ޒާރާގެ ކަންފަތާ މޫނު ދުރުކޮށްލާފައި އެ މޫނަށް އައްފާން ބަލައިލިއެވެ. ޒާރާގެ މޫނުމަތިން އޭނާއަށް ފެނުނީ ލަދުވެތި ކަމެވެ. އޭނާއާ ހަތަރުކަޅި ހަމަނުކުރުމަށް ޒާރާ ކުރަމުން ދިޔަ މަސައްކަތެވެ. އައްފާންގެ ހިތް ލޯބިން ފުރުނެވެ. ޒާރާގެ ކުރިމަތީގައި ހިތް ހުޅުވާލެވުމުން ހީވީ ބޮލުން ބޮޑު ބުރައެއް އެއްފަރާތް ކުރެވުނު ހެންނެވެ.
"ޒާ ތިގޮތަށް ލަދުގަތީމަ އަހަންނަށް ހާދަ ލޯތްބޭ" ޒާރާގެ މޫނުގެ އެއްފަރާތުގައި ހިފަހައްޓައިލަމުން އައްފާން ބުންޏެވެ. އެ ހިނދު ޒާރާއަށް މޫނުމަތީގައި ދެއަތް އެޅުނެވެ. އައްފާންގެ ނަޒަރުން މިފަހަރު މާބޮޑަށް ޒާރާ ލަދު ގަނެއްޖެއެވެ. އައްފާންގެ ހުނުމުގެ އަޑު ކޮޓަރި ތެރެއިން އިވިގެން ދިޔައެވެ. ކުއްލިއަކަށް އައްފާނާ ދުރަށް ޖެހުނު ޒާރާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ޒާރާ ނުވިސްނާ ހުއްޓައި ގާތަށް ދަމާލިއެވެ. އައްފާންގެ މޭގައި ޒާރާ ތަތްވުމާއެކު ފަހަތުން ޒާރާގެ މުޅި ހަށިގަނޑު އޭނާގެ ދެއަތް ތެރޭގައި ފޮރުވާލިއެވެ. ހިނދަކަށް ފަހު ހިނދެއް ބާރުކުރަމުން ދިޔައިރު ޒާރާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އައްފާންގެ ދެއަތް މަތީގައި އޭނާއަށް އަތް އަޅާލެވުނު ކަމެއްވެސް އޭނާގެ ހަނދާނުގައި ނެތެވެ. އައްފާނާ މެދު ހިތުގައި އޮތް އެއްޗެއް އޭނާއަށް ޔަގީން ނުކުރެވޭއިރު އައްފާންގެ ކޮންމެ ހަރަކާތަކުން އޭނާއަށް ތަފާތު އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ.
"ވަރަށް ލޯބިވޭ... ދުރުގައި ހުންނަން ހާދަ އުނދަގުލޭ" އެ ބަސްތައް ޒާރާގެ ކަންފަތް ދަށުގައި އައްފާން ތަކުރާރު ކޮށްލިއެވެ.
ދެވަނަ ސިކުންތުގައި ޒާރާ އޭނާއާ ދިމާލަށް އަނބުރާލިއެވެ.
"އަހަންނަށް ތި ދެލޮން ބަލައިލަބަލަ" އައްފާން ބުންޏެވެ.
އެސްފިޔަތައް އުފުލާލުމަށްފަހު ޒާރާ އައްފާނަށް ބަލައިލިއެވެ. ސީދާ އައްފާންގެ ދެލޮލަށެވެ. އެވަގުތު އޭނާއަށް އައްފާންގެ ދެލޮލުން ސަލާމަތެއް ނުވެވުނެވެ. ފުންމިން ދެނެނުގަނެވޭ އެ ދެލޮލުގެ ތެރޭގައި ޒާރާ ހައްޔަރުވެގެން ދިޔައެވެ. ދުވަހަކުވެސް މީހެއްގެ ފަރާތުން ނުލިބޭ ޔަގީންކަމާއި ގާތްކަން އެ ދެލޮލުގެ ފުންމިން ނޭނގޭ ކަނޑުތެރެއިން އޭނާއަށް ލިބެމުން ދިޔައެވެ. ހިތް ބުނަމުން ދިޔައީ އަތުގައި ހިފި ބައިވެރިޔާއަށް އިތުބާރު ކުރުމަށެވެ. އެ އަތުގެ ތެރެއިން ދުރަށް ނުދިޔުމަށެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ ޒާ" އައްފާން އެހިއެވެ.
