ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 14

2

ހިފެހެއްޓުމެއްނެތި ޒާރާގެ ދެކޯތާފަތްމަތިން ފައިބަމުންދާ ކަރުނަތަކަށް ބަލަހައްޓައިގެން އައްފާން އިނެވެ. އެ ކަރުނަތަކުން އައްފާނަށް އަސަރުތަކެއް ކޮށްފިއެވެ. ހިތުން ހުރިހާ ރުޅިއެއް ބޭލުނީ ފައްވާޒަށެވެ. ހިތުގެ ކަނަކުން އެ ރުޅިން ބައެއް ނުހާ އަށް ވެސް ބޭލުނެވެ. މާހީ އަކީ ނުހާގެ އެކުވެރިޔަކަށް ވީތީއެވެ. އެހުރި ހާކަމެއްގައި މާހީ އަށް ހިޔާލު ދީ އެއްބާރުލުން ދިން މީހަކީ ނުހާއަށް ވީތީއެވެ.

އިރުކޮޅަކުން ޒާރާ އިސްޖަހައިފިއެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލާފައި ހީލަން މަސައްކަތްކުރިއެވެ. ދާން ޒާރާ ކޮޅަށް ތެދުވިއެވެ.

"އިހަށް މަޑުކޮށްބަލަ" އައްފާން ބުންޏެވެ.

"އައްޔަ ހަނދާންނެތުނީތަ އަހަރެމެން ތަނަކަށް ގަޑިއަކަށް ދާންޖެހޭކަން" ހީލަމުން ޒާރާ ބުންޏެވެ.

"ފޯނު ގެނައިންތަ" އައްފާން އެހިއެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ.

"ތިހެންވެ ތި ނޭނގުނީ. އެބައިން ގްރޫޕަށް މެސެޖެއް ފޮނުވާފަ. މިއަދު ދާންޖެހެނީ ނުވައަކަށް"

ޒާރާ އަލުން އިށީނެވެ. ގަޑި ބަދަލުވެފައި އިނިއްޔާ ކޮންމެހެން އަވަހަށް ގެއަށް ދިޔުމުގެ ބޭނުމެއް ނެތެވެ. އަދި މަޑުކޮށްލުމަކުން ގޯހެއްވެސް ނެތެވެ.

ދެން ވެރިވެގެން ދިޔައީ ހަމަހިމޭންކަމެކެވެ. ދެ ރަހްމަތްތެރިން ޖެހިޖެހިގެން އިށީނދެގެން ތިބިއިރު ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަން އޮތް މޫދަށެވެ. ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަން ކަނޑާލީ ޒާރާއެވެ.

"އަހަރެން މިދެއްކި އެއްވެސް ވާހަކައެއް ފައްވާޒަށް ދުވަހެއްގައިވެސް ކިޔައިނުދެއްޗޭ. އެއީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް" ޒާރާ ބުންޏެވެ.

އައްފާން ހީލިއެވެ. އެއިން އެއްވެސް ވާހަކައެއް ފައްވާޒަށް ކިޔައިދީފާނޭ ޒާރާއަށް ހީވީ ކިހިނެއް ހެއްޔެވެ؟ ދުވަހަކުވެސް ފައްވާޒަށް އޭނާގެ ހިތްހެޔޮ ނުކުރެވޭނެއެވެ. އަބަދުގެ އަބަދަށް ފައްވާޒަށް އައްފާންގެ ހިތުގައި އޮތީ ނަފްރަތެވެ. ވީއިރު ޒާރާގެ ވާހަކަތައް ހިފައިގެން ފައްވާޒާ ހަމައަށް އައްފާން ހިނގައިދާނެހެއްޔެވެ؟ ޒާރާ ހާދަ މޮޔައެވެ. އަދިވެސް އެކުވެރިން ދަސްނުވަނީ ހެއްޔެވެ؟ އައްފާން ޒާރާގެ މޫނަށް ބަލައިލިއެވެ.

"ޒާ..." އައްފާން ޒާރާއަށް ގޮވާލިއެވެ. ލަސްލަހުން އައްފާންގެ މޫނަށް ޒާރާ ބަލައިލިއެވެ. ހަމަ އެސިކުންތުގައި އަނެއްކާވެސް ޒާރާގެ ނަޒަރު ހުއްޓާލީ ދުރަށެވެ.

