ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 11

2

ވަސީމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އައްފާންގެ ބުރަކަށީގައި ލޯތްބާއި އޯގާތެރިކަމާއެކު ފިރުމާލިއެވެ.

"ދައްތަ ރަނގަޅުތަ؟"

ވަސީމާގެ ވަށައިގެން ދެތިން އެކުވެރިން ތިބީ ގިނަދުވަސްތަކަކަށްފަހު ދޮށީ ދަރިފުޅު ރަށަށް އަންނަ ވާހަކަ ބުނުމުން އެސޮރު ހަމަ ލޮލުން ދެކިލަން އައިހެވެ. އެ ހުރިހާ މީހުންނަށް އައްފާން ހިތްހެޔޮކަމާއެކު ހިނިތުންވުމެއް ދިނެވެ.

"ދައްތަ ރަނގަޅުތަ؟" އައްފާން ބުންޏެވެ.

ވަސީމާ ބޯޖަހާލިއެވެ. އައްފާނަކީ ވަސީމާގެ ދޮންދަރިއެކެވެ. އެހެންނަމަވެސް ދުވަހަކުވެސް އައްފާނަށް އެކަން އިހުސާސްކޮށްދީފައެއް ނުވެއެވެ. ވަސީމާ އަބަދުވެސް ދެކެނީ އައްފާނަކީ އޭނާގެ ދޮށީ ދަރިފުޅު ކަމުގައެވެ. ވަސީމާއަށް ދައްތަގެ ނަމުން މުހާތަބު ކުރި ނަމަވެސް އައްފާނުވެސް ދެކެނީ ވަސީމާއަކީ އޭނާގެ އުފަން މައިމީހާގެ ގޮތުގައެވެ. ދޮންމަންމައާއި އެއްބަފާ ދެ ކޮއްކޮ އަކީ އައްފާންގެ މުޅި ދުނިޔެއެވެ. އެތައް ދުވަހަކަށްފަހު އަމިއްލަ ވަޒަނަށް އައިސް އާއިލާއާ ބައްދަލުވުމުން އައްފާންގެ ހިތަށް ވެރިވެފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

ރަށުން ކިޔެވޭނެ އެންމެ މައްޗަށް ކިޔަވައިގެން މާލެއަށް އިތުރަށް ކިޔެވުމަށް އައްފާން ބަދަލުވީ ވަސީމާ އެކަމަށް ހަރަދުކޮށްގެންނެވެ. ދަރީންގެ ބައްޕަ މުހައްމަދަކީ އެތައް ޒަމާނަކުން ފެށިގެން ނުކުޅެދޭ މީހަކަށްވުމުން ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް ނެގީ ވަސީމާއެވެ. އަދި އެ ބަލީގައި މުހައްމަދު ނިޔާވެގެން ދިޔުމަށްފަހުވެސް އައްފާންގެ މައްޗަށް އޭނާގެ ހިތުގައި އޮތް ލޯބި ފަނޑެއް ނުވިއެވެ. ވަސީމާގެ ލޯތްބާއި އަޅާލުން އައްފާން ބަލައިގަތީ ނުހަނު ލޯބިންނެވެ. ކައިވެންޏެއްކޮށް އަނބިމީހާގެ އާއިލާއާ އެކު ދިރިއުޅުނު ކަމުގައި ވިޔަސް ރަށުގައި ތިބި އާއިލާ މަތިން އައްފާން ހަނދާންނައްތައެއް ނުލައެވެ. އޭނާގެ މުސާރައިން ވަސީމާއަށާއި އެއްބަފާ ކޮއްކޮމެންނަށް ހައްގުވާ ބައި ބަރާބަރަށް އޭނާ ދެއެވެ. ކޮންމެ މަހަކު ވަސީމާއަށް ފައިސާ ފޮނުވައެވެ. ބަރާބަރަށް ގުޅައި ހާލު ބަލައެވެ. ކޮއްކޮމެންނަށް ދަތިވާ ކަންތައްތައް ބަލައި އޮޅުންފިލުވައެވެ.

"ހިނގާ ގެއާ ދިމާލަށް ދަމާ" ވަސީމާ ބުންޏެވެ.

