"ޒާ ބޭނުންތަ އެއްވެސް އެއްޗެއް" އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އައްފާން އެހިއެވެ.
"އަހަރެން ބޭނުމީ އައްޔަ. ލިބިފައެއްނު ތިހުރީ" ޒާރާ ބުންޏެވެ. ދެން ކާން އިން ތައްޓަށް ބަލައިލަމުން ހީލިއެވެ.
ހެމުން ހެމުން ޒާރާ ބުންޏެވެ. ހީލިގޮތަށް އައްފާނަށް އިނދެވުނީ އަނގަ ލައްޕާލަންވެސް ހަނދާން ނެތިފައެވެ. ޒާރާގެ އެ ސަމާސާ އޭނާއަށް ވަރަށް ކަމުދިޔައެވެ. ސަމާސާއަކަށް ނަމަވެސް ޒާރާ އެ ބުނީ އޭނާއަށް އަހާލަން ފަސޭހަ ޖުމްލައެކެވެ.
****
ފެންވަރައިގެން ނުކުތް ގޮތަށް ހެދުން ބަދަލުކޮށްލައިގެން ޖޫލިޔާ ކޮޓަރިން ނުކުމެ ބަލައިލިއެވެ. ޓީވީ އަޑު ކަނޑައިނުލާ ހުރުމުން ފުރަތަމަ ހީކުރީ ސޯފާގައި ފައްވާޒް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ސޯފާ ހުރީ ހުހަށެވެ. ފައްވާޒް ފެންނަން ނެތެވެ. ކޮޓަރިއަށް ވަތްކަން އެނގުމުން ޖޫލިޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އަލުން ކޮޓަރިއަށް ވަދެފައި އޭނާ އެނދުގައި އިށީނެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ފައްވާޒް ދެއްކި ވާހަކަތަކާ މެދު އޭނާ ވިސްނާލިއެވެ. ދެރަވެ ހިތުގައިވެސް ޖެހުނެވެ. ފައްވާޒްގެ ދުލު ކުރީގައި އެހެން ނަމެއް ނެތެވެ. ޒާރާއެވެ. ޒާރާގެ އެކި ވާހަކަތައް ދައްކައިގެން ހިތްހަމަޖެހުން ހޯދާ ކަހަލައެވެ. ފައްވާޒް މިހާރު ބޭނުންވަނީ ޒާރާގެ ރަށަށް ދާށެވެ. ޒާރާގެ ދިރިއުޅުން އޭނާގެ އަމިއްލަ ލޮލުން ދެކިލާށެވެ. ޒާރާ އާއި އެ އާއިލާގެ ކިބައިން މައާފަށް އެދޭށެވެ. ފައްވާޒް އެދެނީ މަސައްކަތުން ޗުއްޓީއެއް ނަގައިގެން ވިޔަސް އެ ރަށަށް ދާށެވެ. އެކަމަށް ޖޫލިޔާ ދެކޮޅު ހެދިއެވެ. އެކަމަކު ފައްވާޒްގެ އާދޭސްތައް ހުއްޓާނުލިއެވެ. އެންމެފަހުން ޖޫލިޔާ އެއްބަސްވާން ޖެހުނީއެވެ. ޒާރާގެ އުފާވެރި ދިރިއުޅުން ފެނި ފަހަރެއްގައި ފައްވާޒް ފަހަތަށް ޖެހިދާނެ ކަމުގެ އުއްމީދުގައެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ނަންބަރަށް ޖޫލިޔާ ގުޅާލިއެވެ. އޭނާ ދަތުރުގެ ކަންކަން ހަމަޖައްސަން މާގިނަ ވަގުތެއް ނުނެގިއެވެ. ދެން ތެދުވެގެން ގޮސް ފައްވާޒްގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.
ފައްވާޒް ދޮރު ހުޅުވާލުމާއެކު ޖޫލިޔާ އެތެރެއަށް ވަދެ އިށީނެވެ. އިނގިރޭސި ސީރީސްއެއް އަޅުވާފައި ހުރި ލެޕްޓޮޕްގެ އަޑު ކަނޑާލާފައި ފައްވާޒް ޖޫލިޔާއަށް ބަލައިލިއެވެ.
