ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 09

2

ފޯނު ކުރުކޮށްލާފައި ސޯފާގައި ނުހާ އޮށޯވެލިއެވެ. ޓީވީ ހުޅުވާލީ ހަމަ ނަމަކަށެވެ. ރިމޯޓް ކައިރީގައި ބާއްވާފައި އޮތަސް އޭނާ ސަމާލުކަންދީގެން އޮތީ އަތުގައި ފޯނަށެވެ. އެކުވެރިންގެ ވާހަކަތައް ފެށުނީ ވައިބާ ގްރޫޕްގައެވެ. ކުއްލިއަކަށް ގްރޫޕަށް އިތުރު މީހަކު ވައްދައިފިކަން އަންގައިދިނުމުގެ ގޮތުން އައި ނޮޓިފިކޭޝަން ނުހާ ބަލައިލިއެވެ.

"ޓްރިޕްލް އެކްސް...."

ނުހާގެ ދެ ބުމަ ގޮށްޖެހުނެވެ. އެއީ ކާކު ހެއްޔެވެ؟ ޓްރިޕްލް އެކްސްގެ ނަމުން ނަން ދީފައިވާ މީހާ އަކީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއްވެސް ނޭނގެއެވެ. ފެންނަން އިން ޕްރޮފައިލް ފޮޓޯގައިވެސް އިނީ އަނގައިގެ ތޫނު ދަތްތަކެއް ދައްކައިގެން އިން ސިންގާއެއްގެ ފޮޓޯއެކެވެ. އެއީ ކާކުތޯ ނާހައި، ނުހާއަށް ނީނދެވުނެވެ. ޖުމާއަށް ވަކިން ނުހާ މެސެޖް ފޮނުވާލިއެވެ. އެއީ ފްރެންޑެއް ކަމަށް ޖުމާ ބުނުމުން އަނެއްކާވެސް ނުހާ ޝަކުވާކުރިއެވެ. ތިން އެކުވެރިންގެ ޕާސަނަލް ވާހަކަތަކެއް ދެކެވޭ ގުރޫޕަކަށް ބޭރުން އެހެން ބައެއް ވައްދާކަށް ނުޖެހެއެވެ.

"ސާބަހޭ މަންޖޭ. މިރޭ އެނގޭނެ އަހަރެމެންގެ ޕްލޭން. އެހެންނޫނަސް އެއީ ކަމެއް ނިމެންދެކަށް" ޖުމާ ބުންޏެވެ.

މާގިނަ އިރެއްނުވެ ޖުމާގެ ފިރިމީހާއާ ފައްވާޒްވެސް ގުރޫޕާ ގުޅިއްޖެއެވެ.

"އެހެންވިޔަސް ފިރިހެނެއް ވައްދާކަށް ނުޖެހެއެއްނު" ނުހާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

****

ޖެހެމުންދާ ފިނިފިނި ވައިރޯޅިއަށް ހިތް ދޫކޮށްލައިގެން ޒާރާ އިނީ ގެއާ ދިމާލު އަތިރިމަތީގައި ހުރި ޖޯލީގައެވެ. މެންދުރުފަހުގެ ހޫނުގަދަ ވަގުތު ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަންހެނުންނާއި ކުޑަކުދިން މަދެއް ނޫނެވެ. މޫދުގައި މަޖާ ނަގަމުންދިޔަ ކުދިންގެ ސަކަރާތުގެ އަޑުން ސަރަހައްދުގެ ފަޅުކަން ކަނޑުވާލާފައި ހުއްޓެވެ.

ޒާރާ އެތަނުގައި އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. ހަނދާންކުރަން ބޭނުންނުވިޔަސް މާޒީގެ ތެރެއިން ފޮނި ހަނދާނެއް ޒާރާގެ ސިކުނޑީގައި ކުޅެލިއެވެ.

