ވާހަކަ

ކަސިޔާރު - 08

6

ގޭތެރެއަށް ވެރިވެފައި އޮތް ނިދީގެ ފުން ހިމޭންކަމުގެ ތެރެއިން ނިސްވާނީ ހުނުމެއްގެ އަޑު މަޑުމަޑުން އިވުނެވެ. ދެކުދިން ނިދާފައި ތިބިކަން ޔަގީންކޮށްލުމަށްފަހު ފެން ފުޅިއެއް ނަގަން ކާ ކޮޓަރިއާ ދިމާއަށް އަޅަމުން ދިޔަ ނަރުގިސްގެ ފިޔަވަޅު ހުއްޓުނީ އެ ހީނލުމުގެ އަޑަށެވެ. މެދުގޭ ތެރޭ ފާރުގައި ހުރި ބޮޑުގަޑިން މެންދަމުން އަލިވެ ދޭއް ޖެހިކަން އިއުލާން ކުރި އަޑުވެސް އިވުނީ އެ ވަގުތުއެވެ.

މި ގަޑީގައި ފަރުހީން އެ ވާހަކަދައްކަނީ ކާކާބާވައެވެ. ރޭގަނޑުގެ މިހާ ލަސްގަޑިއެއްގައި ފަރުހީނަކީ އެއް އިރެއްގައިވެސް ފޯނުން ވާހަކަދައްކަން އިންނަ އަންހެނެއް ނޫނެވެ. މަސައްކަތުގެ އެއްވެސް ކަމެއްވެސް ރޭގަނޑު ނުވައެއް ދިހައެއް ޖެހުމަށްފަހު ކުރުމަކީ ފަރުހީންގެ މިޒާޖުން ބޭރު ކަމެކެވެ. އެކުގައި ހެދިބޮޑުވެ ދުނިޔޭގެ އެތައް ކުލަތަކެއް ފެނި ހަޔާތުގެ ދަތުރުގެ އެކި މަންޒިލުތަކާ ހަމައަށްވެސް ފަރުހީނާއެކު ނަރުގިސް ވަނީ ދަތުރުކޮށްފައެވެ. އެއިން އެއްވެސް ވަގުތެއްގައި އަމިއްލަ ގޮތާއި ބާވަތާއި އުސޫލުން ބޭރުވުމަކީ ފަރުހީން ކުރާނެ ކަމެއް ނޫނެވެ.

ފެންފުޅި ނަގަން ދިއުމުގެ ބަދަލުގައި ނަރުގިސް ހިނގައިގަތީ އޭނާއަށް އެ އަޑު އިވުނު ދިމާއަށެވެ. ފަރުހީންގެ ސްޓަޑީއާ ދިމާއަށެވެ. ވަރަށް ބޮޑު މުހިންމު ފައިދާބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތެއް އޮވެއްޖެ ދުވަހެއްނަމަ ފަރުހީން ފަތިހުފަތިހާ ތެދުވެގެން މިތަނަށް އައުމަށް ދައްޗަކަށް ބައެއް އެފަދަ ރޭތަކުގައި ސްޓަޑީގައި ނިދާނެއެވެ. އެކަމަކު އެފަދަ ރެއެއްގައިވެސް އެގާރަ ޖެހުމަށްފަހު އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. ދަންވަރު ހޭލައި އުޅުމަކީ ފަރުހީން އާދަޔާހިލާފަށް ނުރުހޭ ކަމެކެވެ. ދެ ދަރިންގެ ބައްޕައާވެސް ފަރުހީން ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ ރޭގަނޑު ދަންވަރު ހޭލައި އުޅުންކަން އެންމެނަށްވެސް އެނގެއެވެ.