ހަތަރުމައިން ގެއާ ދިމާލަށް ހިނގައިގަތެވެ. ދަންނަ މީހަކު ފެނިއްޖެނަމަ އެމީހަކަށް ކުރިން ސަލާން ގޮވައި ވާހަކަދައްކަނީ އައްފާނެވެ.

"ވަރަށް ބަނޑުހައިވެސްވެއްޖެ" އައްފާން ބުންޏެވެ.

ދެ އަތުން ދެ ކޮއްކޮގެ އަތުގައި ހިފައިގެން ކުރީގައި ހުރެ އައްފާން ހިނގާފައި ދިޔަ އިރު، ފަހަތުގައި ހުރެ އައްފާން ހުލްގު ހެޔޮކަމާ އަހުލާގު ރަނގަޅުކަމަށް ވަސީމާ ތައުރީފުކުރަމުން ދިޔައެވެ. ވަސީމާ ހިތަށް އެރިއެވެ. އާނއެކެވެ. އެއީ އަހަރެންގެ ދަރިފުޅެވެ. ދޮށީ ދަރިފުޅެވެ. އަހަރެންގެ ދެ ލޮލުގެ ނޫރެވެ. ދިރިއުޅުމުގެ އެންމެ ބޮޑު އުންމީދެވެ. އެއީ ހަރުދަނާ ޒުވާނެކެވެ. ޒިންމާދާރު ފިރިއެކެވެ. އަދި އެ ހިތެއްގައި އަނެކާއާ މެދު އިންތިހާ ދަރަޖައިގެ ކުލުނާއި ލޯބިން ފުރާލާފައިވާ އޯގާތެރި ބަފައެކެވެ. އޯގާތެރި ބޭބެއެކެވެ. މަޑުމައިތިރިއެވެ. ސިފަ އެންމެ އެއްގޮތީ އޭނާގެ ބައްޕަ އާއެވެ. އިސްކޮޅުން ދިގެވެ. ބާމަތި ފުޅަލެވެ. ލައިގެން ހުރި މަޑު ދަނބު ކުލައިގެ އަތްދިގު ގަމީހުގެ އަތްކުރި އުޅަނބޮށިން މައްޗަށް ހިއްލާލާފައި ހުރިއިރު ދެ އަތުގެ އުނޅަބޮށިން އަތްތިލައާ ހަމައަށް ފުފިފައިވާ ނާރުތައް އެ ހަށިގަނޑު ވަރުގަދަކަން ރަމްޒުކޮށްދެއެވެ. ޔަގީނުންވެސް އެ ޒުވާނާއަށް ނޫނެކޭ ބުނާނެ އެއްވެސް އަންހެނެއް ދުނިޔޭގައެއް ނުހުންނާނެއެވެ. ރީތި ގޮތަކަށް ކޮށާފައިވާ އިސްތަށިގަނޑާއި ގުޅިފައިވާ އުޖާލާ މޫނެކެވެ. ހަމުގެ ކުލަ އެންމެ ކަޅެއްވެސް އަދި ދޮނެއްވެސް ނޫނެވެ. ވަރުގަދަ ދެ ބުމައާއެކު ޗޮކްލެޓް ކުލައިގެ ކަޅިއެކެވެ. ކަޅުރަތްކުލައިގެ ތުންފަތުގެ މަތިން ފާޅުވާން ހުރި ތުނި މަތިމަހާ ގުޅިފައިވާ ތުނބުޅިއެކެވެ. ދަތްދޮޅީގެ އެއްފަރާތުގައި އިން ކަޅުކަން ގަދަ ބޮޑު ކަޅުތިލައެއް ހުއްޓެވެ. އައްފާނަށް ތައުރީފުކޮށްފައި ނުކުރާނެ ގޮތެއް ވަސީމާގެ ވިސްނުމަކަށް ނައެވެ. އައްފާންގެ ހިނގުން މަރުހޫމް ފިރިމީހާގެ ހިނގުމާ ވައްތަރުގޮތެއް ހުރުމުން ވަސީމާގެ ދެ ލޮލުން ކަރުނަ ނީރާލިއެވެ.

