"މިއަދު އަހަރެން މިތަނަށް އައީ ވަރަށް ފޮނި އުންމީދެއްގަ. އެކަމަކު މިހާރު އެނގިއްޖެ ތިހިތުގައި އަހަންނަށްޓަކައި ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ނެތްކަން. މާހީ ބޭނުންވަނީ ލޯތްބެއް ނޫން. ދުނިޔޭގެ އުފަލާ އަރާމު. މުދާ. ފައިސާ. ދެއްކުންތެރިކަން.... މިހުރިހާ އެއްޗެއް އަހަރެންގެ ފަރާތުން ލިބޭނެކަމަށް އުންމީދު ނުކުރާތި. މިއަދު އަހަރެން މިދަނީ އަހަރެންގެ މަންމަ އާ މާހީ ގެ ތެރެއިން އަހަރެންގެ މަންމަ ޗޫޒްކޮށްގެން. ތި އުނގުން އަހަރެންނަށް ލިބުނު ލޯތްބެއް ނެތް. އެކަމަކު އަހަރެންގެ މަންމަ އުނގުން އުމުރު ހުސްވަންދެން އަހަރެންނަށް ލޯބި ލިބޭނެ. މާހީ ބޭނުންވާ ދިރިއުޅުން ލިބެންދެން ތިހެން އިނދޭ... ގުޑް ބާއީ. ހަނދާންކުރާތި. އަހަރެން އެއްޗެއް ފަސްދީފިއްޔާ އެ އެއްޗެއް ހޯދަން އަހަރެން މަސައްކަތެއް ނުކުރާނަން"
ފައްވާޒް ތެދުވެގެން ހިނގައިގަތް އިރުވެސް މާހީ އަށް އިނދެވުނީ ޖެހި ބުދެއްހެން ގަބުވެފައެވެ. އެ ހުރިހާ އެއްޗެއް ގޮވާލާފަ އެ ދިޔައީ ހަމަ ފައްވާޒް ހެއްޔެވެ؟ މާހީ އަށް ގަބޫލުނުކުރެވުނެވެ. ފައްވާޒް އެދިޔައީ ރުޅިވެފައި ހެއްޔެވެ؟ ދެމީހުންގެ ލޯބީގެ ދަރުބާރު ބަންދުވީ ހެއްޔެވެ؟ އެހާވަރުގެ ކަމަކާ ހެއްޔެވެ؟ ފައްވާޒް ވި ލޯތްބަކީ އެއީ ހެއްޔެވެ؟ އިނގިލީގެ ނިޔަފަތިގަނޑު ހަފަން އިން މާހީ އިނީ ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް ހަނދާންނެތިފައެވެ.
"ނޫން... ނޫން... ފަވާ..." މޭޒުމަތީގައި އޮތް ފޯނު ހިފައިގެން މާހީ ދުއްވައިގަތެވެ. މާހީ ގޭޓާ ދިމާލަށް ދިޔަތަން ފައިސާ ދައްކަން ކައުންޓަރު ކައިރިއަށް ގޮސް ހުރި ފައްވާޒަށް ފެނުނެވެ. އޭނާ މަގަށް ނުކުތީ މާހީގެ ކުރިމަތިންނެވެ.
****
ޒާރާ ކޮޓަރިން ނިކުތްއިރު އޭނާގެ ކޮޓަރިން އެއްޗެހިތަކެއް ހިފައިގެން ނިކުތް ނޫރީން ފެނުނެވެ. ޒާރާ ހުއްޓުން އެރިއެވެ. އޭނާ ބަލައިލިއިރު ކޮޓަރި ހުރީ ހުޅުވާފައެވެ. އެތެރެއިން ހިމްނާގެ އަޑު އިވިއިވި ހުއްޓެވެ. ޒާރާ އެދިމާލަށް ހިނގައިގަތެވެ. އޭނާ ދޮރުމަތީގައި ހުއްޓުނުއިރު ހިމްނާ އުޅުނީ އަލަމާރިން ބެޑްޝީޓު ނަގައެވެ. ދޮރޮމަތީގައި މީހަކު ހުރިހެން ހީވެ ހިމްނާ ބަލައިލިއެވެ. އޭރު ކޮޓަރި މެދަކާ ހަމައަށް ޒާރާ ހުރީ ވަދެއެވެ. މުޅި ކޮޓަރި އޮތީ ހުސްކޮށެވެ. އެނދުމަތީގައި ހުޅުވާފައި ހުރި ފޮށްޓަށް ޒާރާ ބަލައިލިއެވެ. އޭގެތެރޭގައި ހުރީ ޔޫކް ހެދުންތަކާ ބޫޓްކޮޅުތަކާއި އިސްޓާކީންތަކެވެ. އަދި ކުދި ބާލިސްތަކާއި ޔޫކްގެ ގައިގައި އޮޅާ ރަޖާތަކެވެ. އެހުރިހާ އެއްޗެއްގައި ޒާރާ ފިރުމަމުން ދިޔައެވެ. ދުވަސްތަކަކަށްފަހު އަމިއްލަ ކޮޓަރިއަށް ވަދެވުމުން ޒާރާގެ ހިތުގައި މާޒީގެ އުފާވެރި ދުވަސްތަކުގެ އެކި މަންޒަރުތައް ފިލްމެއްހެން ރޯލްވާން ފެށިއެވެ.
