ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 16

2

މޭޒުމަތީގައި އޮތް ނުހާގެ އަތްތިލައިގައި ރާފިއު ހިފާލިއެވެ. އަތް ދަމައިގަންނަން ނުހާ މަސައްކަތްކުރި ނަމަވެސް އެ އަތަށް ރާފިއު ބާރުކޮށްލުމުން ދެވަނަ ފަހަރަށް އަތް ދަމައިގަންނަން ނުހާ މަސައްކަތެއް ނުކުރެއެވެ.

****

ހެނދުނު ސަޔަށް ދާން ނުކުމެފައި ޒާރާގެ އަތުގައި ހިފައިގެން ޖަންނަތު ހިނގައިގަތީ ސްކޫލުން ނުކުންނާށެވެ. ވާހަކަދައްކާނެ ފުރުސަތު ޒާރާއަށް ނުދީ ސްކޫލުން ނުކުތްގޮތަށް ޖެހިގެން އޮތް ގޯޅިއަށް އަޅުވައިފިއެވެ.

"ކޮންތާކަށް މަ ދަމާފަ ތިގެންދަނީ؟"

ބަހެއް ނުކިޔައި ޖަންނަތު ނުކުތީ ބަނދަރަށެވެ. އޭރުވެސް ޒާރާ އަތުން ޖަންނަތު ދޫކޮށްނުލައެވެ. އައްފާން ފުރާ ތަނަށް ގޮވައިގެން އައިކަން އެނގޭއިރަށް ޒާރާ އަނބުރާ ދާންވެސް ފަސްނުޖެހޭނެއެވެ. އެހެންވެ ޖަންނަތު ދިޔައީ ޒާރާ ކުރި އެއްވެސް ސުވާލަކަށް ޖަވާބުނުދީއެވެ.

"މިތަނަށް އަހަރެމެން ނަޔަސް އެމީހުން ފުރުވަން މީހުން އައިސް އެބަތިއްބެއްނު" ވަކި ހިސާބަކުން ޖަންނަތު ހުއްޓުމުން ޒާރާ ބުންޏެވެ.

ސެމިނާއަށް އައި ހުރިހާ މީހުން ފުރުވަން ސްކޫލުގެ ފަރާތުން އައިސް ތިއްބެވެ. އެ ހުރިހާ މީހުންގެ ތެރެއިން ކުއްލިއަކަށް ޒާރާއަށް ފެނުނީ އެ ދިމާލަށް އައި އައްފާނެވެ.

"އަލީ ކޮންމެވެސް މުހިންމު ވާހަކައެއް ބުނަން އެ އުޅެނީ. އަހަރެން ހުރުން އެހާ ކަމަކުނުދާނެ" ޖަންނަތު ބުންޏެވެ. ޒާރާގެ މެއަށް ހީވީ ފިނި ފެން އެއްޗެއް އޮށްސާލިހެންނެވެ. ކުއްލިއަކަށް އައްޔަ ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟

ޖަންނަތު ދާން އުޅުމުން ޒާރާ ހިފެހެއްޓިއެވެ. އައްފާން ކައިރީގައި އެންމެންގެ މެދުގައި ހުންނާކަށް ޒާރާ ބޭނުމެއް ނުވިއެވެ.

"ދަނީ ދާން. ނޭނގެ ފެންނާނެ ދުވަހެއްވެސް" އައްފާން ބުންޏެވެ. ދެ އެކުވެރީންނާ ވަކިވަކިން އައްފާން ސަލާމްކޮށްލިއެވެ. ޒާރާއަށް ތަފާތު ނަޒަރަކުން އައްފާން ބަލައިލިއެވެ. އެކަން ފާހަގަވީ ޖަންނަތަށެވެ.

"ތިބުނާ ވާހަކައެއް ދެން ބުނެބަލަ. އަހަރެން ހުއްޓަ ބުނަން ޖެހޭނީ. ޒާރާ އަހަރެން ދިޔަނުދިން" ޖަންނަތު ބުންޏެވެ. އެ ހިނދު ޒާރާ ޖަންނަތަށް ދެލޯ އަޅާލިއެވެ.

އައްފާން ހީލިއެވެ. އެއީ މައްސަލައެއް ނޫން ކަމުގައި ބުންޏެވެ.