އެއި ހަމަ އެތަނެވެ. ފައްވާޒާ އެންމެ ފުރަތަމަ ބައްދަލުކުރި ތަނެވެ. އޭ ލެވެލްއަށް ތައްޔާރުވުމުގެ ގޮތުން ޓިއުޝަނަށް ގެއިން ނުކުމެފައި ޒާރާ ދިޔައީ ފައްވާޒާ ބައްދަލުކުރާށެވެ. އެއީ މީގެ ސާދަ އަހަރު ކުރީގެ ހަނދާނެކެވެ. ލޯބީގެ ގޮތުން ފައްވާޒާ ގުޅުމަށްފަހު ފުރަތަމަ ބައްދަލުކުރި ރެއެވެ. ޒާރާ އަތިރިމައްޗަށް ނުކުތްތަނާ އެންމެ ފުރަތަމަ ބައްދަލުކުރީ އެކުވެރި އައްޔައެވެ. ފައްވާޒާ ހަމައަށް ޒާރާ ގެންގޮސްދިނީ އައްޔައެވެ. ޒާރާ އިށީނީ މިހާރުވެސް އޭނާ އިށީނދެގެން އިން ޖޯލިފަތި ބަހައްޓާފައި ހުރި ތަނުގައި އޮތް ރުއްގުޅިއެއްގެ މަތީގައެވެ. ކުޑަގޮތަކަށް ބުނާނަމަ އެ ދުވަސްވަރު ފައްވާޒާއި ޒާރާއާ ދެމެދު ކަނދުފަތި ކަނބައިދިނީ އައްޔައެވެ. ފައްވާޒް ހުރިތަން ދައްކާފައި އައްޔަ ދިޔައީ ފަރުވާތެރިވާށޭ ބުނެފައެވެ. ޒާރާ މަޑުމަޑުން ހިނގާފައި ގޮސް ފައްވާޒް ކައިރީގައި ހުއްޓުނެވެ. ފައްވާޒް ބަލައިލީ ކައިރިން ހިޔަންޏެއްވިހެން ހީވެފައެވެ. ދާދި ކައިރީގައި ހުރި ޒާރާ ފެނިފައި ފައްވާޒް ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"މަންމަ ނުހޯދާނެތަ؟" ފައްވާޒް ބުންޏެވެ.

"ޓިއުޝަން ނިމޭހާއިރަށް ކްލާސް ކައިރިއަށް ދިޔައިމަ ރަނގަޅުވާނެ. މަންމަ ބަލާ އަންނައިރު އެތަނުގައި ނެތިއްޔާ މައްސަލައަކަށް ވާނީ" ޒާރާގެ އަޑުގައިވީ ލަދުވެތިކަމެވެ. ފުރަތަމަ ފަހަރަށް ފައްވާޒާ ބައްދަލުކުރަން އައިސް ހުރުމުން ޒާރާގެ ހިތަށް ވެރިވެފައިވަނީ އާދަޔާހިލާފު ގޮތްތަކެކެވެ.

"ހިނގާ އިށީންނަން" ފައްވާޒް ބުންޏެވެ.

ފައްވާޒް ހިނިގަނޑެއް ޖަހާލިއެވެ. ފުރަތަމަ ބައްދަލުވުމަށްވުމުން ކަންނޭނގެއެވެ. ދެމީހުން އިށީނދެގެން އިންއިރު ދެމެދުގައި އަދި އެކަކަށް އިނދެވޭހާ ހުސްޖާގަ ހުއްޓެވެ.

"މިތަނަށް ވަސިންތަމެންގެ މީހަކު ނުނިކުންނާނެތަ؟" ޒާރާ އެހިއެވެ.

"ނަމާދު ވަގުތު ވީމަ ނުނިކުންނާނެ" ފައްވާޒް ބުންޏެވެ.

އަނެއްކާވެސް ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ވަރަށް ލޯބިވާ ވާހަކަ ފައްވާޒް ބުނީ ހިމޭނުން ވަރަށް ގިނައިރު ވަންދެކަށް އިނދެފައެވެ. ޓިއުޝަން ނިމޭ ވަގުތު ކައިރިވިކަން އެނގުމުން ޒާރާ ތެދުވަން އުޅުނު ވަގުތު ފައްވާޒް ޒާރާގެ އަތުގައި ހިފާލިއެވެ. ދެން ހަމަ އެ ހިނދުގައި ޒާރާގެ އަތްތިލައިގައި ބޮސްދިނެވެ.

ކުއްލިއަކަށް ޒާރާ ސިހުނީ އޭނާގެ އަތުގައި މީހަކު ހިފައި ތަޅުވައިގަތުމުންނެވެ. ކައިރީގައި އިށީން ޖަންނަތު ކުދިކިޔާލާފައި ކައިރީގައި އިށީނެވެ.

