ހިތްހަމަޖެހުމާއި އުފާވެރިކަމެއް ނެތް ހިމޭންކަމުގެ ކިއްލާއެއްގައި ފަތަމުންދާ އިންސާނެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ އެއް ވަސީލަތަކީ ޔަގީނުންވެސް ގުދުރަތީ މަންޒަރުތައްކަން ގައިމެވެ. އިރުއޮއްސޭ މަންޒަރު ބެލުމަށް ޒާރާ އައީ ޖަންނަތުވެސް ގޮވައިގެންނެވެ. އުފުލިފައިވާ ފަސްގަނޑުމަތީގައި ޒާރާ އިނެވެ. ޖަންނަތު އުޅުނީ ފޯނުން ފޮޓޯ ނެގުމުގައެވެ. އިރުއޮއްސުމުގެ ކުލަވަރު ދުނިޔެމަތިން ފާޅުވަމުން ދިޔައެވެ.
ކައިރީގައި އިށީންދެފައި ޒާރާގެ މޫނަށް ޖަންނަތު ބަލައިލިއެވެ. ޒާރާ މާ މަޑުން އިނުމުންނެވެ. އެންމެފަހުން ޒާރާގެ އަތުގައި ޖަންނަތު ކޮށްޓާލިއެވެ.
"ހިތަށް އަރަނީ އަހަރެމެން ނޫނަސް އުފާވެރިކަން ހޯދަން ހާދަ ބަޔަކު އުޅެއޭ" ޒާރާ ބުންޏެވެ.
"ބަލައިބަ އެ ކޮޅު"
ޖަންނަތު ބަލައިލިއެވެ. ތެދެކެވެ. އެ ސަރަހައްދުގެ އެކި ތަންތަންކޮޅުގައި މީހުން އެބަތިއްބެވެ. މަދުން ނަމަވެސް ޖޯޑު ޖޯޑަށްވެސް ތިއްބެވެ. ގިނައީ ރަށުތެރޭގައި އުޅޭ ގެސްޓުންނެވެ.
"މިއަދު އެހާ ކްލިއާއެއް ނޫން. ވެދާނެ ވިއްސާރަ ވިލާތައް ބޯވީމަ ކަމަށްވެސް. އެކަމަކު އެވަރުވެސް ފުދޭ" ޒާރާ ބުންޏެވެ.
މާގިނައިރެއް ނުވެ ދެ ކުދީން އެއްގަމަށް އަރަން ހިނގައިގަނެއްޖެއެވެ. ބޮޑުމަގަށް އެޅުމުން ޖަންނަތު މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާލަށް ދިއުމަށެވެ. ދެ ކުދީން ވަކިވީ މަގު ކަންމަތިންނެވެ. ޒާރާ ކުރިއަށް ދިޔައީ އަދައިގެ ވަރަކަށް ހިނގައިފައެވެ. ގެއަކުން ނުކުތް ފިރިހެނެއްގެ ނަޒަރު ޒާރާއަށް ހުއްޓުނުކަން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް އެމީހާއަށް ސަމާލުކަން އޭނާ ނުދިނީ އެއީ ދަންނަ މީހަކަށް ނުވީމައެވެ.
"ޒާރާ، ކިހިނެއްތަ؟"
ހަމައެކަނި ރަނގަޅޭ ބުނެފައި ޒަރާ ހިނގައިގަތެވެ. އޭނާ ފަހަތަށް ބަލައިނުލައެވެ. އެމީހާ ފަހަތުން އަންނަކަން އެނގުމުން ޒާރާގެ ހިނގުން ކުރިއަށްވުރެވެސް ބާރުކޮށްލިއެވެ. ހިތުގައި ބިރުވެރިކަމެއްވެސް ހިނގާލިއެވެ. ނުވެސް ދަންނަ މީހަކު އެހެން އުޅުމުން ހިތްހަމަނުޖެހޭ ގޮތްވެސް ވިއެވެ. މިއިން ދުވަހަކު ވީގޮތެއްވެސް ނޫނެވެ. ދެކޮޅުވެރިކަމާއި ހަސަދަވެރިކަމަށް ވުރެ ބޮޑަށް އެކުވެރިކަމާއި އެއްބައިވަންތަކަން އޮންނަ ރަށެއްގައި އަންހެނެއްގެ ފަހަތުން އެގޮތަށް ފޮށެމުން މީހަކު އައިސްދާނެ ކަމަކަށް ޒާރާ ހީވެސްނުކުރެއެވެ.
