ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 36

3

"ދަރިފުޅު ތިއީ ފައްވާޒް ބޭނުން ނެތިގެން އެއްފަރާތްކުރި ގާގަނޑު. ތި ގާގަނޑު ނަގައިގެން އަލީގެ ދިރިއުޅުން އާރާސްތުކުރާ މަންޒަރު މަންމަ އަދި ދެކޭނަން. ދަރިފުޅަށްވެސް އެކަން އިހުސާސްވާނެ. މާތްﷲ ދަރިފުޅަށް ހެޔޮ ރަހުމަތް ލައްވާށި"

ޒާރާގެ ބޮލުގައި ލޯތްބާއެކު ހިމްނާ ފިރުމާލިއެވެ. ދުވަހަކުވެސް އޭނާގެ ހިތަށް ނުލިބޭހާ ހިތްހަމަޖެހުން އެވީ ވަގުތުކޮޅުގެ ތެރޭގައި ލިބިއްޖެއެވެ. ދެން އޭނާ ބޭނުންވާ އައްފާނާ ބައްދަލުކުރާށެވެ.

"އެކަމަކު މަންމާ" ޒާރާ ބުންޏެވެ. ހިމްނާގެ ސަމާލުކަން ޒާރާއަށް ހުއްޓާލިއެވެ.

"އޭރާ މިހާރު ވަރަށް ތަފާތު. އޭގެފަހުން އައްޔަވެސް ކައިވެނިކޮށް ދަރިއެއްވެސް ލިބުނީ. އައްޔަ އަދިވެސް ވަރަށް ލޯބިވޭ ނިއަމް މަންމަ ދެކެ. ކުއްލިއަކަށް ކައިވެންޏެއް ކުރަން ކިޔާއިރު އައްޔަގެ ހިޔާލު ހުރިގޮތްވެސް ބެލުން މުހިންމު. އަހަރެން ބޭނުމެއް ނޫން އައްޔައަށްވެސް މަޖުބޫރެއްވާކަށް. ނިއަމް ގޮވައިގެން އަހަރެން އަބަދު އުޅުމަކީ އަދި ނިއަމްއަށް އަހަރެން ގާތުން ދިނުމަކީ އަހަރެންނާ މެދު އައްޔަ ދެކޭގޮތް ބަދަލުވާންޖެހޭ ސަބަބެއް ނޫނެއްނު" ޒާރާ ވާހަކަދެއްކިއެވެ.

ހިމްނާ ހީލިއެވެ. ލޯބިން ޒާރާގެ އަތުގައި ފިރުމާލިއެވެ. ޒާރާގެ ވިސްނުމަށް އޭނާ ސާބަސްދިނެވެ.

"ވަސީމާ ބުނި އަލީއާ ވާހަކަދައްކާނަމޭ. ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ" ހިމްނާ ބުންޏެވެ.

****

"ޒާރާ ނިދާފަތަ؟" އަނެއްފަރާތަށް އެނބުރިގެން އޮތް ޒާރާއަށް ހިމްނާ ގޮވާލިއެވެ.

"ނުނިދަން އަދި" ޒާރާ ބުންޏެވެ.

"ވަސީމާ ބުނި އަލީ މި ކައިވެންޏާ ގަބޫލުވެއްޖެއޭ" ހިމްނާ ބުންޏެވެ.

ޒާރާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ. މަޑުމަޑުން އަނެއްކާވެސް އިހު އޮތްގޮތަށް އޭނާ ރުޖޫއަވިއެވެ.

