ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 12

2

ނިއަމް ކޮޓަރިއަށް ވައްދާފައި ނުހާ ދިޔައީ ދިމްނާ އިޝާ ނަމާދަށް ހުއްޓައެވެ. އެނދުމަތީގައި ނިއަމް އާއެކު ނިއަމްގެ ޕިޖާމާ އާއި ރީތިވާ ސާމާނު ހުރުމުން އޭގެ މާނަ ދިމްނާއަށް އެނގުނެވެ. އައްފާނު ރަށުގައި ނެތިސް އެގޮތަށް ނިއަމް ދޫކޮށްލާފައި ނުދިޔުމަށް ނުހާއަށް އެންގުމަށް އެހާ އަވަހަށް ދިމްނާ ނިކުތްއިރު ނުހާ ރައްކާވެއްޖެއެވެ. ނިއަމްއަށް އަޅާލަން ދިމްނާއަށް މަޖުބޫރުވީއެވެ. އަނެއްކޮޅުން ނުހާގެ ދިރިއުޅުން ސަލާމަތްކުރަންވެސް ދިމްނާއަށް މަޖުބޫރެވެ. ނިއަމްއަށްޓަކައެވެ.

"ދިމް ހީކުރީތަ ނުހާގެ ދިރިއުޅުން ސަލާމަތްކުރާށޭ ކިޔާފަ ތިގޮތަށް ހަދާލާ ދޮގު ނުލިޔުއްވާނެ ކަމަށް. ކިތަންމެ ކުޑަޔަސް، ބޮޑަސް، އެ ދޮގަކަށް އަޒާބު ދެއްވާނީ އެއްވަރަކަށް"

"އެނގޭ އަހަރެންނަށް. ނުހާގެ ސަބަބުން އަހަރެން މޮޔަވެދާނެ" ދިމްނާ ބުންޏެވެ.

"ދިމް އެއްޗެއް ހީނުކުރައްޗޭ. އަހަރެންގެ އެކުވެރިއެއްގެ ކައިވެނި ވަރަށް ފަހުން ރޫޅިއްޖެ. އެ އަންހެންކުއްޖާވެސް ހަމަ ނުހާއާ އެއްފަދަ. ނުހާގެ ސިފަ ބަލައިލަން ކިތަންމެ ރީއްޗަސް އެ ހުންނަނީ ފިރިހެނުން ވަރަށް އަވަހަށް ފޫހިވާ ސިފައެއް. ފިރިމީހާއާ ދަރިފުޅުގެ ކަންކަން ނުހާއަށް ނުވަންޏާ ކީއްކުރަން ކައިވެނިކުރީ؟ ނިއަމްއަށް ކާންދެނީ މަންމަ. ފެންވަރުވައި ނިންދަވަނީ ދިމް. ނުވިތާކަށް އެކުއްޖާއަށް ގާތުންވެސް ނުދެވޭ. އައްފާން ކެތް ގަދައީ. އަހަރެން ހަމަ ހައިރާންވަން"

****

ތިން އެކުވެރިންނަށް ހާއްސަ ބައްދަލުވުމަކަށް ވިޔަސް ނަގަން ބޭނުންވި މަޖަލެއް ނުނެގުނެވެ. ޖުމާ އެއްގޮތަކަށް އަނގައިން ނުބުނެއެވެ. ފައްވާޒްގެ މަންމަ ކަންތައް ކުރި ގޮތް ހިތަށް އަރާފައި މާހީ އިނީ ފާޑަކަށެވެ. އައްފާން ދެކެ ހިތްހަމަނުޖެހިފައި އިންވަރުން ނުހާ ވެސް އިނީ ފާޑަކަށެވެ. ތިން އެކުވެރިންގެ މެދުގައި އޮތީ ހިމޭންކަމެކެވެ.

"ރިސޯޓަށް ދިޔައިއްޔާ އަހަރެންނަކީ އޭނާގެ އަންބެއް ނޫނޯ" ޖުމާ ބުންޏެވެ. ނުހާ އާއި މާހީގެ ނަޒަރު އެއްކޮށް ޖުމާއަށް ހުއްޓުނެވެ.

ޖުމާގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. ޖުމާގެ ފިރިމީހާ ނަބީލްއަކީ ހަރުދަނާ ވިސްނުންތަކެއްގެ ވެރިޔަކަށް ވާތީ ބައެއް ކަންތައްތަކުގައި ޖުމާ ހިފަހައްޓައެވެ. މިރޭ ޖުމާ އައިސް އިނީ ނަބީލްއާ ޒުވާބުކޮށް ވަރިކުރިޔަސް އެންމެ ރަނގަޅު ކަމުގައި ބުނެފައެވެ. ކައިވެންޏަށް އަދި އެންމެ ދެ މަހެވެ. ޖުމާއަށް ދިރިއުޅުމަށް ވުރެ މުހިންމުވީ އެކުވެރިންނާއި އުފަލާއި މަޖަލެވެ.

