ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 34

3

އައްފާން ރުޅި އައިކަން އެނގުމުން ފައްވާޒް މޫޑު ގޯސްވިއެވެ. އޭނާ އައީ ކޮންމެހެން އައްފާން ރުޅިއަރުވައި ޒުވާބެއްކުރާކަށް ނޫނެވެ. ހަމަޖެހިގެން ވާހަކަދައްކާލުމަށެވެ. މޭޒުމަތީގައި ހުރި އަޅިކެނޑި އެތީގެ ތެރެއަށް ސިނގެރެޓް ފިލްޓަރުބުރި ކޮށްޕާލާފައި ގޮނޑީގައި ހަމަޖެހިލިއެވެ.

"ހަމަޖެހިބަލަ... އަހަރެން" އައްފާންގެ ކޮނޑުމަތީގައި ބޭއްވި ފައްވާޒްގެ އަތް އައްފާން ނެއްޓުވިއެވެ.

"ހަދަ އަވަހަށޭ ތި ރުޅި އަންނަނީ. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ. ނުހާ ދެރަވެގެން އުޅުނުތަން އަހަރެންނަށްވެސް ފެނުނީމަ މިބުނީ" އައްފާން ބުންޏެވެ. ފުން ނޭވައެއް ދޫކޮށްލާފައި އަލުން އައްފާން ގޮނޑީގައި އިށީނެވެ.

"ދެން ކަލޭ ތި އެއްވަރުކުރީ ކަލެއާ މަށާތަ؟ އަހަރެން ނުހާ ދޫކޮށްލީ އެނޫންގޮތެއް ނެތިގެން. ވަރި ކުރާކަށް ބޭނުންމެއް ނޫން. އެކަމަކު އަހަރެންނަށް އިހުސާސްވި ނުހާ ބޭނުންވީ އެ ގޮތޭ. ނުހާ އަކީ ކޮންކަހަލަ އަންހެނެއްކަން އެންމެ ރަނގަޅަށް އެނގޭނީ ކަލޭގެ ލޯބިވެރިޔާއަށް. ގޮސް އަހާބަލަ. ނޫނީ ނުހާގެ އާއިލާ ކުރެން އަހާބަލަ އަހަރެން ނުހާ ދޫކޮށްލީ ކީއްވެގެންތޯ. ނިއަމް ގޮވައިގެން އަހަރެން އައީ ކީއްވެގެންތޯ"

އެތެރޭގައި އަނދަމުންދިޔަ ރުޅިގަނޑު ފިނިކޮށްލުމުގެ ބޭނުމުގައި ފުޅީގައި ބާކީ ހުރި ފެންފޮދޮ އަނގައާ ދިމާކޮށް އޮއްސާލާފައި ފައްވާޒަށް އައްފާން ބަލައިލިއެވެ.

"ދިޔައީ" މޭޒުމަތީގައި އޮތް ވޮލެޓް ޖީބަށް ކޮށްޕާލަމުން އައްފާން ހިނގައިގަތެވެ. ފަހު ފަހަރަށް އެނބުރިފައި ފައްވާޒަށް ބަލައިލިއެވެ. އޭރު މޭޒުމަތީގައި ކޮފީއަށް ވާ ފައިސާ ބަހައްޓާފައި ފައްވާޒް ވެސް ހިނގައިގަނެއްޖެއެވެ.

"ބައި ދަ ވޭ... ކަލެއަށް ވަރަށް އަވަހަށް ޒާރާގެ ކައިވެނީގެ ދައުވަތު ކާޑު ލިބޭނެ" އައްފާން ބުންޏެވެ.

"ވަޓް....؟ ނުވާނެ އެހެނެއް" ފައްވާޒަށް ގަބޫލެއް ނުކުރެވުނެވެ.

އެއްމިޔަކަނުން ހީލާފައި އައްފާން ކެފޭ އިން ނިކުތެވެ.

