"ޒާ ދޭބަލަ އޭތި ފޮނުވާލަން. ޝަވަރުން ފެންޖަހާލިޔަސް ރަނގަޅުވާނެ" އައްފާން ބުންޏެވެ.
"އަސްލު އަހަންނަކަށް ވެސް ނުކެރޭނެ އެހާ ކައިރިއަށް ދާކަށް" ޒާރާ ބުންޏެވެ.
"ދެން ކިހިނެއް ހަދާނީ؟ ނިއަމް ފޮނުވަން ވީނުން" އައްފާން ބުންޏެވެ.
ޒާރާއަށް ހެވުނީ ދެނެވެ. އައްޔަ ހަމަޖެހިގެން ހުރިނަމަ އެކަހަލަ ތާކުންތާކު ނުޖެހޭ އެއްޗެއް ނުބުނާނެއެވެ. ކޮންމެގޮތެއް ވިޔަސް އައްޔަ އެހުރީ ބިރުންނެވެ. ކޮންމެވެސް ގޮތަކަށް އޭތި ފޮނުވާލަން އެބަޖެހެއެވެ. އެންމެފަހުން ފާހާނައާ ދިމާލަށް ޒާރާ ހިނގައިގަތެވެ. ދޮރުން އެތެރެއަށް ކުޑަކޮށް ވަނުމަށްފަހު ބަލައިލިއެވެ. ފާހަނައިގެ ހަތަރު ފާރު ވަށައިގެން އޭނާ ބެލިއެވެ.
"ހިނގައްޖެ. ނެތް ފެންނާކަށް" ޒާރާ ބުންޏެވެ.
އައްފާން އެތެރެއަށް ވަދެ ބަލައިލިއެވެ. ކުރަފި ފެންނަން ނެތްކަން އެނގުމުންވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭތި ނުކުމެގެން ދާނެ އެއްވެސް ގޮތެއް ނެތެވެ. ކޮންމެވެސް ތަނެއްގައި އެ ސޮރު ފިލާ އޮންނާނެއެވެ. ކޮންމެގޮތެއް ވިޔަސް އެ ސޮރުގެ ޑެޑް ބޮޑީ ނުފެންނަހާ ހިނދެއްގައި ފާހާނައިގެ މިނިވަންކަމެއް ނެތެވެ.
"ތިއޯ. ފެން ނުވަރަނީތަ؟" އައްފާން ފާހާނައިން ނުކުތް ތަން ފެނުމުން ޒާރާ އެހިއެވެ.
"ފަހުން ފެންވަރާނީ. އެހެންނޫނީ އަހަރެން ފެންވަރަންދެން ހިނގާ ޒާ ހުންނަން" އެނދުގައި އޮށޯންނަމުން އައްފާން ބުންޏެވެ. ޒާރާ ރަކިވިއެވެ. އެހާ ހިނިވެސް އައެވެ.
"ސެލްޓެކްސް ފުޅިއެއް ގެނެސްދީ. އައްޔަ ތިހެން ބިރުން އުޅުނީމަ އަހަރެންވެސް ބިރުގަނޭ. އޭތި އުދުހިފަ އައިސް ގައިގަ ޖައްސާތަނުން ނިއަމްއާ އެކު ވެއްޓިވެސްދާނެ"
****
ނިދާ ވަގުތު ޖެހުމުން ޒާރާ ކަންބޮޑުވިއެވެ. ކޮޓަރީގައި ސޯފާއެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ކޮޓަރީގައި ހުރީ ކިންގް ސައިޒްގެ ބޮޑު އެނދެކެވެ. ތިން މީހުންނަށް އެއްވެސް އުނދަގުލެއްނެތި އެނދުގައި ތިބެވޭނެއެވެ. އެކަމަކު އައްފާން ކައިރީގައި އެހެން ބުނާނެ ގޮތެއް އޭނާއަށް ނޭނގުނެވެ. ފާހާނައިން އައްފާން ނުކުންނަންދެން ޒާރާ އެނދުގައި އިނެވެ.
"ގުޑްނައިޓް"
އެނދުގައި އޮތް ބާލިސް ހިފައިގެން އައްފާން ހިނގައިގަތީ ކޮޓަރީ ދޮރާ ދިމާލަށެވެ. ޒާރާ ކޮޅަށް ތެދުވިއެވެ. އައްފާން އެދަނީ ސިޓިންގރޫމަށްކަން ޒާރާއަށް އެނގުނެވެ. އެގޮތް އެއްގޮތަކަށްވެސް ޒާރާއަށް ކަމުނުދިޔައެވެ. އައްފާން އެހާ ދުރުކުރާކަށް ނުވާނެއެވެ. އެއީ ފިރިމީހާއެވެ. އެނދުން ފުންމާލި ގޮތަށް ޒާރާ ދެކޮޅަށް ހިނގަން ފެށިއެވެ. ޒަމީރު ބުނެލި ކަހަލައެވެ. 'ޒާރާ އެވެ. އޭނަ ދިޔަނުދޭށެވެ. ދެމަފިރިން އެއްތަނެއްގައި ނިދުމަށް ތި ކައިވެނީގައި ވަނީ ކޮން ހުރަހެއް ހެއްޔެވެ؟'
"އައްޔާ. ކޮންތާކަށް ތިދަނީ؟" ޒާރާ ބުންޏެވެ.
