ވާހަކަ

ކަސިޔާރު - 07

6

ޒަވާރުގެ ކޮއްކޮ، ކާޝިފުގެ މަންމަ ވަކީލާ އާއި ވަފިއްޔާގެ ގާތް އެކުވެރިކަމާއި މަންމަ ޒަހުރަބާން އާލަމްގެ ނުފޫޒާއި ބާރު އާއިލާއިން ބޭރަށް އާއިލާގެ ނުހަނު ލޮބުވެތި ފުރަތަމަ މާމަދަރިފުޅު އަޝްހަދުލްއަމީނު ދާން ގަބޫލެއް ނޫނެވެ. ކަންމިހެން އޮތުމާއެކު ކިރިޔާ އަށާރަ އަހަރު ފުރުނު ނަހާރު އައްތުގެ ހަޔާތުގެ އެހީތެރިޔާ ކަމުގައި ކަނޑައެޅި ނިމިއްޖެއެވެ.

ބަސްއަހާ ޕްރައިމަރީ ގްރޭޑްގެ ދެ ދަރިވަރުންހެން އައްތާއި ނަހާރު މާމައާއި މަންމަމެންގެ ބަހަށް އާނބަސް ބުނެފިއެވެ. ކައިވެންޏަށް ފަހު ދަރިފުޅަށް ބަލިވެ އިނުމާއެކު ނަހާރު އާއި އައްތު އާއިލާގެ އެންމެނަށް ސިއްރުސިއްރުން ޑޮކްޓަރުންގެ ލަފައާއި އިރުޝާދާއި އެހީ ހޯދަން ޖެހުނީ އައްތަކީ އިލްމު ހުރި ތަންދޮރު އެނގޭ މީހަކަށްވާތީއެވެ. އެ ދެ މީހުންނަކީ ދެބެންގެ ދެދަރި ދެމީހުންކަމަށްވުމުން ކޮންމެފަދަ ދެރަ ގޮތެއްވެސް ދަރިފުޅަށް ދިމާވެދާނެ ކަމަށް ދެ މީހުންވެސް ޖެހިލުން ވާތީއެވެ.

ނަމަވެސް ނަސީބު ރަނގަޅެވެ. ނަހާރުގެ ބަނޑުގައި ހަމަޖެހޭ ރައްކާތެރި ނުވަ މަހަށްފަހު އިހަށްދުވަހު އާއިލާގެ އަލަތު މުނިމާމަ ދަރިފުޅު ފުރިހަމަ ސިއްހަތެއްގައި ދުނިޔެއަށް އައިސްފިއެވެ. އަދި މިއަދު ހަވީރު އެ ދެމައިން ގޮވައިގެން އައްތު ގެއަށް އަންނާނެއެވެ. ދެމަފިރިންނަށް ދީފައި ހުރި ތަނަވަސް ކޮޓަރި ދެބަޔަކަށް ބަހައި ދަރިފުޅަށް ވަކި ބައެއް ހާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުދައިތަ ޝިއްޔަތު ބުނިގޮތަށް އެ ފައިސާ ހިފައިގެން ކާޝިފު ގޮސް އެ ބައިގެ އެތެރެއަށް ވަދެއްޖެއެވެ. ވާހް ވަރަށްވެސް ފުރިހަމަ ޒީނަތްތެރިކަމެކެވެ. އެއީ މިހާރު ކުރިން ފެނުނު ކޮޓަރިކަން އެނގޭނެ އެއްގޮތެއްވެސް ނެތެވެ. މި މަސައްކަތް ކުރި މީހަކީ ހަގީގަތުގައި ވެސް ތައުރީފު ހައްގު މީހެއްކަން ޔަގީނެވެ.

"އެކްސްކިއުޒް..... ޕެއިމެންޓްސްލިޕް.... ޝިއްޔަތު ދެންމެ ގުޅާފައި...."

އަޑު އިވުނީ ކާޝިފުގެ ފުރަގަހުން ކަހަލަ ގޮތަކަށެވެ. އެ ވަގުތު "ޖަޑޯރ"ގެ މަސްތުކުރުވަނިވި ވަސް ކާޝީފުގެ ހިއްސުތަކަށް ތާޒާކަން ލިބިގެން ދިޔަ ކަހަލައެވެ.

"އޯހްހައި...ހަލޯ،" ކާޝިފު އޭނާގެ މޫނުމައްޗަށް ވެރިވި ކުލަ ފޮރުވޭތޯ ހިނިތުންވަމުން ބުނެލިއެވެ.

"ކާޝިފް..." އޭނާ ބޭނުންވީ ތައާރަފުވެލުމަށެވެ. އެމީހާގެ ނަން އަހަން ބޭނުންވާތީއެވެ.

"ފަރުހީންސަލަމާ...."

"ތިހާ ދިގުނަމެއް ކިޔާނީ ކިހިނެއް. އަހަރެން ގޮވާނީ ހީނާ... އަނެއްކާ އެ ނަމުން ގޮވީމާ ދަންނަ ކަމަށް ނުހަދާނަންދޯ..."

