ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 33

3

މޭޒުމަތީގައި އޮތް ހިމްނާގެ އަތްމަތީގައި ޒާރާ އަތް ބާއްވާލިއެވެ. އެއާއެކު ސިހިފައި ހިމްނާ ޒާރާއަށް ބަލައިލިއެވެ.

"ބަލީތަ؟" ޒާރާ އެހިއެވެ.

ހިމްނާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން؟ މަންމަ ކިހިނެއްވެފަ ތި އިންނަނީ؟" ޒާރާ ބުންޏެވެ.

ހިމްނާއަށް ކުރެވުނުހާވެސް ކަމަކީ ޒާރާގެ މޫނަށް ބަލަހައްޓައިގެން އިނުމެވެ. މިނޫނީ ދުވަހަކުވެސް ޒާރާ ކައިރީގައި ވާހަކައެއްދައްކަން ޖެހިގެން ހިމްނާ މިހާ ކަންބޮޑުވެފައި ނުވެއެވެ. އެހާ އުނދަގޫ އެވާ ސަބަބެއް އޭނާއަށް ނޭނގެއެވެ.

"މިއުޅޭ ޖީޒާ މިއަދު ދަރިފުޅޭ ކިޔައިގެން މީހަކު ކައިރީގައި ވާހަކަތަކެއް ދައްކައިފި" ހިމްނާ ވާހަކަދެއްކިއެވެ.

ޒާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. ޖީޒާ އަކީ އޭނާއަށް މުހިންމު މީހެއް ނޫނެވެ. އެހެންކަމުން ޖީޒާގެ އެއްވެސް ވާހަކައެއް އޭނާއަށް މުހިންމެއް ނޫނެވެ. ޖީޒާ ދެއްކީ ކޮންކަހަލަ ވާހަކައެއްތޯ އޭނާ ނޭހީވެސް އެހެންވެއެވެ.

"ޖީޒާއްތަ. އަޅާނުލާބަލަ މަންމާ. މިރަށުގަ ނޫޅޭ އެމީހާގެ ވާހަކަނުދައްކާ މީހެއް. އޭނަ ވާހަކައެއް ދައްކައިގެންތަ ތިހެން ތި އިންނަނީ" ޒާރާ ބުންޏެވެ.

ހިމްނާ ބޯޖަހާލިއެވެ. ޖީޒާގެ ވާހަކަ ހިމްނާ ބުނީ ޒާރާ ކައިރީގައި ދައްކަން ބޭނުންވާ ވާހަކައަށް މަގުކޮށުމުގެ ބޭނުމުގައެވެ. ޒާރާ ކޮން ވާހަކައެއްތޯ އޮޅުންފިލުވަން ބޭނުންނުވުމުން އެހާ ހިސާބުން އެ ވާހަކަ ނިންމާލިއެވެ. އެކަމަކު ހިމްނާ އަދި އެ ވާހަކަ ދައްކާނެއެވެ.

****

ވާހަކައެއް ދައްކަން ވަސީމާ ބުނުމުން އައްފާން އެ އިންނަނީ މަގުމަތި ޖޯލީގައެވެ. ބަދިގޭ މަސައްކަތްތައް ނިންމާފައި ވަސީމާ ބޭރަށް ނުކުންނަންދެނެވެ. ފޯނުން ގޭމެއް ކުޅެން އިންދައި އައްފާން ސިހުނީ ކުރިމައްޗަށް ހުރަސްކޮށްލި ދުފާ ދަޅު ފެނިފައެވެ. އައްފާން ނެގީ ހަމައެކަނި ކަރަންފުލެކެވެ. ޖެހިގެން ހުރި ޖޯލީގައި ވަސީމާ އިށީނެވެ. އައްފާންގެ މޫނަށް އޭނާ ބަލައިލީ ދައްކަން އުޅޭ ވާހަކައިގެ ގޮތުންނެވެ.

"ދައްތަ ވާހަކައެއް އަހާލަންތަ؟"

އައްފާން ބޯޖަހާލިއެވެ. ހައިރާންވެސްވިއެވެ. ވާހަކައެއް ދެއްކުމުގެ ކުރިން ދައްތަ ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.

"ދަރިފުޅު އަދިވެސް ނުހާ ބޭނުންތަ؟ މިބުނީ ނުހާއަށް އިންތިޒާރުކުރަންހޭ" ވަސީމާ އެހިއެވެ.

ކުއްލިއަކަށް ވަސީމާ އެކަހަލަ ވާހަކައެއް ދެއްކުމުން އައްފާނަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އެހެންނަމަވެސް އެ ސުވާލަށް ޖަވާބުދޭން އޭނާއަށް ފަސޭހަވިއެވެ.

"ބޭނުމެއް ނޫން" އައްފާން ބުންޏެވެ. ވަސީމާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"އެހެންވިއްޔާ މީހަކާ އިންނަން ނުވިސްނަންތަ؟" ވަސީމާ ބުންޏެވެ.

