ފާރާ ދިމާލަށް އެނބުރިގެން އޮތް އައްފާން އޮތީ ދެލޯ ދެ ކާށި ވަރަށް ހުޅުވައިގެންނެވެ. ފާރަށް އެޅިފައި ހުރި ޒާރާގެ ހިޔަނިން ރީއްޗަށް ޒާރާގެ ހަރަކާތްތައް އޭނާއަށް ފެނުނެވެ. ބުރުގާ ނެގި ވަގުތު އައްފާން ދެލޯ މަރާލިއެވެ. ނޭނގުމުގެ ތެރެއިންވެސް ޒާރާއަށް މަކަރެއް ހަދަން ބޭނުންނުވާތީ އޭނާ އޮތީ ވިސްނައިގެންނެވެ.
"ޒާ ބޭނުމިއްޔާ އެއްކޮށް ލައިޓް ނިވާލިޔަސް އޯކޭވާނެ" އައްފާން ބުންޏެވެ.
އެނދަށް އެރި ޒާރާ ހައިރާންވީ މި ހުރިހާއިރު އައްފާން ހޭލާ އޮތްކަން އެނގުމުންނެވެ. އެނދަށް އަރާފައި ކުއިލްޓްގެ ދަށަށް ދެފައި ލައްވާލާފައި އެއް އަރިއަކަށް ޒާރާ އޮށޯވެލިއެވެ.
"އޭރުން ނިއަމް ހޭލައިގެން ނުރޯނެތަ؟" ޒާރާ ބުންޏެވެ.
"ނުހޭލާނެ. އެހެންނޫނަސް ކައިރީގަ މަންމަ އޮތީމަ އެއްވެސް ދަރިއެއް ނުރޯނެ"
އައްފާންގެ އެ ޖުމްލައިން ޒާރާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އައްފާން އެފަދަ ޖުމްލައެއް އެހާ ފާޅުގައި އެބުނީ ފުރަތަމަ ފަހަރަށެވެ.
ކޮޓަރީގެ ލައިޓްގެ އަލި ފަނޑުކޮށް އަލުން ޒާރާ އެނދުގައި އޮށޯތެވެ. އެކަކު އަނެކަކާ އަނގައިން ނުބުނެ ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ކައިރީގައި އޮތް ފޯނު ނަގާފައި އައްފާން ބަލައިލިއެވެ. ސާދަ މިސްކޯލު ފެނުމުން އައްފާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ހިތަށް އެރިއެވެ. ފައްވާޒް އެ ތެޅެނީ ހާދަ ވަރަކަށެވެ. އެހެން ދޫންޏެއް ޒާރާގެ ކޮނޑަށް ތިރިކޮށްފިކަން އެނގުނީކަން ޔަގީނެވެ. އެ ގުޅަނީ އައްފާން މެދުވެރިކޮށް ޒާރާ ކައިވެނިކުރި މީހާގެ މައުލޫމާތު ހޯދަންކަން ޔަގީނެވެ. އެކަމަކު ފައްވާޒްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކޮންމެހެން ބަލާކަށް ނުޖެހޭނެއެވެ. ފައްވާޒަށް ހީވަނީ ހެއްޔެވެ؟ ދުވަހަކުވެސް ފައްވާޒްގެ ވަސްދޮވާ ހިސާބަށްވެސް ޒާރާ ނުފޮނުވާނެއެވެ.
****
ޒާރާއަށް ކުއްލިއަކަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. އޭސީގެ ރިމޯޓް ހޯދަން ތެދުވެ އެނދުގައި އިށީނދެގެން އިންދައި ކުއްލިއަކަށް ފާހާނައިގެ ދޮރުހުޅުވުނު އަޑު އިވުނެވެ. ޒާރާ ދިޔައީ ސިހިގެންނެވެ. އައްފާން ތަންމަތީގައި ނެތްކަން އޭނާއަށް ފާހަގަވީ އެ ވަގުތުއެވެ.
"ގުޑްމޯނިންގ" އައްފާން ބުންޏެވެ. ޒާރާ ހީލެވޭތޯ ބެލިއެވެ. އަދި ރަނގަޅަށް އޭނާގެ ދެލޮލުން ނިދި ނުފިލައެވެ.
"ފިނިވެގެން ހޭލެވުނީ. ކޮބާ ރިމޯޓް" ޒާރާ ބުންޏެވެ.
"ތިއޮތީ ތިތާ ހެޑްބޯޑުމަތީގަ" ލޯގަނޑު ކުރިމަތީގައި ހުރި އައްފާން ބުންޏެވެ.
"ފިނި މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ؟" ޒާރާ ބުންޏެވެ.