ޗާބީ ދީފައިވާ ބުދެއްހެން ޒާރާ ބޯޖަހާލިއެވެ.
"އަހަންނަށް ދެން ކެތެއް ނުކުރެވޭނެ. އަހަރެންގެ ކޮންމެ ހިއްސެއް އެދެނީ ތި ލޯބި ކުއްޖާއަށް. އެންމެ ފަހަރަކު ނަމަވެސް.... ޒާ ދުރަށް ނުގޮސް ތިހުންނަނީ ކީއްވެ؟ ކީއްވެ އިތުރަށް އަހަރެން މޮޔަ ތިކުރުވަނީ؟ އަހަންނަށް މިހާވަރުކޮށްލާފަ ޒާ ދުރަށް ޖެހުނީމަ އަހަރެންގެ އިހުސާސްތަކަށް އެ ދެވުނީ އަނިޔާއެއް. ޕްލީޒް އެހެން ނަހަދައްޗޭ. މިހާރު މިހުރި ފިޔަވަޅު މަތިން އެންމެ އިންޗިއެއްވެސް ފަހަތަށް އަހަރެން ނުޖައްސައްޗޭ" އައްފާން ވާހަކަދައްކަމުން ދިޔައެވެ.
ޒާރާ ދެރަވެއްޖެއެވެ. އޭނާ ދުރަށް ދާން ބޭނުން ނުވާކަން އިތުރަށް އައްޔައަށް އަންގައިދޭނީ ކިހިނެއް ހެއްޔެވެ؟ އައްޔަގެ ހިތުގައި އެ ހިނގަނީ ކޮން ބިރެއް ހެއްޔެވެ؟ އައްޔަގެ އެ ބިރު ފިލުވައިދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން.... މީގެކުރިން ދުވަހަކުވެސް އެއްވެސް ކަމަކަށް އިސްނުނަގާއިރު އެ ފުރުސަތު އައްޔައަށް ދެވިދާނެ ހެއްޔެވެ؟
އާއެނކެވެ. އަތުގައި ތިވަނީ ދުވަހަކުވެސް ދުރުކޮށްނުލާނެ ބައިވެރިއެކެވެ. ތިމާއަށް އޯގާތެރި އަޅާލައި ތިމާ ދެކެ ނިހާޔަތަށް ލޯބިވާ ފިރިއަކު ލިބުމަކީ މި ދުނިޔެއިން ނަސީބުވެރި މީހަކަށް ނޫނީ ނުލިބޭނެ ނިއުމަތެކެވެ. އެފަދަ ނިއުމަތްތަކަށް ފުރަގަސްދޭ މީހުންނަކީ ގަމާރުންވެ. އެފަދަ ގަމާރު މީހަކަށް ޒާރާ ނުވައްޗެވެ. ޒާރާގެ ހިތުގައި އުފެދުނު ހުރިހާ ސުވާލުތަކެއްގެ ޖަވާބު އައީ އޭނާގެ ހިތުންނެވެ.
ޒާރާގެ ފަރާތުން ޖަވާބެއް ނުލިބުމުން އައްފާން މާޔޫސްވާ ގޮތް ވިއެވެ. ޒާރާގެ ދެކޮނޑުގައި ހިފަހައްޓާލާފައި އޮތް އައްފާންގެ ދެއަތް ތިރިއަށް ސޮހިގެން ދިޔަ ވަގުތު އެ ދެއަތުގައި ޒާރާ ހިފެހެއްޓިއެވެ. އައްފާނަށް ލިބުނީ ހައިރާންކަމެކެވެ. އައްފާންގެ ދެއަތް އޭނާ އުނގަނޑުގެ ދެފަރާތުގައި ޖެއްސުވިއެވެ. ޒާރާގެ ބަސްމޮށުންކަމެއް ނެތް އެ ހަރަކާތުން އައްފާނަށް ލިބުނީ އިތުރު ހިތްވަރެކެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ޒާރާ އެ ހަރަކާތަށް އާ ބަސްދިނެވެ.
"ޒާގެ ތި ދައުވަތު އަހަރެން ގަބޫލުކޮށްފިން. އެކަމަކު... އެންމެ ފަހަރަކު ތި ދުލުން ބުނެލާ އަޑު އަހާލަން ބޭނުން" އައްފާން ބުންޏެވެ.
