"ސާބަހޭ. އައްޔަ ތިހާ ކެތްތެރިކަން ކުޑަވީ ކޮންއިރަކު؟ ޒާރާ ތައްޔާރުކޮށް ނިމިއްޖެ. ގެއިން ނައްޓާލުމުގެ ކުރިން އަހަރެން ހަބަރެއް ވާނަން" ޖަންނަތު ބުންޏެވެ.
ފޯނު ކަންފަތާ ދުރުކޮށްލި ގޮތަށް އައްފާނަށް ހެވިއްޖެއެވެ. ޖަންނަތު ބުނީ ދޮގެއް ނޫނެވެ. އޭނާގެ އެހާ ކެތްތެރިކަން ކުޑަވި އިރެއް ހުދު އޭނާ އަށް ވެސް ނޭނގެއެވެ. އޭނާ އަށް އެނގެނީ ޒާރާ ދެކިލާހިތުން އޭނާގެ މޭ ތެރޭގައި އޮތް ހިތް ތެޅި ފޮޅެމުންދާ ކަމެވެ.
****
"ތިދެކުދީން ކުރަން ތިއުޅޭ ކައިވެނީގަ ﷲ ތަޢާލާ ބަރަކާތް ލައްވާށި" އެތަނުން އަންހެނަކު ބުންޏެވެ.
ބުރުގާ ނާޅާ ހުރި އަންހެނަކު ޒާރާގެ ގެ ލުއި މޭކަޕެއް ކޮށްދިނެވެ. އެއީ ޒާރާގެ ފިރިމީހާއަށްޓަކައި ކަމަށް އެމީހާ ބުންޏެވެ. ކަޅު ބޮޑު ހެދުން ގަޔަށް ހެޔޮވަރުކޮށް މޫނު ބުރުގާ އަޅާ ނިމުނުއިރު ޒާރާގެ ފެންނަން ހުރީ ހަމައެކަނި ދެލޮލެވެ. ކައިރީގައި ތިބި ދެ އަންހެނުން މޫނު ނިވާކޮށްފައިވާ ފޮތިގަނޑު ހިއްލާލުމާއެކު ޒާރާއަށް ލިބުނީ ހައިރާން ކަމެކެވެ. ނިގާބްގެ ނިވަލުގައި ތިބީ އެ ދެ އަންހެނަކަށް އެނާ އެންމެ އިހުތިރާމްކުރާ އޭނާގެ މައިމީހާ އާއި އޭނާގެ ވާން އުޅޭ މައިދައިތައެވެ. މަންމައާއި ވަސިންތަ މޫނު އަޅާފައި ތިއްބާ ފެނުމުން ޒާރާ އަށް ފުރަތަމަ ގަބޫލުކުރަންވެސް ދަތިވިއެވެ. އެއީ އޭނާއަށް އެނގިގެންވީ ކަމެއް ނޫނެވެ. އިސްޖަހާލުމާއެކު ޒާރާ އަށް ރޮވިއްޖެއެވެ. އެވަގުތުކޮޅު އޭނާގެ ހިތަށް ލިބުނު އުފާވެރިކަން ދުލުން ބަޔާންކުރަންވެސް ދަތިވިއެވެ.
"މިރެއަކީ ހަމައެކަނި ދަރިފުޅަށް ހާއްސަ ރެއެއް ނޫން. މިރޭ ވެގެން މިދަނީ އަހަރެމެން ދެ މަންމައިންނަށް ވެސް ހާއްސަ ރެއަކަށް" ޒާރާގެ ދެލޯ ކައިރޮ ފޮހެލަމުން ހިމްނާ ބުންޏެވެ. އަދި އެވަގުތު ހިމްނާ ވަސީމާގެ މޫނަށް ބަލައިލުމާއެކު އެއީ ތެދުކަން އަންގައިދިނުމުގެ ގޮތުން ވަސީމާ ވެސް ބޯޖަހާލިއެވެ.
ﷲ އަށްޓަކައި ކުރި ކޮންމެ ކަމެއްގައި އެކަލާނގެ ދެއްވާނީ ހެޔޮކަމެއް. ދަރިފުޅަށް މިއީ ދެވަނަ ކައިވެންޏަށް ވިޔަސް މަންމަ އަށް މިއީ ދަރިފުޅުގެ ފުރަތަމަ ކައިވެނި. އެއީ މި ކައިވެނީގައި މަންމަގެ ރުހުން އެންމެ މައްޗަށް ދަރިފުޅަށް ދެވިފައިވާތީ" ޒާރާގެ ގައިގައި ހިމްނާ ބައްދާލިއެވެ.