"މިއީ ޒާ ގެ އަމިއްލަ ކޮޓަރި. މިތަނަށް ހަދާނެ ގޮތެއް އެނގޭނީ ޒާ އަށް. ކޮންމެހެން އަހަރެން ކައިރީގަ އަހާކަށް ނުޖެހޭނެ" އައްފާން ބުންޏެވެ. ކޮޓަރީގެ ފިނިކަން ދަށްކޮށްލާފައި ޒާރާ އެނދުގައި އިށީނދެލައިގެން އިނެވެ. ފޯނުން ގަޑި ބަލައިލިއިރު ފަތިސްވާން މާގިނަ ވަގުތެއް ނެތެވެ. ފިނިވެގެން ވިޔަސް ހޭލެވުނީ ރަނގަޅު ވަގުތަށްކަން ޒާރާއަށް އެނގުނެވެ.
"މިދަނީ މިސްކިތަށް. ޒާވެސް ނަމާދުކޮށްލާ. ކިރިޔާ ނަމާދުކޮށްލެވޭނީ. ނިއަމްއަށް އިރުކޮޅަކުން އީދު އަންނާނެ" ހީލަމުން އައްފާން ބުންޏެވެ.
އައްފާން ކޮޓަރިން ނިކުމެ ތަޅުލަންދެން އިނދެފައި ޒާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. ބޮލުން ބުރުގައި ދަމައިގަނެފައި ތެދުވެ އޭނާގެ ދިގު އިސްތަށިގަނޑު ރޫޅާލިއެވެ. ހާދަ އިރެއް ވަންދެން އިސްތަށިގަނޑު ހައްޔަރުކޮށްގެން ގެންގުޅެވިއްޖެއެވެ. ފޮށި ހުޅުވައިގެން ތުވާލި ހިފައިގެން ފާހާނާއަށް ވަނީ އައްފާން އައުމުގެ ކުރިން ފެންވަރާލުމަށެވެ.
****
ނަމާދުކޮށް އަވަދިވެގެން ކުޑައިރުކޮޅަކު ކިޔަވާލަން އައްފާން މަޑުކޮށްލިއެވެ. އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހަށް ވީތީ ސަޖިދައަށް ތިރިކޮށްލި ބޯ އުފުލާލަންވެސް އޭނާ ބޭނުންނުވާ ކަހަލައެވެ. ﷲ ތައާލާ ދެއްވި ރަހުމަތަށް ޝުކުރުވެރިވުމުގެ ގޮތުން އެކަލާނގެއަށް ދެއަތް އުފުލާލި ވަގުތު ދެލޮލުން ފައިބައިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ. އޭނާއަށް އަންބެއްގެ ގޮތުގައި ހެއްދެވި ފަރާތުން ޒާރާ ދެއްވީތީ އޭނާ ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެއްގެ ތެރޭގައެވެ. އެ އުފާވެރިކަން އޭނާގެ ހަފަރާތުން ވަށާލުމާއެކު ދުނިޔޭގެ އެހެން ހުރިހާ އުފަލެއްގެ މަތިން ހަނދާން ނެތިއްޖެއެވެ.
މިސްކިތުން އައްފާން ފޭބިއިރު ވިއްސާރަ ކަނި ކުޑަކޮށް ޖަހަމުން ދިޔައެވެ. އޭނާ މިސްކިތަށް އައީވެސް ސައިކަލުގައެއް ނޫނެވެ. ސައިކަލު ބަހައްޓާފައި އާދެވުމުން މިހާރު ދެރަވެއްޖެއެވެ. އޭނާ ކިތަންމެ އަވަހަށް ގެއަށް ދާން ބޭނުން ވިޔަސް ދެން ދެވޭނީ ގެއަށް ދެވޭވަރުވީމައެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ގެއަށް ގޮސް ޒާރާގެ މޫނު ދެކޭށެވެ. ނިއަމް ގޮވައިގެން ޒާރާ އުޅޭ ލޯބި މަންޒަރު ލޮލުން ދެކިލާށެވެ.
އައްފާންގެ އިންތިޒާރަށް ނިމުމެއް އައިއިރު ހައެއް ޖަހައި ބޮޑުވެއްޖެއެވެ. ތެމިފައިވާ ފައިވާނުގެ ތެރެއަށް ފައި ކޮށްޕާލަމުން އޭނާ އަވަސް އަވަހަށް މިސްކިތުން ނިކުންނަން ހިނގައިގަތެވެ. އަނެއް ވިލާގަނޑު ބޯމަތީގައި އޮތީ ތައްޔާރަށެވެ. ވެހެން ފަށާނެ ވަކި އިރެއް ނޭނގެއެވެ. ހައެއް ޖަހައި ބޮޑުވެގެން ދިޔައިރުވެސް ރަށުތެރެއަށް ހީވަނީ ދަންވަރުގެ ވަގުތުތަކަށް ނިމުމެއް އައިސްފައި ނެތް ހެންނެވެ. ދުނިޔެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. މަގަށް ނިކުތުމާއެކު އައްފާން ހީކަރުވައިގަތެވެ. މުޅި މާހައުލު ގައި ހިފާލާފައިވަނީ ތެތްފިނި ކަމެކެވެ.
