"އަހަރެން އަމިއްލައަށް ބޭނުންވެގެން ކުރި ކަމެއްނޫން،" އެންމެ ފަހުން ކާޝިފު ބުނެލިއެވެ.
ކާޝިފުގެ މިބަސްތައް ތޫނު ހަންޖަރެއްހެން ގޮސް ހެރުނީ ޝިއްޔަތުގެ މެއަށެވެ. މަންމައާ ދެކޮޅަށް ނުވަތަ މަންމަގެ މަޖިލިހެއްގައި އިސްވެ ހޭވެސް އަހާނުލައި ހިމޭނުން އިންނަ ޝިއްޔަތުގެ މައިލަގޮނޑި ފަޅައިގެން ދިޔައީ ހުރިހާ ހުރަހެއް ހުރަސްކޮށް ސީދާމައިދާނަށް ނުކުތުމަށްހިތްވަރު ދެމުންނެވެ. ލޯބިވާ ދަރިއަކަށް ދެރަގޮތެއް ވެ އެދަރި ނިމިގެންދާތަން ދެކޭކަން އެއްވެސް ލޯބިވާ މައެއްގެ ހިތް ކެތެއް ނުކުރާނެއެވެ.
"އެހެންތަ.... ދެން އެންމެ ރަނގަޅު، ބޭނުންވީ، ކުރުވީ، އަދި ކޮށްދިނީވެސް އަހަރެންގެ ދަރިފުޅު، ބޭނުން ނުވާނަމަ އެހެން ވާންވީ ކީއްވެ؟ ބޭނުންނުވި މީހެއްގެ ދަރިއަކަށް އަހަރެންގެ އުލާ ބަލިވެ އެއިނީ ކީއްވެ، އެއީ އޭނާ އެކަނި އަމިއްލައަމިއްލައަށް ކުރި ކަމެއްތަ...؟"
ކާޝިފަށް ފުރަތަމަ ފަހަރަށް ޝިއްޔަތުގެ ދެލޮލުން ރުޅިވެރިކަން ފެނުނެވެ. އަބަދުވެސް ހިނިތުންވެ، އުފާވެފައި ހުންނަ ނުހަނު ހަމަޖެހޭ ޝީއްތަގެ މޫނުން ކާޝިފަށް އެފެނުނީ އެހެންޏާ ނުފެންނަ ކަހަލަ އަސަރެކެވެ. އަދި އެންމެ ފަހަށް ޝިއއްޔަތު އެބުނި ބަސްތަކާއެކު ކާޝިފަށް ކޮޅަށް ތެދުވެވުނެވެ. ކަންތައް މިހާ ބޮޑަށް ގޯސްވެގެންދިޔައިރު އޭނައަށް ރޭކާވެސް ނުލައެވެ. އެވަގުތު ކާޝިފުގެ ހިތުގެ ސްކްރީނުން އުލާގެ މޫނު ފެނިލައިފިއެވެ.
"މިވަރު ވީއިރުވެސް އެކަކަށްވެސް އަހަންނަށް އަންގަން ނުކެރުނުތަ....؟" ކާޝިފު އަހާލިއެވެ.
"އަންގާށޭ. އަންގަން ޖެހޭތަ؟ ބަލަ މިގޭ ހަތަރުފާރުން އެތެރޭގައި ހިނގާ އެއްވެސް ކަމެއް ނޭނގި ހުރި މީހެއް، އެހެން ދުނިޔެއެއްގައި އުދުހި އުދުހި ހުރި މީހަކަށް އަންގާނެ ވަކި އިތުރު އެންގުމެއް އޮންނާނެތަ؟" ޒަހުރަބާން ނުރުހުންތެރިކަމާއެކު ބުންޏެވެ.
"އުލާ.... އުލާ.... ކޮބާ....؟!"
