ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 04

5

އެއީ މީގެ މަސްތަކެއް ކުރިއެވެ. ފައްވާޒްގެ ބަދަލުވަމުންދާ މިޒާޖާ މެދު ވިސްނޭވަރުން ޒާރާގެ މުޅި ދުވާލާއި ރޭގަނޑު ހަރާބުވެއްޖެއެވެ. ވަޒީފާ ނިންމާފައި ގެއަށް އަންނަނީ އެހާ ލަހުންނެވެ. ޒާރާ ސުވާލުކުރިޔަސް އެންމެ އެދެވޭ ޖަވާބެއް ފައްވާޒްގެ ފަރާތުން ނުލިބެއެވެ. ދުވަހެއް ދުވަހަކަށް ފައްވާޒް ދިޔައީ ޒާރާއާ ދުރުވަމުންނެވެ. ފައްވާޒާ ވާހަކަދެއްކީ ހިތަށް ކެތްނުވެގެންނެވެ.

****

ލޯބިވެރިޔަކު ހުންނަކަމަށް ފައްވާޒް އިއުތިރާފްވި ފަހުންވެސް ޒާރާ އުންމީދު ދޫކޮށެއް ނުލައެވެ. ކޮންމެ ނަމާދަކަށްފަހު ދުއާ ކުރެއެވެ. ފިރިމީހާގެ ލޯތްބަށް އެދެވޭވަރުންނެވެ. އުނގުގައި އޮތް ތުއްތު ދަރިފުޅަށްޓަކައެވެ. ކުރީގެ އުފާވެރި ދުވަސްތައް އަދިވެސް އިއާދަކުރެވިދާނެ ކަމުގެ ފޮނި އުންމީދުގައެވެ. ޒާރާގެ ދެ ލޮލުން ކަރުނަ ހިކިފައި ހުންނަ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ފަހުން އެކަން ހިމްނާއަށްވެސް ފަޅާ އެރިއެވެ.

އެއީ އެއް ދުވަހެއްގެ މެންދުރު ވަގުތެވެ. ހޮނިހިރު ދުވަހަށް ވީތީ ފައްވާޒް ގޭގައި ހުރި ދުވަހެކެވެ. މެންދުރު ނަމާދުކޮށް ނިމި ސަލާންދީފައި ފުރަތަމަވެސް ޒާރާއަށް ބަލައިލެވުނީ އެނދުގައި އޮތް ފައްވާޒަށެވެ. ފައްވާޒް އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. އެނދުގެ އަނެއް ފަޅީގައި އޮތް ޔޫކް އުރާލައިގެން ޒާރާ ގޮސް ހުއްޓުނީ ފައްވާޒް ކައިރީގައެވެ.

"ފަވާ... އަހަރެން މިތާ އިށީންނަންތަ؟"

"އިށީންނަންވީނުން" ފައްވާޒް ވާހަކަދެއްކީ އޯގާތެރިކަމާ އެކުގައެވެ. އެ އަޑުގައި ނުރުހުމެއް ނެތެވެ.

ޒާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. ފައްވާޒްގެ މަގަތުން ޒާރާ އިށިން އިރުވެސް އިނީ ރޮވިފައެވެ. ޒާރާ ބަލާކަން އެނގޭއިރުވެސް ފައްވާޒް މަސައްކަތްކުރީ ޒާރާއަށް ނުބެލުމަށެވެ. ބުނާ ކަހަލައެވެ. ތި މޫނަށް ބަލައިގެން މިހާރު އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.

"އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ކިހިނެއް؟ ހިނގާ މިކަން ރަނގަޅުކުރަން އުޅެމާ. އަހަރެން... އަހަރެން ފަވާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ދެކެ ފަވާ ލޯބިނުވަނީތަ މިހާރު"

ހިތުގެ ޝަކުވާތައް ދުލުން ބޭރުކުރެވެން ފެށުމުން މާބޮޑަށް ހިތަށް އަސަރުކުރިއެވެ. އިންތިހާއަށް ލޯބިވާ ފިރިމީހާއަށް ޒާރާ ބަލަހައްޓައިގެން އިނީ އާދޭސްކުރާ ހާލުގައެވެ. ޒާރާ އިންތިޒާރުކުރަމުން ދިޔައީ ފިރިމީހާގެ އޯގާތެރިކަމުގެ އެންމެ ބީހުމަކަށެވެ.

