ހެއްދެވި ފަރާތުން ފިރިމީހާގެ ބޭވަފާތެރިކަން ހަނދާންކޮށްދިން ވަގުތުކޮޅެކެވެ. ޖަޒުބާތުތަކުން ފޯވެ ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތް މަންޒަރު ފައްވާޒް ނުބެލިއެވެ. އޭނާ ދިނީ ޒާރާއަށް ފުރަގަހެވެ. ފިރިމީހާގެ ލޯބި އަނބުރާ ލިބުމަށް ޒާރާ ކުރާ ދުއާ އާއި ކުރެވޭ އުންމީދުތަކަކީ ބޭކާރު އެއްޗެކޭ ޒާރާއަށް ހީވީ އެ ދުވަހުއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ފައްވާޒް ބުނިހެން ފައްވާޒް ހުރީ އަނބުރާ ގެނެވޭ ވަރަށް ވުރެ މާދުރަށް ގޮސްފައިކަން ޒާރާއަށް ގަބޫލުކުރެވުނެވެ.
މާޒީގެ ދުވަސްތަކުން މަންޒަރުތަކެއް ޒާރާއަށް ހީވީ ސިކުނޑީގައި ރޯލްވެގެން ދިޔަހެންނެވެ. ޒާރާއަށް ކަމެއްވެއްޖެހެން ޖަންނަތަށް އެނގުނީ ޒާރާގެ ނަންބަރު އައިނު ދަށުން ރޮނގަކަށް ތިރިއަށް ފޭބި ދެ ކަރުނަތިކި ފެނުމުންނެވެ.
"އޭތް... ކިހިނެއްވީ؟ އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން" ޖަންނަތު ބުންޏެވެ.
އަތުގައި އޮތް ރޮށިކޮޅު ތަށިތެރެއަށް ލުމަށްފަހު ލޮލުގައި އޮތް އައިނު ޒާރާ ނެގިއެވެ. ދެން ޓިޝޫކޮޅަކުން މޫނާ ދެލޯ ސާފުކޮށްލިއެވެ. އަލުން އައިނު އަޅާފައި ތަށިތެރޭގައި ބޭއްވި ރޮށިކޮޅު ނަގައިގެން ހަފާލިއެވެ.
"ހެހެހެ.. ފައްވާޒްގެ ސަބަބުން އަހަރެން ރޯކޮއްކޮ އަކަށް ވެއްޖެ" ހީލަމުން ޒާރާ ބުންޏެވެ. ޒާރާގެ އަތްތިލައިގައި ހިފަހައްޓައިލަމުން ޖަންނަތުވެސް ހީލިއެވެ.
"ޖަންނަ ދައްކާ ވާހަކަ ދޯ. އަހަރެންނަކީ ފައްވާޒް ބޭނުންނުވެގެން އެއްލާލި ގާބުރި. އެ ގާބުރި އަލުން ނަގަން އޭނަ އަންނާނެތަ؟"
އެއްވެސް އަސަރެއް ނެތް ހިނިތުންވުމަކުން ހީލާފައި ޒާރާ ބުންޏެވެ. ދެން މަޑުމަޑުން ރޮށިކޮޅު ހަފަން ފެށިއެވެ. ދިރުމެއް ނެތް އުންމީދީ ކުލަވަރު އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.
ޒާރާގެ އެ ޖުމްލައިން ޖަންނަތު ދެރަވިއެވެ. މާދަމާ ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ. ޒާރާ ހިތުން ޒާރާގެ ދިރިއުޅުން އެވަނީ ނިމިފައެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަކަށް ޒާރާ އުންމީދެއް ނުކުރެއެވެ. ޒާރާ ވިސްނަން އެބަޖެހެއެވެ. އުފާވެރިކަމަކީ ވަކި މީހެއްގެ ހައްގެއް ނޫންކަމެވެ. ވަކިން ހާއްސަކޮށް ބޭވަފާތެރިއަކަށް ލިބޭ އުފާވެރިކަމަކީ ހިނދުކޮޅެއްގެ ކަމެކެވެ. ދުވަސްކޮޅަކުން އެ އުފާވެރިކަން ނެތިގެން ހިނގައިދާނެއެވެ. އެމީހަކު ކަންކުރި ގޮތަކަށް ދުނިޔެމަތީގައި އެމީހަކަށް އެކަމެއް ދައްކަވާނެއެވެ.