"ކޮއްކޮގެ ބްރޭކް ފެށޭނީ މި އަންނަ ހަފުތާގަ. އެހެންވީމަ ފުރުން ހަމަޖެހުނީ މި އަންނަ އާދީއްތަ ދުވަހަށް" ޖޫލިޔާ ބުންޏެވެ.
އެވަރުން ފައްވާޒް ހިތްހަމަނުޖެހުނެވެ. އެވަރު އޭނާއަށް ލަހެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ދާށެވެ.
"ބުރާސްފަތި ދުވަހަށް ހަދަންވީނުން. އޭރުން ހުކުރު ހޮނިހިރު ވެސް ލިބޭނެއްނު" ފައްވާޒް ބުންޏެވެ.
ޖޫލިޔާ ހައިރާންވެ އިނދެ ދެފަރާތަށް ބޯހޫރާލިއެވެ. ފައްވާޒަށް ވެފައި އިން ވަރުންނެވެ. ދެން މަޑުމަޑުން ފައްވާޒްގެ އަތުގައި ހިފަހައްޓާލިއެވެ.
"އެކަމަކު ދަރިފުޅާ..."
ފައްވާޒް ޖޫލިޔާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ޑްރެސިންގޓޭބަލް މަތީގައި ހުރި ފޮޓޯ ފްރޭމްގައި އިން ޒާރާއަށެވެ. ޔޫކް އިނީ ޒާރާގެ އުނގުގައެވެ.
"ކީއްކުރާނީ މަންމާ... ހަމަ ހިތް އަވަސްވަނީ. ޒާރާ ދެކިލާހިތްވަނީ. ވާހަކަދައްކާލަން ބޭނުންވަނީ. ބޭނުންވަނީ ކުރީގަ ޒާރާއާ އެކު އުޅުނު އުފާވެރި ދިރިއުޅުން. ކިހާ ރަނގަޅު ޒާރާ އަލުން އަންނާނެނަމަ..." ފައްވާޒް ވާހަކަދައްކަމުން ދިޔައެވެ.
ފައްވާޒްގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔަ ޖޫލިޔާގެ ހިތަށް އަސަރު ކުރިއެވެ. ފައްވާޒް ކުރަމުން އެދާ އުއްމީދުތައް ހާސިލުވުމަށް އެދެވެއެވެ. އެކަމަކު އެއީ ނުވާނެ ކަމެއްކަން ޔަގީނާ ގާތަށް ޖޫލިޔާއަށް އެނގެއެވެ. ހިތާމައަކީ އެކަން ގަބޫލުކުރަން ފައްވާޒް ބޭނުންނުވާ ކަމެވެ.
"މަންމައަށް ހީވޭތަ ޒާ އަންނާނެހެން. މައާފުކުރާނެހެން" ފައްވާޒް އެހިއެވެ.
"އެއީ މާގިނައިން މަންމައާ ބައްދަލުވެ ވާހަކަދެއްކިފައި ހުރި ދަރިއެއް ނޫން. އެކަމަކު އެންމެ އެއްޗެއް ވަރަށް ތެދަށް ބުނެފާނަން. އެ މަންޖެ އެއްވެސް މީހަކަށް ހިތް ބުރައެއް ނުކުރާނެ. އެކަމަކު..." ޖޫލިޔާ ހުއްޓާލިއެވެ.
"އެކަމަކު ކިޔާފަ ތި ހުއްޓާލީ ކީއްވެ؟ ޒާރާ ނުލިބޭނީތަ އަހަންނަށް" ފައްވާޒް އެހިއެވެ.
"ދަރިފުޅާ ޒާރާ އަކީ މީހެއްގެ އަންބެއް" ޖޫލިޔާ ބުންޏެވެ.