"އަހަރެން ބުނަން އުޅުނީ މީހަކު ތި ހަޔާތަށް ގެންނަން ބޭނުމިއްޔާ ވަރަށް ވިސްނާފަ ނޫނީ ނުގެންނާތި. ކޮންމެ ކޮންމެ މީހަކީ ހެޔޮ އެދިގެން ގުޅެން އެދޭނެ މީހެއް ނޫން. ބައެއްމީހުން އަންނަނީ އެދުމެއް އޮވެގެން"

އައްފާންގެ ވާހަކަތައް ނުނިމެނީސް ޒާރާއަށް ހެވިއްޖެއެވެ. އައްފާންގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ޖަންނަތުވެސް ޒާރާއަށް ބަލައިލީ ހައިރާންވެފައެވެ. ޒާރާ ކައިރިއަށް އެހާ ހިނި އަންނަން ޖެހުނު ސަބަބެއް ޖަންނަތަށް ނޭނގުނެވެ. އެހެންނަމަވެސް އައްފާނަށް އެނގުނެވެ. ޒާރާގެ އެންމެ ގާތް އެކުވެރިޔާއަކީ ޖަންނަތަށް ވިޔަސް މިފަހަރު ޒާރާގެ ހިތުގައި އޮތް އެއްޗެއް ދެނެގަތީ އައްފާނެވެ.

"ދުނިޔެ އަބަދު އެއްގޮތަކަށް ނޯންނާނެ. ކޮންމެވެސް ދުވަހަކުން ތި ހަޔާތަށް މީހަކު އަންނާނެ" އައްފާން ބުންޏެވެ. ޒާރާގެ ތުންފަތްމަތިން ހިނިތުންވުން ފިލައި ދިޔައެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އައްފާނަށް ފަހުމްވީ ކިހިނެއް ހެއްޔެވެ؟ އައްފާނަށް ޒާރާ އެނގެނީ ޒާރާ ހީކުރި ވަރަށްވުރެވެސް ބޮޑަށެވެ.

"ނޫން. ތިއީ އަހަރެން ހިތަށްވެސް އެރިކަމެއް ނޫން. އަހަރެންނަށް މީހަކާ ރައްޓެހިވެގެނެއް އިނދެގެނެއް ނޫޅެވޭނެ. މީހަކަށް އަހަރެންގެ ފަރާތުން ދެރައެއް ނުދޭނަން. ލޯބިނުވެވޭއިރު ލޯބިވަމޭ ކިޔައި ދޮގެއް ނަހަދާނަން. އެހެންނޫނަސް އަހަރެންނަށް ފަވާ ނޫން މީހަކު ދެކެ ލޯބިވެވޭނެހެނެއް ހިއެއް ނުވޭ. ކައިވެންޏެއްކޮށް ދިރިއުޅުމެއް އަހަރެންނަށް ދުވަހަކުވެސް ފެށިދާނެހެނެއް ހިއެއް ނުވޭ...." ޒާރާ ބުންޏެވެ.

ޒާރާގެ ފަރާތުން ލިބޭނީ އެކަހަލަ ޖަވާބެއްކަން މާކުރިންވެސް އައްފާނަށް އެނގެއެވެ.

"އެއީތަ އައްފާން ބުނި ވާހަކައަކީ؟" ޒާރާ ބުންޏެވެ. އައްފާން ބޯޖަހާލިއެވެ. ލޯންޗާ ދިމާލަށް ބަލައިލާފައި ފަހު ފަހަރަށް ޒާރާއަށް ބަލައިލިއެވެ.

"ތިއީ މިރަށުގަ ތިބި އަހަރެންގެ އެންމެ ގާތް ދެ އެކުވެރީން. ހިތްހެޔޮކުރައްޗޭ..." އައްފާން ބުންޏެވެ. ފަހަތުން އެހެން ޓީޗަރެއް ގޮވާލުމުން ޒާރާ އެ ދިމާލަށް ދާން ހިނގައިގަތެވެ.

"ޖަންނާ، ޒާ އަދިވެސް އެންމެ ފިޓެއް ނޫން. ޒާރާއަށް ބަލައްޗޭ"

އައްފާން ހިނގައިގަތެވެ. ޖަންނަތަށް ނުވިސްނުނީ އައްފާން ހިތުގައި އޮތް އެއްޗެކެވެ. އެހެންނަމަވެސް ޖަންނަތުގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