މަންމައާއި ބައްޕަގެ ހެޔޮ ހަޔާތުގައިވެސް ނަރުގިސްއާއި ފަރުހީންގެ އުމުރުގެ ތަފާތުކަމެއް ނުފެންނަހާ ދެމީހުން ބޮޑުވަމުން އައީ ގާތްކޮށް އެކުއެކީގައެވެ. އާއިލާގެ އެއްބަޔަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަކު ނަރުގިސްއާއި ފަރުހީނަށް މިއިން އެއްވެސް ކަމަކުން ލިބުނު މޮޅެއް ނުވަތަ ވީ ފައިދާއެއްވެސް ވަކި ނެތެވެ. އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުން އައިސް މަންމައާއި ބައްޕަ އެ ދެމީހުންގެ ވަރަށް ޅައުމުރުގައި އެމީހުންނާ ވަކިވެގެން ހިނގައްޖެއެވެ. މަންމަ ނިޔާވިއިރު ފަރުހީނަށް ތޭރަ އަހަރަށް އޮތް އިރު، ނަރުގިސްއަށް ސޯޅަ އަހަރު ފުރިއްޖެއެވެ. އެހެންނަމަވެސް ބައްޕަގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔަލުގައި ނަރުގިސްއަށްވުރެ ފަރުހީން އުމުރުން ހަގަސް އޮންނަ އިތުބާރާއި ޔަގީންކަމުން ދީފައިވަނީ ދޮށީ ދަރިފުޅެއްގެ ދަރަޖައެވެ. އެވެސް އަންހެން ދަރިފުޅަކަށްވުރެ ފިރިހެން ދަރިފުޅަކަށް ދޭ ފަދަ ދަރަޖައެކެވެ. އަދި އާއިލާގެ ދޮށްޓަކީ ނަރުގިސްއެއް ނޫން ކަހަލައެވެ. އެކަމަކު ފަރުހީން ކަހަލައެވެ.

ބައްޕަ ނިޔާވީ މަންމައެކޭ އެއްގޮތަށް ހިތުގެ ބައްޔެއްގައި ވަރަށް ކުއްލި ގޮތަކަށެވެ. ފަރުހީންގެ ސްކޫލު ނިމުނުތަނާހެނެވެ. އަދި އޭރު ނަރުގިސް ހުރީ ބައްޕަގެ އެދުމުގެ މަތިން ކައިވެންޏެއްކޮށް ދިރިއުޅުމަކަށްވެސް ފަށައިފައެވެ. އެހެންނަމަވެސް ނަސީބު ކަން ދިމާކުރީ ހިތް ނޭދުނަސް ރަނގަޅު ނޫން ނޭދޭ ގޮތަކަށެވެ. ބައްޕަ ދަމުން ދީފައިދިޔައީ ދަރަނީގެ ބައިވަރެވެ. ހުރިހާ ކަމެއް ބޮލުގައި އަޅައިގެން ތެދުވަން ޖެހުނީ ފަރުހީނަށެވެ. ނަރުގިސްގެ ހާލު އެ ދުވަސްވަރު އެހާ ރަނގަޅެއް ނޫނެވެ. ތިން ފަހަރު ބަލިވެ އިނދެ ތިން ކުދިން ބައިގެން ދިއުމާއި އިތުރަށް ދެން ދަރިން ނުލިބޭނެކަމުގެ ހަބަރާއެކު ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއުން ފަދަ އެތައް ކަމެއްގެ ތެރޭގައި ނަރުގިސް ހުރީ ބަނދެވިފައެވެ. އަދި ބައްޕަގެ ދަރަނީގެ ސަބަބުން ގެ ވެސް ރަހުނަށް ދީފައި ހުރި ތަނުން ގެ ހުސްކޮށް އެމީހުން ގެއިންވެސް ނުކުންނަން ޖެހޭ ހިސާބަށް ކަންތައް ދިޔައެވެ.

އޭރު އަމިއްލައަށް ބުރަ މަސައްކަތް ކުރަމުން ފަރުހީން ދިޔައީ އޭނާ އެދޭ ރޮނގަކުން ތައުލީމު ހާސިލު ކުރަމުންނެވެ. އެހެންނަމަވެސް މަރުހޫމު ބައްޕަގެ ދަރަންޏާ މެދު ވިސްނާލަން މަޖުބޫރުވީއެވެ. އަދި އެ ދަރަންޏާއި އެއްބަނޑު އެއްބަފައަށް އިން ހަމަ އެންމެ ދައްތަގެ ދިރިއުޅުމާއެކު އަމިއްލަ ދިރިއުޅުން ވެސް ގެބުނަ ނުދީ ސަލާމަތްކުރުމަށް ފަރުހީން ވަރުގަދަ އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.

ފަރުހީންގެ ކައިވެނީގެ އަޑު އިވުމުން ތުނބަށް އިނގިލި އެރި މީހުން ގިނައެވެ. އެވަރުގެ މުއްސަންޖަކު ފަރުހީން ކަހަލަ އާދައިގެ އަންހެންކުއްޖަކާ ކައިވެނިކުރަން އެހާ ފަސޭހައިން އެއްބަސްވެ އަދި އަނބިމީހާއަށްޓަކައި ޖާނުންމާލުން ފިދާވާ ތަން ފެނުމުން ހަސަދަވި މީހުންވެސް ގިނައެވެ. އެހެންނަމަވެސް އެއިން އެއްވެސް ބަޔަކު ކިޔަމުން ދިޔަ އެއްވެސް ލަވައަކާ އެއް ހަމައަކަށް ފައިހަމަކުރުމަކަށް ފަރުހީން ނުވިސްނާ ކަހަލައެވެ. އެއަށްވުރެ ބޮޑަށް މަރުހޫމު ބައްޕަގެ ފަރާތުން ބޮލުގައި އެޅިފައި އޮތް ދަރަނިން ސަލާމަތްވުމާއެކު އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި ފަރުހީން އުޅުނީ އަވަދިނެތިއެވެ.