****

މުޅި ރޭ ޒާރާ ހޭދަކުރީ ހިމްނާ ދެއްކި ވާހަކަތަކާ ވިސްނުމުގައެވެ. ފަތިސް ނަމާދަށްފަހު ޒާރާ ނިކުތީ ކޮޓަރިން ބޭރަށެވެ. އެނދުގައި ހަތިމް ހިފައިގެން އިން ހިމްނާ ދޮރާ ދިމާލަށް ބަލައިލިއެވެ. ދަމު ނަމާދަށް ހޭލިއްސުރެ ފެށިގެން ޒާރާ ހުރީ ހިމޭންވެފައެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. އެއް ބަދަލު ޒާރާގެ ކިބައިން ހިމްނާއަށް ފާހަގަވިއެވެ. ކައިވެންޏެއް ކުރަން ބުނި ވަގުތު ޒާރާ ވަގުތުން އިންކާރެއް ނުކުރެއެވެ. އޭގެ މާނައަކީ ޒާރާ އެކަމާ ވިސްނާނެކަމެވެ. އެހެންނަމަވެސް ކަންބޮޑުވާކަމަކީ ޒަރާގެ ސިކުނޑިއަށް އަނެއްކާވެސް ޕްރެޝަރެއް ދެވުނު ކަމެވެ. ލަހުން ވިޔަސް އެ ޕްރެޝަރު ޒާރާ ބޭރުކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ހިމްނާ އިނީ ހެއްދެވިފަރާތާ ވަކީލުކޮށްގެންނެވެ. ޒާރާގެ ފަރާތުން އޭނާއަށް ލިބޭނީ އުންމީދު ފުރިގެންވި ޖަވާބެއް ކަމާމެދު އޭނާ އިނީ އުންމީދުކޮށްގެންނެވެ.

ކާ މޭޒު ކައިރީގައި ޒާރާ އިށީނެވެ. ފޯނުގެ ބަދަލުގައި މިފަހަރު ޒާރާގެ ސަމާލުކަން ހޯދީ ކުރިމަތީގައި ހުރި ކޮފީ ތައްޓެވެ. ކުއްލިއަކަށް ދެކަންފަތްމަތީގައި ޒާރާ އަތް އެޅިއެވެ. ހިމްނާގެ ވާހަކަތައް އަދިވެސް އޭނާއަށް އިވޭ ކަހަލައެވެ.

"އަހަރެންނަށް ޖަވާބެއް ނުދެވިގެން މިއުޅެނީ ކީއްވެ؟ މަންމައަށް ކޮން ޖަވާބެއް ދޭނީ؟" ޒާރާ ހިތަށް އަރަމުން ދިޔައެވެ. ކޮފީ ތަށިން ކޯވަރެއް ބޯލާފައި ފޯނު ނެގީ ޖަންނަތަށް ގުޅާށެވެ. އެންމެ ރަނގަޅު ހިޔާލު އޭނާއަށް ދެވޭނެ މީހަކީ ޖަންނަތެވެ. އިންކާރު ކުރަން ވިޔަސް ކޮންމެވެސް ޖަވާބެއް މަންމައަށް ދޭންޖެހޭނެއެވެ. ޖަވާބެއް ދެންދެކަށް މަންމަ އިންތިޒާރުކުރާނެކަން ޒާރާއަށް އެނގެއެވެ.

ކުއްލިއަކަށް ޒާރާ ސިހުނީ ފޯނަށް އަރާފައި އިން "އައްޔަ" ގެ ނަން ފެނިފައެވެ. އެވީގޮތެއް އޭނާއަށް ނޭނގުނެވެ. ވީގޮތް ފަހުމުވީ މާފަހުންނެވެ. ފޯނު ނެގީ ޖަންނަތަށް ގުޅާށެވެ. އެކަމަކު އޭގެކުރިން އެ އަންނަނީ އައްޔަގެ ފޯނެކެވެ. ބަދިގޭ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ޒާރާ ބަލައިލިއެވެ. އަދި ފަސްގަޑި ބައި ނުވެއެވެ. "އައްޔަ އެ ގުޅަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ... އަނެއްކާ ނިއަމް...." ޒާރާ ތެޅިގަތެވެ. ފޯނު ނެގިއިރު މުޅި މީހާގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔައެވެ.

"ނިއަމްއަށް ކިހިނެއްވީ؟ ޒާރާ ބުންޏެވެ.

މިސްކިތުން ފައިބައިގެން އައިގޮތަށް ގެއަށް ނުވަދެ އައްފާން ނިކުތީ ގެއާ ދިމާލު އަތިރިމައްޗަށެވެ. އޭނާ ޒާރާއަށް ގުޅީ އެ ދިމާލުގަ ހުރެފައެވެ. ނިއަމްއާ މެދު ޒާރާ ކަންބޮޑުވިކަން އެނގުމުން އައްފާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"އަލްހަމްދުލިއްލާހް. ނިއަމް ރަނގަޅު. އަދި ނުހޭލާ" އައްފާން ބުންޏެވެ.

ހިތަށް ވެރިވި އުފަލެއްގެ ބޮޑުކަމުން ޒާރާ ހަމަޖެހުމުގެ ނޭވައެއްލިކަން އައްފާނަށް އެނގުނެވެ. ޒާރާގެ ނޭވާގެ އިހުސާސް ވައިގެ ތެރެއިން އައްފާނުގެ މޫނަށް އިހުސާސްވިހެން ހީވިއެވެ. ދެން އިތުރަށް ޒާރާ ބަހެއް ނުކިޔައެވެ. އެކަހަލަ ވަގުތެއްގައި އައްފާން ގުޅީ ކީއްވެގެންތޯވެސް ނާހައެވެ.

