"ހިމްނާއްތަ އެއްވެސް ކަމަކާ ނުވިސްނާ. ކައިވެންޏަށްފަހު ޒާރާއަކީ އަހަރެންގެ އަމާނާތެއް. އަހަރެން ދުވަހަކުވެސް އެ އަމާނާތަށް ހިޔާނާތެއް ނުވާނަން" އައްފާން ބުންޏެވެ.
ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ހިމްނާއަށް ހިނިތުންވެވުނެވެ. އެހެންނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ފައްވާޒްގެ ފަރާތުންވެސް އެފަދަ ކިތަންމެ ވާހަކައެއް އޭނާއަށް ވަނީ އަޑުއިވިފައެވެ.
"ދައްތަ މިއީ މަޔަކަށް ވީހިނދު ދަރިންނާމެދު ވިސްނާނެތާ. އަދި އެދަރިންނަކީ ބަފަޔަކާ ނުލާ އެކަނި ބޮޑެތިކޮށްފައި ތިބި ދަރިންނަށް ވީމަ އެދަރިންނަށްޓަކައި ހުންނާނީ ލައްކަ މަސައްކަތްވެސް ކުރެވިފައެއްނު"
ހިމްނާގެ ދެލޯ ކައިރިން ފޭދިފައިވާ ކަރުނަތައް ފެނުމުން އައްފާންގެ ހިތުގައި ރިއްސާލިއެވެ. މިވަގުތު ހިމްނާގެ ދެލޮލުން ފައިބަމުންއެދާ ކަރުނައަކީ ދަރިންނަށް މައިމީހާގެ ހިތުގައިވާ ސާފު ލޯބިކަން ރަމްޒުކޮށްދޭ ބޮޑު ހެއްކެކެވެ. އެއީ އެއްވެސް ދެއްކުންތެރިކަމެއްނެތް ދުވަހަކުވެސް ފަނޑުވުމެއްނުވާ ލޯތްބެކެވެ.
"ފައްވާޒު ޖެއްސި ނިކަމެތި ހާލުތަކުން ޒާރާއަށް ކުރަމުންދިޔަ އަސަރާއި އެފަކީރު ކުރި ހިތާމައާއި އެފަކީރުގެ ދެލޮލުން އައި ކަރުނަތައް އެންމެ ގާތުން ފެނުނީ ދައްތައަށް. ތެދަށް ބުނަންޏާ އެހިތާމަތަކަށްފަހު ޒާރާގެ ހަށިގަނޑަށް އެ އައި ބޮޑު ބަދަލާއެކު ދައްތަ އުންމީދެއް ނުކުރަން އަނބުރާ ޒާރާ ގެނެވިދާނެ ކަމަކަށް. ދައްތަ ހީކުރީ ދައްތަގެ ލޯމަތިން އެކުއްޖާ ގެއްލޭނީކަމަށް. ހާދަ ބަލިވެސް ވިޔޭ. ކިތައްދުވަހު ރޮއެރޮއެ ހަބަރު ހުސްވީ. ކިތައް ދުވަހު އަނގައިގެ ތެރެއަށްލާ ކާއެތިކޮޅު ހޮޑަށް ލަނީ. މިއަދާ ހަމައަށްވެސް ހަމައަށް ނިދި ނުލިބޭ. ކިރިޔާ ދައްތައަށް ސަލާމަތްކުރެވިފަ ހުރި ކުއްޖެއް އެއީ. ދައްތައަށް އަންދާޒާ ކުރެވޭ ފައްވާޒުދެކެ ޒާރާ ވީ ތެދުވެރި ލޯބި"
އައްފާން ހިންދިރުވާލިއެވެ. އެއީ އޭނާއަށް އޮޅިފައިވާ ކަމެއް ނޫނެވެ. ޒާރާ ފައްވާޒުދެކެ ލޯބިވީވަރު އައްފާނަށް ވަނީ ފެނިފައެވެ. އޭނާގެ ހިތުގައި ޒާރާގެ ލޯބި ކަފުންކުރީ ޒާރާގެ ހިތުން ދުވަހަކުވެސް ފިލައިގެންނުދާނޭ ވަރަށް އެހެން ހިތެއްދެކެ ލޯބިވާކަން އެނގުނު ހިސާބުންނެވެ. އެނާއަށް ނޭނގުނީ ފައްވާޒްގެ ހިޔަޅުކަމެވެ. އޭނާއަށް އެކަމުގެ ނިޝާނެއް ވީނަމަވެސް ޒާރާގެ ލޯބި ކަފުންކޮށް ފޮރުވައިގެން ފުރައިގެން ނުދިޔައީހެވެ.
"ދައްތަ ތިބުނީނު އަހަރެންނަށް އިތުބާރުކުރަމޭ. ﷲ އިރާދަކުރެއްވިއްޔާ ތި އިތުބާރު މުޅި އުމުރަށް އަހަރެން ދަމަހައްޓާނަން. ގަބޫލުކުރަން ދަތިވެދާނެ. އެކަމަކު އަހަރެންނަކީ ފައްވާޒެއް ނޫން" އައްފާން ބުންޏެވެ.
