ޒާރާ ގެއަށް ދޫކޮށްލީ ސައްވީސް ގަޑިއިރު ފަހުންނެވެ. ނަސީބަކުން ޒާރާގެ ހާލު އިތުރަށް ގޯސްނުވިއެވެ. ލުނބޯ ހުތު ފަނިތައްޓެއް ހިފައިގެން ހިމްނާ ކޮޓަރިއަށް ވަންއިރު ޒާރާއަށް އޮތީ ނިދިފައެވެ. ވިސްނުންތަކާ ފިކުރުތަކާ ޒާރާ ދުރުވާ ހަމައެކަނި ވަގުތުކޮޅަކީ ނިދާ ވަގުތުކޮޅަށް ވުމުން ޒާރާއަށް ގޮވަން ހިމްނާ ބޭނުމެއް ނުވިއެވެ. މޭޒުމަތީގައި ފަނިތަށި ބަހައްޓާފައި ކޮޓަރި ދޮރުލައްޕާލާފައި ހިމްނާ ނިކުތީ ބޭރަށެވެ.
****
ގޭތެރެއިން ސަލާމް ގޮވާލި އަޑު އިވުނީ ހިމްނާ ބަދިގޭގައި އަވަދިނެތި އުޅެނިކޮށެވެ. ސިޓިންގރޫމަށް ނިކުމެ ބަލައިލިއިރު ދޮރުމަތީގައި ހުރި ވަސީމާ ފެނިއްޖެއެވެ. ދުވަސްތަކަކަށްފަހު ގާތް އެކުވެރިއެއް ގެއަށް އައުމުން ހިމްނަ ބައްދަލުކުރީ ހިތްހެޔޮ ހިނިތުންވުމަކާ އެކުގައެވެ.
"އާދޭ އާދޭ އަވަހަށް އެތެރެއަށް" ހިމްނާ ބުންޏެވެ.
ވަސީމާގެ އަތުގައި ހިފައިގެން އޭނާގެ ހަ އަހަރަށްދާ ކުޑަ ދަރިއަކު ހުއްޓެވެ.
"މިސޮރު ސްކޫލުން ގޮވައިގެން ދަމުން ހިތަށް އެރީ މިގެއަށް ވަދެލާނަމޭ. ޒާރާ ބަލިކަން އެނގިގެން މިވަދެލީ" ހިމްނާ ދެއްކި ގޮނޑީގައި އިށީނދެފައި ކުޑަދަރިފުޅު ބޭންދީ އޭނާގެ އުނގުގައެވެ.
"ދެންމެ ހަސްފަތާލުން ދޫކޮށްލީ. މިހާރު އޮތީ ނިދިފަ. ކީއްކުރާނީ ވަސީމާ. އެފަކީރު ހިތާމަކޮށްކޮށް ހަލާކުއެވަނީ. ދަރިއަކު ކުރިމަތީގައި ހުރެގެން ނިމިދާތަން ބަލަން އަހަރެންގެ ލަގޮނޑިއަށް ކެތްނުވޭ. އެހާ ވަރަށް ވިސްނައިދީފިން. އަދި ކުރިއެރުމެއް ނުލިބޭ. އަހަރެން ހިތަށް އަރާ ކިހާ އަވަހަކަށް މިކަން ނިމިދާނެބާއޭ" ހިމްނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
ފާއިތުވެގެން މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި އެއްވެސް މީހެއްގެ ކުރިމަތީގައި އެހާ ވަރަށްވެސް ހިމްނާ ދުލުން ބޭރުނުކުރެއެވެ. އޭނާގެ ލަގޮނޑިއަށް ކުރާ ބާރާއި ކުރާ ހިތާމަތަކާއި އޭނާއަށް ލިބެމުންދާ ތަކުލީފުތައް އޭނާ ހިއްސާކުރާފަރާތަކީ ހަމައެކަނި އޭނާގެ ވެރި ރައްބެވެ. ވަސީމާ ކައިރީގައި ބުނެވުނީ އިހުސާސް ކުރެވުނު ގާތްކަމެއްގެ ސަބަބުންނެވެ. އެވެސް އޭނާގެ ދަރިއެއް އެދައްކާ ވާހަކަ އިވޭ ހިސާބުގައި ނެތްކަން ޔަގީންވާތީއެވެ.