އައްފާން ހީލިއެވެ. ޒާރާއަށް ބަލައިލިއިރު އައިސް ކައިރީގައި ހުއްޓިއްޖެއެވެ.
"އަހަރެމެން ދެމީހުން މިހެންތަ ދެން އުޅޭނީ. އައްޔަ އެތާ ނިދާފަ އަހަރެން މިތާ ނިދީމަ އެވީ ކޯއްޗަކަށް" ޒާރާ ބުންޏެވެ.
މިފަހަރު އައްފާނަށް މާބޮޑަށް ހެވުނެވެ. ޒާރާގެ ސިކުނޑިއަށް އުނދަގޫކުރަނީ ކޮންކަމެއްކަން އައްފާނަށް އެނގިއްޖެއެވެ. އެނބުރިފައި އައްފާން ހިފަހައްޓާލީ ޒާރާގެ ދެކޮނޑުގައެވެ. އެ ހިނދު ޒާރާ އިސްއުފުލާ އައްފާނަށް ބަލައިލިއެވެ.
"ޒާ ބޭނުންވަނީ ކޮންގޮތެއް؟" އައްފާން ބުންޏެވެ.
ޒާރާއަށް ޖަވާބެއް ނުދެވުނެވެ. އައްފާންގެ މޫނުން ނަޒަރު ވަކިކޮށެއްވެސް ނުލެވުނެވެ.
"އަހަރެމެން ކައިވެނިކުރި ރޭ އަހަރެން ބުނި އެއްޗެއް ޒާ ހަނދާން ނެތުނީތަ؟" އައްފާން ބުންޏެވެ. އަދިވެސް ޒާރާ ހުރީ ބަލަހައްޓައިގެންނެވެ. "އަހަރެން ބުނީމެއްނު އެއްވެސް ކަމަކަށް ޒާ އަށް މަޖުބޫރެއް ނޫނޭ"
"އަހަރެން ހަނދާން އެބަހުރި. އެކަމަކު އައްޔައަށް އެނދުގައިވެސް އޮވެވިދާނެ. ދެމީހުން އެއްގޮތް ބޭނުންވާއިރު އެ އެނދެއްގަ ނިދުމަކީ މައްސަލައެއް ނޫން. އައްޔަވެސް މާޒީއެއް އޮތީ... އަހަރެންވެސް...."
އެ ހިސާބަށް ބުނެފައި އިތުރަށް ޒާރާ ވާހަކަ ނުދެއްކިއެވެ. އައްފާން ވިސްނާލަންޖެހުނީ އަދިވެސް ޒާރާ މާޒީ ފަހަތަށް ދޫކޮށްނުލާތީ އެކަމާއެވެ. ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. އޭނާ އެއް އެނދުގައި ނިދުމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
އެނދުގެ އެއްފަރާތުގައި އައްފާން ހުއްޓުމުން ޒާރާ އަނެއްފަރާތުން ގޮސް އެނދަށް އެރިއެވެ. ނިދާފައި އޮތް ނިއަމް ޒާރާ އޮންނަ ދިމާލާ ގާތަށް ދަމާލުމަށްފަހު އައްފާނަށް ވީ ބައި ބޮޑުކޮށްދިނެވެ. ޒާރާ އޮށޯވެލިއެވެ. ބޮޑު އެނދަކަށް ވީތީ ތިން މިހުންނަށް ވެސް އެކަކު އަނެކަކުގެ ގައިގައި ނުޖެހި ތިބެވެއެވެ. އައްފާން އެނދުގައި އޮށޯތްފަހުން ޒާރާ އެއްވެސް ބަހެއް ނުކިޔައެވެ. ޒާރާ އޮތީ ހިމޭނުންނެވެ. މަތިން އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ ސިކުނޑި އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. އެކުވެރިންގެ ގޮތުގައި ތިބެ ކުޑަ ދަރިއަކަށްޓަކައި ކުރެވުނު ކައިވެންޏެއް ނަމަވެސް ކައިވެނި ވާނީ ކައިވެންޏަށެވެ. ކައިވެނިކޮށްގެން ދެމަފިރިން ދެ ތަނުގައި ނިދުމަކީ ޒާރާ ހިތްހަމަޖެހޭގޮތެއް ނޫނެވެ. އޭނާ ކުރިންވެސް އައްފާން ހުއްޓުވަން ބޭނުންވިއެވެ. އެ ވާހަކަ ދައްކަން ބޭނުންނުވީ އެގޮތް އައްފާން ބޭނުންވާހެން ހީވާތީއެވެ. ދެމަފިރިކަމުގެ ގުޅުމެއް ހިންގުމަށް ވުރެ ބޮޑަށް ދެމީހުންނަށްވެސް އިސްކަން ދެވުނީ ދެމީހުން މެދުގައި އޮތް އެކުވެރިކަމަށެވެ. އެއް އެނދެއްގައި ނިދިޔަސް އަދިވެސް އެ ގުޅުން އެގޮތުގައި ބޭއްވިދާނެއެވެ. އެކަމަކު ނޭނގެނީ ދެމަފިރިންގެ މެދުގައި އޮތް ގުޅުން އިތުރު ހަރުފަތެއް ކުރިއަށް ދާނެ ވަގުތާއި ހާލަތެވެ.