"މި އެއްޗެހި އުކާލާންތަ ތިނެގީ" އަސަރާއެކު ޒާރާ އެހިއެވެ. އެނދު ކައިރީގައި ހުރި ހިމްނާ ޒާރާ އަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"ދަރިފުޅު ބޭނުންގޮތެއް ހަދާ. މަންމައަށް މައްސަލައެއްނެތް ރައްކާކޮށްފަ ބެހެއްޓިޔަސް. އެންމެ ރަނގަޅުގޮތަކީ އެ އުމުރުގެ ކުއްޖަކަށް ތި އެއްޗެހި ޞަދަގާތްކުރުން" ހިމްނާ ބުންޏެވެ.
ޒާރާ ހިނިތުންވެލެފާއި ޔޫކްގެ ހެދުންތަކުގައި ބޮސްދިނެވެ. މޭގައި ޖައްސާ ދެލޯމަރާލިއެވެ. އެއީ އޭނާގެ ދެލޮލު ނޫރު ފަދައިން ލޯބިވާ ކުޑަދަރިފުޅުގެ އެންމެފަހުގެ ހަނދާންތަކެވެ.
"ﷲ އިރާދަކުރެއްވިއްޔާ މަންމި ދަރިފުޅާ ސުވަރުގެއިން ބައްދަލުވާނެ... މަންމި ވަރަށް ހަނދާންވޭ" ޒާރާ ބުންޏެވެ. އޭނާ ބަލައިލީ ހިމްނާ އައިސް އަތުގައި ހިފުމުންނެވެ.
"އެއްކަލަ ވާހަކަ އައްޔަ ކައިރީގަ ބުނެލަން އެގެއަށް މިދަނީ. މި އެއްޗިއްސަށް މަންމަ ބޭނުންގޮތެއް ހަދާ. ޖަންނަ ކައިރިއަށް ގޮސްލާފަ ގެއަށް އަންނާނީ" ޒާރާ ބުންޏެވެ.
ޒާރާ ނިކުމެގެން ދިޔުމުން ހިމްނާއަށް ލިބުނީ އިންތިހާދަރަޖައިގެ އުފާވެރިކަމެކެވެ. އޭނާ ހީކުރީ ޒާރާގެ ދެލޮލުން ކަރުނަ ފެންނާނެ ކަމަށެވެ. ކޮޓަރިން ފައްވާޒްގެ ހަނދާންތައް އާވެ އެވާހަކަދައްކާނެ ކަމަށެވެ. ތިރީގައި ކުނި ކޮތަޅަށް ލާން ބާއްވާފައި އޮތް ފައްވާޒްގެ ގަމީހަކާ ޖީންސު ފެނުމުން އެތަކެތި ނަގާނެ ކަމަށެވެ. އެކަމަކު މިއަދު މަންޒަރު ތަފާތުވެއްޖެއެވެ. ޒާރާ ބަދަލުވެއްޖެއެވެ. ﷲ ގެ ހަޒްރަތަށް ހިމްނާ ހަމްދުކޮށްލިއެވެ.
****
މަޑުކޮށްލި ސައިކަލުގައި އިން ޒާރާ ފެނުމާއެކު ޖޯލީގައި ވަސީމާގެ އުނގުގައި އިން ނިއަމް ހިތްއަވަސްވެ އަތް ހޫރަން ފަށައިފިއެވެ. ވަސީމާއަށް ހެވުނެވެ. ނިއަމް ޒާރާ އާ ހެދި މޮޔަވީ ހާދަ އަވަހަށެވެ. ސައިކަލުން ފައިބައިގެން ޒާރާ އައިސް ނިއަމް އުރާލިއެވެ. މޫނުގައި ލޯބިކޮށްލުމަށްފަހު އަލުން ވަސީމާ އަތަށް ނިއަމް ދިނެވެ.
"އެބައިން ގާ ގަނޑުމަތީގަ" ވަސީމާ ބުންޏެވެ.
ޒާރާ ބޭރަށް ނިކުތީ އަތިރީ ދޮރުންނެވެ. ދޮރުމަތީގައި ހުރެފައި ބަލައިލިރު ދޮންވެލި ފަސްގަނޑު އަޑިކޮށް ހުރުމުން ކިރިޔާ ފެންނަނީ ގާގަނޑު މަތީގައި އިން އައްފާންގެ ބޮލެވެ. ޒާރާ އެދިމާލަށް ހިނގައިގަތެވެ.
