ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 35

4

ދިމާލަށް އަންނަ އަންހެންމީހާ ފެނުމުން ޖޯލީގައި ހަށިގަނޑު ސީދާކުރެވުނު ގޮތެއްވެސް އައްފާނަށް ނޭނގުނެވެ. ތެދުވެގެން ގޭތެރެއަށް ވަންނަން ހިތަށް އަރާފައިވެސް މަޑުކުރިއެވެ. އައްފާނާ ދިމާލަށް ޖީޒާ އައީވެސް ތަނަކުން އަލިފާން ރޯވެގެން މީހަކު އަންނަހާ ބާރަށެވެ. މިއީ އަނެއްކާ އަނެއް ބޮލުގެ ރިހުމެވެ. މި އަންހެންމީހާ ފައްވާޒު ކައިރިއަށް މާލެ ފޮނުވަންވީއެވެ. އޭރުން ދެ ރިހުން އެއްކޮށް ފިލާނެއެވެ. ހިތަށް އެރި އެއްޗެހިން އައްފާން ކައިރިއަށް ހިނިވެސްއައެވެ.

"ޖީޒާއްތަ މިއައީ ނިކަން ކަމަކުއޭ" އަހާވެސް ނުލައި ޖެހިގެން ހުރި ޖޯލީގައި ޖީޒާ އިށީނެވެ. އައްފާންގެ އަތްމަތީގައި އަތް ބޭއްވީވެސް ގާތް މީހަކު ބާއްވާ ފަދައިންނެވެ. އައްފާނަށް އުނދަގޫވެގެން އަތް ދުރުކޮށްލިއެވެ. މިނޫނީ ޖީޒާ އަދި އޭނާއާ ވާހަކަދައްކާފައި ނުވާތީ އައްފާން އިނީ ހިސާބަކަށް ހައިރާންވެފައެވެ. ވަސީމާ އެ ދިމާލަށް އެވަގުތު ނުކުތްކަން ނަސީބެކެވެ. އައްފާނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

"ޖީޒާ! ކޮންކަމަކު އައިސް ތިތާ ތި އިނީ" ވަސީމާ ބުންޏެވެ.

ވަސީމާ ފެނުމުން ޖީޒާ ނިކަން ބޮޑަށް ހީލިއެވެ. ތަންވަޅު ބަލާފައި އައްފާން ތެދުވެގެން ހިނގައިގަތެވެ. ޖީޒާ އައިކަމުން އޭނާ މުޅިން ފޫހިވެއްޖެއެވެ. ވަރެއްގެ މީހެކެވެ.

"އެ ސޮރާ ވާހަކައެއް ދައްކާލަން މިއައީ" ޖީޒާ ބުންޏެވެ. އައްފާން މަޑުޖެހުނެވެ. ޖީޒާއާ ދިމާލަށް އެނބުރިފައި ދެބުމަ ގޮށްޖަހާލިއެވެ. އެހާވަރުން ކޮން ވާހަކައެއް ދައްކަން ހެއްޔެވެ؟

"ޖީޒާއްތަ އައިމަ ހާދަ ބާރަކަށޭ ތިދަނީ. އާދެބަލަ މިތާ އަލުން އިށީނދެލަން" ޖީޒާ ބުންޏެވެ. އައްފާން އަލުން އައިސް އިށީނެވެ. މިފަހަރު ޖީޒާ ކައިރީގައި ޖޯލީގައެއް ނޫނެވެ. ވަސީމާ ބެހެއްޓި އަދަރާދު ގޮނޑީގައެވެ. ޖީޒާ ކޮންމެހެން ދައްކަން އުޅޭ ވާހަކައެއް އަހަން އޭނާ އިނީ ބޭނުންވެފައެވެ. އައްފާން އިން ގޮނޑި ކައިރީގައި ވަސީމާ ހުރީ ކޮޅަށެވެ.

"އެހާވަރަކުން އަހަންނާ ކޮން ވާހަކައެއް ދައްކަން އުޅުނީ؟" އައްފާން ބުންޏެވެ.

"ޒާރާ އަކީ މިސޮރުގެ ގާތް އެކުވެރިއެއްނު. ދައްތައަށް ޒާރާ ވަރަށް ކަމުދޭ" ޖީޒާ ވާހަކަދައްކަން ފެށިއެވެ.

ކުއްލިއަކަށް ޖީޒާ ފެށި ވާހަކައެއްގެ ސަބަބުން އައްފާނަށް ލިބުނީ ހައިރާންކަމެކެވެ. ޖީޒާއަށް ބަލަހައްޓައިގެން އޭނާ އިނީ މާ ޝައުގުވެރި ބެލުމަކުން ނޫނެވެ.

