މިހާރު އައްފާނަކީ މީހެއްގެ ފިރިއެކެވެ. ކުޑަކުއްޖެއްގެ ބައްޕައެކެވެ. ސައިކަލާ ހަމައަށް ދެވުމުން ސައިކަލުގެ މުއްގަނޑުގައި ކޮތަޅު އަޅުވާލާފައި ޖީބުން ފޯނު ނެގިއެވެ. ދެން ފޯނު ނަގާފައި 'ދައްތަ' ގެ ނަމުގައި ސޭވްކޮށްފައިވާ ނަންބަރަށް ގުޅާލިއެވެ. ރަހްމަތްތެރިޔާގެ ހާލު އޭނާ ހޯދަނީ ދައްތަ މެދުވެރިކޮށެވެ.
****
ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ހިމްނާ ދެ ދަރީންނާއެކު މޭޒު ކައިރީގައި އިނެވެ. އެހެން ރޭތަކާ ހިލާފަށް ކެއުން ލަސްވެއްޖެއެވެ. ނޫރީން އެކްސްޓްރާ ކްލާސް ނިންމާފައި ގެއަށް އައިއިރު ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. މޭޒު ކައިރީގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ހިމޭނުން އިނދެފައި މުޅި ތަނަށް ސިހުން ގެނުވީ ކުއްލިއަކަށް ނޫރީން ބުނެލި ޖުމްލައަކުންނެވެ.
"ދޮންތިބެ މިއަދު ވާހަކަދެއްކި"
ނޫރީނަށް ބަލައިލީ ހިމްނާއާ ޒާރާ އެކުގައެވެ. އެ ވަގުތުކޮޅުގައި ކުރިމަތީގައި އިން ހިމްނާ އަވަސް ނަޒަރެއް ޒާރާއަށް ދިނެވެ.
"ކޮންއިރަކު؟ ކިހިނެއް؟" ޒާރާ އެހިއެވެ.
"މެސެންޖާއިން ގޮވީ" ނޫރީން ބުންޏެވެ.
ބަހެއް ނުބުނެ އަތްލައިގެން އިން ބަތްތައްޓަށް ޒާރާ ބަލައިލިއެވެ.
"ރަނގަޅުހޭ އެހީ. ދޮންތި ރަނގަޅުހޭވެސް އެހި"
ޒާރާ ކެއުން ހުއްޓާލިއެވެ. ދެ އަތުން ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ފައްވާޒްގެ ހަބަރެއްވިކަން އެނގުމުން މާބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ހިމްނާގެ ކުރިމަތީގައި ކަރުނަތަކެއް ބާލަން ބޭނުންނުވާތީ ޒާރާ ތެދުވިއެވެ. ކޮޓަރިއާ ދިމާލަށް ޒާރާ ހިނގައިގަތީ ބަތްތަށިން އަތް ނެގިގޮތަށް ދޮވެވެސްނުލައެވެ.
"ފަހުން ކޮފީ ބޯން ނިކުންނާނަން" ތަންކޮޅަކަށް ހިނގައިގަނެފައި ޒާރާ ބުންޏެވެ. އޭނާ ފަހަތަށް އެނބުރިފައި ހީލީ ހަމައެކަނި ހިމްނާ ހިތްހަމަޖައްސައިދިނުމަށެވެ. އެހެންނަމަވެސް ހިމްނާއަށް ވިސްނުނެވެ. ޒާރާ ދިޔައީ އުނދަގުވެގެންނެވެ. މީހާ ހަމަޖެހިފައި ހުރިނަމަ އަތްދޮވެލަން ހަނދާން ހުރީހެވެ.
"ދޮންތި ހުއްޓައި ދެން ފައްވާޒްގެ ވާހަކަނުދައްކާތި. ފައްވާޒް ވާހަކަދެއްކިޔަސް ނުދެއްކިޔަސް އެ ވާހަކަ ގޭތެރޭގަ ނުކިޔާތި. ޒާރާގެ ވާހަކަ އަހައިފިއްޔާ ބުނޭ ނުޖެހޭނޭ ބަލާކަށް" ހިމްނާ ބުންޏެވެ.