އެއީ ކޮންމެހެންވެސް ޒާރާއަށް އައްފާން ހަނދާންކޮށްދޭން ބޭނުންވި ކަމެކެވެ. އެ ވާހަކަތަކުގެ ފަހަތުގައިވީ ސަބަބު ޒާރާއަށް ނޭނގުނަސް ހިމްނާއަށް އެނގޭނެއެވެ. ފުރުމުގެ ކުރިން އެކަން އައްފާނަށް އެނގުނުކަން ނަސީބެކެވެ. ޖީޒާ ބޭނުންވާގޮތަށް ކަންތައްކުރަން އަސީލް ބޭނުންނުވާކަންވެސް އެއީ އަދި މާބޮޑު ނަސީބެކެވެ. އައްފާން ލޯންޗަށް އެރިއެވެ. ރަށާ ދުރުވަމުންދިޔަ މަންޒަރު ބަލަން އައްފާން ހުއްޓެވެ. އޭނާގެ ހިތަށް ހުސްކަމެއް ވެރިވެފައިވަނީ ކީއްވެގެންކަމެއް ބުނާކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާގެ ހިތް ބުނާ ކަހަލައެވެ. ހަމަ ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ހުންނާނީ ރަށުގައެވެ. އައްފާން ފަހުފަހަރަށް އަތް ހޫރާލިއެވެ. އޭނާގެ އާއިލާއަށް ފަހުގެ ސަލާން އަދާކުރުމަށެވެ.

****

ކެފޭތެރެއިން ކޮފީތައްޓެއް ހިފައިގެން އައިސް ޖޯލީގައި އިން ނުހާއަށް މާހީ ދިއްކޮށްލިއެވެ. ޖުމާ ތަންކޮޅެއް ދުރުގައި ފޯނުގައި ހުއްޓެވެ. މާދުރުގައި ރާފިއު ވޭޕް ދަމަން ހުއްޓެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ނުހާއަށެވެ. އޭނާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އޭނާ ބޭނުންވި އުފާ ނުހާގެ ފަރާތުން ހާސިލުވީތީ ރާފިއު ހުރީ ހިތްހަމަޖެހިފައެވެ. އޭނާ ހީކުރީ އެއްފަހަރު އުފާ ހާސިލުކުރެވުމުން އެވަރުން ފުދޭނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. އޭނާ ހުރީ އަދިވެސް ނުހާއާ ގާތްވާން ބޭނުންވެފައެވެ.

"ރޭގަ ކީއްވެ ނިދަން ނައީ. ނުހާވެސް ޖުމާވެސް ނާދޭ. ޖުމާ އެނގޭ ކޮންމެވެސް ބިޓަކާއެކު ތަނަކަށް ވަދެ އޮތްކަން. އެކަމު ނުހާ ކޮންތާކު އުޅުނީ؟" މާހީ ބުންޏެވެ. ރާފިއުއާ އެކު ނުހާ އުޅުނު ކަމެއް މާހީއަށް ނޭނގެއެވެ.

ނުހާއަށް ޖަވާބެއް ނުދެވުނެވެ. ކިޔާނެ އެއްވެސް ބަހެއް އޭނާގެ ދުލަކަށް ނައެވެ. ލޮލުން ފައިބައިގެން ދިޔައީ ކަރުނައެކެވެ. ދެ އަތުގެ އިނގިލިތަކާ ކުޅެމުން ދިޔައިރު ނުހާގެ މޫނުމަތިން ކަނބޮޑުވުމާއި ހާސްކަން ފެންނަން ހުއްޓެވެ. ނުހާއަށް ވީގޮތެއް މާހީއަށް ނޭނގުނެވެ. އިންތަނުން ތެދުވެގެން ނުހާ ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނާއަށް ބަލަހައްޓައިގެން ހުރި ރާފިއު ފެނުމުން ހުއްޓުނެވެ. ރާފިއު ނުހާއާ ދިމާލަށް ހިނގައިގަތެވެ. އެ ހިނދު ނުހާ ދުއްވައިގަތެވެ. މާހީ ބަލައިލީ ރާފިއުއަށެވެ. ނުހާއަށް ވެގެން އުޅޭގޮތެއް ރާފިއުއަށް އެނގޭތޯ އަހާލާ ކަހަލަ ގޮތަކަށް ލޯ އަރުވާލިއެވެ. އެ ހިނދު ދެ އަތުގެ އިނގިލިތައް ބޭނުންކޮށްގެން ރާފިއު އިޝާރާތެއް ކުރިއެވެ. މާހީ ހުއްޓުން އެރިއެވެ. އެއީ އެމީހުންގެ މެދުގައި އާންމުކޮށް ބޭނުންކޮށް އުޅޭ އިޝާރާތަކަށްވުމުން އޭގެ މާނަ މާހީއަށް ނަގައިގަނެވުނެވެ. މާހީ އަވަހަށް ދުއްވައިގަތީ ނުހާ ފެނޭތޯއެވެ.