"ކަމަނާ ހާދަ ބާރަކަށް. ތަނެއް ހިފަންތަ؟"
ފިހާރައިން ނުކުތް އަންހެނަކު ބުންޏެވެ. އެއީ ހިމްނާގެ ރަހުމަތްތެރިއެކެވެ. އެމީހާއަށް ހީލުމެއް ދީފައި ޖެހިގެން އޮތް ގޯޅިއަށް ނިކަން އަވަހަށް ޒާރާ އަޅުވައިފިއެވެ. މަގުން އިތުރު މީހަކު ފެންނަން ނެތުމުން ވަކި ހިސާބަކުން އޭނާގެ ހިނގުން ދުވުމަކަށްވެސް ބަދަލުކޮށްލިއެވެ. ފަހަތުން އައި ނުދަންނަ ފިރިހެން މީހާ އޭނާ މުޅިން ފިއްކަނޑުވާލައިފިއެވެ.
"ހޫން.. މިހާރު އެނގިއްޖެ ކަލޭ އަންނާތީދޯ ޒާރާ އެހާ ބާރަށް އެދަނީ" ޒާރާގެ ފަހަތުން އައި އަސީލްއަށް ވާގިއާ ބުންޏެވެ. ނޫނެކޭ ބުނުމުގެ ގޮތުން އަސީލް ދެފަރާތަށް ބޯހޫރާލިއެވެ. ޒާރާ ދެން އަތުނުޖެހޭނެކަން އެނގުމުން ކުރިއަށް ދާން އަސީލް ހިޔާލެއް ނުކުރިއެވެ. މަޑުމަޑުން ހިނގާފައި އޭނާ ދިޔައީ ގޯއްޗާ ދިމާލަށެވެ.
"ރިސޯޓުގައި އުޅެއުޅެފަ އައިސް އެ މަންޖެ ފަހަތުން މުގޯލި ތި އަޅަނީ ކީއްކުރަން. ތިއީ އެހާ ރަނގަޅު ކަމެއް ނޫން. އެއީ ކިރިޔާ ދުނިޔެއަށް ނޭވާ ލަމުންދާ ކުއްޖެއް. ކަލޭމެންގެ ތެރެއިން މީހަކު ބަލައިލާ ގޮތަކުންވެސް އެ މަންޖެ ދެވަނަ ފަހަރަށްވެސް ބަރުބާދުވެދާނެ" ވާގިއާގެ މޫނުމަތިން ފެނުނީ ނުރުހެމެވެ. އޭނާގެ ފަސްދީ އަސީލް ދާތަން ފެނުމުން ވާގިއާ ވާހަކަދެއްކީ އޭނާއަށް އިވޭވަރަށެވެ.
އަސީލްއަކީ ޒާރާ އެއްކޮށް ސްކޫލު ނިންމި ޒުވާނެކެވެ. ޒާރާއަށް ވުރެ އެއް އަހަރު ކުރީން ސްކޫލު ދައުރު ނިންމާފައި އަސީލް ދިޔައީ ރިސޯޓަކަށެވެ. އަސީލްގެ ބޮޑުދައިތަ ޖީޒާ ބަލިކޮށް އުޅޭތީ އޭނާ ރަށަށް އައިތާ ވީ އަދި އެންމެ ތިން ދުވަހެވެ. ޒާރާގެ ވާހަކަ އަސީލްއަށް އޮޅުންފިލުވައިދިނީ ޖީޒާއެވެ. ސްކޫލު ދައުރުގައިވެސް ޒާރާގެ ފަހަތުން އަސީލް މުގޯލި އެޅި ދުވަސްތަކެއް ދިޔައެވެ. އެހެންނަމަވެސް އޭރު އެކަން މާ ސީރިޔަސްކޮށް އަސީލް ނުނަގައެވެ.
އަސީލް އަކީ ބަސްމަދު ޒުވާނަކަށް ވާތީ ވާގިއާ ދެއްކި ވާހަކަތަކަށް އޭނާ ޖަވާބެއް ނުދެއެވެ. ޖީޒާ ބުނިގޮތާ ހިލާފަށް ޒާރާގެ ހިތް އަތުލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަން އަސީލަށް ވިސްނުނެވެ. އެހެންނަމަވެސް އޭނާ މަސައްކަތްކުރާނެއެވެ. ޒާރާ އަކީ ހުތުރު ކުއްޖެއް ނޫނެވެ. އަޅައިގަންނަގޮތެއް ހުއްޓެވެ. ނަންބަރު އައިނު އަޅާފައި ހުންނައިރު ތަފާތު ރީތިގޮތެއް ހުއްޓެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. އެންމެ ހެޔޮވަރުގެ ރޫފައެކޭ ބުނާވަރަށް ވުރެ ހަށިގަނޑު ނިކަމެއްޗެވެ.
