ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 45

6

އައްފާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ފައްވާޒް ދެން އަޅާނީ ކޮންކަހަލަ ފިޔަވަޅެއް ހެއްޔެވެ؟ ޒާރާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ދާނީ ހެއްޔެވެ؟ އޭރުން... އޭރުން.... ހިތަށް އަރަން ފެށި އެއްޗެހި ތަކުން އައްފާނަށް އޭނާގެ ނޭވާ އަވަސްވަމުން ދިޔަ ކަމެއް ވެސް ނޭނގެއެވެ.

"އަހަރެން ޒާރާ ބޭނުން" ފައްވާޒް ބުންޏެވެ.

ކުއްލިއަކަށް އައްފާނަށް ހީވީ އޭނާގެ ހިތަށް ތޫނު ހަންޖަރެއް ވަދެގެން ދިޔަ ހެންނެވެ. ދިލަ އިހުސާސް ވިހެން ވެސް ހީވިއެވެ. ހިނދުކޮޅަކަށް ޒާރާ ގެއްލިދާނޭ ކަމުގެ ބިރުވެރިކަން ހިތުގައި ހިނގާލިއެވެ. ފައްވާޒަށް ދޭނެ ޖަވާބެއް ނޭނގިފައި އޭނާއަށް އިނދެވުނީ ފައްވާޒަށް ބަލަހައްޓައިގެންނެވެ.

"އަހަރެން ޒާރާގެ މައާފު ބޭނުން. ޒާރާއާ އަލުން ކައިވެނި ކުރަން ބޭނުން. އަހަރެން ބުނެގެން ޒާރާއާ ވާހަކަދައްކަން މަންމަ އުޅުނު. އެކަމަކު ލިބުނީ އަހަރެންގެ ހިތް ފުނޑުފުނޑުވާ ކަހަލަ ހަބަރެއް. ޒާރާ ކައިވެނިކޮށްފި ކަމަށް ބުނީ. އައްޔަ ތިއައީ ރަށުގަ ހުރެފައެއްނު. ޒާރާ ކައިވެނި ކުރި ހަބަރު އެއީ ހަމަ ރަނގަޅު ހަބަރެއްތަ؟ ކާކާ އިނީ؟ އަހަރެން އެނގެން ބޭނުން"

ފައްވާޒުގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އައްފާނަށް ނޭނގުނެވެ. ކުއްލިއަކަށް ޖަވާބު ދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން އެއީ މިހާރު ފައްވާޒު ވަރިކޮށްފައި ދިޔަ ޒާރާއެއް ނޫނެވެ. ޒާރާގެ ހުރިހާ މައުލޫމާތެއް ފައްވާޒަށް އެނގެން ޖެހޭ ހެއްޔެވެ؟

"ޒާރާއާ ކައިވެނިކުރީ ކާކު؟ ޒާރާ އުޅެނީ އުފަލުންތަ؟ އަހަރެން ބަދަލުވިކަން ޒާރާއަށް އަންގައިދޭނީ ކިހިނެއް؟ އެންމެ ފަހަރަކު ނަމަވެސް އަހަރެން ޒާރާއާ ބައްދަލުކޮށްލަން ބޭނުން" ފައްވާޒު ވާހަކަދެއްކިއެވެ.

އައްފާން ފުންނޭވައެއް ދޫކޮށްލިއެވެ. މިވަގުތަކީ އޭނާ ގަނޑުވެފައި އިންނަންޖެހޭ ވަގުތެއް ނޫނެވެ. އަދި ޒާރާ ގެއްލުނީކީ ނޫނެވެ. ޒާރާ އެހެން ދިމާލަކަށް ނުދާނެ ވާހަކަ އޮތީ ބުނެފައެވެ. މިވަގުތަށް ޒާރާއަށް އިތުބާރު ކުރަން ޖެހޭނެއެވެ.

"ފަވާ އަށް ތިއައި ބަދަލަކީ އަހަރެން ކީއްކުރަން، ފަވާ ދެކެ ލޯބިވާ ކޮންމެ މީހަކުވެސް އުފާވާނެ ކަމެއް. ޒާރާ މީހަކާ އިނިއްޔާ އޭނައަށް ހެޔޮ ދުއާ ކޮށްލައިގެން ހުރޭ. އެންމެ ރަނގަޅު ގޮތަކީ ﷲ އަށްޓަކައި ފަވާ ވެސް ކައިވެންޏެއް ކުރުން. ފަހަތަށް ދިޔަ ކަމެއް ފަހަތަށް ދޫކޮށްލާ" އައްފާން ވާހަކަދެއްކިއެވެ. ޒާރާ އަކީ އޭނާގެ އަނބިމީހާ ކަން އެހާ އަވަހަށް ފައްވާޒަށް އަންގަން އޭނާ ބޭނުމެއް ނުވިއެވެ.