"އަދި ނުބައިކޮށް ތިބުނީ" ޖަންނަތު ބުންޏެވެ. ޒާރާ ޖަންނަތަށް ބަލައިލިއެވެ.
"އެކަކު ބޭނުން ނެތިގެން އެއްލާލާ ގާބުރިއަކީ އަނެކާގެ ހަޔާތުގެ ބިންގަލަށްވެސް ވެދާނެ"
"ކޮބާ ތީގެ މާނައަކީ؟" ޒާރާ ބުންޏެވެ.
"މާނައަކީ ދުނިޔެ ގިޔާމަތާ ހަމައަށް ދަންދެން ތި ހިތާމަ ޒާރާއެއް ނުކުރާނެ. އެއީ ޔަގީންކަމެއް. ދުވާލުވުމާއެކު ރޭގަނޑުގެ އަނދިރިކަންވެސް ފިލައިގެންދޭ. އެހެންވީމަ މިއަދު ޒާރާއަކީ އެއްވެސް މީހަކު ބޭނުންވާނޭ އެއްޗެކޭ ހީނުވިޔަސް ތި ގާބުރި ބަލައި އައިސްދާނެ މީހަކު ހުރެދާނެ. ތި ގާބުރި ނަގައިގެން އެހެން މީހެއްގެ ވީރާނާވެފައިވާ ދިރިއުޅުން އާރާސްތު ކުރެވިދާނެ. އަބަދު އަބަދު ނެގެޓިވްކޮށް ނުވިސްނަބަލަ. އެހެން ހުރިހާކަމަކަށް ވުރެ އެކަލާނގެ ރޭވުންތެރިކަން މާބޮޑު"
ޒާރާ ހިތަށް އެރިއެވެ. ޖަންނަތު އެ ބުނީ ވަރަށް ބޮޑު ތެދެކެވެ. ގަބޫލުނުކުރަނީކީ ނޫނެވެ. ގަބޫލުކުރަން ދަތިވަނީއެވެ. ޒާރަ ބޭނުންވެގެން އަންނާނީ ކާކު ހެއްޔެވެ؟ އަނެއްކާވެސް ބައްދަލުވާނީ ފައްވާޒް ފަދަ އަމިއްލަ އެދުމުން ފޯވެފައިވާ އިންސާނެއްބާއެވެ؟
****
އައްފާންގެ ހިތް ރުއްސުމުގެ ގޮތުން ހަފުތާއެއްހާ ދުވަހު އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުގޮސް ނުހާ ހުއްޓެވެ. އޭނާގެ ކުރީގެ ދިރިއުޅުމަށް ރުޖޫއަވުމާއެކު އަނެއްކާވެސް އައްފާންގެ ޝަކުވާތަކާ ކުރިމަތިލާން ޖެހުނެވެ. މިފަހަރު ނުހާ އެކުވެރިންނާއެކު ރެސްޓޯރަންޓަށް ދިޔައީ އައްފާން ކައިރީގައި ބުނެލުމެއް ނެތިއެވެ. އޮފީހުގައި ބައްދަލުވުމެއް އޮތުމުން ލަސްވާނެކަމަށް އައްފާން މެސެޖްކުރުމުން ނުހާ ބޭރަށް ދިޔައީ އެ ވަގުތުއެވެ. އޭނާ ހުރީ އައްފާން ބައްދަލުވުން ނިންމާފަ އަންނަންވާއިރަށް އަވަހަށް ގެއަށް އައުމަށް ނިންމައިގެންނެވެ. އެހެންނަމަވެސް ބައްދަލުވުން ކެންސަލްވެގެން މާކުރިން އައްފާނަށް ގެއަށް އާދެވިއްޖެއެވެ.