"ކާކުމަތިން ހަނދާންކޮށްފަ އެކަނި މާވަރަކަށް ހެވިފަ ތީނީ" ޖަންނަތު އެހިއެވެ.

"އަހަރެން ކަހަލަ ބަދުނަސީބުވެރި އަންހެނަކަށް ހަނދާނަކީވެސް ހާދަ މުހިންމު އެއްޗެކޭ" ޖޯލީގައި ހަށިގަނޑު ސީދާކޮށްލަމުން ޒާރާ ބުންޏެވެ. ޖަންނަތަށް އެ ބުނި އެއްޗެއް ވިސްނުނެވެ. އިތުރަށް ޖަންނަތު އެ މައުލޫއަށް ވާހަކަނުދެއްކީ ޒާރާ ހިތަށް ތަދުކުރަން ބޭނުންނުވާތީއެވެ.

"ޖަންނާ އަހަރެން ތެދެއް ބުނަންތަ؟ އަހަރެންނަށް އެނގޭ ފައްވާޒް ކަންތައްކުރީ ރަނގަޅަކަށް ނޫންކަން. އަހަރެން ހިތަށް ވަރަށް އަނިޔާ ދީފި. ވަރަށް ހިތުގައި ޖައްސައިފި. އުންމީދުނުކޮށް ހުއްޓައި އަހަރެން ބާކީ ކޮށްލައިފި. ދިރި ހުއްޓަސް މަރުވެފައިވާ މައްޔިތަކަށް ހަދައިފި. އަހަރެން ބޭނުން އޭނައަށް ނަފްރަތުކުރަން. ދުވަހަކުވެސް ހިތް ހެވެއް ނުކުރެވޭނެ. އަހަރެންނަށް އެ ލިބުނު ވޭނާއި ހިތްދަތިކަން، އަހަރެންގެ ލޮލުން ފޭބި ކަރުނަތައް ދުވަހަކުވެސް މި ހިތަކުން ނުފިލާނެ. އެކަމަކު....." ޒާރާއަށް ރޮވުނެވެ. މިފަހަރު ޖަންނަތު ޒާރާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އިހުސާސްތައް ހިފަހައްޓައިގެން ގެއްލުންވާނީ ޒާރާއަށެވެ.

"އެކަމަކު އަހަރެންނަށް ނަފްރަތެއް ނުކުރެވޭ. ކީއްވެތަ އަޅެ؟ ދިރިއުޅެން ދަތިވާ ވަރަށް އަހަރެންނަށް ފައްވާޒް ދެކެ ލޯބި މިވެވެނީ ކީއްވެ؟ ހިތަށް އަރާ އަހަރެންނަށް މިނޫން ދުވަހެއް ފެންނާނެބާއޭ..... މި ހަނދާންތަކާއެކު އަހަރެން ނިމިގެން ހިނގައިދާނެ..."

އަޅައިގެން އިން ބުރުގަލުގެ ކަނުން ދެލޮލުން ފޭބި ކަރުނަތައް ޒާރާ ފޮހެލިއެވެ. އިނދެވުނު ތަނުގެ ގޮތުން ހަމަޖެހެން އޭނަ މަސައްކަތް ކުރިއެވެ. ހިމްނާ އެ ދިމާލަށް ނުކުންނާނެ އިރެއްވެސް ނޭނގެއެވެ. އޭނާ ހިތާމަކުރާކަން ހިމްނާއަށް އެނގޭކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ކަރުނަތަކަކީ އޭނާ ހެއްދެވިފަރާތާ ދެމެދުގައިވާ އިހުސާސްތަކެއް އެކަންޏެވެ.

"ސްޓޮޕް އިޓް ޒާ... ދުނިޔެވީ ކޮންމެ ނިއުމަތަކީ އަހަރެމެން އެކަމުން އިބުރަތް ހާސިލުކުރަންވީ ކަންކަން. މިއަދު ހިތްދަތިވެދާނެ. މާދަމަ ވާނެގޮތެއް ނޭނގޭ. ހިތްދަތިކަމަކީ ދާއިމީ އެއްޗެއް ނޫން. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ހިތްވަރުކޮށްގެން"

ޒާރާގެ އަތުގައި ޖަންނަތު ހިފާލިއެވެ.

