ވާހަކަ

ކަސިޔާރު - 11

"އެކަކު ނެތަސް އަހަރެން އެކަނިވެސް މިކަމާ ކުރިމަތިލާން އަހަރެން މިހިރީ ތައްޔާރުވެގެން.... ހުރިހާ އެންމެނާ އެކަނި ހަނގުރާމަ ކުރާނެ ވަރުވެސް އެބަހުރި.... އެކަމަކު ޝީއްތަ އަހަންނާ އެކުގައި ހުރެއްޖެނަމަ ދެން އަމުދުން ވިސްނާ ހާސްވާނެ ކަމެއްވެސް ނެތް.... ތެދަށް ބުނަންޏާ މާމައަށްވުރެވެސް އަހަރެން ވިސްނަމުން އައީ ޝީއްތައާ ދޭތެރޭ.... ޝީއްތައަށް ދޭނެ ޖަވާބަކާމެދު...... އެންމެނަށް ވުރެ ދެރަވެ ކަންބޮޑުވާނީ ޝީއްތަކަން އެނގޭތީ...." ކާޝިފް ފޯނުގެ ޑިސްޕްލޭއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ.

"އިހަށް ފޯނު ނިންމާލަންވީނު، އެހެން ވާހަކައެއްވެސް އެބައޮތޭ.... ތިކަން ހައްލުކޮށްދޭން ޝީއްތަ ހަމަތައްޔާރު.... ތިއީ އެހާ ބޮޑުކަމަކަށް ނުހަދާ ހަމަޖެހިލާ...." ޝިއްޔަތު ކާޝިފުގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ކާޝިފު ދެއަތަކަށް ބޯތަޅުވާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. "ހާނީ....މިރޭ ދެން ގުޑްނައިޓް ކިޔަމާ... މާދަން ބައްދަލު ކުރާނީ..... ނޫނެކޭ ނުބުނާތި...! އޯކޭ....ގުޑްނައިޓް، ސްވީޓްޑްރީމްސް...ޖާނާ...."

ކާޝިފް ފޯނުން ވާހަކަދެއްކި އިރު ގާތުގައި އިން ޝިއްޔަތުގެ ހިތް ގެނބެމުންދިޔަ ކަހަލައެވެ.

"ޖާނާ....ޖާނާ..." ކާޝިފްގެ ދުލުން އިއުވުނު އެންމެ ލަފުޒަކުންވެސް އެގުޅުން އޮތީ ކޮންހިސާބަކުން ކޮންހިސާބަކަށް ގޮސްފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެކަމަކު އެހިތި ހަގީގަތް ގަބޫލުކުރަން ކިހާ އުނދަގޫކަން ކާޝިފަށް އިހުސާސް ކުރެވޭނެނަމައެވެ.

އާއިލާގެ ގަދަރާއި އިއްޒަތަށްޓަކައި ކޮންމެ ކަމެއް ކުރުމަށްވެސް އަބަދުމެ ތައްޔާރަށް އަތުކުރި އޮޅައިގެން ހުންނަ ޝިއްޔަތަށް މިއީ ފަސޭހަ ކުރިމަތިލުމެއް ނޫނެވެ. މޭގައި ހިލައެއް އެންމެ ފުރަތަމަ ބާއްވަން ޖެހޭނީ ހުދު އޭނާއަށެވެ. އަމިއްލަ ދަރިފުޅުގެ އުފާތަކުގެ ކަރުގައި ހިފާނެ ހިތްވަރުއޭނާ ނެރޭނީ ކޮން ކަށްޓަކުން ކަމެއްވެސް ނޭނގެއެވެ.

މިފަދަ މައްސަލަތަކުގައި ގޭގެ ފިރިހެނުންގެ އޮންނާނީ ހަމައެކަނި ހަރުބަސްބުނުމެވެ. ހުރިހާ ގޭނުމަކާއި ވޭނެއް އުފުލާނީ އަންހެންވެރިންނެވެ. މިގޭގެ އުސޫލާއި ގަވާއިދުތަކަކީ ބައެއްފަހަރު މާފަސޭހަ ނޫން އެއްޗެކޭ ޝިއްޔަތުގެ ހިތަށްވެސް އަރައެވެ. އޭނާގެ ބައެއް އެކުވެރިން ވަކި ދިރިއުޅުންތަކުގައި އަމިއްލަ ނިންމުންތަކުން ހަމަޖެހިގެން އުޅޭތަން ފެނުމުން މިދިރިއުޅުމުން ވަރުބަލިވާކަހަލަ އިހުސާސެއްވެސް ކުރެވޭމެއެވެ.