ކުއްލިއަކަށް ހަޔާތަށް އަންނަން އުޅޭ ބޮޑު ބަދަލާ މެދު ޒާރާއަށް ވިސްނެމުން ދިޔައެވެ. އައްފާނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ބަދަލުވާން އުޅޭކަން ހަނދާންވާ ކޮންމެފަހަރަކު ޖެހިލުންވެއެވެ. ދެން ކުރެވޭނެކަމެއް ނެތެވެ. އެ ކައިވެނި އެވަނީ ދެފަރާތުގެ އާއިލާ އިން ނިންމައިފައެވެ. ޒާރާ އޮތް ފަރާތް ނޫން އަނެއްފަރާތަށް ފުރޮޅިލިއެވެ. ސައިޑު ކަބަޑުމަތީގައި އޮތް ފޯނު ފެނުމުން އޭނާ ފޯނު ނެގިއެވެ. ގަޑި ބަލައިލިއިރު ދޭއް ޖަހަން ދިހަމިނެޓް ހުއްޓެވެ. ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ. ނިދާފައި އޮތް ހިމްނާއަށް ބަލައިލާފައި ޒާރާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ފޯނު އަންލޮކްކޮށްލާފައި އޭނާ ހުޅުވާލީ ރައްކާކޮށްފައި ހުރި ފައްވާޒްގެ ފޮޓޯތަކެވެ. ފޯނަށް ބަލަހައްޓައިގެން އިނދެ ފަހަރަކު ފޮޓޮއެއް ކަމަށް އޭނާ ޑިލީޓް ކުރަމުން ދިޔައެވެ. ބައެއްފަހަރު ލޮލުން ވެއްޓޭ ކަރުނަ ތިކި އައިސް ޖެހެނީ ފޯނުގެ ސްކްރީން މަތީގައެވެ. ލޯބީގެ އެތައް ސަމާސާއެއްގެ ތެރެއިން ނަގާފައި ހުރި ފޮޓޯތައް ބޭރުވެގެން ދަނީ ހަމައެކަނި އޭނާގެ ފޯނުންނެއް ނޫނެވެ. އެތައް ހިތްވަރެއްކޮށް އޭނާގެ ހިތާއި ސިކުނޑިންވެސް އެ ސޫރަ ބޭރުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އާ ހަޔާތަކަށް ނޭވާލާން ތައްޔާރުވަމުންދާއިރު އާ ހަޔާތަށް އަސަރުކޮށްފާނޭ އެއްވެސް އެއްޗެއް ފެންނަ ހިސާބެއްގައި ހުންނާކަށް ޒާރާ ބޭނުމެއް ނުވެއެވެ. އެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެކެވެ. ދުވަހަކުވެސް ދިރިއުޅުމަށް އައިސްދާނެކަމަށް ހީނުކުރާ ބަދަލު އެވަނީ އައިސްފައެވެ. އަލަތު ކައިވެނި ކުރީ ދިރިއުޅުމުގައި ކުރާނެ އެންމެފަހު ކައިވެނި ކަމުގައި ނިންމައިގެންނެވެ. އެކަމަކު އެހެން ނުވީއެވެ. ދެވަނަ ފަހަރަށް ފިރިއެއްގެ ގޮތުގައި ބަލައިގަންނަން ޖެހިފައިވަނީ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި އިންސާނެކެވެ. އެއީ ވެސް އަލަތު ކައިވެނި ރޫޅި ދިރިއުޅުން މަތިން ފޫހިވެފައިވާ އިންސާނެކެވެ. އެކަމަކު ދެން ވާނެ ގޮތެއްވެސް ނޭނގެއެވެ. އަންބެއްގެ ވާޖިވު އަދާކުރެވޭނެ ހެއްޔެވެ؟ ފިރިއެއްގެ ގޮތުގައި އައްޔަ ބަލައިގަނެވޭނެ ހެއްޔެވެ؟ އައްޔަ.... އައްޔަ ދެކެނީ ކޮންގޮތަކަށް ހެއްޔެވެ؟ އައްޔަގެ ހިތުގައި އަހަންނަށް ލޯތްބޭ މިކިޔާ ޖަޒުބާތު އަލުން އުފެދިދާނެ ހެއްޔެވެ؟ ޒާރާއަށް ނުވިސްނުނެވެ. ވިސްނުންތަކުން ސިކުނޑި ބަރާވެއްޖެއެވެ. ފަތިސްވާއިރުވެސް ނިދޭނެ ކަމެއް ނޭނގެއެވެ.

"ޔާ ﷲ މި އަޅާއަށް ހިތްވަރު ދެއްވާށި. މި އަޅާއަށް ސާބިތުކަން ދެއްވާށި" ހިތާހިތުން ޒާރާ ދުއާ ކޮށްލިއެވެ.

****

ފައްވާޒްގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ޖޫލިޔާ ދިނީ ލެޕްޓޮޕެކެވެ. އެއާ އެއްކޮށް އަންނައުނާ ފައްވާޒް ބޭނުންވާ ކަހަލަ ބްރޭންޑެޑް އެހެނިހެން ސާމާނުވެސް ދިނެވެ. ފައްވާޒަށް އާމްދަނީއެއް ނުލިބި ނިކަމެތިވެފައިވާ ވަރު ފެނުމުން އެފަދަ ތަކެތި ނުދީ ކެތްތެރި ނުވެވުނީއެވެ. އަނެއްކޮޅުން އެ ހަދިޔާއަކީ ރާއްޖޭގެ މައި ހޮސްޕިޓަލުގެ ލެބޯޓްރީ އިން ޖޫލިޔާ މެދުވެރިވެ ފައްވާޒަށް ހޯދައިދިން ވަޒީފާ ދާއިމީވީކަން އެންގި ދުވަހެވެ. އެ ވަޒީފާއަށް ފައްވާޒް ފަރުވާތެރިވާނެ ކަމަށް ޖޫލިޔާ އުއްމީދު ކުރިއެވެ. ނޫޑްލްސް ކައްކަން ހުރި ޖޫލިޔާގެ ގައިގައި ފަހަތުން ފައްވާޒް ބައްދާލިއެވެ. އޭނާއަށްޓަކައި މަންމަ ކުރި އަގުބޮޑު ހަރަދު ފެނި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާއަށް ބަދަލުގައި މަންމައަށް އެއްވެސް އެއްޗެއް ނުދެވޭކަން އެނގުމުން ދެރަވެސްވިއެވެ.