"ކޮންމެފަހަރަކު މަންމަ ތިހެން ބުނާ އަޑު އެބަ އަހަން. ހިއެއް ނުވޭ ތެދެއް ހެނެއް. އައްފާނު ވެސް ނުބުނޭ. އެކަމަކުވެސް ހެޔޮ މެރީކޮށްގެން އުޅުނަސް. އަހަރެން ފެނުނީމަ އަހަރެން ކައިރިއަށް ނައިސް ޒާރާއަށް ނުހުރެވޭނެ" ފައްވާޒް ވާހަކަދެއްކިއެވެ. ޖޫލިޔާއަށް އިތުރަށް އެއްޗެއް ބުނަން ބޭނުން ނުވިއެވެ. ޒާރާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ފައްވާޒަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ ބޭކާރު ކަމެކެވެ. އެކަމަކު ފައްވާޒްގެ ސަބަބުން އަނެއްކާވެސް ޒާރާގެ ދިރިއުޅުން ހަލާކުވެދާނެތީ އެކަމާ ވެސް ވިސްނަންޖެހެއެވެ.
****
ފުރުމުގެ ކުރިން ގަންނަން ބޭނުންވާ ހުރިހާ ސާމާނެއް ގަތުމަށް އައްފާނާއި ޒާރާ ނިކުމެ އުޅޭތާ އިރުތަކެއް ވެއްޖެއެވެ. މަޖަލާއި ސަކަރާތުގައި އެއް ފިހާރައިން އަނެއް ފިހާރައަށް ވަދެ ނުކުމެ އުޅޭއިރު ނިއަމް އިނީ ޒާރާގެ އަތް މަތީގައެވެ. ގަތް ސާމާނު ކޮތަޅުތައް ހުރީ އައްފާން އަތުގައެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެން ދެމަފިރިން އެރީ ފިހާރަ ކުރިމައްޗަށް ހުއްޓި ޓެކްސީ އަކަށެވެ. ކޮތަޅުތައް ކާރުގެ ޑިކީއަށް އެރުވުމަށްފަހު ފަހަތު ޝީޓަށް އަރައި ދެމަފިރިން އިށީނެވެ. ދާންވީ ގޭގެ ނަން ބުނެލުމާއެކު ޑްރައިވަރު ކާރު ކުރިއަށް ދުއްވާލިއެވެ. މާގިނައިރު ކޮތަޅުތައް ހިފަހައްޓައިގެން ހުރުމުން އައްފާންގެ ދެ އަތުގެ އިނގިލިތަކަށް ވަނީ ބާރުވެފައެވެ. އިނގިލިތައް ލައްޕައި ހުޅުވާ ކުޑަ ކަސްރަތެއް ކުރަނިކޮށް އެ މަންޒަރު ޒާރާގެ ލޮލުގައި އަޅައިގަތެވެ.
ކުއްލިއަކަށް އައްފާން ސިހުނީ އޭނާގެ އަތްތިލައިގެ ތެރެއަށް ޒާރާ އަތްތިލަ ލައްވާލުމުންނެވެ. ހެވިފައި އައްފާން ބަލައިލީ ޒާރާގެ މޫނަށެވެ. ޒާރާ އިނީ ކުރިމައްޗަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު ވެސް ޒާރާއާ ލާނެއް ސަމާސާއެއް ކޮށްލާނަމޭ އައްފާންގެ ހިތަށް އެރިއެވެ. އެހެނީ މިހާރު އެއީ އޭނާގެ ހިތަށް އެންމެ ބޮޑު ހިތްހަމަޖެހުން ލިބޭ އެއްކަމެވެ.
"ރޫމަށް ވަދެވެން ދެން މަޑެއް ނުކުރެވޭނެތަ؟ މިތަނުގަ ކިހިނެއް؟" އައްފާން ވާހަކަދެއްކީ ޒާރާގެ ކަންފަތް ދޮށުގައި ސިއްރުންނެވެ. ޒާރާ އަތްދަމައިގަތީ ކުއްލިއަކަށެވެ. އެހިނދު ސިކުންތަކަށް އައްފާންގެ މޫނަށް ނަޒަރެއް ދީފައި ލޯ އަޅާލިއެވެ. ޒާރާގެ އެ އަދާއިން އައްފާނަށް ހީވީ އިތުރަށް އޭނާގެ ހިތް މޮޔަވި ހެންނެވެ. އަލުން ޒާރާގެ އަތްތިލައިގައި އޭނާ ހިފަހައްޓާލިއެވެ. އެ އަތްތިލައިގައި ބޮސްދިނެވެ. ޒާރާގެ އަތްތިލަ އުނގުމަތީގައި ބާއްވައިގެން އިނދެ އަތްތިލައިގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. ނިދިފައި އޮތް ނިއަމްގެ މޫނަށް ބަލަން އިނަސް އިރުކޮޅަކާ ޒާރާގެ ދެލޯ އައްފާނަށް ހުއްޓެވެ.