އޮތް ފަޅި ނޫން އަނެއް ފަޅިއަށް ޒަރާ އެނބުރިލިއެވެ. އޭނާގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ބޮލުގައި ބުރުގާ އޮތުމުންވެސް އެތައް އުނދަގުލެއް ވަމުން ދިޔައެވެ. އެއީ އަނެއްކާ އަނެއް ކަންތަކެވެ. އެކުވެރިއެއްގެ މަގާމުން ފިރިއެއްގެ މަގާމަށް އައި މީހާ ދެކެ ޒާރާއަށް ލަދުގަނެވެނީ މާބޮޑަށެވެ. ކައިވެނިކުރިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވިއިރު އެކަމަށް ބަދަލެއް ނައެވެ. އެ ހުރިހާ ކަމެއް ބަދަލުވާން ނަގާނެ މުއްދަތެއް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް ނިއަމް ހުރިހާ ހިނދެއްގައި އައްފާނާ ދުރަށް ދިޔުމަކީ ޒާރާއަށް ވާނެ ކަމެއް ނޫނެވެ.
އައްފާން ނިދިކަމަށް ހީކޮށް އެއްފަހަރު ބޯހިއްލާލާފައި ޒާރާ ބަލައިލިއެވެ. ނިތްމައްޗަށް އަތް އެއްލައިގެން އައްފާން އޮތެވެ. ނިދާފަކަމެއް ނޫނީ ނުނިދާ ކަމެއް ޔަގީނެއް ނުވިއެވެ. ރަނގަޅަށް ޒާރާއަށް ހަމަޖެހިނުލެވެނީސް އައްފާންގެ އަޑު އިވި ސިހުނެވެ.
"ނުނިދަނީތަ؟"
ޒާރާ އައްފާން އޮތްކޮޅަށް ބަލައިލިއެވެ. މި ހުރިހާއިރު އައްފާން ނުނިދާ އޮތްކަން އެނގުމުން އޭނާ ހައިރާންވިއެވެ.
"މިހެން އުޅެނިކޮށް ނިދިދާނެ. ކުއްލިއަކަށް ނިދާ ތަން ބަދަލުވީމަވެސް އުނދަގޫވާނެއްނު" ޒާރާ ބުންޏެވެ.
"ޔަގީންތަ؟ އެހެން ކަމަކާ ނުވިސްނަންތަ؟" އައްފާން ބުންޏެވެ.
ޒާރާ ބަހެއް ނުކިޔައެވެ. އޭނާގެ ކަންކަން އައްފާނަށް އެނގެނީ ހާދަ އަވަހަށެވެ. ޒާރާ އެއްޗެއް ނުބުނެ އޮތުމުން އައްފާނަށް ހެވުނެވެ.
އައްޔަ ނުނިދަ ތިއޮތީ ކިހިނެއްވެފަ" ޒާރާ އެހިއެވެ.
"ތެދަށް ބުނަންޏާ އަހަރެން މިރޭ މިއޮތީ ވަރަށް އުފަލުން" އައްފާން ބުންޏެވެ.
"އެއީ؟" ޒާރާ އެހިއެވެ.
ފުރަތަމަ އައްފާން ހިތަށް އެރީ ތެދަށް ނުބުނުމަށެވެ. އެ ހިޔާލު އޭނާ ދޫކޮށްލިއެވެ. ހިތުގައި އޮތް އެއްޗެއް އޮތްގޮތަށް ބުނަން އޭނާ ދަސްކޮށްފިއެވެ. އެހެންކަމުން ކުރު އަތްމައްޗަކަށް އޮވެ ޒާރާއަށް ބަލައިލިއެވެ.
"އަނބިމީހާއާ އެއް އެނދެއްގަ ނިދާލަން ލިބުނީމަ" އައްފާން ބުންޏެވެ.