ގޭ ދޮރާށިން އެތެރެއަށް ވަނުމާއެކު ފުރަތަމަވެސް އޭނާއަށް ފެނުނީ ބޭރު ގޯތީގައި ކިރުތަށި ބޯން ތިބި ދެ ކޮއްކޮއެވެ. ދެކުދިންވެސް ތިބީ ސްކޫލު ޔުނީފޯމުގައެވެ. ގޭތެރެއިން ދެކުދިންގެ ސްކޫލު ދަބަސް ހިފައިގެން ނިކުތް ވަސީމާގެ ހަރަކާތްތައް އަވަހެވެ. ވަސީމާއަށް ހިނިތުންވުމެއް ދިނުމަށްފަހު ގޯތީގެ އެކި ދިމާލަށް އައްފާން ބަލައިލިއެވެ. އޭނާގެ ހިތުގެ ހަމަޖެހުން ލޮލުގައި އަޅައިނުގަތެވެ. ޒާރާ ކޮބާ ހެއްޔެވެ؟
"ދައްތަ މި އަންނަނީ ވަރަށް އަވަހަށް މި ދެބެން ސްކޫލަށް ލާފަ. މިހާރުވެސް ވިލާގަނޑުގެ ވައި އަރަން ފަށައިފި" އެއް ކޮނޑުގައި ސްކޫލު ދެ ދަބަސް އަޅުވާފައި ހުރިއިރު ވަސީމާގެ އަނެއް އަތުގައި ވާރޭ ތިން ކުޑަ އޮތެވެ. އެގޮތަށް ވަސީމާ ފޮނުވާލަން ބޭނުންނުވާތީ އޭނާ ކުރިއަށް ޖެހި ދަބަސްތަކުގައި ހިފަން އުޅުނެވެ.
"ނޫނޭ ދައްތަ ގޮސްލާނަން. ގެނޭ ސައިކަލު ތަޅުދަނޑި. ތިންމައިން މިއަދު އެއް ސައިކަލުގަ ދާނީ. ޒާރާ އަދި ކޮޓަރިން ނުނިކުމޭ. ދޭބަލަ ވީގޮތެއް ބަލައިލަން. ކުޑަމީހާގެ އަޑެއްވެސް ނީވޭ"
ދެ ދަރީން ސައިކަލު ފަހަތަށް ލައިގެން ދުއްވާލަންދެން ދޮރާށި ކައިރީގައި އައްފާން މަޑުކޮށްގެން ހުއްޓެވެ. ވަސީމާގެ ދުއްވުން ފަރިތަކަމަށް އައްފާނަށް ފާހަގަކުރެވުނެވެ. ސައިކަލް ދުއްވަން ވަސީމާ ދަސްކުރީ ވެސް އައްފާންގެ ސައިކަލު ރަށަށް ގެނައި ފަހުންނެވެ. އައްފާން އެތެރެއަށް ވަނީ މަގުކޮޅުން ސައިކަލު އޮބާލަންދެން ހުރެފައެވެ. އޭރު އޭނާ ލައިގެން ހުރި ޓީޝާޓުން ބޮޑު ބައެއް ވަނީ ތެމިފައެވެ.