އެ ދުވަހުގެ އެ ތައާރަފުވެލުމުގައި އޮތީ ރަސްމީ ގޮތެއްކަމުގައި ވެދާނެއެވެ. އެހެންނަމަވެސް އެ ރަސްމީ ފެށުމަކީ ކޮން ފަސާނާއެއްގައި އެޅުނު ހަވާސާއެއްކަމެއް ދެ މީހުން ކުރެ އެކަކަށްވެސް ނޭނގޭ ކަހަލައެވެ.

އެންމެ ފުރަތަމަ ހީނާ ފެނުނުއިރުވެސް ހީނާގެ އަމިއްލަ ދިރިއުޅުމެއް އޮތެވެ. ހަޔާތުގެ ދަތުރުގައި ހީނާ ހުރީ ވަރަށް ކުރިއަށް ގޮސްފައެވެ. އެ ދިރިއުޅުމާއި އެ ހަޔާތުގައި ކާޝިފަށް އެއްވެސް ޖާގައެއް އޭރަކު ނެތެވެ. ހަމައެކަނި ކާޝިފަކަށް ނޫނެވެ. އެ ވަގުތު ހީނާގެ ހަޔާތުގައި ތިބި މީހުންނަކީ ހީނާގެ ދުނިޔެއެވެ. އެހެންނަމަވެސް އެ ކުޑަކުޑަ ދުނިޔެއަށް ސިއްރުން ވަދެ، ހީނާއަށް ނުވެސް އެނގި އެ ދުނިޔޭގައި ކާޝިފު އޭނާގެ އަމިއްލަ މަގާމެއް އުފެއްދީއެވެ. އެއްވެސް ނުފޫޒެއް ނެތި އަމިއްލައަށް ބޭނުންވެގެންނެވެ. ނަތީޖާ ކަނޑައެޅި ފެނި އެނގެން އޮތްއިރުވެސް ވަރިހަމަވެފައި ހުރެގެން ކާޝިފު ގަސްތުގައި އޭނާގެ ފިޔަވަޅުތައް ކަސިޔާރުވާން ދޫކޮށްލީއެވެ.

އެ ދުވަހުގެ އެ ހިނދުން ފެށިގެން ކާޝިފަށް ޖަޑޯރ ގެ ވަސް ހާއްސަވިކަން ވެސް ޔަގީނެވެ. އޭރު އޭނާއަކީ ހަމަ އެންމެ ނަވާރަ ވަރަކަށް އަހަރަށް އަޅައިގެންފައި ހުރި ފުރާވަރުގެ ފިރިހެން ކުއްޖެކެވެ. އެހެންނަމަވެސް އެ ޅައުމުރުގައި ހާއްސަ އެކުވެރިއަކު އޭނާއަށް ލިބުނީއެވެ.

"ހީނާ.. މިއީ ކާޝިފް،"

ކާޝިފް ދިއްކޮށްލީ ސްލިޕާއެކު އޭނާގެ އަތެވެ. އެ އަތުގައި ހިފާކަށް އެ ދުވަހު އެ އަންހެންމީހާ ބޭނުން ނުވިއެވެ. ހަމައެކަނި ސްލިޕް ހޯދައިގެން ހިނިތުންވެލީއެވެ.

"އެކަމަކު ނުވިސްނުނު. ފަރަހީނާ އަހަ ފަރުހީންސަލަމާ ކޮންފަދަ އަންސިވިލް ނަމެއް. ދިވެއްސެއްތަ؟" ކާޝިފު ބޯ ކަހާލަމުން އަހާލިއެވެ.

"އުމުރުން ހަގަސް ވިސްނުން ތޫނުކަމަށް ފެނޭ. ތި ހީވީ ރަނގަޅަށް. ބައްޕަގެ މަންމަ ދިވެއްސަކަސް ބައްޕަގެ ބައްޕަ، މާނައަކީ ކާފައަކީ އިންޑިއާ މީހެއް. ބައްޕަ އަލަށް ރާއްޖެ އައި ފަހަރު މަންމައާ ބައްދަލުވީ، ބައްޕައާއި މަންމައަށް ލިބުނީ އަހަރެމެން ދެ އަންހެންކުދިން، ދެ މީހުންވެސް ބޮޑުވީ އިންޑިއާގެ މުމްބާއީއަށް، ލައިފް ސްޓާޓްކޮށްގެން މިކޮޅަށް ބަދަލުވީ އަހަރެން ބޭނުންވެގެން،"

އެ ހުރިހާ ވާހަކައެއް ކާޝިފަށް ކިޔައިދޭން ފަރުހީނަކަށް މަޖުބޫރެއް ނޫނެވެ. ނުވަތަ ކާޝިފު އެ ސުވާލުތަކެއް ނުވެސްކުރޭމެއެވެ. އެހެނެއްކަމަކު އެ ވާހަކަތައް އަޑުއަހަން ކާޝިފު ހުރީ ދަހިވެފައިކަން ގައިމެވެ. ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުން، އަތުގައި އޮތް ރަސީދާ އަޅައިކިޔަމުން ދިޔައިރު ފަރުހީން ކިޔައިދިނީ ކުރުކޮށް ނަމަވެސް އޭނާގެ އާއިލާގެ ބައެއް ވާހަކަތަކެވެ. އެހެނެއްކަމަކު އެންމެ މުހިންމު ވާހަކަ އޮތީ ނުބުނެވިއެވެ. ނުބުނީކަމެއް ނޫނީ އެ ހިސާބަށް ވާހަކަ ނުދަނީސް ކާޝިފް ދާން ޖެހުނީކަމެއް ނޭނގެއެވެ. ކޮންމެ ގޮތަކަށްވިޔަސް ކާޝިފަށް އަޑު އިވެން ޖެހޭ އެންމެ މުހިންމު ވާހަކަ ފަރުހީން ނުބުނާކަން ޔަގީނެވެ.