"ހިތަށް އެރި ވާހަކަ ނުދައްކާނަމޭ. ދޮންތިބެ އެގޮތަށް ކަންތައްކުރުމުން އަޅުގަނޑުވެސް ދެރަވިއޭ މަންމާ. ގޭގަ އުޅުނުއިރު އަޅުގަނޑާ ދޮންތިބެ ކިހާ މަޖާކޮށް އުޅުނީ. ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވީ"
ނޫރީންގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.
ތެދެކެވެ. ޒާރާ ވަރިކޮށްފައި ފައްވާޒް ގެއިން ނިކުތްދުވަހު ގޭތެރެއިން އެއް އަޑަކަށް އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. ފަހުން ނޫރީންވެސް ފަޅައިގެން ދިޔައެވެ. ޒާރާ ހަމަޔަކަށް އަޅުވަން ހިމްނާ މަސައްކަތް ކުރިއިރު ނޫރީން ދިޔައީ ޔޫކް ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ. ފަހުވަގުތު ނޫރީނަށްވެސް ހިފަހައްޓާނުލެވުނީއެވެ. އެ ދުވަހަކީ ގޭތެރެއަށް ގިޔާމަތެއް ފަދަ ދުވަހެކެވެ. ކެތްތެރިވެ ދަރީންނަށް ވިސްނައިދިނުމުގައި މުޅި ދުވަސް ހިމްނާ ހޭދަކުރިއެވެ.
****
އާދައިގެމަތިން ނުނިދިފައި ޒާރާ އޮތެވެ. ތަޙައްޖުދު ނަމާދަށް ހިމްނާ ހޭލައިފިކަން އެނގުމުން ޒާރާ ދެލޯ މެރިއެވެ. އޭނާ ނުނިދިފައި އޮތްކަން ހިމްނާއަށް އެނގެން ބޭނުމެއް ނުވިއެވެ. އެނދުން ތެދުވުމުގެ ކުރިން ހިމްނާ އެއްފަހަރު ޒާރާއަށް ބަލައިލިއެވެ. ފާހާނައަށް ވަނީ ޒަރާ ނިދާފަކަން ޔަގީންކޮށްފައެވެ. މާގިނަ އިރު ނުވަނީސް ހިމްނާ ނަމާދަށް އަރައިފިއެވެ. ނަމާދަށް އެރޭ ދުވަސްވަރެއްނަމަ ހިމްނާގެ ފަހަތުން އޭނާ ނަމާދަށް އެރީހެވެ. އަނެއްފަރާތަށް އެނބުރިގެން އޮތް ޒާރާ ސިއްރުން ގަޑި ބަލައިލިއެވެ. އަދި ތިނެއް ނުޖަހައެވެ. އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ރަނގަޅަށް ނުކައި ހުރުމުގެ ސަބަބުން ބަނޑުހައިކަމުގެ އިހުސާސްވެސް ކުރެވެން ފަށައިފިއެވެ. ކުއްލިއަކަށް ޒާރާގެ ކަންފަތުގައި ޖެހުނީ މީހެއްގެ ގިސްލުމުގެ އަޑެވެ. ޒާރާ ބަލައިލިއެވެ. ސަޖިދައަށް ތިރިވެގެން އޮތް ހިމްނާގެ އަޑުކަން އެނގުމުން ޒާރާ ފުންމައިގެން ތެދުވިއެވެ. އެ މަންޒަރު ވީ ބަލަން އޭނާއަށް މާބޮޑު ހިތްދަތިކަމެއް ލިބުނު މަންޒަރަކަށެވެ. ޒާރާގެ ކުރިމަތީގައި ހިތްވަރަކަށްވާން ހިމްނާ ވަރަށް މަސައްކަތްކޮށްފިއެވެ. އެންމެފަހުން ހެއްދެވިފަރާތާއި ހިމްނާގެ ހިތާއި ސިކުނޑި ގުޅިގެން ދިޔުމުން ކެތްތެރިކަން ކޮޅުންލީއެވެ.
