"މާގިނައިރު މިތާ އިނދެވޭކަށް ނެތް. އެހެންވީމަ ސީދާ އަހަރެން ދައްކަން މިއައި ވާހަކައަށްދާނަން" ނަބީލް ބުންޏެވެ.
"ކޮން ވާހަކައެއް؟" އައްފާން ބުންޏެވެ.
"އައްފާންގެ ވައިފްގެ" ނަބީލް ބުންޏެވެ.
***
ހިތާހިތުން ދުލަށް އައިހާ ހެޔޮ އެއްޗެއް ހިމްނާ ކިއިއެވެ. ޖީޒާ ކައިރީގައި ގެއަށް ނުވަނުމަށް އޭނާ ނުބުނެއެވެ. މެހްމާންދާރީ ހިނިތުންވުމަކާއެކު އަދާކުރިއެވެ.
"އާދޭ އާދޭ. އެތެރެއަށް. ހިނގާ ސައިބޯން" ހިތުގައި ނުތަނަވަސްކަމެއް ވިޔަސް ޖީޒާ ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ.
ޖީޒާ ފެނިފައި ޒާރާއަށް ވެސް ލިބުނީ ނުތަނަވަސްކަމެވެ. ކައިރީގައި އިން ނޫރީންއަށް ޒާރާ ބަލައިލިއެވެ. ނޫރީން ތެދުވެގެން ހިނގައިގަތީ ސިޓިންގރޫމަށެވެ.
"އަހަރެން މިއައީ. ބޮޑުކަމަކުއޭ" އެތެރެއަށް ވަންނަމުން ޖީޒާ ބުންޏެވެ. ނުބަލަން ހުއްޓަސް ޖީޒާއަށް ބަލައިލެވުނީ ފިހާރައިގެ ދޮރަށެވެ. ޖީޒާއާ މެދު އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު ހަސަދަވެރިކަމަކީ އެ ފިހާރައެވެ.
ނުތަނަވަސްވެފައި އިނދެވެސް ހިމްނާ ހިނިތުންވެލިއެވެ. ޖީޒާއަށް ސައިތަށި ހަދާފައި ދިނީވެސް ހިމްނާގެ ދެ އަތުންނެވެ.
"އަން. އަހަރެން މިއަދު ރެހި ތެލުލިން. ހިތަށް އެރީ މިގެއަށް އައިއިރު ކުދިންނަށް ގެނެސްދޭނީއޭ. ކުރީ ދުވަހު ދިން ބޮނޑިބަތްކޮޅު މީރުތަ؟" ޖީޒާ ބުންޏެވެ.
އެއްވެސް މީހަކު ތަށީގައި ނުހިފުމުން ޖީޒާ އެ ތަށި ބެހެއްޓީ މޭޒުމަތީގައެވެ.
"އެހާވަރަކުން އަނެއްކާ ކޮންކަމަކުބާ؟ ނެތޭ އިނދެވޭކަށްވެސް. މަޣްރިބަށް އެ ގޮވަނީ. މިސްކިތަށްދާންވެސްޖެހޭ" ހިމްނާ ބުންޏެވެ.
"މީނދަ ޒާރާގެ ކަމަކު. ކުރިއަށްވުރެ އެ މަންޖެގެ ހާލު ރަނގަޅު ދޯ. ކުޑަކޮށް މަސްވެސް ޖަހާލައިފި. އަހަރެންގެ އަސީލު އެނގެއެއްނު. އެބައުޅޭ ރިސޯޓުން އައިސްގެން. ދެ ޖީބު ފުރާ ޑޮލަރު ބޮނޑިބޮނޑި އެބަހުރި. އެ ސޮރަށް މި މަންޖެ ވަރަށް ކަމުދޭ. އެކުން މިއަދު އެ ވާހަކަދައްކާލަން މިއައީވެސް. އަހަރެން މި މަންޖެގެ ކައިވެންޏަށް އެދެން މިއައީ"
ކުއްލިއަކަށް ޖީޒާގެ ކަންފަތުގައި ޖެހުނީ ބަޤަރާ ސޫރަތުގެ މޫރިތިވި އާޔަތްތަކެވެ. އޭގެ އަޑުއިވުމުން ޖީޒާއަށް ހީވީ އޭނާގެ އެތެރެހަށީގައި އަލިފާން ރޯވެގެން ދިޔަހެންނެވެ. އިސާހިތަކު އޭނާގެ މޫނުމަތިން ދާތިކިތައް ފާޅުވާން ފެށިއެވެ. ނޭވާ ނުލެވިގެން މީހަކު ތެޅޭހެން ޖީޒާގެ އަމަލުތައް ހުއްޓެވެ. ޒާރާ އާއި ހިމްނާ އިނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލަހައްޓައިގެންނެވެ.
"ޖީޒާ، ކިހިނެއް ތިވަނީ؟ ހުރިހާކަމެއް ރަނގަޅުތަ؟" ހިމްނާ ބުންޏެވެ. ޖީޒާއަށް ބަދަލުތައް އަންނަން ފެށީ ގޭތެރެއިން އިވެމުންދިޔަ ގުރުއާނުގެ ސަބަބުންކަން އެނގެއެވެ.
