"މި ހިސާބަށް އާދެވުނީމަ ދެން ވަދެލާފަ ދޯ ދާނީ" ޒާރާ ބުންޏެވެ. ދެން ދޮރާށި ހުޅުވަލާފައި ދެ އެކުވެރިން ވަދެއްޖެއެވެ. ތަންކޮޅެއް ބާރަށް ސަލާން ގޮވާލީ ޖަންނަތެވެ. ވިދިގެން ސަލާން ބަލައިގަތް އަޑު އިވުމުން އަޑު އައި ދިމާލަށް ދެ އެކުވެރިން ހިނގައިގަތެވެ.
"ޔާރައްބީ. މަގު އޮޅުނީ ތޯއްޗެ" ބިއްލޫރި ތަށިތަކެއް ހިފައިގެން ކާގެއިން ނުކުތް ވަސީމާއަށް ޒާރާ އާއި ޖަންނަތު ފެނުމުން ބުންޏެވެ. ބިޑި ހެދުމަކާއެކު ކަޅު ކުލައިގެ ކަން ބުރުގަލެއް އަޅާފައި ހުރި ހަންގަނޑުގެ ކުލަ މާ އަލި ނޫން އިސްކޮޅުން ދިގު އަންހެނެކެވެ. ބަލައިބެލުމަށް ސާޅީސް އަހަރަށްވުރެ މަތިވެދާނެއެވެ.
"ނޯޅޭ މަގެއް. އޮފީސް ނިންމާފަ ދަމުން ހިތަށް އެރީ މިގެއަށް ވަދެލާފައޭ ދާނީ" ޖަންނަތު ބުންޏެވެ. "ދޯ ޒާރާ" ކައިރީގައި ހުރި ޒާރާގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން ޖަންނަތު ބުންޏެވެ.
"އާނ. ވަސިންތަ ކިހިނެއްތަ؟"
ޒާރާގެ އަޑު އިވުމާއެކު ވަސީމާ ފުން ނަޒަރަކުން ޒާރާއަށް ބަލައިލިއެވެ. ހިތްހެޔޮ ހިނިތުންވުމެއް ޒާރާއަށް ވަސީމާ ދިނެވެ. ދެން ރަނގަޅޭ ބުނެފައި ދެ ކުދީން ކައިރީގައި އިށީންނަން ހިނގާށޭ ބުންޏެވެ.
އިރުކޮޅަކުން ޓިޝޫއަކުން ދެ އަތް ފޮހެމުން އައިސް އަތިރިމައްޗަށް ނުކުމެވޭ ދޮރާށިން ނުކުމެ އެ ދިމާލުގައި ހުރި ޖޯލިފަތީގައި ތިން މީހުން އިށީނެވެ. ޖަންނަތަށް ވުރެ ބޮޑަށް ވަސީމާއަށް ސަމާލުކަން ދެވުނީ ޒާރާ އަށެވެ. ވާނީވެސް އެހެންނެވެ. ޒާރާގެ ހަށިގަނޑު ނިކަމެތިވެފައި ހުރީ މީހަކަށް ނުބަލައި ހުރެވޭވަރަކަށް ނޫން ވިއްޔާއެވެ.
"މަންޖެ މިހާރު ރަނގަޅުތަ؟" ޒާރާގެ ބުރަކަށީގައި ފިރުމައިލަމުން ވަސީމާ އެހިއެވެ. ޒާރާ ބޯޖަހާލިއެވެ.
"އެބަ އަންނަން އިނގޭ ދެ ކުދިން ކާލާނެ އެއްޗެއް ހިފައިގެން" ވަސީމާ ތެދުވެގެން ހިނގައިގަތެވެ.
އޭގެ އިރުކޮޅެއްފަހުން ކުޑަ ދެ ތަށި އަތަށް ލައިގެން އައި ވަސީމާ، ޖަންނަތާއި ޒާރާ އަތަށް ތަށި ދިއްކޮށްލިއެވެ. ދެ ކުދިން އޭގައި ހިފީ ހިނިތުންވެލަމުންނެވެ.