"އައްފާންވެސް ވަރަށް ފާޑަކަށް އުޅެނީ. ނަސީބެއް އޭނަ އަންނަންވާއިރަށް އަހަރެންނަށް ރިސޯޓް ދަތުރު ނިންމާލެވޭނެ" ލެމަނޭޑް ތަށިން އެތިފޮދެއް ދަމައިލަމުން ނުހާ ބުންޏެވެ.

"ނޫޅެން ފަވާ ގެންދާކަށްވެސް. ވަރަށް ފޫހިވެއްޖެ ފަވާ އަމާ ދެކެ. ހުވާ މި ބުނީ ރިސޯޓުން އައިސް ނޫނީ މެސެޖެއްހާ ހިސާބެއްވެސް ނުކުރާނަން. ތަޅުވާލާނަން" މާހީ ބުންޏެވެ.

"އޭ އަނެއްކާ ތިހެން އުޅެނިކޮށް އެ ލޮރީ މޫނުމަތި ކައިރިއަށް ފަވާ ހިނގައިދާނެ" ނުހާ ބުންޏެވެ.

"ނުދާނެ. މުގުރިހަ ކަމުނުދިޔައިމައޭ ބިރިޔާނީ ކާން އައީ. އަހަރެން ދޫކޮށްފަ ނުދާވަރު ކޮށްފަ ހުންނާނީ. އަހަރެންގެ މުޅި ހަށިގަނޑު ފަވާ ބޭނުންގޮތެއް ހަދަން ދީފަ ހުންނާނީ. ފަވާ އެ ހުންނަނީ އަހަރެންނާ ހެދި މޮޔަވެފަ" މާހީގެ އަޑޔުގައިވީ ބޮޑާކަމެވެ.

****

ޖޯލީގައި އިން އައްފާނަށް ފެންތަށި ދިއްކޮށްލާފައި ޖެހިގެން ހުރި ޖޯލީގައި ވަސީމާ އިށީނެވެ. އައްފާން އެ ތަނުގައި ފިކުރެއްގައި އޮތްތަން އޭނާއަށް ފެނުނެވެ. އޭނާއަށް ނޭނގުނީ އައްފާން ފިކުރުކުރަންވީ ސަބަބެކެވެ. ދިރިއުޅުމުގެ އެއްވެސް މައްސަލައެއް ނުޖެހޭ ވާހަކަ އައްފާން ބުންޏެވެ.

"ޒާރާއާ ދިމާނުވޭދޯ. ދައްތައަކަށް ހިއެއް ނުވޭ އަލީ އައިސްއުޅޭ ކަން ޒާރާއަށް އެނގޭހެނެއް" ވަސީމާ ބުންޏެވެ.

"މިހާ ދުވަހު ނުގުޅައި ހުރެފަ ގުޅާކަށް ނުކެރުނު. މާދަމާ ސްކޫލުން ބައްދަލުވާނެއްނު" އައްފާން ބުންޏެވެ.

ލަސްވުމުން ވަސީމާ ވަނީ ގޭތެރެއަށެވެ. ހަމަހިމޭންކަން ވެރިވެފައިވާ މަގުމަތީގައި އިންސާނަކަށް ހަމައެކަނި ހުރީ އައްފާނެވެ. އޭނާގެ އެއްވެސް ބިރެއް ނެތެވެ. ހިނގާލާފައި ގޮސް ހުއްޓުނީ އަތިރިމަތީ ގަސްތައް ކައިރީގައެވެ. ރޭގަނޑުގެ ރާނީގެ ހިލަމެއްވެސް ނެތެވެ. ޖެހެމުންދާ ތެތްފިނި ވައިރޯޅި ހަށިގަނޑުގައި ބީހީލާއިރު މީހާގެ ހަށިގަނޑުގައި ތުރުތުރު އަޅައިގަނެއެވެ. އައްފާން ހުރީ ލައިގެން ހުރި ޓްރެކްޝޫޓްގެ ދެ ޖީބަށް އަތްޖަހައިގެންނެވެ. ރޭގަނޑުގެ ކަނު އަނދިރިކަން ދުނިޔެ މައްޗަށް ވެރިވެފައި ވިޔަސް، ވިއްސާރަވާން އުޅޭކަމުގެ އަލާމާތްތައް ޖެހެމުންދާ ވައިރޯޅިންނާއި އުޑުމަތިން ތަރިއެއް ފެންނަން ނެތުމުން އައްފާނަށް އިހުސާސްވިއެވެ.

