ވާހަކަ

ކަސިޔާރު - 10

5

ފަރުހީނާއި ރައުހަތުޝައުގީގެ ކައިވެނިކުރެވުނީ ހާލަތަށް ތަބާވުމަށް ކަމުގައިވިޔަސް އެ ހިސާބަށް ދިޔައިރު ދެ ކުދިން ލިބި، ދިރިއުޅުން ގޮސްފައި އޮތް ހިސާބުން ފަރުހީން އިނީ ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ރައުހަތާއެކު ދިރިއުޅެމުން ދެންވެސް ކުރިއަށްދާން ތައްޔާރަށެވެ. އެންމެ ފުރަތަމަ ގޭތެރެއިން ރައުހަތު ފެންނަމުން އައީ ބައްޕައާއި މަންމަގެ ހެޔޮ ހަޔާތުގައި މަންމަގެ ގާތް އެކުވެރިއެއްގެ ގޮތުގައެވެ.

ފަރުހީންގެ މަންމައާ ދާދި ހަމަ އެއް އުމުރެއްގެ ރައުހަތާއި މަންމައާ ދެމެދު އޮތީ ކޮން ގުޅުމެއްކަން އެނގޭވަރަށްވުރެ އެންމެ ފުރަތަމަ ރައުހަތު ފެނުނު ދެތިން ފަހަރު ފަރުހީން ޅަވެފައި މައުސޫމެވެ. އެހެންނަމަވެސް މަންމަ ބަލިވެ އުޅެނިކޮށް ދެފަހަރަކު ހޮސްޕިޓަލުގައި އޮތް މަންމަގެ ގާތުން ރައުހަތު ފެނުނު އިރު ފަރުހީނަށް އިވޭ އަޑުތަކުގެ މާނަ ފަހުމުވާ ވަރަށް ހުރީ ބޮޑުވެ ފުރާފުރިހަމަ ވެފައެވެ. ބައްޕައާއި މަންމަ މަދު ފަހަރަކު ވިޔަސް ރައުހަތުގެ މައްސަލައިގައި ޒުވާބުކޮށް އަޑުގަދަވި މަންޒަރު ފެނި އެނގިފައި އޮތީ ހަގީގަތާ މުޅިން ހިލާފަށްކަން އެނގުނީ އަދި ކިރިއާއެވެ.

ބައްޕަ ނިޔާވި ފަހުން ރައުހަތު އެހީގެ އަތެއް ދިއްކޮށްގެން ނަރުގިސްއާއި ފަރުހީންގެ މާޔޫސްވެފައިވާ ދުނިޔެއަށް އަލިކަމެއް ގެނައުމަށް އައިއިރު ރައުހަތު، ފަރުހީނަށް ވިސްނައިދިނީ، މަންމައާއި ރައުހަތުގެ ގުޅުން ފަރުހީނަށް އެނގިފައި އޮތް ގޮތަށް ނުވަތަ އެއަށްވުރެވެސް މަންޒަރު ނުރަނގަޅު ގޮތަކަށެވެ. އެއީ ރައުހަތު ބޭނުންވި ގޮތެވެ. އެހާ ފަސޭހަ ގޮތަކަށް ރީތިރީތި މަލެއް ފަދަ ޅަޒުވާން ނަލަ ފަރުހީން ލިބޭކަށް ނޯންނާނެކަން ރައުހަތުގެ ތަޖުރިބާ ހުރި ސިކުނޑިއަށް އޮތީ ވިސްނި އެނގިފައެވެ.

އެހެންކަމުން ރައުހަތު ބޭނުންކުރީ މޮޅުގޮތެވެ. ބައްޕަގެ ދަރަނި އަދާކުރުމަށް އެހީވުމާއެކު މަންމައާ އޮތް ގުޅުމާމެދު ލަދުވެތިވެ ދެރަވެ މާފަށްވެސް އެދެމުން ދިޔައީ ހަގީގަތުގައި ފަރުހީންގެ މަންމައާ އެއްވެސް އިރެއްގައި ނެތް ގުޅުމެއްގެ ނަން ކިޔަމުންނެވެ.

"ފަރޫ މަންމައާ އަހަރެން ވަރަށް ކުރިއްސުރެ ދަންނަން. އެކަމަކު ފަރޫގެ މަންމަ އޭރުވެސް ހުރީ ފަރޫގެ ބައްޕައާ އިނދެގެން. އަހަރެން ބުނިން ރަނގަޅު ގޮތެއް ނޫނޭ. ހަޑިގޮތެކޭ. އެކަމަކު އަހަންނަށްވެސް ކޮހެއް ހެދުނީ. ފަހުން އެކަމާ ދެރަވެ މާފަށް އެދެންވެސް ނުކެރުނު، އެކަމަކު އަބަދުވެސް ރަނގަޅު އެކުވެރިއެއްގެ ގޮތުގައި ހުރެދިނިން. ހަގީގަތަކީ އޭރުވެސް އަހަންނަށް ކަމުދިޔައީ ފަރޫކަމަށްވުން، ފަރޫގެ ގާތްކަން ބޭނުންވެގެން ފަހުން ބައްދަލުކުރަންވެސް އުޅުނިން، އެކަމަކު މާލޭގައި އުޅެވޭ ގޮތަށް ހުރި މީހެއް ނޫން.