ގެއަށް އައިސްފައި އޮތް ދިހަ ރޯދަ އީދުގެ އުފާވެރިކަން އެންމެންވެސް ދިޔައީ އެކަކު އަނެކަކަށް ހިއްސާކޮށް ބައިވެރިވަމުންނެވެ. އެންމެ މީހެއް ފިޔަވައެވެ. އައްތާއި ނަހާރުގެ އަލަތު ދަރިފުޅު އަދި އާއިލާގެ ފުރަތަމަ މުނި މާމަދަރިފުޅު ގެއަށް ގެނައި އުފާވެރިކަމާއި ބަހާރުގެ އެއްވެސް އަސަރަކުން ގުޑުމެއް ނައިސް، މުޅިން އެހެން ދުނިޔެއެއްގައި އުޅެމުން ދިޔައީ ކާޝިފެވެ. ކާޝިފުގެ ފޯނު ރެއާ ދުވާލު މެސެޖުތައް އައުމާއި ފޮނުވުމުގައި ބިޒީވެފައެވެ. މެސެޖު ލިޔުމުގައާއި ހުޅުވުމާއި ރޯލް ކުރުމުގައި ކާޝިފުގެ އިނގިލިތައް ބިޒީވެފައިވާ ފަދައިން ދެލޮލާއި ސިކުނޑި ވަނީ އެ މެސެޖުތައް ކިޔުމުގައާއި އެއާމެދު ވިސްނުމުގައި ބިޒީ ވެފައެވެ.

މިކަން އާއިލާގައި އެއްވެސް މީހަކަށް ފާހަގަ ނުކުރެވުނީ ދުވަސްކޮޅު ގޭތެރޭގެ ކަންތައް ހުރިގޮތް ހަލަބޮލިކަމުން ކަމެއް ނުވަތަ ކާޝިފުގެ ދުރުވިސްނޭ ބުއްދީގެ މޮޅުކަމުން ކަމެއް ނޭނގެއެވެ. ކޮންމެ ގޮތަކަށް ވިޔަސް އައްތާއި ނަހާރުގެ ދަރިފުޅަށް ހަތް ދުވަސްވެގެން ނަންކީ ރަސްމިއްޔާތުގައިވެސް ގޭގައި ވީއެއްވެސް ކަމެއްގެ މާބޮޑު ހިލަމެއް ކާޝިފަކަށް ނުވާ ކަހަލައެވެ. ވަގުތުގެ އެހީ އޮތީ ކާޝިފަށްޓަކައި ހުޅުވާލެވިފައި ކަހަލައެވެ. އޭލެވެލް ނިންމާފައި ލިބުނު ރަންވަނައިގެ ނަތީޖާއާއެކު އާއިލާގެ އެންމެންހެން ތިބީ ކާޝިފަށް ހުސްކޮށް އުޅެލަން ވަގުތު ދީގެންނެވެ. ހަމަ އެންމެ ހައެއްކަ މަސް ދުވަހަށްފަހު ކާޝިފު ފުރުވާލުމަށް އާއިލާއިން އޮތީ ނިންމާފައެވެ. މިއީ ކާޝިފަށް ވެސް އެނގިފައި އޮތް ބޮޑު ސިއްރެކެވެ.

އެ ހަ މަސް ދުވަހަކީ ކާޝިފު ކޯހަށް ފުރުމުގެ ކުރިން އެކުވެރިންނާއި އާއިލާއާއެކު ރައްޓެހިންނާއި ތިމާގެ މީހުންނާއެކު ވަގުތު ހޭދަކޮށްލައި ހިތްހަމަޖައްސާލުމަށް މާމަމެން މަންމަމެން އާއިލާގެ ބޮޑުން އޭނާއަށް ދިން ހުސް ވަގުތުކޮޅެކެވެ. އެކަން ވީވެސް އެހެންނެވެ. ކާޝިފަށް މި ހަ އެއްކަ މަސްދުވަސް ކިތަންމެހާވެސް މުހިންމުވިއެވެ. އެކަމަކު އާއިލާގެ އެއްވެސް މީހަކު ހީވެސް ނުކުރާ މަގަކުން ކާޝިފު ހުރީ ހިނގަން ފަށައިފައެވެ.

