގިނަ ދުވަހު ސްކޫލުގައި މަސައްކަތް ކޮށްފައި ހުރި ޓީޗަރަކަށް ވުމުން އިރުކޮޅަކު ވާހަކަދައްކާލަން މަޑުކޮށްލައިގެން ހުރެފައި ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. މަންމަ އުޅޭނީ ބަދިގޭގައި ކަން އޭނާއަށް އެނގެއެވެ. ހީކުރި ގޮތަށް ހިމްނާ ހުރީ އުނދުން ކައިރީގައެވެ. މޫނު ފޮތިކޮޅު ހިއްލާލި ގޮތަށް ޒާރާ ގޮސް ހުއްޓުނީ ހިމްނާ ކައިރީގައެވެ. ހިމްނާ އަތުން ދޭފަތް އަތުލާފައި ކުޅި މަސްކޮޅު ހަދާލީ ޒާރާއެވެ. ހެވިފައި ޒާރާގެ މޫނަށް ބަލަހައްޓައިގެން ހިމްނާ އިނީ މޭޒު ކައިރީގައެވެ. ޒާރާ ހުރިއްޔާ އޭނާ ބަދިގޭގައި މަސައްކަތެއް ކުރިޔަނުދޭނެކަން އޭރުވެސް ހިމްނާއަށް އެނގެއެވެ.

"ތި ނިމުނީއެއްނު. އާދެބަލަ މިކޮޅަށް" އުނދުން ނިއްވާލާފައި ތެލީ މަތި ޖަހާލިތަން ފެނުމުން ހިމްނާ ބުންޏެވެ. ޒާރާ އައިސް ހުއްޓުނީ ހިމްނާ ކައިރީގައެވެ. މަންމަގެ މޫނަށް ބަލައިލާފައި ޒާރާ ހިނިތުންވެލިއެވެ.

"އެނގޭ މަންމަ ދައްކަން ވަރަށް ވާހަކަ ހުންނާނެކަން. އެކަމަކު އިހަށް ބޭނުމީ ކޮންމެވެސް އެއްޗެއް ކާން. ކޮބާ އެއްކަހަލަ ބަނބުކެޔޮ ދަޅު" ޒާރާ ކަބަޑުތައް ހުޅުވަމުން ދިޔައެވެ. މަތީގައި ހުރި ކަބަޑުތަކަށް އަތް ނުލެވޭތީ ގޮނޑިއެއް ހިފައިގެން އައިސް އެރިއެވެ. އޭނާއަށް ބަނބުކެޔޮ ދަޅު ފެނުމުން ހިފައިގެން އައިސް ތައްޓަކަށް އެޅިއެވެ. ދެން ދެ ކަޅު ސައި ތަށި ތައްޔާރުކޮށްގެން ނިކުތީ ބަދިގެ އިން ނިކުމެވޭ ހިމްނާގެ ގަސްތައް ކައިރިއަށެވެ. ދެމީހުންގެ ޖާގައިގެ ޖޯލީގެ ކުރިމަތީގައި ހުރި ކުޑަ މޭޒުކޮޅެއްގެ މަތީގައި ގެނައި އެއްޗެހި ބަހައްޓާފައި މަންމައަށް ގޮވާލިއެވެ. ޒާރާ އުޅުނު ގޮތް ފެނުމުން ހިމްނާ އިނީ ހައިރާންވެފައެވެ. ކުރީގައި ހުންނަ ހިމޭންކަން އެއްކޮށް ޒާރާގެ ކިބައިން ފިލައިފިއެވެ. ކާއެއްޗެއްގެ ނަން ވެސް މީގެކުރިން ކިޔާނުލާ ކުއްޖާ ކާއެއްޗެއް ހޯދަން އުޅުނު ގޮތް އަދިވެސް އޭނާއަށް ފެންނަ ކަހަލައެވެ. ހިނިތުންވުން ގެއްލިފައިވާ ތުންފަތް މަތިން ހިނިތުންވުން ފިލާ ނުދެއެވެ. އަނެއްކޮޅުން ޒާރާގެ ދެ ކޮލުގައި މަސްތައް އެތުރިލާފައިވާ ގޮތުން ކުރިއަށް ވުރެ ދޮންވެފައި ހަންގަނޑު އޮމާންހެންވެސް ހީވެއެވެ. ޔަގީނުންވެސް ހަށިގަނޑު ރަނގަޅުވެލައިފިއެވެ.