ދިރިއުޅުން ދިޔައީ ހަމަޖެހޭ ގޮތެއްގައި ކުރިއަށެވެ. ތެދަށް ބުނަންޏާ އެ އުމުރުގައި ފަރުހީން ވެގެންދިޔައީ ޒަމާން ދުށް ހިތްވަރުގަދަ އަދި ކާމިޔާބު އަންހެނަކަށެވެ. ޒުވާންކަމާއި ރީތިކަން ލިބިފައިވާ ވަރަށް ސިކުނޑިއަށް ތެތްކަމާއި ތަނަވަސްކަންވެސް ވަނީ ލިބިފައިކަމަށްވުމުން ފަރުހީންގެ ހަޔާތުގެ ނާ ވަގުތުގެ އޮއިވަރާއެކު ދުވެފައި ދިޔައީ އޭނާ އެދޭ މިސްރާބެއްގައެވެ. ގާތުގައި ހުރިހާ ކަމެއް ބޭނުން ގޮތަކަށް ފުއްދައިދޭން ހުރީ އޭނާއަށްވުރެ އުމުރުގެ ގޮތުން ކިތަންމެ ދޮށީ ފިރިއަކަށް ވިޔަސް ދެކޭ ހުރިހާ ލޯތަކަށްވެސް ހުރި ނަމޫނާ ފިރިއެކެވެ. ބަލަބަލައި ތިއްބާ ފަރުހީން އޭނާގެ ފުރިހަމަ ނުކުރެވި އޮތް ތައުލީމީ ހަޔާތް ފުރިހަމަކޮށް ޑިގްރީ ފާސް ނަގައިފިއެވެ. އެހެން މީހުން ބޭނުންވި ރޮނގަކުން ނޫންކަމަށްވިޔަސް އޭނާ ބޭނުންވި އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިންނެވެ. އަދި ދެން ހަމަ އެ އަތުގައި ލޯބިލޯބި ދެދަރިންގެ މަންމައަކަށްވެސް ފަރުހީން ވެއްޖެއެވެ.

ދުނިޔޭގެ ލޯތަކަށް މިއީ އުފާވެރި އަންހެނެކެވެ. ކާމިޔާބު ހަޔާތެއް ވެއަތު ކުރަމުން ދިޔަ ހަރުދަނާ އަންބެކެވެ. ލޯތްބާއި ޒިންމާއިން ފުރިގެން އިން ގަދަފަދަ މަންމައެކެވެ. އެހެންނަމަވެސް މިއީ ހަމައެކަނި ދުނިޔެއަށް ފެންނަމުންދިޔަ ކުލަ ދަޅަތަކެއްކަން އެނގޭ މަދުމީހުންގެ ތެރޭގައި ނަރުގިސްއަކީ އެންމެ ގާތުގައި އިން އާއިލާ މީހާއެވެ. ހިމޭން މެންދަންތަކުގައި ދުވާލުގެ އަލިކަމުގައި ކަރުނަ އެ ލޮލަކުން ހިލޭތަން ނުފެންނަ ފަރުހީންގެ ލޮލުން އޮހޭ ހިފެހެއްޓުމެއް ނެތް ވޭނީ ކަރުނަ ހިނދެމުން ދިޔައީ ނަރުގިސްގެ އުނގަށެވެ. އަނިޔާއާއި ވޭނާއި ތަދު އޭގެ އެންމެ މަތީ ދަރަޖައަށް އުފުލަމުން ދިޔަ ފަރުހީންގެ މަޖުބޫރު ފަސްބައި އެ ކަށިނަރުތަކުން ސަލާމަތްކޮށްދިނުމަށް ލޯބިވާ ދައްތައެއްގެ ހައިސިއްޔަތުން އެއްކަމެއްވެސް ނަރުގިސްއަށް އޮތީ ކޮށްނުދެވިއެވެ.