ކާޝިފު ދުއްވައިގަތީ އުލާ އޮތް ކޮޓަރިއާ ދިމާއަށެވެ. އެގޮތަށް ކާޝިފު ތެދުވެގެން އެކޮޓަރިއަށް ދާނެ ކަމަކަސް އެއްވެސް ވަރަކަށް ހިތަށްވެސް ނާރައެވެ. އެކަމަކު ކާޝިފު ހުއްޓުވަން އުޅުނު ޝިއްޔަތަށް ޒަހުރަބާން ކޮށްލީ ބޯ ހޫރާލުމަކުން ނޫނެކޭ ބުނާކަހަލަ އިޝާރާތެކެވެ.
"އުލް...."
އުލާ އޮތް ކޮޓަރިއަށް ވަނުމާއެކު ކާޝިފަށް ހުއްޓުން އެރިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެރީތި އުލާގެ މުޅި މޫނާއި ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލު ފެނުމުން ހަގީގަތުގައިވެސް ކާޝިފަށް އަސަރުކޮށްފިއެވެ.
ބަލި ގޮތަކަށް އެސްފިޔަތައް ތަޅުވާލާގައި އުލާ ލޯ ހުޅުވާލިއެވެ. ގާތުގައި ހުއްޓިގެން ހުރި ކާޝިފުގެ މޫނު ފެނުމުން އުލާއަށް ގަބޫލު ނުކުރެވުނީ ކަހަލައެވެ. ލޯމަރާލުމާއެކު އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
"އުލް....ކީއްވެ ނުބުނީ....؟ އަހަރެން ގަސްތުގައި މިހާބޮޑު އަނިޔާއެއް ނުދޭނެކަން އުލްއަށް އެނގެންވާނެ، މިއަދު އެންމެންގެ ކުރިމަތީގައި ކުށްވެރިމިވީ އަހަރެން.....އުލް ކުރިން ބުނިނަމަ އަހަރެން އުލް ދުރުގަ ބަހައްޓާފައިދާހާ އަމިއްލަ އެދުން ބޮޑުނުވާނެކަން ނޭނގުނީ ކީއްވެ؟"
ކާޝިފު އިށީނީ އުލާ އޮތް އެނދުގައި، އުލާގެ މަގަތުންނެވެ. ކާޝިފުގެ މިލޯބިވެތި ބަސްތައް އިވުމުން އުލާއަށް ރޮއިގަނެވުނީ ބާރަށެވެ.
"ކާޝީ. އަހަންނަކަށް ނުވިސްނޭ އެކައްޗެއްވެސް. އެރޭ އުލް ބުނީމެއްނު، އެކަމަކު ކާޝީ ދިޔައީނު،" އުލާ ރޮވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ.
"އޮހްހޯ. މޮޔަކުއްޖާގަނޑާ، އެއީ މީހުން މިކަހަލަ ބޮޑެތި ވާހަކަ ބުނާގޮތްތަ؟" ކާޝިފު އުލާގެ ދެކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.
"އެއީ އުލާއަށް އެނގުނު ވިސްނުނު ގޮތް، އުލާއަށް އެނގުނީ އެހެން ބުނަން، ހީކުރީ ކާޝީއަށް ވިސްނޭނެކަމަށް،" އުލާ ކާޝިފުގެ މޭގައި ބޯޖައްސާލިއެވެ. ކާޝިފުގެ ހިތް ވިރިގެން ދިޔަކަހަލައެވެ. އެވަގުތު އޭނާގެ އަލަތު ކައިވެނި ކުރެވުނީ ރޭގައި ކަން ހަނދާން ނެތުނީ ކަހަލައެވެ. މީގެ ހަމަ އެންމެ އަށެއްކަ ވަރަކަށް ގަޑިއިރު ކުރިން އޭނާގެ މުޅި ހިތާއި ނަފުސުން ދީވާނާވެ ހުރެގެން، އަންހެނެއްގެ ކަންހުޅީގެ އަސީރަކަށް ވި ގޮތް އޭނާގެ މިވަގުތުގެ ހަނދާނުގައި ނެތެވެ.