"އެހެރަ އަންނަނީ ހިމްނާއްތަ. ތި އައިނު ނަގާފަ ރީތިކޮށް ލޯ ކައިރި ސާފުކޮށްލަބަލަ" ޖަންނަތު ބުންޏެވެ.

****

އައްފާން ފާހަނައިން ނުކުތްއިރު ކުޑަކޮށް ހޭލެވިފައި އޮތް ނިއަމް ބާލިސް މައްޗަށް ލައިގެން ތަޅުވަން ނުހާ އިނެވެ. ތުވާލި ހަރުގައި އަޅުވާފައި އައްފާން އައިސް އެނދަށް އެރުމުން ނުހާ ބަލައިލިއެވެ. އައްފާން އޮތްގޮތުން އޮތީ ހިތްހަމަނުޖެހިފައޭ ނުހާ ހިތަށް އެރިއެވެ. ނުހާ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. މީގެކުރިން އައްފާން ހިތްހަމަނުޖެހޭ އެއްކަމެއްވެސް ނުހާއަށް ނުކުރެވެއެވެ. ނުހާގެ މިނިވަންކަމަށް އައްފާން ފާޑެއް ނުކިޔައެވެ. ނުހާ ބޭރުގައި އުޅުމަކުން އައްފާން ކަންބޮޑެއް ނުވެއެވެ. ފަހަކަށް އައިސް އައްފާނަށް ވީގޮތެއް ނުހާއަށް ނޭނގުނެވެ.

އެންމެފަހުން ދެ ފަރާތަށް ނުހާ ބޯހޫރާލިއެވެ. ނިއަމް ބާއްވާފައި ނުހާ ތެދުވިއެވެ. އަލަމާރި ކައިރީގައި ހުރެ ނިދާ ހެދުން ބަދަލުކޮށްގެން އައިސް އައްފާން ކައިރީގައި އިށީނެވެ.

"އެމީހުން ކައިރީގައިވެސް ނިދަނީ ތި ލައިގެންތަ؟" އައްފާން ބުންޏެވެ.

ނުހާ ލައިގެން ހުރީ އަތްކެނޑި ކުޑަ ޓޮޕްކޮޅަކާ ކުރު ސޯޓްކޮޅެކެވެ. ޓޮޕްކޮޅު ތުނިކަމުން އެތެރެއިން ނުހާގެ ހަށިގަނޑު ސާފުކޮށް ފެނެއެވެ. ކުރު ސޯޓްކޮޅުން ފޫކޮޅުގެ މަސްގަނޑުން އެއްބައި އޮތީ ބޭރުގައެވެ. އައްފާން ހިތްހަމަނުޖެހިގެން ތެދުވަން އުޅުނެވެ.

"އޯކޭ އޯކޭ. މި ލައިގެން ނުދާނަން. އެއީ އަންހެން ބައެއްވީމަ އަސްލު މިލީ" ނުހާ ބުންޏެވެ.

"އަންހެނުންނަށް ވިޔަސް އެކަކު އަނެކަކަށް ހަށިގަނޑުގެ އައުރަ ހާމަކުރާކަށް ނުޖެހޭ. އަހަރެން މިހެން ނުބުނިނަމަ ނުހާ މިރޭ ދިޔައީހީ ތި ލައިގެން" އައްފާންގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

ނުހާ އެއްޗެހި ބަދަލުކުރިއެވެ. މިފަހަރު ލައިގެން އައީ ނިދާ ކުރުތާއަކާއި ދިގު ހަރުވާޅެކެވެ. އައްފާނު ކައިރީގައި ނުހާ އޮށޯތެވެ. ބައްދާލާފައި އައްފާންގެ މޫނުގައި ބޮސްދިނެވެ. އެކުވެރިން ކައިރިއަށް ދާން އޭނާ ބޭނުންވީ އައްފާން ހިތްހަމަޖައްސައިދީފައެވެ. އައްފާންގެ ގައިގެ އެތަންމިތާ ނުހާ ބީހޭން ފެށުމުން އައްފާނަށް ވިސްނުނެވެ. އެހެންނަމަވެސް އެކަމަށް އޭނާގެ މޫޑެއް ނެތެވެ. އެހެންނޫނަސް އެކަމަކީ އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިމޭނެ ކަންކަމެއް ނޫނެވެ.