"ވާހަކައެއް ބުނަންވެގެން މިގުޅީ" އައްފާން ބުންޏެވެ.

"ބުނޭ" ޒާރާގެ ޖަވާބު ކުރެވެ. ޒާރާއަށް ބަދަލުތަކެއް އައިސްފައިވާކަން އައްފާނަށް ފާހަގަވެއްޖެއެވެ. އެހެން ފަހަރުތަކަށްވުރެ ބަސްމަދެވެ. ޔަގީނެވެ. ޒާރާގެ ކަންފަތާ ހަމައަށް އެ ވާހަކަތައް ފޯރައިފިއެވެ.

"ރޭގަ ޒާ އަށް ނިދުނުތަ؟" އައްފާން ބުންޏެވެ.

ޒާރާ ހައިރާންވިއެވެ. އައްފާނަށް އެފަދަ ސުވާލެއްކުރަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެވާހަކަތައް އައްޔައަށް އެނގުނީ ހެއްޔެވެ؟ މަންމަ އައްޔަ ކައިރީގައި އެ ވާހަކަތައް އެހާ އަވަހަށް ދެއްކީ ހެއްޔެވެ؟ އަދި މިއުޅެނީ މަންމައަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ. އަނެއްކާ އައްޔަ ކައިރީގައި މަންމަ ކިއީ ކީކޭ ހެއްޔެވެ؟ އައްޔަ ވިސްނާނެ ގޮތެއްވެސް ނޭނގެއެވެ. ޒާރާގެ ހިތަށް އެއްފަހަރާ ހުރިހާ ސުވާލުތަކެއް ވެރިވެގަތެވެ. އިންތަނުން ތެދުވެގެން ކުޑަދޮރާ ދިމާލަށް ޒާރާ ހިނގައިގަތެވެ.

"އެހެން މި އެހީ އަހަރެންނަށް ނުނިދުނީމަ" އައްފާން ބުންޏެވެ.

"އަހަ...އަހަރެންވެސް ވަރަށް އުނދަގުލުން ނިދީ" ޒާރާ ބުންޏެވެ.

އިތުރަށް ވާހަކަދައްކަން ބޭނުންވިއެވެ. އެކަމަކު ކިޔާނީ ކީކޭ ކަމެއް ނޭނގުނެވެ. ބަދިގޭ ކުޑަދޮރު ހުޅުވާލައިގެން ހުރިއިރު ޒާރާގެ ނަޒަރު ހުއްޓިފައި ހުރީ ހިމްނާގެ ގަސްތަކަށެވެ. ދެފަރާތުން ވާހަކައެއް ނުދައްކާ ހިނދުކޮޅެއް ފާއިތުވުމުން ކަންފަތާ ފޯނު ދުރުކޮށްލާފައި ޒާރާ ބަލައިލިއެވެ. ފޯނު ބާއްވަންވީ ހެއްޔެވެ؟ ނޫނީ އަދިވެސް ހުންނަންވީ ހެއްޔެވެ؟ ޒާރާއަށް ނުވިސްނުނެވެ. ރޭގަ މަންމަ ދެއްކި ވާހަކަތަކަށްފަހު ކުއްލިއަކަށް އައްޔަގެ ވާހަކަތަކާއި ރާގު ބަދަލުވެއްޖެއެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އެއީ ވެގެންވާނެގޮތެއް ނޫނެވެ. ދެމީހުން މެދުގައި އެކުވެރިކަން އޮންނަންޖެހޭނީ ހަމަ އެގޮތުގައެވެ.

"ޒާ... އެބަހުރިންތަ؟" އައްފާން ބުންޏެވެ.

ޒާރާ ހަމައެކަނި ލައްވާނީ 'ހޫމ" އެކެވެ. އައްފާން ހީލި އަޑު އިވުނެވެ.

"އަހަރެން ވަރަށް ބައިވަރު ވާހަކަދައްކަން ބޭނުން" އައްފާން ބުންޏެވެ.

"ބުނޭ. އަހަރެން އަޑުއަހަން މިހުރީ" ޒާރާ ބުންޏެވެ.

"ޖެހިލުންވަނީ. ޒާ... އަހަރެން ފަހުން ގުޅަންތަ؟" އައްފާން ބުންޏެވެ.

