އައްފާން ހިނިތުންވެލައިގެން ފުރަގަހަށް ހުރި ޒާރާއަށް ބަލަހައްޓައިގެން އިނެވެ. އޭނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ޒާރާ އަދިވެސް ކަނީ ވަރަށް މަދުންކަން އައްފާނަށް އެނގުނެވެ. އެ ތެދުވީ އެންމެ ރޮއްޓެއް ކައިގެންނެވެ. ނަމެއްގައި ގިރި ކޮފީތަށި އެއްކޮށް ހުސްކޮށްލިކަން ނަސީބެވެ. އޭނާ ޒާރާއަށް ގިނައިން ކާންދޭން ބޭނުންވިއެވެ. މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން އަނަރޫފަވެފައިވާ ޒާރާގެ ހަށިގަނޑު އެއަށްވުރެ ރަނގަޅުވާން އެނާއަށް އެދެވެއެވެ. އޭނާ އަދި އެކަން ކުރާނެއެވެ. އެކަމަކު އެއީ ޒާރާއަށް މަޖުބޫރުން ކާންދީގެނެއް ނޫނެވެ. މަޑުމަޑުން ޒާރާއަށް ވަގުތު ދީގެންނެވެ.
****
ކައިވެނިކުރުމާ ގުޅިގެން ދެމަފިރިން ނެގި ކުޑަ ޗުއްޓީގައި ބޭރަށް ނުގޮސް ގިނަވަގުތު ހޭދަކުރީ ގޭގައެވެ. ނިއަމްގެ ކަންތަކުގައި އަވަދިނެތި ޒާރާ އުޅޭއިރު ގިނަވަގުތު އައްފާން އިންނަނީ ނިއަމް ގޮވައިގެން ޒާރާ އުޅޭ ގޮތް ބަލާށެވެ. ދެމައިން މަޖާ ނަގާ މަންޒަރު ފެންނަ ކޮންމެފަހަރަކު އައްފާނަށް ހީވަނީ އޭނާގެ ހިތުގައި ފިނި ރޯޅިއެއްގެ ވައި އެޅޭހެންނެވެ. އެއީ އޭނާ ބަލައި ފޫހިނުވާނޭ މަންޒަރެކެވެ. ޒާރާއަށް ނޭނގި އެ މަންޒަރުތަކުގެ ވީޑިއޯވެސް އައްފާން ކޮށްފިއެވެ.
ރީތިކޮށްގެން އެނދުގެ ބިއްދޮށުގައި ނިއަމް ބައިންދާފައި ޒާރާ ތެދުވިއެވެ. އެނދުމަތީގައި ހުރި ނިއަމްގެ ރީތިވާ ސާމާނުތައް ނަގައިގެން އެ ހުންނަންޖެހޭ ތަންތަނުގައި ބަހައްޓަމުން ދިޔައެވެ. ދިމާލަށް ހުރި ފާރުގައި ހިތެއްގެ ބައްޓަމަށް ހުރި ގަޑިއަށް ޒާރާ ބަލައިލިއެވެ. އިރުކޮޅަކުން އިޝާނަމާދަށް ގޮވާނެއެވެ. ނިއަމް ނިންދަވަންވީ ވަގުތު ޖެހުނީއެވެ. ޒާރާ އެނދު ކައިރީގައި ހުއްޓިފައި ނިއަމް އުރާލިއެވެ. ނިންދެވުމުގެ ކުރިން ނިއަމްއަށް ގާތުން ދޭން ޒާރާ ބޭނުންވިއެވެ. އޭނާއަށް ބަލައިލެވުނީ އައްފާނަށެވެ. ފޯނަށް ބަލަހައްޓައިގެން އައްފާން އިނެވެ. ޒާރާ އަށް ބުނާކަށް ނުކެރުނެވެ. ބުނުމަކީވެސް ރަނގަޅުކަމެއް ނޫނޭ ޒާރާގެ ހިތް ބުނެލިއެވެ. އެންމެފަހުން ޒާރާ އެނދުގައި އިށީނެވެ. އައްފާނަށް ފުރަގަސްދީގެންނެވެ.
"މިދަނީ މިސްކިތަށް އެނގޭ" އައްފާންގެ އަޑު އިވުމާއެކު ޒާރާގެ ހަށިގަނޑު އެއިންގޮތަށް ސީދާކޮށްލިއެވެ. އައްފާން ކައިރިއަށް ހިނިވެސްއައެވެ. ޒާރާ ބޯޖަހާލިތަން ފެނުމުން އައްފާން ކޮޓަރިން ނިކުތެވެ.