ފައްވާޒް ހިނިގަނޑެއް ޖަހާލިއެވެ. ވެއިޓަރު ގެނެސް ބެހެއްޓި ކޮފީތަށިން ކޯވަރެއް ބޯލާފައި އަނެއްކާވެސް އައްފާނަށް ބަލައިލިއެވެ.

"ކަލޭވެސް މެރީކުރީ ދޯ. މޫނު ބުރުގާ އަޅާ ކުއްޖެއް ދޯ. ސަޅި. އެއީ ރަށު ކުއްޖެއްތަ؟ އަހަރެންނަށް ވެސް އެކަހަލަ ކުއްޖެއް ހޯދައިދޭންވީއެއްނު" އައްފާން ބުންޏެވެ.

"ހެހެހެ... އެއީ ހަމަ ރަނެއް. ކޮންމެ ކޮންމެ މީހަކަށް އެކަހަލަ ކުއްޖެއް ނުލިބޭނެ. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ ކަލެއަށް އެކަހަލަ ރަނގަޅު ކުއްޖަކު ލިބޭތޯ ދުއާ ކޮށްދޭނަން" އައްފާން ބުންޏެވެ.

އެވަގުތު މޭޒު މަތީގައި އޮތް އައްފާންގެ ފޯނު ޑިސްޕްލޭ ދިއްލިގެން ދިޔައީ ފޯނަށް އައި މެސެޖަކުންނެވެ. ފައްވާޒަށް ފެނުނީ ނިއަމް އުރާލައިގެން އިން އަންހެން ކުއްޖާގެ ދެލޯ އެކަންޏެވެ. ފައްވާޒްގެ ދެލޯ ހުއްޓުނީ ފޮޓޯގައި ފެންނަން އިން ޒާރާގެ ދެ ލޮލަށެވެ. އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.

"ވަރަށް ގުޅޭ. ކުޑަ ސޮރު ވަރަށް ގުޅޭ ދޯ ވައިފްއާ" ފައްވާޒު ބުންޏެވެ.

އައްފާން ހީލިއެވެ. މޭޒު މަތީގައި އޮތް އޭނާގެ ފޯނު ނަގާފައި ޖީބަށް ކޮށްޕާލިއެވެ. ހީވާގޮތުން ޒާރާގެ ފޮޓޯއެއްހާ މިންވަރުވެސް ފައްވާޒަށް ފެންނާކަށް އޭނާ ނޭދެއެވެ.

"މިހެން މާގިނައިރު އިނދެވޭކަށް ނެތް. ގެއަށް ދާންޖެހޭނެ އަވަހަށް" އައްފާން ބުންޏެވެ.

"އަދި އެއްވާހަކަ ނުބުނެވި މި އިނދެވުނީ. މަންމަ ބޭނުންވޭ ތި ފެމެލީއަށް ސައެއް ދޭން. ކޮން ދުވަހަކަށް ހަމަޖައްސަންވީ؟"

****

ރޭގަނޑުގެ ކާއެއްޗެއްސަށް ހޫނުކޮށްފައި ޒާރާ ކޮޓަރިއަށް ވަންއިރު އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން ފޯނާ ކުޅެން އައްފާން އިނެވެ. ޒާރާ ނިދަން އެރީ ގައި ދޮވެ ނިދާ ހެދުން ބަދަލުކޮށްގެންނެވެ. ނިއަމް މެދަށް ވާހެން އެނދުގެ ދެފަރާތުގައި ދެމަފިރިން ތިބިއިރު އަދިވެސް އައްފާން އިނީ އިހު އިންގޮތަށެވެ. ހީވާގޮތުން ފޯނުން މަސައްކަތެއް އޭނާ ކުރަނީއެވެ. ފޯނު ބަނޑުމަތީގައި ބާއްވައިގެން ފިކުރުތަކެއްގައި އޮތީ ޒާރާއެވެ. އޭނާއަށް ވިސްނެމުން ދަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ މެދުއެވެ. އައްފާނާ އޭނާއާ މެދު އޮތް ދުރުކަމެވެ. އެ ދުރުކަން ކަނޑުވަން އައްފާނާ ގާތަށް އެންމެ ފިޔަވަޅެއް އަޅަންވެސް އޭނާއަށް ނުކެރެއެވެ. އައްފާން ދުރުން އުޅޭނީ ޔަގީނުންވެސް އެ ދުރުކަން ދަމަހައްޓަން ބޭނުންވާތީއެވެ. އާ ދިރިއުޅުމަށް ހޭނެން އައްފާން ވަގުތު ބޭނުންވާހެން އޭނާއަށް ހީވަމުން ދިޔައެވެ.

