ޒަހުރަބާންއާލަމާއި އޭނާއާއެކުގައި އައި މީހުންނާއެކު ކާޝިފު ހިނގައްޖެއެވެ. އަދި މުޅި ގޭތެރެއަށް މަރުގެ ހިމޭންކަމެއް ވެރިވެގެން ދިޔަ ކަހަލައެވެ. އެ ހިމޭންކަމުގެ ތެރެއިން މަޑުގިސްލުމެއްގެ އަޑު އިވެން ފެށީ އިރުކޮޅެއް ފަހުން ފަރުހީން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައި ތަޅުލި އަޑާއެކުގައެވެ. ބޭރު ބޮޑުކޮޓަރީ ސޯފާއެއްގެ ކަނުގައި އިން ނަރުގިސްއަށް އެ އަޑު އިވެމުންދިޔައީ ވޭނާއި ރިހުމުން ފުރިގެންވާ އަސަރުތަކެއް އެކުލެވިފައިވާ ރާގެއްގައެވެ. ކޮއްކޮގެ އެ ހާލަށްޓަކައި ކުރެވޭނެ އެއްކަމެއް މިފަހަރުވެސް ނަރުގިސްއަކަށް ނެތެވެ.
*****
"ފެންވަރައި ތައްޔާރުވެގެން ބޮޑުކޮޓަރިއަށް އާދޭ، މަންމަ ގޭ އެހެން މީހުންނާވެސް އެކުގައި ކާޝިފާ ވާހަކަ ދައްކަން ބޭނުންވާތީ،" ކާޝިފުގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަމުން ވަކީލާ ބުނެލިއެވެ.
ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ކުރިން ފަރުހީންގެ ގެއިން އައި ގޮތަށް ކާޝފު ވަދެ އެ އިނީ އޭނާގެ ކޮޓަރީ އެނދުގައި އިށީނދެއެވެ. ގޭތެރޭގައި ކަންތައް ވާން އުޅޭ ގޮތް އޭނާއަށް އެނގޭ ކަހަލައެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ، ސިކުނޑިއާއި ހިތް ރުއްސައި ހަމަޖައްސަނީ ކަހަލައެވެ.
"ކޮން ވާހަކައެއް އިތުރަށް ދައްކަން އޮތީ.... މަންމަމެން ހިތުން ވަރަށް މޮޅު ކަމެއް މިއަދު ތިކޮށްލީ..."
ކާޝިފުގެ އަޑުގައި ހުރީ ރުޅިވެރިކަމާއި ނުރުހުންތެރިކަމެކެވެ.
"މޮޅުކަމެއް ކުރީ ކާޝީ ދޯ، އެހެންވީމަ އެކަމުގެ އުފާފާޅުކުރުން އޮންނާނެކަން ކާޝީ ގަބޫލު ކުރަންޖެހޭނެއެއްނު...." ވަކީލާވެސް ވާހަކަދެއްކީ ކާޝިފު ވާހަކަދެއްކި ގޮތަށް ފޫއްސާއި ނުރުހުންތެރިކަމާއެކުގައެވެ.
"މިހާރު ދެން ތިހިރީ ގެއަށްވެސް އައިހެއްނު، ގޮތްދޫކޮށް މަންމަ ދައްކާ ވާހަކައެއްވެސް އަޑު އަހާލަން ވާނެ، ދޭ ތައްޔާރުވެގެން އަންނަން،"
ވަކީލާ އިތުރަށް އެ ކޮޓަރި ތެރޭ މަޑު ނުކޮށް ނުކުމެގެން ހިނގައްޖެއެވެ. އަދި ކާޝިފު ފޫއްސާއި ނުރުހުންތެރިކަމާއެކު ތެދުވެގެން ގޮސް ފާހާނާއަށް ވަދެއްޖެއެވެ.