****
އަނެއް ދުވަހެވެ. ގެއިން ނިކުތީ އައްފާނާއި ޒާރާއާ އެކުގައެވެ. ނިއަމް އުރައިގެން ހުރީ އައްފާނެވެ. ދެމަފިރިން ދަރިފުޅު ގޮވައިގެން ހިނގާލާފައި އައީ ޒާރާގެ ގެއާ ދިމާލަށެވެ. މަގުމަތިން އެތައް ބައެއްގެ ނަޒަރު އެ ދެމަފިރިންނަށް އަމާޒުވަމުން ދިޔައެވެ. ކޮންމެ މީހެއްވެސް ޒާރާއަށް ބަލައިލަނީ ލޯތްބާ އޯގާތެރިކަމުގެ ބެލުމަކުންނެވެ. ބައެއްމީހުން ގޮވާލާފައި ދެމަފިރިންނަށް ބާއްޖަވެރި ކައިވެންޏަކަށްވެސް އެދެމުން ދިޔައެވެ.
"ޒާ ވަންނަންވީނުން. އަހަރެން މިދަނީ" އައްފާން ބުންޏެވެ.
ދޮރާށިން އެތެރެއަށް ވަދެފައިވެސް ބޭރަށް ނިކުމެ ޒާރާ ބަލައިލިއެވެ. އައްފާން ބަލަހައްޓައިގެން ހުއްޓައި ފެނުމުން ޒާރާ ރަކިވާ ގޮތް ވިއެވެ. ބުނާނެ އެއްޗެއް ނޭނގި ޒާރާއަށް ހީލެވުނެވެ. ދަތްތައް ފެންނަ ވަރަށް އައްފާނަށް ހީނލެވުނީ ޒާރާ އެތެރެއަށް ވަނުމުންނެވެ.
"މަންމާ... ބަލާ ދޮންތި އައީ" ސޯފާގައި އިން ނޫރީނަށް އެތެރެއަށް ވަތް ޒާރާ ފެނުމުން ހިމްނާއަށް ބާރަށް ގޮވާލިއެވެ. އެވަގުތު ބަދިގޭގައި ފެން ބޯން ހުރި ހިމްނާ ނިކުމެ ބަލައިލައިފިއެވެ. އޭރު ނޫރް ހުރީ ޒާރާގެ ގައިގައި ބައްދާލައިގެންނެވެ. ހިމްނާ އައިސް ކައިރީގައި ހުއްޓުމާއެކު ޒާރާ ހީލިއެވެ.
"ދަރިފުޅު ހަނދާންވާތީ ނޫރް ވަރަށް އުޅުނު" ހީލަމުން ހިމްނާ ބުންޏެވެ. "ދަރިފުޅު ދޭބަލަ ނިއަމްކޮ ގޮވައިގެން ކުޅެލަން"
ވަގުތުން ނިއަމް އުރާލައިގެން ނޫރީން ދުރަށް ހިނގައިގަތެވެ. ޒާރާގެ އަތުގައި ހިފާލައިގެން ހިމްނާ ހިނގައިގަތެވެ. ސޯފާގައި އިށީނދެފައި ކައިރީގައި ޒާރާ ބޭންދިއެވެ. ފަރުވާތެރިވެ ޒާރާގެ މޫނަށް ހިމްނާ ބަލައިލިއެވެ.
"މާޝާﷲ. ތިމޫނު ފޮތިކޮޅުގެ ތެރެއިން ދަރިފުޅުގެ މޫނު ފެންނަނީ ހާދަ އުޖާލާކޮށޭ. ހާދަ ތަފާތޭ" ޒާރާގެ މޫނުގައި ހިމްނާ ފިރުމާލިއެވެ. އުނގުތެރޭގައި އޮތް ޒާރާގެ ދެއަތްތިލައިގައި ހިމްނާ ހިފަހައްޓާލިއެވެ.
"މަންމަ ނާހާނާން އަލީ ކިހިނެއްތޯ. މަންމައަށް ޔަގީން އަލީ ދަރިފުޅަށް ގޯހެއް ނުވާނެކަން" ހިމްނާ ބުންޏެވެ.
"އާނ މަންމާ. އައްޔަ ވަރަށް ރަނގަޅު. ހީކުރިގޮތާ ހިލާފަށް އަހަރެންނަށް އެއްވެސް އުނދަގުލެއް ނުވޭ މަންމާ. ހިތަށް އެރި ދެވަނަ ކައިވެނިވީމަ އުނދަގުވާނޭ. އެހެން މީހަކާއެކު އެއްކޮޓަރީގަ ނޫޅެވޭނޭ. އެކަމަކު އައްޔަ... އައްޔަ އަހަރެންނަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ" ޒާރާ ވާހަކަދެއްކިއެވެ.