"ދެން އާދެބަލަ މަންމާ" ޒާރާ ދެވަނަ ފަހަރަށް ގޮވާލިއެވެ.

ހިމްނާ ގޮސް ޒާރާއާ ޖެހިގެން އިށީނެވެ. ބަނބުކެޔޮ ފޮއްޗަކަށް ފަހު ފޮއްޗެއް ހަފަމުން ދިޔަ ޒާރާއަށް ހިމްނާ ބަލައިލިއެވެ.

"ނޫރް ނުލައި އަހަރެމެން ސައިބުއީމަ ވަރަށް މައްސަލަ ޖައްސާނެ ދޯ" ޒާރާ ބުންޏެވެ.

"މައްސަލަ ޖައްސާނީ އެނގިގެންތާ. ބަނދަރުން އައިގޮތަށް އެއޮތީ ނިދާފަ" ހިމްނާ ބުންޏެވެ.

ސައިތަށިން ކޯވަރެއް ބޯލާފައި އަނެއްކާވެސް ހިމްނާ ބަލައިލީ ޒާރާ އަށެވެ.

"މަންމަ ހާދަ ވަރަކަށޭ ތި ބަލަނީ" ޒާރާ ބުންޏެވެ.

"ދަރިފުޅު ތި އިންނަނީ އުފަލުންތަ؟" ހިމްނާ އެހިއެވެ. އެ ހިނދު ޒާރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ހިތަށް ސިފަވެލީ އައްޔަގެ ތަސްވީރެވެ. އެ ތަސްވީރު އޭނާގެ ހިތާއި ސިކުނޑިން ނެރެނުލެވޭހާ ހިނދެއްގައި އޭނާ ހުންނާނީ އުފަލުންނެވެ. ޒާރާގެ ދެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

"ވަރަށް އުފަލުން މަންމާ. އަލްހަމްދުލިއްލާހް" ޒާރާ ބުންޏެވެ. އަތުތެރޭގައި އޮތް ބަނބުކެޔޮ ފޮތި ތަށި ތެރެއަށް ލުމަށްފަހު ދެއަތްތިލަ ފޮޅާލާފައި ހިމްނާގެ އަތުގައި ޒާރާ ބައްދާލިއެވެ. ދެން ބޯ އެޅީ ހިމްނާގެ ކޮނޑުގައެވެ.

"ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ މަންމާ. އަހަންނަށް އުފަލުން ހޭންވީ ކަމެއް ރޯންވީ ކަމެއް ނޭނގޭ. އައްޔަ ހާދަ ރަނގަޅޭ. އަހަރެންގެ ދިރިއުޅުން އައްޔަ ބަދަލުކޮށްދީފި. އަހަރެން ބޭނުންވަނީ ކޮންކަމެއް ކަން އަހަރެން ބުނުމަކާ ނުލާ އައްޔައަށް އެނގޭ. ކުރިން އަހަންނަށް ދުނިޔެ ފެންނަމުން ދިޔައީ ކުލަނުވާ ތަނެއްގެ ގޮތުގައި. މިހާރު ހުރިހާ ތަނެއްވެސް ރީތި. ރީތި ކުލަތައް އަހަރެންގެ ލޮލަށް ސިފަނުވާ އެންމެ ހިނދުކޮޅެއްވެސް ނުދޭ. މަންމާ.. އައްޔަ އަހަންނަށް ކާންވެސް ދަސްކޮށްދިން"