އައްފާން ހީލިއެވެ. ޒާރާގެ ތަސްވީރު އޭނާގެ ލޯމަތީގައި ކުރަހާލުމުންނެވެ. މީހަކާ ނުއިންނާކަށް ނޫނެވެ. ހިތްއެދޭ ކުއްޖަކު އެބަހުއްޓެވެ. އަތުޖެހޭހާ ކައިރީގައެވެ. ވާނެގޮތެއް ބުނާކަށް ނޭނގެއެވެ. ކައިވެންޏެއް ކުރަންޏާ ކުރާނީ އެ ކުއްޖާއާއެވެ. އެއީ ޒާރާ ކަން އެނގެނީ ހަމައެކަނި އޭނައަށެވެ.

"ދައްތަ ކުއްޖަކު ހޯދައިދީ. އޭރުންތާ އެނގޭނީ" ސަމާސާ ރާގެއްގައި އައްފާން ބުންޏެވެ.

"ހޯދައިފިން" ވަސީމާ ބުންޏެވެ.

ޖޯލީގައި ބުރަކަށި ޖައްސާލެވުނުކަމެއް ނޭނގި ކައްޓެއްހެން އައްފާން ސީދާވެލިއެވެ. އޭނާ އިންނާނެ މީހަކު ދައްތަ ހޯދައިފީމޭ ބުނުމުން ވަރަށް ކަންބޮޑުވިއެވެ. އޭނާ އެހެން ބުނީ އޭނާ އިންނާނެ ކުއްޖެއް ދައްތަ ހޯދާފައި ހުރި ކަމަކަށް ނޫނެވެ. އެކަމަކު ބުނެވުނު އެއްޗެއްގެ ސަބަބުން ދެކޮޅަށް އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. އައްފާނަށް ވީގޮތް ފެނުމުން ވަސީމާ ހިނިއައެވެ.

"ހޯދައިފީމޭ..." އައްފާން ބުންޏެވެ. "ކާކު؟"

"އެންމެ ފުރަތަމަ ބުނެބަލަ ދަރިފުޅު އިންނަން ބޭނުންވާ ކުއްޖަކު ގައިގައި ހުންނަން ބޭނުންވާ ސިފަތައް"

ހިޔާލީ ގޮތަކަށް އައްފާން ޖޯލީގައި އޮށޯވެލިއެވެ. ބޯދަށަށް އެއް އަތް ލައްވާލުމާއެކު އޭނާގެ ހިޔާލީ ލޯގަނޑަށް ސިފަވެގެން ދިޔައީ ޒާރާއެވެ. ޒާރާގެ ކިބައިގައި އޭނާ ހިތްހަމަނުޖެހޭ އެއްވެސް ސިފައެއް ނެތެވެ. ފަށާފަ ނިންމާނެ އެއްވެސްގޮތެއް އޭނާއަށް ނޭނގެއެވެ. އެއީ ނިމުމެއް އަންނާނެ ކަމެއް ނޫންވިއްޔާއެވެ.

"ދައްތަ މިހެން އެހީމަ ހާދަ ވަރަކަށޭ ތި ވިސްނާލީ" ހިނި އައިސްފައި ވަސީމާ ބުންޏެވެ.

އައްފާނަށް ހެވުނެވެ. އޭނާއަށް ނުވެސް އެނގި ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އެކަމަކު ޒާރާގެ ސިފަ އޭނާ ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ؟ ޒާރާގެ ހުއްދައެއްނެތި އޭނާގެ ހިތުގެ އެދުން އެހެން މީހެއް ކައިރީގައި ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟

"އަހަރެންނަށް އެންމެ މުހިންމީ ނިއަމް" އައްފާން ވާހަކަދެއްކީ ވަސީމާގެ އެ ސުވާލަށް ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެތީއެވެ.

"ތިކަން ދައްތައަށް އެނގޭ. ބުނެބަލަ ނިކަން އަލީ ކަމުދާ ސިފަތައް. އޭރުން ދައްތަ ބުނާނަން ދައްތަ ހޯދި ކުއްޖާގެ ސިފަތައް ހުރިއްޔާ" ވަސީމާ ވާހަކަދެއްކިއެވެ.

"އެ ކުއްޖަކީ ނިއަމް ދެކެ ވަރަށް ލޯބިވާ ކުއްޖެއް ކަމުގައި ވާންވާނެ. އަދި ނިއަމްވެސް. މަޑުމައިތިރި ވާންވާނެ. ދެން...." އައްފާންގެ މޫނުމައްޗަށް ގެންނަމުންދާ ހަރަކާތްތަކަށް ބަލަހައްޓައިގެން ވަސީމާ އިނީ ހެވިފައެވެ.

"އަހަރެންނާ އިންނަން އެކުއްޖަކަށް އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނުވާނެ. ދީނަށް ފަރުވާތެރިވާންވާނެ. ހެއްދެވި ފަރާތަށް ވަފާތެރި ކުއްޖެއްވިއްޔާ ދެން އިތުރަށް ރަނގަޅުކުރަން ޖެހޭނެ ކަމެއް ނޯންނާނެ" އައްފާން ވާހަކަދެއްކިއެވެ. އޭނާ ކިޔަމުން ދިޔައީ ޒާރާގެ ކިބައިން އޭނާއަށް ފާހަގަވެފައިވާ ސިފަތަކެވެ.