އެންމެ ފުރަތަމަ މަންޒަރާއި އަޑު އަޅައިގަތީ ޝިއްޔަތުގެ ލޮލުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ބޮޑު ދައިތައަކަށްވުރެ، ބޮޑު ފަހަރިއަކަށްވުރެ، ޝިއްޔަތަކީ ކާޝިފަށް ގާތް ރައްޓެއްސެކެވެ. ޝިއްޔަތަށްވުރެ ވިހި އަހަރު ހަގެއްކަމަކު ހެދިބޮޑުވަމުން ފުރާވަރަށް އަރަމުން އައިއިރު ކާޝިފުގެ މަންމައަށްވުރެ އާއިލާގެ އެހެން އެންމެނަށްވުރެ ގާތް މީހަކީ ޝިއްޔަތެވެ.

މިގޭގެ މީހަކަށް ވެގެން އައުމުގެ ކުރިންވެސް ޝިއްޔަތަކީ މިގޭ މީހެކެވެ. ޝިއްޔަތަކީ އެއްކޮޅުން ބަލާއިރު މިގޭގެ މާމަ، ޒަހުރަބާން އާލަމްގެ ހަމައެކަނި ދައްތަގެ އިން ހަމަ އެންމެ އަންހެންދަރިފުޅެވެ. މި ދަރިފުޅު އާއިލާއިން ބޭރަށް ދާން ޒަހުރަބާންއާލަމް ރުހޭނީ ކިހިނެއް ހެއްޔެވެ. އެހެންކަމުން އަވަސް ފުރުސަތެއްގައި ޝިއްޔަތަށް ހަމަ އެންމެ ސޯޅަ އަހަރުގައި ޒަހުރަބާންއާލަމް ޝިއްޔަތަކީ މިގޭގެ ފުރަތަމަ ޅީދަރިފުޅު ކަމުގައި ހަދައިގެން ގެއަށް ގެނެސްފިއެވެ.

ޝިއްޔަތުގެ ކައިވެންޏާއެކުގައި ކާޝިފާއި ނަހާރުގެ މަންމަ ވަކީލާގެ ކައިވެނި ހަމަ ވަރަށް ގާތުން ކުރެވިއްޖެއެވެ. ޒަހުރަބާންއާލަމްގެ ދުރުތިމާގެ ބޮޑުބޭބެއެއްގެ ހަމަ އެންމެ ފިރިހެންދަރިފުޅު ހައިދަރުޝާހުގެ މުއްސަނދިކަމާއި މި އާއިލާ ގުޅުނީއެވެ.

ޒަހުރަބާންއާލަމާއި ފައިސަލްހާޝިމްގެ ތިން ދަރިންގެ ކައިވެނިވެސް ކޮށް ނިމުނީއެވެ.

ދޮށީ ދަރިފުޅު ރަފީއުހާޝިމާއި ޝިއްޔަތުގެ ކައިވެނީގެ ފަހަތުން ކުރެވުނީ އެންމެ ހަގަށް އިން އަންހެން ދަރިފުޅު ވަކީލާހާޝިމާއި ހައިދަރުޝާހުގެ ކައިވެންޏެވެ. ދެވަނައަށް ހުރި ޒަވާރުޝާހާއި ވަފިއްޔާގެ ކައިވެންޏާއެކު އެމީހުންގެ ދިރިއުޅުން ވަރަށް ދުރަށް ބަދަލުވިކަމުގައި ވިޔަސް މިހާރު ދެން އަނެއްކާވެސް އާއިލާގެ ފުރަތަމަ މުނިމާމަދަރިފުޅާއެކު އާއިލާގެ ހައިބަތާއި ގުޅުން އެކުވެ އެއްބައިވެ އެއްތަން ވެފައިވާ ތަން ފެންނަން ފަށައިފިއެވެ.

މިކަމާ ޒަހުރަބާންއާލަމް ހުންނަނީ އުފަލުން ފޮޅިފައެވެ.

އުމުރުގެ ފަސްދޮޅަހުން ކުރިއަށް ދާއިރުވެސް ޒަހުރަބާން އާލަމް އަދި ހަމަ ގަދަފަދައެވެ. ޒުވާނަކަށް ވަކި ދުލެއް ނުކުރެއެވެ. ފިރިމީހާ ފައިސަލްހާޝިމްއަށްވުރެ ހަމައެންމެ ހައެއްކަ މަސް ހަގެއްކަމަކު ޒަހުރަބާންއާލަމް ފައިސަލްހާޝިމަށްވުރެ ދިހަ އަހަރު ޅަކަމަށް ދައްކައެވެ. އާއިލާގެ ކުދިން ޅަ އުމުރުގައި ކައިވެނިކޮށްގެން ދަރިން ހޯދުމުގެ އެންމެ މުހިންމު ބޭނުމަކީ މުނިމާމަ ކުދިންނާއެކުގައި ވެސް އުޅެފައި އުމުރު ނިމިދިއުމުގެ ކުރިން އެ ކުދިން ބޮޑުވާތަން ބެލުން ކަމުގައި އަބަދުވެސް ޒަހުރަބާން އާލަމް ބުނެއެވެ.