"ހާދަ އިންތިޒާރެއް ކޮށްފީމޭ" ރަނގަޅަށް ޒާރާ އަށް ކުރިމައްޗަށް ނޭރެނީސް އައްފާން ބުންޏެވެ.
"ސޮރީ. މަންމަ ކޮޓަރި ސާފުކޮށް އުޅުނީމަ އެތަނަށް ވަދެލާފަ އައީ. އަނެއްކާ މަގުމަތިން ދަރިވަރެއްގެ މަންމަ އެއްޗެއް އަހާލަން ބުނީމަ މަޑުކޮށްލީ" ހީލަމުން ޒާރާ ބުންޏެވެ.
"ލަހެއްނުވެއޭ.. ޒާ މިތާ އިށީނދޭ. އަހަރެން ހުންނާނީ ކޮޅަށް" އައްފާން ބުންޏެވެ.
****
މިއަދުވެސް އޮފީހުން އައިގޮތަށް ފައްވާޒް ސައިބޯން ނުނިކުންނާތީ ޖޫލިޔާ ކަންބޮޑުވިއެވެ. ރޭގަނޑު ކާއެއްޗެއްވެސް ކަނީ އެތައް ފަހަރަކު ކިޔައިގެންނެވެ. އެވެސް ހަމަ ނަމަކަށެވެ. ކުރިއަށް ވުރެ ހިމޭނުން ހުންނަކަންވެސް ފާހަގަވެއްޖެއެވެ. ގަނެގެން ގެނައި ހެދިކާ އާއި ކަޅު ސައި މޭޒު މައްޗަށް އެރުވުމަށް ފަހު ފައްވާޒް ކޮޓަރީގައި ޖޫލިޔާ ޓަކިޖަހާލިއެވެ. ނަސީބަކުން ވަރަށް ފަސޭހައިން ފައްވާޒް ދޮރުހުޅުވިއެވެ.
"ބަލީތަ؟" ޖޫލިޔާ އެހިއެވެ. ފައްވާޒް ދެފަރާތަށް ބޯ ހޫރާލިއެވެ.
"އާދޭ ސައިބޯން" ޖޫލިޔާ ބުންޏެވެ.
"މިދަނީ"
ކާމޭޒު ކައިރީގައި ޖޫލިޔާ އިށީންތާ މާގިނަ އިރެއްނުވެ ފައްވާޒް އައިސް ކައިރީގައި އިށީނެވެ. ތަށީން ގުޅައެއް ނަގައިގެން ހިމޭނުން އިނދެ އޭނާ ކަމުން ދިޔައެވެ.
"ކޮއްކޮ ބަލާދެވޭނެތަ؟" ޖޫލިޔާ ބުންޏެވެ. ފައްވާޒް ބޯޖަހާލިއެވެ.
ޖޫލިޔާ ފައްވާޒްގެ މޫނަށް ބަލައިލިއެވެ. ކުއްލިއަކަށް ފައްވާޒަށް ބަދަލެއް އައިސްފިއެވެ. މާގިނައިން ވާހަކަވެސް ނުދައްކައެވެ. ކަމެއް ގޯސްވެއްޖެއެވެ.
"މިހާރު މާހީ އާ ވާހަކަދައްކައިފިންތަ؟" ޖޫލިޔާ އެހިއެވެ.
"މާހީ އާ މިހާރު ގުޅުމެއް ނެތް. މަންމަ ދެރަނުވޭ. އަހަރެން މީހަކާ އިންނާނަން" ފައްވާޒް ބުންޏެވެ.
ޖޫލިޔާއަށް ވިސްނުނެވެ. ފައްވާޒަށް އައި ބަދަލީ މިއީތާއެވެ. އެކަމަކު މާހީ އާ ގުޅުން ކަނޑާލީ ސަބަބަކީ ކޮބައި ހެއްޔެވެ؟
"ކިހިނެއްވީ؟ ގަބޫލުނުވީދޯ އަވަހަށް އިންނަން" ޖޫލިޔާ އެހިއެވެ.
އެ ބައްދަލުވުމުގައި މާހީ އާ ދެކެވުނު ވާހަކަތައް ޖޫލިޔާއަށް ފައްވާޒް ކިޔައިދިނެވެ. އިތުރަށް މާހީ އާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމުގައި ބުންޏެވެ.
ޖޫލިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އުފާވީ މާހީ ފަދަ ރަންޑި އަންހެނެއްގެ ކިބައިން ފައްވާޒް ސަލާމަތްވީތީއެވެ. ލަހުން ނަމަވެސް ފައްވާޒްގެ ދެލޯ ހުޅުވުނީތީއެވެ. ކުއްލިއަކަށް ޖޫލިޔާގެ ހިތުގައި އެދުމެއް އާވިއެވެ. ހަނދާންވީ ޒާރާ މަތިންނެވެ. ޒާރާ އަދިވެސް ހުންނާނީ ފައްވާޒަށްޓަކައި ކަން ޔަގީނެވެ. ފައްވާޒަށް އެއަށްވުރެ ރަނގަޅު އަންބެއް ނުލިބޭނެއެވެ. ލަހެއް ނުވެ އަނެއްކާވެސް ޒާރާ އާއެކު ފައްވާޒްގެ ދިރިއުޅުން އާބާދުވާތަން ފެނިދާނެއެވެ. އެވީ ވަގުތުކޮޅުގެ ތެރޭގައި ޖޫލިޔާ އެތައް ހިޔާލީ ފޮލާއެއް ކައްކައިފިއެވެ.
"ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. މާހީ ފަދަ ކުއްޖެއް ދަރިފުޅުގެ ދިރިއުޅުމުން ދުރަށް ޖެއްސީތީ މަންމަ ވަރަށް އުފާވެއްޖެ. ދެރަތަންކޮޅަކީ ފައްވާޒަށް ތި ވިސްނުނީ ވަރަށް ލަސްވީފަހުންކަން" ޖޫލިޔާ ބުންޏެވެ.
"އޯކޭ މަންމާ. ކޮއްކޮ ނިމެނީ ފަސްގަޑި ބައިން ދޯ" ކަޅު ސައި ތަށީގައި އެއްބަޔާ ހަމައަށް ބޮއެފައި މޭޒުމަތީގައި ޖޯޑު ބަހައްޓަމުން ފައްވާޒް ބުންޏެވެ.
****
ކޮންވާހަކައެއް ބުނަން އުޅުނީ" އައްފާން ބުންޏެވެ.
އައްފާން އެދުނުގޮތަށް ގާގަނޑު މަތީގައި އިނީ ޒާރާއެވެ. ރާޅުޖަހާ ހިސާބަށް ވުރެ ކުޑަތަންކޮޅެއް އެއްގަމުގައެވެ.
"އެއީ މާލެ ދާންއެބަޖެހޭ" ޒާރާ ބުންޏެވެ. މޫދަށް ބަލަހައްޓައިގެން ހުރެފައި އައްފާން ކުއްލިއަކަށް އައްފާން ޒާރާ އަށް ބަލައިލިއެވެ. ޒާރާ މާލެ ދާން ޖެހޭ ވާހަކަ ބުނުމުންނެވެ.
"މާލެ ދާން... ކިހިނެއްވީ އަނެއްކާ؟" އައްފާން އެހިއެވެ.
"އެއީ ލޯ ދައްކާލަން. އައިނުގެ މުއްދަތުވެސް ހަމަވެފަ. ލޮލުގައި މިހާރު ރިއްސާވަރުން" ޒާރާ ބުންޏެވެ.
"ވަރަށް ބޮޑަށްތަ؟"
ޒާރާ ބޯޖަހާލިއެވެ. ޒާރާ އާ ކައިރިވަމުން އައިސް އައްފާން ހުއްޓުނީ ގާގަނޑު ކައިރީގައެވެ. ލަސްލަހުން އޭނާގެ ނަޒަރު ޒާރާގެ މޫނަށް ހުއްޓުނެވެ. އެވެސް ޒާރާގެ ދެލޮލަށެވެ. ބިއްލޫރި ކޮޅެއްހާ ސާފު ހުދުކުލައިގެ ބޮޑު ދެލޮލެވެ. ދިގު އެސްފިޔަތައް ޖަހާލާގޮތް ވެސް އެހާ ރިއްޗެވެ. ކައިވެނި ހަމަޖެހުނުފަހުން ޒާރާ އެންމެފަހަރަކުވެސް އައްފާންގެ މޫނަށް ބަލައިނުލައެވެ. އައްފާން ބަލަހައްޓައިގެން ހުރިއިރުވެސް މިހާރުވެސް އެ އިންނަނީ މޫދަށް ބަލަހައްޓައިގެންނެވެ.
"ކޮންއިރަކު ފުރަން ކިޔައިގެން ތިއުޅެނީ؟" އައްފާން އެހިއެވެ.
"ބުރާސްފަތި ދުވަހު"
މަޑުކޮށްލެވޭނެތަ ކައިވެނީގެ ފަހުން ދާން" އައްފާން ބުންޏެވެ.
"އެއީ ޒާ ގޮވައިގެން ދާން އަހަރެން ބޭނުންވާތީ. އަހަރެންގެ ހަރަދުގަ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ކުރަން ބޭނުންވޭ"
"އެންމެ ރަނގަޅު" ޒާރާ ބުންޏެވެ.
"އިރުއޮށްސެނީ. ދެން ހިނގާ ދާން" ޒާރާ ބުންޏެވެ.
ދެޒުވާނުން ހިނގައިގަތެވެ. ކުރީގައި ހުރީ ޒާރާއެވެ. އައްފާން އައީ ލަސްލަހުން ހިނގާފައެވެ.