އަހަރެންގެ ވިޔަފާރިއާއި ދިރިއުޅުން އޮތީ ބޭރުގައުމުތަކަށް ބަރޯސާވެފައި، އަހަރެންގެ ސިޓިޒެންޝިޕްވެސް އޮތީ ތައިލެންޑްގައި. އެތަނުގައި ދިރިއުޅުމެއްވެސް އެބައޮތް، އެކަމަކު އެއީ ހުސް ދިރިއުޅުމެއް، އުފަލެއް ނެތް ވީރާނާވެފައި އޮތް ގެއެއް. އަހަރެން ބޭނުންވަނީ ފަރޫއާއެކު އާއިލާއެއް ބިނާކުރަން، ދަރިން ހޯދަން، މި ވިޔަފާރިއާއި މުދަލުގެ ވާރިސުން ހޯދަން. ޕްލީޒް، ފަރޫ ނޫނެކޭ ބުނެ އަހަރެން މާޔޫސް ނުކުރާތި. އަހަންނާ ކައިވެނިކޮށްގެން ހިނގައިދާން، ފަރޫއާއި ނަރުގިސްއަށް އެއްވެސް ކަމަކުން މަދުވެ އުނިވިޔަކަ ނުދޭނަން،"

ރައުހަތުގެ ހުތުރު ވިސްނުމާއި ގޮތެއްފޮތެއް ނެތް ރޭވުންތައް އޮތީ ދިމާ ހާމައަށެވެ. އެ ދުވަހު ފަރުހީން ހަތިޔާރު ބަހައްޓާފައި ކޮޅަށް ތެދުވީ ހަމަ ކުއްލިއަކަށެވެ. ދެކުދިންނާއި ދައްތައާއެކު ދިރިއުޅޭނެ މަގު އޮތީ ކޮށާ އެއްވަރު ކޮށްފައެވެ. އިތުރަކަށް ރައުހަތުގެ އަނިޔާއާއި ފިއްތުންތަކުގެ ތެރޭ އިންނާކަށް ފަރުހީން ބޭނުމެއް ނުވިއެވެ.

ލޭމައްޗަށް ދިއުމާއެކު އިންތިހާއަށް ރުޅިގަދަ މީހަކަށްވުމުގެ އިތުރަށް ރޭގަނޑު ހަތަރުދަމު އަމިއްލަ ލައިސަންސް އޮންނާތީވެ، ބޭނުން ވަރަކަށް ލިބެން ހުންނަ ރާ ބުއިމުގެ ސަބަބުން ރައުހަތުގެ ބުއްދީގެ މައްޗަށް އަމިއްލަ ބާރެއް ނުފޯރައެވެ. އަބަދުމެ ޝައްކާއި ވަހުމާއި ފުރައްސާރައިގެ ތެރެއިން ފަރުހީނަށް ހިތުހުރި ގޮތަކަށް އަނިޔާ ކުރުމާއި ވޭން ދިނުމަކީ ރައުހަތުގެ އުފަލެވެ. ހިތްހަމަޖެހުމެވެ.

އެ ހުރިހާ ކަމަކަށް ކެތްކޮށްގެން ފަރުހީން އިނީ އެ ދުވަހާ ހަމައަށެވެ. މަންމައާ އެއްވެސް ގުޅުމެއް ނެތްއިރު މަންމަ ބަދުނާމުކޮށް ފާޑުފާޑުގެ ވާހަކަ ދައްކައި ހެދި މީހާ ހުރީ ކުށް ގަބޫލުކުރަން ބޭނުންނުވެ ބޮޑާ ކަމާއެކު މަތިހަށި ނަގައިގެންނެވެ.

"އިތުރު އެއްވެސް ވާހަކައެއް އަހަރެން ނެތިން ދައްކާކަށް، ވަކީލުން ލައްވައި ވާހަކަ ދައްކުވާނީ، އެމީހުން ކުރާނެ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް. މިހާރު ދެން ތީ މިގެއާ މިރަށާ ބެހޭ މީހެއް ނޫން. ވީހާވެސް އަވަހަކަށް ތަންމަތި ބަނދެގެން ދާން އުޅޭ، ހަނދާންކުރާތި، ދިޔުމަށްފަހު އެނބުރި އައުމަށް ހިތަށްވެސް ނާރުވާތި. ދެކުދިންގެ ބައްޕަ ވީމަ އެ ހިސާބުގައި ހުރެގެން ހޯދާ އުފަލެއް ހޯދާނީ. މި ހިސާބަށް އައިސްގެން ނުވާނެ، އޭރަށް ނަތީޖާ ނުބައިވެ ވިހަވާނެކަންވެސް ދަންނާތި،"

ކުދިން ކުރިމަތީގައި ވީއެންމެ މައިތިރި ގޮތަކަށް ރައުހަތާ ދިމާއަށް ދައްކަން ބޭނުން ވާހަކަތައް ފަރުހީން ދެއްކީ ވިސްނުމާއި ބުއްދި އިސްކޮށްގެން ހުރެއެވެ. ވެނިމި ގޮސްފައިވާ އެތައް ބައިވަރު ކަންތައްތަކުގެ އެއްވެސް ވާހަކައެއް ދައްކައި ފަސް ގިނަކޮށް، ހަމަޖައްސާކަށް ފަރުހީން ގަސްދެއް ނުކުރިއެވެ.

ރައުހަތުގެ މަތިން ހުރިހާ ވިޔަފާރިއަކާ ހަވާލުވެގެން އިނީ ނަރުގިސްއާއި ފަރުހީން ކަމަށްވުމުން ފަރުހީން ބުނި ގޮތަށް ހުރިހާ ކަމެއް ކުރަން ރައުހަތަށް މަޖުބޫރުވީ އެހެން އެއްގޮތްވެސް ނެތުމުންނެވެ. ގަދަބާރާއި ނުފޫޒު ރައުހަތަށްވުރެ ފަރުހީންގެ ބޮޑެވެ. މީހުންނާ ގުޅުން އޮތްވަރާއި ކަންތައް ކުރުމުގައި ބާރު އޮތް މިންވަރުވެސް ބޮޑެވެ.