ޒާރާ އައްފާނަށް ހިނިތުންވުމެއްދިނެވެ. އެ ހިސަބަށް އޭނާ އައީވެސް އެތައް ހިތްވަރެއް ކޮށްގެންނެވެ. ދެމަފިރިންގެ މެދުގައި އޮތް ދުރުކަން ކަނޑުވާލެވޭނީ އަދިވެސް ދުރަށް ދަތުރުކޮށްގެންނެވެ. އެހެންނޫނީ އޭނާގެ ހިތަށް ވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއް ބޭނުންވާކަން ހާމަކުރަން އެންމެ ރަނގަޅު ވަގުތަކީ މިވަގުތެވެ.
"އަހަރެން ދުވަހަކުވެސް އައްޔަ މާޔޫސްކޮށެއް ނުލާނަން" ޒާރާ ބުންޏެވެ. އެތައް މާނައެއް އެކުލެވޭ ކުރު ޖުމްލައެކެވެ.
އައްފާނަށް ހީލެވުނެވެ. ޒާރާގެ ހަށިގަނޑު ގާތްކޮށްލުމަށްފަހު ލޯބިން ބައްދާލިއެވެ. އެގޮތުގައި ހިނދުކޮޅަކު އޭނާ ހުއްޓެވެ. މިދަނޑިވަޅަކީ އޭނާ ޒާރާއަށް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެކެވެ. އަންބެއްގެ ލޯތްބާނުލައި އަދި ކައިވެނީގެ އުފާ، އުއްމީދު ކުރި ވަރަށް ލިބިފައިނުވާ އައްފާންގެ ހަށިގަނޑުގައި ޒުވާންކަމުގެ ހޫނު ލޭ އަދިވެސް ވަނީ އޭގެ އެންމެ ތާޒާކަމާ އެކުގައެވެ. އަންހެނެއްގެ ފިރުމުންތަކާއި އޯގާތެރިކަމާ ދުރުގައި ދުވަސްކޮޅެއް ހޭދަކުރަން ޖެހުމުގެ ސަބަބުން އެކަނިވެރިކަން އިހުސާސް ކުރަން ޖެހިފައިވާ އޭނާގެ ހިއްސުތައް ޒާރާގެ ސަބަބުން މިއަދު ހޭލައްވާލައިފިއެވެ. އޭނާގެ ހަށިގަނޑާ ހިއްސުތަކުގައި، އާ ރާގެއް ކުޅެލަން ފަށައިފި ކަހަލައެވެ. މުޅި ހަށިގަނޑު ހިމޭން ވެލައިފިއެވެ. ބުނަން ވެސް ނޭނގޭ ކަހަލަ ހުއްޓުމަކާ އޭނާގެ ހަށިގަނޑު ކުރިމަތިލައިފިއެވެ. ހަރަކާތް ހުއްޓިފައި ޒާރާގެ ގައިގައި ބައްދާލައިގެން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް އޭނާއަށް ނޭނގެއެވެ. ދެން ޒާރާ ދުރުކޮށްލުމަށްފަހު ޒާރާގެ ދެ އަތް ތިލައިގައި ހިފަހައްޓާލިއެވެ. ދެ އަތުގައި ވަކިވަކިން އައްފާން ބޮސްދިނެވެ. ހިނދަކަށްފަހު ހިނދެއް ޒާރާގެ ނޭވާ އަވަސް ވަމުން ދިޔައީ އައްފާންގެ ބޮސްދިނުންތައް އިތުރުވާން ފެށުމުންނެވެ. ދެ އަތުން ފެށިގެން ޒާރާގެ ކަނދުރާ އާއި މޫނުގައެވެ. ފަހު ވަގުތުގައި ޒާރާއަށް އައްފާންގެ ލައިގެން ހުރި ޓީޝާޓުގެ ދެފަރާތުގައި ހިފާ ބާރުކޮށްލެވުނީ އޭނާގެ ތުންފަތަށް އެރި ލޮޅުމެއްގެ ސަބަބުންނެވެ. އައްފާންގެ ގާތްކަމާ ބީހުންތައް އިހުސާސް ވާން ފެށުމުން ޒާރާ ހީވީ އަލަށް ކުރެވެން ފެށި އިހުސާސްތަކެއް ހެންނެވެ. އައްފާންގެ ކޮންމެ ބީހިލުމެއްގައި ރަނގަޅަށް ހައްޔަރުވެ ދުރަށް ނުދެވޭ ވަރަށް ރަނގަޅަށް އޭނާ ގައިދުވެއްޖެއެވެ. އިސާހިތަކު ދެމަފިރިންގެ ދެލޮލުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ހިނދަކަށްފަހު ހިނދެއް ފާއިތުވަމުން ދިޔައެވެ. އެކަކުވެސް ދުރުވާން މަސައްކަތެއް ނުކުރެއެވެ. އެކަކުގެ ދުލުގައިވެސް