މާދަމާއަކީ ބޮޑު ދުވަހެކެވެ. ޒާރާ ފެންނާނީ ހާދަ ދުވަހަކަށްފަހުގައެވެ. އަނެއްކާ ޒާރާއަށް އައްފާން ވަކިކުރަން އެނގޭނެ ހެއްޔެވެ. ވާހަކަދައްކާނެ ހެއްޔެވެ. ކުރީގެ އެކުވެރިކަން ބާއްވާނެ ހެއްޔެވެ؟

"ޒާރާ، މާދަމާ ބައްދަލުވާނެ. އިންޝާﷲ" ހިތާހިތުން އައްފާން ބުންޏެވެ.

****

ދަންވަރު އެކެއް ޖެހިއިރު ވެހެން ފެށި ވާރޭ އަދި ކަނޑާނުލައެވެ. ސްކޫލުގައި ދެ ދުވަހުގެ ސެމިނާއެއް ކުރިއަށް ދާތީ ހަފުތާގެ ފުރަތަމަ ދެ ދުވަސް ސްކޫލު ބަންދެވެ. ސްކޫލު ކަންމައްޗަށް ސައިކަލް މަޑުކޮށްލިގޮތަށް ޒާރާ ފައިބައިފިއެވެ. ތަޅުދަނޑި ހިފައިގެން ދުވެފައި އައިސް ޒާރާ ހުއްޓުނީ ސްކޫލު ގޭޓުކުރިމަތީގައެވެ. ދަރިވަރުން ބަލައި އައިސް ތިބޭ ބެލެނިވެރިން މަޑުކޮށްލައިގެން ތިބެން ހާއްސަކޮށްފައިވާ އެ ތަންކޮޅު ހުންނަނީ ވާރޭ އާއި އަވީގެ އަސަރު ނުކުރާނެހެން ހިޔާކޮށްފައެވެ. އެތަނުގައި ޒާރާ މަޑުކޮށްލި ވަގުތު ފަހަތުން ދެތިން ޓީޗަރުން އައިސް ވަނެވެ.

"ހާދަ ވިއްސާރަވެއްޖެއޭ ދޯ" ސާމިޔާ ބުންޏެވެ.

ހީލާފައި ޒާރާ އުޅުނީ ލައިގެން ހުރި ވިލުނޫކުލައިގެ ވިއްސާރަ ކޯޓު ބާލާށެވެ. ލޮލުގައި އޮތް އައިނަށް ވެސް އޮތީ ފެނުގެ އަސަރުކޮށްފައެވެ. ދަބަސްތެރޭގައި އޮތް ފޯނު ނަގާފައި ޒާރާ ގަޑި ބަލައިލިއެވެ. އެންމެން ހާޒިރުވާން ބުނި ގަޑި ޖެހިއްޖެއެވެ. އަދިވެސް ޖަންނަތުގެ ހަބަރެއްނުވާތީ އިތުރަށް މަޑުކޮށްލަން ޒާރާ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ ޖަންނަތު ގުޅި ގަޑިއެވެ.

"ނާދެވިފަތަ؟" ޒާރާ ފޯނު ނެގުމާއެކު ޖަންނަތު ބުންޏެވެ.

"މަ މިހުރީ ސްކޫލުގަ. އަންހެނާ ކޮންތާކު؟" ޒާރާ އެހިއެވެ.

ޖަންނަތު އެތެރޭގައި ހުރިކަން އެނގުމުން ޒާރާ ދިޔައީ ހޯލާ ދިމާލަށެވެ. އެންމެން ހަމަވެފައި ތިއްބައި އެތެރެއަށް ވަންނަން ޖެހުމުން ޒާރާ ލަދުވެސްގަތެވެ. އެޑިޔުކޭޝަންގެ ފަރާތުން އައި މީހުންނާ މާލޭގެ ކޮލެޖުތަކުންނާ ސްކޫލުތަކުންވެސް މީހުން ބައިވެރިވާ ފުދޭ ވަރަކަށް ބޮޑު ސެމިނާއަކަށް ލަހުން ވަންނަން ޖެހުމުން ޒާރާއަށް އުނދަގޫވިއެވެ. އެތެރެއަށް ވަންނައިރަށް އެންމެންގެ ސަމާލުކަން ހުއްޓޭނެކަން ޔަގީނެވެ. ހަލުވި ހިނގުމެއްގައި ޒާރާ ގޮސް ހުއްޓުނީ ހޯލު ކުރިމަތީގައެވެ. ހޯލުތެރޭގައި މޭޒާއެކު ގޮނޑި ޖަހާފައި ހުރީ ވަށްބުރަށް ވާގޮތަށެވެ. ނަސީބަކުން ޒާރާއަށް ދިމާކުރެވުނީ އޭނާ އިންނަންޖެހޭ މޭޒާ ދިމާލަށް ކަނޑާފައި ހުރި ދޮރަށެވެ.