އެހިނދު ޒާރާގެ ދެލޮލުން އަނެއްކާވެސް ކަރުނަ ނީރާލިއެވެ. ދެވަނަ ކައިވެނި ކުރެވޭ ރޭ ހުރިހާ ގޮތަކުން އޭނާއަށް ހާއްސަ ވެއްޖެއެވެ. ހަނދާނުން ފިލުވާލަން ދަތި އެތައް ކަމެކެވެ. އެންމެ ބޮޑު ނިއުމަތަކީ މާތް ﷲ އަންގަވާފައިވީ ފަދައިން އިސްލާމްދީނުގެ މަތިވެރިން ހިޖާބުން މީހާ އެއްކޮށް ނިވާވުމެވެ. އެ ހިޔާލު އޭނާއަށް ދިނީވެސް ވާންއުޅޭ ފިރިމީހާ އެވެ. ދެން މައިމީހާގެ ރުހުމެވެ. ތިންވަނަ ކަމަކީ ހެޔޮލަފާ ފިރިއެކެވެ. އެއީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އޭގެފަހުން އޮންނާނީ އޭނާގެ އަތުން ބީވެގެން ދިޔަ ފިރިހެން ދަރިފުޅުގެ ބަދަލުގައި އެކަލާނގެ އޭނާއަށް ދެއްވި ފިރިހެން ދަރިފުޅަށް އޯގާތެރި މަޔަކަށް ވުމާއި ފިރިމީހާއަށް ކިޔަމަންތެރި އަންބަކަށް ވުމެވެ. އެ ހުރިހާކަމެއް ފުރިހަމަކުރެވޭތީ ޒާރާ މަސައްކަތް ކުރާނެއެވެ.
މަގުކޮޅުން އަޑުފަނށްގަނޑަކާއެކު ދައްކާލީ މީހުންތައް ފެނުމާއެކު ޖޯލީގައި އިން އައްފާން ފުންމައިގެން ތެދުވިއެވެ. ޒާރާ ދެކިލާހިތުން ކެތްތެރިކަން ކުޑަވެފައި ހުއްޓަސް އެ ހުރިހާ އަންހެނުންގެ ތެރޭގައި އިސްއުފުލާލަންވެސް އޭނާއަށް ނުކެރޭނެއެވެ. އެހެންކަމުން ދޮރާށިން އެތެރެއަށް ދެމިގަތެވެ. މީހުންތަކާއެކު ގޭތެރެއަށް ވަން މޫނު ބުރުގާ އަޅާފައި ހުރި ތިން އަންހެނުން ފެނުމުން އައްފާނަށް ފުރަތަމަ އޮޅުނެވެ. މެދުގައި ހުރީ ޒާރާ ކަން އައްފާނަށް އެނގުނީ އައްފާނަށް ޒާރާ ބަލައިލި ބަލައިލުމުންނެވެ. ޒާރާގެ ދެލޮލުގެ ވިދުން އައްފާނަށް މާދުރުން ފެނިއްޖެއެވެ. އެ ދެލޮލުން ފާޅުވަމުންދިޔަ ކުލަވަރުން އޭނާ ކައިވެންޏާ ރުހޭ މިންވަރު އައްފާނަށް ފަހުމްވިއެވެ. އޭނާ އެދުނު އެދުމަށް ޒާރާ ޖަވާބު ނުދިނުމުން ފުރަތަމަ ހީކުރީ ނިގާބް އަޅަން ޒާރާ ނުރުހޭ ކަމަށެވެ. އެކަމަކު މިވީ އެހެނެއް ނޫނެވެ. ކައިވެނީގެ ފުރަތަމަ ރޭ އޭނާއަށް ޒާރާ އެދިނީ ބޮޑު ސަޕްރައިޒެކެވެ. އެކަމަކު ޒާރާގެ ދެފަރާތުގައި މޫނު ބުރުގާ އަޅާފައި ތިބި ދެ އަންހެނުންނަކީ ކޮންބައެއް ކަމެއް އައްފާނަށް ނޭނގުނެވެ.
"ހިނގާ އިށީންނަން" ވަސީމާ ބުންޏެވެ. އެއީ ދައްތަ ކަން އެނގުނީ އަޑުންނެވެ. އައްފާނަށް ހެވުނެވެ. މުޅިންވެސް ސަޕްރައިޒެވެ. ޒާރާ ފަދައިން އައްފާނަށްވެސް ފާހަގަކުރެވުނީ އެރޭ ހުރިހާ ގޮތަކުންވެސް އޭނާއަށް ތަފާތު ކަމެވެ.
ޒާރާ ގޮސް ހުއްޓުނީ އައްފާން ކައިރީގައެވެ. އެހިނދު ފުން ބެލުމަކުން ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. އެ ބެލުމުގައިވާ ތަފާތުކަން ޒާރާއަށް ފާހަގަވެސްވިއެވެ. އެކަމަކު އެއީ ކައިވެންޏެއް ކުރެވެން އުޅެތީ އައްފާނަށް އައިސްފައިވާ ތަފާތެކޭ ޒާރާއަށް ހީވިއެވެ.
"އަހަރެން މީގެކުރިން ހިއެއް ނުކުރަން ނިގާބްގެ ނިވަލުގައިވެސް ޒާ ތިހާ ރީތިވާނެ ކަމަކަށް. މާޝާﷲ" އައްފާން ބުންޏެވެ.
އެހިނދު އެސްފިޔަތައް ތިރިކޮށްލި ގޮތުންވެސް ޒާރާ ލަދުގެންފިކަން އައްފާނަށް އެނގުނެވެ. ކަޅުފޮތިގަނޑެއްގެ ނިވަލުގައި ޒާރާ މޫނު ނެތްނަމަ މޫނަށް އެރި ކުލަވަރުވެސް އައްފާނަށް ފެނުނީހެވެ.