އަދި ހަމައެހެންމެ ވިޔަފާރީގައި އެއްއިރެއްގައި ވިޔަސް ރައުހަތު، ފަރުހީނަށް އިތުބާރާއި ޔަގީންކަމާއެކު ދިން ބާރާއި މިނިވަންކަމުގެ ބޭނުން ފަރުހީން ހިފާފައި އޮތީ މިފަދަ ދުވަހެއް އަޔަސް، އޭނާގެ ބައްޕައަށް ލިބުނު ފަދަ ކެއްސެއް ނުލިބި ސަލާމަތުން ކުރި މަސައްކަތުގެ ފުރިހަމަ ފައިދާވެސް ލިބޭފަދަ ގޮތަކަށެވެ.

ފަރުހީންގެ އަތުގައި އޮތް ބާރުގެ ބޭނުންކޮށްގެން ވަރަށް ކުރިއްސުރެ ހަނިމާދޫގައި ފެށި ހުރިހާ ވިޔަފާރިއަކާއި މާލޭގައި ހުރި ގެސްޓުހައުސްއަކާއި ފިހާރައަކާއި ސެލޫން އަދި ކެފޭގެ ރަޖިސްޓަރީ އޮތީ ފަރުހީންގެ ނަމުގައި ތައްޔާރުކޮށްފައެވެ. ތެދަށް ބުނަންޏާ އެއީ ރައުހަތަށް ނޭނގި ވެފައި އޮތް ކަމެއް ނޫނެވެ. މާލޭގައި އެ ގެސްޓުހައުސްއާއި ކެފޭ ހުޅުވި އިރުވެސް އެ ދެތަން ހުރީ ފަރުހީންގެ ނަމުގައެވެ.

އެކަމަކު މާކުރިއްސުރެ ހުރި އެ ބިއުޓީޕާލަރ އަދި ކޮސްމެޓިކްސްއާއި އަންނައުނު ވިއްކާ ބޮޑު ފިހާރަ، ރައުހަތު ބަދަލުކޮށްފައި އޮތީ ދެކުދިންގެ ނަމަށެވެ. އެހެންވިޔަސް އުސޫލަކަށް ބަލަންޏާ ދެކުދިން ބޮޑުވެ، އަށާރަ އަހަރު ވަންދެން އެކުދިންގެ ބާރުވެސް އޮންނާނީ ފަރުހީންގެ އަތުގައެވެ. އެހެންކަމަށް ވުމުން އެގޮތުންވެސް ބާރުގަދަވީ ފަރުހީންގެއެވެ. ގެސްޓްހައުސްއާއި ކެފޭ ނޫނީ ފިހާރައާއި ސެލޫން ވިޔަސް ކޮންމެވެސް އެއް ވިޔަފާރިއެއް ވިއްކާލުމަށް ރައުހަތު ކިތަންމެ ފަހަރަކުވެސް ބުންޏެވެ. އެހެންނަމަވެސް މާލޭގައި އޮތް ވިޔަފާރިއެއް އެނގިއެނގި ހުރެ ދޫކޮށްލާނީ ކާކު ހެއްޔެވެ. އަމުދުން ފަރުހީން ކަހަލަ ވިޔަފާރި އެނގޭ ހުޝިޔާރު އަންހެނަކު އެހާ ޅައެއްޗެއް ނާޅާނެތާއެވެ.

ކަންތައް މިހެން އޮތުމުން މިހާރު ހަނިމާދޫގައި ހުރި މުސްކުޅި ގެއާއި ދަނޑެއް ނޫނީ ރާއްޖޭގައި ރައުހަތުގެ އެއްވެސް ވިޔަފާރިއެއް ރާއްޖެއަކު ނެތެވެ. އެހެނަސް މާދުރުގައި ރައުހަތަށް އިންތިޒާރުކޮށްކޮށް އިން ވަފާތެރި، ތެދުވެރިއަކު ބެލެހެއްޓުމުގެ ދަށުގައި އޮތް ވިޔަފާރި ސަލާމަތުން އޮތްކަން ރައުހަތަށް އެނގެއެވެ. އަދި ދެން އެނބުރި އެ ހިސާބަށް ދާންވީކަން ރައުހަތަށް އިހުސާސްކުރެވިއްޖެއެވެ.

ބެންކޮކުގައި ހުޅުވާފައި ހުރި ދެ ފިހާރައާއި އެއް ރެސްޓޯރެންޓް ބަލަހައްޓަން އިން އޭނާ މި ދިރިއުޅުން ބޭނުންވެގެން ދޫކޮށްލި އޭނާގެ އަލަތު އަނބިމީހާ، އޭނާގެ އިންތިޒާރުގައި އަމާނާތްތެރިކަމާއެކު އެ ވިޔަފާރި ބަލަހައްޓަމުންދާކަން ރައުހަތަށް އެނގެއެވެ.

ނަލިނީ ޕެއިބޫން އަކީ ބެންކޮކް ކީއްކުރަން ހެއްޔެވެ. މުޅި ދުނިޔެވެސް ދަންނަ ނަމެކެވެ. ގިފަރިން ސްކައިލައިން ޔުނިޓީގެ ވެރިމީހާއެވެ. މި މަޝްހޫރު ބޮޑު ވިޔަފާރީގެ ތެރެއަށް ރައުހަތަށް އޮތީ ހިތަކަށް ވަދެވިފައެވެ. ހަގީގަތުގައި އެއީ ރައުހަތުގެ ވިޔަފާރި ބޮޑުވެ ފުޅާވުމުގެ ފެށުންވެސް މެއެވެ. އެންމެ ކުޑަކުޑަ ފިހާރައަކަށް ބޭނުންވާ ސާމާނު ހޯދުމަށް ކުރި ދަތުރު ނިމުނުއިރު ބޮޑު ވިޔަފާރިއެއް އޮތީ ފެށިފައެވެ.