ފޯނު ކެނޑުނުކަން އެނގުމުން ޒާރާ ހައިރާންވިއެވެ. އައްޔަ ޖެހިލުންވަނީ ކޮންކަމަކާ ހެއްޔެވެ؟ މިވާގޮތެއް ނޭނގުނެވެ. އައްޔަ ދައްކަން އެ އުޅެނީ ބައިވަރު ކޮން ވާހަކަތަކެއް ހެއްޔެވެ؟ ކައިވެނި..... ކައިވެނީގެ ވާހަކަ ހެއްޔެވެ؟ އައްޔަވެސް ބޭނުންވަނީ ކައިވެނިކުރަން ހެއްޔެވެ؟ އޭރުން ދެންވާނީ ކިހިނެއް ހެއްޔެވެ؟

****

ގަޑިޖެހުމުގެ ތިރީސް މިނެޓް ކުރިން ޒާރާ ސްކޫލަށް ވަދެއްޖެއެވެ. ގޭޓު ކައިރީގައި އިން ގާޑު ނޫނީ އެހެން މީހަކު ސްކޫލު ތެރެއިން އޭރު ނުފެނެއެވެ. ޒާރާ ދިޔައީ އޮފީސް ބައިންނެވެ. ކުއްލިއަކަށް ޒާރާ ހުއްޓުނީ އައްފާންގެ ކޮޓަރީގެ ކުޑަދޮރު ހުޅުވާފައި ހުރިތަން ފެނިފައެވެ. އެހާ އަވަހަށް އައްޔަ އޮފީހަށް އައިސް އިން ދުވަހެއް ހެއްޔެވެ؟ ޒާރާ ކުރިއަށް ދިޔައީ ލަސް ހިނގުމެއްގައި ހިނގައިފައެވެ. ސްޓާފްރޫމަށް ވަދެވޭނީ އޮފީސް ހުރަސްކޮށްފައެވެ. ކުޑަދޮރު ކުރިމަތިން ދާން ޒާރާއަށް ނުކެރުނެވެ. ކުއްލިއަކަށް މާބޮޑު ލަދުގެ ފަރުދާއެއް ދެ އެކުވެރިން ކުރިމަތީގައި ލެއްވިއްޖެއެވެ.

ކުއްލިއަކަށް ކުރިމަތީގައި އައިސް ހުއްޓުނު އައްފާން ފެނުމުން ޒާރާ ދިޔައީ ސިހިގެންނެވެ. ހީލަންވެސް ނޭނގިފައި ޒާރާ ހުއްޓެވެ.

"މިއަދު ހާދަ ރީތި ކުލައެއްގެ ހެދުމެއްގަ ހުރި ދުވަހެއް" އައްފާން ބުންޏެވެ.

ޒާރާ ހީލިއެވެ. އައްފާނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޒާރާގެ ފުރިހަމަ ސޫރައަށް އައްފާން ބަލައިލަން ބޭނުންވިއެވެ. މިއަދު އޭނާއަށް ހުރިހާގޮތަކުންވެސް ޒާރާ ތަފާތެވެ.

"މިހާ އަވަހަށް އަންނަން ބުނީ ކީއްވެ؟" ޒާރާ ބުންޏެވެ.

އައްފާނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ފައްވާޒް ސްކޫލު ކައިރީގައި މުގޯލި އަޅާނެކަން އައްފާނަށް ޔަގީނެވެ. ޒާރާ ސްކޫލަށް ގެނައީ ފައްވާޒަށް ޒާރާ ފެނުނަ ނުދޭށެވެ. އައްފާންގެ ނަޒަރު ހުއްޓުނީ ސްކޫލުގެ ގޭޓާ ދިމާލަށެވެ. މަޑުމަޑުން ޓީޗަރުންނާ ޕްރިފެކްޓުން ވަންނަން ފަށައިފިއެވެ. ސްކޫލު ކައިރިއަށް ބެލެނިވެރިންނާ ދަރިވަރުން ގިނަވާން ފަށައިފިއެވެ. އެތަނުގައި ފައްވާޒް ފިލައި ހުއްޓަސް ނޭނގޭނެއެވެ. ޒާރާގެ ބޮލުން އިސްތައްޓެއްވެސް ފައްވާޒަށް ފެންނާކަށް އައްފާން ނޭދެއެވެ.

"އެއީ... އެއީ... ނިއަމް... ނިއަމް ކިރަންދާންޖެހޭ ދުވަސްވީމަ. ޒާ އަށް ދެވޭނެތަ އެގާރަ ޖަހާއިރަށް"

ޒާރާ ހައިރާންވިއެވެ. އެހާ އަވަހަށް އޮފީހަށް އަންނާށޭ ބުނީ އެހެން ބުނަން ހެއްޔެވެ؟ އެ ވާހަކަ ފޯނުންވެސް ނޫނީ މެސެޖަކުންވެސް ބުނެވޭނެއެވެ. ހެދުނީ ދޮގެއްކަން ޒާރާއަށް ބޭޒާރުވެދާނެތީ އައްފާން ހާސްވިއެވެ. އަވަސް އަވަހަށް ޒާރާއަށް ވުރެ ކުރިއަށް ޖެހިލުމަށްފަހު ފުރަގަސްދިނެވެ.