މާގނަ އިރެއްނުވެ ކައިވެނީގެ މަޖިލިސް ފެށުނެވެ. ނޭވާ ހިފަހައްޓާލައިގެން ޒާރާ އިނެވެ. އިސްޖަހާލައިގެން އިންއިރު ޒާރާގެ ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ފުރތަމަ ކައިވެނި ކުރެވުނު ވަގުތާއި އޭރު ކުރެވުނު އިހުސާސްތަކާއި އެދުވަހުގެ މަންޒަރުތައް އޭނާގެ ލޯމަތީގައި ފްލޭޝްބެކް ވަމުން ދިޔައެވެ. ކުޑައިރުކޮޅަކުން އަނެއްކާވެސް އޭނާގެ ދިރިއުޅުމުގެ މުޅިން އާ ބާބެއް ފެށޭނެއެވެ.
"އަނބި ގަބޫލުކޮށްފިން"
ޒާރާ އިސްއުފުލާލީ އައްފާން އެހެން ބުނުމުންނެވެ. ވަގުތުން ޒާރާއަށް ވަމުންދިޔަ ހުރިހާ އިހުސާސްތަކެއް ކެނޑި މީހާ ހިމޭންވެއްޖެއެވެ. ޖެހެމުން ދިޔަ ރޯޅި ވެސް ހިމޭންވެ ޒާރާގެ ނަފްސާއި އެކުވެއްޖެއެވެ. ހިތަށް ލިބުނު ނުތަނަވަސްކަން ފިލައި ހިނގައްޖެއެވެ. ޒާރާގެ އެކަނިވެރި ދިރިއުޅުމަށް ނިމުމެއް އަތުވެއްޖެއެވެ. އޭނާ އާ އެކު އުފާވެރިކަމާއި ހިތާމަ އަދި ހަޔާތުގެ ކޮންމެ ވަގުތެއް ކޮންމެ ސިކުންތެއް ހިއްސާކުރާނެ ބައިވެރިއެއް ޒާރާގެ އަތުގައި ހިފައިފިއެވެ. ނޭނގެނީ އެ ގުޅުމަށް ނިމުން އަންނާނެ ދުވަހެކެވެ. މާޒީ ތަކުރާރު ނުވާނެކަމެވެ. އެހެންނަމަވެސް ޒާރާގެ ހިތުގައިވާ އުންމީދު ތަންފުކެއްވެސް ފަނޑެއްނުވެއެވެ.
ވަލީމާގެ ކަންކަން ފެށިގެން ދިޔައެވެ. ގޯތިތެރެއަށް ވެރިވެފައިވަނީ އުފާވެރި މާހައުލެކެވެ. އެކުގައި މަސައްކަތްކުރާ ކުދިންނާ ހެޔޮއެދޭ ހުރިހާމީހުން ކައިނިމިގެން ނިކުމެގެން ދަނީ އާ ކައިވެނީގެ ދެފަރިންނަށް ހެޔޮދުއާކޮށްފައެވެ. ޒާރާ ވަޒީފާއަށް ނުނިކުންނާނޭކަން އެނގޭތީ އެވާހަދައްކާ ހިތާމަ ފާޅުކޮށްފައެވެ.
މެހްމާނުން ގޯތިތެރެއިން މަދު ނުވަނީސް ނިއަމް ގޮވައިގެން ޒާރާ އެތެރެއަށް ވަނެވެ. އައްފާންގެ ކޮޓަރިއަށް ވަންނަން ޒާރާ އަށް ނުކެރިފައި ހުއްޓެވެ. އެތަން ފެނުމުން ޒާރާ ގޮވައިގެން އެ ކޮޓަރިއަށް ވަނީ ވަސީމާ އެވެ. ކޮޓަރީ ދޮރުހުޅުވާލުމާއެކު ޒާރާގެ ނޭފަތުގައި ޖެހުނީ ހިތްފުރޭފަދަ ހިތްގައިމު މީރު ވަހެކެވެ. ޒާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ގެނޭ ވަސިންތަ އަތަށް ދަރިފުޅު. މިރޭ މާމާއާއެކު އޭ ދޮންކަލޯ ނިދާލާނީ" ނިއަމް އުރާލަމުން ވަސީމާ ބުންޏެވެ. ހަމަ ނިދި ނުލިބި ފޫހިވެފައި އިން ނިއަމް ރޯގޮތް ދައްކައިލުމުން ޒާރާ ނިއަމް އުރާލިއެވެ.
"އޯކޭވާނެ ވަސިންތަ ދޭ މެހްމާނުން ކައިރިއަށް" ރޮމުންދިޔަ ނިއަމް މަސަލަސް ކުރެވޭތޯ ބަލަމުން ޒާރާ ބުންޏެވެ.
ވަސީމާ ދިޔުމުން ނިއަލް ގޮވައިގެން އައި ޒާރާ އިށީނީ ސޯފާގައެވެ. ހެދުން ބަދަލުނުކޮށް އޭނާ ފުރަތަމަ މަސައްކަތްކުރީ ނިއަމް ނިންދަވާށެވެ. އައްފާން ކޮޓަރިއަށް ވަންނާނެ އިރެއްވެސް ނޭނގެއެވެ. ކުރިއަށް އޮތް ވަގުތުތައް ދާނީ ކިހިނެއްކަން ނޭނގޭތީ ޒާރާ އިނީ ކަންބޮޑުވެފައެވެ.