"ތިއީ މިއަދު ވަސިންތަ ހެދި ކަސްޓަޑް" ޖޯލީގައި އިށީންނަމުން ވަސީމާ ބުންޏެވެ.
އަތިރިމަތިން ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުތަކަށް ހިތް ދޫކޮށްލައިގެން ޒާރާ އިނެވެ. ކަނޑުން ނަގައިގެން އަންނަ ވައިރޯޅި ހަށިގަނޑުގައި ބީހިލުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް އެއްޗެއް ނެތެވެ. ސާފު ދޮން ވެލިގަނޑާ ގުޅިފައިވާ ވިލު ނޫކުލައިގެ މޫދު ފެންނަނީ ނުހަނު ހިތްގައިމު ގޮތަކަށެވެ. މީގެ ކުރިން އެފަދަ ހިތްގައިމު މަންޒަރުތައް ގުޅިފައިވީ އޭނާގެ އުފާވެރި ހަޔާތާއެވެ. އެ އުފާވެރިކަން ގެއްލިގެން ދިއުމުން އެ މަންޒަރުތައް ކިތަންމެ ޗާލުކޮށް ފެނުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ގުދުރަތީ ކިތަންމެ ޗާލު މަންޒަރެއް ފެނުނު ނަމަވެސް، އެ މަންޒަރެއް އޭނާއަށް ފެންނަނީ ކުލައެއް ނެތް ގޮތުގައެވެ. ރައްޓެހިވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދުނިޔެ އެއީ އޭނާއަށް ބީރައްޓެހި ތަނެކެވެ.
މާދުރު ނޫން ހިސާބެއްގައި އޮތް ބޮޑު ގަލެއް ފެނުމާއެކު ޒާރާގެ ނަޒަރު އެއަށް ހުއްޓިއްޖެއެވެ. އެއީ އޭނާ އާއި ފައްވާޒްގެ ލޯބި ރަމްޒުކޮށްދޭ ހަނދާނެކެވެ. އެ ގައުގަނޑުމަތީގައި ފައްވާޒާއެކު ލޯބީގެ އެތައް މަލެއް އޭނާ ފޮޅުވިއެވެ. އެ ގައު މިހާރު ވެފައިވަނީ ވޭންދެނިވި އަޒާބަކަށެވެ. އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން މަޑުމަޑުން ފަނޑުވާން ފެށީ ޖަންނަތު ބަލަހައްޓައިގެން އިންދައެވެ. އެކަން ވަސީމާއަށް ވެސް ފާހަގަވިއެވެ. ޒާރާގެ އަތްތިލައިގައި ޖަންނަތު ހިފަހައްޓާލުމާއެކު ޒާރާގެ ސަމާލުކަން ގަލުން ނެއްޓުނެވެ.
"ގޭތެރެ ވަރަށް ފަޅު. މީހަކު ނޫޅެނީތަ؟" ޖަންނަތު އެހިއެވެ.
"ކުދިން ވެއްޖެ އެކުދިންގެ މާމަގެ ގޯތީގަ. ދުވާލު އެއްކޮށް ވަސިންތަ އެކަނި މި އުޅެނީ" ވަސީމާ ބުންޏެވެ. ހިޔާލަކަށް ގެއްލިފައި އިން ޒާރާ ވަސީމާގެ މޫނަށް ބަލައިލިއެވެ. ޒާރާ އެއްޗެއް ބުނަން ބޭނުންވިހެން ވަސީމާއަށް ހީވިއެވެ. އަހަން ނުކެރިފައިކަން ވަސީމާއަށް އެނގުނެވެ.