ލަފްޒެއް ނެތެވެ. އެހެންނަމަވެސް ގުޅުވާލެވިފައިވާ ދެ ލޮލުގެ ނަޒަރުގައި ހިމޭން ބަހުރުވައެއް ވިއެވެ. ޒާރާގެ މޫނާ އައްފާން ދުރަށް ޖެހިލީ ބޭނުންވެގެނެއް ނޫނެވެ. އެހެންނަމަވެސް މީހާ ހަމަޖެހިލުމަށެވެ. ޒާރާގެ ދެލޮލާއި މޫނުމަތިން ވެސް މިހާރު ފެންނަމުންދަނީ މަސްތީ އަސަރެކެވެ. އެ އަސަރުގައިވާ އިރު ޒާރާ އިތުރަށް ފުރިހަމައެވެ. އޭނާގެ ކިބައިގައި ވަނީ ފިރިހެނުން ހިތް ކަތިލާ ފަދަ ގޮތެކެވެ. ޒާރާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. މަސްތީ ފުރިހަމަ އިހުސާސްތައް، އިހުސާސް ކުރެވޭ ހިނދު ޒާރާގެ ފުރިހަމަކަން އެތައް ގުނައެއް އިތުރުވާނޭކަން މާކުރިން ވެސް އައްފާނަށް އެނގެއެވެ. އޭނާގެ ހިތާއި ހަށިގަނޑު އެދެނީ އިތުރަށް ޒާރާއާ ގާތްވުމަށެވެ. އަނބިމީހާގެ ފަރާތުން ކުޑަ ނަމަވެސް އުފަލެއް ލިބިގަތުމަށެވެ. އަދި އެ އުފާވެރިކަމާއި ޖަޒުބާތުތައް ތާއަބަދަށް ދެމިއޮތުމަށެވެ.
ދުވަހަކުވެސް ދެވިދާނެކަމަށް ހީނުކުރާހާ ހިސާބަކަށް އައްފާނާއެކު ދެވުމުން ޒާރާ ހުރީ ހިމޭންވެފައެވެ. ދުލުން އިގުރާރު ނުވިޔަސް އެ ބީހުންތަކަށް އޭނާއަށް ވެސް އެދެވެމުން ދިޔައެވެ. ލައިގެން ހުރި ޓީޝާޓް ބޮލުން ދަމައިގަނެފައި އައްފާން ޒާރާ އޭނާގެ އަތްމައްޗަށް އުފުލާލިއެވެ. ލޯތްބާއެކު ޒާރާ އެނދުގައި ބާއްވާލިއެވެ. އޭނާގެ ނަޒަރުން ޒާރާ ލަދުގަންނުވާލަން މިދަނޑިވަޅު އޭނާ މަސައްކަތެއް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ އެ ލޯތްބަށް ފެންބޮވައިގެންފައެވެ. އޭނާ ބޭނުންވަނީ އޭނާގެ ހިތުގައި ޒާރާއަށްޓަކައި ލޯބި އޮތް މިންވަރު ޒާރާއަށް ހާމަކޮށްދޭށެވެ.
****
އެންމެ ފުރަތަމަވެސް ދެލޯ ހުޅުވާލެވުނީ އައްފާނަށެވެ. ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނެވިގެން އުޅެނިކޮށް އޭނާއާ ދާދި ކައިރީގައި ފުން ނިދީގެ ތެރޭގައި އޮތް ޒާރާ ފެނިއްޖެއެވެ. ބާލީސް ދަށުގައި އޮތް ފޯނުން އައްފާން ގަޑި ބަލައިލިއެވެ. ފަތިހު ފަހެއް ޖަހަން ތިން މިނެޓް ހުއްޓެވެ. މޫނުމައްޗަށް ފައިބާފައިވާ ޒާރާގެ އިސްތަށިތައް އެއް އަތުން އެއްފަރާތް ކޮށްލުމަށްފަހު ގާތުން ޒާރާގެ މޫނަށް ބަލައިލިއެވެ. ޒާރާ ގޮވައިގެން މުޅި ރޭގަނޑު އޭނާ ހޭދުކުރި ގޮތް ހަނދާންވުމުން އައްފާނަށް ހީލެވުނެވެ. ޒާރާ ލަދުން އުޅުނުގޮތާ އޭނާގެ ނަފްސަށް ލިބުނު އަރާމާއި ހިތްހަމަޖެހުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ކުއްލިއަކަށް އައްފާންގެ ނަޒަރު ހުއްޓުނީ ފަނޑު ފިޔާތޮށި ކަމެއް ލިބިފައިވާ ޒާރާގެ ތުންފަތަށެވެ. އިނގިލިތަކުން ޒާރާގެ ތުންފަތުގައި އޭނާ ފިރުމާލިއެވެ. އެ ހިނދު އަނެއްކާވެސް އޭނާގެ ހަށިގަނޑުން ވިންދެއް ޖަހާލިހެން ހީވިއެވެ.