މާހީއަށް ނުހާ އަތުގައި ޖެހުނީ އެ ދިމާލުން މޫދަށް ފޭބިފަހުންނެވެ. ނުހާގެ އަތުގައި މާހީ ހިފައި ދަމައިގަތީ ވަރަށް ބާރަށެވެ.

"މޮޔަވީތަ؟" މާހީ ހިފެހެއްޓިއެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟ މާހީ ބުންޏެވެ.

ނުހާ ބާރަށް ރޯން ފެށިއެވެ. ބޭނުންވަނީ މަރުވާން ކަމުގައި ބުނުމުން މާހީއަށް އަނގަމަތީގައި އަތްއެޅުނެވެ. ރާފިއު އެ ބުނީ ތެދެއްކަން ނުހާގެ ފަރާތުން ޔަގީންކުރަން ބޭނުންވިއެވެ. ވީކަމެއް ނުހާގެ ފަރާތުން ހޯދޭނީ ނުހާ ހަމަޖެހުނީމައެވެ. އެހެންކަމުން ނުހާގެ އަތުގައި ހިފައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ޖޯލިފަތީގައި އިށީނެވެ. ނަސީބަކުން ލޯންޗު ފުރަން އަދި ވަގުތު އޮތެވެ.

"ބުނީމަ އެނގޭނީ ވީކަމެއް. އަހަރެމެން ނޫނީ މިތާ ނުހާއަށް ހެލްޕްވާން ތިބީ ވަކި ކޮންބައެއް؟" މާހީ ބުންޏެވެ. ނުހާގެ ދެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް މާހީ ފޮހެދިނެވެ.

"މާހީ. އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ"

މާހީއަށް ވިސްނެން ފެށުނެވެ. ރޭގައި ނުހާ ނިދަން ނައި ސަބަބެވެ. ނުހާ އެހާވަރަށް ރޯން ޖެހުނު ސަބަބެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ނުހާ ވާހަކަދައްކަން ޖެހުނު ސަބަބެވެ. އަނެއްކޮޅުން ރާފިއު އެ ބުނީ ތެދެވެ. އެކަމަކު ނުހާ އެހާ ވަރަށް ރޯންޖެހޭ ހެއްޔެވެ؟ އެއީ މައްސަލައެއް ނޫނެވެ. ބޯ ހަމަޖައްސަން އައި ބަޔަކު ކުރާނީ ބޯ ހަމަޖެހޭ ކަހަލަ ކަންކަމެވެ.

"އިޓްސް އޯކޭ. އެވަރުކަމެއް ވެދާނެ. އެއި ހަމަ ނޯމަލް ކަމެއް" މާހީ ބުންޏެވެ.

އެއީ ނޯމަލް ކަމަކަށް ހަދަން އުޅުނަސް ނުހާއަށް އެގޮތަށް ނުވިސްނުނެވެ. ހިނގައިދިޔަ މަންޒަރުތައް ހަނދާންވާ ކޮންމެ ފަހަރަކު ނުހާއަށް ހީވަނީ އޭނާގެ ބޮލުގައި ބާރުގަދަ އެތިފަހަރަކުން ވިހެލާ ހެންނެވެ. އައްފާން މަތިން ހަނދާންވުމާއެކު ހީވަނީ ހިތުގެ ވިންދު ހުއްޓިދާނެހެންނެވެ.

"އެކަކަށްވެސް ނޭނގެއެއްނު. އެ ވާހަކަނުދައްކާ ހުރެބަލަ. އަހަރެން ނުދައްކާނަން ނުހާގެ ވާހަކައެއް. ޖުމާ ކައިރީގަވެސް" މާހީ ބުންޏެވެ. ނަސީބަކުން މާހީ އެތައް ވާހަކައެއް ދައްކައިގެން ނުހާ ހަމަޖެހުނެވެ.

"އަހަރެމެން ސިއްރުކުރާނީ. އެހެން އެވީ އައްފާންގެވެސް ސަބަބުން. އެހެން ނޫނަސް ރާއްޕެ ނުންނު ދެކެ ނުލާހިކު ލޯބިވޭ. އައްފާނަށް ހީވަނީ ދޯ އޭނާ ނޫނީ އެހެން ފިރިހެނަކު ނެތޭ" މާހީގެ ވިހަ ބަސްތައް މިފަހަރު ހުއްޓުވަން ނުހާ މަސައްކަތެއް ނުކުރެއެވެ.

