ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 13

1

ޒާރާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނި އޭނާ ދެރަވާތީއެވެ. ފައްވާޒް ނިއުޅައިގަތީ ހަމައެކަނި ޒާރާގެ ދިރިއުޅުމެއް ނޫނެވެ. ޒާރާގެ އުފާވެރިކަމާއި ހިތްހަމަޖެހުމާ ނިދުމާ ހުރިހާ އެއްޗެކެވެ. ޒާރާ އަތުން ސަލާމަތްވި ހަމައެކައްޗެއްވެސް ނެތެވެ. އެފަކީރު އެވަނީ ދިރިއުޅުން ސުމަކުން ފަށަން ޖެހިފައެވެ. އައްފާން ޒާރާއަށް ހަމްދަރުދީވިއެވެ. ކޮޅަށް ހުއްޓަސް އެހަށިގަނޑުގައި ދިރުމެއްނެތެވެ. މީހާގެ ސިފަ ވަނީ ނެތިގޮސްފައެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް ދެރައެއް ދެވޭނީ މިހާ ކަންހާވަރަށެވެ. އައްފާންގެ ހިތުގައި ފައްވާޒަށް ރުޅިވެރިކަން އުފެދުނެވެ.

****

އިލޮށިހިފައިގެން ވަސީމާ އަތިރީ މަގު ކުނިކަހަން ނިކުތްގޮތަށް ހުއްޓުން އެރިއެވެ. ދޮންވެލި ފަސްގަނޑުމަތީގައި އައްފާން ހުރީ ދެކޮޅަށް ހިނގާށެވެ. ވިސްނުމެއްގައި ހުރިހެން ހީވިއެވެ. ވަސީމާ ހިނގައިގަތީ އައްފާނާ ދިމާލަށެވެ.

"ދަރި އާ ކޮންވިސްނުމެއްގަ" ވަސީމާ ބުންޏެވެ.

ފަހަތަށް އެނބުރި އައްފާން ބަލައިލިއެވެ. ދެން މަޑުމަޑުން ހިނގާފައި އައިސް ވަސީމާ އާ އަރާހަމކުރިއެވެ.

"ވާހަކައެއް އަހާލަންތަ ދައްތާ" އައްފާން ބުންޏެވެ.

ވަސީމާ ބޯޖަހާލިއެވެ. އެއްގަމަށް އަރައިގެން އައިސް ދެމައިން އިށީނީ ޖޯލިފަތީގައެވެ. ވަސީމާއަށް ބަލައިލިއެވެ. ޒާރާ އާ ބޭހޭގޮތުން އިތުރަށް އެނގެން އޭނާ ބޭނުންވިއެވެ. އެވާހަކަތައް އެންމެ ތަފްސީލުކޮށް އޭނާއަށް ކިޔައިދެވޭނީ ވަސީމާ އަށެވެ. ޒާރާ އާ ބެހޭގޮތުން އޭޔނާއަށް އަހަން ކެރޭނީވެސް ހަމަ ވަސީމާގެ ކައިރިންނެވެ. އެހެންކަމުން ޒާރާ އާ ބެހޭގޮތުން ހުދު ޒާރާ ކައިރީގައި އަހަން ނުކެރުނު ސުވާލުތައް އައްފާން އެހީ ވަސީމާގެ ކައިރިންނެވެ. އެއީ ނިދުމުގެ ކުރިން އާދައިގެމަތިން ދެމައިން މަގުމަތީ ޖޯލީގައި ތިބެފައެވެ.

"ބޮޑަށް ސަކަރާތްވީ ޔޫކް ނިޔާވި ދުވަހު. ދެން އެހެންތާ ވާނީވެސް ދަރިއަކު އެގޮތަށް ކުއްލިޔަކަށް ދިޔައިމަ"

ޒާރާގެ ދަރިފުޅު ނިޔާވި ދުވަސް އައްފާން ހަނދާންވިއެވެ. ޒާރާ ވަރިކޮށްފައި ފައްވާޒް މާލެ ބަދަލުވިފަހުން އައްފާނާ ބައްދަލުވީ ޔޫކް ނިޔާވި ދުވަހުއެވެ. އެދުވަހު ފައްވާޒްގެ ދެލޮލުން ކަރުނަ އައްފާން ދުއްޓެވެ. އަތުގައި ލާރިއެއް ނެތިގެން ފައްވާޒް އެދުނީ ޓިކެޓަކަށެވެ. ޔޫކްގެ މޫނު ބަލައިލަން ދިޔުމަށެވެ. އެދަތުރުގައި އައްފާނަށް ނާދެވުނީ ނިއަމް ހާލު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުންނެވެ.

