ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 44

4

ނިއަމް ކޮޅަށް ހުރީ ފުރަތަމަ ފަހަރަށެވެ. ޒާރާއަށް ހީވީ އެއްފަހަރާ އޭނާގެ ހިތަށް ވެރިވި ހިތާމައާއި މޮޅިވެރިކަން ފިލައިގެން ދިޔަހެންނެވެ. މީގެކުރިންވެސް އޭނާ ކުރަމުން އައި ހިތާމަތަކަށް ނިމުމެއް ގެނެސްދިނީ ނިއަމްއެވެ. ދެވަނަ ފަހަރަށް އެއް ހިތާމައެއްގެ ތެރެއަށް އޭނާ ވެއްޓެމުން ދަނިކޮށް އަތުގައި ހިފީ ނިއަމް އެވެ. މޭގައި ނިއަމް ފިއްތާލުމަށްފަހު ކުރިމަތިން ނިއުޅެމުން ދިޔަ ހަގީގަތް ޒާރާ ގަބޫލުކުރިއެވެ. ބޭކާރު ކަންތައްތަކާ އޭނާ ވިސްނާކަށް ކުޑަ ދަރިފުޅުވެސް ބޭނުމެއް ނުވެއެވެ.

"ތެންކިޔު މަންމަގެ ދަރިފުޅާ" ނިއަމްގެ ކޮލުގައި ބޮސްދިނުމަށްފަހު ޒާރާ ބުންޏެވެ.

****

މެންދުރު ފަހުގެ ވަގުތެވެ. ޒާރާއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ފޯނު ބަލައިލިއިރު ދިރާގުން އައި މެސެޖެކެވެ. ގަޑި ބަލައިލިއިރު ދޭއް ޖަހަން ދެ މިނެޓް ހުއްޓެވެ. ޒާރާ ފުންމައިގެން ތެދުވިއެވެ. ކައިރީގައި ނިދިފައި އޮތް ނިއަމް ފެނުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެހެންނަމަވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އައްޔަގެ މެންދުރުގެ ކެއުން ފާއިތުވީތީއެވެ. އައްޔަ ކޮބައި ހެއްޔެވެ؟ ހަބަރެއްވެސް ނުވެއެވެ. އެ ގަޑީގަ ވީގޮތުން ރުޅި އައިސްފައި ކަންނޭނގެއެވެ. ރުޅި އަންނަންވެސް ޖެހޭނެއެވެ. ފިރިމީހާ ކައިރީގައި ހުއްޓައި އެހެން ފިރިހެނަކަށް ބަލާކަށް ނުޖެހޭނެއެވެ. ޒާރާ ދެރަވެ އިސްޖަހާލިއެވެ. ކުރެވުނީ ގޯސް ކަމެކެވެ. ތައުބާ ވާން ޖެހޭނެއެވެ. އައްޔަގެ މައާފުވެސް ހޯދަން ޖެހޭނެއެވެ.

ޒާރާ އެނދުން ތެދުވިއެވެ. ފާހާނާއަށް ވަދެފައި އައިސް ހެދުން ބަދަލުކޮށްލިއެވެ. އޭނާ މަޑުމަޑުން ކޮޓަރި ދޮރުހުޅުވާލިއެވެ. ސިޓިންގރޫމް އޮތީ ހުސްކޮށެވެ. އެއްވެސް މީހެއްގެ ނިޝާނެއް ވެސް ނެތެވެ. ޓީވީ ވެސް ހުރީ ނިއްވާލާފައެވެ. ދޮރުލައްޕާލާފައި އެތެރެއަށް ވަންނަން އުޅެނިކޮށް ނޭފަތުގައި މީރު ވަހެއް ޖެހުނީ ކުއްލިއަކަށެވެ. ކޮޓަރިން ނިކުމެފައި ބަލައިލިއިރު ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އައްފާން ފެނުނެވެ. އެ ދިމާލަށް ޒާރާ ދިޔައީ ލަސްލަހުންނެވެ. ކާ މޭޒު މައްޗަށް ބަލައިލުމާއެކު ޒާރާގެ މޭ ފުރިގެން އައެވެ. މޭޒު މަތީގައި އޮތީ ފިހެފައި އޮތް ފަރު މަހެކެވެ. އުނދުން ކައިރީގައި އައްފާން ހުރީ ފަރާޓާ ފިހޭށެވެ. ޒާރާ ބަދިގެއަށް ވަތްކަން އެނގުމުން އައްފާން ހިނިތުންވެލިއެވެ. އެއީ އޭނާ ހުރީ ހަމަޖެހިފައި ކަން ޒާރާ އަންގައިދިން ނިޝާނެކެވެ.

