ވާހަކަ

ކަސިޔާރު - 12

"ކޮންތާކަށް ދާން ތިތައްޔާރުވަނީ....؟" ހެދުމުގެ ކަރުގޮށް އެޅުމަށްފަހު ބުރުގާ އެޅުމަށް ބޮލުގައި ޝޯލް އޮޅާލި ވަގުތު ކޮޓަރިން އެތެރެއަށް ވަންނަމުން އެ ގޮވާލީ ޝިއްޔަތުގެ ފިރިމީހާގެ ކޮއްކޮއެވެ. ކާޝިފުގެ މަންމައެވެ. "ހާދަ އާދައިގެ ގޮތަކަށް، ހާސްވެފަހުރިކަހަލަ، އަނެއްކާ ކޮންތާކަށް ދާން ތިތެޅެނީ...؟" ވަކީލާ، ޝިއްޔަތު ބޮލުގައި އޮޅާލި ޝޯލް ގައި ހިފާ ދަމާ ނިއުޅާލަމުން އަހާލިއެވެ. "ގެނޭ އަޅައިދޭނަން..."

"އުނހު... ވަކީ އުނދަގޫ އުފުލަނީ ކީއްކުރަން، މިއީ ހަމަ ވަރަށް އާދައިގެ ތަނަކަށް ދާން ތައްޔާރުވަނީމި، މާ ރަސްމީ ގޮތްގޮތަށް ބުރުގާ އަޅާވަރުގެ ކަމެއްނޫން...." ވަކީލާގެ އަތް ދުރުކޮށްލަމުން ޝިއްޔަތު ވާހަކަދެއްކިއިރު އޭނާގެ އަޑުންވެސް ހާސްކަން ފާހަގަކުރެވެއެވެ.

"ދޮގުނުހަދާ ބުނެބަލަ... ފަހަކަށް އައިސް ޝިއްޔަތުގެ މޫނުން އަހަންނަށް ހާސްކަން ފެންނަނީ ކީއްވެ؟ ތީ މިގޭމީހުންނަށް ބޮޑުފަހަރި، ދޮށީ ޅީދަރިވިޔަސް އަހަންނަށް ތީ މަގޭ ކުޑައިރުގެވެސް ރަހުމަތްތެރި މިތުރޭ.... ޝިއްތަގެ މޫނަށް އަރާ ކުލައާއި ދެލޯ އަބަދު ކަންބޮޑުވެފައި ހުންނަތަން ފެނިފެނި ބަދަލެއް ނައުމުން އަހާލަން މިއައީ...." ވަކީލާގެ އަޑު ކުރެހިއްޖެއެވެ. ޝިއްޔަތަށް ހުރެވުނީ ބަސްހުއްޓި ހަދާނެ ގޮތް ހުސްވެފައެވެ. ބިރުން އުޅުނު ކަންތައް ވީހެއްޔެވެ؟ މާތްކަލާކޯއެވެ! މިކަމާ އޭނާ ކުރިމަތިލާނީ ކިހިނެއް ކޮންމޫނަކާއެކު ކޮންހިތްވަރަކާއެކުގައިބާވައެވެ؟ "މިހާރަކަށް އައިސް މިގޭގައި މަށަށް ނޭނގޭ ކޮންމެވެސް ބޮޑުކަންތައްގަޑެއް ހިނގާހެން ހީވަނީ ކީއްވެ؟ މަގޭ ފިރިހެންދަރި ދެދުވަސްވެއްޖެ ލޮލަށް ނުފެންނަތާ.... ގޭގައި އުޅޭކަމަށް އެންމެން ބުނާއިރު މަގޭ ހިތަށް ތަސައްލީއެއް ނުލިބިގެން މިއުޅެނީ ކީއްވެ؟ މަންމައާއި ޝިއްތަ މަށަށް ކަމެއް ފޮރުވަނީތަ...؟" ކާޝިފުގެ އުޅުމަށް އައި ބޮޑުބަދަލަކީ ކިތަންމެ ނޭނގެން ހުރި މީހަކަށްވެސް ސިއްރުވާނެ ކަމެއްނޫނެވެ. އެންމެ ފަހުން ސުވާލު ހިފައިގެން ޝިއްޔަތުގެ ކުރިމައްޗަށް އައިސް އެއިނީ ކާޝިފުގެ އުފަން މަންމައެވެ. ޝިއްޔަތަށް ހުރި ދިމާލުން އެނދަށް ތިރިވެވުނީ އޭނާގެ ދެފައި ވަރުދޫވެ ކަކުލުހުޅުން ބާރެއްނެތި ކަނޑާވައްޓާލިފަދައަކުންނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ލޮލަކުން ޝިއްޔަތު ބަލައިލީ ދާދި ގާތުގައި ހުރި އޭނާގެ އެކުވެރިޔާ އަދި ކާޝިފުގެ މަންމަ ވަކީލާއަށެވެ.

