ޒާރާގެ ހިތަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ބޮޑުކަމެއް ނުވާނަމަ ހިމްނާ އެގޮތަށް ނޫޅޭނެއެވެ. ދުވަހަކުވެސް ދަރިއަކާ 'ކަލޭ' ކިޔައިގެން މުހާތަބުކޮށްފައި ނުވާ މީހަކު ކުއްލިއަކަށް ބީރައްޓެހި މޭރުމަކުން ވާހަކަދެއްކުމުން ޒާރާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ރަސްމީ ނޫން ގަޑިއެއްގައި ސްކޫލުގައި އޮތް ކުޑަ މަސައްކަތެއްކޮށްލަން ކަމަށް ބުނެ ހިމްނާ ދިޔައިރުވެސް ހުރީ ވަރަށް ހަމަޖެހިފައެވެ. އޭރު މޫނުމަތީގައި ކަންބޮޑުވުމެއް ނެތެވެ. އަނެއްކޮޅުން ބޮނޑިބަތްތަށި އުކާލީ ކީއްވެގެން ހެއްޔެވެ؟ އެއީ ކާކު ދިން އެއްޗެއް ހެއްޔެވެ؟ ޔަގީނުންވެސް ވަސިންތަ ދިން އެއްޗެއް ނޫނެވެ. ޖަވާބު ނުލިބޭ އެތައް ސުވާލުތަކަކުން ޒާރާގެ ސިކުނޑި ފުރިއްޖެއެވެ. ވިސްނަމުން ގޮސް އޭނާ ކޮޓަރީ ތަޅުގައި ހިފާލިއެވެ. ނަސީބަކުން ކޮޓަރި ހުރީ ހުޅުވައިފައެވެ.
****
ހުދު ދޮޅީގައި މުސައްލަ މަތީގައި ހުރި ހިމްނާ ފެނުމުން ޒާރާ މަޑުކޮށްލިއެވެ. ހައިރާންވެސް ވިއެވެ. މެންދުރު ނަމާދާއި އަސުރުނަމާދުގެ ދެމެދުގެ ވަގުތެއްގައި ހިމްނާ ނަމާދަށް ހުއްޓައި ފެނުމުންނެވެ. އެހެން ދުވަސްދުވަހާ ހިމްނާ ވަރަށް ބޮޑަށް ތަފާތުވެއްޖެއެވެ. ޒާރާ އެނދުގައި އިށީނެވެ. ހިމްނާ ނަމާދުކޮށް ނިމެންދެން އޭނާ އިނެވެ. ހިމްނާއަށް ބަލަހައްޓައިގެން ޒާރާ އިނީ ފިކުރެއްގައެވެ.
ދުއާކޮށް ދެ އަތް ތިރިކޮށްލާފައި ހިމްނާ ބަލައިލީ ޒާރާއަށެވެ. ޒާރާ އައިސް އިންނާނީ ވަރަށް ގިނަ ސުވާލުތަކަކާ އެކުގައި ކަން ހިމްނާއަށް އެނގެއެވެ. އެހެންކަމުން ދޮޅި ނުބާލައި އައިސް ޒާރާ ކައިރީގައި ހިމްނާ އިށީނެވެ. ނޫރީންގެ ސުވާލުތައް އެއްފަރާތް ކޮށްގެން ހިމްނާއަށް އުޅެވިދާނެއެވެ. އެކަމަކު ޒާރާ އެހެނެއް ނޫނެވެ. ކަމެއް ހޯދަން ފަށައިފިއްޔާ އެކަމުގެ އެންމެ އަޑިއަށް ފީނާފައި ނޫނީ ޒާރާ ނުހުއްޓާނެއެވެ.
"މަންމަ މިއަދު ތި އުޅެނީ ކިހިނެއްވެގެންތަ؟" ޒާރާގެ ފުރަތަމަ ސުވާލެވެ.
ހިމޭނުން އިން ޒާރާގެ މޫނަށް ހިމްނާ ބަލައިލިއެވެ. ޒާރާ އަކީ ދޮށީ ދަރިފުޅެވެ. ނޫރީންއަށް ވުރެ ބޮޑަށް ވިސްނޭނީވެސް ޒާރާއަށެވެ.
"ކިޔާބަލަ"
ހިމްނާގެ ދެލޯ ކައިރިން އަދިވެސް އެއްކޮށް ކަރުނައިގެ އަސަރު ނުކެނޑެއެވެ.