ނިއަމް ނިންދާވާފައި ޒާރާ އެނދުން ތެދުވިއެވެ. ކޮޓަރިއަށް ވަންފަހުން ބައި ގަޑިއިރު ފާއިތުވެއްޖެއެވެ. މީހެއްގެ ހިލަން ނުވެއެވެ. އައްޔަ ކޮބައި ހެއްޔެވެ؟ އަނެއްކާ ނިދަން އެ ދިޔައީ އެހެން ކޮޓަރިއަކަށް ހެއްޔެވެ؟ ކުޑަދޮރު ކައިރީގައި ހުއްޓި ދޮރުފޮތިގަނޑު ކުޑަކޮށް ހިއްލާލާފައި ބަލައިލިއެވެ. ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. އައްފާން ހީވީ ހޫނު ގޮނޑިއަށް އަރުވާފައި އިންހެންނެވެ. ކުރިމަތީގައި އިން ގޮނޑީގައި އިން މަންމައެވެ. ހުރިހާ ވާހަކައެއް ދައްކަނީ މަންމައެވެ. ކައިވެންޏާ ގުޅޭ ހާއްސަ ދަރުހެއް ދެނީއެވެ. ޔަގީނެވެ.
"މަންމަވެސް ދޯ" ޒާރާ އަށް ބުނެވުނެވެ. "އައްޔަ އަށް ފިލާވަޅު ނަގައިދެނީތަ؟"
ހެދުން ބަދަލުކުރަން އުޅެފައިވެސް އެ ހިޔާލު ޒާރާ ދޫކޮށްލިއެވެ. ނިއަމް ކައިރީގައި ހެޑުބޯޑުގައި ލެގިލައިގެން ޒާރާ އިށީނެވެ. އެއްއަތުން ނިއަމްގެ ފަން އިސްތަށިކޮޅާ ކުޅެމުން ޒާރާ ދިޔައެވެ. އެހެން އިންއިރު އޭނާގެ ހިތަށް ލައްކަ އެއްޗެހި އަރަމުން ދިޔައެވެ. ދެވަނަ ކައިވެނި ކުރެވުނީއެވެ. ވާނެގޮތެއް ހިޔާލަށްވެސް ގެންނަން ދައްޗެވެ. ދިރިއުޅުން އަމާން އޮމާންކޮށް ކުރިއަށް ގެންދެވޭނެ ހެއްޔެވެ؟ އައްޔަގެ ފަރާތުން ލިބޭނީ ފިރިއެއްގެ ލޯބި ހެއްޔެވެ؟ ނޫނީ އަދިވެސް ހުންނާނީ ގާތް ރަހްމަތްތެރިއެއް ފަދައިން ހެއްޔެވެ؟ ނޫނީ އަހަރެންނަށް އައްޔައަށް އުފަލެއް ހޯދައިދެވިދާނެ ހެއްޔެވެ؟ ޔަގީނެވެ. ދެވަނަ ކައިވެންޏެއް ކުރަން ޖެހުމުން އައްޔަވެސް ހުންނާނީ ވަރަށް މާޔޫސްވެފައެވެ.
ކުއްލިއަކަށް ޒާރާ ސިހުނީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ކައްޓެއް ސީދާވާ ފަދައިން އެނދުގައި ޒާރާ ކޮޅަށް ޖެހުނެވެ. ޒާރާ އަށް ވީގޮތް ފެނުމުން އައްފާނަށް ހެވެން އުޅުނެވެ. އެހެންނަމަވެސް އެކަން އޭނާ ހިންދާލިއެވެ. މަޑުމަޑުން އައްފާން އައީ ޒާރާ އާ ގާތަށެވެ. އެއްއަތުން އަނެއް އަތުގެ އިނގިލިތަކުން ކަށި ގޮށްވަމުން ޒާރާ ދިޔައީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ.
"ނިއަމްއަށް ނިދުނީ ދޯ" ނިއަމްގެ ފައިކޮޅުގައި ފިރުމައިލަމުން އައްފާން ބުންޏެވެ. ޒާރާ ހަމައެކަނި ހޫމްއެއް ލައްވާލިއެވެ.
"ޒާ ހާދަ ހާސްވެފަ. އާދެބަ މިތާ އިށީނދެލަން" އެނދުގައި އިށީންނަމުން އައްފާން ބުންޏެވެ.
ކުރިން އިންތަނުގައި ޒާރާ އިށީނެވެ. ދެމަފިރިން މެދުގައި އެކަކަށް އިށީނދެވޭހާ ހުސްޖާގަ ހުއްޓެވެ. ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒާރާގެ މޫނުމަތިން އައްފާނަށް ފެނުނީ ހާސްކަމެވެ. ވާނީވެސް އެހެންކަން އައްފާނަށް އެނގެއެވެ. ކުއްލިއަކަށް ދިރިއުޅުމަށް ބޮޑު ބަދަލެއް އައުމުން ކޮންމެ މީހަކުވެސް ހާސްވާނެއެވެ.