ހިމްނާއަށް ވިސްނުނެވެ. ޒާރާއާ ސުވާލެއް ނުކުރިޔަސް ކައިވެނީގެ ފުރަތަމަ ރޭ ދިޔައީ ކިހިނެއްކަން ހިމްނާއަށް އެނގިއްޖެއެވެ.
"ކޮބާ އަލީ؟ ގޮވައިގެން އައިނަމަ ސައިބޯން" ހިމްނާ ބުންޏެވެ.
"އަލީ މިހުރީނު. ފޯނެއްގަ ބޭރުގަ ހުރީ" ހިމްނާ އާއި ޒާރާ ބަލައިލީ އައްފާންގެ އަޑަށެވެ. އެއާއެކު ހިމްނާ އާއި ޒާރާއަށް އެއްކޮށް ހެވިއްޖެއެވެ.
އާއިލާ އެކުގައި ހަވީރުގެ ސަޔަށް އިންސާފުކުރަން މޭޒު ކައިރީގައި ތިބިއިރު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވީ ހިމްނާގެ ހިތަށެވެ. އެއީ އޭނާ ކިހާ ދުވަހަކުން ފެށިގެން އިންތިޒާރު ކުރި ދުވަހެއް ހެއްޔެވެ؟ އަނެއްކޮޅުން ޒާރާގެ ތުންފަތްމަތިން ފެންނަން ހުރި ހިތްހަމަޖެހުމަކީ އޭނާގެ ހިތަށް ލިބޭ އެންމެ ބޮޑު ހަމަޖެހުމެވެ.
****
ކައިވެންޏަށް ހަފުތާއެއްގެ މުއްދަތު ފާއިތުވެގެން ދިޔައިރު ފިރިމީހާގެ ގެއަށް ޒާރާ ހޭނިއްޖެއެވެ. ރޭގަނޑުގެ ކެއުން ނިންމާލިގޮތަށް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ޒާރާ ވަނީ ވަސީމާގެ ކޮޓަރިއަށެވެ. އާއިން އާއި އަމާނީއަށް ފިލާވަޅުތައް ބުނެދިނުމުގައި އޭނާ ވަގުތުތަކެއް ހޭދަކުރިއެވެ. ގޯތިތެރެއަށް ނުކުތްއިރު ބަދިގެއިން ތަށި ތަޅުވާ އަޑު އިވޭތީ ޒާރާ ދިޔައީ އެ ދިމާލަށެވެ. ކާއެއްޗިހި ހޫނުކުރަން ހުރި ވަސީމާ ފެނުމުން ޒާރާ އެތެރެއަށް ވަނީ މަސައްކަތުގައި ބައިވެރިވުމަށެވެ.
"ދައްތަ ހީކުރީ އެއްޗެހި ޕެކްކުރަން ކަމަށް އުޅޭނީ" ޒާރާ ފެނުމާއެކު ހީލަމުން ވަސީމާ ބުންޏެވެ.
"އެކަން މިއަދު ނިންމާލައިފިން" ޒާރާ ބުންޏެވެ.
ވަސީމާ ކުރަމުންދިޔަ މަސައްކަތުގެ އެއްބައިގައި ޒާރާ ހިފިއެވެ. ވަސީމާ ހިނިތުންވެލިއެވެ. ޒާރާ ކައިރީގައި އެއްވެސް ކަމެއް ކުރަން ބުނާކަށް ވަސީމާއަށް ނުޖެހެއެވެ. ވަސީމާގެ ކަރަށް ނާރެއް އަރައިގެން މުޅި ދުވަހު އުޅުނީ ރިއްސާވަރުންނެވެ. ގޭތެރޭގެ ހުރިހާ ކަމެއް ބެލެހެއްޓީ ޒާރާއެވެ. އައްފާންގެ އެއްބަފާ ދެ ކޮއްކޮ އިން ގެންގުޅުނީ ނިއަމް ފަދައިން އަބަދު އޭނާގެ ލޯ މަތީގައެވެ. އެކުދިންގެ ކަންކަން ވެސް ޒާރާ ބެލެހެއްޓިއެވެ.
"ނިއަމް ރޯ އަޑު ދޯ" ކުއްލިއަކަށް ހުއްޓިފައި ޒާރާ ބުންޏެވެ.
ފިހިގަނޑު ފާރުގައި ލައްކޮށްލާފައި ޒާރާ ދުއްވައިގަތެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލުމާއެކު މޭޒު ކައިރީގައި ލެޕްޓޮޕް ހިފައިގެން އިން އައްފާން ބަލައިލިއެވެ. ޒާރާ އެތެރެއަށް ވަދެފައި ނިއަމްއަށް ރަނގަޅަށް ބަލައިލިއިރު ނިއަމް އޮތީ ގަދަ ނިދީގައެވެ.
