އައްފާން ސަލާމަތުން ގެއިން ނެރުނީ ޖަންނަތެވެ. ހިމްނާގެ ގޮތެއް ނޭނގެއެވެ. ޔަގީނުންވެސް ޖަމީލާގެ ސުވާލުތައް ހުހެއް ނުވާނެއެވެ. މަޣްރިބް ނަމާދަށް ގޮވަން މާގިނަ ވަގުތެއް ނެތުމުން ގެއަށް ދިޔުމުގެ ބަދަލުގައި އައްފާން ދިޔައީ މިސްކިތާ ދިމާލަށެވެ.
****
ނޫރީން އެކްސްޓްރާ ކްލާސް ނިމެންދެކަށް ޒާރާ މަޑުކުރީ ޖަންނަތުގެ ގޭގައެވެ. ސްކޫލާ އެގެ ކައިރިކަމުން ނޫރީން ނިމުމުން ގޮވައިގެން ދިޔުމަށެވެ. އިޝާނަމާދަށް ޖަންނަތު ހުރުމުން ޒާރާ މަޑުކޮށްގެން އިނީ މަގުމަތި ޖޯލިފަތީގައެވެ. ފިހާރައަކަށް ދިޔުމަށް ޖަމީލާ ގެއިން ނިކުތީވެސް އެވަގުތުއެވެ. ޒާރާ ބޭރުގައި އިންކަން އެނގުމުން ޖަމީލާ ހީލައިފިއެވެ.
"މާމަ ނިކުތްއިރު ސަލާންދީފި. އިރުކޮޅަކުން ނިކުންނާނެހެން ހީވަނީ" ޖަމީލާ ޒާރާއަށް އެ ދިނީ ޖަންނަތުގެ ހަބަރުހެންނެވެ.
ޒާރާ އެފްބީ އަށް ވަދެ ސްކްރޯލް ކުރަމުން ދިޔައެވެ. ފައްވާޒްގެ ޕްރޮފައިލް ބަލައިލަން ހިތް ބުނެލިއެވެ. އެހެންނަމަވެސް އައްފާން ދެއްކި ވާހަކަތައް އަހާފައި އެ ހިޔާލު ޒާރާ ދޫކޮށްލިއެވެ. ހިތަށް ތަދުވުން ނޫން ކަމެއް ނުވާނެއެވެ. ފަހަތަށް ބަލަންޏާ ކުރިއަށްދާންވެސް އުނދަގޫވާނެއެވެ. ފައްވާޒުގެ ކަންކަން ހޯދައި ބަލަންޏާ އަބަދުވެސް ވާނީ އެއްގޮތެކެވެ. ހިތް ކިތަންމެ ވަރަކަށް ކަމަކަށް އެދުނަސް އަޅައިނުލާ ހުރުމުން ނޫނީ އެކަމެއްގެ މަތިން ހިތް ނުކެނޑޭނެއެވެ. މިފަހަރު ޒާރާ ބޭނުންވީ ސިކުނޑީގެ ބޭނުން ހިފާށެވެ.
"ކައިގެން ދާންވާނީ. މިއައީ ލުނބޮއެއް ގަނެގެން" ފިހާރައިން އައިސް ގޭތެރެއަށް ވަންނަމުން ޖަމީލާ ބުންޏެވެ.
ޖަމީލާ އެތެރެއަށް ވަތްތަނާ ޖަންނަތު ނުކުމެއްޖެއެވެ. ޒަރާގެ ކައިރީގައި އިށީނދެފައި ފުރަތަމަވެސް އަހާލީ އައްފާންގެ ވާހަކައެވެ. "ކުރީ ދުވަހު ދިމާވެގެން ވަރަށް ވާހަކަދެއްކި. މިއިން ދުވަހަކު ނުރޮވޭ ވަރަށް އައްޔަ ކައިރީގަ އިނދެގެން ރޮވުނު. ފަހުން ލަދުވެސް ގަތް. އައްޔަ ކިޔައިދީނީ ފަވާގެ ވިޔާނުދާ އުޅުމުގެ ވާހަކަ. ޖަންނައަށް އެނގޭތަ ފަވާ ހުރީ އެއްވެސް މީހެއްގެ އަތްނުފޯރާ ފަށަށް ދުރަށްގޮސްފަ. ކަންބޮޑުވޭ އެހެން އުޅެނިކޮށް ފަވާއަށް ދެރައެއް ލިބިދާނެތީ" ޒާރާ ވާހަކަދެއްކިއެވެ.
"ޒާ ބޭނުންނެތިގެން ހިތުގައިޖައްސައި ދެރަކޮށްލާފަ ދިޔަ މީހަކަށް ދެރައެއް ލިބިދާނެތީ ކީއްކުރަން ކަންބޮޑުވަނީ. ޒާރާއާ މެދު ނުވިސްނި މީހަކާ މެދު ނުވިސްނަބަލަ" ޖަންނަތު ބުންޏެވެ.