"ހިތްވަރުކުރޭ ހިމްނާ. އެއްފަހަރާ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލާކަށްވެސް އަދި އެހާ ފަސޭހައެއް ނުވާނެ. ކުއްލިއަކަށް ބަރުދާސްތުކުރަން އެޖެހުނީ އެންމެ ކަމެއްނޫން. ލޯބިވާ ބަޔަކު ހަޔާތުން ބީވާތަން ދުށުމަކީ ކިހާ ވޭންހުރި ކަމެއްކަން އިނގޭނީ އެކަން ބަރުދާސްތުކުރަމުންދާ ބަޔަކަށް. އަލީ އާއެކު ގެއަށް އައިސް އުޅުނުއިރު އަހަރެން ހިއެއް ނުކުރަން ފައްވާޒު އެހާ ވިޔާނުދާވެދާނެ ކަމަކަށް"
"ފައްވާޒަކީ އަހަރެންގެ ބަނޑުން ނުވިހާ ދަރި. އަހަރެންގެ ޒާރާ އާ މެދު ފައްވާޒް ކަންތައްކުރީ ވަރަށް ވިޔާނުދާކޮށް. އެކަން މަރުދުވަހަށް އަހަރެން ހިތުގައި އޮންނާނެ. އެކަމަކު އެކަންތަކުގަ ފައްވާޒުގެ ނުބައި ވާހަކަ ދައްކަން އަހަރެން ނެތިން. އަހަރެންނަށް މުހިންމީ އަހަރެންގެ ދަރި" ހިމްނާ ބުންޏެވެ. ވާހަކައިގެ ތެރެއިން އޭނަ ކޫކަރަށް ބަތްވެސް އުދައިފިއެވެ.
"ދެން ދަނީ އޭ. އަދި މެންދުރައް ނުކައްކާ މިއުޅެނީ. ޒާރާ އަށް އަހަރެންގެ ސަލާމް ބުނެދޭތި އިނގޭ" ވަސީމާ ބުންޏެވެ.
"މީގެއިން އެތިކޮޅެއް ކާލައިގެން ދޭބަލަ. މިއީ އޮމަދޫ ރިހާކުރު. ރަހަބަލާލަބަލަ. ވަގުތެއް ނުލިބުނީމަ މިއަދު ހުނިރޮއްޓާ ކުޅި ރިހާކުރު ހެނދުނު ސަޔަށް ހެދީ"
****
ދުވަހުގެ މެންދުރު ވަގުތެވެ. ސޯފާއަށް ދެފައި އަރުވައިގެން އިން ނުހާ ގެ މޫނުމަތިން ހަމަޖެހުން ވަނީ ގެއްލިފައެވެ. ފޯނަށް ބަލަހައްޓައިގެން އިންއިރު ކައިރީގައި ހުރި ކުޑަ އެނދުގައި ނިއަމް އޮތީ ނިދާފައެވެ.
"މިދެން ކިހާ ދެރަކަމެއްތަ؟ އަޑުގަދަކުރަން ކޮޓަރިއަށް ދޭބަލަ"
ކޮންމެވެސް ސަބަބަކާ ހުރެ ބޯގޮވާފައި އިން ނުހާ ހަޅޭއްލަވައިގަތީ ކައިރީގައި ކުޅެން ތިބި ދިމްނާގެ ދެ ދަރީންނަށެވެ. ރަހްމާން ކޮޓަރިން ނިކުމެ ބަލައިލީ އަޑުގަދަވެގެންނެވެ. ޒަލަފްއާއި ޒަލަކް ތިބިގޮތުންވެސް އެކުދިން ނުހާ ދެކެ ޖެހިލުންވެފައި ތިބިކަން ރަހްމާނަށް އިނގިއްޖެއެވެ. އެގޮތަށް އެދެކުދީންނަށް ނުހާ އަޑުލައި ހެދިތަން އެފެނުނީ އަލަށެވެ.
