ކުއްލިއަކަށް އައްފާން ސިހުނީ އަވަނުގައި އޮތް ކޭކް ނަގައިގެން ޒާރާ އެނބުރިލުމުންނެވެ. ހިތެއްގެ ބައްޓަމަށް ވާ ޒާރާގެ އުޖާލާ މޫނާއި ހުރިލެއް ލޯބިކަމުން އައްފާންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ޒާރާގެ ފައިން ފެށިގެން ބޮލާ ހަމައަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއީ ހަމަ ޒާރާ ހެއްޔެވެ؟ ހާދަހާ ތަފާތެވެ. ކުރީގެ ނިކަމެތިކަން މާބޮޑަށްވެސް ފިލައިފިއެވެ. ޒާރާ ލައިގެން ހުރި ގަމީހަކީ ހުދު އޭނާގެ ގަމީހެއް ކަން އެނގުމުން އައްފާނަށް ލިބުނު ހިތްހަމަޖެހުން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. ދުވަހަކުވެސް އެފަދަ ރީތިކަމެއް އޭނާއަށް ފެނިފައިނުވާ ކަހަލައެވެ. ޒާރާއާ ގާތަށް އައްފާން ފިޔަވަޅު އަޅަން ފެށުނީ ބޭއިހުތިޔާރުގައެވެ.
އައްފާން އައިސް ކައިރީގައި ހުއްޓެންދެން ޒާރާއަށް ހުރެވުނީ ހަރަކާތް ހުއްޓިފައިވާ ބުދެއް ހެންނެވެ. އައްފާންގެ ނަޒަރުން ސަލާމަތްވުމަށް އޭނާ އިސްޖަހާލިއެވެ. އައްފާން އައިސް ހުއްޓުނީ ޒާރާއާ ދާދި ކައިރީގައެވެ. ލަދުގަތްވަރުން ބިން ފަޅާފަ އަޑިއަށް ދާނެނަމައޭ ހިތަށް އެރިއެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރުމެވެ. އެހާ އަވަހަށް ދެ އަތްތިލަ ގަނޑުފެން ކޮޅަކަށް ވެއްޖެއެވެ. އަވަސްވެގެން ދިޔަ ނޭވާ ހަމަޔަކަށް އަޅުވަން ޒާރާ ފުން ނޭވާތަކެއް ލަމުން ދަނިކޮށް އައްފާން ކުރިމަތީގައި ހުއްޓުނެވެ. އައްފާންގެ ނަޒަރު ޒާރާގެ މޫނަށް ހުއްޓިފައި ވިޔަސް ޒާރާއަށް އިސްއުފުލައި ބަލައިލަންވެސް ނުކެރުނެވެ.
ޒާރާގެ މައުސޫމްކަން ހިނދަކަށް ފަހު ހިނދެއް އައްފާންގެ ހިތް ކަތިލެވެމުން ދިޔައެވެ. އޭނާގެ ހިތް އޮތް ގޮތް މިއަދު ޒާރާގެ ކުރިމަތީގައި ހުޅުވާނުލައި ކެތްތެރި ނުވެވޭނެއެވެ. އަތުގައި އޮތް ޒާރާގެ އައިނު ލާފައި އޮތް ކޮތަޅު މޭޒުމަތީގައި ބާއްވާފައި އައްފާން އަތް އުފުލާލިއެވެ. އޭނާ ބޭނުންވީ އެންމެ ފަހަރަކު ނަމަވެސް ޒާރާގެ ލޯބި މޫނުގައި ބީހިލާށެވެ. އޭނާގެ ހިތަށް މިވަގުތު އެއްވެސް ކޮންޓްރޯލެއް ނެތެވެ. ޒާރާގެ ކަރުދަށުން ދެއަތް ލެއްވުމަށްފަހު މޫނުގެ ދެފަރާތުގައި ހިފާފާއި އުފުލާލިއެވެ. އެހިނދު ޒާރާ އޭނާގެ އެސްފިޔަތައް ލަސްލަހުން ތިރިކޮށްލިއެވެ.
"ގޯޖަސް" އައްފާން މަޑުމަޑުން ބުންޏެވެ. އެ އަޑު ޒާރާއަށް އިވުނީ ދާދި ގާތުންނެވެ.