"މިހާރު ދެން މާބޮޑަށްވެސް ލަސްވެއްޖެ، ދެ ކުދިންނަށްޓަކައި ކެތްކޮށްލައިގެން އިނުމަކީ އޮތް ހަމައެކަނި ގޮތް." ފިރިމީހާގެ އިނގިލީގެ ނިޝާންތަކުން ދުޅަވެ ރަތްއަރާފައި ހުންނަ ތަންތަނުގައި ބޮނޑިތާން ކުރަމުން ފުރަތަމަ ފަރުހީން ކިޔަމުން އައި ރާގާއި ލަވަ ބަދަލުވީ ދެކުދިން ލިބުނު ފަހުން އެކުދިންގެ ހައްގުގައެވެ. ބައްޕަގެ ދަރަނިން ސަލާމަތްވެ ދިރިއުޅުން އޮތީ ހަމަޖެހިފައެވެ. އެހެނެއްކަމަކު އަހަރު ދެކޮޅު ލިބިފައި ތިބި ދެ ފިރިހެން ދަރިންގެ ހައްގުގައި ފަރުހީން ހިމޭންކަން އިހުތިޔާރު ކުރީ އެ ކުދިންގެ ބައްޕައަކީ ކިހާވަރެއްގެ ކާކުކަން އެ ކުދިންނަށް ސިއްރުކޮށްގެން އިނުން ބުއްދިވެރިކަމަށް ބަލައިފައެވެ.

"ފަރުހީން ދަރިފުޅާ. ދަރިންނަށްޓަކައޭ ކިޔާފައި ތިގޮތަށް ގަނަ ތެޅުމުގެ އެއްވެސް މާނައެއް ނެތް، އެ ކުދިން މިހާރުވެސް ބަލަނީ އަހަރެން، މަގޭ އެނޫން ބައެއް ނުވެސް ނެތް. އަހަރެން ދުނިޔޭގައި އިންހާ ދުވަހަކު އެ ކުދިންނަށް އެއްވެސް ކަމަކުން އުންޏެއް ނުވާނެ، އެހެނެއް ކަމަކު އެހެން މީހުންގެ ހައްގުގައި ކޮއްކޮ ގުރުބާންވުން ހުއްޓާލަންވެއްޖެކަން ނޭނގޭ." ނަރުގިސް އެހެން ބުނަން ޖެހުނީ މަޖުބޫރުވެގެންނެވެ. އޭގެ ކުރިން ދުވަހަކުވެސް އެގޮތަށް އޭނާ ފަރުހީނަކަށް ނަސޭހަތެއް ނުދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ އެއްވެސް ބަހެއް އަޑު އަހާ ވަރަށްވުރެ ފަރުހީންގެ ޒާތާއި ބޯހަރުކަން އެނގޭތީއެވެ. އޭރު އޮތް މަޖުބޫރީ ނިމި އަދު ފަރުހީނަކީ އަމިއްލަ ފައިމަތީގައި ކޮޅަށް ހުރި އަންހެނެކެވެ. ދެ ދަރިން ތިއްބެއް ކަމަކު އަދި ހަމަ ޅަ ޒުވާނެކެވެ. އިންތިހާއަށް ރީއްޗެވެ. ރައުހަތުޝައުގީއަށްވުރެ ހާސްގުނަ ރަނގަޅު މޮޅު މީހުން ކީއްކުރަން ހެއްޔެވެ. ޅަ ޒުވާނުންވެސް ފަރުހީނަށް ލިބޭނެއެވެ.

އެރޭ ހައްދު ފަހަނައަޅައި ދިޔައީ ކެތްތެރިކަން އެންމެ ބޮޑު މީހާއަށްވެސް ކެތްނުވާ ވަރަށެވެ. މާލޭގެ ދިރިއުޅުމަށްވުރެ އަމިއްލަ އުފަން ފަސްގަނޑު ލޮބުވެތިކަމުގެ ބަހަނާއާއި މިފަސްގަނޑުން ފައިސާ އިތުރަށް ހޯދުމުގެ ނިޔަތް ލައިގެން ރައުހަތު އަނބިންނާއި ދަރިން އަދި އާއިލާ ގޮވައިގެން ހަނިމާދޫއަށް ބަދަލުވިތާ އޭރު ހައެއްކަމަސްވެއްޖެއެވެ. މާކުރިއްސުރެ ރަށުގައި ހުރި ބޮޑު ގަނޑުވަރެއްކަހަލަ މަހަލް އޮތީ ފަރުހީނާއި ދެކުދިންނަށް ހިބަކޮށްދީފައެވެ. އެނަލަނަލަ ގޭގެ އެއްފަރާތުގައި އޮތް ހިތްފަސޭހަ ހިސާބުގައި ރެސްޓޯރެންޓެއްގެ އިތުރަށް ކުޑަވަރެއްގެ ގެސްޓުހައުސްއެއް ހުރީ ތައްޔާރުކޮށްފައެވެ. ރަށަށް އައުމާއެކު ވިޔަފާރި އޮތީ ފެށިފައެވެ. އުޅެމުން ދިޔައީ ނިހާޔަތަށް މުއްސަނދި ހަމަޖެހޭ ގޮތެއްގައެވެ. މިރަށަށް ބަދަލުވިފަހުން ރައުހަތުގެ ދިރިއުޅުމުގެ ބައެއް ނޭއްގާނީކަން ފިލައިދިޔަ ކަމަށް ފަރުހީނާއި ނަރުގިސް ތިބީ އުފަލުންނެވެ. އެކަމަކު އެހެނެއް އެކަމެއް ނުވިއެވެ.