"ކިހިނެއްވެގެން މިއުޅެނީ؟" ރަހްމާން ބުންޏެވެ. ބަދިގޭގައި ހުރި ސައީދާވެސް ނިކުމެ ބަލައިލިއެވެ.
"ދަރިފުޅުމެން ދޭ ކޮޓަރިއަށް" ކާފަ ދަރީން ކޮޓަރިއަށް ފޮނުވާލާފައި ރަހްމާން އިށީނީ ނުހާގެ ކުރިމައްޗަށް ހުރި ގޮނޑީގައެވެ.
"އަމިއްލައަށް ކުށްކޮށްފައި އެކަމުގެ ރުޅި ބާލަންޖެހެނީ ކުށެއްނެތް ކުޑަ ދެކުދީންނަށްތަ؟ މިހާރުވެސް ކަލޭގެ ކުށް ފޮރުވަން ދިމްނާ އުޅޭވަރު ކުޑަތަ؟ ވަރަށް ތާހިރު ދިރިއުޅުމެއް ދޯ ތިއުޅެނީ. އަހަރެން މިއުޅެނީ އެއްގެއެއްގެ ތެރޭގައި އުޅޭއިރުވެސް އައްފާން ކުރިމައްޗަށް އަރަން ނުކެރިގެން" ރަހްމާންގެ އަޑު ބާރެއް ނޫނެވެ. އެހެންނަމަވެސް އޭނާ އިނީ ހިތްހަމަޖެހިފައެއްވެސް ނޫނެވެ.
"އަހަރެން ކީއްކުރީތަ ބައްޕަ ހަޅެއްލަވަން ތިފެށީ. އައްފާން އެ އުޅެނީ އަމިއްލައަށް ރުޅި ހަދައިގެން. އަހަރެން ނުކުރަން އެއްވެސް ކަމެއް" ރަހްމާނާ ވާހަކަދެއްކުނީ ކިހާ ބާރަކަކަށް ކަމެއް ނުހާ ވިސްނާނުލައެވެ. ދުރުގައި ހުރި ސައީދާ އެހާ ބާރަށް އައީ ދެބަފައިންގެ މެދުގައި ޒުވާބުގަނޑު ހޫނުވެދާނެ ކަމަށްޓަކައެވެ.
"މަގޭ ހިތަށް އަރާ މީހަކާ އިނދެގެން ދަރިން ހޯދީ ކީއްކުރަންބާއޭ. ތިވައްތަރަށް ނުހާ އުޅެން ބޭނުމިއްޔާ މިގެއިން އެހެން ތަނަކަށް ގޮސް އުޅޭ" ރަހްމާން ބުންޏެވެ. ހިނދަކަށްފަހު ހިނދެއް ރަހްމާންގެ އަޑު ބާރުވަމުން ދިޔައެވެ.
މާބޮޑަށް ރުޅިގަދަވެގެން ރަހްމާންގެ އަޑު ބާރުވިއްޔާ ކެހިވަރެއް އައިސްދާނެކަމަށް ސައީދާ ސަމާލުވިއެވެ. ދެބަފައިން ކުރަމުންދިޔަ ބަހުސްގެ މެދަށް ސައީދާ ވަނީ އެހެންވެއެވެ. ރަހްމާން ރުޅިއައިކަން އިނގުމުން ނުހާ ހިމޭންވިއެވެ. އިސްޖަހައިގެން އިންގޮތަށް ބަހެއްނުކިޔާ ނުހާ އިނެވެ. ރޮވިފައެވެ.