"އަހަރެންނަށް ޒާރާ ވަރަށް ރަނގަޅު. ތިއީ ވަރަށް ހެޔޮ އަންބެއް. އެކަމަކު އަހަރެންނަށް ޒާރާ އާއެކު އުޅެވެން ނެތް. އަހަރެން ކޯޓަށް ފޯމުލައިފިން" ފައްވާޒް ބުންޏެވެ.

ޒާރާއަށް ހީވީ ހިތުގައި ކޮށި ވަޅިއަކުން އަޅާލިހެންނެެވެ. ވިސްނާނުލައި ފައްވާޒް ބޭރު އެކުރީ ހާދަ އިހާނެތި ބަސްތަކެކެވެ. އެ ބަސްތަކުން ޒާރާގެ ހިތް ޒަހަމްވެ އެތެރެހަށީގައި ލޭގެ ކޯރެއް ހެދިއްޖެކަން ފައްވާޒަށް ނުވިސްނެއެވެ.

"ނޫން... ތިހެން ނުބުނޭ... ފަވާ... ކޮބާ އަހަރެންގެ ކުށަކީ" ޒާރާ ބުންޏެވެ.

"ޒާރާ ތިއީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެން ދެކެ ވަރަށް ލޯބިވާކަންވެސް އެނގޭ. އެކަމަކު އަހަރެން..... އަހަރެން ޒާރާ އަތުނުޖެހޭ ހިސާބަށް މާދުރަށް ހިނގައްޖެ" ފައްވާޒް ބުންޏެވެ.

"އަހަރެންގެ މޫނަށް ނިކަން ބަލައިލަބަލަ. ހަނދާންކޮށްބަލަ އަހަރެމެން އެކީގަ ހޭދަކުރި އުފާވެރި ދުވަސްތައް. ހަނދާންކޮށްބަލަ އަހަރެން ބަނޑުބޮޑުކަން އެނގުނު ދުވަހު ފަވާ އުޅުނު ގޮތް. ހަނދާންކޮށްބަލަ ޔޫކް އުފަންވި ދުވަހު ފަވާ އުފާވީވަރު" ޒާރާ ބުންޏެވެ. އޭނާ އިނީ ފައްވާޒްގެ މޫނުގައި އެއް އަތުން ހިފަހައްޓާލައިގެންނެވެ. އެހެންނަމަވެސް ފައްވާޒް މަސައްކަތްކުރީ ޒާރާއަށް ނުބަލާށެވެ.

"ސޮރީ. އަހަރެން ދެން ނުލިބޭނެ. އަހަރެން މިގެއިން ނިކުންނަން ނިންމައިފިން" ފައްވާޒް ބުންޏެވެ.

"ޔާރައްބީ... ކާކު ބުނީ ފަވާ ކައިރީގަ ދާށޭ. ތި ވިސްނުން ދޫކޮށްލާ. އަހަރެން ދޫކޮށްލާފަ ނުދޭ. އަހަރެންނަށް ފަވާ ނުލައި ނޫޅެވޭނެ. އަހަރެންނާ މެދު ނުވިސްނިޔަސް ޔޫކްއާ މެދު ވިސްނަބަލަ. މިއީ ބައްޕަގެ ލޯބި ވަރަށް ބޮޑަށް މުހިންމުވާނެ ތުއްތު ކުއްޖެއް. ފަވާ ބޭނުމީ ދަރިފުޅު ބިކަވާންތަ؟ ބައްޕި މަތިން މިސްވެގެން ޔޫކް ކިހާ ރޯނެ. ހަނދާންކޮށްބަލަ ޔޫކް އެއީ އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނެއް. ދަރިފުޅަށްޓަކައި ނަމަވެސް ތި އުޅުން ބަދަލުކުރޭ...." އިސްޖަހައިގެން އިން ޒާރާއަށް ރޮވެން ފެށުނެވެ. އެކަމަކު އެ ކަރުނަތަކުން ފައްވާޒަށް އެއްވެސް އަސަރެއް ނުކުރިއެވެ. ފައްވާޒްގެ ހިތެއް ނެތް ކަހަލައެވެ. އެހެން ނޫނީ ހިތެއްގެ ބަދަލުގައި ހިލަގަނޑެއް އޮތް ކަހަލައެވެ.