"އެދުވަހު ސަހަރާ ތެރޭގަ ފައްވާޒް ވަރަށް ރުއި. އެތަނުން ބައެއްމީހުން ވަރަށް އެއްޗެހި ކިއި ފައްވާޒަށް. ބުނި އޭނަ ޑްރާމާ ކުޅެންވެގެނޭ އެރޮނީ. ދެން މީހުންގެ އަނގައިގައެއް ނުހިފެހެއްޓޭނެތާ"

އައްފާންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ފައްވާޒްގެ

ނެތީ ހެއްޔެވެ؟ ޒާރާ ކުރީ ކޮން ކުށެއް ހެއްޔެވެ؟

"އަދި ދަރިފުޅަށް އެނގޭތަ. ޒާރާ ސަހަރާގަ ހުއްޓަ ހަބަރު ހުސްވެގެން މަރުކަޒަށް ގެންދިޔައީ އޭނާގެ ލޯމަތީގަ. އެކަމަކު ހާލު ބަލާލަންވެސް ނުދިޔައޭ. އެ އިބިލިސް ބަނދަރުގައި ފުރަން ތައްޔާޜުވެފައި އޮތް ލޯންޗަށް އަރައިގެން ދިޔައީ. ގައިމުން ޒާރާ އިނީވެސް އޭނާގެ އިއްދައިގަ ވިއްޔާ"

އިތުރަށް އަހާނެ ހިތްވަރެއް އައްފާނަށް ނުލިބުނެވެ. ނިދާލަން ދަނީ ކަމަށް ބުނެފައި އައްފާން ގޭތެރެއަށް ވަނެވެ. ހެދުން ބަދަލުކޮށްގެން އައިސް އެނަދަށް އެރިއިރުވެސް އޭނާގެ ޒާރާގެ ފިކުރުކުރުން ހުއްޓައެއް ނުލެވުނެވެ. ހަނދާނަށް އައީ އެކުގައި ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. ޒާރާގެ އުފަލަށްޓަކައި އަމިއްލަ ހިތުގެ އެދުން ގުރުބާން ކުރެވުނުކަން ހަނދާންވުމުން އައްފާން އިތުރަށް ދެރަވެއްޖެއެވެ. ޒާރާ ދޫކޮށްލެވުނީ ނުބައި މީހަކަށްޓަކައެވެ. އެކަމަކު އެއީ ފައްވާޒަށްވެސް އިތުބާރު ކުރެވުނުލެއް ބޮޑުކަމުންނެވެ. އޭރުގައި ފައްވާޒްވެސް ދީނާވާއެއް ފަދައިން ޒާރާދެކެ ލޯބިވީ މަންޒަރު އައްފާނަށް ވަނީ ފެނިފައެވެ. ޔަގީނުންވެސް ޒާރާއަށް އުފަލާ ހިތްހަމަޖެހުން ދެން ލިބުން އޮތީ މާޒީގައި ފައްވާޒާ އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް ހަނދާންކޮށްގެންނެވެ.

****

ގޭތެރޭގައި އަޑުގަދަވެގެން ދިމްނާ ކޮޓަރިން ނިކުތެވެ. ރޭގަނޑުގެ ވަގުތެވެ. ސިޓިންގރޫމުގައި ހުރި ސައީދާ އޭނާގެ މޭގައި ލައްކޮށްލައިގެން ނިއަމް ދެފަރާތަށް ތަޅުވަމުން މަސަލަސް ކުރެވޭތޯ ބަލަމުން ދިޔައެވެ. ރަހްމާން ރުޅިއައިސްފައި ހުރީ ރޭގަނޑު ދިހަގަޑި ބައިވިއިރުވެސް ނުހާ ގެއަށް ނާންނާތީއެވެ. މިފަހަރު ނުހާ ދިފާއުކުރަން ސައީދާއަށް ކިޔަންވީ އެއްޗެއް ނޭނގިފައި ހުއްޓެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދަނީ ކަންބޮޑުވުމެވެ.