ޒާރާ ހިމޭންވިއެވެ. އެހެންނަމަވެސް ހިނިތުންވުމެއް ޒާރާގެ ތުންފަތުގައި ވިއެވެ. އައްފާނަށް ބަދަލުތަކެއް އަންނަމުންދާކަން ޒާރާއަށް ކައިވެނީގެ ކުރިންވެސް ފާހަގަވެއްޖެއެވެ. އެކަން އެންމެ ބޮޑަށް އިހުސާސްވީ ނިއަމް ޑޮކްޓަރަށް ދައްކަން ދިޔަ ދަތުރުގައެވެ. މިރޭ އަނެއްކާ އެ ބުނީ ސީދާ ހިތުގައި އޮތް ގޮތަށްކަން ޔަގީނެވެ. އައްފާންގެ ހިތް އަނެއްކާ އެހެން ލޯތްބަކަށް އެދެން ފެށީ ހެއްޔެވެ؟ ނުހާ މަތިން އެއްކޮށް ހަނދާން ނައްތާލީ ހެއްޔެވެ؟
"ހިތަށް އަރަނީ މި ދަތުރު ނިމުނީމަ އަނެއްކާ މި ފުރުސަތު ގެއްލޭނީބާއޭ" އައްފާން ބުންޏެވެ.
"ފުރުސަތަކީ އަމިއްލައަށް ހޯދީމަ ލިބޭ އެއްޗެއް. އަހަރެން ބުނެގެނެއް ނޫނެއްނު އައްޔަ ވަކިން ނިދަނީ" ޒާރާ ބުންޏެވެ.
"އެއީ ޒާ އަށް އަހަރެން އިހުތިރާމްކުރާތީ. ޒާ އަށް ވަގުތުދޭންވެގެން. އަހަރެންނަށް އެނގޭ ކުއްލިއަކަށް ކުރި ކައިވެންޏެއްކަން. ޒާ ގެ ހިތް އަދިވެސް އޮތްގޮތް އެނގޭ" އައްފާން ވާހަކަދެއްކިއެވެ.
އިތުރަށް ދެމަފިރިންގެ މެދުގައި ވާހަކައެއް ނުދެކެވެއެވެ. ހިމޭނުން ތިބިއިރު ދެމަފިރިންގެ ލޮލުގައިވެސް ނިދީގެ އަސަރެއް ނެތެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ. އެސްފިޔަތަކަށް ބަރުވެ ނިދީގެ ދުނިޔެއަށް އެންމެ ފުރަތަމަ ދަތުރުކުރީ އައްފާނެވެ. ޒާރާ ބަލައިލީ އައްފާންގެ ނޭވާގެ އަޑު ބާރުވުމުންނެވެ.
****
ފަތިހު ޒާރާއަށް ހޭލެވުނީ އޭނާގެ މޫނާއި ބަނޑުމަތީގައި ނިއަމް ދުވަމުން ދަނިކޮށެވެ. ފަތިސް ވަގުތަށް ނަމަވެސް ނިއަމްއަށް އީދެއް އައިސްގެން އުޅޭ ކަހަލައެވެ. ދެލޯ ރަނގަޅަށް ނުހުޅުވެނީސް އޭނާއާ ދާދި ކައިރީގައި އޮތް އައްފާން ފެނިއްޖެއެވެ. އައްފާންގެ އަތް އޮތީ ޒާރާގެ ބަނޑުގައި ކުޑަކޮށް ޖެހިފައެވެ. ނިދިއިރު އައްފާން އޮތީ އެ ހިސާބުގައެއް ނޫނެވެ. އެހެންވީމާ އައްފާން ވެސް ނިދީގައި ފުރޮޅެނީތާއެވެ. ޒާރާ ގަޑި ބަލައިލިއެވެ. މާގިނައިރެއް ނުވެ ފަތިސް ނަމާދަށް ގޮވާނެއެވެ. ނިއަމްވެސް ހޭލީ އެހެން ދުވަސްތަކަށް ވުރެ އަވަހަށެވެ.
ތުއްތު ބަހުރުވައިން ނިއަމް 'މަންމާ' އޭ ބުނެލި އަޑު ޒާރާއަށް އެ ވީ އެ އަރާމު ފަތިހުގައި ކަންފަތަށް އިވުނު އެންމެ އަހާލަން ހިތްގައިމު ލަފްޒަށެވެ. ނިއަމް އުރާލާފައި އެނދުގެ ތިރިއަށް ދެފައި ބާލައިގެން ޒާރާ އިށީނެވެ.
"ކީއްވެތަ މަންމައަށް ގޮވީ. ދޭބަލަ ބައްޕިއަށް ގޮވާލަން" ނިއަމްގެ ނޭފަތު ކުރީގައި ނޭފަތު ކުރި ޖައްސައިލަމުން ޒާރާ ބުންޏެވެ. އެނދުގައި ނިއަމް ބޭންދުމުން ނިދީގައި އޮތް އައްފާން ކައިރިއަށް ދާން ނޫޅުނެވެ. އަނގައަށް އިނގިލި ލައިގެން އެއްފަހަރު އައްފާނަށް ބަލައިލާފައި ދެން ބަލައިލަނީ ޒާރާއަށެވެ.
"ނޮޓް ފެއާ ނިއަމް..." ޒާރާ ބުންޏެވެ.