"މިއީ ސައީދާގެ ކަންތައް. މިކަހަލަ ކަންކަން އަންހެން ދަރިންނަށް ވިސްނައިދޭންޖެހޭ މީހަކީ މައިމީހާ. ބަފައިން ދައްކަން ލަދުވެތި ވާހަކަތައްވެސް ހުންނާނެ. އަހަރެންގެ ދިމްނާގެ ދިރިއުޅުން ބަލާލަބަލަ ނިކަން. އަހަރެން ފަހުރުވެރިވަން އެފަދަ އަންހެންދަރިއަކު ހުރީތީ" އިތުރަށް ބަހެއްނުކިޔާ ރަހްމާން ނިކުތީ ގެއިން ބޭރަށެވެ. ސައީދާއަށް ހަމަޖެހުމުގެ ނޭވައެއްލެވުނީ ރަހްމާން ދިޔުމުންނެވެ.
އިރުކޮޅަކުން ނުހާ ކައިރީގައި ސައީދާ އިށީނެވެ. ނުހާ ދެރަވެފައި އިންކަން އިނގުމުން ބޮލުގައި ފިރުމާލިއެވެ. އެހިނދު ސައީދާގެ އަތް ނުހާ ފޮޅުވާލިއެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި އަތުގައި އޮތް ފޯނު ރުޅިއައިސްފައި ސޯފާއަށް ޖެހިއެވެ.
****
ސްކޫލުން ނުކުތްގޮތަށް ނޫރީން ދެފަރާތް ހޯދައި ބަލައިލިއެވެ. ސްކޫލު ނޯޓިސް ބޯޑާ ދިމާލުން މަދަރާސި ގަސްދޮށުގައި އާންމުކޮށް ހިމްނާ ބަލައި އައިސް ހުންނަ ތަނުގައި ހިމްނާ ނެތުމުން މަންމައަށް ކަމެއް ދިމާވެ ނާދެވުނީކަމަށް ނޫރީން ނިންމިއެވެ. ސްކޫލާ ގެ ދުރުކަން އިނގޭ އިރުވެސް ނޫރީން ހިނގާފަ ގެއަށް ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ކައިރިއަށް އައިސް މަޑުކޮށްލީ ސައިކަލެކެވެ. ނޫރީން ސިހިފައި ބަލައިލިއެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް ހީލެވުނެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. މިއަދު އޭނާ ބަލައި އައިސް ހުރީ ހިމްނާއެއް ނޫނެވެ.
"ދޮންތި..." ވީއުފަލުން ނޫރީނަށް ބުނެވުނެވެ.
"ދޮންތި ކުރިމަތީގައި ހުއްޓަވެސް ނުފެންނަކަމަށް ހަދާފަ ތިދަނީ ވިއްޔާ" ޒާރާ ބުންޏެވެ.
ނޫރީން ސައިކަލު ފަހަތަށް އެރިއެވެ. ޒާރާގެ ގައިގައި ހިފަހައްޓާލިގޮތަށް ކުޑަކޮށް ބައްދާލިއެވެ. ދުވަސްތަކަކަށްފަހު ޒާރާ ސްކޫލުދޮށުން ފެނުމުން ހަގީގަތުގައިވެސް ނޫރީން ހިތްހަމަޖެހިއްޖެއެވެ.
"މިއަދު އެބައޮތް ޕްރިފެކްޓް މީޓިންގް. ގެއަށް ގޮސް ކާއެއްޗެއް ކައިގެން އަނެއްކާ އަންނަންޖެހޭ. އަނެއްކޮޅުން މިރޭ އެކްސްޓްރާ ކްލާސްތައް ފަށާ. ދެން ގޭގަ މައިތިރިއެއް ނުވެވޭނެ" ނޫރީން ވާހަކަދެއްކިއެވެ.
"އުނދަގުލެއް ނުވާނެ ދެން. ސައިކަލު މިހެދުނީއެއްނު. ނޫރް ގޮވައިގެން ދޮންތި ދާނަން ހުރިހާ ތަނަކަށް"
****
ގެއަށް ވަން ދެ ދަރީންނަށް ބަދިގޭގައި އުޅުނު ހިމްނާ ގޮވައިލިއެވެ. ޒާރާގެ ފަރާތުން ހެޔޮ ބަދަލެއް ފެނުނީތީ ހިމްނާ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. އަމިއްލައަށް ފެނިގެން ގޭތެރޭގެ ބައެއް މަސައްކަތްވެސް ކޮށްފިއެވެ. ހެނދުނު ފިހާރަ ހުޅުވީވެސް ޒާރާއެވެ. އަނެއްކޮޅުން ހެނދުނު ސައިބޯން އިނދެ ހިމްނާ އާ އެތައް ވާހަކައެއްދެއްކިއެވެ. އެވީ ކުޑަވަގުތުކޮޅުގެ ތެރޭގައި ހިމްނާއަށް ތަފާތު ޒާރާއެއް ފެނިއްޖެއެވެ.