ޖީޒާ ފުންމައިގެން ތެދުވިއެވެ.
"ފަހުން ޖަވާބުދިނަސް ހެޔޮ އެނގޭ. ހަކުރަށް ބޭސްނުކައި ހުރީމަ މި އުނދަގޫތައް މިވަނީ. މިދަނީ ގެއަށް"
ޖީޒާ ތެދުވެގެން ދިޔައީ ދެކަންފަތް މަތީގައި އަތް އަޅައިގެން ހުރެއެވެ. ހިމްނާގެ ހިތަށް ފަސޭހަވެގެން ދިޔައީ ޖީޒާ ލޯމަތިން ގެއްލުނު ފަހުންނެވެ. ޒާރާ އައިސް ހިމްނާގެ ގައިގައި ހިފަހައްޓައިގަތެވެ. ކެތްކުރަން ދަތިވީ ޒާރާއަށެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެފަދަ މަންޒަރުތަކެއް ފެނުމުން ހަގީގަތުގައިވެސް ޒާރާ ހުރީ ބިރުގެންފައެވެ.
"ރޯނެ ކަމެއްނެތް ދަރިފުޅާ. ހަސަދަވެރީންގެ ނުބައިކަން ﷲ ތައާލާ އަހަރެންގެ މިގެއަށާއި އަހަރެންގެ މުދަލަށާއި އަހަރެންގެ ދަރިއެއްގެ މައްޗަށް ނުލައްވާނެ. އަހަރެމެން މިތިބީ ސިހުރާއި އެސްފީނާއިން ސަލާމަތްވުމަށް އެކަލާނގެ ބާވާލެއްވި ހަތިޔާރުތަކުގެ ބޭނުންކޮށްގެން. އެކަލާނގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. ސިހުރުވެރިޔާ އެ ދިޔައީ މިގެއަށް ވެއްދި ސިހުރުވެސް ހިފައިގެން. އެކަން އޭނާގެ ހަނދާން ހުރިހެނެއް ހިއެއް ނުވޭ" ޒާރާގެ ބުރަކަށީގައި ފިރުމައިލަމުން ހިމްނާ ބުންޏެވެ.
ޒާރާގެ ދެ އަތުގައި ތުރުތުރުލުމެއް ހުރިކަން ހިމްނާއަށް ފާހަގަވިއެވެ. އަދިވެސް ޒާރާ ހުރީ ޖެހިލުންވެފައެވެ. ސިހުރާއި ފަންޑިތައަކީ ޒާރާ ގަބޫލުކުރާ ތަކެއްޗެވެ. އޭނާގެ އާއިލާއަށް މީހަކު އެފަދައިން ހަސަދަވެރިވެދާނެ ކަމަކަށް ދުވަހަކުވެސް އޭނާ ހީކޮށްފައެއް ނެތެވެ.
"ނޫރީން ގޭތެރެއަށް ފޮނުވައިގެން ދަރިފުޅު ތިކުރީ ވަރަށް ރަނގަޅު ކަމެއް" ހިމްނާ ބުންޏެވެ.
****
ނިއަމް ނިންދަވަން އެނދުގައި އޮތް އައްފާނަށް ނުހާ ބަލައިވެސްނުލައެވެ. ރީތިވެގެން ކޮޓަރިން ނުކުމެއްޖެއެވެ. ދެލޮލުން ކަރުނައެއް ނުފޭބިއެއް ކަމަކު އައްފާންގެ ހިތަށް އަސަރުކުރިއެވެ. އެއްފަރާތުގައި ރީތިކޮށް ނިއަމް ބާއްވާފައި އައްފާން އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާގެ އެކަނިވެރިވީ މިންވަރާ މެދު ވިސްނުން ހިނގާލެވުނީ ދެންމެއެވެ. އައްފާންގެ ހިތަށް އަސަރުކުރިއެވެ. ލޯބިން ކުރެވުނު ކައިވެނީގެ ގޮށް މޮހެވިދާނެކަމުގެ ބިރުހީވެ އޭނާގެ ގައިން ހީބިހިނަގާލިއެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންނަމަވެސް ނުހާއަށް ދެން އިތުބާރުކުރާނެ ގޮތެއް އައްފާނަށް ނުވިސްނުނެވެ. ނަބީލް އެ ދެއްކީ ތެދު ވާހަކަތަކެއްކަން ގަބޫލުކުރަން އައްފާން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ނަބީލް ދޮގެއްވެސް ނަހަދާނެއެވެ. ނުހާ އެ ވަނީ ނުބައި ގޯޅިއެއް އަޅައިފައެވެ. އައްފާންގެ ހިތުގައި ނުހާއަށް އޮތް ސާފު ލޯބީގައި ކިލަނބުކަމެއް އުފެދިއްޖެއެވެ. ލޯތްބަށް ލޮޅުން އަރައިފިއެވެ. އެކަމުގެ ދޮގުތެދަކީ ކޮބައި ކަމެއް ބަލަންވެސް އައްފާން ބޭނުމެއް ނުވެއެވެ. ސަބަބަކީ ނުހާއާ ގުޅޭގޮތުން ނަބީލް ވާހަކައެއް ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތުމެވެ. އެ ހުރިހާކަމަކަށް ވުރެ ބޮޑަށް އައްފާންގެ ހިތުގައި ރިއްސަމުން އެބަދެއެވެ. ނުހާގެ ބޭވަފާތެރިކަން ހަނދާންވެފައެވެ. ނުހާ ދެކެ އޭނާއަށް ލޯބިވެވުނު މިންވަރު ހިތަށް އަރައިފައެވެ. ދެލޮލުގެ އަރިމަތިން ފައިބައިގެން ދިޔަ ކަރުނަ ތިއްކާއެކު މާޒީގެ ތެރެއަށް އައްފާންގެ ވިސްނުން ފީނައިގަތެވެ.