"ގުޅާ ކޮންމެ ފަހަރަކު ޒާރާގެ ވާހަކަ އަހާނެ. އިނގޭތަ ދަރިއަކު ލިބިއްޖެކަން" ވަސީމާ ވާހަކަދެއްކިއެވެ. ޒާރާ ނޭހިއެއްކަމަކު އެކުވެރިޔާގެ މައުލޫމާތު ވަސީމާ ހިއްސާކުރިއެވެ. ޒާރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
"އެހެންތަ. ވަރަށް އުފާވެއްޖެ" ޒާރާ އެހިއެވެ.
"ވަސިންތަ ބުނިން އަންހެނުން ގޮވައިގެން މިރަށަށް ޖައްސާލާށޭ. ނުފެންނަތާ ކިހާ ދުވަހެއް މިވީ" ވަސީމާ ބުންޏެވެ.
"ޝުކުރިއްޔާ ވަސިންތާ. މަންމަ އެ ގުޅަނީ ލަސްވެގެން. ދަނީ އިނގޭ. ފަހުން އަންނާނަން. ވަރަށް މީރު ކަސްޓަޑް" ހުސް ތަށި ވަސީމާ އަތަށް ދެމުން ޒާރާ ބުންޏެވެ. ދެ ކުދިން ގެއިން ނިކުންނަންދެން ވަސީމާ ދޮރާއްޓާ ހަމައަށް އައެވެ. ވަކި ހިސާބަކަށް ގޮސްފައި ޒާރާ ހުއްޓުނެވެ. ފަހަތަށް އެނބުރި އެގެއާ ދިމާލަށް ބަލައިލާފައި ދެން ބަލައިލީ ޖަންނަތަށެވެ.
"ބޭނުމެއް ނޫން އައްޔައާ ފޭސްކުރާކަށް. އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން" މަގުމައްޗަށް ނުކުންނަމުން ޒާރާ ބުންޏެވެ. ޖަންނަތު ޒާރާގެ އަތަށް ފިތާލިއެވެ. އިތުރު ތަފްސީލު ހޯދާކަށް ޖަންނަތު ނޫޅުނެވެ. ޒާރާ އެހެން ބުނަން ޖެހުނު ސަބަބު ޖަންނަތަށް އެނގެއެވެ.
****
ހިމްނާ ނިދަން އައި އިރު ފޯނަށް ބަލަހައްޓައިގެން ޒާރާ އޮތެވެ. މާމަ ދަރިފުޅު ނިޔާވި ފަހުން ޒާރާ ނިންދަަވަނީ ހިމްނާގެ ކޮޓަރީގައި ހިމްނާ ކައިރީގައެވެ. ޒާރާގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. އެ ކޮޓަރިއަށް ވަނުން ހިމްނާ އޮންނަނީ ޒާރާއަށް މަނާކޮށްފައެވެ. އެ ކޮޓަރިއަށް ޒާރާ ވަދެފިއްޔާ ނިކުންނައިރު ހުންނަނީ ރޮއެރޮއެ މީހާ ބަލިވެފައެވެ.
"ކޮންއިރަކު ނިދަނީ؟" ހިމްނާ އެހިއެވެ.
"އިރުކޮޅަކުން" ޒާރާ ބުންޏެވެ.
ގައި މަތީގައި ރަޖާ އަޅަމުން ހިމްނާ އޮށޯތުމާއެކު ޒާރާ ގޮވައިލިއެވެ. ޒާރާ އޮތް ދިމާލަށް ހިމްނާ އެނބުރިލިއެވެ. ހެޑްބޯޑުގައި ލެނގިގެން އިން ޒާރާއަށް ހިމްނާ ބަލައިލިއެވެ. ޒާރާއަށް ކަމެއްވީކަމަށް ހީކޮށް ހިމްނާގެ މުޅި ނަފްސު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލިއެވެ.
"މިއަދު ވަސިންތަ އުޅޭ ގެއަށް ވަދެލިން. މަންމައަށް ސަލާމް ބުނި" ޒާރާ ބުންޏެވެ.
"ވ.ސަލާމް. މަންމައަށްވެސް އެގެއަށް ނުދެވޭތާ ދުވަސްތަކެއް ވެއްޖެ. މިހެން އުޅެމުން އަދި ވަދެލާނަން" ވަސީމާ ބުންޏެވެ.