"އަހަރެންގެ މި އުފާވެރި ދިރިއުޅުމަށް ވިހަލީ ވިހަގަދަ ހަރުފައަކީ ކާކު؟ ފަވާއަށް ކޮންތާކުން ފެނުނު އަންހެނެއްތަ އެއީ؟ އެއީ އަންހެނެއްތަ؟" ޒާރާ ކިޔަމުން ދިޔައެވެ.

"އޭނަ ޔާ ނުކިޔާ. އޭނަ ދުރުގަ ބަހައްޓާ" ފައްވާޒް ބުންޏެވެ.

"ކިޔާނަން. އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްލަން ކެރޭނީ ހާދަ ރަހުމެއް ނެތީމައޭ" ޒާރާ ބުންޏެވެ. އެ ބަސްތަކުން ފައްވާޒްގެ ހިތަށް އަސަރުކުރާނެއޭ ހީވިޔަސް އެވެގެން ދިޔައީ ކުށްހީއަކަށެވެ.

ފައްވާޒް ބަހެއް ނުކިޔައި ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ.

ހިޔާލީ ދުނިޔެއިން ޒާރާއަށް ނުކުމެވުނުއިރު ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ރޮއެރޮއެ ހިނދެން ކައިރިވެފައި އިން ޒާރާއަށް އިންތަނުން ތެދުވާކަށްވެސް ހިތްވަރެއް ނުލިބުނެވެ. މޫނުމައްޗާ މުޅި ބޮލާއެކު ރިހެން ފެށުމުން ޒާރާއަށް ދެލޯ ހުޅުވާލަންވެސް ދަތިވިއެވެ. އެތައް ހިތްވަރެއްކޮށްގެން ރަނގަޅަށް ހިންދެމިނުލެވެނީސް ޒާރާގެ މޫނުމައްޗަށް އަނދިރި ވެއްޖެއެވެ. ދެންވީ އެއްވެސް ގޮތެއް ޒާރާއަށް ނޭނގުނެވެ.

****

ފޯނު އެލާމްވާން ފެށި އަޑަށް އައްފާން ހޭލިއިރު ކޮޓަރިތެރެ ފެނުނީ އަނދިރިކޮށެވެ. ނިއަމް އާއި ނުހާވެސް އޮތީ ގަދަ ނިދީގައެވެ. ފޯނުގެ އެލާމް ކަނޑާލިގޮތަށް އައްފާން އެނބުރުނީ އަނެއް ފަރާތަށެވެ. އަދި ރަނގަޅަށް އިރުނާރަނީތާއޭ ހިތާ އަނެއްކާވެސް އައްފާން ދެލޯ މަރާލިއެވެ.

ހީވީ ލޯޖެހުނުތަނާ ފޯނު ރިންގުވާން ފެށި ހެންނެވެ. ބަލައިލިއިރު ގުޅަނީ އޮފީހުން އެކުވެރިއެކެވެ. އައްފާން ފުންމައިގެން ތެދުވެ ފޯނު ކަންފަތުގައި ޖެހިއެވެ.