މިއަދު އާޝިޔާނާމަހަލް އަށް ބިންހެލުމެއް އަންނާނެކަން އެންމެނަށްވެސް އެނގެއެވެ. އެހެންކަމުން އެންމެންވެސް ޒަހުރަބާން ބުނި ގަޑިއަށް ބޮޑުކޮޓަރިއަށް ނުކުތުމަށް ސަމާލުކަންދިނެވެ. މި ހާއްސަ ބައްދަލުވުމަށް އުލާ ގެނައުމަށް ބޭނުންވިޔަސް އުލާގެ ހާލު ދެރަކަމުން އޮތީ އެނދުމަތި ކުރެވިފައެވެ. އައިވީ ގުޅާފައި ނިންދަވާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވައިފައެވެ. އުލާ އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި އިން ޝިއްޔަތުގެ ލޮލުން ފެންނަނީ ވަރުބަލިކަމާއި މާޔޫސީގެ އަސަރުތަކެވެ. އޭނާގެ މޭގެ އެތިކޮޅު ހަލާކުވެ ނިމިދަނީއެވެ. އެ ދަރިފުޅު ސަލާމަތްކުރަން ކުރާނެ އެއްވެސް ކަމެއް އޭނާއަކަށް ނުވިސްނެއެވެ.
ގަޑި ބަލައިލާފައި ޝިއްޔަތުވެސް ބޮޑުކޮޓަރިއަށް ދިއުމަށް ތައްޔާރުވެލިއެވެ. ބުރުގާ ރީތިކޮށްލަމުން ދާން ހިނގައިގެންފައި ދެންވެސް ޝިއްޔަތަށް ބަލައިލެވުނީ އޭނާގެ ލޮބުވެތި ދަރިފުޅުގެ މޫނަށެވެ. އެއްވެސް އުޖާލާކަމެއް ނެތި މޯޅިވެފައިވާ އުލާގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްދަތިކަމާއި މާޔޫސީގެ އަސަރެވެ. ހިންދިރުވާލަމުން ފުންނޭވާއެއް ލުމަށްފަހު ޝިއްޔަތު ބޭރަށް ނުކުތީ އާ ހިތްވަރަކާއެކުގައެވެ. މިއަދު ގޭގައި ބާއްވަން އެ އުޅެނީ ކޮންކަމަކާ ގުޅިގެން ކީއްކުރަން ބާއްވާ ބައްދަލުވުމެއްކަން އެކަކު ނުބުނިކަމުގައިވިޔަސް ޝިއްޔަތަށް ވިސްނެއެވެ. އެހެންކަމުން އެތަނަށް ނުކުންނަން އިތުރު ހިތްވަރަކާއި ބާރު ބޭނުންވާނެކަންވެސް އޭނާއަށް އެނގެއެވެ.
ފެހިކުލައެއްގެ އަތްދުށް އެޅި ފުޅާ ބޮޑު ހެދުމެއް ތުރުކުރައްވައިގެން މަސަންދުގެ ބޮޑުބާލީހުގައި އަރިއަކަށް ލެގިލައިގެން އިން ޒަހުރަބާންއާލާމްގެ މޫނުމަތިން ފެންނަނީ ހަރުކަށި އަދި ރުންކުރު އަސަރުތަކެކެވެ. މިއީ މިއާއިލާގެ އެންމެންގެ ހާޒިރުގައި ބޮޑު ނިންމުމެއް ނުވަތަ އެންގުމެއް އިއުލާން ކުރުން ފަދަ ބޮޑު ބައްދަލުވުމެކެވެ.
އާއިލާގެ އެންމެންހެން ހަމަވެއްޖެއެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔަ ކާޝިފުވެސް ބޮޑުކޮޓަރިއަށް އެންމެ ފަހުމީހާގެ ގޮތުގައި ނުކުމެއްޖެއެވެ.