މިއީ ކާޝިފުގެ މައްސަލައެއް ނޫނެވެ. އެކަމަކު މިއީ އޭނާގެ އުމުރުގެ މައްސަލައެވެ. އެންމެ އަށާރަ އަހަރު، ނަވާރަ އަހަރުވުމާ ދެމެދު އަދި މަހެއްހާ ދުވަސް އޮތަސް ކާޝިފަކީ ހެދިހުރި ސިކުނޑިއެއްގެ ވެރިއެކޭ ބުނެވޭކަށް ނެތްތާއެވެ. އާއެކެވެ. ބަލާލޮލަށް މިއީ ހަމަ އެންމެ ފުރިހަމަ ވިހި ތިރީހުގެ ޒުވާނެކެވެ.
މައްސަލަ އޮތީ ގޭތެރޭގެ ޒާތްކޮޅު ބޮޑު ގާނޫނާއި ގަވާއިދުގެ ތެރެއިން ކާޝިފަށް ދެވުނު ޔަގީންކަމުގެ ތެރޭގައި ވަޅުޖެހިފައެވެ. އާއިލާގައި އެއްއިރެއްގައިވެސް ނުވާކަމެއް ވެދާނެކަމަށް ނުވިސްނާ ތިބި މީހުނަށް ނޭނގުނު ކަމަކީ ކޮންމެ ކަމެއްވެސް ވަމުންދަނީ، ފެށުމުގައި އަލަށް ފުރަތަމަ ފަހަރު އެކަމެއް ކޮންމެވެސް ގޮތަކުން ވެގެން ކަމެވެ. އަދި މިއާއިލާގެ އުސޫލުތަކާއި ގޮތާއި ބާވަތާ ހިލާފު މުސްތަގުބަލެއް ބިނާ ކުރުމަށް ކާޝިފު އެވީ މާޒީއަށެވެ. ފުރަތަމައަށެވެ. އަލަށެވެ.
އުލާގެ ދެކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލުމަށް ފަހު ކާޝިފު މަޑުމަޑުން އަހާލިއެވެ.
"އޭހ، ބޭބީ، މި ކޮންއިރަކު ވި ކަމެއް؟ ކިހާ ދުވަހެއް ވެއްޖެ؟"
"މައި ޕީރިއަޑް ...،" ރޮވޭ ގޮތްވެފައި އަނެއްކާވެސް ކާޝިފުގެ ހިތްވަރުދިނުމުން ވަރު ލިބިގެން އުލާ ވާހަކަ ދައްކަން ފެށިއެވެ. "އައި މިސްޑް ވަން، އެންޑް އައި ވޯޒް ރިއަލީ ސްކެއާޑް، އެންޑް އައި ބޯޓް އަ ކިޓް، އިޓް ޝޯޑް ޕޮޒިޓވް، އައި ޓްރައިޑް ޓު ޓޯކް، ބަޓް ޔޫ އަރ ނޮޓް ދެއަރ ފޯރ މީ، އެންޑް ނައު އިޓްސް ފޯރ މަންތްސް ނައު، ބޭބީ، ޔޫ އާންޓް ލީވިން މީ ލައިކް ދިސް، އައި ކާންޓް ސަވައިވް، އޯލްސޯ މޮމް ސެއިޑް ޑޮކް ހޭވް ޓޯލްޑް ހަރ އައެމް ޓޫ ޔަންގް ޓު އެބޯޓް އިޓް، އެންޑް އައި ޓޫ ޑޯން ވޯންޓް ޓު ގިވްއިޓް އަވޭ، އިޓްސް އަވަރ ލަވް، އަވަރ ލަވް...."