"ތިއެއްނު މައްސަލައަކީ. އަހަރެންނަކަށް ހިއެއް ނުވޭ އައްޔަގެ ލައިފްގަ އޭނަ ހެޕީހެނެއްވެސް"
"އެއީ؟ ކީއްވެ ތިހެން ތިބުނީ؟" ޖަންނަތު ބުންޏެވެ.
"އަހަރެންނަކަށް އެހާ ބޮޑުކޮށް އަހާކަށް ނުކެރުނު. އެކަމަކު ވައިފްގެ ވާހަކަ އަހާލީމަ ފާޑަކަށް ހިނިގަނޑެއް ޖަހާލީ. އެހެންވެ ފޮޓޯއެއްވެސް ދައްކާށޭ ބުނާކަށް ނުކެރުނު"
ތެދެކެވެ. ނުހާއާ ބެހޭގޮތުން ޒާރާ އަހާލުމުން ފުރަތަމަ ދޭނެ ޖަވާބެއްދޭން އައްފާނަށް ނޭނގުނެވެ. ނުހާގެ އަމަލުތައް ހުރިގޮތުން އޭނާ ހިތްހަމަނުޖެހޭއިރު ހުރިހާކަމެއް ރަނގަޅެކޭވެސް ނުބުނެވުނެވެ. ދިރިއުޅުން އެންމެ ބަރާބަރޭވެސް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއީ ޒާރާގެ އަނެއް ސުވާލު އުފަންވާން ތައްޔާރުވެދާނެކަމަށްޓަކައެވެ. ނުހާ ދެކެ އައްފާން ލޯބިވެއެވެ. އޭނާގެ ދިރިއުޅުމުގެ ވާހަކަ އަދި އެއްވެސް މީހަކާ ހިއްސާކުރަން އޭނާ ތައްޔާރެއް ނޫނެވެ. ނުހާގެ އުޅުން ރަނގަޅުވެދާނެ ކަމަށް އޭނާ އުންމީދުކުރެއެވެ.
"އެހެންނޫނަސް އަހަރެންނަށް އައްޔައާ އެހާ ގާތްކޮށް ވާހަކަދައްކަން ނުކެރޭ. އައްޔައާ މެދު ކަންތައްކުރެވުނު ގޮތް ހިތަށް އަރަނީ"
****
ފިހާރައިގައި އުޅޭ ބިދޭސީ މީހާ އެތެރެއަށް ވަންގޮތަށް ބޭރުގައި މީހަކު ހޯދަން އައިސް ހުރި ވާހަކަ ހިމްނާ ގާތު ބުންޏެވެ. ބޭރަށް ނިކުމެ ބަލައިލިއިރު ފިހާރައާ އިންވެގެން ހުރި އަށިކޮޅު މަތީގައި އައްފާން އިނެވެ. ހިމްނާ ހީލާފައި އެތެރެއަށް ވަންނަން އައްފާނަށް ދައުވަތު ދިނެވެ. މަގުމަތީގައި ނުހުންނަންވެގެން ހިމްނާ ފަހަތުން އައްފާން ފިހާރަ ތެރެއަށް ވަނެވެ. ހިމްނާއަށް ހީވީ އައްފާން އައީ ޒާރާއާ ބައްދަލުކުރަން ހެންނެވެ. އެހެންކަމުން ނޫރީން ގޮވައިގެން ޒާރާ އިރުކޮޅަކުން ގެއަށް އަންނާނޭ ހިމްނާ ބުންޏެވެ.
"އަހަރެން އައީ ދައްތައާ ބައްދަލުކޮށްލަން. މިތަނަށް ވުރެ ރަނގަޅީ ގޭތެރެ. ޒާރާ ގެއަށް އައުމުގެ ކުރިން"
ހިމްނާ ހައިރާންވިއެވެ. އައްފާން ދައްކަން އުޅެނީ މުހިންމު ވާހަކައެއްކަން ހިމްނާއަށް އެނގުނެވެ. އެހެންނޫނީ ގޭތެރެއަށް ވަންނާކަށް ނުބުނާނެއެވެ. އަދި އެވެސް ޒާރާގެ ޣައިރު ހާޒިރުގައެވެ. އައްފާން ގޮވައިގެން ފިހާރައިގެ ތެރެއިން ގޭތެރެއަށް ވަދެވޭ ދޮރާ ދިމާލަށް ހިމްނާ ހިނގައިގަތެވެ.
"ކިހިނެއްވީ އަނެއްކާ. ދައްތަ ވަރަށް ހާސްވެއްޖެ" ހިމްނާ ބުންޏެވެ.
އައްފާން ހީލިއެވެ. އަދި ހާސްވާން ނުޖެހޭ ކަމަށް ބުންޏެވެ. އެވާހަކަ ދައްކަން އޭނާ ނައިނަމަ ފަހަރެއްގައި ކަންބޮޑުވާންޖެހޭނެ ކަމަށް ބުނެ އިތުރަށް ހިމްނާ ހާސްކޮށްލިއެވެ.