"ކަލާނގެ ދެއްވިޔަތީ އަހަރެމެން އަތުގައި މުދަލާއި ފައިސާ އެބައޮތް، ދަނޑުބިންތަކާއި ވަގުފުވެސް އެބައޮތް، ކުއްޔަށް ދީފައި އެހެރަ ތިން ގެއާއި ދެ ގެސްޓުހައުސްއާއި ދެ ފިހާރައިން އަދި މި އާއިލާއަށް އިތުރު ބާރަތޭރަ ދަރިންނާއި އެ ދަރިންގެ ދަރިންނާއި އެ ދަރިންގެ އާއިލާ އަޔަސް ހަމަ އުފަލުގައި އުޅެވޭނެ. ޒުވާން އުމުރު އަހަރެމެންނަށް ކާބަފައިންގެ ފަރާތުން ދެމީހުންނަށް ވާރުތަ ވި ބިމާއި މުދަލުން އުފާވެރި ބޮޑު އާއިލާއެއް ބިނާވެ އެ އާއިލާގެ ދަރިން މި ވިޔަފާރި ފުޅާކޮށް ކުރިއެރުވުންވަރުގެ ވަކި ބޭނުމެއް އެހެން އޮންނާނެތަ؟ ނޯންނާނެއެއްނު. އުފަންވާއިރު ފާގަތިކަން ލިބިފައި އޮތީ، ބޭނުން ގޮތަކަށް ފައިސާ އިތުރުކުރަންވީ، މަގު އެ އޮތީ ދައްކާފައި، މިހާރު ދެން މާމަކުދިންކޮޅު ބޮޑުވީ، ދެން މުނިމާމަ ކުދިންކޮޅުގެ މީރުވަހާއި މޫރިތިސަމާސާތައް ކުރުމުގައި އުމުރުގެ ފަހުކޮޅު އަރާމު ކުރަންވީ،"

ޒަހުރަބާންއާލަމްގެ ވާހަކައާ ދެކޮޅު ހަދާނެ ޖާގައެއް ނެތެވެ. ތެދެކެވެ. މި ގޭގައި އުފާވެރިކަމާއި ހިތްހަމަޖެހުމަށް ބޭނުންވާ ފައިސާއާއި މުދާ އެބައޮތެވެ. މާލޭގެ މުއްސަނދިންނެވެ. ބިންވެރިންނެވެ. ވިޔަފާރިވެރިންނެވެ. ބޮޑު އާއިލާއެއް ބޭނުން ވިޔަސް ޒަހުރަބާންގެ ނަސީބުގައި ތިންކުދިންނަށްވުރެ އިތުރަށް ލިޔެވިފައި ނުވާކަން ގައިމެވެ.

ހަގު ދަރިފުޅު ވިހެއުމާއެކުހެން ދިމާވީ ހިތްދަތި ހާދިސާއެކެވެ. ރަހިމަށް ދިމާވި ބައްޔެއްގައި ރަހިމު ނަގަން ޖެހުނީއެވެ. ހަށިގަނޑު ބަލިކަށިވާން ބޭނުން ނުވާތީ ޑޮކްޓަރުންނާއި ބޭސްވެރިންގެ ބަސް އަބަދުވެސް ޒަހުރަބާންއާލަމް އަޑުއަހައެވެ. އެ ހިސާބުން ފެށިގެން އާއިލާގެ މާމަ ކުދިންނަށް އިންތިޒާރު ކުރަން ފެށި ޒަހުރަބާންގެ އެންމެ ލޮބުވެތި ޅީދަރިފުޅަކީ ޝިއްޔަތުކަމަށްވީ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ޝިއްޔަތަކީ މި އާއިލާގެ އެންމެ ގިނަ މާމަކުދިންގެ މަންމަކަމުގައި ވެގެން ދިއުމުގެ އިތުރަށް މުޅި އާއިލާގެ ބެލެހެއްޓުންތެރިޔާ ކަމުގައިވެސް ވުމެވެ. ވިހޭ ތިން ފަހަރުވެސް ޝިއްޔަތު ވިހެއީ އެއްމާބަނޑު ދެކުދިންނެވެ.

އަދި މި ކުދިންނާއެކު އާއިލާއަށް ބަހާރު ގެނައީ ޒަހުރަބާންގެ ހަމަ އެންމެ އަންހެން ދަރިފުޅަށް ލިބުނު ކާޝިފެވެ. ކާޝިފަކީ ދުނިޔެއަށް ލޯ ހުޅުވާލި ހިނދުން ފެށިގެން މިގެއަށް ނަސީބު ގެނައި ދަރިފުޅުކަމުގައި އެންމެންވެސް ގަބޫލު ކުރެއެވެ. އާއިލާގެ ވިޔަފާރިއަށް ދެގުނައިން ތިންގުނައިން ފައިދާ ވާން ފެށިއެވެ. ބާއްޖަވެރިކަމާއި ނަސީބާއި އުފާވެރިކަން މި އާއިލާގެ ވަށައިގެން އެނބުރެން ފެށީއެވެ. ޒަހުރަބާންއާލަމްގެ ދެލޮލުގެ ނޫރަށް ކާޝިފުވީ އެންމެ ބޮޑު ސަބަބަކީ ހަމައެކަނި މިއެއް ނޫނެވެ. ބޮޑުވަމުން އައިއިރު ކާޝިފުގެ ލޮބުވެތިކަމާއި ސަމާސާއާއި ޒަހުރަބާންގެ ބުން މިޒާޖު ފިނިކޮށްލާ ލާނެތް ސަކަ ކަންތައްތަކުން އިތުރަށް އެ ލޯބި ދިޔައީ ބޮޑުވަމުންނެވެ. އަދި ދެން ތައުލީމީ ހަޔާތާއި ވިސްނުންތޫނު ކަމާއި އުމުރަށްވުރެ ހަރު ގޮތްގަނޑާ މިއިން ކޮންމެ ކަމަކީވެސް ޒަހުރަބާންގެ ލޯކުރިމަތިން ކާޝިފުގެ އަގުމަތިވަމުން އައި ކަންތައްތަކެވެ.