"ނިއަމް ރޯލި އަޑު އިވުނު" ޒާރާ ބުންޏެވެ.
"އެއީ ނިދީގަ އޮވެފަ. ޒާ ހާދަ ކަންފަތް ތޫނޭ ދޯ" ހީލަމުން އައްފާން ބުންޏެވެ.
"އާނ ބަދިގޭގަ ހުއްޓަ އިވިއްޖެ. ނިއަމްއާ ޖެހުނު ފަހުން ކަންފަތް ތޫނުވެއްޖެ ހަމަ" ހީލަމުން ޒާރާ ބުންޏެވެ.
"ބައެއްފަހަރު ޔޫކް ރޯ އަޑު އިވޭހެން ހީވޭ ސްކޫލުގަ އިންނައިރު. ފަހުން އެ އަޑަށް ހޭނިއްޖެ" މާޒީގެ ތެރެއިން ދުވަސްތަކެއް ހަނދާންކުރަމުން ޒާރާ އެނދުގައި އިށީނެވެ. އިންތަނުން އައްފާން ތެދުވިއެވެ. އެނދުގައި އިށީނދެގެން އިން ޒާރާއާ ގާތަށް އައްފާން އަންނަމުން ދިޔައެވެ. ޒާރާ ނޭނގޭ ކަމަށް ހަދައިގެން އިނަސް އޭނާގެ ނޭވާ އަވަސްވަމުން ދިޔައެވެ.
"އަހަރެން މިތަނުގަ އިށީންނަންތަ؟" އައްފާން ބުންޏެވެ.
"ތިއީ އަހާ އެއްޗެހިތަ؟" އެވަރުގެ ކަމަކަށް އައްފާން އެދުމުން ޒާރާ ދެރަވާގޮތް ވިއެވެ.
އައްފާން އިށީނެވެ. ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. އޭނާ މިއަދު ޒާރާއަށް ޝުކުރު އަދާނުކޮށެއް ނުހުރެވޭނެއެވެ. އޭނާއަށްޓަކައި ޒާރާ އެކޮށްދެނީ ކުޑަކަމެއް ނޫނެވެ.
"ޒާ..." ޒާރާގެ އަތުގައި ހިފާލަން އުޅެފައިވެސް އައްފާން މަޑުޖެހުނެވެ. ފިރިއެއްގެ ހައިސިއްޔަތުން އެ އަތުގައި އޭނާ ހިފާނީ އަންބެއްގެ ހައްގު އަދާކުރަން ޒާރާ ހިތުން ރުހުމުން ގަބޫލުވި ދުވަހަކުންނެވެ. އެހާތަނަށްވެސް އައްފާން ހުންނާނީ ޒާރާ ބެހެއްޓި ހިސާބުގައެވެ. އެއީ ފަހަރެއްގައިވެސް ޒާރާ ގޯސްކުރުމުގެ ގޮތުންނެއް ނޫނެވެ. އޭނާގެ ހިތުގައި ޒާރާއަށްޓަކައި އޮތް ވަފާތެރި ތެދުވެރި ލޯބީގެ ހައްގުގައެވެ.
"އައްޔަ އެއްޗެއް ބުނިންތަ؟" އައްފާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒާރާ ބުންޏެވެ.
"ނޫނޭ. އަދި ނުބުނަން. ބުނަންވީތަ؟" އައްފާން ބުންޏެވެ.
ޒާރާއަށް ހެވުނެވެ. ޔޫކް މަތިން ހަނދާންވެ ދެރަވެފައިވި މޫނުމަތި އައްފާން ބަދަލުކޮށްލައިފިއެވެ.
"އަހަރެން ބުނަން އުޅުނީ ތެންކިޔު އޭ. ޒާ ތިކޮށްދޭ ހުރިހާކަމެއް އަހަރެން ބަލައިގަންނަން. ބަދަލުގަ ޒާ އަހަރެންގެ ފަރާތުން ކޮންމެ ކަމަކަށްވެސް އެދެންވީ" އައްފާން ބުންޏެވެ.
"އަހަރެންނަކީ އައްޔަގެ އަނބިމީހާއެއް ނޫންތަ؟" ޒާރާ ބުންޏެވެ.