ހިމްނާ ހިނިތުންވާން މަސައްކަތްކުރިއެވެ. މިއަދު އޭނާއަށް އައްފާނަށް އިތުބާރުކުރުން ނޫންގޮތެއް ނެތެވެ. ވަކީލު ކުރަންޖެހޭނީ އެހެން ފަރާތަކަށެވެ. އުފާވެރިކަން ހާސިލްވާނީ އެފާރާތާ ވަލީކުކޮށްގެންނެވެ.
"ދައްތަ އާއި ވަސީމާ އަދި ތިދެކުދީން އެއްތަނެއްގައި ބައިތިއްބައިގެން ވާހަކަދައްކާލާނަން" ހިމްނާ ބުންޏެވެ.
އައްފާން ހީލިއެވެ. އޭނާ ހިމްނާ ކައިރީގައި އަދި އެއްވާހަކަ ބުނަން ބޭނުންވިއެވެ. ޒާރާ ދެކެ ފައްވާޒަށް ވުރެ ކުރީން ލޯބިވީ އޭނާ ކަމެވެ. ނަސީބުދެރަކަމުން އޭނާއަށް ވުރެ ކުރީން ޒާރާގެ ހިތުން ޖާގަ ހޯދީ ފައްވާޒެވެ. އެވަރުންވެސް އައްފާން އުންމީދު ދޫކޮށެއްނުލައެވެ. ފަހުވަގުތާ ހަމައަށް އޭނާ ޒާރާގެ ހިތް ހޯދަން މަސައްކަތްކުރިއެވެ.
****
ހަވީރުގެ ވަގުތެވެ. ގެއިން ނިކުތްގޮތަށް ޒާރާ މިސްރާބުޖެހީ އޭނާގެ މަންޒިލަށް ދިޔުމަށެވެ. މިފަހަރު އޭނާ ދިޔައީ ސައިކަލު ބަހައްޓާފައި ހިނގާފައެވެ. އެހެންޏާ އެގެއަށް އޭނާ ދަނީ ނިއަމް ކައިރިއަށެވެ. މިފަހަރު އެދަނީ ސީދާ އައްފާންގެ އެދުމަށެވެ. އައްފާން ވާހަކަދައްކާލަން ބޭނުންވާކަމަށް ބުނުމުންނެވެ. އޭނާ ދިޔައީ އާދައިގެ ހިނގުމެއްގައި ހިނގާފައެވެ. އެހެން ދިޔައިރު އޭނާގެ ހިތަށް ލައްކަ ބައިވަރު އެއްޗެހި އަރަމުން ދިޔައެވެ. އޭނާއަށް ގަބޫލެއް ނުކުރެވެއެވެ. ފައްވާޒް އޭނާ ވަރިކޮށްފާ ދިޔަތާ އަދި އަހަރެއް ނުވެއެވެ. ދެވަނަ ކައިވެންޏެއް ކުރުން އެއީ މައްސަލައެއް ނޫނެވެ. އޭނާގެ ކައިވެނި ގުޅިފައިވަނީ އުފާވެރިކަކަމާއެވެ. މިހާރު ޒާރާ ނުބައި ގޮތަކަށް އެއްވެސް ކަމެއް ނުވިސްނައެވެ. ފައްވާޒްގެ ހިޔާލުތައް ހިތާ ސިކުނޑިއަށް ވެރިވެގަތަސް އޭނާ ބަލަނީ އަވަހަށް އެކަން ސިކުނޑިން ނެރެލެވޭތޯއެވެ. ކުރީގައި އަމިއްލަ ނަފްސަށް ނެތް ޔަގީންކަން ޒާރާ މަޑުމަޑުން އެ އަންނަނީ ހޯދަމުންނެވެ. އަމިއްލަ ނަފްސުދެކެ ލޯބިވާން ޒާރާ މަސައްކަތްކުރަން ފަށައިފިއެވެ. ހިނިތުންވާން ދަސްކޮށްފިއެވެ. މާޒީގެ ހަނދާންތައް ފަހަތަށް ދޫކޮށްލަން އޭނާގެ ހިތުން އެއްބަސްވެއްޖެއެވެ. މާޒީގެ އެދުވަސްތައް އޭނާގެ މުސްތަގުބަލަށް އެޅޭނެ ހުރަހަކަށް ހަދަން އެނާ ބޭނުމެއްނުވެއެވެ. އޭނާ ވިސްނާނީ އަލަށް ލިބުނު ދަރިފުޅާ މެދުގައެވެ. ފިކުރުކުރާނީ އައްފާނާ މެދުގައެވެ. އެއީ އޭނާގެ މުސްތަގުބަލު ގުޅިފައިވާ ދެފަރާތެވެ.