"ރަނގަޅަށް ނިދުނުތަ؟" އައްފާން އެހިއެވެ.

ޒާރާ ބަހެއް ނުކިޔައި ހުރުމުން އައްފާނަށް ހީވީ އަދިވެސް ޒާރާ ހުރީ ހެނދުނުވީ ކަންތަކާ ދެރަވެފައި ހެންނެވެ. ފަރާޓާ ތަށި ހިފައިގެން އައިސް މޭޒު މަތީގައި ބަހައްޓާފައި ޒާރާއާ ކައިރިވެލިއެވެ. ދެން މޭޒު މަތީގައި ދެއަތް ވިއްދާލިގޮތަށް ގާތުން ޒާރާގެ މޫނަށް ބަލައިލިއެވެ. އެ ވަގުތު އެއީ އައްފާންގެ މޫނަށް ޒާރާ ވެސް ބަލައިލި ވަގުތެވެ.

"ޖަވާބެއް ނައިމަ މި ބަލައިލީ. ހީވާގޮތުން ރަނގަޅަށް ނިދުނު" އައްފާން ބުންޏެވެ. އޭނާގެ އަޑުގައި ސަމާސާ ގޮތެއް ބަހައްޓަން އޭނާ މަސައްކަތް ކުރިއެވެ.

އެވަރުންވެސް ޒާރާ ބަހެއް ނުކިޔައެވެ.

ހީލަމުން އައްފާން ހިނގައިގަންނަން އުޅުނު ވަގުތު ހައިރާން ކަމެއް ލިބުނީ އޭނާގެ އަތުގައި ޒާރާ ހިފެހެއްޓުމުންނެވެ. ޒާރާ އެފަދަ ކަމެއް ކުރީ ފުރަތަމަ ފަހަރަށެވެ. އައްފާން އެނބުރި ބަލައިލިއިރު ޒާރާގެ ކަޅި ހުރީ ސީދާ އޭނާގެ މޫނަށެވެ. ހައިރާންކަމާއެކު އައްފާނަށް ބަލައިލެވުނީ ޒާރާގެ އަތަށެވެ. އެކަން ޒާރާއަށް އެނގުނަސް އަޅައެއް ނުލިއެވެ.

"އައިމް ސޮރީ އައްޔާ" ޒާރާ ބުންޏެވެ.

އައްފާން ހީލިއެވެ.

"ކޮންކަމަކާ. ޒާ ނުކުރޭ އަދި ސޮރީ ބުނާވަރު ކަމެއް" އައްފާން ބުންޏެވެ.

"ނޫން. ކުރެވުނު. އެގޮތަށް އަހަރެން ކަންތައް ކޮށްގެން ނުވާނެ. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ އައްޔައަށް ދެން އެފަދަ ދުވަހެއް ދުވަހަކުވެސް ނުދައްކަވާނެ" ޒާރާ ބުންޏެވެ.

ޒާރާގެ ހިމޭންކަމާ ގުޅިފައިވަނީ ކޮންކަމެއްކަން އެނގުމުން އައްފާން ކަންބޮޑުވިއެވެ. އެކަންތައް ޒާރާގެ ހިތުން ނެރެލަން ބޭނުންވިއެވެ. އޭނާ ޒާރާގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެންމެ ކައިރީގައި ހުރި ގޮނޑީގައި ޒާރާ ބައިންދާފައި ކައިރީގައި އިށީނެވެ.

"އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް. އަހަންނަށް އަންޑަސްޓޭންޑް ވޭ. އަހަރެން....."

"ކިތަންމެ ރަނގަޅު މީހަކަށްވެސް ގޯސްކޮށް ކަމެއް ކުރެވިދާނެ. އައްޔަ ކީއްވެ އަހަރެން ހުދު ފޮތިކޮޅަކަށް ހަދަން ތި އުޅެނީ؟" ޒާރާ ބުންޏެވެ.