"އަށްގަޑިބައިވެ ބޮޑުވެއްޖެ. ކައެއަށް ހޭލެވިއްޖެތަ؟"

އައްފާނަށް ހީވީ ނިދި ފިލައިގެން ދިޔަ ހެންނެވެ. ހަރުގައި އޮތް ތުވާލި ހިފައިގެން އައްފާން ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ. ރަނގަޅަށް ފެންވެރުނު ކަމެއްވެސް ނޭނގެއެވެ. ތުވާލި ހިފައިގެން ނިކުތްގޮތަށް ނުހާއަށް ގޮވަން ފެށިއެވެ.

"ބޭބީ ތެދުވެބަ... ވަރަށް އަވަސް.... ގަޑި ޖެހިއްޖެ" އައްފާން ތައްޔާރުވާން ހުރެ ނުހާއަށް ގޮވަން ފެށިއެވެ. ހިލަމެއް ނުވުމުން ބާރަށް ހިނގާފައި އައިސް ނުހާގެ އަތުގައި ކޮށްޓަން ފެށިއެވެ.

"ކިހިނެއްވީ؟ މިއަދު ހާދަ އުނދަގުލެކޭ ތިކުރަނީ. ތިހެން އުޅެނިކޮށް ނިއަމް ހޭލަފާނެ" ނުހާ ބުންޏެވެ.

"ގަޑި ޖެހުނު ތިންވަނަ ދުވަސް މިއަދު. އަހަރެންގެ ސައި ގަޑިވެސް ކެޓީ. ޕްލީޒް ވަރަށް އަވަހަށް ކޮފީއަކާ ބިސްގަނޑެއް ގެނެސްދީ... ވަރަށް އަވަސް ދޫނީ... ޕްލީޒް ދެން ތެދުވެބަ" ލޯގަނޑު ކުރިމަތީގައި ހުރެ ދަށަށް ޖަހަމުން އައްފާން ވާހަކަދެއްކިއެވެ.

"ނިއަމް ހޭލައްވާލަން ދޯ ތިއުޅެނީ. ޕްލީޒް އުނދަގޫ ނުކޮށްބަ. ރޭގަ ރަނގަޅަށް ނުނިދެޔޭ. މަންމަމެން ސައި ހަދާފަ ހުންނާނީ. ބަސްއަހައިގެން ސައިބޯލައިގެން ދޭ" ފަރުވާކުޑަގޮތަކަށް ނުހާ ބުންޏެވެ.

އައްފާން ދެފަރާތަށް ބޯހޫރާލިއެވެ. އެތަނުގައި ނުހާއަށް ގޮވަން ހުރެގެން ބޭކާރުވެގެންދާނީ ވަގުތުތަކެއްކަން އެނގޭތީ އައްފާން އަޅައެއް ނުލިއެވެ. މުހިންމީ ދެންވެސް ވީ އަވަހެއް ކޮށްގެން އޮފީހަށް ވަނުމެވެ.

ދަބަސް ހިފައިގެން ކޮޓަރިން ނުކުތްގޮތަށް އައްފާން ދިޔައީ ކާބަޔާ ދިމާލަށެވެ. މައިދައިތަ ސައީދާއާއި ނުހާގެ ކުޑާ ދިމްނާގެ އިތުރުން ދިމްނާ ދެ ދަރިން މޭޒުކައިރީގައި ސައިބޯން ތިއްބެވެ. އަނބިމީހާ ނުލައި ކާމޭޒު ކައިރިއަށް ދާން އައްފާނަށް ނުކެރުނެވެ. އެހެންކަމުން އައްފާން ދޮރާ ދިމާލަށް ހިނގައިގަތެވެ.

"އައްފާން... އަދި ކިރިޔާ ތި ދަނީ...؟ ސައިވެސް ނުބޮއެތަ؟" ބޭރުން އައިސް ވަން ނުހާގެ ބައްޕަ ރަހްމާނަށް އައްފާން ފެނުމާއެކު ބުންޏެވެ.