އާޝިޔާނާމަހަލްގެ އެކޮޓަރި ތެރޭގައި ތިބެގެން ދެއަންހެނުން އެ ބޮޑުވާހަކަ ހިއްސާކޮށްފިއެވެ. ދެމީހުންމެ ތިބީ ބަސްހުއްޓި ގޮތް ހުސްވެފައިކަހަލައެވެ.

"މިވާހަކަ މަންމަ ގާތު ބުނާނީ ކިހިނެއް؟ ފަށާނީ ކޮންތާކުން؟ ގެންދާނީ ކޮން މައުޟޫއަކަށް؟" ބޮލުގައި އަތް އަޅާލަމުން ވަކީލާ އަހާލިއެވެ.

"މިއީ ސިއްރު ވާނެ ކަމެއް ނޫން. ކާޝިފު ހުރީ ނަތީޖާއަށް ވިސްނާ ކަހަލަ ފިކުރެއްގައެއް ނޫން،" ޝިއްޔަތު އެނދުގެ ފަޑީގައި ބޯޖައްސާލިއެވެ.

"ވަރަށް ބޯހަރު ވާނެ. އެވެސް މަންމަ ހައްދާފަ ހުރި ގޮތް، ބުންޏަސް ބުނާ އެއްވެސް ވާހަކައެއް އެނގޭކަމަކަށް ނުވާނެ، އެންމެ ކުޑައިރުވެސް އޭނާ އުޅޭ ގޮތް، މިހާރު އަދި މާބޮޑަށް ކުރިއަށް ޖެހިފައެއްނު ހުންނާނީ..."

"އެކަމަކު ވަކީ. މިއީ ސިއްރު ކުރެވޭނެ ކަމެއް ނޫނެއްނު، މިހާރު ކާޝިފު ރެއާދުވާލު އެގެއަކަށް ދާން ފަށައިފިކަން ނޭނގޭ.... އަހަރެންގެ ބޯ ހަމަމުޅިން ހާސްވެއްޖެ މިކަމަކާ ވިސްނަމުންގޮސް.... ނަސޭހަތްވެސް ދެވިއްޖެ، ދެން އަނެއްކާ މިކަން ނޭގެން ޖެހޭ ކުއްޖާއަށް އެނގޭހިސާބުން ދެން ނޭނގޭ ވާނެ ގޮތެއްވެސް...."

"ކާޝިފަކީ އެއްއިރެއްގައިވެސް އަހަރެން ދައްކާ އެއްވެސް ވާހަކައެއް އިވޭނެ ކުއްޖެއްނޫން، ކިރިޔާވެސް ޖެހިލުންވެ ބަސްމަދުވާން ނޭނގިފަ،"

"އެކަމަކު ކާޝިފަށް އެއަންހެންމީހާ ކީއްކޮށްގެންބާ މިއުޅެނީ.... ކާޝިފް އެއީއެހެން އުޅޭ ކުއްޖެއްނޫން ވިއްޔަ..."

"އަޅެފަހެ އޭނައާ އެކަށީގެންވާ ކަމެއް ކުރިނަމަވެސް އެންމެ ރަނގަޅުތާ..."

ދެއަންހެނުން މިމަޝްވަރާ ކުރަމުން ދިޔައިރު އެކޮޓަރީގެ ދޮރުމަތިން ހިޔަންޏެއް ފެނުނު ހެނެއް ހިއެއްނުވެއެވެ. އެކަމަކު އެދޮރުގެ އެއްފަރާތުގައި ހުރެ ދެއްކި ހުރިހާ ވާހަކައެއް އެމީހަކު ދިޔައީ އަޑުއަހަމުންނެވެ.