އައްފާން ފަހަތް ބަލައިލީ އޭނާ ބަނޑުހައިވެއްޖޭ ބުނި ބުނުމަށް ވަސީމާގެ ޖަވާބެއް ނައުމުންނެވެ.

"ދައްތަ ކޮން ވިސްނުމެއްގަތަ؟" އައްފާން ބުންޏެވެ. ވަސީމާ ހީލައިފިއެވެ.

"މިއަދު ހުންނާނެ ބިސްރިހަ ކައްކާފަ. ދައްތައަށް އެނގޭ އަދިވެސް އަލީއަށް މީރުވާނީ ބިސް ރިހަކަން"

ވަސީމާއަށް އައްފާން ހިނިތުންވުމެއް ދިނެވެ. ކުއްލިއަކަށް އޭނާ މަޑުޖެހުނެވެ. ކުރިމަތިން ހުރަސްކުރި އަންހެނަކު ފެނިގެންނެވެ. އެ އަންހެންމީހާ އޭނާއަށް ވައްތަރުވީ އޭނާގެ ހިތުގެ ވަރަށް ހާއްސަ ފަރާތަކާއެވެ.

"ދައްތާ! ޒާ އަށް އެނގޭތަ އަހަރެން ރަށަށް އަންނަކަން"

"ދައްތައެއް ނުބުނަން ޒާރާ ކައިރިއަކު. އެކަމަކު މިކްސަރު ހަލާކުވެގެން ހަވާދުކޮޅު ނުފުނޑިގެން އުޅެނިކޮށް ހިމްނާއާ ދިމާވެގެން އެހީމަ ބުނިން"

****

ސައިކަލުން ފައިބައިގެން ގޮސް މ. އޯކިޑުގޭ ކުރިމަތީގައި އަތު ގުޅުވާލައިގެން ތިބި ދެ ޒުވާނުން މަޑުކޮށްލިއެވެ. ދޮރާށިން އެތެރެއަށް ވަދެފައި އެޕާޓްމަންޓެއް ކައިރީގައި ޓަކި ޖެހުމުގެ ކުރިން ފައްވާޒް މަޑުކޮށްލިއެވެ. ލައިގެން ހުރި ޓޮޕްކޮޅު ދަށަށް ޖަހައިގެން ހުރި ބައި ދޫކޮށްލަން މާހީ ކައިރީގައި ފައްވާޒް ބުންޏެވެ. މާހީ ދެލޯ ބޮޑުކޮށްލުމުން އާދޭސްކުރާ ކަހަލަ އިޝާރާތެއް މާހީއާ ބަދަލުކޮށްލިއެވެ. ފައްވާޒްގެ އާއިލާއާ ބައްދަލުކުރުމަށް ގެއަށް މާހީ ގެނައި ފުރަތަމަ ފަހަރެވެ. އެތެއް ފަހަރަކު ޖޫލިޔާ ވަނީ އެ ގުޅުމަށް ނުރުހުން ފާޅުކޮށްފައެވެ. މާލޭގައި އުޅުނަސް އާއިލާ ދިރިއުޅޭ ގެއަށް ފައްވާޒް އެއްވެސް ކަމެއްގައި ނުވަންނަނީ އެކަމާ ޖޫލިޔާ ދެކެ ހިތްހަމަނުޖެހިގެންނެވެ. ފޯނުން ގުޅިޔަސް ޖޫލިޔާ ހެޔޮކޮށް ފައްވާޒާ ވާހަކައެއް ނުދައްކައެވެ. ޒާރާ ވަރިކުރީތީ ޖޫލިޔާ ހުރީ ފައްވާޒްގެ މޫނު ދެކެންވެސް ބޭނުންނުވެފައެވެ.

"އޯހް ގޯޑް.... އޯލްޑް ފެޝަން... ނަސީބެއް ފަވާގެ އަންހެންކޮއްކޮއެއް ނުހުންނަކަން"

ފައްވާޒް އަޅައެއް ނުލައެވެ. މާހީގެ އިޝާރާތެއް ނުވުމުން ދަށަށް ޖަހާފައި ހުރި ބައި ނެއްޓުވީ ފައްވާޒެވެ. މޫނު ހަދާލާފައިވެސް އަލުން އެ ބައި ދަށަށް ޖަހާކަށް މާހީ ނޫޅުނެވެ. އެކަމަކު މާހީ ހުރީ ހިތްހަމަޖެހިފައެއްވެސް ނޫނެވެ.