"އިންޝާﷲ. ދާނަން" ޒާރާ ބުންޏެވެ.

އަލުން އޮފީހަށް ވަންނަން އައްފާން ހިނގައިގަތެވެ. ޒާރާއަށް ހުރެވުނީ ހައިރާންވެފައެވެ. އައްފާނަށް ހަމަޖެހުމުގެ ނޭވައެއްލެވުނީ ކޮޓަރީގެ ދޮރުފަތުގެ ނިވަލަށް ވަދެވުނީމައެވެ. އޭނާ ކޮޓަރީގައި ދެކޮޅަށް ހިނގާލިއެވެ. ދެއަތުން މޫނުމަތި ފޮހެލާފައި އެނާއަށް ހާއްސަކޮށްފައިވާ ގޮނޑީގައި އިށީނެވެ. ލެޕްޓޮޕްގެ ޑެސްޓޮޕަށް ނަޒަރު ހުއްޓިފައި ހުއްޓަސް އޭނާގެ ހިތާއި ސިކުނޑި ވަނީ ޒާރާއާ ގުޅިފައެވެ. ނުވެސް އެނގި ހުއްޓައި އޭނާގެ ހިތް އެދަނީ ޒާރާގެ ކުރިމަތީގައި ބޭޒާރުވަމުންނެވެ. ޒާރާގެ ކުރިމައްޗަށް އެރޭ ކޮންމެފަހަރަކު ހީވަނީ މޭގެތެރެއިން ހިތް ނިކުމެގެން ގޮސް ޒާރާގެ ދެއަތުގެ ތެރެއަށް ވެއްޓެން އުޅޭހެންނެވެ. ހިތް ނުތަނަވަސްވަނީ އޭނާގެ ލޯބީގެ ބަދަލު ޒާރާ ދޭނެ ގޮތެއް ނޭނގޭތީއެވެ. ދެވަނަ ފަހަރަށް އެ ލޯބި ނާކާމިޔާބުވެދާނެތީއެވެ. ބުނަން ބޭނުންވާ އެތައް ވާހަކައެއް ދުލާ ހަމައަށް ނުގެނެވިގެންވެސް އެ އުޅެނީ ހިތުގައި އުފެދިގެން އުޅޭ ހައިޖާނުގަނޑެއްގެ ސަބަބުންނެވެ.

****

ހެނދުނުގެ ސަޔަށްފަހު ހުރިހާ އެންމެން ނިކުމެގެން ދިޔުމުންވެސް ޒާރާ އިނެވެ. ސައި ގެނައި ތަށިތައް ދޮވެފައި ޖަންނަތު އެނބުރުނުއިރުވެސް ޒާރާ ހަމަ އެތަނުގައި އިނެވެ. ޓިޝޫއަކުން އަތް ފޮހެމުން ޖަންނަތު އައިސް ޒާރާ ކައިރީގައި އިށީނެވެ.

"ނުދަނީތަ؟"

"ޖަންނަ ސެޝަން އިނީ ކިހާއިރަކު؟" ޒާރާ އެހިއެވެ.

"އިންޓަވަލް ކުރީގަ ދެ ކްލާހުގެ ގަޑިވެސް އިނީ. އިންޓަވަލް ފަހުން ވަރަށް ފްރީ ވާނެ. އެ ގަޑީގަ އެގްޒާމަށް ރެޑީކުރާނީ" ޖަންނަތު ބުންޏެވެ.

"އެހެންވިއްޔާ އިލަވަންގަ އަހަރެންގެ ގަޑި ނަގައިދެވިދާނެތަ؟ ނިއަމް ގޮވައިގެން ކިރަން ދާންވެގެން. ނީންނާނެ އެއްވެސް ފިލާވަޅެއް އެ ގަޑީގަ. ހަމައެކަނި ކްލާސް ޓެސްޓެއް އިންނާނީ. ނިމުނުހާ އަވަހަކަށް އަހަރެން އަންނާނަން" ޒާރާ ބުންޏެވެ.

"ތިއީ ކަމެއްތަ ދެން އެހާވަރުގެ. ހިނގާ ދާން"

ތެދުވެ ހިނގައިގަތްތަނާ ޖަންނަތުގެ އަތުގައި ޒާރާ ހިފިއެވެ.