ގޭތެރެއަށް ވަނުމާއެކު ފުރަތަމަވެސް އައްފާން ލޮލުގައި އަޅައިގަތީ ސޯފާގައި ނިއަމްއަށް ކާންދޭން އިން ދިމްނާއެވެ. އައްފާންގެ ދެލޯ ގޭތެރެ ހޯދާލިއެވެ. ފަހަކަށް އައިސް ނިއަމްއަށް ކާންދޭ ހުރިހާ ވަގުތެއްގައި ނުހާ ކައިރީގައި އިނދެއެވެ. ލޮލުގައި ނުހާ އަޅައިނުގަތުމުން ހީކުރީ ގޭތެރޭގެ ކޮންމެސް އެހެން ދިމާލެއްގައި ނުހާ އުޅޭނެ ކަމަށެވެ.
"ރީތިކޮށްލައިގެން ނިއަމް މި ގެންދަނީ އިނގޭ" އައްފާން ކޮޓަރިއަށް ދަނިކޮށް ދިމްނާ ބުންޏެވެ.
"ނުހާ ކޮބާ؟" އައްފާން އެހިއެވެ.
"ބޭރަށް ދިޔައީ" ދިމްނާ ބުންޏެވެ.
"ބޭރަށޭ..." އައްފާނަށް ގަބޫލެއް ނުކުރެވުނެވެ.
ދިމްނާ ބޯޖަހާލުމުން އައްފާން ކޮޓަރިއަށް ވަނެވެ. ދިމްނާއަށް އަނގަމަތީގައި އަތް އެޅުނެވެ. އޭނާއަށް އަނެއްކާ ހެދުނީ ގޯހެއް ހެއްޔެވެ؟ ނުހާ ވީ ބޭރުގައިކަން އައްފާން އެ އެނގުނީ ދިމްނާގެ ފަރާތުން ހެއްޔެވެ؟ އެހެންވިއްޔާ ނުހާ ވަރަށް ހިތްހަމަނުޖެހޭނެއެވެ.
"ދިމްނާ ދޭ ކުދިވެރިންނަށް ކާންދޭން. މަންމަ ނިއަމް ރީތިކޮށްލާނަން. ބައްޕަ މިސްކިތުން އަންނަންވާއިރަށް މި ސޮރު ރީތިކޮށްފަ އައްފާނާ ހަވާލުކޮށްލަން ޖެހޭނެ. އެހެން ނޫނީ އަނެއްކާ ގޭތެރެއަށް ނަގޫ ރޯޅިއެއް އަރާނީ"
****
އިޝާ ނަމާދުކޮށްގެން ހިމްނާ ގޭތެރެއަށް ނިކުތްއިރު ފެނުނު މަންޒަރަކުން ހީލެވުނެވެ. މޭޒު ކައިރީގައި އިން ނޫރީނަށް ފިލަވާޅު ބުނެދޭން އިނީ ޒާރާއެވެ. ޒާރާއަށް ދިމާވި ހާދިސާއަށްފަހު ޒާރާއަށް ވަޒީފާއަށް ނުދެވި އަތްމަތި ދަތިވެގެން ދިޔަ ވަގުތު ނޫރީންގެ ޓިއުޝަން ވަނީ މެދުކަނޑާލައިފައެވެ. އަނެއްކާވެސް ދިރިއުޅުން ހަމަޔަކަށް އެޅި ފަހަށް ރައްކާކުރެވޭ ވަރަށް ފައިސާ ލިބެން ފެށުމުން އިތުރަށް ޓިއުޝަނެއް ނޫރީން ބޭނުމެއް ނުވިއެވެ. ދެ އަންހެންދަރީންނަށް ބަލައިލާފައި ހިމްނާ ދިޔައީ ބަދިގެއަށެވެ. އޭނާ ރޭގަނޑުގެ ކެއުން މޭޒުމައްޗަށް އަރުވަމުން ދިޔައެވެ.