ގޭ މަގަށް އެޅުމާއެކު ކުއްލިއަކަށް ޒާރާގެ ކުރިމައްޗަށް އެރި އިންސާނަކު ފެނިފައި ޒާރާ ސިހުނެވެ. ޖީޒާ ބަލާ ގޮތުންވެސް ހީވަނީ މީހާ ރޫޅިދާހެންނެވެ. ބޮޑު ނުރައްކަލަށް ވުރެ ޖީޒާގެ ހާޒިރުވުން ކުޑައެއް ނޫނެވެ. ޖީޒާގެ މަގްސަދެއް ޒާރާއަކަށް ނޭނގެއެވެ. އޭނާއަށް އެނގެނީ ޖީޒާ އަކީ އޭނާއަށް ހެޔޮއެދޭ އިންސާނެއް ނޫންކަމެވެ. މަޑުމަޑުން ޒާރާއަށް ދިމާލަށް ޖީޒާ އައެވެ. ޒާރާއަށް ފިޔަވަޅުތައް ކުރިއަށް އެޅުނީ ބޭއިހްތިޔާރުގައެވެ. ޖީޒާ ފަސްދީ ދާން ޒާރާ ހިތަށް އެރިއެވެ. އެހެންނަމަވެސް ޒާރާއަކީ އެކަހަލަ ކުއްޖެއް ނޫނެވެ. ދުޝްމިނުން ބަލިކޮށްލާ އެންމެ ވަރުގަދަ ހަތިޔާރަކީ އޭނާގެ ހިނިތުންވުމާއި އޭނާގެ ހިތްހެޔޮކަމެވެ.
"ޖީޒާއްތާ، ކިހިނެއްތަ؟" ހިތްހެޔޮކަމާއެކު ޒާރާ ބުންޏެވެ.
"ކަނބުލޮ މަގޭ ދަރި އާ އިންނަން އެއްބަސްނުވީ އެކުއްޖާ ހުތުރުކަމުންތަ؟" ޖީޒާ ބުންޏެވެ.
ޒާރާ އިތުރަށް ހިނިތުންވެލިއެވެ. އަވަހަށް ޖީޒާ ފަސްދީދާން ބޭނުންވިއެވެ. އެކަމަކު ދާން ޖެހޭނީ ޖީޒާ އެކަހަލަ ވާހަކައެއް ނުދައްކާވަރުގެ އެއްޗެއް ބުނެފައެވެ. ޖީޒާ ހިމޭންވާނީ އޭރުންނެވެ.
"ތިއީ ކޮންވާހަކައެއް ޖީޒާއްތާ. މިއުޅެނީ އަދި މި އުފާވެރި ހަބަރު ޖީޒާއްތައަށް ނުދެވިގެން. އަހަރެން މިއުޅެނީ ވަސިންތަގެ އަލީ އާ އިންނަން. ދެމީހަކު ކައިވެނިކުރާ ހަބަރު ލިބުމަށްފަހު ކުރަން އެންމެ ރަނގަޅު ކަމަކީ އިންނަން އުޅޭ ދެމީހުންނަށް ހެޔޮ ދުއާކޮށްދިނުން" ޒާރާ ބުންޏެވެ.
ޖީޒާ ހިނިތުންވާން ނޭނގިފައި ހުއްޓާ ޒާރާ ހިނގައިގަތެވެ. އޭނާ ފަސްދީ ދިޔަ ޒާރާ އަށް ބަލަހައްޓައިގެން ޖީޒާ ހުރިއިރު ޖީޒާގެ ވަށައިގެން އަލިފާންބުރާ ކަހަލައެވެ. އޭނާ އުޅެއުޅެވެސް އޭނާގެ ހިތުގައި ހިމްނާއަށް އޮތް ހަސަދަވެރިކަން ކުޑައެއް ނުވިއެވެ. ޅަ ދުވަހު ހިމްނާގެ ފަރާތުން ފެނިފައި ހުރީ އޭނާ ހަސަދަވެރިނުވާނޭ ފަދަ ކަންކަމެއް ނޫނެވެ.
****
ޒާރާ ފެނުމާއެކު ވަސީމާ ގޮވާލައިފިއެވެ. ހަވީރުގެ ސައި ތައްޔާރޭ ބުނެފައި ވަސީމާ ނިކުތީ ބޭރަށެވެ. އައްފާން ކާގޭގައި އިންކަން ނޭނގި ޒާރާ އެތެރެއަށް ވަނެވެ. ދިމާލަށް އިން އައްފާން ފެނުމުން ޒާރާ އިސްޖަހާލިއެވެ. ކޮންފަދަ އުނދަގޫކަމެއް ހެއްޔެވެ؟ އެކުވެރިޔަކު ހަޔާތުގެ ދަތުރުގައި ފައިތިލަ ސާބިތުކުރަން އުޅޭކަން ހަނދާންވުމުން އެކުރެވޭ އިހުސާސް މުޅިން ތަފާތެވެ. އެކަމަކު މިކަންވެސް މަޑުމަޑުން ފިލައިގެން ހިނގައިދާނެއެވެ.
"ސައިބޯންވީނުން" ޒާރާ ރަކިވެފައި ހުރިތަން ފެނުމުން އައްފާން ބުންޏެވެ.
"ނިއަމް... ނިއަމް..." ޒާރާ ބުންޏެވެ. އައްފާނަށް ހެވުނެވެ.
"ދައްތަ ކައިރީގައި ވެއްޖެ. އިށީނދެބަ. ކީއްވެ އަބަދު ނިއަމް ހޯދަނީ. ޒާ ކީއްވެ އަހަރެން ނުހޯދަނީ" އައްފާން ބުންޏެވެ.
