"ކޮންމެ ކަމެއްގެ ހައްލަކީވެސް ނަމާދު. ކުރެވުނު ކަންތަކަށް ދަރިފުޅު ތައުބާވޭ. އަލުން ދިރިއުޅުންދެކެ ލޯބިވާންފަށާ. ގުރުއާން ކިޔަވާ ޒިކުރުކުރޭ. ތި ފެނުނު ހުވަފެނަކީ އެއްވެސް އެއްޗެއް ނޫން. ހުވަފެނަކީ ބިލާހެއް"
"މަންމާ. އަހަރެންނަށް ޒާރާ އަލުން ލިބޭނެ އެއްވެސް ގޮތެއް އޮންނާނެތަ؟ އަހަރެން ޒާރާ ބޭނުން" ފައްވާޒް ބުންޏެވެ.
"ޒާރާ އަކީ މިހާރު މީހެއްގެ އަންބެއް. ދަރިފުޅު ދެން ޒާރާގެ ދިރިއުޅުމަށް ވަންނަން ނޫޅޭ" ޖޫލިޔާ ބުންޏެވެ.
****
ފަތިސް ނަމާދުކޮށް ނިމުނުގޮތަށް ޒާރާ ބަދިގެއަށް ވަދެއްޖެއެވެ. އޭރު އަދި ނިއަމް ނުހޭލައެވެ. ބިންމައްޗަށް ރަނގަޅަށް އަލިވެސް ނުވެއެވެ. މިސްކިތުން ނަމާދުކުރާ އަޑު އިވިއިވި ހުއްޓެވެ. އެހާ އަވަހަށް ޒާރާ ބަދިގެއަށް ވަނީ ފުރުމުގެ ކުރިން ހެނދުނު ނާސްތާ ނިންމާލުމަށެވެ. ވަސީމާއަށް ފަސޭހައެއް ކޮށްދީފައި ދާށެވެ. ފުށް މޮޑެ ނިމިގެން ރޮށި ފިހެން ހުއްޓައި ބަދިގެއަށް ވަސީމާ ވަނެވެ. ޒާރާ ރޮށި ފިހެން ހުއްޓައި ފެނުމުން ވަސީމާ ހީލިއެވެ.
"ހާދަ އަވަހަކަށް ތި ވަނީ" ހޫނު ފެންތައްޓެއް ހިފައިގެން އައިސް ގޮނޑީގައި އިށީންނަމުން ވަސީމާ ބުންޏެވެ.
"އާނ. ވަސިންތައަށް ލުއިވާނެއްނު" ހީލަމުން ޒާރާ ބުންޏެވެ.
އައްފާން ބަދިގެއަށް ވަނީ ވެސް އެ ވަގުތުއެވެ. ގޭތެރެއަށް ވަންގޮތަށް އައްފާން އުޅުނީ ކޮޓަރިއަށް ވަންނާށެވެ. ބަދިގެއިން އަލި ފެންނަން ހުރުމުން ޒާރާ ނޫނީ ވަސީމާ އެތަނުގައި ހުންނާނެކަން އެނގޭތީ އައްފާން އައީ އެ ދިމާލަށެވެ.
"ކޮފީއެއް ހަދައިގެން މިދަނީ. އައްޔަ ދޭބާ ނިއަމް ކޮބައިތޯ ބަލައިލަން. ހޭލައިގެން އެކަކުވެސް ފެންނަން ނެތީމަ މިހާރު އޮންނާނީ ރުޅި ހަދައިގެން. އެނދުން އަމިއްލައަށް ފައިބަންވެސް އުޅެފާނެ. މިހާރު މަސައްކަތްކުރޭ ފައިބަން" ޒާރާ ބުންޏެވެ.
އައްފާން ހިނގައިގަތެވެ. ރޮށި ފިހެ ނިންމާފައި ޒާރާ އުޅުނީ ލައިގެން ކާނެ އެއްޗެއްވެސް ހަދާށެވެ. އެކަން މަނާކުރީ ވަސީމާއެވެ. ކޮފީތަށި ހިފައިގެން ޒާރާ ވަނީ ކޮޓަރިއަށެވެ. އޭރު ނިއަމްއާ ސަކަރާތްޖަހަން އައްފާން އޮތީ އެނދުގައެވެ. ޒާރާ ވަނުމުން އައްފާން ބަލައިލިއެވެ.
"ޒާ ބުނީ ރަނގަޅަށް. ރުޅިވެގެން މި ދަރި އޮތީ" އައްފާން ބުންޏެވެ. ޒާރާއަށް ހެވުނެވެ. ޒާރާ ފެނުމާއެކު ނިއަމް ތުއިވެލިއެވެ.