*** *** ***

ނަރުގިސްއާ ބައްދަލު ކުރަން ފަރުހީންގެ ދައުވަތަކަށް އެގެއަށް އައި ކާޝިފު އިނީ ގޭގެ ތަނަވަސް ބޮޑުކޮޓަރި ތެރޭ ހުރި ސޯފާއެއްގައެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން އަތުގައި ހުރި ކޮފީތަށިން އެތިފޮދު ފޮދު ބޮމުން ދިޔައިރު ކާޝިފުގެ ހިތާހިތުން ގޭގެ ފުރިހަމަ ތަރުތީބުކަމަށް ތައުރީފު ކުރެވެމުން ދިޔައެވެ. މިތަނުގެ ހުރިހާ މަސައްކަތަކީވެސް ފަރުހީންގެ މޮޅު ހިޔާލަށް ކޮށްފައި ހުރި މަސައްކަތްތަކެވެ. ފަރުހީންގެ ހުނަރުވެރިކަމަށް ހަގީގަތުގައިވެސް ތައުރީފު ހައްގެވެ.

ހަމަކުޑައިރުކޮޅެއް ކުރިން އޭނާއާ ބައްދަލުކޮށް ރަސްމީ ދެތިން ވާހަކައެއް ބުނެފައި ފަރުހީނަށް ގޮވާލަން ނަރުގިސް ދިޔައީ ދައްކަން ޖެހޭ މުހިންމު ވާހަކަ ދައްކައި ނިންމާފައެވެ. ނަރުގިސްގެ އެންމެ ބޮޑު ސުވާލަށް ކާޝިފު ޖަވާބު ދިނީ ވަރަށް ކެރި ހުރެއެވެ.

މިހާރު ދެން އެއްވެސް މީހެއްގާތު ދައްކަން ޖެހޭ ނުވަތަ ބުނަންޖެހޭ އެއްވެސް ވާހަކައެއް ނެތެވެ. ގޮތް ނިންމައިފި އެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ އޭނާ އިތުރަށް ވިސްނަން ބޭނުންނުވާ ވަރަށް އޭނާ އަޒުމުވެސް ކަނޑައަޅައިފިއެވެ.

ނަރުގިސް ބޭރަށް ނުކުމެގެން އައިސް ކާޝިފަށް ގޮވާލި އަޑަށްސިހިގެން ގޮސް ކާޝިފު ބަލައިލިއެވެ.

"އެބައިން ކޮޓަރީގައި، ދޭބަލަ،" ނަރުގިސް އިޝާރާތް ކޮށްލީ ފަރުހީންގެ ކޮޓަރިއަށެވެ. ސޯފާއިން ތެދުވެފައިވެސް ކުރިއަށް ދާން ނޭނގިފައި ހުރި ކާޝިފަށް އަނެއްކާވެސް ނަރުގިސް އިޝާރާތްކޮށްލިއެވެ.

"މިދަނީ ސްކޫލުދޮށަށް، ކުދިން ގޮވައިގެން އައިސްކްރީމް ބޯން ދާން ނިންމާފައި އޮތީ، ކުޑަކޮށް ލަސްވެދާނެ،" ނަރުގިސް އެހެންބުނެފައި ހިނިތުންވަމުން ކާރުގެ ތަޅުދަނޑި ނަގައިގެން ގޮސް ދޮރުން ނުކުމެއްޖެއެވެ.

ކާޝިފު މަޑުފިޔަވަޅުތަކެއްގައި ގޮސް ފަރުހީންގެ ކޮޓަރީގެ ދޮރު ތަޅުގައި ހިފައިލިއެވެ. ތަޅު އަނބުރާލާފައި ދޮރުހުޅުވާލަމުން ކާޝިފު ބަލައިލިއެވެ.

"އޯހ ކަލާނގެ ކުޅަދުންވަންތަ ކަމޭ ބުނެވޭނީ..." ފެންވަރައިގެން ނުކުމެ އިސްތަށިގަނޑުން ފެން ހިއްކަން ހުރި ފަރުހީން އެއަޑަށް އެނބުރިލިއެވެ. ކުރިމަތީގައި ހުރި ކާޝިފު ފެނުމުން ފަރުހީން ލަދުގެންފިއެވެ.

"ދެން އަވަހަށް ބުނޭ، ކޮންދުވަހަކު ނިންމަންވީ؟" ކާޝިފު ކޮޓަރިއަށް ވަދެގެންގޮސް ފަރުހީން ގާތަށް ހުއްޓެމުން އަހާލިއެވެ.