ފާޅުގައި އައްފާން ބުނެލި އެއްޗަކުން ޒާރާ ހިމޭންވިއެވެ. ތެދެކެވެ. އަބަދު އެހެނީ ނިއަމްގެ ވާހަކައެވެ. މިހާރު އަހަންޖެހޭނީ އައްޔަގެ ވާހަކައެވެ. އައްޔަ އެކުރީ ޝަކުވާއެއް ހެއްޔެވެ؟
ޒާރާ އައިސް އިށީނެވެ. މޭޒު ކޮޅުގައި ހުރި ގޮނޑީގައެވެ. އައްފާނަށް އެގޮތް ކަމަކު ނުދިޔައެވެ.
"އެހެންނަމަވެސް އައްފާން އެއްޗެއް ނުބުނެ އިނެވެ. ކުރިމަތީގައި ހުރި ކަޅު ސައި ތަށި މަޑުމަޑުން ބޮމުން އައްފާން ދިޔައެވެ. އިރުކޮޅަކާ ޒާރާއަށް ބަލައިލައެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ޒާރާ ހިމޭނުން އިނެވެ. ކައިވެނި އިއުލާން ކުރިފަހުން ދެކުދީން ފުރަތަމަ ބައްދަލުވުމަށްވުމުން ޒާރާއަށް އެހާ ހަމަޖެހިގެން ނީނދެވޭނެކަން އައްފާނަށް އެނގެއެވެ.
"ޒާ ސައިނުބޮންތަ؟" އައްފާން އެހިއެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން އިނީމަ ދޯ. އަހަރެން މިހުރީ އަތިރިމަތީގަ. ޒާ ހަމަޖެހިލައިގެން އިނދެ ސައިބޮއެގެން އާދޭ" އައްފާން ބުންޏެވެ.
އައްފާން ނިކުމެގެން ދިޔުމުން ޒާރާ އިނގިލީގައި ދަތްއަޅާލިއެވެ. ކަންތައްކުރެވުނު ގޮތުން ހިތުގައި އަމިއްލަ ނަފްސަށް ފޫހިކަމެއް އުފެދުނެވެ. އެކަމަކު އޭގައި ވަކި އޭނާގެ ކުށެއް އެބައޮތް ހެއްޔެވެ؟ އެއްވެސް ކަމަކީ ޓަސްލާފަ ބަދަލުވާނެކަމެއް ނޫނެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ބޭނުންވާނެއެވެ.
އއަތިރިމައްޗަށް ނިކުތުމާއެކު ޒާރާއަށް އައްފާން ފެނުނެވެ. ނަސީބަކުން މީހުން ގިނައެއް ނޫނެވެ. އާންމުކޮށް އެދިމާލުގައި މީހުން ގިނަވާނީ މެންދުރުފަހުއެވެ. އެއީ މެންދުރުގެ ގަދަ ހޫނުން ސަލަމާތްވުމަށް އިސް ތިބޭ މީހުންނެވެ. ހަވީރު ފިންޏަށް ހުރިހާ މީހުން ކަހަލަ ހުސްވާނެއެވެ. ވައިޖެހެމުން ދިޔައީ މަޑުމަޑުންނެވެ. ދިޔަވަރު ހިކިފައިވާ ވަގުތުކަމުން ފަރު އެއްކޮށް އަރާފައި ހުއްޓެވެ. ވަށައިގެން ފެންނަނީ ގުދުރަތީ ހިތްގައިމު މަންޒަރުތަކެވެ. ހިކިފައިވާ ދޮންވެލި ފަސްގަނޑުމަތީގައި ޒާރާ މަޑުކޮށްލިއެވެ. އެވަގުތު އައްފާން ފަހަތް ބަލައިލިއެވެ. ކައިރީގައި ހުރި ޒާރާ ފެނުމުން އައްފާން ހިނިތުންވެލިއެވެ.
"ހިނގާ އިށީނދެލަން" އައްފާން ބުންޏެވެ.
"ޒާ..." އައްފާން ގޮވާލިއެވެ. އައްފާން ޒާރާއަށް ގޮވާލީ ދޮންވެލިގަނޑު މަތީގައި އިށީނދެ ރަނގަޅަށް ހަމަޖެހިލުމަށްފަހުގައެވެ.
"އަހަރެމެންގެ ކައިވެނި.... މިބުނީ އަހަރެން ގަބޫލުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި" އައްފާން ބުންޏެވެ. ޒާރާ އެއްޗެއް ބުނޭތޯ އައްފާން މަޑުކޮށްލިއެވެ.
"އަހަރެން ބޭނުން އެނގެން. އެއްވެސް ކަމަކަށް ޒާ އަށް މަޖުބޫރެއްވިތޯ"
"ނޫން. އަހަރެންނަށް އެކަކުވެސް މަޖުބޫރެއް ނުކުރޭ. އަހަރެން ބޭނުން ނިއަމްގެ މަންމައަކަށް ވާން. އެކަމަކު ކައިވެންޏަށްފަހު ނިއަމް ގެ މަންމަ އެނބުރި އައިސްފިނަމަ އަހަރެންނަށް ވާނީ ކިހިނެއް؟ އަލުން ހިތާމަތަކެއް ބަރުދާސްކުރާނެހާ ހިތްވަރެއް އަހަރެންގެ ނެތް" ޒާރާ ވާހަކަދެއްކިއެވެ. ޒާރާގެ ހިތުގައިވަނީ ކޮންކަހަލަ ބިރުވެރިކަމެއް ކަން އެވަގުތު އައްފާނަށް އެނގުނެވެ.