ޒާރާގެ ދިގު އެސްފިޔަތަކުގައި ލޯބިން ބޮސްދޭން އައްފާން ހިތް އެދުނެވެ. ކުއްލިއަކަށް އައްފާންގެ ނަޒަރު ހުއްޓުނީ ކުޑަކޮށް ފޭވެފައިވާ ޒާރާގެ ދެ ތުންފަތަށެވެ. އެ ތުންފަތާ އޭނާގެ މޫނު ކައިރިވަމުން ދިޔައީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ. ކުއްލިއަކަށް ޒާރާއަށް އޭނާގެ ތުންފަތަށް ލޮޅުމެއް އިހުސާސްވި ވަގުތު ދެލޯ މަރާލެވުނެވެ. ލައިގެން ހުރި ހެދުމުގެ ދެފަރާތުން ދެއަތުން ބާރަށް ހިފަހައްޓާލެވުނުއިރު އައްފާން ދުރުކޮށްލަން އެއްވެސް މަސައްކަތެއް އޭނާއަށް ނުކެރުނެވެ. ދެލޯ ހުޅުވާލާފައި އައްފާނަށް ބަލައިލަންވެސް ނުކެރުނެވެ. އައްފާން ބޭނުންވި ވަގުތު އޭނަ ދީގެން ހުއްޓެވެ. ގިނައިރު ތަކަކަށް ދެމިގެން ދިޔަ އެވަގުތު ކުރުކޮށްލީ ހުދު އައްފާނެވެ. ޒާރާގެ މޫނާ މޫނު ދުރުކޮށްލާފައި އެ މޫނަށް އައްފާން ބަލައިލިއެވެ. ތެތްކަމެއް އެކުލެވިގެންވާ ޒާރާގެ ތުންފަތާއި މެރިފައިވާ ޒާރާގެ ދެލޯ ފެނުމުން އައްފާނަށް ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. އަވަސް އަވަހަށް ފަހަތަށް ޖެހުނުގޮތަށް ޒާރާއަށް ފުރަގަސް ދިނެވެ. ޒާރާ ދެލޯ ހުޅުވާލިއިރު އައްފަން ފުރަގަހަށް ހުރުމުން ޒާރާ ތުންފަތުގައި ދަތް އަޅާލިއެވެ. ދެމަފިރިންގެ މެދުގައި ވާހަކައެއް ނުދެކެވި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ.
"ސޮރީ ޒާ... ވަރަށް ބޮޑަށް ސޮރީ..." އައްފާން ދުރަށް ހިނގައިގަތެވެ. އައްފާންގެ ފަހަތުން ދެތިން ފިޔަވަޅު އަޅާފައިވެސް ޒާރާއަށް ކުރިއަށް ނުދެވުނެވެ. މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި ޒާރާ އިށީނެވެ. މޭޒު މަތީގައި އޮތް އޭނާގެ އައިނު ލާފައިވާ ކޮތަޅު ޒާރާއަށް ފެނުނީ އެވަގުތުއެވެ. ތުންފަތުގައި ދޫ ހާކާލި ގޮތަށް ޒާރާއަށް ބަލައިލެވުނީ އޭނާގެ މަޑު ތުރުތުރެއް އަޅަމުން ދިޔަ އަތްތިލައަށެވެ. ޒަމާންތަކަށްފަހު މީހަކާ އެހާ ކައިރިވުމުން ޒާރާގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅަމުން ދިޔައެވެ. މީގެކުރިން ނުކުރެވޭ އިހުސާސެއް އޭނާގެ ހިތަށް ކުރުވަމުން ދިޔައެވެ. ހިތުގެ ތެޅުން އަދިވެސް މަޑެއް ނުވެއެވެ. ދެ އަތްތިލައިގެ ފިނިކަން އަދިވެސް ފިލައި ނުދެއެވެ. އެތައް އިރަކު ޒާރާ ގޮނޑީގައި އިނެވެ. އޭނާ އިނީ ކޮޓަރިއަށް ދާން ނުކެރިފައެވެ. އައްފާން ކުރިމައްޗަށް އަރަން ނުކެރިފައެވެ.
މާގަނޑު ދޫކޮށްލައިގެން އައްފާން ހުންނަތާ އެތައް އިރެއް ވެއްޖެއެވެ. ފާރުގައި އެއް އަތް ވިއްދައިގެން އޭނާ ހުރީ ދެލޯ މަރައިގެން އިސްވެސް ޖަހައިގެންނެވެ. އޭނާގެ ހަށިގަނޑުގައި ބޮސްދީ ތިރިއަށް ސޮހިގެން ދާ ފެންތިކިތަކަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ދާދި ދެންމެއަކު ޒާރާއާ އެކުގައި ހޭދަކުރެވުނު ވަގުތުކޮޅެވެ. ޒާރާ ހުރިގޮތް ފެނުމުން ދުރުގައި ހުންނަން އޭނާއަށް ކެތްނުކުރެވުނީތީ އަމިއްލަ ނަފްސަށް އޭނާ އަޑުލިއެވެ. ޒާރާ ބޭނުންވާ ވަގުތުނުދެވި އަތުން ކޮންޓްރޯލު ދޫވިގޮތުން ކަންބޮޑުވެފައެވެ. ޔަގީނުންވެސް އެއީ ޒާރާ ކުރަމުން ދިޔަ އުއްމީދުތަކާ ހިލާފަށް ކުރެވުނު ކަމެކެވެ. ޒާރާގެ ކުރިމަތީގައި އިތުބާރު ގެއްލުނީއެވެ. އެކަމަކު... ބުރުގާ ނާޅައި އެފަދަ ހެދުމެއްގައި ޒާރާ ހުރީ ކީއްވެ ހެއްޔެވެ؟ އަހަރެން ނުހިފެހެއްޓީ ކީއްވެ ހެއްޔެވެ؟ އައްފާން ހިތަށް އަރަމުން ދިޔައެވެ.