"އަހަރެން ކިހިނެއް އެކަނި މާލެއަށް ޒާ ދޫކޮށްލާނީ. ފައްވާޒަށް ފެނިއްޖިއްޔާ އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން ބޭނުމީ ޒާ ފޮރުވައިގެން ގެންގުޅެން. އެއްވެސް މީހަކު ނުނިޔަތެއްގަ ތި ސޫރައަށް ބަލާލަންވެސް އަހަރެން ނޭދެން" އައްފާން ހިތާހިތުން ކިއިއެވެ. ހިތް މޮޔަކަން ހިތަށް އަރާފަ އައްފާނަށް ހެވުނެވެ. ޒާރާ ފަހަތް ބަލައިލީ އައްފާން އެއްޗެއް ބުނިހެން ހީވެފައެވެ.
"އެއްޗެއް ބުނިންތަ؟" ޒާރާ އެހިއެވެ.
އައްފާން އަރާ ހަމަކުރަންދެން ޒާރާ މަޑުކޮށްލައިގެން ހުއްޓެވެ. ދޮރާ ދިމާލަށް އައީ ދެ ޒުވާނުން އެއްވަރަށް ހިނގާފައެވެ.
"އަހަރެން ކަމަކު ކިއިއްޔާ ޒާ ކޮށްދޭނަންތަ؟" އައްފާން ބުންޏެވެ.
"ކުރެވޭވަރުގެ ކަމެއް ވެއްޖިއްޔާ" ޒާރާ ބުންޏެވެ.
****
ދެ ދުވަސް ފަހެވެ. ޖޫލިޔާ އިނީ ހޮސްޕިޓަލުގައެވެ. އެއީ އޭނާގެ ޑިއުޓީ ނިމުނު ވަގުތުގައެވެ. ރައްޓެއްސެއްގެ ފޯނު ނިންމާލި ގޮތަށް ޖޫލިޔާ ހިމޭންވިއެވެ. ގޮނޑީގައި އިށީނދެވުނު ގޮތެއްވެސް ނޭނގުނެވެ. އޭނާގެ ހުވަފެން އެދިޔައީ ބިލާހަކަށް ވެގެންނެވެ. އަނެއްކޮޅުން ފައްވާޒަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޒާރާ ކައިރީގައި މައާފަށް އެދެން ބޭނުންވާ ވާހަކަ ބުނީ ރޭގައެވެ. ފައްވާޒަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރެވުނު ފާފަތަކަށް ތައުބާވެ ރަނގަޅު މަގަށް މީހާ ރުޖޫއަވިއިރު އެވަނީ ވަގުތު ފާއިތުވެފައެވެ. އެކަމަކު ކައިވެނި ރޫލުނުފަހުން އަދި އަހަރެއް ނުވާއިރު.... ޒާރާ އެހާ އަވަހަށް ކައިވެންޏެއް ކޮށްފާނެ ހެއްޔެވެ؟ ނަހުލާ އަށް އަނެއްކާ އޮޅުނީ ހެއްޔެވެ؟
"ނޫން މިވިސްނަނީ އަދި ނުބައިކޮށް. އެމަންޖެގެ ކުށެއްނެތި ޒާރާ ދޫކޮށްލީ ފައްވާޒް. ފައްވާޒަށް ޓަކައި ޒާރާ ދުނިޔެ އުމުރު އިންތިޒާރު ކުރާކަށްނުޖެހޭ. އެއީ ޒާރާގެ ނިންމުން. އެ ނިންމުމަށް އަހަރެންވެސް އަދި ފައްވާޒްވެސް ޖެހޭނީ އިހުތިރާމް ކުރަން"
ޖޫލިޔާ ހިހާތުން ވާހަކަދެއްކިއެވެ. ޒާރާ އާ ފޯނުން ބައްދަލުކޮށްލަން ވާހަކަދައްކަން ބޭނުންވާ ވަހަކަ ޖޫލިޔާ ބުނީ އެރަށުގައި ފައްވާޒް ކިޔަވަން ހުރި ގޭ އަންހެންމީހާ ކައިރީގައެވެ. އެއީ ޖޫލިޔާގެ ރަހްމަތްތެރިއަކަށް ވުމުން ޒާރާގެ ވާހަކަ ދައްކަން ފަސްނުޖެހުނެވެ. އުއްމީދު ކުރެވުނީ ހިތްހަމަޖެހޭ ކަހަލަ ހަބަރެއް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް މާދަމާ ރެއަކީ ޒާރާގެ ކައިވެނިކުރެވޭ ރޭ ކަން އެނގުމުން ލިބުނީ ބޮޑު ހައިރާންކަމެކެވެ.