"އައްޔަގެ ފަރާތުން ހަމަ ކުޑަކުޑަ އިޝާރާތެއްވެސް ނުދޭތަ؟ ޒާ އަށް ހަމަ އެއްކަމެއްވެސް ފާހަގައެއް ނުވޭތަ؟ ކައިވެންޏެއް ދެމެހެއްޓޭނީ ދެމީހުން ލަދުން ތިބެގެނެއް ނޫން. ނިކަން އައްޔައަށް ދައްކަބަލަ ޒާ ތި ގުޅުމަށް ސީރިޔަސްކަން. ޒާ ވަގުތު ބޭނުން ނުވާކަން. ނޫނީ އެއްފަހަރުވެސް އެހެން ބުނެބަލަ"

ޒާރާ ހަނދާނަށް އައީ ފޯނުން ޖަންނަތާ ދެކެވުނު ވާހަކައެވެ. ފުން ނޭވައެއް ދޫކޮށްލާފައި ސައިޑަކަށް އެނބުރުނުއިރު އައްފާން އޮތީ ސީދާ ޒާރާގެ މޫނަށް ބަލާށެވެ. ޒާރާއަށް ސިހުން ލިބުނެވެ.

"ހާދަ ބިރެއް ތިގަތީ" އައްފާން ބުންޏެވެ.

އައްފާނާ ދިމާލަށް އޮންނަން ނުކެރިގެން ޒާރާ ކުރިން އޮތްގޮތަށް އުއްޑުން ޖެހުނެވެ. އޭނާއަށް ވާގޮތެއް ބުނާކަށް ނޭނގެއެވެ. އައްފާން ބަލަން ފެށުމުން ބައެއްފަހަރު ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް އޭނާއަށް ވާން ފަށައިފިއެވެ.

"އަހަރެން އެއްޗެއް ބުނަން ބޭނުން. އެއްޗެއް ހީނުކުރައްޗޭ" އައްފާން ބުންޏެވެ.

"ބުނޭ" ޒާރާ ބުންޏެވެ.

"ޒާ ހިތަށް އަރާފާނެ އަހަރެން އަބަދު އެއް ވާހަކައެކޭ ދައްކަނީ. ކީއްކުރާނީ. އަހަރެމެންގެ ގުޅުން އޮތް ހިސާބުން އެހެން އެވަނީ. ދުނިޔޭގެ ކުރިމަތީގައި އަހަރެމެންނަކީ ދެމަފިރިން. އެކަމަކު ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އަހަރެމެން މިއީ ދެ ރަހުމަތެރިން. ނޫންތަ؟ ޒާ ބޭނުން ދުވަހެއް ވަންދެން އެކަން އޮންނާނީ އެހެން" އައްފާން ވާހަކަދެއްކިއެވެ.

"ކީއްވެ އަބަދު އައްޔަ ތިހެން ބުނަނީ. އައްޔައަށް ކިހިނެއް އެނގެނީ ބުނަން އަހަރެން އެކަންޏޭ އެގޮތް ބޭނުންވެގެން މިއުޅެނީ. އައްޔަ ބޭނުންވަނީ ކޮންގޮތެއް" ޒާރާ ބުންޏެވެ.

ޒާރާއަށް ނުފެނުނަސް އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒާރާ އެބުނީ އަދި މިހާތަނަށް ނުބުނާ އެއްޗެކެވެ. އައްފާން ދެކުނީ އެއީ ރަނގަޅު ފާލެއް ކަމުގައެވެ.