"ޒާރާ... ދައްތަގެ ވިސްނުމުގަ އިނީ ޒާރާ" ވަސީމާ ބުންޏެވެ.

ވަސީމާގެ މޫނަށް އައްފާނަށް ބަލައިލެވުނީ ގަބޫލުނުކުރެވިފައެވެ. އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. ނޫނީ ދައްތަ އެކުރަނީ ސަމާސާއެއް ހެއްޔެވެ؟ ނޫނީ އައްފާންގެ ހިތް އޮތް ގޮތް އެނގި ހައްދާލަން ބުނި އެއްޗެއް ހެއްޔެވެ؟ އައްފާނަކަށް ނުވިސްނުނެވެ. ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ވަސީމާއަށް ބަލަހައްޓައިގެން އިންދައި އެކަން ވަސީމާ ޔަގީންކޮށްދިނެވެ.

"ދައްތަ ހޯދި ކުއްޖަކީ ޒާރާ. ދަރިފުޅު ޒާރާއާ ކައިވެނި ކޮށްފާނަންތަ؟"

އައްފާނަށް ހީވީ އޭނާގެ ހިތް އުދުއްސައިގެން މާދުރަށް އޭނާގެ އަތް ނުފޯރާ ހިސާބަށް ދިޔަހެންނެވެ. އޭނާ އިންތަނުގައި އިންދައި އޭނާގެ ޒަމީރު ހަށިގަނޑުން ވަކިވެ ވައިގެ ތެރޭގައި ނަށަމުން ދިޔަހެންނެވެ. ރުއްގަސްތައް އޭނާއަށްޓަކައި އަތްޖަހައި ލަވަކިޔަން ފެށި ހެންނެވެ. ހިނދުކޮޅަކަށް އިނދެވުނުތަން އޭނާގެ ހަނދާނުން ފިލައިގެން ދިޔައެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީގޮތެއް ނޫނެވެ. މީގެ އެތައް ދުވަހެއް ކުރިން އޭނާގެ ހިތުގައި ކަފުންކޮށް ވަޅުލާފައިވާ ލޯބި މަޑުމަޑުން އެދަނީ ފާޅުވަމުންނެވެ. މިފަހަރު ކުރިއަށް ވުރެވެސް ވަރުގަދަކޮށެވެ. ލޮލުން ކަރުނަ ނީރާލުމާއެކު އައްފާނަށް ވަސީމާއާ ކުރިމަތިލައިގެން އިންނަން އުނދަގޫވިއެވެ. އޭނާގެ ހިތް އަދި އެއްވެސް މީހަކަށް ފަޅާއަރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"އަންނަންތަ ކޮޓަރިއަށް ގޮސްލާފަ"

އައްފާން ދިޔަގޮތުން ވަސީމާއަށް ހީވީ އޭނާ ޒާރާއާ މެދު އެކުވެރިކަން ނޫން އެހެން ގުޅުމެއް ބާއްވަން ބޭނުންނުވެގެން ދިޔަހެންނެވެ. އެހެންނަމަވެސް އައްފާން އެތަނުން ދިޔައީ ވަސީމާގެ ކުރިމަތީގައި އޭނާގެ ހިތް ބޭޒާރުވެދާނެތީއެވެ.

****

ހިތަށް ލިބިފައިވާ ހިތްހަމަޖެހުމެއްގެ ސަބަބުން އައްފާނަށް ނިދަންވެސް އުނދަގޫވިއެވެ. ހިތް އެދެމެން ދިޔައީ ޒާރާގެ ދެކިލުމަށެވެ. ވަސީމާ ބޭނުންވަނީ އޭނާ ޒާރާއާ ކައިވެނިކުރުންކަން މިރޭ އޭނާއަށް އެނގިއްޖެއެވެ. އައްފާންގެ ހިތް ނުތަނަސްވަސްވާ ގޮތް ވިއެވެ. އެކަން އެނގުމަށްފަހު ޒާރާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އައްފާނަށް އެއްޗެއް ނުބުނާނެއެވެ. އެހެންނަމަވެސް ހިތްހަމަނުޖެހޭނެކަން ޔަގީނެވެ. ކައިވެންޏަކާ މެދު އަދި ޒާރާ ނުވިސްނާނެއެވެ. އެފަދަ ވިސްނުމެއް ޒާރާއަށް އަންނާނެ ދުވަހެއްވެސް ނޭނގެއެވެ. އެނދުގައި އޮތް އައްފާންގެ ހިތް ފިކުރުތަކުން ފުރެމުން ދިޔައެވެ. ސިހުނީ އަރިމަތީ ކަބަޑުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. ފޯނަށް ބަލައިލުމާއެކު އައްފާންގެ މުޅި ރޭގަނޑު ހަރާބުވި ކަހަލައެވެ. ހިތް ބުނެލި ކަހަލައެވެ. އޭނާގެ އުފާވެރިކަމަށް ހުރަސް އަޅާނެ އިންސާނަކީ މިއީއެވެ. އެހެންނޫނީ ޒާމަންތަކަށްފަހު ހިތަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން އިހުސާސް ކުރަމުން ދަނިކޮށް ފައްވާޒްގެ ކޯލެއް ނައީހެވެ. އެއްފަހަރު ކޯލް މިސްވެ ދެވަނަ ފަހަރަށް ފައްވާޒް ގުޅަންދެން އައްފާން އޮތީ ފޫހިކަމާއެކު ފޯނަށް ބަލަހައްޓައިގެންނެވެ. އެ ކޯލަށް ޖަވާބުދޭންވީކަމެއް ނުވަތަ ނޫންކަމެއް ނިންމަން ނޭނގިފައެވެ.