"އެއީ ތިއީ ހަމަ ދެ ފުށް ސާފު ހުދު ފޮތިކޮޅަކަށް ވީމަ. އަހަރެންގެ ޒާ އެއީ ހަމަ ލައްކައަކުން އެކެއް"

ޒާރާއަށް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. ދެ ލޮލުން ވެއްޓުނު ކަރުނަ ތިއްކާއެކު އޭނާ އިސްޖަހާލައިފިއެވެ. އައްފާންގެ އޯގާތެރިކަމާއި ހިތްހެޔޮކަން މިފަހަރު ހަމަ ރަނގަޅަށްވެސް އޭނާ ރޮއްވާލައިފިއެވެ. އައްފާނަށް އޭނާ ދަރަނިވެރިވެފައިވާ ކަމުގެ އިހުސާސެއް ކުރުވައިފިއެވެ. އައްފާން ހިންދިރުވާލިއެވެ. ޒާރާގެ ދެލޮލުން ކަރުނަ ފެނުމުން އުނދަގޫ ގޮތެއް ވިއެވެ. އެހެންނަމަވެސް މިފަހަރު އެ ކަރުނަތައް ފޮހެދޭން އޭނާ އަތް އުފުއްލާ ނުލިއެވެ. މި ދަނޑިވަޅުގައި ޒާރާގެ ގާތްކަން އޭނާއަށް އިހުސާސްވިއްޔާ މާބޮޑަށް ދެރަވާނެއެވެ.

"އަހަންނަށް އެނގޭ ޒާ ތި ރޮނީ ބަނޑުހައިވެގެން ކަން. ހިނގާ ކާން" އައްފާން ބުންޏެވެ.

ޒާރާއަށް ހެވުނެވެ. އަވަސް އަވަހަށް ދެލޮލުން ފޭބި ކަރުނަތައް ފޮހެލައިފިއެވެ. އައްފާން ދިއްކޮށްލި ކާ އެތިކޮޅު އޭނާ އަނގައަށް ލިއެވެ. އެގޮތަށް ތިންފަހަރު ކާލާފައި ތެދުވަން އުޅުނެވެ.

"ތިއަށް ކިޔަނީ އިސްރާފު ކުރުން" އައްފާން ބުންޏެވެ.

ޒާރާ އަލުން ގޮނޑީގައި ހަމަޖެހިލިއެވެ. އެއް ފަރާޓާ ހުސްވަންދެން އައްފާންގެ އަތުން އޭނާ ކެއެވެ.

"އައްޔަ ވެސް ކާން ވާނެއްނު. އަހަރެން ވަރަށް އަވަހަށް ޖޫސްތަށި ހަދާލާނަން" ޒާރާ ބުންޏެވެ.

"ޒާ އަތުން ދީފިއްޔާ ވަރަށް އުފާވާނެ" އައްފާން ބުންޏެވެ. އޭނާގެ އަޑުގައިވީ ސަމާސާ އެވެ. ޒާރާ ޖޫސްތަށި ހަދަންދެން އޭނާ އިނެވެ. ޒާރާއަށް ޖެހުނީ އަލުން ގޮނޑީގައި އިށީންނާށެވެ. އެންމެ އުނދަގޫވީ އައްފާންގެ ނަޒަރު ސީދާވެފައި ހުރުމުންނެވެ.

"އަހަންނަށް ޒާ ގެ އަތުން ކާ އެތިކޮޅު ލަވަން ލަދު ގަންނަނީތަ؟ ޒާ ގެ އިނގިލީގަ އަހަރެން ދަތެއް ނާޅާނަމޭ" އައްފާން ބުންޏެވެ. ޒާރާ ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ފަރާޓާ ކޮޅެއް ނައްޓާލާފައި މަސްކޮޅަކާއެކު އައްފާންގެ އަނގައާ ގާތަށް ޒާރާ ގެންދިޔައެވެ. އައްފާން ބަލަހައްޓައިގެން އިންގޮތުން އަލުން އަތް ތިރިކޮށްލަން އުޅެނިކޮށް އެ އަތުގައި އައްފާން ހިފައިފިއެވެ. ދެން އޭނާގެ އަނގައާ ކައިރިކޮށްލާފައި ޒާރާގެ އަތުން އަނގައިގެ ތެރެއަށް ކާއެތިކޮޅު ލެއްވިއެވެ. އައްފާންގެ އެ ހަރަކާތުން ޒާރާ އިނީ ހުއްޓުން އަރާފައެވެ. އެހެންނަމަވެސް ހިތްހަމަޖެހިއްޖެއެވެ. އައްފާން އުފާވާ ކަމެއް ކުރެވުނީތީއެވެ.