ޒާރާ ފަހުން ބުނި ޖުމްލަ އާއެކު ދެލޯ ފެންކަޅި ވެފައި އިން ހިމްނާ ހީލިއެވެ. ޒާރާގެ އަތުގައި ފިރުމަމުން ދިޔަޔަސް އޭނާ ހެއްދެވި ފަރާތަށް ހަމްދުކުރަން ހަނދާންނައްތާ ނުލައެވެ. މިއަދު އޭނާ ހިތް ފުރިގެން ބަންޑުންވާ ވަރަށް އުފާވެރިކަން ހިތަށް ލިބިއްޖެއެވެ. އަލީ އޭނާ އުއްމީދު ކުރި ވަރަށްވުރެވެސް ހަރުދަނާވެފައި އޯގާތެރިކަން ޒާރާގެ ވާހަކަތަކުން އެނގުނެވެ.

"ފައްވާޒް ވެސް ދުށިން މަގުމަތިން. އައްޔައާ އޭނަ ވާހަކަދެއްކި. ފެންނަ ފެނުމަށް ވަރަށް ހަމަޖެހިގެން އުޅޭހެން ހީވަނީ" ޒާރާ ވާހަކަދެއްކިއެވެ.

ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ހިމްނާ ޒާރާގެ މޫނަށް ބަލައިލިއެވެ. ފައްވާޒްގެ ވާހަކަ ޒާރާ އެ ދެއްކީ ހާދަ ހަމަޖެހިފައެވެ. ފައްވާޒްގެ ވާހަކަތައް ފެށުމުން މިއަދު ޒާރާގެ އަޑަށް އެއްވެސް ބަދަލެއް ނައެވެ. ނަފްސަށް ހިމޭންކަމެއްވެސް ވެރިނުވިއެވެ. ލޮލުން ކަރުނައެއްވެސް ނުފެނުނެވެ.

"މަންމައަށް އެނގޭތަ. އޭނަ އަހަރެން ކުރިމަތީގައި ހުއްޓި ހުރީ. އަހަރެން މިއީ ކާކުކަން އޭނައަށް ކިހިނެއް އެނގޭނީ. ފުރަތަމަ ވަރަށް އުނދަގޫވި. ގެއަށް ދިޔައިރުވެސް އަހަރެންނަށް ހީވީ މުޅި ހަށިގަނޑު ރޫޅިދާނެހެން. ހިތަށް ބާރުވެގެން ގޮސް ހީވީ ފަޅައިގެން ހިނގައިދާނެހެން. ކޮޓަރިއަށް އައިގޮތަށް އައްޔަ އަހަރެން އެކަނިވާން ވަގުތު ދިނީ. މާޔުސްވެ ރޮވުނު ވަގުތު ކުޅެން އިން ނިއަމް އަހަރެންގެ ހެދުމުގަ ހިފާފަ ކޮޅަށް ތެދުވީމަ ހަމަހޭވެރިކަމެއްވީ. އެއީ ނިއަމް ކޮޅަށް ހުރި ފުރަތަމަ ފަހަރު. އޭގެފަހުން އަހަންނަށް އިހުސާސްވީ ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން. ފައްވާޒަކީ އެއްވެސް މީހެއް ނޫންކަން. އަހަރެންގެ މުސްތަގުބަލަކީ އައްޔަ ކަން. އައްޔަ އަހަންނަށް އެއްވެސް ކަމަކަށް މަޖުބޫރު ނުކުރާކަން. އައްޔަގެ ކެތްތެރިކަމާ އޯގާތެރިކަން އަހަރެންގެ ހިތް ބަދަލުކުރަން މަޖުބޫރު ކުރީ. އަހަރެން ބޭނުންވީ މި ދިރިއުޅުމަށް ފުރުސަތުދޭން. އެ ހިސާބުން ދެމީހުންގެ މެދުގައި އޮތް ދުރުކަން ކެނޑުނީ. އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން އައްޔަ އާއި ނިއަމްއާ ވަކިވާކަށް. އެކަމަކު ބިރުގަނޭ. ހިތަށް އަރަނީ މި އުފާވެރިކަމުގަ ކިހާ ދުވަހެއް ވަންދެން ބާއޭ ދިރިއުޅެވޭނީ."