ނަލިނީ ޕެއިބޫން ގެއިން ހަމައެކަނި ކޮއްކޮ ކަރިއޯކޭސަވަންނާ ޕެއިބޫން އާއި ރައުހަތުގެ ގުޅުން ފެށުނީ އެންމެ ފުރަތަމަ އޭނާގެ ފިހާރައަށް ބޭނުންވާ މުދާ ގަތުމަށް ބެންގްކޮކަށް ކުރި ދަތުރުގައެވެ. ފުރަތަމަ ބައްދަލުވުމާއެކު ކަރިއޯކޭސަވަންނާ ރައުހަތަށްޓަކައި ހިތްހުޅުވާލިއެވެ. ކަރިއޯކޭސަވަންނާގެ އަމިއްލަ ނަމުގައި ތަފާތު ހަތަރު ޝޮޕިން ކޮމްޕްލެކްސް، އެކްސްޕޯޓް ކުރުމުގެ ވިޔަފާރި، އަދި މުޅި ބެންގްކޮކްގައިވެސް އެންމެ މަޝްހޫރު ގިފަރިން ސްކައިލައިން ޔުނިޓީގެ ބިއުޓީޝޮޕިން މޯލްގެ އެއް ހިއްސާދާރަކީވެސް ކަރިއޯކޭސަވަންނާއެވެ.

ދެމީހުންގެ ކައިވެނި ކުރެވުނީ ވަރަށްވެސް ކުލަގަދަކޮށް ފުރިހަމަކޮށެވެ. ރައުހަތުގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން ދިޔައިރު ބޭންކްކޮކުގައި ދިރިއުޅުން ދިޔައީ އާރާސްތު ވަމުންނެވެ. ނަމަވެސް ހިތާމަވެރި ހާދިސާއެއް ދިމާވެ ކަރިއޯކޭސަވަންނާ ނޫން އަންހެނަކު ހަޔާތަށް ގެންނަން މަޖުބޫރުވާ ހިސާބަށް ކަންތައް ހިނގައްޖެއެވެ.

އަލަތުދަރިފުޅަށް ބަލިވެ އިނދެ ހަތްމަހުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކަރިއޯކޭސަވަންނާގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނީއެވެ. ދަރިފުޅު ދުނިޔެއަށް އައުމުގެ މާކުރިން ނިމިދިޔައީއެވެ. އެކުގައި ކަރިއޯކޭސަވަންނާ ދެން ބަލިވެ އިންނާނެ އެއްވެސް ފުރުސަތެއް ނެތްކަމުގެ ހިތާމަވެރި ހަބަރުވެސް ލިބުނީ އެކުއެކީގައެވެ. ރަހިމު ނުނަގައިފިއްޔާ ކަރިއޯކޭސަވަންނާ ސަލާމަތް ނުކުރެވިދާނެތީ ޑޮކްޓަރުންނަށް މަޖުބޫރުވީ އެ އޮޕަރޭޝަން ކުރާށެވެ. އަދި ދެން ދުވަހަކުވެސް ކަރިއޯކޭ ބަލިވެ ނީންނާނެކަމުގެ ހިތި ހަގީގަތް ޖެހުނީ ގަބޫލު ކުރާށެވެ.

ކޮންމެއަކަސް މަޑުމަޑުން ބަދަހިވަމުންދިޔަ ގާތް އެކުވެރިކަމެއްގެ ތެރެއިން ފަރުހީނާ ހަމައަށް ރައުހަތު ގެންގޮސްފިއެވެ. ދިވެހި އަންހެނުންގެ ފުރިހަމަކަން ބޭނުންވެފައި ހުރި ވަރަށް ދިވެއްސެއްގެ ފަރާތުން ވާރިސުންވެސް ރައުހަތު ހުރީ ބޭނުންވެފައެވެ. އެ ދެކަން ފުދުނު އިރު ރައުހަތުގެ ހިތްވެސް ފުރިއްޖެ ކަހަލައެވެ.

ކަރިއޯކޭއާއެކު ހޭދަކުރި ދުވަސްތަކުގައި ކިތަންމެ ބުއިކަމުގައި ވިޔަސް އޭނާ ދުވަހަކުވެސް އަތް އިސްކޮށްފައެއް ނެތެވެ. އޭނާގެ ރާބުއިން އެންމެނަށްވެސް އެނގެއެވެ. އެކަން ހައްދުފަހަނައަޅައި ގޮސްދާނެތީ އަބަދުވެސް ކަރިއޯކޭ ދިޔައީ ނަސޭހަތްތެރި ވަމުންނެވެ. ރާއްޖެ އައުމަށްފަހު ބޭރުގައި އުޅޭއިރު ބުއިމުގެ މިނިވަންކަން އޮތް މިންވަރު ކުޑަވުމުން އެ އާދަ އޮތީ ވަކި މިނެއްގައެވެ. ނަމަވެސް އެއްފަހަރު ދުލުގައި ލެވިފައިވާ އަދަބާއި އިހުތިރާމްގެ ތަޅު ހުޅުވުމަށްފަހު ދުލުގައި ދެން ތަޅުނުލެވޭ ފަދައިން އެއްފަހަރު އަތް އިސްކުރުމަށްފަހު ދެން އަތް ތިރިކުރުން ވެސް ވަނީ އުނދަގޫ ކަމަކަށެވެ.