ހިމްނާ ނަމާދުކޮށް ނިމެންދެން ބަލަން އިނދެފައި ޒާރާ އެނދުން ތެދުވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް މުށިތަކުގެ މަތީގައި އިށީނދެފައި ހިމްނާގެ އުނގުގައި ބޯއަޅައިގެން އޮށޯތެވެ. މަޑުމަޑުން ޒާރާގެ އިސްތަށިގަނޑުގައި ހިމްނާ ފިރުމަމުން ދިޔައެވެ. ޒާރާގެ ދެލޮލުގެ އަރިމަތިން ކަރުނައިގެ ތެތްކަން އިހުސާސްވުމާއެކު ހިމްނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ޒާރާގެ ކައިވެނި ރޫޅުނުފަހުން މިނޫނީ ޒާރާގެ ކުރިމަތީގައި ހިމްނާ އެހާ ބަލިކަށިވެފައެއް ނުވެއެވެ.
"ކިހާ ދުވަހެއް ވަންދެން ތި ހިތާމަ ދަރިފުޅު ކުރާނަންތަ؟ މަންމަ މިހެން ނުބުނަންވެސް ވަރަށް ކެތްކޮށްފިން. ދަރިފުޅު އަތުން ނޫނަސް ކިތަންމެ މައެއްގެ އަތުން އެމީހުންގެ ތުއްތު ދަރީން އެކަލާނގެ ގެންދަވައިފި. އަތުން އެއްޗެއް ބީވެގެން ދިޔުމަކީވެސް ނިއުމަތެއް ދަރިފުޅާ. ދަރިފުޅު ނޫނަސް މި ރާއްޖޭގައި އެއްވެސް ކުށެއްނެތި ވަރިކޮށްފައި ތިބި ކިތައް އަންހެނުން އެބަތިބި. ވަރިނުކޮށް ތިމާގެ ހަލާލު އަނބިމީހާ ކުރިމަތީ ހިލޭ އަންހެން ގޮވައިގެން އުޅޭ ކިތައް ފިރިހެނުން އެބައުޅޭ. ދަރިން ހޯދާފައި އެ ދަރިން އަނބިމީހާގެ ބޮލަށް ޖަހާފައި ހަރަދުނުދޭ ކިތައް އަނބިން ދަރިންނާއެކު ބިކަވެފަ އެތިބީ. ދަރިން ނުލިބެއޭ ކިޔާފައި އަނބމީހާ ވަރިކޮށްލާފަ ކިތައް ފިރިހެނުން އެދަނީ. ފިރިމަރުވެ ކިތައް އަންހެނުން ހުވަފަތްވެފަ އެތިބީ. ނިކަން ބަލައިބަލަ މަންމަ. ދަރިފުޅުމެން ކުޑައިރު ދަރިފުޅުމެންގެ ބައްޕަ ނިޔާވެއްޖެ. އެއީ މަންމަ އުމުރުން ބާރަ އަހަރުން ފެށިގެން ކައިވެނިކޮށްގެން އުޅުނު މީހާ. މިހާރު އުމުރުން ފަންސާސް އަހަރު ފަހަނައަޅާ މިދަނީ. ދަރިން ކުޑައިރު ބެލޭނެ އެއްވެސް ގޮތެއްނެތި މަންމަ އެކަނިވީ. އެކަމަކުވެސް ކެތްތެރިވީން. އެއްދޮރު ބަންދުވާއިރު ތިބާއަށްޓަކައި އަނެއްދޮރު ހުންނާނީ ހުޅުވިފަ. މުސީބާތެއް ކުރމަތިވާއިރަށް ތިގޮތަށް ރޮއެ ހިތާމަކުރާއިރު ދަރިފުޅުގެ ކުރިމަގަށްޓަކައި އެކަލާނގެ ވަންހަނާކޮށްފައިވާ ކަންކަން ދަރިފުޅަށް އިނގޭނަމަ ޔަގީން ދަރިފުޅު ރޯނީ އުފަލުންކަން. ދަރިފުޅުގެ އެއްވެސް ކުށެއްނެތި ފައްވާޒް ދަރިފުޅު ވަރިކޮށްފަ ދިޔައީ. އެކަން ނުވާކަމަކަށް ނުވާނެއްނު. ބޭވަފާތެރިއަކަށްޓަކައި ރުއިމުގެ ބޭނުމެއް ކޮބާ؟ ދޫކޮށްފަ ދާނީ ލޯބިނުވާތީއެއްނު. ކޮންމެ ކަމެއްވެސް ވާނީ އެކަމެއްގެ ފަހަތުގައި އަހަރެމެންނަށް ނޭނގޭ ރަނގަޅު ސަބަބެއް އޮވެގެން. ހިތްވަރާއެކު ތެދުވެގެން އުޅެބަލަ. ނިކަން ދައްކާލަބަލަ ޒާރާއަކީ ވެސް ހިތްވަރުހުރި އިންސާނެއްކަން. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ހިތްވަރާއެކު މަސައްކަތްކޮށްގެން. މި މަންމައަށްޓަކައި ނަމަވެސް ދަރިފުޅުގެ ތި ހިތާމަތަކަށް ނިމުމެއްގެނޭ. އެހެންނޫނީ މަންމަ މަރުވެދާނެ..."