ދެފަހަރަކު ކޮޓަރި ޖަހާލުމުންވެސް ޒާރާގެ ހަބަރެއް ނުވިއެވެ. މަޑުމަޑުން އައްފާން ދޮރު ތަޅުގައި ހިފާލިއެވެ. އެތެރެއިން ތަޅުލާފައި ހުރުމުން އައްފާން މަޑުކޮށްލިއެވެ. ތަޅުދަނޑިން ހުޅުވައިގެން އެތެރެއަށް ވަންނާނީ ކަމެއް ނުވަތަ ނުވަންނާނީކަން ހިތަށް އަރާފައި އިރުކޮޅަކު ދޮރު ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ގިނައިރު ވާން ފެށުމުން އައްފާން ނުތަނަވަސްވާގޮތް ވިއެވެ. ނުބައި ވަސްވާސްތަކުން ހިތާއި ސިކުނޑި ކާން ފެށުމުން އެންމެފަހުން ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނު މަންޒަރަކުން އައްފާން ހުއްޓުން އެރިއެވެ. ދިމާލަށް އޮތް އެނދުގައި އޮތް ޒާރާ އޮތީ އެއް އަރިއަކަށެވެ. ޒާރާގެ ބިއްދޮށުން ފެންނަން އޮތީ ހަމައެކަނި ނިއަމްގެ ދެފައި ކޮޅެވެ. ޒާރާގެ މައްޗަށް އޮތް ފަރާތުގެ ހެދުން މައްޗަށް ހިއްލިފައި އޮތްގޮތުން އެ އޮތީ ކީއްކުރަންކަން އައްފާނަށް އެނގުނެވެ. ނިއަމްއަށް ގާތުން ދޭން އޮވެ ޒާރާއަށް އެ އޮތީ ނިދިފައެވެ. ޒާރާގެ ދެފައިން ފެށިގެން ބޮލާ ހަމައަށް އައްފާންގެ ނަޒަރު ދަތުރުކޮށްލިއެވެ. އޭނާގެ މުޅި ނަފްސަށް އަރައިގެން ދިޔަ ބާރެއްގެ ސަބަބުން ދެއަތްތިލަ މަޑުމަޑުން މުށްކެވުނެވެ. ހިނދުކޮޅަކު ޒާރާގެ މޫނަށް ބަލަހައްޓައިގެން އައްފާން ހުއްޓެވެ. މަޑުމަޑުން ދޮރުލައްޕާލާފައި އައްފާން ކޮޓަރިން ނިކުތެވެ.
****
ގެއަށް ގޮސް ހެދުން ބަދަލުކޮށްލައިގެން ޖޫލިޔާ އައިރު ފައްވާޒަށް އޮތީ ނިދިފައެވެ. ވޯޑަށް ވަންނަން އައި ނަރުސް ކުއްޖާ ޖޫލިޔާ ފެނުމުން ހުރިހާ ކަމެއް ރަނގަޅޭ ބުންޏެވެ. ގެނައި ކާއެއްޗެހި ކޮތަޅު ކަބަޑުމަތީގައި ބަހައްޓާފައި ފައްވާޒްގެ މެޑިކަލް ފައިލް ޗެކް ކޮށްލިއެވެ. އެންމެފަހުން ހުން އައީ ދަންވަރުއެވެ. އޭނާ ގޭގައި ހުރި ވަގުތުގައި ހުން އައި ކަމަކަށް މަޑުކޮށްދިން ނަރުސް ކުއްޖާ ނުބުނެއެވެ. ޖޫލިޔާ އަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ފައިލް އޮތްތަނުގައި ބާއްވާފައި ނިދިފައި އޮތް ފައްވާޒަށް ޖޫލިޔާ ބަލައިލިއރު އޭނާގެ މޫނު މައްޗަށް ވެރިވެފައިވަނީ މާޔުސީގެ ކުލަވަރެވެ.
ހެނދުނުގެ ސައި ދެވޭނީ ފައްވާޒް ހޭލުމުންނެވެ. ގޮނޑީގައި އިށީނދެފައި އަނެއްކާވެސް ފައްވާޒްގެ މޫނަށް ބަލައިލިއެވެ. ހަނދާނަށް އައީ ހުން އެންމެ ގަދަވެގެން ދިޔައިރު ފައްވާޒް މޮޔަ ވާހަކަދެއްކި ހަނދާނެވެ. ގިނައިން ގޮވީ ޒާރާއަށެވެ. ޔޫކަށްވެސް ދެތިން ފަހަރަކު ގޮވިއެވެ. އުމުރުން ތިރީސް އަހަރާ ގާތަށް ދިޔައިރު ދުވަހަކުވެސް ފައްވާޒް އެހާ ހުންގަދަވި ހަނދާނެއް ނުވެއެވެ. ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރަން ޖެހުނީ ފައްވާޒްގެ ދެފައިކޮޅުގައި އެއްވެސް ވަރެއް ނެތީމައެވެ. ހޮޑުލާފައި މީހާ އެއްކޮށް ދުޅަވުމުންނެވެ. ޖޫލިޔާ ހިތުގައި އުފެދުނު ބިރުވެރިކަން އަދިވެސް ރަނގަޅަށް ފިލައި ނުދެއެވެ. ވަގުތު ކުޑަތަން ނުވަނީސް ހޮސްޕިޓަލަށް ގެނެވުނުކަން ނަސީބެކެވެ.
"މަންމާ" ޖޫލިޔާ ސިހުނީ ފައްވާޒްގެ އަޑަށެވެ.