****
ރޭގަނޑުގެ ކެއުން ނިންމާލި ގޮތަށް ޒާރާ އަވަސްވެގަތީ އިސްތިރިކުރާށެވެ. އެހެން ދުވަސްދުވަހަށް ވުރެ އަވަހަށް މާދަމާ އޮފީހަށް ދާން ޖެހޭތީ އޭނާ އުޅުނީ އެކަމުގެ ތައްޔާރީގައެވެ. ހިމްނާ އިންނާނީ ފިހާރައިގައި ކަން ޒާރާއަށް އެނގެއެވެ. އަނެއްކޮޅުން ފިހާރަ ބަންދުކުރާ ވަގުތަށް ކޮންމެހެންވެސް އޭނާ ދާން ޖެހޭނެއެވެ. އިސްތިރިކޮށްފައި ހުރި އެއްޗެހި އަލަމާރީގައި އަޅުވާފައި ހުރިހާކަމެއް ނިމުމުން ޒާރާއަށް އިތުރަށް ކުރާނެ ކަމެއް ނުފެނުނެވެ. ނިދަން އެނދަށް އެރިޔަސް އޭނާއަށް ނުނިދޭނެކަން އެއީ ޔަގީންވާ ކަމެކެވެ. ކޮޓަރިން ނުކުމެފައި އޭނާ ނޫރީން ކޮބައިތޯ ބަލައިލިއެވެ. ކިޔަވަން ގެންގުޅުނު ފޮތް ހިފައިގެން ނޫރީންއަށް އޮތީ ނިދިފައެވެ. އޭނާ ބޭރަށް ނިކުތީ އެ ފޮތް މެޒުމަތީ ބާއްވާފައި ކޮޓަރީގެ ލައިޓްވެސް ފަނޑުކޮށްފައެވެ.
ސޯފާގައި އިށީނދެފައި ޓީވީ ހުޅުވާލިތަނާ ކުއްލިއަކަށް ހިތަށް އައިސް ވަނީ މަގުމަތިން އޭނާގެ ފަހަތުން އައި ގޮތްނޭނގޭ މީހާއެވެ. ގައިގެ ހަންގަނޑު ކަޅު މީހެކެވެ. ބޮލުގެ އިސްތަށިގަނޑުގައި ކަޅު ކުލައިގެ އިސްތަށީގެ ބަދަލުގައި ހުރީ ރަންކުލައެކެވެ. ޑިޒައިން ޖެހި ގަމީހަކާ ކަޅުކުލައިގެ ކަކުލުން މައްޗަށް ހުރި ސޯޓެއް ލައިގެން ހުރި އިސްކޮޅުން ދިގު މީހެކެވެ. އެއީ ކާކު ހެއްޔެވެ؟ ފަހަތުން އައީ ކޮންކަމަކު ހެއްޔެވެ؟ ދިވެއްސެއްހެނެއް ހިއެއް ނުވެއެވެ. ދަންނަ ފާޑެއް ނުޖަހައެވެ. އެމީހާއަށް ނަންވެސް އެނގެއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟
"ދެން ނުކެރޭނެ އެ މަގުން ހިނގާކަށް"
ޓީވީ އިން ފޮނުވަމުންދިޔަ ޕްރޮގްރާމް ބަލާކަށް އޭނާއަށް ހިތެއް ނުދެވުނެވެ. ގަޔާވެގެން އޭނާއަށް ކުރެވޭ އެއްވެސްކަމެއް ނެތެވެ. ފިހާރަ ބަންދުކުރާ ގަޑިޖެހެންވެސް އަދި އެއްގަޑިއިރު އެބައޮތެވެ. ފޯނު ހިފައިގެން ސޯފާގައި ޒާރާ ދިގަށް އޮށޯވެލިއެވެ. ފޯނުން ފޭސްބުކަށް ވަންގޮތަށް އޮންލައިން ވެލިއެވެ. ސޯޝަލް މީޑިޔާއަކީ ފަހަކަށް އައިސް ޒާރާއަށް ބީރައްޓެހި ތަންތަނެވެ. ހިތަށް އުނދަގުވާ ކަހަލަ މަންޒަރުތަކާ ލިޔުންތައް ފެންނާތީ އޭނާ ސޯޝަލް މީޑިޔާ ބޭނުންނުކުރެއެވެ.