ޒާރާގެ ދުލުން 'އަނބިމީހާ' ލަފްޒު ބުނި އަޑުއަހާލާފައި އެކަނިވެސް އައްފާންގެ ގައިން ހީބިހި ނަގައިގަތެވެ. އަހާލަން އަރާމު ބަސްކޮޅެކެވެ. އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ އިންތިޒާރު ބޮޑުކަން އިހުސާސްކޮށް ދިން ލަފްޒެކެވެ.
"ނިއަމް އެއީ އަހަރެންގެ ދޮންދަރިއެއް ނޫން. އެއީ އަހަރެންގެ ދަރިއެއް. އަހަރެންނަށް ނޭނގޭ ނިއަމްއާ ނުލައި ދެން އުޅޭނެ ގޮތެއް. ހުދު ނިއަމް ވެސް އަހަރެން ބަލައިގަނެއްޖެ. އެ ކުއްޖާ އަހަރެންނަށް 'މަންމަ' އޭ ކިޔާ ގޮވަނީ އަހަރެން އެހެން ކިޔާފަ ގޮވާށޭ ބުނާތީއެއް ނޫން"
ޒާރާ އެނދުން ތެދުވިއެވެ. އެ ވާހަކަތައް ދައްކަން ފެށުމާއެކު ޒާރާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އައްފާން ތެދުވީ ޒާރާގެ އަޑަށް އައި ބަދަލު ފާހަގަވުމުންނެވެ.
"އަހަރެން އައްޔައަށް ކޮށްދޭ އެއްވެސް ކަމަކަށް ނުޖެހޭނެ ތެންކިޔު ބުނާކަށް. އަހަރެން ކުރާ ކަމެއް ކުރަނީ އެއީ އަހަރެންގެ ޒިންމާއެއް ކަމަށް ދެކިގެން. އަދި އެއްދުވަހަކުން އަނބިމީހާ....." ޒާރާއަށް ނުބުނެވުނެވެ. ޒާރާގެ ބަސްތަކުން ހަގީގަތުގައި ވެސް އައްފާން ދެރަވެއްޖެއެވެ. ޒާރާއަށް ގާތަށް ހިނގައިގަނެވުނީ ބޭއިހުތިޔާރުގައެވެ. އޭނާގެ ސަބަބުން އެއްވެސް ކަމެއްގައި ޒާރާ ދެރަވުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
"ސޮރީ... އަހަރެން އުޅުނީ"
އައްފާން ބަސްހުއްޓުނީ އޭނާއާ ވީ ފަރާތަށް އެނބުރުނު ޒާރާގެ ދެލޮލުން ވިދަމުން ދިޔަ ކަރުނަތައް ފެނިފައެވެ. އައްފާންގެ ހިތަށް ތަދުވެލިއެވެ. ޒާރާގެ ދެލޮލުން ކަރުނަ ފެނުމުން އޭނާ ދެރަވެއްޖެއެވެ.
"ކޮންމެ ގޮތަކަށް ކަންތައްވިޔަސް މި މަގާމުން އަހަރެން ދުރުނުކުރައްޗޭ. އަހަރެން ނިއަމް ދެކެ ލޯބިވަން. ވަރަށް ބޮޑަށް. އަދި އާއިން އާ އަމާނީ ވެސް. އަހަރެން އެކުދިންނާ މެދު ދެކެނީ ނޫރް އާ މެދު ދެކޭ ފަދައިން. އެއިން އެއްވެސް ކުއްޖެއް އަހަރެން ތަފާތެއް ނުކުރާނަން" ޒާރާ ބުންޏެވެ.
އައްފާންގެ ހިތް އުފަލުން ފުރުނެވެ. ވަގުތުން ޒާރާ ގެނެސް އޭނާގެ މޭގައި ޖައްސައިލަން ބޭނުންވިއެވެ.
"ނުކުރާނަން... ދުވަހަކުވެސް ނުކުރާނަން. ތިއީ ނިއަމްގެ މަންމައަކީ" އައްފާން ބުންޏެވެ. ޒާރާގެ ކުރިމަތީގައި ހުރި އައްފާނަށް ޒާރާގެ ދެލޮލުން ވެއްޓުނު ކަރުނަ ތިއްކަށް ބަލަހައްޓައިގެން ނުހުރެވުނެވެ. އޭނާގެ އަތް މަޑުމަޑުން ހިއްލާލާފައި ދެ އިނގިލިން ޒާރާގެ ލޯ ކައިރި ފޮހެލިއެވެ.
"ދެން ނުރޮއްޗޭ. ޒާގެ ދެލޮލުން ކަރުނަ ދުށުމަކީ އަހަރެންނަށް ބަލަން ކެތްވާވަރުގެ އެއްޗެއް ނޫން" އައްފާން ބުންޏެވެ.