ތެދުވެލަން ފައްވާޒް މަސައްކަތް ކުރިއެވެ. ޖޫލުޔާ އެހީވެދިނެވެ. ފައްވާޒްގެ ބޮލާ ދިމާލުން އެނދު އުފުއްލާލިއެވެ. ކަބަޑު ހުޅުވާލާފައި ފައްވާޒްގެ ދަތްއުނގުޅާ ބުރުސް ނަގާފައި ފާހާނާއަށް ދާން ފައްވާޒަށް އެހީވެދިނެވެ. ހުރިހާކަމެއްކޮށް ނިމެންދެން ފާހާނާއިގެ ބޭރުގައި ޖޫލިޔާ މަޑުކޮށްގެން ހުއްޓެވެ. ފައްވާޒަށް އެވީގޮތް ވުމަށްފަހު އަދިވެސް ޖޫލިޔާއަށް ހުރެވެނީ ފިކުރެއްގައެވެ. ހެޔޮވިސްނުން ވިސްނި ގެއްލުނު ދިރިއުޅުން އަނބުރާ ލިބުމަށް އެދި ފައްވާޒް ރުއި ރުއިން އަދިވެސް ޖޫލިޔާ ހިތުން ފިލައިނުދެއެވެ. ދަރިފުޅަށް ޓަކައި ޖޫލިޔާ އެތައް ހިތާމައެއް ކުރަން ޖެހިއްޖެއެވެ. ކުރަމުން އައި ދުއާ އެތައް ތަނެއް އިތުރުކުރަން ޖެހިއްޖެއެވެ.
ކުއްލިއަކަށް ޖޫލިޔާ ސިހުނީ ފައްވާޒް ފާހާނާއިން ނިކުމެ އޭނާގެ ކުރިމައްޗަށް އެރުމުންނެވެ. މޫނުމަތިން ހަމަޖެހުން ދައްކާލަމުން ފައްވާޒަށް ޖޫލިޔާ ހިނިތުންވުމެއް ދިނެވެ.
"ކިހާއިރަކު ގެއަށް ދޫކޮށްލަނީ. މިތާ އިތުރަށް އޮންނަންވިއްޔާ އަހަރެން އިތުރަށް ބަލިވާނީ" ހިނގައިގަންނަމުން ފައްވާޒް ބުންޏެވެ.
"ޑޮކްޓަރު އައިމަ އެނގޭނީ" ފައްވާޒްގެ އަތުގައި ހިފައިގެން ހުރެ ހިނގައިގަންނަމުން ޖޫލިޔާ ބުންޏެވެ.
****
އަތިރިމަތީގައި ކުޅެން ތިބި ކުޑަކުދިންތަކަކަށް އައްފާންގެ ނަޒަރު ހުއްޓިފައިވިޔަސް އޭނާގެ ސިކުނޑީގައި ވަނީ މުޅިން އެހެން ހިޔާލެކެވެ. އަދިވެސް އޭނާގެ ލޯމަތިން ޒާރާގެ އެ މަންޒަރު ކެހިގެން ނުދެއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެންވެސް ފަށައިފިއެވެ. ޒާރާ ތަޅުލާފައި ހުއްޓާ ކޮޓަރި ހުޅުވައިގެން ވަދެވުނުކަމަށް ޓަކައެވެ. ކައިވެނީގެ ފުރަތަމަ ދުވަހު ޒާރާގެ އިތުބާރު ގެއްލޭވަރުގެ ކަމެއް ކުރެވުނީތީ އޭނާ ދެރަވެސް ވެއްޖެއެވެ.
ކުއްލިއަކަށް އައްފާން ސިހުނީ އޭނާއަށް ވަސީމާ ގޮވާލުމުންނެވެ. އޭރު އިލޮށިފަތި ހިފައިގެން ވަސީމާ ނިކުމެ ހުރީ އަތިރީ މަގުގައެވެ. ފުން ވިސްނުމެއްގައި އައްފާން އިންތަން ފެނުމުން އައްފާނާ ކައިރިވެނުލާ މަސައްކަތައިގެން އެނާއަށް ކުރިއަށް ނުދެވުނެވެ.
"ޒާރާ އެބައިން ކޮފީ ހަދައިގެން" ވަސީމާ ބުންޏެވެ.
އަތުގައި އޮތް ފޯނުން އައްފާން ގަޑި ބަލައިލިއެވެ. އެތަނުގައި އޭނާ އިންނަތާ ދިހަ މިނެޓް ފަހުން އެއްގަޑިއިރު ވާނެއެވެ. ވަސީމާ އަށް ހިނިތުންވުމެއް ދީފައި އޭނާ ތެދުވެ ހިނގައިގަތެވެ.
"ކޮންކަމަކާ މިތަނުގަ އިނދެ ތި ވިސްނަނީ؟" ވަސީމާ އެހިއެވެ.
"ވިސްނާކަށްނޫން. ނިއަމް ގޮވައިގެން ޒާރާއަށް ނިދިފައި އޮތީމަ އެދެމައިންނަށް ހޭލެވެންދެން މަޑުކޮށްލީ. ވާރޭވެސް ހުއްޓާލާފައި އޮތީމަ" އައްފާން ބުންޏެވެ.