އަޑުހަރުކޮށް ހެމުން ނިއަމް ޒާރާ އިން ދިމާލަށް ފިރުކެން ފެށިއެވެ. އައްފާނަށް ހޭލެވުނީ ނިއަމްގެ އަޑަށެވެ.
"މަށެއް ނޫން. ނިއަމް ސަކަރާތް ޖެހީ" އައްފާން ބޯހިއްލާލިކަން އެނގުމުން ޒާރާ ބުންޏެވެ.
އިރުއަރަން ތައްޔާރުވަމުން އަންނަ ވަގުތު ދެމައިން ޖަހަމުންދިޔަ ސަކަރާތް ފެނުމުން އައްފާންގެ ދެލޮލުން ނިދިވެސް ފިލައިގެން ދިޔައެވެ. ޒާރާގެ އުނގުގައި އިން ނިއަމްގެ ކޮލުގައި އައްފާން ފިރުމާލިއެވެ.
"ނަމާދަށް ގޮވަން އެ އުޅެނީ" ޒާރާ ބުންޏެވެ.
"ތިބުނީ އަހަރެން ކައިރީގަ ދާށޭ ދޯ. ނޫޅެމޭ ސަން އެންޑް މަމްގެ ލަވް ޓައިމް ސްޕޮއިލް ކުރާކަށް" އެނދުން ތެދުވަމުން އައްފާން ބުންޏެވެ.
ތެދުވެގެން ގޮސް އައްފާން ފާހާނާއަށް ވަންނަންދެން ޒާރާ ބަލަހައްޓައިގެން އިނެވެ.
***
ޑޮކްޓަރަށް ދައްކާފައި ނިކުމެ ޓެކްސީއެއް ލިބެންދެން މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ޒާރާ ހުއްޓެވެ. އައްފާން ހުރީ މަގުގެ ތަންކޮޅެއް ކުރީގައެވެ. އެވަގުތު ދިމާވީ މަގުގެ ވަރަށް ބާރުބޮޑުވި ވަގުތަށެވެ. ޓެކްސީއެއް ލިބުން އެހާ ފަސޭހަ ނުވާނެހެން ހީވުމުން އައްފާނަށް ފަހަތަށް އެނބުރި ޒާރާއަށް ބަލައިލެވުނެވެ. އައްފާން އެއްޗެއް ބުނަން އުޅޭހެން ހީވުމުން ޒާރާ ކުރިއަށް ޖެހިލިއެވެ.
"ހިއެއް ނުވޭ މިކަން ވާނެހެން. ބައެއްފަހަރު ޓެކްސީ ދުއްވާ މީހުން ނިކަން ފޮނިވާނެ" އައްފާން ބުންޏެވެ.
"ހިނގާ ހިނގާލާފަ ދާން" ޒާރާ ބުންޏެވެ.
"ގެ އެހާ ދުރުއިރު ނިއަމް ގޮވައިގެން ހިނގާފަ ކިހިނެއް ދާނީ" އައްފާން ބުންޏެވެ.
"ދެމީހުން ބަހައިގެން ދާނީ. ހިނގާ. ކުޑަކޮށް ހިނގައިވެސް ލެވޭނެއްނު. ދާ މަގުމަތިންވެސް ޓެކްސީއެއް ހަމަ ލިބިދާނެއްނު" ޒާރާ ބުންޏެވެ. އެގޮތް ގަބޫލުކޮށް ހިނގައިގަތުމުގެ ކުރިން ޒާރާ އަތުގައި އިން ނިއަމް އައްފާން އުރާލިއެވެ. މަގުގެ އެއްފަރާތުން ހިނގައިގަނެފައި އޭނާއަށް ވުރެ ކުޑަކޮށް ފަހަތުގައި ހުރި ޒާރާގެ އުނަގަނޑުގައި އަތްޖައްސާލުމަށްފަހު އޭނާއާ އެއްވަރުކޮށްލިއެވެ. އައްފާންގެ އެ ހަރަކާތުން ޒާރާއަށް އައްފާންގެ މޫނަށް ބަލައިލެވުނެވެ. އައްފާންގެ ހަރަކާތްތަކުގައިވާ އަޅާލުން ކޮންމެ ހިނދަކުން އޭނާއަށް އިހުސާސްވަމުން ދިޔައެވެ.