****
"ޔެސް. އެއީ ހަމަ އޭނަ. އައްޗީޑި ކޮންކަހަލަ އަންހެނެއް ގޮވައިގެން އެ އުޅެނީ"
އައްފާނާއި ޒާރާ ފޭބި ކާރުގެ ފަހަތުގައި ސައިކަލު މަތީގައި ތިބި މާހީއާ ޖުމާ އެކަކު އަނެކަކާ ވާހަކަދެއްކިއެވެ. މަޖީދީމަގު ފިހާރައަކުން އައްފާން ފެނުނު ހިސާބުން ފެށިގެން ދެ އަންހެނުން އައީ އައްފާނަށް ފާރަލަމުންނެވެ. ރަނގަޅަށް ވާހަކަދައްކާލުމަށް ދެކުދިން ތިބި ސައިކަލް އެއްފަރާތަކަށް ޖެއްސިއެވެ.
"މޫނު ފޮރުވައިގެން އުޅޭ މީހެއް... އީޔޫ..." މާހީ އަނގައަށް ގޮތެއް ހަދާލިއެވެ.
"ފޫހިފިލުވަން ގެންގުޅޭ އަންހެނެއް ތޯއްޗެ. މޫނު ފޮރުވައިގެންވެސް އެކަހަލަ އަންހެނުން އުޅޭ" ޖުމާ ބުންޏެވެ.
"ނިއަމް ފަކީރުވެސް ގޮވައިގެން އެކުއްޖާ ކުރިމަތީގަތަ މަޖާ ނަގަނީ. މި އައްފާނަކީ ވަރަށް ގޮތެއް ނެތް މީހެއް. ނަސީބެއް ނުންނު ދޫކޮށްލިކަން" މާހީ ބުންޏެވެ.
"ހިނގާ ނުންނުއަށް ގުޅަން" ޖުމާ ބުންޏެވެ.
"ހޮސްޕިޓަލުން ދޫކޮށްލި ފަހުން ފޯނު ނިވާލާފަ އޮންނަނީ. މި ހަބަރު ދޭން އެ ގެއަށް ދާންޖެހޭނީ" މާހީ ބުންޏެވެ.
"ތިހެންވިއްޔާ ހިނގާ ދަމާ" ޖުމާ ބުންޏެވެ.
****
ހުސް ބިއްލޫރި ތަށި ހިފައިގެން ބަދިގެއާ ދިމާލަށް ދަނިކޮށް ދޮރުގެ ބެލް އަޅާލި އަޑު ދިމްނާއަށް އިވިއްޖެއެވެ. ބަދިގެއަށް ދިޔުމުގެ ބަދަލުގައި ދިމްނާ ދިޔައީ ދޮރާ ދިމާލަށެވެ. އެގެއަކީ ފަހަކަށް އައިސް މާގިނަ މީހުން ވަދެއުޅޭ ގެއެއް ނޫނެވެ. ކުއްލިއަކަށް ރޭގަނޑުގެ ވަގުތެއްގައި އައި މީހެއް ބަލަން ދިމްނާ ހުރީ ބޭނުންވެފައެވެ. ދޮރު ހުޅުވާލުމާއެކު އޭނާއަށް ލިބުނީ ފޫހިކަމެވެ. މާހީ އާއި ޖުމާ ހީލުމުންވެސް ބަދަލުގައި ދިންމާ އަށް ހިނިތުންވުމެއް ނުދެވުނެވެ.
"ކުޑާ... ކިހިނެއްތަ؟" މާހީ ބުންޏެވެ.
ދިމްނާ ޖަވާބެއް ނުދިނެވެ. އެޕާޓްމަންޓް ދޮރު ކުޑަކޮށް ލައްޕާލައިގެން އޭނާ ހުރީ ޖުމާ އާއި މާހީއަށް ކިރިޔާ މޫނު ފެންނަ ވަރަށެވެ. ކޮޓަރިން މަންމަ ނުކުންތަނުން އެއިން މީހަކު ފެނިގެން ކަންތައްތައް ހައްތަހާ ވާނީ ގޯހެވެ.
