ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 30

5

އައްފާން ހަމަޔަކަށް އެޅުނީވެސް ހުންނަ ގޭ މަގަށް އެޅުނު ފަހުންނެވެ. ހިނގާފައި އައިއިރު ބައެއްފަހަރު ޒާރާގެ ކޮނޑުމަތީގައި އަތް ބާއްވާލާފައި ކުރިއަށް ކޮށްޕާލާ އުސޫލުން ހިނގުން ބާރުކޮށްލައެވެ. ގެއާ ހަމަޔަށް އާދެވެންދެންވެސް އެކަކުވެސް އަނގައިން ނުބުނެއެވެ. އައްފާންގެ ހަރަކާތްތައް ހުރިގޮތުން ޒާރާ ހައިރާންވެސްވިއެވެ. އެކަމަކު ސުވާލެއް ނުކުރެއެވެ.

"ޒާރާ ދާންވީނުން ނިދަން" ގޭތެރެއަށް ވަދެފައި އައްފާން ބުންޏެވެ.

ކޮޓަރީ ދޮރާ ހަމައަށް ގޮސްފައި ޒާރާ މަޑުޖެހުނެވެ. އައްފާނަށް ބަލައިލިގޮތުންވެސް އެއްޗެއް ބުނަން އުޅުނުހެން އައްފާނަށް ހީވިއެވެ.

"ކިހިނެއްވީ؟" އައްފާން އެހިއެވެ. ހިތަށް އެރީ ޒާރާ ސުވާލުކުރާނީ ދެންމެ އޭނާއަށް އުޅެވުނު ގޮތާ ގުޅޭގޮތުން ކަމަށެވެ. އެހެންނަމަވެސް ޒާރާ ކުރީ އެހެން ސުވާލެކެވެ. އޭނާ ނިދަން ވައްދާއިރު އައްފާން ނިދަނީ ކޮންތާކު ހެއްޔެވެ؟ އައްފާނަށް އައިސްފައި އެވަނީ ކޮން ބަދަލެއް ހެއްޔެވެ؟

"ކިހިނެއްވީ؟" އެތެރެއަށް ނުވަދެ ޒާރާ ހުއްޓި ހުރުމުން އަނެއްކާވެސް އައްފާން އެހިއެވެ.

"އައްޔަ ނިދަނީ ކޮންތާކު؟"

"ކޮންމެސް ތަނެއްގަ" ހީލަމުން އައްފާން ބުންޏެވެ.

" ޒާ ވަދޭ. ހެނދުނާ ފުރަންވެސް ޖެހެއެއްނު" އައްފާން ބުންޏެވެ.

ޒާރާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން އައްފާން ހަށީފުރާ ނޭވައެއް ލިއެވެ. އަނދިރިކަން ވެރިވެފައިވާ ގޯތިތެރޭގައި ހުރި ޖޯއްޔާ ދިމާލަށް އޭނާ ހިނގައިގަތެވެ. މުޅި ރޭގަނޑު އޭނާ ހޭދަކުރަން ޖެހޭނީ އެ ޖޯލީގައެވެ. އޭނާއަށް ނިދަލަން ލިބުނު ތަނަކީ އެ ޖޯއްޔެވެ. ޖޯލީގައި އޮށޯވެލާފައި އޭނާއަށް ކަންތައްތައް ވީގޮތާ މެދު ވިސްނާލެވުނެވެ.

"އަހަރެން ކީއް މިކުރީ؟" އަމިއްލަ ހިތާ އައްފާން ސުވާލުކޮށްލިއެވެ.

"ފަވާއަށް ޒާރާ ފެންނަން އަހަރެން ބޭނުންނުވީ ކީއްވެ؟ ފަވާއަށް ޒާރާ ފޮރުވީ ކީއްވެ؟ ޒާރާ އަދިވެސް ލޯބިވަނީ ފަވާ ދެކެ. ވީއިރު އެހާ ދުވަހަށްފަހު ޒާރާ ހުރި ފަސްގަނޑަށް ފަވާ އައުމުން އެ ވާހަކަ ޒާރާ ކައިރީގައި ނުބުނެވުނީ ކީއްވެ؟ ޒާރާ ފައްވާޒް ދެކިލަން ބޭނުންވޭތޯ ނުވަތަ ނޫންތޯ ޒާރާ ކުރެން އަހައި ހިޔާލު ނުހޯދީ ކީއްވެގެން ހެއްޔެވެ؟ މިކަން އެނގޭ ދުވަހަކުން ޒާރާ ކިހާ ރުޅިއެއް އަންނާނެ"

އައްފާނަކަށް ނުވިސްނުނެވެ. އޭނާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. ފައްވާޒް ފެނި ޒާރާގެ ދެ ލޮލުން ކަރުނައެއް ވެއްޓޭ ތަން ބަލަން އޭނާ ބޭނުންނުވާކަމެވެ. ޒާރާއާ ވާހަކަދެއްކުމަށް އައްފާނަށް ފުރުސަތުދޭން އޭނާ ބޭނުންނުވާކަމެވެ.