"އެއްވެސް ހިތާމައަކީ ދާއިމީ އެއްޗެއް ނޫން. ބޮޑެތި ވަރުގަދަ ތޫފާނަށްފަހުވެސް ދުނިޔެ ރީތިވެ އުޖާލާވޭ. ވީއިރު ޒާ ގެ ތިހިތާމަތަކަށް ނިމުން ނާންނަންވީ ކީއްވެ؟ ފައްވާޒް މަތިން ހަނދާކޮށް ރުއިމަކުން ވާނެ ފައިދާއެއްނެތް. ނޭނގި ނަމަވެސް އަމިއްލަ އަތުން އަމިއްލަ ނަފްސަށް ތިދެވެނީ އަނިޔާ. ތިއީ ބޭކާރު ކަމެއް. އަހަރެން ބޭނުމެއްނޫން ޒާ އަށް ދުވަހަކުވެސް ހަގީގަތަކަށް ނުވާނެ އުންމީދުތަކެއް އާލާކޮށްދޭކަށް" އައްފާން ވާހަކަދެއްކިއެވެ.

އޭރު ދުނިޔެ މައްޗަށް މުޅީން އަލިވެއްޖެއެވެ. ގަޑީގެ ކަށިތައް ހިނގާ ބާރު މިނުގައި ބިންމައްޗަށް އަވީގެ އަސަރު ފެތުރެމުން ދިޔައެވެ. ކާޅާ ކޮވެއްޔާ އަޑު ގަދަވެއްޖެއެވެ. ރަށުތެރޭގައި މީހުން ހޭލަމޭލަ ވެއްޖެއެވެ. ނިދާފައިވާ ސޫފިތަކަށް ހޭލެވިއްޖެއެވެ. އިނންސާނުންގެ ސިކުނޑި ތާޒާކުރުވާ އާދުވަހެއްގެ މީރުވަސް ކޮންމެ މީހެއްގެ ނޭފަތުގައި ޖެހިއްޖެއެވެ. އާ އުންމީދުތަކެއް ކުރަމުންދިޔަ ކޮންމެ މީހަކަށް ހިތްވަރު ލިބިއްޖެއެވެ. ސިކުނޑި ހާސްވި ހަމައެކަނި އިންސާނަކީ ޒާރާއެވެ. އައްފާން ބުނެލި ޖުމްލައެއްގެ ސަބަބުން ޒާރާގެ ހިތުގައި ފައްވާޒަށްޓަކައި އޮތް ކުޑަކުޑަ އުންމީދުވެސް ފަނޑުވެއްޖެއެވެ. ހިތާމައާއި މާޔޫސްކަމުގެ ތެރެއިން އައްފާންގެ މޫމަށް ޒާރާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ކީއްވެ ހަގީގަތަކަށް ނުވާނޭ އުންމީދުތަކެކޭ ތިބުނަނީ؟ ތިބުނަނީ ދުވަހަކުވެސް ފަވާއަށް ނުވިސްނޭނެއޭތަ؟ ނޫނީ ދުވަހަކުވެސް އަހަރެން ބޭނުންވެގެން ފަވާ ނާންނާނެއޭތަ؟" ޒާރާގެ އަޑުގައިވީ މޮޅިވެރިކަމެވެ.

އައްފާން ކަންބޮޑުވީ އަނެއްކާވެސް ޒާރާއަށް ރޮވިދާނެތީއެވެ. އެހެންނަމަވެސް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ޒާރާ ބޭންދުމަށްވުރެ ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުން މާ ބުއްދިވެރިއެވެ. ހަގީގީ ދުނިޔެއަށް ޒާރާ ނެރެން އެބަޖެހެއެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރިއެއް ވިއްޔާ އަނެއް ފުޅަށް މަތިން ފުންމާލާފާނެކަން ޒާރާއަށް ހަނދާންކޮށްދެން ޖެހެއެވެ. ޒާރާއަށް ހިތްވަރުދޭން އައްފާން ބޭނުންވީ ފައްވާޒްގެ ހަގީގީ ކުލަ ހާމަކޮށްގެންނެވެ. އެހެން ނޫނީ ދުނިޔެ އިންހާ ދުވަހެއްގައި އެ ބޭވަފާތެރިޔާއަށް ޒާރާ އިންތިޒާރުކުރާނެއެވެ.