"ދައްތަގެ އަސީލު އަށްވެސް ޒާރާ ވަރަށް ކަމުދޭ. ނިކަން ޒާރާއާ ވާހަކަ ދައްކަބަލަ ކައިވެންޏަށް ރުހޭތޯ" ޖީޒާ ވާހަކަދެއްކިއެވެ. އައްފާނަށް ކިޔާނެ ބަހެއް ނޭނގި އަނގަ ހުޅުވިގެން ދިޔައެވެ. ދޮގުހަދަން ވަރަށް މޮޅު މީހެކެވެ. ޒާރާ ކައިވެނި ވިޔަނުދޭން ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެއެވެ. ހިމްނާއްތައާ ހަސަދަވެރިވިޔަސް ދެން ބޮޑުވަރެވެ. ވަސީމާ ކައިރިއަށް އައީ ރުޅިއެވެ. އެ ވާހަކަ ކޮންމެހެން އައްފާނާ ދައްކަންޖެހޭ ސަބަބެއް ނޯންނާނެއެވެ. މޮޅު ވާހަކަތަކެއް ދައްކައިގެން ކަމެއް ހާސިލުކުރަން ދައްކާ ވާހަކަތަކެއްކަން ވަސީމާއަށް ޔަގީންވިއެވެ.

"އަހަރެން ކިހިނެއް އަހަރެންގެ ވާން އުޅޭ އަނބިމީހާ އެހެން މީހަކާ ހަވާލުކުރާނީ. ޖީޒާއްތައަށްވެސް ދާނެ ވަރަށް އަވަހަށް ދައުވަތު ކާޑު" ހީލަމުން އައްފާން ބުންޏެވެ.

ޖީޒާއަށް ހީވީ ނުފެންނަ އަތަކުން މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލިހެންނެވެ. ކައިވެންޏަށް ދެކޮޅު ހަދާފައި އަސީލް ފުރައިގެން ދިޔަތާ ކިތަންމެ ދުވަހެކެވެ. ޖީޒާ ކޮންމެހެން އެ ވާހަކަތައް އައްފާން ކައިރީގައި ދެއްކީވެސް އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ޔަގީންކުރުމަށެވެ. ޒާރާއަށް ދިރިއުޅުމެއް ފެނުމަކީ ޖީޒާ އެދޭ ކަމެއް ނޫނެވެ. އެއީ ހިމްނާގެ ދަރިއަކަށް ވީތީއެވެ.

"ކަލޭމެން ތިގަނޑެއް ގަންނަތާ ކިތަންމެ ދުވަހެއްދޯ" އަނގައަށް ގޮތެއް ހަދައިލަމުން ޖީޒާ ބުންޏެވެ.

"ކޮބާ މައްސަލައަކީ. ޖީޒާ ދެން މިތަނުން ދާންވީނުން. އެކަކުގެ މަސްކަމުން އަނެކަކުގެ މަސްކަމުން އެއް ޖޯލިން އަނެއް ޖޯއްޔަށް ނުދުވެ ގޭގަ މައިތިރިވެގެން އޮންނަންވީނުން. މީހުންގެ ދަރިންގެ ދިރިއުޅުމަށް ކަލޭގެ ނުބައި އެސްފީނާ އަޅަމުން ތި ދުވަނީ ކޯޗެއް ލިބޭނެކަމަށް. ހެޔޮވާނެތަ ތިހެން އުޅެން. ތި އުޅުން ދޫކޮށްލާފަ ނިކަން އިސްލާހުވެބަލަ. މާދަމާވެސް މަރުވެދާނެ" ވަސީމާގެ ރުޅިގަނޑު ނުހިފެހެއްޓުނެވެ.

"އަމުދަކުން މަށެއް ނޫޅެން މިތާ އިންނާކަށް" ޖީޒާ ނުރުހިފައި ހިނގައިގަތެވެ.

ޖީޒާ މަގުން އޮބާލުމުން ވަސީމާ ބަލައިލީ އައްފާނަށެވެ. ދާދި ދެންމެއަކު އައްފާން ބުނި ޖުމުލަ އޭނާގެ ކަންފަތުން އަދި ބޭރު ނުވެއެވެ. ޖީޒާއަށް އެ ޖަވާބު އައްފާން ދިންއިރު އަދި އެއީ ވަސީމާއަށް ނޭނގޭ ކަމެކެވެ. ދައުވަތު ކާޑު ދާނެ ވާހަކަ އެ ބުނީ ހަމައެކަނި ޖީޒާއަށް އިއްވާލުމަށް ހެއްޔެވެ؟ ނޫނީ އައްފާންގެ އާބަސް ހެއްޔެވެ؟

"ޒާ މި ކައިވެންޏަށް ރުހެންޏާ އަހަރެންވެސް ރުހިގެން މިހުރީ" ވަސީމާ ސުވާލުގެ ނަޒަރަކުން އައްފާނަށް ބަލައިލުމުން ބުންޏެވެ.