ރޭގަނޑު ބާރަޖަހައި ބޮޑުވެއްޖެއެވެ. ހަނދު އައިސް އުޑުމެދުގައި ޖެހިއްޖެއެވެ. މުޅި ގޯތިތެރެއަށް ހަނދުވަރުގެ ޖާދޫވީ އަލިން އުޖާލާކަން ގެނެސްފިއެވެ. ގޯތިތެރެއިން ދިރޭ ފުރާނައެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އައްފާންގެ ހިތުގައި ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. އިރުއެރުމާ ދެމެދު އަދި ވަރަށް ވަގުތު އެބައޮތެވެ. ފޯނު މޭމަތީގައި ބޭއްވީ ފޯނާ ކުޅެކުޅެ ފޫހިވެގެންނެވެ. ތަންކޮޅެއް ދުރުގައި ހުރި ބޯގަސްތަކަށް ނަޒަރު ސީދާކޮށްގެން އޮވެފައި އޭނާ ދެލޯ މަރާލިއެވެ. ފޯނު ވައިބްރޭޓް ވާން ފެށީ ކުއްލިއަކަށެވެ. ސިހުނުވަރުން ހީވީ މުޅި ހަށިގަނޑަށް ގުޑުން އަރައިގެންދިޔަ ހެންނެވެ. ފޯނަށް އަރާފައި އިން ޒާރާގެ ނަން ފެނިފައި އައްފާން ފުންމައިގެން ތެދުވިއެވެ.

"ޒާ... ކަމެއްވީތަ؟" އައްފާން ބުންޏެވެ.

"ކޮންތާކު؟" ޒާރާގެ އަޑު އައީ މަޑުމަޑުންނެވެ.

"ޖޯލީގަ. ކޮޓަރި ފެންނަ ހިސާބުގަ. ކަމެއް ބޭނުންވީތަ؟" އައްފާން ބުންޏެވެ.

ކުއްލިއަކަށް ޒާރާ ފޯނު ކަނޑާލިއެވެ. އެވީގޮތެއް އައްފާނަށް ނޭނގުނެވެ. ޒާރާ ހިތްހަމަނުޖެހުނީ ހެއްޔެވެ؟ ކޮޓަރީ ދޮރުހުޅުވާލި އަޑު އިވުނީ ވީގޮތެއް ނޭނގި އޭނާ ފޯނަށް ބަލަހައްޓައިގެން އިންދައެވެ. ދެން ފެނުނީ ކޮޓަރި ދޮރު ލައްޕާލާފައި އޭނާ އިން ދިމާލަށް ޒާރާ ހިނގައިގަތްތަނެވެ. އޭނާ އިނީ ބަލަހައްޓައިގެންނެވެ. ކަޅުކުލައިގެ އަތްދިގު ގަޔަށް ދޫ ޓީޝާޓުގައި ޒާރާ ފެންނަގޮތް ކިހާ ލޯބި ހެއްޔެވެ؟ އޭނާ އިނީ އެހެން ދިމާލަކަށް ކަޅިޖަހާލަންވެސް ނޭނގިފައެވެ. އާންމުކޮށް ލައި އުޅޭ ހެދުންތަކަށް ވުރެ ޓީޝާޓު ކުރެވެ. އެހެންނަމަވެސް ބުޑު ނިވާވެއެވެ. ތިރިން ލައިގެން ހުރީ އޭނާ އެ ރަށަށް އައިއިރު ލައިގެން އައި ހެދުމާއެކު ލައިގެން ހުރި ނޫކުލައިގެ ސްކިނީއެވެ. ތަފާތުކޮށް ޒާރާ ހުއްޓައި ފެނުމުން އޭނާ ތަލިން ކުޅު ހިކި އާޝޯހުވެފައެވެ.

