ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 07

6

ކެފޭއަށް ވަދެފައި އައްފާން މަޑުކޮށްލިއެވެ. ފައްވާޒްގެ ހަބަރެއް ވަންދެން ހުރެފައި އޭނާ ގޮސް ހުސް މޭޒެއްގައި އިށީނެވެ. ފައްވާޒް ވަނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އިރުކޮޅަކުން އައިސް އައްފާން ކުރިމަތީގައި ހުއްޓުނެވެ. އައްފާން ގައިގައި ކުޑަކޮށް ބައްދާލާފައި ހީލިއެވެ.

"ކިހިނެއް؟" ފައްވާޒް އެހިއެވެ.

"ރަނގަޅު. އެހާވަރުން ކޮންވާހަކައެއް ދައްކަން ތިއުޅެނީ؟" އައްފާން ބުންޏެވެ.

ވެއިޓަރަކު އައުމުން ކަޅު ކޮފީއަށް އޯޑަރު ދިނީ ފައްވާޒެވެ. އައްފާންގެ ބަސްމަދުކަން ފާހަގަވެ ފައްވާޒް އައްފާނަށް ބަލައިލީ ފާޑަކަށެވެ.

"ކޮލެޖުގަ ހުރެފަ މިއައީ. އެހާ ގިނައިރަކު އިނދެވޭކަށް ނެތް" އައްފާން ބުންޏެވެ.

ފައްވާޒް ފުން ނޭވައެއް ދޫކޮށްލިއެވެ. އައްފާނަށް ބަލައިލީ އޭނާ އަހަން އުޅޭ އެއްޗަކަށް އައްފާން އަމަލުކުރާނެ ގޮތަކާ މެދު ވިސްނަމުންނެވެ. ޒާރާގެ ވާހަކަ އެހުމަކީ ބުއްދިވެރި ކަމެއް ނޫންކަން އަމިއްލަ ސިކުނޑި ފައްވާޒަށް ވިސްނައިދިނެވެ. ޒާރާގެ އެއްވެސް ހަބަރެއްވިތޯ އަހަން އުޅެފައިވެސް އެ ވިސްނުން އޭނާ ދޫކޮށްލިއެވެ.

"މެރީކުރަން މިއުޅެނީ؟" ފައްވާޒް ބުންޏެވެ. އައްފާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"އެހެންތަ. ކޮންއިރަކު؟" އައްފާން އެހިއެވެ.

"އަހަރެން ބޭނުމީ އަދި ލަސްކުރަން. އެކަމަކު މާހީ ބޭނުމެއް ނޫން. ނެތްތަ ލޯނެއް ދެވޭކަށް" ފައްވާޒް ބުންޏެވެ.

"ކިހާވަރެއް؟" އައްފާން އެހިއެވެ.

"ގާތްގަނޑަކަށް ސާޅީހަކަށް ހާސް ރުފިޔާ" ފައްވާޒް ބުންޏެވެ.

އައްފާންގެ ދެލޯ އަރައިގެން ދިޔައެވެ.