ހިމްނާގެ ވާހަކަތަކުގެ ސަބަބުން އިތުރަށް ޒާރާއަށް ރޮވިއްޖެއެވެ. ވާހަކަދެއްކޭތޯ އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކަރުތެރެ ހުރީ ބެދިފައެވެ. ދެލޮލުން ކަރުނަ ހުސްނުވެއެވެ. ނޯށަށް ރޯގާ އާއި ފެން އަރައި ކަރުތެރެ އެއްކޮށް ބެދުނެވެ. ރަނގަޅަށް އެއްބަސްވެސް ނުކިޔުނެވެ. ދެމައިންވެސް ތިބީ އެއްހާލެއްގައެވެ. އެކަކު އަނެކަކު އެހީތެރިކަމާއި ހިމާޔަތަށް އިންތިހާއަށް ބޭނުންވެފައެވެ.
"މަސައްކަތްކުރާނަން މަންމާ، އަހަރެންނަށް މުހިންމީ މަންމަ. މަންމަ އަހަރެންނަށް އެހީވާނަންދޯ"
ޒާރާއަށް ވާހަކަދެއްކުނީ އެތައް ހިތްވަރެއްކޮށްގެންނެވެ.
****
ނިއަމްއަށް ކާންދޭން ސިޓިންގރޫމުގައި އިނީ ދިމްނާއެވެ. އެއީ އަދި ނުހާއަށް ދަސްނުވާ ކަމެކެވެ. ނިއަމް އަށް ކާންދޭން އޭނާ އިށީނީ އެންމެ ދުވަހަކުއެވެ. އެދުވަހު ނިއަމް ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭގެފަހުން ކޮންމެ ވަގުތަކުވެސް ނިއަމްއަށް ކާންދެނީ ދިމްނާ ނޫނީ ސައީދާއެވެ.
"އެ ސޮރު ނިމިއްޖެތޯ ބަލަންދޭބަލަ" އެނދުގައި އޮތް އައްފާން ބުންޏެވެ.
ނިއަމް ރީތިވާ ސާމާނު ނަގައިގެން އައިސް އެނދު ކައިރީގައި ހުއްޓުނު ނުހާ އައްފާނަށް ބަލައިލިއެވެ.
"ނިމުނީމަ އެހެންޏާވެސް ދޮންތަ ގެނެސްދެއެއްނު" ނުހާ ބުންޏެވެ.
އާދައިގެމަތިން ނުހާގެ ޝަކުވާފޮށި ހުޅުވާލިއެވެ. ދައްކަންފެށީ އޭނާއަށް ވަގުތު ނުލިބޭ ވާހަކައެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި ބިޒީކޮށް އުޅެންޖެހޭ ވާހަކައެވެ. އަމިއްލަ ކަމެއް ކޮށްލަން ވަގުތުނުވާ ވާހަކައެވެ. އެވާހަކަ ނުހާ ބުނަންޖެހުނު ސަބަބުވެސް އައްފާނަށް ވިސްނުނެވެ. އެކުވެރިންނާއެކު ބޭރަށްނުދާތާ ދެތިން ރޭ ވެއްޖެއެވެ.