"މަންމަ ދާންވީނު ފިހާރައަށް. އެތާ އިން ކުއްޖާ ކާން ފޮނުވަން ވާނެއްނު. އަހަރެން ކާން ހަދާލާނަން"
ހިމްނާ ދިޔައީ ޒާރާގެ ބޮލުގައި ފިރުމާލާފައެވެ. ހިތާހިތުން ޒާރާއަށް ދުއާކޮށްލާފައެވެ. ޒާރާއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިއެވެ. ކާން ހަދައި ނިންމާލާފައި ޒާރާ އިށީނީ ސޯފާގައެވެ. ކެވޭނީ ނޫރީންގެ ފިލާވަޅުތައް ނިމި ހިމްނާއަށް ވެސް ގެއަށް ވަދެވުނު އިރަކުންނެވެ. ފޯނު ހިފައިގެން އިންދައި އަނެއްކާވެސް ނަންބަރަކުން މެސެޖެއް އައެވެ.
"ޒާރާ ހާލު ކިހިނެއް؟" ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. މިއީ ކާކު ހެއްޔެވެ؟ ވާހަކަނުދެއްކިޔަސް ވާހަކަދައްކަން މަސައްކަތް އެބަކުރެއެވެ. ވަރުގަދަ ކަމެކެވެ.
"މިއީ ފައްވާޒް" ދެން އައި މެސެޖް ކިޔާލާފައި ޒާރާ ފުންމައިގެން ތެދުވިއެވެ.
ދެން އައީ ކޯލެކެވެ. ނޫރީނަށް ބަލައިލާފައި ޒާރާ ދެމިގަތީ ހިމްނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލާފައި އެނދުން އިށީންތަނާ ކޯލް މިސްވެއްޖެއެވެ.
"މިއީ މީހަކު ކުރާ ސަމާސާއެއް ހެއްޔެވެ؟ ގަސްތުގައި ޒާރާގެ އިހުސާސްތަކާ މީހަކު ކުޅެނީ ހެއްޔެވެ؟ އެއީ ފައްވާޒް ކަމަށްވާނަމަ..." އިސާހިތަކު ޒާރާގެ ދެލޮލުގެ ތެރެއިން ވިދާ ބަބުޅަމުންދިޔަ ކަރުނަތަކާއެކު ރުޅިވެރިކަމާއި ނަފްރަތުގެ ކުލަވަރު ފެންނަން ފެށިއެވެ. އެއީ ފައްވާޒް ކަމަށްވާނަމަ ލަދެއް އަގަލެއް ނެތެވެ.
"ލަދެއް ނުގަނޭތަ އަހަރެންނަށް ގުޅަން. ކޮބާ ބޭނުމަކީ؟ ބަލަ އަހަރެންނަކީ ފައްވާޒު ބޭނުންނެތިގެން އެއްކައިރިކުރި ކުނި ކޮޅެކޭ. އަހަރެން ގަބޫލެއްނުކުރަން ފައްވާޒް އަހަރެންނަށް ގުޅަންޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް. ދެން ނުގުޅާތި މަށަށް. ހަމަ ތެދެއް މިބުނީ. ހަމަ ފަޅައިގެންދާވަރަށް ރޮއްވާލާނަން"
އެ ހުރިހާ ވާހަކަތަކެއްވީ ޒާރާގެ ހިތުގައެވެ. ކޮޓަރިން ނުކުންނަން އުޅެނިކޮށް އަނެއްކާވެސް އެ ނަންބަރުން ގުޅައިފިއެވެ. ޒާރާ ފޯނު ނެގިއެވެ.
"ޒާރާ... ޒާރާ..."
ފައްވާޒްގެ އަޑު ކަންފަތުގައި ޖެހުނު ހިނދު ޒާރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ފޯނު ނެގީ ފައްވާޒަށް ގަދައަށް ބަވާލާށެވެ. އެހެންނަމަވެސް ފައްވާޒްގެ އަޑު ކަންފަތުގައި ޖެހުމާއެކު ހިތް މަޑު ހެވާކޮޅަކަށް ވެގެން ހިނގައްޖެއެވެ. ފައްވާޒާ ދިމާލަށް އެކައްޗެއްވެސް ނުބުނެވުނެވެ.
"ޒާރާ... ބަހެއް ކިޔާބަލަ" ފައްވާޒްގެ އަޑު އިވުނެވެ. ޒާރާ އެއްވެސް ބަހެއް ނުކިޔައެވެ. ފޯނު ކަނޑާލާކަށްވެސް ނޫޅުނެވެ.