"ރުފިޔާ ސޭވް ކުރެވެން ފެށީމަ އަހަރެންވެސް މަންމައަށް ދޭނަން" ފައްވާޒް ބުންޏެވެ.

ޖޫލިޔާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެނބުރިފައި އޭނާ ފައްވާޒްގެ މޫނުގައި ފިރުމާލިއެވެ. މަންމަގެ އެ އަމަލުން ފައްވާޒްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މަންމަ ހިތްހަމަނުޖެހޭކަމެއް ނުކުރެވޭއިރުވެސް އެ މަންމަ އޭނާ ދެކެ ވާ ލޯބި ފެނި އޭނާ އިސްޖެހިއެވެ.

"ފައްވާޒު އަތުން މަންމަ ބޭނުންވަނީ ލާރިތަކެއް ނޫން. ހަމަ އެންމެ ކަމެއް" ޖޫލިޔާ ބުންޏެވެ.

"އަހަރެން މީހަކާ އިނުން ދޯ" ހީލަމުން ފައްވާޒް ބުންޏެވެ.

އުނދުން ނިއްވާލާފައި ފައްވާޒް އަތުގައި ހިފައިގެން ޖޫލިޔާ އައިސް އިށީނީ ސޯފާގައެވެ. އަނެއްކާވެސް އުއްމީދުތަކަކާއެކު ފައްވާޒަށް ވިސްނައިދޭންވީ ވަގުތެކެވެ.

"މާޒީގައި ތިމާއަށް ކުރެވުނުކަމެއް ކުރެވުނީ. އެއީ ނުވާ ކަމަކަށް ނުވާނެ. މަންމަ ބޭނުންވަނީ ފައްވާޒު ކައިވެނިކުރަން. ފައްވާޒުގެ ދަރިއެއް ދެކެން މަންމަ ބޭނުންވަނީ. މާހީއާ އިނދެގެން އަވަހަށް މިގެއަށް ގެނޭ. މި ގޭގަ ދިރިއުޅެވޭނެ. މަންމަ ބޭނުންވަނީ ފައްވާޒްގެ ދިރިއުޅުން ބާއްޖަވެރިވާން. މަންމަ ދުއާވެސްކޮށްދޭނަން" ޖޫލިޔާ ވާހަކަދެއްކިއެވެ.

ޖޫލިޔާގެ ވާހަކަތައް ކަނުލާ ފައްވާޒް އަޑުއެހިއެވެ. ޖޫލިޔާ އެދޭ ފަދައިން ކަންތައްތައް ކޮށްދޭ ހިތްވެސްވިއެވެ. އެކަމަކު މާހީ ކައިވެނިކުރަން ބޭނުންވަނީ ހުވަފެންތަކުން މީހުން ދެކޭ ފަދަ ޕަރީ އިންގެ ދުނިޔެއެއްގައެވެ. ހަނީމޫން ހޭދަކުރަން ބޭނުންވަނީ ޔޫރަޕް ގައެވެ. ދިރިއުޅެން ބޭނުންވަނީ ލަގްޒަރީ އެޕާޓްމަންޓެއްގައި ވަކިންނެވެ.

ޖޫލިޔާގެ މޫނަށް ފައްވާޒް ބަލައިލީ މާޔޫސްވެފައެވެ. މަންމަގެ ދެލޮލުން އޭނާއަށް ފެނުނީ އޭނާއާ މެދު އެ މަންމަ ކުރާ އުއްމީދެވެ. އާދޭހެވެ. މާހީގެ އުފަލަށްޓަކައި މަންމަގެ ހިތުގައި އިތުރަށް ޖައްސާނެ ހިތްވަރެއް އޭނާގެ ނެތެވެ. އެކަމަކު މާހީ ބޭނުންވާ ގޮތްވެސް މަންމަ ގާތުގައި ހާމަކުރަން އެބަޖެހެއެވެ. ހިޔާލުވެސް ދެވޭނީ މަންމައަށެވެ. މަންމަ ދޭނީ ހިޔާލެއް ނޫނެވެ. މަންމަ ބުނާނީ އަހަންނަށް ރަނގަޅު އެއްޗެކެވެ. އެންމެ މޮޅު ވިސްނުމެވެ.