ޒާރާ އިސްއުފުލައި އައްފާނަށް ބަލައިލިއެވެ. އައްފާން އެބުނީ ހާދަ ބޮޑު ޖުމްލައެކެވެ. އެ ޖުމްލައިގެ މާނަ ހޯދަން ޒާރާ ބޭނުންވެއެވެ. ސުވާލުކުރުމަށް މަޑުމަޑުން އޭނާގެ ދެ ތުންފަތް ފޭކޮށްލިއެވެ. އެއްޗެއް ބުނެވުނީ ދެ ތުންފަތް ތުރުތުރު އަޅަންފެށިތާ ހިނދުކޮޅެއް ފަހުންނެވެ.
"ކީއްވެ؟ އަހަރެން މިއީ ކާކު؟" ޒާރާ ބުންޏެވެ.
އައްފާންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޒާރާ އެ ސުވާލުކޮށްލީ ހާދަ މައުސޫމު ގޮތަކަށެވެ. ޒާރާ ކައިރީގައި ތެދަށް ބުނަން އައްފާން ބޭނުންވިއެވެ. އެކަމަކު އަދި އަވަހެވެ. އައްފާން ބޭނުންވަނީ ދުލުން އިގުރާރުވުމުގެ ކުރިން އައްފާންގެ އަމަލުތަކުން ޒާރާ އެކަން ދެނެގަންނާށެވެ.
"އެއީ ތިއީ ނިއަމްގެ މަންމަ ވީމަ. ނިއަމްގެ މަންމަ ރުއީމަ ނިއަމް ކިހާ ދެރަވާނެ" އައްފާން ބުންޏެވެ.
ޒާރާއަށް ހެވުނެވެ. އަމިއްލައަށް ދެލޯ ކައިރި ސާފުކޮށްލިއެވެ. އައްފާންގެ ކުރިމަތިން ޒާރާ ދުރަށް ޖެހުނެވެ. އޭނާ ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ.
"އެއްޗެއް ގަންނަން އޮތިއްޔާ މިރޭ ގަންނަންވާނެ ދޯ. މާދަމާ ދިހައެއް ޖަހާއިރު ފުރާއިރު ވިޔަފާރިކުރާކަށް ނޫޅެވޭނެއްނު"
ޒާރާ ވާހަކަދައްކަމުން ދިޔައިރު ކުޑަދޮރުގައި ލެނގިލައިގެން ހުރި އައްފާން ހުރީ ޒާރާއަށް ބަލަހައްޓައިގެންނެވެ.
****
އެނދުގައި އޮތް އައްފާން ފަހަތް ބަލައިލީ ކޮޓަރިތެރެ އެއްކޮށް ހިމޭންވެ ޒާރާ ނިދި ކަމަށެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން އަލަމާރި ކައިރީގައި ހުރި ޒާރާ އައްފާނަށް ފެނުނީ ހިޔަންޏެއް ފަދައިންނެވެ. ފަރުވާތެރިވެ ޒާރާ އެކުރާ ކަމެއް އޭނާ ބަލައިލިއެވެ. ބޮލުގައި އޮތް ބުރުގާ ވަކިކޮށްލިކަން އައްފާނަށް އެނގުނީ ވަރަށް ގިނައިރު ބަލަހައްޓައިގެން އޮތް ފަހުންނެވެ. އައްފާންގެ ހިތް ތެޅިލިއެވެ. އެގޮތަށް ސިއްރުން ބަލަން އޮތުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫންކަން އޭނާގެ އަމިއްލަ ނަފްސު ހަނދާންކޮށްދިނެވެ. ވަގުތުން އައްފާން އުއްޑުން ޖެހިލިއެވެ. ނިއްމައްޗަށް އަތް އެއްލި ގޮތަށް އޭނާގެ ނަޒަރު ހުއްޓާލީ ސީލިންގަށެވެ. އޭރުވެސް ހިތުގެ ތެޅުން މަޑެއް ނުވެއެވެ. ހިތް ހަމަޔަކަށް އެޅުވޭތޯ އޭނާ އޮތީ އެއް އަތުން މޭގައި ފިރުމާލަ ފިރުމާލައެވެ.
"ޒާ..."
އައްފާންގެ އަޑު އިވުނީ ބުރުގާ ބަދަލުކޮށްގެން އައިސް ޒާރާ އެނދަށް އެރި ވަގުތުގައެވެ.
"ކީއް ތިކުރަނީ؟ އަހަރެންނަށް އެނގޭ ޒާ އަދި ކިރިޔާއެއްނު އެނދަށް ތި އެރީ" އައްފާން ބުންޏެވެ.