"ކިހާއިރަކު އަންނާނީ؟" އައްފާން އެހިއެވެ.

"އަންނާނަން ފަތިހު. އެ ގަޑީގައި ބައްދާލާނަން ދޯ" ނުހާ ބުންޏެވެ.

"ދެން ދޭ. އަހަރެން ނިދި އައިސްފި" އައްފާން ބުންޏެވެ.

ނުހާ ތެދުވިއެވެ. އެނދު ކައިރީގައި ހުއްޓިފައި އައްފާނަށް ބަލައިލިއެވެ. އައްފާން ހިތްހަމަނުޖެހިފައި އޮތުމުން މިފަހަރު ހަގީގަތަށްވެސް ނުހާ ދެރަވެއްޖެއެވެ.

"ބައްޕަ ކައިރީގައި ބުނާނަން މާދަމާ ބާޒާރުން އަންނައިރު ފާގަ ގެނެސްދޭން. އައްފާނަށް އެބަޖެހޭ ފާގަ ދޭން"

ނުހާ ކޮޓަރިން ނުކުމެގެން ދިއުމުން ތެދުވެ އައްފާން އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ނުހާގެ އުޅުމާ މެދު އައްފާން ވިސްނާލިއެވެ. ތެދެކެވެ. މީގެކުރިން ނުހާގެ އެއްވެސް ކަމަކާ އައްފާން ނުބެހެއެވެ. އަނބިމީހާ މާބޮޑަށް ދޫކޮށްލައިގެން ކަންކަން ނުބައި ވެދާނެކަމުގެ ކޮޅުމަތި އޭނާއަށް ފެނުނީ ދަރިފުޅު އުފަންވި ފަހުންނެވެ. ނުހާގެ އެކުވެރިންނަކީ އައްފާނަށް މާ ކަމުދާ ބައެއް ނޫނެވެ. އެހެންނަމަވެސް އެއީ ނުހާގެ އެކުވެރިންނަށް ވީތީ އެމީހުންނަށް އައްފާން އިހުތިރާމުކުރެއެވެ. އެގެއަށް އޯވާނައިޓަށް އައިސް ވަނުމުންވެސް އައްފާން މުހާތަބު ކުރީ ހިނިތުންވުމަކާ އެކުގައެވެ. ކޮންމެ ގޮތެއް ވިޔަސް ދެރަކޮށްލާފައި ނުހާ ފޮނުވާލެވުމުން އައްފާންވެސް ދެރަވެއްޖެއެވެ. އެހެންވިޔަސް އައްފާން އަޅައެއް ނުލިއެވެ. ނުހާ ކަންތައް ކުރާ ގޮތް ބަލަން އޭނާ ހުރީ ބޭނުންވެފައެވެ.

****

ކޮންމެ ރެއަކު ނިދުމުގެ ކުރިން އަބަދުވެސް ރަހްމާން ދެ ރަކުއަތުގެ ނަމާދެއް ކުރެއެވެ. އެއީ ދަރިން ކުޑައިރުން ފެށިގެން އޭނާ ކުރަމުން އަންނަ ކަމެކެވެ. އޭނާގެ ދެ އަންހެން ދަރީންގެ ތެރެއިން އޭނާގެ ހުރިހާ ސިފައެއް ވާރުތަވީ ދިމްނާއަށެވެ. ރަހްމާން ފަދައިން އެއީ ޞާލިހް ދަރިއެކެވެ. މިރޭވެސް ނަމާދުކޮށް ނިމިގެން އޭނާ އެނދަށް އެރިއިރު އަނބިމީހާ ނުނިދާ އޮތްކަން އޭނާއަށް އެނގުނެވެ.

"މިރޭ ނުނިދާ ރެއެއްތަ؟" ރަހްމާން އެހިއެވެ.

"ނިދި ނައިސްގެން މިއުޅެނީ؟" ސައީދާ ބުންޏެވެ.