"ހީވަނީ ކޮންމެސްކަމަކާ ބިރުން އިންހެން" އައްފާން ބުންޏެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. ޒާރާ އެއްޗެއް ބުނޭތޯ އައްފާން އިރުކޮޅަކު އިނދެލިއެވެ. ޒާރާ ފަދައިން އައްފާންގެ ސިކުނޑި ތެރޭގައިވެސް އެތައް ކަމެއް އެނބުރެމުން ދިޔައެވެ. އޭނާ އެދުނު ފަދައިން ޒާރާ އާ ކައިވެނި ކުރެވުނަސް އެ ލޯބި ލިބޭނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ކަޑައްތު ކުރަންޖެހޭ ރާސްތާ ނުހަނު ދިގެވެ. އަނެއްކޮޅުން ދެމަފިރިންނަށް ވުމަށްފަހު އެއްކޮޓަރި ހިއްސާކުރަންޖެހޭއިރު ޒާރާ އަށް އުނދަގޫ ނުވާނެ ހެއްޔެވެ؟ ޒާރާ އަށް އޭނާ ބޭނުންވާ މިނިވަންކަން ދެވިދާނެ ހެއްޔެވެ؟ ވާނެގޮތެއް ނޭނގެއެވެ. އެނގެނީ ރަހްމަތްތެރިއެއްގެ މަގާމުން އަންބެއްގެ މަގާމަށް އަންނަން ބޭނުންވާ މުއްދަތު ޒާރާ އަށް އޭނާ ދޭނެ ކަމެވެ. އަވަސް އަރުވާލައިގެން ލޯބި ހާސިލްކުރަން އޭނާ މަސައްކަތެއް ނުކުރާނެއެވެ. ރަހްމަތްތެރިއެއްގެ ގޮތުގައި ހުރެ ޒާރާ އޭނާއަށް ކުރި އިތުބާރަށް ކުޑަވެސް ލޮޅުމެއް އަރަން އޭނާ ބޭނުމެއް ނުވެއެވެ.
"ޒާ. އަހަރެން ވާހަކައެއް ބުނަންތަ؟ އަހަރެންނަށް އެނގޭ މިކައިވެންޏަށް ޒާ އެންމެ ބޮޑަށް ރުހުނީ ނިއަމްއަށް ޓަކައި ކަން. މިގޮތަށް ކައިވެނި ކުރެވުނަސް އަހަރެން ބޭނުމެއް ނޫން އަހަރެމެން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމަށް އެއްވެސް އަސަރެއް ކުރާކަކަށް. އަދި އަހަރެންނަށް އެނގޭ ޒާ އަށް މިގޮތަށް ދެވަނަ ކައިވެންޏެއް ކުރުމަކީ ފަސޭހަކަމެއް ނޫންކަންވެސް. އެކަމަކުވެސް ދެފަރާތުގެ އާއިލާއިން ރުހި އަހަރެމެން ދެމީހުންގެވެސް ރުހުމާއެކު މިވަނީ ދެމީހުންގެ ދެވަނަ ކައިވެނި ކުރެވިފަ" އައްފާން ވާހަކަދައްކަމުން ދިޔައެވެ.
އިސްޖަހާލައިގެން އިނަސް ޒާރާ އިނީ އައްފާންގެ ވާހަކަތަކަށް ސަމާލުކަންދީގެންނެވެ. ހުސް ކަޅު ކުލައިގެ ހެދުމުގައި ޒާރާ ރީއްޗެވެ. ގަޔަށް ދޫކޮށް ހެދުން ހުރުމުން އެ ހަށިގަނޑުގެ ނިކަމެތިކަން ވަނީ ފޮރުވިފައެވެ. ކަޅު ކުލައިގެ ބުރުގާގެ ތެރެއިން ޒާރާގެ މޫނު ފެންނަނީ އަލިގަދަ ވޮށެއް ފަދައިންނެވެ. ބަލާބަލާ މީހަކު ފޫހިނުވާނެއެވެ. އައްފާން ބޭނުންވަނީ އިރުއަރަންދެން އެ މޫނަށް ބަލަން އިންނާށެވެ.
"ނިއަމް އާ އެކު ޒާ ނިދާ އެނދުގަ" އައްފާން ބުންޏެވެ. ޒާރާ އިސްއުފުލާ އައްފާނަށް ބަލައިލިއެވެ. އޭނާ ނުރުހިފައި އިންހެން އައްޔައަށް ހީވީހެން ޒާރާއަށް އިހުސާސްވިއެވެ. އައްފާންގެ މޫނަށް އޭނާއަށް ބަލައިލެވުނީ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށެވެ. އައްފާން ހީލިތަން ފެނުމުން ޒާރާ އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ.