"އަހަރެންގެ ޕެންޑްރައިވް އަލަމާރީގައި އޮތްތޯ ބަލައިލަބަލަ. ތިގެއިން އައިއިރު ނުއެއް ގެނެވޭ"
ޒާރާ ވަގުތުން ފޯނު ކަނޑާލިއެވެ. ދެން ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީސްތެރޭގައި މޫނު ފޮރުވާލިގޮތަށް ރޯން ފެށިއެވެ. ދޫކޮށްފަ ގޮސް މާދުރުގައި ހުރެގެން ފައްވާޒް ގުޅުމުން މާބޮޑަށް ޒާރާ ހިތުގައި ޖެހިއްޖެއެވެ. ފުރަތަމަ ހިތަށް އެރީ ޒާރާގެ އަޑުއަހާލާ ހިތުން ފައްވާޒް ގުޅި ކަމަށެވެ. ކުރެވުނު ކަންތަކަށް ދެރަވެ މައާފަށް އެދެން ގުޅި ކަމަށެވެ. އަމިއްލަ އެދުމުން ފޯވެފައި ހުރި އިންސާނެކެވެ. ޕެންޑްރައިވްއެކޭ ކިޔާފައި ޒާރާއަށް ގުޅަން ލަދެއް ހަޔާތެއްވެސް ނުގަތެވެ. ފައްވާޒްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޒާރާ މަރުވިތޯ ޔަގީން ކުރުން ހެއްޔެވެ؟ ނޫނީ އޭނާ ދޫކޮށް ދިޔުމުން ޒާރާގެ ހަޔާތަށް މީހަކު އައިކަން ނުވަތަ ނޫންކަން ޔަގީންކުރުން ހެއްޔެވެ؟ ދޮރުގައި ޓަކި ޖަހާލި އަޑަށް ޒާރާ ދިޔައީ ސިއްސައިގެންނެވެ. ހިމްނާ އެ ގޮވަނީ ކާން ނުނިކުމެގެންނެވެ. ކަރުނަތަކާއެކު ހިމްނާގެ ކުރިމައްޗަށް ނާރަންވެގެން ޒާރާ ފާހަނާއަށް ވަދެ މޫނު ދޮވުނެވެ. ބޭރަށް ނުކުތީ ފައްވާޒް ގުޅި ނަންބަރު ބްލޮކްކޮށް މީހާ ހަމަޖެހިގެންނެވެ.
****
ޖެހިގެން އައި ހުކުރު ދުވަހެވެ. ފަތިސްނަމާދު ކޮށްގެން އައްފާން ކޮޓަރިއަށް ވަންއިރު އިރު އަރަން ހުރީ ފަނަރަވަރަކަށް މިނިޓެވެ. އެނދުގައި ނުހާ އޮތްގޮތް ފެނުމުން އައްފާން ހައިރާންވިއެވެ. އެއީ އަދި އައްފާނަށް ނުފެންނަ މަންޒަރެކެވެ. ނުހާ އޮތީ ނޫހަށް ގާތުން ދޭށެވެ. ޔަގީނެވެ. އެވާނީ ނިއަމް ރޯން ފެށުމުން ތެދުވެގެން ފުޅި ހަދަން މަސައްކަތަށް ގާތުން ޖެއްސީއެވެ. އައްފާން ކޮޓަރިއަށް ވަންކަން ނުހާއަށް ނޭނގުނީ ނިދިފައި އޮތުމުންކަން އެނގުނެވެ. އިރުއެރުމުގެ ކުރިން ނުހާއަށް ފަތިސް ނަމާދުކުރަން ހަނދާންކޮށްދީފައި އައްފާން އެނދުގައި އިށީނެވެ. ނިދި ހުރިވަރުން ތެދުވާން ނުހާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ދެކޮޅަށް އެއްޗެއް ނުބުނެ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ވުޟޫކޮށްގެން ނުކުމެ މުސައްލަ ފެތުރިގޮތަށް ނަމާދަށް އެރިއެވެ. ނުހާގެ ނަމާދުގެ ހަރަކާތްތައް ފެނިފައި އައްފާން ހައިރާންވިއެވެ. ނަމަދަށް އެރިތާ މިނެޓެއް ހިނގި ކަމެއްވެސް ނޭނގެއެވެ. މުސައްލަ އޮޅާލާފައި ގެންގޮސް އޮންނަންޖެހޭ ތަނުގައި ބޭއްވިއެވެ. އަލުން އެނދަށް އަރާފައި ގައިގައި ކުއިލްޓް އަޅަން އުޅުނު ވަގުތު އައްފާން ވާހަކަދެއްކިއެވެ.