"އާނ ދައްތަވެސް ފަހުން ލަސްވީ ވާރޭ އާ ހެދި"
އައްފާން ހީލާފައި އެތެރެއަށް ވަނެވެ. ބަދިގެ އާ ދިމާލަށް އޭނާ ދިޔައީ ލަސް ހިނގުމެއްގައެވެ. ކައިރިއަށް ނުވަދެވެނިސް ކާގޭ ކުޑަދޮރުން މޭޒު ކައިރީގައި ހުރި ޒާރާ އައްފާނަށް ފެނިއްޖެއެވެ. އަތްމަތީގައި ނިއަމް އިނެވެ. ދޭތެރެއަކުން ޒާރާ ނިއަމް އާ ސަމާސާ ކޮށްލައެވެ. ޒާރާގެ ތުންފަތްމަތިން ފެންނަން ހުރީ ހިނިތުންވުމެކެވެ. ހާސްކަމެއް ކަންބޮޑުވުމެއް އެ މޫނުމަތީގައި ނެތެވެ. ޒާރާ ބަލައިލީ އައްފާން ދޮރުމައްޗަށް އެރުމުންނެވެ.
"ހާދަ ލަހުން ތިއައީ" ޒާރާ ބުންޏެވެ.
އައްފާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ގެއަށް އައިރެއް ޒާރާ އަށް އެނގޭނަމަ އެހެން ބުނާނެ ހެއްޔެވެ؟
"ސައިބޯން ވީނުން" އައްފާން ސިހުނީ ޒާރާގެ އަޑުންނެވެ.
އައްފާން ހީލަމުން ގޮނޑީގައި އިށީނެވެ. ޒިންކު ކައިރީގައި ޖޯޑު ދޮންނަން ހުރި ޒާރާއަށް އައްފާން ބަލައިލިއެވެ. އެއް އަތްމަތީގައި ނިއަމް އިންއިރު ޒާރާ މަސައްކަތް ކުރަމުން ދިޔައީ އެއް އަތުންނެވެ. އެކަމާ އައްފާނަށް ވިސްނާލެވުނީ ތަންކޮޅެއް ފަހުންނެވެ. އޭނާ ތެދުވެގެން ގޮސް ޒާރާގެ ފަހަތުން ހުއްޓުނެވެ. ޒާރާ އެނބުރުނީ ކުއްލިއަކަށެވެ. އެހިނދު ޒާރާގެ ފައިން އައްފާންގެ ފައިގެ އިނގިލިތަކުގެ މައްޗަށް އެރި ވެއްޓެން ދިޔައެވެ. އައްފާނަށް ހިފެހެއްޓުނީ ޒާރާގެ އެއް އަތުގައެވެ. އެހިނދު ދެމަފިރިންގެ ނަޒަރު އެކަކު އަނެކަކާ ހިނދުކޮޅަކަށް ބައްދަލު ވެލިއެވެ. ލަދުރަކި ހިނިތުންވުމެއް ޒާރާގެ ތުންފަތްމަތިން ފެނުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އެހެނަސް އައްފާންގެ މޫނުމަތީގައި ވަނީ ސީރިޔަސްކަމެވެ. އޭނައަށް ޒާރާގެ މޫނު ފެނުނީ ދާދި ކައިރިންނެވެ. އެއްވެސް ބިއްސެއްނުވާ އޮމާން މޫނެކެވެ. އެ މޫނުގައި ފިރުމާލަން ހިތްއެދުނެވެ. އަތުގައި ހިފާލެވުނު ފުރަތަމަ ފަހަރަށްވުމުން ދޫކޮށްލާ ހިތެއް ނުވިއެވެ. އެ އަތުގައި އޭނާގެ މޭގައި ޖައްސާލުމަށްފަހު އެނާގެ ހިތުގެ އަޑު އިއްވާލަދޭން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެ އަތުގައި ބޮސްދީ އޭނާ އެ ލޯތްބަށް އެދި އެދި ހުރި ވާހަކަ ބުނެލަން ބޭނުންވިއެވެ. ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ފާއިތުވަމުން ދިޔައެވެ. އައްފާންގެ ދެލޮލުން ޒާރާއަށް ތަފާތެއް ފާހަގަވަމާއެކު އިސްޖެހިއެވެ. ގަދަކަމުން އައްފާން ދުރަށް ޖައްސާފައި އެތަނުން ނިކުންނަން ޒާރާ ބޭނުމެއް ނުވިއެވެ. އެ ގުޅުމަށް ފުރުސަތުދޭން ހުދު ޒާރާވެސް ހުރީ ބޭނުންވެފައެވެ. ބަދިގެ އާ ދިމާލަށް އައި ވަސީމާ ޒާރާއަށް ފެނުނީ ހުޅުވާފައި ހުރި ކުޑަދޮރުންނެވެ. ޒާރާގެ ނޭވާ އަވަސްވިއެވެ. އައްފާން އެހެން ހުއްޓާ ވަސީމާއަށް ފެނިއްޖިއްޔާ އޭނާ ހާދަ ލަދެއް ގަންނާނެއެވެ.