"އޭރުވެސް ހީވި މިތާއޭ އިންނާނީ" ގަހެއްގައި އެލުވާފައި ހުރި ޖޯލީގައި އިށީންނަމުން ޒާރާ ބުންޏެވެ. އެ ޖޯލީ ހުރީ އައްފާން އިން ޖޯއްޔަށް ވުރެ ތަންކޮޅެއް ދުރުގައެވެ. ޖޯލީގައި ޒާރާ އިށިން އިރުވެސް އައްފާންގެ ކަޅި ޒާރާ އިން ނުނެއްޓެއެވެ. އައްފާން އެ ވަރަށް ބަލާކަން އެނގުމުން ޒާރާ މިފަހަރު ވަރަށް ބޮޑަށް ލަދުގަނެއްޖެއެވެ. ހުއްޓާލާކަށްވެސް ނޫޅުނު ވިއްޔާއެވެ؟

"އަހަރެން ބުނީ....؟؟"

"އެނ....؟ ޒާ އެއްޗެއް ބުނިންތަ؟" އައްފާން ސިހުނެވެ. ކޮންޓްރޯލް އަތުން ދޫވެގެން ދާހެން ހީވުމުން މިފަހަރު އައްފާން ރަކިވެއްޖެއެވެ. އެކަމަކު އެކަން ޒާރާއަށް އޭނާ ނުދައްކައެވެ. ޒާރާ އިސްޖަހާލަމުން ހީލިއެވެ. އައްފާން އެ ވަރަށް ބެލި ސަބަބެއް އޮޅުންފިލުވާކަށް އޭނާ ނޫޅުނެވެ.

"އަހަރެން ބުނީ އޭރުވެސް ހީވިއޭ މިތާއޭ އައްޔަ އިންނާނީ" ކުރިން ބުނެލި ޖުމްލަ ޒާރާ ތަކުރާރުކޮށްލިއެވެ.

"މިއީ އަހަރެންނަށް ލިބުނު ކޮޓަރި" ހީލާފައި އައްފާން ބުންޏެވެ.

ބަދިގެކާގޭ ކުރިމަތީގައި އޮތް ހޮޅިބުރީގެ އައްޔާއި ހަނދުވަރުގެ އަލި ބޯ ގަސްތަކުގެ ތެރެއިން ފުރޭނިގެން އައިސް ބިމާ ހަމަވެފައި ހުރުމުން އެ ސަރަހައްދަށް އައްޔެވެ. އެހެންނަމަވެސް ޖާގަ ބޮޑު ގޯތީގެ ވަށައިގެން ހުރި ބޮޑެތި ރުއްގަސްތަކުގެ ހިޔަނި އެކަތި އަނެކައްޗާ އެއްވެ އަނދިރިކަން ވެރިވެފައި އޮތުމުން ޒާރާގެ ހިތަށް ސިފަވީ އަރައި ކާއެއްޗެއްގެ ގޮތުގައެވެ. ޒާރާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. މި ހުރިހާއިރު އައްޔަ މިތާ އިނީ އެކަންޏެވެ. ބިރުގެ ކަންފުޅެއްވެސް ނެތެވެ. ހުރިހާ ދިމާލެއް ވަށައިގެން ޒާރާ ބަލައިލިއެވެ.

ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އައްފާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ޒާރާ ބިރު ގަނެފައި އިންކަން އައްފާނަށް އެނގުނެވެ. އެހާވަރަށް އެކިދިމާ އެ ބަލަނީ އެހެންވެއެވެ.

"އެއްޗެއް ފެންނަނީތަ؟" އައްފާން އެހިއެވެ.

"އެނ...؟" ސިހިފައި ޒާރާ ބުންޏެވެ. "ނޫން. އައްޔަ މިތަނުގަ އިންނަން ބިރެއްވެސް ނުގަނޭތަ؟"

"ކޮން ބިރެއް. ޒާ ތިހުރީނު. ޒާ އެ ކޮޓަރިތެރޭގަ އޮތަސް އަހަރެން މިތާ އިނީ ހަމަ ތި ޖޯލީގަ ޒާގެ ސިފައިގަ އެހެން މަހުލޫގެއް ބައިންދައިގެން"