****
ނިއަމް ގޮވައިގެން ހަވީރު ދެމަފިރިން ހިނގާލަން ނިކުތް އިރުވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. އެކަކު ބުނަން ބޭނުންވާ އެއްޗެއް އަނެކަކު ކައިރީގައި ބުނަމުން ދިޔައީ މެސެޖުންނެވެ. ޒާރާގެ މޫނަށް އައްފާން ބަލަމުން ދިޔައީ ޒާރާއަށް ސިއްރުންނެވެ. އައްފާނަށް ޒާރާ ވެސް ބަލަމުން ދިޔައީ ސިއްރުންނެވެ. ދެމަފިރިންގެ މެދުގައި ހިނގައިދިޔަ ކަންތައްތައް އެކަކުގެ ހިތުންވެސް އަދި ނުފިލައެވެ.
ނިއަމްއަށް އައިސްކްރީމް ދޭން ތަނަކަށް ވަދެ އިނދެފައި މޭޒުމަތީގައި އޮތް މެނޫ އެއްފަރާތް ކޮށްލަން އޭގައި އަތްލެވުނީ ދެމަފިރިންނަށް އެއްކޮށެވެ. އައްފާނަށް އަތް ބޭއްވުނީ ޒާރާގެ އަތްމަތީގައެވެ. އެހިނދު ޒާރާ އައްފާނަށް ބަލައިލިއެވެ. އެވަގުތު އެއީ އައްފާންވެސް ޒާރާއަށް ބަލައިލި ވަގުތެވެ. ކުރިން ހިނިތުންވެލީ ޒާރާއެވެ. އެކަން އައްފާނަށް އެނގުނީ ޒާރާގެ ދެލޮލަށް އައި ބަދަލުންނެވެ. އެއީ އައްފާންގެ ހިތަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ދެމަފިރިންގެ މެދުގައި މެންދުރު ހިނގައިދިޔަ ކަންތަކަށްފަހު ޒާރާ ހިނިތުންވެލި ފުރަތަމަ ފަހަރެވެ.
ގެނައި އައިސްކްރީމް ތަށި ކުޑަ ސަމްސަލަކުން ނިއަމްއަށް ލަވަން އިން ޒާރާ ސިހުނީ އައްފާން އޭނާއަށް ދިއްކޮށްލި އެއްޗަކުންނެވެ. ކަޅު ސަޔަކާ ހެދިކާ ގެނެސްފައި ހުރިއިރު އައްފާން ދިއްކޮށްލީ އޭނާ އެތިކޮޅެއް ކާލަފައި ގުޅައެވެ. ޒާރާ އުޅުނީ އެ ގުޅަ އޭނާގެ އަތުން ހިފާފައި ކަލާށެވެ. އެހެންނަމަވެސް އައްފާން އަތް ދުރަށް ލިއެވެ. ޒާރާގެ ކަޅު ފޮތިކޮޅުގެ ދަށުން އައްފާންގެ އަތުން ޒާރާ އަނގައަށް ލަވާލިއެވެ. ރެސްޓޯރަންޓުން ނިކުތް ގޮތަށް މަގުމަތިން ދިޔަ ކާރެއް އައްފާން ހުއްޓުވިއެވެ. އޭރު ޒާރާގެ ކޮނޑުމަތީގައި ނިއަމްއަށް އޮތީ ނިދިފައެވެ. ކާރަށް އެރުމުގެ ކުރިން ޒާރާ އަތުން ނިއަމް އައްފާން ނެގިއެވެ. ކާރުގައި ގެއާ ހަމައަށް ދެވެންދެންވެސް ދެމަފިރިން ތިބީ ހިމޭނުންނެވެ.