"ކައިވެނީގެ ކުރިން އަހަރެން ބޭނުންވަނީ ޒާ ގެ އަތުން އެންމެ އެއްޗެއް. ލިބިދާނެތަ؟" އައްފާން ބުންޏެވެ.
ޒާރާ ހައިރާންވިއެވެ. އައްފާން ބޭނުންވަނީ ކޯޗެއް ހެއްޔެވެ؟ އަހަރެންގެ އަތުގައި އޮތީ ކޯޗެއް ހެއްޔެވެ؟
"އިތުބާރު. ޒާ އަހަރެންނަށް ސަތޭކަ ޕަސެންޓް އިތުބާރު ކުރަން ބޭނުންވަނީ" އައްފާން ބުންޏެވެ.
"އިތުބާރޭ... ހަގީގަތަށް ބުނަންޏާ މިހާރު ތިއީ އަހަރެން ދަންނަ އެއްޗެއް ނޫން. ތިހެން މީހަކު ބުނާ އަޑު އިވުނީމަ އަހަރެންނަށް ކުރެވެނީ މަލާމާތް. ތިބުނާ އެއްޗެއްގެ ސަބަބުން އަހަރެންނަށް....." ޒާރާ އަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އެއީ އައްޔަ އަށް އަދި ޖަވާބުދޭންވީ ގޮތް ނޫންކަން އޭނާ ހަނދާންވިއެވެ. މާބޮޑަށް ޖަޒުބާތީވެވުނީއެވެ. އިސްޖަހާލުމަށްފަހު ދޮންވެލިގަނޑާ ޒާރާ ކުޅެލިއެވެ.
"މަސައްކަތްކުރާނަން އިތުބާރު ކުރެވޭތޯ" ޒާރާ ބުންޏެވެ.
"އެހެންވީމާ މިއަދަށްފަހު ދެންމެ ތިބުނި ފަދަ އެއްޗެއް ނުބުނާތި. އަހަރެންނަށް ޒާ އަށް ވުރެ މުހިންމު އެއްވެސް މީހަކު ނެތް. ތިއީ އަހަރެންގެ މުޅި ދިރިއުޅުން" އައްފާން ބުންޏެވެ.
ޒާރާ އިސްއުފުލާ އައްފާނަށް ބަލައިލިއެވެ. އެހިނދު އައްފާންވެސް ޒާރާއަށް ބަލައިލާފައި ނަޒަރު ބަދަލުކޮށްލިއެވެ. އައްފާން އެހެން އެބުނީ ކޮން މާނައެއްގައި ކަމެއް ޒާރާ އަށް ނޭނގުނެވެ. ހިތް ބުނީ އައްފާނަށް އިތުބާރު ކުރާށެވެ. އެކަމަކު އަދި އެއްސުވާލު ކުރަން ބޭނުންވެއެވެ. އެ ސުވާލުކުރުމަކީ އެންމެ ރަނގަޅުގޮތް ހެއްޔެވެ؟
"އަހަރެން ބުނީ އައްޔަ... އައްޔަ.... ނުހާ ދެކެ..."
"ނުވޭ. އަހަރެންގެ ހިތުގައި ނުހާ އަށް ޒައްރެއްގެ މިންވަރަށްވެސް އެއްވެސް އިހުސާސެއްނެތް. ނުހާގެ ނަން އިވުނަސް އަހަރެންގެ ރުޅިގަނޑު ފަޅައިގެންދާން އުޅޭހެން ހީވަނީ. އަހަރެންގެ ހިތް ބަދަލުވެއްޖެ. އަހަރެންނަށް އަހަރެންގެ ހިތް އަނބުރާ ލިބިއްޖެ.... އެހެންނޫނަސް ޑަސްބިނަށް ލި ކުނިގަނޑެއް އަލުން އަހަރެން ނުނަގާނަން" ޔަގީންކަމާއެކު އައްފާން ބުންޏެވެ.
"އެކަމަކު ދުވަހެއްގައިވެސް ޒާ އެހެންގޮތެއް ބޭނުންވެގެން އަހަރެން ކައިރީގައި އެދިއްޖެނަމަ ޒާ ބޭނުންގޮތަށް އެކަމެއް އަހަރެން ކޮށްދޭނަން. ވައުދު މިވީ"
ޒާރާއަށް ވިސްނުނެވެ. އައްފާން އެބުނީ ފައްވާޒްގެ ވާހަކައެވެ. އައްފާނަށް ހީވަނީ ހެއްޔެވެ؟ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ކަމަށް ހެއްޔެވެ؟ އައްފާން ހީކުރަނީ މިހާރު އަހަރެންގެ ހިތް ފައްވާޒަށް އެދޭ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ފައްވާޒަށް ނޭދެމެވެ. ފައްވާޒް އަހަރެން ހިތުގައިޖެއްސީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ހިތުން ފައްވާޒަށް ނޭދެވެއެވެ. ފައްވާޒް އަލުން އަޔަސް ނުދާނަމެވެ. އެކަމަކު...