"ﷲ އަށް ހަމްދުހުރި. އަހަރެން އުފާކުރަން ފުރުމުގެ ކުރިން މިކަން އަހަރެންނަށް އެނގުނުކަމަށްޓަކައި. އަހަރެން ޒާރާއަށް ވަރަށް ހެޔޮއެދެން. އަހަރެންނަށް އެނގޭ އިތުރު ވޭންތަކަކާ ތަކުލީފުތަކެއް އުފުލާނެހާ ހިތްވަރެއް އެ ހަށިގަނޑުގައި ނެތްކަން. އެހެންނޫނަސް ޒާރާ މެދުވެރިކޮށް ދައްތައަށް މީހެއްގެ ފަރާތުން ގެއްލުމެއް ލިބޭކަށް ނޭދެން. ވަސީމާދައްތަ ނަގާފައި އަހަރެންނަށް އެންމެ ހެޔޮއެދޭ މީހަކު މި ރަށުގައި ތިބޭނީ ޖަމިއްތައާ ހިމްނާއްތަ"
ހިމްނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ހިތް އަވަސްވެ އޭނާ ކަރުހިއްކައިގަތެވެ. އެންމެ ބިރުގަތީ މީހެއްގެ ފަރާތުން އޭނާއަށް ދެރައެއް ލިބިދާނެކަމަށް އައްފާން ބުނުމުންނެވެ. އޭނާއަށް ދެރައެއްދޭވަރުގެ މީހެއް އެރަށުގައި އެބަހުރި ހެއްޔެވެ؟ މުޅި ރަށު ރައްޔިތުންގެ ތުންފަތްމަތިން ހިނިތުންވުން ފިލައިނުދެއެވެ. އެކަކު އަނެކަކަށް ހެޔޮނޭދޭ އެކަކުވެސް އުޅޭހެނެއް ހިއެއް ނުވެއެވެ. ސިއްރިއްޔާތުގައި އެހާ ނަފްރަތުވެގެން އުޅެނީ ކާކު ހެއްޔެވެ؟ ހިމްނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. ވީގޮތެއް ލަސްނުކޮށް ކިޔައިދިނުމަށް އޭނާ އެދުނެވެ. އައްފާން ފުންނޭވައެއް ދޫކޮށްލިއެވެ.
"އިރުމަތީގޭ ޖީޒާއްތަ ދަންނަމެއްނު"
****
ކޮޓަރީގައި އެކަނި ހިމްނާ އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. އަދިވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އައްފާން ދެއްކި ވާހަކަތަކެވެ. މީހުން ބުނަނީ ތެދެވެ. ވިހަނުލާނެކަމަށް މުށުތެރޭގައި ހަރުފަ ގެންގުޅޭކަށް ނުވާނެއެވެ. ކިތަންމެ ގާތްކޮށް އުޅުނަސް މީހުންގެ ހަގީގީ މޫނެއް ނުފެންނާނެއެވެ. ހިތްހެޔޮކޮށް ވާހަކަދައްކާފައި ފުރަގަސްދޭ އިރަށް ބުރައްކައްޓަށް ވަޅި ހަރާ ޒަމާނެވެ.
ހިމްނާގެ ބޮލުގައި ރިއްސައިވެސް ގަނެއްޖެއެވެ. މީހަކާ ބެހޭގޮތުން އެފަދަ ދޮގެއް އައްފާން ނަހަދާނެއެވެ. އެއްޗެއް އެނގިގެން ނޫނީ އެވަރުގެ ވާހަކައެއް އައްފާން ނުދައްކާނެއެވެ. ކޮންމެގޮތެއް ވިޔަސް ހިމްނާއަށް ފިލާވަޅެއް ލިބިއްޖެއެވެ. އެއްވެސްކަމެއް ގޯހުން ގޯހަށް ނުދަނިސް ﷲ ތައާލާގެ ހެޔޮރަހްމަތްފުޅާއެކު ހިމްނާގެ ލޯ ހުޅުވިއްޖެއެވެ.
ކުއްލިއަކަށް ހިމްނާ ސިހުނީ ކޮޓަރީ ދޮރުހުޅުވާލުމުންނެވެ. އެތެރެއަށް ވަނީ އޭނާގެ ދެ ދަރީންނެވެ. ހިމްނާ ވިސްނުމެއްގައި އެނދުގައި އިންގޮތުން ކަމެއް ވެއްޖެހެން ޒާރާއަށް ހީވެ ސުވާލުކުރިއެވެ. ދެކުދީން އެތެރެއަށް ވަނީވެސް މަންމަގެ ހަބަރެއްނުވެ ގިނައިރުތަކެއް ވުމުންނެވެ.
"މަންމަ ކުޑަކޮށް ބޮލުގަ ރިއްސާލީމަ މިތާ އިށީނދެގެން މީނީ. ހިނގާ ކާން ދާން" އެވަގުތު ދަރީންނާ ކުރިމަތިލުން ހިމްނާއަށް ފަސޭހަނުވާނެތީ ދަރީންނަށް އިތުރަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ ހިމްނާ ނިކުތީ ކޮޓަރިން ބޭރަށެވެ. ޒާރާ އާއި ނޫރީން އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލައިލިއެވެ.