"އަދި ނުފަށައޭ"

ގޮނޑީގައި ޒާރާ އިށީނުމުން ޖަންނަތު ބުންޏެވެ. ހުދުކުލައިގެ ފޮތިގަނޑެއް އަޅާފައިވާ މޭޒުގެ މެދުގައި ކޮޅަށް ޖަހާފައިވާ ގަނޑު ޒާރާއަށް ފެނުނީ މާފަހުންނެވެ.

"ޓީމް ޒާރާ. ވަޓް؟؟"

"ޖަންނާގެ ކަމެއް. އެންމެންވެސް އެއްބައިވެގެން" ގްރޫޕުގައި އިން ޓީމު މެންބަރެއް ބުންޏެވެ.

ސަތޭކައާ ގާތްކުރާ އަދަދަކަށް މެންބަރުން ތިބި ތަނެއްގެ ޓީމް ލީޑަރެއްގެ ގޮތުގައި ޒާރާ ހަމަޖައްސާފައި ހުރުމުން ހިތް އަވަސްވާ ގޮތް ވިއެވެ. އެންމެންގެ މެދުގައި ގުރޫޕްގެ ފަރާތުން ވާހަކަދައްކަން ޖެހޭނީ އޭނާއެވެ. ދުވަސްތަކަކަށްފަހު މީހާ އަދި ރަނގަޅަށް ހަމަޔަކަށް ނޭޅެނީސް ގިނަ މީހުންތަކުގެ މެދުގައި އިންނަން ޖެހުމުން އުނދަގޫވިއެވެ. އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިފައި ނެތަސް، އޭނާއަށް އިހުސާސްވަނީ އެކަހަލަ ގޮތެކެވެ. ވާހަކަދައްކަން ހަނދާން ނެތިފައި ހުރި މީހަކު އެންމެންގެ މެދުގައި ހުރެ ވާހަކަދައްކާނީ ކިހިނެއް ހެއްޔެވެ؟

"އެނގޭތަ! އަހަރެމެންނަށް ނުވެސް އެނގެއެއްނު. ވަސިންތަ ނުވެސް ބުނެއެއްނު. ބަލައިބަ އޭނީ ކާކު؟" ޖަންނަތު ބުންޏެވެ.

ޖަންނަތު އިޝާރާތްކުރި ދިމާލަށް ޒާރާ ބަލައިލިއެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއި ކަޅު ނޫކުލައިގެ ފަޓްލޫނާއެކު ދަށަށް ޖަހައިގެން އިން ޒުވާނާ ޒާރާއަށް ބަލައިލީވެސް އެ ވަގުތުއެވެ. ޒާރާގެ ގްރޫޕަކީ ގްރޫޕް ނަންބަރު ނުވައެކެވެ. ދިހަވަނަ ގްރޫޕުގައި ސީދާ ޒާރާއާ ދިމާލަށް އޭނީ ޒާރާގެ އެކުވެރި އަލީ އެވެ. ޒާރާ ބަލައިލުމާއެކު އައްފާން ކުޑަކޮށް އަތުން ހަނާވެސް އަޅާލިއެވެ. ޒާރާއަށް ގަބޫލެއް ނުކުރެވުނެވެ. އައްޔަ އެތަނުގައި އިންނަންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ޖަންނަތަށް ޒާރާ ބަލައިލިއެވެ. ދެން ޒާރާ ބަލައިލީ އައްފާން އިން މޭޒު ކައިރީގައި ބަހައްޓާފައި ހުރި ބޯޑަށެވެ. އެ ގުރޫޕެއްގައި ހިމެނޭ ހުރިހާ މެންބަރުންގެ ފުރިހަމަ ނަން ބޯޑުގައި ލިޔެފައި ހުއްޓެވެ. ތިންވަނައަށް އިނީ 'އަލީ އައްފާން' ގެ ނަމެވެ. އެއީ ހަމަ ހަގީގަތުގައިވެސް ޒާރާގެ ޒަމާންވީ އެކުވެރި އައްޔަ ކަން ޒާރާއަށް އެނގުނީ އެ ހިސާބުންނެވެ.