****

އޭގެ ދެ ދުވަސް ފަހެވެ. ގެއަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން އައްފާން ގެއަށް ވަތްއިރު ގޭތެރެއިން ޒާރާ ފެންނާކަށް ނެތެވެ. މޭޒުމަތީގައި ކޮތަޅުތައް ބަހައްޓާފައި އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ތަޅުގައި ހިފާފައި މަޑުމަޑުން އެތެރެއަށް ހުޅުވާލިއެވެ. ޒާރާ އޮތީ އެނދުގައި އޮށޯވެގެންނެވެ. ދޮރާ ފުރަގަސް ވާގޮތަށެވެ. މީހަކު ދޮރު ހުޅުވިކަން އެނގުމުން ޒާރާ ބަލައިލިއެވެ. ދޮރުމަތީގައި ހުރި އައްފާން ފެނުމުން ޒާރާ ހީލިއެވެ. ޒާރާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރި ގާތުގައި އޮތް ނިއަމްއަށް ބަލައިލިއެވެ. ނަސީބަކުން ނިއަމްއަށް އޮތީ ގާތުން ބޯން އޮތްގޮތަށް ނިދިފައެވެ. ޒާރާ ކުޑަކޮށް ނިއަމް ދުރުކޮށްލާފައި ހެދުން ރީތިކޮށްލިއެވެ. އެނދުން ތެދުވެފައި ފަހަތް ބަލައިލިއިރު އައްފާން ފެންނާކަށް ނެތެވެ.

ކޮޓަރިން ނިކުތްއިރު ސޯފާގައި އައްފާން އިނެވެ. ޓީވީ އިން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އޭނާ އިންއިރު ވިސްނެމުން ދިޔައީ ދާދި ދެންމެއަކު ލިބުނު ފޯނު ކޯލާ މެދުގައެވެ. އެދުނީ ޒާރާގެ ނަންބަރު ހޯދައި ދިނުމަށެވެ. ބައްދަލުކުރަން ބޭނުންވެގެން ފައްވާޒް ކިޔާތާ ތިން ދުވަސް ފާއިތުވެއްޖެއެވެ. އައްފާން އެއްބަހެއް ނުވިއެވެ. އެކަމަކު ފައްވާޒް އާދޭސްކޮށްފިއެވެ. އައްފާނަށް ވިސްނުނެވެ. ފައްވާޒާ ބައްދަލުނުކޮށް ހުންނަންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ފައްވާޒްގެ އެއްވެސް ސުވާލަކަށް އައްފާން ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ. ފައްވާޒްގެ ހައްގަކަށް އަރައިގަނެގެން އައްފާން ނޫޅެއެވެ. ފައްވާޒަށް ފިލަން އުޅުމެކޭ ކުރިމަތިވާން އުޅޭ ބޮޑު މައްސަލަގަނޑަކަށް ފިލަން އުޅުމެކޭ އެއްވެސް ތަފާތެއް ނެތެވެ. އަނެއްކޮޅުން ބައްދަލުކުރާނެ ވާހަކަ ޒާރާ ކައިރީގަވެސް ބުނެވިއްޖެއެވެ.

ކުއްލިއަކަށް އައްފާން ސިހުނީ ކައިރީގައި ޒާރާ އިށީނުމުންނެވެ. ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. ޒާރާގެ ނަންބަރު ބޭނުންވެގެން ފައްވާޒް އުޅުނު ވާހަކަ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. އެއީ މޮޔަ ކަމެކެވެ. ފައްވާޒްގެ ނަން ދުލުން ބުނަންވެސް ޒާރާ އޮތީ މަނާކޮށްފައެވެ. ހަމަހޭގައި ހުރެ ޒާރަ ނުގަބޫލުކަމެއް އޭނާ ނުކުރާނެއެވެ.

"ނިއަމްގެ ކާއެއްޗެހި ގެނައިންތަ؟" ޒާރާ އެހިއެވެ. އައްފާން ބޯޖަހާލިއެވެ.

"ނޫޑުލީހާ ޕާސްތާ ކަހަލަ އެއްޗިއްސަށް ހާދަ ފޯރިއެއް ހުރެއޭ. އަހަރެންގެ ފަރާތުން ވާރުތަވީ ކަންނޭނގެ. އަހަރެންވެސް ވަރަށް ކަން" ޒާރާ ބުންޏެވެ.

އައްފާނަށް ހެވުނެވެ. އެހެން ބުނިއިރު ހީވަނީ ޒާރާ ވަރަށް ކައި ހެންނެވެ. ކައިވެންޏަށްފަހު އެއް ރޮއްޓަށް ވުރެ ގިނައިން ޒާރާ ކެއި ތަނެއް ނުފެނެއެވެ. ނޫޑްލްސް ކެޔަސް ތައްޓަށް އަޅާނީ އެންމެ ސަމްސަލެކެވެ.