ކެއުން ކުރިއަށް ދިޔަ ވަގުތު ކުރިމަތީގައި ތިބި ދެ ދަރީންނަށް ވަކިން ހިމްނާ ބަލައިލިއެވެ. އެ ދެ ދަރީންނަކީ އޭނާގެ ފުރާނައެވެ. އެއިން އެންމެ ކުއްޖަކަށް ކަމެއް ވިޔަސް އޭނާގެ ޒަމާން ދާނެއެވެ. މީހެއްގެ ފަރާތުން ގެއްލުމެއް ލިބިދާނެކަމުގެ ފެހި ސިގްނަލް ލިބުނު ހިސާބުން ދެ ދަރީންނާ މެދު ކަންބޮޑުވެއްޖެއެވެ. ނޭނގެނީ ވަޅީގެ ކޮޅު އައިސް ބުރަކަށީގައި ޖެހޭނެ ވަގުތެވެ. އެހެން ހިތަށް އެރުމާއެކު ހިމްނާގެ ގައިން ހީބިހި ނަގައިގަތެވެ.
"ދަރިފުޅުމެން ހެނދުނާ ހަވީރުގެ ޒިކުރުތައް ކިޔަންތަ؟" ހަމަޖެހެން މަސައްކަތްކުރަމުން ހިމްނާ އެހިއެވެ.
ހިމްނާ އަހާލި އެއްޗެއްގެ ސަބަބުން ޒާރާ އާއި ނޫރީން އެކަކު އަނެކަކަށް ބަލައިލިއެވެ.
"ލައްބަ އަޅުގަނޑު ކިޔަން. ކިޔާ ކިޔާ މިހާރު ހިތުގަވެސް ހިފައިފި. ކުރީގަ ފޮތުން ބަލައިގެން ކިޔަސް މިހާރު ކޮންމެ ކަމެއް ކުރަން ހުއްޓަސް ކިޔާލެވޭ... ކިހިނެއްވީ މަންމާ؟" ނޫރީން ބުންޏެވެ.
"ޒާރާ ؟" ހިމްނާ ބުންޏެވެ.
"ކިޔަން ބަރާބަރަށް. އެކަމަކު އަދި ހިތުން އެނގެނީ އެއްބައި"
"މީގެފަހުން ދަރިފުޅުމެން ކޮންމެ ރެއަކު ބަގަރާ ސޫރަތް ކިޔަވަންވާނެ. ގެއިން ނިކުންނަމުން އާޔަތުލް ކުރުސި، ގެއިން ނިކުންނައިރު ކިޔާ ދުއާ ވެސް ކިޔަންވާނެ. ގޮތް ނޭނގޭ މީހަކު ދޭ އެއްވެސް އެއްޗެއް ކައިގެން ނުވާނެ. ޒާރާ ހާއްސަކޮށް ދަރިފުޅު"
ޒާރާއަށް ސުވާލުނުކޮށް ނީނދެވުނެވެ. އެހެންނަމަވެސް އެއީ އަދި ޒާރާއަށް ސަބަބު އެނގެންޖެހޭ ވަގުތެއް ނޫންކަމުން ހިމްނާ އެއްވެސް ޖަވާބެއް ނުދިނެވެ. މުސީބާތެއް ކުރިމަތިވުމުގެ ކުރިން ރަނގަޅު މަގަށް ދަރީންގެ ލޯ ހުޅުވައިދިނުމަކީ އޭނާގެ މައްޗަށް ވާޖިބެކެވެ. ދަރީންނަށް ހަގީގަތް ހާމަކޮށްދީގެން އެކުދީންގެ ހިތުގައި ބިރުވެރިކަމެއް އުފައްދަން އަދި ހިމްނާ ބޭނުމެއް ނުވެއެވެ. ދަރީންނަށް ވުރެ ކުރީން ކަމެއް ކުރިމަތިވާންޖެހޭނީ އޭނާއަށެވެ. ހަނގުރާމައިގެ މައިދާނުގައި ހިމްނާ ހުންނާނީ އެންމެ ކުރީގައެވެ. އެކަމަކު އެއީ ﷲ ބާވާލެއްވި ހަތިޔާރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެންނެވެ.
****
އައްފާނަށް ހަބަރެއްނުވެ ރިސޯޓަށް ނުހާ ފުރައިގެން ދިޔަކަން ރަހްމާނަށް އެނގުނީ ދިމްނާގެ ކޮޓަރިން ނިއަމްގެ ރުއިމުގެ އަޑު އިވުމުންނެވެ. މިފަހަރު ރަހްމާން ސުވާލުކުރީ ދިމްނާ އާއެވެ.