ރައުހަތުގެ އަނިޔާއާއި ބަދުބަސްތަކަށް ކެތްނުވެ ފަރުހީންގެ ކެތްތެރިކަމުގެ ފުރިގެން ބަންޑުންވީ އެ ރެއަށްފަހު އެ ދުވަހާ ހަމައަށްވެސް އޭނާގެ ދޮށީ އަނތްބެއްގެ މަގާމުގައި، ވޭތުވެދިޔަ އަހަރުތަކުގައި، އެންމެ ފަހަރަކު، ދެވަނަ ދަރިފުޅަށް އަށްމަހުގައި ދެ ކުދިންނާއި އާއިލާއާއެކު ކުރި ދަތުރުގައި، ރަސްމީ އުސޫލަކުން ބައްދަލުވި ގޮތަށް އަދިވެސް އެ މަގާމުގައި މަޑުމަޑުން އިންތިޒާގައި އިން ކަރިއޯކޭ ސަވަންނާގެ ހަނދާން ރައުހަތަށް އުނދަގޫކޮށްފިއެވެ. އަދި ދެން ރައުހަތު ގޮތެއް ނިންމިއެވެ. މި ދިރިއުޅުމުގައި ޔަގީނުންވެސް ދެނެއް ފަރުހީނާއެކު ދިރިއުޅުން ހަމަޖެހޭ ގޮތަކަށް ކުރިއަށް ނުދާނޭކަން ރައުހަތަށް ޔަގީނެވެ. މިގޮތަށް ތަޅާފޮޅުމާއި ޒުވާބުގެ ތެރެއިން ހަލާކުވެ ނެތިފަނާވެގެން ދާނީ އޭނާގެވެސް ދެ ދަރިންނެވެ. އެހެންވާކަށް ރައުހަތު ބޭނުމެއް ނޫނެވެ.

މިފަދަ އެތައް ސަބަބުތަކަށްޓަކައި ފަރުހީންގެ ކުރިމަތީގައި ރައުހަތު ޖެހުނީ ބަލިވެ ހަތިޔާރު ބަހައްޓާށެވެ. ވަރިކޮށްލާފައި މުދަލާއި ގެދޮރާއި ދަރިންނާއި ހުރިހާ އެއްޗެއް ފަރުހީނަށް ދޫކޮށްލާފައި ރަށާއި އަތޮޅުން ފުރިގޮތަށް ގައުމުވެސް ދޫކޮށްލާފައި ރައުހަތު ބެންކޮކުގައި އޮތް އޭނާގެ އެތައް އަހަރެއް ކުރީގެ ދިރިއުޅުމަށް އަނެއްކާވެސް އެނބުރި ދިޔައީއެވެ.

އެ ހިސާބުން ފެށިގެން ފަރުހީންގެ ދިރިއުޅުން އަނެއް ފުށަށް ޖަހައި މުޅިން އާ ގޮތަކަށް ބައްޓަންވެގަތެވެ. ނަރުގިސްއަކީ ގެއާއި ކުދިންގެ ބެލެހެއްޓުންތެރިޔާއެވެ. ފަރުހީނަކީ މުދަލާއި ކާރޫބާރޫ ބެލެހެއްޓުންތެރިޔާއެވެ.

އެމީހުންގެ ދުނިޔެ ރައުހަތަށްފަހު އޮތީ ނުހަނު އަމާންކަމާއި އުފާވެރިކަމުގެ ތެރޭގައެވެ. ހަމަޖެހޭ ގޮތެއްގައެވެ. ރަށުގެ ވިޔަފާރިއާއި ގެދޮރުގެ ކަންތައް ބެލެހެއްޓުމަށް އިތުބާރު ކުރެވޭ ޒުވާން ދެމަފިރިއަކާ ހަވާލު ކުރުމަށްފަހު، ދެކުދިންނާއެކު ދެ އަންހެނުން މާލެ ބަދަލުވީ މާލޭގައި ރަށުން ނުލިބޭ އެތައް ފަސޭހަތަކެއް އޮތުމުންނެވެ. ކުދިންގެ މުސްތަގުބަލަށްޓަކައި އެދެވޭ ތައުލީމާއެކު ބޭސްފަރުވާވެސް ފަސޭހަކަމަށްވާތީއެވެ. ރަށުގެ ހިތްފަސޭހަކަން ދެކި އުފާކޮށްލުމަށް ރަށަށް ޗުއްޓީތަކުގައި ދެވިދާނެތާއެވެ. ރަށުގެ ވިޔަފާރި އޮތީ އަމާން ރައްކާތެރި ހިމާޔަތެއްގައެވެ. އެހެންކަމުން ނަރުގިސްއާއި ދެކުދިންނާއެކު މަލޭގައި އެމީހުން އުޅެމުންދިޔައީ ފާގަތި ދުވަސްތަކެކެވެ.

އެމީހުން ކުއްޔަށް ހިފައިގެން ތިބީ ގެސްޓްހައުސް ޖެހިގެން ކަހަލަ ގޮތަކަށް ހުރި ގެއެއްގެ ދިހަވަނަ ފަންގިފިލާއާއި ޓެރަސްބަޔާއެކުގައެވެ. މިއީ ތަނަވަސް ބޮޑު ގެއެކެވެ. ޓެރަސްމަތީ ހުންނަނީ ބަގީޗާ ހައްދާ އުނދޯއްޔާއި ޖޯލިފަތި ބަހައްޓާފައެވެ. ވާރެއާއި އަވިން ހިޔާވާނެހެން ނުހަނު ހިތްފަސޭހަ ގޮތަކަށް ތައްޔާރުކޮށްފައިވާ މި ޗާލު ބަގީޗާ އުނދޯލިގެއިން ކޮފީބޮވޭނެހެން ސައިބޮއި ނާސްތާ ކުރެވޭނެހެން ފަރުމާކޮށްފައިވަނީ ފަރުހީންގެ ހުނަރާއި ވިސްނުމުގެ މޮޅުކަމުންނެވެ.