"އެހާ ވަގުތު ނެތީމަ" އައްފާން ގެއިން ނުކުތުމާއެކު ރަހްމާން ހިތްހަމަނުޖެހިފައި ބަލައިލީ އަނބިމީހާއާ ދިމާލަށެވެ.

"ނުހާ އެއީ ކޮންކަހަލަ އަންހެނެއް. މިއަދުވެސް އައްފާން އެ ދިޔައީ ބަނޑަށް ހުރެ. ދަރިއަކު ލިބުމަކީ ފިރިމީހާގެ ކަންތައްތަކަށް ފަރުވާކުޑަކުރަން ޖެހޭ ކަމެއް ނޫނޭ" ރަހްމާން ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

"އަހަރެންވެސް މަންމަ ކައިރީގައި ތިހެން މި ކިޔަނީ. އައްފާންގެ ކަންތައްތައް ކުރަން މިޖެހެނީ އަހަރެންނަށް ނޫނީ މަންމައަށް" ކައިރީގައި ތިބި ދެ ދަރިންގެ ތުން ދޮއްވާލަމުން ދިމްނާ ބުންޏެވެ.

"އަހަރެންނަށް ކިޔޭނީ ދޯ. ދެން އަހަރެން ކައިރިއަށް އަންނާނީ ރުޅި" ތަށިތައް ނަގަމުން ސައީދާ ބުންޏެވެ.

"ރުޅި އައިސްގެން ހަޅޭއްލެވީމަ ކުދިންގެ ފަރާތުން އެއްވެސްކަމެއް ރަނގަޅެއް ނުވާނެ. ނުހާއަށް ވިސްނައިދީ. ފިރިމީހާގެ ކަންކަމަށް އެގޮތަށް ފަރުވާ ކުޑަކުރަންޏާ ކޮންމެވެސް ދުވަހަކުން ފިރިމީހާ ފޫހިވެދާނެ. މާދަމާ އައްފާން ނުހާ ވަރިކުރަން އުޅުނީމަ އައްފާން ކުށްވެރިކޮށް ވާހަކަދެއްކޭނީ" ރަހްމާން ބުންޏެވެ.

"ބައްޕަ ރުޅިމަޑުކޮށްބަލަ. މިއަދު ބާޒާރުމައްޗަށްވެސް ނުދަންތަ؟" ދެ ދަރިން ބޮޑުކޮޓަރިއަށް ފޮނުވާލާފައި ދިމްނާ ވާހަކަދެއްކިއެވެ.

****

ދެލޯ ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ޒާރާއަށް ފެނުނީ ހުދުކުލައިގެ ގަމީހެއްގައި ހުރި ޑޮކްޓަރެވެ. އުމުރުން ދުވަސްވީ ބޭރު ޑޮކްޓަރެއް ނަމަވެސް ހިތްހެޔޮ ޑޮކްޓަރެކެވެ. މަޑުމަޑުން ޒާރާގެ ކަޅި ގާތުގައި އިން ހިމްނާއަށް ހުއްޓުނެވެ. ހިމްނާގެ ދެ ލޮލުން ކަރުނައެއް ޒާރާއަށް ނުފެނެއެވެ. އެހެންނަމަވެސް އެ ދެލޮލުގެ ތެރެއިން މޮޅިވެރިކަމާއި މާޔުސީ ކުލަވަރު ޒާރާ ދުއްޓެވެ. ހިނގައިދިޔަ ކަންތައްތައް ޒާރާއަށް ހަނދާންވާން ފެށީ ދެނެވެ. ކުށްވެރިއެއް ފަދައިން ޒާރާ އިސްޖެހިއެވެ. އެ ކޮޓަރިއަށް ވަންނަން ހިމްނާ މަނާކޮށްފައި އޮއްވައި ވަދެވުނީތީ ޒާރާ ދެރަވިއެވެ. އައިވީ ގުޅާފައި އޮތް ޒާރާގެ އަތުގައި ހިމްނާ މަޑުމަޑުން ފިރުމަމުން ދިޔައެވެ. މަނާކޮށްފައި އޮއްވައި އެ ކޮޓަރިއަށް ވަނީތީ ހިމްނާ އެއްވެސް ޝަކުވާއެއް ނުކުރިއެވެ. އިރުކޮޅަކުން ވަދެގެން އައީ ޖަންނަތެވެ. ހެދުން އަޅާފައި ހުރިގޮތުންވެސް ޖަންނަތު އައީ އޮފީހުގައި އިނދެފައިކަން އެނގެއެވެ.