"ކޮއްކޮ ބުނި މި ދަތުރު ގޮސްފައި ދެން ނުދާނަމޭ. އަހަރެން ބުނިން އެޓްލީސްޓް އައްފާން ކައިރީގަ ބުނެފައި ދާށޭ"
މިފަހަރު ރަހްމާން ކައިރިއަށް ރުޅިނައެވެ. ހިމޭންކަމާއެކު ސޯފާގައި ރަހްމާން އިނެވެ. ރަހްމާނަށް ލިބުނީވެސް ޖުމްލަ ދެ ދަރީންނެވެ. ދެ އަންހެންދަރީންނަކީ އޭނާ ސުވަރުގެ ވަދެވޭނެ މަގެއް ކަމުގައި ދެކުނަސް އެކަން އެހެން ނުވިއެވެ. ހަގު ދަރިފުޅުގެ މުސްތަގުބަލު ވީރާނާވަމުންދާކަމުގެ ކޮޅުމަތި ނުހާގެ އުޅުމުން އޭނާއަށް ފެންނަން ފަށައިފިއެވެ. ކުރިން ނުހާ ދެކެ އަންނަ ރުޅި މިފަހަރު ރަހްމާނަށް ނާދެވުނެވެ. އޭގެ ބަދަލުގައި ރަހްމާނަށް ރޮވުނެވެ. ނޭވާ ހާސްވަންދެން ރަހްމާން ރުޔެވެ. ސައީދާ އާއި ދިމްނާ ދެފަރާތުން އިށީނުމުން ރަހްމާން ބޯއެޅީ ސައީދާގެ ކޮނޑުގައެވެ.
"ނުހާގެ ދިރިއުޅުން ބަރުބާދުވެއްޖެ ސައީދާ. އެއްކަމެއްވެސް ރަނގަޅެއްނުވާނެ. އައްފާނަށް ކިތަންމެ ސިއްރުން ދިޔަސް އެކަމެއް ސިއްރެއްނުވާނެ" ރަހްމާން ބުންޏެވެ.
"ބައްޕާ! މިފަހަރު ނުހާއަށް މާފްކުރޭ. ފަހުން ރަނގަޅުވާނެ. އައްފާން ކައިރީގައި ނުބުނެ ދިޔުން އެއީ ނުހާގެ ގޯސްކަން. މާދަމާއެއްނު އައްފާން އަންނަނީ. އަހަރެން ނުހާއަށް ގުޅައިގެން އައްފާން އައުމުގެ ކުރިން ގެންނާނަން"
"ހަނދާންކުރާތި ކަލޭމެންގެ ދެމީހުން. އަހަރެންނަށް ވުރެ ގިނަވަގުތު މިގޭތެރޭގަ ތިބެނީ ކަލޭމެންގެ ދެމީހުން. ނުހާގެ ދިރިއުޅުން ހަލާކުވެގެން ދަންޏާ އެކަމުގަ ކަލޭމެން ދެމީހުންވެސް ޒިންމާވާންޖެހޭނެ"
ރުޅިއައިސް ރަތްވެފައި ހުރެ ރަހްމާން ހިނގައިގަތެވެ. ބަހެއް ނުބުނެ ސައީދާ އާއި ދިމްނާ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. ނުހާގެ ސަބަބުން ދުވަހެއް ދުވަހެއް ކަމަށް ގޭތެރޭގެ މަސްލަހަތު އެދަނީ ގެއްލެމުންނެވެ.
****
ރިސޯޓްގެ ރެސްޓޯރަންޓްތެރެ ވަނީ ހަލަބޮލިވެފައެވެ. ދިވެހިންނަށް ވުރެ ގިނައީ ގެސްޓުންނެވެ. އެތެރޭގައި ހުރި މޭޒެއް ކައިރީގައި ނުހާ އާއި ޖުމާ އަދި މާހީ ތިއްބެވެ. ޖުމާގެ މޫޑް ގެއްލިފައި އިނުމުން ބާކީ ތިބި ދެ އެކުވެރިން އެކި ވާހަކަދައްކައިގެން ޖުމާ ހަމަޔަކަށް އެޅުވޭތޯ ބަލަމުން ދިޔައެވެ.
"ނަބީލް ލޯބިނުވަނީ. އެހެން ނޫނީ އަހަރެންގެ މިނިވަންކަމަށް ހުރަހެއް ނާޅާނެ. އަހަރެން މިހާރު މިހުރީ ރިސޯޓްގަ. ކޮންމެގޮތެއް ވިޔަސް އަހަރެން މިއީ މިހާރު ނަބީލްގެ އަންބެއް ނޫން" ހަގީގަތުގައިވެސް ޖުމާ އިނީ ދެރަވެފައެވެ.
ސަބަބެއް ނޭނގި ނުހާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. މިނިވަންކަން އޮވެއޭ ބުނެ މިހާރު ވާހަކަދައްކަން ނުހާއަށް އުނދަގުލެވެ. އެކުވެރިން ދެކޭގޮތުގައި އައްފާން ވަރަށް އަންޑަސްޓޭންޑިންގ އެވެ. ފަހަކަށް އައިސް އައްފާން ދައްކާ ވާހަކަތައް އެކުވެރިން ކައިރީގައި ނުހާ ނުދައްކައެވެ. މިނިވަންކަން ގެއްލިފައޭ ބުނާއިރަށް އެކުވެރިން ދިމާކުރާނެއެވެ. މީގެކުރިން ރައްޓެހިން ކައިރީގައި ދެއްކިފައި ވަނީ އައްފާންގެ ކޫލް ވާހަކައެވެ. ފަހަކަށް އައިސް އެ ފިނިކަން އަލިފާނަށް ބަދަލުވި ވާހަކަ ބުނަން ނުހާ ފަސްޖެހުނެވެ.