****
ރޭގަނޑުގެ ކެއުމަށް ޒާރާ ތައްޔާރުކުރީ ފަރާޓާއާއި ކުޅިކޮށް ކުކުޅު މަހެވެ. މިސްކިތުން އައިގޮތަށް އައްފާން ހުއްޓުނީ މޭޒު ކައިރީގައެވެ. ހަވީރު ގަދަޔަށް ސައިބުއިމުން އޭނާ ބަނޑުހައި ނުވެއެވެ. އެހެންނަމަވެސް ޒާރާ އަތުން ތައްޔާރުކޮށްފައި ހުރި އެއްޗެހި ފެނުމުން އައްފާނަށް ދުރަށް ނުދެވުނެވެ. އައްފާން ގޮނޑީގައި އިށީނުމުން ޒާރާ ޖެހުނީ ތަންކޮޅެއް ދުރަށެވެ. މީގެކުރިން ދެމަފިރިން ކޮންމެ ގަޑިއެއްގައި ކަނީ އެއްކޮށެވެ. ޒާރާ ދުރަށްދިޔަ ސަބަބު އައްފާނަށް ވިސްނުނެވެ. ކުއްލިއަކަށް ދެމަފިރިން ބަސްމަދުވެގެން ދިޔުމުން އައްފާނަށް ކަމަކު ނުދިޔައެވެ. ކުރީގެ ޒާރާ އަނބުރާ ހޯދަން އެބަޖެހެއެވެ.
"ޒާ..." އައިސްއަލަމާރި ކައިރީގައި ހުރި ޒާރާ ބަލައިލިއެވެ.
"އާދޭ ކާން" އައްފާން ބުންޏެވެ.
ޒާރާ އައިސް އިށީނެވެ. ތައްޓަށް ކާއެއްޗެހި އަޅާފައި ލަސްލަހުން ކަމުން ދިޔައެވެ. ކައި ނިމިގެން ކުރިން ތެދުވީ ޒާރާއެވެ. ތަށި ހިފައިގެން ޒިންކު ކައިރީގައި ހުއްޓައި ސިހުނީ އޭނާގެ ގައިގައި ކިރިޔާ ޖެހޭނުޖެހޭ ހިސާބުގައި ހުރި އައްފާން ފެނިފައެވެ. ޒާރާ ދުރަށް ޖެހެން އުޅުމުން ދެމެދުގައި އޮތް ދާއިރާ އައްފާން އިތުރަށް ހަނިކޮށްލިއެވެ. އައްފާންގެ އެ އަމަލުން މިފަހަރު ހަގީގަތުގައިވެސް ޒާރާ ލަދުގަނެއްޖެއެވެ.
"ޒާ ތިހުރީ ކުށްވެރިވެފަ" އައްފާން ބުންޏެވެ.
"އަހަރެން... ކީއްކުރީ؟" ޒާރާ ބުންޏެވެ.
"އަހަރެން ވާހަކަދައްކާލަން ބޭނުން. ހިނގާބަލަ ކޮޓަރިއަށް" އައްފާން ބުންޏެވެ.
"އައްޔަ ދޭ. އޭގެއަށް ހޫނުވީމަ އުނދުން ނިވާފަ އަހަރެން މިދަނީ" ޒާރާ ބުންޏެވެ.
ޒާރާ ކޮޓަރިއަށް ވަތްއިރު އެނދުގައި އިށީނދެގެން އައްފާން އިނެވެ. ޒާރާ ވަނުމާއެކު އައްފާން ބަލައިލިއެވެ. އައްފާން ކައިރިއަށް ދާން ނުކެރުމުން ޒާރާ ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ދޮރުފޮތިގަނޑު ކަހާލުމަށްފަހު ޒާރާ އައްފާނަށް ބަލައިލިއެވެ. އެހިނދު އައްފާން އެ ދިމާލަށް ހިނގައިގަތެވެ. އެހިނދު ވެސް އޭނާއަށް ބެލެމުން ދިޔައީ ޒާރާގެ ހުޅިއެއް ޖަހާފައިވާ އިސްތަށިގަނޑަށެވެ. ފެހި ކުލައިގެ ޓީޝާޓާއި ކަޅާއި ހުދު އެކުލެވޭ ޓައިޓްގައި ޒާރާ ވަރަށް ރީއްޗެވެ.
ލޮލުގެ އަރިމަތިން އޭނާއާ އެއްހަމައެއްގައި ހުއްޓުނު އައްފާނަށް ޒާރާ ބަލައިލިއެވެ. ޒާރާގެ ނަޒަރު އަމާޒުވެފައިވަނީ ދުރުން ފެންނަ އިމާރާތްތަކާއި އެ އިމާރާތްތަކުން ފާޅުވާން ހުރި އެކި ކުލަކުލައިގެ ކުލަތަކަށެވެ. ޒާރާއަށް ބަލައިލާފައިވެސް އައްފާނަށް އެ ވާހަކަތައް ފަށާނެ ގޮތެއް ނޭނގުނެވެ. އެއްކޮށް އަނދިރިކަން ވެރިވެފައިވާ އުޑަށް އައްފާން ބަލައިލިއެވެ. އެންމެ ތަރިއެއްވެސް އެ އުޑުގައި ނެތެވެ. ދުނިޔެމަތީގައި ފަޅުކަމެއް ވާ ކަހަލައެވެ.