****

ފެންވަރައިގެން ޒާރާ ނިކުތީ ހިމްނާ ހޭލާ އޮއްވައެވެ. އާދައިގެ މަތިން ނިދުމުގެ ކުރިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން ޒާރާ އެނދަށް އަރަންދެން އޮވެފައި ހިމްނާ ވާހަކަދެއްކިއެވެ.

"މަންމަ ހިތަށް އަރާ ދަރިފުޅުމެން ނިދުމުގެ ކުރިން މުޅި ގައިގައި ތިހާކަނީ ކޮންހާ އެއްޗިއްސެއް ބާއޭ" ހިމްނާ ބުންޏެވެ.

ޒާރާއަށް ހެވުނެވެ. ހިމްނާ އެކަމާ ލައްކަ ދުވަހު ވިސްނައިފިތާއެވެ. އެންމެފަހުން އެހީއެވެ.

"އެއީ ލޯޝަނެއް. އެހެންމީހެއްގެ ގޮތެއް ނޭނގެ. އަހަރެން އެ ހާކަނީ އޭސީގަ އޮތީމަ ހަންގަނޑު ހިކޭތީ" ޒާރާ ބުންޏެވެ.

ގައިމަތީގައި ކުއިލްޓް އަޅައިގެން ޒާރާ އޮށޯވެލިއެވެ. ދިމާ ސީދަލަށް އުއްޑުން އޮވެފައި އޭނާ ހިމްނާއާ ވީ ދިމާލަށް އަރިއަކަށް އެނބުރިލިއެވެ.

"މަންމައަށް އެނގޭތަ؟ ނިއަމް ނުފެނި ކުޑައިރުކޮޅެއްވިޔަސް އަހަރެންނަށް ވާވަރު. މާދަމާ އަދި ފެންނާނީ ހާދަ މަދުންނޭ ސްކޫލު ދުވަހެއްވީމަ. ހިތަށް އަރާ އެއްދުވަސް އެއްކޮށް ގެންގުޅެލަން އައްޔަ އެ ސޮރު ދޭނެނަމައޭ" ޒާރާ ވާހަކަދެއްކިއެވެ. ޒާރާގެ ދުލުކުރީގައި މިފަހަކަށް އައިސް އެހެން ނަމެއް ނޯވެއެވެ. ނިއަމް އެވެ. ނިއަމް އަށްޓަކައި ޒާރާ ދިރިއުޅުމުގެ ކޮންމެފަދަ ނިންމުމެއްވެސް ނިންމަފާނެއެވެ. ހިމްނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ޒާރާއާ ވާހަކަދައްކާލަން ރަނގަޅު ވަގުތެކޭ ހިމްނާގެ ހިތް ބުނެލިއެވެ. ދެމައިންގެ ލޮލުގައިވެސް އަދި ނިންޖެއް ނެތެވެ. ދިރިއުޅުމާ ގުޅޭ ވާހަކަތަކާ އެކި މަޝްވަރާ ކުރުމަށް ދެމައިންނަށް ލިބޭ އެންމެ ރަނގަޅު ވަގުތަކީވެސް ދެމައިން ނިދަން އަރާ ވަގުތެވެ.

"މަންމަ ވާހަކައެއް އަހާލަންތަ؟" ހިމްނާ ބުންޏެވެ.

ކުޅެން ނެގި ފޯނު އަލުން ބާއްވާފައި ޒާރާ މަންމައަށް ބަލައިލިއެވެ. ދެން މަޑުމަޑުން ބޯޖަހާލިއެވެ.