"މަންމަ ބިރުގަތް. ދަރީންނަށް ކަމެއްވެދާނެތީ. އެކަމަކު މިތަނަށް އައިސް އެކަލާނގެއަށް ޖަހާލި ސަޖިދައާއެކު މަންމަގެ ނުތަނަވަސްކަން އެކީ ފިލައިގެން ގޮސްފި. ހަގީގަތުގައި ކޮންކަމަކާ ހާސްވާންވީ. އެކަލާނގެ އަންގަވަނީ އެއްވެސް އަޅަކު މާޔޫސްނުވުމަށް. ކަންކަން ތަދުބީރު ކުރައްވަނީ އެކަލާނގެ. އެކަލާނގެ ރަހްމަތްފުޅު އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ތަނަވަސްވެގެންވޭ. ބަލާ އާ މުސީބާތްތަކުން ރައްކާތެރިވެ ތިބުމަށް އެކަލާނގެ ބާވާލައްވާފައިވާ ހަތިޔާރުތަކުގެ ބޭނުން ތިންމައިން ހިފައިގެން ތިބިހާ ހިނދެއްގައި އެއްވެސް ފަރާތަކަށް އަހަރެމެންނަކަށް ދެރައެއް ނުދެވޭނެ"
ހިމްނާގެ ވާހަކަތަކުން ޒާރާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެހެންނަމަވެސް ވީގޮތެއް ނޭނގޭތީ ސުވާލުކުރުން ހުއްޓައެއް ނުލިއެވެ. އެންމެފަހުން ހިމްނާ ކިޔައިދޭން ފެށިއެވެ.
"ފަންޑިތަ ސިހުރު ދަރިފުޅު ގަބޫލުކުރަންތަ؟"
ޒާރާ ދެލޯބޮޑުވިއެވެ. ސިހުރަކީ ނުބައި އެއްޗެކެވެ. ﷲ ޝަރީކުކުރުމެވެ. އެފަދަ މީހުންނަށް އޮތީ ގަދަފަދަ ބޮޑު އަޒާބެވެ. ދުނިޔެމަތީގައިވެސް އެކަން ސިހުރުވެރީންނަށް ދައްކަވާނެއެވެ.
"އެކަމަކު ކާކު؟ އަހަރެމެން ކީއްކުރީ؟"
"އަވައްޓެރިން. އެންމެ ކައިރީގައި ހެޔޮއެދިގެން އުޅޭނީ ދެމޫނުގެ ވެރިން. ސިހުރަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި އެއްޗެއް. އެހެންވެ ދަރިފުޅުމެން ކައިރީގައި މަންމަ ބުނީ މީހުން ދޭ އެއްވެސް އެއްޗެއް ނުކައްޗޭ. ސިހުރެއް ކެވިއްޖިއްޔާ ތަތްލަވާނީ ގޮހޮރުގައި. އެއްވެސް ސްކޭނަކަށް، ޓެސްޓަކަށް ނުފެންނާނެ"
ހިމްނާގެ ވާހަކަތަކުން ޒާރާ ގަތީ ބިރެވެ. ކުރިން އެކަހަލަ ކަމެއް ތަޖުރިބާކޮށްފައި ނެތުމުން މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޒާރާއަށް ގަބޫލުކުރަން ދައްޗެވެ.