"އައްފާނަށް އިހުސާސްވެސް ނުކުރެވޭނެ އަހަރެން ވަރުބަލިވާ ވަރު"
އައްފާން ދެފަރާތަށް ބޯހޫރާލިއެވެ. ނުހާ ބިޒީވާންޖެހޭ ސަބަބެއް އައްފާނަށް ނޭނގެއެވެ. އިތުރަށް އެ ވާހަކަ ނުދެއްކީ އޭނާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން ނުހާގެ ރުޅިގަނޑު ފަޅައިގެން ހިނގައިދާނެތީއެވެ.
"މި އުޅެނީ ފްރައިޑޭ ނައިޓްގަ އޯވަރ ނައިޓެއް ހަދަންވެގެން. ޖުމާމެންގެއަށް ދަނީ. ހާދަމަޖާވާނޭ" ނުހާ ބުންޏެވެ.
އައްފާނަށް އެނދުން ތެދުވެވުނެވެ. އޯވަރ ނައިޓަށް ނުހާ ތަންތަނަށް ދިޔުމަކީ އޭނާއަށް ރުހެވޭނެކަމެއް ނޫނެވެ. އެކަމަކު އޭނާގެ ބަސް ނުހާ ގަބޫލުކުރާނެ ހެއްޔެވެ؟
"ތަންތަނަށް އޯވަރނައިޓް ހަދަން ދާއިރު ނުހާ ތިއީ މީހެއްގެ އަންބެކޭ. ކުޑަކުއްޖެއްގެ މަންމައެއް" އައްފާން ބުންޏެވެ.
"ދެން ކޮބާ މައްސަލައަކީ؟ އެއީ އެވަރުގެ ކަމެއްތަ؟" ނުހާ ބުންޏެވެ.
"މައްސަލައަކީ ނުހާ ތަންތަނަށް ދާން ނިންމާއިރު އަހަރެން މިއީ ހުންނަ މީހެއް ކަމަކަށްވެސް ނަހަދާތީ. އަހަރެން ކައިރިން ނުހާ ހުއްދަ ހޯދަންޖެހޭ ކަންކަން އެއީ" އައްފާން ބުންޏެވެ. މިފަހަރު އައްފާނަށް ލޯބިން ވާހަކަނުދެއްކުނެވެ.
"ހުއްދަ މި ހޯދީއެއްނު. ދެން ބުނެބަލަ އާއެނކޭ" ކައިރީގައި އިށީނދެ އައްފާންގެ އަތުގައި ބައްދައިލަމުން ނުހާ ބުންޏެވެ.
"ތިއަށް ކިޔަނީ ހުއްދަ ހޯދުމެއްނޫން. ތި ބުނެލީ. އެކަމަކު ބުނަން. ރައްޓެހިންނާއެކު ކާންދިޔުމާ ފިލްމަށް ދިޔުމާ ޝޮޕިންއަށްދިޔުން އަހަރެން ހުއްޓުވަން މަސައްކަތެއް ނުކުރަމެއްނު. އޯވަރ ނައިޓަށް ދާނީތޯ ނުދާނީތޯ ނިންމާނީ ނުހާ. އޭގެފަހުން އަހަރެން ކަންތައްކުރާނެ ގޮތެއް އިނގޭނީ އަހަރެންނަށް"
އައްފާން ހަރުކަށިކޮށް ވާހަކަދެއްކުމުން ނުހާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންވިޔަސް އައްފާން އަޅައެއްނުލިއެވެ. ނުހާއަށް ބެލުމެއްނެތި އައްފާން ފާހާނައަށް ވަދެ ދޮރުލެއްޕިއެވެ. ނުހާ އިނގިލީގައި ދަތްއަޅާލައިގެން އިނެވެ. އޭނާ ނޫނެކޭ ބުނެފިއްޔާ މުޅި ޕްލޭން ފަނިވާނެއެވެ. ޖުމާ އާއި މާހީ ވަރަށް ދިމާވެސްކުރާނެއެވެ. އެކަމަކު އައްފާން އެދިޔައީ ވަރަށް ހިތްހަމަނުޖެހިފައެވެ. އައްފާން ރުއްސައިގެން ނޫނީ އެކަމެއް ނުވާނެއެވެ. އެތައް އިރަކު ނުހާ ވިސްނަން އިނެވެ. އަދި ތިންދުވަސް އެބައޮތެވެ. މަސައްކަތްކޮށްފިއްޔާ އަދި ކާމިޔާބުވާނެއެވެ.