****

ސަލާން ގޮވާލި އަޑު އިވުމުން ބަދިގޭގައި ހުރި ޒާރާ ބޭރަށް ނިކުމެ ބަލައިލިއެވެ. ދޮރާށިން އެތެރެއަށް ވަން ވަސީމާ ފެނުމުން ޒާރާ ހީލިއެވެ. ސަލާން ބަލައިގަތީ މާފަހުންނެވެ.

"ވަސިންތަ ކިހިނެއްތަ؟ ނިއަމްއަށް ނިދިފަ އޮތީމަ އަދި ނުގެންދެވިގެން މިއުޅެނީ؟" ޒާރާ ބުންޏެވެ.

ޒާރާ ފެނުމުން ވަސީމާގެ ހަނދާނަށް އައީ ދާދި ދެންމެއަކު އައްފާން ދެއްކި ވާހަކައެވެ. ޒާރާއާ ގުޅެން އައްފާން އެއްބަސްވެއްޖެއެވެ. ކައިވެނިކުރަން އައްފާން ބޭނުންވަނީ ޒާރާގެ ރުހުމުގައެވެ. އެ ކައިވެނީގައި ޒާރާގެ ކުޑަވެސް މަޖުބޫރުކަމެއް އޮންނާކަށް އައްފާން ބޭނުމެއް ނުވެއެވެ. ވަސީމާ ކޮންމެހެން އެގެއަށް އައީވެސް އެ ވާހަކަ ހިމްނާއާ ދައްކާލުމަށެވެ. އޭގެކުރިން އޭނާއަށް ޒާރާ ފެނުނުކަން ނަސީބެވެ. ޔަގީނުންވެސް ހިމްނާ ކައިރީގައި އެ ވާހަކަދެއްކުމަށް ހިތްވަރެއް ލިބިއްޖެއެވެ. ޒާރާގެ މޫނު ފެނުމާއެކު ލޮލަށް ފިނިކަމެއް ލިބިއްޖެއެވެ. އެ މަޑުމައިތިރި އަންހެންކުއްޖާ ފެނުމުން ހިތްހަމަނުޖެހޭނެ އެއްވެސް ނަފްސެއް ނުހުންނާނެއެވެ.

ޒާރާގެ ގާތަށް ޖެހިލާފައި ވަސީމާއަށް ކުރެވުނީ އެންމެ ކަމެކެވެ. އަތްއުފުލާލާފައި ޒާރާގެ މޫނުގައި ލޯތްބާއެކު ފިރުމާލުމެވެ. ދަރިއަކަށް ވެގެން އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެން ބޭނުންވާ ހާލުގައެވެ. ޒާރާގެ ރުހުމާއެކުގައެވެ. ޒާރާ ނުރުހުނަސް ހެވެވެ. ވަސީމާގެ ހިތުން އެ އަންހެންކުއްޖާއަށް ދީފައިވާ ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

"ކޮބާ މަންމަ؟" ހީލަމުން ވަސީމާ އެހިއެވެ.

"ފިހާރައިގަ" ޒާރާ ބުންޏެވެ.

ވަސީމާ ހިނގައިގަތީ ފިހާރައިގެ ދޮރާ ދިމާލަށެވެ.

****

ނިއަމް ހޭލުމުން ރީތިކޮށްލައިގެން ޒާރާ ނިކުތީ ބޭރަށެވެ. ޖަންނަތާއެކު ހިނގާލަންދާ ވަގުތު ޖެހުނީއެވެ. ނިއަމް ގޮވައިގެން ދުއްވަންދާން އައްފާންވެސް އެތަނަށް އަންނާނެއެވެ. ފިހާރައިގެ ދޮރަށް ޒާރާ އެރީ ދިޔުމުގެ ކުރިން ހިމްނާ ކައިރީގައި ބުނެލާށެވެ. އެހެންނަމަވެސް މަޑުޖެހުނީ ހިމްނާ ދައްކަމުންދިޔަ ވާހަކަތައް އިވިފައެވެ.