ފޭސްބުކް ސްކްރޯލް ކުރަމުން ދަނިކޮށް ކުއްލިއަކަށް ފެނުނު ފޮޓޯއަކުން ޒާރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަންހެނެއްގެ ގައިގައި ބައްދާލައިގެން ފައްވާޒް ހުރީ ހެވިދިލިފައެވެ. ޒާރާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ. މޭގައި އޮވެގެން ހިތް ހުއްޓާނުލައި ރޮމުން ދިޔައެވެ. ފޮޓޯއަށް ނުބަލަން ޒާރާ މަސައްކަތް ކުރިއެވެ. އެކަމަކު އޭނާ ނުހުއްޓުނެވެ. ދެ ލޯބިވެރިންގެ ފޮޓޯއަށް މީހުން ކޮށްފައިވާ ކޮމެންޓުތައްވެސް ޒާރާ ކިއިއެވެ. އެންމެފަހުން ހިތަށް ކެތްނުވުމުން ޒާރާ އެފްބީ އިން ނުކުތެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް އެއީ ހަގީގަތެވެ. އެ އަންހެން ކުއްޖާއަކީ ފައްވާޒްގެ ލޯބިވެރިޔާއެވެ. ޒާރާގެ ޒަމާންވީ ވަފާތެރި ލޯބީގައި ކޮޅުފައިން ޖަހާފައި ފައްވާޒް ދިޔައީ އެ އަންހެން ކުއްޖާއަށްޓަކައެވެ. ހުރިހާގޮތަކުން ބެލިނަމަވެސް ޒާރާއަށް ވުރެ ރީތި ދޮން ކުއްޖެކެވެ. ޒަމާނީ ގޮތްގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. ތަފާތަކީ އެ އަންހެން ކުއްޖާ އަޅައިގެން ހުރި ހެދުމުން ހަށިގަނޑުގެ ބޮޑުބައެއް ހާމަވާން ހުރިކަމެވެ. ފޮޓޯގައި ތިބިގޮތުން ދެ ލޯބިވެރިންނަށް ވުރެ ބޮޑަށް ވައްތަރީ ދެމަފިރިންނާއެވެ. މީހުން ބުނަނީ ތެދެކެވެ. ގިނަ ފިރިހެނުންނަށް ހަގީގީ ލޯބިވާ މީހާ ފެންނަނީ ކައިވެންޏަށް އެތައް އަހަރެއްވުމުމުންނެވެ. އަނެއްކޮޅުން ހަށިގަނޑުގެ ވަނާތައް ފާޅުވީ ވަރަކުން ފިރިހެނުންނަށް އަންހެނުން ކަމުދާނެއެވެ.
"އަހަރެން ދެރައެއް ނުވޭ. އަހަރެން ފައްވާޒް މަތިން ކޮންމެވެސް ދުވަހަކުން ހަނދާން ނައްތާލާނަން. އެއީ ޔަގީންކަމެއް"
އަމިއްލަ ހިތަށް ޒާރާ ވިސްނައިދިނެވެ.
****
މެންދުރު ދޭއްގެ ހަބަރު ބަލަން ސޯފާގައި ރަހްމާން އިނެވެ. އައްފާން އައިސް އިށީނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އިރުކޮޅަކުން އެތަނަށް އައިސް ހުއްޓުނު ނުހާ އުރުގައި އިން ނިއަމް އައްފާނަށް ދިއްކޮށްލިއެވެ.
"އަހަރެން މިދަނީ އައްފާނަށް ކޮފީ ހަދަން. މީނަ ރޯވަރުން އަހަރެންނަށް ކެތްނުވެގެން މިއައީ. ފުޅިވެސް ދީފިން. އެކަމަކުވެސް ހުއްޓައެއް ނުލި. މަންމިއަށް ޖެއްސުންކުރަނީއޯ މި" މަޖާވެފައި ނުހާ ބުންޏެވެ. ހަގީގަތުގައި ނިއަމް ގޮވައިގެން ތަންކޮޅެއް ގިނައިރު އުޅެން ޖެހުމުން ނުހާ ހުރީ ހުސްވަގުތުކޮޅެއް ބޭނުންވެފައެވެ. ނިއަމްގެ ޝަކުވާތަކާ ރުއިމާއި ސަކަރާތުގެ އަޑުން ބޮލަށް އުނދަގޫވެފައެވެ.
އައްފާން ނިއަމް އުރާލިއެވެ. ދަރިފުޅާ ލޯބިކޮށްލާފައި ދެން ބަލައިލީ ނުހާއަށެވެ. އެއްޗެއް ބުނަން އުޅެފައި ހިމޭންވީ ރަހްމާން އިނުމުންނެވެ. އާއިލާ އެއްވެސް މީހަކު ފެންނަ ހިސާބެއްގައި އޭނާ ނުހާއަށް އެއްޗެއް ނުބުނާނެއެވެ. ދުލުން ބަހެއް ބޭރުކުރުމުގެ އެއީ އަބަދުވެސް އޭނާ ވިސްނާ ކަމެކެވެ.