ހަގީގަތުގައި އޭނަ އޮތީ ފިކުރުބޮޑުވެފައެވެ. ނުހާގެ އުޅުމާ ހެދިއެވެ. ދަރިފުޅާއި ފިރިމީހާ ދޫކޮށްލާފައި ނުހާ އެ އޮތީ ރައްޓެހިންނާ އެކުއެވެ. ސައީދާ ކަންބޮޑުވީ ނުހާގެ ދިރިއުޅުމަށް ވެދާނެ ގޮތަކާ މެދު ވިސްނައިފައެވެ. ކައިވެނި ރޫޅާލަން ޖެހުނަސް ނުހާގެ ޝަކުވާއެއް ހިފައިގެން އައްފާން ނުހާގެ މައިންބަފައިންނާ ހަމައަށް ނާންނާނެއެވެ. އެއީ ކެތްތެރި ފިރިހެނެކެވެ.

"އަނެއްކާވެސް އަހަރެން މި ބުނަނީ. ރައްޓެހިންވެސް ގެންގުޅެންވާނެ. އެކަމަކު އެކަންވެސް ހައްދެއްގެ ތެރޭގައި ގެންގުޅެން ނުހާއަށް އަންގާ" ރަހްމާން ބުންޏެވެ.

ސައީދާ އެނބުރުނީ އަނެއް ފަރާތަށެވެ. ރަހްމާނުގެ ވާހަކައަށް ދެކޮޅުވުމުގެ ގޮތުންނެއް ނޫނެވެ. އެކަމަކު ނުހާ ދިފާއުކޮށް ވާހަކަދައްކަން ބޭނުންނުވާތީއެވެ.

****

ހިނިގަނޑު މަތަކުރަން ޖުމާގެ އަނގަ މަތީގައި ބާލީސް އެޅިއެވެ. ކޮޓަރިއަށް ވަންގޮތަށް ސަކަރާތް ނުޖަހަން ނުހާ ހަނދާންކޮށްދިނަސް މާހީ އާއި ޖުމާ ހިމޭނުން ތިބެން ބޭނުމެއް ނުވިއެވެ.

"ސާބަހޭ. އޯވަރނައިޓު މީހުން ކުރަނީ އަނގަލައްޕައިގެން ތިބެ ނިދާކަށް ނޫނޭ" މާހީ ބުންޏެވެ.

"އެހެންވެ އަހަރެން ބުނީ އަހަރެމެން ގެއަށް ހިނގާށޭ" ޖުމާ ބުންޏެވެ.

ނުހާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެކުވެރިން ކައިރީގައި އިށީނދެފައި އޭނާ ވާހަކަދެއްކީ ފުދޭވަރަކަށް މަޑުންނެވެ. އައްފާންގެ މޫޑު އެހާ ރަނގަޅު ނޫންކަމުގައި ބުންޏެވެ.

"ތި ބުނާ ދަތުރުގައި މަށެއް ބައިވެރިއެއް ނުވާނަން" ނުހާ ބުންޏެވެ.

"ކީއްވެ؟ ފަނި ހަދަން ނޫޅެބަލަ" މާހީ ބުންޏެވެ.

"ޓްރިޕްލް އެކްސް. މަށަށް އެނގިއްޖެ އެ މީހާއަކީ އެރޭ ރެސްޓޯރަންޓް ތެރެއިން މަތިންބައިން ޖެހިގެން އަހަރެމެންނާ ވާހަކަދެއްކި މީހާއެއްނު. އަހަރެންގެ ރީތިކަމޭ ކިޔާފަ މޮޅު ވާހަކަދެއްކި މީހާއެއްނު"

ނުހާގެ އެ ޖުމްލައާއެކު މާހީއާ ޖުމާ އެކަކު އަނެކަކަށް ބަލައިލިއެވެ.

****

ކާމޭޒު ކައިރީގައި އިން ނުހާއަށް ކޮޓަރިއާ ދިމާލަށް ދިޔަ އައްފާނު ދައްކާލީ ދިމްނާއެވެ. އައްފާނު ފަހަތުން ކޮޓަރިއަށް ދާންވީ ކަމެއް ދިމްނާ އާއެކު ބަދިގޭގައި މަޑުކުރަންވީކަން ނޭނގިފައި ނުހާ އިނެވެ.