****
ސަލާން ބަލައިގަނެފައި ޖަންނަތު ބޭރަށް ނިކުތްއިރު ގޯތިތެރޭގައި ހިނިތުންވެލައިގެން ޒާރާ ހުއްޓެވެ. ޖަންނަތަށް ލިބުނީ ހައިރާންކަމެކެވެ. އަންގައިވެސް ނުލައި ޒާރާ އައިސް ހުރުމުން ޖަންނަތު ހިތްހަމަވެސްޖެހުނެވެ.
"ކޮން ވަޑާމެއް؟" ޖަންނަތު ބުންޏެވެ.
"ނޫރް ސްކޫލަށް ލާފަ ދަމުން ހިތަށް އެރީ ވަދެލާނަމޭ. ޖަންނަ ކޮންކަމެއްގަ" ޒާރާ ބުންޏެވެ.
"ނުކުރަން ކަމެއް. ފެންޑާ ތެރެ ހޫނުކަމުން މިތާ ބޭރަށް ވައިޖައްސާލަން ކަމަށް މިދަނީ" ޖަންނަތު ބުންޏެވެ.
"ވަރަށް ހޫނުގަދަ ދުވަސްވަރެއް ދޯ. ހިނގަ ޖޫސްޕެޓީ ބޯން. ފިހާރައިން ގަނެގެން ދާނީ ވަސިންތަ ގޯއްޗާ ދިމާލަށް"
ކުއްލިއަކަށް ޒާރާއަށް ވެފައި ހުރިގޮތެއް ޖަންނަތަށް ނޭނގުނެވެ. ޔަގީނުންވެސް ތަފާތު ބަދަލެކެވެ. އެކަމަކު އެގޮތުގައި ޒާރާއަށް ހިފަހައްޓާލެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
"އޭތް... ހިނގާ ދެން" ޖަންނަތުގެ އަތުގައި ޒާރާ ހިފައި ދަމައިގަތެވެ.
ބޭރަށް ނިކުތުމުގެ ކުރިން އަލުން ފެންޑާއަށް ޖަންނަތު ވަނީ ޒާރާ އާއެކު ބޭރަށް ނިކުންނަ ވާހަކަ ޖަމީލާ ގާތު ބުނާށެވެ.
****
ސައީދާ ބަދިގެއަށް ވަންއިރު މޭޒު ކައިރީގައި ފާޑާކަށް އިން ނުހާ ފެނި ހުއްޓުން އެރިއެވެ. ޔަގީން ނުވެފައި ސައީދާ ގަޑި ބަލައިލިއެވެ. މެންދުރުން އަނބުރައިފިއެވެ. އެ ވަގުތަކީ ނުހާ ދެލޯ ހުޅުވައިގެން ހުއްޓާ އާންމުކޮށް ފެންނަ ވަގުތެއް ނޫނެވެ. އަތުގައި އޮތް ކޮތަޅު މޭޒުމަތީގައި ބާއްވާފައި ފިޔާކޮށަން ސައީދާ ތައްޔާރުވެލިއެވެ. ނޫޑްލްސް ކެއްކުމަށް ވަގުތުކޮޅެއް ހޭދަވާނެތީ އެކަމުގައި އެހީވުމަށް ނުހާގެ ކިބައިން ސައީދާ އެދުނެވެ.
"ބަދިގެއަށް ވަދެ މަސައްކަތްކުރަން. ހުނ... ހާދަ ފޫހިކަމެކޭ މީ" ސައީދާގެ އަތުން ފިޔާ ފަޅިއާއި ވަޅި އަތުލަމުން ނުހާ ބުންޏެވެ. ސައީދާ ދެފަރާތަށް ބޯހޫރާލިއެވެ. މިއަދު އަނެއްކާ އެއްޗެއް އަވަލަވާފަ އިން ދުވަހެކެވެ. ހަނދު ބޮޑުވާންޖެހުނު ސަބަބެއް އަދި ނޭނގެއެވެ.