އެހެންނަމަވެސް ހަމަ ދެވަނަ ހިނދުކޮޅުގައި އޭނާގެ ކާލިއަޅާ ޒަމީރަށް ވިސްނައިދީ މަގަށް އަޅުވަން ޝިއްޔަތު ފުރަތަމަވެސް ބޭނުންކުރާ އައްޑަނައަކީ ޒަހުރަބާން އާލަމްގެ އުސޫލުތަކާއި ފާޑުވެރިކަމެވެ. ޔަގީނުންވެސް ފައިސަލް ހާޝިމް ދެކެ ޒަހުރަބާން އާލަމް އިންތިހާއަށް ލޯބިވާކަން އެއީ އެންމެނަށް އެނގޭ ހަގީގަތެކެވެ. އެހެނެއްކަމަކު އެއްވެސް ކަމެއްގައި ޒަހުރަބާން އާލަމް ފަހަރެއްގައިވެސް ފައިސަލް ހާޝިމަކަށް ދޫނުކުރެއެވެ. ކޮންމެ ކަމެއްގައިވެސް އިސްވެ ގޮތް ނިންމުމުގެ ކުރިން މަޝްވަރާ ކޮށްލިކަމުގައިވިޔަސް ބާރާއި ބުނުމާއި ހުކުމަކީ ޒަހުރަބާން އާލަމަށް ހައްގު ވެރިކަމެއްފަދައެވެ.

ކާޝިފަށް ވިސްނައިދިނުމުގައި މި އުނދަގޫ ފިޔަވަޅު އެޅުމަށް ޝިއްޔަތު ނިންމީ މިހާރު ކާޝިފު ގޮސްފައި ހުރި ހިސާބު އެނގޭތީއެވެ. އަނެއްދުވަހަށް އިރު އެރީ ކާޝިފަށް ނުހަނު އުފަލާއެކުގައެވެ. އެއީ ޝިއްޔަތު ބޭނުންވި ގޮތެވެ. އެހެންނަމަވެސް ޝިއްޔަތަށް ނޭނގި ނުވިސްނި އޮތްކަމަކީ ކޮންމެ ހާލަތެއްގައި ކޮންމެ ކަމެއް ދިމާވިޔަސް ކާޝިފު އަނބުރާ ގެނެވޭވަރަށްވުރެ ދުރަށް ގޮސް އޮބާލާފައިވާކަމެވެ.

އެކަން ޝިއްޔަތަށް އެނގޭނީ ކާޝިފަށް އެނގޭނަމަތާއެވެ. ހުދު ކާޝިފަށްވެސް އޭނާއަށް ނުކުމެވިފައި ހުރި މަގުގެ ކިހާ ހިސާބަކަށް ދަތުރުކުރެވިއްޖެކަމުގެ އެއްވެސް އިހުސާސެއް ފަހުމެއް ނުވެއެވެ.

ރޭގެ ނިދި ޝިއްޔަތާ ރުޅިވިނަމަވެސް ފިރިމީހާގެ ގާތުގައި އޮށޯވެލީ ހޭލާ އުޅެން ހަދައިގެން އެނގެން ބޭނުން ނުވާ މީހުންނަށް ކަންތައްތައް އެނގިދާނެތީއެވެ. ގޭގެ ގަވާއިދާއި ގޮތާއި ފޮތް އެންމެ ރަނގަޅަށް އެނގޭ މީހަކަށްވާތީއެވެ.

ކާޝިފު ގާތު އެގޮތަށް ވާހަކަ ދެއްކުމަށްފަހު ކާޝިފުވެސް ނިދަން ފޮނުވާލުމަށްފަހު ޝިއްޔަތު އައިސް އޮށޯވެލީ ދެންވާނެ ގޮތެއް ކަލާނގެ މިންވަރުފުޅަށް ދޫކޮށްލާފައެވެ. އެކަމަކު މިގޮތަށް "އަދިއިހަށް މިކަން ސިއްރު ކުރުން" މިއީ އެޅުނު ކިޔާވަރެއްގެ ކަތި ފިޔަވަޅެއްކަމުގެ އެއްވެސް ހިލަމެއް އޭނާއަކަށް ނުވެއެވެ.