"ވަސީމާ، އަހަރެން މި ހުންނަނީ މި ވާހަކަދައްކަން ތިގެއަށް ދާން ނުކެރިފަ. އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގާތްކަމެއްގެ ސަބަބުން ޒާރާ އާއި އަލީއާ ދެކުދީން ކައިވެނީގެ ގޮތުން ގުޅެން އަހަރެމެން ބޭނުންވިޔަސް އެކަން އެގޮތަށް ނުވި. އޭރު ޒާރާއާ އަލީއާ އުޅުނުލެއް ގާތްކަމުން އަހަރެން ހީކުރީ އެ ދެކުދިން ކައިވެނިކުރާނެ ކަމަށް. އެކަމަކު އެހެނެއް ނޫން ވީކީ. ޒާރާ ބޭނުންވީ ފައްވާޒުއާ ގުޅެން. އަހަރެން ނުގަބޫލުކަން ޒާރާއަށް އެނގޭނެ. އެކަމަކުވެސް ޒާރާ ބޮޑުވެ ފުރާ ފުރިހަމަވެފައި ހުރީމަ މަޖުބޫރު ނުކުރީ. މިހާރު އަނެއްކާވެސް ދެކުދީން ކުރި ކައިވެނިން ދުރުވެފައި ތިއްބަސް އެ ދެކުދީން ބޭނުންނުވާހާ ހިނދެއްގައި ކައިވެނީގެ ވާހަކަދައްކަން ނުކެރޭނެއްނު. ވަރަށް ހިތްވަރުކޮށްފައި އަހަރެން ޒާރާ ކައިރީ މި ވާހަކަ ދައްކައިފިން. ރުހެމޭވެސް އަދި ނުރުހެމޭވެސް ޒާރާ ނުބުނޭ. އަހަރެންނަށް ހީވަނީ އަލީއާ މެދު އޮތް އެކުވެރިކަން އެހެން ހަރުފަތަކަށް ގެންދަން ޒާރާ ތައްޔާރެއް ނޫންހެން. ތެދުތެދަށް ބުނަންޏާ އަލީއާ އިނދެގެން ޒާރާ ދިރިއުޅޭ ތަން ދުށުމަކީ އަހަރެން ނުލާހިކު އެދޭކަމެއް. އޭރުވެސް އަދި މިހާރުވެސް. އެކަމަކު މިބުނިހެން ޒާރާއަށް މަޖުބޫރުކުރާކަށް ނެތިން. އަމުދުން މިހާރު ކަންތައްތައްވެފައި އޮތްގޮތުން އިތުރަށް އެ ވާހަކަދައްކާކަށް ނުވެސްކެރޭނެ"

ހިމްނާގެ ވާހަކަތައް އަހާފައި ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އަނގަމަތީގައި އަތް އެޅީ އަނގައިން އަޑެއް ނިކުމެދާނެ ކަމަށެވެ. ޒާރާ އަވަސް އަވަހަށް އެތަނުން ދުރަށް ޖެހުނެވެ. ގޭތެރެއަށް ވަދެ އިށީނދެވުނީ ކިރިޔާއެވެ. ޒާރާއަށް އިށީނދެވުނުގޮތުން ފަޔަށް ތަދެއްވެގެން ނިއަމް ރޯން ފަށައިފިއެވެ. އެ ކުއްޖާ މަސަލަސް ކުރުމުގެ ގޮތުން ޒާރާ ތެދުވެ ދެކޮޅަށް ހިނގާލިއެވެ. ޖަންނަތުގެ ފޯނު އައީވެސް އެ ވަގުތުއެވެ. ދެލޯ ކައިރި ފޮހެލައިގެން ޒާރާ އަވަހަށް ގެއިން ނިކުތެވެ.

****

ދެކުދީންނަށް ޖެޓީމަތީގައި ރަނގަޅަށް ނުއިށީނދެވެނީސް އެތަނަށް އައްފާން ކައިރިކޮށްފިއެވެ. ޒާރާ ތެދުވެފައި އައްފާން އަތަށް ނިއަމް ދިއްކޮށްލިއެވެ. ގިނައިރުތަކެއްވުމުން ނިއަމް ހުރީ އައްފާން ނުފެނިގެންނެވެ. ވަރަށް ފަސޭހައިން އައްފާން ކައިރިއަށް ނިއަމް ދިޔައެވެ. ހިމޭނުން ހުރި ޒާރާއަށް އައްފާން ބަލައިލިއެވެ. އެހެން ދުވަސްދުވަހު ޒާރާގެ ތުންފަތްމަތިން ފެންނަން ހުންނަ ހިނިތުންވުން ނުފެނެއެވެ. ކަމެއްވެއްޖެހެން އައްފާނަށް ހީވިއެވެ. ޒާރާގެ ލޯ ކައިރިން އައްފާނަށް ކަރުނައިގެ އަސަރުވެސް ފެނުނެވެ. ޒާރާ ރުއީ ހެއްޔެވެ؟ އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ ހިމްނާއްތަ ކައިވެންޏަށް މަޖުބޫރުކުރީ ހެއްޔެވެ؟ ނޫނެކެވެ. ހިމްނާއްތައަކީ އެކަހަލަ މީހެއް ނޫނެވެ. އައްފާނަށް ސުވާލުކުރާކަށް ނުކެރުނެވެ. އައްފާން ބަލައިލީ ޖަންނަތުގެ މޫނަށެވެ. ލޮލުގެ އިޝާރާތުން ދެ އެކުވެރީން ވާހަކަތަކެއް ދައްކައިފިއެވެ. އައްފާން ކުރިއަށް ދުއްވާލުމުންވެސް ޒާރާ ގަބުވެފައި ހުއްޓެވެ.