"ކޮފީއެއް ލިބޭނެތަ؟"
ކުއިލްޓް ތިރިކޮށްލުމަށްފަހު މާޔޫސީ ބެލުމަކުން އައްފާންގެ މޫނަށް ނުހާ ބަލައިލިއެވެ. ކޮފީ ދޭން އެ ބުނީ ހަމަޖެއްސުމަށެވެ. އެހެން ދުވަސްތަކުގައިވެސް އައްފާން މިސްކިތުން އަންނަ ގަޑީގައި ކޮފީ ތައްޓެއް މަންމަ ނޫނީ ކުޑާ ދޭނެއެވެ. ވަރަށް ނިދި އެބަހުއްޓެވެ. ނުގޮހެއްވެސް ނުވާނެއެވެ. ނުހާ އެނދުން ތެދުވެގެން ހިނގައިގަތެވެ.
"އޯކޭވާނެ ފަހުން ދިނަސް. އާދެބަލަ މިތާ އިށީންނަން"
ކައިރީގައި ނުހާ އިށީނުމުން އައްފާން ފުން ނަޒަރަކުން ނުހާއަށް ބަލައިލިއެވެ. ނުހާގެ ދެލޮލުން ނިދީގެ އަސަރު އައްފާނަށް ފެނުނެވެ. އާފުރިލާފައި އައްފާންގެ އަތުގައި ނުހާ ބޯޖައްސާލިއެވެ. އައްފާން ހިމޭނުން އިންގޮތުން ނުހާ ކަންބޮޑުވިއެވެ. ރޭގައި ނާހާ ބޭރަށް ދެވުނުކަން އޭނާ ހަނދާނުގައި ހުއްޓެވެ.
"ނުހާ ހީކުރީ ރޭގަ ކުރި ކަންތައް އަހަރެންނަށް ނޭނގޭނެ ކަމަށްތަ؟"
ނުހާ ދެލޮލުން ސިހުން ފާޅުވެލިއެވެ.
އައްފާން ބަލަހައްޓައިގެން އިންގޮތުން ނުހާ ކަންބޮޑުވިއެވެ. ރޭގައި ނާހާ ބޭރަށް ދެވުނުކަން އޭނާ ހަނދާނުގައި ހުއްޓެވެ. ހީކުރީ އެ ވާހަކަ އައްފާން ނުދައްކާނެ ކަމަށެވެ. މާބޮޑު ކަމަކަށް ނަހަދާނެ ކަމަށެވެ. ނުހާ ކަންބޮޑުވީ އެނާ ހީކުރިގޮތާ ހިލާފަށް ކަންތައްވުމުންނެވެ.
"ކޮ...ކޮންކަމެއް؟" ނުހާ ބުންޏެވެ.
"ނުހާ ގެއަށް އައިއިރު އަހަރެން އޮތީ ނިދާފައެއް ނޫނޭ. އެ ގަޑީގަ އޮށޯވެފަ ޖުމާއާ މާހީއަށް ކޮން ރުޅިއެއްތަ އެ ބޭލީ. ރޭގައި ކަމެއް ހިނގީތަ؟ ތި ތިން މީހުންނާ އެއްކޮށް ފިރިހެނަކު ހުރީތަ؟ ދޮގު ނަހަދައްޗޭ"
ނުހާއަށް އިނގިލީ ކުރީގައި ދަތް އަޅާލެވުނެވެ. ތިން މީހުންގެ މެދުގައި ފިރިހެނެއް ނެތެވެ. އެއީ ޔަގީންކަމެކެވެ. އެހެންނަމަވެސް ފޯނުން ފިރިހެނަކާ މާހީ ވާހަކަދެއްކިއެވެ. އެ ވާހަކަ އައްފާން ކައިރީގައި ބުނާކަށް ބޭނުމެއް ނުވިއެވެ. އިތުރަށް މައްސަލަ ގޯސްވެދާނެއެވެ.