ޒާރާއަށް ދެލޯ ހުޅުވާލެވުނީ ޒާރާ ގާތަށް ދަމާލުމަށްފަހު އައްފާން ކޮށްލި ހަރަކާތަކުންނެވެ. ލޯ ހުޅުވާލުމާއެކު ރޭގެ މަންޒަރުތައް ޒާރާގެ ސިކުނޑީގައި ރޯލުވާން ފެށިއެވެ. ދާދި ކައިރީގައި އޮތް އައްފާން ބަލަހައްޓައިގެން އޮތްތަން ފެނުމުން ޒާރާ އަނެއް ފަރާތަށް އެނބުރުނެވެ.
"ނިއަމް ހޭލާނެ އިރުކޮޅަކުން" ފަހަތުން ޒާރާގެ ގައިގައި އައްފާން ބައްދާލުމުން ޒާރާ ބުންޏެވެ.
"ރޭގަ އެންމެ ފަހަރަކުވެސް ނިއަމް ހޭލިތަ؟ ނިއަމްއަށް އެނގެއޭ މަންމި އާ ބައްޕިއަށް ހާއްސަ ރެއެއް ކަން" އައްފާން ބުންޏެވެ.
"ބަންގި ގޮވާނެ އިރުކޮޅަކުން" ޒާރާ ބުންޏެވެ.
އައްފަން ޖަހާލީ ހިނިގަނޑެކެވެ. ޒާރާއަށް ވެސް ހެވުނެވެ.
"އާނ ވަގުތު ޖޭހެއިރަށް މުދިންބެ ގޮވާނެ" އައްފާން ބުންޏެވެ. "ނޫޅެމޭ ކަމެއް ކުރާކަށް. ޒާގެ ވަސް ނޭފަތުގައި ޖެހޭ ހިސާބު އޮވެލަން ބޭނުމީ" އައްފާން ބުންޏެވެ. ޒާރާ އޮތެވެ. އައްފާން އެދުނު ފަދައިން އޭނާ އެނދުން ފައިބަން މަސައްކަތެއް ނުކުރެއެވެ. އެހެން އޮތްއިރު ދެމަފިރިންގެ މެދުގައި ހިނގައިދިޔަ ކަންކަމާ އޭނާ ވިސްނަމުން ދިޔައެވެ.
"މިސްކިތަށް ނުދަނީތަ؟" ޒާރާ އެހިއެވެ.
"މިސްކިތުގަ ނަމާދުކޮށް ނިމިއްޖެ. ޒާ އަހަރެން މޮޔަކޮށްލީމަ މިސްކިތަށް ދެވޭހާ ތަން ހުއްޓަ ހެއެއް ނުލެވުނު" އައްފާން ބުންޏެވެ.
ޒާރާ ހީލިއެވެ. އޭނާގެ މޫނު އައްފާނަށް ނުފެންނާނޭހެން އޮތްކަން ނަސީބެކޭ ހިތަށް އެރިއެވެ.
"ކިހާ އިރެއް ވަންދެން އޮންނަންވީ. ފަސްގަޑި ފަނަރަވެއްޖެ. އިރުއަރާނެ އިރުކޮޅަކުން. އަނެއްކާ ނިއަމް ހޭލައިފިއްޔާ ރަނގަޅަށް އެއްކަމެއްވެސް ނުވާނެ" ޒާރާ ބުންޏެވެ.
"ކީއްކުރާނީ. ދޫކޮށްލާހިތެއް ނުވޭ. ޒާ ދޭބަލަ ތެދުވެގެން ކުރިން ފެންވަރައިގެން އަންނަން" އައްފާން ބުންޏެވެ.