"ކަލޭމެން ކީއްކުރަން މިގެއަށް ތިއައީ" ހިތްހަމަނުޖެހިފައި ދިމްނާ އެހިއެވެ.
"ވަރަށް ބޮޑު ކަމަކު ނުހާ ކައިރިއަށް. އަހަރެމެން މިއައީ ގޯސް ނިޔަތެއްގައެއް ނޫން" ޖުމާ ބުންޏެވެ.
"ކަލޭމެން ކިހާ ރަނގަޅު ނިޔަތެއްގަ ރަހްމަތްތެރިންގެ ގޮތުގަ ތިބީމަ އެ ބޮނޑި އޭނައަށް ލިބިފަ އޭނީ" ދިމްނާ ބުންޏެވެ. އެވަގުތު މާހީ އާ ޖުމާ އެކަކު އަނެކަކަށް ބަލައިލިއެވެ.
"ސީރިޔަސްކޮށް. އަހަރެމެންނަށް ދެންމެ އައްފާން ފެނިއްޖެ މަގުމަތިން. ނިއަމް ގޮވައިގެން އުޅެނިކޮށް. އެހެންވެ ނުހާ ކައިރީގަ އެ ވާހަކަ ބުނަން" ޖުމާ ބުންޏެވެ.
"ތީކީ ނުހާއަށް މާ މުހިންމު ހަބަރެއް ނޫން. ކަލޭމެން ދެން ދިޔަސް ރަނގަޅުވާނެ" ދިމްނާ ބުންޏެވެ.
ދޮރުލައްޕާލި ގޮތަށް ދިމްނާ ހިނގައިގަތީ ނުހާގެ ކޮޓަރިއާ ދިމާލަށެވެ. ދޮރު ހުޅުވާލިއިރު ނުހާ އެނދުގައި ނެތެވެ. ފާހާނައިގައި ކަންނޭނގެއެވެ. ކޮންމެހެން އެ ހަބަރު ނުހާއަށް ދޭންވީ ކީއްކުރަން ހެއްޔެވެ؟ އައްފާނަކީ ވެސް ނިއަމް އަކީ ވެސް ނުހާއަށް މުހިންމު ބައެއް ނޫނޭވެ. އެކަމަކު މާމަ ދަރިފުޅު މާލޭގައި ހުރި ވާހަކަ މަންމަ ކައިރީގައި ބުނަން ޖެހޭނެއެވެ. ސައީދާގެ ކޮޓަރިއާ ދިމާލަށް ދިމްނާ ހިނގައިގަތެވެ.
****
ނިއަމް ފެންވަރުވައިގެން ނުކުމެ ރީތިކުރަން އެނދުގައި އިން ޒާރާއަށް ދޮރުގައި ބެލް އަޅާލި އަޑު އިވުނެވެ. ދޮރު ހުޅުވަން ނުދިޔައީ ފޮށިގަނޑު ބަންދުކުރަން ސިޓިންގރޫމުގައި އައްފާން އުޅޭކަން އެނގުމުންނެވެ. ޑައިޕާސް މަތިން ސޯޓްކޮޅު ލައްވާފައި މަތިން ޓީޝާޓްކޮޅު ލެއްވުމުގެ ކުރިން އެނދުގައި ނިއަމް ބޭންދިއެވެ. ނިއަމް އަތަށް ކުޅޭ އެއްޗެއް ދީފައި ޒާރާ ކުޑަކޮށް ދުރަށް ޖެހިލީ ކަމަކުއެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ އައްފާނެވެ. ޒާރާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އައްފާން އެތެރެއަށް ވަނެވެ.
"ނިއަމް ބޭރަށް ނެރެލަން ކަމަށް" އައްފާން ބުންޏެވެ.
"އިހަށް މަޑުކޮށްލާ ޓީޝާޓްކޮޅު ލައްވަން ދެކަށް" ޒާރާ ބުންޏެވެ.
ޒާރާ އަލުން އައިސް އެނދުގައި އިށީނެވެ. ނިއަމް ޓީޝާޓްކޮޅު ލައްވާލާފައި ސެންޓްކޮޅެއް ޖަހާލިއެވެ. އެ ހުރިހާއިރު އައްފާން ކައިރީގައި ބަލަހައްޓައިގެން ހުއްޓެވެ.