"ސޮރީ ލަވް. ޖުމާމެން ގުޅާވަރުން ދިޔައީ. ހިތަށް އެރީ ލަވް އަންނަން ވާއިރަށް ގެއަށް އަންނާނީއޭ" ނުހާ ބުންޏެވެ.
"ނުހާގެ މިނިވަންކަން ގެއްލުވާލައި ކޮއްޓަކަށް ލައިގެން ބަންދުކޮށްގެން އުޅެން އަހަރެން ނުވިސްނަމޭ. ނުހާ ގެއިން ބޭރަށް ދާން މަނައެއްވެސް ނުކުރަން. އަހަރެންގެ ޝަކުވާއަކީ އަހަރެން ކައިރީގައި ނުބުނެ ދިޔައިމަ"
"ސޮރީ. ދެން އެހެން ނުވާނެ... މި އަންނަނީ އިނގޭ ވަރަށް މީރު ކޮފީއެއް ހިފައިގެން"
****
ހުކުރު ދުވަހަކީ އާންމުކޮށް ގޭތެރެއާއި ފިހާރައިން މަކުނުވާ ފޮޅައި ސާފުކުރާ ދުވަހެވެ. އަބަދުވެސް ގޭތެރެއިން އެ މަސައްކަތްކުރަނީ ތިން އަންހެނުންނެވެ. ފިހާރައިގެ މަސައްކަތް ކުރަނީ އެ މަސައްކަތް ހަވާލުކޮށްފައި ހުންނަ ބިދޭސީ މީހާއެވެ. ދޮރުފޮތިތައް ބަދަލުކޮށް ސޯފާގެ ކަވަރުތައް ހިފައިގެން މެޝިން ހުރި ދިމާލަށް ދިޔަ ނޫރީންއަށް ގޭތެރެއަށް ވަން ޖަންނަތު ފެނި ހުއްޓުނެވެ.
"ކޮބާ އެންމެން؟" ޖަންނަތު އެހިއެވެ.
"މަންމަ ކޮޓަރި ސާފުކުރަނީ. ދޮންތިވެއްޖެ އެ ފަޅީގަ"
ޖަންނަތު ނުކުތީ ޒާރާ ހުރި ދިމާލަށެވެ. ފިހިގަނޑެއް ހިފައިގެން ބަދިގޭ ބޭރު ފާރު ފޮޅަން ހުރި ޒާރާއަށް ޖަންނަތު ގޮވާލިއެވެ.
"ހުވާ މިބުނީ ހިމްނާއްތައަށް ލިބިފައި މިތިބީ މުރާލި ދެ އަންހެންދަރީން" އަޑަށް ޒާރާ ބަލައިލާފައި ހީލިއެވެ.
"ކޮންވަޑާމެއް މި ގަޑީގަ" ޒާރާ ބުންޏެވެ.
ޖަންނަތު އައީ ވަސީމާ ދިން ހަބަރަކާއެކުގައެވެ. މޫދަށް އެރުމަކީ ޖަންނަތު އެންމެ ކުރާހިތްވާ ކަމެވެ. ވަސީމާ ދައުވަތު ދިނުމުން އެ ހަބަރުގެ ހޫނުކަން ނުކެނޑެނީސް ހިފައިގެން އައީ ޒާރާއަށް ދޭށެވެ. ޒާރާ ނުލައި ދާން އޭނާ ބޭނުން ނުވާތީއެވެ. ވަސީމާ އެދުނީވެސް ޒާރާ ގޮވައިގެން އަންނާށެވެ.
"ހުރޭ. މަންމަ ދޭތޯ އަހާލާނަން"
ޒާރާ އެތެރެއަށް ވަންނަން ދަނިކޮށް ހިމްނާ އެ ދިމާލަށް ނުކުމެއްޖެއެވެ.