"މިބުނީ ފައްވާޒް އެނބުރި ނާންނާނެއެކޭ ނޫން. އަހަރެމެންނަށް ގައިބެއް ނޭނގޭ. އަހަރެން ބުނަން މިއުޅެނީ ފައްވާޒްގެ ދުނިޔޭގަ އޭނަ މާހީ އާއެކު ވަރަށް އުފަލުގަ އުޅޭ ވާހަކަ. ވަރަށްފަހުން އަހަރެން ފަވާ އާއެކު ކޮފީއަކަށް ދިޔައިން. އިނގޭތަ އޭނަ ބުނީ ކީކޭ ކަން. ލޯނެއް ދޭށޭ. މާހީ އާ އިންނަން މީހާގެ ނެތް ފެންވަރުން ބޮޑު ޕާޓީއެއް ބާއްވަން. ބޭންކަށް އޮތީ ދަރާފަ. ނޭނގެ ކިތައް މީހުން އަތުންކަން މިހާރުވެސް ދަރަންޏަށް ފައިސާ ނަގައިގެން އުޅެނީ. ބުނި ރުފިޔާ ހޯދަން މަންމަ ކައިރިއަށް ދާން ނުކެރިގެން އުޅޭ ވާހަކަވެސް. އަދި ބުނި ޒާރާ ވަރިކުރި މައްސަލައިގަ ޖޫލިޔާއްތަ ވަރަށް ރުޅިއައި ވާހަކަވެސް. އަދި އެނގޭތަ ފައްވާޒް އުޅެނީވެސް މާހީ އާ އެއް ގެއެއްގަ. އެއް ކޮޓަރިއެއްގަ. އަންހެނަކާ ފިރިހެނަކު ނުއިނދެ އެއްކޮޓަރީގައި ނިދާ ކައިބޮއި ހަދާއިރު ހިމޭނުން ތިބޭނެތަ؟ ފައްވާޒް ހުރީ މުޅިން ގޯޅި އަޅާފަ. މީހަކަށް އޭނައަށް ވިސްނައެއް ނުދެވޭނެ. ދަރިފުޅު ދުނިޔޭގައި ނެތްކަމުގެ ހިތާމައެއް މިހާރު އޭނައެއްނުކުރޭ. އެވަރުގެ މީހަކަށްޓަކައި ރޮއި މީހާ މަރުވަނީ ކީއްކުރަން؟ އަމުދުން ޒާރާ ކިޔާ އަންހެނަކު އޭނާގެ ހަޔާތަށް އައިކަމުގެ ހަނދާނެއް އޭނާގެ ނެތް"

އައްފާންގެ ވާހަކަތަކުން ޒާރާގެ ހިތް ހީވީ އެތައް މަސައްކަތަކުން ހިތުގައި ލެވުނު ޒަހަމްތަކުގެ ފަސޭހަވެ ލަކުނަށްވަމުން އައި ބައި އިތުރަށް ގޯސްވެ ކޮށި ވަޅިއަކުން ބުރިކޮށްލި ހެންނެވެ. ނޭވާލާންވެސް ދަތިވިއެވެ. ފައްވާޒް އަނބުރާ އައިސްދާނެކަމަށް ހިތުގައި އޮތް ކުޑަކުޑަ އުންމީދުވެސް އެދިޔައީ ވެއްޔަށް ވެގެންނެވެ. ފައްވާޒް ބަދަލުއެވީ ހާދަ ބޮޑަކަށެވެ. އަންހެނަކަށްޓަކައި ފައްވާޒް އެހެރީ ދުނިޔެއިން މޮޔަވެފައެވެ. އެހެންވިޔަސް ދެންކުރެވޭނެ ކަމެއް ނެތެވެ. ޒާރާ ދެކަކުލުގައި ބޯއެޅިއެވެ. އެތައް ދުވަހަކަށްފަހު އަނެއްކާވެސް ޒާރާއަށް އެތައް އިރެއް ވަންދެން ހިތުގައި ޖެހިފައި ރޮމުން ދިޔައެވެ. އެ މަންޒަރު ބަލަން އައްފާން އިނެވެ. އޭނާ ބޭނުންނަމަ ޒާރާއަށް އެވާހަކަތައް ކިޔައިނުދީވެސް ފަރުޖެހުނީހެވެ. އެހެންނަމަވެސް އެގޮތަށް ކަންތައްކުރަން އައްފާން ބޭނުންނުވީއެވެ. ޒާރާ އެހިތާމަތަކުން ނެރެން އެބަޖެހެއެވެ. ފައްވާޒްގެ ގޮތްކުޑަ ވާހަކަތައް ކިޔައިދޭން ޖެހޭނެއެވެ. އެހެންމީހުން ގޮތަށް ދުރުދުރުން ޒާރާއަށް ނަސޭހަތްދޭން އައްފާން ބޭނުންނުވީއެވެ.