"ނުހާ ކިހިނެއް ތިއުޅެނީ؟ އަހަރެން ވަރުބަލިވެއްޖެ ނުހާ އަށް ވިސްނައިދީދީ" ސައީދާ ބުންޏެވެ.
"އަހަރެން ގޮތަކަށް އެބައުޅެންތަ؟ އަޑަށް ބާރުލާފައި ނުހާ ބުންޏެވެ. ސައީދާ ދެފަރާތަށް ބޮހޫރާލާފައި އުނދުން މައްޗަށް ފެން ކައްކަން އުދިއެވެ.
ކުޑާ ކޮންއިރަކުތަ އަންނަނީ؟" ނުހާ އެހިއެވެ. "ކުޑާއަށްވެސް އެނގޭނެ މިގަޑީގަ ތަންތަނަށް ދާއިރު އުނދަގުވާނެ ކަމެއް"
ވީގޮތް ސައީދާއަށް އެނގިއްޖެއެވެ. އާންމުކޮށް ގޭގައި ހުރިހާ ވަގުތަކަށް ކައްކަނީ ދިމްނާއެވެ. މެންދުރު ކާން ނުހާ އައިއިރު ކާއެއްޗެއް ރޯފިލުވާފައި ނެތުމުން އޭނީ ބަނޑުރުޅި އަރައިފައެވެ. އެހެން އިނދެ މީހަކު ދިރުވާލާކަށްވެސް ނުހާ ފަހެއް ނުޖެހޭނެއެވެ. މީހާ ވާތާވެގެން ގޮސް ބިންމަތީގައި ދެމެންޖެހުނަސް އަމިއްލަ އަތުން ކާއެއްޗެއް ރޯފިލުވަން ނުހާ ނޫޅޭނެއެވެ. ކާއެއްޗެއް ރޯފިލުވާނީވެސް ކިހިނެއް ހެއްޔެވެ؟ ނުހާއަށް ރަހަ ހެޔޮވަރުކޮށް އެއްޗެއް ކައްކަން ނުވެސް އެނގެއެވެ. އަނެއްކޮޅުން ނުހާ ބަދިގެއަށް ވަދެފިއްޔާ ޖެހޭނީ މުޅި ބަދިގެ ދޮންނާށެވެ. އެވަރުންވެސް ގޯސްވާނީ އެއްޗެއް ބުނާ މީހާއެވެ.
"ކުޑާވެސް ހީވަނީ ޅަދުވަސް އައިސްގެން އުޅޭހެން" ނުހާ ބުންޏެވެ.
"ބަލަ މިގޭގަ ކުރާހާ ކަމެއްކޮށް މިގޭ އެންމެންނަށް ކާންދީ ކައްކައިދީ ހަދަން އެއްޗެއްގަ ސޮއިކޮށްފަ ހުރި މީހެއް ނޫނޭ ދިމްނާއަކީ" ސައީދާ ބުންޏެވެ.
"އެހެންނޫނަސް ޒާކިފް އެ އައީ ކިހާ ދުވަހެއްކޮށްފަ. ކުދިންނާއެކު އެމީހުން ބޭރަށް ހަމަ ނިކުމެލާއިރަށް އެކަން ބޮޑު ކަމަކަށް ވާންޖެހޭތަ؟"
ސައީދާއަށް ރައްދު ނުދިނަސް ނުހާގެ މޫނުމައްޗަށް ވެރިވި ކުލަވަރު ސައީދާއަށް ފެނުނެވެ. ސައީދާ ހައިރާންވިއެވެ. ނުހާ ފިޔާ ކޮށަނީކީ ނޫނެވެ. ފިޔާ ދެބުރި ކުރަނީއެވެ. އެންމެފަހުން ސައީދާ ހިތްހަމަނުޖެހުނެވެ. ނުހާ އަތުން ތަށި އަތުލައިފިއެވެ. މޫނު ކުނިކޮށްގެން ނުހާ އިނެވެ.