ޒާރާ ދެއްކި ވާހަކަތައް އަހަން އިން ހިމްނާގެ ދެލޮލުން ރޮނގެއްހެން ކަރުނައެއް ފައިބައިގެން ދިޔައެވެ. ޒާރާގެ ވާހަކަތައް އަހަމުން ދިޔައިރު އޭނާއަށް ހީވީ ރީތި ފިލްމެއްގެ މަންޒަރުތައް ލޯމަތީގައި ސިފަވެގެން ދިޔަ ހެންނެވެ. ދަރިފުޅުގެ ހިތްވަރުގަދަކަމާއި ހިތުގައި ގަދަވެ ގަތް ގިލަންވެރިކަން އެއްފަރާތްކޮށް އާ ދިރިއުޅުމަށް ކުރިމަތިލިގޮތުން އޭނާ ހިތް އުފަލުން ފުރުނެވެ.

"މާތް ﷲ އެކި އިންސާނުން އިމްތިހާން ކުރައްވާނީ އެކި ގޮތަށް. ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ދުވަހަކުން އެ މީހަކާ ތިމާ ދުވަހަކުވެސް ބައްދަލުނުވާނެ ކަމަށް ހީކުރި މީހަކާ ބައްދަލުވެދާނެ. އެކަމަކު ކުރު މުއްދަތަކަށް ދަރިފުޅު މާލެއަށް ކުރި ދަތުރުގައި ފައްވާޒު ކުރިމައްޗަށް އަރާނެއޭ ކާކު ހީކުރާނީ؟ އެގޮތަށް ކަންތައްތައް ދިމާކޮށް އެކަލާނގެ ދަރިފުޅު އިމްތިހާން ކުރެއްވީ. އެ އިމްތިހާނުން ދަރިފުޅު ފާސްވެއްޖެ. މަންމަ އެދެނީ އަބަދުވެސް ދަރިފުޅަށް ހެޔޮގޮތް. ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅުގެ އުފާވެރިކަން ފޭރިގަނެވޭނެ އެއްވެސް އިންސާނެއް މި އުޑުދަށުގައެއް ނޫޅޭނެ. އެކަން އެގޮތުގަ ދެމިއޮންނާނީ ތިދެކުދިން ދެމެދުގައި އޮތް އިތުބާރުގެ ވާފަށް ވަރުގަދަވެގެން"

"ޝުކުރިއްޔާ މަންމާ. މަންމަގެ ތި ބަސްތައް އަޑުއަހާލާ ހިތުން އަހަރެން އިންތިޒާރުކުރާތާ ކޮންދުވަހެއް" ޒާރާ ބުންޏެވެ.

"ދެން ހިނގާ ސައިތަށި ހުސްކުރަމާ. ހިހޫ ވެދާނެ މިހާވަރަށް ވައިޖެހޭއިރު" ހިމްނާ ބުންޏެވެ.

****

އަސުރު ނަމާދުކޮށްލައިގެން ޒާރާ އެނދުގައި އިށީނީ ޒިކުރުތައް ކިޔުމަށެވެ. ފޯނު ފެނުމާއެކު އޭނާ ނިއަމް މަތިން ހަނދާންވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ މިފަހަރު ނިއަމްއަށް ވުރެ ކުރިން އޭނާގެ ހިތަށް ވަނީ އައްޔަ އައިސް ވަނުމުންނެވެ. ހަނދާނަށް އައީ އައްޔަގެ ލާނެއް ސަމާސާތަކެވެ. އައްޔަގެ ޖާދޫވީ ފިރުމުންތަކެވެ. އެނާގެ ހިތް ބަދަލުކުރުމަށް އައްޔަ ގެންގުޅުނު މޮޅެތި އުކުޅުތަކެވެ.

"އައްޔަ... ދިޔަފަހުން ގުޅާވެސް ނުލާ. އެކަމަކު ބުނާނެ ޒާ ނުފެންނަ ހިސާބެއްގަ ނުހުރެވޭނޭ" ޒާރާގެ ހިތް ބުނެލިއެވެ.