"ވަރަށް ގިނައިން އަހައިފި ނިއަމްގެ މަންމަ ކޮބާހޭ" އައްފާން އަތަށް ކޮފީ ތަށި ދިންގޮތަށް ޒާރާ ހުއްޓުން އެރިއެވެ. އައްފާން ބުނި އެއްޗަކުންނެވެ. ޒާރާ ހީލިއެވެ. އައްފާން ކޮފީތަށީގައި ހިފުމުން އެނދުގައި އިނދެ ޝަކުވާ ކުރަމުންދިޔަ ނިއަމް ޒާރާ އުރާލިއެވެ. އެނދުގެ އަނެއް ފަރާތަށް ގޮސް އެނދުގައި ނިއަމް ގޮވައިގެން އިށީނެވެ.
"މިއުޅެނީ ފީޑްކުރަން" ޒާރާ ބުންޏެވެ.
އައްފާން ތެދުވެގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއްކަން ޒާރާއަށް އެނގުނީ މާފަހުންނެވެ. އެގޮތަށް އައްފާން ކޮޓަރިން ނެރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ފިރިމީހާއެވެ.
"އައްޔާ" ޒާރާ ގޮވާލިއެވެ. އައްފާން ވަގުތުން މަޑުޖެހުނެވެ.
"މީނީ ގަސްދޮށުގަ" އައްފާން ބުންޏެވެ.
"އުނހު. މިތާ މަޑުކުރޭ. ތިންކުދިން އެކުގަ ދާން" ޒާރާ ބުންޏެވެ.
ޒާރާއަށް ފުރަގަސްދީގެން ހުރި އައްފާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އޭނާ އަލުން އައިސް އެނދުގައި އިށީނެވެ.
****
އޮފީހަށް ދާން ތައްޔާރުވާން ހުރި ފައްވާޒްގެ ކޮޓަރި ޖޫލިޔާ ދޮރު ހުޅުވާލީ ސައި ހަދާފައި ހުރި ވާހަކަ ބުނުމަށެވެ. ރޭގައި ލޯގަނޑު ކުރިމަތީގައި ހުރި ފައްވާޒް އިސްތަށިގަނޑުގައި ޖެލްހާކަން ހުރުމުން ޖޫލިޔާއަށް ހީނލެވުނެވެ. ރޭގައި ފައްވާޒަށް ފެނުނު ހުވަފެނަށް ފަހު އޭނާ ހީކުރީ ހެނދުނުވެސް ފައްވާޒް ހަމަޔަކަށް ނޭޅޭނެ ކަމަށެވެ. ނަސީބަކުން ހުރިހާ ކަމެއް ދިޔައީ އޭނާ ހިތަށް އެރި ގޮތާ ހިލާފަށެވެ. ފަތިސް ނަމާދަށް މިސްކިތަށް ގޮސްފައި އައިފަހުން ފައްވާޒް ހުރީ ވަރަށް ރަނގަޅަށެވެ.
"މަންމަ. ވަދެބަލަ އެތެރެއަށް" އެތެރެއަށް ނުވަދެ ތަޅުގައި ހިފަހައްޓާލައިގެން ހުރި ޖޫލިޔާ ފައްވާޒަށް ފެނުނީ ލޯގަނޑުންނެވެ. ފައްވާޒް އެހެން ބުނުމުން ހިނިތުންވެފައި ޖޫލިޔާ އެތެރެއަށް ވަދެ އެނދުގައި އިށީނެވެ.
"މަންމަ ބުނަން އުޅުނީ ސައި ހެދިފަ ހުރި ވާހަކަ. މަންމަ ކޮއްކޮ ސްކޫލަށް ލާންދާން ވެގެން މި އުޅެނީ" ޖޫލިޔާ ބުންޏެވެ.
"އަހަރެން ދާނަން އޭނަ ގޮވައިގެން. ސްކޫލު ކައިރިއަށް ގޮސްފައި ވެސް ގަޑިއަށް ދެވޭނެ" ފައްވާޒް ބުންޏެވެ.
"މެންދުރު ކާން އާދެވޭނެތަ؟" ޖޫލިޔާ އެހިއެވެ.
"އަދި ނޭނގެ. ލެބޯޓްރީގަ އަހަރެން މިއުޅޭ ޝިފްޓް ކުދިން ވަރަށް މަދު. އެކަމު ބުނާނަން އެގާރަ ޖަހާލާހާއިރު އާދެވެންޏާ" ފައްވާޒް ބުންޏެވެ. ލޯގަނޑު ކުރިމަތިން އޭނާ ދުރަށް ޖެހުނު ވަގުތު ޖޫލިޔާގެ ލޮލުގައި އަޅައިގަތީ ރީތިވާ މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮޓޯ ފްރޭމެވެ. މީގެކުރިން އެ ފޮޓޯ ފްރޭމް ޖޫލިޔާއަށް ނުފެނެއެވެ. އޭނާ ގޮސް ފްރޭމް ނެގިއެވެ. ރަނގަޅަށް ބަލައިލިއެވެ. ޖޫލިޔާ ފިރުމާލީ ފޮޓޯގައި އިން އޭނާގެ މާމަ ދަރިފުޅު މޫނުގައެވެ. ކުއްލިއަކަށް ފައްވާޒް އެ ފޮޓޯ ނަގާފައި ބެހެއްޓުމުން ހިތުގައި ސުވާލު ވެސް އުފެދިއްޖެއެވެ.