"އަހަރެން އެބައޮތް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ"

ޖަންނަތުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ވާހަކައެއް ދައްކަން ބޭނުންވާކަމަށް އައްފާންވެސް ބުނީ ޖަންނަތު ސައި ކޮޓަރިއަށް ވަންނަނިކޮށެވެ. ކުއްލިއަކަށް މި ދެމީހުންނަށް މިވީ ކިހިނެއް ހެއްޔެވެ؟ ދެމީހުންގެ މެދުގައި ކަމެއް ހިނގީ ހެއްޔެވެ؟ ދެމީހުން ދައްކަން އެ އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަޖައިބެކެވެ. ޖަންނަތު ޒާރާއަށް ބަލައިލިއެވެ. އަނެއްކާ ޒާރާ ކައިރިން އައްޔަ.... ނޫން... ކުއްލިއަކަށް ހަމަ އެހެން ހުރެފައި އައްޔަ އެކަހަލަ ކަމެއް ނުކުރާނެއެވެ.

"އޯކޭ... މިވީގޮތުން އަހަރެންގެ މުޅި ދުވަހުގެ ޝެޑިޔުލް ވަރަށް ބުރަވާނެތާ" ޖަންނަތު ބުންޏެވެ. ދެން ދެ އަންހެންކުދީން އެކުގައި ހިނގައިގަތެވެ.

****

ޖަންނަތާ ބައްދަލުކުރަން އައްފާން ދިޔައީ ޖަންނަތުގެ ގެއަށެވެ. އެ ގަޑިއަކީ ޖަމީލާ މަސައްކަތަށްދާ ގަޑިއަށް ވުމުން އޭނާ ދިޔައީ އެ ގަޑިއަށް ބަލައިފައެވެ. ދެކުދީން އިށީނދެގެން ތިބީ ގޯތީގައި އެލުވާފައި ހުރި ޖޯލީގައެވެ.

"ތި ދެމީހުން ކޮންކަމެއް ވެގެންތަ ތި އުޅެނީ؟" ޖަންނަތު ބުންޏެވެ.

އައްފާންގެ ނިއްކުރިއަށް ރޫއަރައިގެން ދިޔައެވެ. 'ދެމީހުން' ނޭ ޖަންނަތު އެބުނީ ކީއްވެގެން ހެއްޔެވެ؟

"ޒާރާއަށް ކިހިނެއްވީ؟" އައްފާން ބުންޏެވެ.

"ހެހެހެ.... އަދި ކަމެއް ނުވޭ. ބުނަން އުޅެނީ ކޮންވާހަކައެއް ކަމެއް ނޭނގޭ އެކަމަކު" ޖަންނަތު ބުންޏެވެ.

އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހަނދާނަށް އައީ ހެނދުނު ކަންތަކެވެ. ކަންތައް ކުރެވުނީ ޒާރާގެ ހިތުގައި ސުވާލު ނުއުފެދޭނެ ގޮތަކަށް ނޫންވިއްޔާއެވެ. މުޅި ދުވަހު އޭނާ އެ އުޅެނީ ޒާރާގެ ކުރިމައްޗަށް ނާރައެވެ. ޒާރާ ސުވާލުކޮށްފާނެތީއެވެ.

"ހޫން... ދެން ބުނެބަލަ ކޮންވާހަކައެއް ބުނަން ތި އުޅެނީ" ޖަންނަތު ބުންޏެވެ.

"ފައްވާޒް ރޭގަ މިރަށަށް އައި" އައްފާން ބުންޏެވެ.

"ވަޓް..." ޖަންނަތު ބުންޏެވެ. "ޒާ އަށް އެނގޭތަ؟"

"ޒާރާއަށް އެކަން އެނގުނަ ނުދިނުމަށް އުޅެން ހަދައިގެން އަހަރެން މިއުޅެނީ ބޮނޑި ބޮއެގެން" އައްފާން ބުންޏެވެ.

"އައްޔައަށް ކިހިނެއް އެނގެނީ. ގުޅީތަ އޭނަ"

ނިއަމް ޑޮކްޓަރަށް ދައްކަން ރަށުން ފުރައިގެން ދިޔަ ދުވަހު އެންމެ ފުރަތަމަ ފައްވާޒް ފެނުނު ގޮތުގެ ވާހަކަތަކުން ފެށިގެން ފައްވާޒްގެ އެންމެފަހުގެ ބައްދަލުވުމާ ހަމައަށް ދެކެވުނު ވާހަކަތައް ޖަންނަތަށް އައްފާން ކިޔައިދިނެވެ. ފައްވާޒްގެ ބޭނުމަކީ ކޮބައިކަމާއި އޭނާ ކޮންމެހެންވެސް ޒާރާއާ ބައްދަލުވެ ވާހަކަދައްކަން ބޭނުންވާ ވާހަކަ ބުންޏެވެ. ޖަންނަތަށް އިނީ ގަބޫލުކުރަން ދަތިވެފައެވެ. އެއްވެސް ސިފައެއްގައި ފައްވާޒް ޒާރާ ފެންނަ ހިސާބަށް އައުމަކީ ހުދު ޖަންނަތުވެސް ބޭނުންވާގޮތެއް ނޫނެވެ.