"މި ހިރީނު ހިމްނާއްތަ. ޒާ ކައިރީގައި މި ކިޔަނީ މޫދަށް ހިނގާށޭ"
ވަގުތުން ހިމްނާ އެއްބަސްވިއެވެ. އެކަހަލަ ކަންތަކުގައި ޒާރާ ބައިވެރިވެގެން އުޅޭތަން ފެނުމަކީ އޭނާއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެންމެން ލޯތްބާއި އޯގާތެރިކަން ލިބެން ފެށުމުން މިހާރުވެސް ޒާރާގެ ފަރާތުން ބަދަލުތައް ފެނިއްޖެއެވެ. ފައިގައި ރިއްސާތީ ހިމްނާ ހުރީ ގެއިން ބޭރަށް ނިކުންނަ ހިތް ނުވެފައެވެ. އެހެންނަމަވެސް ޒާރާ ގޮވައިގެން ދާން އޭނާ ނިންމިއެވެ.
"ދާންވާނެ. މަންމަވެސް ދާނަން. ވަސީމާއަށް ގުޅާފަ އަހަންވީ ދޯ ހިމްނާއްތަ ތައްޔާރުކުރަންވީ އެއްޗެއް"
****
ނިއަމް ނިދިކަން ޔަގީންވުމުން ނުހާ އެނދުން ތެދުވިއެވެ. އޭނާ ބޮޑުކޮޓަރިއަށް ނުކުތީ ކޮޓަރީ ދޮރު ހުޅުވައިފައެވެ. ފޯނެއް އަންނަން ފެށުމުން ނުހާ ބަލައިލިއެވެ. ޖުމާ އެވެ. ރޭގައި ހިނގި ކަންތަކަށްފަހު ޖުމާ ދެކެ ނުހާ ހުރީ ހިތްހަމަނުޖެހިފައެވެ. މިއަދު އެތައް ފަހަރަކު ޖުމާ ގުޅައިފިއެވެ. ނުހާ ފޯނަށް ޖަވާބުނުދިނީ އަނެއްކާވެސް އެ ވާހަކަތައް ތަކުރާރު ކުރަން ޖެހިދާނެތީއެވެ. އަޅާނުލައި އިންދާ އެ ކޯލު މިސްވެފައި މާހީގެ ފޯނެއް އަންނަން ފެށިއެވެ.
"ކީކޭ މާހީ"
ކޮންފަރެންސް ކޯލެއްކަން ނުހާއަށް އެނގުނީ ޖުމާގެ އަޑު ވެސް އިވުމުންނެވެ. އެ ހިސާބުން ފޯނު ބާއްވާކަށް ނުހާއަށް ނުކެރުނެވެ.
"މި ނުންނު ކީއްވެތަ މާ ކަޓައިގެން މި އުޅެނީ؟ އެހާވަރުގެ ކަމެއްވިތަ އަޅެ"
ނުހާ ބަހެއް ނުކިޔާ ހުއްޓެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އެނގޭތީ އެކި ގޮތްގޮތުން އެކުވެރިން އޭނާ ރުއްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން ނުހާ ހަމަޖެހިއްޖެއެވެ.
"މިރެއަށް ރެޑީވާތި"
ފޯނު ކުރުކޮށްލާފައި ސޯފާގައި ނުހާ އޮށޯވެލިއެވެ. ޓީވީ ހުޅުވާލީ ހަމަ ނަމަކަށެވެ. ރިމޯޓް ކައިރީގައި ބާއްވާފައި އޮތަސް އޭނާ ސަމާލުކަންދީގެން އޮތީ އަތުގައި އޮތް ފޯނަށެވެ. އެކުވެރިންގެ ވާހަކަތައް ފެށުނީ ވައިބާ ގްރޫޕްގައެވެ. ކުއްލިއަކަށް ގްރޫޕަށް އިތުރު މީހަކު ވައްދައިފިކަން އަންގައިދިނުމުގެ ގޮތުން އައި ނޮޓިފިކޭޝަން ނުހާ ބަލައިލިއެވެ.
"ޓްރިޕްލް އެކްސް...."
(ނުނިމޭ)