އެ ދުވަހު ފަރުހީންގެ ފުރަތަމަ ޕްރޮޖެކްޓުގެ މަސައްކަތުގައި ނުހަނު އުފަލުން އުޅެފައި ގެއަށް އައިއިރު ހަވީރުވެއްޖެއެވެ. ހެނދުނުހެނދުނާ ދެމަފިރިން އެކުއެކީގައި ގެއިން ނުކުމެގެން ދިޔައީ އާދައިގެ މަތިން އެންމެން އެކުގައި ނާސްތާކޮށް ކުދިންނާ ސަލާންގަލާންކޮށްފައެވެ. ރައުހަތު ރެސްޓޯރެންޓާއި ގެސްޓުހައުސްގެ މަސައްކަތް ބަލައި ހަމަޖެއްސުމަށް ދިޔައިރު ފަރުހީން މިރަށުން ލިބުނު ފުރަތަމަ މަސައްކަތަށެވެ.

އެގޭގެ ކުރެހުމާއެކު ގޭގެ ވެރިމީހާއާ ބައްދަލުކޮށް ކުރަން ޖެހޭ މަސައްކަތްތަކުގައި އުޅެފައި ފަރުހީން ގެއަށް އައިއިރު އަދި ރައުހަތު ގެއަކަށް ނާދެއެވެ. ފެންވަރާ ތާޒާ ވެލައިގެން ދެކުދިންނާއެކު ހަވީރުގެ ސައިބުއިމަށް ފަރުހީން އައިސް އިށީނީ ނަރުގިސްގެ އުނގުގައި އިން ހަތަރުއަހަރުގެ ދަރިފުޅު، ޝަނާޒް އުރާލައި އުނގުގައި ބައިންދައިގެންނެވެ. އޭރު ފަސްއަހަރުގެ ރަޒާން ކުޅޭ އެއްޗެއް ރޫޅާލައިގެން ސޯފާގައި އެ ރޭވުމުގެ ބުރަ މަސައްކަތުގައި އިނެވެ. ކުއްލިއަކަށް ބޭރުން ގެއަށް އައިސް ވަން ރައުހަތުގެ މޫނު ފެނުމާއެކު ނަރުގިސްގެ ތަޖުރިބާ ހުރި ސިކުނޑިއަށް ގޯހެއްގެ އަސަރު އުޅޭކަން ވިސްނައިގަނެވުނެވެ.

ދެލޯ ރަތް އަނގުރުހެން ހަދައިގެން ފަރުހީނާ ދިމާއަށް ބަލަމުން އައިސް ރައުހަތު މޭޒުދޮށުގައި އިށީނުމާއެކު ފަރުހީން އިސްއުފުލައި ބަލާލައިފިއެވެ. ހަތަރުކަޅި ހަމަވުމާއެކު ފަރުހީނަށްވެސް ވާން އުޅޭ ގޮތް އެނގިއްޖެއެވެ. އަބަދުގެވެސް އާދައިގެ މަތިން ނަރުގިސް ބެލީ އަވަހަށް ދެކުދިން ގޮވައިގެން އެތަނުން ދިއުމަށެވެ. އަދި ގޭގެ ބޮޑު ދޮރާށި ލައްޕައި ތަޅުލުމަށްވެސް އަވަސްވެގަތުމަށް ނަރުގިސް ތެޅިގަތެވެ. ގޭގެ ހަތަރުފާރުން އެތެރޭގެ އެއްވެސް އަޑެއް ބޭރަށް އިވުމަށް ނޭދޭތީއެވެ.