****
އެނދުގައި ހުރަހަށް އޮށޯވެގެން އޮތް އައްފާންގެ މޭމަތީގައި ނިއަމް ނިދާފައި އޮތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނާގެ ސިކުނޑީގައި އެތައްކަމެއް އެނބުރެމުން އެބަދެއެވެ. ކޮޓަރި ދޮރުހުޅުވާލިހެން ހީވުމުން އެ ދިމާލަށް ކަޅިއެއް އައްފާން އެއްލިއެވެ. ނުހާ އެތެރެއަށް ވަތްތަން ފެނުނެވެ. ކުރިން އޮތްގޮތަށް އައްފާން އޮތެވެ. ގެނައި ފެންފުޅި ސައިޑް ކަބަޑުމަތީގައި ބަހައްޓާފައި އެނދުގައި ތިބި ދެބަފައިންނަށް ނުހާ ބަލައިލިއެވެ. ނުހާ މަޑުމަޑުން އެނދުގައި އިށީނެވެ. އައްފާންގެ މޭމަތީގައި އޮތް ނިއަމްގެ ދެފަރާތުން ނުހާ ހިފިއެވެ. އުޅުނީ ކުޑައެނދުގައި ނިއަމް ބާއްވާށެވެ. ނިއަމްގެ ހަށިގަނޑަށް އައްފާން ބާރުކޮށްލުމުން ނުހާ ދޫކޮށްލިއެވެ. ނުހާ ދުރަށް ޖެހިލިއެވެ. އައްފާންގެ އެ އަމަލުން ނިއަމް އޭނާއާ ދުރުނުކުރާށޭ ބުނި ކަހަލައެވެ. ނުހާއަށް ކުރާނެކަމެއް ނޭނގުނެވެ. ނިދާނެ ގޮތެއްވެސް ނޭނގުނެވެ. އައްފާން އޮތީ ހުރަހަށެވެ. އޮށޯންނަން ބޭނުންވެފައި ނުހާ އިންހެން ހީވެފައި އައްފާން އެނދުގައި އޭނާ އޮންނަ ފަޅިއަށް ޖެހުނެވެ. އެވަރުންވެސް ނިއަމް ގައިން ދޫކޮށްނުލައެވެ. އިރުކޮޅަކުން އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި ނުހާ އޮށޯތެވެ. ދެން ނިދާ ބޮކީގެ އަލި ފަނޑުކޮށްލިއެވެ.
"ނިއަމް އެނދުގައި ބާއްވަންވީނުން. މިހާރު އެ އޮތީ ނިދިފައެއްނު" އިރުކޮޅެއްފަހުން ނުހާ ބުންޏެވެ.
އައްފާން ވާހަކަނުދެއްކިއެވެ. ފަހަރެއްގައި ނުހާގެ ވާހަކަތަކަށް ސަމާލުކަންދޭ ވަރަށްވުރެ ފިކުރުތަކެއްގެ ކަނޑެއްގެ މާދުރަށް އޭނާގެ ވިސްނުންތައް ދަތުރުކޮށްފައިވި ކަހަލައެވެ. ނުހާ އައްފާނަށް ބަލައިލިއެވެ. އެ ރަށަކުން އެނބުރި އައިފަހުން އައްފާނަށް ބަދަލުތަކެއް އައިސްފައި ހުރިކަން މާބޮޑަށްވެސް ނުހާއަށް ފާހަގަވެއްޖެއެވެ. ހުދު ނުހާއަށް އއިސްފައިވާ ބަދަލުތައް އައްފާނަށް ފާހަގަވިކަމެއް ނުހާއަށް ނޭނގެއެވެ. ނޭނގޭ ފާރެއް ދެމަފިރިންގެ މެދުގައި ހުރަސްވެއްޖެއެވެ. އައްފާން އިސްވެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނުހާ ބުނި އެއްޗަކަށް ނޫނީ އައްފާން އެއްޗެއް ނުބުނެއެވެ.
"އައްފާން... ނިއަމް އެނދަށް ނުލަންޏާ މެދުގަ ބާއްވަންވީނުން. ތިހެން ބޭއްވީމަ މޭފިތޭނެ" ނުހާ ބުންޏެވެ.
"ނުހާ ކޮންއިރަކު ނިއަމްއާ މެދު ވިސްނަން ފެށީ" އައްފާން ބުންޏެވެ.
ނުހާ އިސްޖެހިއެވެ. އައްފާންގެ ދުލުން ބޭރު އެ ކޮށްލި ޖުމުލައިގައި ވަނީ މަލާމާތެއް ކަމެއް ނުހާއަށް ދެނެގަންނާކަށް ނޭނގުނެވެ. އޭނާއަށް ޖަވާބެއްވެސް ނުދެވުނެވެ.
"ހެހެހެ... އަހަރެން ނުދެކެން ތިހާ ރަހުމެއް ނެތް މަންމައެއް"
އެންމެފަހުން ނުބުނަން ހުރި ޖުމުލަވެސް އައްފާނަށް ބުނެވިއްޖެއެވެ. ނުހާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެކަމުގައި އައްފާން ކުށްވެރިއެއް ނުހާއަށް ނުކުރެވުނެވެ.
"އަހަރެންގެ ދަރިފުޅު އަހަރެން ކައިރިން ދެން ދުރަކަށް ނުދާނެ. ނުހާއަށް އުނދަގޫވަންޏާ މި ކޮޓަރި ނޫން އެހެން ކޮޓަރިއަކަށް ދަރިފުޅު ގޮވައިގެން އަހަރެން ބަދަލުވެދާނަން" އައްފާން ބުންޏެވެ.