"މަންމާ، މާހީ ބޭނުންވޭ ޕާޓީ ބާއްވަން. ބޮޑު ކޭކެއް އަޅަން. އެ ޕާޓީގެ ވާހަކަ މީޑިޔާގެ ސަމާލުކަން އަންނަވަރު ކުރަން މާހީ ބޭނުން. އަހަރެންގެ ދެވަނަ ކައިވެންޏަށް ވިޔަސް މާހީގެ ފުރަތަމަ ކައިވެނިވީމަ ކަންނޭނގެ" ފައްވާޒް ބުންޏެވެ. ޖޫލިޔާގެ ދެ އަތްތިލަ ވީ ފައްވާޒްގެ ދެ އަތްތިލައިގެ ތެރޭގައެވެ.

ޖޫލިޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. ފައްވާޒް އެ ބުނީ އަނެއްކާ އަނެއް ވާހަކައެވެ. މިފަހަރުވެސް ދެކޮޅަށް އެއްޗެއް ބުނެވިދާނެތީ ޖޫލިޔާ އިނީ ވިސްނައިގެންނެވެ.

"މަންމަ އެއްޗެއް ބުނެބަލަ" ޖޫލިޔާ ބަހެއް ނުބުނެ އިނުމުން ފައްވާޒް ބުންޏެވެ.

"މަންމަ ބުނެފާނަން. އެކަމަކު މަންމަ ފަށާ ވާހަކައަކުން ދަރިފުޅު ކައިރިއަށް އަންނާނީ ރުޅި" ޖޫލިޔާ ބުންޏެވެ.

"ރުޅިއެއް ނާންނާނެ. ދަރިއަކަށް ރަނގަޅު ނަސޭހަތެއްވެސް، ނުބައި ނަސޭހަތެއްވެސް ދޭން ހުންނާނީ މަންމަ" ފައްވާޒް ބުންޏެވެ.

"މާހީ ފައްވާޒު ދެކެ ހަގީގީ ލޯބިވަންޏާ ތި ހުރިހާ ކަމަކަށް ޑިމާންޑެއް ނުކުރާނެ. ކައިވެނީގެ ވަލީމާ ދިނުން އެއީ އިސްލާމްދީން ހުއްދަކުރާ ކަމެއް. އެކަމަކު އަގުބޮޑެތި ޕާޓީ..... ދަރިފުޅާ، އެއީ ދެއްކުންތެރިކަން. ދިރިއުޅެން ވާނީ އެމީހަކަށް ލިބޭ މިންވަރަކުން. ތިމާގެ ނެތް ފެންވަރެއް ދައްކަން ކިތަންމެ އުޅުނަސް އަހަރެމެންނަކީ މެދު ފަންތީގެ ދިރިއުޅުމަށް ހޭނިފައި ތިބި މީހުން. ބޭނުންވަނީ ކައިވެންޏެއްކޮށްގެން ހެޔޮގޮތުގައި ދިރިއުޅެން. ނޫންތަ؟"

ފައްވާޒް އިންގޮތުން ހިތްހަމަނުޖެހިފައި އިންހެން ޖޫލިޔާއަށް ހީވިއެވެ. އެކަމަކު ދެއްކުނީ އެހާވަރުގެ ވާހަކައެއް ނޫނެވެ. ފައްވާޒްގެ އަތުގައި ޖޫލިޔާ ހިފާލިއެވެ. ހިމޭނުން ފައްވާޒް އިނުމުން އޭނާގެ ވާހަތަކުން ފައްވާޒަށް އަސަރުތަކެއްކޮށްފިކަން އެނގުނެވެ.

"މާހީއާ ވާހަކަދައްކަބަލަ. މަންމަގެ ރައްޓެއްސެއް އުޅޭނެ ވަރަށް ރީތިކޮށް ހެދުން ފަހާ. އޭނަ ލައްވާ މާހީއަށް މަންމަ ވަރަށް ރީތި ހެދުމެއް ފަހައިދޭނަން. އެހެންނޫނީ ކައިވެނީގެ ކުރިން ލަންކާއަށް ގޮސް ރީތި ދިގު ހެދުންކޮޅެއް ގަނެލެވިދާނެ. އެ ހިސާބަށް ގޮސް އަގުހެޔޮކޮށް ވިޔަފާރިކޮށްލާނެ ވަރަށް ލާރި މަންމައަށް އެއްކުރެވިފައި އެބުހުރި. އެއީ ހަމަ ދަރިފުޅުމެންނަށްޓަކައި މަންމަ ރައްކާކުރި ލާރި" ޖޫލިޔާ ވާހަކަދެއްކިއެވެ.

ފައްވާޒަށް އުފަލުން ރޮވުނެވެ. ހަގީގަތުގައިވެސް ފައްވާޒު މާހީއާ ކައިވެނިކުރަން ރުހިއްޖެކަން ފައްވާޒަށް އެނގުނެވެ.