އައްފާންގެ ނަންބަރަށް ގުޅަން އެޅެނިކޮށް ބޭރުގައި ހުރި މަންމަ ގޮވާލި އަޑު އިވުނެވެ. ޒާރާ ބަލައިލަންވާއިރަށް މަންމަ ދޮރު ހުޅުވާލައިފިއެވެ.

"މަންމަ މި ނިކުމެލަނީ ޖޯއްޔަށް. ދަރިފުޅު ނިކުންނާނަންތަ؟" ހިމްނާ ބުންޏެވެ.

"ޖަންނަ އަންނާނެ އިރުކޮޅަކުން. އައީމަ ނިކުންނާނީ" ޒާރާ ބުންޏެވެ.

ކޮޓަރި ދޮރު ލައްޕާލުމާއެކު އަނެއްކާވެސް އައްފާންގެ ނަންބަރު ފޯނުގައި ޖަހާލިއެވެ. އޭނާ ބޭނުންވީ ދެބަފައިންގެ ހާލު ބަލައިލާށެވެ. މާގިނަ އިރެއް ނުވަނީސް އައްފާން ފޯނު ނަގައިފިއެވެ.

"ނިދަނީ ދޯ" އައްފާންގެ އަޑު ޖެހުމާއެކު ޒާރާއަށް އެނގުނެވެ. އެހެނީ އައްފާންގެ އަޑުގައި ބަރުކަމެއް ހުއްޓެވެ.

"ނިދޭނެއްނު. މާލޭގަ އަހަރެން ނިދިޔަނުދީ ހިފެހެއްޓީ ޒާ އެއްނު. ފަހަކަށް އައިސް އަހަރެން ނިދިން މަހުރޫމުކޮށްފަ ޒާގެ ޖާދޫގަ ޖެއްސުވީނު" ކުޑަ ހީލުމަކާއެކު އައްފާން ބުންޏެވެ.

އައްފާން ފެންނަން ނެތް ނަމަވެސް ޒާރާގެ މޫނު މަތިން ތަފާތު ކަމެއް ފާހަގަވެލިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ބޭއިހުތިޔާރުގައެވެ.

"ބޭބީ މިސްވޭ އެބަ. ކައިރީގަ ބާއްވަން ބޭނުމީ" އައްފާން ބުންޏެވެ.

"ހެވޭ ދެން. ކޮބާ މަގޭ ދަރި؟" ޒާރާ އެހިއެވެ.

"އަހަރެމެންނަށް ނިދުނީއޭ މަންމި ނެތީމަ. ދެން ބުނެބަލަ ކީއް ތިކުރަނީ. ވީޑިއޯ ކޯލެއް އެބަކުރަން" އައްފާން ބުންޏެވެ.

ހަމަ އެ ހިނދުގައި އައްފާންގެ ވީޑިއޯ ކޯލް ޒާރާއަށް ލިބުނެވެ. އިސްތަށިގަނޑު ކުރިމައްޗަށް ގެނެސްގެން އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިން ޒާރާ ހިނިތުންވެލިއެވެ. އައްފާންގެ ފޫޅުން މަތީ ބޮޑު ބައެއް ހާމައަށް ފެންނަން އޮތުމުން ޒާރާ އެހެން ދިމާލަކަށް ބަލައިލިއެވެ.

"ނިއަމް ދައްކަބަލަ" އައްފާންގެ ނަޒަރުން ސަލާމަތްވުމަށް ޒާރާ ބުންޏެވެ.

ކައިރީގައި ލޯބިކޮށް ނިދާފައި އޮތް ނިއަމް ދައްކާލީ ސިކުންތުކޮޅަކަށެވެ. އަނެއްކާވެސް އޭނާ ޒާރާއަށް ބަލަން ފެށިއެވެ.

"ދުވަސް ދިގުވެފަ. މަގޭ ވައިފީ ނެތީމަ. އައި ލަވް...."

"އާ އެނގެޔޭ ނުބުންޏަސް" ޒާރާ ބުންޏެވެ. އައްފާނަށް ހެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