އެއީ މީގެ ދުވަސްތަކެއް ކުރިއެވެ. އުފަން ރަށުގައި ތައުލީމީ ހަޔާތް ނިމުމަކަށް އައި ދުވަސްވަރެވެ. އައްފާނަކީ ހިތްއަލި، ކިޔެވުމުގައި ރަންވަނަތަކެއް ހޯދަމުން އައި ރީތި ޒުވާނެކެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަންހެންކުއްޖަކަށްޓަކައި އޭނާގެ ހިތުގައި ވިންދެއްޖަހާލިކަން އިހުސާސްވި ދުވަހަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. ކަނާތް ފަރާތުގައި ހުރީ އަންހެން ރަހުމަތްތެރިޔާއެވެ. ވައަތް ފަރާތުގައި ހުރީ ފިރިހެން ރަހުމަތްތެރިޔާއެވެ. ހިތުގައި އަލަށް އުފަންވި ލޯބި ހާސިލުވެދާނެކަމުގެ އުންމީދު ނެތިގެން ދިޔައީ އެންމެގާތް އެކުވެރިޔާ އާއި އޭނާގެ ހިތުގެ ރާނީގެ ދެމެދުގައި ކަނދުފަތި ކަނބަން ޖެހުމުންނެވެ. އެ ދެމީހުންގެ ލޯބީގެ ފަސާނާ އެކަކު އަނެކަކުގެ ކަންފަތާ ހަމަޔަށް ގެންގޮސްދޭ ވަސީލަތަކީ އައްފާނެވެ. އެންމެ ހިތަށް ތަދުވީ އުންމީދުނުކޮށް ހުއްޓައި ލޯ މަތިން ހުރިހާކަމެއް ބަދަލުވުމުންނެވެ. ފުރަތަމަ ލޯބި ހާސިލުނުވެދާނެކަމުގެ ބިރުހީވެ ޒާރާގެ ކުރިމަތީގައި އޭނާގެ ހިތްހުޅުވާލީ ސްކޫލު ނިމުނުތަނާއެވެ. އެހެންނަމަވެސް ކުރިން ހީކުރިގޮތަށް އެ ލޯބި އޭނާއަށް ކާމިޔާބު ނުވިއެވެ. އެކުވެރިކަމަށް ވުރެ ގާތްގުޅުމެއް ނުލިބުނެވެ. އައްފާނަށް ޖެހުނީ ހިތް މަތީގައި ހިލަގަނޑެއް ބާއްވާފައި ޒާރާއާ ދުރަށްދާށެވެ. ކުޑަގޮތަކަށް ބުނާނަމަ އޭނާގެ ލޯބި ގުރުބާންކުރީއެވެ. ފައްވާޒްގެ ކުރިމައްޗަށް ނުކުމެ ލޯބި ހާސިލުކުރަން ހަނގުރާމަކުރަން އައްފާން ބޭނުންނުވީއެވެ. އޭނާގެ ލޯމަތީގައި ޒާރާ އާއި ފައްވާޒް ލޯބީގެ މާތައް ފޮޅުވަމުންދާ މަންޒަރު ބަލަން އަމިއްލައަށް ހިތް ރުއްސީއެވެ. ޒާރާގެ ކައިރިން އައްފާން އެދުނީ އެންމެ ކަމަކުއެވެ. އެއީ އޭނާ ލޯބި ހުށަހެޅިކަން ފައްވާޒަށް ސިއްރުކޮށްދިނުމަށެވެ. ދެ ރަހުމަތްތެރިންގެ އެކުވެރިކަމަށްޓަކައެވެ.
"ޒާރާ އަބަދުވެސް ހަނދާންކުރައްޗެ. އަހަރެން ލޯބިވީވަރަށް ފައްވާޒަށްވެސް ޒާރާ ދެކެ ލޯބިނުވެވޭނެ. މިއަދު އަހަރެންނަށް ތި ލޯބި ކާމިޔާބު ނުވިޔަސް އަދި އަހަރެންނަށް ތި ލޯބި ހާސިލުވާނެ ދުވަހެއް އަންނާނެ. އަހަރެން ދުވަހަކުވެސް ފަވާއާ ޒަރާގެ ދެމެދަށް ނުވަންނާނަން" އައްފާން އެ ދުވަހު ޒާރާއަށް އިއްވައިދިނެވެ.