"އަހަރެންގެ އަނބިމީހާ ތިއީ. ކުރިން އެ ނަސީބު އަހަންނަށް ނުލިބުނީ އެގޮތް ޒާ ބޭނުންވީމަ. ދެމީހުންގެ މަންޒިލް ދެ މިސްރާބަކަށް ދިޔައީ ދެމީހުންގެ ތަގުދީރުގައި ވެސް ދެމީހުންނަށް ފިލާވަޅުތަކެއް ލިބުން އޮތީމަ. އެކަމަކު އެއްކަމެއް އަދިވެސް ބަދަލުނުވޭ" އައްފާން ވާހަކަދެއްކިއެވެ. ޒާރާ އެއްޗެއް ނުބުނެ ހިމޭންކަމާއެކު އައްފާން ދައްކަމުން ދިޔަ ވާހަކަތައް އަހަން އޮތެވެ.

"ނާހާނަންތަ ބަދަލުނުވެ އޮތީ ކޯއްޗެއްތޯ" އައްފާން އެހިއެވެ. އެންމެފަހުން ކުރު އަތްމައްޗަކަށް ބަދަލުކޮށްލާ ރީތިކޮށް ޒާރާގެ މޫނު ފެންނާނެހެން ބަދަލުކޮށްލިއެވެ.

"ކޯޗެއް. އައްޔަ ބުނީމަތާ އެނގޭނީ" ޒާރާ ބުންޏެވެ.

"އަހަރެން ހިތް" އައްފާން ބުންޏެވެ.

އެ ހިނދު ޒާރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ހިތުގައި އޮޅުންބޮޅުން ގަނޑެއް އުފެދުނެވެ. ހިތް ބަދަލުނުވަންޏާ ޔަގީނުންވެސް އައްޔަ ލޯބިވަނީ... ނޫން... އަދި ގޮތެއް ނިންމަން ޒާރާ ބޭނުމެއް ނުވިއެވެ.

"ޒާ... ބައެއް ވާހަކަތަކަށް އިޖާބަދޭން ޖެހޭނީ ހަމައެކަނި ދުލުން ބުނީމައެއް ނޫން. މީހެއްގެ އަމަލުތަކުން ކަންކަން ދެނެގަންނަން ޖެހޭނެ. ޒާ އަހަންނާ އެއްވެސް ސުވާލެއް ކުރަން ބޭނުންތަ؟" ބާލީސް މަތީގައި ރީތިކޮށް ބޯއަޅާލައި ސީލިންގަށް ނަޒަރު ހުއްޓާލަމުން އައްފާން ބުންޏެވެ.

"ނޫން... ނެތް" ޒާރާ ބުންޏެވެ. ހަގީގަތުގައި ބުނާނެ އެއްޗެއް ޒާރާގެ ދުލަށް ނައީއެވެ. އޭނާއަށް އެނގޭ އެއްޗަކީ އައްފާން ބުނި ބަސްތަކާ މެދު އޭނާ ވިސްނަންޖެހޭ ކަމެވެ. އަދި އައްފާން ބުނި ފަދައިން އޭނާގެ އަމަލުތައް ދެނެގަންނަން މަސައްކަތް ކުރަން ޖެހޭކަމެވެ.

"ޒާ އަދި މި ދެއްކުނީ އަހަރެން ދައްކަން ބޭނުންވި ވާހަކައެއް ނޫން" އައްފާން ބުންޏެވެ.

ޒާރާ ސިހުނެވެ. އައްފާންގެ އަޑު އިވުނީ އިރުކޮޅެއްގެ ހިމޭންކަމަށް ފަހުގައެވެ.

"ކޮންވާހަކައެއް ބުނަން އުޅުނީ" ޒާރާ އެހިއެވެ.

"ދެންމެ ޒާ ބުނީމެއްނު އަހަރެން އަބަދު އެއްވާހަކަ ދައްކަނީ ކީއްވެގެންހޭ. އެއީ އަހަރެން ޒާއާ މެދު ވިސްނާތީ. އަހަންނަށް އިހުސާސް ކުރެވޭ ބުރުގާއެއް އަޅައިގެން ނިދަން އުޅޭއިރު އުނދަގޫ ވާނެ ވަރު. އަހަރެން ބޭނުންނުވޭ އެ ތަކުލީފު ޒާ އުފުލަން. އަހަރެންނަށް އުނދަގޫ އިހުސާސެއް ކުރެވެނީ" އައްފާން ވާހަކަދެއްކިއެވެ.