ދިރިއުޅުމުގެ އެތައް ވޭނަކާއި ތުރާލަކަށް ފަހު މުޅިން އައު އިހުސާސްތަކެއް ކުރެވޭކަމުގެ ކުލަވަރު އެންމެ ސާފުކޮށް ފެންނަން ފެށީ ފަރުހީންގެ މޫނާއި އޭނާގެ އުޅުމުންނެވެ. ހެނދުނު ހޭލެވުމާއެކު އުފާވެރި ކަމުގެ ނަލަ ރާގެއްގައި އޭނާ ގޭތެރޭގެ ކަންތައް ކުރުމުގައި އަދި ވަޒީފާއަށް ދިއުމަށް ތައްޔާރުވުމުގައި އެއުޅެން ފެށި ތަފާތު ހަރަކާތްތެރިކަމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްކަން ނަރުގިސްއަށް ކިތަންމެހާވެސް ސާފުކޮށް އެނގެއެވެ.

އުމުރުގެ ތަޖުރިބާއަށްވުރެ ވޭތުވެދިޔަ އެތައް އަހަރުތަކުގައި ފަރުހީންގެ ދިރިއުޅުމުގެ ކޮންމެ ބަދަލެއް ވަކިވަކިން އެނގޭ މީހަކީ ނަރުގިސްއެވެ. ވީއިރު އޭނާގެ ދެލޯނޭދި އެދޭ ކޮއްކޮގެ މޫނުމަތިން އެފާޅުވާން ފެށި ރޫހީ އުފާވެރިކަމާއި ތުންފަތްމަތީ އަބަދު ފޭދިފައި ހުންނަ ރަކިހިނިތުންވުން، އެދެލޮލުން ފާޅުވާން ފެށި ވިދުވަރު ނަރުގިސްއަށް ސިއްރުވާނެ ގޮތެއް ނޯންނާނެނޫންހެއްޔެވެ. ގަބޫލު ކުރަން ކިތަންމެ އުނދަގޫވިޔަސް ފަރުހީންގެ ހުސްހިތުގައި ރަސްކަން ކުރަން ފެށީ ޅަޒުވާނާއަކީ ފަރުހީނާއަޅާ ބަލާއިރު އުމުރުން އެތައް އެތައް އަހަރެއް ހަނގު އަދި ކިރިޔާ ހެދޭ ނޫކަށިފުރައިން ޒުވާންވާން ފަށާފައިވާ މީހެއްކަން އެނގުމުން ނަރުގިސްއަށް މޭގައި ހިފަހައްޓާލެވުނީ އޭގެ ނަތީޖާ ހިތަށް ސިފަވުމުންނެވެ.

އަމުދުން އާޝިޔާނާމަހަލްއަކީ ނޭނގޭވަރުގެ ގެއެއް ނޫނެވެ. ޒަހުރަބާން އާލަމަކީ ނުދަންނަކަހަލަ ނަމެއްވެސް ނޫނެވެ. އެވަރުގެ އާއިލާއެއްއްގެ ތެރެއިން އެހާ ހަގު ކުއްޖަކު ދެކުދިންގެ މަންމައެއް، އުމުރަށްވުރެ އެތައް އަހަރެއް ދޮށީ އަންހެނެއްގެ ފަހަތުން ދާން ފެށިކަން އެނގޭއިރަށް ވާނެ ގޮތް އެއީ ކާކަށް އޮޅުންވެފައި އޮންނާނެކަމެއްހެއްޔެވެ. ނަރުގިސް ހައިރާންވީ އެވަރުގެ ފިޔަވަޅެއް އަޅަން ފައިވިއްދާފައި ހުރިއިރު ފަރުހީން ވިސްނާލީ ކިހާވަރަކަށްތޯ ހިތަށް އަރާފައެވެ.