ކޮންމެއަކަސް ނަރުގިސްއާއި ފަރުހީން ދެ ކުދިންނާއެކު ދިރިއުޅެމުންދިޔައީ، ހަޔާތާގައި އެއްވެސް ހަމަނުޖެހުމެއް، އެއްވެސް މައްސަލައެއް ނެތި، ނުހަނު އުފާވެރި، އެހާމެ އަމާންއޮމާން ކަމާއެކުގައެވެ.

އެކަމަކު....އެރެއާ ހަމައަށެވެ. ފަރުހީންގެ ސްޓަޑީ ތެރެއިން އިވެމުންދިޔަ ހީނލުމުގައި ފޮރުވިފައިވާ ޅަޒުވާން ޖިންސުއްލަތީފެއްގެ ހިތުގެ އަޑު ނަރުގިސްގެ ތަޖުރިބާކާރު ކަންފަތަށް އޮޅުވާ ނުލެވުނުކަން ގައިމެވެ.

"ދެކުދިންގެ މަންމައަކަސް ވަރިހަމަ، އުމުރުން ކިތަންމެ ދޮށްޓަސް ވަރިހަމަ، މީހަކާ އިނދެ ވަރިވެފައި އިނަސް ވަރިހަމަ، ވަރިހަމަ ކިޔާ ބޭހެއްގެ އަސަރުތޯ ތީ؟ ނޫނީ... ކުޑައިރުއްސުރެ ހުންނަ ކުށުވެރިކަމެއްގެ އަސަރުތޯ ނޫނީ އިރުއޮއްސުނު ވަގުތު ރަތްވިލާ މަތީ އުޅެގެން ދިމާވި ކުށުވެރިކަމެއްގެ އަސަރުތޯ؟"

ފަރުހީން ހޭން ފެށި އަޑު އަނެއްކާވެސް އިވިއްޖެއެވެ. ނަރުގިސްއަށް ލެވުނީ ފުންމާނޭވާއެކެވެ. އެ ވާހަކަ ދައްކަނީ ކޮންމެ މީހަކާ ކަމުގައި ވިޔަސް އެއީ މީގެ ކުރިން ފަރުހީންގެ ފަރާތުން އިވިފައިނުވާ ފަދަ އަޑެކެވެ. އެގޮތަށް ފަރުހީން އުފާވެފައި އެއްވެސް މީހަކާ ވާހަކަ ދެއްކި އަޑެއް އަދި އެގޮތަށް ހީނލާ އުޅުނު އަޑެއްވެސް ނަރުގިސް ނާހައެވެ. ތެދަށް ބުނަންޏާ ފަރުހީންގެ މި މިޒާޖުގެ އަޑު އިވިފައި ނަރުގިސްގެ ހިތަށް ލިބުނީ ބޮޑު ހަމަޖެހުމެކެވެ.

ފަރުހީނުގެ އެ އާ މިޒާޖާއި އާ އުފާވެރިކަމަށް ނަރުގިސްގެ ފަރާތުން އެއްވެސް ހުރަހެއް ނެތެވެ. އަހަރުތަކަކަށްފަހު ފަރުހީން އުފާވެރިކަމާއެކު ހިނިތުންވެ އުޅޭތަން ފެނުމަށްވުރެ ނަރުގިސްއަށް މުހިންމު ކަމެއް ނެތެވެ.

އެއް އާއިލާ ބިރާއި އަނިޔާއާއި ހިތާމައިން ފުރިފައި އޮތް ހާސްކަމަކުން މިންޖުވެ ހަމަޖެހޭ އުފާވެރިކަމަކަށް އެނބުރިލިއިރު އޭގެ އަނެއްކޮޅުން ހުނުމާއި ސަމާސާ، ހަމަޖެހުމާއި އުފާވެރިކަމުން ބަރާވެފައިވާ އާއިލާއަށް ހިމޭންކަމާއި ހާސްކަން އައިސް ހިތާމައާއި ބިރާއި ކަންބޮޑުވުން ވަށާލީއެވެ.

"ކާޝިފް...."

ގަސްތަކުގެ ތެރެއިން ކުއްލިއަކަށް ޝިއްޔަތު ނުކުތުމާއެކު ގޮވާލި އަޑަށް އުނދޯލީގައި އޮތް ކާޝިފު ފުންމައިގެން ތެދުވެއްޖެއެވެ. ފުރަތަމަ ހިނދުކޮޅަކަށް ކާޝިފު ހާސްވިކަމަށްވެސް ވެދާނެއެވެ. އެކަމަކު ފޯނު ކަޑާލާކަށްވެސް އޭނާ ގަސްދެއް ނުކުރިއެވެ. ކުޑަކޮށް ބޯކަހާލާފައި ފޯނުން "މަޑުކޮށްލައްޗޭ. ނުދާތި، މި ގޮވާލަނީ..." މިހެން ބުނުމަށްފަހު ޝިއްޔަތާ ކުރިމަތިލިއެވެ.

"ކީކޭ....ޝީއްތާ؟ މިގަޑީގަ މިތަނަށް ތިއައީޔޯ...؟" ކާޝިފު އުނދޯލީގައި އިށީންނަމުން އަހާލިއެވެ.

"އިރުކޮޅެއް ވެއްޖެ މިތާ ހުންނަތާ.....!"

ޝިއްޔަތު ހަށަން ބަދެލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ ކާޝިފު ފޯނުން ދެއްކިވާހަކަ އަޑު އިވުނުކަން އަންގާށެވެ.

"ހޫން، ދެން.... ކީއްކުރާށޯ އިރުކޮޅެއް ވަންދެން ހުރީ...؟ އައިސް ފުރަތަމަވެސް އަހާލިނަމަ ހަމަ ޖަވާބު ދިނީމުހޭ... މަށަކީ ކުޑަކުއްޖެއް ނޫނިއްޔަ...."