އުލާއާއި ކާޝީފްގެ ވާހަކަ އަޑުއަހަން ކުޑަދޮރު ކައިރީ ހުއްޓި ތިބި ތިން އަންހެނުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހާލަތު އަތުން ދޫވެފައި އޮތް ވަރު ހާމަވުމުން އެމީހުންގެ ގައިން ހީބިހި ނަގައި، ދެލޯ ހައިރާންކަމާއެކު ބޮޑުވިއެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. މިއީ ކޮންފަދަ އަކުން ވީ ކަމެއް ހެއްޔެވެ.
"އަހަރެން ހަމަ ހައިރާން ވެއްޖެ...."
ކުޑަދޮރުކައިރިން ދުރަށް ޖެހި ބަގީޗާ ތެރޭ ހުރި ޖޯއްޔާ ދިމާއަށް ހިނގައިގަންނަމުން ޒަހުރަބާން ދެއަތަކަށް ބޯހޫރާލިއެވެ.
"ކޮންއިރަކު ކިހިނެއް ކަމެއް މިހިސާބަށް އައީ...ހިތަކަށް ނާރާ ދުވަހަކުވެސް މިފަދަ ކަމަކާ ދިމާވެދާނެއޭ..."
ޖޯލިފަތިން ބޮޑު ޖޯއްޔެއްގައި އިށީންނަމުން ޒަހުރަބާން ފުންނޭވާއެއް ލިއެވެ.
"މަންމާ...ދެން ހަދާނީކިހިނއް...؟ ކާޝިފު އުމުރުން ހަގަސް މީހަކާ އިނދެފި، މިހާރު އެއަންހެން މީހާގެ...." ޖެހިގެން އިން ޖޯލީގައި އިށީންނަމުން ޝަމްސިއްޔާ ދައްކަން ފެށި ވާހަކަ މެދުކަނޑާލީ ޒަހުރަބާންގެ ބަރު އަޑެވެ.
"މީހަކާ އިނދެފިއޭ، ކާކު ދެނެހުރި ކަމެއް....؟" ޒަހުރަބާން އަނދައިގެންފައި ބުނެލިއެވެ.
"މިއީ އެންމެ ރަނގަޅު ވަގުތު، ކާޝިފް އެއިނީ އެކަންތައްތައް ހަނދާން ނައްތާލަން މަޖުބޫރު ވާ ހާލަތެއްގައި، އެހެންނޫނަސް އެއީ "ޒުވާންޖޯޝުގައި" ކުރި ހަމަނުޖެހޭ ކަމެއް، އަހަރެމެން ބޮޑެތި މީހުންނަށް ޒިންމާ އަދާ ނުކުރެވުނީމަ އެހެންވެސް އެވީ، ދެކުދިން ތިބީ ކައިވެނިކުރާ އުމުރުގައި ކަމާއި ކަންކަން އަތްނުފޯރާ ހިސާބަށް ގޯސްވެއްޖެކަން އެނގި ބަލައި، ދެނެގަނެވުނު ދުވަހެއްނަމަ މިއަދު އުލާ ކައިވެނީގެ ބޭރުން ބަލިވެ ނީނީސް."
ޒަހުރަބާން ދެއްކި ވާހަކައަށް އެންމެނަށްވެސް އެއްބަސް ވެވުނެވެ. ދެންވެސް މިހިސާބުންވެސް އިތުރަށް ކަންތައް ގޯސް ނުވަނީސް ކާޝިފާއި އުލާގެ ކައިވެނި އަވަހަށް ކުރުވުމަކީ އޮތް އެންމެ ރަނގަޅު ގޮތްކަމަށް އެންމެނަށްވެސް ގަބޫލުކުރެވުނެވެ.