"ތިމާގެ ނެތް ފެންވަރުން ކަންކަން ކުރަނީ ކީއްކުރަން؟

"ހެހެހެ... ނެތް ފެންވަރެއް ނޫނެއްނު. ޕާޓީ ބާއްވަން މާހީ ބުނިތަނަށް އެކަނިވެސް އަރާ އަށްޑިހަ ފަސް ހާސް ރުފިޔާ. ކުރީގަ ނަގާފައި އިން ލޯނަށް ކަނޑާފަ ބޭންކް އިން ހަމަޖެހުނީ ފަންސާސް ހާސް ރުފިޔާ. ވަޒީފާ ދާއިމީ ވީމަ އެބައި ހަމަޖައްސައިދޭނަމޭ" އައްފާން ދެފަރާތަށް ބޯހޫރާލިއެވެ. އަންހެނެއްގެ ދަށުވެފައި ފައްވާޒް ހުރުމުން އެކުވެރިޔާއާ މެދު އައްފާން ހަމްދަރުދީވިއެވެ. ކުރާނެ ކަމެއް ނެތެވެ. ގެއްލި ހަލާކުވެފައިވާ މީހަކު ދާނީ ގެއްލި ހަލާކުވަމުންނެވެ. ފައްވާޒްގެ މުޅި ހަޔާތް ބަރުބާދުވެފައިވާކަން އޭނާގެ ހަނދާނުގައި ނެތެވެ. ފައްވާޒަށް ވިސްނައިދޭން އައްފާން ބޭނުންވިއެވެ. އެހެންނަމަވެސް ދިމާލަށް ހުރި ފާރަށް ވިސްނައިދިނުމެކޭ ފައްވާޒަށް ވިސްނައިދިނުމެކޭ ވާނީ އެއްގޮތެވެ. މާހީގެ ލޯބީގައި ފައްވާޒް ހުރީ ރަނގަޅަށް ބަނދެވި ހައްޔަރުވެފައެވެ.

"އާއިލާއެއް ގޮވައިގެން މާލޭގައި ދިރިއުޅުމަކީ ވަރަށް ހަރަދު ހިނގާ ކަމެއް. ލިބޭ ފައިސާއިން ހުރިހާ ބިލުތަކެއް ދައްކާފަ އަތުގައި ގިނަ ފަހަރަށް ނޯވޭ އެކައްޗެއްވެސް. މިވަރުންވެސް މި އުޅެވެނީ ނުހާގެ ބައްޕައާއި ކުޑާގެ ފިރިމީހާގެ އެހީތެރިކަން ލިބިގެން. ލާރި ނެތީކީ ނޫން. ފަހަށްވެސް ފައިސާ ރައްކާކުރަންޖެހޭނެއެއްނު" ހަގީގަތުގައި ފައްވާޒަށް ރުފިޔާ ދޭން އައްފާން ބޭނުންނުވީއެވެ.

އައްފާންގެ ވާހަކަތަކުން އޭނާ ހުރީ ފަހުން ދޭގޮތަށްވެސް ފައިސާ ދޭގޮތަށް ނޫންކަން ފައްވާޒަށް ވިސްނުނެވެ. އައްފާންގެ ފަރާތުން ލިބޭނީވެސް އެކަހަލަ ޖަވާބެއް ކަމަށް ފައްވާޒް އެނގެއެވެ.

"އަސްލު އަހަރެންނަށް ހަމަޖެހޭނެ ގޮތެއް އެބައޮތް. މަންމަ އަތުގައި ހުންނާނެ މިހާރު ރައްކާކޮށްފަ ހުރި ފައިސާ. އެކަމަކު މިކަމާ ހެދި މަންމަ ހުރީ ރުޅި އައިސްފަ. މާހީ މަންމައަށް ކަމަކު ނުދޭ"

އައްފާން އެއަށް ޖަވާބެއް ނުދިނެވެ. ފައްވާޒްގެ ދިރިއުޅުމުގައި މިހާރު ހިނގާ ކަންކަމަކީ އޭނާއަށް މުހިންމު ކަންކަމެއް ނޫނެވެ. މީގެ ކުރިން ފައްވާޒް ނުބައި ގޯޅިއެއް އަޅަން އުޅޭކަން އެނގޭ އިރަށް ފައްވާޒަށް ވިސްނައިދެއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން ރަނގަޅު ގޮތާއި ނުބައި ގޮތް ބުނެދެއެވެ. ދިރިއުޅުމުގެ ކަމަކާ ހިޔާލެއް ބޭނުންވި ކޮންމެ ހިނދެއްގައި ހިޔާލުދިނެވެ. ކައިވެނި ރޫޅާލިއިރު ކަންދިމާކުރި ގޮތުން ފައްވާޒް ހުރީ ދުރުގައެވެ. ފައްވާޒް ކައިވެނި ރޫޅާލިކަން އައްފާނަށް އެނގުނީ މާފަހުންނެވެ.