އެ ހިނދު ޒާރާ އައްފާންގެ މޫނަށް ބަލައިލިއެވެ. ދެ ޒުވާނުންގެ ކަޅި އެކަކު އަނެކަކާ ބައްދަލުވެގެން ދިޔައެވެ. އެކަކުވެސް އަނގައިން ނުބުނެ ހިނދުކޮޅެއް ފާއިތުވެއްޖެއެވެ. މިފަހަރު އައްފާން ބުނި އެއްޗެއް ބުނީ ސަމާސާއަކަށް ނޫންކަން ޒާރާއަށް އެނގުނީ އައްފާންގެ ދެލޮލާއި މޫނުމައްޗަށް ވެރިވި އަސަރުތައް ފެނިފައެވެ. ނަޒަރު ވަކިކޮށްލީ ޒާރާއެވެ. އައްފާންގެ ތުންފަތް ދެފަރާތަށް ދެމިލީ ޒާރާ އަތުގައި އޮތް ފޯނަށް ބަލައިލުމުންނެވެ. ކުރެވުނު ހިތްވަރުން މިފަހަރު އައްފާން ހިތްހަމަޖެހުނެވެ. އޭނާ އެދެނީ ކޮން އެދުމެއްކަން ޒާރާއަށް އަންގައިދޭނީ އެގޮތަށެވެ. އަމަލުންނާއި ދުލުން ބޭރުކުރާ ބަސްތަކުންނެވެ. މޭގައި ހިތާ ވީ ދިމާލުގައި އައްފާން ފިރުމާލިއެވެ. ޒާރާ ކުރިމަތީގައި އިނދެ ދަންވަރުގެ ހަމަހިމޭން އަރާމު ވަގުތެއްގައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން އޭނާގެ ހިތަށް އެވާ އަރާމެކެވެ. އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެކެވެ.

"ޒާ ކީއްވެ ނުނިދީ؟" އައްފާން އެހިއެވެ.

"ރޭގަނޑުގެ ނިދިން އަހަރެންނާ ރުޅިވިތާ ކޮން ދުވަހެއް" ދެ އަތްތިލަ ގުޅުވާލާފައި އުނގުގައި ބާއްވާފައި އިސްޖަހައިލަމުން ޒާރާ ބުންޏެވެ.

ޒާރާގެ އެ ޖުމްލައިން އައްފާންގެ ހިތަށް ތަދުވެލިއެވެ. ޒާރާ އިސްޖަހައިގެން އިންގޮތް ފެނިފައި އައްފާންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. މައުސޫމު އަންހެންކުއްޖެކެވެ. ރަނެއް މަލެއް ފަދައިން މަޔަކު ބަލައި ބޮޑުކުރި ދަރިއެކެވެ. މިނިވަން ކޮކާލެއް ފަދައިން ބަގީޗާއެއްގެ ތެރޭގައި އުދުހުނެވެ. އެއްވެސް އިންސާނަކާ މެދު ހަސަދަވެރިކަމެއް ނެތް ސާފުސީދާ ހިތެއްގެ ވެރި އަންހެންކުއްޖެކެވެ. ފައްވާޒް ހުރީ ދެލޯ ކަނުވެފައި ހެއްޔެވެ؟ ސާދަ އަހަރުވީ ލޯބި ހިނދުކޮޅެއްގެ އުފަލެއް ފަދައިން ޒާރާއަށް އިހުސާސްކޮށްދީފައި މިނިކާ ވަގެއް ފަދައިން ޖަންގަލީގައި އުޅޭ ޖަނަވާރެއް ފަހަތުން ދިޔައީ ކީއްވެ ހެއްޔެވެ؟ އާއެނކެވެ. މާހީ އާއި ޒާރާއާ ދެމެދު ހުރި އެންމެ ބޮޑު ފަރަގަކީ އެއީއެވެ. ޒާރާއަކީ ނިވާވެގެން އިން އެއްވެސް ދެއްކުންތެރިކަމެއް ނެތް އީމާންތެރި އަންހެނެކެވެ. ޒާރާގެ މައިމީހާއަށް ޝުކުރު ހައްގެވެ. މާހީއަކީ ހެދުން ލައިގެން އޮރިޔާމުން އުޅޭ އަންހެނެކެވެ. ވަލު ޖަނަވާރުންނަކީވެސް ހަށިގަނޑު ނިވާކުރަން އެއްވެސް ފޭރާމެއްގެ ބޭނުންކުރާ ބައެއް ނޫނެވެ. މާހީވެސް ހަމަ އެފަދައެވެ.

ޒާރާ ބަލައިލީ އައްފާންގެ ހަބަރެއްނުވެ ހިނދުކޮޅެއް ވުމުންނެވެ. އައްފާން ތެޅިގަތެވެ. ޒާރާ އެ ބަލައިލީ އޭނާ ކަޅިޖަހައި ނުލާ ބަލަހައްޓައިގެން އިންދައެވެ. ކުއްލިއަކަށް އައްފާނަށް އައި ބަދަލު ޒާރާއަށް ފެނުނެވެ. ލަދުވެސްގަތެވެ. އައްފާންގެ ހިތުގައި އޮތް އެއްޗެއް އެނގެން އޭނާ ބޭނުންވިއެވެ. އެކަމަކު އެކަހަލަ އެއްޗެއް އަހަން ނުކެރުނެވެ.