"އަހަރެން ދެން ދަނީ" ޒާރާ ބުންޏެވެ.
އައްފާން ބޯޖަހައިލުމުން އެއްގަމަށް އަރަން ޒާރާ ހިނގައިގަތެވެ. މޫދަށް ނަޒަރު ހުއްޓާލައިގެން ހުރި އައްފާން ފަހަތަށް އެނބުރި ބަލައިލިއެވެ. ދޮރާ ހަމައަށް ދިޔަ ޒާރާއަށް އައްފާން ގޮވާލިއެވެ. ޒާރާ ހުއްޓުމުން ކުޑަކޮށް ދުވެލާފައި އައިސް ޒާރާ އާ އަރާ ހަމަކުރިއެވެ.
'އަދި ވަރަށް މުހިންމު ކަމެއް ނުނިންމަ މިއުޅެވެނީ؟" އައްފާން ބުންޏެވެ.
"ޒާ ގެ ދިރިއުޅުމުގެ އެއްވެސް ކަމަކާ ބެހުމުގެ އެއްވެސް ޙައްގެއް އަހަންނަށް އަދި ނެތް. އެކަމަކު އަހަރެމެން ކުރަން މިއުޅޭ ކައިވެނީގެ ހައްގުގަ އަހަރެން ކަމަކު އެދެން ބޭނުން. ފަހަރެއްގަ މިކަމަކީ ޒާއަށް ވަރަށް ބޮޑު ކަމަކަށް ވެދާނެ. ޒާ އަށް މަޖުބޫރެއްނޫން"
****
ފައްވާޒް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނުމުން މާހީ ރެސްޓޯރެންޓަށް އައިސް އިނެވެ. ވަޒީފާ ނުނިމޭތީ ފައްވާޒަށް ބަލާ ނުދެވުމުން އެތަނަށް މާހީ އައީ ޓެކްސީއެއް ގައެވެ. ފައްވާޒް ކައިރިކުރަނީ އޭ ބުނުމުން އެތެރެއަށް ނުވަދެ މާހީ މަޑުކޮށްގެން ހުއްޓެވެ. މާގިނަ އިރެއްނުވެ ފައްވާޒް ސައިކަލުގައި ކައިރިކުރިއެވެ. ދެ ލޯބިވެރީން އެތެރެއަށް ވަދެގެން ދިޔައެވެ.
ދައްކަން އުޅޭ ވާހަކައިން މާހީ ހޫނު ވާނެތީ ފައްވާޒް ބެލީ ވީހާވެސް ވަކިން ހުރި މޭޒެއްގައި އިށީނދެވޭތޯއެވެ. އެއްޗެއް ބުނަންވިއްޔާ ތަނުގަ މީހުން ތިބިތޯ ނެތްތޯ މާހީ ނުބަލާނެއެވެ. މޭޒާ ހަމައަށް ދެވެންދެން ފައްވާޒްގެ އަތުން މާހީ ދޫނުކުރެއެވެ. އެ މޫނަށް ފައްވާޒް ބަލައިލިއެވެ. މާހީ ހުރީ އަނގައިގެ ދެ ކަންފަތަށް ފޯރާވަރަށް ހިނިތުންވެގެންނެވެ. އިރުކޮޅަކުން އެ ހިނިތުންވުން ފިލައިގެންދާނެކަން ފައްވާޒަށް އެނގެއެވެ.
"މާދަމާ ސެލެރީ ލިބޭނެދޯ. އަހަރެން ބޭނުމީ ވަން ނައިޓަށް ސަފާރިއަށް ދާން" މާހީ ބުންޏެވެ.
ވެއިޓަރަކު އައިސް ދެކުދީންގެ އޯޑަރު ހިފައިގެން ދިޔުމުން ފައްވާޒްގެ މޫނަށް މާހީ ބަލައިލިއެވެ. އޭނާ އެހާ ލޯބިން ދެއްކި ވާހަކައަށް ފައްވާޒް ޖަވާބެއް ނުދެއެވެ.
"ފަސްޓް ނައިޓްގަ ސަފާރީގަ. މާހީ ވިލް ޔޫ މެރީ މީ" ފައްވާޒް ބުންޏެވެ.
މާހީ ހިނިތުންވުން ފުޅާވިއެވެ. އޭނާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ފައްވާޒް އެތަނަށް ގެނައީ އެކަހަލަ ސަޕްރައިޒެއް ދޭންކަން އެނގޭނަމަ އޭނާ އެއަށް ވުރެ ރީތިވެސް ވީހެވެ. މާހީ ނިކަން އަވަހަށް ބޯޖަހާލިއެވެ.
"ރަން ކިޔުއްވަން މީހުން ވަރަށް އަވަހަށް ފޮނުވާނަން" ފައްވާޒް ބުންޏެވެ. ދެން މާހީ ދިއްކޮށްލި އަތުގައި ފައްވާޒް ހިފަހައްޓާލިއެވެ. އެ އަތްތިލައިގައި ފައްވާޒް ބޮސްދިނެވެ.
"އޯއެމްޖީ. ގަބޫލެއްވެސް ނުކުރެވޭ. ޖުމާ ކައިރީގަ ބުނަންވާނެ" މާހީ ބުންޏެވެ.