"މިއީ ކޮންކަމެއް ދަރިފުޅާ" ކައިރިއަށް އައިސް ހުއްޓުނު ފައްވާޒަށް ޖޫލިޔާ ބުންޏެވެ.
ފައްވާޒް ހީލާފައި ޖޫލިޔާ އަތުގައި އޮތް ފްރޭމުގައި ހިފައިފިއެވެ. އެ ފޮޓޯއަށް ބަލައިލާފައި އަލުން އެ ހުރި ތަނުގައި ބެހެއްޓިއެވެ. ޖޫލިޔާ ކުރި ސުވާލަށް ޖަވާބު ނުދީ އެނދުގައި އިށީނދެ އިސްޓާކީނަށް އަރަން ފެށިއެވެ.
"މަންމަ ބިރުގަނޭ އަނެއްކާވެސް ދަރިފުޅު ޅަ އެއްޗެއް އަޅާފާނެތީ" ފައްވާޒްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޖޫލިޔާ ބުންޏެވެ. ފައްވާޒް ހީލިއެވެ.
"އެނގޭ އަދި އެއްވެސް މީހަކަށް އަހަންނަށް އިތުބާރު ނުކުރެވޭނެ ކަން. ހަގީގަތުގައި މަންމައަށްވެސް ޔަގީން ނުކުރެވޭ ކަން އެނގޭ. އަހަރެން ޅަ އެއްޗެއް ނާޅާނަން. އެ ފޮޓޯގަ އެއީ އަހަރެންގެ އާއިލާއެއްނު" ފައްވާޒް ބުންޏެވެ.
"މިހާރު ހަގީގަތް މިވަނީ ބަދަލުވެފަ ދަރިފުޅާ. ޒާރާއަކީ މީހެއްގެ އަންބެއް" ޖޫލިޔާ ބުންޏެވެ.
"ތިކަން ގަބޫލުކުރަމޭ. އެކަމަކު އަދި ހަމަ ލިބިވެސްދާނެއްނު" ފަހު ފަހަރަށް ލޯގަނޑު ކުރިމަތީގައި ހުރެ އޭނާ އަޅައިގެން ހުރި ޓައީ އަށް ދަމާލާފައި ރީތިކޮށްލިއެވެ. ދެން އެނދުގެ ހެޑްބޯޑު މަތީގައި އޮތް ފޯނު ނަގައިގެން ހިނގައިގަތެވެ.
****
މާލޭގެ މަގުތަކަށް ބަލަމުން ދިޔަ ޒާރާއަށް ލިބެމުން ދިޔައީ ހައިރާންކަމެވެ. އޭނާ މާލެ އެ އައީ ހާދަ ދުވަހަކަށް ފަހުގައެވެ. އޭރާއި މިހާރު ހާދަ ތަފާތެވެ. މުޅި މަގު ފުރިފައިވަނީ ދުއްވާ އެއްޗެހި ތަކުންނެވެ. އެއް އަޑަކަށް އިވެނީ ދުއްވާ އެއްޗެހީގެ އަޑެވެ. މަގުގެ ދެ އަރިމަތިން ހިނގާފައި ދާ މީހުން އެކަކު އަނެކަކުގެ ގައިގައި ޖެހިގަނެފައި ދާގޮތުންވެސް ޒާރާއަށް އެއްޗެއް ވިސްނުނެވެ. މާލެ އަކީ މީހަކު އަންނަން ހެޔޮވާވަރުގެ ތަނެއް ނޫނެވެ. ހާސްކަމާއި ތޮއްޖެހުން ބޮޑެވެ. އެހެންނަމަވެސް ދަރީންގެ މުސްތަގުބަލާއި އުޖާލާ ދިރިއުޅުން ގުޅިފައިވާ ތަނަކީ އެއީކަން އެނގުމުން ދެލޯ މަރާލާފައިވެސް ކޮންމެ މީހަކު އައިސް މާލޭގައި މަޑުޖެހެނީ މަޖުބޫރުވެގެންނެވެ.
"ކޮން ވިސްނުމެއްގަ" އައްފާން ބުންޏެވެ.