ހަމަ އެވަގުތު ޒަހުރަބާންގެ ހާއްސަ ހާދިމާއިންނަށް ގޮވައި ގެނެވިއްޖެއެވެ. ބަގީޗާތެރޭގައި ހުރި ސައިމޭޒުދޮށަށް ހަވީރުގެ ސައި ގެނެވިއްޖެއެވެ. ހާއްސަ މުނާސަބާތަކުގައި ކަންތައް ތައް ނޯޓުކޮށް ރައްކާކުރެވޭ ޒަހުރަބާންގެ ފޮތް ގެނެވިއްޖެއެވެ. ފޮތް ހުޅުވާލުމަށްފަހު އައިނު އަޅައި ލޮލަށް ހެޔޮވަރުކޮށްލިއެވެ. ގަލަން ހިންގާލުމާއެކު ކުދި ހިމުން އެހާމެ އެއްވަރު އަކުރުތަކަކުން ލިސްޓެއް ލިޔަން ފެށިއެވެ.
ގޭތެރެއަށް ވަދެ ގޭގެ ކޯޑްލެސް ފޯނު ހިފައިގެން އައިސް ޒަހުރަބާނަށް ދިއްކޮށްލިއެވެ. އަދި ޒަހުރަބާން ފޯނު ހޯދައިގެން ނަންބަރުތަކަކަށް ޑަޔަލްކޮށްލިއެވެ.
"ފޯމުތައް މިރޭ ފޮނުވާނަން، ވީހާވެސް އަވަސް ތާރީހެއް ބޭނުންވަނީ،" ޒަހުރަބާން އަށް ޖަވާބު ލިބުމާއެކު އުފާވެރި ރާގެއްގައި ބުނެލިއެވެ.
"މަންމައަށް ހީވޭތަ ކާޝިފު މިކަމާ އެހާ ފަސޭހައިން އެއްބަސް ވާނެހެން؟" ޝިއްޔަތަށް އަހާނުލާ ނުހުރެވުނެވެ.
"އެއްބަސް ނުވާނެ ނަމަ މިހާ އިރު ވާއިރު އުލާއަށް ކަންކަންކޮށްދޭން އެކޮޓަރީގަ ނީންނާނެ، އެގެއަށް ނުގޮސް މަޑުކޮށްގެން އެހެރީ، މާނައަކީ ކުރެވުނީ ގޯސްކަމެއްކަން ވިސްނިގެންނޭ އެހެރީ، މިކަހަލަ ނާޒުކު ދަނޑިވަޅުތަކުގައި އިތުރަށް ވާހަކަދެއްކުމަށްވުރެ ރަނގަޅު ވާނީ އަޅާނުލާ ބެހެއްޓިއްޔާ،"
ޒަހުރަބާން ބުނެދިނީ ވިސްނުންތެރި ހިޔާލެކެވެ. ޝިއްޔަތަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާގެ އިން ހަމައެކަނި ދަރިފުޅުގެ ދިރިއުޅުން އަނދިރީގެ ތެރެއަށް ގެބުނަ ނުދީ ސަލާމަތްކޮށްދެވޭކަމުގެ އިހުސާސް ކުރެވުމުން އަމިއްލަ ނަފުސަށް ހިނިތުންވެލެވުނެވެ.
އާއިލާގެ ބޮޑުންގެ މެދުގައި މަޝްވަރާތައް ކުރެވި ވަގުތާއި ސާއަތް ކަނޑައެޅުނީ ހަމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ރެއަށް އިރުއޮއްސުނުއިރު ކާޝިފާއި އުލާގެ ކައިވެނީގެ ތާރީހު އޮތީ ކަނޑައެޅި ނިމިފައެވެ. އެކަމަކު މިއިން އެއްވެސް ކަމެއްގެ އެއްވެސް ހިލަމެއް ކާޝިފަކަށްވެސް އަދި އުލާއަކަށްވެސް ނުވެއެވެ.