"އަހަރެން.... އަހަރެން...." ޒާރާގެ އަޑުބެދުނެވެ. އިސާހިތަކު ޒާރާގެ ދެލޯ ރަތްވެ ދުޅަވެއްޖެއެވެ.

"ޔޫކް ގެ މޫނު ބަލަން ފަވާ އައި ދުވަހު އަހަރެންގެ އިއްދަ ނުނިމޭ. އަހަރެން އުންމީދުކުރިން ސަހަރާ ތެރެއިންވެސް ނަމަވެސް އަހަރެންގެ އަތުގަ ފަވާ ހިފާލާނެކަމަށް. ކައިވެނި ރުޖޫއަކޮށް އަހަރެންނާ އަލުން ގުޅިދާނެކަމަށް. އަހަރެން ހުރީ މަޢާފްދޭން. އަހަރެން ކައިވެނިކުރީވެސް މަންމަ އާ ދެކޮޅަށް. އެދުވަހު ފަވާ އަލުން ގުޅެން ބޭނުން ވާހަކަ ބުނިނަމަވެސް އަހަރެންނަށް ދެކޮޅެއް ނުވެވުނީސް... އަހަރެން ކިހާ މޮޔަ"

ކަރުނަތަކުން ބަރާވެފައިވާ ދެލޮލުން އައްފާނަށް ޒާރާ ބަލައިލިއެވެ.

އެހިނދު ޒާރާގެ ނަންބަރު އައިނު ދަށުން ދެކޯތާފަތް ހުރަސްކޮށް ފޭބި ކަރުނަތައް އައްފާންގެ މޭގައި ރިހުމެއް އުފެއްދިއެވެ. އޭނާގެ ލައިގެން ހުރި ސޯޓުގެ ދެ ޖީބަށް ޖަހާލާފައި އޮތް ދެއަތްތިލަ އައްފާނަށް އުފުލައިލެވުނީ ބޭއިހްތިޔާރުގައެވެ. ޒާރާގެ ލޮލުގައި އޮތް އައިނު އައްފާން ނެގިއެވެ. އެހިނދު ޒާރާ އިސްޖެހިއެވެ. ނޭފަތް އެތެރެއަށް ދަމާލާފައި ލޯކައިރި ސާފުކޮށްލަން ޒާރާ އުޅުނެވެ. އެހެންނަމަވެސް އެވަގުތު އޭނާގެ ކޯތާފަތްމަތިން އިހުސާސްވީ އެހެން ބީހުމެކެވެ. ބަލައިލިއިރު އައްފާން އޭނާ އާ ގާތަށް ޖެހިލައިފިއެވެ. އެ ކަރުނަތައް ބަލަން އައްފާންގެ ހިތަށް ކެތްނުވީއެވެ.

"ސޮރީ. އަހަރެން ގަސްދަކީ ޒާރާ ރޮއްވުމެއްނޫން" އައިނު ޒާރާ އަތަށް ދެމުން އައްފާން ބުންޏެވެ.

ޒާރާ ބަލަހައްޓައިގެން އިންގޮތުން ހަނދާނަށް އައީ މާޒީގެ ތެރެއިން ދުވަސްވަރެކެވެ. ހަތަރެސްފައިން ހަރަކާތެއް ކުރެވިދާނެކަމަށް އައްފާން ވިސްނިއެވެ. ކުއްލިއަކަށް ޒާރާ އާ ދުރަށްޖެހުނީ އެހެންވެއެވެ. ކޮޅަށް ތެދުވެ ގެއަށް ދާންވީ ކަމުގައި ބުންޏެވެ. އެއްގަމަށް ހިނގައިގަތީ ދެކުދީން އެކުގައެވެ.

****

މަސައްކަތު ދާން ނިކުތް ހަމްދޫން ނިކަން އަވަހަށް ކޮޓަރިއަށް ވަނެވެ. އެނދު ތަންމަތި އަޅަން ހުރި ފިރާޝާ ބަލައިލިގޮތަށް ދެބުމަ އަރުވާލިއެވެ. ބަހެއްނުކިޔާ ހަމްދޫން އެތެރޭގައި ހުރި ގޮނޑީގައި އިށީނެވެ.