"ޔަގީންތަ ދާންވީކަން. ދިޔައިމަ ނުބުނާތި އަހަރެން ކުޑާ ކައްކަން ދެން މިތާ މަޑު ނުކުރިއެކޭ" ނުހާ ބުންޏެވެ.

"ކުޑާ ބުނަންތަ ވާހަކައެއް. ފިރިމީހާ ބޭރުން އައިސް ވަންނައިރަށް ފަހަތުން ދާންޖެހޭނެ. އޭނަ ހުރީ ފިކުރެއްގަތޯ ނޫނީ ހިތްހަމަޖެހިފަތޯ ދެނެގަންނަން ޖެހޭނެ. ވަރަށް ފިނި ފެންތައްޓެއް ގެންގޮސްދޭން ޖެހޭނެ. އޭރުން ފިރިމީހާ ލޯބިވާނީ ބޮޑަށް"

ދިމްނާ ދެއްކި ވާހަކަތައް ނުހާއަށް ވީ ޖޯކަކަށެވެ. ނުހާއަށް ހެވުނެވެ.

"ތި ހުރިހާ ކަމެއް ނުކުރިޔަސް އަހަރެންގެ އައްފާން އަހަރެން ދެކެ ވަރަށް ލޯބިވޭ"

ނުހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ދިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ނުދަނީސް ނުހާއަށް ވިސްނިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

****

ނުހާ ކޮޓަރިއަށް ވަންއިރު އެނދުގައި ހުރަހަށް އައްފާން އޮތެވެ. އައްފާނުގެ ދެލޯ ވަނީ މެރިފައެވެ. ނުހާ ކައިރިވެލާފައި އައްފާނުގެ ގައިގައި ކޮށްޓާލިއެވެ.

"ބަލީތަ؟' ނުހާ އެހިއެވެ.

"އަހަރެންނަށް ޕެކް ކޮށްދެއްޗޭ. މާދަމާ ފުރަން ޖެހޭނެ" އައްފާނު ބުންޏެވެ.

އައްފާނަށް ނުހާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ފުރަން އުޅެނީ ކޮންތަނަކަށް ހެއްޔެވެ؟ އޭނާއަށް އެ ސުވާލު ނުކޮށް ނީނދެވުނެވެ.

"ހަފުތާއެއްހާ ދުވަހަށް. ވޯކްޝޮޕެއްގަ. ގާތްގަނޑަކަށް އަށާރަ ޓީޗަރުން ފުރާނެ. އެހެންވެ މި އަންނަ ހަފުތާގައި ކޮލެޖު ބަންދުވާނެ"

އައްފާނު ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. ލައިގެން ހުރި އަންނައުނު އޭނާ ބަދަލުކުރަމުން ދިޔައެވެ.

"ކުޑާ މިރޭ ބިޒީވެސްވާނެ. ކިހިނެއްބާ އަހަރެން އެ ހުރިހާ އެއްޗެއް އިސްތިރިކުރާނީ ވެސް" ނުހާ ހިތަށް އެރިއެވެ.

"އަހަރެން ދާން ހަމަޖެހުނީ ރަށަށް. ނުހާ ބޭނުންތަ ދާން. ހިނގާ އަހަރެމެން ކުޑަ ވެކޭއެއް ހަދާލަން ދަމާ"

ނުހާ މޫޑް އޮފްވިއެވެ. އައްފާން އެ ދައްކަނީ އަތޮޅުތެރެއަށް ދާ ވާހަކައެވެ. ރާއްޖެތެރޭގެ ރަށެއްގެ ލޮނުފަސްގަނޑުގައި އޭނާ ދުވަހަކުވެސް ދެފައި ޖައްސާލާކަށް ބޭނުމެއް ނުވެއެވެ. އެހާ މަދިރި އުޅޭނެއެވެ. މަސް ކައްކާ މީހުންނާއި ކެޔޮޅުންނެވެ. މުޅި ރަށުގައި އޮންނާނީ އަތްވެވެ. ހަންގަނޑު ރޯފިލާނެއެވެ. އަނެއްކޮޅުން ތަހުޒީބުނުވާ ތަނެކެވެ. އެހާ ނުތާހިރު މީހުންނެވެ. މުޅި ގައިގައި އޮންނާނީ ދަލެވެ. ކާއެއްޗެއް ރޯފިލުވަން ބޭނުންކުރާނީ ނުތާހިރު ފެނެވެ.