"ސުވާލަކީ އަހަރެން މިކަން ޒާ އަށް ސިއްރުކޮށްގެން އަނެއްކާ މި ހެދުނީ ގޯހެއްބާއޭ. ފައްވާޒް އައި ކަން އެނގި އަދި އަހަރެން ނުބުނެ ހުރީމަ ވަރަށް ރުޅި އަންނާނެ ކަންނޭނގެ ދޯ" އައްފާން ވާހަކަދެއްކިއެވެ.

"ދިރިއުޅުމުގެ އެހާ ހިސާބަށް ޒާރާއަށް އާދެވިފައި އެހުރީ އަހަރެމެން ރައްޓެހިންގެ ގޮތުގަ ތިބެ ކުރި މަސައްކަތްތަކުގެވެސް ސަބަބުން. އެހެންވީމަ ތިކަން ސިއްރުކުރުން އެއީ މައްސަލައެއް ނޫން. ފައްވާޒަކީ ޒާރާގެ ހަލާކު. އަދި އެއީ ޒާރާގެ ބަރުބާދީ. އައްޔަ ރަނގަޅަށް ތިހެދީ"

****

ބަދިގޭ އުނދުން ކައިރީގައި ހުރި ހިމްނާއަށް ގޯތިތެރެ ގަސްދޮށުގައި އެލުވާފައި ހުރި ޖޯލީގައި ނިއަމްއާ ސަމާސާ ކުރަން އޮތް ޒާރާ ފެނުނެވެ. ބޭއިހުތިޔާރުގައި ހިމްނާއަށް ހީލެވުނެވެ. ސިފަވެގެން ދިޔައީ ހަމަ އެ ޖޯލީގައި ޔޫކް ގޮވައިގެން ޒާރާ އޮންނަ މަންޒަރެވެ. ޖަޒުބާތީވެވުނު ވަރުން ހިމްނާގެ ދެލޮލުން ކަރުނަވެސް ނީރާލައިފިއެވެ. ދެލޯ ކައިރި ފޮހެލާފައި ދެން ބަލައިލިއިރު ޖޯލީގައި ޒާރާ ނެތެވެ. ކުއްލިއަކަށް ފެނުނީ ބަދިގެއަށް ވަދެގެން އައި ޒާރާއެވެ. ޒާރާގެ ތުންފަތަށް ވެރިވެފައިވަނީ ފުޅާ ހިނިތުންވުމެކެވެ. ފަހަކަށް އައިސް ޒާރާގެ ތުންފަތްމަތިން އެހާ ފުޅާ ހިނިތުންވުމެއް ހިމްނާއަށް ފެނުނީ ފުރަތަމަ ފަހަރަށެވެ.

"މަންމާ. އަޑުއަހާބަލަ. ނިއަމް މިކިޔާ އެއްޗެއް" ޒާރާ ބުންޏެވެ.

ހިނި އައިސްފައި ހުރި ޒާރާ ނިއަމް ބޭންދީ ބަދިގޭ ކެބިނެޓް މަތީ އުނދުނާ ތަންކޮޅެއް ދުރުގައެވެ. ދެން ނިއަމްގެ ދެއަތުގައި ހިފައި ލޯބިން ގޮވާލިއެވެ. ހިނިގަނޑެއް ފިޔަވައި ނިއަމްގެ އަނގައިން އެއްވެސް އެއްޗެއް ބޭރުނުވިއެވެ.

"ކީކޭ ކިއީތަ؟" ހިމްނާ ބުންޏެވެ.

"ނިއަމް އަހަރެންނަށް މަންމާއޭ ކިޔާފަ ގޮވީ. އެއްފަހަރަކު ނޫނޭ ކިއީ. އެއީ މިއުޅޭ ޖަންނަގެ ކަންތައް. ހާދަ ވަރަކަށޭ މި ކުއްޖާއަށް އެހެން ކިޔައިދެނީ" ޒާރާ ބުންޏެވެ.

ކައިރިއަށް ޖެހިލާފައި ޒާރާގެ ބުރަކަށީގައި ހިމްނާ ފިރުމާލިއެވެ. ޒާރާ ބަލައިލުމާއެކު ދެން ހިމްނާ ބަލައިލީ ނިއަމް އަށެވެ. ނިއަމް އުރާލާފައި ޒާރާގެ އަތަށް ހިމްނާ ދިނެވެ.