ކުއްލިއަކަށް ޖޫލިޔާ ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ބަލައިލިރު ގުޅަނީ ފައްވާޒެވެ. ފައްވާޒް އެ ގުޅަނީ ހޮސްޕިޓަލު ބޭރުގައި ހުރެގެންކަން ޖޫލިޔާއަށް އެނގުނެވެ. ސައިކަލު ހަން ފަޅައިގެން ގޮސްގެން ގެއަށް ދާން ބޭނުންވެ އޭނާ ގުޅީ ފައްވާޒަށެވެ. އަތުގައި އޮތް ފޯނު ދަބަހަށް ލައިގެން އަވަހަށް ޖޫލިޔާ ނިކުންނަން ހިނގައިގަތެވެ.
****
އެނދު މައްޗަށް އަޅާލާފައި ހުރި ކަޅު ކުލައިގެ ހެދުންތަކަށް ބަލަހައްޓައިގެން އިން ޒާރާ ފެނިފައި ކޮޓަރިއަށް ވަން ހިމްނާ ހައިރާންވިއެވެ. އޭނާ ކޮޓަރިން ނިކުމެގެން ބަދިގެފަރާތަށް ދިޔައިރުވެސް ޒާރާ އިނީ ހަމައެހެންނެވެ. މިހާރު ދިހަވަރަކަށް މިނެޓް ވެދާނެއެވެ. ފަތްޖަހައިގެން އައި ހެދުންތައް އަލަމާރިއަށް ލުމަށްފަހު އަނެއްކާވެސް ހިމްނާ ޒާރާއަށް ބަލައިލިއެވެ.
"ތި ހެދުންތަކަށް ބަލަހައްޓައިގެން އިނދެ ކޮންވިސްނުމެއް ތިވިސްނަނީ؟" ހިމްނާ ބުންޏެވެ.
ފުންނޭވައެއް ދޫކޮށްލާފައި ޒާރާ ހިމްނާއަށް ބަލައިލިއެވެ.
"މިތާ އިށީނދެބަލަ މަންމާ" ޒާރާ އެދުނެވެ. ހިމްނާ އިށީނެވެ. އެނދުގައި ދެފައި ދަމާލައިގެން ހެދުންތަކުގެ މަތިން ޒާރާ އޮށޯތެވެ. ހިމްނާގެ އުނގުގައި ބޯއަޅައިގެންނެވެ.
"މަންމާ، މިރޭ މިއީ މިގޭގަ މަންމަ ކައިރީގަ އަހަރެންނަށް ނިދާލެވޭނެ އެންމެފަހު ރޭ" ޒާރާ ބުންޏެވެ.
ޒާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ހިމްނާ ހީލިއެވެ.
"އަހަރެން ވަޒީފާއަށް ނުދިޔައިއްޔާ މަންމައަށް ވަރަށް ބުރަވާނެ ދޯ" ޒާރާ ބުންޏެވެ.
ހިމްނާގެ ހިނިތުންވުން ފަނޑުވިއެވެ. ބުރަވާނެއެވެ. އެކަމަކު ޒާރާ ކައިރީގައި އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ. އެއީ އައްފާން ހިމްނާއަށް ދީފައި އޮޔް ޔަގީން ކަމަކުންނެވެ.
"އެއީ ވަރަށް އަހްލާގު ރަނގަޅު ފިރިހެން ދަރިއެއް. ޒާރާ ނަގަންޖެހޭ ހުރިހާ ޒިންމައަކާ އަލީ އެހެރީ ހަވާލުވެގެން. އަނެއްކޮޅުން މޫނު ބުރުގާ އަޅައިގެންވެސް ވަޒީފާ އަދާކުރެވޭ މިރަށުގަ. ވަޒީފާއަށް ނިކުތުން އަލީ މަނާ ނުކުރެއެއްނު. ޒާރާ ބޭނުން ގޮތެއް ނިންމާކަށްނު އެދެނީ" ހިމްނާ ބުންޏެވެ.