ގަސްއިންދާ ޕޮޓްތަކުގައި ފަސްގަނޑު އެއްވަރުކުރަން ހުރި ޖޫލިޔާއަށް ދޮރުގެ ބެލް އަޅާލި އަޑު އިވުނެވެ. ވަގުތުގެ ގޮތުން ދޮރު ހުޅުވަން ނުދެވޭނެތީ ސިޓިންގރޫމުގައި ފިލާވަޅު ހަދަން އިން 14 އަހަރުގެ ފިޒާލްއަށް ގޮވާލާފައި ދޮރުހުޅުވާށޭ ބުންޏެވެ.

"މަންމާ ދޮންބެ އައީ"

އަތަށް މަހާފައި އޮތް އަންގިގަނޑު ދަމައިގަނެފައި ފެންހޮޅިން ރީތިކޮށް ޖޫލިޔާ ދެ އަތް ސާފުކޮށްލިއެވެ. ފައްވާޒް ގެއަށް އައި ވާހަކަ ބުނުމުން ޖޫލިޔާ ހިތް އަވަސްވިއެވެ. ދޮށީ ދަރިފުޅު ނުދެކޭތާ އެތައް ދުވަހެއް ވެފައިވުމުން އޭނާ ހުރީ ފައްވާޒް ދެކިލާ ހިތްވެފައެވެ. މަޝްވަރާކޮށްލުމެއްވެސް ނެތި އަލަތު ކައިވެނި 14 އަހަރުފަހުން ރޫޅާލުމުން ފައްވާޒް ދެކެ ހިތްހަމަނުޖެހިފައި ޖޫލިޔާ ހުއްޓަސް އަބަދުވެސް ފައްވާޒަށް އޭނާގެ އަތުން ކައްކާފައި އޭނާގެ އަތުން ކާންދޭ ހިތްވެއެވެ. ފިޒާލްއަށް އެއްމަސް ވެސް ނުވަނީސް އާބިދު ނިޔާވެއްޖެއެވެ. ދެ ދަރީން ޖޫލިޔާ ގެންގުޅުނީ ބަފައެއްގެ ލޯބި އުނިނުކޮށެވެ. ޖޫލިޔާއަކީ ރާއްޖޭގެ މައި ހޮސްޕިޓަލުގެ ދުވަސްވީ ނަރުހަކަށްވުމުން ދިރިއުޅުން އިނދަނުޖެހޭނެހެން ހަރަދުތައް އޭނާއަށް ހިފަހައްޓާލެވެއެވެ. އޭނާއަށް މަދުވަނީ ހަމައެކަނި ފައްވާޒްގެ އެއްބާރުލުމެވެ. ދެރަވަނީ ފައްވާޒްގެ ދިރިއުޅުން އޭނާގެ ދެ އަތުން އަމިއްލައަށް ހަލާކުކޮށްލީތީއެވެ. ވިސްނައިދޭން މަސައްކަތް ކުރިޔަސް ފައްވާޒް އަޑެއް ނާހައެވެ.

"މަންމާ ކިހިނެއްތަ؟" ފިލާވަޅު ނިންމަން އިން ފިޒާލްގެ ބޮލުގައި ފިރުމާލާފައި ފައްވާޒް އިށީނީ ސޯފާގައެވެ.

"އަހަރެން މަރެއް ނުވޭ. މަރުވިނަމަ ޓީވީތަކުންނާ ރޭޑިޔޯތަކުން އެނގުނީހެއްނު" ޖޫލިޔާ ދިނީ ރުންކުރު ޖަވާބެކެވެ. ހަގީގަތުގައި ފައްވާޒް ފެނުމުން ޖޫލިޔާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ.

"ދޮންބެ ކީއްވެތަ މި ގެއަށް ނާންނަނީ؟ މަންމަ އަބަދު ދައްކާނެ ދޮންބެގެ ވާހަކަ" ފިޒާލް ބުންޏެވެ.