ބޮޑުވަމުން އައިއިރު އުފަން މަންމައަށްވުރެ ކާޝިފަށް ގާތް މީހަކީ ބޮޑުދައިތަ އަދި ބޮޑުފަހަރި ޝިއްތައެވެ. އަދި ޝިއްތައަކީ ހަމައެކަނި ކާޝިފުގެ ދައްތައެއް ފަހަރިއަކަށްވުރެ ގާތް އެކުވެރިއެއް ކަހަލައެވެ. އެކުގައި ފިލާވަޅު ދަސްކުރުމާއި ހޯމްވޯކް ހެދުމުން ފެށިގެން ކާޝިފުގެ ގިނަ ސިއްރުތައްވެސް ރައްކާތެރިވެފައި އޮތީ ޝިއްޔަތާ ހަމައިގައެވެ. އަދި ކަންތައްވަމުން ދިޔައީ ޝިއްޔަތާ ގާތް ހިސާބަކުންނެވެ.

ހައިރާންވެ އަންތަރީސްވީ ސަބަބުތައް ގިނައެވެ. އުމުރުގެ ގޮތުން ބެލި ކަމުގައި ވިޔަސް އަދި ހައިސިއްޔަތުގެ ގޮތުން ދުނިޔަވީ ނަޒަރިއްޔާތަކުން ބެއްޔަސް ކާޝިފު ކުރަން ދިމާކޮށްފައި ހުރީކީ ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެނެއްކަމަކު ކާޝިފު ހުރީ އެ ވާހަކަ އަޑުއަހާ މޫޑަކުވެސް ނޫނެވެ.

ޝިއްޔަތަށް އެ މަންޒަރާއި އަޑު އިވުނީ ނަހާރާއި އައްތުގެ ދަރިފުޅަށް ހަތަރު މަސްވެގެން ގޭގައި ބޭއްވި ކުޑަކުޑަ އާއިލީ ހަވީރަކަށްފަހު ރޭގަނޑުގެ ކެއުން ގަޑިވެސް ނިމުނު ފަހުންނެވެ. އަބަދުގެވެސް އާދައިގެ މަތިން ގޭތެރޭގެ ހުރިހާ ކަމެއްހެން ނިންމާލުމަށްފަހު ބާރަގަޑި ބައިވާން އުޅެނިކޮށް ޝިއްޔަތު އޭނާގެ ކޮޓަރިން ނުކުތީ ގޭތެރޭގެ ބޮކި ނިވައި ބޮޑުދޮރު ތަޅުލައި ކަންތައް ކުރުމަށެވެ.

ގޭގެ އާދަކާދައިގެ މަތިން ހުރިހާ އެންމެން އެމީހެއްގެ ކޮޓަރިތަކަށް ވަދެ ނިދިތާ އިރުކޮޅެއް ވެދާނެއެވެ. މިގޭގެ ގަވާއިދާއި ގާނޫނު އޮންނަ އުސޫލުން ނަމަ އަންހެންކުދިން ކޮންމެ ހަތަރު ކުއްޖަކަށް އެއްކޮޓަރި ހުންނައިރު ފިރިހެންކުދިންނަށްވެސް ހަމަ އެގޮތް އޮންނާނެއެވެ. ކައިވެނި ކޮށްގެން އަނބިމީހާއާއެކު އުޅޭނެ ވަކި ބަޔަކަށް ބަދަލުވުމާ ހަމައަށް މި ގަވާއިދު އޮންނާނީ މިހެންނެވެ. އުމުރުން ދެ އަހަރުން ފެށިގެން ކުދިން ނިންދަވަމުން އަންނަ ކުޑަކުދިންގެ ބައިން މި ބައިތަކަށް ތޭރަ އަހަރު ވުމުން ބަދަލުކޮށްލައެވެ. އަބަދުވެސް ކުޑަކުދިންވެސް ބޮޑެތި ކުދިންވެސް ދެ ޖިންސުގެ ކުދިން ވަކި ކޮޓަރިތަކެއްގައި ގެންގުޅުމަށް މާމަ ބާރު އަޅައެވެ. މިގޭގެ ހަރުކަށި އުސޫލުތަކުގައި އޮންނަނީ ރިވެތިކަމާއި ހަރުދަނާކަމެވެ. އަދި އިތުބާރާއި ޔަގީންކަމެވެ.