"ގެނޭ އަހަރެން އަތަށް"

ސައިދާ އަތުން ނިއަމް ނަގައިގެން ދިމްނާ ހިނގައިގަތެވެ. ބޭރަށް ދަމުން ދިމްނާ އާ ނިއަމް ހަވާލުނުކޮށް ނުހާ ދިޔައީ ދިމްނާ ހިތްހަމަނުޖެހިފައި އެއްޗެއް ބުނުމުންނެވެ. ނިއަމް އަކީ ނުހާގެ އުފާވެރި ހަޔާތަށް އެޅިފައިވާ އެންމެ ބޮޑު ހުރަހޭ އޭނާއަށް ހީވާކަހަލައެވެ. ގޭތެރެއިން ނިއަމް އާ ހަވާލުވާނެ މީހަކު ނުވިނަމަ އެކުއްޖާ އެކަނި ކޮޓަރިއަށް ދޫކޮށްލާފައި ނަމަވެސް ނުހާ ހުރީ ރިސޯޓަށް ދާށެވެ. އައްފާން ރަށުގައި ނެތުމުން އެންމެ މިނެޓަކުވެސް ނުހާ ގޭތެރޭގައި މަޑުނުކުރެއެވެ. އޭނާއަށް އީދެއް އައިސްގެން އުޅޭ ކަހަލައެވެ.

"އަހަރެންނަށް ނިއަމް ވަރަށް މުހިންމު. އެކަމަކު އަހަރެންގެ މިނިވަންކަންވެސް މުހިންމު. ކުޑާ ކޮންމެހެން ނިއަމް ނުބެލިޔަސް ހެޔޮ"

ނުހާ ހީކުރީ އެ ޖުމްލައާއެކު ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށެވެ. ރުޅިއައިސްގެ ނިއަމް ގޮވައިގެން ކޮޓަރިއަށް އައިސް ނިއަމް ނިންދެވީ ނުހާ އަމިއްލަ އަށެވެ. ނުހާ އަށް ހިތްހަމަނުޖެހިފައި އެއްޗެއް ބުނެވުނީތީވެސް ފަހުން ދިމްނާ ދެރަވިއެވެ. އެހެންނަމަވެސް މިހާރު އެއްޗެއް ނުބުނެ ވާކަށްވެސް ނެތެވެ. ނުހާގެ އުޅުން ބަދަލުކުރަން ކުރެވުނު ކަމެއް ކުރަން ޖެހިއްޖެއެވެ.

ނުހާ އާ ދެކެވުނު ވާހަކަތައް ދިމްނާގެ ހަނދާނަށް އައެވެ.

"ބުނަން ސައީދާ ވާހަކައެއް. އަހަރެންނަކީ ރުޅި އައިއްސިއްޔާ ވަރަށް ރުޅިގަދަ މީހެއްކަން ސައީދާއަށް އިނގޭނެ. އަހަރެން ހަމަ މިރޭ އައްފާނަށް ގުޅާނަން. އަހަރެން ދައްކަންޖެހޭ ވާހަކައެއް ދެން ދައްކާނީ އައްފާނާ. އަހަރެންނަކީ އަހަރެންގެ ދަރިން ކުރާ ނުބައި ކަންކަން ފޮރުވާނެ މީހެއް ނޫން"

ރަހްމާން ކޮޓަރިއަށް ވަދެގެން ދިޔުމުން ގޮތްހުސްވެފައި ސައީދާ ސޯފާގައި އިށީނެވެ. އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ ސައިދާއަކީ މައިމީހާ އަށް ވީތީ ކޮންމެ މީހެއް ކުށްވެރިކުރަނީ ސައީދާއެވެ. ނުހާއަށް ނަސޭހަތްދެވުނު އަދަދެއް ގުނައަދަދު ކުރަންވެސް ނޭނގެއެވެ. ބޮޑުވެފައި ހުރި އަންހެން ދަރިއެއްގެ ފަހަތުގައި ލަޓިބުރި ހިފައިގެން ހުރެވޭ ހެއްޔެވެ؟ ގައިމުން ލިބުނު ދެ އަންހެންދަރީން އެއްކުއްޖެއް އަނެއް ކުއްޖަކާ ތަފާތެއް ނުކުރެއެވެ. އިސްލާމްދީނުގައި ކަންކަން އޮތްގޮތް ދެކުދީންނަށް ކިޔައިދިނީ އެއްވަރަކަށެވެ. ދިމްނާއަށް ވުރެ ރަނގަޅަށް ކިޔަވައިދެވުނީވެސް ނުހާ އަށެވެ. އެއީ ނުހާ އިތުރަށް ކިޔަވަން ބޭނުންވާ ވާހަކަ ބުނުމުންނެވެ. ކަންތައް ގޯސްވެފައި އޮތްވަރުން ސައީދާ ވަރަށް ދެރަވެއްޖެއެވެ. ރަހްމާން ކުރަން ބުނެފި ކަމެއް ނުކޮށް ނުހުންނާނެކަން ޔަގީނެވެ. އައްފާނަށް ގުޅާފައި ކިޔާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ.