"ފިރާޝާ ކޮޓަރިން ބޭރަށް ނިކުތިންތަ؟"

ނޫނެކޭ ބުނެފައި ހަމްދޫން ކައިރީގައި ފިރާޝާ އިށީނެވެ. ވީގޮތެއް އޭނާއަށް ނޭނގެއެވެ. ހެނދުނުގެ ވަގުތަކީ ގޭތެރެއިން ދަރިއަކުވެސް ނުފެންނާނެ ވަގުތެކެވެ. ފެނުނަސް ފެންނާނީ މާހީ އެވެ. ސެންޓް ވިއްކާ ވިއްކާ ފިހާރައެއްގައި މާހީ ވަޒީފާ އަދާކުރަން ފެށިފަހުން ދޭތެރެއަކުން ހެނދުނު ފެނިލިޔަސް އާންމުގޮތެއް މާހީ ނުފެންނާނެއެވެ.

"އަހަރެން ލަދުގަނޭ. ނުއިނދެ ތިބެ އެއްފޮތިގަނޑެއްގެ ދަށު އެތިބީ. އަދި އެވެސް ސިޓިންގރޫމު ސޯފާގަ. ގޮސް ގޮވާ"

ފިރާޝާ ދެފަރާތަށް ބޯހޫރާލިއެވެ. އެތައް ފަހަރަކު މާހީ ކައިރީގައި އިންނާށޭ ބުނެވިއްޖެއެވެ. ފައްވާޒުގެ ފެންވަރު މާހީ ގަބޫލުނުކުރާތީ އަދި ކައިވެންޏަކާ ހަމަޔަށް ދާކަށް ނުވިސްނައެވެ. ނިކުންނަން ނުކެރިފައި ފިރާޝާ ހުއްޓެވެ. އެހެންނަމަވެސް ހަމްދޫނު މަސައްކަތު ފޮނުވަން އެބަޖެހެއެވެ.

ގައިދަށުގައި އޮތް ފޯނު ރިންގުވާން ފެށުމުން މާހީ އުނދަގުލުން ފޯނު ނަގާފައި ބަލައިލިއެވެ. ފޯނުން ފެންނަން އިން 'މަންމަ' މި ނަން ފެނިފައި މޫނުކޮށްލިއެވެ. އަރާމުކޮށް ނިދާލިޔަވެސް ނުދިނެވެ.

"ދެން މަންމާ... އެއް ގެއެއްގަ ހުރެފައިވެސް މަންމަ ތިގުޅަނީ އޯ" މާހީގެ އަޑުގައިވި ހިތްހަމަނުޖެހުމެވެ.

"ހަޔާތްކުޑަ. ހަމަމިހާރު ކޮޓަރިއަށް ދޭ"

މާހީ ފުންމައިގެން ތެދުވިއެވެ. ނިދާފައި އޮތް ފައްވާޒަށް ގޮވާ ތެދުކުރުވިއެވެ. ނަސީބަކުން ގޭތެރެ އޮތީ ހުސްކޮށެވެ. އެއްއަތުން ބާލިސް ހިފައިގެން އަނެއް އަތުން ފައްވާޒްގެ އަތުގައި ހިފައިގެން މާހީ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

"އެނގެއެއްނު އަހަރެން ރުޅިއައިސްފަ އޮތްކަން. ކީއްކުރަން މިތަނަށް ނިދަން އައީ. ކޮޓަރިއެއް ދެއްކީމެއްނު"

"ބޭބީ ރުޅި އައިސްފަ ހުއްޓާ އަހަރެން ކިހިނެއް ވަކިން އޮވެ ނިދާނީ" ފައްވާޒް ބުންޏެވެ. މޫނު ހަދައިގެން މާހީ އެނދުގައި އިނެވެ.

****

ރޭގަނޑެވެ. އާދައިގެމަތިން ކައިގެން ނިކުމެ އައްފާން އިނީ މަގުމަތި ޖޯލީގައެވެ. އިރާކޮޅުގެ ވަގުތެއްވުމުން މަގުމަތިން މީހުން ހުހެއް ނުވެއެވެ. ބައިސްކަލެއްގައި ކުރިމަތިން ދިޔައީ ދަންނަ މީހެއް ހެން ހީވެފައި އައްފާން ގޮވާލީ ހިތުގަ ލަފައަކަށެވެ. ބައިސްކަލް ހުއްޓާލިގޮތަށް އަސީލް ފަހަތަށް އެނބުރި ބަލައިލިއެވެ. ކުރިމަތީ ހުރި ގޭ ދޮރުމައްޗަށް ނެރެފައިވާ ހޮޅިބުރިން އަލިވެފައިވާތީ ޖޯލީގައި އިން މީހާގެ މޫނު ވަރަށް ރިއްޗަށް އަސީލްއަށް ފެނުނެވެ. ގިނަ ދުވަސްތަކަކަށް ފަހުގައި ނަމަވެސް އެއީ އޭނާގެ އެކުވެރިއެއް ކަން އަސީލްއަށް އެނގުނެވެ.