"މިހާރު ކިހިނެއް؟" ޒާރާގެ އަނެއްފަރާތުން ކައިރިވެލާފައި ޖަންނަތު އެހިއެވެ.

"މިހާރު ރަނގަޅު. ލޭ ދަށަށް ގޮސްފައި ހުރީ. ތިންދުވަސް ފަހުން ޓެސްޓް ހަދާފައި ލޭ ދަށަށް ގޮސްފައި ހުރިއްޔާ ލޭ އަޅަން ޖެހިދާނެކަމަށް ޑަކްޓަރު ބުނީ" ހިމްނާ އޮޅުންފިލުވައިދިނެވެ.

"ނަސީބެއްނު މާ ބޮޑުވަރު ނުވިކަން" ޖަންނަތު ބުންޏެވެ.

ޒާރާ އޮތީ ދުރު ބަލަހައްޓައިގެންނެވެ. ހިމްނާއަށް ނަޒަރު ސީދާކުރަން އޭނާއަށް ނުކެރުނެވެ. އޭނާގެ ސަބަބުން އަނެއްކާވެސް ހިމްނާއަށް އުނދަގުލެއް ކުރެވިއްޖެކަން އެނގުމުން މާބޮޑަށް ހިތަށް ތަދުވެއްޖެއެވެ.

"ޖަންނަ ވަރަށް އަވަހަށް ދާންތަ ތިއައީ؟" ހިމްނާ އެހިއެވެ.

"ނޫން. ހެނދުނުގެ ސަޔާ އެއްކޮށް މި ނުކުތީ. ކިހިނެއްވީ؟ ހިމްނާއްތަ ކަމެއް އޮތީތަ؟"

ހިމްނާ ދިޔައީ ޒާރާ ކައިރީގައި ޖަންނަތު ބައިންދާފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ޒާރާ ދޫކޮށްފައި ދާން ހިމްނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހިމްނާއަށް ދާން މަޖުބޫރެވެ. ފިހާރައިގައި އިން ބޭރުމީހާ ސަޔަށް ފޮނުވަން ޖެހެއެވެ. ނޫރީން ގޮވައިގެން ސްކޫލު ދޮށަށް ދާންޖެހެއެވެ. ދެ ދަރިންނަށް ކާއެއްޗެއް ރޯފިލުވާފައި ދެވެން އޮތީވެސް އޭނާއަށެވެ.

ހިމްނާ ނުކުމެގެން ދިޔުމުން ޖަންނަތު އަނެއް ފަޅިއަށް އައިސް ގޮނޑީގައި އިށީނެވެ. އައިވީ ގުޅާފައި އޮތް ޒާރާގެ އަތުގައި މަޑުމަޑުން ޖަންނަތު ފިރުމާލިއެވެ. ޒާރާ ބަސް މަދުވެފައި އޮތުމުން ސުވާލުނުކޮށް ޖަންނަތަށް ނީނދެވުނެވެ.

"ކީއްވެ އަނބުރައިގަތީ؟ ގައިމު ރޭގަ ނުލާހިކު ރަނގަޅަށް ހުރީ" ޖަންނަތު ބުންޏެވެ.

"ކޮޓަރިއަށް ވަދެވުނީ. ޖަންނާ... ހުރިހާ ކަމެއް ރަނގަޅުކުރަން އުޅުނަސް ހައްތަހާ ގޯސް މިވަނީ. ކޮޓަރިއަށް ވަންނަން މަންމަ އޮތީ މަނާކޮށްފަ. ރޭގަ ހިތަށް ކެތްނުވެގެން ހަމަ ވަދެވުނީ" ޒާރާގެ ދެ ލޮލުގެ އަރިމަތިން ފައިބައިގެން ދިޔައީ ކަރުނައެކެވެ.