"އިންސާނުންނަކީ އަބަދު އެއްގޮތަކަށް ތިބޭނެ ބައެއް ނޫން. އެ ސޮރުގެ މަންމަވެސް ވިސްނިގެން އެނބުރި އައިސްދާނެ. ދިރިއުޅުމަށްޓަކައި ނުވަތަ ނިއަމްގެ މުސްތަގުބަލަށްޓަކައި އަލީ ގޮތް ނިންމަފާނެ. އަލީ ބޭނުންނުވިޔަސް ނިއަމްއަށްޓަކައި މައެއްގެ ގޮތުގައި އެ މަންޖެ ހިޔާރުކުރާ ހިސާބުން ފެށިގެން ޒާރާއަށް ނިއަމް އެ ގެއްލުނީ. އޭރުން އަނެއްކާވެސް ހިމޭންކަމުގެ އެ ދުނިޔެއަށް ދަރިފުޅު އެނބުރި ދާނީތަ؟ ހުރިހާ އުފަލަކުން މަހުރޫމްވެ އަލުން ގޭ ބަންދުވާނީތަ؟ މަންމަ ހިތަށް އަރަނީ މިކަމާ ދަރިފުޅު ވިސްނާފަބާއޭ އޮންނާނީ"

މަންމަގެ ވާހަކަތަކުން ޒާރާއަށް އުނދަގޫވިއެވެ. ނުހާ އަލުން ދިރިއުޅުމަށް ނުގެންނާނެ ވާހަކަ އައްޔަ އޮތީ ބުނެފައެވެ. އެހެންނަމަވެސް މަންމަ ބުނިގޮތަށް ވުމަކީ ދުރުގޮތެއް ނޫނެވެ. އެގޮތަށް ކަންތައްވެގެން ދިޔައިއްޔާ ނިއަމް މުޅި އުމުރަށް ގެއްލުނީއެވެ. ކުއްލިއަކަށް ޒާރާގެ ހިތަށް ސިފަވީ ކަފުންކޮށް އަށިމަތީގައި ބާއްވާފައި އޮތް ޔޫކްއެވެ. ހިތަށް އުނދަގޫވިވަރުން ޒާރާއަށް ކައިރީގައި އޮތް ހިމްނާގެ އަތުގައި ހިފަހައްޓާލެވުނެވެ. ޔޫކް ގެއްލިގެން ދިޔައީ ދުވަހަކުވެސް އައުމެއް ނުވާ ދުނިޔެއަކަށެވެ. ޔޫކްގެ ހަނދާންތައް ނޫން އެހެން އެއްވެސް އެއްޗެއް މިއަދު އޭނާގެ ނެތެވެ. އެހެންނަމަވެސް ނިއަމް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އޭނާގެ ހިތުން ވަނީ އެކުއްޖާއަށް ހާއްސަ މަގާމެއް ދީފައެވެ. އެ ގާތްކަން މިއަދު ވަނީ އެތައް ތަނެއް ކުރިއަށް ޖެހިފައެވެ. ޒާރާއަށް ދެކެވެނީ އެއީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ގެއްލުނު ދަރިފުޅުގެ ބަދަލުގައި ހެއްދެވިފަރާތުން އޭނާއަށް ދެއްވި އަގުހުރި ނިއުމަތެއް ކަމުގައެވެ. ނުހާ އެނބުރި އައިސް ނިއަމް ގެންދާ މަންޒަރު ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އަލުން ދުނިޔެ ހިމޭންވުމަށް ވުރެ މަރުވުންވެސް މާ ރަނގަޅެވެ.

"އެހެންވެދާނެތަ މަންމާ. ނިއަމް ގެއްލިދާނެތަ؟" ޒާރާ އެހިއެވެ.

"ޔޫކް ގެއްލުނު ފަދައިން ނިއަމް ގެއްލެން ހިތް ނުރުހެވޭ. އެކަން އެގޮތަށް ވިޔަ ނުދިނުމަށް އަހަރެން ކޮންކަމެއް ކުރެވޭނީ. އައްޔަ ކައިރީގަ ބުނާކަށް ނުކެރޭނެ ނުހާއަށް ދެން ފުރުސަތެއް ނުދޭށޭ" ޒާރާ ވާހަކަދެއްކިއެވެ.

"ކޮން ހައިސިއްޔަތަކުން ޒާރާ އެހެން ބުނާނީ" ހިމްނާ ބުންޏެވެ.

ޒާރާ ހިމްނާގެ އަތުން ދޫކޮށްލިއެވެ. ތެދެކެވެ. ޒާރާ އަކީ ކާކު ހެއްޔެވެ؟ ހަމައެކަނި އައްޔަގެ ރައްޓެއްސެކެވެ. ނުހާ އަކީ އެމީހަކާއެކު ހަޔާތުގެ ދަތުރުގައި އައްޔަ އާއެކު ބައިވެރިވި ފަޅުވެރިޔާއެވެ. ނިއަމް އަކީ އެ ދެމީހުން ލޯބިން އިންދި ގަހުގައި އެޅި މޭވާއެވެ. ކޮންމެގޮތަކަށް ބެލިނަމަވެސް އައްޔައަށް މުހިންމު ވާނީ ނުހާއެވެ. މިހާރު ގަބޫލުނުކުރާނަމޭ ބުނި ކަމުގައި ވިޔަސް ހެޔޮގޮތް ވިސްނި ނުހާ އެނބުރި އަތުވެއްޖެނަމަ އައްޔަ ނަގާނީ ނުހާއެވެ.