"ޖުމާ ކައިރީގައި އެކަނިތަ؟ ނުހާ އޯ. އެއީ މިހާރު ފްރެންޑެން ނޫންތަ؟" ފައްވާޒް ބުންޏެވެ.
"ޕްރެގްވިފަހުން ނުހާ އެހާވަރަކަށް މިހާރަކު ނުގުޅާ. ތިއެއްނޫނޭ... ވަރަށް ބައިވަރު ކަންކަން އެބަހުރި. ވެޑިން ޑްރެސް، މޭކްއަޕް. ލޮކޭޝަން، ޑެކަރޭޝަން. ކޭކް، އެންގޭޖްމަންޓް ރިންގް. އަނެއްކާ ރަންކިޔަންވެސް ބޮޑު ހަފްލާއެއް. އަދި ފަވާގެ ހެދުންވެސް..."
ފައްވާޒް ހިންދިރުވާލިއެވެ. ބުނަން މިޖެހެނީ މާހީގެ މުޅި ހުވަފެންތައް ވަޔަށް ބުރައިގެންދާ ފަދަ ވާހަކައެކެވެ. އެކަމަކު ނުބުނެވެސް ނުވާނެއެވެ. ޖޫލިޔާ ވަނީ ފައްވާޒަށް ވަރަށް ހިތްވަރުދީފައެވެ. ފައްވާޒް ހުރީ ޖޫލިޔާ އެދޭފަދައިން ކަންތައްކޮށްދިނުމަށް ތައްޔާރަށެވެ. މިފަހަރު މާހީ ބޭނުންވާ ގޮތެއް އެނގިދާނެތާއެވެ.
"މާހީ، ނޯ ބިގް ޕާޓީ، ނޯ ރިންގް، އޮންލީ ކައިވެނީގެ މަޖިލިސް ދެން ކުޑަ ވަލީމާއެއް އޮންނާނީ. މިއީ މަންމަ ބޭނުންވާ ގޮތް. އަދި އަހަރެންވެސް"
ކުއްލިއަކަށް މާހީ ބަސް ހުއްޓުނެވެ. އެއީ އޭނާގެ ކަންފަތަށް އިވުނު ގޮތްބާއެވެ؟ އެހެން އެބުނީ ހަމަ ފައްވާޒް ހެއްޔެވެ؟ ނޫނީ ފައްވާޒްގެ މަންމަގެ ބަސްތައް ހެއްޔެވެ؟
"އަހަރެމެން އެކަކު އަނެކަކުދެކެ ވަރަށް ލޯބިވޭ. ކޮންމެހެން ދެއްކުންތެރިކަމެއް އަހަރެމެންގެ ކައިވެނީގައި ހިމަނަންވީ ކީއްކުރަން. ވިސްނޭ ދޯ ލަވް އަށް" ފައްވާޒް މަސައްކަތްކުރީ ލޯތްބާއެކު މާހީ އަށް ވިސްނައިދޭށެވެ. މޭޒުމަތީގައި އޮތް މާހީގެ ދެއަތް ތިލައިގައި ފައްވާޒް ހިފާލިއެވެ. އެއާއެކު މާހީ އަތް ދުރުކޮށްލިއެވެ.
"ކޯޓަށް ގޮސް އިންނާކަށް ބޭނުމެއްނޫން" މާހީ ބުންޏެވެ.
ފައްވާޒަށް ހެވުނެވެ.
"ކާކު ބުނީ ކޯޓުގައޭ އިންނާނީ. އަހަރެންގެ އެޕާޓްމަންޓްގަ އިންނާނީ. ގޭގަ އަހަރެންގެ އާއިލާ އާއެކު ދިރިއުޅޭނީ" ފައްވާޒް ބުންޏެވެ.
"ނުވާނެ ތިކަމެއް. ފައްވާޒް ތިބުނާގޮތަށް ކަންތައްކޮށްގެން ކޮން ހަނދާނެއް ރައްކާކުރެވޭނީ. ޖުމާމެންނަށް ކޮން މޫނެއް އަހަރެން ދައްކާނީ؟ ތި ވިސްނުން ބަދަލުކުރޭ. ލާރި ނެތިއްޔާ ފަވާއަށް ގިނަ ލާރި ލިބެންދެން އަހަރެން މަޑުކުރާނަން" މާހީ ބުންޏެވެ.