ނުހާ އެނބުރުނީ އަނެއް ފަރާތަށެވެ. އައްފާންގެ ވާހަކަތަކުން ނުހާގެ ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކޮށްފިއެވެ. އޭނާއަށް ރޮވެން ގިނަ އިރެއް ނުނެގިއެވެ. އެންމެފަހުން ގިސްލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިއްޖެއެވެ. އައްފާންގެ ހަމްދަރުދީ ލިބޭނެކަމަށް ނުހާ ހީކުރިއެވެ. އެހެންނަމަވެސް ބަދަލުގައި ނުހާ އިވެން ފެށީ އައްފާން ފުން ނިދީގެ ތެރެއަށް ދަތުރުކުރި އަޑެވެ. އައްފާންގެ ނޭވާގެ އަޑު އިވެން ފެށުމުން މާބޮޑަށް ނުހާ ހިތުގައި ޖެހުނެވެ. ކައިވެނި ރޫޅެން އުޅޭކަމުގެ ފެހި ސިގްނަލް ނުހާއަށް ލިބެން ފެށިއެވެ.
****
ރޭގަނޑު ކައިގެން ނިކުމެ ޒާރާ އޮތީ މަގުމަތީ ހުރި ޖޯލީގައެވެ. ގޭދޮރުމަތިންނާއި ފިހާރައިގެ ދޮރުމަތީގައި ދިއްލާފައިވާ ދެ ހޮޅިބުރިން މުޅި ސަރަހައްދު ވަނީ އަލިވެފައެވެ. މަގުގެ އެކި ހިސާބުތަކުގައި ދިއްލާފައިވާ ހޮޅިބުރިތަކުގެ އަލިން ރޭގަނޑުގެ އަނދިރިކަން ވަނީ ފަނޑުކޮށްލާފައެވެ. ޖޯލީގައި ޒާރާ އޮންނަތާ ފުދޭ ވަރަކަށް ގިނަ އިރު ވެއްޖެއެވެ. ރޭގެ ނިސްބަތުން އުޑުމަތި ސާފު ރީތި ރެއެކެވެ. ގަހެއްގެ ފަތެއްވެސް ހެލިނުލައެވެ. ކުރިމަތީ ހުރި ގެއިން މަގުމައްޗަށް ނެރެފައިވާ ރޭޑިއޯ އިން އިވެމުންދިޔަ ދިވެހި ލަވަޔަކަށް ޒާރާގެ ހިތް ވަނީ ދޫކޮށްލައިފައެވެ. އުޑުމެދުގައި ހުރި ހަނދަށް އޭނާގެ ނަޒަރު ހުއްޓާލާފައި ވިޔަސް ހިތާއި ސިކުނޑިވަނީ އިވެމުންދިޔަ ލަވައިގެ ސަބަބުން މީގެ ދުވަސްތަކެއް ކުރިއަށް ދަތުރުކޮށްފައެވެ. ހީވަނީ އޭނާގެ ހަޔާތާ ގުޅުވާފައި ކިޔަމުން ދިޔަ ލަވައެއްހެނެވެ.
ކުއްލިއަކަށް ޒާރާ ސިހުނީ ބޯދަށުގައި އޮތް އޭނާގެ އަތުގައި ފިނި އަތްތިލައެއް ޖެހުމުންނެވެ. ޖޯލީގައި ހަށިގަނޑު ސީދާކޮށްފައި ބަލައިލިއިރު ކައިރީގައި ހެވިފައި ހުރީ ޖަންނަތެވެ. ޒާރާއަށް ފުރަތަމަވެސް ބަލައިލެވުނީ އަތުކުރީގައި އޮތް ގަޑިއަށެވެ. ނުވަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ރޭގަނޑު އަށެއްގެ ފަހުން ގެއިން ބޭރުން ޖަންނަތު ފެނުމަކީ ނާދިރުކަމެކެވެ.
"އަނެއްކާ ހަންޑިއެއްތަ؟"
ޖަންނަތު ހޭން ފެށިއެވެ. ޖެހިގެން ހުރި ޖޯލީގައި އިށީނދެފައި ދެއަތްތިލަ ނަގައި އިނގިލިތައް ކުރުގަޅުވާލާފައި އަނގައަށް ގޮތެއް ހަދާލާފައި ޖިންނިއެއްގެ އަޑު ނެރޭހެން އަނގައިން އަޑެއް ޖަންނަތު ލައްވާލިއެވެ.