"ހަމަ ބޭނުންވިހާ އަވަހަށް، މިހާރުވެސް ނިންމާލެވިދާނެ...." މޭޒުމަތީގައި އޮތް ފައިލެއްގެ ތެރެއިން ފޯމެއް ނަގާ ކާޝިފުގެ އަތަށް ދެމުން ފަރުހީން ހީނލިއެވެ.

"އަޅެ، އޯހްހޯ.... މިހާވަރަށް ތައްޔާރުވެގެން ތި ހުންނެވީ، ހަމަ އަސްލުވެސް އަހަރެމެން އިންނަނީތަ؟" ކާޝިފު އުފާވެލާފައި ފަރުހީންގެ ދެކޮޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ.

ފަރުހީން އޭނާގެ ހިތުގެ ކޮންމެވެސް ދިމާލެއްގައި ފޮރުވިފައިވާ ނޭނގޭ ބިރާ ބެހޭ އެއްވެސް ވާހަކައެއް ކާޝިފް ގާތަކު ނުބުނެއެވެ. އެއީ ކިހިނެއް ވެގެން ކޮންކަމަކާ އޭނާގެ ހިތް ހާސްވާ ހާސްވުމެއްކަން ހުދު އޭނާއަށްވެސް ނޭނގެނީ ކަހަލައެވެ. ޔަގީންވާ ކަމަކީ ކާޝިފާ ގާތްވަމުންދާ ވަރަކަށް އެބިރުވެސް ބޮޑުވަމުން އަންނަ ކަމެވެ. ކިތަންމެ އުފަލުން ހެވިފައި ހުއްޓަސް ސިކުނޑީގައި އެނބުރޭ ކޮންމެވެސް ކަމަކާ އޭނާއަށް އުނދަގޫ ކުރެއެވެ.

ފަރުހީނާއި ކާޝިފު އެކަކު އަނެކަކުގެ ކަނު ލޯބީގާ މިސްރާބެއް ނެތި ނުކުމެ އަމާންކަނޑުގައި އުފަލާއި އަރާމާއި ހިތްހަމަޖެހުމުގެ ދަތުރު ކުރަމުންދަނީއެވެ. މިއަމާން ކަނޑުގެ ސަތަހައަށް ބަދަލު އަންނާނީ ކޮންއިރަކު ކަމެއް އެމީހުންނަށް އެއްވެސް ވަރަކަށް ހިލަމެއްވެސް ނުވެއެވެ. ސާފުކޮށް އޮތް އުޑުމަތި ބަނަވެ މާހައުލު އަނދިރިވެ، ކަނޑުގެ ރާޅުތައް ހުޅިލާ ނަގައި، އެމީހުންގެ ލޯބީގެ ނާ ބަންޑުންޖަހާލައި ކަނޑުވެދާނެކަމުގެ ކުޑަކުޑަ ޝައްކެއްވެސް އެމީހުންނަށް ވެފައެއްނެތެވެ.

*** *** **

"ދަރިފުޅާ..." ޝިއްޔަތު އޭނާގެ ލޯބިވާ ދަރިފުޅު އޮށޯވެ އޮތް އެނދުގެ މަގަތުގައި އިށީންނަމުން ގޮވާލިއެވެ.

"ދަރިފުޅަށް ތިވަނީ ކިހިނެއްތަ؟" ބަލިވެ ތަންމަތިވެފައި އޮތް ދަރިފުޅުގެ ވަރުދެރަވެފައިވާ މޫނުގައި ފިރުމާލިއެވެ.

ދެތިން ދުވަސް ކުރިން ހަމަ ނުލާހިކު ރީއްޗަށް އުފަލުން ގޭތެރޭގައި ހޭލަމޭލަ ވެ އުޅުނު ކުއްޖާ ކުއްލިއަކަށް ބަލިވީ ކިހިނެއްވެގެން ކަމެއްވެސް ނޭނގެއެވެ. އެވެސް ތަފާތު ގޮތަކަށެވެ.

އެއްވެސް މީހަކާ އަނގައިން ބުނެ ހީނ ހެދުން މުޅިން ހުއްޓާލީ ކަހަލައެވެ. ގޭތެރޭގައި އުފާވެރި ކޮކާލެއްހެން އުނދުހި އުނދުހި ހުރި އޭނާގެ ދަރިފުޅުގެ މިހާލާމެދު ޝިއްޔަތުގެ ހިތް ކުދިކުދިވަނީއެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭނގޭތީ ޝިއްޔަތުގެ ހާސްކަން އިތުރަށް ބޮޑުވެއްޖެއެވެ. އެއްކޮޅުން ކާޝިފުގެ ބޯހަރުކަމާއި ގޮތްދޫނުކުރުމާއި އެއަޅަމުންދާ ކަތިފިޔަވަޅު ހުއްޓުވާނެ ގޮތަކާމެދު ވިސްނާ ހައްލު ނުލިބެނީސް ދަރިފުޅުގެ ހާލު ގޯސްވީއެވެ.