"މައެއްގެ ވާޖިބު އަދާކުރަމުންދާ އަންހެނަކަށް އެ ތުއްތު ކުއްޖާ މަންމަގެ ނަމުން ގޮވުމަކީ މައްސަލައެއް ނޫނޭ" ހިމްނާ ބުންޏެވެ. ޒާރާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފަނޑުވިއެވެ. އިތުރަށް ބަހެއް ނުކިޔައި ހިމްނާ ހިނގައިގަތެވެ. ދޮރާ ހަމައިން ހުއްޓިފައި ފުރަގަހަށް އެނބުރި ހުރި ޒާރާއަށް ބަލައިލިއެވެ.

"މަންމައަށް ކުރިއަށްދާން އެނގޭނީ ޒާރާ ޖަވާބެއް ދިނީމަ"

ޒާރާ ދެލޯމަރާ ބާރުކޮށްލިއެވެ. ހިމްނާ ދެއްކި ވާހަކަތަކަށް އޭނާ އަދިވެސް ޖަވާބެއް ނުދެވޭކަން ހަނދާންވިއެވެ. އެއީ އޭނާއަށް އަދި ވަކިގޮތަކަށް ނުނިންމޭތީއެވެ. ޖަންނަތާ ހިޔާލު ބަދަލުކޮށްލަން ނިންމީވެސް ހިތަށް ތަންކޮޅެއް ފަސޭހަވާނެތީއެވެ. ކުއްލިއަކަށް ޒާރާ ސިހުނީ ނިއަމްގެ އަޑަށެވެ. އެ ކުއްޖާ މިއަދު މާވަރަކަށް 'މަންމަ' ކިޔަން މަސައްކަތް އެބަކުރެއެވެ. ނުހާ މަތިން ހަނދާންވަނީ ހެއްޔެވެ؟ ނިއަމްގެ ހަގީގީ މަންމަ އަކީ ނުހާއެވެ. ޒާރާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ހަގީގަތް ބަދަލެއް ނުވާނެއެވެ.

****

މެންދުރު ކައިގެން އައްފާން ނިކުތީ އަތިރިމައްޗަށެވެ. ޖޯއްޔަކީ އޭނާގެ މުނިފޫހިފިލުވައިދޭ ބައިވެރިޔާއެވެ. ފޯނުން މީހަކާ ވާހަކަދައްކަމުން ގޮސް އައްފާން އިށީނީ ޖޯލީގައެވެ. މެންދުރުފަހު ރަށުތެރެއަށް އެންމެ އަވި ބާރު ވަގުތުގައިވެސް ޖެހެމުންދިޔަ ވައިން އަވީގެ ބާރު ކަނޑުވާލާފައިވެއެވެ. ފޯނު ނިންމާލާފައި އައްފާން މޫދަށް ނަޒަރު ހުއްޓާލިއެވެ. ކުޑަކުއްޖަކު ގޮވައިގެން އުޅުނު އަންހެނެއް ފެނުމުން އޭނާ ނިއަމް މަތިން ހަނދާންވިއެވެ. މުޅި ދުވަހު ނިއަމް ގޮވައިގެން އުޅެނީ ޒާރާއެވެ. ނިއަމް ކިރައިގެން އައިފަހުން އަދި އައްފާނަށް ނުފެނެއެވެ. އެގެއަށް ނިއަމް ޒާރާ ގެންދިޔައީ އައްފާންގެ ހުއްދަ ހޯދައިގެންނެވެ. ކުއްލިއަކަށް އައްފާނަށް ހެވުނީ ހިތަށް އެރި އެއްޗަކުންނެވެ.

"ނިއަމް އެ އުޅެނީ މަންމަ ކައިރީގައެއްނު" އައްފާނަށް ކައިރީގައި އޭނާގެ ޒަމީރު ބުނެލި ކަހަލައެވެ.

ދިމާލަށް އަންނަ އަންހެންމީހާ ފެނުމުން ޖޯލީގައި ހަށިގަނޑު ސީދާކުރެވުނު ގޮތެއްވެސް އައްފާނަށް ނޭނގުނެވެ. ތެދުވެގެން ގޭތެރެއަށް ވަންނަން ހިތަށް އެރާފައިވެސް މަޑުކުރިއެވެ. އައްފާނާ ދިމާލަށް ޖީޒާ އައީވެސް ތަނަކުން އަލިފާން ރޯވެގެން މީހަކު އަންނަހާ ބާރަށެވެ. މިއީ އަނެއްކާ އަނެއް ބޮލުގެ ރިހުމެވެ. މި އަންހެންމީހާ ފައްވާޒު ކައިރިއަށް މާލެ ފޮނުވަންވީއެވެ. އޭރުން ދެ ރިހުން އެއްކޮށް ފިލާނެއެވެ. ހިތަށް އެރި އެއްޗެހިން އައްފާން ކައިރިއަށް ހިނިވެސްއައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