"އަހަރެން ހިތަށް އަރަނީ ތިކުރަން އުޅޭ ކައިވެނިމަތީގަ ކިހާ ދުވަހަކު ހުރެވޭނެބާއޭ"

އައްފާން ކޮށްލީ މަލާމާތެއްކަން ފައްވާޒަށް އެނގުނެވެ. އެހެންނަމަވެސް އެކަން މާބޮޑު ކަމަކަށް ނަހަދައި ފައްވާޒް ޖަހާލީ ހިނިގަނޑެކެވެ.

****

އާ ދުވަހަކަށް އިރު ފެނުން ތޮޅިލިއިރު ޒާރާ އިނީ ރަށުގެ ހުޅަނގުފަރާތު އަތިރިމަތީގައެވެ. އިރުއަރާނެ އިރަކަށް އިންތިޒާރުކުރަން އޭނާ އިނެވެ. އެންމެފަހުން އެ ހިތްގައިމު މަންޒަރު އޭނާއަށް ފެނިއްޖެއެވެ. އާ ދުވަހާއެކު ދިރިއުޅުމުގެ އާ އުންމީދުތަކެއް ކޮށްގެން އޭނާ ފަށާ ފުރަތަމަ ހެނދުނެވެ. މީގެކުރިން ޒާރާއަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިރުއަރާ މަންޒަރު ބަލަން އަންނަ މީހެކެވެ. ގިނައިން އަންނަނީ ފައްވާޒާ އެކުގައެވެ. ފައްވާޒަށް ނާދޭވޭ ރޭތަކުގައި އެކަނި ނަމަވެސް ޒާރާ އާދެއެވެ. ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިއަދު އޭނާ އައީ ވިސްނުންތަކާއި ފިކުރުތަކުން އޭނާގެ މުޅި ނަފްސު އެކަހެރިކޮށް އަލުން އާ ދިރިއުޅުމެއް ފެށުމުގެ ގޮތުންނެވެ. ދުނިޔެއަށް މުޅިން އާ ޒާރާއެއް އުފަންކުރުމަށް ހިތު އަޅައިގެންނެވެ. އެތައް އިރެއް ވަންދެން ގުދުރަތުގެ އެ ހިތްގައިމު މަންޒަރަށް ޒާރާ ބެލިއެވެ. އޭނާގެ ލޮލަށް ފެންނަ ހުދާ ކަޅުގެ މަންޒަރު ކުލަވުމަށް އެދިއެވެ. ދިރިއުޅުމަށް އޭނާގެ ހިތުގައި އަލުން ލޯބިޖެއްސުމަށް އެދި ހިތުން ދުއާކުރާ ހާލުގައެވެ. އެހެންނަމަވެސް ޖަޒުބާތުގައި ޖެހި ޒާރާގެ ދެލޮލުގައި ކަރުނައިގެ ކޯރެއް ހެދެން ހިނދުކޮޅެއްވެސް ނުނެގިއެވެ.

ޒާރާ އެއްގަމަށް އެރީ އިރުގެ ދޯދިތައް އޭނާ އިން ހިސާބާ ހަމައަށް ފޯރުމުންނެވެ. އޮފީހަށް ދިޔުމާ މެދު އަދި ވަގުތު އޮތުމުން ގެއާ ދިމާލަށް އޭނާ ހިނގަމުން އައީ ލަސް ހިނގުމެއްގައެވެ. ހަށިގަނޑު ތެރެއިން ވިންދު ޖަހަމުންދިޔަ ހިތް ކޮންމެ ހާލެއްގައި އޮތް ނަމަވެސް އަމިއްލަ ނަފްސަށް ހިނިތުންވެލައިގެންނެވެ. ވަކި ހިސާބަކަށް ދެވުނު ފަހުން ފަހަތުން މީހަކު ގޮވާލިހެން ހީވުމުން ޒާރާ ބަލައިލިއެވެ. މެދުއުމުރުގެ އަންހެނެއް ހިނިތުންވެލައިގެން ޒާރާއާ ދިމާލަށް އަންނަތަން ފެނުނެވެ.