"މިގޭ ދައްތަ ނުދައްކާތަ ނިދާނެ ތަނެއް އައްޔައަކަށް" އިރުކޮޅަކަށްފަހު ޒާރާ ބުންޏެވެ.

އައްފާން ހިތަށް އެރިއެވެ. ޒާރާ ވާހަކައެއް ފެށިކަން ނަސީބެކެވެ. ހީވެސްނުކޮށް ހުއްޓައި އެހެރަ ދަނީ މަޑުމަޑުން ވަގު ފަޅާއެރަމުންނެވެ.

"އެ ދައްތަ ހީކުރީ ކަންނޭނގެ އަހަރެމެންނަކީ ދެމަފިރިންނޭ" އައްފާން ބުންޏެވެ.

"ވެދާނެ. އެކަމަކު.... ދެން މިހެން މިތާ ކިހިނެއް ތިބޭނީ އިރު އަރަންދެން" ޒާރާ ބުންޏެވެ.

އައްފާން ފުންނޭވައެއް ލިއެވެ. އޭނާއަށް އިރު އަރަންދެންވެސް އެތަނުގައި އިނދެވިދާނެއެވެ. ޒާރާއަކީ އަންހެނަކަށް ވީތީ އެހެނެއް ނީނދެވޭނެއެވެ. ނިދި ނަޔަސް އެނދުގައި ހަށިގަނޑު ދަމާލާފައި ހަށިގަނޑަށް އަރާމެއް ހޯދިދާނެއެވެ. އެ އަރާމު ހޯދައިދޭން އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅަށްޓަކައި އެތައް ގުރުބާންތަކެއް ވަމުން އެދާ އަންހެންކުއްޖާއަށެވެ. ހުދު އޭނާގެ ހިތުގެ ހަމަޖެހުން ޒާރާއަށެވެ. އެކަމަކު ސީދާ އެގޮތަށް ބުނާކަށް ނުކެރުނެވެ.

"ޒާ ދޭ އެތެރެއަށް. އަހަރެން މިތާ މަޑުކޮށްލާނަން. އިރުއަރަންވެސް މާގިނައިރެއް ނެތެއްނު" އައްފާން ބުންޏެވެ.

ޒާރާ އައްފާނަށް ބަލައިލިއެވެ. ބޭރު ޖޯއްޔެއްގައި އެގޮތަށް އައްފާން ބައިންދާފައި އޭނާ ކޮޓަރީގައި އޮންނާނީ ކިހިނެއް ހެއްޔެވެ؟ އެއީ ވެސް އިންސާނެކެވެ. މުޅި ދުވަހު އައްފާން ތަނެއްގައި ބުރަކަށި ޖައްސައިނުލައެވެ. ވަރުބަލިވެސް ވާނެއެވެ. އައްފާން އެތަނުގައި ބައިންދާފައި ޒާރާ ވަދެ ކޮޓަރީގައި އޮތުން އިންސާފުވެރިއެއް ނުވާނެއެވެ.

"އައްޔަވެސް ހިނގާ ކޮޓަރިއަށް. ސޯފާއެއް އެބަހުރި އެތާ" ޒާރާ ބުންޏެވެ.

ހައިރާންކަމާއެކު ޒާރާއަށް އައްފާން ބަލައިލިއެވެ. ހިތަށް އެރިއެވެ. ތިއީ އަދި ހަމައެކަނި ޒާ ބުނެލި ބުނެލުމެކެވެ. ތިކަން ތެދަކަށް ވާނެ ދުވަހެއް އަންނާނެ ހެއްޔެވެ؟ ޒާ ގޮވައިގެން އެއް ކޮޓަރީ އެއް އެނދެއްގައި ނިދުމުގެ ނަސީބު ލިބޭނެ ހެއްޔެވެ؟ އެހެންނަމަވެސް އައްފާނަށް އެނގުނެވެ. ޒާރާ އެކަހަލަ އެއްޗެއް އެބުނީ އައްފާނާ މެދު ވިސްނައިފައެވެ. އެ ހިތުގައި އެއްވެސް ނުބައި ކަމެއް ނެތެވެ. އެކަމަކު އެގޮތަށް އެބުނީ ހުރިހާ ގޮތަކަށް ނުވިސްނައެވެ. އެހެންނަމަވެސް އަދި ޒާރާ އާއެކު ބަންދު ކޮޓަރިއެއްގެ ތެރޭގައި މުޅި ރޭގަނޑު އެކަނި ހޭދަކުރަން އަދި ނުވެއެވެ. އައްފާން ޒާރާއަށް ވިސްނައިދޭނެއެވެ.