ޝިއްޔަތަކީ ފެށުނީއްސުރެވެސް އޭނާގެ އުމުރަށްވުރެ ތަންކޮޅެއް ހަރުގޮތެއް ހުންނަ އަންހެނެކެވެ. އެއަށްވުރެވެސް ބޮޑަށް އާއިލާގެ ދޮށީ އެންމެ ފުރަތަމަ ފަހަރިއަށްވުމުން ގޭގެ ހުރިހާ ޒިންމާއެއްހެން އޭނާ އަމިއްލަ ފަސްބައިގައި އޮޅާލައިގެން އުޅެނީ އެހެން މީހުންނަށް ދިރިއުޅުމުގެ އެހެނިހެން ކަންތަކާއެކު ކުރިއަށް ދިއުމަށް ފަސޭހަކޮށްދިނުމަށެވެ. މިގޭގެ ބަދިގެއަށް ބޭނުންވާ ސާމާނުން ފެށިގެން ގޭތެރޭގެ އެހެން ކޮންމެ ހަރަދަކަށްވެސް ބޮޑު ލާރިއެއް ހަރަދުވިޔަސް އެކަން ޝިއްޔަތަށް ނޭނގި ނޯންނާނެއެވެ. އާއިލާގެ އެންމެންގެ ހަޒާންދާރަކީ އޭނާއޭވެސް ބައެއްފަހަރު ސަމާސާއަކަށް ކާޝިފު ގޮވާލާ އުޅޭނެއެވެ. އަދި ޝިއްޔަތު ކާޝިފުގެ މިލާނެތް ސަމާސާއިން އުފާ ލިބިގަންނަނީ އެކަމަކީ އޭނާ ވަރަށްވެސް ކުރާހިތުން ކުރާ ބޮޑު ކަމެއްކަމަށް ބުނަމުންނެވެ.

ބޮޑު ގޯތިތެރޭގެ ބޮކި ނިވައި ގޯތިތެރޭގައި އޮންނަ ނިދާބޮކީގެ ފަނޑު އަލިކަމުން މާހައުލުގައި ނިދީގެ ކުލަވަރު ޖައްސުވަމުން ޝިއްޔަތު އެނބުރިލީ ގޭތެރެއަށް ވަނުމަށެވެ. އެ ވަގުތު އޭނާގެ ކަނާތްފަރާތާ ދިމާލުން ބަގީޗާގެ ހެދިފައި ހުރި ބޮޑެތި މާގަސްތަކާއި ބަގީޗާފަތްގަސްތަކުގެ ފުރަގަހުން ހީނލުމެއްގެ އަޑު އިވިއްޖެއެވެ. އެއީ ކާޝިފުގެ އަޑުކަން ދެނެގަންނާކަށް ޝިއްޔަތަކަށް އުނދަގުލެއް ނުވިއެވެ.

"އެކެއް ޖަހާބޮޑުވެއްޖެ. މި ގަޑީގައި ކާޝީ މިތަނުގައި ނުނިދާ އެ އިނީ ކީއްކުރަންބާ؟" އަތުކުރީގައި އޮތް ގަޑި ބަލައިލުމާއެކު ޝިއްޔަތު ހައިރާންވެއްޖެއެވެ. ބަދިގޭގައި ހުރި ބައެއް ކަންތައް ނިންމާލުމަށްފަހު ގޯތީގެ ބޮޑު މައިދޮރު ތަޅުލައި، ބޮކި ނިވައި ހެދުމަށް ނުކުތް އިރު މިހާ ލަސްވިކަމެއް ޝިއްޔަތަކަށް ނޭނގެއެވެ. އަނެއްކޮޅުން މިފަދަ ދަންގަޑިއެއްގައި ގޯތިތެރޭގައި އުނދޯލީގައި ކާޝިފު އެ އިނީ ކާކާ ވާހަކަ ދައްކަން ބާވައެވެ. މިއީ ގޭގެ އެހެން މީހަކަށް އެނގިއްޖެއްޔާ މާ ސަހަލު ނަތީޖާއެއް ނުކުންނާނެ ކަމަކަށް ނުވާނެއެވެ. އަދި ހަމަ އެއްވެސް މީހަކަށް ކާޝިފުގެ އަންހެން ހާއްސަ އެކުވެރިއެއްގެ އެއްވެސް ހަބަރެއް ލިބިފައެއް ނެތެވެ. އަދި އެއީ މި އާއިލާގެ ކުދިންނަށް ހުއްދަ ކަމެއްވެސް ނޫނެވެ. ޒަހުރަބާންއާލަމް އެހެން ކުއްޖެއްނަމަ އަށާރަ އަހަރުވުމާއެކު ކައިވެނިކުރުވުމަށް އެއްބަސްވާނެއެވެ. އެކަމަކު ކާޝިފާ ހަމައިން މިކަން އޮތީ ތަފާތުކޮށްކަން އެންމެނަށްވެސް އެނގެއެވެ. ޒަހުރަބާން ބޭނުންވަނީ ކާޝިފު އަދި ދެ އަހަރު ވަރަކަށް ކިޔެވުމަށެވެ. އެ ހިސާބަށް ދާންވާއިރަށް ކާޝިފުގެ އަލަތުއަނބިމީހާ އިންނާނީ އުމުރު ހަމަވެފައެވެ. އަދި އެއީ ކާކުކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ހުދު ޝިއްޔަތެވެ.