"ކޮން ވާހަކައެއް ބުނަން އުޅުނީ" ޒާރާ ބުންޏެވެ. ވާހަކަދައްކަން އައްޔައަށް އުނދަގޫވެގެން އުޅޭހެން އޭނާއަށް ހީވެއްޖެއެވެ.
"އައިމް ސޮރީ. ވަރަށް ބޮޑަށް ސޮރީ" އައްފާން ބުންޏެވެ.
ޒާރާ އެއްޗެއް ނުބުނެއެވެ. އައްފާން މައާފަށް އެދުނީ ކޮންކަމަކާ ގުޅިގެން ކަން ޒާރާއަށް އެނގުނެވެ. އެހެންނަމަވެސް މިފަހަރު އައްފާން ލަދުގަންނަ ގޮތް ވިއެވެ. ޒާރާ ޖަވާބެއް ނުދިނުމުންނެވެ. ކުރެވުނު ކަންތަކާ ޒާރާ އެހުރީ މާބޮޑަށްވެސް ހިތްހަމަނުޖެހިފައޭ އައްފާނަށް ހީވިއެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" އިރުކޮޅަކަށްފަހު ޒާރާ ބުންޏެވެ.
"ބުނޭ. ޒާ ކޮންމެ އެއްޗެއް ބުންޏަސް އަހަރެން އަޑުއަހާނަން"
****
"އަހަންނަކަށް ފަސޭހައެއް ނޫން އަޑުއަހާކަށް"
ހިތްހަމަނުޖެހިފައި އިން ސައީދާއަށް ކާ މޭޒު ކައިރީގައި ހުރި ދިމްނާ ބަލައިލިއެވެ. މަންމަ އިނީ ރުޅި އައިސްފައި ނޫންކަން ދިމްނާއަށް އެނގެއެވެ. މަންމަ އޭނީ ދެރަވެ ހިތުގައި ޖެހިފައެވެ. މަޔަކު ދަރިއަކު ދެކެ ދުވަހަކުވެސް ފޫއްސެއް ނުވާނެއެވެ. ނަފްރަތެއްވެސް ނުކުރާނެއެވެ. މައިމީހާގެ މޫނުމަތީގައި ޖަހާފައި ދަރިއަކު ދަނިކޮށް އެ ދަރިއަކު ތަނެއްގައި އަޅައިގެންފައި ވެއްޓުނަސް މައިމީހާ އެ ދަރިއަކާ ދިމާލަށް ދެވޭނެއެވެ. އެއީ މައިމީހާގެ ހިތުގައި ދަރިންނަށް އޮންނަ ސާފު ގުދުރަތީ މަތިވެރި ލޯބީގެ ސަބަބުންނެވެ.
އަތުގައި ހުރި ބަތްޕެން ތަށީގެ ތެރެއަށް ސަމްސަލެއް ލައިގެން އައިސް ދިމްނާ އިށީނީ ސައިދާ ކައިރީގައެވެ. އޭނާ މަންމަގެ މޫނަށް ބަލައިލިއެވެ. މަންމަގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ބައްޕަ ނިޔާވެގެން ދިޔަފަހުން މަންމަގެ މޫނުމަތިން ހަމަޖެހުމެއް ނުފެނެއެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓިގެން ދިޔައީ ދުވަހަކުވެސް ދަރިއެއްގެ ފަރާތުން ފެނިދާނެކަމަށް އުއްމީދުކޮށްފައި ނުވާކަމެއް ދަރިއެއްގެ ފަރާތުން ފެނިގެންނެވެ. ދާއިމީ ބޮޑު ބައްޔެއްގެ ޝިކާރައަކަށް މަންމަ ވެގެން ދިޔައީ އެ ހިސާބުންނެވެ. ދިމްނާގެ ޒިންމާތައް ދިރިއުޅުމުގައި އިތުރުވީވެސް އެ ހިސާބުންނެވެ.
"މަންމަ ތިހެން ނީނދެބަލަ" ސައީދާގެ އަތުގައި ދިމްނާ ހިފާލިއެވެ.
"މަންމައަށް ދިރިއުޅެން ހާދަ އުނދަގުލޭ. ހިތަށް އަރާ މަރުވާނީ ކޮން ދުވަހަކުންބާއޭ" ސައީދާ ބުންޏެވެ.
ދިމްނާ ހިތުގައި ޖެހިއްޖެއެވެ. ކުޑަ މޭޒުމަތީގައި ބަތްޕެން ތަށި ބަހައްޓާފައި އޭނާގެ ދެ އަތުން ސައީދާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ލޯތްބާ އޯގާތެރިކަމާއެކު ސައީދާގެ ދެލޯ ކައިރިން ފޭދިފައިވާ ކަރުނަތައް ފޮހެދިނެވެ.