އުލާގެ ހާލަތު އެނގުނީއްސުރެ ކާޝިފު އިނީ އުލާގެ ގާތުގައެވެ. ހަވީރު އުލާއަށް ސައިދީ، ބޭސްދިނުމަށްފަހު ނިދެންދެން ގާތުގައި އިނެވެ. އިރުއޮއްސި ހަތެއް ޖެހިއިރު އުލާއަށް އޮތީ ގަދައަށް ނިދިފައެވެ. އުލާގެ ކަންތަކުގައި އެހީވާން އުޅުނު ނަރުސްވެސް ގަޑިއެއްހާއިރުގެ ބްރޭކަކަށް ދިޔައީ ގެއަށެވެ. އަދި ކާޝިފު އޭނާގެ ކޮޓަރިއަށް ދިޔައީ ފެންވަރާ ތާޒާވެލުމަށެވެ.
ފެންވަރައިގެން ނުކުމެ ކާޝިފު އޮށޯވެލީ ނިދާކަށް ނޫނެވެ. ވަރުބަލިވެގެން ގޮސް މީހާ ހަލާކުވާ ވަރުވެފައި ހުރުމުން އިސާހިތަކު ލޯމެރި ނިދީގެ ތެރެއަށް ގެނބުނީއެވެ. އާންމު ދުވަސްތަކުގައިވެސް ކާޝިފަކީ ވަރަށް އިރާކޮޅު ނިދަން އާދަވެފައި ހުރި ޒުވާނެކެވެ. ދީވާނާވެގެން މަސްތެއް ފަހާ ދުވުމުގައި ރޭގަނޑުގެ ނިދި ނަގާލިއަސް އޭނާއަކީ ނިންޖަށް ބަލި މީހެކެވެ. ބައެއް ދުވަސްދުވަހު ހޭލެވުމެއް ނެތި ބާރަތޭރަ ގަޑިއިރުވެސް ނިދާފާނެއެވެ. އަމުދުން މިފަދަ ހައިޖާނު ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅެން ހަދައިގެން ނުނިދާ އެހާ ގިނަ އިރު އުޅުމުން ކާޝިފަށް ނިދުނު ގޮތެއްވެސް ނޭނގެއެވެ.
******
ނިދީގައި އޭނާ ކަނާތަށް ފުރޮޅިލިއެވެ. ދެން އަނެއްކާވެސް ވާތަށް ފުރޮޅިލިއެވެ. ދެން ކުއްލިއަކަށް ބޮލާއެކު ރަޖާ އަޅާލުމަށްފަހު ހަމަކުއްލިއަކަށް ރަޖާގަނޑު ނަގާ އެއްލާލުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ.
ކޮޓަރިތެރެއަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ޑްރެސިންގޓޭބަލް މަތީ ހުރި ގަޑީގެ ދިއްލިފައި ހުރި ކަށިތައް ރޭގެ ގަޑި ބުނެދީފިއެވެ.
ރޭގަނޑު ދިހައެއް ޖަހަނީއެވެ. ރޮމުން ރޮމުން ގޮސް ނިދުނު އިރެއްވެސް ނޭނގުނީތާއެވެ. ލޮލުގެ ކައިރީގައި ކޯތާފަތް މަތީގައި ކަރުނައިގެ އަސަރު އަދިވެސް އެބަހުއްޓެވެ. އިރުއޮއްސި އިޝާނަމާދުން ފޭބި ފަހުން އޭނާ އައިސް އޮށޯތުމާއެކު ހެން ކޮޓަރިއަށް ނަރުގިސް އައެވެ. އޭނާއަށް ނިދުނީ ނަރުގިސްގެ އުނގުގައި އޮއްވައެވެ.