މުޅި މީހާ ފިނިވެ ހާސްވެފައި ހުރެގެން ހިމޭން ސިއްރު ފިޔަވަޅުތަކެއްގައި ގަސްތަކުގެ ފުރަގަހަށް ދެވެން އޮތް ހަނިމަގުން ޝިއްޔަތު ހިނގައިގަތީ ކާޝިފަށް ނޭނގޭހާ މަޑުމަޑުންނެވެ. މާތްކަލާކޯއެވެ. ކާޝިފުގެ އެއްވެސް ފިޔަވަޅެއް ކަސިޔާރު ވެއްޖެނަމަ މި ގޭގައި ރޯވާނެއެވެ. ބިންހެލުން އަންނާނެއެވެ. ޝިއްޔަތުގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ އެ ދިމާއަށް އުފުލެމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އިވެމުންދިޔަ އަޑު ސާފުވަމުންދާތީއެވެ. އަދި ދެން ކުއްލިއަކަށް އޭނާއަށް ހުއްޓެވިއްޖެއެވެ. ދިމާ ކުރިމަތީގައި ހުރި އުނދޯލީގައި ހުރަހަށް ބަންޑުން އެ އޮތީ ކާޝިފެވެ. މޭމަތީގައި ފޯން އޮތެވެ. ކަންފަތުގައި ހެޑްސެޓެވެ. ހަނދުވަރުގެ އައްޔާއި ދުރުން މި ހިސާބަށް އެޅިފައި އޮތް މިލަނިދާބޮކީގެ އަލިން ކިތަންމެހާވެސް ރީއްޗަށް ކާޝިފުގެ މޫނު ޝިއްޔަތަށް ފެނުނެވެ. އަދި ދެން އެ އިވުނީ އަޑެވެ. އަހަން ފަސޭހަނުވިޔަސްމެއެވެ.

"ހީނާ.... އަހަންނަށް މަޖުބޫރުކުރުވަމުން ގޮސް ހުދުތިމާ ތި ފިތެނީ، ކާކު އުޅެނީ ތީ ދެކުދިންގެ މަންމައެއްކަން ނޭނގިގެން، ކާކު އުޅެނީ ތީ މީހަކާ އިނދެ ވަރިވެފައި އިން މީހެއްކަން ނޭނގިގެން، ކާކު އުޅެނީ ތީ މާބޮޑު މީހެއްކަން ނޭނގިގެން، ޔަގީނުންވެސް މަށެއް ނޫޅެން ނޭނގިގެނެއް. މި ކާޝިފު ފުރަތަމަ އެންމެ ފުރަތަމަ ފަރުހީންސަލަމާއަށް ގުޅީ އަދި ލޯބިވެއޭ ބުނީ މި ހުރިހާ ކަމެއް އެނގި ހުރެއޭ، ދެން ބުނީ މީ ލޯތްބެއް ނޫނޭ. އެހެންވީމަ މި ބުނަނީ އިންނަން ހިނގާށޭ، ތިބުނާ ލޯތްބާއި މި ލޯތްބާ ދެލޯބިވެސް އޭރަށް ވާނީ ހަމަ އެއްހަމަ،"

ޝިއްޔަތަށް ހިފަހައްޓާލެވުނީ ކައިރީގައި ހުރި ފިނިފެންމާ ގަހުގެ ގޮފިގަނޑެއްގައެވެ. އަތަށް ހެރުނު ކަށްޓަށްވުރެ މެއަށް ހެރުނު ކަށި ބޮޑެވެ. ވީ ތަދު ތޫނެވެ. ކޫސް ކިޔާލި އަޑު ކާޝިފަށް ނީވެއެވެ. އިވޭނީ ކިހިނެއް ހެއްޔެވެ. ކާޝިފު އެ ވަނީ މިވަގުތު ދުނިޔޭގެ އެހެން އެއްވެސްކަމަކަށް ސަމާލުކަން ދޭކަހަލަ ފިކުރެއްގައެއް ނޫނެވެ.

ޝިއްޔަތު ހިންދިރުވާލިއެވެ. މިރޭ ކާޝިފުކުރެން މި ސުވާލު ނުކޮށް، ޖަވާބު ނުހޯދައި ގެއަށް ވަނުމުގެ މާނައެއް ނޯންނާނެއެވެ. ކަންމިވީ އެންމެ ރަނގަޅަށްކަމަށްވެސް ވެދާނެއެވެ. އާއިލާގެ އެހެން އެއްވެސް މީހަކަށް މިކަމުގެ ހިލަމެއް ނުވަނީސް އަވަހަށް ކާޝިފުގެ ކަސިޔާރުވަމުން އެދާ ފިޔަވަޅު ސީދާކޮށް ހަމަމަގަށް އަނބުރާ ގެނެވިދާނެއެވެ. ހިތްވަރުކޮށްފައި ޝިއްޔަތު އެ ދިމާއަށް ދިއުމަށް ފިޔަވަޅު އުފުލާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