****

ދުވަހުގެ މެންދުރުފަހުގެ ވަގުތެކެވެ. ހޮސްޕިޓަލަށް ވަދެގެން އައި ނުހާ ފެނުމުން ރަހްމާނާއި ސައީދާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ވާޑުން ނުކުތް ދިމްނާ ފެނުމުން މައިންބަފައިން ކައިރީގައި މަޑުނުކޮށް ގޮސް ހުއްޓުނީ ދިމްނާ ކައިރީގައެވެ. ނުހާގެ މޫނުމަތިން މަޑުމައިތިރިކަމެއް ދިމްނާއަށް ފެނުނެވެ.

"ނިއަމް ކޮބާ؟ މިހާރު ކިހިނެއް؟" ނުހާ އެހިއެވެ.

"އަން. ބައްޕާ. ވަރަށް އަވަހަށް މި ބޭސް ގެނެސްދޭށޯ" ރަހްމާން އަތަށް އައިޑީ ކާޑު ދީފައި ދިމްނާ ބުންޏެވެ.

ރަހްމާން ހިނގައިގަތުމުން ސައީދާ ވަނީ ވާޑު ތެރެއަށެވެ. ނުހާގެ އަތުގައި ހިފައިގެން ދިމްނާ ދިޔައީ ގޮނޑިބަރިތަކާ ދިމާލަށެވެ. ހިނގާފައި ދެވުނީވެސް ބާރަށެވެ. ގޮނޑީގައި ނުހާ ބައިންދާފައި ދިމްނާ ފުން ނަޒަރަކުން ނުހާއަށް ބަލައިލިއެވެ. ހިތްހަމަނުޖެހިފައެވެ.

"ނިއަމްއަށް އޮތީ ނިދިފަ. މާލެ އައިގޮތަށް އައްފާން އެ އިންނަނީ. ނިއަމް ކައިރިން ދުރަށްވެސް ނުދޭ. މިތަނަށް ވަންއިރުވެސް އަހަރެންނަށް އައްފާންގެ ދެ ލޮލުން ކަރުނަ ފެނިއްޖެ. އެއީ އަދި ނިއަމްގެ ބައްޕަ. ތިއީ އެ ކުޑަ ކުއްޖާ މި ދުނިޔެއަށް ގެނައި މީހާ. އެ ކުއްޖާގެ މަންމަ. ނުހާގެ ދެ ލޮލުން އެ ކުއްޖާއަށްޓަކައި ކަންބޮޑުވުމެއް، ހިތްދަތިކަމެއް އަހަރެންނަށް ނުފެނޭ. ފިޓު ޖެހިގެން ނޭވާ ހުއްޓިފަ އެ ކުއްޖާ އޮތްއިރު އަހަރެން ހާދަ ބިރުގަތޭ. ހިނދުކޮޅަކަށް އަހަރެންނަށް ހީވީ ނިއަމް ނިޔާވަނީއޭ. މާތްކަލާކޮ! އެ މަންޒަރު ހަނދާންވިޔަސް އަހަރެންގެ ގައިން ހީބިހި ނަގައިގެންދޭ" ދިމްނާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ނުހާއާ މަޑުމައިތިރިކޮށް ވާހަކަދެއްކި ނަމަވެސް ދިމްނާގެ ހިތް ވަނީ ޝަކުވާތަކުން ފުރިފައެވެ. ނުހާގެ ސަބަބުންނެވެ.

ދިމްނާ ވާހަކަދައްކަމުން ދިޔައިރު ކުއްވެރިއެއް ފަދައިން ނުހާ އިސްޖަހައިގެން އިނެވެ. ކަރުނަގުޅައެއް ނުހާގެ ލޮލުން ވެއްޓެން ތައްޔާރަށް ހުއްޓެވެ.