"އޭތް... ކިހިނެއްވެފަ އާގަމަވެފަ ތިހުންނަނީ" ޖަންނަތު ބުންޏެވެ.

ޒާރާގެ އަތުގައި ހިފައިގެން އައިސް އިށީންނަމުން ޖަންނަތު ބުންޏެވެ. ޒާރާ އިނީ އަދިވެސް ހިމޭނުންނެވެ. ހިމްނާ ދެއްކި ވާހަކަތައް އަދިވެސް ހީވަނީ އޭނާއަށް އިވޭހެންނެވެ. ޖަންނަތު ކައިރީގައި އެ ވާހަކަތައް ދައްކަންވީގޮތެއް ނޭނގިފައި ޒާރާ އިނެވެ.

"ކަމެއްވީމަ ދޯ ދެލޮލުން ތިހެން ކަރުނަ އަންނާނީ. ފައްވާޒުގެ ހަބަރެއްވީތަ އަނެއްކާ" ޖަންނަތު ބުންޏެވެ.

"ފައްވާޒޭ... އެއީ ކާކު؟" މަޑުމަޑުން ޒާރާ ބުންޏެވެ. ޖަންނަތަށް ލިބުނީ ހައިރާންކަމެވެ.

"ކޮންމެވެސް ބޮޑުކަމެއްވެއްޖެ. ބުނެބަލަ. އެހާވަރުން ކޮންވާހަކައެއް ދައްކަން އުޅުނީ" ޖަންނަތު ބުންޏެވެ.

"އައްޔަ... އަހަރެން އައްޔައާ މެރީކުރަންވީތަ؟" ޒާރާ ބުންޏެވެ.

ޖަންނަތަށް ލިބުނީ އަނެއްކާވެސް އަނެއް ހައިރާންކަމެވެ. ކުއްލިއަކަށް ކައިވެންޏެއްގެ ވާހަކަ ޒާރާ ދެއްކީމައެވެ. އެވެސް އައްޔަ އާއެވެ. ވީގޮތް އޮޅުންފިލުވަން ޖަންނަތު ބޭނުންވިއެވެ.

"ޒާ، އަނެއްކާ އަނެއް ވިސްނުންތަކުގެ ތެރެއަށް ޒާ ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން. ވީގޮތެއް ބުނެބަލަ" ޖަންނަތު ބުންޏެވެ.

"މަންމަ ބޭނުންވަނީ އަހަރެން އައްޔައާ އިންނަން. އަހަރެން އަދި ޖަވާބެއް ނުދެން. އަހަރެން ކޮން ޖަވާބެއްދޭންވީ ޖަންނާ" ޒާރާ ބުންޏެވެ.

ޖަންނަތު ފުންނޭވައެއް ދޫކޮށްލިއެވެ. އެންމެ ގާތް ރަހްމަތްތެރިޔާގެ ހައިސިއްޔަތުން މިއަދާ ހަމައަށްވެސް ޖަންނަތު ވަނީ ޒާރާއަށް ލިބުނު ކޮންމެ އުފަލެއްގަ ކޮންމެ ހިތާމައެއްގަ ބައިވެރިވެފައެވެ. ހިޔާލު ބޭނުންވި ކޮންމެ ކަމަކަށް އެއްވެސް ޝަރުތަކާ ނުލައި ޒާރާ ބޭނުންވާ ވަރަށް ވުރެ ބޮޑަށްވެސް ޖަންނަތު އެއްބާރުންލުން ދިނެވެ. މިހާރު އަނެއްކާ ޒާރާ އެވަނީ ބޮޑު ނިންމުމެއް އެކަނި ނިންމަން ނުކުޅެދިފައެވެ. އެހެންނަމަވެސް މިފަހަރު މިކަމަށް ގޮތެއް ނިންމަން ޖަންނަތު ބޭނުންވަނީ ޒާރާ އަމިއްލައަށެވެ.