ތުންފަތުގައި ދަތް އަޅާލައިގެން އޮތް ޒާރާއަށް އެކައްޗެއްވެސް ނުބުނެވުނެވެ. އައްފާންގެ ވާހަކަތަކުން ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އައްފާންގެ އެ ވާހަކަތަކުގައި ރިހުމެއް ވާކަން ޒާރާއަށް އިހުސާސް ކުރެވުނެވެ. އެ ހުރިހާ ކަމަކީ އޭނާ ވިސްނަންޖެހޭ ކަންކަމެވެ. އެކަކު އަނެކަކާ ބަހެއް ނުކިޔައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ.

"ޒާ...." އައްފާން ގޮވާލިއެވެ. ހަބަރެއް ނުވުމުން އައްފާން ބޯހިއްލާލާފައި ބަލައިލިއެވެ. އެއާއެކު ޒާރާ އެސްފިޔަތައް ތިރިކޮށްލިއެވެ. އޭނާއަށް ނިދިއްޖެކަން އައްފާނަށް އަންގައިދޭން އޭނާ މަސައްކަތް ކުރިއެވެ.

****

ހެނދުނު ސައި ބޮއެގެން އައްފާން މޭޒާ ދުރަށް ޖެހިލީ ނިއަމް ގޮވައިގެންނެވެ. ރޯގާގެ އަސަރު ކޮށްފައި ހުރުމުން ނިއަމްގެ މޫޑު އެހާ ރަނގަޅެއް ނޫނެވެ. އެހެންކަމުން ނިއަމް ބޭނުންވަނީ މަންމަ ނޫނީ ބައްޕަ އަތުތެރޭގައި އިންނާށެވެ. ޒާރާ ބަދިގޭ މަސައްކަތްތައް ނިންމަންދެން ސޯފާގައި އައްފާން އިނީ ނިއަމް ގޮވައިގެންނެވެ.

އޭގެ އިރުކޮޅެއް ފަހެވެ. ޒިންކު ކައިރީގައި ތަށި ދޮންނަން ހުރި ޒާރާ ބަލައިލީ ފަހަތުގައި ހުރި އައްފާން ގޮވާލި އަޑަށެވެ.

"ނިއަމް ކޮބާ؟" ޒާރާ އެހިއެވެ.

"ނިދީމަ ކޮޓަރީގަ ބާއްވައިފިން" އައްފާން ބުންޏެވެ.

"މި އަންނަނީ ޒާގެ އައިނު ހިފައިގެން" އައްފާން ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ.

"އަންނާނަން އެނގޭ ވަރަށް އަވަހަށް. ޒާ ބޭނުންވޭތަ އެއްވެސް އެއްޗެއް" އައްފާން އެހިއެވެ.

ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. އައްފާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒާރާ ހުއްޓެވެ. މިއަދު އޭނާގެ ސިކުނޑީގައި ކަންތައް ގަނޑެއް އެބަ ހިނގައެވެ. ނުކެރިފައި ހުއްޓަސް އެކަމަށް އަމަލީ ސިފައެއް ގެންނަން މިއަދު އެނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ބަދިގޭގައި ކުރަން ހުރި މަސައްކަތްތައް ނިންމާލާފައި ޒާރާ ނުކުތީ ސިޓިންގރޫމަށެވެ. ޓީވީ ރެކް މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާފައި ޖަންނަތުގެ ނަންބަރަށް ގުޅާލިއެވެ.

"ޖަންނާ، ކިހިނެއްތަ؟" ޖަންނަތު ފޯނު ނެގުމާއެކު ޒާރާ އެހިއެވެ.

"ރަނގަޅެއްނު. ޒާ ކިޔާބަލަ. އައްޔަ ފަކީރު އަދިވެސް އިންތިޒާރުކުރުމުގަ ދޯ" ޖަންނަތު ބުންޏެވެ.

"އަހަރެން ހިޔާލެއް ބޭނުން. ޖަންނާ ރޭގަ... ރޭގަ އައްޔަ ދެއްކި ވާހަކަތަކުން އަހަރެންނަށް ކަމެއް ފަހުމުވެއްޖެ. އަހަރެން ބޭނުން އައްޔަގެ އުފާތަކަށް އިސްކަމެއް ދޭން. އެކަމަކު އަހަރެން ވަރަށް ލަދުގަނޭ. މީކީ ކުރިން ވި ގޮތެއް ނޫން. އައްޔަ ބަލައިލާ ގޮތުންވެސް އަހަރެންނަށް ހީވަނީ ދެފައި އޮޅިދާނެހެން. އައްޔަ އަދިވެސް އަހަރެން ދެކެ ލޯބިވާހެން ހީވަނީ. ބައެއް ވާހަކަތަކުން އަހަންނަށް އެހެން ހީވޭ. އެކަމަކު ސީދާ އެހެނެއް ނުއެއް ބުނޭ"

ޖަންނަތު ހީގަތް އަޑު އިވުމުން ޒާރާގެ ދެބުމަ ގޮށްޖަހާލިއެވެ.