"މިއަންނަނީ ނަމާދުކޮށްގެން" ކޮޓަރިއަށް ވަންނަމުން ޒާރާ ބުންޏެވެ. ހީލާފައި ހިމްނާ ވަނީ އަލުން ބަދިގެއަށެވެ.
ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއެކު ޒާރާގެ މޫނުމަތި މިލާ މޯޅިވެއްޖެއެވެ. އޭނާ ކޮށްލީ ކުޑަކުޑަ ހިތްވަރެކެވެ. ދިރިއުޅުމައިގެން ކުރިއަށްދާން ކުރެވުނު ކުޑަކުޑަ މަސައްކަތެކެވެ. އަދިވެސް އޭނާގެ ހިތް އޮތީ ކުރިން އޮތްހެންނެވެ. އެކަނިވުމާއެކު ރޮވެއެވެ. ދެލޮލުން ކަރުނަ ހުސްނުވެއެވެ. މަގުމަތިން މީހަކު ދިމާވެގެން ފައްވާޒްގެ ވާހަކަ އެހުމާއެކު ހިތުގައި ރިއްސާލައެވެ. ޔޫކް ގެ ވަކިވުމުގެ ހިތާމައިގައި ބައިވެރިވަމޭ އެމީހުން ބުނާ ކޮންމެފަހަރަކު ދެފައިން ވާގިދޫވާން އުޅޭހެން ހީވެއެވެ. ވަކިވެގެންދިޔަ ދަރިފުޅުގެ އުމުރުގެ ކުއްޖަކު ފެނުމުން ހިތް ރޮއެގަނެއެވެ. ގޭތެރެއިންވެސް ހިތާމައާއި ހިތްދަތިކަމެވެ. ބޭރަށް ނިކުތަސް ވަކި ތަފާތެއް ނެތެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން ހިމްނާއަށް ލިބުނު ހިތްދަތިކަމާއި ތަކުލީފުތައް ކުޑަކޮށްދިނުމަށްޓަކައި ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނަން އޭނާއަށް މަޖުބޫރެވެ. އެކަމަކު ކިހާ ދުވަހެއް ވަންދެން އެގޮތުގައި ކެތްކޮށްލެވޭނެބާއެވެ؟ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ އުފާވެރި ދިރިއުޅުން ކެތްކުރަން ދަތި ތަކުލީފަކަށް ވެއްޖެއެވެ. ދިރިއުޅުން ދިރިތެޅުމަކަށްވެ ހަޔާތުގެ ކުލަތައް ހުދާއި ކަޅުގެ ދުނިޔެއަކަށް ބަދަލުވެއްޖެއެވެ.
"ތިއީ ނަމާދުކުރަން އައި މީހާ"
ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނީ ހިމްނާއެވެ. ޒާރާ ތެދުވިގޮތަށް އަވަސް އަވަހަށް ވަނީ ފާހާނައަށެވެ. އޭނާގެ ދެލޮލުން ހިމްނާއަށް ކަރުނަ ނުދެއްކުމަށް އޭނާ ހުރީ ނިންމައިގެންނެވެ. އެހެންނަމަވެސް ހިމްނާއަށް ހުރިހާ މަންޒަރެއް ފެނުނެވެ. ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާ މަންޒަރު ފެނުމުން ހިތުގައި އުންމީދެއް އާވިއެވެ. ކަރުނަތައް ފޮރުވަން ޒާރާ މަސައްކަތްކުރާތަން ފެނުމުން މެއަށް ބާރުވެގެން ދިޔައެވެ.