"އައްޔަ ލަދެއް ނުގަނޭތަ ފަވާގެ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރެ ތިކަހަލަ ވާހަކަދައްކަން. އަހަރެން ނޫޅެން އެއްވެސް ވާހަކައެއް ފަވާ ކައިރީގަ ދައްކަން. އެކަމަކު އައްޔަ އަހަރެން ދެކެ ލޯބިވެގެން ތިކުރީ ރަނގަޅުކަމެއް ނޫން"
އެ ދުވަހު ޒާރާގެ ފަރާތުން ލިބުނު ޖަވާބު މާލެ ބަދަލުވެ ދިރިއުޅުމެއް ފެށުމާ ހަމައަށް އައްފާންގެ ހަނދާނުގައި ހުއްޓެވެ. ނުހާއާ ބައްދަލުވެ އުފެދުނު ގުޅުން ލޯތްބަށް ބަދަލުވެ އެ ގުޅުން ކައިވެންޏަކާ ހަމައަށް ދިއުމުން އައްފާން މަސައްކަތްކުރީ މާޒީގައި ހިނގައިދިޔަ ހުރިހާކަމެއްގެ މަތިން ހަނދާން ނައްތާލާށެވެ.
ކުރެވުނު ކައިވެންޏާއެކު ނުހާ ދެކެ ވީ ލޯބި އެތައް ތަނެއް ބޮޑުވިއެވެ. ހަޔާތުގައި އޭނާ ކުރާނެ އެންމެފަހު ކައިވެނިކަމުގައި އޭނާ ހުރީ ނިންމައިގެންނެވެ. ފުރަތަމަ ލޯބި އޭނާގެ ހިތުން މަޑުމަޑުން ފަނޑުވަމުން ގޮސް ހިތުގައި އެ ލޯބި ވަޅުޖެހި ދުރު ހަނދާނަކަށް ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް އެ ލޯބި މަތިން ކިތަންމެ ދުރުން ހަނދާންވިޔަސް ހަނދާންވާ ކޮންމެފަހަރަކު ހިތުގައި ރިހުމެއް އުފައްދައެވެ. އޭނާ ދެކޭގޮތުގައި އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބަކީވެސް ނުހާއެވެ.
****
ނިދީގައި އޮތް ނިއަމް ކުޑަކޮށް އަޑެއް ލައްވާލިއެވެ. ހިޔާލުތަކުގެ ކަނޑުން އައްފާނަށް ނުކުމެވުނީ އެ ވަގުތުއެވެ. ކޯތާފަތްމަތިން ތެތްކަމެއް އިހުސާސްވެގެން ބަލައިލިއިރު ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގެން ހިނގައްޖެއެވެ. ނިއަމްއަށް ބަލައިލާފައި އަނެއްކާވެސް އިހު އިންގޮތަށް އައްފާން ރުޖޫއަވެއްޖެއެވެ. ނުހާގެ އުޅުން ރަނގަޅުވެދާނެ ކަމަށް އޭނާ ކުރަމުން އެދާ އިންތިޒާރަކީ ދުވަހަކުވެސް ނިމުމެއް އަންނާނެ އިންތިޒާރެއް ނޫންކަން ފުރަތަމަ ފަހަރަށް އޭނާގެ ހިތް ބުނެފިއެވެ. ކައިވެނި ކުރެވުނު ފުރަތަމަ ރޭވެސް ނުހާ އަކީ މިނިވަންކަމަށް ލޯބިކުރާ ޒުވާނެއްކަން އައްފާނަށް އެނގުނެވެ. އެހެންނަމަވެސް ހައްދުފަހަނައަޅާ ދާ މިންވަރަށް ނުހާގެ ކަންތައްތައް ގޮސްދާނެ ކަމަކަށް ހިއެއް ނުކުރެއެވެ.