"މަންމައަށް އެނގޭތަ އެގޭ އައްޔައަށް ދަރިއަކު ލިބިއްޖެޔޯ ވަސިންތަ ބުނި" ޒާރާ ބުންޏެވެ.
"އެހެންތަ. އެ ސޮރުވެސް މިރަށަށް ނާންނަތާ ކިހާ ދުވަހެއް މިވީ. އަހަރެން ހިތަށް އަރާ ރަށްފުށުން މާލެ ދާ މީހުން އަނބުރާ ރަށަށް އަންނަން ބޭނުންނުވަނީ ކީއްވެގެންބާއޭ. އަޅެ ކިހާ ހިތްފަސޭހަ ތަނެއްތަ މިއީ" ހިމްނާ ބުންޏެވެ.
"އެހެންދޯ ވާނީ މަންމާ. މިކަހަލަ ތަނަކުން ނުލިބޭ އެތައް ކަމެއް ފުރިހަމަވެފަ ހުރި ތަނަކަށް މީހުން ދުވާނެދޯ" ޒާރާ ބުންޏެވެ.
"ދެން އުޅޭ ނިދަން. އިރުކޮޅަކުން މަންމަ ޖެހޭނެ ހޭލަން" ހިމްނާ ބުންޏެވެ. ދެން ޒާރާ އޮތް ދިމާ ނޫން އަނެއް ދިމާލަށް އެނބުރުނެވެ.
****
އެތައް ވަގުތެއް ފާއިތުވެގެން ހިނގައްޖެއެވެ. ބައެއްފަހަރު ފޯނު ނަގައި ހާވަން ފަށައެވެ. އިރުކޮޅަކުން ފޯނު ދުރުގައި ބާއްވައެވެ. އިރުކޮޅަކުން ތެދުވެ ހެޑްބޯޑުގައި ލެނގިލައެވެ. އަނެއްކާވެސް ފޯނު ނަގާފައި ފޮޓޯތައް ހާވަން ފަށައެވެ. ދަންވަރު ދޭއް ޖަހައި ބޮޑުވިއިރުވެސް ޒާރާ އުޅުނީ އެފަދަ ހާލެއްގައެވެ. ނިންޖާ ހަނގުރާމަ ކުރުމަކީ ކޮންމެރެއަކު ޒާރާ ކުރާކަމެކެވެ. ވިސްނަން ބޭނުންނުވާ އެތައް ކަމެއް އައިސް ސިކުނޑީގެ ހަ ފަރާތުން ވަށާލައިފިއެވެ. މާޒީވެދިޔަ ދުވަސްތަކުން ޒާރާގެ ހިތްހަލާކުވި އެތައް ދުވަހެއްގެ ހަނދާންތައް ޒާރާގެ ނަފްސު ބަލިކަށިކޮށްލިއެވެ. އެންމެފަހުން އޮތްތަނުން ޒާރާ ތެދުވިއެވެ. ކިތަންމެ ހަނި ދޭތެރެއަކުން ނަމަވެސް ޒާރާ ރޯކަން އެނގިޖިއްޔާ ހިމްނާ ކޮޅަށް ޖެހޭނެއެވެ.