ޒާރާގެ ހަރަކާތްތަކަށް ބަލަން އޮވެފައި ހިމްނާ ވިސްނާލިއެވެ. ވާހަކަ ފެށުނީ ވަރަށް ރަނގަޅު ދިމާލަކުންނެވެ. އެ ހިސާބަށް އައުމަށްފަހު ވާހަކައިގެ ފުލްސްޓޮޕް ޖަހަން ހިމްނާ ބޭނުމެއް ނުވިއެވެ. މިހާރު ޒާރާ އެވަނީ އެ މަގު ކޮޅުގައެވެ. މަޑުމަޑުން ކުރިއަށް ގެނެވޭނީ ވާހަކަ އިތުރަށް ދައްކައިގެންނެވެ.

"ހާދަވަރަކަށޭ ތި ވިސްނަނީ" ހިމްނާ ބުންޏެވެ. ޒާރާ ދެ ފަރާތަށް ބޯހޫރާލިއެވެ.

"ދަރިފުޅު އަލީއާ އިންނަންވީނުން"

ޒާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އޭނާ ހިތަށްވެސް އެރިކަމެއް ނޫނެވެ. ހިމްނާގެ މޫނަށް ޒާރާ ބަލައިލިއިރު ހީވީ ބިރެއް ފެނިގެން ބަލައިލި ހެންނެވެ.

"އެއީ ހުރިހާކަމެއްގެ ހައްލު"

****

ދެ ވިސްނުމެއްގައި ހުރެފައި ފައްވާޒްގެ ނަންބަރަށް އައްފާން ގުޅިއެވެ. ފައްވާޒް އެތައް ފަހަރަކު ގުޅައިގެންވެސް އޭނާ ފޯނު ނުނެގިއެވެ. އެންމެފަހުން އައްފާން ގުޅީ ފޯނު ނުނެގުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުވާތިއެވެ.

"ތިގޭ ބޭރުގަ މިހުރީ. ނިކުމެބަ" ފައްވާޒް ބުންޏެވެ.

ފޯނު ކަނޑާލާފައި އައްފާނަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ. ފައްވާޒް މި ރަށަށްވެސް އައީ ހެއްޔެވެ؟ ކޯޗެއް ހޯދަން ހެއްޔެވެ؟ އައްފާން ގަޑި ބަލައިލިއެވެ. އަދި އެގާރަ ގަޑި ބައި ނުވެއެވެ. ފޯނު ނެގުނު މޮޔައެވެ. ބޭރަށް ނުނިކުތިއްޔާ ގެއަށްވެސް ވަންނާނެއެވެ. ކޮނޑުގައި އޮތް ޓީޝާޓު ގަޔަށް މަހަމުން އައްފާން ނިކުތީ ބޭރަށެވެ. ފައްވާޒް އައި ބޭނުމެއް ބަލަން އޭނާ ހުރީ ބޭނުންވެފައެވެ.

އައްފާން ބޭރަށް ނިކުތްއިރު ފައްވާޒް މަގުމަތި ޖޯލީގައި އިނެވެ. އައްފާން ފެނުމުން ކަންމަތީގައި ހުރި ކެފޭއަށް ވާހަކަދައްކާލަން ދިޔުމަށް ބުންޏެވެ.

"ހިނގާބަލަ. މިރަށު މީހުން ބަލާވަރުން ހީވަނީ ފިލްމުސްޓާރެއް އަރައިގެން އުޅޭހެން" ފައްވާޒް ބުންޏެވެ.

"ބަލާނެއްނު. އެންމެފަހުން ކުޅެފަ ދިޔަ ފިލްމު ހިޓްވި ކަމެއް ނޭނގޭތަ؟" އައްފާން ބުންޏެވެ. އެއީ މާބޮޑު ކަމަކަށް ނަހަދައި ފައްވާޒް ޖަހާލީ ހިނިގަނޑެކެވެ.

އައްފާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އެ އެންމެން ފައްވާޒަށް އެ ބަލަނީ އޭނާ މަޝްހޫރުވެގެނެއް ނޫނެވެ. އެ އެންމެންގެ ހިތުގައި ފައްވާޒްގެ މައްޗަށް އޮތް ފޫހިކަމެއްގެ ބޮޑުކަމުންނެވެ. ފައްވާޒާއެކު އައްފާން ހިނގައިގަތެވެ. ދާހިތަކުން ނޫނެވެ. އެއް އިރެއްގައި ފައްވާޒަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށްވެފައި ދާން ބުނި ކެފޭ ގޭ ކައިރީގައި ހުރުމުންނެވެ. އަނެއްކޮޅުން ފައްވާޒާއެކު ގޮސްގެން ނޫނީ އޭނާގެ ކިބައިން ސަލާމަތްނުވާނެތީއެވެ.