"ވަރަށް ބިރުގަނެއްޖެ" ޒާރާ ބުންޏެވެ. ދެން ދެ ކުދިން އެއްފަހަރާ ހޭން ފަށައިފިއެވެ.
"މި ހިސާބަށް މި ގަޑީގަ ކޮންކަމަކު އައިސްގެން" ޒާރާ ބުންޏެވެ.
"މާމަގެ ކަންތައް. ބޮޑު ބަނަސް ގަންނަންވެގެން. ތިމަންނަގެ ހިމްނާގެ ފިހާރައިން ނޫން އެހެން ތަނަކުން ނުގަންނާނަމޭ ކިޔާފަ އައީ. މިހާރު އެބައިން ހިމްނާއްތައާ ބޮޑު ވާހަކައިގަ ޖެހިފަ. އެހެން އިނދެދާނެ ފިހާރަ ބަންދުކުރަންދެކަށްވެސް" ހެމުންހެމުން ޖަންނަތު ވާހަކަދެއްކިއެވެ.
"ހޮއެހޮއެ... ހާދަހާ އިޝްގީ ލަވަތަކެކޭ މި އިވެނީ." ޖަންނަތު ބުންޏެވެ.
"އާއެނކޭ. އަހަރެން ވަރަށް ހިޔާލީފޮލަ ކައްކައިފިން މިތާ އޮވެ" ޒާރާ ބުންޏެވެ.
"ކާކާ އެއްކޮށް... ފައްވާޒްތަ؟"
ޒާރާގެ ހިނިތުންވުން ފަނޑުވިކަން ޔަގީނެވެ. އެކަމަކުވެސް އޭނާ ހީލިއެވެ. ފައްވާޒް މަތިން ހަނދާންނުކުރާ ކަމުގައި ބުންޏެވެ.
"އައްޔަ ގުޅިތަ؟" ޖަންނަތު ބުންޏެވެ.
"ކީއްވެ އައްޔަ މަށަށް ގުޅަންވީ؟" ޒާރާ އެހިއެވެ.
"އެކުވެރިއެއްވީމަ. ދިޔަފަހުން މަށަށް ގުޅި ގައިމު. އަހަރެން ހީކުރީ ޒާއަށް ވެސް ގުޅާނެކަމަށް"
ޒާރާ ޖަންނަތުގެ މޫނަށް ބަލައިލިއެވެ. މީގެކުރިން އައްޔަގެ ފޯނު އަންނަ ވާހަކައެއް ޖަންނަތެއް ނުބުނެއެވެ.
"ތިވާނީ އައްޔަގެ ފްރެންޑަކީ ހަމައެކަނި ޖަންނާ ކަމަށް"
ޒާރާގެ މޫނަށް ބަލަހައްޓައިގެން އިން ޖަންނަތު އިތުރަށް ވާހަކައެއް ނުދައްކައެވެ. ދެ އެކުވެރީންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ޒާރާއަށް ކިޔައިދޭން ޖަންނަތަށް ހުއްދައެއް ނެތެވެ. އެހެންނަމަވެސް މިވީ އަދި މާ ދެރަ ގޮތެކެވެ. ޒާރާގެ ހާލުނުބަލައި އައްފާން ޖަންނަތުގެ ހާލު ބެލިކަން އެނގުމުން ޒާރާ ވިސްނާނީ އެހެން ވިސްނުމެކެވެ. ކޮންމެވެސް އެހެން އިރަކުން ވާހަކައެއް ދައްކައިގެން ޒާރާގެ ސިކުނޑިއާ ކުޅެލަން ޖެހޭނެއެވެ.
****
އައްފާން ފާހާނައިން ނުކުތްގޮތަށް ފުރަތަމަވެސް ބަލައިލީ އެނދުގައި އޮތް ނިއަމް އަށެވެ. މަޣްރިބް ނަމާދުން އައިގޮތަށް ފުރަތަމަވެސް އޭނާ ކުރި ކަމަކީ ކާއެއްޗެހި ހަދައިގެން ނިއަމްއަށް ކާންދިނުމެވެ. އެއަށްފަހު ބޭސްދިނެވެ. ނިއަމް ރީތިކޮށް ނިންދެވީވެސް އައްފާނެވެ. އެ ހުރިހާކަމެއް އައްފާން ކުރިއިރު އައްފާންގެ ހިޔަނިހެން ފަސްފަހަތުގައި ނުހާ ހުއްޓެވެ. އެހެންނަމަވެސް ނިއަމްގެ އެއްވެސް ކަމެއް ނުހާ ކައިރީގައި އައްފާން ނުބުނެއެވެ. ބައެއްފަހަރު ނުހާ އަމިއްލައަށް ފެނިގެން އެއްޗެއް ކައިރިކޮށްދެއެވެ.