ޒާރާ ތެދުވެގެން ގޮސް ހުއްޓުނީ ހިމްނާ އޮތް ދިމާލުގައި ހުރި މޭޒު ކައިރީގައެވެ. ހިމްނާ ކިޔަން ގެންގުޅޭ ޒިކުރު ފޮތްތަކުގެ މަތީގައި އޮތް ތަޅުދަނޑިފަތި ނެގީ ސިއްރުންނެވެ. ދެން ތަޅުދަނޑި ހިފައިގެން ކޮޓަރިން ނުކުތެވެ. ތަޅުލާފައި ހުރި އޭނާގެ ކޮޓަރިއާ ދިމާލަށް ޒާރާ މަޑުމަޑުން ހިނގާފައި ދިޔައިރު އޭނާގެ ހިތް ހީވަނީ ރޫޅިދާނެހެންނެވެ. އެ ކޮޓަރިއަށް ނުވަދެވެނީސް އޭނާއަށް ރޮވިއްޖެއެވެ. އޭނާ ލަހެއް ނުކުރެއެވެ. ތަޅަށް ތަޅުދަނޑި ޖެހިގޮތަށް އަނބުރާލިއެވެ. އެއާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔުމާއެކު ޒާރާ ދެލޯ ވިދައިގަތެވެ. އަމިއްލަ ކޮޓަރިއަށް ޒާރާއަށް އެ ވަދެވުނީ އެތައް މަހަކަށް ފަހުގައެވެ. އެންމެ ފުރަތަމަވެސް ޒާރާގެ ދެ ލޮލުގައި އަޅައިގަތީ އެނދުގެ ހެޑްބޯޑުމަތީގައި ހުރި ފޯޓޯ ލޯގަނޑެވެ. އޭގައި ތިބީ ޒާރާގެ ކުޑަކުޑަ އާއިލާއެވެ. މަޑުމަޑުން ކުރިއަށް ހިނގާފައި ޒާރާ ދިޔައެވެ. ފޮޓޯ ލޯގަނޑު ހިފައިގެން އެނދުގައި ޒާރާ އިށީނެވެ. އެއްވެސް ކޮންޓްރޯލެއްނެތި ޒާރާގެ ދެ ލޮލުގެ ތެރެއިން އުފެދިގެން ތިރިއަށް ފައިބައިގަތް ކަރުނަތަކުން ތިއްކެއް ފޮޓޯގަނޑު މައްޗަށް ޖެހުނެވެ. ޒާރާއަށް އިތުރަށް ކެތެއްނުވިއެވެ. ފޮޓޯގައި އިން ދަރިފުޅު މޫނުގައި އިނގިލިތަކުން ފިރުމާލިއެވެ. އެއީ ޒާރާގެ މުޅި ދުނިޔެއެވެ. ފިރިމީހާގެ ބޭަފާތެރިކަން އެނގި ދިރިއުޅުމުގައި ބޮޑު އަނދަވަޅަކަށް ވެއްޓިގެންދިޔަ ވަގުތު އޭނާއަށް އެންމެބޮޑު ހިތްވަރަކަށްވީ އުނގުގައި އޮތް ތިންމަހުގެ ދަރިފުޅެވެ. އެހެންނަމަވެސް ތަގުދީރުގައި އޮތީ އެހެން ރޭވުމެކެވެ. ދަރިފުޅު ވެގެންދިޔައީ ކުރު މުއްދަތެއްގެ މެހްމާނަކަށެވެ.
ޔޫކް ވިހެއުމުގެ ތެރޭގައި ޒާރާ މަރުނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެ ދުވަސްތައް އަދިވެސް އިއްޔެ ވީކަމެއްހެން އޭނާގެ ހަނދާނުގައި ހުއްޓެވެ. ޔޫކް އާއި ޒާރާ ސަލާމަތުން ދުނިޔޭގައި ތިބި ހަބަރު ޑޮކްޓަރު ދިން ވަގުތު ފައްވާޒް އުފަލުން ރުއިވަރު ހިމްނާ ކިޔައިދިން ވަގުތު ކުރެވުނު އިހުސާސް ޒާރާ ހިތުން ފިލައިގެން ނުދެއެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ބިލާހަކަށެވެ. ފިރިމީހާގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަން ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އިރުކޮޅަކުން ފޮޓޯ ލޯގަނޑު އެނދުމަތީގައި ބާއްވާފައި ކޮޓަރީގެ އެކި ދިމާލަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓަރީގެ އެތަން މިތަނުގައި ޔޫކް އާއި ބޭވަފާތެރި ފިރިމީހާގެ ހަނދާންތަކެވެ. ދޮރުގެ ފަހަތުގައި ފައްވާޒްގެ ޖީންސަކާއި ޓީޝާޓެއް އަޅުވާލިގޮތަށް އަދިވެސް އޮތެވެ. އެއީ ޒާރާ ވަރިކުރި ދުވަހު ފައްވާޒް ލައިގެން ހުރި އަންނައުނެވެ. އެއީ ފައްވާޒަށް އުފަންދުވަހުގެ ހަދިޔާއަކަށް ޒާރާ ދިން ޖީންސަކާއި ޓީޝާޓެކެވެ. ގެންދިޔަ އެއްޗެހިތަކުން ކޮޓަރިތެރެއަށް ފައްވާޒް ދޫކޮށްލި އެއްޗަކީ އެއީއެވެ.