ވަގުތުގެ ގޮތުން ކެފޭ ތެރޭގައި މާގިނަ މީހުނެއް ނެތެވެ. ކެފޭތެރެ ވަރަށް އަމާނެވެ. ދެ ޒުވާނުން މޭޒެއް ކައިރީގައި އިށީނުމާއެކު ވެއިޓަރަކު ދެ ބިއްލޫރި ތައްޓާއި ފިނި ފެންފުޅިއެއް ގެނެސް ބެހެއްޓިއެވެ. ފެން ފޮދެއް ބޯލައިގެން އައްފާން ހިމޭނުން އިނުމުން ކަޅު ކޮފީއަށް އޯޑަރު ދިނީ ފައްވާޒެވެ.

"ކޮންއިރަކުން މިރަށުން ފުރަނީ؟" އައްފާން އެހިއެވެ. އެއީ އޭނާގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލެވެ. އޭނާ ބޭނުންވަނީ މިހާރުން މިހާރަށްވެސް ފައްވާޒް އެރަށުން ފުރާށެވެ.

"ހެނދުނު. އަހަރެން މިރަށުން ނުގޮސްގެންތަ ތިއުޅެނީ؟" ފައްވާޒް ބުންޏެވެ.

"މިރަށު މީހުން ބޭނުމެއްނުވާނެ ކަލޭ ރަށުތެރެއިން ފެންނާކަށް" އައްފާން ބުންޏެވެ.

ފައްވާޒް ފާޑަކަށް ހީލިއެވެ. އައްފާން ނުބުންޏަސް އެކަން އޭނާއަށް އެނގެއެވެ. ލިބުނު ފުރުސަތެއްގައި ފައްވާޒް އެރަށަށް އައީވެސް ދަންގަޑިއަކަށް ވުމުންނެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާ ބޭނުންވާނީ އެންމެ ފަހަރަކު ނަމަވެސް ޒާރާ ދެކިލާށެވެ.

"ކީއްކުރަން ތިއައީ؟" އައްފާން ބުންޏެވެ.

ނޭނގޭ ހިތް ނުތަނަވަސްވުމެއް އައްފާނަށް ލިބެމުން ދިޔައެވެ. ފައްވާޒް އެރަށުގައި ހުރުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާކަމެއް ނޫނެވެ. އަމުދުން ޒާރާއަށް ފެންނަ ހިސާބަށް ފައްވާޒް ދާކަށްވެސް އައްފާން ނޭދެއެވެ. ދެވަނަ ފަހަރަށް ފައްވާޒާ ވީ ދިމާލަށް ޒާރާގެ ހިތް ދީލާލުމަކީ ވުން ގާތްކަމެކެވެ. އެއަށް ވުރެ ބޮޑު ކަމަކީ ފައްވާޒްގެ ލޯތްބަށް އެދި ޒާރާ ތެޅިފޮޅިގަންނާނެއެވެ. ފައްވާޒް އެނބުރި އައީ ކަމަށް ހީކޮށް ބޭކާރު އުންމީދުތަކެއް ކޮށްފާނެއެވެ. އޭރުން އަނެއްކާވެސް ހަލާކުވެގެންދާނީ އެތައް ހިތްވަރެއްކޮށް ރާވަމުން އަންނަ ޒާރާގެ ހިތެވެ.

"ޒާރާ ދެކިލަން ބޭނުމީ. މިއައީވެސް އެގޭ ކައިރީގައި ވަރަށް މުގޯލި އަޅާފަ" ފައްވާޒް ބުންޏެވެ. ހީލާފައި އޭނާ ސިނގިރޭޓެއް ނަގައި ރޯކޮށްލިއެވެ. އައްފާންގެ ދެއަތް މުށްކެވުނެވެ. ޒާރާ ދެކެން ފައްވާޒަކީ ކާކު ހެއްޔެވެ؟

"ކީއްކުރަން ޒާރާ ދެކިލަނީ. އެއީ ކަލޭ ބޭނުންނެތިގެން ދޫކޮށްފަ ދިޔަ މީހާއެއްނު. މިހާރު ކީއްކުރަން ތިއުޅެނީ؟ ކޮބާ މާހީ؟" އައްފާން ބުންޏެވެ.

"މާހީއަށް ނޭނގޭނެ އަހަރެން މިރަށަށް އައިކަމެއް. އެހެންނޫނަސް އަދިވެސް މި ހިތުގެ ކަނެއްގަ ޒާރާ އިނދޭ. މާދަމާ ސްކޫލު ކައިރިއަށް ޖައްސާލާނަން އޭނާ ދާ ގަޑިއަށް" ފައްވާޒް ބުންޏެވެ.

"ބޭކާރުކަމެއް. ޒާރާ ރަށުގަ ނެތް" އައްފާން ބުންޏެވެ.