"މާތްﷲ ދަރިފުޅަށް ރަހްމަތް ލައްވާނެ" ދެލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން ހިމްނާ ބުންޏެވެ.
****
އަނެއްފަރާތަށް އެނބުރިގެން އޮތް ނުހާއަށް އައްފާން ބަލައިލިއެވެ. މައްސަލައެއް ދެމަފިރިންގެ މެދުގައި ޖެހުނީ ފުރަތަމަ ފަހަރަށެވެ. މައްސަލަގަނޑު ހައްލުނުވެ ދިގުދެމިގެން ދިޔައީ ހައްލުކުރަން އައްފާން ނޫޅުނީތީކަން އޭނާއަށް އިނގުނެވެ. ނިއްމައްޗަ އަތް އެއްލައިގެން އިރުކޮޅަކު އައްފާން ވިސްނަން އޮތެވެ. ކިތަންމެ ދުވަހަކު ހިތްހަމަނުޖެހިފައި ހުއްޓަސް ނުހާ ހައްލު ހޯދަން މަސައްކަތެއް ނުކުރާނެއެވެ. ވިސްނާލަން އޮވެފައި ހަށިގަނޑަށް ހަރަކާތެއް ގެނައި ވަގުތު ކުޑަ އެނދުގައި އޮތް ނިއަމް އައްފާންގެ ލޮލުގައި އަޅައިގަތެވެ. ދަރިފުޅަށްޓަކައި ނަމަވެސް ކޮންމެސް އެކަކު ގޮތްދޫކުރަންޖެހޭކަން އައްފާންގެ ސިކުނޑި އޭނާއަށް ވިސްނައިދިނެވެ. އެހެންކަމުން އެހެންފަހަރުތަކެކޭ އެއްގޮތަކަށް އެފަހަރުވެސް އައްފާން ގޮތްދޫކުރިއެވެ. މަޑުމަޑުން ނުހާ އާ ގާތަށް އައްފާން ޖެހިލިއެވެ. ފުރަގަހުން ނުހާގެ ގައިގައި ބައްދާލިއެވެ. އިރުކޮޅެއްނުވެ ނުހާ އެނބުރުނެވެ.
"އަދިވެސް ރުޅީތަ؟" އައްފާން އެހިއެވެ.
"އަހަރެންނެއް ނޫނެއްނު ރުޅިއައީ؟" ނުހާ ބުންޏެވެ. އައްފާންގެ އިޝާރާތެއް ނުވެގެން އޮތްކަހަލައެވެ.
"އަހަރެން ރުޅިއެއް ނާދޭ. ހިތްހަމަނުޖެހުނީ" އައްފާން ބުންޏެވެ.
"އަހަރެން އަލަށްތަ މާހީމެންނާއެކު ބޭރަށް ދިޔައީ. ފޯނު ގަސްތުގަ ނުނަގައެއް އަހަރެން ނުހުންނާނެކަން ބޭބީއަށް އިނގޭނެ. ސައިލެންޓްގަ އޮތީމަ ނޭނގުނީ. އެހެންޏާ ބޭބީ އަށް އެއްވެސް މައްސަލައަކަށްނުވޭ" ނުހާ އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.
"ރުޅިނާންނައްޗޭ. އަހަރެން ބުނަންތަ ވާހަކައެއް. ބޭރަށް ދިޔުމަކުން މައްސަލައެއްނެތް. އެކަމަކު ވިސްނަންޖެހޭނެ ތުއްތު ކުއްޖަކު އޮތްކަން. އެކުއްޖާ ބަނޑުހައިވެގެން ރޯންހެދީމަ އަހަރެން ސްޓްރެސްވާނެ ދޯ" ލޯތްބާއެކު ނުހާއަށް އައްފާން ވިސްނައިދެމުން ދިޔައެވެ.