"ޓަސްލާފަ އުޑަށް އެރޭނެކަމަށް އަހަރެމެން އެކަކުވެސް ހީކޮށްގެން ނުވާނެއްނު. މި ކައިވެންޏަށް އަހަރެމެން ދެމީހުންވެސް ޖެހޭނެ ޓައިމް ދޭން. ޒާ ގެ ރުހުމެއްނެތި ތި ހަށިގަނޑުގަ އިނގިލީ ކުރިވެސް އަހަރެން ނުޖައްސާނަން. އެކަމަކު ތިހެން ބީރައްޓެހިވެފަ ނުހުރޭ. އަހަރެންގެ ރަހްމަތްތެރިއެއްގެ މަގާމުން އަހަރެންގެ އަންބެއްގެ މަގާމަށް ޒާ އަޔަސް އަދި ރަހްމަތްތެރިކަމުގެ ގުޅުން ކެނޑުނީއެއް ނޫނެއްނު. އަހަރެމެން ދެމީހުންގެ މެދުގައި ކުރީގައި އޮތް ރަހްމަތްތެރިކަން އަބަދުވެސް އޮންނާނެ. މިގޮތުގަ އަހަރުތަކެއް ފައިބައިގެން ދިޔަސް އަހަރެންގެ ހިތުން ޒާ އަށް ދީފައިވާ މަގާމް ފަނޑެއްނުވާނެ...." އައްފާން ވާހަކަދެއްކިއެވެ. މިއަންނަނީ ޓޮއިލެޓަށް ވަދެލާފަ"
ފާހާނާގެ ދޮރު ލެއްޕުނު އަޑު އިވުމާއެކު ޒާރާ އަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އައްފާންގެ ހިތްހެޔޮ ކަން އަނެއްކާވެސް އިހުސާސް ކުރެވުނު ވަގުތުކޮޅަކަށް އެވަގުތުކޮޅު ވެގެން ދިޔައެވެ. އައްފާން ދެއްކި ވާހަކަތަކާ މެދު ޒާރާ ވިސްނާލިއެވެ.
"މިގޮތުގަ އަހަރުތަކެއް ފައިބައިގެން ދިޔަސް އަހަރެންގެ ހިތުން ޒާ އަށް ދީފައިވާ މަގާމް ފަނޑެއްނުވާނެ" ޒާރާގެ ސިކުނޑިން އެ ޖުމްލަ ނުފިލިއެވެ. އެއީ ކޮން މާނައެއްގައި އައްޔަ ބުނި އެއްޗެއް ހެއްޔެވެ؟ އެބުނީ ކޮން މަގާމެއްގެ ވާހަކަ ހެއްޔެވެ؟
އައްފާން ފާހާނާއިން ނިކުތް އަޑަށް އަނެއްކާވެސް ޒާރާ އެނދުން ތެދުވިއެވެ. އައްފާނާއެކު ބަންދު ކޮޓަރިއެއްގެ އެތެރޭގައި ހުރެވުމުން ޒާރާ އެ ހުންނަނީ ސިހިސިހިއެވެ. އެކަން އައްފާނަށް ފާހަގަވެސްވިއެވެ.
"ޒާ ޗޭންޖްކޮށްލައިގެން ނިދަން އުޅޭ. އަލަމާރިއަށް ހެދުންތައް އަޅާނީ މާދަމާ. ރެސްޓްކޮށްލާ" އައްފާން ބުންޏެވެ. އައްފާން ފާހާނައިން ނިކުތްއިރު ހުރީ ލައިގެން ހުރި އެއްޗެހި ބަދަލުކޮށްފައެވެ.
"ޒާ ބޭނުންތަ އަހަރެން ކައިރީގަ އެއްވެސް އެއްޗެއް ބުނަން" ބޭލި އަންނައުނު ކޮނޑުގައި އަޅުވަމުން އައްފާން ބުންޏެވެ.
"އައްޔަ... އައްޔަ ނިދަނީ ކޮންތާކު.. މިބުނީ އަހަރެންނާ ނިއަމް އެނދުގަ އޮންނާށޭ ބުނީމަ" ޒާރާ ބުންޏެވެ.
އައްފާން ހީލި އަޑު އިވުނެވެ. އިރުކޮޅަކުން ޒާރާ ކުރިމަތީގައި ހުއްޓުނެވެ. ކުއްލިއަކަށް ޒާރާ ދިޔައީ ސިހިގެންނެވެ. އައްފާން ކުރިމައްޗަށް ގުދުވުމުންނެވެ. ޒާރާ ދެލޯބޮޑުކޮށްލި ގޮތަށް އެހާ އަވަހަށް ހީވެސްލައިފިއެވެ.
"ސޮރީ... އަހަރެން ހީކުރީ..."
"ހެހެހެ... ތިހީކުރާކަހަލަ ކަމެއް ކުރާކަށްނޫން އުޅުނީ. މި ބާލީސް ނެގީ. އަހަރެންގެ ބެޑަކީ އެއީ" އައްފާން އިނގިލި ދިއްކޮށްލީ އެއްފަރާތުގައި ހުރި ސޯފާއަށެވެ. ދިގު ސޯފާއެކެވެ. ބަލާބެލުމަށް އައްފާންގެ އިސްކޮޅު ހުންނާނެއެވެ.