ޝިއްޔަތު ހީކުރިވަރަށްވުރެ ކާޝިފު ހުރީ ސާބިތުވެ ފައި ވިއްދާފައެވެ.

"ތީ ކިހާ ދުވަހެއްވީ ކަމެއް...؟ އަދި މާމައްޗަށް ނުދެއެއްނު،. ވަގުތު އޮއްވާ ހުއްޓާލަންވީނު....!"

ޝިއްޔަތު ބަނދިވަރެއްހެން ފައްޗަކަށް ކިޔާލިއެވެ.

"ހެހެ.. ހާދަ ހެއްވާ ވާހަކައެކޭ.... ކޮންމައްޗަކަށް ތިރިއަކަށް ކޮންކަމެއް ދިއުމުގެ ކުރިން ވަގުތު އޮއްވައި ހުއްޓަންވީ ކޮން ކަމެއް...؟"

ކާޝިފު ހީނލީ މަލާމާތުގެ ރާގެއްގައެވެ.

"އެނގޭ ތި ވާހަކަ ދައްކަން އިނީ ފަރުހީނާ ކަން، އޭނާގެ އުމުރާއި ވަނަވަރު އޮތީ ކާޝިފަށް ނޭނގި ނޫންކަން ވެސް އެނގިއްޖެ. އެކަމަކު ތި އުމުރުގައި ހިތަށް ތިހެން އަންނަ މޮޔަ ހިޔާލަށް ތަބާ ވާކަށް ނުވާނެ... ދަރިފުޅާ.... ތީ އަދި ހަމަ ކުޑަކުއްޖެކޭ.... އަށާރަ އަހަރު ވިޔަސް،..."

ޝިއްޔަތު މަޑުމަޑުން އުނދޯލީގައި އިށީންނަމުން ވާހަކަދެއްކިއެވެ.

"އަށާރަ ނޫން، ނަވާރަ އަހަރު ފުރެން އޮތީ ދެމަސް... އެހެންނޫނަސް ޝީއްތައަށް ތި އުޅެނީ އޮޅިގެން، އަހަރެން މި އުޅެނީ ތި ބުނާ ކަހަލަ ގޮތްތަކެއް ވާތީއެއް ނޫން، އެހެންނަމަ އެހެން އަންހެންކުދިންވެސް ފެނޭ، ވަރަށް ގާތުންވެސް ފެނޭ، އެކަމަކު މިކަހަލަ ފިކުރެއް ހިތަކަށް ނާދޭ،"

ޝިއްޔަތަށް ފުންނޭވާއެއް ލެވުނެވެ. އޭނާގެ ތަޖުރިބާ ހުރި ވިސްނުން ތޫނު ސިކުނޑިއަށް ކާޝިފު ހުރީ ކިހާ ހިސާބަކުން ކިހާ ހިސާބަކަށް ނުކުމެފައިކަން، ހިނގަމުން އެދާ ކަތިމަގުގެ ކިހާ ހިސާބަކަށް ގޮސްފައިކަން ދެނެގަންނާކަށް ވަގުތުތަކެއް ނުނަގައެވެ.

"އެކަމަކު ތިއީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގޭތަ؟ ތި ފިޔަވަޅު ނަގަމުން އަޅަމުން ތި ދަނީ ސީދަލަށް ނޫންކަން އެނގޭތަ؟"

ޝިއްޔަތު ދެންވެސް ބެލީ ވިސްނައި ދެވޭތޯއެވެ.

"ޝީއްތާ، މުޅި ފެމިލީގަވެސް އަހަންނަށް އެންމެ ލޯބި އެންމެ ގާތް މީހަކީ ތީ. އެކަމަކު މި މައްސަލައިގަ އެއްވެސް މީހަކު އަހަރެންގެ ކުރިމައްޗަށް ނުކުންނާކަށް އަހަރެން ނޭދެން، ބަޔަކު ހީކުރާ ގޮތެއް ބަލާކަށް އަމުދުން އެއްވެސް ޝައުގުވެރިކަމެއް ނެތް..."

ކާޝިފުގެ އަޑުގައި ހުރީ ގަދަފަދަ ކަމެކެވެ. ބާރެކެވެ. އެއީ ޒުވާންވަމުން އަންނަ ފުރާވަރުގެ ހިތްވަރެވެ. އެ ހިތްވަރާއި އަރާ ބާރާ ކުރިމަތިލުމަކީ ފަސޭހަކަމެއް ނޫނެވެ.

އެހެންނަމަވެސް އާއިލާގެ އަބުރާއި ގަދަރާއި އިއްޒަތުގެ އިތުރުން މި މައްސަލައިގައި ޝިއްޔަތުގެ އަމިއްލަ ކުރިމަތިލުމެއްވެސް އެބައޮތެވެ. އެންމެ ބޮޑު ވޭނާ ކުރިމަތިލާން ޖެހޭނީ ޝިއްޔަތަށެވެ. އެންމެ ބޮޑަށް ފުނޑުވެ ފިސްވެގެންދާނީވެސް ޝިއްޔަތުގެ މޭގެ އެތިކޮޅެކެވެ. އެހެން އެކަން ވާން ދޫކޮށްލެވޭނީ ފަހެ ކޮންފަދައަކުން ހެއްޔެވެ.

މިއީ ރުޅިއާއި ގަދަބާރު އިސްކުރަންވީ އެންމެ ރަނގަޅު ވަގުތު ނޫންކަން ޝިއްޔަތަށް އެނގެއެވެ. ޒުވާންވަމުން އަންނަ ޖޯޝާއި އިންތިހާއަށް ވަރުގަދަ މަސްތެއްގެ އަސަރަށް ގެނބެމުންދާ ކާޝިފުގެ ކަސިޔާރުވަމުން އެދާ ފިޔަވަޅު ސީދާ ކުރުމަށް އިސްކުރަން ޖެހެނީ ބުއްދިއާއި ފިނިފޮނި ބަސްތަކެއްކަން ޝިއްޔަތަށް ވިސްނެއެވެ.