"ވަރަށް ސީރިޔަސްކޮށޭ މިބުނީ. އަހަރެން ބޯ ގޮވައިފި. ބުނެބަލަ އަހަރެން ފަށާނެ ގޮތެއް. މިސާލަކަށް މި ބުރުގާ އައްޔަ ހުންނަ އިރު ނަގާނީ ކިހިނެއްބާއޭ ހިތަށް އަރަނީ" ޒާރާ ބުންޏެވެ.

"ހޭނެއްނު. ޒާ ބުނި ގޮތުން އަހަރެންނަށް އިމޭޖް ކުރެވޭ އުޅޭނެ ގޮތް. ބައި ދަ ވޭ ޒާ ބޭނުމީ ކިހިނެއް ފަށަން. އޭރުންތާ ހިޔާލެއް ދެވޭނީ" ޖަންނަތު ވާހަކަދެއްކިއެވެ.

"އަހަރެންނަށް އެއްކަމެއްވެސް ނުކުރެވޭ. އައްޔަ ބުނެފި އަހަރެންގެ ބުރުގާގެ ވާހަކަ ވެސް. މިބުނީ އަހަރެން ނިދާއިރު ބުރުގާ އަޅާ ވާހަކަ. އައްޔަ ބުނީ އަހަރެންނަށް އުނދަގޫވެދާނެތީ ދުރުގައި ހުންނަން ބޭނުންވާ ވާހަކަ. އަހަރެންނަށް ވަގުތު ދޭން ބޭނުންވާ ވާހަކަ" ޒާރާ ވާހަކަދެއްކިއެވެ. "މިހެން ހުންނަންވިއްޔާ ނިއަމް ބޮޑުވެ މީހަކާ އިންނަ އިރުވެސް އަހަރެމެން ތިބޭނީ މިހެން. ޖަންނަ ބުނެބަލަ އެކަކު އަނެކަކު ދެކެ ލޯބިނުވިޔަސް ގުޅުމެއްގަ ދެމަފިރިންގެ ކުލަ ނުޖެއްސޭނެތަ؟ މިބުނީ ލޯބިވަންޏާތަ ދެމަފިރިންގެ ގުޅުމަށް އިސްކަމެއް ދޭންޖެހޭނީ"

"ޒާ... އަހަރެން ބުނަންތަ ވާހަކައެއް. އަހަރެން އަދި ދުވަހަކުވެސް މީހަކު ދެކެ ލޯބި ނުވަން. އެކަމަކު ވެސް މީހަކަށް ރިލޭޝަންޝިޕް އެޑްވައިސްއެއް ދޭން އެނގިދާނެ. ބުނަން މިއުޅެނީ އައްޔަ ތިމަންނަ ޒާ އަށް ވަގުތު ދޭން ބޭނުމޭ ބުންޏަސް ހަގީގަތުގަ ފިރިހެނުންނަކީ އެހާ ކެތްތެރި ބައެއް ނޫން. އެމީހަކު ލޯބިވާ މީހަކާ އިނދެގެން ހުރެ ދުރުން އުޅުމަކީ ފިރިމީހާ ނޫނީ އަނބިމީހާގެ ހިތަށް ލިބޭނެ އަނިޔާއެއް. ހަގީގަތުގަ ޒާ އަށް ތި ވެވުނީ މީހެއްގެ އަންބަކަށް ނޫން. ތި ވެވުނީ ކުޑަ ކުއްޖެއްގެ މަންމައަކަށް. ޒާ ނިކަން ކެރިގެން ބުނެބަލަ ތިމަންނަ ބޭނުންވަނީ މިގޮތޭ. ނޫނީ ކެރިގެން އެއް ފިޔަވަޅު ކުރިއަށް އަޅާބަލަ. ތިއީ ދެމަފިރިންނޭ. ނުޖެހެއޭ އެކަކު އަނެކަކު ދެކެ ލަދުން އުޅޭކަށް"