"އަލީ އައްފާން" ހުއްޓުނީ އައްފާނާ ޒާރާއާ އެކުގައެވެ. އެ އަޑަކީ ދެމަފިރިންނަށް ވެސް ބީރައްޓެހި އަޑެއް ނޫނެވެ. ފަހަތަށް އެނބުރި އެންމެ ކުރިން ބަލައިލީ ޒާރާއެވެ. ކައިރިއަށް މަޑުކޮށްލި ސައިކަލެއްގައި އިން ޒުވާނާ ފެނިފައި ޒާރާއަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. ރަތްކުލައިގެ ސައިކަލު މަތީގައި އިން ފައްވާޒްގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. އޭނާ އުޅެއުޅެވެސް ކަޅި އެހެން ދިމާލަކަށް ބަދަލުކޮށް ނުލެވުނެވެ. އޭނާ ދޫކޮށްލާފައި އައި ވަރަށްވުރެ ފައްވާޒް ހިއްކެވެ. ހެދުން އަޅާފައި ހުރިގޮތުން ރަސްމީ ވަޒީފާއެއްގައި ހުރެފައި ބޭރަށް ނިކުމެ އުޅުނު ވަގުތެއްކަން އެނގެއެވެ. ފައްވާޒްގެ ނަޒަރު ޒާރާއަށް ހުއްޓުމާއެކު ޒާރާ ލަސްލަހުން އިސްޖަހާލިއެވެ. ޒާރާގެ ހަރަކާތްތަކަށް ބަލަން ހުރި އައްފާނަށް ކުރެވުނީ ކޮންމެހެން އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ފައްވާޒަށް ޒާރާގެ ދެލޮލުގެ އެސްފިޔައެއް ވެސް ފެންނާކަށް އޭނާ ނޭދެއެވެ. މޫނު ފޮތިކޮޅުން ފަހަތަށް އެއްލާފައި އޮތް ތުނި ފޮތިކޮޅުގައި ހިފާލުމަށްފަހު ޒާރާގެ ދެލޯ ފޮރުވިއެވެ. އައްފާންގެ އެ އަމަލުން ޒާރާއަށް ކުރެވުނީ ކުށްވެރި އިހުސާސްތަކެކެވެ. ފިރިމީހާ ކައިރީގައި ހުއްޓައި ކުރީގެ ފިރިމީހާއަށް އެގޮތަށް ބަލައިގެން ނުވާނެއެވެ. އެކަމަކު ވީކަމެއް ވީ އޭނާގެ އިހުތިޔާރަކާ ނުލައެވެ.
"ކީއްކުރަން އައިސް ތި އުޅެނީ؟ މިއީ...؟" އައްފާން އަތުގައި އިން ނިއަމްއާ ސަމާސާކޮށްލާފައި ފައްވާޒް ބުނެލިއެވެ. 'މިއީ' އޭ ބުނެ ފައްވާޒް އިޝާރާތްކުރީ ޒާރާއަށް ކަން އެނގުމުން އައްފާނަށް ބަލައިލެވުނީ ޒާރާއަށެވެ. ޒާރާ އިސްއުފުލާލިއެވެ. މިހާރު އޭނާއަށް އައްފާނާއި ފައްވާޒް ފެންނަން ހުރީ ކަޅު ކުލައިގެ ތުނިފޮތިކޮޅުގެ ތެރެއިންނެވެ. ފައްވާޒްގެ މޫނަށް ނުބަލާ ވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ފައްވާޒަކީ މިހާރު އޭނާއަށް އެއްވެސް މީހެއް ނޫންކަން އޭނާގެ ސިކުނޑި އޭނާއަށް ހަނދާންކޮށްދީފިއެވެ.
"މިއީ އަހަރެންގެ އަންހެނުން" އެއް އަތުން ޒާރާގެ ކޮނޑުގައި އަތް ބާއްވަމުން އައްފާން ބުނެލިއެވެ.
"އެހެންތަ. ކޮންއިރަކު މެރީ ކުރީ... އަންގާވެސް ނުލަމެއްނު. އެންމެން ރަނގަޅުތަ؟" ފައްވާޒް ބުންޏެވެ. އެންމެން އޭނާ ނިސްބަތް ކުރީ ކާކަށް ކަން އައްފާނަށް އެނގުނެވެ.
"އެއީ ދެން ކުއްލިއަކަށްވީ ކަމެއް. ދަނީ އޭ. މިތާ ވާހަކަދައްކާކަށް ނުތިބެވޭނެއްނު. ފަހުން ގުޅާނަން އެނގޭ" އައްފާން ބުންޏެވެ.
"އަހަރެން ގުޅާނަން އެނގޭ. އަހަރެން ވަރަށް ބޮޑެތި ވާހަކަތަކެއް ދައްކަންވެފަ އެބަހުރި" ފައްވާޒް ބުންޏެވެ.
އެތަނުން އަވަހަށް ދިޔުމުގެ ބަދަލުގައި އައްފާން ބޯޖަހާލިއެވެ.
އައްފާން ހިނގައިގަތުމުން ފަހަތުގައި ހުރި ޒާރާވެސް ހިނގައިގަތެވެ.
"ފަހަރި ހަނދާންކޮށްދޭތި ފިރިކަލުންނަށް އަހަރެން ގުޅީމަ ފޯނު ނަގަން" ހީލަމުން ފައްވާޒް ބުންޏެވެ.
ޒާރާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފައި އަނބުރާލި ހެންނެވެ. ފައްވާޒްގެ އަނގައިން ޒާރާއަށް ނިސްބަތްކޮށް 'ފަހަރި' އޭ ބުނުމުން ޒާރާ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ބޯޖަހާލާފައި އައްފާނާ އަރައި ހަމަކޮށްލިއެވެ. ދެން އައްފާންގެ އަތުގައި ދެ އަތުން ހިފަހައްޓާލިއެވެ. އެއީ އޭނާއަށް ކިހިނެއް ލިބުނު ހިތްވަރެއް ކަމެއް ނޭނގެއެވެ. ޒާރާގެ އަތަށް އައްފާން ބަލައިލިއެވެ. އޭނާގެ ތުންފަތަށް ވެރިވީ އެއްވެސް މާނައެއް ނެތް ހިނިތުންވުމެކެވެ. އިރުކޮޅެއް ނުވަނީސް ޒާރާ އަތް މަޑުމަޑުން ދޫވަމުން ގޮސް ތިރިއަށް އެއްކޮށް ސޮހިއްޖެއެވެ. ކުރިއަށް ހިނގާނެ ބާރު ޒާރާގެ ދެފައިން ކެނޑިއްޖެއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކުރިއަށް ދިޔައިރު އައްފާން ދިޔައީ ޓެކްސީއެއް މަޑުކުރޭތޯ އަތް ނަގަމުންނެވެ. ޒާރާގެ ހިނގުން މަޑުވެފައި ހުރުމުން ކޮންމެހެންވެސް އަވަހަށް ގެއަށް ދާން އައްފާން ހުރީ ބޭނުންވެފައެވެ. ނަސީބަކުން ޓެކްސީއެއް ލިބިއްޖެއެވެ. ޒާރާ ފަހަތަށް އަރުވާފައި ނިއަމް ގޮވައިގެން އައްފާން އެރީ ކުރީ ޝީޓަށެވެ. ދާންވީ އެޑްރެސް ބުނުމާއެކު ޓެކްސީ ކުރިއަށް ދުއްވާލިއެވެ. އައްފާން އިނީ ފަހަތަށް އެނބުރި ޒާރާގެ މޫނަށް ބަލައިލަންވެސް ނުކެރިފައެވެ. މި ދަނޑިވަޅުގައި ޒާރާއަށް ވަމުންދާނެ ގޮތް އޭނާއަށް އިހުސާސް ކުރެވެއެވެ. ދިމާ ސީދަލަށް ފެންނަން އޮތް މަގަށް ނަޒަރު ހުއްޓާލައިގެން އައްފާން އިނެވެ. މާލެ ކަހަލަ މީހުން ގިނަ ހާއްޔަކުން ހިތް ނުތަނަވަސްކުރުވާ އެފަދަ ކިތަންމެ މަންޒަރެއް ފެނިދާނެކަން އައްފާން ގަބޫލުކުރެއެވެ. އެކަމަކު ޒާރާ ޑޮކްޓަރަށް ދައްކަން މާލެ އައި ހަފްތާއެއްގެ މުއްދަތުގައި މަގުމަތިން ފައްވާޒް ފެނުމުން އައްފާން އިނީ ކަންބޮޑުވެފައެވެ. އެއީ އަދި ޒާރާ ކައިރީގައި ހުއްޓައެވެ. މޫނު ބުރުގަލާއި ބޮޑު ހެދުން އަޅާފައި ހުރުމުން ފައްވާޒަށް ޒާރާ ނޭނގުނީއެވެ. އެހެންނޫނީ ވާނެ ގޮތެއްވެސް ނޭނގެއެވެ. އެކަމަކު... އައްފާން ދެފަރާތަށް ބޯހޫރާލިއެވެ. ފައްވާޒަށް ޒާރާ ފޮރުވައިގެން ގެންގުޅޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން ފައްވާޒަށްވެސް ހުރިހާ ހަގީގަތެއް އެނގޭނެއެވެ. ސިއްރު ކުރިޔަސް ސިއްރު ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ ޒާރާއަކީ ފައްވާޒްއާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ. އެއީ ފައްވާޒްގެ މިލްކެއް ނޫނެވެ. ޒާރާއާ ކައިވެނިކުރީ ފައްވާޒް ޒާރާ ނިކަމެތިކޮށްލާފައި ދިޔަފަހުންނެވެ.
ހިޔާލުތަކުން އައްފާނަށް ނިކުމެވުނީ ކުއްލިއަކަށް ޓެކްސީ މަޑުކޮށްލުމުންނެވެ. މަންޒިލަށް އާދެވުނީކަން އައްފާނަށް އެނގުނީ ޑްރައިވަރު ބުނުމުންނެވެ. ޑްރައިވަރަށް ފައިސާ ދީފައި އޭނާ ނިކުތްއިރު ޒާރާ ގޭދޮރު މަތީގައި މަޑުކޮށްގެން ހުއްޓެވެ. ގޭތެރެއަށް ވަދެގެން ގޮސް ލިފްޓަށް އެރިއިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެއެވެ. ޒާރާ ކައިރިއަށް ދާން ނިއަމް ބޮޑާހާކަން ފެށުމުން އެންމެފަހުން ޒާރާ ނިއަމް އުރާލިއެވެ.