"އެކޮއި ކިހިނެއްތަ؟"

ޒާރާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އެއީ ހިތްހެޔޮ އަންހެނެކެވެ. ނަހުލާ، ޒާރާ ދެކުނީ އުފަން ދަރިއެއް ފަދައިންނެވެ. ދުވަހަކުވެސް ޒާރާއާ ހީލާފައި ނޫނީ ބަހެއް ނުބުނެއެވެ. އަނެއްކޮޅުން އެއީ ފައްވާޒް ކިޔަވަން ހުރި ގޭ ދައްތައެވެ. ފައްވާޒް ހުރީ ނަހުލާގެ ބެލުމުގެ ދަށުގައެވެ. ނަހުލާއަކީ ފައްވާޒް ދަރިއެއް ފަދައިން ގެންގުޅުނު މީހެކެވެ. ފަހުވަގުތު ނަހުލާގެ ބަސް ވެސް ފައްވާޒްގެ ކުރިމަތީގައި ނުވިކުނެވެ. ނަހުލާ ކޮށްދިން ކަންތައްތަކާ ދިން ނަސޭހަތްތަކުގައި ފައްވާޒް ކޮޅުފައިން ޖެހީއެވެ.

"ނަހުލާއްތާ ރަނގަޅު ދޯ. މިދަނީ ތަންކޮޅެއް އަވަހަށް ދާންވެގެން. ނޫރު ސްކޫލަށްވެސް ގެންދަންޖެހޭ. ފިހާރަވެސް ހުޅުވަންޖެހޭ. ހެނދުނުގެ ނާޝްތާވެސް ތައްޔާރުކުރަންޖެހޭ. އަނެއްކޮޅުން އަހަރެންވެސް ދާންޖެހޭ. އަހަރެން އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު" ނަހުލާގެ ގައިގައި ޒާރާ ކުޑަކޮށް ބައްދާލިއެވެ.

ޒާރާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ނަހުލާ ހުއްޓެވެ. އޭނާ ހިތާހިތުން ދުއާކޮށްލިއެވެ. ޒާރާއަށް ހިތްވަރު ދެއްވުމަށް އެދިއެވެ. އުފަލުގައި ހުންނަން ޒާރާ އެ ކުރާ މަސައްކަތް އޭނާއަށް ކާމިޔާބުވުމަށް އެދިއެވެ. ދުވަސްތަކެއް ކޮށްފަ ޒާރާ ފެނުމުން ނަހުލާ އުޅުނީ ވާހަކައެއް ބުނާށެވެ. ޒާރާއަށް ރައްދުކޮށްދިނުމަށް މީހަކު ހަވާލުކުރި ސަލާމެއް ނަހުލާ ހުރީ ބޮލު އަޅައިގެންނެވެ. އެއީ ނަހުލާގެ އެންމެ ގާތް އެކުވެރިޔާ ޖޫލިޔާއެވެ. ފައްވާޒްގެ މަންމައެވެ.

****

ނިދާފައި އޮތް ނުހާއަށް ހޭލެވުނީ ކޮޓަރިތެރެއިން އެއްޗެހި ތަޅުވާ އަޑަށެވެ. އޭނާ ހީކުރީ ނިއަމް ހޭލައިގެން އެނދުމަތީގައި ހުރި ކުޅޭ އެއްޗެހި އެކަތި އަނެކައްޗާ ތަޅުވަނީ ކަމަށެވެ. އެހެންނަމަވެސް ކައިރީގައި ނިއަމް ނިދާފައި އޮތްތަން ފެނުމުން އޭނާ އަނެއް ފަރާތަށް އެނބުރި ބަލައިލިއެވެ. އިސްތިރި ކުރާ މޭޒު ފަތުރައިގެން ހުރީ އައްފާނެވެ. ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ނަގާފައި ނުހާ ގަޑި ބަލައިލިއެވެ. ނަސީބަކުން އަދި ވަގުތު އޮތެވެ. ނުހާ އެނދުން ތެދުވިއެވެ. އައްފާން ކައިރިއަށް ހުއްޓިފައި އިސްތިރީގައި ހިފިއެވެ.