"ކިހިނެއްވީ؟ އަހަރެން އެހެން ބުނީމަ ހާދަ ހިންޏެއް ތިއައީ" ޒާރާ ބުންޏެވެ.

"ހިތަށް އެރީ ތިހާ ގިނައިން ކާ ކުއްޖެއް އަދި ނުދެކެމޭ" އައްފާން ބުންޏެވެ.

"އަހަރެން ނުކެޔަސް އައްޔައަށް މީރު އެއްޗެހި ކައްކާފަ ކާންދޭހިތްވޭ" ޒާރާ ބުންޏެވެ.

ޒާރާގެ ނަޒަރު ޓީވީއަށް އަމާޒުވެފައި ހުއްޓަސް އައްފާންގެ ނަޒަރު ހުރީ ޒާރާގެ މޫނަށެވެ. ޒާރާގެ އެ ޖުމްލަ އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ. އަދި އެއްފަހަރު އަޑުއަހާލާ ހިތްވިއެވެ.

"ކީއްވެ އަހަރެންނަށް" އައްފާން އެހިއެވެ.

"އަހަރެންގެ ފިރިމީހާ ވީމަ" ޒާރާ ބުންޏެވެ.

އިރުކޮޅަކު އެހެން އިނދެފައި ބަދިގެއާ ދިމާއަށް ދާން ހިނގައިގަތް ޒާރާގެ އަތުގައި އައްފާން ހިފެހެއްޓިއެވެ. ޒާރާ ބަލައިލިއެވެ. އެއާއެކު ޒާރާގެ އަތުން އައްފާން ދޫކޮށްލިއެވެ. ހުއްދަ ހޯދުމެއްނެތި އެގޮތަށް ޒާރާގެ އަތުގައި ހިފުނީތީ އައްފާން ކަންބޮޑުވިއެވެ. ޒާރާ ބޭނުންވުމުން ނޫނީ އަތްނުލާން ހުއްޓަސް ފަހަކަށް އައިސް އެފަދަ ކަންކަން އޭނާއަށް ކުރެވެއެވެ. ބައެއްފަހަރު އޭނާ އަތުން ކޮންޓްރޯލް ދޫވެގެން ދަނީ ސިކުނޑިއަށް އޭނާގެ ހިތް ކިޔަމަން ނުވާތީއެވެ.

"ކަމެއްވީތަ؟" އަލުން އިށީނދެފައި ޒާރާ އެހިއެވެ.

"ވާހަކައެއް ބުނަން އުޅުނީ" އައްފާން ބުންޏެވެ.

"ބުނޭ" ޒާރާ ބުންޏެވެ.

"ތި ހެދުމާ ޒާ އާ ވަރަށް ގުޅޭ. ގަޔަށް ބާރު ޓީޝާޓެއް ލާފަ ހުރީމަ ވަރަށް ތަފާތު" އައްފާން ބުންޏެވެ.

ވަގުތުން ޒާރާ އެނބުރުނީ އަނެއް ފަރާތަށެވެ. އިސްޖަހާލިގޮތަށް އަވަސް އަވަހަށް އޭނާގެ ހަށިގަނޑަށް ބަލައިލައިފިއެވެ. ލަދުގަތީ އައްފާން އެހެން ބުނުމުންނެވެ. ޔަގީނުންވެސް އައްޔަ އެހެން ބުނާނީ ސިއްރުން ނަމަވެސް ހަށިގަނޑަށް ބަލާތީއެވެ.

"ސޮރީ. ލަދުގަންނަވާލެވުނީމަ" އައްފާންގެ އަޑު އިވުނީ ޒާރާގެ ކަންފަތާ ނުހަނު ކައިރިންނެވެ. ޒާރާގެ ތުންފަތް ދެފަރާތަށް ދެމިލިތަން އައްފާނަށް ފެނުނެވެ.

"މިދަނީ ބަދިގެއަށް. ނިއަމް ހޭލަންވާއިރަށް ބަދިގޭގަ ކުރަން ހުރި ކަމެއް ވިއްޔާ ނިންމާލަން ޖެހޭނެ" ޒާރާ ބުންޏެވެ.

"ދިޔުމުގެ ކުރިން އެންމެފަހަރަކު މި ފަރާތް ބަލައިލަބަލަ" އައްފާން ބުންޏެވެ.