"ދޮންބެ ބޭނުމޭ އަންނަން. މަންމަ ބޭނުންނުވަނީ" އުނދުން ކައިރީގައި ހުރި ޖޫލިޔާއަށް ބަލައިލަމުން ފައްވާޒް ބުންޏެވެ.

ފިޒާލްއަށް މާގިނައިރު އަނގަތަޅަން އިންނާކަށް ވަގުތެއް ނުލިބުނެވެ. އޭނާ ޓިއުޝަނަށް ދާ ގަޑިޖެހޭކަން ޖޫލިޔާ ހަނދާންކޮށްދިނުމުން ފޮތްދަބަސް ހިފައިގެން ވަނީ ކޮޓަރިއަށެވެ. މޭޒުމައްޗަށް ކާން އަރުވަން ހުރި ޖޫލިޔާއަށް ބަލައިލާފައި ފައްވާޒް ދެން ބަލައިލީ އެއްކޮށް ނުލެއްޕި ހުރި ދޮރާ ދިމާލަށެވެ. ބޭރުގައި އަދިވެސް މާހީ ހުއްޓެވެ. ޖޫލިޔާ ނުރުހޭކަން އެނގޭތީ އޭނާ ހުރީ އެތެރެއަށް ވަންނަން ނުކެރިފައެވެ.

"ކާންވީނު. ރިހާކުރާ ބަތާ ތެތްލިފަތް. މޮޑެދެންތަ؟" ޖޫލިޔާ ބުންޏެވެ. ފައްވާޒަށް ހީވީ ވަގުތުން އަނގައިގައި ރަހަވެސް ހިފާލިހެންނެވެ. އެކަމަކުވެސް ވަގުތުގެ ގޮތުން ބަތްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މާހީ އެތަނުގައި ހުއްޓައި ހަމަޖެހިގެން އޭނާ ކާނީ ކިހިނެއް ހެއްޔެވެ؟

"މިއީ މީހުން ބަތްކާ ގަޑިއެއް ނޫނެއްނު. ހެދިކާ ގެންނަންވީނުން" ފައްވާޒް ބުންޏެވެ.

"ފިޒާލް ޓިއުޝަނަށް ލާފަ އަންނަމުން ހެދިކާ ގަނެވޭނީ. އެހާ އިރަށް ފައްވާޒެއް ނީންނާނަމެއްނު. ކޮފީ ހަދަންވީ ދޯ. މަންމައަށްވެސް ނެތް މާގިނައިރު ހުރެވޭކަށް. ފިޒާލް ތައްޔާރުވާންވާއިރަށް މަންމަވެސް ޖެހޭނެ ތައްޔާރުވާން"

ކޮފީތަށީގައި ހިފާފައި ވެސް އަނގަ ޖައްސާނުލައި ފައްވާޒް އިނެވެ. މާހީ ބޭރުގައި ހުންނަތާ ކިހާ އިރެއް ހެއްޔެވެ؟ މާހީ މިހާރު ހުންނާނީ ވަރަށް ރުޅިވެސް އައިސްފައެވެ.

"މަންމާ،" ކޮޓަރިއަށް ވަންނަން ދިޔަ ޖޫލިޔާއަށް ފައްވާޒް ގޮވާލިއެވެ. ޖޫލިޔާ ބަލައިލުމާއެކު ބޭރުގައި މާހީ ހުރި ވާހަކަ ފައްވާޒް ބުންޏެވެ. ހީކުރީ މާހީ ކައިރީގައި އެތެރެއަށް ވަންނަން ޖޫލިޔާ ބުނާނެ ކަމަށެވެ. އެހެންނަމަވެސް ޖޫލިޔާގެ ފަރާތުން މާބޮޑު ޝައުގުވެރިކަމެއް ނުލިބުނެވެ.

"މާހީ އާދޭ އެތެރެއަށް" ފައްވާޒް ގޮވާލިއެވެ.

މާހީއަށް އެތެރެއަށް ވަންނަން ނުކެރުނެވެ.