"އާނ މަނައެއް ނުކުރޭ. އެކަމަކު މޫނު ބުރުގާ އެޅުމަށްފަހު ސްކޫލަށް ދާހިތެއް ނުވޭ. މަންމަ ދެރަނުވައްޗޭ. ގޭތެރޭ އިނދެގެންވެސް އަންހެނުންނަށް ކުރެވޭ މަސައްކަތް ހުރޭ. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ނޭފަތުން ނޭވާ ލެވޭހާ ހިނދެއްގައި މަންމައާއި ނޫރަށް ދަތިވިޔަ ނުދޭނަން" ޒާރާ ބުންޏެވެ. ހިމްނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
އާއެނކެވެ. ޒާރާގެ ވިސްނުން ބަދަލުކޮށްފިއެވެ. ހެއްދެވިފަރާތާ ވަކީލުކޮށް ދެވަނަ ކައިވެންޏަށް އާބަސް ބުނުމަށްފަހު އޭނާގެ ސިކުނޑި މުޅިން ދޮވެވިއްޖެއެވެ. އޭނާގެ ހިތާއި ނަފްސުން އައްފާން ގަބޫލުކޮށްފިއެވެ. އައްފާންގެ ކެތްތެރިކަމާއި ނަޒާހާތްތެރިކަމަކީ މިޒަމާނުގަ ފިރިހެނެއްގެ ފަރާތުން ނުފެންނާނެ ކަންކަމެވެ. ބަސްބުނުމުގައި ހުންނަ ސާދާކަމާއި ޒިންމާދާރުކަން ފާހަގަނުކުރާ ހަމަ އެކަކުވެސް ނެތެވެ. ޒާރާ ބޭނުންވަނީ ދެވަނަ ކައިވެންޏާއެކު މާޒީގައި ހިނގާ ދިޔަ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލާށެވެ. މާޒީގެ ހިޔަނި އޭނާގެ އޭނާގެ މުސްތަގުބަލަށް އެޅުނަ ނުދިނުމަށެވެ. ދިރިއުޅުމެއް ކާމިޔާބު ކުރެވޭނީ ބައެއްފަހަރު ދެ ފަރާތުންވެސް ގުރުބާނީތަކެއް ވެގެންނެވެ. މާޒީގައި އެލިގަނެގެން އުޅެން ޖެހިއްޖިއްޔާ އުފާވެރިކަމެއް އައިސް މީހާގެ ދިރިއުޅުމުގައި ޓަކި ދީފައި ދިޔަސް ނޭނގޭނެއެވެ. ބައެއްފަހަރު މާޒީ އަކީ އިންސާނާގެ ހަލާކެވެ. މާޒީ އިން އިބްރަތް ހާސިލްކުރަން ބުނަނީ އެހެންވެއެވެ.
****
އިރު ފެނުން ތޮޅިލީ އެތައް ބައެއްގެ ހިތުގައި އުއްމީދުގެ ކުލަވަރު ޖައްސަމުންނެވެ. ފައްވާޒާއެކު އަލަތު ކައިވެނި ކުރެވުނުއިރު ނުވާ ގޮތްތަކެއް ޒާރާ އަށް ވަމުން ދިޔައެވެ. އޭނާ ހިތަށް އުނދަގޫ ތަކެއް އެބަވެއެވެ. ހިތް އަވަސްވަނީ ކަމެއް ޖެހިލުންވުމެއް ކަމެއް ނުވަތަ ނުތަނަވަސްކަމެއް ކަމެއް ނޭނގެއެވެ. ކައިވެނިކުރުން ހަމަޖެހިފައި އޮތީ އައްފާންގެ ގޭގައެވެ. ރަށުގައި ޒަމާނުއްސުރެ އޮންނަ ގޮތަކީ ފިރިހެން މީހާގެ އާއިލާގެ ފަރާތުން އަންހެންމީހާ އުޅޭ ގެއަށް ގޮސް ކައިވެންޏަށް އަންހެންމީޙާ ތައްޔާރު ކުރުމެވެ. އެގޮތަށް ދާއިރު ފިރިހެން މީހާގެ އާއިލާ މެންބަރުންނާއި ރަހްމަތްތެރިންނާއި ހެޔޮއެދޭ ހުރިހާ މީހުން ބައިވެރިވާނެއެވެ. އާއިލާއަށް ހަދިޔާގެ ގޮތުގައި 'މަލާފަތް' އަންހެންކުއްޖާގެ އާއިލާ އާ ހަވާލުކުރާނެއެވެ.
އެހެންނަމަވެސް އައްފާންގެ މާ ބައިވަރު ތިމާގެ މީހުން ރަށުގައި ނެތުމުން ގިނައިން ބައިވެރިވީ ވަސީމާގެ ރައްޓެހިންނެވެ.
ގޭދޮރުމަތީގައި ހުރި ޖަންނަތު ދުވެފައި ގޭތެރެއަށް ވަނެވެ. ގްރޫޕް އަންނަ ހަބަރު ކޮޓަރީ ލޯގަނޑު ކުރިމަތީގައި ހުރި ޒާރާއަށް ޖަންނަތު ދިނެވެ. ޒާރާގެ އިތުރަށް ހިތްއަވަސްވާގޮތް ވިއެވެ. އެއީ އޭނާއަށް މުޅިން އައު ކަމެކެވެ. ފުރަތަމަ ކައިވެންޏަކީ ދެފަރާތުގެ އާއިލާއިން ރުހިގެން ކުރި ކައިވެންޏަކަށް ނުވުމުން ކައިވެނިކުރީ ކޯޓުގައެވެ. ކުޑަ ވަލީމާއެއް އޮތީ ހަމައެކަނި އެކުވެރިންނަށެވެ. އެހެންކަމުން ޒާރާގެ ހަތަރެސްފައި ފިނިވާން ފެށީ ކުއްލިއަކަށް ގިނަ މީހުންތަކުގެ ތެރޭ މެދުގައި ހުންނަން ޖެހޭނެތީއެވެ.