އިރުކޮޅަކުން ފާހާނާއަށޭ ބުނެ ޖުމާ ތެދުވެގެން ހިނގައިގަތެވެ.
"މިހާރު ކިހިނެއްވެފަ މިއިނީ" ހިޔާލަކަށް ގެއްލިފައި އިން ނުހާގެ އަތުގައި މާހީ ކޮށްޓާލިއެވެ. ނުހާ ދިޔައީ ސިއްސައިގެންނެވެ. އައްފާން ދިޔަފަހުން ނުހާ ރިސޯޓަށް އައީ ދެވަނަ ފަހަރަށެވެ. އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އައްފާނަށް މިކަން އެނގިގެން ވާނެ ގޮތެއްވެސް ނޭނގެއެވެ.
"އައްފާން މިސްވީ. ދެ ދުވަހަށް ވިއްޔާ ދިޔައީ. މިހާރުވެސް އަހަރެން މިހެރީ ކެއްމަދުވެފަ" ހަގީގަތް ސިއްރުކޮށްފައި ނުހާ ދެއްކީ އެހެން ވާހަކައެކެވެ.
"މަ ބުނަންތަ ވާހަކައެއް. ދަތްހުރި ދުވަހު ކާށި ކެވޭނީ. ގިނަގިނަ ފަހަރު މިކަހަލަ ތަންތަނަށް ނާދެވެއެއްނު. ހިނގާބަލަ ފަން ނައިޓަކަށް ހަދަން. ބަލައިބަލަ އެހެރީ ޓްރިޕްލް އެކްސް. ނުހާއަށް ހާދަ ވަރަކަށޭ އޭނަ ބަލަނީ"
ފަރުވާކުޑަ ގޮތަކަށް އެދިމާ ނުހާ ބަލައިލިއެވެ. ޓްރިޕްލް އެކްސްއެކޭ ކިޔާ ޒުވާނާ އެތަނުގައި ހުރެ އޭނާއަށް ބަލަމުންދާތާ އިރުތަކެއް ވެއްޖެއެވެ. ނުހާ ޓްރިޕްލް އެކްސްއަކީ ރާއްޕެއެވެ. ތިން އެކުވެރިންނާއެކު ދަތުރުގައި ހަމައެކަނި ބައިވެރިވި ފިރިހެނާއެވެ. ފަހުވަގުތު ފައްވާޒަށްވެސް ނާދެވުނެވެ. ރިސޯޓަށް އަންނަން ލޯންޗަށް އެރިއްސުރެ ފެށިގެން ރާފިއުގެ ކަޅި ނުހާގެ މޫނުން ނުނެއްޓެއެވެ. އުނދަގޫވެގެން ކިތަންމެ ފަހަރަކު އެ ޝަކުވާ މާހީ ކައިރީގައި ނުހާ ކޮށްފިއެވެ. ރާފިއު އަކީ މާހީގެ އެކުވެރި ކަމުގައި އައި ޒުވާނެކެވެ.
"ރާއްޕެ އޭ. އޭނައަށް ނޭނގޭތަ މަށަކީ މީހެއްގެ އަންބެއް ކަމެއް" ނުހާ ބުންޏެވެ.
"ކީއްތަވީ. މީހަކު ބަލައިލިޔަކަސް އަދި ވަރިއެއްނުވާނެ. އަނގައިން ބުނެލިޔަސް އެވަރު ކަމެއްތަ. އެ އަންނަނީ އޭނަ. ވާހަކަދައްކައްޗެ. މި އަންނަނީ ޖުމާ ވީތަނެއް ބަލައިލާފަ"
މާހީ ހިނގައިގަތެވެ. ރާފިއު އައިސް މާހީ ތެދުވި ގޮނޑީގައި އިށީނެވެ. ވަށްބުރެއްގެ ބައްޓަމަށް ހުރި ބިއްލޫރި ތަށީގައި ރަތްކުލައިގައި ހުރީ ކޮންކަހަލަ ބުއިމެއްކަމެއް ނުހާއަށް ނޭނގެއެވެ. ވެއިޓަރަކު ގެނައި ދެވަނަ ތަށި ނުހާއަށް ރާފިއު ދިއްކޮށްލިއެވެ. އެކަމަކު ތަށީގައި ނުހާ ނުހިފިއެވެ. ނުހާ އިނީ އުނދަގޫވެފައެވެ. އެންމެފަހުން ތެދުވެގެން ދާން ނުހާ ކޮޅަށް ތެދުވިއެވެ. ރާފިއު އެއްލި އަތުން ހިފީ ނުހާގެ އަތުގައެވެ. ނުހާ ހީވީ ބިރެއް ފެނުނު ހެންނެވެ. ރާފިއުގެ އަތް ދުރަށް ފޮޅުވާލިއެވެ.
"ހާދަ ރުޅިއެއް" ރާފިއު ބުންޏެވެ.