ޖަންނަތުގެ ފޯނު ކުރުކޮށްލުމަށްފަހު އެތައް އިރަކު ޒާރާ ވިސްނަން އިނެވެ. ހަގީގަތުގައި ވެސް އޭނާއަށް މިވެވުނީ ނިއަމްގެ މަންމައަށް ހެއްޔެވެ؟ ހަގީގަތުގައި ވެސް ޖަންނަ ބުނިހެން އަދިވެސް މުޅިން މާޒީ ފަހަތަށް ދޫކޮށްނުލެވެނީ ހެއްޔެވެ؟ ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. މި އުޅެވެނީ އަދި އެންމެ ރަނގަޅަކަށް ނޫނެވެ. މާޒީ ފަހަތަށް ދޫކޮށްލައިފިކަން އައްޔައަށް ސާބިތުކޮށްދޭން އެބަޖެހެއެވެ.

****

ޖޫލިޔާ ތައްޔާރުކޮށްދިން ކަޕް ނޫޑްލްސް ތަށި ހިފައިގެން ފައްވާޒް އިނީ ސޯފާގައެވެ. ގޭތެރެއިން އެއް އަޑަކަށް އިވެނީ އޭނާ ބަލަމުން ދިޔަ ފުޓްބޯޅަ މެޗުގެ އަޑެވެ. އިރުކޮޅަކުން ކޮޓަރިން ނުކުތް ޖޫލިޔާ ދެފަރާތަށް ބޯހޫރާލިއެވެ. ގޭތެރެ ހީވަނީ ސިނަމާއެއްހެން ވިއްޔާއެވެ.

"ދަރިފުޅާ. ކޮއްކޮ ޓެސްޓަށް ތައްޔާރުވަނީ. ތަންކޮޅެއް އަޑުމަޑުކޮށްގެން އިނދެބަލަ" ޖޫލިޔާ ބުންޏެވެ.

"ކޮއްކޮ ކައިރީ ބުނެބަލަ އަހަރެން ކޮޓަރިއަށް ދާށޭ. އެތަނަކަށް އެހާ ބާރަށް އަޑެއް ނީވޭނެ" ފައްވާޒް ބުންޏެވެ.

ހަމަޖެހިގެން އިނދެ ނޫޑްލްސް ކަމުން ދަނިކޮށް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ނުދަންނަ ނަންބަރެކެވެ. އެ ފޯނަށް ސަމާލުކަންދޭން ފައްވާޒް ބޭނުމެއް ނުވިއެވެ. އިރުކޮޅެއް ނުވަނީސް ދެވަނަ ފަހަރަށް ވެސް ފޯނު އަންނަން ފެށިއެވެ. ޓީވީގެ އަޑުމަޑުކޮށްލާފައި އެ ފޯނަށް ފައްވާޒް ޖަވާބުދިނެވެ.

"މިއީ މާހީ. ފަވާ ޕްލީޒް ފޯނު ކަނޑާނުލައްޗޭ" މާހީގެ އަޑު އިވުމުން އެކަނިވެސް ފައްވާޒް މޭ ނުބައި ކޮށްލިއެވެ. ނޫޑްލްސް މަތިން ވެސް ފޫހިވިއެވެ.

"ޕްލީޒް ލިސަން ޓު މީ." މާހީ ބުންޏެވެ.

"އަހަރެން ކަލޭ ނުދަންނަން. މީގެފަހުން އަހަންނަށް ފޯނު ކޮށްގެން ތިގޮތަށް އުނދަގޫ ކުރިއްޔާ ޕޮލިހުގަ މައްސަލަ ޖައްސާނަން. ހަނދާންކުރާތި" ފައްވާޒް ފޯނު ކަނޑާލިއެވެ. މާހީ ގުޅި ނަންބަރު ބްލޮކް ކޮށްލިއެވެ. ޓީވީ ބަލަންވެސް އޭނާ ފޫހިވިއެވެ. އެންމެފަހުން ޓީވީ ނިވާލާފައި ހިނގައިގަތެވެ.