"ކަލޭ ތަ؟ މިރަށުގަ އެބައުޅެންތަ؟" އަސީލް ބުންޏެވެ.

ބައިސްކަލުގައި އަނބުރާލާފައި އައިސް އަސީލް މަޑުކޮށްލީ އައްފާން ކުރިމަތީގައެވެ. ހިނިގަނޑެއް ޖަހާލާފައި ދެ އެކުވެރިން އެކަކު އަނެކަކާ ސަލާމްކޮށްލާ ކުޑަކޮށް ބައްދާލިއެވެ.

"ދެ ދުވަސްފަހުން އަހަރެން ފުރާނަން. އޭރުގެ ރައްޓެއްސެއްވެސް ރަށުގަ މިހާރު ނޫޅޭ. ކޮންމެރެއަކު ފޫހިވާތީ ކޮންމެރެއަކު މިތާ އިންނަނީ.. ކަލޭ ކޮންއިރަކު ރަށަށް އައީ؟ އަހަރެމެންނަށް ވުރެވެސް ކުރީން ނިންމާލިގޮތަށް ރިސޯޓަށް ދިޔައީ" އައްފާން ވާހަކަދެއްކިއެވެ.

"ދިގު ވާހަކައެއް އެއީ. ހިނގާބަލަ ކޮފީއަކަށް އަރަމާ"

ގޭތެރެއަށް ވަދެފައި އައްފާން ނިކުތީ އޭނާ ކޮފިއަކަށް ދާ ވާހަކަ ވަސީމާ ކައިރީގައި ބުނެލާފައެވެ. ނުހާގެ ފޯންކޯލްވެސް އައްފާނަށް ލިބުނީ އެވަގުތުއެވެ. އެއީ ރަށަށް އައިފަހުން އެއި އިސްވެ ނުހާ ގުޅި ފުރަތަމަ ފަހަރެވެ. އެކުވެރިއަކާ ހުރި ވަގުތަކަށް ވާތީ ފޯނު ނުނަގަން ހުރެފައިވެސް އައްފާން ފޯނު ނެގިއެވެ.

"ނުހާ. އަހަރެންނަށް ދީ ކުޑަވަގުތުކޮޅެއް. ގުޅާނަން" އައްފާން ބުންޏެވެ.

****

"ނުގުޅާނަން ދެނެއް. ކުޑާއަށް އިވިއްޖެއްނު"

މޫނުހަދައިގެން އިނދެ ނުހާ ބުންޏެވެ. ފޫހިވީވަރުން ކޮފީތަށި ވެސް ފަހަތަށް ކޮށްޕާލިއެވެ. ކުރިމަތީގައި އިނީ ދިމްނާއެވެ. ނުހާ ގެއިން ބޭރަށް ދިޔަނުދީ ހިފެހެއްޓީ ދިމްނާއެވެ. ކޮއްކޮގެ ދިރިއުޅުން ވީރާނާވަމުންދާކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހާ އަށް ވީތީ ނުހާއަށް ދެރައެއް ލިބެން ދިމްނާ ނޭދޭއެވެ. ފަހަކަށް އައިސް ކޮންމެ ރެއަކު ގޭތެރެއިން އިވެނީ ރަހްމާން ހަޅެއްލަވާއަޑެވެ. މުޅިންވެސް ނުހާ ގެ ސަބަބުންނެވެ.

"ފިރިމީހާ އާ އެންމެ ބޮޑު ގުޅުމެއް އުފައްދަންޖެހޭ ވަގުތަކީ ފިރިމީހާ ދުރުގައި ހުންނަ ވަގުތު. ހަގީގަތުގައި ދެމީހެއްގެ ދެމެދުގައި ލޯބި އެންމެ ބޮޑަށް އިހުސާސްވާނީ އެކަކު އަނެކަކާ ދުރުގައި ހުންނަ ވަގުތު. އެކަމަކު އެއީ އެއްފަރާތުން މަސައްކަތްކޮށްގެނެއް ނޫން. އައްފާން ކިތަންމެ ވަރަކަށް އުޅުނަސް ނުހާ ގެ ސަޕޯޓް ނުލިބެންޏާ ތި ހަމަނުޖެހުން ކޮޅެއްގަ ނުޖެހޭނެ. އައްފާން ކިހާ މަސައްކަތެއްކޮށްފި ނުހާއަށް ގުޅަން. ނުހާ ރުޅިއަޔަސް ކުޑާ ބުނާނީ ހަމަ ހުރިގޮތަށް. ގޯހީ ނުހާ. ތިކައިވެނީގެ ގޮށް މުހެންޏާ މޮހިގެން ދާނީ ނުހާގެ ސަބަބުން"