ވަރިކޮށްފައި ނިކުތްއިރު ޒާރާގެ އުރުގައި އިން ޔޫކް އަށްވެސް ބަލައިނުލައެވެ. ކޮންކަހަލަ އިހުސާސެއް ކުރެވިގެން ކަމެއް ނޭނގެއެވެ. ޒާރާގެ ހިތް ފޮތިފޮތިކޮށްލަން ފައްވާޒް ބޭނުންކޮށްލި އެ ދެ އަކުރުގެ ލަފްޒު ބޭރުކޮށްލި ވަގުތު ޒާރާ ބާރަށް ރޮއެގަތެވެ. އެ ވަގުތަކީ އޭނާގެ އަތްމަތީގައި އިން އެންމެ ތިންމަހުގެ ޔޫކް ގަދަޔަށް ރޮއެގަތް ވަގުތެވެ. ޒާރާ ރޮއެ ވަރަކަށް ޔޫކް ރުއިއެވެ. ހިމްނާ ކޮޓަރިއަށް ވަންއިރު ފައްވާޒެއް ނެތެވެ. ޔޫކް އާއެކު މުށިތަކުގެ މަތީގައި ޒާރާ އިނީ އިނދަ ޖެހިފައެވެ. ހިމްނާއަށް ހީވީ ޒާރާ ފަހުނޭވާ ދޫކޮށްލަން ތައްޔާރުވަމުން ދިޔަހެންނެވެ. މައިލަގޮނޑިއަށް ދިޔައީ ބާރުވެގެންނެވެ. ޓިއުޝަނުން އައިސް ވަން ނޫރީނަށް ހިމްނާއަށް ގޮވާލެވުނީ ކިރިޔާއެވެ. ޒާރާގެ ހަބަރު ހުސްވެގެން ގޮސް ހިމްނާގެ އަތުތެރެއަށް ދެމިގެން ދިޔައެވެ. ހުޝިޔާރުވެ ނޫރީން ޔޫކް ގައިގައި ނުހިފެހެއްޓިނަމަ އެ ކުއްޖާއަށްވެސް އަނިޔާއެއް ނުވެ ނުދިޔައީހެވެ.
އެ ދުވަހުގެ މަންޒަރުތައް ހިތަށް ސިފަވާން ފެށުމާއެކު ޒާރާއަށް ކޮޅަށް ހުންނަން ދަތިވިއެވެ. އެއީ ކޮންފަދަ އަނިޔާވެރި ދުވަހެއް ހެއްޔެވެ؟ ފިރިމީހާ ދެކެ ވީ ވަފާތެރި ލޯބީގެ ބަދަލުގައި އޭނާއަށް ފައްވާޒް ދިން ހަދިޔާ އަދިވެސް އޭނާއަށް ބަލައިނުގަނެވެއެވެ. ދިރިއުޅުން ދަތިވެގެން އޭނާ ތެޅިފޮޅެނީ އެހެންވެއެވެ. ކައިރި ކައިރީގައި އެންމެ ލޯބިވާ ދެމީހުންގެ ވަކިވުން ފެނި ޒާރާ މަރުވެފައިވާ މައްޔިތެއް ފަދައެވެ. ހަށިގަނޑުން އެއްކޮށް ވިންދު ނުކެނޑޭތީ ކޮޅަށް ހުރެވޭ ކަމެވެ. ނިދިޖެހޭ ކޮންމެ ވަގުތަކު ހިތުން އެދެވެނީ އެއްވެސް އުފަލެއް ނެތް ކެހިވެރި ދުނިޔެއަށް އަލުން ދެލޯ ހުޅުވާލުމުގެ ފުރުސަތު ނުލިބުމަށް އެދިއެވެ. އެހެންނަމަވެސް މި ދުނިޔެ މައްޗަށް އެކަލާނގެ ފޮނުއްވި ކޮންމެ މަހްލޫގަކަށްވެސް ވަނީ އަޖަލެއް ކަނޑައެޅިފައެވެ.