ލޯގަނޑު ކައިރީގައި ހުއްޓިފައި ގައިގައި ލޯޝަން ހާކާފައި އައްފާން ބަލައިލީ އަލަމާރި ކައިރީގައި ހުއްޓުނު ނުހާއަށެވެ. އިސްތިރިކޮށްފައި ހުރި އެއްޗެހި ނަގައި އެނދުގައި ނުހާ ބެހެއްޓިއެވެ. އައްފާން ނެގީ އަލަމާރިން އެހެން ޓީޝާޓެކެވެ. އިސްތިރިކުރީ އަމިއްލައަށެވެ. ނުހާ ނެގި އެއްޗެހީގައި އައްފާން އަތްނުލައެވެ. ކޮޓަރިން ނުކުމެގެން ދަމުން ދެން އައްފާން ކުރީ ނުހާ ހިތް ރޮއްވާލާވަރުގެ ކަމެކެވެ. ދިމްނާއަށް ގުޅާފައި އޭނާ މުހިންމު ކަމެއްގައި ބޭރަށްދާ ވާހަކަ ބުންޏެވެ. އޭނާ އަންނަންދެން ނިއަމް ބަލައިދިނުމަށް އެދުނެވެ. ނުހާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އައްފާންގެ އެ ދުރުކަން އޭނާ މޮޔަކޮށްފިއެވެ. ކިތަންމެ ކުޑަކަމަކުވެސް ނުހާ ކައިރީގައި އައްފާން ނުބުނެއެވެ.
****
ބައިގަޑިއިރު ފާއިތިވެގެން ދިޔަފަހުން ނިއަމް ބަލައިލަން ދިމްނާ ކޮޓަރިން ނުކުތެވެ. މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ނަސީބަކުން ނިއަމް އޮތީ އަރާމުކޮށް ނިދާލައިފައެވެ. ނުހާ ކޮބައިތޯ ބަލައިލިއިރު އެތެރެއިން ހަބަރެއް ނުވިއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ބަދިގެއާ ދިމާލަށް ދިޔައީ ފެންފޮދެއް ބޯލާށެވެ. ބަދިގޭ ދޮރާ ހަމައަށް ނުދެވެނީސް ނުހާގެ ގިސްލުމުގެ އަޑު ދިމްނާގެ ކަންފަތުފައި ޖެހިއްޖެއެވެ. ދިމްނާ ބަލައިލިއިރު ނުހާ އިނީ ފޯނެއްގައެވެ. ވާހަކަދައްކަނީ މާހީއާ ކަން އެނގުނީ ދެއްކި ވާހަކައިގެ ތެރެއިން މާހީގެ ނަން ނުހާ ކުޔާލުމުންނެވެ.
"އައްފާނަށް އެނގުނީ ކަންނޭނގެ"
ނުހާ ބުންޏެވެ. އެތެރެއަށް ވަދެފައި ދިމްނާ ކަރު ކެހިލިއެވެ. ފަހަތަށް އެނބުރިގޮތަށް ނުހާ ފޯނު ކަނޑާލައިފިއެވެ. ފުރިޖުން ފެންފުޅިއެއް ހިފައިގެން އައިސް ދިމްނާ އިށީނީ ނުހާ ކުރިމަތީގައެވެ. ދިމްނާ ނުހާގެ މޫނަށް ބަލައިލިއެވެ. ކަރުނައިގެ އަސަރު ނުހާގެ ދެ ލޮލުގެ ކައިރިން އެއްކޮށް ފިލައިނުދެއެވެ.
"ކުޑާއަށް ހުރިހާ ކަމެއް ނޯޓިސްކުރެވޭ" ދިމްނާ ބުންޏެވެ. ނުހާ އިސްޖަހާލައިގެން ފޯނަށް ބަލަހައްޓައިގެން އިނެވެ. ނުހާގެ އިޝާރާތެއް ވަންދެން އެއްޗެއް ނުބުނެ އިނދެފައި އަނެއްކާވެސް ދިމްނާ ވާހަކަދައްކަން ފެށިއެވެ. މިފަހަރު ގެނައި ފެންފުޅި ފުރިޖަށްލާފައި އައިސް ހަމަޖެހިގެން އިނދެއެވެ.