"އޮހްހޯ، ދޮންދައްތާ... ހާސްވެކަންބޮޑުވާންވީ ކޮންކަމަކާ؟ އަހަރެން ގޯސްކަމެއް ނުކުރަން، އެހެންނޫނަސް އަހަންނެއް ނޫން ފުރަތަމަ މިކަމާ އިސްނަގައިގެން މިހިސާބަށް އައީވެސް، އަހަރެން އޭނާއަށް ވިސްނައިދިން ވަރާއި ބުނެދިންވަރު އެނގޭނީ މަށަށް، އެކަމަކު އެއީ ގޮތްދޫކުރާކަހަލަ މީހެއް ނޫން، އޭނާގެ ދުލަކުން ސަލާމަތެއް ނުވެވޭނެ، ބަސްހަރު މިސާލުޖަހަން އެނގޭ ޒުވާނެއް އެއީ، އަހަންނަށްވެސް އުފާ ހައްގު، ހިތްހަމަޖެހުމާއި ހިނިތުންވުން ހައްގު، ދިރިއުޅުމުގައި ވަރަށް ބިކަ ތެޅެވިއްޖެ، ވޭންވެސް އުފުލިއްޖެ، ދެނެއް ބޭނުމެއް ނޫން...." ފަރުހީންގެ ވާހަކަ ސާފެވެ. އެކަމަކު ކަމުގެ ނަތީޖާއާ ދޭތެރޭ އޭނާ ވިސްނާ ނުލަނީ ހެއްޔެވެ.

"ކޮންމެ ގޮތެއްވިޔަސް ފަރުވާލެއްނެތް. އަހަންނަށް އެއް ދުވަހުގެ އުފާ ހައްގު އެއީ އަހަންނަށް އެނގޭ ހަމައެކަނި ކަމަކީ އަދި އަހަރެން ވިސްނަނީވެސް ހަމައެކަނި އެކަމާ، މާދަމާ ވާނެ ގޮތެއް ވެދާނެއެއްނު، އެހެންނޫނަސް ދޮންދައްތަ ބުނެދީބަލަ، ދީނުގެ ކޮންގާނޫނެއްގައި ނޫނީ ގައުމުގެ ކޮން ގަވައިދެއްގައި އޮތީ އުމުރު ބަލާފައޭ ގުޅުމެއް ފަށަންވާނީ؟ އެއީ އެއްވެސް ފޮތެއްގައި އެނގި ހާމަވެގެން އޮތް ކަމެއްކަމަށްވާނަމަ އަހަރެން އެއްވެސް ޝަކުވާއެއް ނެތި ވަގުތުން މިކަން ހުއްޓާލާނަން..." ނަރުގިސް ހަތިޔާރު ބެހެއްޓީ ފަރުހީންގެ ބޯހަރުކަމާއި ގޮތްދޫނުކުރުން ރަނގަޅަށް އެނގޭތީއެވެ. އަދި ދެން އޭނާ ކާޝިފާ ބައްދަލު ކުރުމަށްވެސް އެއްބަސްވެއްޖެއެވެ.

"އޯހް....އަސްލުވެސްތަ! އަހަރެންގެ ލޯބިލޯބި ދޮންދައްތާ...." ކާޝިފާ ބައްދަލުކުރަން ބޭނުން ވާހަކަ ނަރުގިސް ބުނުމުން ފަރުހީން ފުންމައިގެން އައިސް އޭނާގެ ގައިގައި އޮޅުލައިގަނެ، ހަޅޭއްލަވައިގަތެވެ. އުފަލުން ފޮޅިފައި ހުރެ ފޯނު ނަގައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތް އިރު އެއީ ދެކުދިންގެ މަންމައެކޭ ހީވާނެ އެއްވެސްތަނެއް ނެތްކަހަލައެވެ. ނަރުގިސް ފުންނޭވާއެއްލަމުން ހިނިތުންވެލީ ކޮއްކޮގެ މިބަދަލު މިޒާޖުން އުފާ ލިބިގަންނަމުންނެވެ. ކޮންމެ ގޮތެއްވިޔަސް ފަރުހީނަށްވެސް ލޯތްބާއި އުފާވެރިކަން ހައްގެވެ. ދިރިއުޅުމުގެ ވަރަށްގިނަ ބުރައާއި ވޭން އޭނާ ވަނީ އުފުލާފައެވެ. އެހެންމީހުންގެ ހައްގުގައި އޭނާވަނީ އެތައް ގުރުބާނީއެއްވެފައެވެ. ފަހަރުގައި އެއީ ނަރުގިސް ދޭން ޖެހުނު ގުރުބާނީއެއްނަމަ ފަރުހީން އެވީގޮތަށް އާއިލާގެ އެންމެންގެ ހައްގުގައި އޭނާއަށް ކޮޅަށް ނުތެދުވުނީސްކަން ނޭނގެއެވެ. އެކަމަކު އުމުރަށްވުރެ ހަރު މީހަކަށްވެގެން ފަރުހީންއެހުރިހާ ބުރައެއް އުފުލިއިރު އަމިއްލަ ހަޔާތުގެ މިވަރުގެ ހަމަޖެހުމަށް ހުރަސް އަޅާނެ ހިތްވަރެއް ނަރުގިސްއަކަށް ނުލިބުނެވެ.

ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ފަރުހީން އޭނާގެ އަރާމު ތަންމައްޗަށް ވެއްޓިގަތެވެ. އުފަލުންގޮސް ނެގިނެގިފައި ޖެހެމުންދިޔަ ހިތުގައި ހިފަހައްޓައިގެން އުފުރެމުންދާ ނޭވާ ހަމައަކަށް އަޅުވަމުން ފަރުހީން އޭނާގެ ފޯނުން ނަންބަރުތަކަކަށް ޑަޔަލްކޮށްލީ ތުރުތުރުއަޅާ އިނގިލިތަކަކުންނެވެ.

"އޯހް..... ހާއޭ.... ނޭވާގެ އަޑު ޖެހުނަސް ކުރެވޭ އިހުސާސް ހާދަހާ ތަފާތޭ...." އެކޮޅުން އިވުނީ އޭނާގެ ހިތުގެ ކަނެއްގައި ސިއްރުން ފިލާއިންނަ ޒުވާނާއެވެ. އެންމެ ފުރަތަމަ ހަތަރުކަޅި ހަމަވިވަގުތުވެސް އޭނާގެ ހިތް ގުޑުވާލި ފަރާތުގެ އަޑެވެ. މިއަލިފާންގަނޑު އަނދަމުންދަނީ ދެފަރާތުގައިވެސް އެއްވަރަކަށްކަމެއް ނޫނީ ކޮންމެވެސް އެކެއްގެ ފަރާތުން މާބޮޑަށްކަމެއް ނޭނގެއެވެ. އެހެނެއްކަމަކު ޔަގީންވާ ކަމަކީ މިއީ ޖޯޝާއި ގަދަފަދަކަން ހުރި އަލިފާނެއްކަމެވެ.

"ޖާނާ.... އަހަރެން ... ދޮންދައްތަ.." ފަރުހީނަށް އޭނަގެ އަޑު ހިފަހައްޓާނުލެވުނެވެ. ރޯންވީކަމެއް ނޫނީ ހޭންވީކަމެއް ނޭނގޭ ހާލު އޭނާ ބާލީހުގައި މޫނު ފޮރުވާލިއެވެ.

"އޯހް މަގެ ޖާނާ، އަހަރެން ދާންވީ ކޮންއިރަކު؟ ބުނަން އިތުރު ވާހަކައެއްނޫން، ފޯމު ހިފައިގެން ދާނީ، ހެކިން ގޮވައިގެން ދާނީ.... ދެނެއް ނުހުރެވޭނެ.... މިހާރުދެން އިންތިޒާރު ކުރާކަށް ބޭނުމެއްނޫން..."

ކާޝިފުގެ އަޑުގައި ހުރީ ޒުވާންކަމުގެ ބާރާއި ފޯރިއެކެވެ.

"އުހު.. އަނހާ، ނޫން، އިހަށް ހަމައެކަނި ދޮންދައްތައާ ބައްދަލުވާން އަންނަންވީ.... ފޯމު ކަންތައް ކުރުމުގެ ކުރިން އަދި ތިގޭ މީހުންނާވެސް...." ފަރުހީންގެ ވާހަކަ މެދުކަނޑާލީ ކާޝިފުގެ ރުންކުރުވެފައިވާ އަޑެވެ.

"އެޔޯ... އެކީއްކުރަން މިގޭގައި ވާހަކަ ދައްކަން ޖެހޭ ބަޔަކު ނުތިބޭނެ...." ކާޝިފު ފުންމައިގަތް ކަހަލައެވެ.