"ގެނޭ މަގޭ އަތަށް" ނުހާ ބުންޏެވެ.

"މި ނިމުނީ" އައްފާން ބުންޏެވެ.

"އައްފާން ދޭބަލަ ފެންވަރަން. އަހަރެން ތިކަން ކޮށްލާނަން" ނުހާ ބުންޏެވެ.

"އަހަރެންނަށް ކިހިނެއް އެނގޭނީ އަހަރެން ފާހާނައަށް ވަންނައިރަށް ނުހާ މި ގެންގޮސް ކުޑާއާ ހަވާލުނުކުރާނެ ކަމެއް. ނުހާގެ އާއިލާ މީހުންގެ ކުރިމަތީގައި ނުހާ ފަޟީހަތްކުރާކަށް އަހަރެން ނެތިން" އައްފާން ބުންޏެވެ. އެހެންނޫނަސް އަހަރެން މިހުރީ ފެންވަރައިގެން"

ނުހާ ހިމޭންވިއެވެ. ހަގީގަތުގައިވެސް ނުހާ ކަންތައްކުރަން އުޅުނު ގޮތް އައްފާނަށް އެނގިއްޖެއެވެ. އިސްތިރިކުރުމަކީ ނުހާއަށް އުނދަގޫ ލިސްޓެއްގެ އެންމެ ކުރީގައި އޮތް ކަމެކެވެ. ފާއިތުވި ދެތިން ދުވަހު އައްފާންގެ ފަރާތުން އޭނާއަށް ފާހަގަވެފައިވަނީ ދުރުކަމެވެ. އެގޮތް އޭނާއަށް ކަމުނުދިޔައެވެ.

"ކޯޗެއް ސައިބޯން ތައްޔާރު ކުރަންވީ؟"

އައްފާނަށް ލިބުނީ ހައިރާން ކަމެކެވެ. އެހެން ދުވަސްތަކާ ނުހާ ތަފާތު ވެއްޖެއެވެ. ނުބައެއް އެބައުޅެއެވެ. ރައްޓެހިންނާއެކު އޯވާނައިޓް ހަދަން ނުފޮނުވުމުން މިހުރިހާ ދުވަހު ނުހާ ހުރީ ހިތްހަމަނުޖެހިފައެވެ. ނުހާ ރުއްސަން ހަމަ ގަސްތުގައި އައްފާން މަސައްކަތް ނުކުރީއެވެ.

"އަހަރެން ބޭރުން ސައިބޯނަން"

ނުހާގެ ކެތްތެރިކަން ކޮޅުންލިއެވެ. އައްފާންގެ ގައިގައި ފަހަތުން ނުހާ ބައްދާލިއެވެ. އައްފާނަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ރުއްސަން ނުހާ އުޅޭތަން އަދި ފެނުނީ ފުރަތަމަ ފަހަރަށެވެ. އެހެންވީމާ ހިތްވަރެއް ކޮށްލެވިއްޖެތާއެވެ.

"އަހަރެން ނޫޅެން ނައިޓަށް ދާކަށް. ދެން ޕްލީޒް... ތިހެން ނުހުރެބަލަ" ނުހާ ބުންޏެވެ.

އައްފާން އެއަށް ޖަވާބެއް ނުދިނުމުން ތުންކޮޅު އޫކޮށްލައިގެން ދުރުގައި ނުހާ ހުއްޓެވެ. ލެޕްޓޮޕް ދަބަސް ހިފައިގެން ނުކުންނަމުން އެނދުގައި އޮތް ނިއަމްގެ މޫނުގައި އައްފާން ލޯބިކޮށްލިއެވެ. ދޮރާ ހަމައަށް ގޮސްފައި ހުއްޓުނެވެ.