"ކޮންއިރަކު އޭނަ އައީ؟" ޖަންނަތު ކައިރިން ޒާރާ އަހައިލިއެވެ.

"އަހަރެންވެސް މިތަނަށް އައި ފަހުން ފެނުނީ. ގޮވާލީމަ ބަލައިލީ. ރަނގަޅަށް ވާހަކަދައްކާލަން ވަގުތެއް ނުލިބުނު"

****

ކާން އިން އަސީލް ކައިރީގައި ކަޅުސައި ތަށި ބަހައްޓާފައި ފުން ނޭވައެއް ޖީޒާ ދޫކޮށްލިއެވެ. އޭނާ ވާހަކައެއް ނުފަށައި އިނީ އަސީލް ފޯނުން މީހަކާ ވާހަކަދައްކާތީ ފޯނު ކަނޑާލަންދެކަށެވެ. ފަހަކަށް އައިސް ޖީޒާގެ ވާހަކަތައް ހުންނަގޮތުން އަސީލްއަށް އުނދަގޫވެއެވެ. އެހެންނަމަވެސް މައެއްގެ ލޯބިދީގެން އަސީލް ބަލައިބޮޑުކުރީ ޖީޒާއަށް ވީތީ ބޮޑުދައިތައަށް އަސީލް އެއްޗެހި ބުނެ ނަހަދައެވެ.

"ރިސޯޓަށް ދާންތަ ތި އުޅެނީ؟" އަސީލް ފޯނު ބޭއްވުމުން ޖީޒާ އެހިއެވެ.

"އާނ ބޮޑުދައިތާ. ރިސޯޓުގަ ހުރެގެނެއްނު ހަރަދުކުރާނެ ލާރިއެއް ލިބޭނީ" އަސީލް ބުންޏެވެ.

"ތި އުޅެނީ ހަރަދުކުރާނެ ރުފިޔާ ނުލިބިގެނެއް ނޫން. ތި އުޅެނީ އެ ކާފަރު ދޮންކުއްޖާ ކައިރިއަށް ނުދެވިގެން"

އަސީލަށް ހެވުނެވެ. ޖީޒާ އެހާ ބޮޑު ލަގަބެއް އެ ދިނީ އަސީލް ހިތާވެގެން އުޅުނު ގެސްޓު އަންހެންކުއްޖާއަށެވެ. މުސްލިމެއް ނޫނެވެ. އެހެންނަމަވެސް ރިސޯޓް ކަހަލަ ތަންތަނުގައި އުޅޭއިރު ފޫހިފިލުވާލުމަށާއި ވަގުތީ އުފާ ހޯދުމަށް އެފަދަ ކިތަންމެ އަންހެންކުއްޖެއް އަސީލް ގެންގުޅެއެވެ. ގަދަކަމުން ރަށަށް ގެނެސްފައި ޒާރާއާ އަސީލް ތަތްކުރުވަން ޖީޒާ އުޅޭ ސަބަބެއް އަސީލަށް ނުވިސްނުނެވެ.

"އަހަރެންނަކަށް ހިއެއް ނުވޭ ޒާރާގެ ހިތް އަހަރެންނަށް ހޯދިދާނެހެނެއް. ކުރީ ދުވަހު ގޮވާލީމަވެސް ހީވީ ބިރެއް ފެނުނުހެން. އަހަރެން ނުދެކެން އެހާ ބާރަށް ހިނގާ އަންހެންކުއްޖެއް"