ޒާރާ ހިންދިރުވާލިއެވެ. އޭނާ ހީކުރީ މިހުރިހާއިރު އައްފާންގެ ހަބަރެއް ނުވުމުން އައްފާން ނިދާފައި އޮތް ކަމަށެވެ.
"ކަމެއް ނުކުރަން. ނިދަންވީ ދެން" ޒާރާ ބުންޏެވެ.
"ދެންމެ ޒާ ނިދިކަމަށް ބަލައިލިއިރު ހީވި އަލަމާރި ކައިރީގައި ހުރިހެން" އައްފާން ބުންޏެވެ. ޒާރާއާ ސަމާސާއެއް ކޮށްނުލައި އޭނާއަށް މިހާރު ނުހުރެވެއެވެ.
"ކީއްވެ އެއްޗެއް ނުބުނީ؟ ހުރިންދޯ އަލަމާރި ކައިރީ"
ޒާރާ ތުންފަތުގައި ދަތް އަޅާލިއެވެ. ބުރުގާ ބަދަލުކުރިތަން އައްޔައަށް ފެނުނީ ހެއްޔެވެ؟ އެއްޗެއް ނުބުނެ ޒާރާ ހިމޭން ވުމުން އައްފާނަށް ހެވުނެވެ. މިހާރު ޒާރާ އިންނާނެ ގޮތް އޭނާއަށް ސިފަވިއެވެ. ތެދުވެގެން ގޮސް ޒާރާ ކައިރީގައި އޮށޯވެލާހިތްވިއެވެ. ލަދުވެތިކަމުން ވަށާލާފައިވާ ޒާރާގެ މޫނަށް ގާތުން ބަލައިލާހިތްވިއެވެ.
"އައްޔަ... އައްޔައަށް ފެނުނުތަ؟" ޒާރާ އެހިއެވެ.
އައްފާންގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އެއްއަރިއަކަށް ޖެހިލާފައި އަނެއްކާވެސް ޒާރާއަށް އައްފާން ބަލައިލިއެވެ. އަދިވެސް ޒާރާ އިނީ އެނދުގައި އިށީނދެގެންނެވެ.
"އުނހު. ބުރުގާ ނަގައިގެން ހުއްޓަ ބަލާކަށް ޒާ އަދި ހުއްދަ ނުދެމެއްނު" އައްފާން ބުންޏެވެ.
ދެން ބުނާނެ އެއްޗެއް ޒާރާއަށް ނޭނގުނެވެ. ބައެއްފަހަރު އައްފާން ސަމާސާއަށް ބުނެލާ އެއްޗެހިން ޒާރާގެ ދޫ އެއްކޮށް ބަންދުވެއެވެ.
"ސޮރީ..." އަނެއްކާވެސް އައްފާން ބުންޏެވެ.
އިނގިލީގައި ދަތްއަޅާލައިގެން އިން ޒާރާގެ ތުންފަތް ލަސްލަހުން ދެފަރާތަށް ދެމިލިއެވެ. މަޑުމަޑުން ދެފައި އެނދަށް އަރުވާފައި ކުއިލްޓުން ނިވާކޮށްލިއިރު ފަނޑު ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.
"ގުޑްނައިޓް" އަނެއްކާވެސް އައްފާންގެ އަޑު އިވުނެވެ.
"ގުޑްނައިޓް" ޒާރާވެސް ބުންޏެވެ.
****
ނިދިފައި އޮތް ފައްވާޒް މޫނު ދެފަރާތަށް ތަޅުވަމުން ދިޔައެވެ. އޭނާ އޮތީ ދެބަނިންޖެއްގައެވެ. ނިދީގެ ތެރެއިން އޭނާއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެ އުނދަގޫތަކުގެ ތެރެއިން އޭނާއަށް ދެލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ނޭވާ ހާސްވެ އޭރުވެސް އޭނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ.
"މަންމާ.... މަންމާ..." ފައްވާޒް ބާރަށް ގޮވަން ފެށިއެވެ.
ތިރީގައި ގޮދަޑިއެއް އަޅައިގެން ނިދާފައި އޮތް ޖޫލިޔާ ވަގުތުން ކޮޅަށް ޖެހުނެވެ. ފައްވާޒް އިންގޮތް ފެނިފައި އޭނާއަށް އެނދަށް އެރުނުގޮތްވެސް ނޭނގެއެވެ.
"ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟" ފައްވާޒްގެ ބުރަކަށީގައި ފިރުމަމުން ޖޫލިޔާ އެހިއެވެ.