ލަސްލަހުން އައްފާނާ ވީކޮޅަށް ޒާރާ ބަލައިލިއެވެ. އެސްފިޔަތައް އުފުލާލާފައި އައްފާނަށް ބަލައިލީވެސް އެހާ ލަހުންނެވެ.

"ވައިފް ވީމަ ބައެއްފަހަރު ސަމާސާ ވެސް ކޮށްލަންވާނެއްނު" އައްފާން ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ. އެ ހިނދު އައްފާން އެއް އަތް އުފުލާލީ ޒާރާގެ މޫނުގައި ފިރުމާލާށެވެ. ޒާރާ ބަލަހައްޓައިގެން ހުރިގޮތުން އައްފާން ފަސްޖެހުނެވެ. އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހިނދުކޮޅެއް ފާއިތުވަންދެން ދެމަފިރިން ތިއްބެވެ. އެކަކުގެ ދުލު ކުރީގައިވެސް ބަސްމޮށުންތެރި ކަމެއް ނެތެވެ. އައްފާންގެ ނަޒަރު މަޑުމަޑުން ޒާރާގެ ތުންފަތަށް ހުއްޓުނެވެ. އެ ހިނދު އޭނާގެ ހަށިގަނޑުން ވިންދެއް ޖަހާލިހެން ހީވިއެވެ. އެ ތުންފަތުގައި އެންމެ ފަހަރަކު ނަމަވެސް ބީހިލަން އޭނާގެ ހިތް އެދުނެވެ. އެހެންނަމަވެސް އާހް... އަދި ހުއްދައެއް ނެތެވެ. މަޑުމަޑުން އެ ނަޒަރު ޒާރާއާ ވަކިކޮށްލީ އައްފާނެވެ. މަޑުމަޑުން ޒާރާއާ ދުރަށް އޭނާ ހިނގައިގަތެވެ.

****

ކުޑަކޮށް ތައްޔާރުވެލައިގެން އައްފާން ނިކުތް އިރު ނިއަމް ގޮވައިގެން ޒާރާ ބެލްކަނީގައި ހުއްޓެވެ. އިނގިލިން އިޝާރާތްކޮށްފައި ދުރުން އެ ކުއްޖާއަށް ކޮންމެވެސް މަންޒަރެއް ދައްކަނީއެވެ. ފަހަތުގައި އައްފާން ހުއްޓުނެވެ. ޒާރާ ބަލައިލީ އައްފާން ގޮވާލުމުންނެވެ.

"މިދަނީ އެނގޭ. އަންނާނަން ވަރަށް އަވަހަށް" އައްފާން ބުންޏެވެ.

ހިނިތުންވެލާފައި ޒާރާ ބޯޖަހާލިއެވެ. އިތުރު އެއްޗެއް އައްފާން ބުނޭތޯ ޒާރާ މަޑުކޮށްލިއެވެ. އެއްޗެއް ނުބުނުމުން އަނެއްކާވެސް ކުރިން ހުރިގޮތަށް އެނބުރުނެވެ. ކައިރިން މީހެއްގެ ހިލަންވިހެން ހީވުމުން ޒާރާ އެނބުރި ބަލައިލިއެވެ. އޭރު އައްފާން ހުރީ ފަހަތުގައި ޖައްސާފައެވެ. ކައިރިން ފެންނަން ހުރި ޒާރާގެ މޫނަށް އައްފާންގެ ނަޒަރު ހުއްޓިފައި ވިޔަސް އެ ނަޒަރު މަޑުމަޑުން ނިއަމްގެ މޫނަށް ހުއްޓިއްޖެއެވެ.

"ޑެޑީ އަންނާނަން އެނގޭ ލަސްނުކޮށް" ނިއަމްއަށް އައްފާން ބުންޏެވެ. ދެން ނިއަމްގެ ކޮލުގައި ބޮސްދިނެވެ. ދެވުނީ ޒާރާގެ ހިތާ ވަރަށް ގާތަށްކަން އައްފާނަށް އިހުސާސްވުމާއެކު ޒާރާއާ ގާތްވެލާހިތް ވިއެވެ. ހަމައެގޮތަށް މޫނުގައި ބޮސްދޭހިތްވިއެވެ. ޒާރާގެ މޫނަށް އައްފާން ބަލައިލީ ނިއަމްގެ މޫނާ ދިމާލަށް ގުދުވެގެން އޮތްގޮތަށެވެ. އެ ހިނދު ޒާރާ ހީލިއެވެ. މިފަހަކަށް އައިސް ވާގޮތެއް އައްފާނަށް ނޭނގެއެވެ. މާބޮޑަށް ޒާރާއަށް އެދެވެނީއެވެ. އޭނާގެ ދެ އަތުގެ ތެރެއަށް ޒާރާ ގެންނަހިތްވަނީއެވެ.