"ނިއަމްގެ މާމަމެން އެބަތިބި ބޭރުގަ. މާލޭގަ ނިއަމް ހުރިކަން އެނގުނީމަ ބައްދަލުކޮށްލަން އައިސް" ނިއަމް އުރާލަމުން އައްފާން ބުންޏެވެ. ހިނދުކޮޅަކަށް ޒާރާއަށް ހުރެވުނީ ހިމޭންވެފައެވެ. ނިއަމްގެ މާމަމެން ތިބިއްޔާ އެތަނުގައި ނުހާ ވެސް އިންނާނެއެވެ. ނުހާ ނިއަމް ގެންދަން ބޭނުމިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޒާރާއަށް ދެ އަތްތިލަ މޮޑެވެން ފެށުނެވެ. ޒާރާގެ މޫނަށް ބަލަހައްޓައިގެން ހުރި އައްފާނަށް ބުނުމަކާ ނުލައި ވެސް ޒާރާގެ ކަންބޮޑުވުން ފަހުމުވިއެވެ.
"ޒާ ވެސް ހިނގާ. އަހަރެން ބޭނުން ނިއަމްގެ މާމަ އާއި ބޮޑުދައިތައަށް ނިއަމްގެ މަންމަ ދައްކާލަން" އައްފާން ބުންޏެވެ.
"މިދަނީ ހެދުން ބަދަލުކޮށްލައިގެން" ޒާރާ ބުންޏެވެ.
ޒާރާއަށް ހަމަޖެހުމެއް ލިބުނީ އައްފާން ކޮޓަރިން ނުކުތުމުންނެވެ. ހިނދުކޮޅަކަށް އޭނާއަށް ހީވީ ނިއަމް ގެއްލެން އުޅުނު ހެންނެވެ. އެ ބިރުވެރިކަން ކިހާ ދުވަހެއް ވަންދެން ބިރެއްގެ ސިފައިގައި ސިކުނޑީގެ ކަނެއްގައި ފިލާ އޮންނާނެ ހެއްޔެވެ؟ ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. ދިރިއުޅުން ކުރިއަށް ޖެހިލި ވަގުތު ބޭކާރު ވިސްނުންތަކުން ބޯ ހާސްކުރަން ޒާރާ ބޭނުމެއް ނުވިއެވެ.
****
މާމަ އުރާލުމުން ނިއަމް އިނީ ހިމޭނުންނެވެ. ސައީދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހަގު މާމަ ދަރިފުޅު އޭނާއާ ބީރައްޓެހިވެފައިވާ މިންވަރު ފެނުމުންނެވެ. އެހެންނަމަވެސް އެހާ ހިތްހަމަޖެހުންވެސް ލިބުނެވެ. ކުރިއާ ހިލާފަށް ނިއަމްގެ ސިއްހަތު ރަނގަޅުކަން ފާހަގަވުމުންނެވެ. ސައީދާ ނިއަމްއާ އެތައް ވާހަކައެއް ދެއްކިއެވެ. އުނގުގައި ބައިންދައިގެން އިނދެ އެތައް ފަހަރަކު ބޮސްދިނެވެ. ދިމްނާ ވެސް ހަމަ އެފަދައެވެ. ނިއަމްގެ ކުޑަ ހަށިގަނޑުގައި ބައްދާލައިގެން އެތައް އިރަކު އިނެވެ.
"ހާދަ މީރުވަސް ދުވައޭ... ބައްޕިތަ ތިއްތި ކޮށްލީ" ދިމްނާ ނިއަމްއާ ވާހަކަދައްކަމުން ދިޔައެވެ.
"އުނހު. ނިއަމްގެ މަންމަ" އައްފާން ބުންޏެވެ. އައްފާން ކޮންމެހެން އެހެން ބުނީ ނިއަމްގެ މާމަ އާއި ބޮޑުދައިތަ ދަށްކޮށްލާކަށް ނޫނެވެ. އެހެންނަމަވެސް އެއީ ކޮންމެހެން އެމީހުންނަށް އެނގެންޖެހޭނެ ކަމެކެވެ.