"މިހާރު އެއްގޮތަކަށްވެސް ނުދާކަން ފާހަގަކުރެވޭ" ދިމްނާ ބުންޏެވެ.
"މިގޭ އެންމެންނަށް ތިކަން ފާހަގަވެއްޖެ. އެކަމަކު އައްފާނަށް ނުވޭ" ނުހާ ބުންޏެވެ.
ދިމްނާ ފުންނޭވައެއް ދޫކޮށްލިއެވެ. ނުހާގެ މޫނަށް ދިމްނާ ބަލައިލީ ހަމްދަރުދީގެ ބެލުމަކުންނެވެ.
"މިހާރު ތިވަނީ ކުޑާ ބުނި ތަން އައިސްފަ. ނުވިސްނުމުގެ ނަތީޖާ. އައްފާން އެހެރީ ނުހާ މަތިން ފޫހިވެފަ. މާދަމާ ނޫންކަމެއްވެސް ނޭނގެ ނުހާ ދޫކޮށްލާނީ. އެނގޭ އެހެންކަން ވާނީވެސް. އައްފާން ވަރަށް ކެތްކޮށްފި. މިހާ ދުވަސްވަންދެންވެސް އައްފާން ކެތްކުރީތީވެސް އަހަރެން ހައިރާންވަން" ދިމްނާ ވާހަކަދެއްކިއެވެ.
"ކުޑާ މިތަނަށް ތިއައީ އަހަރެންގެ ޒަހަމްތަކަށް ލޮނުމިރުސް އަޅަންތަ؟" ހިތްހަމަނުޖެހިފައި ނުހާ ނުކުމެގެން ދިޔައެވެ.
****
ދެ ދުވަސްފަހެވެ. އިންޓަވަލްގެ ފަހުގެ ސެޝަންތައް ކެންސަލްވުމާ ގުޅިގެން އަސުރު ނަމާދަށް ގޮވުމުގެ ކުރިން ޒާރާ ގެއަށް އައެވެ. ނަމާދުކޮށް ނުކުމެ ދެކުދިން ވެގެން ރަނގަޅު ސައެއް ތައްޔާރުކޮށްލިއެވެ. ހިމްނާ އަންނާނީ ފަހެއް ޖަހާއިރުއެވެ. ނޫރީންއާއި ޒާރާ އެ ވަގުތަށް ރޭގަނޑަށް ކެއްކުމުގެ ކަންތައް ނިންމައި ހަވީރުގެ ސައި މޭޒު މައްޗަށް އެރުވިއެވެ.
"މަންމަ އަންނާނެ އިރުކޮޅަކުން. ދޮންތި މިއޮތީ ބަގީޗާ ޖޯލީގަ ޒިކުރު ކިޔަން އިނގޭ"
މާގިނަ އިރެއްނުވެ ހިމްނާ އަތުވެއްޖެއެވެ. ފެންވަރައިގެން ކޮޓަރިން ނުކުތްއިރު ދެ ދަރީން މޭޒު ކައިރީގައި ސައިބޯން ތައްޔާރުވެގެން ތިބިތަން ފެނުމުން ހިމްނާ ހީލިއެވެ. އޭނާ މޭޒު ކައިރީގައި އިށީނދެފައި ބަލައިލީ ޒާރާ ހިފައިގެން އިން ކޮފީ ތައްޓަށެވެ.
"ޒާރާ މިއަދު ކިތައް ވަނަ ކޮފީތަށި. އަދިވެސް ތި އުޅެނީ ލޭ ހަމަޔަކަށް ނޭޅިގެން. ޑޮކްޓަރު ބުންޏެއްނު ކޮފީ އެހާވަރަށް ނުބޯށޭ" ހިމްނާ ވާހަކަދެއްކިއެވެ.
"ކޮފީއަކީ މީހާއަށް ގެއްލުންވާ އެއްޗެއް ނޫނޭ މަންމާ" ޒާރާ ބުންޏެވެ.
"ދޮންތި ކޮފީތަ އެ ބޮނީ. އެ ހުރި ކުލަ ބަލައިލަބަލަ. ހައެއްކަ ސަމްސާ ކިރު އަޅައިފި އޭގެއަށް" ނޫރީން ބުންޏެވެ. ޒާރާއަށް ހެވުނެވެ. އޭނާ ކޮފީ ބޮނީ ނަމެއްގައޭ ބުންޏެވެ.