"އާދޭ.... ކާޝީ.... މިތަނަށް އާދޭ، އަދިވެސް މިއީ ކާޝީގެ އަމިއްލަ ގެއޭ،" މާމަގެ އަޑުގައި ވެސް ހުރީ ހިތާމައިގެ އަސަރެވެ. ކިތަންމެ ހަރުކަށިވެގެން އިނަސް ކާޝިފަކީ ޒަހުރަބާންގެ ބަލިފައިކަން އެއީ އެންމެންވެސް ދަންނަ ބޮޑު ސިއްރެކެވެ. ކާޝިފަށް ބާރަށް ބަހެއް ބުނެފައި އަމިއްލައަށް އެކަމާ ޒަހުރަބާން އަބަދުވެސް ދެރަވެއެވެ. ކުޑައިރު ކޮށްލާ ލާނެތް ކަންތަކަށް އަދަބު ދިނުމަށްފަހު ކާޝިފު ރޯރުއިމަށްވުރެ ޒަހުރަބާންގެ ހިތަށް ކުރާ އަސަރު މާބޮޑެވެ. މިއަދަކީވެސް އެކަހަލަ ދުވަހެކެވެ. އަމިއްލަ ދަރިންނަށްވުރެ ބޮޑަށް ޒަހުރަބާން ލޯބިވާ މާމަދަރިފުޅު ނޭދޭ ކަމަކަށް މަޖުބޫރު ކުރަން އޭނަ ނިންމައިގެން އިން ދުވަހެކެވެ. އަދި އެކަމުގެ ހިތާމަ މިހާރުވެސް އޭނާ އެދަނީ ކުރަމުންނެވެ.
"މާމަގެ ރަންދޫންޏާ، ކުޑަކުދިން އަތުން ގޯސް ހެދޭނެ، މާމަ ދަރިފުޅަށް މާފު ކޮށްފީމޭ، މިހާރުދެން ހިނިތުންވެބަލަ،"
ކާޝިފު ގެނެސް މަސަންދުގެ އެއްފަރާތުގައި ބައިންދަމުން ޒަހުރަބާން ބުނެލިއެވެ.
"މާފު ކޮށްފީމޭ... އެހެންވިއްޔާ ކީއްވެ ހީނާ ނުގެނައީ...؟" ކާޝިފު ހައިރާންވެފައި އަހާލިއެވެ.
"އޭހ މީނދަ އަހަރެންގެ މޮޔަ ދަރިފުޅާ، ދަރިފުޅާ އެ އަންހެންމީހާއާ އޮތް ގުޅުމެއް ނަމަ އެއީ އަހަރެމެން ގަބޫލު ނުކުރާ ނަޖާއިޒު ގުޅުމެއް، ދަރިފުޅުގެ މުސްތަގުބަލު އޮތީ މިގޭގެ ހަތަރުފާރުން އެތެރޭގައި، ދަރިފުޅުގެ އަނބިމީހާ އެއޮތީ ޖެހިގެން މިހިރަ ކޮޓަރި ތެރޭ ބަލިވެފަ. ތަނަކުން ފެންނަ ބީރައްޓެހި ޖާހިލުން މިގެއަށް ގެންނަން މާމަ އެއްބަސްވާންވީ ކީއްވެ؟"
ޒަހުރަބާން އަޑުގައި ހަރުކަށި ކަމެއް ހުއްޓަސް ބެލީ ވީހާވެސް މަޑުމައިތިރިކޮށް ވާހަކަދެއްކޭތޯއެވެ. ކާޝިފުގެ މޫނުމަތިން ރުޅިވެރިކަމާއި ފޫހިކަން ފާޅުވެގެންދިޔައެވެ.