ނޭވާ ހަމަޔަކަށް ނޭޅޭތީ ފައްވާޒަށް ވާހަކަދައްކަން ދަތިވިއެވެ. ސައިޑްކަބަޑު މަތީގައި ހުރި ފެންފުޅިން ބިއްލޫރި ތައްޓަށް ފެން އަޅާފައި ޖޫލިޔާ އަތުން ފައްވާޒްގެ ތުނބުގައި ޖެއްސިއެވެ. ފެން ތަށި އެއްކޮށް ފައްވާޒް ހުސްކޮށްލީ ދެކޯވަރުންނެވެ. ހެޑްބޯޑުމަތީގައި ހުސްތަށި ބަހައްޓާފައި ފައްވާޒް ހަމަޖެހެންދެން ޖޫލިޔާ އިނެވެ. އިރުކޮޅަކާ ފައްވާޒްގެ ވިންދު ޗެކްކޮށްލައެވެ. ނިތްމަތިން ހިއްލަމުން ދިޔަ ދާތައް ޖޫލިޔާގެ އަތުން ފޮހެލައެވެ. މާގިނަ އިރެއްނުވެ ފައްވާޒް ހަމަޔަކަށް އެޅިއްޖެއެވެ. ދެ ކަކުލުގައި އޭނާ ބޯއެޅުމުން ޖޫލިޔާ ކަންބޮޑުވިއެވެ.
"ކަމެއްވީތަ؟" ޖޫލިޔާ އެހިއެވެ.
އެހިނދު ބޯހިއްލާލާފައި ފައްވާޒް ހިފީ ޖޫލިޔާގެ ދެއަތުގައެވެ. ފާޑަކަށް ފައްވާޒް ރޯން ފެށުމުން ޖޫލިޔާ ކަންބޮޑުވިއެވެ. ވީގޮތެއް އަނެއްކާވެސް އަހަން ފެށިއެވެ.
"ހުވަފެނެއް ފެނުނީ. އަހަރެން މިއީ ކިތަންމެ އިރަކު ނިދިޔަސް މީގެކުރިން ހުވަފެން ފެންނަ މީހެއް ނޫން. އެކަމަކު... އެކަމަކު ވަރަށް ބިރުވެރި ހުވަފެނެއް ފެނިއްޖެ. އަހަރެން ގެނބެނީ. ލޮނުބޮވި އަހަރެން އޮތީ ބަލިވެފަ. ފަތާނެ ހިތްވަރެއް އަހަރެންގެ ހަށިގަނޑުގައި ނެތް. އަހަރެންނާ ދާދި ކައިރީގައި އޮތް ޑިންގީއެއްގައި ޒާރާ އިނީ. އޭނަ އަހަރެން ސަލާމަތް ނުކުރި. އަހަރެން އަތްވެސް ދިއްކުރިން. އެކަމަކު އަހަރެން އަތުގަ ނުހިފި. އަހަރެންނަށް ތެދުވެވުނީ ފަހުނޭވާ ލީތަނާ"
ޖޫލިޔާ ކަންބޮޑުވީ ފައްވާޒަށް ފެނުނު ހުވަފެނުގެ ސަބަބުންނެއް ނޫނެވެ. ފައްވާޒަށް ވެފައި އިންވަރުންނެވެ. ފައްވާޒް ވިސްނަނީ މާބޮޑަށެވެ. ދަރިފުޅު ޑިޕްރެޝަންގެ ޝިކާރައަކަށްވަނީ ހެއްޔެވެ؟ ފައްވާޒް ގަޔާ ކައިރިކޮށްލައިގެން އިނދެ ނަސޭހަތްދެމުން ޖޫލިޔާ ދިޔައެވެ.
"ކޮންމެ ކަމެއްގެ ހައްލަކީވެސް ނަމާދު. ކުރެވުނު ކަންތަކަށް ދަރިފުޅު ތައުބާވޭ. އަލުން ދިރިއުޅުން ދެކެ ލޯބިވާން ފަށާ. ގުރުއާން ކިޔަވާ ޒިކުރުކުރޭ. ތި ފެނުނު ހުވަފެނަކީ އެއްވެސް އެއްޗެއް ނޫން. ހުވަފެނަކީ ބިލާހެއް"
"މަންމާ. އަހަރެންނަށް ޒާރާ އަލުން ލިބޭނެ އެއްވެސް ގޮތެއް އޮންނާނެތަ؟ އަހަރެން ޒާރާ ބޭނުން" ފައްވާޒް ބުންޏެވެ.
"ޒާރާ އަކީ މިހާރު މީހެއްގެ އަންބެއް. ދަރިފުޅު ދެން ޒާރާގެ ދިރިއުޅުމަށް ވަންނަން ނޫޅޭ" ޖޫލިޔާ ބުންޏެވެ.
(ނުނިމޭ)