"މީހުން ގިނަކަމުން ހަމަ ބަލެނީ" ޒާރާ ބުންޏެވެ. އައްފާން ހީލި އަޑު އިވުނެވެ.
"ނިއަމް ވެސް ނިދީ ދޯ" ޒާރާ އުނގުގައި އޮތް ނިއަމްގެ ކޮލުގައި އައްފާން ފިރުމާލިއެވެ.
މާގިނައިރު ދަތުރުކުރާކަށް ނުޖެހުނެވެ. އަންނަން ބޭނުންވި މަންޒިލަށް ދެމަފިރިންނަށް އާދެވިއްޖެއެވެ. ޓެކްސީން ޒާރާ ފައިބާފައި މަގު އެއްފަރާތުގައި ނިއަމް ކޮނޑުމަތީގައި ބާއްވައިގެން ޒާރާ ހުއްޓެވެ. ގެނައި ދެ ދަބަސް ބާލާފައި ޑްރައިވަރަށް ލާރި ދީފައި އައްފާން އައިސް ކައިރީގައި ހުއްޓުމުން ޒާރާ ސުވާލުކުރިއެވެ.
"މީތަ އެ ގެއަކީ" ޒާރާ އެހިއެވެ.
"އާނ މިއީ. އެއީ އެކުގަ އުޅުނު ކުއްޖެއް. ހަމަ ޓީޗަރެއް. އޭނަގެ އާއިލާ ދިރިއުޅެނީ މެލޭގަ. ދޭތެރެއަކުން އޭނަ ވިޒިޓް ކުރާނެ އެމީހުން ކައިރިއަށް. މިފަހަރު ދިޔައިރު އަހަރެން ބުނިން އަހަރެން ރަށަށް ދިޔައިމަ ނޫނީ ނާންނައްޗޭ" ހީލަމުން އައްފާން ބުންޏެވެ.
ދެމަފިރިން އެކުގައި ހިނގާފައި ގޮސް ލިފްޓު ކައިރީގައި މަޑުކޮށްލިއެވެ. ހުރިހާ ދިމާލެއް ވަށައިގެން ބަލަމުން ދިޔަ ޒާރާ ފުންނޭވައެއް ދޫކޮށްލިއެވެ. މާހައުލު ބަދަލުވުމުން އަނެއްކާ ބަދަލެއް ނާންނާނެ ހެއްޔެވެ؟ އެއީ އާއްމުކޮށް ވާގޮތެވެ. ނިދަން އުނދަގޫވުމާ ރޯގާ ޖެހުމާ ތަންތަނުގަ ރިހުމަކީ އާއިލީ ކަމެކެވެ.
"ކިތައް ވަނަ ފްލޯ އަށް މި އަރަނީ؟" ލިފްޓަށް ވަންނަމުން ޒާރާ އެހިއެވެ.
"ހަތަރެއް" އައްފާން ބުންޏެވެ.
ޒާރާ މާގިނައިން ސުވާލުކުރާތީ އައްފާން ހިނިއައެވެ. ޒާރާގެ މޫނަށް ބަލައިލީ ވަގުވަގަށެވެ. ޒާރާގެ މޫނުމަތިން އައްފާނަށް ފެނުނީ ވަރުބަލިކަމެވެ.
"ޒާ ހާދަ ސުވާލެއް ތި ކުރަނީ؟ އަނެއްކާ ބިރުގަންނަނީތަ؟" އައްފާން އެހިއެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ.
"ކީއްވެ ބިރު ގަންނަންވީ. އައްޔަ ތި ހުރީނު" ޒާރާ ބުންޏެވެ.
އައްފާން ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ދެ ތިން ލަފްޒެވެ. ތަކުރާރުކޮށް އަޑުއަހާލަން ބޭނުންވިއެވެ.
"އަހަރެން ހުންނާނަން އަބަދުވެސް. ޒާ ދުރަށްލީމަ ނޫނީ ދުރަކަށް ނުދާނަން" އައްފާން ބުންޏެވެ.
"އަހަރެން ކީއްވެ އައްޔަ ދުރަށް ލާންވީ. އަހަންނަށް ހީވަނީ އައްޔަ ހެން އަހަރެން ދުރަށް ލާނީ"
އައްފާންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ޒާރާ ދުލުން ބޭރުކުރި ބަސްތައް ގުޅިފައިވާ ހިސާބު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. އެ ބުނީ ނުހާގެ ވާހަކައެވެ. ޒާރާއަށް ޖަވާބުދޭން އުޅެފައިވެސް އެވަގުތަށް އައްފާން އެއްޗެއް ނުބުނީ އެޕާޓްމަންޓާ ހަމައަށް އާދެވުމުންނެވެ.