"އީޔޫ..."

ފާހާނާއަށް ވަންނަން ދިޔަ އައްފާން ނުހާގެ އަޑަށް ބަލައިލިއެވެ. ނުހާ އިންގޮތުންވެސް އޭނާ ދާން ބޭނުންނުވެފައި އިންކަން އައްފާނަށް އެނގުނެވެ. ކައިވެންޏަށްފަހު އެތައް ފަހަރަކު ރަށަށް ދާން ނުހާ ކައިރީގައި ބުނެވިއްޖެއެވެ. ހިލާ ދާކަށް އެއްބަހެއް ނުވިއެވެ.

ނުހާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އައްފާނާ ދުރުގައި ހުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އެހެންނޫނަސް އައްފާން ދާން އެ އުޅެނީ އެންމެ ރަނގަޅު ވަގުތުގައެވެ. ތަންކޮޅެއް ހަމަޖެހިގެން ނޭވާލެވޭނެއެވެ. އަނެއްކޮޅުން ކުރިމަތީގައި އޮތީ އެކުވެރިން ރާވާ ދަތުރެވެ. ދަނީ ރިސޯޓަކަށެވެ. ނުހާ ހުރީ ރިސޯޓަށް ދިއުމުގެ ހުއްދަ އައްފާންގެ ފަރާތުން ހޯދާނެގޮތެއް ނޭނގިފައެވެ. ވަގުތުން ފޯނު ނަގާފައި ޖުމާގެ ނަންބަރަށް ނުހާ މެސެޖު ފޮނުވާލިއެވެ. ރިސޯޓަށް ދާން އޭނާއަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބުންޏެވެ.

****

ސްކޫލުން މަސައްކަތް ނިންމާލާފައި ގެއަށް ދާން ނުކުތް ހިމްނާއަށް ކައިރީގައި ހުރި ފިހާރައަށް ވަން ވަސީމާ ފެނުމުން އެ ދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ. އެހެންޏާ ގެއާ ދުރު ހިސާބަކުން ވަސީމާ ނުފެނެއެވެ. ވީގޮތެއް އަހާލަން ހިމްނާ ބޭނުންވިއެވެ. ނަސީބަކުން ފިހާރައިގެ ދޮރާ ހަމައަށް ރަނގަޅަށް ހިމްނާއަށް ނުދެވެނީސް ވަސީމާ ނުކުމެއްޖެއެވެ. ކުރިމަތީގައި ހުރި ހިމްނާ ފެނުމުން ވަސީމާ ހީލިއެވެ.

"މި ހިސާބަށް އައިސްގެން ކޮންކަމެއްގައި" ހިމްނާ އެހިއެވެ.

"މި އުޅެނީ ވަރުގަދަކަމަކާ ލައިގަނެގެން މިއަދު ހަތަރުދަމު. މިކްސަރު ހަލާކުވެގެން މި އުޅެނީ. މެންދުރަށް ރިހަކޮޅެއް ކައްކަންވެގެން. ފުނޑާ ދައިގެ ފޮއިވެސް ވެއްޓި ދެބުރިވެފަ އޮތީ. އަޅެ މިރަށުގައި ނެތޭ މިކްސަރުގަނޑެއް ވިއްކާ ފިހާރައެއް"

ވަސީމާ ގޮވައިގެން ހިމްނާ އައީ ގެއަށެވެ. އޭނާ ބޭނުންކުރާ މިކްސަރު ވަސީމާ ބޭނުންކުރަން ދިނެވެ. ކަމަކަށް ދަތިވެގެން ދިޔައިރު އަންގާނުލީތީ ހިމްނާ ޝަކުވާކޮށްލިއެވެ. އެހާ އަވަސް އަރުވާލާފައި ހުރި ސަބަބެއް ހިމްނާ އެހީ ފަހުންނެވެ.

"ދޮށީ ދަރި މިއަދު އެބަ އާދޭ. އަހަރެން ބޭނުމެއް ނޫން އެ ސޮރަށް ދަތި އެއްވެސް ކަމެއް ގޭތެރޭގައި ހުންނާކަށް"

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