"އެ ކުއްޖާ އެވަރުވިއިރު އެ ކުއްޖާގެ މަންމަ ކޮބާ؟ އަހަރު ނުވާ ތުއްތު ކުއްޖާ ދޫކޮށްލާފަ ރައްޓެހިންނާއެކު މަޖާ ނަގަން ރިސޯޓަށް ގޮސް. އެވެސް އެއް ރެއަށް. އަހަރެން ހިތަށް އަރަނީ ނިއަމް އެއީ ހާދަ ނަސީބުދެރަ ކުއްޖެކޭ. އެ ކުއްޖާގެ ބަދުނަސީބުކަމޭ އެއީ އެ ކުއްޖާގެ މަންމައަކީ ނުހާއަށް ވީތީ" ދެ ލޮލުން ފައިބައިގަތް ކަރުނަތައް ފޮހެމުން އަނެއްކާވެސް ދިމްނާ ވާހަކަދެއްކިއެވެ.

"އަހަރެން މެސެޖްކޮށްފައި ނުބުނަންތަ ނިއަމް ހުންގަދަވެއްޖެއޭ. އެ ކުއްޖާ ރޯ ވާހަކަ ނުބުނަންތަ؟ ފުޅި ނުބޮއެގެން އުޅޭ ވާހަކަ ނުބުނަންތަ؟ މެސެޖުތައް ސީންވެސް ކުރި. އަޅެ އެންމެ ފަހަރަކުވެސް ގުޅާލާފައި ހާލު ބަލާލިންތަ؟ ނުހާ ވިހާ ދަރިން ބަލަން ޖެހޭނީ މަށާތަ؟ ނޫނީ މަންމަތަ؟ ތިއީ އަޅެ އިންސާނެއްތަ؟ ތިމާގެ ބަނޑުއަޅައި ވިހޭ ދަރިއަކަށް ރަހުމެއް ހަމްދަރުދީއެއް ނެތް އިންސާނަކަށް މައެކޭ ކިޔާނެތަ؟ ކޮންކަމެއް ސާބިތުކޮށްދޭން ނުހާ މިތަނަށް ތިއައީ؟ މިތަނަކަށް ނުހާ ބޭނުމެއް ނުވޭ. ނުހާ ކިތަންމެ މަސައްކަތެއް ކުރިޔަސް ނުހާ ގޮވައިގެނެއް ދެން އައްފާން ނޫޅޭނެ. އައްފާން ރަށުގައި ނެތް ދުވަސްތަކު ނުހާ އުޅުނުގޮތް ރޮއެފަ ބައްޕަ ކިޔައިދިނީ. ބައްޕަ އައްފާންގެ ކިބައިން މަޢާފަށްވެސް އެދުނު. އެނގޭތަ އައްފާން ބުނީ ކީކޭކަން. އެވާނީ ނިއަމް ބަލިކަން ނުހާއަށް ނޭނގުނީ ކަމަށޭ. ނުހާ ބުންޏޭ ރިސޯޓްގަ އުޅޭ ވާހަކަ. ކޮންކަހަލަ މާތް ފިރިއެއް އެއީ. ނުހާ ދޭ މިތަނުން. މިތަނަކަށް ނުހާ ބޭނުމެއް ނުވޭ" ދިމްނާ ހިނގައިގަތެވެ.

ދިމްނާގެ ދެ އަތުގައި ނުހާ ހިފެހެއްޓިއެވެ. އޭނާ ދެރަވެއްޖެއެވެ. ރޮވޭވަރުން ނުހާއަށް ވާހަކަދައްކަންވެސް ދަތިވިއެވެ. ނުހާ ރޯތަން ފެނުމުން ދިމްނާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ނުހާގެ ދެލޯކައިރި ދިމްނާ ފޮހެދިނެވެ. ދިމްނާގެ މައްސަލައަކީ އެއީއެވެ. ނުހާ ރޯތަން ފެނިއްޖިއްޔާ ހުރިހާ ކަމެއްގެ މަތިން އެއްފަހަރާ ދިމްނާ ހަނދާން ނެތޭނެއެވެ.

"އަދިވެސް ވަގުތު އެބައޮތް ކޮއްކޯ. ތި އުޅުން ބަދަލުކުރޭ. އެހެން ނޫނީ މާދަމާ ނުހާ އެކަނިވެދާނެ. އޭރުން މާބޮޑަށް ހިތަށް ތަދުވާނެ"

ނުހާ ބޯޖަހާލިއެވެ. ހަގީގަތުގައި ނުހާއަށް ރޮވުނީ ދިމްނާ ދެއްކި ވާހަކަތަކުން ހިތަށް އަސަރުތަކެއް ކޮށްގެނެއް ނޫނެވެ. އަދިވެސް އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައީ އެހެން ކަމެކެވެ. އެކަމުން އަރައިގަންނަން އޭނާ ބޭނުންވަނީ ވަގުތެވެ. އޭނާއަށް ނޭނގެނީ އޭނާ އައްފާނާ ކުރިމަތިލާނެ ގޮތެކެވެ.