ޒާރާ ތެދުވަން ބޭނުންވިއެވެ. އެކަމަކު ތެދުވާކަށް ނުކެރުނެވެ. އޭނާއަށް އޮވެވުނީ އެފަދަ ހާލަތެއްގައެއް ނޫނެވެ. އެކަން އައްފާނަށް އެނގުނީ ކަންނޭނގެއެވެ.
"އޯކޭ. ދެލޯ މަރާލަބާ. މެޖިކެއް ހަދަން މިއުޅެނީ" އައްފާން ބުންޏެވެ.
ޒާރާ ދެލޯ މަރާލިއެވެ. ގައި މަތީގައި އޮތް ކުއިލްޓް ކެހިގެން ދިޔަކަންވެސް އެނގެއެވެ. އޭނާ އަތްމައްޗަށް ލައިގެން އައްފާން ހިނގައިގަތް އިރުވެސް ޒާރާ އޮތީ ދެލޯ ހުޅުވާލަން ނުކެރިފައެވެ.
****
ދުވަހުގެ މެންދުރު ކުރީގެ ވަގުތެވެ. ބަދިގޭ ކެބިނެޓް ކައިރީގައި ހުރި ޒާރާގެ ތުންފަތް މަތީގައި އަދިވެސް ވީ ހިނިތުންވުމެކެވެ. އޭނާގެ އެތައް މަސައްކަތަކަށް ފަހުވެސް ރޭގެ ހަނދާންތަކާއި އަސަރުތައް ހިތުން ފިލައިގެން ނުދިޔައެވެ. އޭނާގެ ހަޔާތުގައި ރަން އަކުރުން ފަވާލަން ބޭނުންވާ ރެއަކަށް އެރޭ ވެއްޖެއެވެ. އައްފާންގެ ކޮންމެ އަމަލެއްގައިވާ އޯގާތެރިކަމާއި އަޅާލުމެވެ. އައްފާންގެ އެ ބީހުންތައް އޭނާ ބަލައިގަނެއްޖެއެވެ. ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކުރަން އޭނާ ބޭނުންވަނީ އެ ބީހުންތަކާ އެކުއެވެ. ކިޔަމަންތެރި ފިރިމީހާއަށް ވަފާތެރި އަނބިމީހާގެ ގޮތުގައި ހުރެއެވެ. ކުރިން އޭނާ އިސްކުރީ ރަހުމަތްތެރި ކަމުގެ ގުޅުމެވެ. މިހާރު އިސްކުރަން ބޭނުންވަނީ ދެމަފިރިންގެ ގުޅުމެވެ.
ގިރަން ހުރި ކޮފީތަށި ހިފައިގެން އައިސް ސޯފާގައި އޭނާ އިށީނެވެ. ކޮށީގައި އިން ނިއަމް ޒާރާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ދިނެވެ. ޒާރާގެ ހިތް ލޯބިން ފުރުނެވެ. ސޯފާގައި އިށީނުމުގެ ބަދަލުގައި ޒާރާ އިށީނީ ނިއަމް ކައިރީގައި ޓައިލްސްތަކުގެ މަތީގައެވެ. ކޮފީތަށި ތިރީގައި ބަހައްޓާފައި ނިއަމްއާ އޭނާ ސަމާސާ ކޮށްލިއެވެ. ހެއްދެވި ފަރާތުން އޭނާއަށް ދެއްވި އަގުހުރި ނިއުމަތްތަކުގެ މަތިން ހަނދާންވުމާއެކު ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ފިރިމީހާއާ މެދު އޮތް ދުރުކަން ކަނޑުވާލެވުނު ފުރަތަމަ ފަހަރުން އޭނާގެ މުޅި ދުވަސް ތަފާތުވެއްޖެއެވެ. ދުނިޔެ އޭނާއަށް މިއަދު ފެންނަނީ އިއްޔެ ފެނުނު ގޮތަކަށް ނޫނެވެ. ހިތް ބަދަލުވެއްޖެކަން ޔަގީނެވެ.
ސޯފާ މަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ޒާރާ ބަލައިލިއެވެ. ގުޅަނީ ޖަންނަތެވެ. ހެވިފައި ފޯނަށް ބަލަހައްޓައިގެން އިނދެފައި ޒާރާ ތެދުވެގެން ގޮސް ފޯނު ނެގިއެވެ.
"މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟" ފޯނު ނެގި ގޮތަށް ޒާރާ ބުންޏެވެ.
"މިއަދު މާމަ ބަލިކޮށް އުޅޭތީ ސަލާން ފޮނުވީ" ޖަންނަތު ބުންޏެވެ.
"މާމައަށް ކިހިނެއްވީ؟" ޒާރާ އެހިއެވެ.
"މާބޮޑު ކަމެއް ނުވޭ. ޕްރެޝަރ ހައިކޮށް އުޅެނީ މި ދެތިން ދުވަހު" ޖަންނަތު ބުންޏެވެ.
ފޯނުން ވާހަކަދައްކަމުން އައިސް އަނެއްކާވެސް ޒާރާ ޖައްސާލީ ނިއަމް ކައިރީގައެވެ. އޭނާގެ ދިރިއުޅުމަށް އެހާ ބޮޑު ބަދަލެއް އައުމުގައި އެންމެ ބޮޑު ރޯލެއް ކުޅެދިނީ ޖަންނަތެވެ. އޭނާ ޖަންނަތަށް ޝުކުރު އަދާކުރަން ބޭނުންވިއެވެ. އެކަމަކު މިވަގުތަކު ނޫނެވެ. މިހާރު ބުނެފިއްޔާ ޖަންނަ ވަރަސް ސުވާލު ކުރާނެއެވެ. އެހާ ދިމާވެސް ކުރާނެއެވެ.
"މިހާރު ދެ ހަފްތާ މިވަނީ. ނޫޅެންތަ އަންނަން" ޖަންނަތު އެހިއެވެ.
"ނޫނޭ. އަހަރެން ނިމުނުތާ ކޮން ދުވަހެއް. މިހެން އާދެވުނު ފަހަރެއްގަ ދޯ ނިއަމް ވެސް ދައްކާލެވޭނީ. އެކަމަކު މިހާރު ގާތްގަނޑަކަށް ނިމިފަ މިތިބީ. އައްޔަ އެ ދިޔައީ ނިއަމްގެ ރިޕޯޓް ޑޮކްޓަރަށް ދައްކާލަން. ހީވަނީ ދެ ދުވަހެއްގެ ތެރޭގަ ދެވޭނެހެން" ޒާރާ ވާހަކަދެއްކިއެވެ.
****
ކާ މޭޒު ކައިރީގައި އިން އައްފާންގެ ނަޒަރު އެހެން ދިމާލަކަށް ނުހުއްޓެއެވެ. އުނދުން ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ޒާރާ މިއަދު އޭނާއަށް ފެންނަގޮތް ތަފާތެވެ. ކަޅު ކުލައިގެ އަތްކުރު ޓީޝާޓްކޮޅާ އެކު ތިރިން ލައިގެން ހުރީ އަޅި ކުލައިގެ ޓައިޓެކެވެ. އިސްތަށިގަނޑު ހުޅިޔަކުން ހައްޔަރުކޮށްލާފައި ވާއިރު ނުކިޔަމަންތެރި ބައެއް އިސްތަށިތައް ކަނދުރާގައި ބޮސްދެމުން ދިޔައެވެ. އައްފާންގެ އެ ނަޒަރުން ޒާރާ ލަދުގަންނަ ގޮތް ވިއެވެ.
ތަށި ހިފައިގެން އައިސް ޒާރާ އިށީނީ އައްފާންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭރު އަދިވެސް އައްފާން ކާ އެއްޗެއްގައި އަތް ނުލައެވެ. ޒާރާ ބަތް އަޅައިދިން އިރުވެސް އައްފާން އިނީ ހަމަ އިންގޮތަށެވެ. އެންމެފަހުން އޭނާ ތެދުވެގެން ގޮސް އައްފާންގެ ފަހަތުން ހުއްޓުނެވެ. އައްފާނަށް ހޭވެރިކަމެއް ވީ ދެނެވެ. ޒާރާ އޭނާގެ ލޯމަތިން ގެއްލުމުންނެވެ.
"ކީއްވެ ތި ފިލަނީ؟" ފަހަތުގައި ޒާރާ ހުރިކަން އެނގުމުން އައްފާން ބުންޏެވެ.
"ނުފިލަން. އެހެން ދުނިޔެއެއްގަ އައްޔަ އިނީމަ" ޒާރާ ބުންޏެވެ.