****

ފަތިސް ނަމާދުން ގެއަށް އައްފާން އައިރު ވަސީމާ ހޭލާ އުޅުނެވެ. އައްފާނަށް ކޮފީތަށި ދީފައި ވަސީމާ ނިކުތީ އާދައިގެމަތިން ހިނގާލާށެވެ. ގޯތިތެރޭގައި ހުރި ޖޯއްޔަށް ކޮފީތަށި ހިފައިގެން އައްފާން ނިކުތެވެ. ނުހާ މަތިން ހަނދާންވީ ކުއްލިއަކަށެވެ. ހަނދާންވީ ފުރައިގެން އައިރު ނުހާ ދެރަކޮށްލާފައި އާދެވުނު ހަނދާނެވެ. އައިފަހުން އަދި ވާހަކަދައްކާވެސްނުލެވެއެވެ. ނުހާ އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. އަދިވެސް އެހުރީ ހިތްހަމަނުޖެހިފައެވެ. ނުހާ އާ މެދު ފުންކޮށް ވިސްނާލަން އައްފާނަށް ލިބުނު ރަނގަޅު ވަގުތުކޮޅަކަށް އެވަގުތުކޮޅު ވިއެވެ. ނުހާއަކީ އޭނާ ލޯބިވެގެން ދިރިއުޅުމަށް ގެނައި އަންހެނެކެވެ. ދިރިއުޅުން އެހިސާބަށްވެސް ގެނެވުނީ އޭނާ ނުހާދެކެ ވާ ތެދުވެރި ލޯތްބެއްގެ ސަބަބުންނެވެ. އެކަމަކު ނުހާގެ އެ ހުންނަ ގޮތެއް ދޯއެވެ. އެކަން ބަދަލުކުރާނީ ކިހިނެއް ހެއްޔެވެ؟ މަޝްވަރާއެއް ހޯދާނީވެސް ކާކު ކައިރިން ހެއްޔެވެ؟ ދިރިއުޅުމެއް ރޫޅާލުމަކީ އަދި ހައްލެއް ނޫނެވެ. އަނބިމީހާ އިސްލާހުކުރެވޭތޯވެސް މަސައްކަތް ކުރަންޖެހޭނެއެވެ. އެންމެފުރަތަމަ ކުރަންޖެހޭ ކަމަކީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ކައިވެނި ދެމެހެއްޓޭތޯ މަސައްކަތް ކުރުމެވެ. ދެރަތަންކޮޅަކީ އާއިލާއަށްޓަކައި އައްފާން ވަމުންދާ ގުރުބާނީ ނުހާ އަށް ނުވިސްނޭ ކަމެވެ. އައްފާންގެވެސް އާއިލާއެއް އޮތްކަން ނުހާ ހަނދާނެއް ނުހުރެއެވެ. އުފަން ވަޒަނާ އަމިއްލަ އާއިލާ ދޫކޮށް ނުހާ ހިތްރުހޭ ތަނެއްގައި ދިރިއުޅުމެއް ފެށުމަކީ ނުހާއަށްޓަކައި އައްފާންގެ ހިތުގައި އޮތް ފުންމިން ނޭނގޭ ލޯބީގެ ވަރުގަދަ ހެއްކެއް ކަމެއް ނުހާއަށް ނޭނގެއެވެ.

މޭޒުމަތީގައި އޮތް ފޯނަށް އައްފާން ބަލައިލިއެވެ. ކޮންމެފަހަރަކު ނުހާއަށް ވުރެ ދަށުވެގެން އުޅޭކަށް އައްފާނަށް ނުޖެހެއެވެ. ނުހާ ނުގުޅަނިސް ނުހާއަށް އައްފާންވެސް ގުޅަން ބޭނުމެއް ނުވިއެވެ. ފުންނޭވައެއް އައްފާން ދޫކޮށްލިއެވެ. ނުހާއަށް ނުގުޅިޔަސް ތުއްތު ދަރިފުޅުގެ ހާލު ނުބަލައެއް އައްފާނަކަށް ކެތެއްނުވާނެއެވެ. ފޯނު ނަގާފައި ނުހާއަށް ގުޅީ އެހެންވެއެވެ. ނިއަމްގެ އަޑުއަހާލާހިތުންނެވެ.