ކުއްލިއަކަށް ތިންމައިންގެ ސަމާލުކަން އަތުލައިގަތީ މީހެއްގެ ސަލާމް ގޮވާލުމުގެ އަޑުންނެވެ. ސަލާމް ބަލައިގަނެފައި ދޮރާ ދިމާލަށް ހިމްނާ ހިނގައިގަތެވެ. ދޮރުމަތީގައި ހިނިތުންވެފައި ހުރި ޖީޒާ ފެނުމުން ހިމްނާގެ ދެ ފައިގައި ތުރުތުރު އަޅައިގަތެވެ. ހިނދުކޮޅަކަށް ހީވީ ކުރިމަތިން އޭނާގެ އާއިލާގެ ބަރުބާދީ ފެނުނު ހެންނެވެ. ގޭ ދެފަރާތު ދޮރުކަނީގައި ޖީޒާ އަތްވިއްދައިގެން ހުރިގޮތުން އެކަނިވެސް ހިމްނާއަށް ކަންކަން ފަހުމްވިއެވެ. އިރުއޮއްސޭ ދަޅަމައްޗަށް ސިހުރުވެރީން ތުންފަތަށް ވެރިވާ ހިނިތުންވުން ނުހަނު ފަރިވާނެއެވެ. ޖީޒާގެ ތުންފަތްމަތިން ފެންނަން ހުރީ އެފަދަ ހިނިތުންވުމެކެވެ.
"މި ހިމްނާ މިއުޅެނީ ހާދަ ފިލައިގެންނޭ" އެތެރެއަށް ވަންނަމުން ޖީޒާ ބުންޏެވެ.
****
ނިއަމް ގޮވައިގެން ދުއްވާލަން ނުކުތް އައްފާން ކެފޭއެއް ކައިރިއަށް މަޑުކޮށްލީ އޭނާއަށް ފޯނެއް އައިސްގެންނެވެ. މީގެކުރިން ނުހާގެ ރަހްމަތްތެރިއެއްވެސް ދުވަހަކުވެސް އައްފާނަށް ނުގުޅައެވެ. ޖުމާގެ ކުރީގެ ފިރިމީހާ ނަބީލް ގުޅުމުން އައްފާނަށް ލިބުނީ ހައިރާންކަމެވެ. ނަބީލް އެދުނީ ކުޑަވަގުތުކޮޅަކަށް ނަމަވެސް އޭނާއާ ބައްދަލުކޮށްލުމަށެވެ. މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމަށެވެ. އިރުއޮއްސެން އަދި ވަގުތު އޮތުމުން ނަބީލް ބުނި ކެފޭ ކައިރިއަށް އައްފާން އައީ ނިއަމް ގޮވައިގެންނެވެ. އެތެރެއަށް ވަދެފައި އައްފާން ހުރިހާ ދިމާލެއް ރަނގަޅަށް ބަލައިލިއެވެ. ނަބީލަކީ އޭނާ ދުވަހަކުވެސް ދެކިފައިނުވާ ނުދަންނަ ބީރައްޓެއްސެކެވެ. ހުރިހާ މީހުންގެ ތެރެއިން ނަބީލް ހޯދަން އައްފާނަށް އުނދަގޫވެފައި ހުއްޓައި މީހަކު އަތް އުފުލާލިތަން ފެނުނެވެ. އެއީ ނަބީލް ކަން އައްފާނަށް އެނގުނީ އޭނާގެ ފޯނު ރިންގުވާން ފެށި ވަގުތާ ނަބީލް ފޯނު ހިއްލާލާފައި އަތުން ހަނާ އަޅާލުމުންނެވެ. އައްފާން އެ ހިސާބަށް ގޮސް އިށީނެވެ. އަމިއްލައަށް ތައާރަފުވެލަމުން އައްފާނާ ނަބީލް ސަލާމްކޮށްލިއެވެ.
"މާގިނައިރު މިތާ އިނދެވޭކަށް ނެތް. އެހެންވީމަ ސީދާ އަހަރެން ދައްކަން މިއައި ވާހަކައަށް ދާނަން" ނަބީލް ބުންޏެވެ.
"ކޮން ވާހަކައެއް؟" އައްފާން ބުންޏެވެ.
"އައްފާންގެ ވައިފްގެ" ނަބީލް ބުންޏެވެ.
(ނުނިމޭ)