"މަންމަ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ. އަހަރެމެންނަށް އަބަދުވެސް ރަނގަޅު އެއްޗެހި ވިސްނައިދީ ހެޔޮ ނަސޭހަތްދޭ މަންމަ މިއަދު ތިހެން އުޅުނީމަ ކަމަކުނުދޭ" ދިމްނާ ވާހަކަދެއްކިއެވެ.
"ދެން މަންމަ ކީއްކުރާނީ. މަންމަ ވިސްނާ މޮޔަވެދާނެ. ބޭނުމެއް ނޫން. ނުހާ ފެންނަ ހިސާބަކަށް ދާންވެސް. އަހަރެންގެ މުޅި ދިރިއުޅުމުގަ އަލިފާން ރޯކުރީ އެ ނުބައި އަންހެނާ. އަހަރެންނަށް އެ އަންހެނާއަށް ދުވަހަކުވެސް މައާފެއް ނުކުރެވޭނެ" މަންމަ ގަޔާ ކައިރިކޮށްލައިގެން އިނދެ ބުރަކަށީގައި ފިރުމަމުން ދިޔައިރު ދިމްނާގެ ދެލޮލުގައިވީ ކަރުނައެވެ. މަންމަ ކުރަން ބޭނުންނުވެފައި ހުރިކަމެއް ކުރުވަން އިތުރަށް ވާހަކަދައްކަން އޭނާ ބޭނުމެއް ނުވިއެވެ. މަންމައަށް ބޭނުންވަނީ ވަގުތެވެ. ވަގުތާއި ހާލަތާއެކު ހުރިހާ ކަމެއް ބަދަލުވާނެއެވެ.
"މަންމަ މިތާ އޮށޯވެލަން ވީނުން. އަހަރެން އަންނާނަން އޭނައަށް މި ދީފަ" ތެދުވަމުން ދިމްނާ ބުންޏެވެ.
****
"އެއްޗެއް ބުނަން އުޅެފަ ކީއްވެ ނުބުނީ" އައްފާން ބުންޏެވެ.
ތެދެކެވެ. އެއްޗެއް ބުނަން ޒާރާ އުޅުނެވެ. ވާހަކައެއް ދައްކަން އުޅެގެން އޭނާއަށް ކުރިއަށް ގެންދެވިފައެއް ނެތެވެ. މިފަހަރު ކޮންމެހެންވެސް ބުނަން ޖެހޭނެއެވެ. ހިތުގައި އޮތް އެއްޗެއް ނުބުނަންޏާ އައްޔައަށް ވެސް ނޭނގޭނެއެވެ. އަބަދުވެސް ހުންނާނީ އޮޅުމެއްގެ ތެރޭގައެވެ.
"އައްޔަ އަބަދު އަބަދު ކީއްވެތަ ސޮރީއޭ ތި ކިޔަނީ. އަހަންނަކީ އައްޔަގެ ކާކުތަ؟ އެކުވެރިއެއްތަ؟ ނޫނީ ވައިފް ތަ؟" ޒާރާ ބުންޏެވެ.
އައްފާނަށް ހައިރަންކަމާއެކު ޒާރާގެ މޫނަށް ބަލައިލެވުނެވެ.
"ތީ އަހަރެންގެ ވައިފް. އެ ހަގީގަތް ދުވަހަކުވެސް ބަދަލެއް ނުވާނެ" އައްފާން ބުންޏެވެ.
"އެހެންވިއްޔާ އަންބަކާ ފިރިއަކާ ދެމެދުގައި އޮންނަންޖެހޭ ސާފު ގުޅުން ކޮންމެ ގޮތަކަށް އަހަރެމެންގެ މެދުގައި އޮތަސް އެކަމަށް ފިރިއަކު އަބަދު މައާފަށް އެދޭކަށް ނުޖެހޭނެ. އަހަރެން މިހެން މިބުނީ މިއަދު އަހަރެމެންގެ މެދުގައި ހިނގި ކަމަކީ ގޯހެއް ނޫން. އެކަމަކާ އަހަރެން ރުޅިއެއް ނާދޭ. އަދި ހިތްހަމަނުޖެހިފައެއްވެސް ނުހުންނަން. އެކަން އައްޔަ ކުރީކީ އަހަރެންގެ ނުރުހުމުގައެއްވެސް ނޫން. އައްޔައަށް އެހިސާބަށް ދެވުނީ އަހަރެން ފުރުސަތު ދިނީމަ. ދެން ކީއްވެ އަބަދު އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ގޮތަށް ވާހަކަދައްކަނީ" ޒާރާ ވާހަކަދެއްކިއެވެ.