"ކީއްކުރަން އެ ދެކުދިން ގެންދަންވީ. އެމީހުނަށްވެސް ވެގެން އުޅޭ ގޮތް އަންގަންވާނީ...!" ބޮޑު ދޮރު ލައްޕައި ތަޅުލުމަށްފަހު ސޯފާގައި އިން ޝަނާޒް އަތުގައި ހިފައިގެން އައިސް ނަރުގިސް އަތްދިއްކޮށްލީ ފަރުހީންގެ އުނގުގައި އިން ރަޒާން އުރާލުމަށެވެ.

"އެމީހުންގެ އަމާ އަކީ ކިހާވަރެއްގެ ކާކުކަން އެމީހުނަށްވެސް އެނގެންޖެހޭނެ. ރަށަށް އައިސް އަދި މި އުޅެނީ ފައިން ވެލި ނުހިކިގެން، މިހާރު މިރަށު ތެރޭގައި ތިބި އެއްވަރުގެ ފިރިހެނުންނާއެކު މަންޖޯލި ޖެހެމުން ދުވަން ފެށީވިއްޔަ. ނޫނޭ، ކަލެއަށް ތިހުރީ ހަމަ އަމާގެ ކޫޑިކަން ލިބިފައި، ބަފާ މަރުވީ އެކަމާ ކުރި ހިތާމައިންކަން އެނގޭނީ އެނގޭ ބަޔަކަށްތާ.... ލަދެއް ހަޔާތެއް ނެތް ކަމުންތާ މަށާ އިންނާނީ، އެވެސް އެނގި ހުރެ."

އަބަދުވެސް އިވޭ އެއް ވާހަކަ އަނެއްކާވެސް އަހަން ޖެހުމުން ކުރާނެ އާ އަސަރެއް ނެތެވެ. އެކަމަކު މައުސޫމު ކުޑަ ދެކުދިންގެ ކުރިމަތީގައި އެއީ ރައުހަތު ދައްކައިގެން ވާނެ ވާހަކައެއް ނޫންކަން ގައިމެވެ.

"ޝައުގީ. ކުދިން ތިބޭ ތަންތަނުގައި ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ،" ނަރުގިސް އަވަހަށް އެ ވާހަކަ ހުއްޓުވަން މަސައްކަތް ކުރިއެވެ.

"އާ، ކަލޭ ތީ ފާރު. ހުރިހާ ކަމެއްގެ ނިވާފަތް. ކުޑައިރުވެސް ހަމަ ތިހެން، ބަފައަށް ވަގަށް އަމާ ހިލޭ ފިރިހެނުން ހޯދާއިރު ކޮއްކޮ އުނގަށްލައިގެން ކަލޭ އިންނަނީ ބޮދާ، މިހާރުވެސް ހަމަ އެހެން،" އަތުގައި ޖެހެން އިން ހޫނު ފެންޖަގު ހޫރާލަން ރައުހަތު ނެގިތަން ފެނުނީ ނަރުގިސްއަށެވެ. ފަރުހީން އިން ގޮނޑީގެ އަތްގަނޑުގައި އަތުން ޖަހައި ދުރަށް ކޮއްޕާލެވުނީ ކިރިޔާއެވެ. ހޫރާލި ހޫނުފެން ޖަގު ބާރަށް ގޮސް ޖެހުނީ ފަރުހީންގެ ކޮނޑުގައެވެ. ޖެހިފައި ވިއްސައިގެން ގޮސް ދުރަށް ވެއްޓި އޭގައި ހުރި ހޫނުފެނާއެކު އެކީގައި ޖަގު ބަޑިއެއް ޖެހި އަޑާއެކު ތަޅައިގެންދިޔައެވެ. އެ އަޑާއެކު ސިއްސައިގެން ގޮސްފައި ޝަނާޒް ބާރަށް ރޮއިގަތް އަޑުވެސް އައީ އެކުއެކީގައެވެ. އަބަދުވެސް ހަގު ކުއްޖާއަށްވުރެ ދޮށީ ސޮރުގެ ހިތް ބައްޔެވެ. އެހާ ގާތްގާތުގައި ވިހެއުމާއި ގާތުން ދޭންވާ ވަރަށް ކިރުނުދެވި އަޅާލަންވާ ވަރަށް އަޅާނުލެވުމުންނޭވެސް ބައެއް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންކަމުން މިއަދުވެސް ހަނގުރާމައިގެ އަސަރު ފުރަތަމައަށް ކުރީ ޝަނާޒަށެވެ.