"ބޭރުން އެއްވެސް އެއްޗެއް ގެންނަން ބޭނުންތަ؟" އައްފާން އެހިއެވެ. ޒާރާ ދެފަރާތަށް ބޯ ހޫރާލިއެވެ.

އައްފާން ހިނގައިގަތެވެ. ޒާރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ފައްވާޒުއާ ބައްދަލުކުރަން ދާން އޮތް ގަޑިއަކީ ރޭގަނޑޭ ކުރިން އައްފާން ބުނި ހަނދާނެއް ވިއެވެ. އެ ވަގުތު ހަވީރަށް އައްފާން ބަދަލުކުރި ސަބަބު ވެސް ޒާރައަށް އެނގުނެވެ. ރޭގަނޑުގެ ވަގުތެއްގައި ޒާރާ އެކަނި ބަހައްޓާފައި ދާން އޭނާ ބޭނުން ނުވީއެވެ. އައްޔަ ހާދަ ރަނގަޅެވެ. އަނބިމީހާއާ މެދު ހާދަ ވިސްނައެވެ. އައްޔަގެ އަމަލުތަކާއި ބަސްމަގު ވަރަށް ތަފާތެވެ. އައްޔަގެ ހިތުގައި އޮތީ ކޯޗެއް ހެއްޔެވެ؟ އޮތް އެއްޗެއް ނުބުނަނީ ކީއްވެ ހެއްޔެވެ؟ އައްޔަ ޖެހިލުން ވަނީ ކޮންކަމަކާ ހެއްޔެވެ؟ އައްޔަ ދޫކޮށްލާފައި އަހަރެން ހިނގައިދާނެއޭ ހީވަނީ ހެއްޔެވެ؟

އަހަރެންގެ މައްޗަށް އައްޔައަށް އިތުބާރު ނެތީ ހެއްޔެވެ؟ ކުއްލިއަކަށް ޒާރާ ސިހުނީ މަގުމަތީގައި ހުރި މީހަކު އަތުން ހަނާ އަޅާހެން ހީވެގެންނެވެ. ރަނގަޅަށް ބަލައިލިއިރު އެއީ އައްޔައެވެ. ނިކުމެ ގޭދޮރުމަތީގައި ހުރެ އަތް ހޫރަނީ ނިއަމްއަށް ފެނިލަންވެގެން ކަން ޒާރާއަށް އެނގުނެވެ. ޒާރާ ނިއަމްއަށް އައްފާން ދައްކާލިއެވެ.

****

ފައްވާޒް ބުނި ކެފޭއަށް އައްފާނަށް ވަރަށް އަވަހަށް އާދެވިއްޖެއެވެ. ހިނގާފަ އަންނަން ޖެހުމުން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސް ވިއެވެ. އެތެރެއަށް ވަންއިރު އޭނާ ހުރީ ފެންފޮދަކަށް ބޭނުންވެފައެވެ. އެތެރޭގައި ތިބި މީހުންތަކުގެ ތެރެއިން ފޯނާ ކުޅެން އިން ފައްވާޒް އޭނާއަށް ފެނުނެވެ. އައްފާން އިށީނުމާއެކު ފައްވާޒު ހީލިއެވެ. ދެން ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ.

"އެންމެ ފަހުންވެސް އަހަރެމެން ބައްދަލުވި ރޭގަ އަހަރެންނަށް ވާހަކަދެއްކުނީ ވަރަށް އަމިއްލަ އެދުން ބޮޑު މީހަކު ވާހަކަދައްކާހެން. ސޮރީ ވަރަށް ބޮޑަށް" ފައްވާޒް ބުންޏެވެ.

"އެރޭގެ ވާހަކަ ނުދައްކާ. ވަރަށް މުހިއްމު ކޮން ވާހަކައެއް ދައްކަންބާ" އައްފާން ބުންޏެވެ.

އޯޑަރު ނަގަން އައި ވެއިޓަރަށް ބޭނުންވާ އެއްޗެހީގެ މައުލޫމާތު ދީފައި ފައްވާޒު އައްފާނަށް ބަލައިލިއެވެ. އޭނާ ދައްކަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުއްޓެވެ. ނޭނގެނީ އެ ވާހަކަތައް އަހަން އައްފާނު ވަގުތު ދީފާނެކަމެވެ.