ޖީޒާ މޫނު ހަދާލިއެވެ. ހިމްނާގެ އާއިލާގެ މީހެއްގެ ނަން އެހެން މީހަކު ކިޔާ އަޑު އިވުނަސް އޭނާގެ ލޭ ހޫނުވެއެވެ. އޭނާއަކީ މޫނުމަތިން ހިތްހެޔޮ ހިމްނާއަށް ހެޔޮއެދޭ ރައްޓެއްސެކެވެ. އެކަމަކު ހިމްނާއަށްޓަކައި އޭނާގެ ހިތުގައި އަނދަމުންދަނީ ގިނި އަލިފާނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޭނާ އާއި ހިމްނާއަކީ ކުޑައިރުގެ ދެ އެކުވެރިންނެވެ. ކިޔަވާ ގޯތިން ދެ އެކުވެރިން ހަތިމު އެއްކޮށް ހިތުދަސްކުރީވެސް ދާދި އެކުއެކީގައެވެ. އެކަމަކު އެދުރުދައިތަގެ ބޮޑު ހަދިޔާ ލިބުނީ ހިމްނާއަށެވެ. ސަބަބަކީ ހިމްނާގެ ހަތިމު ކިޔަވާލިއިރު ކުށެއް ނުޖެހުމެވެ. ޖީޒާއަށް ލިބުނީ ދެވަނައެވެ. އެއީ ޖީޒާ އެއް ކުށް ޖެހުމުންނެވެ. ދެ މީހުން ބޮޑުވަމުން އައިއިރު ޒުވާން ޖީޒާގެ ހިތް ކިއީ މުދިންގޯތި ހާޝިމެވެ. ލޯބި ހުށަހަޅަން ހާޝިމް ކައިރިއަށް ޖީޒާ ދިޔަ ދުވަސް އެއީ ހާޝިމްގެ ކައިވެނި ހިމްނާއަށް ހުށަހެޅި ދުވަހެވެ. ހިމްނާއަށްޓަކައި ޖީޒާގެ އިހުސާސްތައް ބަދަލުވަމުން އައި ދުވަސްވަރަކީ އެއީއެވެ. އެއްވެސް މީހަކަށް ނޭނގުނަސް ހިމްނާ އާއި ހާޝިމް އިނދެގެން ދެ ދަރީން ލިބުނު ފަހުން ބެއްޔާއެއް މެދުވެރިކޮށް ހާޝިމަށް ބިލެއްގަނޑެއް ކާންދިނީ ޖީޒާއެވެ. އެއީ ދެމަފިރިން ދުރުކުރުމުގެ މަގުސަދުގައި ކުރި ކަމެކެވެ. އެހެންނަމަވެސް ކުއްލިއަކަށް ބަލިވެފައި ހާޝިމް ދުނިޔެ ދޫކުރިއެވެ. އެއީ ސިހުރުގެ ސަބަބުން ކަމެއް ނުވަތަ ގުދުރަތީގޮތުން ކަމެއް ބުނާކަށް ނޭނގެއެވެ. އަނެއްކޮޅުން ޖީޒާއަށް ވުރެ ކުރިން ހިމްނާ ފިހާރައެއް ހުޅުވުން ޖީޒާއަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ. އެތައް ގޮތަކުން ހިމްނާގެ ވިޔަފާރި ވައްޓާލަންވެސް ޖީޒާ މަސައްކަތް ކުރިއެވެ. އަދި އޭނާއަށް އެކަން ކާމިޔާބެއް ނުވެއެވެ. މިހާރު އޭނާ މަސައްކަތްކުރަނީ އަސީލް މެދުވެރިކޮށް ހިމްނާގެ ގެދޮރާއި ވިޔަފާރި ޖަހައިގަންނާށެވެ. އަދި އެ ގޭގައި އޭނާ ރަނިކަން ކުރާށެވެ. އަނެއްކާވެސް ޒާރާގެ ދިރިއުޅުން ބޮޑު ވަޅުގަނޑަކަށް ވައްޓާލާށެވެ. މުޅިންވެސް ހިމްނާއަށް ދޭން އޭނާ ބޭނުންވާ ދެރައެވެ.

****

މެންދުރު ނަމާދަށް ސެޝަންތައް މެދުކަނޑާލި ވަގުތެވެ. ވާރޭވެސް ހުއްޓާލައިފިއެވެ. އެހެންނަމަވެސް ދުނިޔެ އަދިވެސް އޮތީ ކަޅުކޮށެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮށްސާލައިފާނެ ހެންނެވެ. ހުރިހާ މީހުންނަށް ކާން ތައްޔާރުކޮށްފައި އޮތީ އަމިއްލަ މީހަކު ހިންގާ ކެފޭއަކުންނެވެ.

"ގެއަށް ދޯ ދާނީ"

ފަހަތުން އައިސް ހުއްޓުނު ޖަންނަތު ބުންޏެވެ.

ދެ އެކުވެރީން ހިނގައިގަތް ތަނާ ފަހަތުން ދުވެފައި އައި އައްފާން ދެ ކުދީންނާ ހަމަކޮށްފިއެވެ. ޖަންނަތަށް ވުރެ ކުރިން އައްފާނަށް ބަލައިލެވުނީ ޒާރާއާ ދިމާލަށެވެ. އެހެންނަމަވެސް ހަމަ ފަޅިސިކުންތަކަށެވެ. ޒާރާގެ މޫނު އަރިމަތިން ފެނުނު ހިނދުވެސް އޭނާގެ ހިތަށް އެތައް އަސަރެއްކޮށްފިއެވެ. މީގެ އެތައް އަހަރެއް ކުރިން އޭނާއަށް ފެނުނު ޒާރާއާ މިހާރު ފެންނަން ހުރި ޒާރާ ހާސްބައި ތަފާތެވެ.