"މީ ޒާރާ. އަހަރެންގެ އަންހެނުން" ކައިރީގައި ހުއްޓުނު ޒާރާއަށް އައްފާން ބުންޏެވެ. މޫނު ފޮތިކޮޅު ހިއްލާލުމަށްފަހު ސައީދާ އާއި ދިމްނާއަށް ޒާރާ ހިނިތުންވެލިއެވެ.
"ޒާ... މިއީ ނިއަމްގެ މާމަ. ދެން މިއީ ބޮޑުދައިތަ" އައްފާން ކިޔައިދިނެވެ.
ޒާރާ ހިނިތުންވެލިއެވެ. ދިމްނާގެ އުނގުގައި އިން ނިއަމް ފައިބަން ފެށުމުން ދިމްނާ ދޫދިނެވެ. ސޯފާގައި ހިފަހައްޓައިގެން ކޮޅަށް ހުރި ޒާރާއަށް ނިއަމް އަތް ދިއްކުރަން ފެށުމުން ޒާރާ ނިއަމް އުރާލިއެވެ. އެ މަންޒަރު ބަލަހައްޓައިގެން ސައީދާއަށާއި ދިމްނާއަށް އިނދެވުނެވެ. ގަބޫލުނުކުރެވިފައެވެ. ނިއަމް އައިސްފައިވާ ބަދަލަކީ އެ އަންހެންކުއްޖާގެ އޯގާތެރިކަމާއި ފިރުމުންތައް ކަން އެމީހުންނަށް އެނގުނެވެ. އައްފާންގެ ދިރިއުޅުން އަލުން އާބާދުވި ކަމަށްޓަކައި ދިމްނާ އުފާކުރިއެވެ. އެހެންނަމަވެސް ހިތުގެ ކަނެއްގައި ރިހުމެއްގެ އިހުސާސް ވިއެވެ. ގޯސް ހެދި އެއްބަނޑު އެއްބަފާ ކޮއްކޮގެ ދިރިއުޅުން ގޮސް އޮތް ހިސާބު ހިތަށް އަރާފައި ދެލޮލުން ކަރުނަ ވެސް ނީރާލިއެވެ.
"މިއަދު ފުރާތީވެ. ބޭނުންކުރި ހުރިހާ އެއްޗެއް ބަންދުކުރަމުން މިދަނީ. އައްޔަ ދާންވީނުން އެއްޗެއް ގަނެގެން އަންނަން" ޒާރާ ބުންޏެވެ.
"ނޫނޭ. ކުޑާމެން މިހާރު މިދަނީ. ނިއަމް ހުރިކަން އެނގުނީމަ މިގަޑީގަ ކޮންމެހެން މިއައީވެސް" ދިމްނާ ސައީދާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
****
ކާން ހަދައި ނިމުމުން ފައްވާޒްގެ ކޮޓަރީގައި ޖޫލިޔާ ޓަކި ޖަހާލިއެވެ. ފައްވާޒް ދޮރު ހުޅުވާލުމުން ކާން އަންނަން ބުންޏެވެ. މެންދުރުގެ ކެއުމަށް ދެމައިން ކާން ތިބެފައި އިރުކޮޅަކުން ފައްވާޒް ބުންޏެވެ.
"ކޮއްކޮ ފަހު ޓެސްޓް ދޯ މިއަދު"
"އާނ. މާދަމާ މެންދުރުފަހު ފުރޭނެ. އެކަމަކު ބުނަން މާގިނަ ދުވަހު ނުތިބެވޭނެ އެރަށުގަ" ޖޫލިޔާ ބުންޏެވެ.
އެއްޗެއް ނުބުނެ ކާން އިނދެފައި ޖޫލިޔާގެ މޫނަށް ފައްވާޒް ބަލައިލިއެވެ. ގިނަ ދުވަހު އެރަށުގައި ހުންނަން އޭނާ ބޭނުންވެއެވެ. ޒާރާގެ ހިތް ފަތަހަ ކުރެވެން ދެކަށެވެ. އަލުން ޒާރާގެ އިތުބާރު ލިބެން ދެކަށެވެ. އޭނާ ބޭނުންވަނީ ޒާރާ އަލުން ހޯދައިގެން އަންނާށެވެ. ފުރަތަމަ ކައިވެނި ރޫޅުނުފަހުން އެހާ އަވަހަށް ޒާރާ ކައިވެންޏެއް ކުރާނީ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލާށެވެ. އޭނާ ބޭނުންވަނީ މަޖުބޫރުން ބަނދެވުނު ކައިވެނިން ޒާރާ ނެރޭށެވެ. އޭނާގެ ފަރާތުން ޒާރާއަށް އުނިވި ލޯބި އަލުން ހޯދައިދޭށެވެ.