"އެންމެ ރަނގަޅު... ފަރުހީނަކީ އަހަރެންގެ ސުކޫލްމޭޓެއް،.... ދުރު މީހެއް ނޫން، ނުދަންނަ ނޭނގޭ މީހެއްވެސް ނޫން، ޝީއްތައާ ބައްދަލުކުރަން ގެންނަންވީނު.... ނޫނީ ކޮންމެވެސް ތާކަށް ބައްދަލުކުރަން ގެންދަންވީނު....!"

ޝިއްޔަތު ވަރަށް ހިތްވަރުކޮށްފައި ހިތުގައި ހިލައެއް ބާއްވައިގެން ހިނިތުންވެލިއެވެ.

"އެނ... ތިބުނީ....!؟"

ކާޝިފު ސިހުނު މަންޒަރު ކިތަންމެހާވެސް ރަނގަޅަށް ޝިއްޔަތަށް ފެނުނެވެ. ގަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށް ކާޝިފު ދެލޯ ބޮޑުކޮށްލަމުން ޝިއްޔަތަށް ބަލައިލިއެވެ.

"ޝީއްތަ... އަހަރެން މޮޔަ ހައްދަނީތަ...؟" ކާޝިފު ހީނގަތެވެ.

"އެހެން މީހަކު ބުނި ނަމަ ގަބޫލު ކުރެވުނީސް.... އެކަމަކު ޝީއްތަ ތިކަހަލަ އެއްޗެއް ބުނީމަ ސަމާސާއަކަށް ޖޯކަކަށް ވަނީ..."

"ޝީއްތައަށް އެނގޭ ކާޝީ ބުނާނީ ތިހެންކަން... އެކަމަކު މިއީ ހަމަ ޝީއްތަ ވަރަށް ސީރިއަސްކޮށް ބުނާ ވާހަކައެއް... ރަނގަޅު، މިއީ ކުރިމަތިލައި ހައްލު ކުރަން ފަސޭހަ ކަމަކަށް ނުވާނެ... އެކަމަކު މިހާރު ދެން ނުވާކަމަކަށް ހަދައިގެން ނޭނގޭ ކަމަށް ހެދިގެނެއް ނުހުރެވޭނެ..... ކޮންމެވެސް އެއް ހިސާބަކުން އެންމެނަށްވެސް އެނގޭނެ.... ސުވާލުވެސް ކުރެވޭނެ... ޖަވާބުވެސް ދޭން ޖެހޭނެ.... ފަހަތަށް ޖެހި ފިލޭ ކަހަލަ ކަމެއް ނޫން ކަމަކީ... ވާހަކައެއް ނޫނީ ޑްރާމާއެއްވެސް ނޫން، ހަގީގީ ދުނިޔެ، ހަގީގީ ދިރިއުޅުން....." ޝިއްޔަތު ވާހަކަ ދެއްކިއެވެ.

"އެކަކު ނެތަސް އަހަރެން އެކަނިވެސް މިކަމާ ކުރިމަތިލާން އަހަރެން މިހިރީ ތައްޔާރުވެގެން.... ހުރިހާ އެންމެނާ އެކަނި ހަނގުރާމަ ކުރާނެ ވަރުވެސް އެބަހުރި.... އެކަމަކު ޝީއްތަ އަހަންނާ އެކުގައި ހުރެއްޖެނަމަ ދެން އަމުދުން ވިސްނާ ހާސްވާނެ ކަމެއްވެސް ނެތް.... ތެދަށް ބުނަންޏާ މާމައަށްވުރެވެސް އަހަރެން ވިސްނަމުން އައީ ޝީއްތައާ ދޭތެރޭ.... ޝީއްތައަށް ދޭނެ ޖަވާބަކާ މެދު...... އެންމެނަށްވުރެ ދެރަވެ ކަންބޮޑުވާނީ ޝީއްތަކަން އެނގޭތީ...."

ކާޝިފް ފޯނުގެ ޑިސްޕްލޭއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ.

"އިހަށް ފޯނު ނިންމާލަންވީނު، އެހެން ވާހަކައެއްވެސް އެބައޮތޭ.... ތިކަން ހައްލުކޮށްދޭން ޝީއްތަ ހަމަ ތައްޔާރު.... ތިއީ އެހާ ބޮޑުކަމަކަށް ނުހަދާ ހަމަޖެހިލާ...." ޝިއްޔަތު ކާޝިފުގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި ކާޝިފު ދެއަތަކަށް ބޯތަޅުވާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ހާނީ.... މިރޭ ދެން ގުޑްނައިޓް ކިޔަމާ... މާދަން ބައްދަލު ކުރާނީ..... ނޫނެކޭ ނުބުނާތި...! އޯކޭ.... ގުޑްނައިޓް، ސްވީޓްޑްރީމްސް... ޖާނާ...."

ކާޝިފް ފޯނުން ވާހަކަދެއްކި އިރު ގާތުގައި އިން ޝިއްޔަތުގެ ހިތް ގެނބެމުންދިޔަ ކަހަލައެވެ.

"ޖާނާ....ޖާނާ..."

ކާޝިފްގެ ދުލުން އި އުވުނު އެންމެ ލަފުޒަކުންވެސް އެ ގުޅުން އޮތީ ކޮން ހިސާބަކުން ގޮސްފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެކަމަކު އެ ހިތި ހަގީގަތް ގަބޫލުކުރަން ކިހާ އުނދަގޫކަން ކާޝިފަށް އިހުސާސް ކުރެވޭނެނަމައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