"ބުނަން ފައްވާޒް ވާހަކައެއް. ފައްވާޒާއެކު މި ގެއަށް އައި މީހަކު ވިއްޔާ ކޮންމެހެން އަހަރެން ގޮސް ވައްދާނެކަމަށް ހުންނާކަށްނުޖެހޭ. ހަމަ އައިސް ކިތަންމެ އިރަކު އިނަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު އެއްކަމެއް ހަނދާންކުރާތި. ފައްވާޒް ކުރަން ތި އުޅޭ ކައިވެންޏަށް އަހަރެންގެ ރުހުމެއް ދުވަހަކުވެސް ނުލިބޭނެ. ތަނަކުން ފެނުނު ކޫޑި އަންހެނަކަށްޓަކައި ތިމާގެ ހަލާލު އަނބިމީހާ މަތިން ހަނދާންނައްތާލައި ވަރިކޮށްލާފަ އައިސް އަހަރެންގެ ރުހުން ހޯދަން އުޅުނަސް އެވާނީ ބޭކާރު ކަމަކަށް" އެއްޗެއް ބުނަން ޖެހިއްޖިއްޔާ ޖޫލިޔާއަކީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާނެ މީހެއް ނޫނެވެ. އެމީހަކީ އޭނާ ނުރުހޭ މީހަކަށް ވެއްޖެނަމަ ކިޔާނެ އެއްޗެއްސާއެކު ދުލުގެ ހަރަކާތްވެސް އަވަސްވާނެއެވެ.

ފައްވާޒް ހިތްހަމަނުޖެހުނެވެ. މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި ފުންމައިގެން ތެދުވިއެވެ. މާހީއަށް ނިސްބަތްކޮށް ޖޫލިޔާ ބޭރުކުރި ބަސްތައް ބަލައިގަންނަން ފައްވާޒަށް ދަތިވިއެވެ. އެހެންނަމަވެސް ޖޫލިޔާއަށް އެ ވާހަކަތައް ގޮވައިނުގަތެވެ.

"އަހަރެން ޒާރާއާ އިންއިރުވެސް މަންމަ އެހާ ގަބޫލެއް ނޫން. އިނދެގެން ސާދަ އަހަރުވީ އިރުވެސް މަންމަ ގިނައިން ބުނަނީ މަންމަގެ ރުހުން ނެތި އަހަރެން ކުރި ކައިވެންޏެއް ކަމަށް. އެހެންވީމަ މިހާރު އަހަރެން ކައިވެނި ރުޅާލިޔޭ ކިޔާފަ މަންމައަށް އެއްޗެއް ކިޔެން ނޯންނާނެ" ފައްވާޒް ވާހަކަދެއްކިއެވެ.

"ޒާރާއާ ފައްވާޒް އިންނަން އަހަރެން ނުގަބޫލުވީ ހަމަ އެންމެ ސަބަބަކާ ހުރެ. އެއީ ޒާރާގެ ރަށުގައި ދިރިއުޅެން ފައްވާޒް ނިންމީމަ. އެކަމަކުވެސް ކައިވެންޏަށްފަހު އަހަރެން ދަރިއެއްގެ މަގާމު ޒާރާއަށް ދިނިން. އެއީ ފައްވާޒް އަނބިމހާއަށް ވީތީ އަހަރެންގެ ލޯބި ދިނިން. އިހުތިރާމުވެސް ކުރިން. އަހަރެންނަށް އެންމެ ފުރަތަމަ މާމަ ކިއީ ޒާރާގެ ބަނޑުން ވިހޭ ދަރިއެއް. ތި ކައިވެންޏަށް ސާދަ އަހަރުވިއިރު މައިދައިތައަކާ ޅީ ދަރިއަކާ ދެމެދު އޮންނަންޖެހޭ ގުޅުން އަހަރެންނާ ޒާރާއާ ދެމެދު އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފެދުނު. ތި އަންހެއްގެ އަވައިގައި ޖެހި ފައްވާޒް ގޯޅި އަޅައިގެން ދިޔައިރުވެސް ޒާރާ އަހަރެންނަށް ފޯނުން ގުޅައިގެން ވާހަކަދެއްކި. އަހަރެންނަށް އެނގޭ މީހެއްގެ ނަސޭހަތަކުން ފައްވާޒަށް އަސަރެއް ކުރާނެ ވަރަށްވުރެ ބޮޑަށް އެ އަންހެނާއަށް ލެނބިފައިކަން ހުރީ. ނަސީބު ދެރަކަމުން އަހަރެންގެ ޔޫކް ނިޔާވެގެން އެ ކުއްޖާފުޅުގެ މޫނު ބަލައިލަންވެސް އަހަރެންނަށް ނުދެވުނު. ޒާރާ ހާދަ ހިތާމައެއް ކުރާނެއޭ. ފައްވާޒް އަޅެ ހިތެއްވެސް ނެތްތަ؟ އަހަރެންނާ ދެކޮޅަށް ކިހާ ވާހަކައެއް ދެއްކިން ޒާރާއާ ނީނދެވިގެން؟ ކުއްލިއަކަށް ތިހާ ބަދަލެއް އައީ ކީއްވެ؟ އަހަރެން ބުނީތީވެސް ބަލަން ހުންނާތި. މީހަކަށް ދެރައެއްދީފަ ތިމާއަށް ވަކި އުފަލުގަ ނޫޅެވޭނެ. ދާދި އަވަހަށް ތިކުރި ނުބައި ކަންތަކުގެ ހިތި ފައްވާޒަށް ފެންނާނެ"