ދުވާލު ހިނގި ކަންތައްތަކާއި މިރޭ ވީ ކަންތައް ހަނދާނަށް އައުމާއެކު ފަރުހީންގެ ހިތަށް ތަދުވެއްޖެއެވެ. އޭނާގެ މޮޔަކަމާއި ތާކުންތާކު ނުޖެހޭ ވަރު ހިތަށް އެރީމަ އަސަރުކޮށްފިއެވެ. ރޭގައި އޭނާ ހުރީ ކިހާ އުފަލަކުން ހެއްޔެވެ. ރޭ މި އެނދުގައި އޭނާ ރާނީއެއްހެން ވެޑުވިގެން އޮތީ ކިހާ ފޮނިމީރުކަމެއްގައި ހެއްޔެވެ. ހުވަފަނެއް ފަދައިން ހުރިހާ ކަމެއް ވިހާލިވެގެން ދިޔައީއެވެ.
ކާޝިފު ދިޔުމުން ފަރުހީން ހީކުރީ ގޭތެރޭގެ ކަންކަން ހަމައަކަށް އެޅުނީމަ އަންނާނެ ކަމަށެވެ. ގޭގެ ކަންތައްތަކުން ސަލާމަތްވެގެން އައިމާ މާފަށް އެދޭނީއެވެ. އެގޮތަށް ކާޝިފު ފޮނުވާލެވުނީތީ ދެރަވި ވަރު ބުނެދޭނެއެވެ.
އަމިއްލަ ހިތަށް ވިސްނައިދެމުން ފަރުހީން ދުވަސް ހޭދަ ކުރީ ކުދިންނާއި ނަރުގިސްއާއެކު އާދައިގެ ދުވަހެއް ފަދައިންނެވެ. އެކަމަކު އިރުއޮއްސުނު އިރުވެސް ކާޝިފުގެ ހަބަރެއް ނުވިއެވެ. ދެކުދިން ވަރަށް އިރާކޮޅު ނިދާނެތީ އިޝާ ނަމާދު ނިމިގެން ކުދިންނަށް ކާންދީ ނިންމައިގެން ނަރުގިސް އަވަހަށް ދިޔައީ ކުދިން ނިންދަވާށެވެ.
ފަރުހީންވެސް އިޝާ ނަމާދުން ފައިބައިގެން އެއްޗެއް ކެއުމަށް ކާކޮޓަރިއަށް ނުކުތެވެ. މޭޒުމަތީގައި ކާންހަދާފައި ހުރީ އޭނާގެ ބަދަލެއް ނާންނަ ދައްތަގެ މީރުރަހަ ހުންނަ އަތުންނެވެ. ފެހިފަތާއި ތަރުކާރީ ސެލެޑްކޮޅަކާއި ކްރަންޗީ ފިހުނު މަސްކޮޅެއް ތަށްޓަކަށް އަޅައިގެން ކާކޮޓަރީގެ މޭޒުދޮށުގައި ހުރި ގޮނޑި ދަމާލިއެވެ.
އުލުން އެތިކޮޅެއް ނަގާ އަނގައަށް ލަމުން އޭނާ އިށީނެވެ. ތާޒާ ޖޫސްޖަގުން ތަށްޓަކަށް އަޅާ ރަހަ ބަލާލިއެވެ. ތާޒާ އަނބުއެތިއެތިކޮޅުވެސް ހުއްޓެވެ. މިގޭގައި އަބަދުވެސް ކާތަކެތި ހުންނާނީ ފިސާރި ސިއްހަތަށް ރަނގަޅު އަނގައަށް ރަހަމީރުކޮށެވެ. ނަރުގިސްގެ އަތުގެ ރަހަ ހަމަ ރަނގަޅީއެވެ.
ހަމަޖެހިގެން ފަރުހީނަށް ކެވުނީ ދެތިން އެތިކޮޅެވެ. ބޭރު ސިޓިންގރޫމް މޭޒުމަތީގައި ހުރި ފޯން ރިންގ ވާން ފެށީއެވެ. ނަރުގިސްއަށް އަޑުއިވިގެން އައިސްދާނެތީ އަވަހަށް ގޮސް ފޯނުގެ އަތްގަނޑު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
ސަލާމް ގޮވާލުމާއެކު އެކޮޅުން ވާހަކަ ދެއްކި މީހަކު ފަރުހީނަށް ގޮވާ ދިނުމަށްއެދިއްޖެއެވެ. އަދި ފަރުހީން މިއީ ފަރުހީނޭ ބުނުމުން ދެން އެބުނި ޖުމްލައަކީ މިހާތަނަށްވެސް އޭނާއަށް އިވުނު އެންމެ ބިރުވެރި ވާހަކައެވެ.