"ދީބަލަ ކާފަގެ ދަރިފުޅު އުރާލަން"
ނިއަމް އުރާލާފައި ރަހްމާން އަތް ޖައްސާލީ ނިއަމްގެ ނެޕީގައެވެ. އައްފާނަށް ފާހަގަވީ ކަންތައް ރަހްމާނަށްވެސް ފާހަގަވިއެވެ.
"ދަރިފުޅާ. މިސޮރު ނެޕީ ބަދަލުކޮށްލައިގެން ގެނެސްބަލަ"
ނުހާ ނިއަމް އުރާލާއިރަށް އައްފާން ހިނގައިގަތެވެ. ހީކުރީ ފަހަތުން ނުހާ އަންނާނެ ކަމަށެވެ. އެހެންނަމަވެސް ނުހާ ދިޔައީ ދިމްނާގެ ކޮޓަރިއާ ދިމާލަށެވެ. ނުހާއަށް ހީވާ ކަހަލައެވެ. ނިއަމްގެ ނެޕީވެސް ބަދަލުކުރަން ޖެހޭނީ ދިމްނާއެވެ.
"ނުހާ. އާދެބަލަ" އައްފާންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިގެންވާކަން ނުހާއަށް ފާހަގަވިއެވެ.
ނަސީބަކުން ވަރަށް ފަސޭހައިން އައްފާން ފަހަތުން ނުހާ ކޮޓަރިއަށް ވަނެވެ. ހިތްހަމަނުޖެހިފައި އައްފާން ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ. ޝަކުވާތައް ފަށަންވީ ދިމާލެއް އޭނާއަށް ނޭނގިފައި ހުއްޓެވެ.
"މިހާރު ކިހިނެއްވީ؟ ފޮށި ތައްޔާރުކޮށްފަ އެހެރީ. އެއްވެސް އެއްޗެއް މަދެއް ނުކުރަން" ނުހާ ބުންޏެވެ.
އައްފާން ބަހެއް ނުކިޔައެވެ. ބަހެއް ނުކިޔާ އިރުކޮޅަކު ހުރެފައި އައިސް ނުހާ އަތުން ނިއަމް އަތުލިއެވެ. ބާރަށް ހިނގާފައި ނިއަމް ގޮވައިގެން އައްފާން ވަނީ ފާހާނައަށެވެ. އިރުކޮޅަކުން ނިއަމް ގޮވައިގެން ނުކުމެ އެނދުގައި ބޭއްވިއެވެ. ދޭތެރެއަކުން ހީލާފައި ނިއަމްއާ ސަމާސާކޮށްލައެވެ. ދެބަފައިންގެ ހަރަކާތްތަކަށް ބަލަމުން އައިސް ނުހާ އެނދުގައި އިށީނެވެ. އައްފާންގެ އަމަލުތައް ހުރިގޮތުން ނުހާ ހުރީ ކަންބޮޑުވެފައެވެ. މިފަހަކަށް އައިސް އައްފާން ރުޅިއައިސްފައި ހުންނަނީ މާގިނައިންނެވެ.
"ކޮބާ ނެޕީ ކްރީމް ފުޅި؟" އައްފާން އެހިއެވެ.
"ނެތްތަ ތީގެ ތެރޭގަ؟ ކުޑާ ކޮޓަރީގަ ކަންނޭނގެ. މި އަންނަނީ ހިފައިގެން"
ނިއަމް ކައިރީގައި އައްފާން އިށީނެވެ. ދަރިފުޅަށް ވެފައި އޮތްވަރު ފެނިފައި އައްފާންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ނުހާ ކޮޓަރިއަށް އައިސް ވަނީ ފޯނުން ވާހަކަދައްކަމުންނެވެ. ކޮންމެވެސް ފިހާރައަކަށް ދާ ވާހަކައެވެ.
"އައްފާން އޯކޭވާނެ"
އައްފާން އަތަށް ނެޕީ ކްރީމް ފުޅި ދިއްކޮށްލަމުން ނުހާ ބުންޏެވެ. އެ ފުޅީގައިވެސް އައްފާނަށް ހިފުނީ ތަންކޮޅެއް ބާރަށެވެ. އެކަންވެސް ނުހާއަށް ފާހަގަވިއެވެ. ރަހުމަތްތެރިންނަށް ފިރިމީހާގެ އެއްވެސް މައްސަލައެއް ނޯންނާނެ ވާހަކަ ނުހާ ބުނީ އައްފާނަށް ބަލައިލާފައެވެ. އައްފާންގެ ފަރާތުން އިޝާރާތެއްވާނެ ކަމަށް ހީކުރިޔަސް ނުހާއަށް ސަމާލުކަން އައްފާން ނުދިނެވެ. ނިއަމްގެ ނެޕީ ބަދަލުކޮށް މީރުވަސް ދުއްވާލާފައި ނުހާ އަތަށް ދިއްކޮށްލިއެވެ.