****

މަސައްކަތް ނިންމާފައި ގެއާ ދިމާލަށް ދިޔަ ހިމްނާ ފަހަތް ބަލައިލީ މިހަކު ފަހަތުން ގޮވާލުމުންނެވެ. ފަހަތުގައި ހުރި ޖީޒާ ފެނުމުން އެއްވެސް އިހުތިޔާރަކާ ނުލައި ހިމްނާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. އެހެންނަމަވެސް ހެއްދެވި ފަރާތް މަތިން ހަނދުމަކޮށްލުމާއެކު ހިމްނާގެ ހިތް ހަމަޔަކަށް އެޅުނެވެ.

"ގޭދޮރުމަތިންލާފަ ތިދަނީ. ކީއްތަވާނީ ގެއަށް ވަދެލިއްޔާ" ޖީޒާ ބުންޏެވެ. އެ ދިމާލުން ހިމްނާއަށް ދެވުނީ ހަނދާން ނެތިއެވެ. ހިމްނާ ހުރީ ޖީޒާ ފެންނަ ހިސާބަކަށްވެސް ނާންނަން ނިންމައިގެންނެވެ.

ހިމްނާ ހީލިއެވެ. އެންމެންނަށްވެސް އޭނާ ހެޔޮއެދޭ ވާހަކަ ބުންޏެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ރައްޓެހިންނާ ބައްދަލުކޮށް ވާހަކަދައްކާލަން ހުންނާކަށް މިހާރު ވަގުތުނުވާ ވާހަކަ ބުންޏެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކަތަކެއް ހިމްނާ ދެއްކީ ހިނިތުންވެލައިގެން ހުރެއެވެ.

"އެހެންވިއްޔާ މީތި ގެންގޮސްދީބަލަ އަހަރެންގެ ފަރާތުން ޒާރާއާއި ނޫރީނަށް. މިއަދު މުގު ބޮނޑިބަތްކޮޅެއް ހެދީމަ ހިތަށް އެރީ ދެ ކުދިންނަށް ދޭނީއޭ"

ޖީޒާ ދިއްކޮށްލި ތަށީގައި ހިމްނާ ހިފިއިރު އޭނާ ދުލުން އެއްޗެހިތަކެއް ކިއި ކަމާއި އަތުގައި ތުރުތުރުލުމެއް ހުރިކަން ޖީޒާއަށް ފާހަގަނުވިއެވެ. ވަގުތެއް ނެތް ކަމަށްބުނެ ހިމްނާ ހިނގައިގަތެވެ. ހިމްނާ ހިނގާފައި ދުރަށް ދާތަން ބަލަން ހުރި ޖީޒާގެ ތުންފަތްމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އޭނާގެ މަގުސަދު ހާސިލުވާން ގިނަ ވަގުތެއް ނެތްކަން އެނގުމުން ހިތަށް ލިބުނީ ހަމަޖެހުމެކެވެ. ދެން އޮތީ އަސީލް ގޮވައިގެން އެގެއަށް ދިއުމެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ތައާރަފުކޮށްދިނުމެވެ.

"ދުނިޔެ ކެވޭނީ މަކަރާ ޖަހައިގެންނޭ ހިމްނާ. ކަލެއަށް އަބަދު މޮޅު ގޮތް ވާކަށް ނުޖެހެއޭ" ޖީޒާ ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ.

****

ގޭތެރެއަށް ވަން ހިމްނާ ބާރަށް ހިނގާފައި ބަދިގެއާ ދިމާލަށް ދިޔަ މަންޒަރު ފެނުމުން ސޯފާގައި ތިބި ޒާރާ އާއި ނޫރީން އެކަކު އަނެކަކު ބަލައިލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް ހިމްނާ އެތެރެއަށް ވަންއިރު ސިޓިންގރޫމުގައި ދަރިން ތިބި ތަނެއް ނުފެނުނެވެ.

"މަންމައަށް ކިހިނެއްވެފަ" ނޫރީން ބުންޏެވެ.

"ހިނގާބަލަ" ޒާރާ އާއި ނޫރީން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.