"ވަސިންތަ... ވަސިންތަ... އެބައާދޭ" ޒާރާ ބުންޏެވެ.
ޒާރާ ތެޅިގަތް ގޮތުން އޭނާއަށް ޒާރާ އަތުން ދޫކޮށްލެވުނީ ކުއްލިއަކަށެވެ. ދެވަނަ ސިކުންތުގައި ޒާރާއަށް ފުރަގަސްދީފިއެވެ. އޭނާއަށް ވީގޮތެއް ހުދު އޭނާއަށް ނޭނގުނެވެ. ހާސްކަމާ ކަންބޮޑުވުމެއްގެ ތެރޭގައި ހުރެ އޭނާ ކުރިން އިން ގޮނޑީގައި އިށީނެވެ. ޒާރާއަށް ބަލައިލާކަށް އޭނާއަށް ނުކެރުނެވެ.
"ދައްތަ ހީކުރީ ދެކުދިން ސައިބޮއެ ނިމުނީ ކަމަށް" ކާގޭ ދޮރަށް އަރަމުން ވަސީމާ ބުންޏެވެ.
އޭރުވެސް ޒާރާ ހުރީ އަނެއް ފަރާތަށް އެނބުރި ޖޯޑު ދޮންނާށެވެ. އެ މަންޒަރު ފެނުމުން ވަސީމާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ޒާރާ އަށް ގޮވާލިއެވެ. ޒާރާ ބަލައިލާފައި ހިނިތުންވެލިއެވެ.
"ގެނޭ ދައްތަ އަތަށް ނިއަމް"
ވަސީމާ ނިއަމް އުރާލިއެވެ. ދެން ނިއަމް އާ ވާހަކަދައްކަމުން ކާގެ އިން ނިކުންނަން ހިނގައިގަތެވެ.
"ގޯތިތެރެއަށް ނިކުންނަމުން މޫނު ބުރުގާ އަޅައިގެން ނުނިކުތަސް ރަނގަޅުވާނެ. މިގޭ ދޮ ދޮރުވެސް މިއަދުން ފެށިގެން ހުންނާނީ ތަޅުލާފަ. ގާތް މީހަކު އައިއްޔާ ގުޅާލާނެއްނު. ފާރެއް މަތިން އަރައިގެންވެސް މީހުންގެ ގޯތި ބަލާނެ މީހުން މިރަށުގަ ނޫޅެއެއްނު. ދައްތަވެސް މިހެރީނު. އަމިއްލަ ނަފްސަށް މާބޮޑަށް ތިއުނދަގު ކުރަނީ. ދައްތަވެސް އަދި ޒާ ވެސް މިހެދުމަށް މަޑުމަޑުން ހޭނެން ޖެހޭނީ" ވަސީމާ ވާހަކަދެއްކިއެވެ.
ޒާރާ ހިތަށް އެރިއެވެ. ތެދެކެވެ. އެހެދުމުގައި އަބަދު އުޅެން އޭނާއަށް އަދި އުނދަގުލެވެ. ޖެހޭނީ މަޑުމަޑުން ހޭނެންކަން އޭނާއަށް އެނގެއެވެ.
ޒާރާ ކޮފީތަށި ބެހެއްޓުމާއެކު ލަސްލަހުން ރޮށިކޮޅު ހަފަމުންދިޔަ އައްފާންގެ ހަރަކާތްތައް ހުއްޓުނެވެ. އެނާއަށް ބަލައިލެވުނީ މެޒުމަތީގައި އޮތް ޒާރާގެ އަތްތިލައަށެވެ. އެއީ ދެންމެ އޭނާ ހިފައިގެން ހުރި އަތްތިލައެވެ. އިނގިލިތައް ހިމަ އަތްތިލައެކެވެ. އެ އަތްތިލައިގައި ހިފަހައްޓާލެވުނު ވަގުތު ހީވީ މަޑު ހެވާކޮޅެއްގެ ތެރެއަށް އަތްތިލަ ގެނބިގެން ދިޔަހެންނެވެ. އަދި އެއްފަހަރު ހިފާލާނެ ފުރުސަތެއް ލިބޭނެ ނަމައެވެ.
"ޒާ ސައި ނުބޮންތަ؟" އިރުކޮޅަކަށްފަހު އައްފާން ބުންޏެވެ.