"ކިހިނެއްވީ؟ ނިދަނީ މި" ފޯނު ނަގާފައި ނުހާ ބުންޏެވެ. ރުންކުރުކަން ނުހާގެ އަޑުގައި ވިއެވެ. ނިދީގެ އަސަރުވެސް ހުއްޓެވެ.

"އަހަރެންނަށް އިނގޭ ނިއަމް އޮންނާނީ ހޭލާ ކަން. އަހަރެންނަށް ނިއަމްގެ އަޑު އިއްވާލަދީބަލަ" އައްފާން ބުންޏެވެ. އުންމީދު ކުރެވުނީ ނުހާ ލޯބިން ބަހެއް ކިޔާނެ ކަމަށެވެ. ހާލު އަހާލާނެ ކަމަށެވެ. އައްފާނަށް އިންތިޒާރުކުރާ ވާހަކަ ބުނާނެ ކަމަށެވެ.

"މިބުނީނު ނުހޭލައޭ. އައްފާން ކައިރީގައި ނެތަސް އަހަރެންނަށް އަރާމުކޮށް ނިދައެއް ނުލެވޭނެތަ؟"

އައްފާން ފޯނު ކަނޑާލިއެވެ. ހަގީގަތުގައި އައްފާން ދެރަވިއެވެ. އެއީ މީގެކުރިން ނުހާގެ ވާހަކަތަކާއި ރާގު ހުންނަ ގޮތެއް ނޫނެވެ. ގުޅީ ކޮންމެހެން ނުހާއަށް އުނދަގުކުރާކަށް ނޫނެވެ. ނުހާއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ މީހުން ބުނާތީ އިވެއެވެ. ދުރުގައި ހުންނައިރު ލޯބިވާނީ އިތުރެވެ. ނުހާއަށް ވީ އެހެނެއް ނޫނެވެ.

މެންދުރުފަހު ބްރޭކް ލިބޭ ގަޑީގައި ނިއަމް އަށް ވީޑިޔޯ ކޯލް ކުރާނެ ވާހަކަ މެސެޖަކުން ނުހާ އަށް އައްފާން ފޮނުވާލިއެވެ.

****

ހިނގާފައި އައިސް ހިމްނާ ގެއަށް ވަންއިރު ޒިންކު ކައިރީގައި ފުށްމޮޑުނު ތަށި ދޮންނަން ޒާރާ ހުއްޓެވެ. މޭޒު މައްޗަށް ހިމްނާ ބަލައިލިއިރު ރޮށި ހުރީ ފިހެ ނިންމާފައެވެ. ޒާރާ އެންމެ ހަލުވިކަމާއެކު ކުރާ މަސައްކަތަކީ އެއީއެވެ. ކިތަންމެ ބައިވަރު ގުޅަ ހުއްޓަސް އެކަނި ރޮށި ދަމާ ފިހޭކަށް މާގިނަ އިރެއް ނުނަގާނެއެވެ. ފަހަތުގައި ހިމްނާ ހުއްޓާ ޒާރާއަށް ފެނުނީ ދެއަތް ފޮހެމުން އެނބުރުނު ވަގުތުގައެވެ. ޒާރާގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ.

"މަންމަ އައީތަ؟" ޒާރާ ބުންޏެވެ.

ހިމްނާ ބޯޖަހާލާފައި މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ދެން ޒާރާ ދިއްކޮށްލި ފެންތަށީގައި ހިފާފައި ކޯވަރެއް ބޯލިއެވެ.

"ނަމާދުކޮށްގެން ނޫރް ނާދޭ ދޯ އެއްޗެއް ބޯލާކަށްވެސް" ހިމްނާ ބުންޏެވެ.

"މަންމައަށް އިނގެއެއްނު ނިދިކޮޅެއް ބޭކާރުކޮށްލުމަކީ ނޫރް ނުކުރާނެ ކަމެއްކަން. މަންމާ، މިއަންނަނީ އިނގޭ އިރުއަރާ މަންޒަރު ބަލާލާފަ. ރިހަކޮޅު ކައްކާލާފަ ވަޒީފާއަށް ދެވޭހާ ވަގުތު އޮށްވައި ބަލާނަން އާދެވޭތޯ"

ޒާރާގެ ފަހަތުން ދޮރާ ހަމައަށް ހިމްނާ ނިކުތެވެ. އަދިވެސް ޒާރާގެ ބޯކޮޅު ބެލުން ހިމްނާއަށް އެއްކޮށް ހުއްޓައެއް ނުލެވެއެވެ. އެކުއްޖާ ދިރިއުޅެން މަސައްކަތްކުރާތަން ފެނުނަސް އަނެއްކާވެސް ވެއްޓޭނީ ކޮންކަހަލަ ވަޅުގަނޑަކަށް ކަމެއް ނޭނގޭތީ ހިމްނާއަށް އަބަދުވެސް ހުރެވެނީ ފިކުރެއްގައެވެ.