"ނުހާ ގެއަކަށް ނުވަދޭ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކޮށްލަކޮށްލަ އުޅުނީ. ނުހާ ރައްޓެހިންނާ ޖެހި މުޅިން ހަލާކުވެއްޖެ"
އަދިވެސް ރަހްމާންގެ އެ ޖުމުލަ އައްފާންގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ. އެއި ނިއަމް ފިޓުޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ރެއެވެ. ދަރިއަކު އެފަދަ ހާލަތެއްގައި އޮތްއިރު އެންމެ ކަންބޮޑުވާނެ ފަރާތަކީ ޔަގީނުންވެސް ތުއްތު ކުއްޖާގެ މައިމީހާކަން ޔަގީނެވެ. އެހެންނަމަވެސް ނިއަމް ކައިރީގައި ނުހާއެއް ނެތެވެ. ވީ ތަނެއްވެސް، ދިޔަ ތަނެއްވެސް، ނުހާގެ އެއްވެސް ހަބަރެއް އައްފާނަށް ނުވެއެވެ. ކުޑަކުޑަ ނިއަމް އޮތްގޮތް ފެނި އައްފާން މޮޔަނުވީ ކިރިޔާއެވެ. ނުހާއާ މެދު އައްފާންގެ ނަޒަރިއްޔާތު ބަދަލުވާން ފެށީ އެރެއެވެ. ނުހާ އަކީ އިއްފަތްތެރި އަދި ފިރިމީހާއަށް ވަފާތެރި އަންބެއް ނޫންކަން މިހާރު އައްފާނަށް ޔަގީންވެއްޖެއެވެ. މި ފަހުން އައްފާންގެ ސިކުނޑީގައި އެނބުރެމުން ދަނީ އެންމެ ހިޔާލެކެވެ. ކައިވެނި ރޫޅާލުމުގެ ވިސްނުމެވެ. އެއީ އޭނާ އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. އެއީ އޭނާގެ އަލަތު ދަރިފުޅުގެ މަންމައެވެ. އެހެންނަމަވެސް ކައިވެންޏާ މެދު އިތުރަށް ވިސްނާކަށް އޭނާގެ ހަޔާތުގައި ތަނެއް ނެތެވެ. އިންސާނަކު ކެތްކުރާނެ އެންމެ މަތީ ދަރަޖައަކަށް އައްފާން ކެތްކޮށްފިއެވެ. އައްފާނަކީ ކޮންމެކޮންމެ ކަމެއް ހެޔޮވާނެ މީހެއް ނޫންކަން ނުހާއަށް އަންގައިދޭންވީ ވަގުތު ޖެހިއްޖެއެވެ. އިތުރަށް ލަސްކުރުމުގެ ބޭނުމެއް ނެތެވެ.
****
ރޭގަނޑު ކާން އައްފާނަށް ގޮވީ ދިމްނާއެވެ. އައްފާން މޭޒު ކައިރިއަށް ދިޔައިރު މޭޒު ކައިރީގައި ނުހާ ވެސް އިނެވެ. ނުހާއަށް ބެލުމެއް ނެތި އައްފާން މޭޒު ކައިރީގައި އިށީނެވެ. ނިއަމް ބޭންދީ އޭނާގެ ފައި މަތީގައެވެ. އައްފާނަށް ރޮށި ކޮށައިދޭން ނުހާ އުޅުމުން އެކަން މަނާކުރީ އައްފާނެވެ. އޭނާ ތައްޓަށް އެޅީ ބަތެވެ. ކުޑަ ގަރުދިޔަކޮޅެއް އަޅާފައި ސަމްސަލުން މޮޑެން އުޅުނުގޮތުން ސައީދާއަށް އުނދަގޫވިއެވެ. ބަދިގޭގައި ހުރި ދިމްނާއަށް ގޮވާލާފައި އައްފާން ކައި ނިމެންދެން ނިއަމް އުރާލުމަށް ސައީދާ ބުންޏެވެ. މީހަކު އަމިއްލައަށް ކައިރި ނުވަނީސް އަތުން ނިއަމް ދޫނުކުރާނެކަން އެގޭ އެންމެންނަށްވެސް މިހާރު އެނގެއެވެ.
"ގެނޭ ކުޑާ އަތަށް. ހަވީރު ނިދާލީމަ ދޯ މީނަ ނުނިދައިގެން މި އުޅެނީ"
ވަރަށް ފަސޭހައިން ދިމްނާ އަތަށް އައްފާން ނިއަމް ދިނެވެ. އޭނާއަށް ރަނގަޅަށް ކާއެއްޗެއް ކެވުނީ ދެނެވެ. ކުރިމަތީގައި ބަތްތަށި ހާވަން ނުހާވެސް އިނެވެ. މޭޒުކޮޅުގައި އިން ރަހްމާން ބަހެއް ނުކިޔައި އިނެވެ. އައްފާނާއި ނުހާގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ނޫންކަން އޭނާއަށް އެނގެއެވެ. ހަގު އަންހެން ދަރިފުޅުގެ ދިރިއުޅުން ސަލާމަތްކުރަން ބަފައެއްގެ ފަރާތުން ކުރަންޖެހޭ ކަމެއް ވިއްޔާ އޭނާ ކޮށްފިއެވެ. ފަހަކަށް އައިސް ނުހާގެ މިޒާޖަށް ވެރިވެފައިވާ މަޑުމައިތިރިކަން ފެންނާތީ ރަހްމާން ދެރަވެ ހިތުގައި ޖެހެއެވެ. އެހެންނަމަވެސް އެކަމުގައި އައްފާން ކުށްވެރި ކުރެވޭކަށްވެސް ނެތެވެ.
"އަހަރެން މިދަނީ ނިއަމްގެ ފުޅި ހިފައިގެން"
އަތް ދޮންނަން ޒިންކު ކައިރިއަށް އައްފާން ދިޔަވަގުތު ކައިރިވެލާފައި ނުހާ ބުންޏެވެ.