"ގެއަށް ދާކަށް ހިއެއް ނުވޭ ވަގުތު ލިބޭނެހެނެއް. ހިނގާ ކެފޭއަށް އަރަން. އަހަރެންގެ ޓްރީޓެއް"

އައްފާން ވާހަކަދެއްކީ ޖަންނަތަށް ބަލަމުންނެވެ. ޒާރާއާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން އައްފާނަށް އުނދަގުލެވެ. ދެ އެކުވެރީންގެ މެދުގައި އޮތީ ބީރައްޓެހިކަމެވެ. ޒާރާއަށް އައްފާން ބަލައިލަނީވެސް ޒާރާ ނުބަލާ ހުންނަ ވަގުތެއްގައެވެ.

"ޒާރާ ގެއަށޯ ދާނީ" ޖަންނަތު ބުންޏެވެ. އައްފާން ޒާރާއަށް ބަލައިލިއެވެ. އެވަގުތު އެއީ ޒާރާވެސް ބަލައިލި ވަގުތެވެ. އައްފާނަށް ހިނިތުންވުމެއް ދިނުން ނޫން ކަމެއް ޒާރާއަށް ނުކުރެވުނެވެ. އެހެންނަމަވެސް ޒާރާގެ ތުންފަތަށްވެރިވި އެ މާނައެއް ނެތް ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ވޭނާއި ހިތްދަތިކަން އައްފާނަށް އިހުސާސްވިއެވެ.

"ގެއަށް ގޮސްގެން އަންނަން އުޅެންޏާ ލަނޑެއް ލިބިދާނެ. އަހަރެންނަށްވެސް ކާން ދައްތަ ގުޅައިފި. އަހަރެން ބުނެފިން ޖަންނައާ ޒާރާ އާއެކު އަހަރެން މިކޮޅުން ކާނަމޭ"

ޖަންނަތު ބަލައިލީ ޒާރާއަށެވެ. ކާން ދާން ޒާރާ ރުހޭތޯއެވެ. ޖަންނަތު އެކަނި ހުރިނަމަ ޒާރާ ދިޔައީހެވެ. ޒާރާ ނުދާން އުޅެނީ އައްފާން ހުރުމުންކަން ޖަންނަތަށް އެނގުނެވެ.

"ދެން ހިނގާ ދޯ. މާގިނަ ވަގުތެއްވެސް ނެތް. މެންދުރު ނަމާދުވެސް ކުރާނެ ވަގުތު ބޭނުންވާނެއްނު"

އެންމެފަހުން ޒާރާ އެއްބަސްވިއެވެ. އޭނާ ހިމްނާއަށް ގުޅާފައި ގެއަށް ކާން ނުދާ ވާހަކަވެސް ބުންޏެވެ. ޖަންނަތާ އައްފާނާއެކު ތަނަކަށް ކާންދާ ވާހަކަ ބުންޏެވެ. ތައްޓަށް ކާއެއްޗެހި އަޅައިގެން އައިސް ތިން ކުދީން އިށީނީ އެއް މޭޒުގައެވެ. ޒާރާ މާގިނަ ވާހަކަނުދައްކައެވެ. ބައެއްފަހަރު ޖަންނަތު ދޫކޮށްލާ ސުވާލަކަށް ޖަވާބުދެއެވެ. ޖެހިގެން އައްފާން އިނުމުން ޒާރާއަށް އުނދަގޫތަކެއް އެބަވެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ޒާރާއަށް އަމިއްލަ ނަފްސު ކުށްވެރި އެބަކުރެވެއެވެ.

"ވަސިންތަ ނުވެސްބުނޭ އައްޔަ އަންނަ ވާހަކައެއް" ޖަންނަތު ބުންޏެވެ.

"ތި ވާނީ ދައްތަ ހަނދާން ނެތުނީކަމަށް" އައްފާން ބުންޏެވެ.