"ސޮރީ، ހީނާ، މިވަގުތުން ފެށިގެން ފަރުހީންސަލަމާ އަކީ ކާޝިފުގެ އަނތްބެއް ނޫން، ތިހިރީ ވަރިކޮށްފައި، ސާބިތު ކުރަން ކޯޓުން ޗިޓް ފޮނުވާނެ، މީގެ ފަހުން އަހަރެމެން ދުވަހަކުވެސް ބައްދަލުނުވާނެ، އަހަރެމެން ނުދަންނަން، ވެގެންދިޔަކަންތަތަކީ ހުވަފެނެއްކަމަށް ހީކޮށްފަ ހަމަޖައްސާލާ،"
ފޯނުގެ އަތްގަނޑު ހިފަހައްޓައިގެން އެހުރި ގޮތަށް ފަރުހީނަށް ތިރިވެވުނީ އެދިމާލުން ބިމަށެވެ. ގާތުގައި ހުރި ސޯފާއަށް ހަށިގަނޑު އަމާޒުކޮށްލާނެހާ ހިތްވަރެއްވެސްނުކުރެވުނެވެ.
ރޯންވީ ކަމެއް ހޭންވީ ކަމެއް ނޭނގި ގަބުއަރާފައި އެހެން އިންދާ އެތަނަށް ނުކުތީ ނަރުގިސްއެވެ.
ކޮއްކޮއަށް ވެފައި އިން ގޮތް ފެނުމުން ނަރުގިސްއަށް ކޮންމެވެސް ނުބައެއްގެ އިހުސާސް ކުރެވިއްޖެއެވެ. އަވަސް އަވަހަށް ފަރުހީންގެ ގާތަށް ގޮސް އޭނާގެ އަތުން ފޯނުގެ އަތްގަނޑު ހޯދާ ފޯނުމަތީ ބޭއްވިއެވެ. އަދި ފަރުހީންގެ ދެކޮނޑުގައި ހިފާ ނަގާ ސޯފާގައި ބޭންދިއެވެ.
ޝޮކެއް ޖެހިފައި އިން ފަރުހީންގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެއްވެސް އަސަރެއް ނުކުރުމުން ނަރުގިސްއަށް ފަރުހީންގެ މޫނުގައި މަޑުމަޑުން އަތުން ޖަހާލިއެވެ. އެއާއެކު ފަރުހީން ހީވީ ތެޅިގެންފައި ދުރަށް ޖެހިލި ގޮތުން ބިރުވެރި ސޫރައެއް ފެނުނު ހެނެވެ.
"އޭހ ކޮއްކޯ، ކިހިނެއްވީ. ދަރިފުޅާ، ދައްތަ ގާތު ބުނެބަލަ، ކާކުގެ ކޯލެއް؟" ނަރުގިސް ދެރަވެފައި އަހާލިއެވެ.
"ދައްތާ. އޭނަ، އޭނަ އަހަރެން، ވަރި...."
ނަރުގިސްގެ މޭގައި ބޯ ޖައްސާލުމާއެކު ފަރުހީނަށް ރޮއިގަނެވުނީ ބާރަށެވެ. ނަރުގިސް އަށް ހީވީ އޭނާގެ މޭ ދެފަޅިއަކަށް އިރައިގެން ދިޔަހެނެވެ. ހަމަކުއްލިއަކަށް މިވީ ކިހިނެއްބާވައެވެ.
(ނުނިމޭ)