ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިފި އެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ ގދ. ތިނަދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވަނީ އެ ތަނާއި އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ.
މި ސެންޓަރުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމައަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.
ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމު ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހެއްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރުތައް ގާއިމުކުރުން ހިމެނިފައިވާ އިރު، އައްޑޫ ސިޓީ ހިތަދޫއާއި ހދ. ހަނިމާދޫގައި ގާއިމުކުރި ސެންޓަރުތަކާއެކު މި ވައުދު ވަނީ ފުރިހަމަވެފައެވެ.
މިނިސްޓަރު ޝިދާތާގެ މި ދަތުރުގައި ގދ. އަތޮޅު ކައުންސިލް، ގދ. ތިނަދޫ ރަށު ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އަދި ކޮމިޔުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ)އަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.