****

ކައިވެންޏަށް ޒާރާ ރުހުނު ހަބަރު ވަސީމާ އައްފާނަށް ދިނީ ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތުގައެވެ. އުފަލުން އައްފާނަށް އަނގައިގައި ހުރި ކާ އެތިކޮޅު ދިރުވާލަންވެސް ދަތިވިއެވެ. އޭނާއަށް ޖެހުނީ ފެންފޮދެއް ބޯލާށެވެ. ޒާރާ ރުހުނުކަން އެނގުމުން އެންމެ ފުރަތަމަވެސް އޭނާ ބޭނުންވީ ޒާރާ ދެކިލާށެވެ. ވަހަކަދައްކާލަންވެސް ބޭނުންވިއެވެ. އައްފާން ކެތްތެރިކަންކޮޅުން ލިއެވެ. އެތަނުން އަވަހަށް ނިކުމެ އިށީނީ މަގުމަތި ޖޯލީގައެވެ. ފޯނު ނަގާފައި ޒާރާގެ ނަންބަރަށް ގުޅާލަން ބޭނުންވިއެވެ. ޒާރާ ކައިރީގައި އޭނާ ދައްކަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުއްޓެވެ. އެކަމަކު ގުޅުން ރަނގަޅުވާނެ ހެއްޔެވެ؟ އައްފާންގެ ސިކުނޑި އޭނާއަށް ވިސްނައިދިނީ އަދި ނުގުޅުމަށެވެ. ނިންމި ނިންމުމާ މެދު ޒާރާއަށް ވިސްނަން ވަގުތުދޭށެވެ. މޭމަތީގައި ފޯނު ބާއްވައިގެން ޖޯލީގައި އައްފާން ބުރަކަށި ދަމާލިއެވެ. ހަނދާނަށް އައީ މީގެ ސާދަ އަހަރު ކުރީގެ ހަނދާންތަކެކެވެ. އެ ހަނދާނުގައި އެތައް ސަކަރާތާއި މަޖަލުގައި އޭނާއާ އެކު އުޅުނީ ޒާރާއެވެ. އޭރުވެސް އައްފާންގެ ހިތްވަނީ ޒާރާއަށް ހިބައިން ދެވިފައެވެ. އެކަމެއް ޒާރާއަށް ނޭނގެއެވެ. އޭރުގެ ޒާރާއަކީ ވާހަކަ ގިނަ ސަކަރާތް ބޮޑު އަންހެންކުއްޖެކެވެ. މިހާރު އެވަނީ ޒާރާ މުޅީން ބަދަލުވެފައެވެ.

އައްފާން ވީތަނެއް ބަލައިލަން ދޮރު މައްޗަށް ނިކުތް ވަސީމާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ޒާރާ ދެކެ އައްފާން ލޯބިވާކަމަށް އައްފާން ދުލުން އިގުރާރެއް ނުވެއެވެ. އެހެންނަމަވެސް ޒާރާގެ ވާހަކަދެކެވޭއިރު އައްފާންގެ މޫނުމައްޗަށް އަރާ ކުލަވަރާއި ހަރަކާތްތަކުން އައްފާންގެ ހިތް އޮތްގޮތް ވަސީމާ ދެނެގެންފިއެވެ. ވަސީމާ އެތެރެއަށް ވަނީ ހިތްހަމަޖެހިގެން ހުރެއެވެ.

"ޒާ... މުޅި ދުވަސް އެ ދިޔައީ ނުފެނި. ނިއަމް ގޮވައިގެން ދިޔައީވެސް އަހަންނަށް ފެނިނުލާ... އެކަމަކު ވަރަށް ދެކިލަން ބޭނުންވޭ އެބަ. މާދަމާ... މާދަމާ ވާނެ އިރެއްގަ އިންތިޒާރުގަ..." ހިތާހިތުން އައްފާން ބުންޏެވެ.

އޭނާ ދެލޯ މަރާލީ ސްކޫލުން ޒާރާއާ ބައްދަލުވާނެކަމުގެ ފޮނި އުންމީދުގައެވެ.

****

ސައިކަލުގެ ބަރުގޮނުގެ އަޑު އިވޭއިރަށް އިންތިޒާރުގައި ހުރި ޖަންނަތު ނިކުމެއްޖެއެވެ. ސައިކަލް ފަހަތަށް ޖަންނަތު އެރުމާއެކު ޒާރާ ސައިކަލު ދުއްވާލިއެވެ. ސްކޫލަށް ދާ މަގަށް އެޅުމުގެ ބަދަލުގައި ޒާރާ ނިކުތީ އަތިރީމަގަށެވެ. އަތުކުރީގައި އޮތް ގަޑިއަށް ޖަންނަތު ބަލައިލިއެވެ. ނަސީބަކުން އަދި ވަގުތު އެބައޮތެވެ. އެކަމަކު ސްކޫލަށް ދިޔުމުގެ ބަދަލުގައި އަތިރީ މަގު ޒާރާ ހިޔާރުކުރުމުން ޖަންނަތު ހައިރާންވިއެވެ.