"ހީނާއާ އިންނަން އުޅެނީ އަހަރެން، އަހަރެންގެ އާއިލާ މީހުންނެއްނޫން، ވީއިރު އެމީހުންނާ ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ..."

"ނުނޫން، ޖާން އަޑުއަހާބަލަ. ވިސްނާލަބަލަ، ތީ އާއިލާގެ އެންމެ މުހިންމު އެއް ދަރިފުޅު.. މާމައާ ދެކޮޅަށް ކަމެއް ކުރުމަށްވުރެ ރުހުމާއެކު ކުރުން މާ ބުއްދިވެރިވާނެ. މިއީ ކުޅޭކުޅިވަރެއްނޫނެއްނު...."

ފަރުހީން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"ބުނަން ޖާނާ..... އެއްވެސް ޝަކުވާއެއް އަޑުއަހާ މޫޑެއްގައެއްނޫން މިހުރީ އިނގޭ.... އަހަރެންގެ ވާހަކަ ޝީއްތައަށް އެނގުމުން ވަރަށް ރަނގަޅަށް ޝީއްތަ ވާހަކަ ދައްކައިފި، ފުރަތަމަވެސް މަށަށް އެނގޭ ޝީއްތަ އެހާ މަތިއޮމާން އެކުރަނީ ކީއްކުރަން ކަން... އެންމެ ފަހުން މަގޭ ހިތަށްއެރި ގޮތަށް ޝީއްތަ އެބުނީ..... އަހަރެންނަށް މިއުޅެނީ އޮޅިގެނޭ، މިއީ ލޯތްބެއްނޫނޭ،" ކާޝިފު ފާޑަކަށް ރުންކުރު ގޮތަކަށް ވާހަކަދެއްކީ ނޭވާލާންވެސް ވަގުތުނުދީހުރެއެވެ. "މިމާހައުލާ ދުރަށްގޮސް ހަމަޖެހިލީމާ ހަނދާން ނެތިދާނެއޭ، އެހެންނޫނަސް އެކޮޅަށް ގޮއްސަ އަންނަންވާއިރަށް މަގޭ އަސްލު އަނބިމީހާ އިންނާނީ ތައްޔާރުވެފައޭ، މިހުރިހާ ހާސަރަށް މަ އަނގައިން ނުބުނެ އިނީ ގަބޫލު ކުރީތީ ނޫނޭ... މަ މިއިންނަނީ ހީނާގެ ދޮންދައްތަ މަށާ ބައްދަލު ކުރަން ބުނަންދެން، އަހަރެން ވީހާވެސް އަވަހަށް ފުރުވޭތޯ ޝީއްތަ އެނބުރެނީ، މިތަނުން އަހަރެން ފުރުވާލުމުގެ ކުރިން މަ ބޭނުން ވަނީ މިނިވަންވާން....." ކާޝިފު ވާހަކަ އަމުނާލީ ފައްޗަކަށެވެ.

ފަރުހީނަށް ބުނާނެ އެއްވެސް އެއްޗެއް ނުވިސްނި ގަބުއަރާފައި ހުރެވުނީއެވެ. ދެންވާނެ ގޮތަކާމެދު ހިތަށް އަރާފައި ބިރު ގަތީ ކަހަލައެވެ. ތެދަށް ބުނަންޏާ ކާޝިފާ ގުޅުން ބަދަހި ވާން ފެށިފަހުން މިގޮތަށް އޭނާގެ ހިތްބިރުގަތް މިއީ ފުރަތަމަ ފަހަރެވެ.

*** *** *** ***

"ކޮންތާކަށް ދާން ތިތައްޔާރުވަނީ....؟" ހެދުމުގެ ކަރުގޮށް އެޅުމަށްފަހު ބުރުގާ އެޅުމަށް ބޮލުގައި ޝޯލް އޮޅާލިވަގުތު ކޮޓަރިން އެތެރެއަށް ވަންނަމުން އެ ގޮވާލީ ޝިއްޔަތުގެ ފިރިމީހާގެ ކޮއްކޮއެވެ. ކާޝިފުގެ މަންމައެވެ.