"ޒާރާ. ތިހެން އުޅެނިކޮށް މީހާ މަރު ވެދާނެއްނު. ތިހެން އުޅޭކަށް ނުވާނެ ދޫންޏާ. އެންމެ މީހަކު ދޫކޮށްލާފަ ދިޔަސް ދުނިޔެ އަދި ނިމުނީކީ ނޫނެއްނު. ހިތްވަރުކޮށްފަވެސް ކޮޅަށް ތެދުވަން އެބަ ޖެހެއެއްނު. ބޭވަފާތެރިއަކަށްޓަކައި ދެން ކަރުނަ ނާޅަބަލަ" ޖަންނަތު ބުންޏެވެ.

"ޖަންނައަށް ހީވަނީ އަހަރެން މަސައްކަތް ނުކުރާކަމަށްތަ؟ ޖަންނާ. މި ވާގޮތެއް ނޭނގޭ ބުނާކަށް. ޔޫކް ދުވަހަކުވެސް އެނބުރިއެއް ނާންނާނެ. އެކަމަކު ފަވާ... ފަވާ އަހަރެން ކައިރިއަށް އަންނާނެނަމަ.... އަހަރެންގެ ހިތަށް މިކުރާ އަސަރު ދުލުން ބަޔާންކޮށްދޭންވެސް އަހަރެންނަށް ދަތި. ކޮބާ އަހަރެންގެ ކުށަކީ؟ ހިތަށް އަރާ ފޯނަށް މެސެޖެއް ނަމަވެސް ކުރާނެނަމައޭ"

ޖަންނަތު ދެ ފަރާތަށް ބޯހޫރަމުން ދިޔައެވެ. ކެތްކުރާށޭ ބުނާއިރުވެސް އެއީ ފަސޭހަކަމެއް ނޫންކަން ޖަންނަތަށް އެނގެއެވެ. ހިތެއް އޮތް އިންސާނެއް ވިއްޔާ ދެރަވާނެއެވެ. ބައެއް މީހުން ދުނިޔެއިން މޮޔަވެސްވެއެވެ. އެމީހެއްގެ ހިތުގައި އަޅާ ވޭން އަނެކާއަށް އިހުސާސް ވާނީ ތިމާއަށް ވެސް އެ ހިތްދަތިކަން ބަރުދާސްކުރަން ޖެހުމުންނެވެ. އެކަމުގައި ޒާރާ ކުށްވެރިކުރެވޭކަށް ނެތެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި ދުވަސްވެސް ހިނގައިދާނެ" އަސަރާއެކު ޒާރާ ބުންޏެވެ.

*****

އައްފާން އިނީ ބޮޑުކޮޓަރީގައި ޓީވީ އިން ދައްކަމުންދިޔަ ފުޓްބޯޅަ މެޗެއް ބަލާށެވެ. ނިއަމް ހޭލައިފިކަން އޭނާއަށް އެނގުނީ ކުޑަކޮށް ރޯލި އަޑު އިވުމުންނެވެ. ވަގުތުން އައްފާން ކޮޓަރިއަށް ދިޔައެވެ. ނިއަމްގެ ރުއިން ބާރުވީ އައްފާން ފެނުނު ފަހުންނެވެ. ނަގައިގެން މަސަލަސް ކުރެވޭތޯ އައްފާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ. އަތްމައްޗަށް ނިއަމް ލައިގެން ތަޅުވަމުން ގޮސް އޭނާ ވަނީ ބަދިގެއަށެވެ. ނިއަމްގެ ފުޅި ހަދަން ތައްޔާރުކުރަމުން ދިޔައެވެ. ފާރުގައި ހުރި ގަޑިއަށް ބަލައިލީވެސް އެ މަސައްކަތުގައި ހުރެއެވެ. އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. އަށެއް ނުޖަހަނީސް ނުހާ ބޭރަށް ހިނގައްޖެއެވެ. އަދި ހަބަރެއް ނުވެއެވެ. އައްފާން ހިތްހަމަނުޖެހޭ ގޮތް ވިއެވެ. އެ ވަގުތު އެއީ ފެންފުޅިއެއް ބަލައި ބަދިގެއަށް ދިމްނާ ވަން ވަގުތެވެ.