ނުހާ ބަލައިލިގޮތުން ވެސް ހިތްހަމަނުޖެހިފައި ހުރިވަރު ރާފިއުއަށް އެނގުނެވެ. އެހެންނަމަވެސް ރާފިއު ޖަހާލީ ހިނިގަނޑެކެވެ. ނުހާ ކަހަލަ ކިތަންމެ އަންހެންކުއްޖެއް ރާފިއުގެ ދިރިއުޅުމަށް އައިސްފައި ހިނގައްޖެއެވެ. ކޮންމެ ކޮންމެ އަންހެންކުއްޖެއްގެ އެހާ ގާތަށް ނުދެވުނަސް ގިނަ ކުދިންގެ އާކަން ރާފިއު ހުރީ ކަނޑުވައިފައެވެ. އޭނާގެ ހިތުގެ ރާޑަރަށް ނުހާ އެރިއިރުން ފެށިގެން އޭނާ އެ ހުންނަނީ އެ ދިމާލަށް ނަނު އެއްލައިގެންނެވެ. އޭނާގެ މަޅިފަތީގައި ނުހާ ލައްވާލާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ތަފާތު ރީތިކަމެއް ނުހާގެ ކިބައިގައި ހުރިކަން ރާފިއުއަށް އެނގެއެވެ. އޭނާ ބޭނުންވަނީ އެންމެ ފަހަރަކު ނަމަވެސް އެ ރީތިކަން ހާސިލުކުރާށެވެ.
"ރާއްޕެއަށް އެނގޭތަ އަހަރެންގެ ފިރިއެއް ހުންނަކަން"
ރާފިއު ބޯ ޖަހާލިއެވެ. ނުހާއަށް ލިބުނީ ހައިރާންކަމެވެ. ރާފިއުގެ ދެލޮލުން އޭނާއަށް ފެނުނީ ޖެހިލުން ކުޑަކަމެވެ. އެއްވެސް ކަމެއްގެ ބިރުވެރިކަމެއް ސިހުމެއް ނުފެނެއެވެ.
"ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟" ނުހާ ބުންޏެވެ.
"ވާހަކަދައްކާލަން. އައި ލައިކް ޔޫ... ތީ ހާދަ ރީތިކުއްޖެކޭ. ތިގޮތަށް ޑްރެސްކުރީމަ ވަކިން ލޯބި"
ނުހާ ހިތްއުފަލުން ފުރުނެވެ. އައްފާން އެދެނީ މުޅިންވެސް ގަޔަށް ދޫކޮށް ހެދުން އަޅާށެވެ. ހެދުމެއް ފަހައިގެން ލިޔަސް ކަކުލަށް ވުރެ ތިރިއަށް ބެހެއްޓުމަކީ މަޖުބޫރު މާއްދާއެކެވެ. ގަޔަށް ބާރު ޓޮޕްކޮޅާ ސޯޓްކޮޅު ލެވޭނީ ހަމައެކަނި އައްފާން ކުރިމަތީގައެވެ. ރާފިއު ކޮށްލިހާ ލޯބިން ދުވަހަކުވެސް ނުހާގެ ރީތިކަމަށް ތައުރީފުކޮށްނުލައެވެ.
ނުހާގެ ދެލޮލަށް ވެރިވި ތަފާތު ވިދުމުން އެކަނިވެސް އޭނާގެ ދޫކޮށްލި ވިހައިގެ އަސަރު ނުހާގެ ހިތާ ހަމައަށް ފޯރައިފިކަން ރާފިއުއަށް އެނގުނެވެ.
"އިށީނދެލާބަލަ. ކުޑަކޮށް ވާހަކަދައްކާލަން"
ނުހާ މަޑުމަޑުން އިށީނެވެ. ދެން ރާފިއު ދިއްކޮށްލީ ކުރިން ނުހާ ދުރުކޮށްލި ދިޔާއެއްޗެއް ހުރި ތައްޓެވެ. މިފަހަރު ނުހާ ތަށީގައި ހިފިއެވެ. ކުޑަ ކޯވަރެއް ބޯލިއެވެ. ފޮނި ރަހައަށް ވުރެ ބޮޑަށް ހުތް ރަހައެއް ހުރި އެއްޗެކެވެ. އަނގައިގެ ތެރޭގައި ރަހަ ހިފާލުމާއެކު ދެކޯވަރު ތިންކޯވަރުވެސް ބޯލިއެވެ. ރާފިއު އިނީ ހިނި އައިސްފައެވެ.