ނުހާ ޖަހާލީ ހިނިގަނޑެކެވެ. ދެލޯ ވަށްކޮށްލާފައި ދިމްނާއަށް ބަލައިލިއެވެ. ދިމްނާ ހައިރާންވިއެވެ. ގައިމުން ޖޯކެއް ބުނެވުނިއެއް ނޫނެވެ. ނުހާ އެހާވަރަށް ހޭންޖެހޭ ހެއްޔެވެ؟ ދުވަހަކުވެސް ދިރިއުޅުމުގެ އެއްވެސްކަމެއް ސީރިޔަސްކޮށެއް ނުނަގާނެއެވެ.

"ހޭނެއްނު. ކުޑާ ދައްކާވަހަކަ ބަލާބަލަ. އައްފާން އަހަރެން ދޫކޮށެއްނުލާނެ. އަހަރެންދެކެ އައްފާން ވަރަށް ލޯބިވޭ. އަހަރެން ކުޑަކޮށް ރުޅިގަދަވީމަ އައްފާން ހިތްހަމަނުޖެހިގެން އެއްޗެއް ބުންޏަސް ކޮންމެރެއަކު ނިދުމުގެ ކުރިން އަހަރެން ރުއްސާނެ. ދޮންތަ ހުރޭ ބަލަން. މިކޮޅަށް އަންނައިރު އައްފާން ހުންނާނީ ވަރަށް ހަމަޖެހިފައި"

ހެމުން ނުހާ ނިކުމެގެން ދާ މަންޒަރު ބަލަން ދިމްނާ އިނީ ކަންބޮޑުވެފައެވެ. ނުހާއަށް ވިސްނައިދޭން އޭނާ ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ދަނީ ވެއްޔަށް ވެގެންނެވެ. އައްފާނާ މެދު ނުހާއަށް ޔަގީންކަން އޮތީ ހާދަ ބޮޑަކަށެވެ. އައްފާނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް ކަން ނުހާއަށް ވިސްނޭނެ ނަމައެވެ.

****

ބަދިގެތެރޭގައި ހިފާލާފައިވަނީ ކުޅި ބޯކިބާ ފިހޭ މީރު ވަހެވެ. އަވަން ކައިރީގައި ހިމްނާ ހުއްޓި ހުއްޓެވެ. ޒިންކު ކައިރީގައި ތަށިތައް ދޮންނަން ހުރީ ޒާރާއެވެ. ނޫރީން ގޭތެރެއިން ފެންނަން ނެތެވެ. މާގިނައިރެއް ނުވެ ޖަންނަތާއި ޖަމީލާ އައިސް ގެއަށް ވަނެވެ. ޖަންނަތުގެ ފަރާތުން ގެނައި ފޮނިކާއެއްޗަކާއި ކުޅި އެއްޗެއް މޭޒުމަތީގައި ބެހެއްޓިއެވެ.

"ހިމްނާއްތާ ހާދަ މީރުވަހެކޭ"

މޭޒު ކައިރީގައި ހުއްޓެމުން ޖަންނަތު ބުންޏެވެ. ހަވީރުގެ ސައި ތައްޔާރުކޮށްފައި ހުރިއިރު މޭޒު މައްޗަށް ނާރުވާ ހުރީ ހަމައެކަނި ކުޅި ބޯކިބަލެވެ. އެއީ ޖަންނަތާއި ޒާރާގެ ފަރާތުން އައްފާން ފުރުމުގެ ކުރިން ދޭ ހަވީރުގެ ސައެކެވެ. ދެކުދީންނަށް އެކަމުގައި އެހީތެރިވެދިނީ ހިމްނާ އާއި ޖަމީލާއެވެ.

"ޖަމީލާދައިތަ ކިހިނެއްތަ؟" ހިމްނާ އެހިއެވެ. ކުދީންގެ ހަރަކާތްތައް ބަލަހައްޓައިގެން އިން ޖަމީލާ ހިނިތުންވެލާފައި އޭނާ ރަނގަޅު ކަމުގައި ބުންޏެވެ.