****

ފަތިސް ނަމާދުން އައިސް ލިބޭ ވަގުތުކޮޅުގައި ނިދާލަން ބޭނުންނުވާތީ އައްފާން ނިކުތީ ގެއާ ދިމާލުން އަތިރިމައްޗަށެވެ. އިރުއަރާ މަންޒަރު ބަލާލަން ބޭނުންވުމުން މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައެވެ. އަތޮޅުތެރޭގެ ރަށެއްގައި ހުރެ ފަތިހުގެ ގުދުރަތީ ހިތްގައިމު މަންޒަރު ބަލައިލަން ލިބުމަކީ ނަސީބެކެވެ. އައްފާން ކުރިއަށް ދިޔައީ އެ ނަސީބު ލިބިގަތުމުގެ ބޭނުމުގައެވެ. އެއީ މާގިނަފަހަރަކު އޭނާއަށް ލިބޭނެ ނަސީބަކަށް ނުވާތީއެވެ. ހެޔޮވަރު ވަރަކަށް ވައި ބާރެވެ. ބިންމައްޗަށް އަލިވާންވެސް ފަށައިފިއެވެ. ތަންކޮޅެއް އެކޮޅުން ދޮށި އެއްލައިގެން ތިބި ހަރު އުމުރުގެ މީހެއް އައްފާނަށް ފެނުނެވެ. އެހުރިހާ މަންޒަރެއް އަތުގައި އޮތް ފޯނަށް ރިކޯޑް ކުރަމުން އޭނާ ދިޔައެވެ.

ކުއްލިއަކަށް އައްފާންގެ ސަމާލުކަން ދަމައިގަތީ އޭނާގެ ފޯނުގެ ސްކްރީނަށް އެރި އަންހެން ކުއްޖެކެވެ. ފޯނު ތިރިކޮށްލާފައި އައްފާން ބަލައިލިއެވެ. އެ އަންހެންކުއްޖާ އިނީ އޭނާ އާ މާދުރުގައެއް ނޫނެވެ. ކާކަން ނޭނގޭތީ އެދިމާލަށް ނުގޮސް އައްފާން މަޑުކޮށްލިއެވެ.

"ޒާރާ..."

އެއީ ޒާރާ ކަން އައްފާނަށް އިނގުނީ އައްފާން ހުރި ދިމާލަށް ޒާރާ ބަލައިލުމުންނެވެ. އައްފާން އަތް ހޫރާލިއެވެ. އެހެންނަމަވެސް އައްފާން ޒާރާގެ ލޮލުގައި އަޅައިގަތްހެނެއް ހިއެއް ނުވެއެވެ. އައްފާން މަޑުމަޑުން ޒާރާ އިން ދިމާލަށް ހިނގައިގަތެވެ. ޒާރާ އާ ވާހަކަދައްކާލަން ރަނގަޅު ވަގުތުކޮޅެކެވެ. އަތުކުރީގައި އޮތް ގަޑިއަށް އައްފާން ބަލައިލިއެވެ. އަދި ވަގުތު އެބައޮތެވެ.

ކައިރިން މީހަކު ކަރުކެހިލި އަޑު އިވުމުން ޒާރާ ދިޔައީ ސިހިގެންނެވެ.

"އައްޔަ ތަ؟ ސިއްސައިގެން ދިޔައީ" ޒާރާ ބުންޏެވެ. ހީވެސްނުކޮށް ހުއްޓާ ކައިރިން އައްފާން ފެނުމުން ޒާރާގެ މުޅި ހަށިގަނޑަށް ބަދަކު އައެވެ. ދެއަތްތިލަ ގުޅުވާލެވުނީ ބޭއިހްތިޔާރުގައެވެ. އައްފާނަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ ބޭނުންވީ އެތަނުން ދާށެވެ. އައްފާން ފެނުމުން އޭނާއަށް އެވާ އުނދަގޫތަކަކީ ކޮންކަހަލަ އުނދަގޫތަކެއް ކަމެއް އޭނާއަށް ނޭނގެއެވެ. އެނގެނީ އޭރުވެސް މިހާރުވެސް އައްފާނަށް އޭނާ އިހުތިރާމްކުރާކަމެވެ. އައްފާނަށް އޭނާގެ ހިތުން ހާއްސަ ގަދަރެއް ދެވިފައިވާކަމެވެ.