"މަންމަގެ ރަންދޫންޏާ، އަޅެ އެއްފަހަރު ނަމަވެސް މަންމަ ގާތު ބުނެބަލަ، ދަރިފުޅަށް ތިވަނީ ކީއްތަ؟" ޝިއްޔަތު ލޯބިވާ ދަރިފުޅުގެ ވަރުދެރަ އަތްތިލައިގައި ފިރުމާލަމުން ޝިއްޔަތު އަހާލިއެވެ. ދެންވެސް ޝިއްޔަތުގެ ބަސްތައް ނުވެސް އިވޭކަހަލައެވެ. "މަންމަގެ ދޮނާ، އުލާ، އަޅެ މަންމަ މިހެން އަހާތާ ދޮޅުގަޑިއިރުވެއްޖެ، ދަރިފުޅު ކީއްވެ މަންމައަށް ޖަވާބެއް ނުދީގެން ތިއުޅެނީ.... އޭތް އުލާ..."

ޝިއްޔަތުގެ ކެތްތެރިކަން ކޮޅުންލީއެވެ. އުލާގެ ދެކޮޑުގައި ހިފާ ބާރަށް ތަޅުވައިގަންނަމުން އަޑުގައި ހުރި ބާރަކަށް ޝިއްޔަތު ސުވާލުކޮށްލިއެވެ. އުލާގެ ގަނޑުވެފައިވާ ސިކުނޑިއާއި ހިތަށް އެއަޑު ފޯރީކަންނޭނގެއެވެ. އެނބުރިލާފައި ކުޑަކޮށް ތެދުވެ، ގާތުގައި އިން މަންމަގެ އުނގުގައި މޫނު ފޮރުވައިފިއެވެ.

އުލާ ރޮއިގަތީ ބާރަށެވެ. ގިސްލަގިސްލާގައި ރޮމުން ރޮމުން މަންމަގެ ގައިގައި ބާރަށް ހިފައި އޮޅުލައިގަތްއިރު ހީވަނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެ އޭނާގެ މުޅި އެތެރެހަށި ހަލާކުކޮށްލާފައިވާހެނެވެ.

"އަޅޭ، މަންމަގެ ދޮންދޫންޏާ، ހިތްފުރެންދެން ރޯލާ، އެކަމަކު ކުޑަކޮށް ނަމަވެސް ވީކަމެއް ބުނެދީބަލަ. މަންމަގެ ހިތްހަލާކުވެދާނެ، ދަރިފުޅުގެ ބައްޕަ އޮފީހަށް ދިޔައީ އެހާ ދެރަވެ ރޮއިފަ، މަންމައަށްވެސް އަބަދު މިހެން ގަދަވެފައި ނުހުރެވޭނެ. ދަރިފުޅު ތިބައްޔެއް ވީފަހުން މަންމަ މިއިންނަނީ ގޮތް ހުސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ބޯ ހާސްވެފަ..."

އުލާގެ ބުރަކަށީގައި ފިރުމަމުން ޝިއްޔަތު ވާހަކަދެއްކިއެވެ.

"މަންމާ... އޭނަ އުލް ދޫކޮށްލައިފި.... ކުޅޭނެ ވަރަކަށް ކުޅެފައި އަހަރެންގެ ހިތް ނަގާ އެއްލާލައިފި..." ޝިއްޔަތުގެ ދެލޯ ބޮޑުވެއްޖެއެވެ. ހައިރާންވެ އަންތަރީސްވެފައި އޭނާ އުލާގެ ދެކޮޑުގައި ހިފާ ގަޔާ ދުރުކޮށްލިއެވެ. އުލާއަށް އެކަން އެނގުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އެބޮޑު ވާހަކަ އޮތީ އޭނާއައި ވަކީލާއާ ދެމެދުގައި ދެއްކުނު ގޮތަށް އޮތީ ސިއްރުވެފައެވެ. އެހެނެއްކަމަކު އެވަގުތު އޭނާއާއި ވަކީލާ ނޫން އެހެންމީހަކު އެތާނކު ނުވެސް ނެތެވެ.