"ޒާ... ދޭ ކޮޓަރިއަށް. އަހަރެން ބޭނުންވަނީ ޒާގެ ފުރިހަމަ މިނިވަންކަމުގަ އެ ކޮޓަރީގަ ޒާ އޮންނަން. ފަތިސްވާން ކައިރިވީމަ ނިއަމް ހޭލާނެ. އަހަރެން އަދި ބޭނުމެއް ނޫން މުޅި ރޭގަނޑު ޒާރާ އާއެކު ބަންދު ކޮޓަރިއެއްގަ އޮންނާކަށް" އައްފާން ވާހަކަދެއްކިއެވެ.

"އަހަރެން އަދި ބޭނުމެއް ނޫން... އަދި ބޭނުމެއް ނޫން.... އަދި...." ހިތުން އެތަންކޮޅު ޒާރާ ކިޔާލިއެވެ. އައްޔަ އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. މި ވިސްނެނީ އަދި ނުބައިކޮށެވެ.

"އަހަރެން މިހެން މިބުނީ އަހަރެން ޒާ އަށް އިހުތިރާމްކުރާތީ. އަހަރެމެން ދެމީހުންގެ މެދުގައި މިއޮތް އެކުވެރިކަމަށް ގަދަރުކުރާތީ" އައްފާން ބުންޏެވެ.

"އެކަމަކު... އަހަރެން"

އައްފާން ތެދުވިއެވެ. ދެއަތް ދެފަރާތަށް ދަމާލާފައި ހަށިގަނޑުގެ މަސްތައް ރަމަތަކޮށްލިއެވެ. އެކި ދިމަދިމާލަށް ބަލައިލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފެން އަޅާ ކަޅު ހަން ބަހައްޓާފައި ހުރި ތަނުގައި ހުރި ހިޔާކޮށްފައި ހުރި ތަނެވެ. ރަނގަޅަށް ބަލައިލުމުން އެތަނުގައި އެލުވާފައި ހުރި ބޮޑު އުނދޯއްޔެއް ފެނުނެވެ. ރީނދޫ ކުލައިގެ ބޮތްކެއްގެ އަލިކަން އެތަނަށް ވެރިވެފައި އޮތަސް އެ އުނދޯލީގައި އެއްކޮޅުން އަނެއްކޮޅަށް އޮތް ކަންނެޔޮ އައްފާންގެ ލޮލުގައި އަޅައިގަތެވެ.

"ޒާ ވަދޭ ނިދާލަން. އަހަރެން ޖައްސާލަންވީ ތަން ފެނިއްޖެ"

ޒާރާ ތެދުވިއެވެ. ލައިގެން ހުރި ޖީންސުގެ ދެފަރާތު ޖީބުގައި އަތް އަޅުވާލައިގެން ހުރި އައްފާން ބަލަހައްޓައިގެން ހުރި ދިމާ ޒާރާ ބަލައިލިއެވެ. އުނދޯލިގެއެއް ޒާރާގެ ލޮލުގައިވެސް އަޅައިގަތެވެ. ޒާރާ އައްފާނަށް ބަލައިލާފައި ހީލިއެވެ. ދެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެހެންނަމަވެސް ތަންކޮޅަކަށް ގޮސްފައި ޒާރާ ހުއްޓުނެވެ. ވަރުގަދައަށް ހައްދާފައިވާ ބިލެއް ވެޔޮ ކައިރީ ހުރި ވަޅުބުރި މަތީގައި އޭނީ ނީކުނޑި ބުޅަލެކެވެ. އެ ސޮރުގެ ނަޒަރު ސީދާވެފައި ހުރީ ހަމަ ސީދާ ޒާރާގެ މޫނަށެވެ. ޔަގީނެވެ. އެއީ ބުޅަލެއް ނޫނެވެ. އެއީ ބުޅަލެއްގެ ސިފައިގައި އޮތް ހަންޑިއެކެވެ. އެހެން ނޫނީ ސީދާ މޫނަށް ބަލަހައްޓައިގެން ނޯންނާނެއެވެ. ހުރެވުނު ތަންވެސް ޒާރާއަށް ނޭނގުނެވެ. އެ ދިޔަގޮތަށް ގޮސް އޭނާއަށް ވުރެ ތަންކޮޅެއް ފަހަތުގައި ހުރި އައްފާންގެ ދެއަތުގެ ތެރެއަށް ވަނެވެ. ބިރުގެންފައި ހުރިވަރުން އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ.