އެޕާޓްމަންޓަށް ވަންގޮތަށް ހުރިހާ ދިމާލެއް ޒާރާ ބަލައިލިއެވެ. ކުޑަ އާއިލާއެއް އުޅެން ހެޔޮވަރުގެ ތަނެކެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެކެވެ. ސިޓިންގރޫމުގައި ފަސް ގޮނޑީގެ ސޯފާއެއް ހުއްޓެވެ. ކާ މޭޒަކާއެކު ހަތަރު ގޮނޑި ހުއްޓެވެ. އެއްފަރާތު ފާރު ކައިރީގައި ބޮޑު ޓީވީއެއްވެސް ހުއްޓެވެ. ހެދުން ހިއްކަން އެޅޭގޮތަށް ހުރި ބެލްކަނި އޭގެ ޒާތުގައި ބޮޑެވެ.
"އައްޔަގެ ފްރެންޑް އުޅެނީ މެރީކޮށްގެންތަ؟" ޒާރާ އެހިއެވެ.
"ނޫން. މިއީ އޭނަގެ އެޕާޓްމަންޓް. މި މުޅި އިމާރާތަކީ އޭނަ ބައްޕަގެ ގެ" އައްފާން ބުންޏެވެ.
މުޅި އެޕާޓްމަންޓްގެ ހުރިހާ ތަނެއް ޒާރާ ބަލަންދެން އައްފާން ހުއްޓެވެ. ޒާރާ ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ޒާރާ ތަންތަން ބެލިގޮތުން އޭނާ ކައިރިއަށް ހިނިވެސްއައެވެ.
"ޒާ ކޮޓަރިއަށް ވަދެލާ. އަހަރެން މި އަންނަނީ ކާލާނެ އެއްޗެއް ހިފައިގެން" އައްފާން ބުންޏެވެ.
ޒާރާ ކޮޓަރިއަށް ވަދެ ދިމާލަށް ހުރި ބޮޑު އެނދުގައި ނިއަމް ބޭއްވިއެވެ. ފަހަތުން އައްފާން ވަނީ ދަބަސްތައް ހިފައިގެންނެވެ.
"އިހަށް މަޑުކޮށްބަލަ. މިގޭގަ ކެއްކޭ ގޮތަކަށްނު އެހެރީ. ނޫޑްލްސް ގެނޭ. ބޭނުންވާ އެހެނިހެން އެއްޗެހި ހޯދައިގެން ކެއްކޭނެއްނު. އަހަރެން ބޭނުންވަނީ ކައްކައިގެން ކާން" ޒާރާ ބުންޏެވެ.
"އެހެންވިއްޔާ ޒާ ލިސްޓެއް ހަދާ މަދުނުވާވަރަށް" އައްފާން ބުންޏެވެ.
އައްފާން ނިކުތުމުން ޒާރާ އަވަސްވެލީ ހެދުން ބަދަލުކޮށްލާފައި ޟުހާ ނަމާދު ކޮށްލުމަށެވެ. ވުޟޫކޮށްގެން ފާހާނައިން ނިކުތްތަނާ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ މަންމަ ކަން އެނގުމުން ޒާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އާނ މަންމާ. މި އާދެވުނީ ގެއަށް. އަލްހަމްދުލިއްލާހް ރަނގަޅު ތަނެއް މިއީ" ޒާރާ އިށީނީ އެނދުގައެވެ.
****
ރެސްޓޯރެންޓުގައި ތިބީ ޖުމާ އާއި މާހީ އެކަންޏެވެ. ކޮފީތަށިން މަޑުމަޑުން ބޮމުންދިޔަ ޖުމާ، މާހީއަށް ބަލައިލީ މާހީ މާ ހިމޭންވެފައި އިނުމުންނެވެ. މޭޒު މަތީގައި އޮތް މާހީގެ އަތްމަތީގައި ޖުމާ އަތް އަޅާލިއެވެ.
"ވަރަށް ފޫހި. އަސްލު އަހަރެން ހީކުރީ އަހަރެންނާ ދުރުގަ ފަވާއަށް ނުހުރެވޭނެ ކަމަށް" މާހީ ބުންޏެވެ.
"ދެން ތި ވާހަކަ ދައްކަނީ ކީއްކުރަން؟ ލޯބިވާ މީހަކު ނުދާނެ" ޖުމާ ބުންޏެވެ.
"މިހާރު އެ ޒާރާ ކައިރިއަށް ދިޔައީ ތޯއްޗެ" މާހީ ބުންޏެވެ.