"އަނހާ، މާމަ ތި ވާހަކަ ދައްކަންތަ މިތަނަށް އެންމެން އެއްކުރީ، އަހަރެންގެ ގަސްތު ބަދަލުވާނެހެން ހީވުމަކީވެސް ބޮޑު ގޯހެއް، ފަހަރެއްގައިވެސް މިއަދާ ހަމައަށްވެސް އަހަރެން ބޭނުން ކަމެއް، އެކަމަކަށް ގަސްތު ކުރުމަށްފަހު ދުވަހަކުވެސް ބަދަލުވި ތަން ފެނުނުތަ...؟ މާމަ ގޮތުގައި ހުންނަންޏާ އަހަރެންވެސް ހުންނާނީ މާމައާ އެއްގޮތަކަށް، އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް މާމައަށް...."
ކާޝިފުގެ އަޑުގައި ހަރުކަށިކަމެއް ނެތެވެ. އެހެންނަމަވެސް އެ އަޑުގައި ހަރުގޮތެއް ހުރިކަން ޔަގީނެވެ. ވަކީލާއާއި ޝިއްޔަތަށް އެކަކު އަނެކަކަށް ބަލާލެވުނީ ސުވާލާއި ޝަކުވާގެ ނަޒަރަކުންނެވެ.
"ގަސްތު ބަދަލު ކުރާކަށް ނުބުނަން، ގަސްތު ކުރި ކަމެއް ވާނީ ކުރަން، އެހެންވެއެއްނު މި ކިޔަނީ ގަސްތު ކުރި ކަންތައް ކުރާށޭ، ބަލަ އުލާއަކީ ކާޝިފު ގަސްތުގައި އެނގިހުރެ، ޔަގީންކަމާއެކު ކުރި ކަމެއް ނޫންތަ؟" ޒަހުރަބާން ހަމަޖެހިލަމުން ވާހަކަދެއްކިއެވެ. އޭނާއަށް ވާން ޖެހޭ ގޮތާއި ވާނޭ ގޮތް ފެންނަ ކަހަލައެވެ.
"އުލާ އޭ....!؟" ކުއްލިއަކަށް ކާޝިފަށް ވަށައިގެން ބޮޑުކޮޓަރީގައި ތިބި އެކިމީހުންގެ މޫނަށް ވަކިވަކިން ބަލައިލެވުނެވެ. އުލާ.... އުލާއެއް ނެތެވެ. އެކަމަކު..... މިފަދަ މަޖިލިހެއްގައި އުލާ ނެތީ ކީއްވެގެން ހެއްޔެވެ. ކޮންމެވެސް ގޯހެއްގެ ވަސް ކާޝިފަށް ދުވީ އެ ހިސާބުންނެވެ. އޭނާގެ ހަވަނަ ހިއްސު އެތަނުން ފިލައިގެން ދިއުމަށް ބާރަށް ގޮވަން ފެށިއެވެ. ހާސްވެގެން ގޮސް ބޮލުގެ އިސްތަށިތަކުގެ ތެރެއަށް އިނގިލިތައް މަހާލައި ކުޑަކޮށް އިސްޖަހައިލެވުނުމެއެވެ.