"މެންދުރު ކާން އަންނާނަން. ތި ސޮރީ އެކްސެޕްޓް ކުރާނަން ނުހާ އަތުން އަހަރެންނަށް މީރު ކާއެއްޗެއް ތައްޔާރުކޮށްދިނިއްޔާ" އައްފާން ބުންޏެވެ. ނުހާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

***

އޮފީހުން ގެއަށް އައިގޮތަށް އަސުރު ނަމާދުކޮށްގެން ޒާރާ ކޮޓަރިން ނުކުތެވެ. އެ ގަޑީގައި ހިމްނާ ވާނީ ފިހާރައިގައި ކަން އެނގޭތީ ޒާރާ ދިޔައީ ފިހާރައަށެވެ. ނަސީބަކުން އެ ވަގުތު ފިހާރައިގައި މާގިނަ މީހުނެއް ނެތެވެ. ދުއާ ފޮތެއް ހުޅުވައިގެން ހިމްނާ އިނެވެ. ޒާރާ ވަންކަން އެނގުމާއެކު ދުއާ ފޮތް ލައްޕާލާފައި ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނުވެސް ނެގިއެވެ.

"ދަރިފުޅު މަޑުކޮށްލަންވީނުން. މަންމަ ދާނަން މިއަދު ސްކޫލުދޮށަށް ނޫރް ބަލާ" ހިމްނާ ބުންޏެވެ.

"އަހަރެން އަންނަންތަ ނޫރް ގޮވައިގެން" ޒާރާ ބުންޏެވެ.

"ޒާރާ ސައިކަލު ދުއްވަން ފެށިފަހުން މަންމައަށް ހިނގާލަން ލިބެނީ ހާދަ ކުޑަވަގުތުކޮޅެކޭ. ސްކޫލު ކައިރީގައި ހުރި ގެއަކަށް ވަދެލާށާ އެއްކޮށް މިދަނީ" ހިމްނާ ބުންޏެވެ.

ހިމްނާ ތެދުވުމުން ގޮނޑީގައި ޒާރާ އިށީނެވެ. ފައިސާއާ ބެހޭ ކަންކަން ކުރުމަކީ ޒާރާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ފިހާރައިން ލިބޭ އެއްޗަކުން ދިރިއުޅުމުގެ މުހުތާދުތައް ފޫބައްދާފައި ރައްކާކުރެވޭތީ ފިހާރަ ބަންދުކުރެވޭކަށްވެސް ނެތެވެ.

"އަހުސަނު މުދާކޮޅު ހިފައިގެން އައިމަ ޒާރާ ނުޖެހޭނެ އިންނާކަށް"

ޒާރާ އިންގޮތުން ފޫހިވެފައި އިންހެން ހީވެ ހިމްނާ ބުންޏެވެ. ޒާރާ ހީލިއެވެ. ފިހާރައިން ނުކުންނަން ހިމްނާ ދިޔައިރު އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބިފައިވިއެވެ. ލަސްލަހުން ނަމަވެސް ޒާރާގެ އުޅުމުން ބަދަލު ފެންނަން ފަށައިފިއެވެ.

ފޯނުން ބަލައިގެން ހަވީރުގެ ޒިކުރުތައް ކިޔަން އިން ޒާރާ ކުއްލިއަކަށް ހައިރާންކަމެއް ލިބުނީ އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައުމުންނެވެ. ހަމައެކަނި 'ޒާރާ' އޭ ބުނެ ގޮވާލައިފައެވެ. އެއީ އުރީދޫ ނަންބަރަކެވެ. އެއްވެސް އިރެއްގައި ޒާރާއަކީ ނުދަންނަ ނަންބަރުތަކުން ފޯނަށް އަންނަ މެސެޖަށް ޖަވާބުދޭ މީހަކަށް ނުވާތީ އެފަހަރުވެސް އަޅައެއް ނުލިއެވެ. އޭގެއިރުކޮޅެއް ފަހުން އަނެއްކާ އަނެއް މެސެޖު އައެވެ. މިފަހަރު ހާލު އަހާލައިފައެވެ. ޒާރާ ހައިރާންވިއެވެ. އެއީ ކާކު ހެއްޔެވެ؟ ބެލުމުގެ ޝައުގުވެރިކަމެއް ޒާރާގެ ނެތެވެ.