އައްފާން ހައިރާންވިއެވެ. އޭނާގެ ދުލުން ދޮގެއް ބޭރުވެގެން އެ ދިޔައީ ހާދަ ފަސޭހައިންނެވެ. ދޮގު ނަހަދައި އައްފާނަށް ކެތްނުވިއެވެ. ފައްވާޒް ކުރަން އެ އުޅޭ ކަންތައް އޭނާއަށް ކާމިޔާބުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން އޭނާ ހުރީ ބޭނުންވެފައެވެ. ލަދެއް ހަޔާތެއްނެތި އެ ދުލުން ޒާރާގެ ނަން ކިއީތީ ކުރިއަށް ވުރެވެސް ބޮޑަށް ފައްވާޒް ދެކެ ހިތްހަމަނުޖެހިފައެވެ.

"މާލޭގަ އޭ. ވަރަށް ސަކަރާތްތިވީ" ފައްވާޒް ބުންޏެވެ.

އަނގައިގެ ތެރެއަށް ގިނަކޮށްލި ދުންތައް ވަށްބޮޅެއްހެން ފަޒާގެ ތެރެއަށް ދޫކޮށްލާފައި ފައްވާޒް އައްފާނަށް ބަލައިލިއެވެ. އައްފާންގެ މޫނުމަތިން އޭނާއަށް ކަމެއް ހާމަވާން އުޅޭހެން ހީވާން ފެށުމުންނެވެ.

"ކަލޭ ނުހާ ވެސް ދޫކޮށްލީ. ކޮބާ ކަލެއާ މަށާ ތަފާތެއް. އެނގޭތަ މާހީ މެންގެއަށް އައިސް ނުހާ ރުއިވަރު. ނުހާ ބުނި މިރަށުން ކަލޭ ކަމެއް ފެށި ވާހަކަ. ނުވީތާކަށް ދަރި ވެސް ޖަހައިގަތީ"

އައްފާންގެ ރުޅި ހަމައިން ނެއްޓީ އެ ވަގުތުއެވެ. އައްފާން ފުންމައިގެން ތެދުވިއެވެ. އިތުރަށް ހިތްހަމަނުޖެހުން ފާޅުނުކޮށް ދެން އައްފާނަށް ކެތެއް ނުވާނެއެވެ. ފައްވާޒަކީ އެންމެ ގާތް ރަހްމަތްތެރިޔާއަށް ވީތީ އެއްޗެއް ނުބުނެ އެތައް ދުވަހަކު އޭނާގެ ދޫ ހިމޭނުން ބާއްވައިފިއެވެ. އެ ދުލުގައި މީހަކު ބާރަށް ހިފައި ދަމާއިރު ދެން ހިމޭނުން ނުހުރެވޭނެއެވެ.

"ކަލޭ ޒާރާގެ އެއްވެސް ކުށެއްނެތި ވަރިކޮށްލާފަ ދިޔައީ ހިލޭ އަންހެނަކާ ހެދި ހޭބަލިވެގެން. މޮޔަވެގެން ދީވާނާވެގެން. ވަހުޝީ ލޯތްބެއްވެގެން. ދޫކޮށްލާފަ ދިޔައިރު ޒާރާގެ ކައިރީގައި ގާތުންދޭ ތުއްތު ކުއްޖަކު އޮތްކަމެއްވެސް ކަލޭގެ ހަނދާނުގައި ނެތް. ހަގީގަތުގައި ޒާރާގެ އިއްދައިގެ މުއްދަތުގައިވެސް އެ ދެމައިންގެ ހުރިހާ ހަރަދެއް ބަލަހައްޓަންޖެހޭ މީހަކީ ކަލޭ. އެކަމުންވެސް ކަލޭ ބޯދަމައިގަތީ. ޒިންމާއިން ރެކިގަތީ. އިއްދައިގެ ހަރަދު ނުދީ އެ ފައިސާ ހަރަދުކުރީ ކަލޭގެ ލޯބިވެރިޔާ ހިތް ރުއްސުމުގަ. ކަލެއަށް އިހުސާސްވިތަ ޒާރާ އުޅުނު ހާލު. އެހެންމީހަކު ނަމަ ޒާރާގެ ނަން ދުލުން ކިޔަންވެސް ލަދުގަތީސް. ކަލޭ ބަހެއް ކިޔުމުގެ ކުރިން އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް ލަދުވެތިވެބަލަ"

އައްފާން ރުޅިއައިކަން އެނގުމުން ފައްވާޒް މޫޑު ގޯސްވިއެވެ. އޭނާ އައީ ކޮންމެހެން އައްފާން ރުޅިއަރުވައި ޒުވާބެއް ކުރާކަށް ނޫނެވެ. ހަމަޖެހިގެން ވާހަކަދައްކާލުމަށެވެ. މޭޒުމަތީގައި ހުރި އަޅިކެނޑި އެތީގެ ތެރެއަށް ސިނގިރޭޓް ފިލްޓަރުބުރި ކޮށްޕާލާފައި ގޮނޑީގައި ހަމަޖެހިލިއެވެ.

"ހަމަޖެހިބަލަ... އަހަރެން" އައްފާންގެ ކޮނޑުމަތީގައި ބޭއްވި ފައްވާޒްގެ އަތް އައްފާން ނެއްޓުވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