އެޕާޓްމަންޓް ދޮރުހުޅުވާލުމާއެކު އެންމެ ފުރަތަމަ އެތެރެއަށް ވަނީ ޒާރާއެވެ. ނިއަމް ގޮވައިގެން ގޮސް ޒާރާ ވަނީ ކޮޓަރިއަށެވެ. ފަހަތުން ދާން އައްފާން ބޭނުމެއް ނުވިއެވެ. ސޯފާ މައްޗަށް ގެންދިޔަ ދަބަސް ދޫކޮށްލާފައި އޭނާ ސޯފާގައި އިށީނެވެ. ކިތަންމެ އިރެއް ވިޔަސް އޭނާ ކޮޓަރިއަށް ނުވަންނާނެއެވެ. އެ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ޒާރާގެ ފުރިހަމަ މިނިވަންކަން ޒާރާއަށް އޮންނާނެއެވެ. އެކަމަކު ކުއްލިއަކަށް ދެމަފިރިންގެ މެދުގައި ފާރެއް ހުރަސްވި ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އެ ދުރުކަން ކަނޑުވާލަން އޭނާ ބޭނުންވިއެވެ.
ކާޕެޓް މަތީގައި ހުރި ކުޅޭ އެއްޗެހި ތަކުގެ ތެރެއަށް ނިއަމް ދޫކޮށްލާފައި ޒާރާ އެނދުގައި އިށީނެވެ. ދެލޮލަށް ބާރުވަމުން ދިޔަ ކަރުނަތަކާއެކު ޒާރާ އިސްޖެހިއެވެ. އޭނާގެ ލޮލުން ކަރުނައެއް ފޭބިޔަނުދޭން އޭނާ ވަރަށް ހިތްވަރުކުރިއެވެ. އެހެންނަމަވެސް ޖަޒުބާތަކީ ވަކިވަރަކަށް ވުރެ މައްޗަށް ދިޔުމުން ހިފެހެއްޓޭ އެއްޗެއް ނޫނެވެ. ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ހަމަ ރަނގަޅަށްވެސް ޒާރާއަށް ރޮއްވައިލައިފިއެވެ. އިސްޖަހައިގެން އިނދެ ޒާރާ ރޮމުން ދިޔަ މަންޒަރު ބަލަހައްޓައިގެން އިން ނިއަމް ކުޅޭ އެތި ތިރިއަށް ދޫކޮށްލާފައި ޒާރާއާ ދިމާލަށް ފިރުކެން ފެށިއެވެ. އެނދާ ހަމައަށް ދެވުމުން ޒާރާގެ ހެދުމުގައި ނިއަމް އެލިގަތެވެ. ޒާރާއަށް ހޭވެރިކަމެއް ވިއިރު އޭނާގެ ފައިގައި ހިފަހައްޓައިގެން ނިއަމް ހުރީ ކޮޅަށެވެ. ނިއަމްގެ ތުއްތު ދެފައިގައި ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނުމުން އިނދެވުނު ތަންވެސް ޒާރާއަށް ނޭނގުނެވެ. ނިއަމް ނަގައި އޭނާގެ އުނގަށް ލައިފިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާފައި ނިއަމްގެ ކޮލުގައި ބޮސްދިނެވެ. ނިއަމް ކޮޅަށް ހުރީ ފުރަތަމަ ފަހަރަށެވެ. ޒާރާއަށް ހީވީ އެއްފަހަރާ އޭނާގެ ހިތަށް ވެރިވި ހިތާމައާއި މޮޅިވެރިކަން ފިލައިގެން ދިޔަހެންނެވެ. މީގެކުރިންވެސް އޭނާ ކުރަމުން އައި ހިތާމަތަކަށް ނިމުމެއް ގެނެސްދިނީ ނިއަމްއެވެ. ދެވަނަ ފަހަރަށް އެއް ހިތާމައެއްގެ ތެރެއަށް އޭނާ ވެއްޓެމުން ދަނިކޮށް އަތުގައި ހިފީ ނިއަމްއެވެ. މޭގައި ނިއަމް ފިއްތާލުމަށްފަހު ކުރިމަތިން ނިއުޅެމުން ދިޔަ ހަގީގަތް ޒާރާ ގަބޫލުކުރިއެވެ. ބޭކާރު ކަންތައްތަކާ އޭނާ ވިސްނާކަށް ކުޑަ ދަރިފުޅުވެސް ބޭނުމެއް ނުވެއެވެ.
"ތެންކިޔު މަންމަގެ ދަރިފުޅާ" ނިއަމްގެ ކޮލުގައި ބޮސްދިނުމަށްފަހު ޒާރާ ބުންޏެވެ.
(ނުނިމޭ)