"ނިއަމް ބައްޕަ އަތަށް ދީފަ އާދެބަލަ"
ނުހާ ހިނގައިގަތެވެ. ނިއަމް ރަހްމާން އަތަށް ދީފައި ނުހާ އައިސް ކޮޓަރިއަށް ވަނެވެ. ހެޑްބޯޑުގައި ލެނގިލައިގެން އައްފާން އިނެވެ. ނުހާ އައިސް ކައިރީގައި އިށީނުމުން އައްފާން ފުންނޭވައެއް ދޫކޮށްލިއެވެ.
"މާފަންނުކޮޅުގަ އާ ފިހާރައެއް ހުޅުވައިފި. މިރޭ ދާންކަމަށް. ހެޔޮ ދޯ ދިޔަސް" ނުހާ ބުންޏެވެ.
އިންސާނަކަށް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. ނުހާގެ ކަންތައްތައް ހުންނަ ގޮތާ މެދު އައްފާން އެދަނީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުންނެވެ. ހިތަށް ކެތްނުވާވަރުވުމުން ބައެއް ފަހަރު ރޮވެއެވެ. އަނެއްބައި ފަހަރު އެކަނި ބޭރުގައި ވަގުތުކޮޅެއް ހޭދަކޮށްލައެވެ. ނުހާގެ އުޅުން ބަދަލުކޮށްދެއްވުމަށް އެދި ކުރާ ކޮންމެ ނަމާދެއްގެ ފަހުގައި ދުއާކުރެއެވެ.
"އަހަރެން ކުރިންވެސް ބުނިން ދޯ ނިއަމްގެ އެއްވެސް ކަމަކާ ފަރުވާކުޑަ ނުކުރައްޗޭ" އައްފާންގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.
"އަހަރެން ނުކުރަން. މިހާރު ކީކޭ ކިޔަން އައްފާން ތި އުޅެނީ؟"
"އަހަރެންގެ ކެތްތެރިކަން އިމްތިހާންކުރަން ނޫޅޭ ނުހާ. އަހަރެން ހިމޭނުން ހުރުމަކީ އަހަރެން އެއްޗެއް ބުނަން ބޭނުންނުވާކަން އަންގައިދޭ ދަލީލެއް ނޫން. އަހަރެން ހިތަށް އަރާ އަހަރެން އަނގަ ހުޅުވައިފިއްޔާ ކިހާ އަވަހެއް ވަންދެން ބާއޭ ނުހާ އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނާނީ" އައްފާން ވާހަކަދެއްކިއެވެ. އައްފާންގެ އެ ޖުމުލައިން ނުހާ ތެޅިގަތެވެ. އައްފާން އެ ބުނީ މިއިން ދުވަހަކުވެސް ނުބުނާ ކަހަލަ އެއްޗެކެވެ. ކައިވެނި ރޫޅާލުމުގެ ވިސްނުން އައްފާން ގެންގުޅެނީ ހެއްޔެވެ؟
"އަހަރެން ނުކުރަން އައްފާން ރުޅި އަންނަން ޖެހޭވަރުގެ ކަމެއް. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރުޅި އަންނާނެ ގޮތެއް ނޭނގިގެން ތި އުޅެނީ؟" އިސްޖަހައިގެން އިނދެ ނުހާ ބުންޏެވެ.