"އަސްލު އެނގޭތަ. ކޮންމެ މީހެއްގެ ލައިފްގަވެސް މައްސަލަތަކެއް ހުންނާނެ. އަމިއްލަ ދިރިއުޅުމުން ހުސްވަގުތުކޮޅެއް ނަގައިގެން މިކަހަލަ ތަނަކަށް އަންނާނީ ޔަގީނުންވެސް މައިންޑް ފްރެޝްކޮށްލަން ދޯ. ދެން މިތަނަށް އައިސް ހަޒްބަންޑަށް ނޫނީ ވައިފްއަށް ލޯޔަލްކޮށް ހުންނާކަށް އެކަކުވެސް ނުވިސްނާނެ. ލިބުނު ފުރުސަތުގެ ބޭނުންކުރަންވާނެ. މާދަމާ އަނެއްކާވެސް ގޮސް ނޭވާލާންޖެހޭނީ ލައިފްގެ އެއްކަލަ ފިއްތުންތަކުގެ ތެރެއަށް. ނޫންތަ؟ "
ރާފިއުގެ ކޮންމެ ޖުމްލައަކަށް ނުހާގެ ހިތުން އެއްބަސްވަމުން ދިޔައެވެ. ފަހަކަށް އައިސް އައްފާންގެ ސަބަބުން ނުހާގެ ސިކުނޑި ހުންނަނީ ގޮވާފައެވެ. ގޭތެރޭގައި ނުހާ ހިފަހައްޓަން އާއިލާ މީހުން އެހާ ބާރުއަޅައެވެ. އަނެއްކޮޅުން ބޭނުންނުވެފައި ހުއްޓައި ދަރިއަކު ލިބުމަކީ އިތުރަށް ނުހާ ޑިޕްރެސްވި ކަމެކެވެ. ރާފިއު އެ ބުނަނީ ތެދެކެވެ. ރާއްޕެ ކަހަލަ ބެސްޓް މީހަކާ ރަހުމަތްތެރިކަމުގެ ގުޅުމެއް ބޭއްވިޔަސް މައްސަލައެއް ނޫނެވެ. އައްފާނުގެވެސް އަންހެން ރަހުމަތްތެރިން ތިބޭނެއެވެ. މިހާރުވެސް އޮފީސް ކަމެއްގައޭ ބުނެ ރަށަށް ގޮސް އުޅޭގޮތެއް ނޭނގެއެވެ. ކުއްލިއަކަށް ނުހާގެ ވިސްނުން ބަދަލުވަމުން އައީ އޭނާ ހީވެސްނުކުރާހާ ބާރު މިނެއްގައެވެ. ނުހާ ހިމޭނުން އިނދެ ތަށިން މަޑުމަޑުން ބޮމުން ދިޔަ ގޮތުން އޭނާ ދެއްކި ވާހަތަކުގެ ސަބަބުން ނުހާގެ ހިތުގައި ހައިޖާނުގަނޑެއް އުފެއްދިއްޖެކަން ރާފިއުއަށް އެނގުނެވެ. އޭނާގެ ތުންފަތަށްވެރިވީ ވިހަ ހިނިތުންވުމެކެވެ.
"އަހަރެން ދީފާނަން ހިޔާލެއް" ރާފިއު ބުންޏެވެ.
"އަހަރެން މިއީ އެހެން މީހުންނާ ވަރަށް ތަފާތު މީހެއް. އުމުރުން އަދި ތިރީސް އަހަރުނުވޭ. އެކަމަކުވެސް މީހުންގެ ލޮލަށް ބަލައިލާފަ އަހަރެންނަށް އެމީހުންގެ ލައިފް ކުރިއަށްދާ ގޮތް ބުނަން އެނގޭ. ނުހާ އަދި ތިއީ އެހެން ކުދިންނާ ނުލާހިކު ތަފާތު ކުއްޖެއް. ހަމަ ލޯބިލޯބި ބާބީ ޑޯލްއެއް. އެނގޭ ނުހާގެ ލައިފްގަ މައްސަލަތަކެއް ހުރިކަން. އެއީކީ މައްސަލައެއްވެސް ނޫން. އަހަރެން ކަހަލަ މީހަކު ނުހާގެ އެކުވެރިޔަކަށްވިކަން އެއީ ހަމަ ނަސީބު. އަހަރެން އަބަދުވެސް ނުހާ ކައިރީގަ ހުންނާނަން"
ކަޅިޖަހައިނުލާ ނުހާ އިނީ ރާފިއުގެ މޫނަށް ބަލަހައްޓައިގެންނެވެ. އައްފާނާ ދެކޮޅަށް ވާހަކަދައްކަން ބޭނުންވިޔަސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ހަގީގަތަކީ ދިރިއުޅޭ މާހައުލުން ބޭރުން ބޯހަމަޖައްސާލަން އޭނާ ބޭނުންވާކަމެވެ. އެހެންނަމަވެސް އައްފާނަށް ދެރަކޮށް ވާހަކަދައްކަން ނުހާ ބޭނުމެއްނުވެއެވެ.
"އަހަރެން އައްފާން ދެކެ ވަރަށް ލޯބިވޭ"
"ހަޒްބަންޑެއްނު. ލޯބިވާންވާނެ. އަހަރެން މިއީ ހަމައެކަނި ހިތްއުފާކޮށްދޭ ބައިވެރިޔާ"
މޭޒުމަތީގައި އޮތް ނުހާގެ އަތްތިލައިގައި ރާފިއު ހިފާލިއެވެ. އަތްދަމައިގަންނަން ނުހާ މަސައްކަތްކުރި ނަމަވެސް އެ އަތަށް ރާފިއު ބާރުކޮށްލުމުން ދެވަނަ ފަހަރަށް އަތްދަމައިގަންނަން ނުހާ މަސައްކަތެއް ނުކުރެއެވެ.
(ނުނިމޭ)