"ޔާރައްބީ. މަންމަ ކޮބާތަ؟ އެ އެންމެންގެ ތެރޭގަ އަހަންނަށް ރަނގަޅަށް ނޭވާ ލެވޭނެ ކަމެއްވެސް ނޭނގޭ" ދެއަތްތިލަ މޮޑެމުން ޒާރާ ވާހަކަދެއްކިއެވެ. ޖަންނަތަށް ހެވުނެވެ. ދެކޮޅަށް ހިނގަމުން ދިޔަ ޒާރާ އަތުގައި ހިފާ ހުއްޓުވާފައި ޒާރާގެ ގައިގައި ޖަންނަތު ބައްދާލިއެވެ. އޭނާ ބޭނުންވީ ޒާރާގެ ހާސްކަން ކުޑަކުރާށެވެ.
"ހާދަ އަޑުގަދަވެއްޖޭ. އެމީހުން ވަނީ ދޯ އެ" ޒާރާ ބުންޏެވެ.
މަލާފަތް ހިފައިގެން އައި ބައެއް މީހުން ގޭގައި ތައްޔާރުކޮށްފައި އޮތް ކުޑަ ސައިގައި ބައިވެރިވަމުން ދިޔައެވެ. ޒާރާގެ ކޮޓަރިއަށް ވަނީ ހަތަރު އަންހެނުންނެވެ. މޫނުބުރުގާ އަޅާފައި ހުރި ދެ އަންހެނަކާއި ޒާރާގެ ދަރިވަރުންގެ ދެ ބެލެނިވެރިންނެވެ. ވަސީމާ އާއި ހިމްނާ ނުފެންނާތީ ޒާރާ ކަންބޮޑުވިއެވެ.
"ޖަންނަ ދޭބަލަ މަންމަ ކޮބާތޯ ބަލާލަން" ކައިރީގައި ހުރި ޖަންނަތަށް ޒާރާ ބުންޏެވެ.
އެ ހަތަރު މީހުން އައިސް ހުއްޓުނީ އޭނާގެ ކުރިމަތީގައެވެ. އޭނާ ގެއިން ދާންވީ ވަގުތު ޖެހުނީކަން ޒާރާއަށް އެނގުނު ހިނދު ޒާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެންމެންގެ ފަހަތުން އައިސް ވަން ނޫރީން ޒާރާއަށް ގޮވާލިއެވެ. ރެއަށް ހާއްސަކޮށް ރީތިކޮށްލާފައި އިން ނިއަމް އިނީ ނޫރީން އަތުގައެވެ. ޒާރާ ފެނުމާއެކު ނިއަމް ހިލިގަނެއްޖެއެވެ. މުޅި ދުވަހު ނިއަމް ޒާރާ އަތުގައި ޖެހުނީ ހަމައެކަނި ގާތުން ދިން ދެ ވަގުތެއްގައެވެ. ކުއްލިއަކަށް އޭނާގެ ވަގުތުތައް ބިޒީވެއްޖެއެވެ. އެތަނުން މޫނުބުރުގާ އަޅާފައި ހުރި އެއް އަންހެނަކު ކުރި އިޝާރާތަކަށް ނޫރީން ކޮޓަރިން ނުކުތެވެ.
****
ގޭ ދޮރުމަތީގައި ހުރި އައްފާން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ޒާރާ އޭނާގެ ލޮލަށް ފެންނާނެ އިރަކަށެވެ. ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މީހުނަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ތައްޔާރުވެ ނިމުމުން އިތުރަށް ކޮޓަރީ އިންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު އަދި ވަގުތު އެބައޮތެވެ. އައްފާން ޖޯލީގައި އިށީނެވެ. އަތުތެރޭގައި އޮތް ފޯނުން ޖަންނަތުގެ ނަންބަރަށް އޭނާ ގުޅާލިއެވެ.
"ސާބަހޭ. އައްޔަ ތިހާ ކެތްތެރިކަން ކުޑަވީ ކޮންއިރަކު؟ ޒާރާ ތައްޔާރުކޮށް ނިމިއްޖެ. ގެއިން ނައްޓާލުމުގެ ކުރިން އަހަރެން ހަބަރެއްވާނަން" ޖަންނަތު ބުންޏެވެ.
ފޯނު ކަންފަތާ ދުރުކޮށްލި ގޮތަށް އައްފާނަށް ހެވިއްޖެއެވެ. ޖަންނަތު ބުނީ ދޮގެއް ނޫނެވެ. އޭނާގެ އެހާ ކެތްތެރިކަން ކުޑަވި އިރެއް ހުދު އޭނާ އަށް ވެސް ނޭނގެއެވެ. އޭނާ އަށް އެނގެނީ ޒާރާ ދެކިލާހިތުން އޭނާގެ މޭ ތެރޭގައި އޮތް ހިތް ތެޅި ފޮޅެމުންދާ ކަމެވެ.
(ނުނިމޭ)