"އަހަރެންނަށް ހެޔޮ އަހަރެންގެ ކަމެއް ނުހާ ނުކުރިޔަސް. އަހަރެންގެ ކަމެއް ނުހާ ދެ އަތުން ކުރާނެ ކަމަކަށް އަހަރެން އުންމީދެއްވެސް ނުކުރަން. އެކަމަކު ނިއަމް... އެއީ ކުޑަކުޑަ ކުއްޖެއް. ހީސްލެވޭ ކޮންމެ ފަހަރަކު އެ ކުއްޖާ ނުބުނާނެ ތިމަންނައަށް ހީސްލެވިއްޖޭ. އެ ކުއްޖާ އޭތި އަންގައިދޭނީ ރޯ ރުއިމަކުން. ކުއްޖާ އެ ރޯ ރުއިމަކީ ކޮންކަހަލަ ރުއިމެއްކަން ދެނެގަންނަން ޖެހޭނީ އެކުއްޖާގެ އެންމެ ކައިރީގައި އުޅޭ މީހުން. ހާއްސަކޮށް އެ ކުއްޖާގެ މައިމީހާ. އަހަރެންނަށް ހަމަ ޔަގީން ފަތިހު ޖެހި ނެޕީ ދެންމެކަން ބަދަލުކުރީ. ޔަގީން ނެއްޓި ނެޕީގައި ވިއްސަކަށް ކިލޯ ހުންނާނެކަން. ނުހާއަށް ފެނުނުތަ އެ ކުއްޖާއަށް ވެފަ އޮތްވަރު. ހީސްލެވިލެވި ގިނައިރުވެގެން ހިކިގެން ގޮސް މުޅި ސަރަހައްދު އޮތީ ރަތް ލޭގަނޑަކަށްވެފަ. އެވަރުވާއިރު އެ ކުއްޖާއަށްވެސް އުނދަގޫތަކެއްވާނެ. ފެން ޖެހުނީމަ ދިލަވެސްނަގާނެ. ނުހާ ތިއީ ކޮންކަހަލަ މައެއް؟ ހިތެއްވެސް ނެތީތަ؟ އަމިއްލަ ބަނޑުން ވިހޭ ތުއްތު ދަރިފުޅުގެ އިހުސާސްތައް ނުހާއަށް ދެނެ ނުގަނެވޭ. އަހަރެން ހަމަ ހައިރާންވެއްޖެ. ނުހާއަށް މުހިންމީ ހަމައެކަނި ނުހާ. ނުހާ ނޫން އެހެން އެއްވެސް މީހެއް ނުހާއަށް ނުފެނޭ. އަހަރެންނާ ނިއަމް އަކީ ނުހާގެ ހަޔާތުގައި މާ މުހިންމު ބައެއް ނޫން. އަހަރެން ހިތަށް އަރާ އަހަރެން ނުހާއާ އިނދެގެން މި އުޅެނީ ކީއްކުރަންބާއޭ" އައްފާނަށް ޝަކުވާކުރެވުނީ ހިތަށް އުނދަގޫވީވަރުންނެވެ.
އައްފާން ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ނުހާ ބަހެއް ނުކިޔައެވެ. އިސްޖަހާލައިގެން އިނެވެ. ނުހާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔަތަން އައްފާނަށް ފެނުނީ އެނދުން ތެދުވަން އުޅެނިކޮށެވެ.
"ރުއިމަކުން އެއްވެސްކަމެއް ހައްލެއް ނުވާނެ ނުހާ. ނުހާ ހީނުކުރައްޗޭ ކޮންމެ ފަހަރަކު ތިގޮތަށް ނުހާ ރުއީމަ ހުރިހާ ކަމެއްގެ މަތިން އަހަރެން ހަނދާން ނެތޭނެއޭ. ނުހާގެ ތި ދެލޮން ބާލާ ކަރުނަތައް ދައްކައިގެން މި ހުރިހާ ދުވަހު އަހަރެން އަނގަ ބަންދުކުރީ. އެކަމަކު ދެން ނުހުންނާނަން. ކޮންމެ ކަމެއް އަހަރެންނަށް ވަރިހަމައެއް ނޫން"
އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި އައްފާން ތެދުވިއެވެ. ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުތް އިރުވެސް ނުހާ އިންގޮތަށް އިނެވެ. ދިފާއުގައި އެއްޗެއް ބުނަން ނުހާ މަސައްކަތެއް ނުކުރެއެވެ. އައްފާން ތައްޔާރުވެގެން އައިސް އެނދުމަތީގައި ހުރި ފޮށި ނެގިއެވެ.
"އަހަރެން މިދަނީ ފުރަން. ކޮންމެ ތަނެއްގައި އަހަރެން ހުއްޓަސް ތި ދެމައިންނަށް ގުޅާނަން"
ފޮށި ދަމަމުން އައްފާން ހިނގައިގަތް ތަނާ ނުހާ ތެދުވިއެވެ. އެ ދިޔަގޮތަށް ގޮސް އައްފާންގެ އަތުގައި ހިފެހެއްޓިއެވެ. އައްފާން ބަލައިލުމާއެކު ނުހާ އައްފާންގެ މޭގައި ބޯއެޅިއެވެ.
"ސޮރީ. އައްފާން ދެން ޝަކުވާކުރާކަށް ނުޖެހޭނެ. އަހަރެން ތި ކަންކަން ރަނގަޅު ކުރާނަން"
އައްފާން ޖަވާބެއް ނުދިނެވެ. އެއް އަތުން ނުހާ ދުރުކޮށްލާފައި ނުކުތީ ބޭރަށެވެ. ނުހާގެ އެއްވެސް ވާހަކައަކަށް ދެން އޭނާ އިތުބާރެއް ނުކުރާނެއެވެ. ނުހާގެ ފަރާތުން އެކަހަލަ ކިތަންމެ ވާހަކައެއް އޭނާއަށް އަޑު އިވިއްޖެއެވެ. ރަނގަޅުކުރާނަން، ކުރާނަން ކިޔާތާ ކައިވެންޏަށް ވީހާ ދުވަހެއް ވެއްޖެއެވެ.