"ރޯނެ ކަމެއް ނެތޭ، ކަލޭގެ މަންމަ މިރަށު މީހުން ކުރިމަތީ މަގޭ އަގު ވައްޓާއިރު އަހަރެން އަނގަ ހުޅުވަންވެއްޖެއްޔާ ވާނެ ގޮތް ނުވިސްނިގެން އެ އުޅެނީ. މަރުވެފައި އޮތް އަމާ ގާތަށް އައިސް އައިސް ހުރި މީހަކާ އިންނަން އެއްބަސްވި އަންހެނަކު ނުކުރާނެ ކަމެއް އޮންނާނެތަ؟"

މިފަހަރު ނަރުގިސް ކެތް ކުރާކަށް ބޭނުމެއް ނުވިއެވެ. ދެކުދިން ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައި ތަޅުލައިގެން ލަވަޖަހާ ސެޓު އަޑުގަދަ ކުރާކަށްވެސް ނޫޅުނެވެ. ހުރި ގޮތަށް ހުރީއެވެ. ހީވާ ކަހަލައެވެ. މިއީ މި ވާހަކަ ދައްކަން ޖެހޭ ވަގުތެކެވެ. ތާއަބަދު އެކައްޗެއް ކިޔަކިޔައި ފަރުހީންގެ އަމިއްލަ ނަފުސު ކުށުގެ ބޮޑު ބަރަކަށް ހަދައިގެން ވަރަށް ދުވަހު ރައުހަތަށް އޭގެ ބޭނުން ހިފިއްޖެއެވެ. މިހާރު ދެން އެހެންވާން ދޫކުރާކަށް ނަރުގިސްވެސް ބޭނުމެއް ނޫނެވެ. އެ ދައްކަނީ ހަމައެކަނި ފަރުހީންގެ މަންމަގެ ވާހަކައެއް ނޫނެވެ. އެއީ ހުދު ނަރުގިސްގެވެސް މަންމަގެ ވާހަކައެވެ. އެހެންކަމުން ތާއަބަދު މަންމަގެ މަހާނަ މަތިން ކަޅު ހިޔަނި ދުވާތަން ބަލަން ނަރުގިސްވެސް ބޭނުމެއް ނޫނެވެ.

"ޝައުގީ. ތި ބަނދި ކިޔާކިޔާ ވާޅެއް ނުވޭތަ؟ ކާކު އުޅެނީ ތިކަން ނޭނގިގެން، މަންމަގެ އެކުވެރިކަމުގައި ޝައުގީ އައިތަނުން ފަރުހީނަށް ޝައުގީ އެނގި ދަސްވިކަން އެންމެނަށްވެސް އެނގޭ. އެންމެ ރަނގަޅު. މަންމައާއި ޝައުގީ އެއް ޒަމާނެއްގައި ހިތާވިކަންވެސް އެނގޭ. އެކަން އެނގިހުރެ ފަރުހީން އިނީ، ދެން ކޮބާ މައްސަލައަކީ، ގައިމު މި ދެކުދިންނަކީ ފަރުހީން ވިހޭ ދެ ކުދިން. މިއީ މަންމަގެ ކުދިންނެއް ނޫން. ތެދަށް ބުނަން ނުކެރިގެން ތި އުޅެނީ ފަރުހީން ގެއްލިދާނެތީ ބިރުންތާ، ބަލަގަ، މަންމައާ ތިކިޔާ ކޮން ގުޅުމެއް ކަލޭގެ އޮތީ. މީ މަ ނުދައްކަން ހުރި ވާހަކަ، ކަލޭ ހީކުރީ އެކައްޗެއްވެސް ނޭނގޭތީ ކަމަށްތަ ހައްޕު ކިޔައިގެން ހުންނަނީ. އެހެންވެގެން ނޫން. ރީތިކަމަކަށް ނުވާތީ. އަހަރުމެން ދެ އަންހެން ކުދިންގެ މަންމައަކީ އަހަރެމެން ދެކުދިންނަށް ތިހާ ގިނަ ސިއްރުތަކެއް ގެންގުޅުނު މީހެއްނޫންކަން ފަހަރެއްގައި ކަލެއަށް ނޭނގި އޮވެދާނެ، އެހެންވެ އެންމެ ފަހުން މި ޖެހުނީ މި ވާހަކަވެސް ބުނެދޭން..."