"މިއަންނަނީ ހެދުން ބަދަލުކޮށްލައިގެން"

ޒާރާ ކޮޓަރިއަށް ދިޔުމުން ބާކީ ހުރި ކަންތައް ނިންމާލެވޭތޯ ޖަންނަތު މަސައްކަތް ކުރިއެވެ. އައްފާނަށް ކިއި ގަޑި ޖެހެން ގިނަ ވަގުތެއް ނެތެވެ. ދެއަތް ދޮވެލައިގެން ހިމްނާ ގޮސް ހުއްޓުނީ ޖަމީލާ ކައިރީގައެވެ.

"އެ މަންޖެ މިހާރު ވަރަށް ބޮޑުތަން ރަނގަޅު ދޯ. ޔަގީނުންވެސް މޫނުމަތި ރަނގަޅުވެލައިފި" ޖަމީލާ ބުންޏެވެ.

"އަލްހަމްދުލިއްލާހް. ކުރިއަށް ވުރެ ރަނގަޅު ވެއްޖެހެން އަހަރެންނަށްވެސް ހީވޭ"

ހެދުން ބަދަލުކޮށްގެން ބަދިގެއަށް ދާން އުޅުނު ޒާރާއަށް މައިދޮރު ހުޅުވިފައި ހުއްޓާ ފެނުމުން އެދިމާލަށް ދިޔައީ ދޮރުލައްޕާލާށެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށް ބޯދިކޮށްލި އައްފާން ފެނުމުން ޒާރާ ހީލިއެވެ. ހަގީގަތުގައި އެގޭ ދޮރުމަތީގައި އައްފާން ހުންނަތާ އިރުތަކެއް ވެއްޖެއެވެ. އޭނާ ހުރީ އެތެރެއަށް ވަންނަން ނުކެރިފައެވެ.

"އާދޭ އެތެރެއަށް" ޒާރާ ބުންޏެވެ.

އައްފާން އެތެރެއަށް ވަދެފައި ގޭތެރޭގެ ހުރިހާ ދިމާލެއް ބަލައިލިއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އޭނާ ވަދެއުޅުނު ގެއެކޭ މިހާރު ބުނާވަރެއް ނޫނެވެ. އެތައް ބަދަލެއް ވަނީ އައިސްފައެވެ. އޭރުގެ އާދައިގެ ވަރަކަށް ހުރި ފިހާރަވެސް އޭރަށް ވުރެ ތަނަވަސްވެފައި ބޮޑެވެ.

"ކީއްވެ ގުޅާވެސްނުލާ ތިހުންނަނީ"

އެތެރެއަށް ވަންނަމުން ޒާރާ އެހިއެވެ.

"އެހެން ނުކެރޭނެއްނު ގުޅާކަށް"

އައްފާން ފެނުމުން ހިމްނާ އާއި ޖަމީލާ ހިތްހެޔޮކަމާއެކު މެހްމާންދާރީ އަދާކުރިއެވެ. އައްފާން ރަނގަޅަށް ސައިބޮންދެކަށް އިތުރު އެއްޗަކަށް ބޭނުންވޭތޯ ބަލަން ކައިރީގައި ތިއްބެވެ. ދެ އަންހެނުންގެ ވާހަކަތައް އައްފާނުގެ ކުރިމައްޗަށް އޮށްސާލީ ފަހުންނެވެ.

"އެ ގޮއްޔެ ގޮވައިގެންވެސް ނިކަން އާދެބަލަ. ވަސީމާވެސް ކިހާ ހިތްހަމަޖެހޭނެތަ؟" ހިމްނާ ބުންޏެވެ.

"އެބުނާހެން. ކުޑަމީހާއަށް އަހަރުނުވޭތަ އަދި. ދެން ފުރައިފިއްޔާ ނޭނގެ ފެންނާނެ ދުވަހެއްވެސް. އަނބިމީހާއަށް ވަރަށް ސަލާންބުނައްޗޭ ދައްތަމެންގެ" ހިމްނާ ވާހަކަދެއްކިއެވެ.

އައްފާން ސަލާމަތުން ގެއިން ނެރުނީ ޖަންނަތެވެ. ހިމްނާގެ ގޮތެއް ނޭނގެއެވެ. ޔަގީނުންވެސް ޖަމީލާގެ ސުވާލުތައް ހުހެއް ނުވާނެއެވެ. މަޣްރިބް ނަމާދަށް ގޮވަން މާގިނަ ވަގުތެއް ނެތުމުން ގެއަށް ދިޔުމުގެ ބަދަލުގައި އައްފާން ދިޔައީ މިސްކިތާ ދިމާލަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