ޝިއްޔަތަށް މި ހުރިހާ މަންޒަރެއްވެސް ފެނެއެވެ. އޭނާގެ ތަޖުރިބާ ހުރި ލޮލަށް ކިތަންމެހާވެސް ރީއްޗަށް ކާޝިފަށް އެ އަންނަން ފެށި ބަދަލުތައް ފާހަގަކުރެވުނެވެ. ކާޝިފުގެ މޫނުމަތިން ހާސްކަމުގެ ދާ ތިކިތައް ފެންނަން ފެށުމުން ޝިއްޔަތަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
"އަހަރެމެން އާއިލާގެ ދަރިންނަށް މިނިވަންކަމާއި އިހުތިޔާރު ދެނީ އިތުބާރު ކުރާތީ، އަދި ކާޝިފަށް އެހެން ހުރިހާ ކުދިންނަށްވުރެ ބޮޑަށް މިނިވަންކަން ދިނިން، އެއީ އެހެން ކުދިންނަށްވުރެ ކާޝިފު ހާއްސަވީމަ، އެހެންކުދިންނަށްވުރެ ބޮޑަށް އިތުބާރާއި ޔަގީންކަން ދެވިފައި އޮތީމަ..... މިނިވަންކަމާއި އިހުތިޔާރު ދިނަސް އަހަރެން ހުއްދަ ނުދޭ ކަމެއް އޮންނާނެ، މި އާއިލާގެ އުސޫލުތަކާއި އާދަކާދަތަކަށް އިހުތިރާމު ކުރަން ހަނދާން ނެތިގެން ނުވާނެ. އަހަރެން ހުރިހާ ކަމެއްވެސް ގަބޫލުކޮށްފާނަން، އެކަމަކު ގޭގެ އަބުރު ވެއްޔާމޮޑެ، އާއިލާގެ އިއްޒަތާއި ގަދަރު ހަޑިވެގެންދާކަށް ހުއްދައެއް ނުދެވޭނެ..."
ޒަހުރަބާންގެ އަޑަށް ހަރުކަށިކަން އަންނަން ފަށައިފިއެވެ. ވާން އުޅެނީ ކީއްކަން އެނގި ތިބި ވަކީލާއާއި ޝިއްޔަތަށް އެކަކު އަނެކެއްގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. ބޮޑުކޮޓަރިތެރޭގައި ތިބި އެންމެންގެ ހިތްތައްވެސް ބާރަށް ތެޅެން ފެށީ ޒަހުރަބާންގެ ރުޅިވެރި ޝަހުސިއްޔަތު އެނގި ތަޖުރިބާ ކުރެވިފައިވާތީއެވެ.
"އަމުދުން ކާޝިފު ކޮށްފައި ތިހިރީ އަހަރެން ފަހަރެއްގައިވެސް ރުހޭ ފަދަ ކަމެއް ނޫން، ހަމައެކަނި އަހަރެންގެ އަމުރާ ނުލައި އަމިއްލަ ގޮތް ހެދީއެއް ނޫން، މި އާއިލާގެ އިއްޒަތަށް ވެސް އަތްފޯރުވީ، އަހަރެމެންނަކީ މުސްލިމުން، ހައްދުފަހަނަ އަޅައި ދާ ގުޅުންތަކަކީ އަހަރެން ފަހަރެއްގައިވެސް ހުއްދަދޭނެ ކަމެއް ނޫން، މި އާއިލާގެ ނަން ކީ ހިސާބުން ވެސް ކާޝިފުމެންގެ ފޮތުގައި ތި އޮންނަ ކަހަލަ "ލަވް ޗައިލްޑް" އެއް ނުހުންނާނެ، އެފަދަ ކުދިންގެ ކުށެއް ނެތަސް އެކުދިންނަށް މުޖުތަމައުގެ ގަދަރަކާއި ލޯތްބެއް ނުލިބޭ، އެއީ ކީއްވެ، އެ ކުދިން ނުކުރާ ކުށަކަށް ކުށްކުރި މީހުންނާ ހެދި އަދަބު ލިބެނީ، އަހަރެން އެވަރުގެ ކަމަކަށް ހުއްދަ ދޭނެހެން ކާޝިފަށް ހީވީ ކީއްވެތަ....؟"
ޒަހުރަބާންގެ ފަހު ދެބަސް އަޑަށް އިތުރުބާރެއް ލާފައި ބުނުމާއެކުހެން ކާޝިފުގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
"އުލާއަށް އެހެން ހަދަން ކާޝިފުގެ ހިތަށް އެރީތީވެސް އަހަރެން ހަމަ އަޖައިބުވަން، ބަލަ ކޮންތާކުން ކާކު ދަސްކޮށްދިންހާ އުޅުމަކާއި އަހުލާގެއްތަ؟"
ކާޝިފުގެ ހިތް ބާރަށް ތެޅިގަތެވެ. އަސްތާއެވެ. ވެގެން އުޅޭ ކަމަކީ މިއީ ހެއްޔެވެ. އެކަމަކު އެއީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ. ނޫނެކެވެ، އެހެން ވެދާނެއެވެ. ސަބަބުތައްވެސް އެބަހުއްޓެވެ. އެހެންވިއްޔާ އުލާ އޭނާއަށް ނޭންގީ ކީއްވެހެއްޔެވެ. މިވާހަކަ އޭނާ ގާތު އުލާ ބުނީ އަރަތެއް ކިޔާ ކަހަލަ ގޮތަކަށެވެ. އެގޮތަށް ކިޔައިގެން އޭނައަށް ވިސްނިދާނެކަމަށް އުލާ ހީކުރީވެސް ކީއްވެ ހެއްޔެވެ.