ކެއުމުގެ ތެރޭގައި އިނދެފައިވެސް ޒާރާ ހިތަށް އެރިއެވެ. ފައްވާޒްގެ ހަބަރު އައްފާނަށް އެނގޭނެއެވެ. ފައްވާޒްގެ ހާލު އަހާލަންވީ ހެއްޔެވެ؟ ކުރެވުނު ކަންތަކާ ކުޑަކޮށްވެސް ފައްވާޒް ދެރަވޭތޯ އަހަންވީ ހެއްޔެވެ؟ އެންމެ ފަހަރަކު ނަމަވެސް ހާލު އަހާލިތޯ އަހަންވީ ހެއްޔެވެ؟

"ކިހިނެއްވެގެން ޒާރާ ތި އުޅެނީ؟ ތި ހުރިހާކަމެއް ހިތުގައި ބަހައްޓައިގެން އުޅެންޏާ ހިތްވަރާއެކު ކުރިއަށް ތި އެޅި ދެތިން ފިޔަވަޅު އަނެއްކާ ފަހަތަށް އަޅަންޖެހިދާނެ" ޒާރާގެ ސުވާލުތަކަށް ޖަވާބުދިނީ އޭނާގެ ޒަމީރެވެ.

"ބައެއް ކުދިން ހާދަ ބަސްމަދޭ" އައްފާން ބުންޏެވެ.

ޒާރާއަށް އައްފާން ކަޅިއެއް އެއްލިއެވެ. އަނގައަށް ލި ބަތްކޮޅާއެކު ޒާރާގެ ދެ ތުންފަތް ދެފަރާތަށް ދެމިލިތަން ފެނުމުން އައްފާނަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ. އެއީ ޒާރާގެ ހަމަ އެ ހިނިތުންވުމެވެ. ހިތުގެ ކަނެއްގައި ފޮރުވާފައިވާ އިހުސާސެއް ހޭލަން އުޅުނު ކަހަލަ އިހުސާސެއް އައްފާނަށް ކުރެވެން އުޅުނެވެ. އަވަސް އަވަހަށް އައްފާން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އޭރާ މިހާރުގެ ތަފާތު އަމިއްލަ ހިތަށް އޭނާ ވިސްނައިދިނެވެ. އެންމެ ބޮޑު ތަފާތަކީ އޭނާއަކީ މީހެއްގެ ފިރިއެއްކަމާއި ކުޑަ ދަރިއެއްގެ ބަފައެއް ކަމެވެ. އަދި ނުހާ ދެކެ އިންތިހާއަށް އޭނާ ލޯބިވާކަމެވެ.

"އަހަރެން ދޯ. އަހަރެން ކީކޭ ބުނާނީ. އަހަރެން ދައްކާނެ މާގިނަ ވާހަކައެއް މިހާރަކު ނޯވޭ" ޒާރާ ބުންޏެވެ. އިސްޖަހާލަމުން ޒާރާ ބުންޏެވެ. ރިހުން އެކުލެވިގެންވި ޖުމުލައެކެވެ. އެ ޖުމުލައިގެ އަސަރު ޖަންނަތާއި އައްފާނަށް ކުރުވިއެވެ.

ހިތްހަމަޖެހޭވަރަށް ޒާރާއަށް ބަލަން އައްފާންގެ ހިތް އެދެއެވެ. އެހެންނަމަވެސް ޒާރާ ލޮލަށް ފެނުނުފަހުން އަދިވެސް އައްފާން އެ އުޅެނީ ޒާރާއަށް ބަލައިލަން ނުކެރިގެންނެވެ. ޒާރާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނި އޭނާ ދެރަވާތީއެވެ. ފައްވާޒް ނިއުޅައިގަތީ ހަމައެކަނި ޒާރާގެ ދިރިއުޅުމެއް ނޫނެވެ. ޒާރާގެ އުފާވެރިކަމާއި ހިތްހަމަޖެހުމާ ނިދުމާ ހުރިހާ އެއްޗެކެވެ. ޒާރާ އަތުން ސަލާމަތްވި ހަމަ އެކައްޗެއްވެސް ނެތެވެ. އެ ފަކީރު އެވަނީ ދިރިއުޅުން ސުމަކުން ފަށަން ޖެހިފައެވެ. އައްފާން ޒާރާއަށް ހަމްދަރުދީވިއެވެ. ކޮޅަށް ހުއްޓަސް އެ ހަށިގަނޑުގައި ދިރުމެއް ނެތެވެ. މީހާގެ ސިފަ ވަނީ ނެތިގޮސްފައެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް ދެރައެއް ދެވޭނީ މިހާ ކަންހާވަރަށެވެ. އައްފާންގެ ހިތުގައި ފައްވާޒަށް ރުޅިވެރިކަން އުފެދުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