****
ލޯންޗު ފޭބިގޮތަށް ރަށުގެ އެކި ދިމާލަށް އައްފާން ނަޒަރު ހިންގައިލިއެވެ. ރަށަށް މާބޮޑު ބަދަލެއް އައިސްފައި ނެތެވެ. އެހެންނަމަވެސް ބަނދަރުގައި އާ މިސްކިތެއް ބިނާކޮށްފައި ހުއްޓެވެ. ރަށުގެ ހަރު އުމުރުގެ މީހުން ހޮޅުއަށީތަކުގައާއި އެކި ދިމާލަށް ހަރަކާތްތެރިވާތީ ފެނެއެވެ. ލޮލުގައި އޮތް އަވި އައިނު ހިއްލާލާފައި އައްފާން ބަލައިލީ އޭނާގެ އެއްބަފާ ކޮއްކޮމެންގެ ކުއްޖަކު ފެންނަން ހުރިތޯއެވެ. ކައިރިން ހިނގާފައި ދާ ބައެއް މީހުންގެ ނަޒަރު އައްފާނަށް ހުއްޓެއެވެ. ހީވާގޮތުން ރަށު މީހަކަށްވެސް އައްފާން ވަކިކުރަން ނޭނގުނެވެ.
ކުއްލިއަކަށް އޭނާއާ ދިމާލަށް ދުވެފައި އައި ހަ އަހަރުގެ ކުއްޖަކު ފެނުނެވެ. އެއީ އެއްބަފާ އެންމެ ހަގު ކޮއްކޮ ކަން އެނގުނީ އެ ކުއްޖާ އައިސް އައްފާންގެ ގައިގައި ބައްދާލުމުންނެވެ. އައްފާނާ އެއްގޮތް ކަމެއް ހުރި ފިރިހެން ކުއްޖެކެވެ.
"ދޮންބޭ...."
"ދޮންބެގެ ޕްރިންސް. ދޮންބެގެ އާއިން"
އާއިންގެ ކޮލުގައި އައްފާން ބޮސްދިނެވެ. ކޮއްކޮގެ ކުޑަ ހަށިގަނޑު އޭނާ ގަޔާލާ ބާރަށް ބައްދާލިއެވެ. ހިތްހަމަޖެހުނުވަރުން އައްފާންގެ ދެ ލޮލުން ކަރުނަ ނީރާލިއެވެ. އެކުދިން އޭނާއަށް ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ.
"ކޮބާ ދޮނާއާ މަންމަ" އައްފާން އެހިއެވެ.
އާއިން އިނގިލި ދިއްކޮށްލި ދިމާލަށް އައްފާން ބަލައިލިއެވެ. ބަނދަރުމަތީގައި ހުރި ހިރުނދު ގަސްދޮށުގައި ވަސީމާ ހުއްޓެވެ. ރަށަށް ލޯންޗެއް އަންނައިރު އަބަދުވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަނދަރަށް ޖަމާވެއެވެ. އެގޮތުން ބަނދަރުގެ ބައެއް ތަންތަންކޮޅުގައި މީހުން ބޮނޑިވެފައިވާ ތަން ފެނެއެވެ. އައްފާނަށް ވަސީމާ ވަކިކުރަން ނޭނގުނީ ގިނަ ބައެއްގެ މެދުގައި ހުރުމުންނެވެ. ކައިރީގައި ދިހަ އަހަރުގެ އަމާނީވެސް ހުއްޓެވެ. އާއިން ތިރީގައި ބަހައްޓާފައި އާއިންގެ އަތުގައި ހިފައިގެން އައްފާން ހިނގައިގަތެވެ. ކައިރިއަށް ދެވުމާއެކު އަމާނީގެ ކޮލުގައި އައްފާން ފިރުމާލިއެވެ. ވަސީމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އައްފާންގެ ބުރަކަށީގައި ލޯތްބާ އޯގާތެރިކަމާއެކު ފިރުމާލިއެވެ.
"ދައްތަ ރަނގަޅުތަ؟"
ވަސީމާގެ ވަށައިގެން ދެތިން އެކުވެރިން ތިބީ ގިނަ ދުވަސްތަކަކަށްފަހު ދޮށީ ދަރިފުޅު ރަށަށް އަންނަ ވާހަކަ ބުނުމުން އެ ސޮރު ހަމަލޮލުން ދެކިލަން އައިހެވެ. އެ ހުރިހާ މީހުންނަށް އައްފާން ހިތްހެޔޮކަމާއެކު ހިނިތުންވުމެއް ދިނެވެ.
(ނުނިމޭ)