ވީކަމެއް ވީ ގަދަބާރަކުން ނޫނެވެ. އަދި އެއީ އޭނާ އަމިއްލައަށް އެދިގެން ބުނެގެން ނުވަތަ އޮޅުވައިގެން އަމިއްލައަށް ބޭނުންވެގެން ކުރި ކަމެއް ނޫނެވެ. އޭރު އޭނާއަށް އުލާ ރީއްޗެވެ. ކަމުދެއެވެ. ހަޔާތުގެ ވާނީ ބައިވެރިޔާކަންވެސް އޭނާ ހުރީ ގަބޫލުކޮށްގެންނެވެ. އެކަމަކު ޅަގޮތްގަނޑު ނުކެނޑި ހުރި އުލާގެ އާދަތަކުގައި އޭނާއަށް މާބޮޑު ހިތްހަމަޖެހުމެއް ނެތްކަން ޔަގީނެވެ. އުލާގެ ރަކިވުމާއި އޮޅިގަތުމާއި އުނގަށް ވެއްޓިގެން އަމިއްލަ ނަފުސު ބޭނުންގޮތަކަށް ހުށަހެޅުމުގައި އެއްވެސް މަސްތެއް ކާޝިފަކަށް ނެތެވެ. ތެދަށް ބުނަންޏާ އުލާ އަކީ ހިހޫވެފައި ހުރި ބުއިމެކެވެ. ފިނިކަމެއްވެސް ހޫނުކަމެއްވެސް ނެތެވެ. ތާފަނާ ފެން މީރުވެގެން ބޯނީ ކާކު ހެއްޔެވެ. ނުވަތަ ފިނި ދުވަހެއްގައި ހޫނު ބުއިމެއް، ހޫނު ދުވަހެއްގައި ފިނިބުއިމެއް ބޭނުންވާ މީހަކަށް ހިހޫވެފައި ހުރި ބުއިމެއް މީރުވާނެ ގޮތެއް ނޯންނާނެއެވެ.
"އަހަރެން އަމިއްލައަށް ބޭނުންވެގެން ކުރި ކަމެއް ނޫން،" އެންމެ ފަހުން ކާޝިފު ބުނެލިއެވެ.
ކާޝިފުގެ މި ބަސްތައް ތޫނު ހަންޖަރެއްހެން ގޮސް ހެރުނީ ޝިއްޔަތުގެ މެއަށެވެ. މަންމައާ ދެކޮޅަށް ނުވަތަ މަންމަގެ މަޖިލިހެއްގައި އިސްވެ ހޭވެސް އަހާނުލައި ހިމޭނުން އިންނަ ޝިއްޔަތުގެ މައިލަގޮނޑި ފަޅައިގެން ދިޔައީ ހުރިހާ ހުރަހެއް ހުރަސްކޮށް ސީދާ މައިދާނަށް ނުކުތުމަށް ހިތްވަރު ދެމުންނެވެ. ލޯބިވާ ދަރިއަކަށް ދެރަގޮތެއް ވެ އެ ދަރި ނިމިގެންދާތަން ދެކޭކަން އެއްވެސް ލޯބިވާ މައެއްގެ ހިތް ކެތެއް ނުކުރާނެއެވެ.