"މިއީ ކޮންކަމެއް؟" ޖަންނަތު އެހިއެވެ.

"ސެލެބްރޭޓްކުރަނީ މި" ޒާރާ ބުންޏެވެ.

"ކޮންކަމެއް" ޖަންނަތު ބުންޏެވެ.

ކުއްލިއަކަށް ޒާރާ ސައިކަލު މަޑުކޮށްލިއެވެ. އެއީ ސްކޫލަށް ވަންނަ ގޭޓު ހުންނަ ފަޅި ނޫން އަނެއް ފަޅިއެވެ. އޭރު މަގުމަތަކުގައި ހުދު ޔުނީފޯމުތަކުގައި ތިބި ދަރިވަރުންނާއި ބެލެނިވެރިންތަކުން ތޮއްޖެހިއްޖެއެވެ. އެތެރެއަށް ވަންނަ ހިޔާލެއް ޒާރާ ނުކުރެއެވެ.

"އަހަރެން ބުނެފިން އާއެނކޭ" ޒާރާ ބުންޏެވެ.

"ކޮންކަމަކަށް؟" ޖަންނަތު ބުންޏެވެ.

"މެރީކުރަން" ޒާރާ ބުންޏެވެ.

ޖަންނަތަށް ލިބުނު ހައިރާންކަމުގައި ސައިކަލުން ފައިބައިގެން އައިސް ޒާރާ ކުރިމަތީގައި ހުއްޓުނެވެ. ކުއްލިއަކަށް ޒާރާ މީހަކާ އިންނަ ވާހަކަ ބުނުމުން ޖަންނަތަށް ހިތުގައި އެތައް ސުވާލެއް އެއްފަހަރާ އުފެދުނެވެ.

"އައްޔަ" ޒާރާ ބުންޏެވެ.

ޖަންނަތުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއީ ޒާރާ ކުރި ސަމާސާއެއް ނޫންކަން ޖަންނަތަށް ޔަގީންވިއެވެ.

"މި ވާހަކަދައްކަން މިއަދު ސެޝަން ނިންމާފަ ދާނަން ތިގެއަށް"

ޖަންނަތު ބުންޏެވެ. އަލުން ސައިކަލުގައި ދެ ކުދީން ދުއްވާލީ ގަޑިޖެހުމުގެ ކުރިން ސްކޫލަށް ވަންނާށެވެ. ޖަންނަތު އިނީ އުފަލުންނެވެ. އޭނާ އެދޭގޮތަށް ޒާރާގެ ވިސްނުން ބަދަލުކުރީތީއެވެ.

****

މޭޒު ކައިރީގައި އިނދެފައި އައްފާން ނިކުމެ ސްކޫލު ތެރޭގައި ހިނގާލިއެވެ. ބަގީޗާ ގަސްތައް ކައިރީގައި އޭނާ ކޮޅަށް ހުއްޓެވެ. އެކި ކުލަކުލައިގެ ގަސްތަކަށް ބަލަހައްޓައިގެން ހުއްޓަސް އޭނާގެ ހިތާއި ސިކުނޑި ވަނީ ޒާރާގެ ހިޔާލުތަކެވެ. ސްކޫލަށް އައިފަހުން އޭނާއަށް ޒާރާ ފެނުނީ އެސެމްބްލީ ގަޑީގައެވެ. ހިނިތުންވުމެއް ފިޔަވައި އޭނާއަށް ޒާރާއަށް އެއްޗެއް ނުދެވުނެވެ. އިރުކޮޅަކުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު އޭނާ ހުރި ހިސާބާ ދުރުގައި ހުރި ކްލާސް ރޫމަށް ބަލައިލިއެވެ. ގަޑި ނިމުނުކަން އަންގައިދޭ ރަނގަބީލު ޖެހި އަޑު އިވުމުން ކްލާސްތަކުން ޓީޗަރުން ނިކުމެއްޖެއެވެ. އެ ކްލާހަށް ޒާރާ ވަނީ ވެސް އައްފާން ބަލަހައްޓައިގެން ހުއްޓައެވެ. އެ ކްލާހުގައި ޒާރާގެ ގަޑި ފެށުނީއެވެ. އައްފާން އިންތިޒާރުކުރި ވަގުތު ޖެހުނީއެވެ. މަޑުމަޑުން އޭނާ އެ ކްލާހާ ދިމާލަށް ފިޔަވަޅު އެޅިއެވެ. އޭނާ މަޑުޖެހުނީ ކުޑަދޮރުން ޒާރާ ފެންނަ ހިސާބުގައެވެ. ޒާރާގެ ކޮންމެ ހަރަކާތެއް ކަޅިޖަހާނުލައި އޭނާ ބެލިއެވެ. ކިޔާ އެއްޗެއް އަޑު ނުއިވުނަސް ޒާރާގެ އަތުގެ ހަރަކާތްތަކާ ދަރިވަރުންނަށް ހަދިޔާކޮށްލާ ހިނިތުންވުން ފެނި ބޭއިހުތިޔާރުގައި އައްފާނަށްވެސް ހީލެވެއެވެ. އޭނާ ހިތަށް އެރިއެވެ. އެ ހިނިތުންވުން ތާއަބަދު ޒާރާގެ ތުންފަތްމަތިން ފެންނާނެ ނަމައެވެ. އަދި އެ ހިނިތުންވުން ޒާރާއާ ހަމައަށް ގެނެސްދޭނެ މީހަކީ ހުދު އޭނާއަށް ވާނެ ނަމައެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ޒާރާއާ ގުޅެވޭނީ ކިހާ އަވަހަކަށް ހެއްޔެވެ؟ ކައިވެނީގެ ކުރިން ޒާރާއާ ވާހަކަދައްކާލަން ހިތް އެދެވެއެވެ. އެ ފުރުސަތު ޒާރާ ދޭނެ ހެއްޔެވެ؟