"ހާދަ އާދައިގެ ގޮތަކަށް، ހާސްވެފަހުރިކަހަލަ، އަނެއްކާ ކޮންތާކަށް ދާން ތިތެޅެނީ...؟" ވަކީލާ، ޝިއްޔަތު ބޮލުގައި އޮޅާލި ޝޯލް ގައި ހިފާ ދަމާ ނިއުޅާލަމުން އަހާލިއެވެ. "ގެނޭ އަޅައިދޭނަން..."

"އުނހު... ވަކީ އުނދަގޫ އުފުލަނީ ކީއްކުރަން، މިއީ ހަމަ ވަރަށް އާދައިގެ ތަނަކަށް ދާން ތައްޔާރުވަނީމި، މާ ރަސްމީ ގޮތްގޮތަށް ބުރުގާ އަޅާވަރުގެ ކަމެއްނޫން...."

ވަކީލާގެ އަތް ދުރުކޮށްލަމުން ޝިއްޔަތު ވާހަކަދެއްކިއިރު އޭނާގެ އަޑުންވެސް ހާސްކަން ފާހަގަކުރެވެއެވެ.

"ދޮގުނުހަދާ ބުނެބަލަ... ފަހަކަށް އައިސް ޝިއްޔަތުގެ މޫނުން އަހަންނަށް ހާސްކަން ފެންނަނީ ކީއްވެ؟ ތީ މިގޭމީހުންނަށް ބޮޑުފަހަރި، ދޮށީ ޅީދަރިވިޔަސް އަހަންނަށް ތީ މަގޭ ކުޑައިރުގެވެސް ރަހުމަތްތެރި މިތުރޭ.... ޝިއްތަގެ މޫނަށް އަރާ ކުލައާއި ދެލޯ އަބަދު ކަންބޮޑުވެފައި ހުންނަތަން ފެނިފެނި ބަދަލެއް ނައުމުން އަހާލަން މިއައީ...." ވަކީލާގެ އަޑު ކުރެހިއްޖެއެވެ. ޝިއްޔަތަށް ހުރެވުނީ ބަސްހުއްޓި ހަދާނެ ގޮތް ހުސްވެފައެވެ. ބިރުން އުޅުނު ކަންތައް ވީހެއްޔެވެ؟ މާތްކަލާކޯއެވެ! މިކަމާ އޭނާ ކުރިމަތިލާނީ ކިހިނެއް ކޮންމޫނަކާއެކު ކޮންހިތްވަރަކާއެކުގައިބާވައެވެ؟

"މިހާރަކަށް އައިސް މިގޭގައި މަށަށް ނޭނގޭ ކޮންމެވެސް ބޮޑުކަންތައްގަޑެއް ހިނގާހެން ހީވަނީ ކީއްވެ؟ މަގޭ ފިރިހެންދަރި ދެދުވަސްވެއްޖެ ލޮލަށް ނުފެންނަތާ.... ގޭގައި އުޅޭކަމަށް އެންމެން ބުނާއިރު މަގޭ ހިތަށް ތަސައްލީއެއް ނުލިބިގެން މިއުޅެނީ ކީއްވެ؟ މަންމައާއި ޝިއްތަ މަށަށް ކަމެއް ފޮރުވަނީތަ...؟" ކާޝިފުގެ އުޅުމަށް އައި ބޮޑުބަދަލަކީ ކިތަންމެ ނޭނގެން ހުރި މީހަކަށްވެސް ސިއްރުވާނެ ކަމެއްނޫނެވެ. އެންމެ ފަހުން ސުވާލު ހިފައިގެން ޝިއްޔަތުގެ ކުރިމައްޗަށް އައިސް އެއިނީ ކާޝިފުގެ އުފަން މަންމައެވެ. ޝިއްޔަތަށް ހުރި ދިމާލުން އެނދަށް ތިރިވެވުނީ އޭނާގެ ދެފައި ވަރުދޫވެ ކަކުލުހުޅުން ބާރެއްނެތި ކަޑާވައްޓާލިފަދައަކުންނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ލޮލަކުން ޝިއްޔަތު ބަލައިލީ ދާދި ގާތުގައި ހުރި އޭނާގެ އެކުވެރިޔާ އަދި ކާޝިފުގެ މަންމަ ވަކީލާއަށެވެ.

(ނުނިމޭ)