"އަހަރެން ހަމަ ހައިރާންވެއްޖެ. ތިކުރަނީ ޖެއްސުމެއްތަ؟ ލަދުވެސްގަނޭ. އައްފާން ހިތަށް އަރާނީވެސް ކީކޭ. އެއީ ކެތްތެރި ފިރިހެނެއް" ސައީދާ ކުދި ކިޔަން ފެށިއެވެ.
ސައީދާގެ ވާހަކަތަކަށް ނުހާ އަޅައެއް ނުލިއެވެ. އިނގިލިތަކުގެ ކުރިން ފިޔާ ވަސްދޮވަން ފެށުމުން އޯކާ ދެމިގަތެވެ. ޒިންކު ކައިރިއަށް ގޮސް ދެއަތް ދޮވެގެން ޓިޝޫއަކުން ފޮހެމުން އައިސް އަލުން ގޮނޑީގައި އިށީނެވެ. ފޯނާ ކުޅެން ފެށުމާއެކު އޭނާގެ މޫޑު ރަނގަޅު ވެއްޖެއެވެ. ނިއަމް ރޯ އަޑު އިވެން ފެށީ ވެސް އެ ވަގުތުއެވެ.
"ނިއަމް ރޯ އަޑެއް ނޫންތަ އެ އިވެނީ" ސައީދާ ބުންޏެވެ. އަނެއްކާވެސް ނުހާގެ މޫނުމަތިން ފޫހިކަމުގެ އަސަރު ފާޅުވެލިއެވެ.
"އެވެސް އަހަރެންނަށް ޖެއްސުމަށް އުޅޭ ކުއްޖެއްހެން މިހާރު ހީވާން ފަށައިފި" ނުހާ ބުންޏެވެ.
****
އައްފާން ކޮލެޖުން ނުކުތީ ލިބެމުންދާ ފޯނު ކޯލުތަކުގެ ސަބަބުން ބޮލަށް އުނދަގޫވެގެންނެވެ. ކޮލެޖުގައި އިނދެފައި ބޭކާރު ގޮތުގައި ތަންތަނަށް ދާން ނުކުތުމަކީ އައްފާންގެ އުސޫލެއް ނޫނެވެ. ކޮލެޖުގެ ވަގުތުތައް އޭނާ ހުސްކުރަނީ ކޮލެޖުގެ މަސައްކަތްތަކަށެވެ. އާއިލީ ޒިންމާތައްވެސް އެ ވަގުތަށް މަޑުޖައްސާލެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް މިއަދު އޭނާ ބޭރަށް ނުކުތީ ބޮލަށް ތުރާވެގެންނެވެ. ފައްވާޒަކީ މިހާރު އޭނާގެ ދިރިއުޅުމުގައި މާބޮޑު ސަމާލުކަމެއް ދެވިފައިވާ އެކުވެރިއެއް ނޫނެވެ. އެހެންނަމަވެސް ގުޅާވަރުން ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.
ކެފޭއަށް ވަދެފައި އައްފާން މަޑުކޮށްލިއެވެ. ފައްވާޒްގެ ހަބަރެއް ވަންދެން ހުރެފައި އޭނާ ގޮސް ހުސް މޭޒެއްގައި އިށީނެވެ. ފައްވާޒް ވަނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އިރުކޮޅަކުން އައިސް އައްފާން ކުރިމަތީގައި ހުއްޓުނެވެ. އައްފާން ގައިގައި ކުޑަކޮށް ބައްދާލާފައި ހީލިއެވެ.
"ކިހިނެއް؟" ފައްވާޒް އެހިއެވެ.
"ރަނގަޅު. އެހާވަރުން ކޮން ވާހަކައެއް ދައްކަން ތި އުޅެނީ؟" އައްފާން ބުންޏެވެ.
ވެއިޓަރަކު އައުމުން ކަޅު ކޮފީއަށް އޯޑަރު ދިނީ ފައްވާޒެވެ. އައްފާންގެ ބަސްމަދުކަން ފާހަގަވެ ފައްވާޒް އައްފާނަށް ބަލައިލީ ފާޑަކަށެވެ.
"ކޮލެޖުގަ ހުރެފަ މިއައީ. އެހާ ގިނައިރަކު އިނދެވޭކަށް ނެތް" އައްފާން ބުންޏެވެ.
(ނުނިމޭ)