"ހެޔޮ ނަޔަސް. އަހަރެން ދާނީ ފުޅި ހަދައިގެން، ހިފައިގެން" އައްފާން ބުންޏެވެ. އޭނާގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެންވާކަން ނުހާއަށް ފާހަގަވިއެވެ.
ނުހާ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. އައްފާނަށް ބަލަހައްޓައިގެން ހުރެ ފުންނޭވާތަކެއް ލަމުން ނުހާ ދިޔައެވެ. އައްފާންގެ ދުރުކަން ނުހާ މޮޔަކޮށްފިއެވެ.
"ކިހިނެއްވެގެންތަ އައްފާން ތިއުޅެނީ؟" އައްފާން ގައިގައި އަތްއަޅާ ފަހަތަށް ކޮށްޕާލަމުން ނުހާ ބުންޏެވެ.
ނުހާގެ އެ އަމަލުން ހައިރާންކަން ލިބުނީ ހަމައެކަނި މޭޒު ކައިރީގައި ތިބި އާއިލާ މެންބަރުންނަށް އެކަންޏެއް ނޫނެވެ. ހުދު އައްފާންވެސް ހައިރާންވިއެވެ. ކޮޓަރިން ބޭރުގައި އެފަދަ މޭރުމަކުން ވާހަކަދެއްކި އަދި ނުހާ ކުރިން އައްފާންގެ ގަޔަށް އަތްލި އެއީ ފުރަތަމަ ފަހަރެވެ. އައްފާން ވަރަށް ލަދުގަތެވެ. ހަމަ އެގޮތަށް ނުހާއާ މެދު އަމަލުކުރާކަށް އައްފާން ބޭނުމެއް ނުވިއެވެ. ފަހަތުގައި ތިބި ނުހާގެ މައިންބަފައިންނަށް ބެލުމެއްނެތި ނިއަމްގެ ފުޅި ހިފައިގެން އޭނާ ގޮސް ހުއްޓުނީ ދިމްނާ ކައިރީގައެވެ. ނިއަމް އުރާލައިގެން ދެން އޭނާ ދިޔައީ ކޮޓަރިއާ ދިމާލަށެވެ.
ނުހާއަށް އެއްޗެއް ނުބުނެ ރަހްމާން ކޮޓަރިއަށް ދިޔަކަން ނަސީބެކެވެ. ސައީދާ ގޮސް ހިފީ ނުހާގެ އަތުގައެވެ. ދަމަމުން ކަހަލަ ގޮތަކަށް ގޮސް އޭނާ ވަނީ ބަދިގެއަށެވެ. ފަހަތުން ދިމްނާވެސް ދިޔައެވެ. ސައީދާގެ އަތް ނުހާ ދަމައިގަތީ ގަދަކަމުންނެވެ. އޭރު ނުހާ ދިޔައީ ރޮމުންނެވެ.
"ނުހާ ކޮންފާޑަކަށް ތި އުޅެނީ. ތިމާގެ ފިރިމީހާ ގަޔަށް އަތް އިސްކުރިއިރު ލަދެއް ހަޔާތެއްވެސް ނެތީތަ؟ އެންމެ އެތި ފަހަރަކުން ޖަހައި ކަލޭ ބިމަށް ތިރިކުރާނެހާ ބާރު އައްފާންގެ މުލައްދަނޑީގައި ހުންނާނެ. އައްފާންގެ ހިމޭންކަން ހިޔާރުކުރީ ކަލޭގެ މޮޅުކަމަކުން ނޫން" ސައީދާ އަޑުހަރުކޮށް ހަޅޭއްލަވައިގަތެވެ.
ނުހާ ހަޅޭއްލަވައިގަތެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފި ކަމުގައި ބުންޏެވެ. ރަނގަޅުވާން އެއްވެސް ކަމެއް ނެތް ކަމުގައި ބުންޏެވެ.
"ހުރިހާ މީހުންނަށްވެސް ފެންނަނީ އަހަރެންގެ ކުށް. އައްފާން ކަންތައްކުރާ ގޮތެއް ނުފެނޭތަ؟ އޭނަ އެހާ ރުޅިއެއް އަހަރެން ދެކެ އަންނަން އަހަރެން ކޮންކަމެއް ކުރީ؟ ރައްޓެހިންނާއެކު ތަންތަނަށް ދިޔުމަކީ ފާފައެއްތަ؟ އޭނަވެސް ބޭނުންވީމަ ހަމަ ކޮފީއަށްވެސް ދަނީއެއްނު. އަހަރެން ނުބުނަން އެއްޗެއް" ނުހާ ހަޅޭއްލަވަމުން ދިޔައެވެ.