ފަރުހީން އިނީ ހުއްޓުން އެރި ގޮތަށް ހިރިލަންވެސް ނޭނގިފައި ކަހަލައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ހުރެ ހަރަކާތެއް ނެތް ބުދެއްހެން ރޮމުން ގިސްލެވެމުން ދިޔަ ދަރިފުޅުގެ މޫނަށް ބަލަން އިންއިރު ފަރުހީންގެ މޫނުމަތިން މާޔޫސީއާއި ހިތްދަތިކަމުގެ ނުނިމޭނެ ސިލްސިލާއެއްގެ އަސަރު ސާފުކޮށް ފެންނަމުންދިޔައެވެ. އެތައް އަހަރުތަކެއް ވަންދެން ހިތުގައި ގަނޑުވެފައި ހުރި ފެންތައް ވިރެން ފެށި ކަހަލައެވެ. ދުވާލުގެ އަލިކަމުގައި އޭނާގެ ދެލޮލުން ކަރުނަ ހިލޭތަން އެއްވެސް މީހަކަށް ފެނުމަކީ ފަރުހީން އެދޭކަމެއް ނޫނެވެ. އެހެނެއްކަމަކު މިއަދު އޭނާގެ ކުރިމަތީގައި ދައްތައާއި ފިރިމީހާގެ ދެމެދުގައި އެދެކެވޭ ވާހަކައާއި ދެކުދިންގެ ބިރުގެންފައިވާ މޫނާއި މަރުހޫމު މަންމަގެ ހަނދާންތައް އޭނަގެ ހިތް ކަފިކަފިކުރަމުން ގޮސް އެ ހިތުގެ ހުރިހާ ލެއެއް އެކުއެކީގައި ހެން އޮއްސަން މަޖުބޫރުކުރަނީއެވެ.

ލޯބި... ލޯތްބަކީ ކޮބައިކަމެއް ނޭނގި މި ހިސާބަށް އައިއިރުވެސް އަދިވެސް އާއިލާގެ ޒިންމާއާއި ވާޖިބު އަދާ ކުރެވޭތޯ ބަލަމުން އައި ފަރުހީންގެ މައުސޫމުކަން ކުއްލިއަކަށް ހާމަވެ ފާޅުވީއެވެ. އުމުރަށްވުރެ މާބޮޑަށްވެސް ހަރުވެގެން ތިމާއަކީ އެއްވެސް އިހުސާސެއް އަމުދުން ނެތް މީހަކަށް ހެދިގެން އެހެން މީހުންނަށްޓަކައި ޖާނުންމާލުން ހިތާފުރާނައިން ގުރުބާން ވަމުން އައި ފަރުހީނަށް އޭނާގެ ހިތުގެ ބަލިކަށިކަމާއި ނިކަމެތިކަން އިހުސާސް އެކުރެވުނީ މުޅި ހަޔާތުގައިވެސް ހަމަ އަލަށެވެ. ލޮލުން އޮހިގެން ދިޔައީ ހޫނު ހޫނު ކަރުނަތަކެވެ. ގިސްލެވެމުން ގޮސް އަޑު ކަރުގައި ތާށިވެއްޖެއެވެ. ކާލިއަޅަމުން ކަހަލަ ގޮތަކަށް ތެދުވެގެން އައިސް ނަރުގިސްގެ ފަސްބައިގައި ހިފައިގެން ހުރި ދަރިފުޅު ނަގައި މެއާލާ ބޮޑިކޮށްލަމުން ހިންދިރުވަން ފެށިއެވެ. ހީވާ ކަހަލައެވެ. ފަރުހީން މިއަދު ބުނާނެއެވެ. އޭނާގެ ހިތުގެ ވާހަކަ ދުވަހަކުވެސް އޭނާ ނުބުނެއެވެ. އާނއެކެވެ. އޭނާ ކެތްކުރިއެވެ. އަދިވެސް ކެތްކުރާނެކަން ޔަގީނެވެ. އެކަމަކު މިހެނެއް ނޫނެވެ. އެހާ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި އޭނާ އަމިއްލަ ނަފުސު ފަށްފަށްކޮށްގެން ފިރިމީހާއަށް އަޅުދާސްވަމުން އެ އަންނަނީ އޭނާ ނުވެސް ކުރާ ކުށެއްގެ އަދަބު ލިބެމުންނެވެ. ދެނެއް އެހެންވިޔަކަ ނުދޭނެއެވެ. އަމުދުން އޭނާގެ މޭގެ އެތިކޮޅު މިގޮތަށް ހިތްހަލާކުވެ ރޯނެ ދެވަނަ ފުރުސަތެއް އަޔަކަ ނުދޭނެއެވެ. އޭނާގެ ލޯބިވާ ދެލޯނޭދި އެދޭ ދަރިންނަށް ދެވަނަ ފަހަރަކު މި އަނިޔާވެރިކަން ދައްކާނެ ފުރުސަތެއް އޭނާ ނުދޭނެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