ފައްވާޒް ގޮނޑީގެ ފަހަތަށް ޖެހިލައި ގޮނޑީގައި ލެގިލިއެވެ. މާހީ އަށް ވިސްނައިދޭން އުޅުމަކީ ހުދު ގަނޑެއްގައި ހުދު ކުލައި ލިޔުން ކަހަލަ ކަމެއްކަން އެނގުމުން އޭނާ ވާހަކަދެއްކުން ހުއްޓާލިއެވެ. މޭޒުމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލާފައި ހަތަރުކަޅި ހަމަކޮށް މާހީއަށް ބަލައިލިއެވެ. މާހީ ވެސް އޭރު އިނީ ފައްވާޒަށް ބަލާށެވެ. ފައްވާޒް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
"މީގެކުރިންވެސް އަހަރެން ކައިވެންޏެއް ކުރިން. ޒާރާ އަހަރެންނަށް އެއްވެސް ކަމަކަށް މާހީ ތިކުރާހެން ފޯސްއެއް ނުކުރޭ"
މާހީގެ ރުޅިގަނޑު ފުއްޕާ ހަމެއް ފަޅައިގެންދާހެން ފަޅައިގެން ދިޔައީ އެހިސާބުންނެވެ. މޭޒުމަތީގައި ހުރި ބިއްލޫރި ތަށި އަތުންޖަހާ ދުރަށް ބުރުވާލިއެވެ. ފައްވާޒް ދިޔައީ ސިހިގެންނެވެ. ގިނަ މީހުން ބަލަންވެސް ފެށިއެވެ. މާހީ ހިމޭންވީ އެތައް ބައެއް އޭނާއަށް ބަލަހައްޓައިގެން އިންތަން ފެނުމުންނެވެ.
"މާހީގެ ކޮންމެ އަމަލަކުން މިއަދާ ހަމައަށްވެސް ތިދަނީ މީހުން ކުރިމަތީ އަހަރެން ލަދުގަންނަވަމުން" ފައްވާޒް ބުންޏެވެ. އޭނާ ވާހަކަދެއްކީ މަޑުންނެވެ.
"ހެޔޮ. ނުޖެހޭ ކަލޭގެ ލޯބިވާ އެކްސް ވައިފް އާ އަހަރެން އަޅާކިޔާކަށް. ތިހާ މިސްވަންޏާ އެ ރަންޑި ކައިރިއަށް ދާންވީނުން. ތަނެއްގަ ހުރި ޖާހިލެއް. ގަމާރެއް. ލޮރީ މޫނު މައްޗެއް. މުސްކުޅި މާމަ ގަނޑެއް" މާހީ ވާހަކަދެއްކިއެވެ. ފައްވާޒް އެކޭ އެއްގޮތަށް މާހީވެސް މިފަހަރު ވާހަކަދެއްކީ މަޑުންނެވެ. އެހެންނަމަވެސް މާހީ ޒާރާއަށް އެ ރައްދުކުރި ބަސްތަކުން މިފަހުން ފައްވާޒް އައީ ރުޅިއެވެ.
"ހަނދާންނެތިފަ ކަންނޭނގެ މާހީ ތިހެރީ. ހަގީގަތުގައި ރަންޑިއެއްގެ މަގާމުގަ ހުރީ ކާކުތަ؟. މީހަކާ ދިމާލަށް އެއްޗެއް ބުނުމުގެ ކުރިން ވިސްނަންވާނެ. ސާދަ އަހަރު ވަންދެން ޒާރާ އާ އެކު އުޅެފަ އަހަރެން މާހީ ކައިރިއަށް އައީ މާހީދެކެ ލޯބިވެގެން. އެކަމަކު މިހާރު އެނގިއްޖެ އެއީ ލޯބި ނޫންކަން. މާހީގެ ތި ބުނާ 'ރަންޑި' ކަން އަހަރެންގެ މަގުއޮޅުވާލީމަ. ހީނުކުރާތި މާހީ ކިޔާނެހާ އެއްޗެއް ކިޔަންދެން އަހަރެން ހުރެދާނެ ކަމަކަށް. މިހުރިހާ ދުވަހު އެއްޗެއް ނުބުނެ ހުރީ މާހީ އަށް ވިސްނޭތޯ. ކޮންމެހެން މާހީ ދެކެ ބިރުން މާހީގެ ދަށުވެގެން އުޅުނީކީ ނޫން. މިއަދު އަހަރެން މިތަނަށް އައީ ވަރަށް ފޮނި އުންމީދެއްގަ. އެކަމަކު މިހާރު އެނގިއްޖެ ތިހިތުގައި އަހަރެންނަށްޓަކައި ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ނެތްކަން. މާހީ ބޭނުންވަނީ ލޯތްބެއްނޫން. ދުނިޔޭގެ އުފަލާ އަރާމު. މުދާ. ފައިސާ. ދެއްކުންތެރިކަން.... މިހުރިހާ އެއްޗެއް އަހަރެންގެ ފަރާތުން ލިބޭނެކަމަށް އުންމީދު ނުކުރާތި. މިއަދު އަހަރެން މިދަނީ އަހަރެންގެ މަންމަ އާ މާހީ ގެ ތެރެއިން އަހަރެންގެ މަންމަ ޗޫޒްކޮށްގެން. ތި އުނގުން އަހަރެންނަށް ލިބުނު ލޯތްބެއް ނެތް. އެކަމަކު އަހަރެންގެ މަންމަ އުނގުން އުމުރު ހުސްވަންދެން އަހަރެންނަށް ލޯބި ލިބޭނެ. މާހީ ބޭނުންވާ ދިރިއުޅުން ލިބެންދެން ތިހެން އިނދޭ... ގުޑް ބާއީ. ހަނދާންކުރާތި. އަހަރެން އެއްޗެއް ފަސްދީފިއްޔާ އެ އެއްޗެއް ހޯދަން އަހަރެން މަސައްކަތެއް ނުކުރާނަން"
(ނުނިމޭ)