ސައީދާ ދެފަރާތަށް ބޯހޫރާލިއެވެ. ނުހާ އަޑުގެ ނެތްތަނަށް އައްފާނަށް އަޑުލަމުން ދިޔައިރު ހުދު ތިމާއަށް ކުރެވުނު ކުށެއް ހަނދާނުގައި ނެތެވެ. ތިމާއަށް ކުރެވުނު ކުށް އިހުސާސްވެ ނުހާ އިސްލާހުވާނީ ކޮންއިރަކުން ހެއްޔެވެ؟
"އަހަރެންނަކަށް އައްފާންގެ ކުށެއް ނުފެނޭ. ހަރުދަނާ ފިރިހެނެއްގެ ފަރާތުން، ޒިންމާދާރު ބަފައެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އަހަރެންނަށް އައްފާންގެ ކިބައިން ފެނޭ. އައްފާންގެ ހިތުގައި ނުހާއަށް އޮތް ލޯބި ނުހާގެ އާއިލާއަށް އިހުތިރާމާ ގަދަރު އަހަރެންނަށް ކޮންމެދުވަހަކު ފެނޭ. ނުހާ ނުވިސްނެނީ ކީއްވެތަ؟ ބަލަ އައްފާނުގެވެސް އާއިލާއެއް އެބައޮތް. އުފަން ވަޒަނާ އާއިލާ ދޫކޮށް ނުހާ ހިތްރުހޭހެން ނުހާގެ އާއިލާއާއެކު ދިރިއުޅޭނީ ގައިމުން ލޯބިވާތީ ދޯ. ނުހާގެ ތި ވިޔާނުދާ ދިރިއުޅުން އަމިއްލަ ލޮލުން ދެކިގެން ހުރިހާ ކަމެއް ނުހާ ހިތް އެދޭހެން ދޫކޮށްލައިގެން ހުންނާނީ ޔަގީނުންވެސް އޭނާގެ ކިބައިގައި ކެތްތެރިކަމެއް ހުރެގެންދޯ"
ސައިދާ ވާހަކަދައްކަމުން ދިޔައިރު އެނދުގެ ހެޑްބޯޑުގައި ލެނގިގެން އިން ނުހާ ދެ ކަކުލުގައި ބޯ އަޅައިގެން އިނދެ ރޮމުން ދިޔައެވެ. ސައީދާ ގޮސް އިށީނީ ނުހާގެ ފައި ކައިރީގައެވެ. މަޑުމަޑުން ނުހާގެ އަތްމަތީގައި ސައީދާގެ އަތް ބޭއްވިއެވެ. ނުހާ އެހާވަރަށް ރޯ މަންޒަރު ފެނުމުން ސައީދާގެ ލަގޮނޑިއަށް ބާރުވެގެން ދިޔައެވެ.
"ހެޔޮނުވާނެ ދަރިފުޅާ. ދަރިފުޅުމެންގެ ދެ ދަރީންނަކީ މަންމަގެ މުޅި ދުނިޔެ. ތިއިން އެއްވެސް ކުއްޖަކަށް ދެރައެއް ލިބޭކަށް މަންމަ ނޭދެން. ދަރިފުޅުގެ ކުޑާގެ ދިރިއުޅުން ދަރިފުޅަށް ނުފެނޭތަ؟ ތި ދެކުދީންނަށް މަންމަ ތަރުބިއްޔަތު ދިނީ އެއްގޮތަކަށް. ދެ ދަރީން ތަފާތެއް ނުކުރަން. އަދިވެސް ވަގުތު ފާއިތެއް ނުވޭ. އައްފާން ފަދަ ޖަވާހިރެއް އަތުން ބީވިޔަނުދީ ހިފަހައްޓާ. ދަރިފުޅާ... ކުރެވުނު ކުށެއްވިއްޔާ އެކަމަށް އިއުތިރާފުވެ އައްފާންގެ ކިބައިން މައާފު ހޯދާ. މިއަދުވެސް މަރުވެދާނެ. ކޮންމެ އިންސާނެއްގެ ހަޔާތުންވެސް ފާއިތުވެގެންދާ ކޮންމެ ސިކުންތެއް އެއީ އަގު ނުކުރެވޭނެ ވަގުތުތަކެއް. ދަރިފުޅުގެ ދެ ލޮލުން ވިރާނާ މުސްތަގުބަލެއްގެ ހުޅުކޮޅު މަންމައަށް ފެނިއްޖެ. އައްފާން ގެއްލިދާނެ"
ކުއްލިއަކަށް ނުހާ ތެދުވެގެން ހިނގައިގަތެވެ. ސައީދާގެ ވާހަކަތަކަށް ނުހާ ޖަވާބެއް ނުދިނެވެ. ހީވާ ކަހަލައެވެ. ނުހާއަށް ނުހާގެ ކުށެއް ނުފެނެއެވެ. ނުހާއަށް ކުރެވުނު ކުށެއް ވިއްޔާ ކުރެވުނީ އައްފާންގެ ސަބަބުންނެވެ. އައްފާން ނުހާ ދުރުކޮށްލުމުންނެވެ.
****
ސައިކަލުމަތީގައި އިން މާހީ އިތުރަށް ފައްވާޒާ ގާތަށް ޖެހިލާފައި ފަހަތުން ފައްވާޒްގެ ގައިގައި ބައްދާލިއެވެ. މާހީގެ އެ އަމަލުން ފައްވާޒަށް ލިބުނީ ހިތްހަމަޖެހުމެވެ.