ފައްވާޒް އިތުރު ބަހެއް ނުކިޔައި ގެއިން ނުކުތެވެ. ބޭރުގައި މާހީ ނެތެވެ. ޖޫލިޔާ ދެއްކި ވާހަކަތައް އަހާފައި ހިތްހަމަނުޖެހިގެން ދިޔައީ ކަންނޭނގެއެވެ. މަގުމައްޗަށް ނުކުމެފައި މާހީގެ ފޯނަށް ފައްވާޒް ގުޅިއެވެ. އެހެންނަމަވެސް ޖަވާބެއްނައެވެ.

****

ރޭގަނޑު ކައިގެން އައްފާން ނުކުތީ ގެއާ ދިމާލުން އަތިރިމައްޗަށެވެ. އެތަނަކީ އޭނާގެ ހަނދާނާ ގުޅިފައިވާ އެތައް ކަމެއް ހިނގާފައިވާ ތަނެކެވެ. އެއީ ނުހާއާ ބައްދަލުވުމުގެ ކުރިން އޭނާގެ ދިރިއުޅުމެވެ. އެކުވެރިންނާއެކު ހޭދަކުރެވުނު ސަކަ އެތައް ކަމެއް ކުރެވުނު މާޒީއެވެ. އަންހެންކުއްޖަކާ މެދު އޭނާގެ ހިތުގައި ޝައުގުވެރިކަމެއްވެސް އުފެދުނީ އޭރުއެވެ. ކަންތައްތައް ދިމާވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. ސްކޫލު ދައުރުގައި ހިތުގައި އުފެދުނު ލޯބި އޭނާއަށް ކާމިޔާބުނުވިއެވެ. އެއީ ހަމައެކަނި ހިތުގައި އުފެދުނު ޝައުގުވެރިކަމެއްކަން އޭނާއަށް އެނގުނީ މަދުރަސީ ދައުރު ނިންމައި އިތުރަށް ކިޔެވުމަށް މާލެ ބަދަލުވެ ނުހާއާ ބައްދަލުވި ފަހުންނެވެ.

މޫދާ ހަމައަށް ދެވުމުން އައްފާން މަޑުޖެހުނެވެ. ރޭގަނޑުގެ އަނދިރަކަމުގެ ތެރެއަށް އަލިކަން ގެނެސްދީފައިވަނީ އުޑުމެދުގައި ހުރި ބުރުހަމަ ހަނދެވެ. ހިނދުކޮޅަކަށްފަހު މޫނުގައި އައިސް ބީހިލި ފިނިފިނި ވައިރޯޅީގެ ސަބަބުން އައްފާނަށް ދެލޯ މަރާލެވުނެވެ. ހަނދާނަށް އައީ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅެވެ. ހަނީމޫނަށް ދާން ނުހާ ބޭނުންވީ ރާއްޖެއިން ބޭރަށެވެ. އޭރު އައްފާން އަތުގައި ރައްކާކޮށްފައި ހުރި ފައިސާއިން ދެވޭވަރުވީ އެންމެ ކައިރި ލަންކާއަށެވެ. ލަންކާގެ ރިސޯޓެއްގައި ނުހާ ގޮވައިގެން އައްފާން ހޭދަކުރީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. ނުހާ މަތިން ހަނދާންވުމާއެކު ނިއަމްއަށް ގުޅައިނުލެވޭތާ އިރުތަކެއް ވެއްޖެކަން އައްފާން ހަނދާންވިއެވެ. އޭނާ އެއްގަމަށް އަރައިގެން ގޮސް އިށީނީ ގޭ ދޮރުކައިރީގައި މަގުމަތީގައި ހުރި ޖޯލިފަތީގައެވެ. ނުހާގެ ފޯނަށް ގުޅީ ދެނެވެ. ދެ ފަހަރު ނުހާގެ ފޯނަށް ގުޅައިގެންވެސް ޖަވާބެއް ނައެވެ. ދެން އައްފާން ގުޅީ ދިމްނާގެ ފޯނަށެވެ. ނަސީބަކުން ދިމްނާ ފޯނު ނެގިއެވެ.