"އަހަރެން އުޅޭހެން އުޅެބަލަ. ނޫޅެން ނަބީލުއާ ހެދި ހޭބަލިވެގެން. އަސްލު މީހަކާ އިނދެގެން އުޅުމަށް ވުރެ އަމިއްލަ މިނިވަންކަމުގަ މިހެން ހުރުން މާ ސަޅި. ބޮލަށް ފަސޭހަ. ބިޓެއް ރައްޓެހިވާން ބުނިއްޔާ ސަޅި ބިޓެއް ވިއްޔާ ރައްޓެހިވާނަން. އިންނާކަށް ނުވިސްނާނަން ދުވަހަކުވެސް. އަހަރެން އިތުބާރެއް ނުކުރާނަން. ބަލައިބަލަ އަހަރެމެން ތިން މީހުންނަށްވެސް ހަމަ އެއްގޮތެއްނު މިވީ"
ޖުމާ ދެއްކި ވާހަކަތައް އަޑުއަހަން އިން މާހީ އެ ވާހަކަތައް ގަބޫލުކުރިއެވެ. އެކަމަކު އޭނާ ހުރީ އެހާ އަވަހަށް ފައްވާޒް ދޫކޮށްލާ ގޮތަކަށް ނޫނެވެ. ފައްވާޒް ދެކެ އޭނާއަށް ވެވިފައިވަނީ ކޮންކަހަލަ ލޯތްބެއް ކަމެއް ނޭނގެއެވެ. އޭނާ ދެކޭގޮތުގައި ފައްވާޒާ އޭނާއާ ދުރުވާން ޖެހުނު ސަބަބަކީ ފައްވާޒްގެ މަންމައެވެ. އޭނާ ނަފްރަތު ކުރަނީ ޖޫލިޔާ އަށެވެ. އަދިވެސް ފައްވާޒްގެ ހިތުގެ ރުހުން ހޯދޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. އޭނާގެ މޮޅެތި އުކުޅުތަކާއި ޖާދޫ ދައްކައިގެން އަދި އެއްފަހަރު ފައްވާޒްގެ ހިތް ހޯދަން މަސައްކަތް ކުރާނެއެވެ.
****
ރޭގަނޑު ކައިގެން ނިކުމެ ޒާރާ މަޑުކޮށްގެން ހުރީ ބެލްކަނީގައެވެ. އޭނާ ހުރީ ޖަންނަތުގެ ފޯނެއްގައެވެ. ފާހާނާއަށް ވަދެފައި ނިކުތް އައްފާން ހުރިހާ ތަނެއް ހޯދަމުން އައިސް ސިޓިންގްރޫމަށް ނިކުތެވެ. ބެލްކަނީގައި ފުރަގަހަށް ހުރި ޒާރާ ފެނުމުން އައްފާން ދިޔައީ އެ ދިމާލަށެވެ.
"ޖަންނަ ދައްކާ ވާހަކަ. ހިތަށް ގޮތެއް ވަންޏާ އައްޔަ ބުނާނެއްނު. އައްޔަ ހިތަކުން އަދި ނުހާ ނުދޭ"
ފަހަތުގައި ހުއްޓުނު އައްފާނަށް ޒާރާގެ އެ ބަސްތައް ރަނގަޅަށް އިވުނެވެ. ހިނިވެސްއައެވެ. އެނާގެ ހިތް ޒާރާއަށް ނޭނގޭތީއެވެ. ޒާރާ ދައްކަމުންދާ ވާހަކަތައް ނީވޭ ހިސާބަށް ދާން ހިތް ބުންޏަސް މިފަހަރު އޭނާގެ ހިތް އެކަމާ ދެކޮޅު ހެދިއެވެ.
"އޯކޭ. ފިރިކަލުންނާ އެކު އައިސްފަ އަހަރެންނަށް ޖަންނަ އާއެކު މާފޮޅުވާކަށް ނުހުރެވޭނެއްނު" ހީލާފައި ޒާރާ ފޯނު ބެއްވިއެވެ. ގޭތެރެއަށް ވަންނަން އެނބުރުނު ވަގުތު މޫނު ޖެހުނީ އައްފާންގެ މޭގައެވެ.
"އައުޗް..." ސިހިފައި ޒާރާ ބުނެލިއެވެ.
އިސްއުފުލާލިއިރު އައްފާންގެ މޫނު އޭނާއަށް ފެނުނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިންނެވެ. ޒާރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާ ލަދުގަތެވެ. އައްފާން ކަޅިޖަހާވެސް ނުލައެވެ.
"ޒާ ހާދަ މޮޅޭ" އައްފާން ބުންޏެވެ.
ޒާރާ ހީނލާފައި އެއް އަރިއަކަށް ޖެހިލިއެވެ.
"ކީއްވެ؟ އަހަރެން ކީއްކުރީ؟" ޒާރާ ބުންޏެވެ.
"އަހަރެންގެ ހިތް އެނގޭތީ. ދެންމެ ޖަންނަ ކައިރީގަ ތި ބުނީނު" އައްފާން ބުންޏެވެ.