"ތަންކޮޅެއް ފަހަތަށް ޖެހިލަބަލަ"
ފައްވާޒްގެ އެ ޖުމުލައިން މާހީ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެއީ ދުވަހަކުވެސް ފައްވާޒް ނުބުނާ އެއްޗެކެވެ. މާހީ ފަހަތަށް ނުޖެހުނެވެ. ފަހުން ފައްވާޒް އެއްޗެއް ނުބުނެއެވެ.
"ތިއޯ..."
ދުއްވާލަން ނުކުތް މީހާ ކުއްލިއަކަށް ރެސްޓޯރަންޓެއް ކައިރިއަށް މަޑުކޮށްލުމުން މާހީ ބުންޏެވެ.
"ކޮފީއެއް ބޯލަން" ފައްވާޒް ބުންޏެވެ.
ދެ ޒުވާނުން އެތެރެއަށް ވަދެގެން ގޮސް މަޑުކޮށްލީ އެތެރޭގައި ހުރި މޭޒެއްގައެވެ. ވެއިޓަރަކަށް ގޮވާލާފައި ދެ ކޮފީއަށް އޯޑާރުދީފައި ފައްވާޒް ނެގީ ފޯނެވެ.
"ކިހިނެއްވީތަ؟ ހާދަ ފާޑަކަށޭ ތި އުޅެނީ؟ ކީއްވެ އަހަރެން ކައިރީގަ ދުރަށްޖެހޭށޭ ބުނީ" މާހީ ބުންޏެވެ.
"ނުދެކެންތަ؟ އަހަރެމެން ކައިރިންލާފަ މަންމަ ދިޔައީ. އަހަރެމެންނަށް ބަލައިލާފަ ދިޔައީ" ފައްވާޒް ބުންޏެވެ.
މާހީ މޫނު ހަދާލިއެވެ. އެއީ އަނެއްކާ އަނެއް ބޮލުގެ ރިހުމެވެ. ވަރެއްގެ އަމައެކެވެ. އުޅެއުޅެ ހިތް ނުރުއްސުނެވެ. ހައްލުކުރަން އުނދަގޫ ބޮޑު މައްސަލަގަނޑެކެވެ. މާހީއަށްވި ގޮތް ފެނުމުން ފައްވާޒް ކައިރިއަށް އައީ ހިންޏެވެ.
"ކޮން ހިންޏެއް. އަހަރެންނެއް ނުދެކެން" މާހީ ބުންޏެވެ.
އެކަނި މޭޒެއްގައި އިނދެ ކޮފީތައްޓެއް ބޮމުންދިޔަ އައްފާން ފުރަތަމަ ފެނުނީ މާހީއަށެވެ. ވަގުތުން އޭނާ ފައްވާޒަށް އައްފާން ދައްކާލިއެވެ.
"އެބަ އަންނަން އިނގޭ" ފައްވާޒް ބުންޏެވެ. އައްފާން އެކަނި އިނުމުން ވަގުތުން އެ ދިމާލަށް އޭނާ ހިނގައިގަތެވެ.
ފައްވާޒް އެކަނި ދާން ތެދުވިޔަސް އެކުގައި މާހީވެސް ދިޔައެވެ. ގޮވާލުމުގެ ބަދަލުގައި ކައިރީގައި ހުއްޓިފައި އައްފާންގެ ކޮނޑުގައި ފައްވާޒް އަތްއަޅުވާލިއެވެ. ސިހިފައި އައްފާން ބަލައިލިއެވެ. އައްފާނުގެ ގައިގައި ބަނދެފައިވާ ކެރިއާ ތެރޭގައި ނިދާލާފައި އޮތް ތުއްތު ނިއަމް ފެނުނީ މާ ފަހުންނެވެ. ކައިރީގައި ހުރި މާހީ ނިއަމްގެ ކޮލުގައި މަޑުމަޑުން ކޮށްޓާލިއެވެ.
"އެކަނިތަ؟ ފަހަރި ނުގެންނަންތަ؟" މާހީ ބުންޏެވެ. މާހީ ފެނުމުން އައްފާން ހަނދާންވީ ނަބީލް ދެއްކި ވާހަކަތަކެވެ. މާހީ ދެކެ އައްފާންވީ ފޫއްސެވެ. ވާހަކަދައްކާ ހިތެއް ނުވިއެވެ.
އައްފާން ދައުވަތު ނުދެނީސް ފައްވާޒާއި މާހީ ގޮނޑި އަޅައިފިއެވެ. އެކަނިވެލަން ބޭނުންވެ، ލިބުނު ވަގުތުކޮޅު ފައްވާޒާއި މާހީގެ ސަބަބުން ހަރާބުވީތީ އައްފާން ހިތްހަމަނުޖެހުނެވެ.
"ހުރިހާ ތަނަކަށް އަނބިމީހާ ފަހަތުޖަހައިގެން ދެވޭތަ؟ އަހަރެން މިއީ ފައްވާޒެއް ނޫނޭ"
މާހީ އާއި ފައްވާޒް އެއްފަހަރާ އަނގަ ސަކަރާތްވިއެވެ.
(ނުނިމޭ)