ދޮރާ ދިމާލަށް ޒާރާ ދިޔައީ ދުވެފައެވެ. މުޅި ދުނިޔެ ޒާރާއާ ދެކޮޅަށް ނުނިކުތަސް ޒާރާ އާ ވަކިވެގެންދިޔަ ދެމީހުންނަކީ ޒާރާގެ ހިތުން ދުވަހަކުވެސް ފިލާނެ ބައެއް ނޫނެވެ. ފައްވާޒަކީ ޒާރާގެ އަލަތު ލޯތްބެވެ. މެދުނުކެނޑި ފަނަރަ އަހަރު އެކުގައިވި ލޯތްބެވެ. ފައްވާޒް ޒާރާ ދޫކޮށްފައި ދިޔައީ އެ ލޯބީގައި ޒާރާ މޮޔަވި ފަހުންނެވެ. ދުވަހަކުވެސް ވަކިވާންޖެހިދާނެ ކަމަކަށް ޒާރާވެސް އަދި ގާތްތިމާގެ މީހެއްވެސް އަދި ޒާރާގެ އެކުވެރިއެއްވެސް އުންމީދެއް ނުކުރެއެވެ. ޒާރާ އާއި ފައްވާޒްގެ ލޯތްބަކީ މުޅި ރަށުގައި މަޝްހޫރު ލޯތްބެކެވެ. އެ ގުޅުމުގެ ހަރުދަނާ ވާހަކަނުދައްކާ ކުޑަކުއްޖަކުވެސް ރަށުގައި ނެތެވެ. ޒާރާ އެދުނީ މުޅި އުމުރު އެކުގައި އުޅުމަށެވެ. އާހިރަތަށް އެކުގައި މަސައްކަތް ކުރުމަށެވެ. ޞާލިހު ދަރިފަސްކޮޅެއް އާލާކޮށް އެކުގައި ދުނިޔެ ދޫކޮށްފައި ދިޔުމަށެވެ. ދަރިންނަށްޓަކައި ނަމޫނާ މައިންބަފައިންނަށް ވުމަށެވެ. ހަގީގީ ލޯބި ފައްވާޒަށް ފެނުނީ ކައިވެންޏަށް ފަނަރަ އަހަރުވި ފަހުންނެވެ.
އެއީ ރަށުގައި އޮންލައިން ކޯސްތަކެއް ހިންގި ދުވަސްވަރެވެ. ކައިރި ރަށްތަކުންވެސް އެތައް ކުދިންނެއް ރަށުގައި ކިޔެވުމަށްޓަކައި ވަޒަންވެރިވި ދުވަސްވަރެވެ. ފުރަތަމަ ޒާރާއަށް ވީ ޝައްކެވެ. ސުވާލުކުރުމުން ފައްވާޒް ހެދީ ދޮގެވެ. ދުރުވަމުން ގޮސް މީހާ އެއްކޮށް ދުރުވީއެވެ. ފަހަކަށް އައިސް ޒާރާގެ ގައިގައި ލޯބިން އިނގިލިވެސް ޖައްސާނުލައެވެ. ބޭރުގައި ހޭދަކުރާ ވަގުތުތައް ވީ އިތުރެވެ. ފައްވާޒަށް އަންނަން ފެށި ބަދަލުތަކުގެ އަސްލު ހޯދަން ޒާރާ މަސައްކަތްކުރީ ހިތަށް ކެތްނުވުމުންނެވެ. ފުރަތަމަ ޒާރާ ބޭނުންވީ ފައްވާޒްގެ ފޯނު ޗެކްކުރާށެވެ. އެހެންނަމަވެސް ކުރީގައި ޖެހި ޕާސްކޯޑަކުން ވި ފައިދާއެއް ނެތެވެ. އެ ހިސާބުން އެކަނިވެސް ޒާރާއަށް ޔަގީންކުރަން އެނގުނެވެ. ޒާރާ އުންމީދު ދޫކޮށެއް ނުލިއެވެ.