"ވަކި މީހަކު އަންނަންދެންތަ ތި އިންނަނީ؟ އެހެންވެތާ އަހަރެން ކަން އިނގުމުން ސިއްސައިގެން ދާނީ"

ކުރެވުނީ ރަނގަޅު ސަމާސާއެއް ނޫންކަން އައްފާނަށް އެނގުނީ ޒާރާގެ މޫނު މައްޗަށް ވެރިވި ކުލަވަރު ފެނިފައެވެ. އިށީނދެގެން އިން ގާގަނޑުން އެއްކައިރިއަކަށް ޒާރާ ޖެހިލިއެވެ. އިށީންނަން އައްފާނަށް ތަންދެއްކީކަން އެނގުމުން ކިރިޔާ ބުޑުޖައްސާލައިގެން އައްފާން އިށީނެވެ.

"އައްޔަ އަދިވެސް ސަންރައިޒް ބަލަންތަ؟" ޒާރާ އެހިއެވެ.

"މާލޭގައި އުޅޭއިރު ވަރަށް މަދުން ދެވެނީ. ޒާ އަދިވެސް އަންނަން ދޯ" އައްފާން ބުންޏެވެ.

"އާނ. އަހަރެން ބަދަލެއްނުވޭ. ބަދަލުވި ތަންކޮޅަކީ މީގެކުރިން މިތަނަށް އަންނަނީ އަހަރެން އެކަންޏެއްނޫން. އަހަރެން ހިތްއުފާކޮށްދޭން ފިރިއެއްގެ މަގާމުގައި އޭރު ހުރި މީހަކުވެސް އައި. އަނެއްކޮޅުން ފަހު ދެމަހުގަ އެކުގައި ދަރިފުޅުވެސް ގޮވައިގެން އައީ. ހުރިހާކަމެއް ބަދަލުވެއްޖެ. އަހަރެންގެ ނަސީބު މުޅީން ބަދަލުވެއްޖެ" ކުއްލިއަކަށް ޒާރާ މާގިނައިން ވާހަކަދައްކައިފިއެވެ. އައްފާންގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ. ޒާރާ އާ ހަމަޖެހިގެން ވާހަކަދައްކާލެވިދާނެކަން އޭނާއަށް އެނގުނެވެ. އަރަމުން އަންނަ އިރަށް އޭނާގެ ނަޒަރު ހުއްޓިފައި ހުއްޓަސް ޒާރާ ދެއްކި ވާހަކަތައްވެސް އޭނާއަށް އަޑުއިވުނެވެ. ޒާރާ އެދެއްކީ ކޮންބައެއްގެ ވާހަކަކަންވެސް އޭނާއަށް އެނގުނެވެ. ފައްވާޒްގެ ވާހަކަދައްކައިގެން އިތުރަށް ޒާރާގެ ހިތަށް އަނިޔާދޭން ބޭނުންނުވާތީ އައްފާން ވާހަކައެއް ނުފަށާ އިނެވެ. ފައްވާޒްގެ ވާހަކަދައްކައިގެން އޭނާގެ އަނގައިން ޒާރާގެ ހިތަށް އަނިޔާދޭނީ ކިހިނެއް ހެއްޔެވެ؟

"ފަވާ... އޭނަ ވަރަށް އުފަލުން ދޯ އުޅެނީ. މެރީކޮށްފިތަ މިހާރު"

އައްފާން ޒާރާއަށް ބަލައިލިއެވެ. ފައްވާޒްގެ ވާހަކަދައްކަން އޭނާ ބޭނުންނުވިޔަސް ޒާރާ އިނީ އެވާހަކަތއް ހުއްޓާކަށް ނޫނެވެ. އައްފާންގެ ކައިރިން ފައްވާޒްގެ ވާހަކަތައް އަހަން ބޭނުންވެފައި އިންކަން އައްފާނަށް އެނގުނެވެ.

"ތިހުރިހާކަމެއް ބަލައިގެން ޒާ އަށް ވަނީ ކޮން ފައިދާއެއް. ކީއްވެ އަމިއްލަ ހިތަށް އަމިއްލައަށް އަނިޔާދޭން ތިއުޅެނީ." އައްފާން ބުންޏެވެ.