****

ޒާރާގެ އައިނު ހިފައިގެން އައްފާނަށް ގެއަށް ވަދެވުނީ ފުދޭވަރަކަށް ގިނައިރު ވީ ފަހުންނެވެ. ގޭތެރެއަށް ވަނުމާއެކު އޭނާގެ ނޭފަތުގައި ޖެހުނީ ކުޅު ދިޔާވާހާ މީރު ވަހެކެވެ. ޒާރާ ކޭކު ފިހަނީ ހެއްޔެވެ؟ އައްފާން ތުންފަތުގައި ދޫ ހާކާލިއެވެ. މިވަގުތު ޒާރާ ވާނީ ބަދިގޭ ގައެވެ. ބޯ އަރިކޮށްލާފައި ބަލައިލުމުންވެސް ތަނބާ ނިވާވެފައި ހުރުމުން އޭނާއަށް ޒާރާ ނުފެނުނެވެ. ލަސްލަހުން އައިސް ތަނބުގެ ނިވަލުގައި ހުރެ ޒާރާ ކުރާ ކަމެއް ބަލައިލިއެވެ. އެ ހިނދު އޭނާއަށް ހީވީ ނުބައި ގެއަކަށް ވަދެގެން ވަދެވުނު ހެންނެވެ. ދެލޯ މަރާލާފައިވެސް އަލުން ކުރިމައްޗަށް ބަލައިލިއެވެ. ހުވަފެނެއް ހެން ހީވެ އަތުގައި ވިކައިވެސް ލިއެވެ. މަންޒަރު ބަދަލެއް ނުވިއެވެ. އެއީ ހަމަ ޒާރާ ހެއްޔެވެ؟ އައްފާންގެ ދެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ފުރަގަހަށް ހުރި ޒާރާއަށް ބަލަހައްޓައިގެން ހުރި އޭނާގެ ނަޒަރު ތަފާތު ވެލިއެވެ. ހިތުން އެދެވުނީ އެހެން ކަމަކަށެވެ.

ކަކުލާ ހަމައަށް އަންނަ ހުދު ކުލައިގެ އަތްދިގު ގަމީހުގައި އަވަން ކައިރީގައި ހުރި ޒާރާ ހީވަނީ ކުރެހުންތެރިއެއްގެ ކުރަހާލާފައިވާ ހިތްގައިމު ތަސްވީރެއް ހެންނެވެ. އޭނާގެ ދިގު އިސްތަށިގަނޑު އެއްވެސް ހުރަހެއްނެތި ފަހަތަށް ދޫކޮށްލާފައި ހުރިއިރު އިސްތަށިގަނޑުގެ ކޮޅުގައި ތެތްކަމެއް ހުއްޓެވެ. އެއީ ޒާރާ ކަމާ މެދު އަދިވެސް އައްފާންގެ ހިތުގައި ވަނީ ޝައްކެވެ؟ ގެއަށް ވަދެވުނީ ނުބައި ވަގުތެއްގައި ހެއްޔެވެ؟ ހިތަށް އެރީ ސިއްރުން ގޮސް ކޮޓަރިއަށް ވަންނާށެވެ. އެގޮތަށް ކޮޓަރިން ބޭރަށް ޒާރާ ނިކުންނާނީ ޔަގީނުންވެސް އޭނާ ގޭގައި ނެތްކަން އެނގޭތީއެވެ. އެގޮތަށް ފިލައި ހުރެ ޒާރާއަށް ބެލުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތަށް ބަލަންޖެހޭނީ އެ ފުރުސަތު ޒާރާ ދިން ދުވަހަކުންނެވެ.

ކުއްލިއަކަށް އައްފާން ސިހުނީ އަވަނުގައި އޮތް ކޭކް ނަގައިގެން ޒާރާ އެނބުރިލުމުންނެވެ. ހިތެއްގެ ބައްޓަމަށް ވާ ޒާރާގެ އުޖާލާ މޫނާއި ހުރިލެއް ލޯބިކަމުން އައްފާންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ޒާރާގެ ފައިން ފެށިގެން ބޮލާ ހަމައަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއީ ހަމަ ޒާރާ ހެއްޔެވެ؟ ހާދަހާ ތަފާތެވެ. ކުރީގެ ނިކަމެތިކަން މާބޮޑަށްވެސް ފިލައިފިއެވެ. ޒާރާ ލައިގެން ހުރި ގަމީހަކީ ހުދު އޭނާގެ ގަމީހެއް ކަން އެނގުމުން އައްފާނަށް ލިބުނު ހިތްހަމަޖެހުން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. ދުވަހަކުވެސް އެފަދަ ރީތިކަމެއް އޭނާ އަށް ފެނިފައިނުވާ ކަހަލައެވެ. ޒާރާއާ ގާތަށް އައްފާން ފިޔަވަޅު އަޅަން ފެށުނީ ބޭއިހުތިޔާރުގައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