އިވުނު އެއްޗެއް ސިއްރުކުރަން މިފަހަރު އައްފާން ނޫޅުނެވެ. ޒާރާގެ އެ ލަދުވެތިކަން ފިލުވަން އެބަ ޖެހެއެވެ. ފާޅުގައި ބަސްބުނަން އެބަޖެހެއެވެ. އެހެން ނޫނީ އިންތިޒާރުކޮށްކޮށް އޭނާ މޮޔަ ވެދާނެއެވެ.
"މިދަނީ ޓޮއިލެޓަށް" ޒާރާ ބުންޏެވެ.
"އަވަހަށް އަންނައްޗޭ" އައްފާން ބުންޏެވެ.
ޒާރާ އެނބުރި ފަހަތް ބަލައިލިއެވެ.
"ކަމެއް އޮތީތަ؟" ޒާރާ އެހިއެވެ.
އައްފާން ހިނގާލާފައި އައިސް ހުއްޓުނީ ޒާރާ ކުރިމަތީގައެވެ. މަޑުމަޑުން ޒާރާއާ މޫނާ ދިމާލަށް އައްފާން ގުދުވަމުން ދިޔައެވެ. ވާން މިއުޅޭ ގޮތެއް ނޭނގި ޒާރާ ހުރި ނޭވާ އަވަސްވެފައެވެ.
"ފިރިކަލުންނާ އެކު އައިމަ ފިރިކަލުންނަށް ވަގުތު ދޭންޖެހޭނެއްނު" މަޑުމަޑުން އައްފާން ބުންޏެވެ. ޒާރާގެ ދެތުންފަތް ލަސްލަހުން ދެފަރާތަށް ދެމުނީ އައްފާން ބަލަހައްޓައިގެން ހުއްޓައެވެ.
ޒާރާ ބާރަށް ހިނގައިގަތުމުން އައްފާނަށް ހެވުނެވެ. އަޖައިބެއް ކަހަލަ ކުއްޖެކެވެ.
"އަންނައްޗެ. މީނީ ސޯފާގަ" ޒާރާއަށް އިވޭވަރަށް އައްފާން ބުންޏެވެ.
****
ސޯފާގައި ދިގަށް އޮށޯވެގެން އޮތް ފައްވާޒްގެ ދެފައި އޮތީ ސޯފާ އިން ބޭރުގައެވެ. އޭނާ އޮތީ އިނގިރޭސި ފިލްމެއް އަޅުވައިގެންނެވެ. ފަހާފޮށި ދޮށުގައި ޖޫލިޔާ އިނީ ހެދުމެއް ފަހާށެވެ. ލިބޭ ހުސް ވަގުތުތަކުގައި ޖޫލިޔާ ކުރާ ކަމަކީ އެއީއެވެ. ޓީވީގެ އަޑު ގަދަކަމުން ބައެއް ފަހަރު ތަންކޮޅެއް އަޑު މަޑުކުރަން ފައްވާޒަށް ގޮވާލާފައި ބުނެލައެވެ. އެ ވަގުތަށް އަޑު މަޑުކޮށްލާފައި ޖޫލިޔާ އެނބުރޭ އިރަށް އަނެއްކާވެސް އަޑު ބާރުކޮށްލައެވެ.
"އަޑު މަޑުކުރީމަ އެއްޗެއް ބަލާހެނެއް ހިއެއް ނުވޭ މަންމާ" ފައްވާޒް ބުންޏެވެ.
ގަދަކަމުން ޓީވީ އަޑު މަޑުކުރާކަށް ޖޫލިޔާ ނޫޅެއެވެ. ފައްވާޒްގެ އުފާތަކަށް އެއްވެސް ހުރަހަކަށް ވާކަށް ޖޫލިޔާ ބޭނުމެއް ނުވެއެވެ. ފައްވާޒްގެ ދިރިއުޅުމަށް އައި ބަދަލުތައް އޭނާއަށް ފާހަގަކުރެވިއްޖެއެވެ. މުޅި ދުވަހު ފައްވާޒް އޮންނަނީ ގޭތެރޭގައެވެ. ވަޒީފާ އިން އައިސް އޭނާ ބޭރަށް ނިކުންނަނީ ކޮންމެ ބަންގިޔަކާ އެކުއެވެ. ދިރިއުޅުން ބަދަލުވުމާއެކު ގެންގުޅުނު ކަމުނުދާ އެކުވެރިންވެސް ދޫކޮށްލައިފިއެވެ. ދެރަ ތަންކޮޅަކީ ފައްވާޒަށް ވިސްނުނުއިރު ވަގުތުފާއިރުވެފައި ވުމުންނެވެ.