****

އޮފީހަށް ވަންގޮތަށް ދެކުދީން ސޮއިކޮށްފައި އެންމެ ފުރަތަމަވެސް ދިޔައީ ސައިކޮޓަރިއަށެވެ. އޮފީހަށް އައިއިރު މިއަދު ސައި ގެނައީ ޖަންނަތެވެ. އަބަދުވެސް އޮފީހަށް އަންނައިރު ހެނދުނުގެ ސައި ގެންނަނީ ފަހަރަކު ކުއްޖެކެވެ.

ތޮރާ މަސްހުނި ދޯ" ޖަންނަތު މަތި ހިއްލާލި ތައްޓަށް ބަލައިލާފައި ޒާރާ ބުންޏެވެ. ޖަންނަތު ބޯ ޖަހާލާފައި ދިޔައީ ގެނައި ކޮފީ އަޅާނެ ޖޯޑެއް ބަލައެވެ. މަސްހުނިކޮޅަކާއެކު ދެ ރޮށި ތައްޓަށް ލައިގެން ގޮސް ގޮނޑީގައި ޒާރާއަށް ރަނގަޅަށް ނީށީނދެވެނީސް ފޯނަށް މެސެޖެއް އައިސްފިއެވެ. އޭނާ ބަލައިލިއެވެ. އަނެއްކާވެސް އެ ނުދަންނަ ނަންބަރުން ކޮށްފައި އިން މެސެޖެކެވެ. ޒާރާއަށް ގޮވާލައިފައެވެ. ދެ ބުމަ ގޮށްޖަހާލައިގެން ފޯނަށް ބަލަހައްޓައިގެން ޒާރާ އިނެވެ.

"ފޯނުން ކޯޗެއް ފެނިގެން ހުއްޓުން އަރާފަ" ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ޖަންނަތު ބުންޏެވެ. ދެފަރާތަށް ބޯހޫރާލާފައި ޒާރާ ކާންފެށިއެވެ. އެހެންނަމަވެސް އެ މެސެޖުތަކާ މެދު ނުވިސްނައިވެސް ޒާރާއަށް ނީނދެވުނެވެ.

"މިއީ ޖަންނަ ދަންނަ ނަންބަރެއްތަ؟" ފޯނަށް މެސެޖުކޮށްފައި އިން ނަންބަރު ޖަންނަތަށް ދައްކާލަމުން ޒާރާ ބުންޏެވެ. ޒާރާގެ ފޯނަށް ޖަންނަތު ބަލައިލީ ދެލޯ ކުޑަކޮށްލައިފައެވެ.

"ކިހިނެއްވީ؟ މަށެއް ނުދަންނަން ތި ނަންބަރެއް" ޖަންނަތު ބުންޏެވެ.

"އިއްޔެއިން ފެށިގެން މެސެޖު އެބަކުރޭ މި ނަންބަރުން" ޒާރާ ބުންޏެވެ.

"ކީކޭ ކިޔަނީ؟" ޖަންނަތު ބުންޏެވެ.

"ގޮވާލާފަ. ހާލު އަހާލާފަ. މަށެއް ޖަވާބެއް ނުދެން" ޒާރާ ބުންޏެވެ.

"ވެދާނެއްނު ފައްވާޒް ކަމަށްވެސް. ބަލައިލިނަމަ"

ޖަންނަތުގެ ޖުމުލައާއެކު ޒާރާ ހުއްޓުން އެރިއެވެ. އެއީ ފައްވާޒްގެ ކަމެކޭ ހީވެފައި ހިތް ތެޅިލައިފިއެވެ. އެކަމަކު އެއީ ފައްވާޒަށް ވެދާނެ ހެއްޔެވެ؟ އެއީ ފައްވާޒް ކަމަށްވަންޏާ އޭނާގެ އަމިއްލަ ނަންބަރުންވެސް މެސެޖު ކުރެވިދާނެއެވެ. ދެވަނަ ސިކުންތުގައި ޒާރާގެ ޒަމީރު ބުނަމުންދިޔަ ވާހަކަތަކުގެ ރާގު ބަދަލުވެއްޖެއެވެ. އެއީ ފައްވާޒެއް ނޫނެވެ. ފައްވާޒެއް ނުގުޅާނެއެވެ. ޔަގީން ކަށަވަރެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ޒާރާ އިސްޖެހިއެވެ. ހަނދާނަށް އުނދަގޫކޮށްލީ މާޒީގެ ތެރެއިން ދުވަހެކެވެ.