ސޯފާގައި ނިދާ ވާހަކަ ބުނުމުން އައްފާނަށް ޒާރާ ބަލައިލީ ކަންބޮޑުވެފައެވެ. އައްފާން އެތަނުގައި ނިދާ ވާހަކަ ބުނުމުން ޒާރާ ދެރަވިއެވެ. ސޯފާއެއްގައި ނިދުމަކީ އެއްވެސް މިހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
"އެއީ ހަމައެކަނި ސޯފާއެއް ނޫނޭ. އެއީ ސޯފާ ބެޑެއް. ސޯފާ މައްޗަށް ބާލިސް އެއްލާފައި ގޮނޑި ބޭރަށް ދަމާލިއެވެ. އެއާއެކު އެ ގޮނޑި އެނދެއްގެ ބޮޑުމިނަށް ފެތުރިއްޖެއެވެ. އެނ އެނދުމައްޗަށް އައްފާން އެރީ ފުންމައިގެންނެވެ. ބާލީހުގައި ބައްދާލި ގޮތަށް ކުޝަނެއް ބޯދަށަށް ލައްވާލިއެވެ.
"ވަރަށް އަރާމު. ތި ބެޑު ހުއްޓަސް އަހަރެން ގިނައިން ނިދަނީ މީގަ. އެއްދުވަހު ދޭނަން އެނގޭ ޒާ ނިދާލަން މިތަން. އަހަރެން ދާނީ އެނދަށް"
ޒާރާ ހިނިތުންވެލިއެވެ. ލަސްލަހުން ހިނގާފައި ޒާރާ ގޮސް ހުއްޓުނީ ތިރީގައި ހުރި އޭނާގެ ފޮށި ކައިރީގައެވެ. ނިދަން ލާނެ އެއްޗެއް ހިފައިގެން ޒާރާ ފާހާނާއއަށް ވަންނަންދެން އޮވެފައި އައްފާން ހީލިއެވެ.
"ޔާ ﷲ ދިގު އިންތިޒާރެއް... އެކަމަކު ނިމުން ފޮނިވާނެ. އިންޝާﷲ"
****
މަންމަގެ ފަރާތުން ލިބުނު ހަބަރާއެކު ފައްވާޒްގެ މުޅި ރޫހް ގެއްލިއްޖެއެވެ. މިހުރިހާ ދުވަހު އޭނާ ހުރީ ޒާރާ މަތިން ހަނދާން ނުވާތީއެއް ނޫނެވެ. ދޫކޮށްލީވެސް ޒާރާދެކެ ފޫހިވެ ރުޅިއަރާތީއެއް ނޫނެވެ. އޭނާއަށް ވީގޮތެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. އޭނާއަށް ޖެއްސި ޖާދުލެއް ޖެއްސީ މާހިއެވެ. މާލޭގެ ރީތި ދޮން ބައްޓެއްފަދަ އަންހެންކުއްޖާއަށް އޭނާގެ ހިތް ދެވުނީއެވެ. ވަރިކޮށްލަފައި އައިފަހުންވެސް އެތައް ފަހަރަކު ޒާރާ ކައިރިއަށް ދާން ހިތަށް އެރިއެވެ. އެކަމަކު އުނބަށް ޖަހަން ބޭނުންނުވާތީ ގޮތުގައި ހުރީއެވެ. އެކަމަކު ކުއްލިއަކަށް ޒާރާ މީހަކާ އިން ހަބަރު ލިބުމުން ފައްވާޒްގެ މުޅިން މާޔޫސްވެއްޖެއެވެ. އުމުރަށް ޒާރާ ގެއްލިއްޖެކަން ގަބޫލުކުރަން އޭނާގެ ނަފްސު ތައްޔާރު ނުވިއެވެ. ސޯފާގައި ގަބުވެފައި އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެހާ އަވަހަށް ޒާރާ މީހަކާ އިނދެފާނެ ކަމަކަށް ފައްވާޒް ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. ވަރިވީފަހުން އަދި އަހަރެއްވެސް ނުވެއެވެ.
"ކާކާ ކަން އެނގޭތަ އިނީ" ފައްވާޒް އެހިއެވެ. ފައްވާޒްގެ އަޑުން އެކަނިވެސް އޭނާގެ ހިތަށް އަސަރުކޮށްފައިވާކަން ޖޫލިޔާ އަށް އެނގުނެވެ.
"ރަށު މީހެކޭ ބުނީ. ދެން އިތުރަށް މަންމައަކަށްވެސް ނޭހުނު. މަންމަވެސް ވަރަށް ދެރަވެއްޖެ އެހެން ބުނީމަ. އެހެންވެ އަވަހަށް ފޯނު ބޭއްވީ" ޖޫލިޔާ ބުންޏެވެ.
"ކިހާ ދެރަ މަންމާ. ޒާރާ އަހަންނަށް އެގެއްލުނީ" ފައްވާޒް ބުންޏެވެ.
"ދެން ކުރާނެކަމެއްނެތް" ޖޫލިޔާ ބުންޏެވެ.