އައްފާން ފަހަތަށް އެނބުރިފައި ޒާރާގެ އަތުގައި ހިފައިގެން ގެނެސް ބޭންދީ އޭނާގެ އުނގުގައެވެ. އައްފާނަށް ނޫނެކޭ ބުނަން އޭނާ މަސައްކަތެއް ނުކުރެއެވެ. ދިރިއުޅުން ކުރިއަށްދާހާ ހިނދަކު އައްފާންގެ އެފަދަ ސަމާސާތައް ދާނީ ކުރިއަށެވެ.
"ކީއް ތިކުރަނީ" ޒާރާގެ ކަންފަތް ކައިރިން އައްފާންގެ ހޫނު ނޭވާގެ އިހުސާސް ވާން ފެށުމުން ޒާރާ ބުންޏެވެ.
"ތިއީ އަހަރެން އަހަންޖެހޭ ސުވާލެއްނު. ޒާ އަހަންނަށް ކިހިނެއް ތިހެދީ" އައްފާން ބުންޏެވެ.
"އަހަރެން ނުކުރަން ކަމެއް" ޒާރާ ބުންޏެވެ.
"އެހެނެއް ނުވާނެ. ކަމެއް ނުކުރާނަމަ މިހާވަރު އަހަންނަށް ނުވާނެ. ޒާއަށް އިހުސާސްވޭތަ އަހަންނަށް މިވާވަރު. އެންމެ ސިކުންތަކަށް ވެސް ޒާ ދޫކޮށްލާހިތެއް ނުވޭ" ޒާރާގެ ގައިގައި ބައްދާލައިގެން އިނދެ އައްފާން ބުންޏެވެ. ކުއްލިއަކަށް ޒާރާގެ ހަށިގަނޑުން ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައީ ކަނދުރާގައި އައްފާން ބޮސްދިނުމުންނެވެ.
"އައްޔާ... މިވަގުތަކު ނޫން" ޒާރާ ބުންޏެވެ. "އަހަރެން ވަރަށް ބަނޑުހައި"
އައްފާން ހީލައިފިއެވެ. ޒާރާއަށް ލުޔެއް ދީފިއެވެ.
"އަހަރެން ނުކުރަން އެއްވެސް ކަމެއް. ޒާ އެއްނު ތި އިންނަނީ އަހަރެންގެ އުނގަށް އެރި ގޮތަށް ތެދުވާހިތް ނުވެފަ" އައްފާން ބުންޏެވެ.
ޒާރާ ފުންމައިގެން ތެދުވިއެވެ. މޭޒު ވަށާލާފައި ގޮސް އޭނާ ކުރިން އިން ގޮނޑީގައި އިށީނެވެ.
"ފުރާ ދުވަސް މިހާރު އެނގިއްޖެތަ؟" ޒާރާ އެހިއެވެ.
"މާދަމާ ނޫން އަނެއް ދުވަސް" އައްފާން ބުންޏެވެ.
ތައްޓަށް ބަތް އަޅައިގެން ޒާރާ ކާން އިންތަން ފެނުމުން އައްފާނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އޭނާ ކުރި އެތައް މަސައްކަތުން ޒާރާގެ ހިތުގައި ކާ އެއްޗިއްސާ މެދު ލޯބި ޖެއްސިއްޖެއެވެ.
"މާދަމާ ވާނެ ދޯ ފުރުމުގެ ކުރިން ޝޮޕިންއެއްކޮށްލަން. މަންމަމެންނަށް ހަދިޔާ ގެންދަން ވާނެއްނު" އައްފާން ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ.
"ޒާ ބޭނުންތަ އެއްވެސް އެއްޗެއް" އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އައްފާން އެހިއެވެ.
"އަހަރެން ބޭނުމީ އައްޔަ. ލިބިފައެއްނު ތިހުރީ" ޒާރާ ބުންޏެވެ. ދެން ކާން އިން ތައްޓަށް ބަލައިލަމުން ހީލިއެވެ.
ހެމުން ހެމުން ޒާރާ ބުންޏެވެ. ހީލިގޮތަށް އައްފާނަށް އިނދެވުނީ އަނގަ ލައްޕާލަންވެސް ހަނދާން ނެތިފައެވެ. ޒާރާގެ އެ ސަމާސާ އޭނާއަށް ވަރަށް ކަމުދިޔައެވެ. ސަމާސާއަކަށް ނަމަވެސް ޒާރާ އެ ބުނީ އޭނާއަށް އަހާލަން ފަސޭހަ ޖުމްލައެކެވެ.
(ނުނިމޭ)