ޒާރާގެ އެ އަމަލުން އައްފާން ހުއްޓުން އެރިއެވެ. ކުއްލިއަކަށް ހީވީ ލޭގައި ކަރަންޓް ޝޮކެއް ދައުރުވެލިހެންނެވެ. ހަށިގަނޑަށް ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުއްޓައި އޭނާގެ ބުރަކަށިން ޒާރާގެ ދެ އަތުގެ އިހުސާސް އޭނާއަށް ވިއެވެ. އެވަގުތު އައްފާންގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުގެ އިހުސާސް ޒަރާއަށް ނުކުރެވެއެވެ. ޒާރާގެ އެ ބީހުން އައްފާންގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށް ވާސިލުވިއެވެ. އެއީ ދުވަހަކުވެސް އޭނާއަށް ކުރެވުނު އިހުސާސެއް ނޫނެވެ. ހަށިގަނޑަށް އެތައް އުނދަގޫތަކެއް ވަމުން ދިޔައިރުވެސް އައްފާން ދެއަތް އުފުލާނުލައެވެ. ނުނިޔަތެއްގައި ޒާރާގެ ގައިގައި އިނގިލީ ކުރި ޖައްސާލަންވެސް އައްފާން ބޭނުމެއް ނުވެއެވެ. ހިމާޔަތެއް ދިނުމުގެ ވިސްނުމުގައި ނަމަވެސް އޭނާ ޒާރާ ގާތްކުރަން ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ހިތާ ސިކުނޑި ޒާރާގެ ހެޔޮ ނިޔަތަށް ނުބައި ނަމެއް ދީފާނެކަމުގެ ބިރަށެވެ.

"ބުޅަލެއް... ހަންޑިއެއް..." ޒާރާ ބުނަމުން ދިޔައެވެ. ޒާރާގެ ހަށިގަނޑުގައި ހުރި މަޑު ތުރުތުރެއްގެ ސަބަބުން ހަގީގަތުގައިވެސް ޒާރާ ޖެހިލުންވެފައި ހުރިކަން އައްފާނަށް އެނގުނެވެ.

"އޭތި ފޮނުވާލާ އެތަނުން. ކޮންމެސް އެއްޗެއް ކިޔަވަބަލަ" ޒާރާ ބުންޏެވެ. ޒާރާ ހުރީ ދެލޯ މަރައި ބާރުކޮށްގެންނެވެ. ހުރެވުނު ގޮތެއް، ހުރެވުނު ހާލަތެއް އޭނާއަށް އިހުސާސެއް ނުކުރެވެއެވެ.

"ހިނގައްޖެ" އައްފާން ބުންޏެވެ.

ޒާރާ ލަސްލަހުން ލޯ ހުޅުވާލިއެވެ. ފުރަތަމަވެސް އޭނާ ބަލައިލީ ބުޅާ އޮތް ދިމާލަށެވެ. ތެދެކެވެ. މިހާރު އެ ބުޅާ ނެތެވެ. ހިންދިރުވާލާފައި ޒާރާ ބަލައިލީ އައްފާންގެ މޫނަށެވެ.

"ޔަގީން ދޯ އެއީ ބުޅަލެއްކަން" ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޒާރާ ބުންޏެވެ.

"ޒާ... ޔާރައްބީ... އެއީ ހަމަ ބުޅަލެކޭ. ތިހާ ބިރު ނުގަނެބަލަ. އަހަރެން މިހުރީނު... އަހަރެން ހުއްޓަ ޒާ ނުޖެހޭނެ ތިހާ ބިރުގަންނާކަށް" އައްފާން ބުންޏެވެ.

ޒާރާގެ ނޭވާ ހަމަޔަކަށް އެޅުނީ ދެނެވެ. އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. ހުރެވުނު ގޮތް އިހުސާސްވުމާއެކު ޒާރާ ދުރަށް ޖެހުނެވެ. ހިފަހައްޓައިގެން ހުރި ނޭވާ އައްފާނަށްވެސް ދޫކޮށްލެވުނީ ޒާރާ ދުރަށް ޖެހުނު ފަހުންނެވެ.