"އަނހަ ކުޑާގެ ލޯބިކޮޅަށް ހާދަވަރަކަށް ރޮވެނީ؟" ގެނައި ހުސްފުޅި މޭޒުމަތީގައި ބަހައްޓާފައި ދިމްނާ އައްފާން ކައިރިއަށް ގޮސް ނިއަމް އުރާލިއެވެ.

"މިހާވަރަށް ރޯނީ ބަނޑުހައިވެގެން" ދިމްނާ ބުންޏެވެ. އައްފާނަކީ ލަދުރަކި މީހަކަށް ވާތީ ދިމްނާއާ މާގިނަ ވާހަކަދައްކައެއް ނޫޅެއެވެ. ގޭތެރެއިން އަންހެނަކާ އައްފާން ވާހަކަދައްކަނީ ކުރިން އެމީހުން ދެއްކުމުންނެވެ.

"ކޮބާ ނުހާ؟ ނިދާފަ ދޯ. ގެނޭ ކުޑާ ފުޅި ހަދާލާނަން"

"ނުހާ ނެތް ގެޔަކު" އައްފާން ބުންޏެވެ.

ދިމްނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ ދިފާއު ކުރާކަށް ވާހަކައެއް ފަށާނެގޮތެއްވެސް ނޭނގުނެވެ. ދިމްނާ ފުޅި ހަދަން ހުރިއިރު ދުރުގައި ހުރެގެން ނިއަމް މަސަލަސް ކުރެވޭތޯ މަސައްކަތްކުރަމުން އައްފާން ދިޔައެވެ. އިރުކޮޅަކުން ދިމްނާ ނިއަމް އުރާލިއެވެ. ފުޅި ޖެއްސުމާއެކު ނިއަމް ރުއިން ހުއްޓާލައިފިއެވެ.

"ގެންދާނަން އިރުކޮޅަކުން ކޮޓަރިއަށް" ދިމްނާ ބުންޏެވެ.

ނިއަމް ކޮޓަރިއަށް ގެނައި އިރު، އެ ކުއްޖާއަށް އޮތީ ނިދިފައެވެ. ފުރަތަމަ ފަހަރަށް ނުހާއަށް އައްފާން ގުޅީ ބާރަ ޖަހައި ދިޔައިރުވެސް ނުހާގެ ހަބަރެއް ނުވުމުންނެވެ.

****

ޒާރާ ގެއަށް ދޫކޮށްލީ ސައުވީސް ގަޑިއިރަށް ފަހުއެވެ. ނަސީބަކުން ޒާރާގެ ހާލު އިތުރަށް ގޯސްނުވެއެވެ. ލުނބޯ ހުތު ފަނިތައްޓެއް ހިފައިގެން ހިމްނާ ކޮޓަރިއަށް ވަންއިރު ޒާރާއަށް އޮތީ ނިދިފައެވެ. ވިސްނުންތަކާއި ފިކުރުތަކާ ޒާރާ ދުރުވާ ހަމައެކަނި ވަގުތުކޮޅަކީ ނިދާ ވަގުތުކޮޅަށް ވުމުން ޒާރާއަށް ގޮވަން ހިމްނާ ބޭނުމެއް ނުވިއެވެ. މޭޒުމަތީގައި ފަނިތަށި ބަހައްޓާފައި ކޮޓަރި ދޮރުލައްޕާލާފައި ހިމްނާ ނުކުތީ ބޭރަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