"އޭނައާ ނުކިޔާ... އޭނަ ދުރުގަ ބަހައްޓާ...."

"ކީއްވެ؟ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލި އަންހެނަކާ އަހަރެން ނުކިޔަންވީ ކީއްވެ؟ ތިމާގެ ހަލާލު އަނބިމީހާގެ ކުރިމަތީގައި ހިލޭ އަންހެނަކަށް ތައުރީފުކުރަން ފަވާ ލަދެއް ނުގަނޭތަ؟" ޒާރާ ބުންޏެވެ. ޒާރާގެ އަޑު އައީ ކުރެހިގެންނެވެ. ހިތާމައާއި ވޭނާއި ތަކުލީފު ޒާރާގެ އަޑުގައި ވިއެވެ. އެތައް ޝަކުވާއެއް އެކުލެވިގެންވާ ބެލުމަކުން ކަޅިޖަހާނުލައި ޒާރާ ހުރީ ފައްވާޒަށް ބަލަހައްޓައިގެންނެވެ. ފައްވާޒްގެ ދުލުން އޭނާގެ ސިއްރު ލޯބިވެރިޔާއަށް ތައުރީފުކުރާ އަޑުއަހަން ޒާރާގެ ހިތަށް ލިބެމުންދާ ތަކުލީފުތަކުގެ އިހުސާސް ފައްވާޒަށް ނުކުރެވެއެވެ.

"ފަވާ އެ އަންހެނާ ދެކެ ލޯބިވަނީތަ؟"

އެހިނދު ފައްވާޒް ބޯޖަހާލިއެވެ. ޒާރާގެ ކުރިމަތީގައި ހިލޭ އަންހެނެއް ދެކެ ލޯބިވާކަމަށް ފައްވާޒް އިއުތިރާފުވިއެވެ. އެއީ ޒާރާގެ ހިތް އެތިކޮޅުކޮޅުތަކަށް ބުރައިގެންދިޔަ ވަގުތެވެ. ހަށިގަނޑުގައި ވިންދު ހުއްޓަސް އެއްވެސް ހަރަކާތެއްނެތި މަރުވެފައޭ ހީވި ވަގުތުކޮޅެކެވެ. އެއީ ހުވަފެނެކޭ ނުވަތަ ކަންފަތަށް ލޮލަށް ފެނުނު ހީވުމެކޭ ހީވިއެވެ. އެހެންނަމަވެސް އެއީ ހަގީގަތެވެ. ހެއްދެވިފަރާތުން ފިރިމީހާގެ ބޭވަފާތެރިކަން ހަނދާންކޮށްދިން ވަގުތުކޮޅެކެވެ. ޖަޒުބާތުތަކުން ފޯވެ ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތް މަންޒަރު ފައްވާޒް ނުބެލިއެވެ. އޭނާ ދިނީ ޒާރާއަށް ފުރަގަހެވެ. ފިރިމީހާގެ ލޯބި އަނބުރާ ލިބުމަށް ޒާރާ ކުރާ ދުއާ އާއި ކުރެވޭ އުންމީދުތަކަކީ ބޭކާރު އެއްޗެކޭ ޒާރާއަށް ހީވީ އެ ދުވަހުއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ފައްވާޒް ބުނިހެން ފައްވާޒް ހުރީ އަނބުރާ ގެނެވޭ ވަރަށް ވުރެ މާދުރަށް ގޮސްފައިކަން ޒާރާއަށް ގަބޫލުކުރެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