"ބަލާކަށް ބޭނުމެއްނޫން. އެކަމަކު ނޭނގެ ކީއްވެކަމެއް. އަހަރެންނަށް ވާގޮތެއް ނޭނގޭ. ފަވާ ކުރާ ކަމެއް އުޅޭގޮތެއް ބަލަން އަހަރެން ހިތްއެދޭ. ވަރަށް ހަނދާންވޭ. އަހަރެން ދޫކޮށްފަ ދިޔަ ދެމީހުންނަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި. އައްޔާ. އަހަރެން ދެން ދުވަހަކުވެސް ފުރިހަމައެއް ނުވާނެ. އަހަރެން ފަވާއަށް ނުކޮށްދެނީ ކޮންކަމެއް؟ ފަވާގެ ހުރިހާކަމެއް އަހަރެންނަށް ފަޅާއެރުމުންވެސް ދެފައި މައްޗަށް ވެއްޓި އާދޭސްކުރިން. އަހަރެން އެދުނީ އެންމެ ކަމަކު. އެއީ ފަވާއަށް ކުރެވުނު ކަންތަކަށް ތައުބާވެފަ އަހަރެން ކައިރިއަށް އެނބުރި އަންނަން. އައްޔާ. ފަވާ އަހަރެން ބޭނުމެއްނުވި. ކުއްލިއަކަށް ފަވާ އަހަރެންދެކެ ފޫހިވާންޖެހުނު ސަބަބެއް ނޭނގޭ. އަހަރެން ކުށެއް ނުކުރަން. ދަރިފުޅަށްޓަކައިވެސް އޭނަ އަހަރެން ބޭނުމެއްނުވި. އަހަރެން ހިތުގައިޖައްސާ ރޮއްވާ އަނިޔާދީފަ އަހަރެންގެ މުޅިދިރިއުޅުން ހަލާކުކޮށްފަ އަހަރެންގެ މުޅި ހަމަޖެހުން ނަގާލާފަ ފަވާ ދިޔައީ. އިތުރަށް ދިރިއުޅޭނެ ހިތްވަރެއް އަހަރެންގެ ނެތް. އައްޔާ... އަހަރެން ވަރަށް ހިތްވަރުކޮށްފިން. އަހަރެންގެ ސަބަބުން މަންމައަށްވެސް ވަރަށް އަސަރުކޮށްފި. އެންމެ ކުރިމަތީގައި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ދައްކަން އަހަރެން ވަރަށް މަސައްކަތްކޮށްފިން. މަގުމައްޗަށް ނިކުންނައިރު އެންމެންނަށްވެސް ފެންނާނީ އަހަރެންގެ ހިނިތުންވުން. އެ ހިނިތުންވުން ފަހަތުގައިވާ ހިތްދަތިކަމާ ހިތާމަތައް، އަދި އެ ހިނިތުންވުން ގެނުވަން އަހަރެން ކުރާ މަސައްކަތް އެކަކަށްވެސް ނުފެންނާނެ. މިއަދު އަހަރެން މިހުރިހާ ވާހަކައެއް އައްޔައަށް މިކިޔައިދޭ ސަބަބެއްވެސް އަހަރެންނަކަށް ނޭނގޭ. އެނގެނީ އަހަރެންގެ ހިތަށް މިއަދު ވަރަށް ލުއިވާނެކަން"

ހިފެހެއްޓުމެއްނެތި ޒާރާގެ ދެކޯތާފަތްމަތިން ފައިބަމުންދާ ކަރުނަތަކަށް ބަލަހައްޓައިގެން އައްފާން އިނެވެ. އެ ކަރުނަތަކުން އައްފާނަށް އަސަރުތަކެއް ކޮށްފިއެވެ. ހިތުން ހުރިހާ ރުޅިއެއް ބޭލުނީ ފައްވާޒަށެވެ. ހިތުގެ ކަނަކުން އެ ރުޅިން ބައެއް ނުހާ އަށް ވެސް އޭލުނެވެ. މާހީ އަކީ ނުހާގެ އެކުވެރިޔަކަށް ވީތީއެވެ. އެހުރިހާކަމެއްގައި މާހީ އަށް ހިޔާލު ދީ އެއްބާރުލުން ދިން މީހަކީ ނުހާއަށް ވީތީއެވެ.

އިރުކޮޅަކުން ޒާރާ އިސްޖަހައިފިއެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލާފައި ހީލަން މަސައްކަތްކުރިއެވެ. ދާން ޒާރާ ކޮޅަށް ތެދުވިއެވެ.

"އިހަށް މަޑުކޮށްބަލަ" އައްފާން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