ޒާރާ ސިހިފައި ބަލައިލީ އޭނާގެ އަތުގައި ޖަންނަތު ހިފާލުމުންނެވެ.

"ތިއީ ވަރަށް ރަނގަޅު ނިންމުމެއް. އައްޔައަކީ ނުދަންނަ މީހެއް ނޫން. އެކަމަކު ތިކަމަށް އަހަރެން ހިޔާލެއް ދޭން ގަސްދެއް ނުކުރަން. ޒާ ނިންމަބަލަ ގޮތެއް. އިސްތިޚާރާކުރޭ. އެއަށްފަހު ޒާ ބޭނުންގޮތަކަށް ތިކަން ނިންމާ" ޖަންނަތު ބުންޏެވެ.

ޒާރާ ބަލައިލީ ދިމާލަށް ފެންނަން އޮތް މާސިންގާ ކަނޑަށެވެ. އެ ކަނޑުގެ ފުންމިނެއް އެއްވެސް އިންސާނަކަށް ނޭނގެއެވެ. އިންސާނުންގެ ފިކުރުތައްވެސް ހަމަ އެފަދައެވެ. ވިސްނި ވަރަކަށް ދާނީ ފިކުރުތަކުގެ ކަނޑަށް ގެނބެމުންނެވެ. އަމިއްލައަށް ނޭވާލާން މަސައްކަތްކޮށްގެން ނޫނީ މައްޗަކަށް ނާރާނެއެވެ. ވެއްޓޭ ކޮންމެފަހަރަކު ނަގައި ކޮޅަށްޖަހަން ކައިރީގައި މީހުން ނުތިބޭނެއެވެ. އަމިއްލަ ދިރިއުޅުމުގެ ބޮޑެތި ކަންތައް ނިންމަން އިތުބާރުކުރެވޭ މީހެއްގެ ހިޔާލު ހޯދުން ގޯހެއް ނޫނެވެ. އެހެންނަމަވެސް ބޮޑެތި ކަންކަން ނިންމުމުގެ ކުރިން ކަންކުރަންޖެހޭ ގޮތް ﷲ ތައާލާ ވަނީ އަންގަވައިފައެވެ. ޒާރާ ހިޔާރުކުރާނީ އެކަލާނގެ އެންގެވި މަގެވެ.

"ހިނގާ ގެއަށް ދާން" ޒާރާ ބުންޏެވެ.

****

ފިހާރައިގައި އިނދެފައި ހިމްނާ ގޭތެރެއަށް ވަންއިރު މޭޒުމައްޗަށް ހުރީ ކާން ހެދި ގޮތަށެވެ. އެއް ދަރިއަކުވެސް ނުކައި ކަން އެނގުމުން ހިމްނާ އަވަސްވީ ކާން ދަރިންނަށް ގޮވުމަށެވެ. ކޮޓަރީ ބޭރުގައި ހުރެފައި ނޫރީނަށް ހިމްނާ ގޮވާލިއެވެ. ކޮޓަރީގައި އޮތް ޒާރާވެސް ނިކުތީ ހިމްނާ ގޮވާލި އަޑަށެވެ.

"ހިނގާ ކާން. މަންމަ އަންނަންދެން ނުކައި ތިބީ" ޒާރާ ބުންޏެވެ.

ޒާރާގެ ފަހަތުން ހިނގައިގަތް ހިމްނާ ފަރުވާތެރިވެ ޒާރާއަށް ބެލިއެވެ. ޒާރާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ނަސީބަކުން ޒާރާ ހުރީ ހަމަޖެހިފައެވެ.

"ސްކޫލަށް މި އަލަށް އައި ބޭރު ޓީޗަރުގެ އާއިލާއަށް އެ ކޮޓަރި ކުއްޔަށް ދޫކުރަން މަންމަ އެބަ ވިސްނަން. ކޮބާ ޒާރާގެ ހިޔާލަކީ؟" ހިމްނާ ވާހަކަދެއްކިއެވެ.

ޒާރާއަށް ހުއްޓުން އެރިއެވެ. އެ ކޮޓަރި ތަޅުލާފައި ހުއްޓަސް އެ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އެވަނީ އޭނާގެ ހަނދާންތަކެވެ. އެހެން ބަޔަކު އެތަނުގައި ދިރިއުޅުމަކީ ޒާރާއަށް ރުހެވޭނެކަމެއް ނޫނެވެ. ހިމްނާގެ މޫނަށް ޒާރާ ބަލައިލިއެވެ. އެ ކޮޓަރިއަށް އިތުރު ބަޔަކަށް ނުވެއްދުމަށް ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަށް ނުބުނެވުނެވެ. ދުނިޔެ އުމުރު އެންމެ ހަނދާނަކާ ހެދި ތެޅިފޮޅުމުގެ ބޭނުމެއް ނެތޭ އޭނާގެ ޒަމީރު ބުނެފިއެވެ.