ކައިވެންޏަށް ފަހު މިނޫނީ ޒާރާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދެމަފިރިންގެ މެދުގައި އޮތް ގުޅުމާ ގުޅޭގޮތުން ޒާރާ ވާހަކަދައްކައިފައެއް ނެތެވެ. ލިބުނު ހައިރާންކަމަށް ވުރެ ބޮޑަށް އައްފާންގެ ހިތަށް ލިބުނު ހިތްހަމަޖެހުން ބޮޑުވިއެވެ. ޒާރާގެ މޫނަށް ބަލައިލިއިރު އައްފާނަށް ހެވިއްޖެއެވެ. އެވަރުންވެސް ޒާރާ މަސައްކަތްކުރީ އައްފާންގެ މޫނަށް ނުބެލުމަށެވެ.
"އަހަރެން ކަންބޮޑުވަނީ. ޒާ ނުރުހެވޭ ވަރުގެ ކަމެއް ކުރެވިދާނެތީ" އައްފާން ބުންޏެވެ.
"މިހާތަނަށް އަހަރެން ހިތްނުރުހޭ އެންމެ ކަމެއް އައްޔަ ކުރީ. އެއީ މާ ކުރީގެ ކަމެއް. މިހާރު އެ ވާހަކަ ދައްކާކަށް ނެތިން" ޒާރާ ބުންޏެވެ.
"އަހަރެންނަށް އިހުސާސްތައް ނުހިފެހެއްޓުނީ. ޒާ ކޮންގޮތަކަށްތަ އެވަގުތު ހުރީ. އަހަރެން ހީކުރީ މިނިވަންކަމާއެކު ޒާ ވަގުތުކޮޅެއް ހޭދަކުރަނިކޮށް ކަމަށް އަހަންނަށް އާދެވުނީ. މަސައްކަތް ކުރިން ދުރުގައި ހުރެވޭތޯ. އެކަމަކު... " އައްފާން ވާހަކަދެއްކިއެވެ. ޒާރާ ދެލޯ މަރާ ބާރުކޮށްލިއެވެ. ހިތުގައި އޮތް އެއްޗެއް ބުނެވޭތޯ އައްޔަ މަސައްކަތް ކުރާކަން ޒާރާއަށް އެނގުނެވެ. އޭނާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. ދެއަތްތިލަވެސް ފިނވެއްޖެއެވެ.
"އަހަރެން ހަމަ ގަބޫލުކުރަންވީތަ؟" ޒާރާ ބުންޏެވެ.
"ކޮންކަމެއް؟" އައްފާން އެހިއެވެ. އެހިނދު ޒާރާއާ ކުޑަތަންކޮޅެއް ގާތަށް އައްފާން ޖެހިލިއެވެ. އޭނާ ބޭނުންވީ ޒާރާގެ ޖިސްމުގެ ހޫނުކަން އިހުސާސްވާހާ ގާތުގައި ހުންނާށެވެ. ފަހަތަށް ޖެހެމުން ގޮސް ޒާރާ މަޑުޖެހުނީ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހިފައެވެ. ފާރުގައި ވިއްދާލި އަތާއެކު ޒާރާއަށް ދުރަށް ޖެހެވޭނެ ޖާގަ އައްފާން ހަނިކޮށްލިއެވެ.
"އައްޔަ... އައްޔަ އެއްވެސް އެއްޗެއް ބުނަން އޮތިއްޔާ ބުނޭ. އެކަމަށް އެންމެ ރަނގަޅު ވަގުތަކީ މިއީ" ޒާރާ ބުންޏެވެ. އައްފާންގެ ދެލޯ ވިދައިގަތެވެ. ކުއްލިއަކަށް ޒާރާ ބަލައިލީ އޭނާގެ އަތްތިލައިގެ ތެރެއަށް އައްފާންގެ އަތް ލައްވާލުމުންނެވެ. ދެމަފިރިންގެ ގުޅުވާލެވިފައިވާ ދެ އަތްތިލައަށް ބަލައިލުމަށްފަހު ދެން ޒާރާ ބަލައިލީ އައްފާންގެ މޫނަށެވެ. އައްފާން ހުރިލެއް ގާތްކަމުން ޒާރާއަށް ލަދުވެތިކަމެއް އިހުސާސް ވިއެވެ.