ކުއްލިއަކަށް ޖޫލިޔާ ބަލައިލީ ޓީވީ އަޑު ކެނޑުމުންނެވެ. އެނާ ފަހަތަށް އެނބުރި ބަލައިލިއިރު ފައްވާޒް އިނީ ސޯފާގައި އިށީނދެގެން ފޯނު ހިފައިގެންނެވެ. ޖޫލިޔާ ބަލައިލާފައި ކިހިނެއްވީހޭ އަހާލިއެވެ.
"ނުދަންނަން" ފޯނަށް ފައްވާޒް ޖަވާބުދިނެވެ. ދެން ފޯނު ކަނޑާލިއެވެ. އޭނާ ޓީވީ އަޑުނުޖައްސައި މަޑުކޮށްލީ އެ ނަންބަރު އަދި ގުޅާނެތީއެވެ. ވީވެސް އެހެންނެވެ. އެ ނަންބަރުން އަނެއްކާވެސް ގުޅައިފިއެވެ.
"ކިހާ ދެރަކަމެއްތަ؟ ކޮން މާހިއެއްތަ؟ މި ބުނީނު މަށަށް ނުގުޅާށޭ" ފައްވާޒް ހަޅޭއްލަވައިގަތް އަޑަށް ޖޫލިޔާ އައިސް ކައިރީގައި އިށީނެވެ. ފޯނު ސޯފާ މައްޗަށް ޖަހާފައި ޖޫލިޔާއަށް ފައްވާޒް ބަލައިލިއެވެ.
"އަހަރެން ދެން އޭނަ ކައިރިއަކަށް ނުދާނަން. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވުމުގެ އެންމެ ބޮޑު އަސްލަކީ އެއީ. އޭނަ އަނެއްކާ އެ އުޅެނީ އަހަރެން ކުރީގެ ދިރިއުޅުމަށް ގެންދަން" ފައްވާޒް ބުންޏެވެ.
****
ނިއަމް އަށް ކާން ދޭން ޒާރާ އިނީ ކޮޓަރީ ގައެވެ. ޓައިލްސްތަކުގެ މަތީގައި ހުރި ކުޅޭ އެއްޗެހިތަކުގެ ތެރޭގައި އިން ނިއަމް އަށް ގެއްލިފައި އިން ޒާރާ ކުއްލިއަކަށް ސިހުނީ ފާހާނައިގައި ހުރި އައްފާން ހަޅޭއްލަވައިގަތް އަޑަށެވެ. ޒާރާ އަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. ފާހާނާ ތަންޑު ނައްޓާލާފައި ނިކުތް އައްފާން ހައިރާންވެފައި ހުރި ޒާރާ ފެނުމާއެކު ހިމޭންވިއެވެ. މީހާ ހަމަޖެހެން މަސައްކަތް ކުރިއެވެ.
"ކަމެއް ވީތަ؟" ޒާރާ އެހިއެވެ.
"ކު... ކުރަތްޕެއް އެބައިން ފާރުގަ" އައްފާން ބުންޏެވެ.
ޒާރާ ދެތުންފަތް ބައްދާލީ ހިނިއައި ވަރުންނެވެ. އެތަން އައްފާނަށް ފެނުމުން ހީލިއެވެ.
"އެއްކަލަ ދުވަހު ޒާ އުޅުނީމެއްނު ބުޅާ ދެކެ ބިރުން. އަހަރެން ހުރީމެއްނު ކައިރީގަ" އައްފާން ބުންޏެވެ. ޒާރާ އައިސް އައްފާން ކައިރީގައި ހުއްޓުނެވެ. ކުރަފި ދެކެ އައްފާން ބިރުން އުޅުނު ތަން އޭނާ އަށް އަދި މިފެނުނީއެވެ.
"ޒާ ދޭބަލަ އޭތި ފޮނުވާލަން. ޝަވަރުން ފެންޖަހާލިޔަސް ރަނގަޅުވާނެ" އައްފާން ބުންޏެވެ.
"އަސްލު އަހަންނަކަށް ވެސް ނުކެރޭނެ އެހާ ކައިރިއަށް ދާކަށް" ޒާރާ ބުންޏެވެ.
"ދެން ކިހިނެއް ހަދާނީ؟ ނިއަމް ފޮނުވަން ވީނުން" އައްފާން ބުންޏެވެ.
ޒާރާ އަށް ހެވުނީ ދެނެވެ. އައްޔަ ހަމަޖެހިގެން ހުރިނަމަ އެކަހަލަ ތާކުންތާކު ނުޖެހޭ އެއްޗެއް ނުބުނާނެއެވެ. ކޮންމެގޮތެއް ވިޔަސް އައްޔަ އެހެރީ ބިރުންނެވެ. ކޮންމެސް ގޮތަކަށް އޭތި ފޮނުވާލަން އެބަޖެހެއެވެ.
(ނުނިމޭ)