"ދަރިފުޅު ތި ކިޔަނީ ކީކޭތަ؟"

"އާނ މަންމާ، އުލް ހުރިން އަންމަންމައާއި މަންމަ، ކޮޓަރި ތެރޭ ދެއްކި ހުރިހާ ވާހަކައެއް އިވުނީ، އުލް ދިޔައީ އެތެރެގުދަން ފަޅިއަށް، އަޑު އިވުމުން މަޑުކުރީ، މަންމަމެން ދެއްކި ވާހަކަ، ހުރިހާ ވާހަކައެއް އުލް އަޑުއެހިން، އެކަމަކު އުލް ހިއެއް ނުކުރަން ޝީފް އެހެން ހަދާނެ ކަމަކަށް، އުލް ހީކުރީ ޝީފް ފަހުން އެކަން ހުއްޓާލާނެ ކަމަށް، އުލް އަށް މިހެން ހަދާނެ ކަމަކަށް އުލް ހީނުކުރަން....."

ޝިއްޔަތުގެ މުޅި ގައިން ހީބިހިނަގައިގެން ދިޔައެވެ. ހިތް ފިނިވެ މީހާ ރޫރޫ އަޅައިގަތީ ހިތަށްވެސް ނާރާ ކަހަލަ ވާހަކައެއް އިވުމުންނެވެ. އެކަމަކު މިއީ އަދި މާބޮޑު ވާހަކައެއްނޫންކަމާއި އުލާ ދެން އެބުނަން އުޅޭ ވާހަކަ މާބޮޑަށްވެސް ބިރުވެރިކަމެއް ޝިއްޔަތުގެ ހިތަކަށް ނާރައެވެ.

"އޯހް، މަންމަގެ ފުރާނައާ، އެއީ އެހާބޮޑު ކަމެއް ނޫނޭ، މަންމަ މިހިރީނު، މާމަމެން އެންމެންވެސް ތިބީ އުލް އާއެކުގައެއްނު، އެހެން އުޅޭނެ ފިރިހެން ކުދިން، އެއީ އެހާ ކަންބޮޑުވާންވީ ކަމެއްނޫން..."

ޝިއްޔަތު އޭނާގެ ހުރި ހަމައެންމެ އަންހެންދަރިފުޅު ގެ ހަލާކުވެފައިވާ ހިތަށް ފަރުވާއެއް ދެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. މިއީ އެކަމެއް ވެދާނެކަމުގެ ބިރު ހީވި ކަމެވެ. މިއީ އެކަމަކާ ކުރިމަތިލާން ޖެހިދާނެތީ ކަންބޮޑުވެ ހާސްވެ ގޮތް ހުސްވީ ކަމެވެ. ކާޝިފުގެ ކަތި ފިޔަވަޅު ސީދާ ކުރުމުގައި އޭނާގެ މޭގެ އެތިކޮޅަށް އޮޅުވާލައިގެން ކަންތައް ކުރަން ނިންމުމަކީ ކިހާ ގޯސް ނިންމުމެއް ކަން މިވަގުތު ޝިއްޔަތަށް އިހުސާސްކުރެވިއްޖެއެވެ. އަދި މިއީ ފެށުމެވެ. މީގެ ފަހަތުން ދެން އަންނަން އޮތް ބޮޑު ތޫފާނުގެ މަލަމަތި މިފެންނަނީއެވެ.

ޒަހުރަބާންގެ ލޮލުގެ ނޫރަކީ، ހިތުގެ ފިނިކަމަކީ ކާޝިފުކަން ޔަގީނެވެ. ހަމައެހެންމެ ކާޝިފު މިއާއިލާއިން ބޭރަށް ދުރު ބަޔަކާ ގުޅެން ދިއުމަށް ޒަހުރަބާން އާލަމްގެ ހިތް ރުހޭނީ ކޮންފަދައަކުންހެއްޔެވެ. އެކަމަށް ފަހިކޮށްފައި އޮތް މަގުން ނުހިނގާ ކާޝިފް މުޅިންއެހެން މަގަކުން ހިނގާ ކަން އެނގުނީމާ ވާނެ ގޮތަކާމެދު ހިތަށް އެރިޔަސް ޝިއްޔަތަށް ތެޅިގަނެވެއެވެ.

(ނުނިމޭ)