"އެހެންތަ.... ދެން އެންމެ ރަނގަޅު، ބޭނުންވީ، ކުރުވީ، އަދި ކޮށްދިނީވެސް އަހަރެންގެ ދަރިފުޅު، ބޭނުން ނުވާނަމަ އެހެން ވާންވީ ކީއްވެ؟ ބޭނުންނުވި މީހެއްގެ ދަރިއަކަށް އަހަރެންގެ އުލާ ބަލިވެ އެ އިނީ ކީއްވެ، އެއީ އޭނާ އެކަނި އަމިއްލައަމިއްލައަށް ކުރި ކަމެއްތަ...؟"
ކާޝިފަށް ފުރަތަމަ ފަހަރަށް ޝިއްޔަތުގެ ދެލޮލުން ރުޅިވެރިކަން ފެނުނެވެ. އަބަދުވެސް ހިނިތުންވެ، އުފާވެފައި ހުންނަ ނުހަނު ހަމަޖެހޭ ޝީއްތަގެ މޫނުން ކާޝިފަށް އެ ފެނުނީ އެހެންޏާ ނުފެންނަ ކަހަލަ އަސަރެކެވެ. އަދި އެންމެ ފަހަށް ޝިއްޔަތު އެ ބުނި ބަސްތަކާއެކު ކާޝިފަށް ކޮޅަށް ތެދުވެވުނެވެ. ކަންތައް މިހާ ބޮޑަށް ގޯސްވެގެންދިޔައިރު އޭނައަށް ރޭކާވެސް ނުލައެވެ. އެވަގުތު ކާޝިފުގެ ހިތުގެ ސްކްރީނުން އުލާގެ މޫނު ފެނިލައިފިއެވެ.
"މިވަރު ވީއިރުވެސް އެކަކަށްވެސް އަހަންނަށް އަންގަން ނުކެރުނުތަ....؟"
ކާޝިފު އަހާލިއެވެ.
"އަންގާށޭ. އަންގަން ޖެހޭތަ؟ ބަލަ މިގޭ ހަތަރުފާރުން އެތެރޭގައި ހިނގާ އެއްވެސް ކަމެއް ނޭނގި ހުރި މީހެއް، އެހެން ދުނިޔެއެއްގައި އުދުހި އުދުހި ހުރި މީހަކަށް އަންގާނެ ވަކި އިތުރު އެންގުމެއް އޮންނާނެތަ؟"
ޒަހުރަބާން ނުރުހުންތެރިކަމާއެކު ބުންޏެވެ.
"އުލާ.... އުލާ.... ކޮބާ....؟!"
ކާޝިފު ދުއްވައިގަތީ އުލާ އޮތް ކޮޓަރިއާ ދިމާއަށެވެ. އެގޮތަށް ކާޝިފު ތެދުވެގެން އެކޮޓަރިއަށް ދާނެ ކަމަކަސް އެއްވެސް ވަރަކަށް ހިތަށްވެސް ނާރައެވެ. އެކަމަކު ކާޝިފު ހުއްޓުވަން އުޅުނު ޝިއްޔަތަށް ޒަހުރަބާން ކޮށްލީ ބޯ ހޫރާލުމަކުން ނޫނެކޭ ބުނާކަހަލަ އިޝާރާތެކެވެ.
"އުލް...."
އުލާ އޮތް ކޮޓަރިއަށް ވަނުމާއެކު ކާޝިފަށް ހުއްޓުން އެރިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ރީތި އުލާގެ މުޅި މޫނާއި ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލު ފެނުމުން ހަގީގަތުގައިވެސް ކާޝިފަށް އަސަރުކޮށްފިއެވެ.
(ނުނިމޭ)