"ޒާ... ޒާ އަށް އިހުސާސް ވެސް ނުކުރެވޭނެ އަހަރެންގެ ހިތަށް މިވާގޮތެއް" މޭގެ ހިތާ ވީ ދިމާލުގައި އަތް ހާކާލަމުން އައްފާން ބުންޏެވެ.

****

ތިރީސް ފަސް މިނެޓްގެ ޒާރާގެ އެ ގަޑި ނިމުނީ އައްފާނު އެތަނުގައި ހުއްޓައެވެ. ކްލާހުން ނިކުމެގެން ޒާރާ ސްޓާފްރޫމަށް ދާން ޖެހޭނީ އޭނާގެ ކުރިމަތިންނެވެ. އެތަނުގައި އޭނާ ހުރިކަން އެނގުނިއްޔާ ޒާރާ ލަދުގަންނާނެއެވެ. ޒާރާއަށް ފާރަލަނިއޭވެސް ހީވެދާނެއެވެ. އައްފާން ހިނގައިގަތީ ހުރި ދިމާލުން ކްލާސް ރޫމާ ދުރަށެވެ. އޭނާއަށް އެ ދެވެނީ މަސައްކަތު މީހުންގެ ބްލޮކާ ދިމާލަށެވެ.

އަލީ ތަ؟ ކަމަކުތަ؟" އައްފާނަށް އެރުނީ އެ ބައިން ނިކުތް ހިމްނާގެ ކުރިމައްޗަށެވެ. ކުއްލިއަކަށް ބުނާނެ އެއްޗެއް އައްފާނަށް ނޭނގުނެވެ. ފަހަތަށް ބަލައިލެވުނީ ފެންނަ ހިސާބުގައި ޒާރާ ހުރެދާނެ ކަމަށެވެ.

"ދައްތަމެންގެ ހާލު ބަލައިލަންވެގެން މިއައީ" ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން އައްފާން ބުންޏެވެ.

ހީލާފައި އައްފާން ގޮވައިގެން ހިމްނާ ވަނީ އެމީހުންނަށް ހާއްސަކޮށްފައިވާ ބަޔަށެވެ. ވަރަށް ރަނގަޅަށް އައްފާން އެތަނުގެ ތަންތަން ބެލިއެވެ. އޭނާ އެތަނަށް ވަނީ އަދި ފުރަތަމަ ފަހަރަށެވެ. މުޅިންވެސް ތިބީ މެދުއުމުރުގެ އަންހެނުންނެވެ. އެއީ ސްކޫލުތެރޭގެ އެކި މަސައްކަތްތަކާ ހަވާލުވެގެން ތިބި މީހުންނެވެ. އެއިން ކޮންމެ މީހަކު އައްފާނަށް ބަލައިލަނީ އިހުތިރާމާ އެކުގައެވެ.

"ދައްތަ ވާހަކައެއްވެސް ދައްކާލަންވެފައޭ މި ހުންނަނީ. ދާނެ ވަގުތެއް އަދި ނުލިބިގެން މި އުޅެނީ؟" ހިމްނާ ބުންޏެވެ.

"މިއީ އެވަގުތު. ހިނގާ" އައްފާން ބުންޏެވެ.