"ކުރެވުނު ކުށް އަހަރެންނަށް އިހުސާސްވެ ތައުބާ ވެއްޖައިން. އެމީހަކާ މެދު އަހަރެން ގާތްކޮށް ދެކޭ ކޮންމެ މީހެއްގެ ކިބައިން މައާފަށް އެދެން އަހަރެން ބޭނުން. އެގޮތުން އެންމެ ފުރަތަމަ އަހަރެން ހޯދީ އަހަރެންގެ މަންމަގެ މައާފު. ދެން ހުރި މީހަކީ ތިއީ. އޭރުވެސް އަދި މިހާރުވެސް އަހަރެން ދެކެނީ ތިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމުގަ. އަހަރެންނަށް މައާފުކުރާނަންތަ؟" ފައްވާޒު ވާހަކަދެއްކިއެވެ.

ފައްވާޒު ދެއްކި ވާހަކަތައް އަހާފައި އައްފާން އިނީ ގަބޫލުނުކުރެވިފައެވެ. ހަގީގަތުގައިވެސް ފައްވާޒް އެވަނީ ބަދަލުވެފައި ކަން އޭނާ ވާހަކަދެއްކި ގޮތުންނާއި އަޑުން އެކަނިވެސް އެނގެއެވެ. އެހެން ފަހަރުތަކުގައި ބުންޏަސް މިފަހަރު ހިތްހަމަނުޖެހިފައި އެއްޗެއް ބުނަން އައްފާނަށް ނުކެރުނެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަންވެސް އައްފާނަށް އެނގެއެވެ.

"އަހަރެން ވަރަށް އުފާވެއްޖެ އެކުވެރިޔާއަށް ވިސްނުނީމަ. އެކަމަކު އަދި ބުނެފާނަން. ތި މާހީއާ ގުޅުން އޮންނަންޏާ އަދިވެސް ނުބައި މަގެއް އެޅިދާނެ. މީޙާ ރަނގަޅު މަގަށް އެނބުރި ދާއިރު ގޯސް ހުރިހާ މަގެއް ބަންދުކުރަން ޖެހޭނެ" އައްފާނު ބުންޏެވެ.

"ހެހެހެ... މާހީއާ އަހަރެން މިހާރު އެއްވެސް ގުޅުމެއް ނެތް. އަހަރެން ވިޔާނުދާ މަގެއް ދެން ހިޔާރެއް ނުކުރާނަން. ދެރަވަނީ އަހަރެންނަށް ވިސްނުނުއިރު މިވަނީ ހުރިހާ އެއްޗެއް އަތުން ބީވެފަ" ފައްވާޒް ބުންޏެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ކަރުނައެއް ލޮލުން ވެއްޓުނު ނުދިނުމަށްޓަކައި ފައްވާޒް އިސްޖަހާލިއެވެ. އެ މަންޒަރު ބަލަހައްޓައިގެން އައްފާނަށް އިނދެވުނީ ފައްވާޒް އެހާ ބޮޑަށް ބަދަލުވެދާނެކަން ގަބޫލުކުރަން ދަތިވެފައެވެ. އެކަމަކު އެއްވެސް މީހަކީ އަބަދު އެއްގޮތެއްގައި ހުންނާނެ މީހެއް ނޫނެވެ. އުޅެވުނު ވިޔާނުދާ އުޅުން ފައްވާޒް އެވަނީ ފަހަތަށް ދޫކޮށްލާފައެވެ. އޭނާއަށް މައާފުދޭން ޖެހޭނެއެވެ. އެހެންނަމަވެސް އައްފާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ފައްވާޒް ދެން އަޅާނީ ކޮންކަހަލަ ފިޔަވަޅެއް ހެއްޔެވެ؟ ޒާރާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ދާނީ ހެއްޔެވެ؟ އޭރުން... އޭރުން.... ހިތަށް އަރަން ފެށި އެއްޗެހިތަކުން އައްފާނަށް އޭނާގެ ނޭވާ އަވަސްވަމުން ދިޔަ ކަމެއް ވެސް ނޭނގެއެވެ.

"އަހަރެން ޒާރާ ބޭނުން" ފައްވާޒް ބުންޏެވެ.

ކުއްލިއަކަށް އައްފާނަށް ހީވީ އޭނާގެ ހިތަށް ތޫނު ހަންޖަރެއް ވަދެގެން ދިޔަ ހެންނެވެ. ދިލަ އިހުސާސް ވިހެން ވެސް ހީވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