"ހެޔޮ. ކޮން ޓީޗަރެއްތަ އެއީ. މިފަހުން ދެ ޓީޗަރު އަލަށް އައެއްނު" ހީލަމުން ޒާރާ ބުންޏެވެ.

"އަންހެނުންނާ ދެ ދަރިން ގޮވައިގެން އައިސް އެބަ އުޅެއެއްނު" ހިމްނާ ބުންޏެވެ.

"ވާއޮ. މަމްތާ މިސް ދޯ. ސަޅި. އެއީ އެކައުންޓް ޓީޗަރ އަޅުގަނޑުމެންގެ" ކާން އިން ނޫރީން ފުންމައިގަތެވެ.

ޒާރާ ހީލަމުން އިސްޖަހާލިއެވެ. އިތުރު ބަޔަކު ގެއަށް އައުމަކީ ގޭތެރެ އިތުރަށް ފަޅުފިލާނެ ކަމެކެވެ. އެކަމަކު.... އަތުން ބީވެގެންދިޔަ ދިރިއުޅުން ދެން ނުލިބޭނެކަން ޒާރާ ހިތުގެ އަޑިން ގަބޫލުކުރިއެވެ. ދެން ލޯ ހުޅުވިގެންދާނީ މުޅިން އާ ދިރިއުޅުމަކަށެވެ. ފަހަތަށް ދިޔަ ކަމެއް ފަހަތަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅުގޮތެވެ. ޒާރާ އިސްއުފުލައި ހިމްނާގެ މޫނަށް ބަލައިލިއެވެ. ހިމްނާ އިނީ ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.

"ކިހިނެއްވެފަ ތި އިންނަނީ އަނގަ ބަލަހައްޓައިގެން. ކައި ނިމިއްޖެއްނު. އަތްދޮވެގެން ކޮޓަރިއަށް ދޭ" ހިމްނާ ނޫރަށް ބުންޏެވެ. ނޫރް އަތްދޮވެގެން ދަންދެން ހިމްނާ ހިމޭނުން އިނެވެ. ޒާރާއަށް ހިމްނާ ބަލައިލީ ދެނެވެ.

"އެއްވެސް ކަމަކަށް ޒާރާއަށް މަޖުބޫރު މަންމައަށް ކުރެވުނުތަ؟" ހިމްނާ ބުންޏެވެ.

"ނޫން މަންމާ" ކުއްލިއަކަށް ޒާރާ ހިމްނާގެ އަތްމަތީގައި އަތް ބޭއްވިއެވެ. އިސްޖަހާލުމާއެކު ޒާރާގެ ދެލޮލުގެ ތެރެއިން ކަރުނަތައް ފައިބައިގަނެއްޖެއެވެ.

"މަންމަ. މި ލަފްޒު ދުލުން ކިޔާލަން ފަސޭހަ ވިޔަސް މިއީ ވަރަށް މާނަފުން ލަފްޒެއް. ގުރުބާންވުން. ދަރިންނަށް ހެޔޮ ދުއާ ކުރުން. ދަރިންގެ އުފާވެރިކަން. އަހަންނަށްޓަކައި މަންމަ ތި ވަމުންދާ ގުރުބާނީ. ކުޑައިރުވެސް އަދި މިހާރުވެސް. މިއަދު އަހަންނަށް އެނގިއްޖެ މާޒީގަ މަންމަ ނުރުހޭ ކިތަންމެ ކަމެއް އަހަންނަށް ކުރެވިއްޖެކަން. އެކަމަކު މަންމަ އަހަރެންނަށް ހަޅޭއްނުލަވާ. މަޖުބޫރެއް ނުކުރޭ. އިސްކުރީ އަހަރެންގެ ހިތްހަމަޖެހުން. ޅަ އުމުރުގައި އަހަރެންގެ ކައިވެނި ރޫޅިގެން ބޮޑު ހިތްދަތިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައީވެސް މަންމަ ނުރުހޭ ކަމެއް ކުރެވުނީމަކަމަށްވެސް ވެދާނެ" ޒާރާ ބުންޏެވެ.

"ޒާރާ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ. މަންމައަކަށް ނުވިސްނޭ ތިކިޔާ އެއްޗެއް" ހިމްނާ ބުންޏެވެ.

"ކުރެވުނު ކަމަކަށް އަހަންނަށް މައާފުކުރޭ މަންމާ. ދެން ދުވަހަކުވެސް މަންމަ ނުރުހޭ ކަމެއް ނުކުރާނަން" ޒާރާ ބުންޏެވެ.

ޒާރާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔަތަން ފެނުމުން ހިމްނާ ހިތުގައި ރިއްސާލިއެވެ. ޒާރާ ހިތަށް ތަދުވެފައި އިންކަން ހިމްނާއަށް އެނގުމުން ތެދުވެ ޒާރާގެ ދެލޯ ފޮހެލައިފިއެވެ. މޫނުގައި ފިރުމާލާފައި އޭނާގެ ގައިގައި ޒާރާ ޖައްސާލިއެވެ.

"މަންމަގެ އެއްވެސް ދަރިއަކަށް އެއްވެސް އިރެއްގަ މަންމަ ހިތް ގޯސް ނުކުރަން. ތިއިން އެއްވެސް ކުއްޖެއް މަންމަ ކައިރިން މައާފު ހޯދާކަށް ނުޖެހޭނެ. މަންމަގެ ދަރިންނަށް އަބަދުވެސް މަންމަ ހިތްހެޔޮ" ޒާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ހިމްނާ ވާހަކަދައްކަމުން ދިޔައެވެ.

"މަންމާ. އަހަރެން އައްޔައާ ކައިވެނިކުރަން ރުހިއްޖައީން" ޒާރާ ބުންޏެވެ.

ހިމްނާއަށް ހީލަންވީކަމެއް ދެރަވާންވީކަމެއް ނޭނގުނެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވިއްޖެކަން ޔަގީނެވެ. ހިމްނާއަށް ހީވީ ޒާރާއަށް މަޖުބޫރުވީ ހެންނެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މީހަކާ އިންނަން ވިޔަސް އަދި ނީންނަންވިޔަސް އެނގޭނީ ޒާރާ އަށެވެ. އުފަލެއް ނެތް އެއްވެސް ކަމެއްގެ ތެރެއަށް ކޮށްޕައި ޒާރާ ވައްޓާލާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"މިއަދު މަންމަ ދެރަވެއްޖެ. ޒާރާ ކައިރީގައި ކައިވެންޏެއްގެ ވާހަކަ މަންމަ ދެއްކީ ހަގީގަތުގައިވެސް ދަރިފުޅު ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ދެކެން މަންމަ ބޭނުންވާތީ. ހިތާ ދެކޮޅަށް އެއްވެސް ނިންމުމެއް ނިންމަން ދަރިފުޅު ނުޖެހޭނެ. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް މަންމައަށް ދަރިފުޅު އުފާ މުހިންމު" ހިމްނާއަށް ރޮވުނެވެ.

"މި ނިންމުން ނިންމީ އެއްވެސް މަޖުބޫރުކަމެއްނެތި މަންމާ. އެހެން ފަހަރުތަކާ މިފަހަރު ހިލާފު. ކުރިން ދިރިއުޅުމަށް ގެނައީ އަހަރެން ލޯބިވި މީހާ. މިފަހަރު މި ގެންނަން އުޅެނީ އެއް އިރެއްގަ ނަމަވެސް އަހަރެން ދެކެ ލޯބިވި އިންސާނެއް. އައްޔަގެ ލޯތްބަށް އިންކާރުކުރީ އަހަރެން. މިފަހަރު ދުނިޔެ މި ދެއްކީ ތަފާތު ކުލައެއް. އައްޔަ އަހަރެންނަށް ލޯބި ހުށަހެޅި. އެ ލޯތްބަށް އަހަރެން ފުރަގަސްދިނީ ފައްވާޒަށްޓަކައި. މިހާރު މިވަނީ ހުރިހާ ކަމެއް ބަދަލުވެފަ"

"ދަރިފުޅު ތިއީ ފައްވާޒް ބޭނުންނެތިގެން އެއްފަރާތްކުރި ގާގަނޑު. ތި ގާގަނޑު ނަގައިގެން އަލީގެ ދިރިއުޅުން އާރާސްތުކުރާ މަންޒަރު މަންމަ އަދި ދެކޭނަން. ދަރިފުޅަށްވެސް އެކަން އިހުސާސްވާނެ. މާތްﷲ ދަރިފުޅަށް ހެޔޮ ރަހްމަތް ލައްވާށި"

ޒާރާގެ ބޮލުގައި ލޯތްބާއެކު ހިމްނާ ފިރުމާލިއެވެ. ދުވަހަކުވެސް އޭނާގެ ހިތަށް ނުލިބޭހާ ހިތްހަމަޖެހުން އެވީ ވަގުތުކޮޅުގެ ތެރޭގައި ލިބިއްޖެއެވެ. ދެން އޭނާ ބޭނުންވާ އައްފާނާ ބައްދަލު ކުރާށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