"މަންމަ އަހަންނަށް އިތުބާރު ކުރަންތަ؟" އަތް ދޮވެގެން އައިސް ފެންތަށި ބޯލަމުން ފައްވާޒް އެހިއެވެ.
"އިތުބާރު ކުރަން. އެކަމަކު އޭގެ މާނައެއް ނޫން އެއީ ދަރިފުޅު ހިތު ހުރިގޮތަކަށް ކަންކަން ކުރަން މަންމަ ދޫކޮށްލާނޭ. ދަރިފުޅު މިހާރު ވެއްޖެ ފަހަތަށް ދިޔަ ކަންކަން މަތިން ހަނދާން ނައްތާލަން" ޖޫލިޔާ ބުންޏެވެ.
"ހަނދާން ނައްތާލައިފިން. ކުރީގަ އުޅުނީ ގޯސްކޮށް. އެ ވިޔާނުދާ އުޅުން ހަނދާން ނެތިއްޖެ. ހަނދާން ނުނެތެނީ ޒާރާ. މަންމާ، އަހަރެން ޒާރާ ބޭނުން. މަންމާ. ހުރިހާ ކަމަކަށް ފަހުގައިވެސް އަހަންނަށް ޒާރާ ހަނދާންނައްތާ ނުލެވުނު. ކޮންމެ މީހަކަށް ވެސް ދެވަނަ ފުރުސަތެއް ހައްގެއް ނޫންތަ؟ ޒާރާ އަހަންނަށް މާފުކުރާނެ. މަންމަ ބަލާތި"
ފައްވާޒްގެ ވާހަކަތަކަށް ޖޫލިޔާ އިނީ ބުނާނީ ކީކޭ ކަމެއް ނޭނގިފައެވެ. ޒާރާގެ ވިސްނުމާއި ފިކުރު ހިތާއި ސިކުނޑިން ފިލުވާލަން އެތައް ފަހަރަކަށް ފައްވާޒް ކައިރީގައި ބުނެވިއްޖެއެވެ. ތެދަށް ބުނަންޏާ ފައްވާޒް މިހާރު ދިރިއުޅެނީ ކުރެވޭ އުއްމީދެއްގެ މަތީގައެވެ. ނާކާމިޔާބީގެ ހިތި ރަހަ ކަރުބުޑުގައި ލާ ވަގުތަކުން ފައްވާޒްގެ ބުއްދި ފިލައި ނުދިޔައިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
****
ރޯނުގައި ހެދުން ހިއްކަން އަޅުވަން ހުރި ހިމްނާ ސިހުނީ ޖޯލީގައި ފޮތް ހިފައިގެން އޮތް ނޫރީން ގޮވާލުމުންނެވެ. ނޫރީނަށް ބަލައިލާފައިވެސް ހިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. ފޮތް ހިފައިގެން އޮންނާށެ ބުނުމުން އެހާ އަވަހަށް އެ އިނީ ފޯނު ހިފައިގެންނެވެ. ހުސް ބާލިދީ ހިފައިގެން އައިސް ހިމްނާ އިށީނީ ނޫރީން ކައިރީގައެވެ.
"ކިތަންމެ ފަހަރު މަންމަ ބުނެފިން ތި ފޯނު ބާއްވާފަ ފޮތް ކިޔާށޭ. އަދި ޓެސްޓުތައް ނުނިމެއެއްނު" ހިމްނާ ބުންޏެވެ.
"މި ފޮތުގަ މިހާރު އަޅުގަނޑަށް ދަސްނުވާ އެންމެ ތަންފުކެއްވެސް ނެތް. މަންމައަށް އެނގޭތަ ދެންމެ ދޮންތިބެ އެ ގުޅީ" ނޫރީން ބުންޏެވެ.
(ނުނިމޭ)