މާކުރިންވެސް އައްފާން ދައްކަން އޮންނާނީ ޒާރާގެ ވާހަކަ ކަން އައްފާނަށް އެނގޭ ކަހަލައެވެ. ކޮންމެ މީހަކު ޒާރާގެ ވާހަކަދެއްކިޔަސް އޭނާ އަޑުއަހާނެއެވެ. އޭނާ އެންމެ އަޑުއަހާ ހިތްވަނީވެސް ޒާރާގެ ވާހަކައެވެ. އޭނާއަށް ރަނގަޅީ އަބަދުވެސް މީހަކު ކައިރީގައި ހުރެ ޒާރާގެ ވާހަކަދެއްކިއްޔާއެވެ. ހިތަށް އެރި އެއްޗަކުން އައްފާނަށް ހެވުނެވެ.

އައްފާން ގޮވައިގެން ހިމްނާ ނިކުތީ ދޮންނަ ގެއާ ދިމާލު ހުރި ޖޯއްޔަށެވެ. އެތަނުގައި އެހެންމީހަކު ނެތެވެ. ޖޯލީގައި އައްފާނު ބައިންދާފާއި ހިމްނާ ދިޔައީ ކޮފީ ގިރާށެވެ.

ވަށައިގެން އައްފާން ބަލައިލިއެވެ. އެވެސް ބޮޑު ޖާގައެކެވެ. ރަށުގެ ބައެއް މީހުން ބުނާހާ ތަނަވަސްކަން ކުޑަ ސްކޫލެއް ނޫންކަން އައްފާނަށް ގަބޫލުކުރެވުނެވެ. އިރުކޮޅެއްފަހުން އައްފާނަށް ކޮފީ ތަށި ދިއްކޮށްލާފައި ހިމްނާ އިށީނީ އައްފާނާ ޖެހިގެން އެއް ޖޯލި ދޫކޮށްފައެވެ.

"ހިމްނާއްތަ ކޮންވާހަކައެއް ބުނަން ތި އުޅެނީ އަނެއްކާ" އައްފާން ބުންޏެވެ.

"ދައްތައަށް ހީވަނީ އަލީއަށް މިހާރު އެނގިފަ ކަންނޭނގެ އޮންނާނީ ތި ދެކުދިންގެ ކައިވެންޏަށް ޒާރާގެ ފަރާތުން އާބަސް ލިބުނު ވާހަކަ" ހިމްނާ ބުންޏެވެ. އައްފާން ބޯޖަހާލިއެވެ.

"ދައްތަ އަލީއަށް ވަރަށް އިތުބާރުކުރަން. ޒާރާއާ ފައްވާޒު އިންއިރު ފައްވާޒަށްވެސް އިތުބާރުކުރިން. ޒާރާ ދެވަނަ ކައިވެންޏެއް ކުރަން އުޅޭތީ ހަގީގަތުގައި ހާސްވެ ކަންބޮޑުވަނީ ޒާރާ އެކަންޏެއް ނޫން. ދެވަނަ ކައިވެންޏާއެކު ބަދަލުތަކެއް އަންނާނީ ހުދު ޒާރާގެ ދިރިއުޅުމަކަށްވެސް ނޫން. އެއީ ހުދު ދައްތައަށްވެސް ބޮޑު އިމްތިހާނެއް. މިފަހަރު މި ކުރެވޭ ކައިވެނިން އުފަލެއް ނުލިބި ޒާރާ ބިކަވެއްޖެއްޔާ ދައްތަމެންގެ ދެމައިންގެ ފުރާނަ ހިނގައިދާނެ" ފަހު ވަގުތު ހިމްނާއަށް ރޮވުނެވެ. ދެލޮލުން ކަރުނަތިކި ފޭބުމުގެ ކުރިން އަޅައިގެން އިން ބުރުގަލުގެ ފަސްބައިން ދެލޯ ކައިރި އޭނާ ފޮހެލިއެވެ. ހިމްނާގެ ދެލޮލުން ކަރުނައިގެ އަސަރު ފެނުމުން އައްފާންގެ ހިތުގައި ރިއްސާލިއެވެ. ހިމްނާގެ އަތްތިލައިގައި އައްފާނަށް ހިފަހައްޓާލެވުނެވެ. ހިތަށް އެރިއެވެ. ހިމްނާއްތަގެ ދަރިފުޅާ މެދު އަހަރެންގެ ހިތުގައި އޮތީ ކީކޭ ކަން އެނގޭނަމަ ތި ކަރުނަތައް ހިމްނާއްތަގެ ދެލޮލުން ފައިބާނީ އުފަލުންނެވެ.

"ހިމްނާއްތަ އެއްވެސް ކަމަކާ ނުވިސްނާ. ކައިވެންޏަށްފަހު ޒާރާއަކީ އަހަރެންގެ އަމާނާތެއް. އަހަރެން ދުވަހަކުވެސް އެ އަމާނާތަށް ހިޔާނާތެއް ނުވާނަން" އައްފާން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