"ވަސިންތަ އާއެކު ބޯންވެގެން" ޒާރާ ބުންޏެވެ.
"ދައްތަ ދެން މެންދުރު ކާނީ. ކޮފީ ބޮއެގެން މެންދުރު ވަންދެން އުޅޭނީ. އާދޭ ސައިބޯން" އައްފާން ބުންޏެވެ.
އައްފާނާ ދިމާލަށް ހުރި ގޮނޑި ދަމާލާފައި ޒާރާ އިށީނެވެ. ޒާރާގެ ތަށި ތެރެއަށް ކުޅިމަސް ކޮޅެއް އެޅީ އައްފާނެވެ. އެހިނދު އައްފާންގެ މޫނަށް ޒާރާއަށް ބަލައިލެވުނެވެ. ކައިވެނީގެ ފުރަތަމަ ދުވަހުވެސް އައްފާންގެ ފަރާތުން އޭނާ އަށް ފެނުނީ އޯގާތެރިކަމާއި އަޅާލުމެވެ.
"އެއް ރޮށި ރަނގަޅުވާނެ" ތަށި ތެރެއަށް އައްފާން ދެ ރޮށި ލައިދިނުމުން ޒާރާ ބުންޏެވެ.
އަނެއްކާވެސް ތަނަށް ވެރިވީ ހަމަހިމޭން ކަމެކެވެ. އެކަކު އަނެކަކާ ބަހެއް ނުކިޔާ ތިބެ ދެމަފިރިން ސައި ބޮމުން ދިޔައެވެ. އިރުކޮޅަކާ ޒާރާގެ މޫނަށް އައްފާން ބަލައިލައެވެ.
"މިތަނަކީ ޒާ އަށް ރައްކާތެރި ތަނަކަށް އަހަރެން ހަދައިދޭނަން. ތި ބޮޑެތި ހެދުން ލައިގެން ޒާ ގޭތެރޭގައި ނޫޅުނަސް ރަނގަޅުވާނެ. އަހަރެން ބޭނުމީ ޒާ އަރާމުގަ އުޅެން. އެއްވެސް ތަކުލީފެއް ޒާ އަށް ލިބޭކަށް ބޭނުމެއްނޫން" އައްފާން ވާހަކަދެއްކިއެވެ.
ޒާރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.
"ސޮރީ" އައްފާން ބުންޏެވެ.
ޒާރާ އައްފާނަށް ބަލައިލިއެވެ. އައްޔަ މަޢާފަށްއެދެންޖެހޭ ވަރުގެ ކަމެއް ކުރި ކަމެއް އޭނާ ނުދެނަހުއްޓެވެ.
"އެއީ... އެއީ... " ހެނދުނު ފެނުނު މަންޒަރުގެ ވާހަކަ އައްފާނަށް ނުބުނެވުނެވެ. އޭނާގެ ދުލާ ހަމައަށް ނައެވެ.
"އެއީ ދެންމެ ވީގޮތުން" އައްފާން ބުންޏެވެ. ޒާރާ އިސްޖަހާލިއެވެ. ދެން ހަޑިވެފައި ހުރި ތަށިތައް ބަރިއަކަށް ނަގައިގެން ޒިންކު ކައިރިއަށް ޖެހިލިއެވެ.
"އެއީ ކޮންމެހެން އައްޔަ މަޢާފަށްއެދެންޖެހޭ ކަމެއް ނޫން" ޒާރާ ބުންޏެވެ.
އައްފާން ހިނިތުންވެލައިގެން ފުރަގަހަށް ހުރި ޒާރާއަށް ބަލަހައްޓައިގެން އިނެވެ. އޭނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ޒާރާ އަދިވެސް ކަނީ ވަރަށް މަދުންކަން އައްފާނަށް އެނގުނެވެ. އެ ތެދުވީ އެންމެ ރޮއްޓެއް ކައިގެންނެވެ. ނަމެއްގަ ގިރި ކޮފީތަށި އެއްކޮށް ހުސްކޮށްލިކަން ނަސީބެވެ. އޭނާ ޒާރާއަށް ގިނައިން ކާންދޭން ބޭނުންވިއެވެ. މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން އަނަރޫފަވެފައިވާ ޒާރާގެ ހަށިގަނޑު އެއަށްވުރެ ރަނގަޅުވާން އެނާއަށް އެދެވެއެވެ. އޭނާ އަދި އެކަން ކުރާނެއެވެ. އެކަމަކު އެއީ ޒާރާއަށް މަޖުބޫރުން ކާންދީގެނެއް ނޫނެވެ. މަޑުމަޑުން ޒާރާ އަށް ވަގުތު ދީގެންނެވެ.
(ނުނިމޭ)