ބަދިގޭ ކަބަޑެއް ކައިރިއަށް ގުދުވެގެން އޮތް ހިމްނާއަށް ދަރިން އެތެރެއަށް ވަތްކަމެއް ނޭނގެއެވެ. ފުރިޖު ކައިރިއަށް ނޫރީން ދިޔައީ އަތުގައި ހުރި ފިނި ފެންފުޅި ލާށެވެ. މޭޒުމަތިގައި ހުރި މަތިޖަހާ ތަށި ކައިރިއަށް ޖެހުނީ ޒާރާއެވެ. އޭނާ މަޑުމަޑުން ތަށި މަތި ނެގިއެވެ. އެރި މީރުވަހުން ޒާރާއަށް ހީވީ މޭފުރިގެން އައިހެންނެވެ.

"މަންމާ، ވަސިންތަ ދިންތަ މިއީ"

ހިމްނާ ބަލައިލީ ޒާރާގެ އަޑަށެވެ. އޭނާ މޭޒާ ދިމާލަށް ދާންވާއިރަށް ނޫރީން ސަމްސަލެއް ހިފައިގެން އައިސް ހުއްޓިއްޖެއެވެ. ހިމްނާއަށް ތަށީގައި ހިފުނީ ކިރިޔާއެވެ.

"ކިހިނެއްވެފަ ކަލޭމެންނަށް ތި ތިބީ. ތަނަކުން އެއްޗެއް ފެންނައިރަށް ކަވައިގަންނަނީ ކީއްވެ؟"

ކުއްލިއަކަށް ހިމްނާ ތަށީގައި ހިފިއެވެ. އަތުގައި ކޮތަޅު ތެރެއަށް ބޮނޑިބަތް އެތި އޮށްސާލާފައި ތަށި ގެންގޮސް ޒިންކަށް ޖެހިއެވެ. ދެން ޑަސްބިން ހިފައިގެން ނިކުމެ ބޭރު ދޮރާށި ކައިރީގައި ބެހެއްޓިއެވެ. އެތެރެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހީވެސް ފުދޭވަރަކަށް ބާރަށެވެ.

"ދޮންތީ. މަންމަ ކޮންކަމެއްވެގެން އެހާ ރުޅި އައިސްގެން އެ އުޅެނީ. ޔަގީން އަހަރެން ދެކެ. އެކަމު މިއަދު ނަތީޖާ ދެއްކި ހުރިހާ ސަބްޖެކްޓްއަކުންވެސް ފުލްމާކްސް ލިބުނު" ނޫރީން ބުންޏެވެ. ނޫރީންގެ ސިކުނޑީގެ ޅަކަމާ ހެދި މިހާރު ޒާރާ ވިސްނާ ގޮތަކަށް ނުވިސްނެއެވެ.

"ނޫރް ދޭ ކޮޓަރިއަށް. ދޮންތި ބަލާނަން ވީކަމެއް"

ޒާރާގެ ހިތަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ބޮޑުކަމެއް ނުވާނަމަ ހިމްނާ އެގޮތަށް ނޫޅޭނެއެވެ. ދުވަހަކުވެސް ދަރިއަކާ 'ކަލޭ' ކިޔައިގެން މުހާތަބްކޮށްފައި ނުވާ މީހަކު ކުއްލިއަކަށް ބީރައްޓެހި މޭރުމަކުން ވާހަކަދެއްކުމުން ޒާރާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ރަސްމީ ނޫން ގަޑިއެއްގައި ސްކޫލުގައި އޮތް ކުޑަ މަސައްކަތެއްކޮށްލަން ކަމަށް ބުނެ ހިމްނާ ދިޔައިރުވެސް ހުރީ ވަރަށް ހަމަޖެހިފައެވެ. އޭރު މޫނުމަތީގައި ކަންބޮޑުވުމެއް ނެތެވެ. އަނެއްކޮޅުން ބޮނޑިބަތް ތަށި އުކާލީ ކިއްވެގެން ހެއްޔެވެ؟ އެއީ ކާކު ދިން އެއްޗެއް ހެއްޔެވެ؟ ޔަގީނުންވެސް ވަސިންތަ ދިން އެއްޗެއް ނޫނެވެ. ޖަވާބު ނުލިބޭ އެތައް ސުވާލުތަކަކުން ޒާރާގެ ސިކުނޑި ފުރިއްޖެއެވެ. ވިސްނަމުން ގޮސް އޭނާ ކޮޓަރީ ތަޅުގައި ހިފާލިއެވެ. ނަސީބަކުން ކޮޓަރި ހުރީ ހުޅުވާފައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