ފައްވާޒް ތެދުވެގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާފައި ބަލައިލިއިރު މާހީ ގުޅިކަމަށް ކޯލު ލިސްޓުން އެނގެން އޮތެވެ. މާހީގެ ނަންބަރު ބްލޮކް ކޮށްފައި ވިޔަސް ގުޅައިފިއްޔާ ފައްވާޒްގެ ފޯނުން ފެންނަން އޮވެއެވެ. މާހީ ގެ ނަން ހިތަށް އެރުމުން މިފަހަރު ފައްވާޒް ވީ ފޫއްސެވެ. ދެފަރާތަށް ބޯހޫރާލިގޮތަށް ފައްވާޒަށް އޭނާގެ ބޯ އިސްތަށިގަނޑު ތެރޭގައި އަތްހިންގާލެވުނެވެ. މިރޭ ވާނީ ޒާރާގެ އާ ކައިވެނީގެ ފުރަތަމަ ރެއަށެވެ. އެމީހަކާ އެކު ޒާރާ ހާދަ މަޖައެއް ކުރާނެއެވެ. އަހަރެން ބަދަލުވެ އަލުން ޒާރާ ބޭނުންވެފައި ހުރިކަން ޒާރާއަށް އެނގޭނެ ނަމައެވެ. މައާފަށްއެދެން ބޭނުންވެފައި ހުރިކަން އެނގޭނެ ނަމައެވެ.
އެނދުގައި އުއްޑުން ފައްވާޒް އޮށޯތެވެ. ޒާރާ އާ މެދު ކަންތައްތައް ކުރެވުނު ގޮތް ހަނދާންވާން ފެށުމުން އޭނާ މާޔޫސްވާ ގޮތް ވެއްޖެއެވެ. ޒާރާ ހިތްހެޔޮ ދުވަހަކުވެސް ނުކުރާވަރަށް ހިތުގައިޖެއްސިފައި ވެއެވެ. އެހެންނަމަވެސް ޒާރާގެ ހަޔާތުގެ ބައިވެރިއަކަށްވީ ކާކުކަން ހޯދަން ފައްވާޒް ބޭނުންވިއެވެ. އެމީހަކު ހޯދަން ގުޅާނީވެސް ކާކަށް ހެއްޔެވެ؟ މިހާރު އެއްގޮތަކަށްވެސް އޭނާ ގޮވިޔަސް ނޫރީންވެސް އަނގައިން ނުބުނެއެވެ. އައްފާން މަތިން ހަނދާންވީ ކުއްލިއަކަށެވެ. އެކައިވެންޏަށް އައްފާން ނުދާނެ ގޮތެއް އެއީ ނެއްގޮތެކެވެ. އައްފާންގެ ނަންބަރަށް ފައްވާޒް ގުޅަމުން ދިޔައެވެ. އައްފާން ފޯނަށް ޖަވާބު ނުދިނުމުން ތިންހަތަރު ފަހަރު ގުޅިއެވެ. އެހެންނަމަވެސް އޭނާއަށް ކާމީޔާބީއެއް ނުލިބުނެވެ.
"ޗުއްޓީ އެއް ހޯދައިގެން އެރަށަށް ދާންވީ ކަންނޭނގެ. ޒާރާ ހުރީ އުފަލުންތޯ ބަލަން އަހަރެން ބޭނުން. އަހަރެން ފެނުމުން ޒާރާ އަށް ވާގޮތެއް ބަލަން އަހަރެން ބޭނުން" ފައްވާޒް އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.
****
ފާހާނައިން ނުކުތް ގޮތަށް ޒާރާ ދޮރުލައްޕާލީ ވަރަށް މަޑުންނެވެ. އޭނާ ހީކުރީ އައްފާން އޮންނާނީ ނިދާފައި ކަމަށެވެ. ބޭލި ހެދުން ފޮއްޓަށް ލާން އުޅެނިކޮށް ސިހުނީ ކުއްލިއަކަށް އައްފާން ވާހަކަދެއްކުމުންނެވެ.
"ތިތަނުގަ ނުބާއްވާ. އަލަމާރިން ކޮނޑެއްގައި އަޅުވާ" އައްފާން ބުންޏެވެ. ޒާރާ އެގޮތަށް ކަންތައް ކުރިއެވެ. ބުރުގާ ނަގަން ނުކެރިފައި ޒާރާ ހުއްޓެވެ. އެކަން އައްފާނަށް ފަހުމުވީ ޒާރާ ހުރިގޮތުންނެވެ. އޭނާ ލަސްލަހުން ދެލޯ މަރާލިއެވެ.
"ޗޭންޖްކޮށްލާ" އައްފާން ބުންޏެވެ. ލަދުގަތްވަރުން ހުރެވުނު ތަންވެސް ޒާރާ އަށް ނޭނގުނެވެ.
ފާރާ ދިމާލަށް އެނބުރިގެން އޮތް އައްފާން އޮތީ ދެލޯ ދެ ކާށި ވަރަށް ހުޅުވައިގެންނެވެ. ފާރަށް އެޅިފައި ހުރި ޒާރާގެ ހިޔަނިން ރީއްޗަށް ޒާރާގެ ހަރަކާތްތައް އޭނާއަށް ފެނުނެވެ. ބުރުގާ ނެގި ވަގުތު އައްފާން ދެލޯ މަރާލިއެވެ. ނޭނގުމުގެ ތެރެއިންވެސް ޒާރާ އަށް މަކަރެއް ހަދަން ބޭނުންނުވާތީ އޭނާ އޮތީ ވިސްނައިގެންނެވެ.
(ނުނިމޭ)