"ނިއަމް ބެލުމަކީ އައްފާންގެވެސް ކަމެކޭ. ހުންނާނެ ފުޅި ގިރެން. ހަމަ ހަދާފަ ދިނީމަ ނިމުނީނު. އެކުއްޖާއަކީ މީހަކަށް އުނދަގުލެއް ކުރެވޭވަރުގެ ކުއްޖެއްނޫން" ނުހާ ބުންޏެވެ.
"ތިއީ އަނެއްކާ އަނެއް މައްސަލަ. ނުހާ ކީއްވެތަ ނިއަމްއަށް ގާތުން ނުދެނީ. އެއީ ނުހާގެ ދަރިއެއްނު" އައްފާން ބުންޏެވެ.
"ސަބަބު އަހަރެން ކުރިންވެސް ބުނިން. އަނެއްކާ އެވާހަކަ ތަކުރާރުކޮށްގެން އައްފާން ތިއުޅެނީ ރުޅިވާންވެގެން" ނުހާ މޫނު ހަދާލިއެވެ.
"ތިއީ އަދި ރަނގަޅުގޮތެއް ނޫން. އަހަރެން އުންމީދުކުރަން ނުހާގެ ކިބައިން ބަދަލުތަކެއް ފެންނާނެކަމަށް. ނިއަމްގެ ކަމެއްގަ ނުހާ ކެއާލެސްވަންޏާ އަހަރެންނަށް ވަރަށް އުނދަގުވާނެ އެކަން ޓޮލެރޭޓްކުރަން. ޝަކުވާވެސް ކުރެވޭނެ" އައްފާން ބުންޏެވެ.
"އަޅެ އަހަރެން ގޯސްތަ؟ މެރީ ކުރިއިރުވެސް އަހަރެން ބުނިންދޯ އެހާ އަވަހަށް ކުއްޖަކު ބޭނުންނުވާ ވާހަކަ. ނިއަމް އަކީ އަހަރެމެން ޕްލޭންކޮށްގެން ލިބުނު ކުއްޖެއްނޫން. އެކަމަކު އަހަރެން ނަހަދަމެއްނު ގޮތެއް. ޕްރެގްއިރު އެބޯޓްކޮށްލާކަށްވެސް ނޫޅެމެއްނު. އެކަހަލަ ޝަކުވާއެއްވެސް ނުކުރަމެއްނު. އަނެއްކޮޅުން އަހަރެންގެ ދަރިއަކު ދެކެ އަހަރެންވެސް ލޯބިވާނެދޯ. ދެން މިވާހަކަތައް ނުދައްކަމާ... ޓޫ ޑޭސްވެއްޖެ އަހަރެމެން ލޯބިކޮށްނުލާތާވެސް. އަޅެ ތި މޫޑު ރަނގަޅުކޮށްލާފަ އަހަރެން މޮޔަކޮށްލަބަ.... މްމްމް... ނިދާ ގަޑީގަވެސް ހާދަ މީރުވަހެކޭ"
އެއީ އަބަދުގެވެސް އާދައެވެ. ނުހާގެ ވާހަކަތައް ހުންނާނީ އެހާ ފަށުއިކޮށެވެ. ނުހާގެ ނަޒަރުގައި ހައްލުކުރަންޖެހޭވަރުގެ ކަމެއް އޭނާގެ ދިރިއުޅުމުގައި ނުހިގައެވެ. ކައިވެންޏަށް ފަހުގައި އަންހެނާގެ ދިރިއުޅުމަށް ކޮންމެހެން ބަދަލުތަކެއް ގެންނާކަށް ނުޖެހެއެވެ. އެކަކު އަނެކަކަށް މިނިވަންކަން ދީގެން އުޅުމުން ދިރިއުޅުން ފަސޭހަވާނެއެވެ. އާދައިގެމަތިން މިފަހަރުވެސް އައްފާން ހުރިހާ ޝަކުވާތަކާއި ހިތްހަމަނުޖެހުން އެއްފަރާތް ކުރިއެވެ. ކޮންމެސް ދުވަހަކުން ނުހާ ރަނގަޅުވެ ހިތްހަމަޖެހޭފަދަ އަންބަކަށް ވާނެ ކަމަށް އޭނާ އަބަދުވެސް އުންމީދު ކުރެއެވެ. ކޮންމެ ގޮތެއް ވިޔަސް ކައިވެނީގެ ގޮށްމޮހާލަންޖެހޭނީ އެހެންގޮތެއް ނެތުމުންނެވެ. ކޮންމެ ހާލެއްގަވެސް ކައިވެނި ސަލާމަތްކުރެވޭތޯ މަސައްކަތްކުރަން ޖެހޭނެއެވެ.