ޒާރާ އެކަން ޔަގީންކުރިއެވެ. އެންމެފަހުން ފައްވާޒަށް މަޖުބޫރުވީ ޒާރާގެ ކުރިމަތީގައި ހަގީގަތް ހާމަކުރާށެވެ. ޒާރާ ހީކުރިގޮތަށް ފައްވާޒްގެ ސިއްރު ލޯބިވެރިޔާގެ ހުރިހާ ހަގީގަތެއް ފައްވާޒްގެ އަނގައިން ކިޔައިދިނެވެ. އެއީ ޒާރާގެ ހަޔާތުގައި އައި ވޭނުން ފުރިގެންވީ ދުވަހެކެވެ. އެމީހަކު ދެކެ އަމިއްލަ ފުރާނައަށް ވުރެވެސް ލޯބިވާ ފިރިމީހާ ހިލޭ އަންހެނަކާ ގުޅުމެއް އޮތަކަން އަމިއްލަ އިގުރާރުވާއިރު އެކަން ހަޖަމުކުރެވޭނީ ކޮން އަންބަކަށް ހެއްޔެވެ؟ ޒާރާއަށް ހިތްވަރެއް ނުކުރެވުނެވެ. ފައްވާޒްގެ ފައިބުޑަށް ވެއްޓި ޒާރާ އާދޭސްކުރިއެވެ.
އެންމެފަހުން ފައްވާޒްގެ ޓީޝާޓް ހިފައިގެން ދޮރު ކައިރީގައި ރޯން ހުރި ޒާރާގެ ދެފައިކޮޅުން ވާގިދާހެން ހީވިއެވެ. މަޑުމަޑުން ދޮރު ބުޑަށް ތިރިވެ ދެ ކަކޫ މެޔާ ކައިރިއަށް ގެނެސް ކަކުލުގައި ބޯ އެޅިއެވެ. އެ ހިތްދަތި ދުވަސްތައް ހަނދާންކުރަން ބޭނުންނުވިޔަސް ޒާރާގެ ލޯ ކުރިމަތީގައި އެ މަންޒަރުތައް ރޯލުވާން ފެށިއެވެ.
އެއީ މީގެ މަސްތަކެއް ކުރިއެވެ. ފައްވާޒްގެ ބަދަލުވަމުންދާ މިޒާޖާމެދު ވިސްނޭވަރުން ޒާރާގެ މުޅި ދުވާލާ ރޭގަނޑު ހަރާބުވެއްޖެއެވެ. ވަޒީފާ ނިންމާފައި ގެއަށް އަންނަނީ އެހާ ލަހުންނެވެ. ޒާރާ ސުވާލުކުރިޔަސް އެންމެ އެދެވޭ ޖަވާބެއް ފައްވާޒްގެ ފަރާތުން ނުލިބެއެވެ. ދުވަހެއް ދުވަހަކަށް ފައްވާޒް ދިޔައީ ޒާރާއާ ދުރުވަމުންނެވެ. ފައްވާޒާ ވާހަކަދެއްކީ ހިތަށް ކެތްނުވެގެންނެވެ.
(ނުނިމޭ)