"އަހަރެން ބުނާނަން. އެކަމަށް ބޭނުންވަނީ ވަރަށް ހާއްސަ ވަގުތުކޮޅެއް. މިކަހަލަ ތަނެއްގައި އަހަންނަށް އެ ވަގުތުކޮޅު ހާއްސައެއް ނުކުރެވޭނެ" އައްފާން ބުންޏެވެ. ޒާރާ ނުވިސްނާ ހުއްޓައި ފަހަތުން އަތް ގެންގޮސް ދޮރުފޮތިގަނޑުން ކުޑަދޮރު ނިވާކޮށްލިއެވެ. ކޮޓަރިއަށް ވެރިވެފައިވާ އޮރެންޖް ކުލައިގެ އަލި އިތުރަށް ފަނޑުކޮށް އޭނާގެ މޭގެ ތެރޭގައި ޒާރާ ފޮރުވާލަން އެވަގުތު އޭނާ ހިތް އެދުނެވެ. އެ ވަގުތުކޮޅަށް މާގިނަ ވަގުތެއް ނެތޭ ހިތަށް އެރި ހިނދު އައްފާނަށް ހީނލެވުނެވެ.
"ކީއްކުރަން ތި އުޅެނީ؟" ޒާރާ އެހިއެވެ.
އައްފާން ބަހެއް ނުކިޔާ ހުރީ ޒާރާއަށް ބަލަހައްޓައިގެންނެވެ. އައްފާންގެ އެ ހީލުމުން ޒާރާ ލަދުގަންނަ ގޮތް ވިއެވެ. އިސްޖަހާލެވުނުއިރު ޒާރާއަށް ތުންފަތުގައި ދަތް އަޅާލެވިއްޖެއެވެ. ފިރިހެނުންގެ ހިތްތައް ކަތިލާ ފަދަ ޒާރާގެ ލޯބި އެ އަދާއިން އައްފާނަށް އިތުރަށް ދުރުގައި ނުހުރެވުނެވެ. ޒާރާގެ އުނގަނޑުގައި އެއް އަތުން ހިފަހައްޓާލި ގޮތަށް ދަމާލިއެވެ. އެކަމަށް ނުވިސްނާ ހުރި ޒާރާ ތަތްވީ އައްފާންގެ މޭގައެވެ. އައްފާން ކުރަން އުޅޭ ކަމެއް ނޭނގި ޒާރާގެ އެސްފިޔަތައް އުފުލާލާފައި އައްފާނަށް ބަލައިލިއެވެ. އައްފާންގެ ބެލުން ތަފާތުވެފައިވި ތަން ފެނުމުން ޒާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަޑުމަޑުން ޒާރާގެ މޫނު މޫނު ކައިރި ކުރަމުން އައިސް އައްފާން މަޑުކޮށްލިއެވެ. ދެން ޒާރާގެ ކަންފަތް ކައިރީގައި ސިއްރެއް ބުނާހެން ބުނެލިއެވެ.
"އައި ލަވް ޔޫ" އެހިނދު ޒާރާއަށް ދެލޯ މަރައިލެވުނެވެ. މިހުރިހާ ދުވަހު އޭނާއަށް ޔަގީންކުރަން އުނދަގޫވެފައި ހުރި ކަންތަކަށް އައްޔަގެ ފަރާތުން ޖަވާބެއް އަދި އެ ލިބުނީއެވެ. އެހެންނަމަވެސް މިފަހަރު ކުރެވުނީ ދުވަހަކުވެސް ނުކުރެވޭ ފަދަ އިހުސާސެކެވެ. މީގެކުރިން އައްޔަގެ ފަރާތުން އޭނާއަށް ވަނީ އެ ބަސްތައް އަޑު އިވިފައެވެ. އެދުވަހު އޭނާ ގާތަށް އައީ ރުޅިއެވެ. ވީ ފޫއްސެވެ. ޖަވާބުދެވުނީ ވެސް ރުޅިވެރިކަމާއެކުގައެވެ. ދެވުނީ އިންޒާރެއްކަން އެނގުނީ މާފަހުންނެވެ. އެހެންނަމަވެސް މިފަހަރު ތަފާތު ވެއްޖެއެވެ. އަދި އެއްފަހަރު އަޑުއަހާލާހިތްވިއެވެ. އެކަމަކު ބުނާކަށް ނުކެރުނެވެ.
ޒާރާގެ ކަންފަތާ މޫނު ދުރުކޮށްލާފައި އެ މޫނަށް އައްފާން ބަލައިލިއެވެ. ޒާރާގެ މޫނުމަތިން އޭނާއަށް ފެނުނީ ލަދުވެތި ކަމެވެ. އޭނާއާ ހަތަރުކަޅި ހަމަނުކުރުމަށް ޒާރާ ކުރަމުން ދިޔަ މަސައްކަތެވެ. އައްފާންގެ ހިތް ލޯބިން ފުރުނެވެ. ޒާރާގެ ކުރިމަތީގައި ހިތް ހުޅުވާލެވުމުން ހީވީ ބޮލުން ބޮޑު ބުރައެއް އެއްފަރާތް ކުރެވުނު ހެންނެވެ.
(ނުނިމޭ)