"އަޅެ... ސޮރީ..." ޒާރާ ބުންޏެވެ.

ޒާރާ ހުރިގޮތުން ލަދުގެންފައި ހުރިކަން އައްފާނަށް އެނގުނެވެ. އޭނާ ބޭނުންވީ ޒާރާ އެކުރީ އެވަރުގެ ކަމެއް ނޫންކަން ޒާރާއަށް އަންގައިދޭށެވެ.

"ޒާ ތިގަތީ ބިރެއްތަ؟ އުދުހެމުން އައި ކުރަތްޕެއް ނަމަ އަހަރެން ނަމަ އަރާނީ ޒާގެ ބޮލަށް ކަންނޭނގެ" ހިނިގަނޑެއް ޖަހައިލަމުން އައްފާން ބުންޏެވެ. ޒާރާއަށް ވެސް ހެވުނެވެ. އިސާހިތަކު އޭނާގެ ހަފަރާތުން ވަށާލާފައިވި ލަދުވެތިކަން އެކީ ފިލައިގެން ހިނގައްޖެއެވެ.

ކޮޓަރީގެ ދޮރާ ހަމައަށް ޒާރާ އާއެކު އައްފާން ދިޔައެވެ.

"ގުޑްނައިޓް" އައްފާން ބުންޏެވެ.

ޒާރާވެސް އެތެރެއަށް ވަނީ އެފަދައިން ބުނެފައެވެ.

****

ޒާރާއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ ކައިރީގައި އޮތް ނިއަމް އަށެވެ. އެ ކުއްޖާ އަދިވެސް އޮތީ އަރާމު ނިންޖެއްގައެވެ. ޒާރާއަށް ނިދުނުއިރުވެސް ތިނެއް ޖަހައި ބޮޑުވެއްޖެއެވެ. ހޭލެވުނުއިރު އޭނާގެ ނިދި ހަމަވެފައި ހުރި ކަހަލައެވެ. ވުލޫކުރަން ދާން އުޅެފައި ކުއްލިއަކަށް ހަނދާންވީ އައްފާން މަތިންނެވެ. އައްފާން އަދިވެސް އޮންނާނީ ނިދައިފައެވެ. މިގޭ މީހަކު ހޭލައިގެން ނިކުންނައިރު އެތަނުން އައްފާން ނަގަން ޖެހޭނެއެވެ. އެހާ ލަހުން ނިދިފައި ހޭނުލެވި އޮވެދާނެއެވެ. ބުރުގާ އަޅައިގެން ޒާރާ މަޑުމަޑުން ކޮޓަރި ހުޅުވާލިއެވެ. އަދިވެސް ބޭރަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ކުޑަކޮށް ބޭރަށް ނިކުމެލާފައި ރޭގައި ބުޅާ ފެނުނު ތަނުގައި އެ ސޮރު އޮތްތޯ ޔަގީންކޮށްލިއެވެ. އުނދޯލިގެ އާ ދިމާލަށް ޒާރާގެ ނަޒަރު ދަތުރުކޮށްލީ އެ ސޮރު އެތަނުގައި ނެތްކަން ޔަގީންވުމުންނެވެ. ހައިރާންކަން ލިބުނީ އުނދޯލި ގޭގައި އައްފާން ނެތުމުންނެވެ. އިނގިލީގައި ޒާރާ ދަތްއަޅާލިއެވެ. މިސްކިތަށް ދިޔައީ ކަންނޭނގެއެވެ. ޒާރާ އަލުން އެތެރެއަށް ވަނީ ނަމާދުކޮށްލުމަށެވެ.

ނަމާދުކޮށް ނިމިގެން އައްފާން ގެއަށް ވަންއިރު ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ. ގޯތިތެރެއަށް ވަދެގެން އައިސް އޭނާ އިށީނީ ރޭގައި އޭނާ ޒާރާއާ އެކު އެތައް ވަގުތެއް ހޭދަކުރި ޖޯލީގައެވެ. ރޭގައި އެތަނުގައި ޒާރާ އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތައް އޭނާ ހަނދާންކޮށްލިއެވެ. އޭނާގެ ގައިގައި ޒާރާ ބައްދާލައިގެން ހުރި ވަގުތުކޮޅަކީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެންދާނެ ވަގުތުކޮޅެއް ނޫނެވެ.

"ކޮފީ ގެންނަންވީ ދޯ" ފެންޑާ ތެރެއިން ނުކުތް އަންހެންމީހާ ބުންޏެވެ. އައްފާން ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