"ނުހާއަށް ނުގުޅިގެން" އައްފާންގެ މަޑުމައިތިރި ރާގުގައި ބުންޏެވެ.

ދިމްނާ ޖަވާބުދޭން އިރުކޮޅެއް ނެގިއެވެ.

"ވަރަށް އަވަހަށް ކޮޓަރިއަށް ވަދެއްޖެ. ހީވަނީ ނިއަމް ނިންދަވަން އެނދަށް އެރިގޮތަށް ނިދިފަހެން"

އައްފާނަށް ގަބޫލުކުރަން ދަތިވިއެވެ. ނުހާއަކީ އެހާ އަވަހަށް ނިދާނެ މީހެއް ނޫނެވެ. އެހެންނަމަވެސް ދިމްނާ އެހެން ބުނީތީ އައްފާނަށް ގަބޫލުކުރުން ނޫންގޮތެއް ނެތެވެ.

****

"އެ ގުޅީ އައްފާން. ނުހާ ހޯދަން. ހަމަ ތެދެއް މިބުނީ ނުހާގެ ސަބަބުން މިހާރުވެސް އަހަރެން ނަރަކައިން ދުވަހަކުވެސް ސަލާމަތްނުވެވޭ ވަރަށް ދޮގު ހެދިއްޖެ"

ދިމްނާ އޮތީ އެނދުގައި ފިރިމީހާ ޒާކިފްގެ އަތުގެތެރޭގައެވެ. ކައިރީގައި ނިއަމް ނިދާފައި އޮތެވެ. ޒާކިފްއަށް މާލެ އާދެވެނީ މަހަކު އެއްފަހަރު އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒާކިފް ރަށުގައި ހުންނަ ރެއެއް ވިއްޔާ އެރޭ ދެމަފިރިން ހާއްސަކުރަނީ އާއިލާއަށެވެ. ދެ ދަރީންނާއެކު ދެމަފިރިންނަށް ބޭރަށް ނުދެވުނީ ނުހާގެ ސަބަބުންނެވެ. ނިއަމް ކޮޓަރިއަށް ވައްދާފައި ނުހާ ދިޔައީ ދިމްނާ އިޝާނަމާދަށް ހުއްޓައެވެ. އެނދުމަތީގައި ނިއަމް އާއެކު ނިއަމްގެ ޕިޖާމާ އާއި ރީތިވާ ސާމާނު ހުރުމުން އޭގެ މާނަ ދިމްނާއަށް އެނގުނެވެ. އައްފާނު ރަށުގައި ނެތިސް އެގޮތަށް ނިއަމް ދޫކޮށްލާފައި ނުދިޔުމަށް ނުހާއަށް އެންގުމަށް އެހާ އަވަހަށް ދިމްނާ ނުކުތްއިރު ނުހާ ރައްކާވެއްޖެއެވެ. ނިއަމްއަށް އަޅާލަން ދިމްނާއަށް މަޖުބޫރުވީއެވެ. އަނެއްކޮޅުން ނުހާގެ ދިރިއުޅުން ސަލާމަތްކުރަންވެސް ދިމްނާއަށް މަޖުބޫރެވެ. ނިއަމްއަށްޓަކައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