****
އޮފީހުން ގެއަށް އައި މަގުމަތީގައި ނިއަމްއަށް ބޭނުންވާ އެއްޗެއް ގަނެލުމަށް ކުޑަކުދިންގެ ސާމަނު ވިއްކާ ފިހާރައަކަށް އައްފާން ވަނެވެ. ބޭނުންވާ އެއްޗެހި ހޯދައިގެން މޭޒު ކައިރިއަށް ލާރި ދައްކަން ދިޔަ ވަގުތު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ސޭޓަކަށް ކައުންޓަރުގައި އިނީ ފައްވާޒެވެ. ކައިވެނި ރޫޅާލާފައި ފައްވާޒް މާލެ އައިފަހުން ފައްވާޒާ އެއްވެސް ގުޅުމެއް އައްފާން ނުބާއްވައެވެ. ގުޅިޔަސް ފޯނު ނުނަގައެވެ. ކުއްލިއަކަށް ފައްވާޒް ކުރިމައްޗަށް އަރަންޖެހިދާނެ ކަމަކަށް އައްފާން ހީކޮށްފައެއްވެސް ނެތެވެ. ބާކީ ފައިސާ ލިބޭއިރަށް އައްފާން ބޭނުންވީ އަވަހަށް އެތަނުން ނުކުންނާށެވެ. އެހެންނަމަވެސް ހުއްޓުނީ ފައްވާޒް ވާހަކަދައްކަން ފެށުމުންނެވެ.
"އައްފާން... ކިހިނެއްތަ؟" ފައްވާޒް އެހިއެވެ.
"ރަނގަޅު. މިހާރު ފިހާރައިގަތަ އިންނަނީ؟" އައްފާން ބުންޏެވެ.
"ވަރަށް ގިނަ ތަންތަނަށް ސިޓީލައިގެން މިއުޅެނީ. އަދި ލައްވާނުލާ އެއްވެސް ތަނަކުން. ކޮފީއަކަށް ދެވޭނެތަ؟"
އައްފާން އެއްބަސްވީ ދިމާލަށް ނޫނެކޭ ބުނަން ނުކެރިގެންނެވެ. ފިހާރައިން ނުކުމެފައި އިރުކޮޅަކު ވިސްނާލަން އައްފާން ހުއްޓެވެ. ދުވަސްވީ ރަހްމަތްތެރިއެއް މަތިން އޭނާ ހަނދާންވިއެވެ. އެއީ ހަމައެކަނި އޭނާގެ ރަހްމަތްތެރިއެއްވެސް ނޫނެވެ. އެފަރާތާ އޭނާ އާ މެދު އުފެދިފައިވީ ނަމެއް ނެތް ގުޅުމެކެވެ. އެހެންނަމަވެސް އެއީ މާޒީއެވެ. މިހާރު އައްފާނަކީ މީހެއްގެ ފިރިއެކެވެ. ކުޑަކުއްޖެއްގެ ބައްޕައެކެވެ. ސައިކަލާ ހަމައަށް ދެވުމުން ސައިކަލުގެ މުއްގަނޑުގައި ކޮތަޅު އަޅުވާލާފައި ޖީބުން ފޯނު ނެގިއެވެ. ދެން ފޯނު ނަގާފައި 'ދައްތަ' ގެ ނަމުގައި ސޭވްކޮށްފައިވާ ނަންބަރަށް ގުޅާލިއެވެ. ރަހްމަތްތެރިޔާގެ ހާލު އޭނާ ހޯދަނީ ދައްތަ މެދުވެރިކޮށެވެ.
(ނުނިމޭ)